Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބީވީމާ 3

Naira Level 1
December 7, 2023 8 Mins Read
2 Comments

”ވިޝް ޔޫ އޯލް ދަ ބެސްޓް… ޔުނާ…” ވައިބަރއިން ރަސާން ފޮނުވާފައި އިން މެސެޖް ފެނުމާއިއެކުވެސް އަހަރެންގެ ލޮލަށް ކަރުނަތައް ބޮޑިވެގަތެވެ. ރަސާންއަކީ ކޮންކަހަލަ އިންސާނެއް ހެއްޔެވެ؟ އެއްވެސް އިންސާނަކު އޭނަގެ އަމިއްލަ ހިތުގެ އެދުން ތައް ފަހަތަށްލުމަށްފަހު އަނެކާގެ އުފާތަކަށް އިސްކަންދޭވަަރަށް މީހަކުދެކެ ލޯބިވެދާނޭ ހެއްޔެވެ؟ އަހަރެންގެ އިންތިޒާރުގައި ރަސާން ހޭދަކުރި ހަތަރު އަހަރަކީ ގައިމުވެސް ކުރު މުއްދަތެއް ނޫނެވެ. އެހާ ދިގު އިންތިޒާރަކަށްފަހު އަހަރެންގެ އުފަލަށް ޓަކައި އަހަރެން ދިޔަދޭން ވެސް ރަސާން އެ ހުރީ ތައްޔާރަށެވެ. އެ މިންވަރަށް އަހަރެންދެކެ އެއްވެސް މީހަކު ލޯބިވެދާނެ ހެއްޔެވެ؟

ތެމިފައި ހުރި އަންނައުނުތައް ގެންގޮސް ހިއްކަން މެޝިނަށް އަޅާލުމަށްފަހު އަަހަރެން އައިސް ވަނީ ބިއްލޫރިގަނޑަކުން ލިވިންރޫމްއާއި ވަކިކޮށްލެވިފައިވާ ކާބަޔަށެވެ. އެބައިގެ ކައުންޓަރުމަތީގައި އިން ކޮފީ މެޝިންއަށް ކެޕްސޫލް ލައްވާލުމަށްފަހު ބިއްލޫރި ޕޮޓަށް ކޮފީ އެޅެންދެން އަހަންނަށް ހުރެވުނީ ކައުންޓަރަށް ލެގިލައިގެން ހިޔާލެއްގައެވެ. ރަސާންއާއި ވާހަކަ ދެކެވުނު ވަގުތަށް ފަހު ނޭނގޭފަދަ ހިމޭންކަމެއް އަހަރެންގެ ނަފްސަށް ވެރިވެފައިވާކަހަލައެވެ. ބޭނުންނުވިޔަސް އަހަންނަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައެވެ. އަހަންނަށް އިޙުސާސްކުރެވުނީ އެތައްދުވަހެއްފަހުން ޒިހާންއާއި ބައްދަލުވުމުން އުފާވުމަށްވުރެ ބޮޑަށް އަހަރެންގެ ހިތް ނުތަނަވަސްވަމުންދިޔަކަމެވެ. ހަޔާތުގެ ސަފްހާތައް ފަހަތަށް އުކެމުންދިޔަވަރަަކަށް އަހަރެންގެ ހިތަށް އުނދަގޫވަމުންދިޔަކަމެވެ.

ބެޗެލާރސްގެ ތިންވަނަ ސެމިސްޓަރގައި އަހަރެމެން ކިޔަވަމުންދިޔަ ދުވަސްކޮޅެވެ. އެފަހަރުގެ އިމްތިހާނުތަކުން ރަނގަޅު ނަތީޖާއެއް ހޯދިޔަސް ހަތަރު ވަނަ ސެމިސްޓަރގައި ބައިވެރިވުމުގެ ނަސީބެއް އަހަންނަކަށް ނުލިބުނެވެ. އޭރު އަހަރެންގެ ބަލި ހާލަތު ހުރިގޮތުން ސެމިސްޓަރގެ ބޮޑުބައެއްގައި އަހަރެން އުޅެން ޖެހުނީ ރާއްޖެއިން ބޭރުގައެވެ. އުފެދުމުގައިވެސް އަހަންނަކީ ހިތުގެ އުނިކަމެއް ހުރި ކުއްޖެކެވެ. ކުޑައިރުއްސުރެ ހިތުގެ ލޭނާރުން ހިތަށް ލޭ ފޮނުވުމުގައި މައްސަލައެއް އުޅޭތީވެ އުމުރުގެ ވަކި ހިސާބަކުން އޮޕަރޭޝަން އަކަށް ދާންޖެހިދާނެކަން އަހަންނަށް އޮތީ އިނގިފައެވެ. އަހަރެންގެ އޮޕަރޭޝަންގެ ހުރިހާކަމެއް ހަމަޖެހިގެން ދިޔައީ ތިންވަނަ ސެމިސްޓަރ ނިމިގެން ދިޔަތަނާހެންނެެވެ. ރާއްޖެއިން ބޭރުގައި އޮޕަރޭޝަން ކުރުމަށްފަހު މުޅީން ރަނގަޅުވެގެން އައިސް ހަމަސް ދުވަސް އަހަރެން ހޭދަކުރީ ކިޔެވުމާއި ދުރުގައި އަމިއްލަ ރަށުގައެވެ. އެއަހަރުގެ ދެވަނަ ސެމިސްޓަރ ފެށިގެން ދިޔުމާއިއެކު އަހަރެން ކިޔެވުމުގެ ބާކީބައި ފުރިހަމަކުރަން ފެށިއިރު ކިޔަވަން ޖެހުނީ އެހެން ކުދިން ތަކަކާއި އެކީގައެވެ. އޭރު ޒިހާންމެން ތިބީ އަހަންނަށް ވުރެ އެއް ސެމިސްޓަރ ކުރީގައެވެ. އެކުގައި އުޅުނު ކުލާސް ކުދީން ބަަދަލުވުމުން ފުރަތަމަކޮޅު އަހަންނަށް ވަރަށް އުނދަގޫވިއެވެ. ކްލާސްތައް ބެހިފައި އޮންނަގޮތުން އަހަންނާއި ޒިހާންވެސް މަދު ފަހަރަކު ނޫނީ ޔުނިވަރސިޓީ ތެރެއިން ދިމާނުވެއެވެ. އެގޮތަަށް ދިމާވާ ފަހަރަކުވެސް އަހަރެމެންނަށް މާ ގިނަ ވާހަކަ ދައްކާކަށް ފުރުސަތެއް ނުލިބެއެވެ. ފަހުން ފަހުން އައިސް ޒިހާން ގިނައިން ފެންނަން ފެށީވެސް އޭނަގެ އެކުވެރިންނާއި އެކީގައެވެ. ނާޔާ އާއި އަހަންނާއި ދެމެދު ގާތް އެކުވެރިކަމެއް އުފެދިގެންދިޔައީ އެ ދުވަސްކޮޅެވެ. ޒިހާންގެ ދުރުކަމުން އަހަންނަށް ލިބެމުންދިޔަ އެކަނިވެެރިކަން ފިލުވާލަދިނީ ނާޔާއެވެ.

