Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޔާރާ އަހާށޭ 15

Mar Sha
Mar Sha
September 17, 2023
9 Mins Read
16 Comments

“ރާއިދު…” ކައިރިއަށް ގޮސް އަހަރެން މަޑުމަޑުން ގޮވާލީމެވެ.

ލޯ ހުޅުވާލާފައި އަހަންނަށް ބަލަން ރާއިދު އޮތީއެވެ. ހީވީ ފެންނަނީ ހަގީގަތެއް ކަމާކެދު ޝައްކުވެފައި ބަލަން އޮތް ހެނެވެ.

“ކާން ވީނު؟” ދެންވެސް އަހަރެން ބުނީ ކުރިންވެސް ބުނިހާ މަޑުންނެވެ.

ލޯ މަރާލާފައި ރާއިދު އަނެއްކާވެސް ލޯ ހުޅުވާލިއެވެ. މަޑުމަޑުން ޝިނާގެ ބޯ ދަށުން އަތް ދަމަލާފައި ތެދުވިއެވެ.

“ކާން ހަދާފަ މި އައީ، އާދޭ” އެހެން ބުނެފައި އަހަރެން ނިކުތީއެވެ.

ރާއިދު ނިކުތީ މޫނު ދޮވެ ތާޒާ ވެލައިގެންނެވެ. މޭޒު ކައިރީ އިށީނދެފައި ރާއިދު ބަލާލީ އަހަންނަށެވެ.

“ކައިފިންތަ؟” ރާއިދު އަހާލިއެވެ. އަހަރެން ބޯ ހަލުވާލީ ނުކައި ހުރީތީއެވެ.

“ދީނާވެސް ކާން އިށީނދޭ” ރާއިދު ބުންޏެވެ.

ދެކޮޅު ނުހަދާ އިތުރު ތައްޓެއް ހިފައިގެން އައިސް އަހަރެންވެސް އިށީނީ ބަނޑުހައި ވެފައި ހުރުމުންނެވެ.

ކައި ނިމެން ދެން އެކަކުވެސް ވާހަކައެއް ނުދައްކަމެވެ. ދެ މީހުންވެސް ކެއީ ކުޑަކޮށެވެ. ނިމުނީ އެކުއެކީގައެވެ. އެ ދުވަހު ގޭގައި ހަދާފައި ހުރީ ރާއިދުއަށް ވަރަށް މީރު ފޮނި އެއްޗެކެވެ. އެހެންވެ އަހަރެން ތައްޓަކަށް މެގްނަމް ޕުޑިން އަޅައިގެން ގެނެސް ރާއިދު ކުރިމަތީ ބެހެއްޓީމެވެ.

އަހަންނަށް ބަލާލާފައި ރާއިދު ސަމްސާ ނަގާ އެންމެ ފަހަރަކު އެތިކޮޅެއް ކާލިއެވެ. ދެން ތަށި ދުރަށް ޖައްސާލިއެވެ.

“ނުބައީތަ؟” އަހަންނަށް އަހާލެވުނެވެ.

“މީރަކަސް މިހާރު ކާ ހިތެއް ނުވޭ” ރާއިދު ބުނެލިއެވެ.

އަހަރެން އިތުރަކަށް ނާހަމެވެ. ރާއިދު އެހެން ބުނީ ކީއްވެ ކަން އެނގޭތީއެވެ. އަހަރެން ތަށިތައް ނަގާ ނިމެން ދެން ރާއިދު މޭޒު ކައިރީ އިނެވެ. ބަދިގޭގެ ހުރިހާ ކަމެއް ނިންމާފައި އަހަރެން ކޮޓަރިއަށް ވަނުމުން ރާއިދުވެސް ތެދުވެގެން އައިސް ކޮޓަރި ދޮރުމަތީ މަޑުކޮށްލިއެވެ.

“ދަނީ ދެން، ޝިނާ ގޯސް ވަންޏާ ގުޅާ އިނގޭ” ރާއިދު ބުންޏެވެ. އަހަރެން ބޯ ޖަހާލީމެވެ.

ހަމަ އެ ވަގުތު ޝިނާ ބައްޕާއޭ ކިޔާ ގޮވާލިއެވެ. ހީވީ ރާއިދު ދާން އުޅޭ ކަން އެނގިގެން ގޮވާލި ހެންނެވެ. ދާން އެނބުރިފައިވެސް ރާއިދު މަޑުކޮށްލިއެވެ. އަހަރެން ޝިނާ ކައިރީ އިށީނދެ މަންމަ މީނީއޭ ބުނީމެވެ. ނަމަވެސް ދެންވެސް ޝިނާ ގޮވާލީ އޭނަގެ ބައްޕައަށެވެ.

ރާއިދު ވަނީ އަހަރެން އެނބުރި ބަލާލުމުންނެވެ. ބައްޕަގެ އަޑު އިވުމާއެކު ޝިނާ ވަގުތުން ހިމޭންވިއެވެ. އެރޭ އެކެއް ޖަހާ ދިޔައިރުވެސް ރާއިދުއަށް ދެވޭ ގޮތެއް ނުވިއެވެ. ހޭލެވޭ ކޮންމެ ފަހަރަކު ޝިނާ ގޮވަނީ ރާއިދުއަށެވެ.

