
އިންތިޒާރު 7
“ފާތިމަތު މައިރާ ޢަލީ، ވިލް ޔޫ މެރީ މީ؟” ޖީބުން ނެގި އަނގޮންޓި އަހަންނަށް ދިއްކޮށްލަމުން ދާއިން އަހާލިއެވެ. ލިބުނު ޝޮކުގައި އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭންގި ބަސް ހުއްޓިފައެވެ. ރެސްޓޯރެންޓުގައި ތިބި އެންމެންގެ ސަމާލުކަން ހުރީ އަހަރުމެންނަށެވެ. ބައެއް މީހުންގެ ފޯނު ތަކުގެ ކެމެރާ އަމާޒުވެފައި ހުރި ކަމުގެ އިހްސާސް އަހަންނަށް ވިއެވެ. ދާއިންއަށް ޖަވާބު ދިނުމުގެ ކުރިން އަހަންނަށް ވަަށައިގެން ނަޒަރު ހިންގާލެވުނެވެ. އެވަގުތު އަހަންނަށް ފެނުނު ސޫރައިން މީހާ ގަނޑުވިއެވެ.
ހިތުގައި ނޭންގޭ ބިރުވެރިކަމެއް އުފެދި ދާއިންއަށް ބަލާލެވުނެވެ. އަހަރެން މޫނަށް އެރި ކުލަވަރުން އޭނާގެ ވެސް ހިނިތުންވުން ފިލާ އަހަރެން ބަލާލި ދިމާއަށް ބަލާލިއެވެ. އަހަރެންގެ ހަނދާނަށް އައީ އަހަރުމެން ބައްދަލުވި ފުރަތަމަ ރޭގައި ދާއިން އަހަރެން ގާތު ބުނި ބަސްތަކެވެ. “އަހަރެންގެ ހިތަކީ އެހެން ފަރާތެއްގެ މިލްކެއް، ތަޤުދީރުގައި އަހަންނަށް އެކުއްޖާ ލިބެން ނެތުން އެއީ އަހަރެންގެ ބަދުނަސީބުކަން. ދުވަހަކު ކޮޅުން ވެސް އަހަރެންގެ ހިތުގެ ވެރިޔާ އަހަރެން ގާތަށް އެނބުރި އަތުވެއްޖެނަމަ ދެވަނަ ވިސްނުމަކަށް ނުގޮސް އަހަރެން އޭނަ އިޚްތިޔާރު ކުރާނަން” އަހަރެން ކަންފަތް ދޮށުގައި އެ ބަސްތަށް ގުގުމަމުން ދިޔައެވެ. ކަރުނަވީ ލޮލަކުން ދާއިންއަށް ބަލާލީމެވެ. އޭރު ދާއިން ހުރި ތެދުވެއެވެ. އޭނާގެ މޫނު މަތިން ވެސް ކުރިން ހުރި ލާނެއްކަން ފިލާ ހައިރާންކަން ވެރިވެފައި ހުއްޓެވެ.
“ޑެނީ؟” އެންމެ ޒަމާނީ ގޮތަށް ހެދުން ލާފައި ހުރި އަންހެން ކުއްޖާ އައިސް އަހަންނާ ދާއިން ކުރިމަތީ ހުއްޓިލިއެވެ. ހަމުގެ ކުލަ އަލިވެފައި ރީތި ބައްޓަމެކެވެ. ކޮނޑާ ހަމައަށް އޮތް ފަން އިސްތަށިގަނޑުގައި މަޑު އޮރެންޖު ކުލަ ޖައްސާފައި އޮތުމުން ވައްތަރީ ބޭރު ކުއްޖަކާއެވެ. ހުރިހާ ގޮތަކުން ބެލި ނަމަވެސް އަހަންނަށް ވުރެ ފުރިހަމައެވެ. “ޒޯޔާ” އަސަރުން ފުރިގެންވާ އަޑަކުން ދާއިން ޒޯޔާއަށް ގޮވާލިއެވެ. ދާއިން ޒޯޔާއަށް ބަލަން ހުރި ގޮތުން އަހަންނަށް އުނދަގޫވިއެވެ. ނޭންގޭ ރިހުމެއް ހިތުގައި އުފެދުނެވެ. ދާއިންދެކެ ލޯބި ނުވި ކަމުގައި ވިއަސް ދާއިން ގެއްލިދާނެ ކަމުގެ ބިރު ހީވިއެވެ. ދާއިންއާއެކު ރަނގަޅު ދިރިއުޅުމެއް އުޅުމުގެ ހުވަފެން އަހަރެން ދެކުނީމެވެ. ނަމަވެސް އެ ހުވަފެން ވެސް އެވީ ބިލާހަކެވެ. މި ދުނިޔޭގައި އަހަންނަށް އެއްވެސް އުފަލެއް ނެތީ ހެއްޔެވެ.
