Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންސާފް (ތިރީސްވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
November 23, 2024 5 Mins Read
12 Comments

“ބުނަންތަ ވާހަކައެއް؟ މަންހަލްއަށް އޯކޭ އަގުބޮޑު ތަންތަނަށް ގެންގޮސް އަގުބޮޑު ހަދިޔާ ނުދިނަސް. ލޮތްބާ، އިހުތިރާމާ، އަޅާލުމާއި ވަގުތު ދެނިކޮށް ނިމުނީ. ޝަކުވާއެއް ނުކުރާނަން.” ސީރިއަސްވެލާފައި މަންހަލް ބުންޏެވެ.

“އަހަރެންނަށްވެސް އޯކޭ މަންހަލް އަބަދު ހެޕީކޮށް ހުންނަންޏާ.” މަންހަލްއަށް ބަލައިލާފައި ޔަޒްދާން ބުނެލިއެވެ.

ދޮންބެއާއި ދޮންބެދައްތަގެ ގައިގައި ބައްދާލާފައި މަންހަލް ޓެކްސީއަށް އަރަން ދިޔައެވެ. ނުރޯން ގަދަދެއްކިއަސް ކަރުނަތަކެއް ނުހިފެހެއްޓުނެވެ. ލޮލުންއައި ކަރުނަތައް ފުހެމުން އޭނާ ސީޓުގައި ހަމަޖެހިލިއެވެ. އިމާރާތުގެ ކުރިމަތީގައި ފެންކަޅިވެފައި ހުރި ދޮންބެއާއި ދޮންބެދައްތައަށް އޭނާ ހަނާއަޅާލިއެވެ. ކާރު ދުއްވާލުމާއެކު އޭނާއަށް ފަހަތްބަލައިލެވުނެވެ. ހިނދަކަށްވުރެ ހިނދެއް ދުރުވަމުން ދިޔަ އާއިލާގެ މެންބަރުންފެނި މަންހަލްގެ ހިތަށް ފަޅުކަމެއް ވެރިވިއެވެ. އަވަސް މުސްތަޤްބަލެއްގައި އެމީހުންނާ ބައްދަލު ކޮށްދެއްވުން އެދި ދުޢާ ކުރާ ހާލު މަންހަލް ޔަޒްދާންގެ ކޮނޑުގައި ބޯ އަޅާލިއެވެ.

ދެމަފިރިން މާމުއިހަނދަށް ކުރި ދަތުރު ނިންމާލުމަށްފަހު ރާއްޖެ އާދެވުނީ ހަވީރު ފަހެއް ޖަހަން ގާތްވެފައި ވަނިކޮށެވެ. އެއާޕޯޓުން ނިކުމެ ގެއަށް އާދެވޭވަރުވީ ހައެއް ޖަހާލާކަން ހާއިރެވެ. މައްޗަންގޯޅި އަމާންހިޔާ ކައިރިއަށް މަޑުކުރި ޓެކްސީއިން މަންހަލްއާއި ޔަޒްދާން ފޭބިއެވެ. ފަސްބުރިއަށް ނަގާފައި ހުރި އެގޭގެ ކުރިމައްޗަށް ދެމީހުން ހުއްޓުނު ފުރަތަމަ ފަހަރަށް އެފަހަރު ނުވިއެވެ. ތަފާތަކީ ގެއަށް ޒިޔާރަތް ކުރުމަށްވުރެ މިފަހަރު އެމީހުން އައީ ގޭގައި މަޑުކޮށްލުމަށް ކަމަށްވީމައެވެ. އަތުގައި އޮތް ތަޅުދަނޑިއަށް ބަލަމުން މަންހަލް ގޭގެ މައިދޮރުން އެތެރެއަށް ވަނެވެ. ލިފްޓުގެ އެއްފަރާތެއްގައި ހުރި ދޮރު ހުޅުވާލަމުން އަންހެނެއް ނުކުތީ އެހިނދުގައެވެ. މަންހަލް އެދިމާއަށް ހިނގައިގަތެވެ.

