Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންސާފް (އެއްތިރީސްވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
December 1, 2024 8 Mins Read
14 Comments

އެމީހުން އަސްލު އެތި ހިފައިގެން ރަށަށް ދިޔައީމަ؟ އާހް. ވީ ހޭވް ޓު ޑޫ ސަމްތިންގް.” ކާރުގެ ހުންގާނުގައި ތަޅައިގަންނަމުން ޝަފްނާ ބުންޏެވެ.

ޝަފްނާގެ ބަސް ގަބޫލުކޮށް އަލުން އޭނާ ގޮވައިގެން ފިރާޝް ހިނގައިގަތީ އެގެއަށް ވަންނާށެވެ.

ހެނދުނު ހަތްގަޑި ބައިގައި ރަށަށް ލެފި ލޯންޗުން މަންހަލްއާއި ޔަޒްދާން ފޭބިއެވެ. އެމީހުންގެ އިސްތިގުބާލުގައި ޒަހީނާއާއި އަފީފާ ތިއްބެވެ.

“މަންމަގެ ދަރިފުޅު.” މަންހަލްގެ ގައިގައި ބައްދާލާފައި އޭނާގެ ކޯތާފަތުގައި ޒަހީނާ ބޮސްދިނެވެ.

“މަންމަ މިހާރު އަހަރެންނަށްވުރެ މަންހަލް ދެކެ ލޯބިވޭދޯ.” ބަގީއަށް އެމީހުން ގެނައި ފޮށިތައް އަރުވާފައި އެނބުރިލި ޔަޒްދާން ބުނެލިއެވެ.

“ތިއީ މާމަގެ ލޯބިލޯބި ޔަޒްދާންއެއްނު.” އޭނާގެ ކައިރީގައިހުރި އަފީފާ ޔަޒްދާންގެ ގައިގައި ބައްދާލިއެވެ.

“ހުމްމް.. މާމަ އެކަނި އަހަރެންދެކެ ލޯބިވަނީ ދޯ މާމާ..” ޔަޒްދާންވެސް މާމަގެ ބުރަކަށީގައި ފިރުމާލިއެވެ.

“އެހެންނެއް ނޫނޭ. މަންމަގެ ހުރި ހަމައެކަނި ދަރިދެކެ މަންމަ ލޯބިނުވެ ދާނެތަ؟ އާދޭ އާދޭ.” ޔަޒްދާންއާ ދިމާއަށް އަތް ދިއްކޮށްލާފައި ޒަހީނާ ބުނެލިއެވެ. ހެވިފައިހުރެ އޭނާ ގޮސް މަންމަގެ އަތުގެ ތެރެއަށް ވަނެވެ.

“ދޮންބެދައްތާ…” އެމީހުން ކައިރިއަށް މަޑުކުރި ސައިކަލުން ފައިބައިގެން ދުވެފައި އައި ޝާނީ އޮޅުލައިގަތީ މަންހަލްގެ ފައިގައެވެ. ހިނިއައިސްފައި އޭނާ ޝާނީ އުރާލިއެވެ.

“މިހާރު މަންހަލް ނުކިޔަނީތަ؟” ޝާނީގެ ކޮލަށް ދޮނެއްދެމުން މަންހަލް ބުންޏެވެ.

“މަންމަ ބުނީ މަންހަލް ކިޔަންޏާ ޕާކަކަށް ނުގެންދާނަމޯ..” މަންހަލްގެ ކަންފަތް ދޮށުގައި ޝާނީ ބުނެލިއެވެ. އޭނާއަށް ހެވުނީއެވެ.

“ޔަޒްދާން ކޮއްކޯ..” ސައިކަލު ޕާކުކޮށްފައި އައި މަރިޔަން ގޮވާލިއެވެ.

“ދެން އަންނާނެ ކަމެއްނެތެއްނު. ކޮންމެ ފަހަރަކު މީނަ އަންނާނީ އެންމެ ފަހުން. ހަދިޔާއެއްވެސް ނުދޭނަން.” ޔަޒްދާން ހިތްހަމަނުޖެހުން ކަމަށް ހެދިފައި ބުނެލިއެވެ.

“އެއީ ޝާނީއާއި ހެދީއެއްނު. އަންނަންވެގެން ސައިކަލަށް އެރިއިރަށް ފާހަނައަށް ދާންވެއްޖެވިއްޔަ.” މަރިޔަން އެކަމުން މަނާވެގަތެވެ.

“ޝާނީ.. ދޮންބެދައްތަ ކައިރިއަށްގޮސް އިނަސް ހަދިޔާއެއް ނުލިބޭނެ. މަންނު ނުގެނޭ އެއްވެސް އެއްޗެއް. ދޮންބެ ހުރިހާ އެއްޗެއް ގަތީވެސް.” ޔަޒްދާން އެހެން ބުނާއިރަށް ޝާނީ މަންހަލްގެ އަތުން ފައިބައިގެން ޔަޒްދާންގެ ގާތަށް އައެވެ. ހިނިއައިސްފައި އޭނާ ޝާނީ އުރާލާ އޭނާގެ ކޮލުގައި ހިފާލިއެވެ.

“ދެން މިހެން ތިބޭކަށް ނޫނޭވީއެއް. ޒާހިރު މިހާރުވެސް އެހުރީ ލަސްވެފަ.” ޒަހީނާ ބުނެލިއެވެ.

“އައިޒިން ސައިކަލު ގެންނަން ބުނި. އެހެންވެ.” ދެފަރާތް ބަލައިލަމުން ޔަޒްދާން ބުންޏެވެ. ދުރުން މަގަށް އެޅި ދެ ސައިކަލުގައި އައިޒިންއާއި ފައުޒާން އަންނަތަން އޭނާއަށް ފެނިއްޖެއެވެ. ބަގީގައި މަންމައާއި ޝާނީ ފޮނުވާލާފައި ޔަޒްދާން މަންހަލް ގޮވައިގެން އެރީ އޭނާގެ ސައިކަލަށެވެ. މަރިޔަން އަފީފާ ގޮވައިގެން ދިޔައީ ގެއަށެވެ.

