Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބީވީމާ 1

Naira Level 1
December 6, 2023 5 Mins Read
1 Comment

އިރުއޮއްސުނީއްސުރެ އުޑުމަތި ބަނަކުރަމުންދިޔަ ބޯވިލާތަކުން ވާރޭ ވެހިގަތީ މެންދަންވާން ގާތްވެފައި ވަނިކޮށެވެ. ވާރޭގެ އެތައް ހާސްތިކިތައް ވައިގެ ތެރޭގައި ވިހުރިގެންދިޔައިރު ޖެހެމުންދިޔަ ބާރުވަޔާއިއެކު ބިޔަގަސްތައްވެސް ދެފަރާތަށް ހޫރެންފެށިއެވެ. ރޭގަނޑުގެ ވަގުތު ވިޔަފާރީގެ ދާއިރާގެ އާ މޫނުތަކަށް އަމާޒުކޮށްގެން ޔުނިވަރސިޓީގެ މައި އިމާރާތުގެ ހޯލްގައި ބޭއްވިގެންދިޔަ “ބިޒްނަސް އެންޓްޕްރެނަރސް” މީޓިންއަށްފަހު އެންމެންނާއި ވަކިވެގެން އަހަރެން ނިކުމެ ހުރީ އިމާރާތުގެ ކޯރިޑޯގައެވެ. އެ ދިމާލުގައިވާ ތިރިފާރުގައި ރެެއިލިން ޖެހުމަށްފަހު މަތި ހާމަޔަށް ދޫކޮށްލާފައި އޮތްގޮތުން އެއްވެސް ހުރަހެއްނެތި ބުރުއްސަމުން ދިޔަ ވާރޭގެ ތިކިތަކުން ކޮންމެވެސް ވަރަކަށް އަހަރެން ތެމެމުންދިޔައެވެ. ވެހެމުންދިޔަ ވާރޭގެ ފިނިކަން އިޙުސާސްކޮށްލުމަށް ރެއިލިންގެ ބޭރަށް އަތްތިލަ ދިއްކޮށްލައިގެން ހުރިއިރު އެކަމަކަށް އަހަރެންގެ ސަމާލުކަމެއް ނެތެވެ. އެތައް އަހަރެއްފަހުން އުޅެ ބޮޑުވި ޤައުމަށް އަދި އަމިއްލަ ފައި މައްޗަށް ތެދުވި މަދަރުސާއަށް އާދެވުމުން އޭރުގެ ފޮނި ހަނދާންތައް އާކުރަން އަހަރެންގެ ހިތް އެދެމުންދާ ކަހަލައެވެ.

މީގެ ހަތަރުއަހަރުކުރީން މަތީ ތައުލީމް ހާސިލްކުރުމަށް މެލޭޝިޔާއަށް ބަދަލުވީފަހުން އަހަރެންގެ ދިރިއުޅުން ބިނާކުރެވިފައިވީ އެ ޤައުމުގައެވެ. ކިޔަވާ ނިމުމުންވެސް އަނބުރާ ރާއްޖެ އައުމުގެ ހިޔާލެއް އަހަރެން ނުކުރަމެވެ. އެޤައުމުގައި އަމިއްލަ ވިޔަފާރިއެއް ފަށައިގެން ކުރިއަށް ގެންދަން ނިންމީ ތަކެތީގެ ތިޔާގިކަމާއިއެކު ތަރައްޤީގެ ގޮތުންވެސް އެފަދަ ކުރިއަރާފާއި ގައުމެއްގައި ހޯދޭނޭ ނަފާ ނުހަނު ގިނަގުނަވާނެކަން އިނގޭތީއެވެ. ފުރިހަމަ ހަތަރު އަހަރަށްފަހު އަހަރެން މިދަތުރުގައި ރާއްޖެ މިއައީވެސް ގަހަނާ ފަރުމާކުރުމުގެ ރޮނގުން އަހަރެން ކުރިއަށްގެންދާ ވިޔަފާރި ފުޅާކުރާނެ އިތުރު ގޮތްތަކެއް ހޯދުމުގެ ބޭނުމުގައެވެ.