“ތިއައީ ދޯ. ނަސްރާ ބުނެގެން ދައްތަ ކޮޓަރި ސާފުކޮށްލީ.” އެއަންހެން މީހާ ބުނެލިއެވެ. މަންހަލް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. “ކަމެއް ބޭނުންވެއްޖެއްޔާ ބުނާތި އިނގޭ. ދައްތަ އުޅެނީ ތިންވަނަ ބައިގަ.”

ދައްތަ ލިފްޓަށް އަރައިގެން ދިއުމާއެކު މަންހަލްއާއި ޔަޒްދާންވެސް އެތެރެއަށް ވަނެވެ. ބޮޑު ސިޓިންރޫމަކާއި އިންވެގެން ކާބަޔާއި ކައްކާބައި ހުއްޓެވެ. އަނެއްފަރާތުން ހުރީ ތިން ދޮރެވެ. ބަރު ފިޔަވަޅުތަކެއްގައި މަންހަލް ގޮސް ސޯފާއަށް ވެއްޓިގަތެވެ. ކުރިމަތީހުރި ކުޑަ މޭޒުމަތިން ރިމޯޓު ނަގާ ޓީވީ ހުޅުވާލިއެވެ. ބަންގީގެ އަޑުން އެޕާޓްމަންޓު ގުގުމައިގެން ދިޔައީ އެހިނދުއެވެ.

“މީތަ މަންހަލް ކުޑައިރު އުޅުންތަނަކީ؟” މަންހަލް އޮށޯވެ އޮތް ސޯފާކައިރިއަށް ގޮސް ޔަޒްދާން އިށީނީ މަންހަލްގެ ފައި އޭނާގެ އުނގަށް ލަމުންނެވެ.

“ނޯ. މަންހަލްމެން އުޅުނީ އެންމެ މަތީބައިގައި. ދައްތަބުނީ ދައްތަމެން މެލޭޝިޔާއަށް ދާންވެގެން މިބައި ހުސްކޮށްފަ އެއްޗެހިތައް މިބަޔަށް ލާފައޭ ދިޔައީ. ދެން މަތީބައި ކުއްޔަށް ދިނީ. މަންހަލް އެހާ ބޮޑަކަށް ހަނދާނެއް ނުވޭ. އެކަމަކު މިބައިގައި އުޅުން ކަންނޭނގެ އޭރު މަންހަލްމެން ވަރުގެ ކުޑަ ބޯއީއެއް.. މިބަޔަށް އަންނަން ވަރަށް ގަދަދައްކަމޭ. ދެން ދޮންބެދައްތަ ބޮލަށް އުނދަގޫވެގެން ޔޫވިންއާއެކު ފޮނުވާނީ. އޭނާއާ މަންނުއާއި ޔޫވިންއާއި އަބަދުވެސް ކުޅެން އުޅެނީ..” މާޒީގެ ހަނދާންތައް އާކުރަމުން މަންހަލް ވާހަކަދެއްކިއެވެ.

“ކޮން ރޫމްއެއް؟” ހާފުރެމުން ތެދުވެ ޔަޒްދާން އަހާލިއެވެ.

“މެދުގަ. ކަނާއަތް ފަރާތު ރޫމް އެއީ ހަމައެކަނި މިތަޅުދަނޑިން ހުޅުވޭ ރޫމް. ވާތްފަރާތުގަ އެހެރީ ބަންކް ބެޑް ހުންނަރޫމް.. މިއީ ދޮންބެދައްތަ ކިޔައިދިން ގޮތް..” މަންހަލްވެސް ސޯފާއިން ތެދުވިއެވެ.

“ކޮބާ ޑައިރީ؟” އޮފީހުން ނިކުމެ ކާރަށް އަރަން ދިޔަ މުރުޝިދާ ހުއްޓުނީ ކައިރިއަށް މަޑުކުރި ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލަމުން ޝަފްނާ ވާހަކަދެއްކި އަޑަށެވެ.

“އޮންނާނެ އޮފީހުގަ. މަ އަސްލު އެއްޗެއް ނުގެންނަން.” މުރުޝިދާ ޖަވާބު ދިނީ ޝަފްނާއާއި ގާތްވެލާފައެވެ.

