Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބީވީމާ (ފަހުބައި)

Naira Level 1
December 14, 2023 9 Mins Read
1 Comment

ދިރިއުޅުމުގައި އަހަރެން ދެކެން އެންމެ ބޭނުންވީ ދުވަސް އަހަންނާއި ބައްދަލުކުރިއިރު އަހަންނަށް ހުންނަން މިޖެހުނީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައެވެ. މިއަދު އަހަރެންގެ ހަޔާތުގައިވަނީ ހަމައެކަނި ޒިހާންއެއްނޫނެވެ. އެއްކޮޅުގައި އަހަރެންދެކެ ތެދުހިތަކުން ލޯބިވެ އަހަންނަށްޓަކައި މުޅި އުމުރުވެސް ހުސްކޮށްލަން ތައްޔާރަށްހުރި އޯގާތެރި ހިތެއްގެ ވެރިއެކެވެ. އަނެއްކޮޅުގައި އަހަންނަށް އެތައް އުފަލެއް ދިނުމަށް ފަހު އެންމެ ބޭނުންވީ ވަގުތު އަހަރެންގެ އަތުން ދޫކޮށްލި އަހަރެންގެ ހިތުގެ އަނިޔާވެރިޔާއެވެ. އަހަރެން ހިޔާރުކުރަންވީ ކާކު ހެއްޔެވެ؟

“ޔުނާ ކޮންމެވެސް އެއްޗެކޭ ބުނެބަލަ… ނޫނީ ޔުނާގެ ތި ހިމޭންކަން ޖަވާބެއްގެ ގޮތުގައި އަހަރެން ބަލަންވީތަ؟” އަހަރެންގެ ފަރާތުން ފާޅުވަމުންދިޔަ ހިމޭންކަން ދެކެން ޒިހާންއަށް ކެތްނުވީކަހަލައެވެ. އަހަރެންގެ ދަތްދޮޅިދަށަށް އަތްލައްވާ އުފުލިއިރު އަހަރެންގެ ލޮލުގެ ތެރޭގައި ހިމޭން ކަރުނަތައް ވިދަމުންދިޔައެވެ. އެ ކަރުނަތަކަށް މިނިވަންކަމެއްދެމުން އަހަންނަށް ދެލޯ މަރާލެވުނީ މިވަގުތުކޮޅާއި ފިލަން ބޭނުންވީވަރުންނެވެ. އެވަގުތު އަހަރެންގެ މޫނާއި ދިމާލުން ޒިހާންގެ ނޭވާތަކުގެ ހޫނުކަން އިޙުސާސްކުރެވެންފެށިއެވެ. ސިހިފައި ކަހަލަ ގޮތަކަށް އަހަންނަށް ދެލޯ ހުޅުވާލެވުނުއިރު ޒިހާންގެ މޫނު ފެނުނީ ނުރައްކާތެރި ދަރަަޖައަކަށް ގާތުންނެވެ.

“ނޫން… ރަސާން…” އެވަގުތުކޮޅު އަހަންނަށް ޒިހާންއާއި ދުރެވުނުގޮތެއްވެސް ނޭނގުނެވެ. އަަހަރެންގެ އަތުގެ ހޫނު ހަމަލާއެއް ޒިހާންގެ ކޯތާފަތަށް އަމާޒުވެގެންދިޔަކަމެއްވެސް އަހަންނަކަށް ނޭނގުނެވެ. ރަސާންގެ ސޫރަ އެވަގުތުކޮޅު އަހަރެންގެ ލޯކުރިމަތީގައި ތަސްވީރުވެގެންދިޔަޔަސް އެ ނަން އަހަރެންގެ ދުލުން ބޭރުވެގެންދިޔަކަންވެސް އިނގުނީ ޒިހާން ރަސާންގެ ނަން ކިޔާލަމުން ހައިރާން ކަމުން ފުރިގެންވީ ނަޒަރުން އަހަރެންގެ މޫނަށް ބަލާލިގޮތުންނެވެ. އޭރު ކޯތާފަތްމަތީގައި އަތްއަޅާލިގޮތަށް ޒިހާން އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުރީ ޤަބޫލުކުރަންދަތި ނަޒަރަކުންނެވެ. އަހަރެންގެ ފަރާތުން ފެނުނު އަމަލުތައް ބަލައިނުގަނެވިފައި ހުރިކަހަލައެވެ.

ލޮލަށް ގިނަވެގެން އައި ކަރުނަތަކާއިއެކު އަހަންނަށް ޒިހާންއަށް ފަސްދެވުނެވެ. ބާރު ހިނގުމެއްގައި އަހަންނަށް ރެއިލިންއާއި ދިމާލަށް ދެވުނުއިރު ބާރު ބާރަށް އަހަރެންގެ ހިތް ތެޅެމުންދިޔައެވެ. ރެއިލިންގައި އަތްއަޅުވާލެވުނުގޮތަށް އަހަންނަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. އެއާއިއެކު ކޯދުލާފައި އައި ކަރުނަތައް އަހަރެންގެ ކޯތާފަތުން ތިރިއަށް ދެމިގަތެވެ. ރަސާންއަށް ބޭވަފާތެރިވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަންނަށްޓަކައި ރަސާން ކުރި ދިގު އިންތިޒާރުގެ ބަދަލު ހިތިގޮތަކަށް ރަސާންއަށް ރައްދު ކުރާކަން އަހަރެން ބޭނުމެއް ނޫނެވެ. އަހަންނަށްޓަކައި ލޯބިން ފުރިފައިވާ އެ ހިތް ހަލާކުކޮށްލާކަށް އަަހަރެން ބޭނުމެއްނޫނެވެ. ރަސާން އަހަންނަށް އިޙުތިޔާރުދިނަސް އަނިޔާވެރިއަކަށްވާކަށް އަހަރެން ބޭނުމެއްނޫނެވެ.

“އަހަންނާއި ރަސާން ދިމާވީ މީގެ ހަތަރުއަހަރުކުރީން މެލޭއިން… އަަހަރެން އުޅުނު އިމާރާތުގެ ބައެއްގައި އޭރު ރަސާންވެސް އުޅުނީ… ދެމީހުން ދިމާވަމުން ދިޔަވަރަކަށް އަހަރެމެން ދެމީހުންވެސް މަދުމަދުން ވާހަކަދައްކަމުން ދިޔައީ… ރަސާންގެ ބައްޕައަކީ އަަހަރެންގެ ބައްޕަގެ ވަރަށް ގާތްއެކުވެރިއެއް… އެކަން ނޭނގިހުރެ ރަސާން އަހަންނަށް ލޯބި ހުށަހެޅީ… އެކަމަކު އަހަންނަކަށް އޭނަގެ ހުށަހެޅުން ޤަބޫލެއްނުކުރެވުނު… އޭގެ ފަހުން ތިންއަަހަރުވެގެންދިޔައިރު އެއްވެސް މީހަކާއި ލޯބީގެ ގޮތުން ނުގުޅި އަދިވެސް ރަސާން އެ ހުންނަނީ އަހަރެންގެ އިންތިޒާރުގައި… މިދަތުރުގައި އަހަރެން މިކޮޅަށް އަންނަން އަހަންނަށް ހުރިހާ ކަމެއް ހަމަޖައްސައިދިނީވެސް ރަސާން…” ރެއިލިންގައި ހިފަހައްޓާލެވިފައި އިނގިލިތަަކަށް ބާރުކުރަމުން އަހަންނަށް ވާހަކަ ދެއްކުނީ ނުހަނު އުނދަގޫކަމާއިއެކުގައެވެ. ޒިހާންއާއި ދިމާވެ އަހަރެންގެ ހަޔާތުގައި ޒިހާންގެ ފަހުން ދިމާވި ހުރިހާކަމެއް މިހާ ތަފްސީލުކަމާއިއެކު އޮޅުންފިލުވައިދޭންޖެހިދާނެކަމަކަށް އަހަރެން ހިޔެއްނުކުރަމެވެ. އެތައް އަހަރެއްފަހުން އެއްވެސް ހިފަހެއްޓުމެއް ނެތި ޒިހާންގެ ކުރިމަތީގައި ހިތްހުޅުވާލުމަކީ ފަސޭހަކަމެއް ނޫނެވެ. މިއަދު ހާލަތާއި ވަގުތާއި އަހަރެމެން ތިބި މަޤާމުވެސް ވަަރަށް ތަފާތެވެ.