ތަބަކުގައި ބިއްލޫރި ކޮފީ ޖަގާއި ޖޯޑުތައް އަތުރައިގެން އަހަރެން ލިވިންރޫމްއަށް ނިކުމެގެން އައިރު ޒިހާން ހުރީ ލިވިން ރޫމްއިން ނިކުމެވެން އިންނަ ބެލްކަނީގައެވެ. އޭރު ވިއްސާރަ ހުއްޓާލާފައި އޮތަސް ފަޒާގައި ވީ ތެތްފިނިކަމެވެ. އިމާރާތްތަކުގެ އަލިތައް ފަނޑުވެ މަގުތައްވެސް ފަޅުވެފައިވެއެވެ. ދުރުދުރަށް ދާންދެން ފެތުރިފައިވާ މާކަނޑުވެސް ފެންނަން އޮތީ އަނދިރިގަނޑެއް ހެންނެވެ. ހުޅުމާލެ އާއި ހަމަޔަށް ދެމިފައިވާ ސިނަމާލެ ބްރިޖްގެ އަލިތައް ދުރުދުރުން ފެންނަގޮތް ނުހަނު ހިތްގައިމެވެ. ރެއިލިންގައި އަތްއަޅުވާލައިގެން ބޭރު ބަލަން ހުރެފައި އަހަރެންގެ ފިޔަވަޅުތަކުގެ އަޑަށް ޒިހާން ފަސްއެނބުރި ބަލާލިއެވެ.

“މީ ހަޒްބެންޑްގެ އެއްޗެހިތަ؟ އަހަރެންވެސް ކޮންމެވެސް ވަަރަކަށް ދަންނަން ރިހިވިލް އާއިލާ..” އަހަރެން ފެނުމާއިއެކު ލައިގެން ހުރި ޓީޝާޓަށް އިޝާރާތްކުރިގޮތަށް ޒިހާން ސުވާލުކުރިއެވެ.

”އަހަރެން މެރީއެއްނުކުރަން…” ޒިހާންގެ ސުވާލަށް އަހަރެން ޖަވާބުދިންއިރު ހައިރާންކަމުން ފުރިގެންވީ އެ ނަޒަރު އަހަރެންގެ މޫނަށް ހުއްޓުނެވެ. ހަޔާތުން ހަތަރު އަހަރު ފާއިތުވެގެންދިޔައިރު އަހަރެން ކައިވެންޏެއް ނުކޮށް ހުންނާނެކަމަށް ޒިހާން ހީނުކުރާ ކަހަލައެވެ. ސުވާލުނުކުރިޔަސް ޒިހާންގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދޭނެކަން އަހަންނަށް އިނގެއެވެ. އެކަމަކު އެ ސުުވާލުތަކަށް ޖަވާބު ދިނުމަކީ މުހިންމުކަމަކަށް އަހަރެން ނުހަދަމެވެ. އެކަމާއި ބެހޭގޮތުން އިނގުމުގެ އެއްވެސް ހައްޤެއް ޒިހާންއަކަށް މިއަދަކު ނޯންނާނެ އެވެ. ޒިހާންވެސް އިތުރަށް އެކަމާއި ގުޅިގެން ސުވާލުނުކުރީ އަމިއްލައަށްވެސް އެކަން ޤަބޫލު ކުރެވޭތީ ކަންނޭނގެއެވެ.

“މިގޭ ބޭބެއަކީ ބައްޕަގެ ވަރަށް ގާތް އެކުވެރިއެއް… އަހަރެން މެލޭގައި ހުންނަނީ އެ މީހުންގެ އެޕާރޓްމެންޓްއެއްގަ… މިރޭގެ މީޓިން އަށް މިކޮޅަށް މިއައީ… މާދަން ފުރަން…” ޒިހާންއާއި ވާހަކަދައްކަމުން އައިސް ބެލްކަނީގެ ކުޑަމޭޒުމަތީގައި ތަބަށް ބެހެއްޓުމަށްފަހު ކޮފީ ޖޯޑު ހިފައިގެން އަހަރެން އުނދޯލީގައި އިށީނުމުން ޒިހާންވެސް އައިސް އަހަރެންގެ ކައިރީގައި މަޑުކޮށްލިއިރު އެ ތޫނު ނަަޒަރު އަަހަރެންގެ މޫނަށް ހުއްޓިފައިވެއެވެ. އަހަރުތަކެއްގެ ބައްދަލުވުމަށްފަހު އަހަރެންގެ ފަރާތުން އެތައްކަމެއް އޮޅުންފިލުވަން ޒިހާން ބޭނުންވާކަހަލައެވެ.

