ލޯބިވެެރީން އެންމެ ބޭނުންވާފަދަ ހިތްގައިމު ވަގުތު ކޮޅެކެވެ. އެކަމަކު ލޯބިވެރިއަކާއިނުލާ މި މާހައުލުން ހޯދޭނެ އުފަލެއް އޮންނާނެ ހެއްޔެވެ؟ ގާތުގައި ހިތުގެވެރިޔާ އިނަސް އަހަރެންގެ ހިތުގައި ފޮރުވިފައިވާ ލޯތްބަކީ އެއްފަރާތުން ވަމުންދާ ލޯތްބެއްކަން އަހަރެންގެ ހަނދާނުން ކައްސައެއް ނުލައެވެ. އެ ލޯތްބަށް އަހަރުތަކެއް ވެގެންދިޔުމަށްފަހު މިއަދު އަހަރެންގެ ކުރިމަތީގައި މިއިން ޒިހާންއަކީ މީހެއްގެ ހައްޤެއް ނޫންކަމެއްވެސް އަހަންނަށް ނޭނގެެއެވެ. އަހަރެމެން އެކީގައި އުޅުނުއިރުވެސް އެ ހިތަކީ މައުރީންގެ ހައްޤެކެވެ. ލަސްލަހުން އަހަރެންގެ ސިކުނޑީގައިވީ ހުދާ ކަޅުގެ މަަންޒަރުތަކުގައި ކުލަ ޖެހެން ފެށިކަހަލައެވެ.
“ޔުނާ… އަހަންނަކީ ގާތް އެކުވެރިއެއްގެ ގޮތުގައި ނުބެލޭނެތަ؟ އަހަރެން ކިހާ ފަސޭހައިން ޔުނާއަށް ހުރިހާ ވާހަކައެއް ކިޔައިމިދެނީ… ކީއްވެ ޔުނާއަށް އަަހަންނަށް އެއްވެސް ވާހަކައެއް ކިޔައިނުދެވެނީ… އަހަރެން ބޭނުން ޔުނާއާއި ބެހޭގޮތުން އިތުރަށް އިނގެން… ކިޔައިދިނީމަ ޔުނާއަށްވެސް ފަސޭހަވާނެ… އަހަރެން ޖަޖްއެއް ނުކުރާނަމޭ… އަބަދުވެސް ޔުނާގެ ގާތުގައި ހުންނާނަން…” މެސެޖުގެ ޒަރިއްޔާއިން ވާހަކަ ދެކެވެން ފެށިފަހުން މަސްދުވަސް ފާއިތުވެގެންދިޔައިރު އަހަރެމެންގެ ދެމެދުގައި މުޅީންވެސް ދެކެވެމުންދިޔައީ ކިޔެވުމާއި ގުޅުން ހުރި ވާހަކަތަކެވެ. އަމިއްލަ ޒާތީ ދިރިއުޅުމަކީ ޒިހާންގެ ކުރިމަތީގައި އަހަރެން އަތް ނުލާ އޮތް މައުޞޫއުއެކެވެ. އެއްރެއެއްގެ ދަންވަރުގެ ވަގުތު ޒިހާން އަހަންނަށް ކުރި ދިގު ފޯން ކޯލްއަކީ އަހަރެމެންގެ ދެމެދުގައި ނުހަނު ރަސްމީކޮށް އޮތް ގުޅުމުގައި އެހެން ކުލައެއް ޖެހެން މެދުވެރިވި ސަބެބެވެ. ކިޔެވުމުގެ ބޭރުން އަހަރެންގެ އަމިއްލަ ދިރިއުޅުމާއި ބެހޭގޮތުން ފުރަތަމަ ފަަހަަރަށް ޒިހާން އިސްވެ ވާހަކަދެއްކީ އެރެއެވެ. ޒިހާން އޭނަގެ ދިރިއުޅުމުގެ ހުރިހާ ކަމެއްހެން އަަހަންނާއި ހިއްސާކުރަމުން އަޔަސް އެހާތަނަށްވެސް އަހަރެން ޒިހާންގެ ކުރިމަތީގައި ގެންގުޅެމުންދިޔަ ފަރުދާ ކަހާ އަމިއްލަ ސިއްރުތައް ކަޝްފެއް ނުކުރަމެވެ. ހަޔާތުގައި އެތައް ފަހަރެއްމަތީން އެކުވެރީންގެ ފަރާތުން އަދަދު ނުވާވަރަށް ކެހި ލިބުމަށްފަހު އަަހަރެން ހުރީ އިތުރު މީހަކަށް އިތުބާރުނުކުރަން ނިންމައިގެންނެވެ. އެ އިތުބާރު އަލުން ހޯދާ ޒިހާންގެ މައްޗަށް އަަހަރެން އިތުބާރުކުރުވަންވެގެން ޒިހާން އަަހަންނަށް އެތައް ވައުދު ތަކެއްވިއެވެ. ޒިހާންގެ އެ ބުރަ ހިތްވަރާއިއެކު އެތައް އަހަރެއްވާންދެން އަހަރެން ނިންމައިގެން ހުރި ނިންމުން ބަދަލުވެގެންދިޔައީ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.