“ޒިހާން ތިސުވާލުތައް ކުރަންވީ މިއަދުތަ؟ ޖަވާބެއް ދޭން ބޭނުންނުވާ ހިސާބަކަށް އާދެވުނީމަތަ؟ އަހަރެން ޒިހާންދެކެ ލޯބިވީވަރު ޒިހާންއަށް އިޙުސާސްކުރެވިދާނެތަ؟ އިނގޭތަ އަހަރެން ހާދަ އިންތިޒާރެއްކުރީމޭ ޒިހާންއަށް… ޒިހާން ކީއްވެ ބަދަލުވީ؟ ކީއްވެ އެގޮތަށް އަހަރެން ދާން ދޫކޮށްލީ… ހޯދަން މަސައްކަތް ނުކުރީ ކީއްވެ؟ އަހަރެން އިންތިޒާރުކުރީމޭ… 3 އަހަރުވަންދެން ޒިހާން އަންނާނެކަމަށް އަހަރެން އިންތިޒާރުގައިހުރިން..” ޒިހާންއާއި ކުރިމަތިލައިގެން ހުރެ އެތައް އަހަރުތަކެއް ވާންދެން އެއްވެސް މީހަަކަށް ހިލަން ނުވާނެހެން އަހަރެންގެ ހިތުގައިވީ ވާހަކަތައް ބޭރުކުރަން ފެށީމެވެ. އޭރު އަހަރެންގެ ލޮލުގައި ގައިދުކުރެވިފައިވީ ކަރުނަތައްވެސް މިނިވަންކަމާއިއެކު ކޯތާފަތްމައްޗަށް އޮހެމުންދިޔައެވެ. ދުލުން ބޭރުވަމުންދިޔަ ކޮންމެ ބަހަކާއިއެކު އަހަރެންގެ ހިތުގައި ހަރުލާފައިވާ ހުރިހާ ވޭނާއި އުދާހަކާއި ޝަކުވާތައްވެސް ބޭރުވާންފެށި ކަހަލައެވެ.

“ޔުނާ… އަހަރެން ކުށް ޤަބޫލުކުރަމޭ… އިނގޭ އަހަރެންގެ ފަރާތުން އަޅާލުމެއް ނުލިބުނީމަކަން ޔުނާ ދިޔައީ… އެއްވެސް މީހަކު އަހަރެން ކައިރީގައި އާދޭސްނުކުރާވަރަށް ޔުނާ ލައްވާ އާދޭސް ކުރެވުނުކަން އަހަރެން ޤަބޫލުކުރަން… އެހުރިހާ ދުވަހަކަށް ބަދަލުދޭން އަަހަރެން މިހުރީ… އަލުން ޔުނާގެ އިތުބާރު ހޯދަން އަހަރެން މިހުރީ…” އެވަގުތު ޒިހާން ކުރިއަށް ފިޔަވަޅެއް އަޅާލަމުން އަހަރެންގެ އަތުގައި ހިފަހައްޓާލަމުން ވާހަކަދެއްކިއިރު އަހަންނަށް ޒިހާންގެ މޫނަށް ބަލާލެވުނީ އެ ވާހަކަތައް ޤަބޫލުކުރަން ދަތިވެފައިވީ ކަހަލަ ގޮތަކަށެވެ. އަހަރެންގެ ލޮލުން ހުސްކަން ފާޅުވަމުންދިޔަގޮތުން ޒިހާންއާއިމެދު އަހަރެން ގެ ހިތުން ކުރާނޭ އެއްވެސް އުންމީދެއް އިޙުސާސެއް ނުވާފަަދައެވެ. އިތުބާރަކީ އެތައް ދުވަހަކުން ހޯދޭނޭ އެއްޗެކެވެ. އަދި ދާދި ކުޑަވަގުތުކޮޅެއްގެ ތެރޭގައި ނެތިގެން ހިނގައިދާނެ އެއްޗެކެވެ.

“އެއީ ދުލުން ބުނެލާހާ ފަސޭހަކަަމެއް ނޫނޭ ޒިހާން… އަހަރެން ޒިހާންއަށް އެންމެ ބޭނުންވީއިރު ޒިހާން ކޮބާ؟ އަހަރެން ކައިރީގައި ޒިހާންއަށް ހުރެވުނުތަ؟ އޮޕަރޭޝަންކޮށްގެން ހޮސްޕިޓަލްގައި އޮތްއިރު އަހަރެންގެ ހާލުބަލާލަން ޒިހާން ގުޅާނެކަމަށް އަހަރެން ހާދަ އުންމީދެއްކުރީމޭ… ސިޑިން ވެއްޓުނު ރޭ ޒިހާން އަންނާނެކަމަށް އަހަރެން ހާދަ އިރަކު މަޑުކޮށްގެން ހުރީމޭ… ޒިހާންގެ އެންމެ މެސެޖެއްގެ އިންތިޒާރުގައި ކިތައް ރޭގެ ނިދި އަހަރެން ނަގާލީ… އަހަރެން އާދޭހެއްނުކުރަންތަ؟ އެދުވަހު ޒިހާންއަށް ނުކުރި އަސަރެއް މިއަދު ކޮށްފާނެކަމަށް އަހަރެން ޤަބޫލުކުރަންވީތަ؟ އަހަންނަށް ދެން ދުވަހަކުވެސް ޒިހާންއަށް އިތުބާރުކުރެވިދާނެތަ؟” ފާއިތުވެގެން ގޮސްފައިވާ ކޮންމެ ދުވަހެއްގެ މަތީން ހަނދާން އާވަމުން ދިޔަވަރަކަށް އަހަރެންގެ މޭ ފިތެމުންދިޔަކަހަލައެވެ. ޒިހާންއާއި ނަޒަރު ހަމަކޮށްލައިގެން އަަހަންނަށް އެންމެ ފަހު ޖުމްލަތައް ފުރިހަމަކުރެވުނީވެސް ނުހަނު އުނދަގުލުންނެވެ. އެއާއިއެކު ހަމަހިމޭން ގިސްލުމެއްގެ ތެރެއަށް ނަފްސު ގެނބިގެންދިޔަކަަހަލައެވެ. އަހަރުތަކެއްވާންދެން އަހަރެން ގެ ހިތުގައި ގަނޑުވެފައި ހުރި ވޭންތަކާއި ޝަކުވާތައް ވިރިގެން ކަރުނައިގެ ގޮތުގައި ފައިބަމުންދިޔައިރު އެ ކަރުނަތައް ހުއްޓުވާކަށް އަަހަރެން މަސައްކަތެއްނުކުރަމެވެ.