އަހަންނަށް ނިދުނީ ކޮން އިރަކު ކަމެއް ނޭނގެއެވެ. ހޭލެވުނީ ކަނދުރާ މައްޗަށް ތަދުވެގެންނެވެ. އަހަންނަށް ނިދުނީ ޝިނާ ކައިރީ އެނދުގެ ބިއްދޮށުގައި ފާރުގައި ލެނގިގެން އިންދައެވެ. ކަރަށް ތަދުވެފައި ހުރުމުން ހަށިގަނޑު ސީދާ ކޮށްލާ، ދެ ފަރާތަށް އެނބުރިލީމެވެ. އެނދުގެ މަގަތުން ޝިނާ އުނގަށް ލައިގެން ހެޑްބޯޑުގައި ލެނގިގެން ނިދިފައި ރާއިދު އިނެވެ. އަހަރެން ފޯނުން ގަޑި ބަލާލި އިރު ތިނެއް ޖެހީއެވެ.

އަހަރެން ބަދިގެއަށް ވަދެ ފެންތައްޓެއް އަޅައިގެން މޭޒު ކައިރީ އިށީނީމެވެ. ދުވަސްތަކެއް ފަހުން ރާއިދު ފެނުމުން، އަހަރެން ނިންމައިގެން ހުރި ނިންމުމުގައި ހިފަހައްޓަން އުނދަގޫވިއެވެ. ހިތް އެދެމުން ދިޔައީ ރާއިދުއާ ވާހަކަ ދެއްކުމަށެވެ. އެ އަތުތެރެއަށް ވަދެ އެމޭގައި ބޯ އަޅައިގެން އޮވެ ހިތުގައި ވީ ހުރިހާ ޝަކުވާއެއް ބޭރު ކުރުމަށެވެ. އަދިވެސް ލޯބިވެއޭ ބުނާށެވެ. އެ ވަކިވުމުން ހިތަށް ތަދުވާ ކަން ބުނެދޭށެވެ.

ނަމަވެސް އަހަރެންގެ އިހުސާސްތައް ހިފަހައްޓަން އަހަންނަށް މަޖުބޫރެވެ. ޙަޔާތުގައި މި ހިސާބަށް އަންނަން މި ޖެހުނީ އަހަންނާ ރާއިދުއަށް އެކުގައި އުޅެވެން ނެތިގެންނެވެ. ވީ އިރު ވާން ނެތް ކަމެއްގެ އުންމީދު ހިތުގައި ބޭއްވުމަކީ ބޭކާރު ކަމެއް ނޫން ހެއްޔެވެ؟

އެހެން ވިޔަސް ކިތަންމެ ވިސްނައިދޭން ބޭނުން ވިޔަސް ހިތެއް އެ އަޑެއް ނާހައެވެ. ހިތް އެދޭ ދިމާއަށް ސިކުނޑި ގެންދަނީ އަހަރެންގެ ބާރެއް ނުވާ ފަދައިންނެވެ.

ބަނޑުގައި އަތް ޖައްސާލައިގެން އިނދެ އަހަންނަށް ރޮވުނީ ހެ ޚިޔާލުތަކުން ހިތަށް އުނދަގޫވީ ވަރުންނެވެ. ދެ އަތްތިލަ ތެރޭ މޫނު ފޮރުވާލައިގެން އިންދާ އަހަރެން ސިހުނީ ރާއިދު ގޮވާލުމުންނެވެ.

މޭޒު ކައިރީ ރާއިދު އަހަންނަށް ބަލަން ހުއްޓެވެ. ރާއިދު ފެނުމުން އަހަންނަށް ވަކިން ބޮޑަށް ރޮވުނެވެ. ތެދުވެގެން ކޮޓަރިއަށް ވަނީ ރާއިދުއާ ދުރަށް ދާން ނަމަވެސް އަހަރެންގެ ފަހަތުން ރާއިދު ވަނެވެ.

އަލަމާރި ކައިރީ އަހަރެން ހުއްޓުމުން ރާއިދު އައިސް އަހަރެންގެ ކޮނޑުގައި ހިފާލިއެވެ. ލޯ މަރާ ބާރުކޮށްލަމުން އަހަރެން އަނގަމަތީ އަތް އަޅާލީ ރުއިމުގެ އަޑު ނީއްވަން ވެގެންނެވެ. އެއްވެސް ބަހެއް ނުބުނެ ރާއިދު އަހަރެންގެ ކޮނޑުގައި ހިފާ އަނބުރާލުމާއެކު އަހަރެން ރާއިދުގެ މޭގައި ޖައްސާލަމުން ބައްދާލިއެވެ.

އަހަންނަށް ރާއިދުއާ ދުރަކަށް ނުދެވުނެވެ. ދެ އަތުން ރާއިދު ގައިގައި ބައްދާލެވުނީއެވެ. ރާއިދު އެއްވެސް ވާހަކައެއް ނުދައްކައެވެ. އަހަރެން ރޯން ދޫކޮށްލައިގެން އަހަރެން ގައިގައި ބައްދާލައިގެން ހުރީއެވެ.

ރާއިދުއާ ދުރަށް ޖެހިލާފައި އަހަރެން ލޯ ފޮހެލީމެވެ. އިރުކޮޅަކު ދުރުގައި ހުރެފައި ރާއިދު އައިސް އަހަރެންގެ ދެ އަތުގައި ހިފާލިއެވެ. އަހަރެން ރާއިދުގެ މޫނަށް ބަލާލީލެވެ.

“އައި މިސް ޔޫ…” އަހަރެންގެ ދެ އަތްތިލަ ރާއިދުގެ މޫނުގެ ދެފަރާތުން ޖައްސާލަމުން ރާއިދު މަޑުމަޑުން ބުނެލިއެވެ. އެއީ ތެދެއް ކަން އަހަންނަށް ޔަގީންވެއެވެ. އަހަރެންގެ ހިތުގެ އަޑަކީވެސް އެއެވެ. ނަމަވެސް ދުލުން އެހެން ބުނާކަށް އަހަރެން ބޭނުމެއް ނޫނެވެ.