“ތީއީ މަގޭ ހުވަފެންތައް، ހުރިހާ ކުރާ ތައުބީރަކީ…
ތީއީ މަގޭ އުންމީދުން، މީޒާންވެވޭ މިސްރާބަކީ…
ތީއީ މަގޭ އަމާނާތެކޭ، ދުނިޔެ ހޯދަައިދިން ހަދިޔާއެކޭ…”
ޒިހާންއަށް އިތުބާރުކުރެވެން ފެށުނީ ކޮންއިރަކު ކަމެއް ބުނާކަށް އަހަންނަކަށްވެސް ނޭނގެއެވެ. ފުރަަތަމަކޮޅު އަަހަރެން ޖެހިލުންވިޔަސް މަޑުމަޑުން ޒިހާންގެ ކުރިމަތީގައި އަހަރެންގެ ހިތް ހުޅުވެމުންދިޔަވަރަކަށް އަހަރެންގެ ހިތާއި ނަފްސަށްވެސް ފަސޭހަ ވިއެވެ. އެތައް ދުވަހެއްވީ ހިތާމަތަކާއި ޝަކުވާތަކުގެ ބަރުދަން އެހެން މީހަކާއި ހިއްސާ ކުރެވެމުން އަހަރެންގެ ހިތަށް ލުއިކަމެއް އިޙުސާސް ކުރެވުނެވެ. އެދުވަސްކޮޅު ޒިހާންގެ ފަރާތުން އިންތިހާ ދަަރަޖައިގެ ކެތްތެރިކަމާއި އޯގާތެރިކަން އަަހަންނަށް އިޙުސާސްކުރެވުނެވެ. އަހަރެންގެ ރުޅިވެރިކަމާއި ތަބީއަތަށް އަންނަމުންދިޔަ ބަދަލުތަކާއި އަހަރެންގެ ފުށުން ފާޅުވަމުންދިޔަ ޖެހިލުންވުމާއި ޒިހާން ކުރިމަތިލީ ގޮތުން އަހަރެންވެސް ހައިރާންވިއެވެ. އެއްއުމުރެއްގެ ދެ ޒުވާނުންވިޔަސް އުމުރަށްވުރެ ޒިހާންގެ މިޒާޖާއި ވިސްނުންވެސް ހަރުދަނާއެވެ. އެ އޯގާތެރި އަތުގެ ހިމާޔަތުގެ ތެރޭގައި އަހަރެންގެ ބަލިކަށިވެފައިވީ ނަފްސު ފޮރުވެމުން ދިޔަވަރަކަށް އެ ހޫނުން އަހަރެންގެ ހިތް ވިރެމުންދިޔައެވެ. ހިތުގެތެރޭގައި ހިލަވެފައިވީ އިޙުސާސްތަކަށް ދިރުން ލިބެމުން އައިރު އަހަރެންގެ ހިތުގައިވެސް އެހެން އިޙުސާސް ތަކެއް ހޭލަން ފަށައިފިއެވެ.