“އިނގޭތަ؟ މާސްޓާރސްގެ ފުރަތަަމަ ކުލާސް އޮތް ދުވަހު ޔުނާ ވަރަށް ހޯދިން… ބެޗްލާރސް ފެށީއްސުރެވެސް މާސްޓާރސްއާއި ހަމަޔަށް ނިންމަން އެންމެ ފޯރިހުރި އެކަކު ތީ… ނާޔާމެންވެސް ކުލާހުގައި ތިބީމަ ޔުނާވެސް އަންނާނެކަމަށް ހީކުރީ… ނާޔާގެ ފަރާތުން އިނގުނީ ސްކޯލާރޝިޕް ލިބިގެން މެލޭޝިޔާއަށް ބަދަލުވިކަން…. ޔުނާ ނުވެސް ބުނަމެއްނު….” އިސްޖަހާލައިގެން ހުރެ ޒިހާން ވާހަކަދައްކަމުންދިޔައިރު އަަހަރެން އޭރުުގެ މަތީން ހަނދާންވިއެވެ. އަމިއްލަ ފަރާތަކުން ލިބުނު ސްކޯލާރޝިފްއެއްގައި ފުރައިގެން މެލޭޝިޔާއަށް ދިޔައިރު އަހަރެން ޒިހާން ކައިރިއަކު ނުބުނަމެވެ. އޭރު އަހަރެމެން ދެމީހުން ދުރުވަމުންގޮސް އަހަރެމެންގެ ގާތް އެކުވެރިކަމުގެ ގުޅުން އޮތީ ލޯމަތީން އޮބާލައި ހިސާބުގައެވެ. ޒިހާން އަހަންނާއި ދުރުވިވަރުން އަހަރެންގެ އުފާތަކާއި ހިތާމަތައް ޒިހާން އާއި ހިއްސާކުރުމަކީ އޭރު އަހަންނަށް އުނދަގޫކަމެކެވެ.

“ޔުނާ…” އަަހަރެންގެ މޫނުމަތީގައި އަތްހޫރާލަމުން ޒިހާން ވާހަކަދެއްކުމާއިއެކު އަހަންނަށް ހަޤީގީ ދުނިޔެއަށް ވާސިލްވެވުނު ފަދައެެވެ. މޫނު އަނބުރާލަމުން ޒިހާންއާއި ދިމާލަށް ބަލާލެވުނުއިރު އަހަންނާއި ދިމާލަށް ޒިހާން ބަލަހައްޓައިގެން އިންގޮތުން އެދުވަސްތައް މަތީން ނުހަނު ބޮޑަށް އަހަރެން ހަނދާންވިއެވެ. އެވަގުތު ޒިހާންގެ ތޫނު ނަޒަރު އަހަރެންގެ މޫނަށް އަމާޒުވެފައި ހުރިގޮތުން އަހަންނަށް ދުރަށް މޫނު އަނބުރާލެވުނެވެ. އެ ރީތި ލޮލުގެ އަވައިގައި ޖެހިގެން މާޒީ އިޔާދަކުރާކަށް އަހަރެން ބޭނުމެއްނޫނެވެ. އަހަރުތަކެއްކުރީގެ އެ ހަނދާންތައް ހިތުގެ އެންމެ ފުނުގައި އަހަރެން ރައްކާކޮށްފީމެވެ.

“ޒިހާންގެ ލައިފް ކިހިނެތް؟ މައުއާއި ދެމީހުން މެރީއެއްނުކުރަންތަ…” ހިނދުކޮޅަކަށް އަަހަރެމެން ދެމީހުންގެ ދެމެދަށް ވެެރިވެގެންދިޔަ ހިމޭންކަން ފޫދުއްވާލަމުން އަހަރެން ސުވާލުކުރީމެވެ. އާވިއަރަމުންދިޔަ ކޮފީތަށީގައި ދެއަތްވަށާލަައިގެން ހުރެ އޭގެ ހޫނުކަން އިޙުސާސް ކުރަމުން ޒިހާން އޭރު ހުރީ ރެއިލިންގައި ލެގިލައިގެންނެވެ. އަހަންނަށް މަޑުމަޑުން އުނދޯލި ހެއްލަ ހެއްލާލަ އިނދެވުނުއިރު އުނދޯލީ ގެ ދަގަނޑު ކޭއްތެމުންދިޔަ އަޑު ތޫލިގޮތަކަށް އިވިއިވި ހުއްޓެވެ.

“އަހަރެން މެރީކުރިން… އެކަމަަކު މައުރީންއަކާނޫން… އެކައިވެނި ކުރިއަކަށްނުދިޔަ…” ދުރަށް ނަޒަރު ހުއްޓާލައިގެން ހުރެ ޒިހާން ވާހަކަދައްކަމުންދިޔަވަރަކަށް އަހަރެންގެ މޫނުމަތީން ހައިރާންކަމުގެ އަސަރުތައް ފާޅުވަމުންދިޔައެވެ. ޒިހާންގެ ހަޔާތުން މައުރީން ނޫން އަންހެންކުއްޖަކަށް ޖާގަ ދޭނެކަމަށް އަހަރެން ފަހަރެއްގައިވެސް ހިޔެއްނުކުރަމެވެ. ކިޔަވަމުންދިޔައިރު މައުރީންއާއި ހެދި ޒިހާން ދީވާނާވެފައި ހުރިވަރު އެންމެ ގާތުން ފެނުނީ އަހަންނަށެވެ. އެންމެ ކައިރީގައި ހުރެގެން އަހަރެން ޒިހާންދެކެ ވަމުން އައި ލޯބި ޒިހާންއަށް އޭރު އިޙުސާސް ނުވީވެސް މައުރީންގެ ޖާދޫގައި ޖެހިފައި ހުރިވަރުންނެވެ.