ރާއިދުގެ އަތުތެރޭން އަތްތިލަ ދަމާލަމުން އަހަރެން ދުރަށް ޖެހިލާ އެނބުރުނީމެވެ. ސިކުންތެއްވެސް ލަސް ނުކޮށް ރާއިދު ފަހަތުން އަހަރެން ގައިގައި ބައްދާލިއެވެ.

“ދީނާ… އަހަންނަކަށް ނުނިދޭ، އެއްވެސް ކަމެއް ކުރާ ހިތެއް ނުވޭ، ކާ ހިތެއް ނުވޭ، އޮފީހަށް ދާ ހިތެއް ނުވޭ، ދިޔަޔަސް މަސައްކަތެއް ނުކުރެވޭ… މިހެން އުޅެން ވެއްޖެއްޔާ އަހަރެން މޮޔަ ވެދާނެ…” ކިރިޔާ އަޑު އިވޭހާ މަޑުން އަހަރެންގެ ކަންފަތް ދޮށުގައި ރާއިދު ބުންޏެވެ.

“ދޫކޮށްލާ” އަހަރެން ބުނީމެވެ. ރާއިދު ބުނި އެއްޗެއް އަޑު ނީވޭތީއެއް ނޫނެވެ. އެ ބަސްތަކުން އަހަރެންގެ ހިތަށް ގޮތެއް ނުވާތީއެއްވެސް ނޫނެވެ. އެއަށް ޖަވާބެއް ދޭން ބޭނުން ނުވާތީއެވެ. އަހަރެންގެ ހިތްވެސް އެ ބަސްތައް ތަކުރާރު ކުރަމުން ދާ ކަން ރާއިދުއަށް އަންގަން ބޭނުން ނުވާތީއެވެ. ހުރިހާ ކަމަކަށް ވުރެ ބޮޑަށް ރާއިދުއާ އެހާ ކައިރީގައި ހުންނަން ބޭނުން ނުވާތީއެވެ.

“ބޭނުމެއް ނޫން ދޫކުރާކަށް” ކުރިއަށް ވުރެ ބޮޑަށް ރާއިދު އަހަރެން ގަޔާލާ ފިއްތާލިއެވެ.

“ތިހެން ހިފެހެއްޓިޔަސް މިހާރު އަހަރެން މީ ރާއިދުގެ މީހެއް ނޫން. އެހެން ނޫނަސް އެ ދުވަހު ދުކޮށްލީ އަހަރެން ބޭނުން ނުވާތީނު؟” އެ އަތުތެރެއިން ނިކުންނަން އަހަރެން ގަދަ ހަދާލީމެވެ.

“ދީނާ އަމިއްލައަށް ބުނީ—”

“މިހާރުވެސް އަހަރެން މި ބުނަނީ… ދޫކޮށްލާ” ރާއިދުގެ ބަސް މެދުކަނޑާލަމުން އަހަރެން ބުނީމެވެ.

“ޕްލީޒް ދީނާ…” ރާއިދުގެ އަޑުގައި ވީ އާދޭހެވެ.

“އަހަރެން ބުނަން ވީ ކީކޭ؟” އަހަރެން އަހާލީމެވެ.

ރާއިދުގެ ދެ އަތަށް ދުލެއް ދިން ހެން ހީވުމުން އަހަރެން ދުރުވެލީމެވެ. ނަމަވެސް އަނެއްކާވެސް ރާއިދު އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ.

އިތުރަށް ދުރަށް ދާން ނޫޅެ އަހަރެން ރާއިދުގެ މޫނަށް ބަލާލީމެވެ. އެ ދެލޮލުގައި ވި އާދޭސް އަހަރެންގެ ހިތާ ހަމައަށް ފޯރިއެވެ. ހުރިހާ ކަމެއް ހަނދާން ނައްތާލާފައި އެ ދެ އަތުގެ ތެރެއަށް ވަންނަން ހިތް ގޮވާލިއެވެ.

ނަމަވެސް އަހަރެން ޖެހުނީ ފަހަތަށެވެ. ހިތުގެ އެދުމުގެ މައްޗަށް ހިތްވަރު އިސް ކުރަން ޖެހުނީ ރާއިދު ދެކެ ލޯބި ނުވާތީއެއް ނޫނެވެ. ރާއިދުއާ އެކު އުޅެން ބޭނުން ނުވާތީއެއްވެސް ނޫނެވެ. ވަކިވީ އެކުގައި އުޅެވެން ނެތިގެންނެވެ. އެކުގައި އުޅެން ބޭނުން ވަނީ ލޯބި އެކަންޏެއް ނޫނެވެ. ގޮތެއް ނިންމަން ޖެހޭނީ ރާއިދުއެވެ. ކުރީގެ ދިރިއުޅުން އަނެއްކާވެސް އުޅޭކަށް އަހަންނަކަށް ދެން ނުދެވޭނެއެވެ. އެކުގައި އުޅެން ބޭނުން ނަމަ ރާއިދު އަޅަން ޖެހޭނީ އެންމެ ފިޔަވަޅެކެވެ. އެ ފިޔަވަޅު އެޅުމާއެކު އަހަރެން ހުންނާނީ ރާއިދުއާ އެއްހަމައެއްގައެވެ.

“ދެން އަހަރުމެން އުޅެން ޖެހޭނީ މިހެންތަ؟” ރާއިދު އަހާލިއެވެ.

“ރާއިދު އުޅޭނެ ގޮތެއް އެނގޭނީ ރާއިދުއަށް، އަހަންނަކަށް ނޭނގޭނެ” އަހަރެން ބުނީމެވެ.

“އެބަސް އަނބުރާ ގެންދަން އަހަރެން ބޭނުން” ރާއިދު އެ ބުނީ ކީކޭ ކަން އަހަންނަށް ވިސްނުނެވެ. ނަމަވެސް އަހަރެން އެއްޗެއް ނުބުނެ ހުރީއެވެ.