ބާރުވެގެން އައި ފަންސި ރޯޅިތަކާއިއެކު ބޯކޮށް ވާރޭ އޮއްސާލީ ކުރީން އިންޒާރު ދިނުމަކާއިނުލައެވެ. ނުހަނު ރީތި ރެއަކަށްފަހު އަހަރެމެންގެ މާޒީއެކޭ އެއްފަދައިން މޫސުންވެސް ބަދަލުވެގެންދިޔައީއެވެ. އޭރު އަހަރެން އުޅެމުންދާ އިމާރާތާއި ކައިރީގައި ތިބެވުނު ކަމީވެސް ނަސީބެކެވެ. ބަރު ވާރޭގެ ތިކިތައް ހަށިގަނޑާއި އަމާޒުވެގެން ދިޔުމާއިއެކު ސައިކަލް ޕާރކްކުރިގޮތަށް އަހަންނާއި ޒިހާން ދުވެފައި ގޮސް ގޭގެ ދޮރާށި ދަށަށް ވަނީމެވެ.
“އަންނަންވީނު އެތެރެއަށް… ތެމިގެން ނުދެވޭނެއެއްނު…” ދަބަހުން ނެގި ކާރޑުން ގޭގެ މައިދޮރު ހުޅުވާލަމުން އަހަރެން ޒިހާން ގާތުން އެދުނީމެވެ. އޭރުވެސް ނުހަނު ބޯކޮށް ވާރޭވެހެމުންދިޔަގޮތުން މިއިން އިރަކުވެސް ވިއްސާރަ ހުއްޓާނެހެނެއް ހިޔެއް ނުވެއެވެ. ޒިހާން އަހަންނަށް ވެދިން އެހީތެރިކަމަށްފަހު އެ ބޯވާރޭތެރެއަށް ޒިހާން ދޫކޮށްލާކަށް އަހަރެންގެ ހިތް އެއްބަހެއް ނުވިއެވެ. އެހެންނޫނަސް އަހަރެމެންނަކީ ކުރީގެ ގާތް ދެ ރަހުމަތްތެރީންނެވެ. އެ ގުޅުން ކެނޑިގެން ގޮސްފައިވިޔަސް ޒިހާންއާއި މެދު ވީހާވެސް ރަނގަޅަކަށް ކަންތައް ކޮށްދޭން އަހަރެން ބޭނުމެވެ.
ދިގު ކޯރިޑޯއިން ހިނގާލާފައި އަަހަރެން ލިފްޓްތަކާއި ދިމާލަށް ދިޔައިރު ޒިހާންވެސް އަހަރެންގެ ފަހަތުން އައެވެ. އެއިމާރާތަކީ މެލޭޝިޔާއަށް ބަަދަލުވުމުގެ ކުރީން ރަސާންގެ އާއިލާ ދިރިއުޅެމުންދިޔަ އިމާރާތެވެ. ފަނަރަ ފަންގިފިލާގެ މައްޗަށް އެންމެ ޒަމާނީ ފެންވަރުގައި އިމާރާތްކުރެވިފައިވާ ހ. ރިހިވިލްއަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދީލްގެ ގެއެވެ. ރަސާންއަކީ އަދީލްގެ ދަރިއެއްކަން އަހަންނަށް އިނގުނީ ވަރަށް ފަހުންނެވެ. މީގެ ފަސްއަހަރުކުރީން އަދީލްގެ ދެމަފިރީން ކުދީންނާއިއެކު މެލޭޝިޔާއަށް ބަދަލުވިފަހުން އެ އިމާރާތް ހުންނަނީ ފަޅަށެވެ. ދެދުވަހަކަށް އަހަރެން މާލެ އަންނަން އުޅުމުން އެ އިމާރާތުގައި ރަސާންއަށް ހާއްސަ ކޮށްފައިވާ އެޕާރޓްމެންޓްގައި އަހަަންނަށް ހުރެވޭނެ ގޮތް ހަމަޖައްސައިދިނީ ރަސާން އަމިއްލައަށެވެ. އަހަރެންގެ އާއިލާ ރަށުގައި އުޅެމުންދާތީވެ މާލެ އައުމަށްފަހުވެސް އަހަރެން މަޑުކޮށްލަން ހުރީ ބައްޕަ ފަރާތު ދައްތައެއްގެ ގެއެވެ. އެކަމަކު އެ ގޭގެ ދަތިކަމާއިހެދި ދައްތައާއި ދައްތަގެ ކުދީންނާއި މާމަ ކުދީންނަށްވެސް ނޫޅެވިގެން އުޅޭކަން އިނގޭތީވެ އަހަރެން ހުރީ ދައްތަ ގާތުން އެގޭގައި ބަހައްޓައިދޭން އެދެން ނުކެރިފައެވެ. އެކަން ރަސާންއަށް އިނގުނުގޮތެއް އަހަންނަކަށް ނޭނގެއެވެ.
ސާދަވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓުމާއިއެކު ލިފްޓުން ފައިބައިގެން ދިގު ކޯރިޑޯގައި ހިނގާލާފައި ގޮސް ކާޑު ޖެހުމަށްފަހު އަހަރެން އެޕާރޓްމެންޓްގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަނުމަށް ޒިހާން ގާތުން އެދުނީމެވެ. ތެމިފައި ހުރި ބޫޓާއި ފައިވާން ބޭރު ދޮރު ކައިރީ ގައި ބެހެއްޓުމަށްފަހު އަހަރެމެން އެޕާރޓްމެންޓް ތެރެއަށް ވަނުމާއިއެކު ސީލިންގްގައިވާ ހުދު ބޮކިތައް ދިއްލިގެން ދިޔައެވެ.
“ހިކިލަން ދާންވީނު…” ދެމީހުންވެސް ތެމިފައި ތިބުމުން އެންމެ ކައިރިއަށް ހުރި ގެސްޓްރޫމްގެ ދޮރު ހުޅުވާލަމުން އަހަރެން ޒިހާން އާއި ވާހަކަދެއްކިއިރު ޒިހާން ހައިރާންވެފައި ހުރެގެން އެޕާރޓްމެންޓްގެ ކޮންމެ ދިމާލަަކަށް ނަަޒަރު ހިންގަމުންދިޔައެވެ. ހިތްގައިމު އިންޓީރިއާއާއި އެޕާރޓްމެންޓް ފަޅުފިލުވާލާފައިވާ އަގު ބޮޑު ފަރުނީޗަރުތަކުންވެސް އެޕާރޓްމެންޓްގެ އަގު ކުޑަ ނުވާނެކަން އަލަށް އިމާރާތަށް ވަންނަ މީހަކަށްވެސް އިނގޭނެވެ.
ޒިހާން ގެސްޓްރޫމްއަށް ވަނުމާއިއެކު އަހަރެންވެސް އަަހަންނަށް ހާއްސަކުރެވިފައިވާ ކޮޓަރިއާއި ދިމާލަށް ދިޔައީމެވެ. ކޮޓަރި ތެރެއަށް ވަދެ ޑްރެސިންޓޭބަލް މަތީގައި އަތްދަބަސް ބޭއްވުމަށްފަހު ވަތްގަނޑު ތެރެއިން ނެގި ތަޅުދަނޑިފަތި ހިފައިގެން އަަހަރެން ކޮޓަރީން ނިކުމެ ފިޔަވަޅުތައް ބެހެއްޓީ އެންމެ ކަނުގައި ހުރި ކޮޓަރިއާއި ދިމާލަށެވެ. ދަތުރުގައި އައުމުގެ ކުރީން ގޭގެ ކާޑުތަކާއިއެކު އެޕާރޓްމެންޓްގެ ހުރިހާ ކޮޓަރިތަކެއްގެ ތަޅުދަނޑިފަތި ރަސާން އަހަންނަށް ދިނީ އަަހަންނަށް އިތުބާރު ކުރާވަރުންނެވެ. އެ ތަޅުދަނޑި ފަތިން ރަސާންގެ ކޮޓަރީގެ ތަޅުދަނޑި ފާހަގަކުރަމުން އަހަރެން އެ ކޮޓަރީގެ ދޮރުފަތް ހުޅުވާ ލަމުން އެތެރެއަށް ވަނުމާއިއެކު ހުދު އަލިކަމަކުން މުޅި ކޮޓަރިތެރެ ދިއްލިގެންދިޔައެވެ. އެއާއިއެކު އަހަރެންގެ ނަޒަރު ދަތުރު ކުރީ އެންމެ ދިމާލަކަށެވެ. ދޮރާއި ކުރިމަތި ވާހެން ހުރި އެންމެ ބޮޑު ބިތުގައި ޖައްސާފައި ހުރި އެނދާއި ދިމާލުން މަތީގައި ހަރުކުރެވިފައިވާ އަހަރެންގެ ތަސްވީރު ހުރި ކެންވާހާއި ދިމާލަށް ބަލަހައްޓައިގެން އަހަންނަށް އިރުކޮޅެއްވާންދެން ހުރެވުނެވެ. އެއީ ރަސާންއަށް އަހަރެން އެންމެ ފުރަަތަމަ ފެނުނު ދުވަހު ރަސާންގެ ފިހިން ކުރެހި ތަސްވީރެކެވެ. އެވަގުތު މީގެ ދުވަސްކޮޅެއް ކުރީން ރަސާން ގެ އަޑުން އިވުނު ޖުމްލަތައް އަހަރެންގެ ކަންފަތް ދޮށުގައި ގުގުމާލައިގެން ދިޔަކަހަލައެވެ.
