
އިންތިޒާރު 8
ފަނަރަ ވަރަކަށް މިނެޓު ފަހުން ލޮލަށް ނިދި ސަވާރުވިއެވެ. ލޯ މެރި މެރި އޮއްވަ ފޯނަށް ނޮޓިފިކޭޝަނެއް އައެވެ. އެ ނުބަލާ ނުނިދޭނެތީވެ ކިރިޔާ ފެންނަ ވަރަށް ލޯހުޅުވައިގެން ކޯޗެއްތޯ އައީ ބަލާލީމެވެ. ފޯނަށް އައިސްފައި އިން މެސެޖު ފެނިފައި ވަގުތުން ނިދި ފިލައި ދިޔައެވެ. އަހަންނަށް މި ކިޔެނީ ރަނގަޅަށް ތޯ ބަލަން ދެތިން ފަހަރު މެސެޖު ކިޔާލީމެވެ.
***
ހުކުރު ދުވަހުގެ ހަވީރެވެ. ބާބަކިއުއެއް ހަދަން އާއިލާ އެންމެން ދިޔައީ ހުޅުމާލެ ފޭސް ޓޫ ބީޗަށެވެ. އަހަރުމެންނާއެކު ދާއިން ވެސް ބައިވެރިވިއެވެ. ކޮއްކޮމެންނާ އަހަރެންގެ ދެބެއިންގެ ދެދަރި ކުދިންނާ ދާއިން ވަރަށް ގުޅެއެވެ. އާއިލާ އެންމެން އެއް ވެއްޖެ ނަމަ އެމީހުންނާއެކު ސަކަރާތް ނުޖަހާ ދާއިންއަށް ވެސް ނުހުރެވެއެވެ. ޚާއްސަކޮށް އާއިލާގައި ތިބޭ އެންމެ ކުޑަ ކުދިންނާއިއެވެ. ހުރިހާ ކުދިން އެއްކޮށްގެން ދާއިން އުޅުނީ ފުޓުބޯޅަ ކުޅޭށެވެ. ދޭތެރެއަކުން މަންމަމެންނާ ވެސް ސަމާސާ ކޮށްލައެވެ.
އެންމެންނާ ތަންކޮޅެއް ދުރުގައި ހުރި ޖޯލީގައި އޮށޯވެލައިގެން އަހަރެން އޮތީމެވެ. އަހަންނަށް ވިސްނެމުން ދިޔައީ ދެރޭ ކުރިން އަހަންނަށް ލިބުނު މެސެޖާ މެދުގައެވެ. ލިބުނީ ޔުއާންގެ މެސެޖެކެވެ. ހަމަ އެކަނި ޖަހައިފައި އޮތީ ‘ސޮރީ’އެވެ. އެ މެސެޖަށް އަހަރެން ރިޕްލައިއެއް ނުކުރަމެވެ. އެ ބެލިކަން ޔުއާންއަށް އެނގޭނެއެވެ. އެއަށް ދޭނެ ޖަވާބެއް އަހަންނަކަށް ނޭންގުނެވެ. އެތަށް ސުވާލެއް ހިތުގައި އުފެދިފައި ވިއަސް އެއްވެސް ސުވާލެއް ކުރަން ބޭނުމެއް ނުވިއެވެ. އަހަރެންގެ ސުވާލުތަކަށް ދެން ލިބޭ ޖަވާބަކުން ވާނެ ފައިދާއެއް ނޯންނާނެއެވެ. އަހަރެންގެ ސިކުނޑިން ޔުއާން ނެރި އެއްލާލަން އަޒުމު ކަނޑަ އެޅީމެވެ. އެކަން ކުރެވޭނީ ދާއިން ގާތު މި ވާހަކަ ބުނެގެންނެވެ.
ރޭގަނޑު ކައިނިމުނު އިރު އެންމެން ތިބީ ވަރުބަލިވެފައެވެ. އަހަންނާ ދާއިން ފިޔަވާ އެންމެން ގެއަށް ދާން ހިނގައިގަތެވެ. ދާއިން މަޑު ކުރީ އަހަރެންގެ އެދުމަށެވެ.
“މައިރް އޯކޭތަ؟ އަހަންނަށް ވަރަށް ހީވޭ މައިރްއަށް ކަމެއް ވެއްޖެހެން. އަދިވެސް ޒޯޔާއާ މެދުގަތަ ތި ވިސްނަނީ؟” ދާއިން ވެސް ހީވީ އަހަރެމެން އެކަނި ނުވެފައި ހުރިހެންނެވެ. ދާއިންއަށް ބާލާލާފައި އަހަރެން ފުން ނޭވައެއް ލީމެވެ. ދާއިންގެ އަސަރު ގަދަ ލޮލަށް ބަލަހައްޓައިގެން ހުރުން ފިޔަވާ އިތުރު ކަމެއް ނުކުރެވެނުވެ. އަނގައިން އެންމެ ލަފްޒެއް ވެސް ބޭރެއް ނުވިއެވެ. “މައިރް” އަހަރެން އަނގައިން ނުބުނުމުން ވައި އަޑުން ދާއިން ގޮވާލިއެވެ. އެ އަޑުން އެކަނި ވެސް ދާއިން ކަންބޮޑުވެފައި ހުރި ވަރު އެނގެއެވެ.