“ޔު…ނާ…” އަމިއްލަ ހިޔާލުގެ ދުނިޔެއެއްގައި އަހަރެން ފީނަމުންދަނިކޮށް ފަހަތުން ގާތްވެގެން އައި ފިޔަވަޅުތަކުގެ އަޑާއި އެކު ވެގެން ކަންފަތުގައި ޖެހުނު އަޑާއިއެކު އަހަރެންގެ ހަށިގަނޑަށް ހުއްޓުމެއްއައިކަހަލައެވެ. ވާރޭގެ ތެރެއަށް ދިއްކޮށްލެވިފައިވާ އަހަރެންގެ އަތްތިލަމަތީގައި ފެންތިކިތައް ވިދަމުންދިޔައިރު ސިކުންތުކޮޅަކަށްވެސް އެފެންތިކިތައް އަހަރެންގެ ލޮލަށް ފެނުނީ ފުނޑުފުނޑުވެފައިވާ އަހަރެންގެ ހިތުގެ އެތިކޮޅުތައް ފަދައިންނެވެ. އެހިތުގެ އެތިކޮޅުތައް އަލުން ގުޅުވާލުމަށްފަހު އަހަރެން މިހާ ހިސާބަށް މިއައީ ހާދަ ހިތްވަރަކުންނެވެ. އެކަމަކު އަހަރެންގެ ހިތުގައި އަަދިވެސް އެ ރެނދުތައް ދެމިހުރީ އޭގެ އެންމެ ތާޒާކަމުގައެވެ.

“ޒިހާން…” އެއްވެސް އިޙްތިޔާރަކާއިނުލާ ދުލުން ބޭރުވެގެންދިޔަ ނަމާއިއެކު އަހަންނަށް ލަސްލަހުން ފަސްއެނބުރިލަމުން ބަލާލެވުނެވެ. އަހަރުތަކެއްފަހުން އަހަރެންގެ ކަންފަތަށް އެއަޑު އިވުނަސް އަހަންނަކަށް ނޯޅޭނެއެވެ. ޒިހާންގެ އަޑާއި ކޮންމެ އަދާއަކާއި އަހަރެމެންގެ ކޮންމެ ހަނދާނެއް އަހަރެންގެ ހިތުގެ އެންމެ ފުނުގައި ބިންވަޅު ނެގިފައިވެއެވެ. އެކަމަކު ޒިހާން އަހަރެންގެ ނަން ކިޔާލީ ޝައްކެއްގެ މަތީގައި ހުރެގެންނެވެ. އެހާ ދުވަސްފަހުން މިފަދަ ތަނަކުން އަހަންނާއި ބައްދަލުވުމުގެ ފުރުސަތު ލިބިދާނެކަމަށް ޒިހާން އެއްވެސް ވަރަކަށް ހީނުކުރާކަހަލައެވެ.

“މިތަނުގެ ތެރެއިން ފެނިފައިވެސް ފުރަތަަމަ ޔުނާކަމަކަށް ހިޔެއްނުކުރަން… އެކަމަކު ވާހަކަދައްކަން ސްޓޭޖަށް އެރީމަ އެނގުނު… ހިޔެއްނުކުރަން މިހާ ދުވަސްފަހުން ދިމާވާނެކަމަކަށް… ޔުނާ ކިހިނެތް؟” ދެ ޖީބަށް އަތްޖަހާލައިގެން ހުރެ ހިނގާ ލާފައި އަހަންނާއި ގާތަށް އަންނަމުން ޒިހާން ވާހަކަދެއްކިއެވެ. ހުދުކުލައިގެ ގަމީހަކާއި ކަނޑު ނޫކުލައިގެ ފަޓްލޫނެއްގައި ޓައި އާއިއެކު ނުހަނު ރަސްމީކޮށް ހުރިއިރު އަންހެންކުދީންގެ ނަޒަރުތައް ދަމައިގަންނަހާ އަދިވެސް ޒިހާން ރީއްޗެވެ. ހަތަރު އަހަރު ތެރޭގައި އެ ފިރިހެންވަންތަކަމާއި ބުރުސޫރައަށް މާބޮޑު ބަދަލެއް އައިސްފައެއްނުވެއެވެ.