“ޒިހާންއަށް އިނގޭތަ ރޭގައި އަހަރެން ގުޅިކަން… މެސެޖްވެސް ކުރީން… ކީއްވެ ރިޕްލައި ނުދިނީ؟ އަހަރެން މިފަހަަރު އައި ފަހުން ޒިހާން ހާދަ ޗޭންޖްއޭ… ބުނެބަލަ އަަހަންނަށް ގޯސްކޮށްކަމެއް ކުރެވުނީތަ؟ އަހަރެން ދެރަވެޔޭ އަހަރެމެން ދެ މީހުންނަށް މިހެންވާތީ..” ހަމަސްދުވަހުގެ މެދުކެނޑުމަކަށްފަހު އަހަރެން އަލުން ކިޔަވަން ފެށިފަހުން ގިނަދުވަސްތަކެއް ނުވެ އަހަންނަށް އިޙުސާސްކުރެވެން ފެށީ ޒިހާން އަހަންނާއި ދުރުވަމުންދިޔަކަަމެވެ. ފުރަތަމަކޮޅު އަހަންނަށް މަދުމަދުން ވަގުތު ދިނަސް ފަހުން ފަހުން އައިސް އަހަރެންގެ މެސެޖަކަށް ޖަވާބުދިނުމަކީވެސް ޒިހާންއަށް ބުރަކަމަކަށްވިކަހަލައެވެ. އަހަރެމެންގެ ދެމެދުގައި ޖަވާބު ރައްދުނުކުރެވޭ ކޯލްތަކާއި މެސެޖް ތައް ގިނަވާން ފެށިއެވެ. އެރޭ އަހަރެން ޒިހާންއަށް ގުޅީ ނައިޓް ކްލާސް ނިމިގެން ނިކުންނަނިކޮށް ސިޑިމަތީން ކައްސާލައިގެން ވެއްޓި ފައި ދުޅަވެގެންނެވެ. ގުޅިއިރުވެސް ޒިހާން ފޯނު ނަގާނެކަމަށް އަހަރެން އުންމީދެއްނުކުރަމެވެ. އެކަމަކު އެހެން މީހެއްގެ އެހީތެރިކަމަށް އަހަރެން ނުހަނު ބޭނުންވެފައި ހުރި ވަގުތަކު ޒިހާން އެގޮތަށް ކަންތައް ކުރުމުން އަހަރެން ވަރަށް ހިތްދަތިވިއެވެ.

“އަހަރެން ބަދަލުވެއްޖެތަ؟ ސެމް މަތިވަމުންދާވަަރަށް ކިޔެވުން ބުރަވާ ވާހަކަވެސް ކިޔަނީ ޔުނާއެއްނު… އަހަންނަކަށް ހިޔެއް ނުވޭ އެކަން މިހާރު ޔުނާއަށް އިނގޭހެނެއް… އެހެންނޫނަސް ޔުނާ ޝަކުވާކުރަންޖެހޭ ސަބަބެއް އަހަންނަކަށް ނުވިސްނޭ… އަހަންނަކީ ޔުނާގެ ބޯއީފްރެންޑްއެއްނޫން… އަދިވެސް އަހަރެމެންނަކީ އެންމެ ގާތްއެކުވެރިންނަށް ހަަދައިގެން ތިއުޅެނީވެސް ޔުނާ އަމިއްލައަށް… ގުޅުމަކީވެސް ވަގުތާއިއެކީ ބަދަލުވާ އެއްޗެއް…” އަހަރެން އެދުވަހު ޒިހާންގެ ކައިރީގައި ކުރި ކޮންމެ ޝަކުވާއަކަށް ޒިހާން ރައްދު ދިނީ ނުހަނު ހަރުކަށިކަމާއިއެކު އަހަރެންގެ ދޫ ބަންދުކޮށްލަމުންނެވެ. ކުރިންވެސް ޒިހާންއާއި ވާހަކަ ދެއްކި ފަހަރުތަކުގައި ޒިހާން ހުރީ އަމިއްލަ ކުށް ޤަބޫލުކުރާ ގޮތަށް ނޫންކަން އަހަންނަށް އިނގުނެވެ. އެކަމަކު ޒިިހާން ބަދަލުވާން ބޭނުންނުވާކަން އަހަންނަށް އިނގުނީ އެދުވަހުއެވެ. އެ ދުލުން ބޭރުވެގެންދިޔަ ކޮންމެ ބަހަކުން ޒިހާން އެއްވެސް ވަަރަކަށް އަހަރެންގެ އަގު ވަޒަން ނުކުރާކަން ހާމަވެގެންދިޔައީ އަހަރެންގެ ހިތަށް ސިހުމެއް ގެނުވާފައެވެ. ދުލުން ބަހެއްބުނުމެއްނެތި އަހަރެން އެދުވަހު ޒިހާންގެ ކުރިމަތީ ހަަމަހިމޭންކަން އިޙުތިޔާރުކުރީ އަހަރެންގެ ހިތުގައި ޝަކުވާއެއް ނެތީތީއެއް ނޫނެވެ. އެކަމަކު އަހަރެން ދައްކާ ވާހަކަތައް އަޑުއަހަން ބޭނުން ނުވާ މީހެއްގެ ކައިރީގައި ޝަކުވާކުރުމަކީ ބޭކާރުކަމެއްކަން ވިސްނުމުންނެވެ. ހިމޭންކަމާއިއެކު ހިނިތުންވެލަމުން އެދުވަހު އަހަރެން ޒިހާންއަށް ފަސްދީދިޔައިރު އަހަރެންގެ ކަރުނަތައް ހިފަހައްޓަން ނުކުޅަދާނަވާވަަރަށް ހިތަށް ބަރުވެފައިވިއެވެ. ރުޅިވެރިކަމުގައި ތިމާ ދޫކޮށްފަައި ދާމީހާ އެނބުރި ތިމާގެ ގާތަށް އަންނާނެއެވެ. އެކަމަކު ކަރުނުން ފުރިގެންވާ ހާލުގައި ތިމާ ދޫކޮށްދާ މީހާއަކީ ދުވަހަކުވެސް އެނބުރި ތިމާގެ ގާތަށް އަންނާނެ މީހެއްނޫނެވެ.