“ހަނީމޫން ވަރަށް މަޖާތަ؟” ފައުޒާން ލާނެތްވެލާފައި އަހާލިއެވެ.

“ކަލޭ ބާލަކަށް ނުޖެހޭނު.” ލޯ އަޅާލާފައި ޔަޒްދާން ޖަވާބު ދިނެވެ. މަންހަލް ލަދުގަތްވަރުން އަނެއްފާރަތަށް މޫނު އަނބުރާލީއެވެ.

“ކީއްކުރީ ދެން؟” ފައުޒާން އަނެއްކާވެސް އަހާލިއެވެ.

“ކަލޭ ކުރާނީ އެކަހަލަ ސުވާލު. ދެން އެމީހުން ހަނީމޫނަށް ގޮސް ކުރާނީ ވަރަށް.. އުހްމް.. އެހެން ކަހަލަ ކަންތަކެއްނު..” އައިޒިން ޖަވާބު ދިނެވެ. މަންހަލްގެ މޫނު ރަތްވާން ސިކުންތެއްވެސް ނުނެގިއެވެ.

“އޭ. އަހަރެމެން ހުއްޓާލަންވީ ދޯ. ފަހަރި އޭނާ ރަތް ޖަންބަކަށްވީ.” ފައުޒާން ހިނިއައިސްފައި ބުނެލިއެވެ.

“ނޫނޭ. ހަމަ ކުރިއަށް ދާންވީ. މީހަކު ލަދުގަތަސް ކަލޭމެން ބަލާނެތަ؟” ޔަޒްދާން ޖެއްސުމަށް ބުންޏެވެ.

ރަށަށް އައިގޮތަށް މަންހަލް އުޅުނީ ހެދުންތައް ދޮންނާށެވެ. ފޮށީގައި ހުރުމުން ނުބައި ވަސްހިފާފަ ހުންނާނެތީ ދޮވެލާފައި އަވީގައި ހިއްކަން އަޅުވާށެވެ. ފުރަތަމަ ބުރު ދޮވުން އެއްޗެހިތައް ހިއްކަން އަޅާ ނިންމާލިތަނުން ޝާނީ ބަލައި މަރިޔަންވެސް އައިސްފިއެވެ. މަންހަލް ކޮޓަރިއަށް އައީ ޔަޒްދާން ލާނެ އެއްޗެހި ނަގައިދޭށެވެ. އޭނާއަށް ކޮޓަރިއަށް ވަދެވުނީ އުނަގަނޑުގައި ތުވާލި އަނދެގެން ޔަޒްދާން ފާހަނައިން ނުކުތް ވަގުތުއެވެ. ކުޑަކޮށް ދިގުވާން ފަށައިފައިވާ އިސްތަށިގަނޑުން ފައިބަމުން ދިޔަ ފެންތިކިތައް އޭނާގެ ތަނަވަސް މޭމަތީގައި ބީހިލުމަށްފަހު ތުވާލީގެ ތެރެއަށް ޣައިބުވެގެން ދާ މަންޒަރު ބަލަހައްޓައިގެން ހުއްޓުން އަރާފައި މަންހަލްއަށް އިރުކޮޅަކު ހުރެވުނެވެ. ސިހިފައި އޭނާ ނަޒަރު ވަކިކޮށްލީ ޔަޒްދާން އޭނާއަށް ބަލައިލާފާ ހިނިތުންވެލި ގޮތުންނެވެ. ދެއަތް ދެއަތާ މޮޑެލުމަށްފަހު އޭނާ ހިނގައިގަތީ ހެދުން އަލަމާރިއާއި ދިމާއަށެވެ.

“އޮފީސް ޔުނީފޯމު ނަގާދީ.” ޔަޒްދާންގެ އަޑުއިވުނީ ފަހަތުންނެވެ. މަންހަލްގެ ދެލޯ ބޮޑުވެލިއެވެ. ހިންދިރުވާލެވުނެވެ. ދެން އޭނާ ކުރާނީ ކޮންކަހަލަ ސަމާސާއެއްކަން ނޭނގޭތީއެވެ.

“ދެން ނުބަލާނަންތަ؟” ޔަޒްދާންގެ އަޑު އިވުނީ ކަންފަތް ކައިރިންނެވެ. “މަންހަލް ބޭނުން ވަރަކަށް ބަލަންވީ. އަހަރެން މިއީ ހަމައެކަނި މަންހަލްގެ ހައްގެއް.”

މަޑުމަޑުން މަންހަލް އޭނާގެ މޫނު އަނބުރާލިއެވެ. ޔަޒްދާންގެ ނަޒަރުވެސް ހުރީ އޭނާގެ މޫނަށް އަމާޒުވެފައެވެ. މަންހަލް ބަލަން ހުއްޓާ ޔަޒްދާންގެ މޫނުމަތިން ލާނެތް ހިނިތުންވުމެއް ދުވެލިއެވެ. ލުއި ހުނުމަކާއެކު އޭނާ ބޮލުގައި ހުރި ފެންތައް މަންހަލްގެ މޫނުމައްޗަށް ބުރުވާލިއެވެ.

“ދެން ޔަޒްދާން..” މަންހަލް ދިގުކޮށް ގޮވާލިއެވެ. އޭނާ ޔަޒްދާންއާއި ވީ ފަރާތަށް އެނބުރިލަމުން އޭނާގެ މޭގައި ޖަހާލިއެވެ. ޔަޒްދާން ހެމުން ދިޔަގޮތުން މަންހަލްވެސް ރަކިވިއެވެ. ދެއަތުން މޫނުފުހެލާފައި އޭނާ ޔުނީފޯމު ހިފައިގެން ހިނގައިގަތެވެ.

