ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ބާރަވަނަ ބައި)
“އެހެންވީމައި މަލް ލާފައި އަންނަމުން މިސްކިތަށް އަރައި ނަމާދުކޮށްގެން އާދޭ! ދެން ދޭ ލަސްނުކޮށް އޭނަ ލާން! އެކުއްޖާ އެއުޅެނީ އިޝް މެންނާއިއެކު ސްކޫލް ރީތިކުރަން ދިޔަގޮތަށް ނިންމާފައި ސީދާ މިގެއަށް އައިސްކަން މަންމައަށް އިނގޭ!” އަލީޒާ އަލްޔާންއަށް ބުނެލިއެވެ. އެއާއިއެކު ބޯޖަހާލާފައި ދެމީހުން އެކީގައި ނުކުމެގެން ދިޔައެވެ.
******************************
“މަންމާ! ކޮބާތަ އާން؟” ބޮލުގައި ތުވާލި އޮޅައިގެން ހުރެ ކޮޓަރިން ނުކުމެގެން އައި އިޝްރާ، މުޅި ގޭތެރެ ބެލިއިރުވެސް އަލްޔާން ނުފެނުމުން ބަދިގެއަށް ވަދެ އަލީޒާ ކުރެން އަހާލިއެވެ.
“މަލް ލާން ދިޔަ ގޮތަށް އަދި ނާދެ. އޭރުވެސް ނަމާދު ނުކޮށް ހުރީމައި މަންމަ ބުނީ މަލް ލާފައި އަންނަމުން މިސްކިތަށް ވަދެފައި އަންނާށޭ، އެހެންވެގެން ކަންނޭނގެ އެ ލަސްވަނީ. އެކަމަކު މިހާރު އަންނަން ކަންނޭނގެ އުޅޭނީ. ދަރިފުޅު ނަމާދުކޮށްފިންތަ؟” އިޝްރާގެ ސުވާލަށް ޖަވާބުދިނުމަށްފަހު އަލީޒާ އަހާލިއެވެ.
“އިޝް ޗުއްޓީ!” ހަމަޖެހިލާފައި ހުރެ ބޮލުން ފެންހިއްކަމުން އިޝްރާ ބުނެލިއެވެ.
“މަންމަ ބުނިން ދޯ ޗުއްޓީގެ ފުރަތަމަ ދުވަހު ނުދައްޗޭ! އިޝްއަށް އެނގޭ ދޯ ކުއްލިއަކަށް ހުރެފައި އިޝްއަށް ވާ ވަރު؟” ހިތްހަމަނުޖެހިފައި ހުރެ އަލީޒާ ބުނެލިއެވެ.
“އިޝްވެސް ނުދާނެ ދޯ މަންމަ އެހެން ބުނެފައި އޮއްވާ އެކަން އެނގި ހުރެއެއް! ސްކޫލްގެ މަސައްކަތްތައް ނިންމާފައި ގެއަށްވެސް އައި ފަހުން އެނގުނީ. ދެން އޭގައި އިޝްގެ މައްސަލައެއް ނެތެއްނު؟” ހަމަޖެހިލާފައި ހުރެ އިޝްރާ ޖަވާބުދިނެވެ.
“މަންމާ! ވަރަށް ބަނޑުހައި!” ބަދިގެއާއި އެކުވެގެން ހަދާފައި ހުރި ކާގޭގެ ދޮރު ހުޅުވާލަމުން އަލްޔާން އައިގޮތަށް އައިސް މޭޒުކައިރީ އޭނާއަށް ޚާއްސަކުރެވިފައިވާ ގޮނޑީގައި އިށީންނަމުން ބުނެލިއެވެ.
“ބަނޑުހަޔަކަސް ކާކަށް ނުލިބޭނޭ! ދޭ ގޮސް ދޮންތަމެންނަށް ގޮވަން! ގޮވާފައި އަތްދޮވެގެން އައިސް އިށީނީމައި ކާން ލިބޭނީ. އިޝްވެސް ދެން ދޭ ތި ތުވާލި ހިއްކަން އަޅާފައި އަތްދޮވެގެން އައިސް ކާން އިށީންނަން!” އަލީޒާ ބުނެލުމާއިއެކީ ދެމީހުން އެކީގައި ކާގެއިން ނުކުންނަން ހިނގައިގަތެވެ.