އެއަށްފަހު ފާއިތުވަމުންދިޔަ ދުވަސްތަކުގައި އަހަންނަށް ފެންނަމުންދިޔައީ މުޅީން ތަފާތު ޒިހާންއެކެވެ. އަހަރެންގެ ލޯކުރިމަތީގައި ޒިހާން ބަދަލުވަމުންދިޔައީ އަމަލުތަކާއި އަދާތަކުން އަހަންނަށް އެއީ ޒިހާންކަން ޤަބޫލުކުރަން ދަތިވާހާ މިންވަރަށެވެ. ފުރާވަރުގެ ފަހު ދުވަސް ތައް އަހަންނާއިއެކު ހޭދަކުރި ޒިހާންގެ ސިފަތަކާއި އެއޯގާތެރިކަން ލަސްލަހުން ނެތިގެންދިޔަކަހަލައެވެ. އަހަރެމެންގެ ހަޔާތާއި އަލްވަދާއު ކިޔުމަށްފަހު ވަކިވެގެންދިޔަ ފުރާވަރާއިއެކު އޭރުގެ ޒިހާންވެސް ވުޖޫދުން ފޮހެވިގެންދިޔައީއެވެ.

“ހޭއި… އަހަރެން ބުނީމެއްނު ލޯބިވާ ކުއްޖަކު ފެނުނީމަ އެންމެ ފުރަތަމަވެސް ބުނާނީ ޔުނާ ކައިރީގައޭ… އަހަރެން ކުއްޖަކާއި ރައްޓެހިވެއްޖެއިން…” މައުރީންއާއި ލޯބީގެގޮތުން ގުޅުނު ހަބަރު ޒިހާން އަހަންނަށް ދިނީ އޭގެ ހަމަސްފަހުން އައި ސެމިސްޓަރ ބަންދުތެރޭގައެވެ. އޭރު އަހަރެމެންގެ އެކުވެރިކަމުގެ ގުޅުން އޮތީ ކެނޑިިގެން ގޮސްފައެވެ. ދެމީހުން ވާހަކަ ނުދައްކާތާ ވީ ދުވަހެއް ބުނަން އަހަންނަކަށްވެސް ނޭނގެއެވެ.

މައުރީންއަކީ ޒިހާންގެ ހަޔާތުން އަބަދުވެސް ހާއްސަކަމެއް ދެވިފައިވީ ކުއްޖެކެވެ. އެކަމަކު އެއީ ޒިހާންގެ ހަޔާތަށް އައި ފުރަތަމަ އަންހެންކުއްޖާއެއް ނޫނެވެ. އެދެމެދުގައި ގުޅުމެއް ފެށުމުގެ ކުރީން ޒިހާން ސީރިޔަސްވެގެން އެތައް އަންހެން ކުދިންނަކާއި ވާހަކަ ދެއްކިއެވެ. އެކަމަކު ވަކި ހިސާބަކުން ކޮންމެވެސް ސަބަބަކާއި ހެދި އެއިން ކޮންމެ ގުޅުމެއްވެސް ނިމިގެން ދިޔައީއެވެ. ތަފާތު އިޙުސާސްތަކާއިއެކު ފުރާވަރުގެ އެންމެ ފަހު އަހަރުތައް ގުނަމުންދިޔަ އެ ދުވަސްވަރު އަހަރެމެން ހުސްހަށިބައިކަންމަތީ ތިއްބަސް ގިނަ ކުދިންނަކީ ބައިވެެރިން ހިޔާރުކޮށްގެން ތިބި ކުދީންނެވެ. ޒިހާންގެ ނަޒަރު ގިނަފަހަރަށް ހުއްޓެމުންދިޔައީވެސް އަހަރެންގެ ގާތުގައި އުޅެމުންދިޔަ އަހަރެން ދަންނަ ކުދިންނަށެވެ. ޒިހާން އަންހެންކުއްޖަކާއި ގަޔާވެގެން އެވާހަކަ ދައްކާ ކޮންމެ ރެއަކީ އަހަރެންގެ ލޮލާއި ނިދި ވަކިވާ ރެއެކެވެ. ޒިހާންގެ އުފަލުގައި އަަހަރެން ބައިވެރިވިޔަސް ޒިހާން އެ ނަޒަރުން އަހަންނާއިމެދު ދެކޭނެ ދުވަހަަކަށް އިންތިޒާރުކުރަމުން އައި އަަހަރެންގެ ހިތް މާޔޫސްކަމުން ފުރިގެންދެއެވެ.

“ކީއްވެ ޔުނާ މެރީނުކޮށް ތިހުންނަނީ؟” އެއްފަރާތަކަށް ނަޒަރު ހުއްޓާލައިގެން އަމިއްލަ ހިޔާލީ ދުނިޔެއަކަށް ގެއްލިފައި އިންދާ ޒިހާން ނުހަނު ސީދަލަށްކޮށްލި ސުވާލާއިއެކު އަހަރެން ސިހިގެންދިޔައެވެ. ޒިހާންގެ ފަރާތުން އެ ސުވާލު އަމާޒުނުވެނުދާނެކަން އިނގުނަސް އަހަންނަށް އެ ސުވާލަށް ޖަވާބުދިނުމަކީ ފަސޭހަކަމެއްނޫނެވެ. އަހަރެންގެ އަމަލުން އެކަން ފާޅުނުކުރިޔަސް ޒިހާންއަށް ފަހު އެހެން ފިރިހެނަކަށް އިތުބާރުކުރުމަކީ އަހަންނަށް ކުރަން ފަސޭހަކަމަކަށްނުވިއެވެ. ދެވަަނަ ފަހަރަށް އެހެން މީހަކަށް ގާތްކަމެއް ދޭވަރަށްވުރެ ބޮޑަށް ލޯބި އެ ލަފްޒުމަތީންވެސް އަހަރެން ހުރީ ފޫހިވެފައެވެ.