ވޮލެޓުން ސަތޭކަ ރުފިޔާގެ ނޫޓެއް ނަގައި މޭޒު މަތީ ބޭއްވުމަށްފަހު ރެސްޓޯރަންޓުން ނުކުންނަން އަހަރެން ދިޔައީމެވެ. ވަށައިގެން ވަމުން ދިޔަ އެއްވެސް ކަމަކަށް ނުވިސްނަމެވެ. އަހަރެން ފަހަތުން ދާއިން ނާންނަކަން އެނގުމާއެކު މަގުމަތީގައި ހުއްޓާ ރޮވުނެވެ.
ސްކޫލަށް ވެސް ނުގޮސް އަހަރެން ދިޔައީ ގެއަށެވެ. ކުއްލިއަކަށް ބަލިވެގެން ދެވެން ނެތް ވާހަކަ ބުނެފައި އެލްޓީއަށް މެސެޖު ކުރީމެވެ. ދާއިންގެ މެސެޖާއި ކޯލުތަށް އައިސްފައި ހުއްޓެވެ. އެއަށް އަޅާލުމެއް ވެސް ނެތި ފޯނު ނިއްވާލުމަށްފަހު ހެދުން ވެސް ބަދަލުނުކޮށް އެނދަށް އަރާ އޮށޯތީމެވެ. އެހާ އަވަހަށް ގެއަށް އައުމުން މަންމަ ސުވާލު ކުރިއެވެ. ބޮލުގައި ރިއްސަނީ ކަމަށް ބުނުމުން މަންމަ އިތުރަށް ސުވާލެއް ނުކުރެއެވެ.
އަހަންނަށް ހޭލެވުނީ ކޮޓަރީ ދޮރުގައި ޓަކިޖަހާ އަޑަށެވެ. ލަސް ލަހުން ލޯ ހުޅުވާލުމަށްފަހު ގަޑި ބަލާލިއިރު ހައެއް ޖަހަނީއެވެ. ކަންނެއްކަމާއެކު އެދުން ތެދުވެގެން ގޮސް ދޮރު ހުޅުވީމެވެ. “ކޮބާ ފޯނު؟ ކިހާ ވަރަކަށް މަށަށް ގުޅިއްޖެ މެސެޖު ކުރެވިއްޖެ؟ މައިރާއަށް ހަމަ ނޭންގެނީތަ އެގޮތަށް ދިޔައީމަ އަހަރެން ކަންބޮޑުވާނެކަން؟” ރަނގަޅަށް ދޮރު ނުވެސް ހުޅުވެނީސް ދާއިން އެތެރެއަށް ދެމި ގަތެވެ. ދާއިން އެހާ ރުޅި އައިސްފައި ހުއްޓާ މީގެ ކުރިން އަހަރެން ނުދެކެމެވެ. އެހެންވެ ކުޑަކޮށް ޖެހިލުންވާ ގޮތް ވިއަސް އަހަރެން އެކަމެއް ނުދައްކަމެވެ. “އަހަރެން ކީއްވެ އެހެން ނުހަދަންވީ؟ އަހަރެން ބޭނުމެއް ނޫން ދާއިންއާ އިންނާކަށް” އަހަރުމެން ދެމީހުންގެ ކައިވެނި ދާއިން ރޫޅާލުމުގެ ކުރިން އަހަރެން އެކަން ކުރީމެވެ. ލިބުނު ސިހުމުގައި ދާއިން އެހުރި ގޮތަށް ހުއްޓެވެ. ދާއިން އަނގައިން ނުބުނުމުން ދެން ވެސް ވާހަކަ ދެއްކީ އަހަންނެވެ. “އަހަރެން މަންމަމެން ގާތު ބުނާނަން ކައިވެނީގެ ތައްޔާރީތަށް ހުއްޓާލާށޭ ދާއިން އެކަމާ ވިސްނާކަށް ނުޖެހޭނެ އަހަރެން މިވަގުތު މިދަނީ ބުނަން” އަހަންނަށް ކުރިއަށް އެޅުނީ އެންމެ ފިޔަވަޅެކެވެ. ދާއިން އަހަރެން އަތުގަ ހިފާ ހުއްޓުވިއެވެ. “މައިރާ މޮޔަ ވީތަ؟ ތިކިޔޭ އެއްޗެއް އެބަ އިނގޭތަ؟” ދާއިންގެ ރުޅިގަނޑު ކުރިއަށް ވުރެ ގަދަވިއެވެ. “އާން! ދާއިން އަމިއްލައަކަށް ނޫންތަ ބުނީ ޒޯޔާ އެނބުރި އަތުވެއްޖެނަމަ ދެވަނަ ވިސްނުމަކާ ނުލާ އޭނާ ގާތަށް ދާއިން ދާނަމޭ އަޅެ ނުބުނަންތަ އެހެންނެއް؟ މަށަށް ފެނުނޭ ދާއިން ޒޯޔާއަށް ބެލި ގޮތް އަދި ޒޯޔާވެސް ދާއިންއަށް ބެލިގޮތް” އަނެއްކާވެސް އަހަންނަށް ރޮވުނެވެ. އަހަރެން ހީކުރިވަރަށް ވުރެ ދާއިން އަހަންނަށް ޚާއްސަ ވެއްޖެއެވެ. އަހަރެންގެ ޙަޔާތަށް މުހިންމު މީހަކަށް ދާއިން ވެއްޖެއެވެ. “މައިރް” މި ފަހަރު ދާއިންގެ އަޑު އައި މަޑުންނެވެ. އޭނާގެ ބޮޑު ދެއަތް ތިލައިން އަހަރެންގެ މޫނު ގައި ހިފައި އޭނާއާ ހަތަރު ކަޅި ހަމަކުރުވިއެވެ. ލޮތްބާއެކު އަހަރެންގެ ކަރުނަތަށް ފުހެދިނެވެ. އަދި އަނގައިން ބަހެއް ބުނުމެއް ނެތި އޭނާގެ ދެއަތް އަހަރެންގެ ހަށިގަނޑުގައި ވަށާލިއެވެ. “އަހަރެން އޭރު އެހެން ބުންޏަސް އަހަރެންގެ ހިތް ބަދަލުވެއްޖެ. މެރީ ކުރާ ދުވަހު މައިރް ގާތު ބުނަން މަޑު ކުރީ. ދޮގު ހަދާކަށް ނެތިން އަހަރެން މައިރްއާ ބައްދަލު ކުރަން ދިޔައީ ބައްޕަ ކިޔާވަރުން. އޭރުވެސް އަހަރެން ހުރީ ޒޯޔާގެ އިންތިޒާރުގަ. ބޭވަފާތެރިވެފައި ދިޔަ ނަމަވެސް ކަނު ލޮތްބެއްގެ ސަބަބުން ޒޯޔާ އަނބުރާ އަހަރެން ގާތަށް އަންނާނެކަމުގެ އުއްމީދުގަ ހުރީ. އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް ވައްޓާލެވުނީ ޒޯޔާދެކެ ވެވުނު ލޯބީގެ ސަބަބުން. އެކަން ބަލަން ފަސޭހަ ނުވެގެން މަންމަ ބައްޕަ ގާތު އާދޭސްކުރީ އަހަރެން އިންނާނެ ކުއްޖެއް ހޯދަން. އަހަރެން އެރޭ އެނބުރި ޒޯޔާ ގާތަށް ދާނަމޭ ބުނީ މައިރް ކައިވެންޏާ ދެކޮޅު ހަދާތޯ އެކަމަކު އެރޭ މައިރް ވެސް އަހަންނަށް ކިޔާދިނީ ކެހިވެރި ލޮތްބެއްގެ ވާހަކަ އެރޭ ފުރަތަމަ ފަހަރަށް ޒޯޔާ ނޫން އަންހެން ކުއްޖެއް އަހަރެންގެ ހިތާ ކުޅެލި. އޭގެ ފަހުން އެއްވެސް ޝަކުވާއެއް ނެތި މައިރް އަހަރެން ބަލާގަތީ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަށްވި. މައިރްގެ އެންމެ ކުދި ކުދި ކަންތަށް ވެސް އަހަންނަށް ކަމުދާން ފެށި. ނޭންގި ހުއްޓާ މައިރް މި ހިތަށް ވެރިވީ ކޮން އިރަކު ކަމެއް ވެސް ނޭންގެ ބުނާކަށް. އައި ލަވް ޔޫ މައިރާ. ވަރަށް ބޮޑަށް ލޯބިވެވިއްޖެ. އެންމެ ސިކުންތެއްވެސް މައިރްއާ ނުލާ އުޅެން އަހަންނަށް ދަތި ކަމަކަށް ވެއްޖެ. އެންމެ އިންތިޒާރު ކުރެވެނީ އަހަރެންގެ އަނބިމީހާއަށް މައިރާ ވާނެ ދުވަހަކަށް. ތެދަށް ބުނަންޏާ އަހަރެންވެސް ބިރުގަނޭ މައިރާ އަހަރެން ދޫކޮށްފަ ގޮސް ދާނެތީ. މައިރް އަހަރެންދެކެ ލޯބި ނުވާ..” އިތުރަށް ދާއިން ވާހަކަ ދެއްކުމުގެ ފުރުސަތު އަހަންނެއް ނުދެމެވެ. އަހަރެންގެ ޝަހާދަތް އިނގިލި ދާއިން ތުންފަތުގައި ޖައްސާލީމެވެ. އެހަރަކާތުން ދާއިން ސިހުން ލިބުނެވެ. “އަހަންނަށް ވެސް ދާއިންދެކެ ލޯބިވެވިއްޖެ. ކުރިން ޔަގީން ނުވި ކަމުގައި ވިއަސް މިއަދު ޔަގީންވެއްޖެ. އައި ލަވް ޔޫ”
ކުރިއަށް ވުރެ ބޮޑަށް ކައިވެނީގެ ކަންކަމަށް އަހަރުމެން ސަމާލުކަން ދޭންފެށީމެވެ. އެހެން މީހުންގެ އަތް މައްޗަށް ދޫކޮށްފައި ހުރި ކަންކަން ވެސް ބަލައި އަހަރުމެންނަށް އެންމެ ކަމުދާ ގޮތަށް ބަދަލު ކުރަން ބުނީމެވެ. ކުރިއަށް ވުރެ ގިނައިން އަހަންނާ ދާއިން އެކުގައި ވަގުތު ހޭދަކުރަމެވެ. ކުރިން ނުފެންނަ އެތަށް ކަމެއް ދާއިންގެ ފަރާތުން ފެނުނެވެ. އަހަރެންގެ ހަޔާތުގައި މިހާތަނަށް ދިމާވި އެންމެ ފުރިހަމަ ބައިވެރިޔަކީ ދާއިންއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ދާއިންގެ ބައެއް އަމަލުތަކުން ޔުއާން މަތިން ވެސް ހަނދާންވެއެވެ. ދާއިން އާއި ޔުއާންގެ އެއްގޮތް ސިފަތަށް އަހަންނަށް ފާހަގަ ކުރެވެން ފެށުނެވެ. ޔުއާންއާ އެއްފަދައިން ދާއިންގެ ވެސް ރީތި އަޑެއް ވެއެވެ. އެ އަޑުން ލަވަ ކިޔާ އަޑު އިވޭ މީހެއްގެ އެންމެ ހިމަ ނާރަށް ވެސް އަސަރު ކުރާނެއެވެ. ދާއިން އެންމެ ފުރަތަމަ އަހަންނަށް ލަވައެއް ކިޔާދިނީ ދެމީހުން ބީޗުގައި ތިބި ރެއެއްގައެވެ. ދާއިންގެ އަޑު ޖެހުމާއެކުހެން ހަނދާންވީ ޔުއާން މަތިންނެވެ. ހީވީ ލޯ ކުރިމަތީގައި ޔުއާން ހުރިހެންނެވެ.