“މާދަން އޮންނާނެ ކޯޓުގެ އަޑުއެހުން. އަލްވާންއަށް ހުކުމް އިއްވާނެ މާދަން. ދޯ؟” ކޮޓަރީގެ ދޮރު ހުޅުވާލާފައި ކަމެއް ހަނދާންވުމުން މަންހަލް އެނބުރިލިއެވެ.

“އާ.. އަހަރެންވެސް ހަނދާންނެތިފަ މިހުރީ..” ނިތްކުރީގައި އަތުން ޖަހާލާފައި ޔަޒްދާން ބުންޏެވެ.

“އަހަރެން ނުބުނިނަމަ ނޭނގުނީހެއްނު.” ތުން އަނބުރާލާފައި މަންހަލް ކޮޓަރީގެ ދޮރު ލައްޕާލާފައި ދިޔައީއެވެ.

“ކީއްވެ ދެން މިއަދު އޮފީހަށް ދަނީ؟” ޔަޒްދާންގެ އަތަށް އިސްތިރިކުރި ޔުނީފޯމު ދީފައި މަންހަލް ބުނެލިއެވެ.

“ކިހިނެއްވީ؟ މަޑުކުރަންވީތަ ވައިފް ގާތު؟” ޔަޒްދާން ބަލައިލީ މަންހަލްއަށެވެ.

“ދެންން އެހެންނެއް ނޫނޭ. ހަމަ ރަށަށް އައިގޮތަށް ރެސްޓް ކޮށްވެސް ނުލާ ދާން އުޅޭތީ. ޕޮލިހަކަށް ވިއަސް ތިއީ އިންސާނެއް. އިންސާނުން ބަލިވާނެ..” މަންހަލް ރައްދު ދިނެވެ.

“ވިލް ޔޫ؟” ގަމީހުގެ ގޮށްއަޅުވައިދޭން އޭނާ އެދުނީ މަންހަލްގެ ގާތުންނެވެ. ލަދުން ހުރެފައިވެސް އޭނާ ޔަޒްދާންއާއި ގާތްވެލިއެވެ. “އަހަރެންގެ ޗުއްޓީ އިއްޔެއަށް ހަމަވާނެ. އެހެންވީމަ މިއަދު ޖެހޭނެއްނު ދާން. އަހަރެމެން އަސްލު ތިބީ އިއްޔެ ރަށަށް އަންނަން. ހަނދާންވޭތަ؟”

ޔަޒްދާން އޮޅުން ފިލުވައިދިނެވެ. ގަމީހުގައި ގޮށް އަޅުވައިދިނުމަށްފަހު މަންހަލް ދުރަށް ޖެހިލުމުގެ ކުރިން ޔަޒްދާން އޭނާގެ އުނަގަނޑުގައި ހިފާ ކައިރިކޮށްލިއެވެ. އޭނާގެ ކޯތާފަތުގައި ފިރުމާލުމާއެކު ނިތުގައި ބޮސްދިނެވެ. ގޮދަޑީގައި އޮތް ފޯނު ހިފައިގެން ކޮޓަރިން ނިކުމެގެން ދިޔައީ އެއަށްފަހުގައެވެ.

ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމުގައި މަންހަލް ބައިވެރިވީ ރަށު ކޯޓުން ވީޑިއޯ ކޯލް މެދުވެރިކޮށެވެ. މައްސަލަ ބައްލަވާ ގާޒީ އަށްއަހަރާއި ހަމަހަށް އަލްވާން ޖަލަށްލާން ހުކުމް ކުރުމާއެކު މަންހަލްއަށް ދެލޯ މަރާލުމަށްފަހު ފުންނޭވާއެއް ދޫކޮށްލެވުނެވެ. ޔަޒްދާންގެ އަތުގައި ހިފައިގެން ހުރެ އޭނާ ކޯޓުން ނިކުތެވެ. ޔަޒްދާން މަންހަލްއަށް ބަލައިލާ ހިނިތުންވެލިއެވެ. ނޭނގޭކަމަށް ހަދާފައި އޭނާއާ ގާތްވެލުމަށްފަހު ބުރުގަލުގެ މަތިން ބޮލުގައި ބޮސްދިނުމަށްފަހު ދުރުވެލީ އެސްފިޔަ ޖަހާލިހާ ހިނދުކޮޅެއްގެ ތެރޭގައެވެ.

ކޯޓުގެ ދޮރުމަތިން ދެމީހުން ވަކިވީއެވެ. ޔަޒްދާން އެނބުރި ފުލުސް އޮފީހަށް ދިޔައިރު މަންހަލް ދިޔައީ ޝާނީ ބަލައެވެ. ޝާނީ ގޮވައިގެން ގެއަށް ދިޔަ މަގުމަތިން ކަންމަތީގައި ހުރި ފިހާރައަށް މަންހަލް ވަނީ ބިސް ގަންނަން ވެގެންނެވެ. ކައުންޓަރުގައި އިން ކުއްޖާ ދިން ކޮތަޅަށް ދިހަ ބިސްލާފައި އަނެއްކާވެސް ކައުންޓަރާ ކައިރިވެލީ ރުފިޔާ ދައްކަން ވެގެންނެވެ.

“އެންމެ ދިހަ ރުފިޔާއޭ. އަހަރެން މި ބުނީއެއްނު ގެނެސްދޭނަމޭ ވަރަށް އަވަހަށް.” އޭނާގެ ކައިރީގައި ހުރި ޒުވާން އަންހެން ކުއްޖާ ބުނެލިއެވެ.

“ދިހަ ރުފިޔާވީމަ އެއީ މަދު އަދަދެއް ނޫނޭ. ދެ ރުފިޔާވަރު މަދުވި ނަމަވެސް ފޮނުވާލީމުސް. އެކަމަކު ދިހަރުފިޔާވީމަ. އަތުގައި ރުފިޔާ ނެތިއްޔާ ޓްރާންސްފާވެސް ކުރެވިދާނޭ. މިތާ މިއިން ނަންބަރަށް ޓްރާންސްފާ ކުރޭ. އޭރަށް މީތި ދީފަ ފޮނުވާލާނަން..” ކައުންޓަރުގައި އިން ކުއްޖާ ބުނެލިއެވެ. މަންހަލް އަތުގައި ހުރި ރުފިޔާތަކަށް ބަލައިލިއެވެ.

