ތަޤްދީރު 14 ވަނަ ބައި
” ކޮންކަމަކާ ތި ވިސްނަނީ ” ވިދާން ބޭރުން އައިސް ކޮޓަރިއަށް ވަތްއިރު ޝުހާދު ވިސްނުމެއްގައި އިންހެން ހީވެގެން ސުވާލުކޮށްލިއެވެ. ” މި ވިސްނަނީ އަޝްފާގާ މެދު ” ކައިރީގައި އޮތް ބާލިސް ނަގާ އުގަށްލަމުން ޝުހާދު ބުނެލިއެވެ. ” އޭނަޔާމެދު ވިސްނަނީ ކީއްކުރަންތަ؟ ” ވިދާން އެނދުގައި އިށީދެ ހެޑްބޯޑުގައި ލެނގިލަމުން އަހާލިއެވެ. ” ކުލާސްމޭޓެއްވީމާ ހަމަ ވިސްނާލެވެނީ ” ޝުހާދު އުގުތެރޭގައި އޮތް ބާލިސް ނަގާ އެނދުގައި ބާއްވާލާ، ބަންޑުން އޮށޯވެލަމުން ބުނެލިއެވެ. ” އެކަމަކު އޭނަ އެވަރެއް ނުވިސްނައެއްނު ” ވިދާން ނުރުހޭ ފާޑަކަށް ބުނެލިއެވެ. ” ދެން އޭނަދެކެ ތި އަންނަ ރުޅިގަނޑު ދޫކޮށްލަބަލަ. އެއީ ކުޑައިރުގެ ކަންކަމޭ ” ޝުހާދު ބުނެލިއެވެ. ” އަޝްފާގު އެނބުނީއެއްނު އޭނަ ރަނގަޅުވާން ބޭނުމޭ ” އެހެންވީމާ އޭނައަށްވެސް ފުރުސަތެއް އޮންނަން ވާނެދޯ. ފުރުސަތެއް ދީގެންވެސް އޭނަ ރަނގަޅު ނުވެއްޖެނަމަ އަޅާނުލީމާ ނިމުނީއެއްނު ” ޝުހާދު ބުނެލިއެވެ.
” މިއަދު ދާން އަހަރެންގެ ކުރިމަތީ މިގޭގައި ތީނީ އަޝްފާގުގެ ސަބަބުންނޭ ބުނުމަކުން ދޮގަކަށްވެސް ނުވާނެ ” ޝުހާދު ބުނެލިއެވެ. ” ކީއްވެ ތިހެން ތިބުނީ؟ ” ވިދާން ހައިރާންކަމާއެކު އަހާލިއެވެ. ” ހަނދާން ކޮށްބަލަ، ދާން ގެއިން ނިކުމެގެން ދިޔަރޭގެ މަތިން. އެރޭ އޭނައަށް ދާން ފެނިގެން އަހަރެންނަށް ގުޅާފަ ބުނީމާ އަހަރެން އެތަނަށް ދިޔައީވެސް. ފުރަތަމަ އޭނަ އެހެންބުނީމާ ގަބޫލް ކުރަން ވެސް އުނދަގޫވި. އެކަމަކު އޭނަ ބުނި ބުނުމަށް އަހަރެން ދިޔައީ، އޭނަޔާއެކު، ސައިކަލްގަ. އޭނަގެ ހިތުގަ ދާންއަށް އަބަދު ޖެއްސުން ކުރުމާ ނަފުރަތު އޮންނަނަމަ، އޭނަ ކީއްކުރަން އަހަރެން ގާތުގަ ދާން ތޮށިގަނޑުމަތީ އިން ވާހަކަ ބުނަންވީ ” ޝުހާދު ވިދާންއަށް ކިޔާދިނެވެ. ވިދާން އެއްވެސް އެއްޗެއް ނުބުނެ ޝުހާދުގެ ވާހަކަ އަޑުއަހަން އިނެވެ.
” ތިކަމެއް އަހަރެންނަކަށް ނޭންގެ. ޝުހާދުވެސް ނުބުނަމެއްނު ” ވިދާން ބުނެލިއެވެ. ” ބުނަން އުޅުނިން. އެކަމަކު އޭރު ހާލަތު ހުރި ގޮތުން ބުނުމަށްވުރެއް ނުބުނުން ރަނގަޅުކަމަށް ބަލާފަ، ނުބުނީވެސް ” ޝުހާދު ބުނެލިއެވެ. ” އެހެން ވިއްޔާ އަޝްފާގުއަށް އެހީވާން އަހަރުމެންނަށް ކޮންކަމެއްތަ ކުރެވޭނީ ” ވިދާން ޝުހާދު ކުރެން އަހާލިއެވެ. ” ކުރެވިދާނެ ވަރަށް ގިނަ ކަންތައް އެބަހުރި ” ޝުހާދު އެނދުގައި ރީތިކޮށް އޮށޯވެލަމުން ބުނެލިއެވެ. ” ތިބުނީ ކޮންކަމެއްގެ ވާހަކައެއް ” ވިދާން ސުވާލުކޮށްލިއެވެ. ” ކިހިނެއްވާނީ ބައްޕަ ގާތުގައި މި ވާހަކަ ދައްކާލަން. ޔަގީން ބައްޕަ ދެކޮޅު ނުހަދާނެ ” ޝުހާދު ވިދާނަށް ބަލާލަމުން ބުނެލިއެވެ. ” އާނ… ތީވެސް ރަނގަޅު ގޮތެއް ” ވިދާން ބުނެލިއެވެ. ” ހިނގާ ބައްޕަޔާ ވާހަކަ ދައްކާލަން ” ޝުހާދު އެނދުން ތެދުވަމުން ބުނެލިއެވެ. އަދި ކޮޓަރިން ބޭރަށް ނިކުންނަން ދެމީހުން އެކީގައި ހިނގައިގަތެވެ.