އަހަރެން ހީކުރި ވަރަށް ވިސްނޭ މީހަކަށް ދާއިން ވިއެވެ. ހުރިހާ ވާހަކައެއް ކިޔައިދިނުމުން ވެސް އަހަރެންދެކެ ރުޅި އައިސް ހިތްހަމަނުޖެހިގެން އެއްޗެކޭ ނުބުނެއެވެ. އޭގެ ބަދަލުގައި އަހަރެން ދެކެ ލޯބިވާ ވަރު ހާމަކޮށްދިނެވެ. އަހަރެންގެ ހިތަށް ތަސައްްލީ ހޯދައިދީ އަހަރެންގެ ހިތާއި ސިކުނޑިއަށް ލުޔެއް ހޯދައިދިނެވެ. އަހަރެންގެ ހިތުގައި ދާއިންއަށްޓަކައިވި ލޮތްބާއި ޤަދަރު އުފުލިގެން ދިޔައެވެ.
އަހަންނާ ދާއިންގެ ކައިވެނި ކުރެވުނީ އަހަރެންގެ ގޭގައެވެ. ހެނދުނު ނުވައެއް ޖެހިއިރު ކުރެވުނު ކައިވެނީގައި ބައިވެރިވީ ދެފަރާތުގެ އެންމެ ގާތް އާއިލާ މެންބަރުންނެވެ. މަންމަ އާއި ބައްޕަގެ މޫނު މަތިން އުފާވެރިކަމާއިއެކު ހިތާމަ ވެސް ފާޅުވާން ދިޔައެވެ. މަންމަމެން ކުރިމަތީ ނުރޮއެ ވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް ދާއިން އަނބި ގަބޫލު ކޮށްފީމޭ ބުނި ހިސާބުން ލޮލުން ކަރުނަ އޮހިގަތެވެ. އެ ވަގުތު ދާއިން އަހަރެން އަތުގައި ހިފައި ބާރުކޮށްލިއެވެ. އަދި ފުން ނަޒަރަކުން އަހަންނަށް ބަލާލިއެވެ.
ހެނދުނު ކައިވެނި ކުރެވުނު ކަމުގައި ވިއަސް ވަލީމާ އޮތީ ރޭގަނޑުއެވެ. ގޭ ޓެރަހުގައި ބޭއްވޭ ވަލިމާއަށް ގިނަ އަދަދެއްގެ ބަޔަކަށް ވަނީ ދަޢުވަތު ދެވިފައެވެ.
ކަޅު ކުލައިގެ ކައިވެނި ހެދުމުގައި އަހަރެން ލޯގަނޑު ކުރިމަތީ ހުއްޓުނީމެވެ. އަހަރެން މޫނުގައި ލުއި މޭކަޕެއް އިމްރާ ވަނީ ކޮށްދީފައެވެ. ބުރުގާ އަޅުވަދިނީ އަހަރެންގެ ކޮއްކޮ ޔޫނާއެވެ. ގެއިން އަހަރެން ދާތީވެ ޔޫނާ ދެރަވެފައި ހުރިނަމަވެސް އެކަން ނުދައްކާވޭތޯ އުޅުނެވެ. ބުރުގާ އަޅުވަދީފައި ޔޫނާ ދާން އުޅުމުން ކޮއްކޮއަށް ގޮވާ ހުއްޓުވީމެވެ. “ޕްލީޒް މި ގަޑިއަކު ނޫން. ތުއްތު އެންމެ ބަހެއް ބުންޏަސް މި ވަގުތު މަށަށް ރޮވޭނެ. ޕާޓީ ނިންމާފަ ބުނާ ވާހަކައެއް ބުނޭ ޕްލީޒް” ކަރުނަ އައިސްދާނެ ކަމުގެ ބިރަށް ޔޫނާ ވާހަކަ ދެއްކީވެސް ދެލޯ ބޮޑުކޮށް ގަދަކަމުން ހީނލައިގެންނެވެ. ކޮއްކޮ އެބުނީ ދޮގެއް ނޫންކަން އެނގޭތީ އަހަރެން އެންމެ ރަނގަޅޭ ބުނީމެވެ.