“ރަނގަޅު… ޒިހާން ކިހިނެތް؟” ޒިހާންއާއި ކުރިމަތިލައިގެން ހުރެ ސުވާލުކުރިއިރު އަހަރެންގެ ލޮލުން އިތުރު ޝުއޫރެއް ފާޅެއް ނުވެއެވެ. އާދައިގެ ގޮތަކަށް އަހާލެވުނީ ދަންނަ އެހެން މީހަކާއިވެސް ވާހަކަދައްކާފަދައަކުންނެވެ. އަހަރުތަކާއިއެކު އަހަރެންގެ ހިތަށާއި އަހަރެންގެ ހިތުން ޒިހާންއަށް ދެވިފައިވާ މަޤާމަށްވެސް ބަދަލު އައިސްފައިވާކަހަލައެވެ.

“އަހަރެންވެސް ރަނގަޅު…” އަހަރެން ކުރި ސުވާލަށް ޒިހާން ޖަވާބު ދިނުމަށްފަހު ވާހަކަދެކެވުމެއްނެތި އަހަރެމެންގެ ދެމެދުގައި ހިމޭންކަމުގައި ވަގުތުތަކެއް ފާއިތުވަމުންދިޔައެވެ. ޒިހާންވެސް ހަމަހިމޭންކަން ހިޔާރުކޮށްގެން ހުރިއިރު އެހާ ދުވަސްފަހުން ޒިހާންއާއި ބައްދަލުވުމުންވެސް ދައްކާނެ ވާހަކައެއް އަހަންނަކަށްވެސް ނޭނގުނެވެ. އަހަރުތަކެއްކުރީން އެންމެ ގާތް އެކުވެރީންގެ ގޮތުގައި ތިއްބަސް މިއަދު އަހަރެމެން ދެމީހުންގެ ދެމެދުގައި އޮތް ގުޅުމަށް ދޭނެ ނަމެއް ޙުދު އަހަންނަކަށް ނޭނގެއެވެ. އަހަރު ތަކެއް ކުރީން އެގުޅުން ހީނަރުވާން ދޫކޮށްލުމަށްފަހު ޒިހާންއާއި ދުރަށް ދިޔައީ އަހަންނެވެ. ހަމައެކަނި ނަމަކަށް އޮތް ގުޅުމެއް ދަމަހައްޓަން އިތުރަށް މަސައްކަތްކުރަން އަހަރެން ބޭނުންނުވީއެވެ. މަރުވަމުންދިޔަ ގުޅުމަކަށް ފެންދޭން ހުންނަން އަހަރެން ބޭނުންނުވީއެވެ. އެތައްދުވަހަކު އެއްއަތް ތެޅުމަށްފަހު އެންމެފަހުން އަހަރެން ވަރުބަލިވީއެވެ.

“އަހަރެން ހީކުރީ އަދިވެސް ޔުނާ އޭރުހާ އަނގަގަދަވާނެކަމަށް… އޭރު އަހަރެމެން ކިހާ ސަކަރާތް ނެގިން… މިރޭ މިތަނަށް އާދެވުނީމަވެސް އެދުވަސްތައް މަތީން ހަނދާންވީ… އޭރު ޔުނާ ނެތްނަމަ ވަރަށް ފޫހިވިސް… އަހަރެމެންގެ ރަންޒަމާން ދޯ…” އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުރެ ލުއި ހިނިތުންވުމަކާއިއެކު ޒިހާން ވާހަަކަދެއްކިއިރު އަހަންނަށް އެދުވަސްތައް މަތީން ނުހަނު ބޮޑަށް ހަނދާންވިއެވެ.