“ފޯނެއް ނެތޭ..” ޖިންސްގެ ޖީބުގައި އަތް ޖައްސާލާފާ އޭނާ ބުންޏެވެ.

“މިރަށު މީހެއްނަމަ ރުފިޔާ ފަހުން ގެންނަގޮތަށް ފޮނުވާލާނަން. އެކަމަކު އަހަންނަށް ތީނަ ފެނުން ފުރަތަމަ ފަހަރު މިއީ.” ކައުންޓަރުގައި އިން ކުއްޖާ އިނީ ދޫދޭގޮތަކަށް ނޫނެވެ. އޭނާ ކައިރީ ހުރި ޒުވާނާއަށް ބަލައިލުމަށްފަހު މަންހަލް އޭނާގެ އަތުގައި އޮތް ދިހަ ރުފިޔާގެ ނޫޓް ކައުންޓަރުގައި ބާއްވާލިއެވެ. ދެމީހުންގެ ނަޒަރުވެސް ގުޅުނީ އޭނާއާއެވެ. މަންހަލް ނިތްއަރުވާލުމާއެކު، ތުންފިއްތާލާފައި އޭނާ ކޯކު ފުޅިއާއި ޗިޕްސް ޕެކެޓް އަންހެން ކުއްޖާއަށް ދިއްކޮށްލިއެވެ. އަންހެން ކުއްޖާ ބޭނުންވި އެއްޗެހި ލިބުމާއެކު އެއްވެސް އެއްޗެއް ބުނުމެއް ނެތި ފިހާރައިން ނިކުމެއްޖެއެވެ.

“ހާއި. ތެންކިއު ވަރަށް ބޮޑަށް.” ތަންކޮޅަކަށް ހިނގައިގަނެވުނު ތަނާހެން މަޑު ދުވުމެއްގައި އައިސް އޭނާގެ ގާތުގައި ހުއްޓުނު އަންހެން ކުއްޖާ ބުނެލިއެވެ. މަންހަލް ކުޑަކޮށް މަޑުކޮށްލުމާއެކު އޭނާ ހިނިތުންވުމާއެކު ސަލާމަށް އަތް ދިއްކޮށްލިއެވެ.

ފަރުވާތެރިކަމާއެކު މަންހަލް އެޒުވާނާއަށް ބަލައިލިއެވެ. ރީނދޫކުލައިގެ ފްލޯރަލް އަތްދިގު ޓޮޕްކޮޅަކާއެކު އޭނާ ލައިގެން ހުރީ ހުދުކުލައިގެ ޖީންސްއެކެވެ. މަޑުމުށިކުލައިގެ ބުޅި އިސްތަށިގަނޑު ވަނީ ކުރިމައްޗަށް ވައްޓާލެވިފައެވެ. އޭނާ އަރައިގެން ހުރީ ހުދުކުލައިގެ ސްނީކާސްއަކަށެވެ. މޫނުމަތީގައި ފަނޑުމޭކަޕެއް ކުރެވިފައިވީކަން އޭނާގެ މޫނަށް ބަލައިލާފާ މަންހަލްއަށް އެނގުނެވެ.

“ތިއީ ކާކު؟” އެއަތުގައި ހިފާ ސަލާމްކުރުމުގެ ބަދަލުގައި މަންހަލް ބުނެލިއެވެ.

“އައިޝަތު..” އިރުކޮޅަކަށް ހުއްޓުން އެރިނަމަވެސް އޭނާ ނުހަނު އަވަހަށް ނަން ބުނެލައިފިއެވެ. “މީހުން ގޮވާނީ އައިޝާއޭ ކިޔާފަ. އާއިލާ ކުދިންނާ ރައްޓެހިން ބައެއް ފަހަރު އައިސްތުވެސް ކިޔާނެ. އަސްލު އައިޝަތު ކިޔަނީ.”

“މަންހަލް.” އޭނާ ދިއްކޮށްގެން ހުރި އަތުގައި ހިފާލާފައި މަންހަލްވެސް އޭނާގެ ތައާރަފެއް ދިނެވެ. ހިނިތުންވެފައި އަނެއްކާވެސް އޭނާ ކުރިއަށް ހިނގައިގަތީއެވެ.

“ކިޑްތަ؟” މަންހަލްއާއި އެއްވަރަށް ހިނގައިގަންނަމުން އައިޝާ އަހާލިއެވެ.

“ނޯ. މަންނުގެ ބެސްޓްފްރެންޑް.” މަންހަލްއަށްވުރެ ކުރިން ޝާނީ ޖަވާބުދީފިއެވެ. އެއަޑު އަހާފައި އައިޝާއަށް ހެވިއްޖެއެވެ.

“މިއީ ހަޒްބެންޑްގެ ދައްތަގެ ދަރިފުޅު.”މަންހަލް އޮޅުންފިލުވައިދިނެވެ.

“މެރީ ކޮށްގެންދޯ އުޅެނީ؟” އޭނާ އަނެއްކާވެސް ސުވާލުކުރިއެވެ.

“ހްމް.. ޔޫ؟” މަންހަލްގެ ލޮލުގައިވި ވިދުން އައިޝާއަކަށް ސިއްރެއް ނުވިއެވެ.

“އަދި ނުކުރަން. އެކަމަކު އަހަރެން ވަރަށް ލޯބިވާ ކުއްޖަކު ހުރޭ.” އައިޝާގެ އަޑުގައި ރިހުމެއް އެކުލެވިފައިވިއެވެ. “ފްރެންޑްސް. ކޭން ވީ ބީ ފްރެންޑްސް..”