“އަަހަންނަށް އިނގޭ ޔުނާ… މައުރީންއާއި އެއްކޮށްވެސް އަހަންނަކަށް ނޫޅެވުނު… އައިނާއާއި ކައިވެނިކުރިޔަސް އަހަރެމެންގެ ދިރިއުޅުން އުފަލުގައި ކުރިއަކަށް ނުދިޔަ… އަަހަރެމެންގެ ހިޔާލު ވަަރަށް ތަފާތު… އޭރު އަހަންނަށް އިނގުނީ އަހަންނާއި ޔުނާގެ ވިސްނުން ކިހާ އެއްގޮތްކަން… މަންމަމެން އެދުނީތީވެ އަހަރެން ދެވަނަ ކައިވެންޏެއްކުރަންވެސް އުޅުނިން… ނަސީބަކުން ކަންނޭނގެ އަޝްވާ ކައިވެންޏަށް ދެކޮޅު ހެދީ… އެހެން ނޫންނަމަ ދެވަނަ ފަހަރަށްވެސް އަހަރެންގެ ދިރިއުޅުން ހަލާކުވާނީ…. އައި ރިއަލީ މިސްޑް ޔޫ ޔުނާ… އިނގޭ ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫންކަން… އެހެންވެ ޔުނާ ހޯދަން އުޅެން ނުކެރުނީ…” ވާހަކަދެކެވުމެއް ނެތި އަހަރެމެން ދެމީހުންގެ ދެމެދަށް އިރުކޮޅެއްވާންދެން ވެރިވެގެންދިޔަ ހިމޭންކަމަށްފަހު ޒިހާން މޭޒުމަތީގައި ކޮފީތަށި ބެހެއްޓުމަށްފަހު އަހަންނާއި ގާތަށް އަންނަމުން ވާހަކަދެއްކިއެވެ. އޭރު އަހަންނަށް އިނދެވުނީ އިސްޖަހާލެވުނުގޮތަށް އިސްއުފުލާލަންވެސް ބޭނުން ނުވެފައެވެ. އެއްއަތުން ޖޯޑުގައި ހިފަހައްޓާލައިގެން ހުރިއިރު އުޅައްގަނޑުގައި އަޅުވާލާފައި ހުރި އިނގިލިތަކަށް ބާރުވެގެންގޮސް ހުދުވެފައިވެއެވެ.

ޒިހާން އަހަންނާއި ގާތަށް އަޅާލި ފިޔަވަޅާއިއެކު އަހަންނަށް އުނދޯލިން ތެދުވިގޮތަށް ރެއިލިންއާއި ގާތަށް ދެވުނެވެ. ހީކުރިގޮތާއި ހިލާފަށް އެބަސްތަކުން އަހަންނަށް ހީކުރިވަރުގެ އުފާވެރިކަމެއް އިޙުސާސެއްނުކުރެވުނެވެ. އަމިއްލަ ފުރާނައަށްވުރެ ބޮޑަށް ޒިހާންދެކެ އަހަރެން ވީ ލޯބި ޒިހާންއަށް އިޙުސާސްކުރެވެންވީ މިއަދަކު ނޫނެވެ. އެއް އިންސާނަކު އަނެއް އިންސާނެއްގެ ގާތުގައި އާދޭސް ނުކުރާނޭ ދަރަޖައަށް އަހަރެން ޒިހާންއަށް އާދޭސްކުރީމެވެ. އެއާދޭސްތަކަށް ފުރަގަސްދިންއިރު ޒިހާން ހުރީ އިވުމުގެ ހިއްސުން މަޙުރޫމްވެފައި ހެއްޔެވެ؟ ޒިހާންގެ ލޯތްބަށް އަހަރެން އެންމެ ބޭނުންވީ ދުވަހަކު ޒިހާން ހުރީ އިޙުސާސް ތަކުން މަޙުރޫމްވެފައި ހެއްޔެވެ؟

“ޔު..ނާ…” ކަންފަތް ކައިރީން ޒިހާން އަޑުއިވިގެންދިޔުމާއިއެކު އެ ނޭވާގެ ހޫނުކަން އަހަރެންގެ ކަނދުރާއަށް އިޙުސާސް ކުރެވުނެވެ. އެ ވަގުތު ޒިހާން ކުރިއަށް ފިޔަވަޅެއް އަޅާލަމުން އެވަރުގަދަ އަތުން އަހަރެންގެ ހަށިގަނޑު ވަށައިލިއެވެ. ޒިހާންގެ އެކުއްލި ހަރަކާތުން އަހަންނަށް ލިބިގެންދިޔަ ސިހުމާއިއެކީ އެއަތުގެ ތެރެއިން މިނިވަންވާން އަހަންނަށް ތެޅިގަނެވުނެވެ. އެ ވަގުތު އަހަރެންގެ އަތުގައި ހުރި ހޫނު ކޮފީ ޖޯޑުން ބައެއް ޒިހާންގެ ޓީޝާޓަށް ބަންޑުންވިއެވެ. އެއާއިއެކު އަރުތެރެއިން އަޑެއް ލައްވާލަމުން ޒިހާން ފަހަތަށް ޖެހިލިއެވެ. މޭމަތީގައި ތެތްވެފައިހުރި ހިސާބުގައި އަތްޖައްސާލަމުން ޒިހާން އިސްއުފުލާ އަހަންނާއި ދިމާލަށް ބަލާލިއިރު އެ ތޫނު ލޮލުގެ ތެރޭގައި ހައިރާންކަންވިއެވެ.