“މިގަޑީގަ ބޭނުން.” ޝަފްނާ އެދުނެވެ. މުރުޝިދާ ބޮލުގެ އިޝާރާތުން ކައިރީހުރި އޭނާގެ އެސިސްޓެންޓަށް އިޝާރާތްކުރިއެވެ. ބޯ ޖަހާލާފައި އޭނާ އަނެއްކާވެސް އޮފީހުގެ ތެރެއަށް ވަދެގެން ދިޔައީއެވެ.

“ފެނުނީތަ؟ ދިމާވީތަ؟” މުރުޝިދާ ސުވާލުކުރިއެވެ.

“ނޫން. އެކަމަކު ވަރަށް އަވަހަށް އަތުޖައްސާނަން..” ޝަފްނާގެ އަޑުގައި ޔަގީންކަންވިއެވެ. “އަސްލުއެތި އޮންނާނެ ދޯ އެގޭގަ؟”

ބޯ ޖަހާލުމަކުން މުރުޝިދާ ފުއްދާލީއެވެ. ދުވަމުން ކަހަލަ ގޮތަކަށް ފޮތް ހިފައިގެން އެސިސްޓެންޓް އައީވެސް އެވަގުތެވެ. މުރުޝިދާ ޝަފްނާއަށް ފޮތް ދިއްކޮށްލިއެވެ. ޝަފްނާ އެފޮތުގައި ހިފުމާއެކު ހަނާއަޅާލާފައި އޭނާ ކާރަށް އެރީއެވެ.

އިޝާ ނަމާދުކޮށްގެން މަންހަލްއާއި ޔަޒްދާންވެސް ކޮޓަރިން ނިކުތީ ހައިފިލުވާލާނެ އެއްޗެއް ފެނޭތޯއެވެ. ބަދިގޭގައި ކައްކަން ބޭނުންވާ ސާމާނު ނެތުމުން ޔަޒްދާން ކާއެއްޗެހި ގެންނަން އޯޑަރުކުރިއެވެ. ފޯނު ބާއްވާފައި ޔަޒްދާން ބަލައިލި އިރު މަންހަލް ތަޅުދަނޑި ހިފައިގެން އައިސް ކަނާއަތް ފަރާތު ދޮރު ހުޅުވަނީއެވެ. އޭނާ ބަލަން ހުއްޓާ މަންހަލް އެކޮޓަރިއަށް ވަދެ ބޮކި ދިއްލާލިއެވެ. މުޅި ކޮޓަރިތެރޭގައި ހުރީ ބަރިބަރިއަށް ޖަހާފައި ހުރި ފޮށިތަކެވެ. އަނގަމަތީގައި އަތް އަޅައިގެން ހުރެ މަންހަލް އެތެރެއަށް ވަނީ އެތަނުގައި ހިރަފުސް ހުރިވަރު ފެނިފައެވެ. މަންހަލްގެ ފަހަތުން ޔަޒްދާންވެސް ކޮޓަރިއަށް ވަނެވެ. ކޮންމެ ފޮށްޓެއްގައި ނަން ޖަހާފައި ހުއްޓެވެ. މަންހަލްއާއި ޔަޒްދާންއަށްވެސް ހުއްޓެވުނީ ‘ސާހިލް އެންޑް މިޝްޔާ’ ޖަހާފައިވީ ފޮށިތައް ކައިރީގައެވެ. ބަރިއަކަށް ބޮޑު ހަތަރުފޮށި ހުއްޓެވެ. ޔަޒްދާން އެންމެމަތީގައި ހުރި ފޮށި ނަގާ ތަޅުމުގައި ބެހެއްޓުމާއެކު މަންހަލް އެފޮށި ހުޅުވާލައިފިއެވެ. ފޮށި ހުޅުވާލުމާއެކު އެންމެ މަތިން ފެނުން އޭފޯސައިޒުގެ ބޯ ފޮޓޯއަލްބަމް މަންހަލް ނެގިއެވެ. ޔަޒްދާންގެ ސަމާލުކަން އަތުލައިގަތީ އަނެއްފަރާތުގައި އޮތް ފައިލެވެ. އަވަސްއަވަހަށް އެފައިލް ނަގާ ހުޅުވާލިއެވެ. އޭގައި ސާހިލްގެ ފޮޓޯ ޖަހާ އޭނާއާ ބެހޭ ބައެއް މައުލޫމާތުތައް ހުއްޓެވެ. މަތިމަތިން ޔަޒްދާން އޭތި ކިޔާލިއެވެ. ޖިންސުގެ ޖީބުން ފޯނު ނަގާ އޭގެ ފޮޓޮއެއް ނެގުމަށްފަހު ބާކީހުރި ގަނޑުތައްވެސް ބަލައިލިއެވެ.