އެންމެން އައިސް ހަމަވުމުން ކައިގެން އަލްޔާން ކޮޓަރިއަށް ދިޔައީ ފިލްމެއް ބަލާށޭ ކިޔާފައެވެ. އެއާއިއެކު އިޝްރާވެސް ބަދިގެތެރޭގެ ކަންތައްތަކުގައި އަލީޒާއަށް އެހީތެރިވެލަދިނުމަށްފަހު އެނބުރި އޭނާގެ ކޮޓަރިއަށް ދިޔައީ މިއަދު ނެރެން ހަމަޖެހިފައިވާ ވާހަކަތައް ކިޔުމަށެވެ. އެއްފަހަރާ 4 ނުވަތަ 5 ސީރީޒް ކިޔަމުން އަންނައިރު އެއިން ކޮންމެ އެއްޗެއްގައި ވާނުވާ އެކުއްޖާގެ ހަނދާނުގައި އެހާ ރަނގަޅަށް ހުންނަނީ ކިހިނެއް ބާއޭ އަލީޒާގެ ހިތަށް އެރިއެވެ. އެހެނަސް އެކުއްޖަކު ކުރާހިތްވާ ކަމެއް ކުރުމުގައި އެކުއްޖަކަށް މާބޮޑު ދަތިކަމެއް ނުހުންނާނެކަން އެއީ އަލީޒާ އަބަދުވެސް ޤަބޫލުކުރަމުން އައި ކަމެކެވެ.
ފިލްމަށް ގޮސް ގެއްލި ހުސްވެފައި އިން އަލްޔާންއަށް ކުއްލި ސިހުމެއް ލިބުނީ ކައިރީގައި ބާއްވާލާފައި އޮތް ފޯނުން ކުއްލިއަކަށް ބަންގި ގޮވަން ފެށުމުންނެވެ. އެއާއިއެކު ފޯނު ނަގައި ބަންގި ނިއްވާލުމަށްފަހު ބަލަން އިން ފިލްމު ‘ޕޯސް’ ކޮށްލާފައި ލެޕްޓޮޕް ލައްޕާލުމަށްފަހު ގޮސް ފާޚާނާއަށް ވަދެ ވުޟޫކޮށްލައިގެން ނިކުތީ މިސްކިތަށް ދިއުމަށެވެ. އޭރު އިޝްރާ ސިޓިންރޫމުގައި އިޒްޔާން ގޮވައިގެން ނުކުމެ އުޅެއެވެ. އެހެނަސް ޖަމާއަތުގައި ލައްވާނުލައިފާނެތީ އަލްޔާން އަވަހަށް ނުކުމެގެން ދިޔައެވެ. އޭރު އިޝްރާ “ނަމާދުކޮށް ނިންމައިގެން ތާކު މަޑުނުވެ ސީދާ ގެއަށް އަންނާށޭ” ކިޔައި ގޮވާލި އަޑު އިވުނެވެ. އެއާއިއެކު އަލްޔާންވެސް ހަމަ އެހާ ބާރަށް “އާއެކޭ” ގޮވައިލުމަށްފަހު ނުކުމެގެން ދިޔައެވެ.
އަލްޔާން ނުކުމެގެން ދިއުމުން އިޒްޔާން ގޮވައިގެން އިޝްރާ ނިކުތީ ގޭގެ ބިއްދޮށު ފަރާތަށެވެ. ހަވީރުވެލާފައި ވުމުން އެފަރާތް އެއްކޮށް ވަނީ ހިޔާއެޅިފައެވެ. އިޝްރާ، އިޒްޔާން ކުޅެން ޚާއްސަކޮށްފައިވާ ސަރަޙައްދަށް ދޫކޮށްލުމުން މަޑު ފިޔަވަޅުގައި އިޒްޔާން ގޮސް އޭނާގެ އަމިއްލަ ދުނިޔެއަށް ގެއްލުނެވެ. އެއާއެކު އިޝްރާވެސް ގޮސް އެއްފަރާތުގައި ހައްދާފައިވާ ބޮޑު ޖަނބުރޯލު ގަހުގައި އެލުވާފައިވާ އުނދޯއްޔަށް ހަށިގަނޑު ދޫކޮށްލިއެވެ. އަދި އިޒްޔާން އޭނާގެ އަމިއްލަ ދުނިޔޭގައި ޖަހަމުންދިޔަ ސަކަރާތްތަކަށް ބަލަމުން ދިޔައިރު އިޝްރާގެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ވިއެވެ.