“ޔުނާ… އަހަރެން ވަރަށް ސާފުކޮށް ޖަވާބެއް ބޭނުން… ޔުނާ އަހަންނާއި ގުޅެން ބޭނުންތަ؟ މި ދަތުރު ނިމިގެން އަންނައިރު ޔުނާގެ ފަރާތުން ޖަވާބަކަށް އަހަރެން އިންތިޒާރުކުރާނަން…” މެލޭޝިޔާގައި އަހަރެން ދިރިއުޅެމުންދާ އެޕާރޓްމެންޓްގެ ތަނަވަސް ބެލްކަނީގައި އަހަންނާއި ކުރިމަތިލައިގެން ހުރެ ރަސާން އެހެން ބުނެލިއިރު ރެއިލިންގައި އަޅުވާލެވިފައި އޮތް އަހަރެންގެ އަތްތިލަމަތީގަައި ރަސާންގެ އަތްތިލަ ބާއްވާލެވިފައި އޮތެވެ. ރަސާންގެ ވާހަަކަތައް ވަކި ހިސާބަކުން މެދުކެނޑިގެންދިޔުމަށްފަހު އަހަރެންގެ މޫނަށް އެ ތޫނު ލޮލުގެ ނަޒަރު ދަތުރުކުރިއެވެ. އެއާއިއެކު އޭނަގެ ވާހަކަތައް ފުރިހަމަކުރިއިރު ރަސާންގެ އަތުގެ ތެރޭގައި އޮތް އަހަރެންގެ އަތްތިލައަށް ބާރު ވެލައިގެން ދިޔައެވެ.
ގެސްޓް ރޫމްގެ ދޮރުކުރީމަތީގައި ހުރެފައި ދެ ފަހަރު ދޮރުގައި ޓަކިދިންއިރުވެސް އެތެރެއިން ޒިހާންގެ އަޑެއްނީވުނެވެ. އިރުކޮޅެއް ވާންދެން ޒިހާން ދޮރު ހުޅުވާނެކަމަށް މަޑުކޮށްލައިގެން ހުރުމަށްފަހު އަހަރެން ތަޅުގައި ހިފާލީމެވެ. ތަޅުނުލާ ހުރުމުން ނުހަނު ފަސޭހައިން ކޮޓަރީގެ ދޮރު ހުޅުވުނެވެ. ކުޑަކޮށް ބޯދިއްކޮށްލަމުން ކޮޓަރިތެެެރެ ބަލާލުމަށްފަހު އަހަރެން އެ ކޮޓަރިއަށް ވަދެގެން ގޮސް އަހަރެންގެ އަތުގައި އޮތް ރަސާންގެ ސްވެންޓް ފޭންޓްސްއާއި ޓީޝާޓް އެނދުމަތީގައި ޒިިހާންއަށް ފެންނާނެހެން ބޭއްވުމަށްފަހު ބޭރަށް ނިކުންނަން ދިޔައީމެވެ. އޭރު ފާހަނައިން ފެން އޮހޭ އަޑު އިވެމުންދިޔަގޮތުން ޒިހާން ފެންވަރަނީކަން އަހަންނަށް އިނގުނެވެ.