“މަންމަ.” މަންހަލްގެ އަޑު އިވުމާއެކު ޔަޒްދާން ފައިލު ބާއްވާފައި މަންހަލްއާއި ގާތްވެލިއެވެ. ކައިވެނީގެ ހުދުހެދުމުގައި ހުރި އަންހެން މީހާ ފެނުމާއެކު ސިކުންތުކޮޅަކަށް އެއީ މަންހަލްއޭ ޔަޒްދާންގެ ހިތަށް އެރިއެވެ.

“މީތަ މަންހަލްގެ މަންމަ؟” ޔަޒްދާންއަށް އަހާލެވުނެވެ. މަންހަލްއަށް ބޯ ޖަހާލެވުނީއެވެ. އޭނާގެ ބޮޑުވައި އިންގިލިން މިޝްޔާގެ މޫނުގައި ފިރުމާލިއެވެ. ފެންކަޅިވެފައި އިނދެ އޭނާ އަލްބަމްގައި ހުރި އެހެން ފޮޓޯތައްވެސް ބެލިއެވެ.

“މިއީ ދޮންބެ.” ތުއްތު ކުއްޖެއް އުރާލައިގެން މިޝްޔާ އެނދެއްގައި އޮތްއިރު އޭނާގެ ކައިރީގައި ސާހިލް ހެވިފައި ހުއްޓެވެ.

މަންހަލް އުފަންވި ދުވަހާއި، ނުހައިކް އެންމެ ފުރަތަމަ މަންހަލް އުރާލި ފޮޓޮއިން ނާސަރީއާއި ސުކޫލަށް ދެކުދިން ވަތް ދުވަހާއި ނަތީޖާ ހަވާލުކުރާ ދުވަސްތަކުގެ ފޮޓޯތައްވެސް ހުއްޓެވެ. ކައިވެނި ހަފްލާތަކާއި، އުފަންދުވަހުގެ ޕާޓީތަކާއި، ޕާކުތަކުގައާއި އެއާޕޯޓުތަކުގައި ނަގާފައި ހުރި ފޮޓޯތައްވެސް ހުއްޓެވެ.

“ދޮންބެއާއި ބައްޕައަކީ ދެ އާކިޓެކްޓުން. ޑްރީމްޑިޒައިންގެ ނަމުގައި ބައްޕަމެން ކޮމްޕެނީއެއް ހިންގި. އެއީ ރާއްޖޭގައި އޭރު ވަރަށް މަޝްހޫރު ކޮމްޕެނީއެއް. މަންމަ އުޅުނީ އެތަނުގެ އެކައުންޓެންޓެއް ގޮތުގަ. މަންމަ ވަޒީފާއަށް ދާއިރު ދޮންބެދައްތަ އަހަރެމެން ބަލާނީ. ކޮންމެ ޗުއްޓީއެއްގައި އަހަރެމެން ރާއްޖެއިން ބޭރަށް ދަން.” ޖަލްސާއެއްގެ ތެރެއިން ޓްރޮފީއެއް ހިފައިގެން ސާހިލް ހުރިއިރު އޭނާގެ ގާތުގައި ސުހައިލް ޔުނާން އުރާލައިގެން ހުއްޓެވެ. ބޮޑުވެފައިވާ ބަނޑާއެކު ނަސްރާ އޭނާގެ ގާތުގައި ހުއްޓެވެ. ސާހިލްގެ ގާތު މިޝްޔާހުރީ ތުއްތު މަންހަލް އުރާލައިގެން އަނެއްއަތުން ނުހައިކްގެ ކޮނޑުގައި ހިފަހައްޓާލައިގެންނެވެ.

“އަހަރެން އެހާ ބޮޑަކަށް ހަނދާނެއް ނުވޭ. އެކަމަކު މިފޮޓޯތައް ފެނުނީމަ މަންމަމެން ކިޔާދޭ ހަނދާންވޭ.” ދެންވެސް ވާހަކަދެއްކީ މަންހަލްއެވެ.