” ބައްޕާ ” ކޮޓަރިން ބޭރަށް ނިކުމެ ސޯފާގައި ތައުފީގު ޓީވީ ބަލަން އިންތަން ފެނުމުން ޝުހާދު ގޮވާލިއެވެ. ” ކީކޭ ދަރިފުޅާ ” ޝުހާދު ގޮވާލުމުން ތައުފީގު ބުނެލިއެވެ. ” ބައްޕަޔާ ވާހަކަ އެއް ދައްކާލަން ވެގެން ” ވިދާން އާއި ޝުހާދު އައިސް ސޯފާގައި އިށީންނަމުން، ޝުހާދު ބުނެލިއެވެ. ” ކޮން ވާހަކައެއް ” ތައުފީގު ޝުހާދަށް ބަލާލަމުން ބުނެލިއެވެ. ” އެކީގައި ކިޔަވަން އުޅުން ކުއްޖެއްގެ ވާހަކަ ދައްކާލަން ކަމަށް ” ޝުހާދު ވިދާންއަށް ބަލާލާފަ ބުނެލިއެވެ. ” ދަރިފުޅުގެ ކުލާސްމޭޓުން އެގޭނީ ދަރިފުޅަކަށްނު. ބައްޕައަށް ކިހިނެއް އެނގޭނީ ” ތައުފީގު ހީލަމުން ބުނެލިއެވެ. ” ބުނަން މިއުޅެނީ އެއްކުލާހުގަ ކިޔަވަން އުޅުން ކުއްޖެއްގެ ވާހަކަ އެކޭ. އޭރުން ފެށިގެން ވަރަށް ގާތް ރައްޓެއްސެއް އެއީ. އެކަމަކު އޭނަ މިހާރު އުޅެމުންދާ އުޅުން އަމިއްލައަށް ވެސް ބަދަލުކުރަން ބޭނުން ވަނީ ” ޝުހާދު ބުނެލިއެވެ. ” ބުނަން ތިއުޅޭ އެއްޗެއް ސާފުކޮށް ކިޔާބަލަ ” ތައުފީގު އެހެން ބުނެލުމުން ވެގެން އުޅޭ ގޮތް ޝުހާދު ތަފްސީލްކޮށް ތައުފީގަށް ކިޔާދިނެވެ.
” ވަރަށް ރަނގަޅު ނިންމުމެއް ދެކުދިން ތި ނިންމީ. އެހެންވީމާ ތި ދެކުދިން ބޭނުން ވަނީ އަޝްފާގު ރަނގަޅު މީހެއްގެ ގޮތުގަ އެނބުރި އަންނަންތާދޯ ” ޝުހާދުގެ ވާހަކަ އަޑު އެހުމަށްފަހު ތައުފީގު ބުނެލިއެވެ. ” ދެން ބައްޕަ ކޮށްކަމެއް ކޮށްދޭންވީ ” ތައުފީގު ސުވާލުކޮށްލިއެވެ. ” އަޝްފާގު ރިހެބަށް ފޮނުވާލެވެން ދެން ގޭގަ ހުރެވޭނެތަ؟ ” ޝުހާދު ތައުފީގު ކުރެން އަހާލިއެވެ. ” ދަރިފުޅާ… އެހެން މަސްތުގެ ހާލަތުގަ ދުވަސްތައް ހޭދަ ކޮށްލާފަ ތިބޭ ކުދިންގެ އުޅުމަށް ބޮޑެތި ބަދަލު ތަކެއް އައިސްފަ ތިބޭނީ. ބޭނުންވާ ކަމެއް ނުވެއްޖެނަމަ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އެކަމެއް ކުރަން މަސައްކަތް ކުރާނެ. އެއީ ވައްކަން ކޮށްގެން ކަމަށްވިޔަސް. އެހެންވިމާ ގެއަށް އަޝްފާގު ގެނެސްގެން އެފަދަ ކަމެއް ދަރިފުޅުގެ ކުލާސްމޭޓެއްގެ ފަރާތުން ވާކަށް ބައްޕަ ނޭދެން. އަދި އެފަދަ ކަމެއް ވެއްޖެ ހާލަތުގަވެސް ދަރިފުޅުގެ އަގު ވެއްޓޭކަށް ބައްޕަ ބޭނުމެއްނުވޭ ” ތައުފީގު ނަސޭހަތުގެ ގޮތަކަށް ބުނެލިއެވެ.