“އޭ! ކޮން ޖިންނިއެއްގެ ޚިޔާލުގައި؟” އިޝްރާ އެހެން އޮންނަތާ އިރުގަނޑެއް ފަހުން ކުއްލިއަކަށް މީހަކު އައިސް މޫނުމަތީ ފުއްޓަތްކެއް ޖަހާލަމުން ބުނެލި ގޮތުން އިޝްރާ ސިހުނެވެ. ނުވިސްނައި އޮއްވާ ކުއްލިއަކަށް މީހަކު އައިސް އެހެން ހެދުމުން ވާނީވެސް އެހެން ނޫންހެއްޔެވެ؟ މީހާ ހަމައަކަށް އެޅިލައި، ގާތުގައި ހުރީ ކާކުތޯ ބަލައިލިއިރު އުނދޯލީގެ ވާގަނޑުގައި ހިފަހައްޓައިގެން އަލްޔާން ހުއްޓެވެ.
“ޔާން ގޮވައިގެން އާދޭ އެތެރެއަށް! ސައިބޮއެގެން މަތި ރެޑީކޮށްލަން ދާންވީ ލޫންމެން އަންނަން ވާއިރަށް!” އުނދޯލިން ތެދުވެގެން ދަމުން އިޝްރާ ބުނެލިއެވެ. އެއާއިއެކު އަލްޔާންވެސް އިޒްޔާން އުރާލައިގެން އިޝްރާ ފަހަތުން ގޭތެރެއަށް ވަނެވެ.
“ކޮބާ؟ ކޮންތާކުން އޭނަ ހޯދައިގެން ތި އައީ؟” އަލްޔާންއާއި އެކީ އައި އިޝްރާ ފެނިފައި ސޯފާގައި ރިމޯޓު އަތަށް ލައިގެން އިން އިޒާން އަހައިލިއެވެ.
“ބިއްދޮށުފަރާތުގައި ކޮންމެވެސް އާޝިޤެއްގެ ޚިޔާލުގައި ކަންނޭނގެ! އާން ދިޔައިރު ޔާންއާއި ދިމާލަށް ބަލަހައްޓައިގެން އިނދެ އެކަނި މާއެކަނި ހަމަ ހެނީ. ކޮންމެވެސް މީހެއްގެ ހަނދާން ވެގެން ދޯ އެވަރަށް ހެވިފައި އިންނާނީ!” އިޝްރާއާއި ދިމާކޮށްލާނަމޭ ހިތައި އިޒާންގެ އަތަށް އިޒްޔާން ދެމުން އަލްޔާން ބުނެލިއެވެ. އެހިނދު ފަހަތުން ފިޔަވަޅުތަކެއްގެ އަޑު އިވުމުން އަލްޔާން ވަގުތުން ސޯފާގެ އަނެއް ފަރާތަށް ދުއްވައިގަތެވެ. އޭނާއަށް ބަލައިލެވުނު އިރު އިޝްރާ ސޯފާގެ އަނެއް ފަރާތުގައި ހުއްޓެވެ.
“އަދި އެއްފަހަރު ބުނެބަލަ!” އަލްޔާންއާއި ދިމާލަށް ބަލަން ހުރެފައި އިޝްރާ ބުނެލިއެވެ. އަދި ހަމަ އެހާ އަވަހަށް އަލްޔާން އަތުލައިގަންނަން ސޯފާގެ އަނެއް ފަރާތަށް ދުއްވައިގަތެވެ. އެެހެނަސް އެވަރު ވިސްނައިގެން ހުރި އަލްޔާން، އިޝްރާއަށް އަތުވުމުގެ ކުރިން އަލުން އޭނާ ހުރި ފަރާތް ނޫން އަނެއް ފަރާތަށް ދުއްވައިގަތެވެ.
“އާންއަށް ހީވާ އެއްޗެއް އާން މި ބުނީ! އޭގައި ކޮބާ މައްސަލައެއް؟ އެހެން ނޫނަސް އެހެން މީހަކަށް ފެނުނު ނަމަވެސް ހަމަ މިހެން ކަންނޭނގެ ބުނާނީ.” އިޝްރާއަށް އަތުނުވާން ސޯފާގެ ވަށައިގެން ދުވަމުން އަލްޔާން ބުނެލިއެވެ.
“މަންމާ! މިގޭ ޓޮމް އެންޑް ޖެރީގެ ކުޅިވަރު ފެށިއްޖެ!” އަލްޔާންއާއި އިޝްރާ މައިތިރިނުވެ ސޯފާ ވަށާ އެކަކު އަނެކަކު ފަހަމުން ދުވާ ވަރުން ކެތްނުވެގެން އިޒާން އަޑުގެ ކޮޅަށް ގޮވާލިއެވެ. އޭރު އަލްޔާންއާއި އިޝްރާގެ ކުޅިވަރު މަޖާވެގެން ހެވިފައި އަތްތިލަބަޑި ޖަހަން އިޒްޔާން އިނެވެ.