މަންހަލް އެއަލްބަމް ލައްޕާލިއެވެ. އެއްފަރާތުގައި ބާއްވާލުމަށްފަހު ފޮށިތެރެއިން އަނެއްކާވެސް ނެގީ އަލްބަމް އެކެވެ. އޭގައި ގިނައިން ހުރީ ސާހިލްމެންގެ ސުކޫލުއިރުގެ ފޮޓޯތަކެވެ. ކުރިންނެގި އަލްބަމްއަށްވުރެ އެއަލްބަމް ތުނިވެފައި ކުޑައެވެ. ބައެއް ގަނޑުތައް ހުރީ ހުސްކޮށެވެ.

“މިއީ ޝަޔޫގެ މަންމަތަ؟” ސުކޫލުގެ އިނާމުދިނުމުގެ ޖަލްސާއެއްގައި ނަގާފައި އިން ފޮޓޮއެއް ދައްކާލަމުން ޔަޒްދާން އަހާލިއެވެ.

“ޔެސް. މިއީ ބައްޕަމެން ކްލާސް ކުދިން. ބޮޑުދޮންބެވެސް އެއީ ބައްޕަގެ ކްލާސްމޭޓެއް.” މަންހަލް ފޮޓޯގައި ތިބި މީހުން ދައްކާފައި ބުނެލިއެވެ.

“ސުހައިލް ދޮންބެ؟” ނޭނގިފައި ހުރެ ޔަޒްދާން އަހާލިއެވެ.

“ނޫން. ހަމްދާން ދޮންބެ.” މަންހަލް އޮޅުން ފިލުވައިދިނެވެ. އޭނާ އެއަލްބަމްވެސް ލައްޕާލިއެވެ. ފޮށިތެރެއިން މިފަހަރު ނެގީ ކަޅުކުލައިގެ ބޭރުގަނޑެއްލާފައި އިން ފޮތެކެވެ.

ގޭގެ ބެލްއަޅާލި އަޑުއިވުނީ އެވަގުތެވެ. ޔަޒްދާން ދޮރު ހުޅުވަން ދިޔައެވެ. މަންހަލް ފޮތް ހުޅުވާ ބަލައިލިއެވެ.

“ޑައިރީ، މިޝްޔާ..” އެންމެ ފުރަތަމަ ގަނޑުގައި ބިސްމިނުގެ ތިރީގައި ލިޔެފައިވިއެވެ. ހިތް އަވަސްވެފައި އޭނާ ފޮތުގެ ގަނޑުތައް މަތިމަތިން ބަލައިލިއެވެ. އެންމެފަހުގަނޑު ލިޔެފައިވީ ތާރީހަށް އޭނާ ބަލައިލިއެވެ.

“އެކާވީސް ޑިސެންބަރ ދެހާސް ބާރަ. އެއްގަޑި ތިރީސް.” މަންހަލްގެ ދެލޯ ފެންކަޅިވިއެވެ. އެއީ މަންމަ ނިޔާވި ދުވަހެވެ. އެރޭގެ ދަންވަރު މަންމަގެ އަތުން ލިޔެފައިވީ އެއްޗެއްސެވެ.

ހަމަޖެހިލައިގެން އިނދެ އެފޮތް ކިޔާލަން ބޭނުންވާތީ އޭނާ ފޮތް ހިފައިގެން އެކޮޓަރިން ނިކުތެވެ. ރަށަށް ދާއިރު ގެންދަން ނިޔަތްގަނެގެންނެވެ. އެފޮތުގެ އިތުރުން ދެއަލްބަމްވެސް އޭނާ ގެނައެވެ. އެޕާޓްމަންޓް ދޮރު ކައިރީގައި ޔަޒްދާން އޭރުވެސް ހުއްޓެވެ. މަންހަލް ހައިރާންވީ އޭނާގެ އަތުގައި ޕިއްޒާ ފޮށި ނެތުމުންނެވެ.

“ޔަޒްދާން. ކާކު؟” މަންހަލް ގޮވާލިއެވެ. އަތުގެ އިޝާރާތުން އޭނާ މަޑުކޮށްލާށޭ ބުނެލިއެވެ. އޭނާ ކޮޓަރިއަށް ވަނީ އަތުގައި ހުރި ފޮތްތައް ދަބަހަށް ލާށެވެ.