” އެނގޭ ތިކަން ވެސް ބައްޕާ. އެކަމަކު އެކަހަލަ ކަމެއް ވިޔަ ނުދޭނަން. އަހަރުމެން ދެމީހުން އަބަދުވެސް އަޝްފާގު ގާތުގަ ތިބޭނަން ” ޝުހާދު ބުނެލިއެވެ. ” ދެން ކޮންތާކު އަޝްފާގު ނިދަނީ ” ތައުފީގު އަހާލިއެވެ. ” މަތީ ބައިގަ އެހުރީއެއްނު ހުސް ކޮޓަރިއެއް. ރިހެބަށް ފޮނުވާލެވެންދެން އެތާގަ ހުރެވޭނެއްނު ” ޝުހާދަށް ފެންނަގޮތް ތައުފީގު ކުރިމަތީ ހާމަ ކުރިއެވެ. ” އެންމެ ރަނގަޅު. އެކަމަކު ދަރިފުޅާ… ވަރަށް ބަލައިގެން އުޅޭތި ” ތައުފީގު ބުނެލިއެވެ. ” މަންމަ ގާތުގަ ވެސް… ” ކަންބޮޑު ވެފައިވާ ރާގެއްގައި ވިދާން ބުނެލިއެވެ. ” މަންމަޔާ ބައްޕަ ވާހަކަ ދައްކާނަން. އެކަމާ ކަންބޮޑުނުވޭ ” ތައުފީގު ބުނެލިއެވެ. ތައުފީގުގެ ވާހަކަ ތަކުން ވިދާނާ ޝުހާދަށް ހިތްހަމަޖެހުން ލިބުނެވެ. އަދި ސްކޫލް ދުވަސްވަރުގެ ރަހުމަތްތެރިޔާއަށް އެހީވުމަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ.
” ބައްޕަ ބުނީމެއްނު، ބައްޕަގެ ރައްޓިއްސެއް މާލެ އަންނަ ވާހަކަ. އެމީހުން މިހާރު ނާންނަނީތަ؟ ” ޝުހާދު ތައުފީގު ކުރެން އަހާލިއެވެ. ” ނާންނާނެ ވާހަކައެއް ނުބުނޭ ” ތައުފީގު ބުނެލިއެވެ. ” ކިހިނެއްވީ ” ތައުފީގު ސުވާލުކޮށްލިއެވެ. ” އެމީހުން އައުމުގެ ކުރިން އަޝްފާގު ރިހެބަށް ފޮނުވާލެވޭނެ ގޮތެއްވާނެ ބާއޭ ހިތަށް މިއަރަނީ. އެހެން ނޫނީ އަހަރުމެން މައްޗަށް އަރާ އުޅެންޏާ އެމީހުންނަށް ވެސް އުދަގޫ ވާނެއްނު. އެހެންވެ އަހާލީ ” ޝުހާދު ބުނެލިއެވެ. ” ރަނގަޅު ވާހަކައެއް ތިބުނީ. އެހެންވީމާ ބައްޕަ ގުޅާފަ އެމީހުން ކުރެން އަހާލާނަން ” ތައުފީގު މިހެން ބުނެ، ކުރިމަތީ އިން މޭޒުމަތީ އޮތް ފޯންނަގާ، ޑައިލްކޮށްލިއެވެ.
” ކޮބާ އާދަނާ. ކޮންއިރަކުން މިކޮޅަށް އަންނަނީ ” އާދަނު ފޯން ނެގުމުން ތައުފީގު ސުވާލުކޮށްލިއެވެ. ” މި ހަފްތާ ފަހުކޮޅު ދާންކަމަށް މި ވިސްނަނީ. އެ ވާހަކަ ދައްކާލަން ވެގެން ތައުފީގުއަށް ގުޅާލަން އުޅެނިކޮށް ތި ގުޅާލީވެސް ” އާދަނު ބުނެލިއެވެ. ” އެހެން ވީމާ ފުރުމުގެ ކުރިން އަދި ގުޅާލަންވާނެ ” މިހެން ބުނެ ތައުފީގު ފޯންކަނޑާލިއެވެ. ” ކީކޭ އާދަންބޭ ބުނީ ” ތައުފީގު ފޯން ކަނޑާލުމުން ޝުހާދު އަހާލިއެވެ. ” އެމީހުން ހަފްތާ ނިމޭ ހިސާބު އަންނަން ތައްޔާރު ވަމުންދާ ވަހަކަ ބުނީ ” ތައުފީގު ބުނެލިއެވެ. ” އެހެންވިމާ މި ހަފްތާގެ ބާކީ އޮތް ދުވަސްތަކެއް ދޯ މިއޮތީ. ކިހިނެއް އެހާ ވަހަކަށް އަޝްފާގު ފޮނުވާލެވޭނީ. ހީވަނީ ފޮނުވާލުމުގެ ޕްރޮސެސް ވެސް އެހާ ލަސްވާނެހެން ” ކަންބޮޑުވެފައިވާ ރާގެއްގައި ވިދާން ބުނެލިއެވެ. ” މާ ބޮޑަށް ހާސްނުވޭ. ބައްޕަގެ ވަރަށް ގާތް މީހަކު ހުންނާނެ. ބައްޕަ އޭނަޔާ ވާހަކަ ދައްކާލާފަ، ވީހާވެސް އަވަހަކަށް އަޝްފާގު ފޮނުވާލެވޭތޯ ބަލާނަން ” ތައުފީގު ބުނެލިއެވެ. ” އެހެންވީމާ މާދަން އަޝްފާގު ބަލާ ދާނަން ” ޝުހާދު ބުނެލިއެވެ. އަދި ތައުފީގު އާއެކޭ ބުނުމުގެ ގޮތުން ހިނިތުންވެލަމުން ބޯޖަހާލިއެވެ.