މެންދަމުން އަލިވެ ތިނެއް ޖެހިއިރުވެސް ލޮލަކަށް ނިންޖެއް ނައެވެ. ޔުއާންގެ ޚިޔާލުތަކުން ސިކުނޑި ވަނީ ހިސޯރުވެފައެވެ. ލޯ މަރާލާ ކޮންމެ ފަހަރަކު ފެންނަނީ ޔުއާންއެވެ. އެހެންވެ އެސްފިޔަައެއް ވެސް ޖަހަން ބޭނުންނުވެފައި ދެލޯ ބޮޑުކޮށްގެން އޮތީމެވެ. ޔުއާން މަތިން ވިސްނޭތީވެ އަހަންނަށް އިހްސާސް ވަމުން ދިޔައީ ދާއިންއަށް ބޭވަފާތެރިވެވޭހެންނެވެ. ދާއިން ޒޯޔާއަށް ހަމައެކަނި ބަލާލި ގޮތުން އަހަންނަށް ވީވަރު އެނގޭނީ އަހަންނަށެވެ. އެ ދުވަހު އަހަންނަށް އުޅެވުނު ގޮތް ހަނދާނެއް ނުނެތެވެ. އަހަރެން ޔުއާން މަތިން ހަނދާން ކުރާކަން އިނގިއްޖެނަމަ ދާއިންއަށް ވާނީ ކިހިނެއްހެއްޔެވެ؟ އެއްފަހަރު ބޭވަފާތެރި ކަމުގެ ހިތި ރަހަ ދާއިންއަށް ވަނީ ލިބިފައެވެ. އަހަރެންގެ ފަރާތުން ދާއިންއަށް ދެރައެއް ދޭކަށް ބޭނުމެއް ނޫނެވެ. ދާއިންދެކެ އަހަރެން ލޯބިވެއެވެ. ދެން އެހެންވީއިރު ޔުއާންއާ މެދު ވިސްނެނީ ކީއްވެހެއްޔެވެ؟ އެ ސޫރަ ހިތުންނާއި ސިކުނޑިން ނެރެ ނުލެވެނީ ކީއްވެބާއެވެ؟ ސިކުނޑި ހާސްވާން ފެށުމައެކު އަހަރެން ފޯނު ނެގީ އިމްރާއަށް ގުޅާށެވެ. ސިކުނޑީގައިވި ހާސްކަން އިމްރާއާ ހިއްސާ ކުރުނުން ސިކުނޑިއަށް ލުޔެއް ލިބިދާނެއެވެ. ނަމަވެސް ފޯނު ނަގައިފާއި އިމްރާއަށް ގުޅުމުގެ ބަދަލުގައި އަހަންނަށް ވަދެވުނީ އިންސްޓަގްރާމަށެވެ. އިންސްޓަގައި ޖެހިފައި އިމްރާއަށް ގުޅަން ހަނދާންނެތުނެވެ. އެކި މީހުންގެ ޕްރޮފައިލް ހާވަމުން ޔުއާންގެ ޕްރޮފައިލް ވެސް ބަލާލަން ހިތަށް އެރިއެވެ. ޕްރައިވެޓް އެކައުންޓަކަށް ވުމުން ޔުއާންގެ ޕްރޮފައިލް ފެންނަ ގޮތެއް ނުވިއެވެ. މާޔޫސް ކަމާއެކު އިންސްޓަ ނިންވާފައި ފޯނު ވެސް ބޭއްވީމެވެ. ފަނަރަ ވަރަކަށް މިނެޓު ފަހުން ލޮލަށް ނިދި ސަވާރުވިއެވެ. ލޯ މެރި މެރި އޮއްވަ ފޯނަށް ނޮޓިފިކޭޝަނެއް އައެވެ. އެ ނުބަލާ ނުނިދޭނެތީވެ ކިރިޔާ ފެންނަ ވަރަށް ލޯހުޅުވައިގެން ކޯޗެއްތޯ އައީ ބަލާލީމެވެ. ފޯނަށް އައިސްފައި އިން މެސެޖު ފެނިފައި ވަގުތުން ނިދި ފިލައި ދިޔައެވެ. އަހަންނަށް މި ކިޔެނީ ރަނގަޅަށް ތޯ ބަލަން ދެތިން ފަހަރު މެސެޖު ކިޔާލީމެވެ.
ނުނިމޭ
29One Comment
Comments are closed.
Love the storyyy❤️❤️….varah eba beley up vefa intho🤔🤔🤔