“ކާކު؟” އެނބުރި ސިޓިންރޫމަށް ނިކުމެ މަންހަލް ސުވާލުކޮށްލިއެވެ

**

“ކީއްކުރަނީ؟” އޭނާ ސުވާލުކުރިއެވެ.

“ކަމެއް ނުކުރަން.” އަހަރެން ޖަވާބު ދިނީމެވެ. އޭނާ އުޅުނީ ދޮރު ލައްޕާށެވެ. އަހަރެން ފައިން ދޮރު ލެއްޕުނަނުދީ ހިފެހެއްޓީމެވެ.

“ކިހިނެއްވީތަ؟ މިއީ ކަލޭ އުޅޭތަނެއް ނޫނެއްނު.” ހިތްހަމަ ނުޖެހިފައިހުރި ރާގެއްގައި އޭނާ ބުނެލިއެވެ. އަހަރެން އެއްވެސް އެއްޗެއް ބުނުމެއްނެތި އޭނާއަށް ބަލަން ހުރީމެވެ.

“ކޮންއެއްޗެއްތަ ބޭނުންވެގެން ތިއުޅެނީ؟” ދެންވެސް ސުވާލުކުރީ އޭނާއެވެ. އަހަރެން ޖަވާބެއް ނުދިނުމުން އޭނާ އުޅުނީ އަނެއްކާވެސް ދޮރު ލައްޕާށެވެ.

“ތީ ކޮންބައެއް؟ ކީއްވެ މިތަނުގައި ތިއުޅެނީ؟” އެންމެފަހުން އަހަރެން ސުވާލުކުރީމެވެ.

“ޔަޒްދާން. ކާކު؟” އެތެރެއިން އަންހެނަކު ގޮވާލިއަޑު އިވުނެވެ. އެއީ ޔަޒްދާންކަން އަހަންނަށް އެނގުނީ އެހިނދުގައެވެ.

“މިއީ މިގޭގެ މީހުން. އެނގިއްޖެތަ؟ ދެން މިތަނުން ދޭ، ފުލުހަށް ރިޕޯޓު ނުކުރަނީސް.” ޔަޒްދާން ބުންޏެވެ. ހިނިއައިސްފައި އަހަރެންވެސް ގެއިން ނިކުތީމެވެ.

**

“އޯކޭ. އެކަމަކު ހަނދާންކޮށް މިރޭ އެފޮތް އެތަނަށް ލާންޖެހޭނެ. ކަލޭ އަންނަން ވާނީ އަސްލު ޑައިރީވެސް ހިފައިގެން. އިހަށް މަޑުކުރަމާ ހިނގާ. ތަންކޮޅެއް ލަސްވެލަންދެން.” މީގެ ކުޑައިރުކޮޅެއްކުރިން ވީކަންތައް ފިރާޝް ކިޔައިދިނުމުން ޝަފްނާ ބުންޏެވެ.

“ހްމްމް. އެކަމަކު އޭނާ ނުޖަހާ އާދައިގެ މީހެއް ވައްތަރެއް. ވަރަށް ގޮތަކަށް ބަލަން ހުރީ. އެއީ ކޮޕެއްތަ؟ ނޫނީ ސިފައިންގެ ގޮލައެއްތަ؟” ފިރާޝް ސުވާލުކުރިއެވެ.

“އެއީ ކޮޕެއް. ވަރަށް ހުޝިޔާރުވާނެ. ކަލޭޖެހޭނީ ވަރަށް ބަލައިގެން އުޅެން.” ޝަފްނާ އިންޒާރުދިނެވެ.

ކައިނިމިގެން ނިދަން ދިއުމުގެ ކުރިން ޔަޒްދާން ދެފަހަރަށް އެޕާޓްމަންޓުގެ މައިދޮރު ހުރީ ތަޅުލެވިފައިތޯ ބެލިއެވެ.