“ޔުނާ….” އެވަގުތު ޒިހާން އަަހަންނާއި ގާތްވެލަމުން އަހަރެންގެ ހަށިގަނޑުގައި އަތްޖައްސާލަން އަތްތިލަ އުފުލާލައިފައިވެސް ތިރިކޮށްލީ އަމިއްލައަށްވެސް އެއްޗެއް ވިސްނިގެންހެން ހީވެއެވެ. ކަތުރުކަށިގަނޑަށް ބާރުކޮށްލަމުން މޫނު ދުރަށް އަނބުރާލިއިރު އެ މޫނުމަތީން މަޖުބޫރުކަމުގެ އަސަރުތައް ފާޅުވިއެވެ. އެވަގުތުކޮޅު އަހަންނަށްވެސް ޒިހާންގެ މޫނަށް ބަލާލެވުނެވެ. މިއަދު އަހަންނަކަށް ޒިހާންގެ އޯގާތެރިކަމާއި އަޅާލުމަކަށް ބޭނުމެއްނުވެއެވެ. އަމިއްލަ ނަފްސުގެ ހިތާމަތައް ކޮނޑުގައި އަޅައިގެން އުޅެން އަހަރެން ދަސްކޮށްފީމެވެ. ޒިހާންއާއި ނުލާ ދިރިއުޅެން އަހަރެން ހޭނިއްޖެއެވެ. މާޒީއިން ލިބުނު ފިލާވަޅަށްފަހު އެއްވެސް މީހަކަށް ބަަރޯސާވުމަކީ ދެން އަހަރެން ކުރާނެ ކަމެއްނޫނެވެ.

“ފުރަތަމަ ލޯބި މަތީން އެކަކަށްވެސް ހަނދާން ނައްތައެއްނުލެވޭނެއޭ އެންމެންވެސް ބުނެއެއްނު… އެކަމް ލޯތްބަކީވެސް ކުރި ލައި ފޯދޭ ގަހެއްފަދަ އެއްޗެއް… އެ ގަހަށް ފެންދޭނެ މީހަކު ނެތްނަމަ ގަސްމަރުވެގެންދާގޮތަށް ލޯބިވެސް ހީނަރުވެގެންދޭ… އަހަރެން ހީކޮށްގެން ހުރީ އަހަންނަށް މުޅިއުމުރަށްވެސް ޒިހާންއަށް އިންތިޒާރުކުރެވޭނެކަމަށް… އެކަމަކު އަބަދާއި އަަބަދު ޒިހާން ގެ ފަރާތުން ކަންކަމަށް އުންމީދުކުރަމުން މާޔޫސްވަމުން ގޮސް އެންމެފަހުން އަހަރެން ފޫހިވާންފެށީ… ފަހުން ޒިހާންގެ ވާހަކަ ތަކުންވެސް އަހަންނަށް އިޙުސާސްވީ ހުސްކަން… ދުރުކަން… އަމިއްލަ އަތުން އަނިޔާ ލިބިގަންނަން ބޭނުންނުވާތީވެ އަހަރެން ޒިހާންއާއި ދުރުވީ… އެއްފަރާތުން ކުރާ ހިތްވަރަކުން އެއްވެސް ކަމެއް ބަދަލެއްނުވާނެ… އަހަންނަށް ފަހުން އަމިއްލައަށްވެސް ޤަބޫލުކުރެވުނު އެއްއަތް ޖަހައިގެން އަޑު ނުކިޔާނެކަން… މަޑުމަޑުން އަހަރެންވެސް އަމިއްލަ ދިރިއުޅުމައިގެން ކުރިއަށް ދާން ފެށީ… ޒިހާން މަތީން ހަނދާންނައްތާލަން މަސައްކަތްކުރީ… އެހެން އެކުވެރިން ހޯދީ… މެލޭއަށް ދާން ފުރުސަތު ލިބުނު ހިސާބުން އަހަރެން އަޒުމް ކަނޑައެޅިން… ޒިހާން މަތީން އުމުރަށް ހަނދާން ނައްތާލަން….” ޒިހާންގެ މޫނަށް ނަޒަރު ހުއްޓާ ލައިގެން ހުރެ ވާހަކަދެއްކިއިރު އަހަރެންގެ ވާހަކަތަކުގައި އެއްވެސް ފޮރުވުމެއް ނެެތެވެ. އެއް ވޭނެއްގައި ނުވަތަ ހާލަތެއްގައި އުޅެން ޖެހުމުން އިންސާނާ އެވޭނަކަށް އަދި އެހާލަތަކަށް ހޭނިގެންދެއެވެ. އެއީ އިންސާނީ ތަބީއަތެވެ. ޒިހާންއާއި ދުރުގައި އުޅެން އަހަންނަށް ފުރަތަަމަކޮޅު ކިތަންމެހާވެސް އުނދަގޫވިއެވެ. އެކުގައި ހޭދަވެގެންދިޔަ ތިން އަހަރުތެރޭގައި އަަހަރެން ހުރީ އެހާވެސް ބޮޑަށް ޒިހާންއަށް އާދަވެފައެވެ. ޒިހާންގެ މެސެޖަކަށް އިންތިޒާރު ކުރެވޭތީ އަހަންނަށް ދަންވަރު ނުނިދެއެވެ. ބޭނުންނުވިޔަސް މީސްމީޑިއާއިން ޒިހާންގެ ދުވަސް ހޭދަވެގެން ދާގޮތް ބެލެއެވެ. އެކަނިވެރިވާ ކޮންމެ ފަހަރަކު އަހަރެމެން އެކީގައި ހޭދަކުރި ދުވަސްތަކުގެ މަތީން ހަނދާން ކުރެވެއެވެ. އަހަރެމެންގެ ދެމެދުގައި ބަދަލުކުރެވިފައި މެސެޖްތައް އަލުން ކިޔެމުންދިޔައީ އޭރުގެ އެ އިޙުސާސްތައް ކުރުމަށް ހިތް އެދޭ ވަރުންނެވެ. ވަގުތަކީ ހިތާމައިގެ ފަރުވާއެވެ. ވަގުތާއިއެކު ކަންކަން ހަނދާންނެތި ތަފާތުތައް ބަލައިގަންނަން އިންސާނާ ދަސްކުރެއެވެ.