“އިޝްރާ! ދެން މިރޭ ރޮމުން ރޮމުން ނާންނާތި އިނގޭ ބަނޑުގައި ރިއްސަނީއޭ ކިޔާފައި! އިޝްރާއަށް އިނގޭ ދޯ އިޝްރާ ތި ހުރި ހާލު. އެހެންވީމައި ދެން އެންމެ ދުވަހަކަށްވެސް ތި ސަކަރާތްގަނޑު މައިތިރިކޮށްލަބަލަ!” ހަރުކަށިކޮށް ބުނަން ބޭނުން ނުވި ނަމަވެސް އެގޮތަށް ބުނަން އަލީޒާއަށް މަޖުބޫރުވީ އިޝްރާގެ ޙާލަތަށްވެސް ވިސްނާފައެވެ. އެގޮތަށް ބުނުމުން އިޝްރާ ދެރަވާނެކަން އެނގުނު ނަމަވެސް އަލީޒާއަށް އިތުރު ގޮތެއް ނުވިސްނުނީއެވެ.
އަލީޒާގެ އަޑަށް އިޝްރާއާއި އަލްޔާންއާއި ދެމީހުންވެސް ވަގުތުން މައިތިރިވިއެވެ. މަންމަ ބުނި ގޮތުން އިޝްރާގެ ހިތުގައި ޖެހުނު ނަމަވެސް އެ ބުނީ ރަނގަޅު ވާހަކައެއްކަން އޭނާއަށް އެނގެއެވެ. އޭނާގެ ހުންނަ ހިފިނުހުރެވޭ މިޒާޖުގެ ސަބަބުން އޭނާއަށް މިހާރުވެސް އަންނަނީ އަމިއްލަ މީހާއަށް ވެދާނެ ގެއްލުމަކަށް ނުބަލައި ބައެއް ކަންތައް ކުރެވެމުންނެވެ. މިއަދުވެސް އަލްޔާން އެހެން ބުންޏަސް އެއީކީ އަލްޔާން މާނަކޮށްފައި ބުނި އެއްޗެއް ނޫންކަން އޭނާއަށް ހަމަ ރަނގަޅަށް އެނގެއެވެ. އެހެނަސް ކަށީގައި ހިފާފައި ހުރި އާދައިގެ ސަބަބުން އަލްޔާން އެހެން އެއްޗެކޭ ބުނުމުން އޭނާއަށް އުނދަގުލެއް ކޮށްނުކޮށްލާ ހިތްހަމަ ނުޖެހުނީއެވެ.
މަންމަގެ ވާހަކަތަކުގައި ނުސީދާކޮށް ބުނި އެއްޗެއްގެ މާނަ އަލްޔާންއަށް ވަރަށް ރަނގަޅަށް ދޭހަވިއެވެ. އެއާއިއެކު ނޭނގުމެއްގައި ހުރެ ކަމަށް ވިޔަސް، އިޝްރާ އެގޮތަށް ކަންތައް ކުރާނެކަން އެނގިހުރެ އިޝްރާއަށް ޖެއްސުމަށް އެހެން ބުނެވުނީތީ އަލްޔާން ދެރަވިއެވެ. މިދުވަސްކޮޅު އިޝްރާގެ މޫޑަށް ބަދަލު އަންނަ މިންވަރާއި، އެހެން ދުވަސްތަކާއި ބަލާފައި އިޝްރާގެ ހަށިގަނޑު ބަލިކަށިވާ މިންވަރަކީ އެހެން މީހަކު ބުނެނުދިން ކަަމުގައި ވިޔަސް، އަލްޔާންއަށް އެނގޭ ކަމެކެވެ. އަދި ހަމަ އެއާއިއެކު ކުޑަ އިރުކޮޅެއްގެ ތެރޭގައި ލުބްނާއާއި ލިބާންވެސް ފަރިތަކުރުންތަކަށް އަންނާނެތީ، އެހާ ތަނަށް ވާން ވާއިރަށް އިޝްރާގެ މޫޑު ރަނގަޅުކުރަން ކުރާނެ ކަމަކާއިމެދު އަލްޔާން ވިސްނާލިއެވެ.
ތަނަށް ވެރިވި ހަމަހިމޭންކަމާއިއެކީ އެތާ ހުންނަން އުނދަގޫވުމުން އެންމެންގެ ގާތުގައި ސައިބޯން އަންނަން ބުނެފައި އަލީޒާ އެނބުރި ބަދިގެއަށް ދިޔައެވެ. އެއާއިއެކު އިޒްޔާން ގޮވައިގެން އިޒާން ބަދިގެއަށް ހިނގައިގަންނަމުން އަލްޔާންއަށް ލޮލުން އިޝާރާތް ކޮއްލީ އިޝްރާ ގޮވައިގެން އައުމަށް ބުނުމަށެވެ. އިޒާންގެ އިޝާާރާތް ފާހަގަވެ، އެންމެ ރަނގަޅުކަމަށް އަލްޔާން އިޝާރާތް ކޮއްލީ އިޝްރާއަށް ފާހަގަނުވާނެ ހެންނެވެ.