ކާނިވާލާ ދިމާލުން ބޮޑުތަކުރުފާނު މަގުން އަޝްފާގު ހިނގަމުން ދިޔައެވެ. މޫނުމަތިން އިންތިހާއަށް މާޔޫސްކަމާ ހިތާމަ ފާޅުވަމުން ދިޔައެވެ. އަދި އެހާމެ ވަރުބަލިކަން ވެސް ހާމަވާން ހުއްޓެވެ. ހިނގާފައި ދާގޮތުންވެސް އަޝްފާގުގެ ހާލަތު އެންމެ ރަނގަޅު ނޫންކަން ކޮންމެ މީހަކަށް ވެސް ފާހަގަ ވާނެއެވެ. ހިނގަމުން އައިސް ކާނިވާލާ އަރާ ހަމަ ވުމުން މަޑުމަޑުން ހިނގާފައި ކާނިވާލުގައި ހުރި ސްޓޭޖާ ދިމާއަށް މިސްރާބު ޖެހިއެވެ. އެހާ ހިސާބަށް ދެވުމުން ވަށައިގެން ހުރި ރެސްޓޯރެންޓް ތަކާއި ދިމާއަށް ބަލާލިއެވެ. އެ ހިސާބަށް ޖެހެމުން ދިޔަ މަޑު ވައި ރޯޅިތަކުން ކާއެއްޗެހީގެ ވަސް ދުވަމުން ދިޔައެވެ. އިންތިހާއަށް ވެފައި ހުރި ބަނޑުހައި ކަމުގައި އަޝްފާގު އަތުން ބަނޑުގައި އަތްހާކާލިއެވެ. އަދި ސްޓޭޖްމައްޗަށް އަރާ އެތާގައި ހުރި ހޮޅި ދަނޑިއެއްކައިރީ އިށީދެ، ހޮޅިދަނޑީގައި ލެނގިލިއެވެ.
މިއަދު އަޝްފާގުއަށް އޭނާގެ އަސްލު ހާލު އިހުސާސް ވެއްޖެއެވެ. އަމިއްލައަށް ކުރެވުނު ކަމެއްގެ ސަބަބުން އަޝްފާގު މަގުމަތި ވެއްޖެ ކަމުގެ އިހުސާސް ވާންފެށިއެވެ. ލޯބިވާ މަންމަޔާ ބައްޕަ އަދި އާއިލާވެސް ގެއްލިއްޖެކަމުގެ އިހުސާސް އަޝްފާގުއަށް ވަމުންދިޔައެވެ. ސްކޫލު ދުވަސްވަރުން ފެށިގެން ފެށިގެން، ސްކޫލް ނިމެންދެން ގާތުގައި ތިބި އެކުވެރިން އަޝްފާގުއަށް ގެއްލުނީ ބަސްގަބޫލު ނުކުރުމުންކަން ވެސް އިހުސާސް ވެއްޖެއެވެ. މީގެ ކުރިން އަބަދުވެސް ފެންވަރާ ނަލަވެލައިގެން ހުންނަ އަޝްފާގުއަށް މިއަދު ހިތްހަމަ ޖެހިގެން ފެންވަރާލާނެ ފެންފޮދެއްވެސް ނުލިބޭ ހިސާބަށް ދިޔަކަމުގެ އިހުސާސާއެކު އަޝްފާގުއަށް ރޮވޭ ގޮތްވިއެވެ. އޭރުގެ އެ ހިތްގައިމު ހަނދާންތަކުން އަޝްފާގުގެ ދެލޯ ފެންކަޅި ވެގެން، ލޮލަށް ޖަމާވި ކަރުނަތައް އޮހިގަތެވެ. އަދި ގިސްލާ ރޯންފެށިއެވެ. މަސްތުގެ ޖަންގަލިން ބޭރަށް ނިކުންނަން އަޝްފާގު އިންތިހާއަށް ބޭނުންވެއެވެ. ނަމަވެސް މިހާރު އެކަމަށް މާ ބޮޑު ހިތްވަރެއް ކުރާނެ ހާލެއް އަޝްފާގުގެ ނެތްކަހަލައެވެ. އިހުގެ ހާލަށް ރުޖޫއަ ވުމަށް ކުރި ކޮންމެ މަސައްކަތަކަށްވެސް ހުރަސް އަޅަމުން ދިޔައީ މަސްތުގެ ވަބާއެވެ.