“ދީނާ، އެއްޗެއް ބުނެބަލަ” ރާއިދު އައިސް އަހަރެންގެ ދަތްދޮޅީގައި ހިފާ އުފުލާލިއެވެ.

“ބުނެވުނު ބަހެއް އަނބުރާ ނުގެންދެވޭނެ” އަހަރެން ބުނީމެވެ.

“އެ ދުވަހު އަހަރެން ހުރީ މޮޔަވެފަ ކަންނޭނގެ… ޕްލީޒް ދީނާ… މިހެން ދުރުގަ އުޅޭކަށް ބޭނުމެއް ނޫން. ނޫޅެވޭނެ މިހެންނެއް… އައި ލަވް ޔޫ… އަހަރެން ވަރަށް ލޯބިވޭ ދީނާ ދެކެ… ދީނާއާ އެ ކުދިންނާ ދުރުގަ އަހަންނަކަށް ނޫޅެވޭނެ… ރުޖޫޢަ ކުރަން ހިނގާ” އަހަރެންގެ ދެކޮނޑުގައި ހިފާލަމުން ރާއިދު އެދުނެވެ.

“އަހަރެން ގޮވައިގެން ވަކިން އުޅެން ރާއިދު އެއްބަސް ވަންޏާ މި ވަގުތުވެސް އަހަރެން ތައްޔާރު” އަހަރެން ބުނީމެވެ.

“ދީނާ… މަންމައަކީ މިހާރު ބަލި މީހެއް… އަހަރެން ކިހިނެއް ދާނީ؟” ލަސްލަހުން ރާއިދު އަހާލިއެވެ.

“ޝިނާ ދެން ހެއެއް ނުލާނެ ކަންނޭނގެ” އިތުރަށް އެ ވާހަކަ ދައްކަން ބޭނުން ނުވާތީ އަހަރެން ބުނީމެވެ. އެ ވަގުތު އަހަރެން ކައިރީ ހުރެ ރާއިދު އެ ވާހަކަތައް ދައްކާ ނަމަ އަހަރެންގެ ނިންމުން ބަދަލު ވެދާނެތީއެވެ.

ދުރަށް ޖެހިލާފައި ރާއިދު އިރުކޮޅަކު އަހަންނަށް ބަލަން ހުއްޓެވެ.

“ޝިނާ ގޯސްވަންޏާ ގުޅާ…” އެހެން ބުނެފައި ރާއިދު ކޮޓަރިން ނިކުތެވެ.

ދެ އަތްތިލަ މޫނުގައި ޖައްސާލަމުން އަހަރެން އެނދުގައި އިށީނީމެވެ. ރާއިދުގެ އެދުމަށް އިންކާރު ކުރަން ވުމުން އަހަރެން ދެރަވެއެވެ. އަހަރެންވެސް ބޭނުން ވަނީ ރާއިދުއާ އެކީ އުޅޭށެވެ. އެހެން ނަމަވެސް އެހެން ވާނީ ރާއިދު އަހަރެންގެ ޝަރުޠާ ގަބޫލު ވެގެންނެވެ. އިތުރަށް އެ ވާހަކަ ދައްކަން އަހަރެން ބޭނުން ނުވީ އެހެން ވެދާނެ ހެން ހީނުވާތީއެވެ.

ހެނދުނު ޝިނާ ހޭލި އިރު ހުން މުޅިން ނުފިލާ ނަމަވެސް ބޭސް ދިނުމުން ރަނގަޅުވިއެވެ. އަނެއް ދުވަހު އެއްގޮތަކަށްވެސް ހުމެއް ނާދެއެވެ. އެ ދުވަހު މެންދުރު ރާއިދު ގުޅުމުން އަހަރެން ވާހަކަ ދެއްކީމެވެ. ނަމަވެސް ފަހުން ގުޅާ ކޮންމެ ފަހަރަކު އަހަރެން ފޯން ދެނީ ޝިނާ ނޫނީ ޝުޢާ އަތަށެވެ.

އެ ދުވަހުގެ ފަހުން ކޮންމެ ހުކުރު ދުވަހަކު ކުދިން ގޮވައިގެން އައުމުން ރާއިދު ގާތު ގެއަށް ވަނުމަށް މަންމަ ބުނެއެވެ. އެހެން ނަމަވެސް މަޣްރިބް ނަމާދު ވަގުތު ކައިރި ވެފައި ހުންނާތީ ރާއިދު އަންނަނީ މިސްކިތަށް ގޮސްފައެވެ. ހުކުރު ދުވަހުގެ ރޭގަނޑުގެ ކެއުމުގައި ބައެއް ފަހަރު ރާއިދު ބައިވެރިވަނީ މަންމަ ބުނާތީއެވެ.

އަހަރެން ބަނޑުބޮޑުކަން އެނގުނު ފަހުން މަހެއް ވެގެން ދިޔަ އިރުވެސް ރާއިދު ކައިރިއަކު ނުބުނަމެވެ. ރާއިދު ގާތު ބުނުމަށް މަންމަ އެތައް ފަހަރަކު ބުނެފިއެވެ. ނަމަވެސް އަހަރެން އެ އަޑެއް ނާހަމެވެ.