“އިޝް! ހިނގާ ސައިބޯން! ސައިބޮއެގެން މަތި ރެޑީ ކޮއްލަން ޖެހޭނެއެއްނު އަދި؟ އިރުކޮޅަކުން ލޫންމެން އަންނާނެ! އަވަސްކޮށްލީމައި އަވަސް ވާނީ!” އިޝްރާގެ ކޮނޑުމަތީގައި އަތް ބާއްވާލަމުން އަލްޔާން އެހެން ބުނެލުމާއިއެކީ އިޝްރާ ސިޓިންރޫމުގައި ހުރި ގަޑިއަށް ބަލާލިއެވެ. އަދި އެއަށްފަހު “މިހާރުވެސް ވަރަށް ލަސްވެއްޖެ”އޭ ކިޔާފައި ކާގެއާއި ދިމާލަށް ހިނގައިގަތެވެ.
ގޮނޑިއެއް ދަަމާލަމުން އިޝްރާ މޭޒުކައިރީ އިށީނދެ ހަމަޖެހިލީ އަވަހަށް ސައިބޮއެލައިގެން ލުބްނާމެން އަންނަންވާއިރަށް ތަން ތައްޔާރުކޮށްލާ ހަމަޖެހިލުމުގެ ބޭނުމުގައެވެ. ގަޑިން 15:30 ވެފައި ވުމުން އަވަސް ކޮށްލައި ސައިބޮއެ ނިންމައި ތަށިދޮވެލައިގެން ދަމުން އިޝްރާ އަލްޔާން ކުރެން އެދުނީ ސައިބޮއެލައިގެން ވީ އެންމެ އަވަހަކަށް ތަން ތައްޔާރުކޮށްލުމަށް މައްޗަށް އައިސްދިނުމަށެވެ. އެއަށްފަހު ކާމޭޒު ކައިރީގައި ތިބި އެންމެނަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ދުވެލާފައި ސިޑިން މައްޗަށް އަރައިގެން ދިޔައެވެ. އެތަން ބަލަން ކާމޭޒު ކައިރީގައި ތިބި އެންމެން ހިނިތުންވެލައިގެން ތިބީ އިޝްރާ އެ ކުރަމުންދާ ހިތްވަރަށް ހިތާހިތުން ފަޚުރުވެރިވާ ޙާލުގައެވެ.
15 ވަރަކަށް މިނެޓު ފަހުން އަލްޔާން މައްޗަށް އެރި އިރު އޭނާގެ އަތުގައި ކޮތަޅެއް އޮތްތަން ފެނުމުން އިޝްރާ ނިތް އަރުވައިލީ ތިއީ ކޯއްޗެއްހޭ ބުނާ ފަދައަކުންނެވެ. އެއާއިއެކު އަލްޔާން އެ ހިފައިގެން ގޮސް އިޝްރާގެ ކުރިމަތީގައި ހުއްޓި އޭނާއަށް ދިއްކޮށްލިއެވެ. އެއާއިއެކު ވާނުވާ ނޭނގިފައި ހުރެ އިޝްރާ އޭގައި ހިފުމުން އަލްޔާން ޖީބަށް އަތް ޖަހާލިއެވެ.
“އައި ނޯ ދިސް ހެލްޕްސް ޔޫ އަ ލޮޓް ވިތް ޔުއަރ މޫޑް ދީސް ޑޭޒް! ސޯ އައި ބޯޓް ސަމް ފޯރ ޔޫ!” އަލްޔާން އެހެން ބުނެލުމާއިއެކީ އިޝްރާ ކޮތަޅު ތެރެ ބަލާލިއެވެ. އޭގައި ހުރީ އޭނާއަށް އެންމެ ކަމުދާ ސްޓްރޯބެރީ އައިސްކްރީމް ތައްޓެއްގެ އިތުރުން 3 ވައިޓް އަދި 2 މިލްކް ޗޮކްލެޓެވެ.
*******(ނުނިމޭ)*******
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.

aww 😍.. vv reethi mi part vs maasha Allah ❤️.. unmeedhu kuran next part vs avahah kiyaalan libeyne kamah 😊
well done
keep it up
Vrh reethi mi part vx Maasha Allah❤️
When is next part??