“ހުމްމް.. ވައި ނޮޓް.” ގޭގެ މައިދޮރާށި ކައިރިއަށް އައިސްފައި މަންހަލް ބުނެލިއެވެ. “ގެއަށް މިއާދެވުނީ..”

“ތެންކިއު އަގައިން. ވަރަށް ބޮޑަށް.” އައިޝާ މަންހަލްގެ ކޮނޑުގައި ޖަހާލިއެވެ.

“ވެލްކަމް.” ހިނިތުންވުމެއް ހަދިޔާކޮށްލާފައި އޭނާ އައިސް ގޭތެރެއަށް ވަނެވެ.

“މިރަށު ކުއްޖެއް ނޫން ދޯ އެއީ؟” ގެއަށް ވަދެވުމާއެކު ޝާނީގެ ގާތަށް ތިރިވެ މަންހަލް އަހާލިއެވެ.

“ޝާނީއަށް އަލަށް ފެނުން ދައްތައެއް އެއީ.” ޝާނީއަށްވެސް އައިޝާ ނޭނގޭކަން ބުނެލިއެވެ. އޭނާގެ ނޭފަތްކޮޅުގައި ހިފާލާފައި މަންހަލް ތެދުވިއެވެ.

ބެކްޔާޑުގައި އޮތް ޓާފް މަތީގައި ދެފައި ވަށްކޮށްލައިގެން ޝަޔަމް އިނީ އަތުގައި އޮތް ކޮފީތަށިން އެތިފޮދެއް ބޯލަ ބޯލައެވެ. ކަންފަތަށް ހެޑްސެޓް ޖަހައިގެން މަޑުމަޑުން ބޯ ތަޅުވާލަ ތަޅުވާލައެވެ. އޭނާގެ އަނގައިން ރާގެއް އަޅުވާލައިގެންނެވެ. ބަނަކުރަމުން ދިޔަ އުޑުމައްޗަށް ބަލަހައްޓައިގެން އޭނާ އިނީ އަމިއްލަ ދުނިޔެއަށް ގެއްލިފައެވެ. ސިހިގެން ދިޔަ ފަދައަކުން އޭނާ ފަހަތް ބަލައިލީ ބޮލުގައި އެއްޗެއް ޖެހުމުންނެވެ. ބެޑްމިންޓަން ރެކެޓެއް ހިފައިގެން ހެވިފައި ޖާވިދު ހުރީ ބެކްޔާޑަށް ނިކުމެވޭ ދޮރު ކައިރީގައެވެ. ކަޅުކުލައިގެ ހުޑީއަކާއި އަޅިކުލައިގެ ޓްރެކްސޫޓެއްގައެވެ. ޝަޔަމްގެ ކައިރިއަށް ވެއްޓިފައި އޮތް ބެޑްމިންޓަން ބޯޅަ ނަގާ ޖާވިދާއި ދިމާއަށް އެއްލީ މޫނުމަތި ހަދައިގެން ހުރެއެވެ. އެއްއަތުން ފޯނު ހިފައިގެން އަނެއްއަތުން ކޮފީތަށި ހިފައިގެން އޭނާ ތެދުވިއެވެ.

“ކުޅޭނަން؟” އަތުގައި އޮތް ދެރެކެޓުން އެއް ރެކެޓް ޝަޔަމްއަށް ދިއްކޮށްލާފައި ޖާވިދު ބުނެލިއެވެ. ކޮފީ މޭޒުމަތީގައި ކޮފީތައްޓާއި ފޯނާއި ހެޑްސެޓް ބާއްވާފައި ޝަޔަމް ޖާވިދުގެ ގާތަށް އައެވެ. ބަހެއްނުބުނެ އޭނާ ރެކެޓް އަތުލާފައި ގޮސް ބޯޅަ ނެގިއެވެ. ޖާވިދަށް ކޯޓު ތެރެއަށް ވަދެ ނުހުއްޓެވެނީސް ޝަޔަމް ބޯޅަ ޖަހައިފިއެވެ.

“ވާހަކަނުދައްކާން ހުރި ދުވަހެއްތަ؟ ނޫނީ އަހަރެން ބޯޅަ ޖެހީމަ ރުޅިއައިސްފަތަ؟” އޭނާގެ ކައިރިއަށް ވެއްޓުނު ބޯޅަ ނަގަމުން ޖާވިދު ބުނެލިއެވެ.

“އޯކޭ. ސޮރީ.. އައިމް ސޮރީ ޝަޔަމް އަޒީމް..” ދެންވެސް ޝަޔަމް ވާހަކަ ނުދެއްކުމުން ޖާވިދު ބުނެލިއެވެ.

“ގުޑް މޯނިން ޖާވިދު..” ނިކަން ބޮޑަށް ހިނިތުންވެފައި ހުރެ ޝަޔަމް ބުނެލިއެވެ.

“ގުޑް މޯނިން ޝަޔަމް.” ޖާވިދުވެސް ހެނދުނުގެ މަރުހަބާ ކިޔެވެ.

“ކިހިނެއް؟” ޝަޔަމް އަހާލިއެވެ.

“ރަނގަޅު. ޝަޔަމް ކިހިނެއް؟” ހެވިފައިހުރެ ޖާވިދުވެސް ޖަވާބު ދިނެވެ.

“އަހަރެންވެސް ވަރަށް ރަނގަޅު.” ތުންފިއްތައިގެން ހުއްޓަސް ޝަޔަމްގެ ހިނިގަނޑު ފަޅައިގެން ގޮސްފިއެވެ. ޖާވިދު އެއްލި ބޯޅަ މިފަހަރުވެސް ޖެހުނީ ޝަޔަމްގެ ބޮލުގައެވެ.

“މިފަހަރަކު އަހަރެން ނުބުނާނަން ސޮރީއެއް. ޝަޔަމްގެ ފަރުވާކުޑަކަމުން މިފަހަރު ޖެހުނީ.” ޝަޔަމްގެ ލޯ އަޅާލުމާއެކު ދެއަތް އުފުލާލާފައި ޖާވިދު ބުންޏެވެ.