“ޔުނާ ޝަކުވާއަކުން ލޯބި ބަަދަލެއްނުކުރެވޭނެ… އެހެންނޫންނަމަ ޔުނާ އަދިވެސް ހުސްހަށިބަޔަކަށް ނުހުންނާނެ… ހަޤީގަތަށް ފުރަގަސް ދޭން މަސައްކަތް ނުކުރޭ ޔުނާ…” ޒިހާން މަޑުމައިތިރިކަމާއިއެކު ބުނެލިއިރު އަހަންނަށް އެއްޗެއް ވިސްނައިދޭން މަސައްކަތްކުރި ކަހަލައެވެ. އެކަމަކު އަހަރެންގެ ހިތުގައި ހިނގަމުންދާ އިޙުސާސްތައް ޒިހާންއަށް މޭރުންކުރެވިދާނެ ހެއްޔެވެ. އެހެންނޫނަސް މިއަދު އަހަންނަކީ ޒިހާން އެއްއިރެއްގައި ދުށް ޔުނާއެއް ނޫނެވެ.

ދެލޯމަރާލަމުން އަހަންނަށް ފުންނޭވާއެއްދޫކޮށްލެވުނެވެ. މިދުވަސް އަހަރެންގެ ހަޔާތާއި އަރާހަމަކޮށްފާނެކަމުގެ ބިރުގައި އޭރު އަހަރެން ޒިހާންއަށް ވިސްނައިދޭން ހާދަ މަސައްކަތެއްކުރީމެވެ. ޒިހާންގެ ފަރާތުން އެކި ގޮތްގޮތުން އަހަންނަށް ހިތްދަތިކަން ލިބެމުންދިޔައިރުވެސް ޒިހާންއަށް ހާދަ ގިނަ ފުރުސަތެއް ދިނީމެވެ. މަޑުމަޑުން އަހަރެމެން ދުރުވަމުންގޮސް އަހަރެންގެ ހަޔާތު ގައި ޒިހާން ނެތްކަމުގެ ފަޅުކަމަށް އަހަރެން އާދަވަމުންދިޔައިރު ޒިހާން ހުރީ އެއްވެސް ކަމެއް ނުދަނެހުރިކަމަށް ހަދާލައިގެން ނެވެ. ޒިހާންގެ ދިރިއުޅުމުން އަބަދަަށްޓަކައި އަހަރެން ދިޔަކަމުގެ އިޙުސާސެއްވެސް ޒިހާންއަކަށް ނުކުރެވުނެވެ. ޒިހާންއާއި ނުލާ އަަހަރެންގެ ދިރިއުޅުން ކުރިއަށް ގެންދިޔުމަކީ އަހަރެން ކުރަން ބޭނުންވީކަމެއްނޫނެވެ. ނަމަވެސް ނަމެއްގައި ހުރި މީހަކަށްވުރެ ހަޔާތުގައި މީހަކު ނެތުންވެސް މާ ރަނގަޅުވާނެކަމަށް އަހަރެން އަމިއްލައަށްވެސް ޤަބޫލުކުރެވުނީއެވެ.

“ހަޤީގަތަށް ފުރަަގަސްދޭން މަސައްކަތް ތިކުރަނީ ޒިހާންއޭ… ޒިހާންއަކަށް އިޙުސާސެއްނުކުރެވޭތަ އަހަރެމެންގެ ދެމެދުގައި ކަންތައްތައް ބަދަލުވެފައިވީވަރެއް… އަހަރެން ހިތް ބަދަލުވެފައިވީވަރު އަހަންނަށް އިޙުސާސްވާއިރު ޒިހާންއަށް އިޙުސާސްނުވާން ވީ ކީއްވެ؟” ބާރު ފިޔަވަޅުތަކެއްގައި އައިސް ޒިހާންގެ ކުރިމަތީގައި މަޑުކޮށްލިއިރު އަހަރެންގެ އަޑުގައި ހިތްދަތިކަމަށްވުރެ ބޮޑަށް ރުޅިވެރިކަންވިއެވެ. އަހަރެންގެ ދެލޮލުން ސީދާ ޒިހާންގެ މޫނަށް ބަލާލެވުނީ އަހަރެންގެ ބަސްތަކުގައި އެއްވެސް ފޮރުވުމެއްނެތް ކަން އަންގައިދޭން ބޭނުންވީވަރުންނެވެ.

“ދުނިޔެ ހިނގާގޮތޭ، އުނިވެ އުފާތަކޭ…

ނުނިދި އެރޭތަކޭ، ފޮނިކަމެއް ނުލިބޭތީ..

ދުނިޔެ ހިނގާގޮތޭ، އުނިވެ އުފާތަކޭ…

ފުނި ޖެހި ލޯ ފުރޭ، ކަރުނައެ ނުހިކޭތީ….”

ޒިހާންއަށް ގަބޫލުކުރަން ކިތަންމެ ދަތިވިޔަސް ހަޤީގަތަކީ އެއީއެވެ. ޒިހާންއާއި ޒިހާންއާއި ގުޅުންހުރި ކޮންމެ ހަނދާނެއް މާޒީއަށް ދޫކޮށްލުމަށްފަހު އަހަރެން މިއަދު ކުރިއަށް ފިޔަވަޅު އަޅައިފީމެވެ. ޒިހާންގެ ހަނދާނުގައި އެތައް ރެއަކު އަހަރެން ކަރުނަ އޮހޮރުވި ލޮލުން މިއަދު ޒިހާން ފެނުމުން އުފާވެރިކަމުގެ އެންމެ ކަރުނަތިއްކެއްވެސް ފާޅެއްނުވިއެވެ. ޒިހާން ފެނުނު ކޮންމެ ފަހަރަކު އަހަރެންގެ މިލްކުވެރިކަމުން ނިކުމެގެންދާން ތެޅުނު ހިތް މިހާރު ހިމޭނުން އޮތްގޮތުން އަހަރެންގެ ހިތަށް އެއްވެސް އިޙުސާސެއްނުކުރެވޭފަަދައެވެ. ކުރީގައި އަހަރެންގެ ހިތުގައި ދައުރުވަމުންދިޔަ އިޙުސާސްތަކާއިއެކު ފުރަތަަމަ ލޯބީގެ ހޫނުކަން ވެސް ފިލައިގެންދިޔައީއެވެ.

“ޒިހާންއާއި އެކީގައި ހޭދަވެގެންދިޔަ ދުވަސްތަކުގައި އަހަންނަށް ތަޖުރިބާކުރެވުނުހާ އެއްޗަކީވެސް އިންތިޒާރުކުރުމާއި މާޔޫސްވުން… އެކަމަކު އިންތިޒާރެއްގައި އުމުރު ނަގާލާކަށް އަހަރެން ބޭނުމެއްނޫން ޒިހާން… މިހާރު އަަހަރެމެންނަކީވެސް ޓީނޭޖް ކުދީންނެއްނޫން… ދިރިއުޅުމެއް ފެށުމުގެ ކުރީން އެތައްކަމަކާއި ވިސްނަން އަހަރެން ބޭނުން…” ލޮލުގައިވީ ކަރުނަތައް ފުހެލަ މުން އަހަރެން ޒިހާންއާއި ވާހަކަދެއްކީމެވެ. ސީދާބަހުން ޒިހާންއަށްޓަަކައި އަހަރެންގެ ހިތުގައި ޖަހަމުންދިޔަ ވިންދުތަކަށް ހުއްޓުމެއް އައިސްފައިވާކަން ހާމަ ނުކުރިޔަސް އަަހަރެން އުންމީދުކުރީ ޒިހާންއަށް އަހަރެން ނުބުނެ ދޫކޮށްލި ވާހަކަތައް އަމިއްލަ އަށް ނަގައިގަނެވޭނޭކަމަށެވެ. އެތައް އަހަރުތަކެއްގެ ޝަކުވާތައް އަލުން ދޫމައްޗަށް ގެންނާކަށް އަހަރެން ބޭނުމެއްނޫނެވެ. އިންސާނާގެ އެންމެ ބަލިކަށި ހާލަތުގައި އޭނަ ކުރިން ނުކުރާ ކިތަންމެ އިޙުސާސެއް ހިތުގެ އެންމެ ފުނުން ކުރެއެވެ. މީހުން ބުނެއެއް ނޫން ހެއްޔެވެ؟ ކަރުހިއްކައިގަނެފައިވާ ވަގުތު ފެންފޮދު ދިއްކޮށްލާ މީހާގެ މަތީން ޖަނަވާރުންވެސް ހަނދާން ކުރެއެވެ.