ތެމިފައި ހުރުމުން އިތުރަށް ލިވިންރޫމްގައި މަޑުކުރާކަށް އަހަރެން ގަސްތެއްނުކުރަމެވެ. ކޮޓަރިއަށް ދިޔަގޮތަށް ތެތް އެއްޗެހި ބޭލުމަށްފަހު ފާޙަނައަށްވަނީ ހީކަރުވާގޮތްވެފައި ހުރުމުން ހޫނު ފެންކޮޅެއްގައި ޖެހިލަން ބޭނުންވީވަރުންނެވެ. ފަނަރަ މިނެޓްފަހުން ފެންވަރާލައިގެން އަހަރެން ކޮޓަރިއަށް ނިކުމެގެން އައިރު އަހަރެންގެ ފޯނު ރިންގްވަމުންދިޔަ އަޑު އިވުނެވެ. ފޮށިން ނެގި އަތް ދިގު ބޯ ޓީޝާޓަކާއިއެކު ދޫ ހަރުވާޅެއްލުމަށްފަހު ތުވާލި ހަރުގައި އަޅުވާފައި އައިސް އަތްދަބަސް ތެެރެއިން ފޯނު ނެގިއިރު ދެވަނަ ފަހަރަށް ރަސާން ގުޅަނީއެވެ.
“އަދިވެސް ނުނިމޭތަ؟ ޔުނާ ގުޅާނެކަމަށް އިނދެ އިނދެ ނުގުޅީމަ މިގުޅީ… ޒީކްވެސް ބުނި ބަލާ އަންނަން ނުގުޅާ ވާހަކަ… ކިހާ އިރަކު ނިމޭނީ…” އަހަރެން ފޯނު ނެގުމާއިއެކު ރަސާން ވާހަކަދެއްކިއެެވެ. އަހަރެން ރަސާންއަށް ނުގުޅައި ގެއަށް އައުމުން ވީގޮތެއް ބަލަަން ރަސާން ނުގުޅާ ނުހުންނާނެކަން އަހަންނަށް އޭރުވެސް އިނގުނެވެ. ދުރުގައި ހުއްޓަސް އަހަރެންގެ ހުރިހާ ކަމެއްހެން ރަސާން ބަރާބަރަށް ބަލާނެއެވެ. އެއީ ރަސާންގެ ޒިންމާއެއް ފަދައެވެ.
“12 ޖެހިއިރު ނިމިއްޖެ… ކޮލެޖް އިރުގެ ފްރެންޑްއަކާއި ދިމާވެގެން އޭނައާއި އެކީގައި އައީ…” ކުޑަކޮށް ތެތްކޮށް އޮތް އިސްތަށި ގަނޑު ހިއްކާލަންވެގެން ފޯނުން ރަސާންއާއި ވާހަކަދައްކަމުން އައިސް އަހަރެން އިށީދެލީ ފަންކާއާއި ދިމާވާނެހެން އެނދުމަތީގައެވެ.
“އޯވް… އަދިވެސް އޭނައާއި އެކީގަ ދޯ… އޯކޭ… ހޭވް ފަން… މާދަން ހެނދުނު ފުރަންޖެހޭނެއެއްނު… އެއްޗެއް ކައިގެން ހުންނައްޗޭ…” އަހަރެން އެކުވެރިޔަކާއިއެކީގައި ހުރި ވާހަކަ ބުނުމުން ރަސާންވެސް ވާހަކަ ދިގުކުރާކަށް ނޫޅުނެވެ. އަބަދުވެސް އަހަރެން އެދޭގޮތަށް އިސްކަންދިނުމާއި ބަހަކާއިނުލާ އަހަރެން ބޭނުންވާގޮތް ނަގައިގަތުމަކީ ރަސާންގެ ކިބައިގައި ހުންނަ ސިފައެކެވެ. މިފަހަރު ވާހަކަދެއްކިގޮތުންވެސް ފާޅުވީ ރަސާން އަހަންނާއި އަޅާލާވަރެވެ. އެއާއިއެކު ކުށްވެރިކަމުގެ އިޙުސާސްތަކުން އަހަރެންގެ ހިތް ފުރިގެންދިޔަ ކަހަލައެވެ. ރަސާންގެ ހިޔާވެހިކަމުގެ ދަށުގައި މިފަދަ ދަންވަގުތެއްގައި އަހަރެން ހިލޭ ފިރިހެނަކާއިއެކު ހުރެދާނެކަމަށް ރަސާން ފަހަރެއްގައިވެސް ހިޔެއްނުކުރާނެއެވެ. އެވެސް އަހަރެން ފުރަތަމަ ލޯބިވި ޒުވާނާއާއި އެކުގައެވެ. ރަސާން އަހަންނަށް އިތުބާރު ކުރާވަރު އަހަންނަށް އިނގެއެވެ.