މެންދަމު އެކެއްވެސް ޖެހިފަހުން ސަކީލާއަށް ހޭލެވުނީ ބޭރު ދޮރުގައި ކޯޑް ޖަހާ ބެލްއަޅަން ފެށިއަޑަށެވެ. ” ކާކުތަ މިގަޑީގަ ބެލް މިއަޅަނީ ” ސަކީލާ ހިތާހިތުން ކިޔާލިއެވެ. ތަކުރާރުކޮށް ބެލް އަޅާ އަޑު އިވެމުން، ދިޔުމުން ސަކީލާ އެނދުން ތެދުވިއެވެ. އަދި ކޮޓަރިން ބޭރަށް ނިކުމެ ސިޓިންރޫމް ފާރުގައި ހުރި ގަޑިއަށް ބަލާލިއެވެ. ސަކީލާ ދޮރުގެ އެއްފަރާތުގައި ހަރުކޮށްފައި ހުރި ސްކްރީނާ ހަމައަށް ނުދެވެނީ ބެލްގެ އަޑު ކެޑުނެވެ. އެހެންކަމުން އަނެއްކާވެސް ކޮޓަރިއަށް ވަނުމަށް އެނބުރި ވަގުތު އަނެއްކާވެސް ބެލްގެ އަޑު އިވިގެން ދިޔައެވެ. ސަކީލާ ސްކްރީން ކައިރިއަށް ގޮސް ބަލާލިއިރު ދޮރުމަތީ ހުރި މީހެއްގެ ފުރަގަސް ސަކީލާއަށް ފެނުނެވެ. ޖެހިލުންވެހުރެ ސަކީލާ ބޭރު ދޮރު ހުޅުވާލުމަށް ސްކުރީނުން ދޮރު އަންލޮކް ކޮށްލިއެވެ.އަދި ޝައްކެއްގައި ހުރެ ސަކީލާ އައިސް ސޯފާގައި އިށީދެލިއެވެ. ” އަނެއްކާ ކާކުބާ އެއީ. މިގަނޑީގަ އައިސް ބެލް އަޅަން ” ސަކީލާ ސޯފާގައި އިދެ، ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް އަނެއްކާ ވެސް ބަލާލަމުން، ހިތާހިތުން ކިޔާލިއެވެ.
ސަކީލާ ސޯފާގައި އިންދާ ކުއްލިއަކަށް އެޕާޓްމަންޓްގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. އެ އަޑަށް ސަކީލާ ސިހިގެން ދިޔައެވެ. ސަކީލާ އެމީހަކު ގެއަށް ވަނުމަށް ބޭރު ދޮރު ހުޅުވިކަމުގައި ވިޔަސް، ގޭގެ ދޮރު ހުޅުވަން ސަކީލާ ޖެހިލުން ވިއެވެ. ބިރު ގަންނަގޮތްވިއެވެ. އޭރުވެސް ދޮރުގައި ޓަކި ޖަހަމުންދާ އަޑު އިވެމުން ދިޔައެވެ. ސަކީލާއަށް ދޮރު ހުޅުވަން ނުކެރުމުން އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ. ” ތައުފީގު… ތައުފީގު… ތެދުވެބެލަ. ކޮންމެވެސް މީހަކު ދޮރުގައި ޓަކި އެބަޖަހާ ” ސަކީލާގެ އަޑަށް ތައުފީގު ފުއްމައިގެން ތެދުވިއެވެ. ” ޓަކިޖަހަނީއޭ. ކާކު؟ ” ލޯ އުނގުޅަމުން ތައުފީގު ސަކީލާ ކުރެން އަހާލިއެވެ. ” ނޭންގެ. ހިނގާބަލަ ކާކުތޯ ބަލާލަން ” ބިރުން ހުރެ ސަކީލާ ބުނެލިއެވެ.