“ތިއީ ޔުނާގެ އެންމެ ފަހުގެ ނިންމުންތަ؟” ދެ ޖީބަށް އަތްޖަހާލަމުން ޒިހާން ސުވާލުކޮށްލަމުން އަހަރެންގެ މޫނަށް ނަޒަރު ހުއްޓާލި އިރު އެ މޫނާއި އެއްވަަރަށް އަޑުގައިވެސް މާޔޫސްކަން އެކުލެވިގެންވެއެވެ. ހަޤީގަތް ބަލައިގަންނަން ޒިހާންއަށް އަދިވެސް ދަތިވެފައިވާ ކަހަލައެވެ. އެ މޫނުގައިވީ މާޔޫސްކަމާއިއެކު އާދޭހުގެ ނަޒަރަކުން އަހަރެންގެ މޫނަށް ބަލާލިގޮތުންވެސް އަހަންނަށް އުނދަގޫވިއެވެ. ޒިހާންގެ ހިތް އޮތް ގޮތް އިނގުނަސް އަހަންނަށް މިއަދު ޒިހާންއަށްޓަކައި ކޮށްދެވޭނެކަމެއްނެތެވެ. މިހާރު މާބޮޑަށްވެސް ވަގުތު ފާއިތު ވެއްޖެއެވެ. އެއްފަރާތުން އަހަރެން ޒިހާންދެކެ ވަމުން އައި ލޯބި އެއަށް ކަނޑައެޅިފައިވާ މުއްދަތާއި އަރާހަމަވުމުން އޭގެ އަސަރުތައް ފުހެވިގެންދިޔައީއެވެ.

ޒުވާން އުމުރަށް އަޅައިގެން އަންނައިރު ފުރާވަރުގައި ދެކުނު ހުވަފެންތަކާއިއެކު އަަހަރެމެންގެ ވިސްނުމަށްވެސް ހާދަ ބޮޑު ބަދަލުތަކެއް އާދެއެވެ. ފުރާވަރުގައި އަހަރެމެން އެންމެންގެވެސް ހުވަފެނަކަށްވީ ބޮޑުވެގެން އެންމެ ލޯބިވާ މީހާއާއިއެކު ދިރިއުޅުމެއް އާރާސްތު ކުރުމެވެ. ޑިޒްނީ ކާރޓޫންތަކުގައި ގަނޑުވަރުތަކުގައި އަމީރުންނާއި އަމީރާއިން އުޅޭ ގޮތަށެވެ. އެއީ އަސްލާއި ކިހާ ދުރު ހިޔާލެއް ކަމެއް އޭރު ވިސްނުމަކަށްވެސް ނާދެއެވެ. ނަމަވެސް އުމުރުމަތިވަމުން އައިވަރަކަށް އަަހަރެންގެ ހިޔާލުވެސް ބަދަލުވީއެވެ. ހަމައެކަނި ލޯތްބެއްގެ މަތީގައި އުފާވެރި ޒަވާޖީ ހަޔާތެއް ދެމިއޮވެދާނެކަމަކަށް އަހަރެން މިއަދު ޤަބޫލެއްނުކުރަމެވެ. ލޯތްބާއި އެއްވަރަށް އިޙުތިރާމާއި އަޅާލުމަކީވެސް ގުޅުމެއް ދެމިއޮތުމަށް މުހިންމު މާއްދާތަކެވެ. އަދި އެެއީ ލޯބި ފުރިހަމަކޮށްދޭ ބައިތަކެވެ.

“ހޫމް… މި ނިންމުން ދުވަަހަކުވެސް ބަދަލުކުރާކަށް އަހަރެން ބޭނުމެއްނޫން… އަހަންނާއި ރަަސާންގެ ގުޅުން ކޮންމެ ގޮތަކަށް އޮތަސް އަަހަރެން ރަސާންއަކަށް ބޭވަފާތެރިއެއްނުވާނަން… އެއީ މިއަދު އަހަރެންގެ ކުޑަކުޑަ އާއިލާ… ވެދާނެއެއްނު މިހުރިހާ ދުވަހު ރަސާންގެ ހުށަހެޅުމަށް އެއްބަސްނުވެވުނީސްވެސް ޒިހާންއާއި ދިމާވެ މި ވާހަކަ ދެކެވެންވެގެންކަމަށްވެސް… އަހަރެންގެ ހިތް ބޭނުންވާގޮތް ޔަގީންކަމާއިއެކު ބުނަން އަހަންނަށް މިހާރު އިނގޭ…” ހިނިތުންވެލަމުން އަހަރެން ވާހަކަދެއްކިއިރު އަހަރެން ގެ އަޑުގައިވެސް ޔަޤީންކަމެއްވިއެވެ. އެތައްދުވަހެއްފަހުން އަމިއްލަ އިޙުތިޔާރުގައި ގޮތެއް ނިންމުމުން އެކަމުގެ ހިތްހަމަ ޖެހުން އަހަންނަށް އިޙުސާސް ކުރެވުނެވެ.

“އަހަރެން އަބަދުވެސް ޔުނާގެ އުފާވެރިކަމަށް އެދެން… އަހަރެން އިންތިޒާރުކުރާނަން… ޔުނާ…” ލަސްލަހުން ޒިހާން ބުނެލި އިރު އެއަޑުގައި ތަފާތު އަސަރެއްވިއެވެ. އެއާއިއެކު އަހަަންނާއި ދުރަށް އަމާޒުކުރެވިގެންދިޔަ ޒިހާންގެ ފިޔަވަޅުތަކުގެ އަޑު ފަނޑުވެގެން ދިޔައިރު އަހަރެން ފަސްއެނބުރި ބަލާކަށް ގަސްތެއް ނުކުރަމެވެ.