ރެކެޓް ހިފައިގެން ޝަޔަމް ދުއްވައިގަތީ ޖާވިދުގެ ފަހަތުންނެވެ. ހަޅެއް ލަވައިގަނެފައި ޖާވިދުވެސް ދުއްވައިގަތެވެ. އެހާ ބޮޑު ތަނެއްނޫން ކަމުން ދެފިޔަވަޅެއް އަޅާލަން ވާއިރަށް ޖާވިދު ހުރީ ފަހަތުން ފާރުގައި ޖެހިފައެވެ. އަމިއްލަ ސަލާމަތަށްޓަކައި އޭނާވެސް ރެކެޓް ދިއްކޮށްލީ ޝަޔަމްއަށެވެ.

“ޑޯންޓް މެސް ވިތް މީ ޝަޔަމް އަޒީމް. އައިމް ޓްރެއިންޑް ފޯ ސަޗް ތިންގްސް..” ޖާވިދު ބުނެލީ ޝަޔަމް ބިރުގަންނަވާލާށެވެ.

“އޭ. ޖާވިދު ހީކުރީ އަހަރެން ބިރުގަންނާނެ ކަމަށްތަ؟ ނިތްކުރީގައި ބަޑި ޖެއްސިއަސް އަހަރެން ކުރަން ބޭނުން ކަމެއް ކުރާނަން، ބުނަން ބޭނުން އެއްޗެއް ބުނާނަން.” ހިންދިރުވާލުމަށްފަހު މާ ކެރޭ މީހަކަށްވަމުން ޝަޔަމް ބުންޏެވެ. އޭނާ ރެކެޓު މަޅާލީ ޖާވިދުގެ އަތުގައި ޖަހާށެވެ. އެހެނަސް އޭގެ ކުރިން ޖާވިދު އޭނާގެ ވާއަތުން ޝަޔަމްގެ އަތުގައި ހިފަހައްޓައިފިއެވެ. ދެލޯ ބޮޑުކޮށްލަމުން އޭނާ އެސްފިޔަ ޖަހާލަން ވީއިރު ގެނައި ކުއްލި ހަރަކާތާއެކު އޭނާގެ އަތުގައި އޮތް ރެކެޓް ޖާވިދު އަތުލައިފިއެވެ.

“ޓޯލްޑް ޔޫ ނޮޓް ޓު މެސް ވިތް މީ، ލިޓްލް ލޭޑީ..” ބުމަ އަރުވާލާފައި ޖާވިދު ބުނެލީ ފަހުރުވެރިކަމާއެކުއެވެ. އޭނާ ބަލަން ހުއްޓާ ޝަޔަމް ބާރަކަށް އޭނާގެ އަތުގައި ޖަހައިފިއެވެ.

“އަހަރެން ބުނީމެއްނު އަހަރެން ކުރަން ބޭނުންކަމެއް ކޮށްފައޭ ހުއްޓާނީ.” ފުޅާ ހިނިތުންވުމަކާއެކު ޖާވިދުއަށް ބަލައިލަމުން ޝަޔަމް ބުނެލިއެވެ.

އޭނާ ހަރަކާތް ހުއްޓިފައި ބަލަން ހުއްޓާ ވެހިގަތް ބޯ ވާރެއިން ހިޔާވުމަށް ޝަޔަމް ދުއްވައިގަނެފިއެވެ. އެއްފަރާތަކަށް ހިނިތުންވަމުން އޭނާވެސް ގޮސް އަސްކެނި ދޮށަށް ވަދެއްޖެއެވެ. ފޯނުން ވާރޭގެ ފޮޓޯ ނަގަން ޝަޔަމް ހުއްޓާ ސިކުނޑިއަށް އައި ކުއްލި ހިޔާލަކާއެކު ޖާވިދުގެ މޫނު މައްޗަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ބިންމަތީގައި ރެކެޓްތައް ބަހައްޓާލަމުން ޝަޔަމް ޖެހި ތަނުގައި ފިރުމަން ފެށީ ތަދުވެގެން އުޅޭ ފަދައަކުންނެވެ. އިރުކޮޅެއްނުވެ ޝަޔަމްއަށްވެސް އެމަންޒަރު ފެނިއްޖެއެވެ. އޭނާ ލައިގެން ހުރި ހަރުވާޅުގެ ޖީބަށް ފޯނު ލަމުން ޝަޔަމްއަށް ޖާވިދުއާއި ވީފަރާތަށް އެނބުރެވުނީ ނުހަނު އަވަހަށެވެ.

“ވަރަށް ބާރަށްތަ ޖެހުނީ؟ ތަދުވީތަ؟ އައިސް ޖައްސަން ހިނގާ” ޖާވިދު އަތުން ފިރުމަމުން ދިޔަ ހިސާބަށް ބަލައިލާފާ ޝަޔަމް ބުންޏެވެ.

“ތަދުވިއަސް ހެވެއްނު. ޝަޔަމް ޖަހާނީ މީހަކު ހޭނެތޭ ވަރަށް ވިއްޔަ.” އަނގައިން އާހުގެ އަޑު ނެރެމުން ޖާވިދު ބުންޏެވެ.

“ސޮރީ. އައިމް ސޮރީ.. ސޮރީ.” ހިންދިރުވާލާފައި ޝަޔަމް ބުންޏެވެ. އޭނާގެ އަޑުގައި ކަންބޮޑުވުންވިއެވެ. ނުހޭންވެގެން ޖާވިދު ވަރަށް ގަދަދެއްކިއެވެ. ދެވަނަ ފަހަރަށް ޝަޔަމްގެ ހަމަލާއެއް އަރާނެކަން އެނގޭތީއެވެ. އެހެންވިއަސް އޭނާ ކުރި ހުރިހާ ހިތްވަރެއް ވަޔާ ބުރައިގެން ގޮސް ބާރު ބާރަށް ހެވެން ފެށުނީއެވެ. ޝަޔަމް އޭނާގެ އަތުގައި ތަޅައިގަތެވެ.