އަހަންނާއި ޒިހާން ދިމާވީ މި ޔުނިވަރސިޓީގައި އަހަރެމެން ކިޔަވަމުންދިޔަ ދުވަސްވަރެވެ. ބިޒްނަސްގެ ދާއިރާއިން ބެޗްލާރސްއަށް ދެމީހުން ކިޔަވަމުންދިޔައިރު ދެމީހުންގެ ކިބައިގައި ހުރި އެއްގޮތްކަމާއިއެކު އަހަރެމެންގެ މެދުގައި ގާތް އެކުވެރިކަމެއް އުފެދިގެން ދިޔައީ އެފަދަކަމަކަށް އަހަރެން އުންމީދުނުކޮށް ހުއްޓައެވެ. އެންމެ ފުރަތަމަ ކިޔެވުމާއި ގުޅޭ އެކި އެކި ކަންކަމުގައި އަހަންނަށް މެސެޖްކޮށް ހަދަން ފެށީ ޒިހާންއެވެ. އޭރު ޒިހާން ކިޔެވުމަށް ބަހައްޓަމުންދިޔަ ޝައުގުވެރިކަން ފެނި އަހަރެންވެސް ޒިހާން އިތުރަށް ދެނެގަންނަން ބޭނުންވިއެވެ. މަތީ ސާނަވީ ތައުލީމުވެސް ފުރިހަމަކުރުމަށްފަހު އެ ހިސާބަށް އާދެވުނުއިރު އަހަންނަށް މުޅީންހެން ވެސް ފެންނަމުން ދިޔައީ ކިޔެވުމާއި ދުރު ސަކަރާތުގައި އުޅެމުންދިޔަ ފިރިހެންކުދީންނެވެ. ބީރައްޓެހި ފިރިހެނުންނަށް މެސެޖްކޮށް ވާހަކަ ދައްކަން ބޭނުންނުވިޔަސް އަހަންނަށް އޭރު ޒިހާންގެ މެސެޖްތަކަށް ފުރަގަސްނުދެވުނު މައިގަނޑު ސަބަބަކީވެސް އެއީއެވެ.

“އަހަރެން ހީކުރީ ޔުނާ މިހާރު ހަނދާން ނުހުންނާނެކަމަށް…” އިރުކޮޅެއްވާންދެން އަހަރެންގެ މޫނުމައްޗަށް އަރާ ފައިބަމުންދިޔަ އަސަރުތައް ދެކެން ހުރެފައި ޒިހާން ވާހަކަދެއްކުމާއި އަހަންނަށް ވަގުތުން ޒިހާންއާއި ދިމާލަށް ބަލާލެވުނެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އަހަރެންގެ މޫނުމައްޗަށް ރުޅިވެރިކަމުގެ އަސަރުތައް ވެރިވެގެންދިޔަ ގޮތުން ޒިހާންއަށްވެސް އެކަން ފާހަގަކުރެވޭނެއެވެ. އެވަގުތުކޮޅު ހިތްހަމަނުޖެހިފައިހުރެ އަހަންނަށް ޒިހާންއާއި ދުރަށް ހިނގައިގަނެވުނެވެ.

އަހަންނާއި ދިމާލަށް އެހެން ބުނުމުގެ ކުޑަވެސް ހައްޤެއް ޒިހާންއަކަށް ނޯންނާނެއެވެ. އޭރުގެ އެދުވަސްތައް ޒިހާންއަށް ވުރެ ބޮޑަށް ހަނދާން ހުންނާނީވެސް އަހަންނެވެ. އެއީ ޒިހާންގެ ހަޔާތުގައި އާދައިގެ ދުވަސްތަކާއި އެއްފަދައިން ތަކުރާރުވެގެންދިޔަ ދުވަސްތަކަކަށް ވިޔަސް އެއީ އަހަރެންގެ ހަޔާތުގައިވެސް އައި ހިތުންފޮހެލަން ދަތި އަދި އެންމެ އުފާވެރި ދުވަސްތަކެވެ.