ތައުފީގު ކޮޓަރިން ނިކުމެގެން ސިޓިންރޫމަށް އައި އިރުވެސް މަޑުމަޑުން ޓަކި ޖަހަމުންދާ އަޑު އިވެމުން ދިޔައެވެ. ތައުފީގު އައިސް ދޮރުގައި ބޭރު ބޭލުމަށް ހާއްސަކޮށްފައި އިން ލޯވަޅުގައި، ލޯޖައްސާލާ ބޭރު ބަލާލިއެވެ. ތައުފީގަށް ފެނުނީ ބޭރު ހުރި މީހެއްގެ ފުރަގަހެވެ. އެހެން ކަމުން ތައުފީގު ދޮރު ހުޅުވާލިއެވެ. އަދި ކާކުތޯ ސުވާލުކޮށްލިއެވެ. ސަކީލާ ތައުފީގުގެ ފުރަގަހުގައި ހުއްޓެވެ. ތައުފީގުގެ އަޑަށް އަޝްފާގު ފަސްއެނބުރި ލިއެވެ. ” ކޮން ކުއްޖެއްތީ؟ މިގޭގަ ކީއްކުރަނީ ” ތައުފީގަށް ދެލޯ ފެންކަޅިވެފާ ހުރި އަޝްފާގު ފެނުމުން ސުވާލުކޮށްލެވުނެވެ. ” ޝު…ޝު…ޝުހާދު އެބައުޅޭތަ؟ ” އަޅައިގަންނަމުން އަޝްފާގު އަހާލިއެވެ. އެވަގުތު ތައުފީގަށް އެއީ އަޝްފާގުކަން ޔަގީންވިއެވެ. ” އާދޭ އެތެރެއަށް. ޝުހާދުއަށް ގޮވާލާނަން ” އަޝްފާގުކަން އެނގޭތީ، ގޭތެރެއަށް ވަނުމަށް ތައުފީގު ބުނެލިއެވެ. ” ނޫނޭ ބޭބޭ. ޝުހާދަށް ގޮވާލަ ދީފާނަންތަ؟ ” ގޭތެރެއަށް ވަނުމަށް އަޝްފާގު އިންކާރުކޮށް، ޝުހާދަށް ގޮވާލުމަށް އެނދުނެވެ. އަޝްފާގު ގޭތެރެއަށް ނުވަނުމުން ތައުފީގު ދޮރު ބޮޑަށް ހުޅުވާލާ، ގޭތެރޭގައި ހުރި ސަކީލާ ގާތުގައި ޝުހާދަށް ގޮވާލުމަށް ބުނެލުމުން ސަކީލާ ޝުހާދުގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ސަކީލާ ދިޔުމުން ތައުފީގު އަޝްފާގުއަށް ބަލާލިއެވެ. އަޝްފާގު ހުރީ އިސްދަށަށް ޖަހާލައިގެންނެވެ. ތައުފީގަށް އަޝްފާގުގެ ހަށިގަނޑުގައި އަޅަމުން ދިޔަ ތުރުތުރު ފާހަގަ ކުރެވުނެވެ. އަދި ހިތުގައި ޝައްކުތަކެއް އުފެދެން ފެށުނެއެވެ.
” ދަރިފުޅާ… ޝުހާދު ތެދުވަބަލަ. ކޮންމެވެސް ކުއްޖަކު އެބަހުރި ހޯދަން އައިސް ” ސަކީލާ ގޮވާލުމުން ފުއްމައިގެން ކަހަލަ ގޮތަކަށް ޝުހާދު ތެދުވިއެވެ. ” މިގަޑީގަ ކާކު؟ ” ޝުހާދު ސުވާލުކޮށްލިއެވެ. ” މަންމައަކަށް ނޭންގެ. ދަރިފުޅު ގޮސްބަލާބަލަ ” ސަކީލާ މިހެން ބުނެ ކޮޓަރިން ބޭރަށް ނިކުންނަށް ހިނގައިގަތެވެ. ” ދާން… ދާން… ތެދުވެބަލަ. މަންމަ އެބަ ކިޔާ ކޮންމެވެސް މީހަކު އައިސް ހުރިވާހަކަ ” ސަކީލާ ދިޔުމުން ޝުހާދު ވިދާންއަށް ގޮވާ ހޭލައްވާލިއެވެ. ” ކާކު އަނެއްކާ ” ވިދާން ތެދުވެ ޝުހާދުކުރެން އަހާލިއެވެ. ” ނޭންގެ. މަންމަ ވެސް ނުބުނޭ ކާކުކަމެއް ” އެނދުމަތީގައި އޮތް ޓީޝާޓް ނަގާ، ޓީޝާޓް ލުމަށް މަސައްކަތް ކުރަމުން ޝުހާދު ބުނެލިއެވެ.
” ކޮބާ ޝުހާދު ” ސަކީލާ އައުމުން ތައުފީގު އަހާލިއެވެ. ” އެބަ އާދޭ ” ސަކީލާ ބުނެލިއެވެ. އޭރުވެސް އަޝްފާގު އިސްދަށަށް ޖަހާލައިގެން ހުއްޓެވެ. ހީވަނީ މީހަކު އަދަބެއް ދީފަ ހުރި ހެންނެވެ. ” ކާކުތަ މަންމާ ” ކޮޓަރިން ބޭރަށް ނިކުމެ ޝުހާދު ސަކީލާ ކުރެން އަހާލިއެވެ. އެވަގުތު ޝުހާދުގެ އަޑަށް އަޝްފާގު އިސްއުފުލާ ބަލާލިއެވެ. ތައުފީގުވެސް ދޮރުކައިރީ ހުރިތަން ފެނުމުން ޝުހާދު ދޮރާދިމާއަށް ބަލާލިއެވެ. އަދި ދެލޯ ބޮޑުކޮށްލިއެވެ. ” އަޝްފާގު ” ކޮޓަރީ ދޮރުމަތީ ހުރި ވިދާންއަށް ފަސްއެނބުރި ބަލާލުމަށްފަހު ޝުހާދު ހައިރާންކަމާއެކު ބުނެލިއެވެ. ” ވަޓް ” ވިދާންއަށް ބުނެލެވުނެވެ. ޝުހާދު ދޮރާ ދިމާއަށް ހިނގައިގަތުމުން ފަހަތުން ވިދާން ވެސް ހިނގައިގަތެވެ. ދޮރު ކައިރިއަށް ގޮސް ޝުހާދު ތައުފީގަށް ބަލާލުމުން، ބޮލުގެ އިޝާރާތުން އަޝްފާގުއާ ވާހަކަ ދެއްކުމަށް ބުނެލިއެވެ. އަދި ތައުފީގު އެއްފަރާތަށް ޖެހިލިއެވެ. ” އަޝްފާގު. މިގަޑީގަ، މިގޭގަ… ” ދޮރުމައްޗަށް ހުއްޓި ޝުހާދު ސުވާލުން ފުރިގެންވާ ރާގެއްގައި ބުނެލިއެވެ. އެވަގުތު އަޝްފާގުގެ ލޮލަށް ޖަމާވެގެން ދިޔަ ކަރުނަތައް އޮހިގަތެވެ. ” ކިހިނެއްވީ ” ޝުހާދު ސުވާލުކޮށްލިއެވެ. ” ޝުހާދު. މިކަމުން އަހަރެން ސަލާމަތްކޮށްދީ… އާދޭސް ކޮށްފަ ބުނަން ” ލޮލުން ފައިބަމުން ދިޔަ ކަރުނަތައް، ތުރުތުރު އަޅަމުން ދިޔަ އަތުން އަޝްފާގު ފޮހެލިއެވެ. ” ތިވާހަކަ ފަހުން ވެސް ދެއްކި ދާނެ. ފުރަތަމަ ގޭތެރެއަށް އާދޭ ” ޝުހާދު އަޝްފާގުގެ އަތުގައި ހިފާ ގޭތެރެއަށް ވެއްދިއެވެ. އޭރު ސޯފާ ކައިރީގައި ވިދާންވެސް ބަލަން ހުއްޓެވެ.
” ބައްޕާ. މީ އަހަރެން ބުނި އަޝްފާގު އަކީ ” އަޝްފާގު ގެއަށް ވެއްދުމަށްފަހު ދޮރު ލައްޕާލާފަ ޝުހާދު ބުނެލިއެވެ. ” ދަރިފުޅު ކޮބާހޭ އެހި ހިސާބުން ބައްޕައަށް އެގިއްޖެ އަޝްފާގުކަން ” ތައުފީގު ބުނެލިއެވެ. ” ކިހިނެއްވީ މިގަޑިގަ ތިއައީ ” ޝުހާދު އަޝްފާގު ކުރެން އަނެއްކާވެސް އަހާލިއެވެ. ” މިކަމުން އަހަރެން ސަލާމަތްވާން ބޭނުން. އަހަރެންނަށް އެހީވެދީ ” ދެއަތް ޖޯޑުކޮށް އާދޭސްކުރާ ރާގެއްގައި އަޝްފާގު ބުނެލިއެވެ. ” ހަމަ އެކަނި ދިރި ހުރި މީހެއްގެ ގޮތުގަ، މިހާރު އުޅުމަކީ އުދަގޫކަމެއް. ޝުހާދުއާ ވިދާންހެން އަހަރެން ވެސް އުޅެން ބޭނުން. އަހަރެން މިކަމުން ސަލާމަތް ކޮށްދީ ” އަޝްފާގު ރޮމުން ވާހަކަ ދެއްކިއެވެ. ” ކީއްވެތަ ތި ތުރުތުރު އަޅަނީ. އަނެއްކާ…!!! ” އަޝްފާގު އަޅަމުން ދިޔަ ތުރުތުރު ފެނި ޝުހާދު އަހާލިއެވެ. ” އިއްޔެއިން ފެށިގެން ނުކައި މިއުޅެނީ ” އަޝްފާގު ބުނެލިއެވެ. އެވަގުތު އަޝްފާގުގެ ފޯން ރިންގުވާން ފެށުމުން ލާފަ ހުރި ދޫ ޖިންސުގެ ޖީބުން ފޯނުނެގިއެވެ. އެންމެ އާދައިގެ ފޯނެއް ކަމުން، ފޯނުގެ ޝްރީނުން ގުޅާފަހުރި ނަންބަރު ފެނުމުން އަޝްފާގު ފޯނު ކަނޑާލިއެވެ. ” ކާކު އެގުޅަނީ ” އަޝްފާގު ފޯން ކަނޑާލުމުން ޝުހާދު އަހާލިއެވެ. ” އޭގެން މީހެއް އެގުޅަނީ. އެކަމަކު ދެން އަހަރެންގެ ނެތް މިހާލުގަ އުޅޭނެ ހިތްވަރެއް ” އަޝްފާގު ފޯނު ޖީބަށްލަމުން ބުނެލިއެވެ. އަދި އަތުން ނޭފަތުގެ ތިރިންފެށިގެން މައްޗަށް ދަމާލިއެވެ.