އެކަން ރާއިދުއަށް އެނގުނީ އަހަރުމެން ގެއަށް އައި ހުކުރު ދުވަހެއްގައެވެ. އެއްވެސް ފަހަރަކު ބަލިވެ އިނދެގެން، ހޮޑުލެވުމާ ބައެއް ދުވަސް ދުވަހުގައި މާ ބޮޑަށް ވަރުބަލިވުން ފިޔަވާ އިތުރު އުނދަގޫތަކެއް އަހަންނަކަށް ނުވެއެވެ. ހަތަރު މަސް ވާ ފަހުން ހޮޑުލެވުންވެސް ހުއްޓެއެވެ. އެހެން ނަމަވެސް އަހަންނަށް ނުބައި ވަސް ދުވާ އެއްޗެއްގެ ވަސް ޖެހިއްޖެ ނަމަ ވަރަށް ގިނައިން ހޮޑުލެވެއެވެ. އެ ފަހަރުވެސް އަހަރެން އުޅުނީ ހަމަ އެހެންނެވެ. ކުކުޅު ބިހަކީ ބަނޑުބޮޑު އިރު އަހަންނަށް އެންމެ ނުބައި ވަސް ދުވާ އެއްޗެވެ.

އެ ދުވަހު ރާއިދު ޝިނާމެން ގޮވައިގެން އައީ ހަތެއް ޖެހިފަހުންނެވެ. ރާއިދުއާ އެކު ދެ ކުދިން ކޮޓަރިއަށް ވަނުމާއެކު އަހަރެން މޭނުބައި ކޮށްލިއެވެ. އެ ކުދިން އެ އައީ ބިސް ކައިގެން ކަން އަހަންނަށް ޔަގީންވިއެވެ. ޝިނާ އައިސް އަހަރެން ގައިގައި ބައްދާލުމުން އަހަރެންވެސް އެ ކުއްޖާ ގައިގައި ބައްދާލީ ނޭވާ ހިފަހައްޓާލައިގެން ހުރެއެވެ. ޝިނާ ދުރަށް ޖެހިލުމުން އަހަރެން ރީތިވާ މޭޒުމަތީ ހުރި ބޮޑީސްޕްރޭ ފުޅި ކޮޓަރި ތެރެއަށް ޖަހާލީމެވެ. ދެންވެސް ކެތް ނުވެގެން އޯކަށް ދެމުމާއެކު އަހަރެން ވަނީ ފާހާނާއަށެވެ.

އަނގަޔާ މޫނު ދޮވެގެން އަހަރެން ނިކުތް އިރު ފާހާނާ ދޮރު ކައިރީ ރާއިދު ހުއްޓެވެ.

“ޝުޢާ ދަރިފުޅު، ކޮއްކޮ ގޮވައިގެން ގޮސް މިލީ ކައިރީ ބުނެބަލަ ހެދުން ބަދަލު ކޮށްދޭށޭ، ފެންވެސް ވަރައިގެން ނިދާހެދުން ލައިގެން  އަންނާނީ އިނގޭ” ކުދިންނާ ކައިރި ނުވެ އަހަރެން ބުނީމެވެ. ޝިނާ އަނެއްކާވެސް އަހަރެން ކައިރިއަށް އަންނަން އުޅުނެވެ. އަހަންނަށް ބާރަށް މިލީއަށް ގޮވާލެވުނެވެ. ވަގުތުން މިލީ އައިސް ބޯ ދިއްކޮށްލިއެވެ.

“ޝިނާ ފެންވަރުވާލަބަލަ ވަރަށް އަވަހަށް، އެ ހެދުންވެސް ދޮވެލާތި. ޝުޢާވެސް ދޭ ފެންވަރަން” އަހަރެން ބުނީމެވެ.

އަނެއްކާވެސް އަހަރެން ވަނީ ފާހާނާއަށެވެ. ދޮރުވެސް ލައްޕާނުލާ ސިންކާ ކައިރިވެލީމެވެ. ކުރީ ފަހަރަށް ވުރެ ގިނައިން އެފަހަރު ހޮޑުލެވުނެވެ. އަނގަޔާ މޫނު ދޮވެގެން އަހަރެން ހުރީ ނިކުންނަން ބޭނުން ނުވެފައެވެ.

އަހަރެން ބަލިވެ އިންކަން ރާއިދުއަށް އެނގެން ވީ ވަގުތު ޖެހުނީ ކަން އަހަންނަށް ވިސްނުނެވެ. ނަމަވެސް ފަސް ޖެހުނީ އެހާ ދުވަސް ވީ އިރު އަހަރެން ނުބުނެ ހުރީތީ ރާއިދު ހިތްހަމަ ނުޖެހޭނެ ކަން އެނގޭތީއެވެ.

ލޯ މަރާލަމުން ފުން ނޭވައެއް ލާ، ރާއިދުއާ ކުރިމަތި ލާން ތައްޔާރު ވެލަމުން އަހަރެން ނިކުންނަން އެނބުރުނު އިރު ރާއިދު ދޮރުމަތީ ހުއްޓެވެ. އެ ދެލޮލުން ކުރަމުން ދިޔަ ސުވާލު، ބަހައެއް ބުނުމަކާ ނުލާ އަހަންނަށް ދޭހަވިއެވެ.

“ދީނާ، ބަނޑުބޮޑުތަ؟” ރާއިދު އަތުގައި ހުރި ފެންތަށި ދިއްކޮށްލަމުން އަހާލިއެވެ.

ބޯ ޖަހާލާފައި އަހަރެން ފެންފޮދެއް ބޯލީމެވެ. އެއް އަތުން ތަށީގައި ހިފާފައި ރާއިދު އަނެއް އަތް ދިއްކޮށްލުމުން އަހަރެން އެ އަތުގައި ހިފީ ވަރުބަލި ވެފައި ހުރިވަރުންނެވެ. ރާއިދު އަހަރެން ގޮވައިގެން ގޮސް އެނދުގައި ބޭންދިއެވެ.

“ކޮން އިރަކު އެނގުނީ؟” ރާއިދު އެހިއެވެ.