”ޔުނާ… މަޑުކޮށްބަލަ… އަހަރެން އެހެން ބުނީމަ ހިތްހަމަނުޖެހުނީތަ؟” ހަރު ފިޔަވަޅުތަކެއްގައި ސިޑިން ފައިބައިގެން ދިޔަ އަހަންނާއި ޒިހާންއަށް އެއްހަަމަކުރެވުނީ ސިޑީގެ އެންމެ ފަހު ހަރުފަތާއި ހަމައިންނެވެ. އޭރު އަހަރެމެންނަށް ތިބެވުނީ އިމާރާތުގެ އެންމެ ތިރީބައިގައި ގޭޓު ފެންނަ ހިސާބުގައެވެ.

“ނޫން… ވަރަށް ލަސްވެއްޖެއެއްނު…” ތިރިއަށް ފޭބުމަށްފަހު ޒިހާންއާއި ކުރިމަތިލަމުން އަހަރެން ވާހަކަދެއްކިއިރު އަހަރެންގެ ހިތުގައި އޮތީ އެހެން އެއްޗެކެވެ. ޒިހާންގެ ކުރިމަތީގައި އަހަރެންގެ ހިތުގައި އޮންނަ އެއްޗެއް ވަންހަނާކުރުމަކީ ކުރީން އަހަންނަށް ކުރަން ފަސޭހަކަމަކަށްނުވާއިރު އަަހަރެން މިހާ ކުޅަދާނަވީ ކޮންއިރަކު ހެއްޔެވެ؟

“ވަރަށް އުފާވެއްޖެ ދިމާވީމަ… ދަނީ.. ޒިހާން…” އިތުރަށް ޒިހާންއާއި ވާހަކަަދައްކަން ހުންނާކަށް އަހަރެން ގަސްތެއްނުކުރަމެވެ. އެއްއިރެއްގައި އަހަރެންގެ ހިތު ލޯތްބަށްވިޔަސް ޒިހާންއަކީ މިހާރު އަހަރެންގެ މާޒީއެވެ. އެ މާޒީއާއިމެދު ހިތާމަކުރި އެތައް ދުވަހެއްފަހުން އެ ދުވަސްތައް މުޅިއުމުރަށް ހިތުގައި ފޮރުވާލަމުން އަހަރެން މިއަދު މިދަނީ ކުރިއަށްދަމުންނެވެ.

ޔުނިވަރސިޓީގެ ގޯތިތެރޭގައި ބަހައްޓާފައި ހުންނަ ބެންޗްތައް ހުރަސްކޮށް މައި ގޭޓާއި ދިމާލަށް ދިޔައިރު އަހަރެން އޭރުގެ އެ ދުވަސްތައް މަތީން ނުހަނު ބޮޑަށް ހަނދާންވިއެވެ. ކްލާސްތައް ފެށުމުގެ ކުރީން ޒިހާންގެ އިންތިޒާރުގައި ކޮންމެ ދުވަހަކު އަހަރެން ބެންޗްގައި އިށީދެލައިގެން އިންނަ މަންޒަރު މިވަގުތުވެސް އަހަރެންގެ ހިޔާލީ ލޮލަށް ފެނިލި ކަހަލައެވެ. ދެގަނޑި ދޭތެެރެއިން ލިބޭ ހުސްވަގުތުތަކުގައި ބެންޗްގައި ތިބެގެން އަހަރެމެން ދެއްކި ކޮންމެ ވާހަކައެއްހެން މިއަދުވެސް އަހަރެންގެ ކަންފަތުގައިި ގުގުމާލާފައިވެއެވެ. ޒިހާންގެ ލާނެތް ދިމާކުރުންތަކާއި ސަކަރާތްތަކެވެ. އިމްތިހާނުގެ ކުރީން އަހަރެން ހާސްވެގެން އުޅުމުން އަހަރެން ހިތްހަމަ ޖައްސައިދޭން ޒިހާން ދެއްކިހާ ވާހަކަތަކެވެ. ތާއަބަދުވެސް އަަހަންނާއި އެންމެ ގާތުގައި ވުމަށް ކުރި ވައުދުތަކެވެ. ހަޤީގަތަކަށްނުވި އަހަރެމެންގެ މުސްތަޤުބަލުގެ ހުވަފެންތަކެވެ.