” ބުނީމެއްނު އަހަރެން ބައްޕަޔާ މަންމަޔާ ވާހަކަ ދައްކާފަ، ޖަވާބެއް ދޭނަމޭ. އެއަށްވުރެއް ކުރިން އަންނަ ގޮތެއް ތިވީ ކީއްވެ ކަމެއް ނޭންގުން ” ޝުހާދު ބުނެލިއެވެ. ” ބަނޑުހައި ވެފާ ހުރިވަރުން އާދެވުނީ. ކުރިން ކައިގެން ބޮއިގެން އުޅުންހެން އުޅޭނެ ހިތްވަރެއް ނެތް. އެހެންވެ އާދެވުނީ. އެކަމަކު އަނެއްކާ ވެސް އެ މަސްތުގެ ދުނިޔެއަށް ކަންނޭންގެ ދާންޖެހޭނީ. މާފުކުރޭ… ދެން ދަނީ ” އަޝްފާގު މާފަށް އެދުމަށްފަހު، ތުރުތުރު އަޅާހާލު ގެއިން ނިކުންނަންވެގެން ދޮރާ ދިމާއަށް އެނބުރިލިއެވެ. އެވަގުތު ޝުހާދުއަށް ބަލާލެވުނީ ތައުފީގަށެވެ. ” މަޑުކުރޭ! ” ތައުފީގުގެ އަޑަށް އަޝްފާގު ކުރިއަށް ނެގި ފިޔަވަޅަށް ހުއްޓުން އެރިއެވެ. ” ބުނެބަލަ. އަޝްފާގުއަށް ޝުހާދާ ވިދާން އެހީ ވެއްޖެނަމަ ތިކަމުން އަބަދުގެ އަބަދަށް ސަލާމަތް ވާނަންތަ؟ ” ތައުފީގު ދެއަށް ފުރަގަހަށްލާ ހަމަ ޖެހިލަމުން ސުވާލުކޮށްލިއެވެ. ” އާނ… މިކަމުން ސަލާމަތްވެ، މިތިބަ ރަހުމަތްތެރިން ފަދައިން އުޅެން ބޭނުން ” އަޝްފާގު ފަސްއެނބުރި ތައުފީގަށް ބަލާލަމުން ބުނެލިއެވެ. ” ތިކަމުގަ އޮތީ ކޮން ޔަގީންކަމެއް ” ތައުފީގު ޝައްކުގެ ރާގެއްގައި ސުވާލުކޮށްލިއެވެ. އެވަގުތު ހައިރާން ކަމާއެކު ޝުހާދު ތައުފީގަށް ބަލާލިއެވެ. ” ބައްޕަ ކީއްވެގެންބާ އެހެން ސުވާލު އެކުރަނީ. އެއީ އަހަރެން ވާހަކަ ދެއްކި އިރު ބައްޕަގެ ހުރި ރާގެއްނޫން ” ހިތާހިތުން ޝުހާދު ކިޔާލިއެވެ. ” އެނގޭ ގަބޫލުކުރަން އުދަގޫވާނެކަން. އެކަމަކު މިކަމުން ސަލާމަތްވާން ބޭނުން. މީހަކު ކުށެއް ކުރާ ހާލަތުގަވެސް އެމީހަކަށް ރަނގަޅު ވުމަށް ފުރުސަތު ލިބޭ. އެގޮތަށް އަހަރެންނަށް ވެސް އެއްފުރުސަތުދީ. ޝުހާދުގެ އާއިލާ މާޔޫސް ވިޔަ ނުދޭނަން ” ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން އަޝްފާގު ބުނެލިއެވެ. ” އެންމެ ރަނގަޅު. މިއަދު އަޝްފާގު ބުނި ބަހަށް އިތުބާރުކޮށްފަ، ޝުހާދާ ވިދާންގެ ރައްޓެއްސެއްވީމާ، އަހަރުމެން އެންމެން އަޝްފާގުއަށް އެހީވާނަން. އެކަމަކު ދުވަހަކުވެސް ކުރަމުން ދިޔަ އިތުބާރަކީ އަގެއްނެތް އެއްޗަކަށް ނުހަދާތި. މިހެން މިބުނީ ގެއްލިއްޖެ އަނބުރަކީ ލިބޭނެއެއްޗެއް ނޫން. ހަމަ އެގޮތަށް ގެއްލުވާލައިފި އިތުބާރަކީ ފަހުން ކުރަން އުދަގޫ އެއްޗަކަށް ވާނެތީ ” ތައުފީގު ބުނެލިއެވެ. ” މިއަދު ވިސްނޭ މީ އަދި ދިރިއުޅުމެއް ނޫންކަން. އެކީގަ އުޅުން މީހުން އަހަރެންނަށް ކުރަނީ ނަފުރަތު. މުޅި އާއިލާ އަހަރެންދެކެ އިންތިހާއަށް އަންނަނީ ރުޅި. އެކަމަކު މި ރަހުމަތްތެރިންގެ ހިތްވަރުން މިއަދު މިކަމުން ސަލާމަތް ވުމަށް ހިތްވަރު ލިބިއްޖެ ” ޝުހާދާއި ވިދާންއާ ދިމާއަށް އަތް ދިއްކޮށްލަމުން ރޮވިފައިވާ ހާލު އަޝްފާގު ބުނެލިއެވެ. އޭރުވެސް އަޝްފާގު ބަޑުހައިވެގެން އަޅަމުން ދިޔަ ތުރުތުރަކަށް ބަދަލެއް ނާދެއެވެ.
(ނުނިމޭ)