“އައުޗްޗް..” ޖާވިދަށް ބުނެވުނެވެ. ޝަޔަމް ދުރަށް ޖެހުނީ އޭގެ ފަހުގައެވެ. “މިފަހަރު ހަމަ އަސްލަށްވެސް ތަދުވި..”

“ހެޔޮ ތަދުވިއަސް.” މޫނު އަނބުރާލަމުން ޝަޔަމް ބުންޏެވެ.

“ޑޮކްޓަރަކަށް ވާންވީނު؟” އިރުކޮޅަކު ޝަޔަމްއަށް ބަލަން ހުރުމަށްފަހު ޖާވިދު ބުނެލިއެވެ.

“އަހަރެން ކިޔެވީ ބިޒްނަސް ސްޓްރީމް. އެހެންނޫނަސް އެހާ ޑިޕްރެސްވާ އެއްޗެއް އަހަރެންނަކަށް ނުކިޔެވޭނެ. ސުކޫލުން ވާވަރު ވެއްޖެ.” ކުރިއަށް ޖެހިލާ ވާރޭގެ ތެރެއަށް އަތް ދިއްކޮށްލަމުން ޝަޔަމް ބުންޏެވެ.

“ކީއްވެ މިހާރު މިކިޔަވާ ކޯސް ހަދަން ބޭނުންނުވަނީ؟” ޖާވިދުގެ އަޑުގައި މަޑުމައިތިރިކަން ވިއެވެ.

“ކިޔަވަން ބޭނުން ނުވާތީ.” ޝަޔަމްގެ އަޑުގައި ފަރުވާ ކުޑަކަމެއް ހުއްޓެވެ. އޭނާ ހުރީ އަތުގައި ބީހިލާފައި ދާ ވާރޭގެ ތިކިތަކަށް ސަމާލުކަން ދީގެންނެވެ.

“ކީއްވެ؟ އަހަރެން ރިގްރެޓް ކުރަން އޭރު ނުކިޔެވުނީމަ.” ޖާވިދުގެ ސަމާލުކަން ޝަޔަމްގެ ކޮންމެ ހަރަކާތެއް ދިރާސާ ކުރެއެވެ.

“ކިހިނެއްވީ؟ މަންމަ ޖާވިދު ލައްވާ އަހަރެންނާ ވާހަކަދައްކުވަން ބުނީތަ؟” ޝަޔަމް ފަހަތަށް އެނބުރިލިއެވެ.

“އެހެންްނެއް ނޫން. ޝަޔަމް މަންމަ ބިޒްނަސް ކިޔެވީމަތަ ބިޒްނަސް ކިޔަވަން ބޭނުންނުވަނީ؟ ޝަޔަމްގެ މަންމަހެން ވެދާނެތީތަ؟ އެކަހަލަ މަންމައަކަށް ވާން ބޭނުންނުވާތީތަ؟” ޖާވިދު ސުވާލުކުރިއެވެ. ޝަޔަމް ފަރުވާތެރިކަމާއެކު ޖާވިދުގެ ދެލޮލަށް ބަލައިލިއެވެ. ދެމީހުން ހަތަރުކަޅި ހަމަކޮށްގެން ތިއްބެވެ. އެކަކުވެސް އިސްޖަހާލަން ބޭނުންނުވީ ކަންނޭނގެއެވެ. ޖާވިދު ބަލަން ހުއްޓާ ޝަޔަމް ބޯ ޖަހާލުމާއެކު ނަޒަރު ވަކިކޮށްލައިފިއެވެ.

“ޖާވިދު އަހަރެންދެކެ ވަރަށް ނަފްރަތުކުރޭ. އަހަރެންނަކީ މަންމަ ކަހަލަ މީހެއްކަމަށް ހީކުރޭ. ގަބޫލުކުރޭ، އަހަރެންނަށް އަހަރެންގެ މަންމަ ފުރަތަމަ ފަހަރަށް ފެނުނީ އުމުރުން ދިހަ އަހަރުގައި. އަހަރެންގެ މަންމައަކީ ކޮންކަހަލަ ސިފައެއްގައި ހުންނަ މީހެއްކަންވެސް އެނގުނީ އޭރުގައި. ބައްޕަގެ އަތުން ޖަހައިގަނެގެން އެދުވަހު މަންމަ އަހަރެން ގެންދިޔައީ. އެކަމަކު އެއީވެސް މަންމަގެ ގާތަކަށް ނޫން. އެހެން ރަށަކަށް. މަންހަލްއާއި އަހަރެން އެރަށުގައި މިހޭދަކުރީ ހަޔާތުގެ ބާކީބައި. މަންމަ ފެންނަނީ ދެއަހަރު ތިން އަހަރު ކޮށްލާފަ. އިސްވެ އަހަރެންނަކަށް ގުޅައެއް ނުލެވޭ. ހާލެއް ނުބެލޭ. ކޮންމެފަހަރަކު ޖާވިދުމެން އަންނާނީ އަހަރެން ބަލައި، މަންމައެއް ނޫން. ނުވިތާކަށް ބައްޕައާއި ބައްދަލުކޮށްލުމުގެ ފުރުސަތެއްވެސް ނުދޭ. އަހަރެންނަށް ފެނުން ބޮޑުވެގެން އައިއިރު ޔަޒްދާންގެ މަންމަ ޔަޒްދާންދެކެ ލޯބިވީ ވަރު. ރިޕޯޓް ފޮތް ހިފައިގެން އައީމަ ބައްދާލާފަ ކޮލަށް ދޮނެއް ދޭނެ. ހަދިޔާ ގަނެދޭނެ. އަހަރެން ހީކުރީ ކިޔެވުމަށް ދައްވީމަކަށް މަންމަ އަހަރެން ދެކެ ލޯބިނުވީ. އެހެންވެ ކިޔެވުމަށް މަސައްކަތްކުރީން. އަހަރެންނަށް ވީވަރަކުން މަތީ ނަތީޖާތައް ހޯދިން. މިފަހަރު މަންމަ އަހަރެން ގާތަށް ނަޔަސް އަންނަ އަހަރު އަންނާނެކަމަށް އުންމީދުކުރިން. ތެދެއް، މަންމަ އަހަންނަށް އަގުބޮޑު އެއްޗެހި ގަނެދިން، ބައްޕައަށް ގަނެނުދެވޭހާ އަގުބޮޑު އެއްޗެހިވެސް ދިން. ރީތި އަންނައުނާއި އުޅޭނެ ތަނަކާއި ކިޔަވާ އެއްޗެއްސާއި މީރު ކާއެއްޗެއްހިވެސް ދިން. އެކަމަކު ލޮތްބާއި ވަގުތެއް މަންމައަކަށް ނުދެވުން. ޖާވިދުގެ މަންމަ ދަރިފުޅާއޭ ކިޔާފާ ގޮވާލި ދުވަހު އަހަރެންނަށް ފުރަތަމަ ފަހަރަށް މައިކުލުނު އިހުސާސްވީ. އެމަންމަގެ އަޑުގައި ދަރިއަކަށް ގޮވާލާފަދަ އަސަރުތައް ހުރީ. އަހަރެން މަންމަ އަހަރެންނަކަށް އޭހާ ލޯތްބަކުން ގޮވައެއް ނުލާ ދުވަހަކުވެސް. ޑޫ ޔޫ ނޯ؟ މަންމަ އަހަރެންނަށް ބަނޑުބޮޑު އިރު އަހަރެން އެބޯޓް ކޮށްލަން މަސައްކަތްކުރިކަން. އެކަމަކު ބައްޕަ އެކަން ހުއްޓުވީ.  އަހަރެންނަކީ މަންމަ ބޭނުންވި ދަރިއެއް ނޫން.. އަހަރެން ބޭނުމެއްނޫން ބިޒްނަސް ކިޔަވާކަށް. މަންމަހެން ވެދާނެތީ އަހަރެން ބިރުގަނޭ. އެކަހަލަ މަންމައަކަށް ވެދާނެތީވެސް ބިރުގަނޭ.” ޖާވިދުއަށް ފުރަގަސް ދެމުން ޝަޔަމް ވާހަކަދެއްކީ އޭނާގެ ހިތުގެ އަޑިންނެވެ.