ޒިހާންއާއި ޒިހާންއާއި ގުޅުން ހުރި ކޮންމެ އެއްޗަކީ މިއަދު އަހަންނަށް މާޒީގެ ރީތި ހަނދާނެކެވެ. އަހަރެމެންގެ ދެމެދުގައި ކޮންމެ ގޮތަކަށް ކަންތައްވެގެންދިޔަޔަސް ޒިހާންއާއި ބައްދަލުވީތީ އަހަރެން މިއަދު އުފާކުރަމެވެ. ކުރުމުއްދަތަކަށް ނަމަވެސް ޒިހާންގެ ފުށުން ރަޙުމަތްތެރިއެއްގެ ގާތްކަމާއި އަޅާލުންތެރިކަން އަހަންނަށް އިޙުސާސްކުރެވުނެވެ. އަހަރެމެން އެކީގައި ހޭދަކުރި ވަގުތުތަކުން ފުރާވަރުގެ ދުވަސްތައް ރީތި ހަނދާންތަކުން ފުރާލެވުނެވެ. ޒިހާންގެ ހިތްވަރުން އަހަންނަށް އެތައް ކާމިޔާބީއެއް ހޯދުނެވެ. ފުރާވަރުގެ އެ ގުޅުމުން އަހަންނަށް ދަސްކޮށްދިން ފިލާވަޅުތައް ގިނަގުނައެވެ.

ރޭގަނޑުގެ ފަހުދަން ނިމުމާއިއެކު އުދަރެހަކަށް ވެރިވެގެން އައި ދުންކުލައިން އުޑުމަތި އަލިކޮށްލިއެވެ. އޭރު ވިއްސާރައިގެ އަސަރު ތައް ފުހެވި އުޑުމަތި ސާފުކޮށް އޮތުމުން އުޑުމަތީން ތަރިތަކުގެ ވިދުން ކޮންމެވެސް ވަަރަކަށް ފާޅުވެއެވެ. ދުނިޔެމައްޗަށް އަލިކަން ފާޅުވަމުން އައިވަރަށް އިމާރާތްތަކާއި ގަސްގަހާގެހީ އަނދިރީގެ ތެރެއިން އޭގެ އަސްލު ސިފައަށް ރުޖޫއަވަމުންދިޔައެވެ. އެ މަންޒަރު ދެކެން ހުރެވުނުއިރު އަހަރެންގެ ތުންފަތްމަތީގައި ފުން ހިނިތުންވުމެއްވިއެވެ. އެތައް ދުވަހެއްފަހުން ހަޤީގީ މާނަ އެއްގައި އަހަރެންގެ ހިތަށް އުފާވެރިކަމެއް އިޙުސާސްކުރެވިފައިވާކަހަަލައެވެ. ވޭތުވެދިޔަ ހަތަރު އަހަރަށްފަހު ފުރަތަމަ ފަހަރަށް އެރޭ އަހަންނަށް ރޭގަނޑުގެ ހަމަނިދީގެ އަރާމުކަން ލިބުނެވެ. އަހަރެންގެ ނަފްސަށާއި ހިތަށް ލިބިފައިވާ ލުއިކަމުން ޒަމާންތަކެއް ވީ ކަސްތޮޅަކުން ސަލާމަތް ވެފައިވީ ކަހަލައެވެ.

ލަސްލަހުން އަލިވަމުންދިޔަ މާލޭގެ މަލަމަތި ދެކެން ބެލްކަނީގައި ހުރެފައި ފަޒާގައިވީ ފިނިކަމުގެ އަސަރުކޮށްގެން އަހަންނަށް ހަށިގަނޑުގައި އަތް ވަށާލެވުނެވެ. އެވަގުތު ލިވިންރޫމްގެ ތެެރެއިން ފޯނު ރިންގްވާ އަޑު އިވުމާއިއެކު މޭޒުމަތީގައި އިން ކޮފީ ޖޯޑު ހިފައިގެން އަހަންނަށް ބެލްކަނީން ނިކުންނަން ހިނގައިގަނެވުނެވެ. ލިވިންރޫމްގެ ސޯފާގެ ކުރިމަތީގައި ހުރި ކުޑަމޭޒުގައި ބާއްވާލެވިފައި އޮތް އަހަރެންގެ ފޯނާއި އަރާހަމަވުމުގެ ކުރީން ކޯލްކެނޑި ދެވަނަ ފަހަރަށްވެސް ފޯނު ރިންގްވާން ފެށިއެވެ. މޭޒަށް އަތް ފޯރުވާލުމަށް ފަހު އަހަރެން ފޯނުނެގުމާއިއެކު އަނެއްކޮޅުން ކޯލް ކެނޑިގެންދިޔައެވެ.

“ހޭލާ އުޅޭތޯ ބަލާލީ… ފަސްގަނޑި ބައިގައި އެއަރޕޯޓްއަށް ދާން ޒީކް އަންނާނެ…” އެވަގުތު އަހަރެންގެ ފޯނަށް ރަސާންގެ މެސެޖެއް އައެވެ. ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ލިޔެލުމަށްފަހު ރަސާން ފޮނުވާފައި އޮތް އެ ކުރު މެސެޖް ކިޔާލުމަށްފަހު އަހަރެން ފޯނު ނިއްވާލިއިރު ސޯފާތަކާއި ދިމާލަށް ނަޒަރު ދަތުރުކުރިއެވެ. ޒިހާން ނިކުމެގެންދަމުން ރަސާންގެ ޓީޝާޓާއި ޕޭންޓްސް ގެނެސް ސޯފާމަތީ ގައި ބޭއްވިގޮތަށް އަދިވެސް އޮތެވެ. ކޮފީ ބުއި ތަށި ދޮވެލުމަށްފަހު އަހަރެން ކޮޓަރިއަށް ދާން ހިނގައިގަތީ ރަސާންގެ އަންނައުނުތައް ހިފައިގެންނެވެ.

ހަމަހިމޭންވެފައިވާ ބްރިޖްމަތީގައި ދުއްވާފައިދިޔަ ކާރުގެ ފަހަތު ސީޓުގައި އަހަރެން އިންއިރު އޭރު އަރައިގެން އައި އިރުގެ ދޯދިތަކުން ދުނިޔެމަތި އަލިކުރަމުންދިޔައެވެ. ކަނޑުން އަންނަ ތާޒާ ފިނިފިނި ވައިރޯޅިތައް ކޯތާފަތުގައި ބޮސްދެމުން އަހަރެންގެ އިސްތަށިގަނޑާއި މައްލަވަކުރަމުންދިޔައިރު ލިބެމުންދިޔަ އަރާމުކަމުން އަހަންނަށް އިނދެވުނީ ދެލޯމަރާލައިގެންނެވެ. މާސްޓަރސް އަށްފަހުވެސް އަހަރެން މެލޭޝިޔާގައި އުޅެން ގަސްތުކުރިޔަސް އުފަން ފަސްގަނޑުގެ ހިތްގައިމުކަމުގެ މަތީން ހަނދާންނައްތައެއް ނުލެވުނެވެ. ކޮންމެވެސް ދުވަހުން މިބިމަށް އެނބުރިއައުމުގެ ހުވަފެން އަހަރެންގެ ހިތުގައިވިއެވެ. އެކަމަކު އަހަރެންގެ ހިތުގައި ކަފުންކުރެވިފައިވީ ލޯބި ހޭލަފާނެއަތީ އަހަރެން ޖެހިލުންވީއެވެ. އެ ލޯބި ފެށިގެންދިޔަ ބިމުގައި އެތައް އަހަރުތަކެއްފަހުން އެ ލޯބި ފަސްލެވިގެންދާނެކަމަކަށް އަހަރެން އޭރު ހިޔެއްނުކުރަމެވެ.