އޭރު އަހަރެންގެ ލޮލަށް ކަރުނަތައް ގިނަވަމުންދިޔައެވެ. ކަރުނުން ތެމެމުންދިޔަ ލޮލުން ޒިހާންގެ މޫނަށް ބަލަހައްޓައިގެން ހުރި އިރު އެ ލޮލުގައި ޝަކުވާވިއެވެ. އަހަރުތަކެއްފަހުން އަހަރެންގެ ނަފްސު އިމްތިހާނުކުރަން ޒިހާން އުޅެފާނެކަމަކަށް އަހަރެން ފަހަރެއްގައި ވެސް ހިޔެއްނުކުރަމެވެ. އެންމެ ފުރަތަމަ ދުވަހުވެސް އަހަންނަށް ކުލަ ރީތި ހުވަފެންތަކެއް ދައްކައިގެން ލިބެން ނެތް ލޯތްބަަަކަށް އަހަރެންގެ ހިތް ދީލައިލަން މަޖުބޫރުކުރީ ހަމަ ޒިހާންއެވެ. އޯގާތެރިކަމާއިއެކު އަހަރެންދެކެ ޒިހާން ލޯބިވާކަން އިޙުސާސްނުކޮށްދިންނަމަ އެކުވެރިކަމުގެ ރޮނގު ހުރަސްކުރާނެހާ ހިތްވަރެއް އަހަންނަކަށްވެސް ނުލިބުނީހެވެ. އެކުވެެރިކަމުގެ ބޭރުން އަހަރެންގެ ހިތުގައި ޒިހާންގެ މައްޗަށް އެހެން އިޙުސާސްތަކެއް އުފެދިގެންދިޔައީ ޒިހާންގެވެސް ކުށުންނެވެ.

“ހިތުގެ ތަރާނާ ކިޔާނުދެވުނަސް ތީ…

ހިތުގަ ހިނގާ ލޭ، މަގޭ ވިންދަކީ ތީ…

ހިތު މަ އެޅީމޭ އެކީ އުފަލުގާ އުޅެން…

މިތުރު އެކީގައި ތިހެން އަަބަދުވީތީ….”

އިތުރަށް ޒިހާންގެ ކުރިމަތީގައި ހުންނަން ބޭނުންނުވުމުން އަހަރެން އެތެރެއަށް ވަންނަން ހިނގައިގަތީމެވެ. އެވަގުތު ޒިހާން އެއްލި އަތުން އަހަރެންގެ އަތުގައި ހިފާ ޒިހާންއާއި ގާތަށް ދަމައިގަތެވެ. އަހަރެންގެ އަތުން ކޮފީ ތަށި ދޫވެގެން ދިޔައިރު އިތުުރު ހަރަކާތެއް ނުގެނެވެނީސް އަހަންނަށް ހުރެވުނީ ޒިހާންއާއި ބެލްކަނީގެ ބިއްލޫރި ދޮރާއި ދެމެދުގައި ހައްޔަރުވެފައެވެ. އެ ވަރުގަދަ ދެއަތް އަހަރެން ގެ ހަށިގަނޑުގެ ދެފަރާތުން ވިއްދާލާލެވިފައި އޮތް އިރު އެ ތޫނު ނަޒަރު ހުރީ އަހަރެންގެ މޫނާއި އަމާޒުކުރެވިފައެވެ.

“ޔުނާ… އަހަރެމެން އެއްކޮށް ކިޔަވަންް އުޅުނުއިރުން ފެށިގެން ޔުނާ އަހަރެން ދެކެ ލޯބިވަމެއްނު… މިހާރު ނޫންގޮތް ދައްކަން ތިއުޅެނީ ކާކަށް އޮޅުވާލަން…” ކަޅުކަންގަދަ އެ ދެލޮލުން އަހަރެންގެ ދެލޮލާއި ހަތަރުކަޅި ހަމަކޮށްލައިގެން ހުރެ ޒިހާންއަށް އަހަރެންގެ އެންމެ ބޮޑު ސިއްރު އިނގޭކަން ހާމަކޮށްލިއިރު ޒިހާން ހީކުރިގޮތާއި ހިލާފަށް އަހަރެންގެ ފަރާތުން ސިހުމުގެ އަސަރެއްވެސް އަދި ހައިރާންކަމެއްވެސް ފާޅެއްނުވިއެވެ. އެންމެ ފުރަތަމަ ދުވަހުއްސުރެވެސް ނޭނގޭކަމަށް ހެދިގެން ހުއްޓަސް ޒިހާންއަށް އެކަން ސިއްރު ވެފައި ނޯންނާނެކަން އަހަންނަށް އިނގެއެވެ. އަހަރެންގެ ތަބީއަަތަށް އަންނަ ބަދަލުތަކުން އަހަރެންގެ ހުރިހާކަމެއް ދަނެގަނެވޭހާ ޒިހާން ކުޅަދާނަކަން އަހަރެންގެ ހަނދާނުން ކައްސައެއްނުލައެވެ.

“ޒިހާންދެކެ ލޯބިނުވާށޭ ނުބުނަންތަ؟” ޒިހާންގެ މޭގައި އަތްއަޅާ އަހަންނާއި ދުރުކުރަން މަސައްކަތްކުރަމުން ވާހަކަދެއްކިއިރު އަހަރެން ގެ އަޑުގައި ސާބިތުކަމެއްވިއެވެ. ފުރަތަމަ ފަހަރަށް ޒިހާންގެ ކުރިމަތީގައި އަހަރެންގެ ހިތް ކަޝްފުވެގެންދިޔަ ރޭ ޒިހާންގެ ދުލުން އަހަންނަށް އަޑު އިވުނު ބަސްތައް އަހަރެންގެ ހިތުން އަދިވެސް ފިލައިގެންނުދެއެވެ. ސަމާސާއަކަށް ޒިހާން އެކަން ނެގިޔަސް އެ ލޮލުން އެރޭ އަހަންނަށް ހަދިޔާކޮށްލި ނަޒަރުގައިވީ ސީރިޔަސްކަމެވެ. ޒިހާންގެ އެފާޅު ދެކޮޅު ހެދުމާއިއެކު އަަހަރެންގެ މުޅި ވުޖޫދުވެސް ކުނޑިކުނޑިވެގެންދިޔަ ކަހަލައެވެ. މުސްތަޤުބަަލަށް އަހަރެން ބިނާކުރަމުންދިޔަ ހުވަފެނީ ގަނޑުވަރު ކުދިކުދިވެގެން ބިމަށް ފޭބީ ހިނދުކޮޅެއްގެތެރޭގައެވެ.