“ތީ ފުރާނައޭ، މަގޭ ހިތޭ، އުފާތަކޭ…

ތީ ބަލާލުމޭ، ހިތާ ކުޅޭ، ހަނދާންތަކޭ…”

ޔުނިވަރސިޓީގެ ގޭޓް ކައިރީގައި މަޑުކޮށްލައިގެން ހުރިއިރު ލަސްލަހުން އަަހަރެންގެ ދެލޯ ކަރުނުން ތެމެމުންދިޔައެވެ. އެގޮތުގައި އެދުވަސްތައް ދެމިގެންދާން އަހަރެން ހާދަ ބޭނުންވިއެވެ. ޒިހާންގެ ގާތްކަމަށް އަހަރެންގެ ހިތް ހާދަ އެދުނެވެ. އަހަރެންގެ ކުށެއްނެތި ޒިހާން އަހަންނާއި ދުރުވީ އަަހަރެން ކުރި އާދޭސްތަކަށް ފުރަގަސްދިނުމަށްފަހުއެވެ. ހަޔާތުން ފުރިހަމަ ތިން އަހަރު އަހަރެން ޒިހާންއަށް ޓަކައި ބޭކާރުކޮށްލީމެވެ. ޒިހާން އަނބުރާ ނާންނާނެކަން އިނގޭއިރުވެސް އެތައް ދުވަހަކު އިންތިޒާރުގައި ހުރީމެވެ. އަހަންނާއި ގުޅެން އެދިގެން އައި އެންމެންނަށްހެން ފުރަގަސްދެވުނީ އަދިވެސް މި އިޙުސާސްތަކުން މި ހިތަށް މިންޖު ނުވެވޭތީއެވެ.

“އުތުރި ލޮލުން ކަރުނަ ނުހިކި ފޯވީމާ…

ދަތުރު ފެށިމި ނުނިމި މިތުރު ބީވީމާ…”

އޭރުވެސް ތުނިތުނިކޮށް ވާރޭގެ ކަނިތައް ޖަހަމުންދިޔައެވެ. ކަޅު ވިލާތަކުން އުޑުމަތި ފޮރުވިފައިވީގޮތުން ކޮންމެ ވަގުތަކުވެސް ބޯކޮށް ވާރޭ ވެހިގަނެފާނެކަހަލައެވެ. ދޭތެރެއަކުން ޖެހެމުންދާ ވައިރޯޅިތައްވެސް ނުހަނު ބާރެވެ. ދަންވަމުންދިޔަވަރަކަށް މަގުތައް މަތީގައި ހަރަކާތްތެރިވަމުންދާ މީހުންނާއި ދުއްވާ އެއްޗެހިވެސް މަދުވަމުންދިޔައެވެ. ވިއްސާރަ ވެހުމުގެކުރީން ހިނގާފައި އަހަރެން ހުންނަ އިމާރާތާއި ހަމަޔަށް ނުދެވޭނެކަން އިނގޭތީވެ ފޯނު ހިފައިގެން އަހަންނަށް ހުރެވުނީ ދެ ހިޔާލެއްގައެވެ. އޭރު ބައްދަލުވުމުގެ ބައެއް ބައިވެރީން އެމީހުންގެ ލޯބިވެރިންނާއި ފިރިންނާއިއެކު އެ މީހުންގެ މަންޒިލަށް މިސްރާބު ހިފަމުން ދިޔައެވެ.