“ޝަޔަމް..” ޖާވިދުގެ އަޑުގައި ތަފާތު ޖަޒުބާތެއް ވިއެވެ. އޭނާ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. ޝަޔަމް ފަހަތް ބަލައިލިއެވެ. އޭނާގެ ދެލޮލުގައި ކަރުނަތައް ފުނިޖެހިފައިވިއެވެ. ޖަޒުބާތުގައި ޖެހިފައި ތިބެ ދެމީހުންނަށްވެސް އެކަކު އަނެކެއްގެ ގާތަށް ދެވުނީ ނުހަނު އަވަހަށެވެ. އެދެހިތްވެސް ލޮތްބަށް އެދި ފެންބޮވައިގަނެފައިވަނީ މާބޮޑަށެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ގޮތެއް ނޭގުނު ތިހިތް ރުއްސާ

Next

ތިނެސްކަން ލޯބި (20)

Next
December 1, 2024

ތިނެސްކަން ލޯބި (20)

Previews
December 1, 2024

ގޮތެއް ނޭގުނު ތިހިތް ރުއްސާ

14 Comments!

  1. cutie girl says:
    December 1, 2024 at 12:12 pm

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    manhal and yazdhaan dhuru nukurachey
    shayoo and javid ves gulhuvachey
    they all are made for each other
    v intresting story eh
    v kiyaala hithun kiyaalani
    i appreciate your hard work

    1. Aayaa Aayaa says:
      December 2, 2024 at 4:47 pm

      Thank you Cutie girl!

  2. Naikko says:
    December 1, 2024 at 1:25 pm

    Mi part v reethi.. Maasha Allah
    Keep it up…
    Curiously waiting for next part…
    Thankolheh avahah up koh dhehchey.

    1. Aayaa Aayaa says:
      December 2, 2024 at 4:49 pm

      Thank you Naikko! In Sha Allah I’ll try my best!

  3. Repunzil says:
    December 1, 2024 at 6:08 pm

    Mi part ves vvvvv reethi
    Loved it ☺️
    When is next
    Plssssssss fast

    1. Aayaa Aayaa says:
      December 2, 2024 at 4:52 pm

      Thank you Repunzil! In Sha Allah I’ll try!🥺

  4. Anonymous says:
    December 2, 2024 at 4:50 pm

    Oh my gawdddd
    👀👀
    Vrhhh reethi Masha Allahhhh 🩷🩷🩷🩷

    1. Aayaa Aayaa says:
      December 2, 2024 at 4:53 pm

      Thank you Anonymous! 😊🤍

  5. Anonymous says:
    December 2, 2024 at 5:06 pm

    Wowwwwwwwwwww

    1. Aayaa Aayaa says:
      December 4, 2024 at 5:00 pm

      Thank you Anonymous!

  6. Twinkle says:
    December 2, 2024 at 6:18 pm

    Whoaaaaaa
    This is amazing
    Vvvv salhi
    When nxt part?

    1. Aayaa Aayaa says:
      December 4, 2024 at 5:01 pm

      Thank you Twinkle! Mirey noony maadhan site ah upload kollaanan In Sha Allah!

  7. Mar yam says:
    December 5, 2024 at 11:31 am

    Alhey when next partt I can’t wait anymore 😭😭😭

    1. Aayaa Aayaa says:
      December 5, 2024 at 6:23 pm

      Thank you Mar yam! 😊🤍 Sorry for the long wait.
      Mirey site ah review kuran fonuvaanan in Sha Allah!

Comments are closed.

Next Episodeއިންސާފް (ބައްތިރީސްވަނަ ބައި)←


All Right Reserved!