“ރަސާން…” އިތުރަށް ވާހަކަދެކެވުމެއްނެތި ރަސާން ފޯނު ބާއްވަން އުޅުމާއިއެކު އަަހަންނަށް ގޮވާލެވުނެވެ. އެއްވެސް ހާލެއްގައި ރަސާން އޮޅުވާލުމެއްގެ ތެރޭގައި ބަހައްޓާކަށް އަހަރެން ބޭނުމެއްނޫނެވެ. ރަސާންގެ ތެދުވެރިކަމާއި އޯގާތެެރިކަމުގެ ބަދަލު އެފަަދަ ހިތި ގޮތަކަށް އަހަރެން އަދައެއްނުކުރާނަމެވެ. އެވަގުތު ރަސާން ހޫމް ލައްވާލިއިރު ސިއްރުން ހިނިތުންވެލިހެން ހީވިއެވެ. އަހަރެންގެ އެ ކުޑަ އަދާއިންވެސް ރަސާން ހިތްހަމަޖެހުނުވަރު އިޙުސާސްކުރެވުމުން އަހަރެންގެ ހިތަށް އުނދަގޫވިއެވެ.
“އައިމް… ވިތް ހިމް…” އެ ކުޑަ ޖުމްލަ އަހަރެންގެ ދުލުން ބޭރުވެގެންދިޔައީ މެދުކެނޑިގެންނެވެ. މާބޮޑު ތަފްސީލަކާއި ނުލާ އަހަރެން ބުނެލިޔަސް އަހަރެންގެ ބަސްތައް ރަސާންއަށް ފަހުމްވާނެކަން އަަހަންނަށް އިނގެއެވެ. ތަންކޮޅެއްކުރީން ޒިހާންގެ ވާހަކަ ރަސާންގެ ގާތުގައި ބުނެވުނަސް އަދިވެސް ރަސާން ހަނދާންހުރިކަން އަހަންނަށް އިނގުނީ ވަގުތުން ރަސާން ހިމޭންވެގެންދިޔަ ގޮތުންނެވެ. ހިނދުކޮޅަކަށް ރަސާންގެ ފުށުން ހިމޭންކަމެއް ފާޅުވެގެންދިޔުމަށްފަހު އަހަރެން އުއްމީދުނުކޮށް ހުއްޓާ ކޯލް ކެނޑިގެން ދިޔައެވެ. ރަސާންގެ އެ ކުއްލި ހަރަކާތާއިއެކު އަހަރެން ހުއްޓުން އަރައިގެންދިޔައިރު އަހަރެންގެ ލޮލުގެތެރެއަށް ކަރުނަތައް ގިނަވަމުން ދިޔަކަމުގެ އިޙުސާސެއްކުރެވުނެވެ. ލަސްލަހުން މޫނު އުފުލާލަމުން އެ ކަރުނަތައް ހިންދާލަން އަހަރެން މަސައްކަތްކުރީމެވެ. އެއާއިއެކު ފޯނު ހިފައިގެން އެނދުމަތީން ތެދުވެ ދޮރާއި ދިމާލަށް ދަނިކޮށް އަހަރެންގެ ފޯން ވައިބްރޭޓްވިއެވެ.
ވައިބަރއިން ރަސާން ފޮނުވާފައި އިން މެސެޖް ފެނުމާއިއެކުވެސް އަހަރެންގެ ލޮލަށް ކަރުނަތައް ބޮޑިވެގަތެވެ. ރަސާންއަކީ ކޮންކަހަލަ އިންސާނެއް ހެއްޔެވެ؟
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.

Hii all, hope you will like this part too.. and i look forward to see your comments.. i have submitted the 3rd part for review.. enjoy reading
Yes..like the story very much..waiting for next part
Yea. Like this story Masha Allah ❤️
Waiting for next part 💕
Love you so much
Unmeedhu kuran imko a support dheene kama
Unmeedhu kuran imko ga message kiyaalan kama
Hii all, third part uploaded.. click my name and you can see it.. i guess there has been an error.. cause the 3rd part is seen under 7th december.. thank you