މިދަތުރުގައި މާލެ އައުމުގެ ކުރީން އަހަރެން ކަމަކަށް ބޭނުންވާ ކޮންމެ ފަހަރަކު ރަސާންއާއި ގުޅުމަށް ރަސާން ތަކުރާރުކޮށް އެދުނަސް އަހަންނަސް ހުރެވުނީ ދެ ހިޔާލެއްމަތީގައެވެ. ދަތުރަށް ފުރުމުގެ ކުރީން ރަސާންގެ ފަރާތުން އިވުނު ވާހަަކަތައް އަދިވެސް އަހަރެންގެ ސިކުނޑިން ފޮހެވިގެން ނުދެއެވެ. ދަތުރު ނިމިގެން އެނބުރި މެލޭޝިޔާއަށް ދިޔުމާއިއެކު ރަސާންއަށް ޖަވާބެއް ދޭން ޖެހޭނެކަން އަހަންނަށް އިނގެއެވެ. މުޅިއުމުރަށް ރަސާންއަށްވެސް އިންތިޒާރެއްގައި ނުހުރެވޭނެކަން އަހަންނަށް އިނގެއެވެ. އަދި އެއީ އަހަރެންވެސް ރަސާންގެ ފަރާތުން ބޭނުންވާގޮތެއްނޫނެވެ.

“ޔުނާ… އަދިވެސް ނުދަންތަ؟” އަހަރެން ހިޔާލަކަށް ގެއްލެމުންދަނިކޮށް ދާދި ކައިރިން ޒިހާންގެ އަޑުއިވުނެވެ. އެއާއިއެކު ސިހިގެން ދިޔުމާއިއެކު އަހަންނަށް އިސްއުފުލާ ބަލާލެވުނުއިރު ޒިހާން ސައިކަލްގައި އައިސް އަހަރެންގެ ކައިރިއަށް މަޑުކޮށްލަނީއެވެ.

“ބަލައި އަންނަންދެން މަޑުކޮށްގެން ހުރީ…” ޒިހާންގެ ގާތުގައި ތެދަށް ބުނަން ބޭނުންނުވުމުން އެހެން ބުންޏަސް އަހަރެން ހުރީ މީހެއްގެ އިންތިޒާރުގައެއްނޫނެވެ. އެގޮތުގައި ކިތަންމެ އިރެއް ފާއިތުވެގެންދިޔަޔަސް އިސްވެ ރަސާންއަށް ގުޅުމުގެ ހިތްވަރު އަހަންނަށް ނުލިބޭނެކަން އަހަންނަށް އިނގެއެވެ.

“އަދިވެސް ސައިކަލް ދުއްވަން ބިރުގަނޭތަ… އަަރަންވީނު ފަހަތަށް… އަހަރެން ގެންގޮސްދީފާނަން…” އިރުކޮޅެއްފަހުން ޒިހާން ސުވާލު ކުރިއިރު އެއަޑުގައި ކޮންމެވެސް ވަރެއްގެ ފަސްޖެހުމެއްވިއެވެ. މާޒީގެ ދުވަސްމަތީން އަދިވެސް ކޮންމެވެސް ވަރަަކަށް ޒިހާން ހަނދާން ހުރިކަހަލައެވެ. އަހަރެމެން ދެމީހުން އެއްކޮށް އުޅުނުއިރު އަހަންނަށް ސައިކަލް ދުއްވަން ދަސްކޮށްދޭން ޒިހާން ބުރަ މަސައްކަތެއް ކުރިއެވެ. އެއްދުވަހަކު ޒިހާން އަހަރެންގެ ފަހަތުގައި އިންދާ ދުއްވާފައި ދަނިކޮށް ސައިކަލްގެ އަރިއަޅާލައިގެން ވެއްޓި ޒިހާންއަށް އަނިޔާވީ ފަހުން އަހަރެން އިތުރަށް އެކަން ދަސްކުރަން އުޅެން ބިރުގަތީއެވެ.