ހެނދުނުގެ ވަގުތުކަމުން އަަބަދުހެން ހަލަބޮލިވެފައި އޮންނަ އެއާރޕޯޓްތެރޭގައި މިވަގުތުވީ ފަޅުކަމެވެ. މަދު އުޅަނދަކާއި ޗެކިން ފެށޭނެ އިރަކަށް މަޑުކޮށްލައިގެން ތިބި ފަތުރުވެރިން އެކި ދިމަދިމާލުގައި މަޑުކޮށްލައިގެން ތިއްބެވެ. އެއިން ކޮންމެ މީހެއްގެ ސަމާލުކަން ދެވިފައިހުރި ކުރިމަތީގައި އޮތް ނޫކުލައިގެ މާސިންގާ ކަނޑު ރަންގުކުރަމުން އިރު އަރައިގެން އަންނަ މަންޒަރަށެވެ.

“ޔުނާ… ހިނގާދަމާ…” ކާރުގެ ޑިކީއިން ފޮށި ނަގައިގެން އަހަރެންގެ ކައިރިއަށް އަންނަމުން ޒީކް ވާހަކަދެއްކިއެވެ. އެއާއިއެކު އަތުގައި އޮތް ފޯނު އަތްދަބަހަށްލަމުން ޒީކްގެ ފަހަތުން ކާރާއި ދިމާލަށް ދިޔުމަށް އަހަރެން ހިނގައިގަތީމެވެ. އެވަގުތުކޮޅު އަހަރެންގެ ލޮލުގެ ހިމަކޮޅުން ފެނުނު މަންޒަރާއިއެކު އަހަރެންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ޔަޤީންނުވެފައި ކަހަލަގޮތަކަށް ދެވަނަ ފަހަރަށް ވެސް އަހަންނަށް ފަސްއެނބުރި ބަލާލެވުނެވެ. އެއާއިއެކު ޒީކް ކައިރީގައި މަޑުކޮށްލަން އެދެމުން ފާލަމާއި ދިމާލުގައި ޖަހާފައިވާ ލަކުނޑި ގޮނޑިއެއްގައި އިށީދެލައިގެން އިން ޒިހާންއާއި ދިމާލަށް އަހަންނަށް ހިނގައިގަނެވުނެވެ.

“ޔުނާ… ހިތަށް އެރީ ފުރައިގެންދިޔުމުގެ ކުރީން ބައްދަލުކޮށްލާނަމޭ… ރޭގައި ވީ ކަންތަކަށް އަހަރެން މައާފަށް އެދެން…” ހަލުވި ފިޔަވަޅުތަކެއްގައި އަހަރެން އައިސް ޒިހާންއާއި އަރާހަމާވުމާއިއެކު ޒިހާން ފަސްއެނބުރިބަލާލިއެވެ. އެއާއިއެކު ޒިހާން ގޮނޑީން ތެދުވިގޮތަށް ލަސްފިޔަވަޅުތަކެއްގައި އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓިލަމުން މައާފަށް އެދުނުއިރު އެއަޑުގައި ހިތާމައާއި އެއްވަަރަށް ކުށްވެެރިކަންވިއެވެ.

“އަހަރެންގެ ހިތުގައި ޒިހާންއާއިމެދު އެއްވެސް ބުރަކަމެއްނެތް… ރޭގައި ވީ ކަންތަކާއި އަދި ކުރީގައި އަހަރެމެންގެ ދެމެދުގައި ވެދިޔަ ހުރިހާކަމަކަށްވެސް އަހަރެން ޒިހާންއަށް މައާފުކޮށްފިން…” ވަދާއު ސަލާމް ކުރުމަށް ޒިހާންއާއި ދިމާލަށް އަތް ދިއްކޮށްލަމުން އަހަރެން ވާހަކަދެއްކީމެވެ. އަމިއްލަ ބޭނުންތައް ފުއްދުމަށް އަމިއްލަ އެދުން އިސްނުކުރާނޭ އިންސާނަކު މިދުނިމަތީގައި ނުވާނެއެވެ. ވަކިވެގެން ދާއިރު ޒިހާންއާއި މެދު ހިތުގައި އެއްވެސް ބުރަކަމެއް ބާއްވާކަށް އަހަރެން ބޭނުމެއް ނޫނެވެ. މާޒީގެ އެ ވޭންތަކާއި ހިތްދަތިކަން އަހަރެން ހިތުން ފުހެލައިފީމެވެ.

“އަހަރެން އަބަދުވެސް އެދެނީ ޔުނާއަށް އުފާވެރިކަން ލިބުން… ރަސާން އިޒް އެ ލަކީ މޭން…. ޓޭކް ކެއަރ ޔުނާ…” ފިނިވެފައިވީ ދެއަތްތިލައިން އަހަރެންގެ އަތުގައި ހިފާލަމުން ޒިހާން ބުނެލިއިރު އެއަޑުން މާޔޫސްކަން ފާޅުވިއެވެ. އަހަރެންގެ ވަކިވެދިޔުމާއިމެދު ޒިހާން ހިތާމަކުރަން ބޭނުންނުވިޔަސް ބައެއް ކަންކަމަކީ އަހަރެމެންގެ ބާރު ފޯރާ ކަންކަމެއްނޫނެވެ. އަހަރެން ދިޔުމަށްފަހު ޒިހާންއަށް އެ ހިތާމަތަކުން އަރައިގަނެވިދާނެއެވެ. އެކަމަކު ދެން މިހިތް ބަދަލެއް ނުވާނެއެވެ.

“ޒިހާންވެސް…” އެވަގުތު ޒިހާންގެ މޫނަށް ބަލާލެވުނުއިރު އަހަރެންގެ ލޮލަށް ކަރުނަގިނަވިއެވެ. މިއަދު އަަހަރެންގެ ހިތް ބަދަލުވެފައި ވިޔަސް އަހަރެންގެ ފުރަތަމަ ލޯތްބެވެ. ޒުވާން އުމުރުގެ އުފާވެރި ހަނދާންތަކުގެ ބައިވެރިޔާއެވެ. ޒިހާންދެކެ ލޯބިވެވުނު ގޮތަށް އަހަންނަށް ދެވަނަ މީހަކުދެކެ ލޯތްބެއް ނުވެވޭނެއެވެ. ޒިހާންއާއި ދުރަށް ދިޔަޔަސް އެ ހަނދާންތައް އަބަދުވެސް އަހަރެންގެ ހިތުގައި ވާނެއެވެ. އެކުވެރިއެއްގެ ހައިސިއްޔަތުން އަހަންނަށް އަބަދަށްވެސް ޒިހާންއަށް ހެޔޮ ގޮތްވުމަށް އެދެވޭނެެއެވެ. އަހަންނަށް ޔަޤީންވަނީ މިއަދު އަހަރެންގެ ހިތުގައި ޒިހާންއާއިމެދު އެއްވެސް ޝަކުވާއެއް އަދި ރުޅިވެރިކަމެއްވެސް ނެތްކަމެވެ. ފުރަތަމަ ލޯބި ހާސިލްވުމަކީ މިދުނިޔޭގައި ކޮންމެ މީހަކަށް ލިބޭނެ ނަސީބެއް ނޫނެވެ. އެލޯބި އަހަރެމެންގެ އަތުން ބީވެގެން ދިޔުމުގައިވެސް އަހަރެމެންނަށް ނޭނގޭ އެތައް ހިކުމަތްތަކެއްވެއެވެ. ރީތިގޮތުގައި އަހަރެމެންގެ ގުޅުން ނިންމާލުމަށްފަހު އެކުވެރިންގެ ގޮތުގައި ތިބުމަށް ދެމީހުންވެސް އެއްބަސް ވީތީ އަހަރެން އުފާކުރަމެވެ.