އިމްރާ އަދި ޔޫނާއާ އެއްކޮށް އަހަރެން ޓެރަހަށް ދިޔައީމެވެ. އޭރު މަންމަމެންގެ އިތުރަށް ދާއިން ވެސް އަހަރެންގެ އިންތިޒާރުގައި ހުއްޓެވެ. ކަޅު ކުލައިގެ ކޯޓު ފަޓުލޫނުގައި ދާއިން ފެންނަލެއް ވަރަށް ފުރިހަމައެވެ. ބޭރުގެ ފިލްމީ ތަރިއަކަށް ދޫ ނުކުރެއެވެ. އަހަރެން ފެނުމާއެކު ދާއިން އަހަރުމެންނާ ގާތަށް އައެވެ. އަދި ފުޅާ ހިނިތުންވުމަކާއެކު އޭނާގެ އަތް އަހަންނަށް ދިއްކޮށްލިއެވެ. ކުޑަކޮށް ލަދު ގަނެފައި އަހަރެން ދާއިން އަތުގައި ހިފީމެވެ.
ޕާޓީއަށް އަންނަ މީހުންނާ ސަލާންކޮށް ކޮންމެ މީހަކާ އެއްކޮށް ފޮޓޯ ނެގުން ވެގެން ދިޔައީ ހީކުރި ވަރަށް ވުރެ ބުރަ ކަމަކަށެވެ. ބައި ގަޑި އިރު ވީއިރަށް އަހަރެން ހުރީ ވަރުބަލިވެ އިށީންނަށް ބޭނުންވެފައެވެ. އަހަރެން ދަންނަ މީހުންނަށް ވުރެ ގިނައީ ނުދަންނަ މީހުންނެވެ. ބައްޕަގެ ރަށްޓެހިން ނުވަތަ ދާއިން ފަރާތުން އައި މީހުންނެވެ.
ހަޔާތުގެ އެންމެ އުފާވެރި ރޭގެ ހަމަޖެހުން ނަގާލީ އެ ސޫރައެއް ހަނދާން ނައްތާލަން އަހަންނަށް އެންމެ އުނދަގޫވި ސޫރަ ލޯ ކުރިމަތިން ފެނުމުންނެވެ. ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ފެނުނުއިރު ޔޫއާންއަށް ހުރީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ޔުއާން އަހަރެން ކައިވެނީގެ ޙަފްލާގައި ބައިވެރިވެދާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަމެވެ.
ޔުއާން އައި ގޮތަށް އައިސް އެންމެ ފުރަތަމަ ވެސް ސަލާން ކުރީ ދާއިން އާއެވެ. ހުރިހާ ދަތެއް ފެންނަ ވަރަށް ހެމުން ދާއިން ވެސް ޔުއާންއާ ސަލާން ކުރިއެވެ. ހީވަނީ ދުވަސްވީ ރަހުމަތްތެރިއަކާ ސަލާން ކުރި ހެންނެވެ.
“އަނހާ ޔުއާން. ދައްތަ ހިއެއް ނުކުރަން ޔުއާން ޕާޓީއަށް އަންނާނެ ކަމަކަށް. މީހަކާ އިން ފަހުން ގެއަށް ވަދެވެސް ނުލާ ވިއްޔާ. މި ދާއިން ގާތުވެސް ދައްތަ ކިޔަމޭ ޔުއާން ގެއަށް ގެނަސް ބަލާށޭ ތިއެއް ނޫނޭ ޔުއާންއަށް އެނގޭ ދޯ މައިރާ. ތި ރަށު ޢަލީގެ މައިރާއާއޭ ދާއިން ކައިވެނި މި ކުރީ” އަހަރެން މޫނު މަތީގައި މީހަކު ބާރު އެތިފަހަރެއް ވީއްލާލިހެން ހީވިއެވެ. ދާއިންގެ މަންމަ ޔުއާންއާ ދެއްކި ވާހަކައިން ސިހުން ލިބިގެން ދިޔައެވެ. ހިތުގައި އެތަށް ސުވާލަކާއި ޝަކުވާއެއް ވިއެވެ. ކަރުނަވީ ލޮލަކުން ދާއިންއަށް ބަލާލެވުނީ ހިތަށް ކުރި އަސަރު ބޮޑުކަމުންނެވެ. ކުށްވެރިއެއް ފަދައިން ދާއިން އިސްޖަހައިގެން ހުއްޓެވެ. ޔުއާން ވެސް ފާޑަކަށް މޫނު ހަދައިގެން ހުއްޓެވެ. ޕާޓީގައި އިތުރަށް މަޑު ކުރާނެ ހިތްވަރެއް އަހަރެންގެ ނެތެވެ. ބޮލަށް އެނބުރުން އަރާ، މޭ ނުބައިކޮށް ހޮޑުލަވާ ގޮތްވިއެވެ. ގައިން ވަރު ދޫވެ ވެއްޓެން ދިޔައެވެ. ދެފަރާތުން ދެމީހުން ގައިގައި ހިފެހެއްޓި ކަމުގެ އިހްސާސް ކުރެވުނެވެ. ދެން ވީ ގޮތެއް ނޭންގި މޫނަށް އަނދިރިވެގެން ދިޔައެވެ.
ނުނިމޭ
272 Comments
Comments are closed.
mi bai ves varah reethi next part kiyaalan libeyni kon irakutha?
next part kon dhuvahakun tho?