“ތޭންކްސް…” އަހަރެން އެވަގުތު ހުރީ އެހެން މީހެއްގެ އެހީތެރިކަމަަށް ބޭނުންވެފައިކަަމަށްވާތީ ޒިހާންގެ އެދުމަށް ފުރަގަސް ދޭކަށް ބޭނުމެއްނުވިއެވެ. ޒިހާންއަށް ޝުކުރުއަދާކުރުމަށްފަހު އަހަރެން ސައިކަލުގައި އިށީނީ އަހަރެމެން ދެމީހުންގެ ދެމެދުގައި ދުރުމިނެއް ބަހައްޓާފައެވެ.

ވަގުތުގެ ގޮތުން ހިމޭންކަމަށް ގެނބިފައިވާ މާލޭގެ ބޭރުމަގުގައި ބާރު ސްޕީޑްގައި ސައިކަލު ދުއްވާފައި ދިޔައިރު އޭރުވެސް ތުނިތުނިކޮށް ވާރޭ ވެހެމުންދިޔައެވެ. ކަނޑުން އަންނަމުންދިޔަ ފިނިކަން އެކުލެވިގެންވާ ތާޒާ ވައިރޯޅިތަކާއިއެކު ވައިގެ ތެރޭގައި ވިހުރިގެން އައިސް މޫނުގައި ބީހެމުންދިޔަ ހިމަފޮދުވާރޭގެ ކަނިތަކުންވެސް ހިތަށް ފިނިކަން ގެނުވައެވެ. މަގުގެ ދެކޮޅުން ރީނދޫ ކުލައިގެ ލައިޓްތަކުން ދިއްލާލެވިފައިވީގޮތުން ނުހަނު ލޮލަށް ފަސޭހައެވެ. ލޯބިވެެރީން އެންމެ ބޭނުންވާފަދަ ހިތްގައިމު ވަގުތު ކޮޅެކެވެ. އެކަމަކު ލޯބިވެރިއަކާއިނުލާ މި މާހައުލުން ހޯދޭނެ އުފަލެއް އޮންނާނެ ހެއްޔެވެ؟ ގާތުގައި ހިތުގެވެރިޔާ އިނަސް އަހަރެންގެ ހިތުގައި ފޮރުވިފައިވާ ލޯތްބަކީ އެއްފަރާތުން ވަމުންދާ ލޯތްބެއްކަން އަހަރެންގެ ހަނދާނުން ކައްސައެއް ނުލައެވެ. އެ ލޯތްބަށް އަހަރުތަކެއް ވެގެންދިޔުމަށްފަހު މިއަދު އަހަރެންގެ ކުރިމަތީގައި މިއިން ޒިހާންއަކީ މީހެއްގެ ހައްޤެއް ނޫންކަމެއްވެސް އަހަންނަށް ނޭނގެެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Naira

Level 1

A keen reader of dhivehi stories. And reading lead me to write one. Author of Vakivee Loabin & Beeveema.

Other Articles

Previous

އަނިޔާ

Next

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ދިހަވަނަ ބައި)

Next
December 6, 2023

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ދިހަވަނަ ބައި)

Previews
December 6, 2023

އަނިޔާ

One Comment

  1. Naira says:
    December 6, 2023 at 2:39 pm

    Hii all.. its been a while. And im happy to be back with a new novel. This is a short story about two college sweet hearts who reunite after years. Hope you will like this story too…

Comments are closed.

Next Episodeބީވީމާ 3←


All Right Reserved!