“ދުވަސްކޮޅެއް ވެއްޖެ” ސައިޑްޓޭބަލް މަތީ ހުރި ކުޑަ ތަށިން ފޮނިތޮށިކޮޅެއް ނަގާ އަނގައަށް ލާ ހަފާލަމުން އެނދުމަތީ އޮތް ތުވާލިކޮޅުން އަހަރެން މޫނު ފޮހެލީމެވެ.

“ނުބުނީ ކީއްވެ؟” ރާއިދު އަހާލިއެވެ.

އަހަރެން ޖަވާބެއް ނުދެމެވެ. އިސް ޖަހައިގެން އިނީއެވެ. ރާއިދު އެ ސުވާލު ކުރުމުން ކުށްވެރި އިހުސާސެއް ކުރެވުނީ، އެއީ ރާއިދުއަށް އަހަރެން އަންގަން ޖެހޭ ކަމެއް ކަމުގައި ހިތާ ސިކުނޑި އެއްބަސް ވީތީއެވެ.

އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި ރާއިދު އައިސް އަހަރެން ކައިރީ އިށީނެވެ.

“އަހަރުމެންގެ މަސައްކަތް ކާމިޔާބުވީ… އެކަމަކު ދީނާ ނުވެސް ބުނެ ތި ހުންނަނީ. ކީއްވެ؟ މިހެން ވާން ބޭނުން ނުވަނީތަ؟” ރާއިދު އަހެން އަހާލި އިރު އެ އަޑުގައި ވީ ޝަކުވާއެވެ.

“ކާމިޔާބު ވާން ބޭނުން ވީ މިހެންނެއް ނޫން. ވަރިވާ ފަހުން ބަލިވެ އިންކަން އެނގިގެން ކާކު އުފާވަނީ؟ އަހަންނަކަށް ނޭނގެ އަހަރެން ބޭނުން ވަނީ ކޮން ކަމެއް ކަމެއްވެސް” އަތުގައި އޮތް ތުވާލިކޮޅާ ކުޅެމުން އަހަރެން ބުނީމެވެ.

“މި ބޭބީއަށް ޓަކާ ވިޔަސް އަދި ވިސްނާލަބަލަ ދީނާ” އެއްޗެއް ނުބުނެ އިރުކޮޅެއް ދިޔަ ފަހުން ރާއިދު އެހެން ބުނަމުން އަހަރެންގެ އަތުގައި ހިފާލިއެވެ.

“ކުރިންވެސް އެ ތިބީ ދެ ކުދިން. ތިން ވަނަ ކުއްޖަކު ލިބުނަސް އެއްވެސް ކަމެއް ބަދަލެއް ނުވޭ. އެ ދެ ކުދިން ބޮޑެތި ވާހެން މި ދަރިފުޅުވެސް ބޮޑުވާނެ” ބޭނުން ވިޔަސް އަހަންނަށް ރާއިދުގެ އަތް ފޮޅުވައެއް ނުލެވުނެވެ. ހަށިގަނޑަށް ލިބިފައިވި ވަރުބަލިކަމާ އެއްވަރަށް އެ ވަގުތު ސިކުނޑިވެސް ވަރުބަލިވެފައި ވީހެން ހީވިއެވެ.

އިޚްތިޔާރަކާ ނުލާ އެ ވަގުތު އަހަންނަށް ރާއިދުއާ ކައިރިވެވުނެވެ. ބަލިވެ އިނުމުން، ރާއިދު ބޭނުން ކުރާ ސެންޓުން އަހަންނަށް ވަކިން މީރުވަސް ދުވައެވެ. ލޯ މަރާލަމުން އަހަރެން ރާއިދުގެ އަތުގައި ލެނގިލަމުން ނޭފަތް އެތެރެއަށް ދަމާލީ އެހެންވެއެވެ.

ރާއިދުގެ ލުއި ހުނުމުގެ އަޑު އިވުނެވެ. އަހަރެންގެ އެ އާދަ ރާއިދު ހަނދާން ނުނެތޭކަން އެ ހުނުމުން އަހަންނަށް އެނގުނެވެ. ކުރިންވެސް އެކަމާ ރާއިދު އަހަންނާ ދިމާ ކުރާނެއެވެ. އެހެން ވިޔަސް އަހަރެން ދުރަކަށް ނުދަމެވެ. އަނެއްކާވެސް ނޭފަތް ދަމާލީމެވެ. އަހަރެންގެ އެ އާދައަކީ ރާއިދުއަށް އާކަމެއް ނޫނެވެ. ބަނޑުބޮޑު އިރު ރާއިދު ކައިރީގައި ހުރިއްޔާ އަހަރެން އަބަދުވެސް އުޅެނީ އެހެންނެވެ. ހޮޑުލެވިއްޖެއްޔާ، ނުވަތަ ނުބައިވަހެއް ދުވައިފިއްޔާ ރާއިދުގެ ސެންޓުގެ ވަހުން އަހަންނަށް އެ ވަގުތަށް ބޭނުންވާ ފަރުވާ ލިބޭ ފަދައެވެ.

އެހެން އިނފެދައި އަހަންނަށް ކުއްލިއަކަށް ލޯ ހުޅުވާލެވުނީ ރާއިދުގެ ނޭވާގެ ހޫނުކަން އިހުސާސް ވުމުންނެވެ. ދުރަށް ޖެހިލި އިރަށް ރާއިދު ދެ އަތުން އަހަރެންގެ މޫނުގައި ހިފާލިއެވެ.