“އިންތިޒާރުގައި މުޅިއުމުރު ބޭކާރުނުކޮށްލާތި ޒިހާން… އަހަންނަށް ޔަޤީންކަމެއް ނުދެވޭނެ… އަހަރެންގެ ނޭވާ ހިނގާހާ ހިނދަކު އަހަރެން ބޭނުމީ ރަސާންގެ މީހެއްގެ ގޮތުގައި ހުންނަން… އަލުން ދިރިއުޅުމެއްފަށާ ޒިހާން… ރަޙުމަތްތެރިއެއްގެ ހައިސިއްޔަތުން އަހަރެންގެ ހެޔޮދުއާތައް އަބަދުވެސް ޒިހާންއާއި އެކުވާނެ…” ޒިހާންގެ އަތްތިލައަށް ބާރުކޮށްލަމުން އަަހަރެން އެދުނީމެވެ. ރޭގައި ޒިހާންގެ ދުލުން އެ ބަސްތައް އިވުމުން އަހަންނަށް ވަރަށް އުނދަގޫވިއެވެ. އަހަންނަށް އިންތިޒާރުކުރުމުގައި ޒިހާން ހަޔާތް ވޭތުކޮށްލާކަށް އަހަރެން ނޭދެމެވެ. އަހަރެންގެ ހިތް ދެން ބަދަލުނުވާނެކަން ޔަގީންކަމާއިއެކު ބުނަން އަހަންނަށް އިނގެއެވެ. މިއަދު އަހަރެންގެ ހިތާއި މުސްތަޤުބަލަށް ދެކެމުންދާ ހުރިހާ ހުވަފެނެއްވެސް ގުޅިފައިވަނީ ހަމައެކަނި ރަސާންއާއެވެ. ރަސާންއާއިއެކު ހަޔާތުގެ ބާކީ މިއޮތް ބައި އުފަލުގައި ވޭތުކޮށްލުން ނޫން އެދުމެއް މިއަދު މިހިތަކު ނެތެވެ.

“ރަޙުމަތްތެރިއަކަށް ޔުނާ ބޭނުންވާ ކޮންމެ ވަގުތަކުވެސް އަހަރެން ހުންނާނަން…” މަޑުމަޑުން ޒިހާންގެ އަތުގެތެރޭގައިވީ އަހަރެންގެ އިނގިލިތަކަށް ބާރުވެގެންދިޔުމަށްފަހު އަހަރެންގެ އަތްތިލައިން ޒިހާން ދޫކޮށްލިކަމުގެ އިޙުސާސްކުރެވުނެވެ. އެއާއިއެކު ޒިހާންއަށް ފަސްދިންގޮތަށް އާދައިގެ ފިޔަވަޅުތަކެއްގައި އަހަރެން ޒިހާންއާއި ދުރަށް ހިނގައިގަތީމެވެ. މާޒީގެ ހަނދާންތައް ރަންއަކުރުން ފަވާލަދިން ބައިވެރިޔާ ދޫކޮށް ދާއިމީ ލޯތްބަކީ ކޯއްޗެއްކަން އަހަންނަށް ދަސްކޮށްދިން ބައިވެރިޔާގެ ގާތަށެވެ. މާޒީގެ އެ ހަނދާންތައް މިއަދު އަހަރެންގެ ހިތުގެ އެންމެ ފުންމިނުގައި ފޮރުވާލައިފީމެވެ.

ވައިކަފަމުން ވިލާތަކުގެ މައްޗަށް ބޯޓު އަރައިގެންދިޔައިރު ކުދިވަމުން ކުދިވަމުން ގޮސް މުތްތަކަކަށްވަމުންދިޔަ ޖަޒީރާ ރަށްތަކަށް ބަލަހައްޓައިގެން އަހަންނަށް އިނދެވުނުއިރު އަހަރެންގެ ތުންފަތްމަތީގައި ހިނިތުންވުމެއްވިއެވެ. އެތައް އަހަރެއް ފަހުން އެނބުރި އައުމަށްފަހު އަނެއްކާވެސް އަަހަރެން މި ފަސްގަނޑާއި ވަކިވެގެން މިދަނީ ތަފާތު އަންހެންކުއްޖެއްގެ ގޮތުގައެވެ. މުޅީން އާ އަޒުމެއް ގައެވެ. ކޮންމެވެސް ދުވަހަކުން ޒިހާންގެ މިލްކަކަށްވުމަށްކުރި އުއްމީދު އަބަދަށްޓަކައި ހުދު ދޮންވެލިގަނޑުގެ ދަށުގައި ފޮރުވާލުމަށް ފަހުއެވެ. އުފަން ނޭވާ ދޫކޮށްލި މި ފަސްގަނޑަކީ މިއަދު އަހަރެންގެ މާޒީގެ ސޮފްހާތައް ވަޅުލެވިފައިވާ މަކާނެވެ. އަލުން ހުޅުވުމެއް ނެތް ގޮތުގައި އެ ސޮފްހާތައް ވެއްޔާއި އެކުވާން ދޫކޮށްލުމަށްފަހު އަހަރެން މިއަދު މި ފަސްގަނޑާއި ވަކިވެގެން މިދަނީ ކޮންމެވެސް ދުވަހަކުން މި ފަސްގަނޑަށް އެނބުރި އައުމުގެ އުއްމީދުގައެވެ. މުޅީން އެހެން މީހެއްގެ ހަޔާތުގެ ބައިވެެރިއެއްގެ ގޮތުގައެވެ. މާތް ﷲގެ ހެޔޮ ރަޙުމަތްފުޅާއިއެކު މުސްތަޤުބަލުގައި އަހަރެންގެ ހަޔާތުގެ ސަފްހާތަކުގައި ފެވިގެންދާނީ އަހަންނާއި ރަސާންގެ ރީތި ހަނދާންތަކެވެ.

( ނިމުނީ )

Share Article

Follow Me Written By

Naira

Level 1

A keen reader of dhivehi stories. And reading lead me to write one. Author of Vakivee Loabin & Beeveema.

Other Articles

Previous

ދިރިއުޅުން ބަދަލުވީ

Next

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ބާރަވަނަ ބައި)

Next
December 14, 2023

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ބާރަވަނަ ބައި)

Previews
December 13, 2023

ދިރިއުޅުން ބަދަލުވީ

One Comment

  1. darkqueen38 darkqueen38 says:
    December 14, 2023 at 12:38 pm

    Such a beautiful and inspiring series
    Keep on going waiting for moree

Comments are closed.



All Right Reserved!