“ބުނިން… އެކަމަކު ޔުނާ އެގޮތަށް ކަންތައްކުރީންތަ؟ ނުކުރަމެއްނު…” އިރުކޮޅެއްފަހުން އަހަންނާއި ދުރުވެލަމުން ޒިހާން ވާހަކަދެއްކި އިރު އެ ތޫނު ލޮލުންވެސް އަހަރެންގެ ހިތުގެ ސިއްރުތައް ދެނެގަންނަން މަސައްކަތްކުރަމުންދިޔަކަހަލައެވެ.

“އަހަންނަށް ޔުނާގެ މުހިންމުކަން އިޙުސާސްކުރެވުނީ އަހަރެންގެ ހަޔާތުން ޔުނާ ދުރަށް ދިޔަފަހުން… އެދުވަހުއްސުރެ އަހަރެންގެ ހިތަކުން ޔުނާގެ ނަން ފިލައިގެންނުދޭ… ކައިވެނިކުރިޔަސް އަހަންނަކަށް އުފަލެއްނުލިބުނު… ފަހުން އަހަންނަށް އިޙުސާސް ކުރެވުނު އަހަންނަށް ހަޤީގީ ލޯބިވެވުނީ ޔުނާދެކެކަން… އޭރު އުމުރުން ޅަވީމަ ލޯބި ދެނެގަންނަން އަހަންނަށް ނޭނގުނީ… އަހަންނަށް މައާފުކުރޭ ޔުނާ…” ޒިހާންގެ އަތުން އަހަރެންގެ ކޯތާފަތުގައި ހިފަހައްޓާލަމުން އެ ލޮލާއި ހަތަރުކަޅި ހަމަކުރުވިއިރު އުމުރުގައި ފުރަތަމަ ފަހަރަށް އެލޮލުން އަހަންނަށް ކުށްވެރިކަމުގެ އިޙުސާސްތައް ފެނުނެވެ. ޒިހާންގެ ހަޔާތުން އަހަރެން ބީވެގެން ދިޔުމުން ޒިހާން އެކަމާއި ހިތާމަ ކުރާކަހަލައެވެ. އެކަމަކު އެ އަސަރުތަކަށް އިތުބާރުކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެން ނެތުމުން އެކަމާއި ހިތާމަކުރާނެނަމަ ޒިހާން އެދުވަހު އަހަރެން ދިޔަކަ ނުދިނީހެވެ. އަހަރެން ޒިހާންއަށް ހާދަ ގިނަ ފުރުސަތެއް ދިނީމެވެ. ހާދަ ގިނަދުވަހު އިންތިޒާރުކުރީ މެވެ.

“ޔުނާ އަަަހަންނަށް އިނގެޔޭ… ޔުނާ އަދިވެސް އަހަރެންދެކެ ލޯބިވާކަށް.. ބުނޭ ޔުނާ… ބުނާ މީ ތެދެކޭ…” އެވަގުތު ޒިހާން ވާހަކަ ދެއްކިއިރު އެއަޑުގައި އާދޭހެއްވިއެވެ. އެތައްއަހަރެއްފަހުން ޒިހާން އަހަންނަށް ދިން ދުރުކަމުގެ ފަހަތުގައި ފޮރުވިފައިވާ ނަފްސު ކަޝްވެގެން އައިއިރު އަހަންނަށް ހުރެވުނީ ސިހުމެއްގައެވެ. މިއީ ޒިހާންގެ ފަރާތުން އަހަރެން އުންމީދުކުރިކަމެއް ނޫނެވެ. މީގެ ހަތަރުއަހަރުކުރީން އެ ބަސްތައް އަޑުއިވުނުނަމަ އަހަންނަށް އެއްވެސް ޝަކުވާއަކާއިނުލާ ޒިހާންގެ ދެއަތުގެ ހިމާޔަތުގެ ދަށަށް ދެވުނީހެވެ. ނަމަވެސް މިއަދު ވަގުތާއި އެކީގައި ހާލަތުވެސް ބަދަލުވެއްޖެއެވެ. ދިރިއުޅުމުގައި އަހަރެން ދެކެން އެންމެ ބޭނުންވީ ދުވަސް އަހަންނާއި ބައްދަލުކުރިއިރު އަހަންނަށް ހުންނަން މިޖެހުނީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައެވެ. މިއަދު އަހަރެންގެ ހަޔާތު ގައިވަނީ ހަމައެކަނި ޒިހާންއެއްނޫނެވެ. އެއްފަރާތުގައި އަހަރެންދެކެ ތެދުހިތަކުން ލޯބިވެ އަހަންނަށްޓަކައި މުޅި އުމުރުވެސް ހުސްކޮށް ލަން ތައްޔާރަށްހުރި އޯގާތެރި ހިތެއްގެ ވެރިއެކެވެ. އަނެއްފަރާތުގައި އަހަންނަށް އެތައް އުފަލެއް ދިނުމަށްފަހު އެންމެ ބޭނުންވީ ވަގުތު އަހަރެންގެ އަތުން ދޫކޮށްލި އަހަރެންގެ ހިތުގެ އަނިޔާވެރިޔާއެވެ. އަހަރެން ހިޔާރުކުރަންވީ ކާކު ހެއްޔެވެ؟

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Naira

Level 1

A keen reader of dhivehi stories. And reading lead me to write one. Author of Vakivee Loabin & Beeveema.

Other Articles

Previous

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ދިހަވަނަ ބައި)

Next

މަށަށްޓަކައި…..

Next
December 7, 2023

މަށަށްޓަކައި…..

Previews
December 6, 2023

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ދިހަވަނަ ބައި)

2 Comments!

  1. Naira says:
    December 11, 2023 at 10:10 am

    Hii all.. hope you will like this part too.. feel free to leave a comment. I might not be able to reply to your comments seperately but i do read them.. Thank you for your support.. & special thanks to imko and anonymous for commenting on the previous part.. next part submitted 😊

  2. Anonymous says:
    December 11, 2023 at 12:44 pm

    when is 4th part

Comments are closed.

Next Episodeބީވީމާ 2←


All Right Reserved!