ބާރަޖަހާ ފަނަރަމިނެޓު ވެފައިވަނިކޮށް ފިރާޝް އަނެއްކާވެސް އެގެއަށް ވަންނަން ދިޔައެވެ. ޝަފްނާ އިނީ ކާރުގައި މަޑުކޮށްގެންނެވެ. އިރުކޮޅެއް ފަހުން އޭނާ އައިސް ކާރަށް އަރައިފިއެވެ.

“ޑަން.” ފިރާޝް ބުންޏެވެ.

“ކޮބާ އަސްލުއެތި؟” ޝަފްނާ އަވަސްއަވަހަށް އަހާލިއެވެ.

“ނުފެނުން. މަ ވަރަށް ބެލިން.” ފިރާޝްގެ މޫނުމަތިން ހިސާބެއްގެ ހާސްކަމެއް ފާޅުވިއެވެ.

“ޑޭމް. ކަލޭ ކައިރީ ނުބުނަންތަ އަސްލުއެތި ގެންނަން ޖެހޭނޭ..” ޝަފްނާ ދެލޯ ބޮޑުކޮށްލިއެވެ. “ހިނގާ މަ ގޮވައިގެން ދާން!”

“ކޮޓަރިން އެމީހުން ހޭލާ އުޅޭހެން ހީވެގެން އަހަރެން ނިކުތީ. ދެން މާދަން ރޭ އަންނަންވީ އެއްނު.” ފިރާޝް އޭނާގެ ހިޔާލު ހުށައެޅިއެވެ.

“އެމީހުން އަސްލު އެތި ހިފައިގެން ރަށަށް ގޮސްފިއްޔާ؟ އާހް. ވީ ހޭވް ޓު ޑޫ ސަމްތިންގް.” ކާރުގެ ހުންގާނުގައި ތަޅައިގަންނަމުން ޝަފްނާ ބުންޏެވެ.

ޝަފްނާގެ ބަސް ގަބޫލުކޮށް އަލުން އޭނާ ގޮވައިގެން ފިރާޝް ހިނގައިގަތީ އެގެއަށް ވަންނާށެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ތިނެސްކަން ލޯބި (16)

Next

ތިނެސްކަން ލޯބި (17)

Next
November 23, 2024

ތިނެސްކަން ލޯބި (17)

Previews
November 23, 2024

ތިނެސްކަން ލޯބި (16)

12 Comments!

  1. Nawar says:
    November 23, 2024 at 11:43 am

    Maasha Allah mi part vx varah varah reethi..
    Alhey shafna ah e diary neguna nudheythi….
    Whn next??

    1. Aayaa Aayaa says:
      November 26, 2024 at 3:06 pm

      Thank you Nawar! In Sha Allah this week!

  2. Repunzil says:
    November 23, 2024 at 5:51 pm

    Masha Allah
    Mi part ves vv reethi
    When is next
    Curiously waiting for the next part
    Lots of love

    1. Aayaa Aayaa says:
      November 26, 2024 at 3:07 pm

      Thank you Repunzil! Maadhan vhk upload kolleveythw balaanan.

  3. cutie girl says:
    November 24, 2024 at 9:44 am

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    yazdhaan and mannu dhuru nukurachey
    jaavidh and shayoo gulhuvachey
    they all are made for each other

    1. Aayaa Aayaa says:
      November 26, 2024 at 3:08 pm

      Thank you Cutie girl! Let’s see what happen next…

  4. Anonymous says:
    November 25, 2024 at 4:44 pm

    Nice

    1. Aayaa Aayaa says:
      November 26, 2024 at 3:09 pm

      Thank you Anonymous!

  5. Mar yam says:
    November 26, 2024 at 7:31 pm

    Mi part vx varah reethi
    When next part

    1. Aayaa Aayaa says:
      November 27, 2024 at 12:15 pm

      Thank you Mar Yam! Mirey site ah vhk upload kolleveythw balaanan.. varah burakoh ulhey hafthaa eh. Ekamakuves balaanan In Sha Allah!

  6. Someone says:
    December 1, 2024 at 7:29 am

    Alhey it’s been a week now
    When next partt😭😭😭
    I can’t wait anymore

  7. Aayaa Aayaa says:
    December 1, 2024 at 11:55 am

    You can now read it on the site!

Comments are closed.

Next Episodeއިންސާފް (އެއްތިރީސްވަނަ ބައި)←


All Right Reserved!