“ރާއިދު!” ރާއިދުގެ އަތުގައި ހިފާލަމުން އަހަރެން ގޮވާލީ ރާއިދު ހުއްޓުވާށެވެ. ނަމަވެސް ރާއިދުއަށް އެ އަޑު އިވުނުހެން ހީވެސް ނުވެއެވެ. ދެންވެސް ރާއިދު ހުއްޓުވަން ރާއިދުގެ މޭގައި އަހަރެން އަތް ޖައްސާ ކޮއްޕާލީމެވެ. އަހަރެންގެ އަތްމަތީ ރާއިދު އަތް އަޅާ ބާރުކޮށްލީއެވެ.

އިތުރަށް އަހަންނަށްވެސް ގަދައެއް ނުދެއްކުނެވެ. ރާއިދުގެ އެދުމަށް އިޖާބަ ދެވުނެވެ. އެކަކު އަނެކަކަށް ގެއްލިފައި އިރުކޮޅަކު ތިބެފައި ދުރަށް ޖެހުނީ ރާއިދުއެވެ.

“ދީނާ…” އަހަރެންގެ ނިތްކުރީގައި ރާއިދުގެ ނިތްކުރި ޖައްސާލާފައި އަކުރުތަކަށް ދަމާލަމުން ބަރުވެފައި ވާ އަޑަކުން ރާއިދު ގޮވާލިއެވެ.

ލޯ މަރައިގެން އަހަރެން އިނީ އެ ވަގުތު ރާއިދުއަށް ނުބަލަން ވެގެންނެވެ. އެ ފަދަ ކަމެއް ވާން ބޭނުން ނުވާތީ އެ ވަގުތު އަމިއްލަ ނަފްސު ދެކެ ރުޅިއާދެވުނެވެ. އަހަރެން ރާއިދުއާ އަލުން ގުޅެން ބޭނުން ވާ ކަން ދޭހަވާ ފަދަ ކަމެއް އަހަރެންގެ ފަރާތުން ރާއިދުއަށް ފެންނާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް އެ ދެވުނީ އެފަދަ އިޝާރާތެކެވެ. ރާއިދު ދެންވެސް އިސްނަގައިފި ނަމަ އަހަންނަށް ދެކޮޅު ނުހެދިދާނެ ކަމުގެ ބިރު ހިތުގައި އޮތެވެ. އެކަން ރާއިދުއަށް އެނގޭކަށް އަހަރެން ނޭދެމެވެ.

ރާއިދު އަނެއްކާވެސް އަހަރެންގެ ދަތްދޮޅީގައި ހިފާ އުފުލާލިއެވެ.

“ރާއިދު، ދޭ ދެން… ޕްލީޒް…” ދުރަށް ޖެހިލަމުން އަހަންނަށް ބުނެވުނެވެ.

އަހަރެންގެ އަޑު ރާއިދުއަށް އިވުނުހެން ހިއެއް ނުވެއެވެ. އަހަރެންގެ ކަނދުރާގައި އެއް އަތް ޖައްސާލަމުން ރާއިދު ކައިރި ވާން އުޅުނެވެ.

“ރާއިދު… ދޫކޮށްލާ…” ރާއިދުގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލަމުން އަހަރެން ކުރިއަށް ވުރެ ބާރަށް ބުނީމެވެ.

“އަދި ވަގުތު އެބަ އޮތް، ދީނާ ވިސްނަބަލަ، އެ ދެކުދިންނަށް ޓަކާ، ލިބެން މިއުޅޭ ދަރިފުޅަށް ޓަކާ…” އަހަރެން ގައިން ދޫކޮށްލި ނަމަވެސް ދުރަށް ދާން ބޭނުން ނުވެފައި ރާއިދު ބުނެލިއެވެ.

“އަހަރެން ވަރި ކުރުމުގެ ކުރިން ރާއިދު ކީއްވެ ކުދިންގެ މަތިން ހަނދާން ނުވީ؟ ކުދިންނަށް ޓަކާ ރާއިދު ކީއްވެ އަހަރެން ގޮވައިގެން އެހެން ތަނަކަށް ނުދިޔައީ؟ އެހާ ދުވަހު އަހަރެން ކެތް ކޮށްގެން ހުރީ ކުދިންނަށް ޓަކާ. އެ ހުރިހާ ދުވަހު ޝަކުވާ ނުކޮށް އަހަރެން ހުރީ ރާއިދުއާ އެކީ އުޅެން ބޭނުން ވާތީ، އަހަރެން ރާއިދު ދެކެ ލޯބި ވާތީ. އެކަމަކު އެއްވެސް އެއްޗެއް ހިތަށް ނާރާ ރާއިދު އަހަރެން ވަރިކޮށްލީ…” ކުދިންނަށް ޓަކާ އަހަރެން ވިސްނަން ބުނުމުން އަހަރެން ކައިރިއަށް އައީ ރުޅިއެވެ.

“އެ ޒުވާބުގަނޑާ ހެދި އަހަރެން ހުރީ ބޯ ގޮވާ ވަރުވެފަ. ދީނާ އަހަންނަށް ޝައްކު ކުރީ، އެންމެން ތެރޭ ދީނާ ދެއްކި ވާހަކަ ހަނދާނެއް ނެތްތަ؟ ދީނާ އަމިއްލައަށް ބުނީމަ—”

“އަހަރެން އެ ދުވަހު ރުޅިއެއް ނާންނާނެތަ؟ އަހަރެން ގެއަށް ދިޔަ އިރު ރާއިދު ހުރީ ޒިމްނާ ގޮވައިގެން ކޮޓަރީގަ، ދެން ޝައްކެއް ނުކުރާނެތަ؟ ދެން މަންމަ މި ބުނަނީ ރާއިދު ދެ އަނތްބަށް އޭނަޔާ އިންނާށޭ، އެވެސް އަހަރެންގެ ދިރިއުޅުން ހަލާކު ކޮށްލާކަށް ނޫނޭ އެހެން ބުނީކީ. އެ ދުވަހު އަހަންނަށް އެނގުނީ ރާއިދުގެ މަންމަ ކުރިންވެސް ރާއިދު ކައިރީ އެ ވާހަކަ ދައްކާފަ އޮތް ކަން. އެވަރުންވެސް ރާއިދުތަ ރުޅި އަންނަންވީ؟ އެ ވަރުން ނުވެގެން ބުނެފި އަހަރެންގެ މީހަކަށް ދެން އެ ގެއަކަށް ނުވަދެވޭނެޔޭ. އެހާ ވަރު ވީމަވެސް އަހަރެން ބޭނުން ވީ ރާއިދުއާ އެކީ އުޅެން، އެކަމަކު އަހަރެން ބުނި އެއްޗެއް ރާއިދުއަށް ވީ ކުޑަކުދިންގެ ބޮޑާ ހޭކުމަށް. އެ ވަރު ވީމަ އަހަރެން ވަރި ކުރަން ބުނީ” ރާއިދު ބުނި ގޮތުން ހީވީ އެ ދުވަހު ވީ ގޮތުން ރުޅި އަންނަން ޖެހެނީ ރާއިދު އެކަނިހެންނެވެ.

“އެ ހުރިހާ ކަމަކަށް އަހަރެން މާފަށް މި އެދެނީ. އައި އޭމް ސޮރީ ދީނާ. އެހެން ވީ އަހަރެން ދީނާއާ އެކީ އުޅެން ބޭނުން ނުވާތީއެއް ނޫން، ލޯބި ނުވާތީއެއް ނޫން” އަހަރެންގެ ދެ އަތުގައި ހިފާލަމުން ރާއިދު މާފަށް އެދުނެވެ.

“އެ ދުވަހުވެސް އަހަރެން ބުނިހެން ދެންވެސް މި ބުނަނީ، އަހަންނާ ރާއިދުގެ ދިހަ ކުދިން ތިއްބަސް ދެން ނުދާނަން އެ ގޭގަ އުޅޭކަށް. އަހަންނާ އިނދެގެން އުޅެން ރާއިދު ބޭނުމިއްޔާ، މި ކައިވެނި ރުޖޫޢަ ކުރަން ބޭނުމިއްޔާ އަހަރެން ގޮވައިގެން ރާއިދު އުޅެން ޖެހޭނީ ވަކިން” އަހަރެންގެ އެ ނިންމުން ބަދަލެއް ނުވާނެއެވެ.

“ދީނާ…” ރާއިދު އިތުރަށް ވާހަކަ ދައްކަން އުޅުނެވެ. ނަމަވެސް އަހަރެން އަތް ދަމައިގަންނަމުން އެކަން ހުއްޓުވީމެވެ.

“ރާއިދުގެ މަންމަ ބޭނުން ވާ ގޮތަށް ވެފަ މިއޮތީ، މިހާރު މަންމަ ހުންނާނީ ހިތްހަމަ ޖެހިފަ. އެހެން ވީމަ އަހަރެންގެ ފަހަތުން ނުދުވެ ރާއިދު ދޭ މަންމަ ބުނާ ގޮތް ހަދައިދީގެން މަންމަގެ ބަސް އަހާ ދަރިއަކަށް ވާން. ރާއިދު ބުނީމެއްނު އަނތްބެއްވެސް ދަރިއެއްވެސް ރާއިދުގެ މަންމައަށް ވުރެ މުހިންމެއް ނޫނޭ. އަހަންނާ ރާއިދުގެ ދެ ދަރިން މިތިބީ މިހާރު ދުރުގަ، ދެން މަންމަ ނުޖެހޭނެ އަހަންނާ ހެދި އުނދަގޫ ވެގެން އުޅޭކަށް. މަންމަ އަބަދުވެސް ބޭނުން ވީ އެއް ގޮތެއް، މަންމަ ރުހޭ މީހާއާ ރާއިދުގެ ކައިވެނި ކުރުން. މިހާރު ދެން އެކަމަކަށް ހުރަހެއް ނެތެއްނު؟ މަންމަގެ ޒިމްނާ މަންމަ ކައިރިއަށް ގެންގޮސްދީ، ރާއިދު އޭނަޔާ އިނދޭ” ހިތްހަމަ ނުޖެހުނު ވަރުން އަހަރެން ބުނީމެވެ.

“ކިހާ ދެރަ ކަމެއްތަ ދީނާ؟ ކީއްވެތަ އަބަދު ޒިމްނާ ޒިމްނާ އޭ ތި ކިޔަނީ؟ ދިނާ ކުރިމަތީ މަންމަ ކައިރީ އަހަރެން ބުނީމެއްނު ތި ކަމެއް އަހަރެން ނުކުރާނަމޭ؟ ކިހިނެއް ހެދިއްޔާތަ ދީނާ ގަބޫލު ކުރާނީ؟” ހިތްހަމަ ނުޖެހުމާ ރުޅިއާ އެކު ރާއިދުގެ އަޑު ކުރިއަށް ވުރެ ބާރުވިއެވެ.

ނުނިމޭ

33
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Mar Sha
Follow Me Written By

Mar Sha

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ފެށި ލޯބި އޮޔާ ދިޔުމުން 2

Next

ފުރަތަމަ ލޯބި

Next
September 17, 2023

ފުރަތަމަ ލޯބި

Previews
September 16, 2023

ފެށި ލޯބި އޮޔާ ދިޔުމުން 2

16 Comments

  1. Mar Sha Mar Sha says:
    September 17, 2023 at 9:54 am

    .ސަލާމް، 15 ވަނަ ބައި ކިޔާލާ، ކަމުދާނެ ކަމަށް ހީކުރަން. 16 ވަނަ ބައި އަންގާރަ ދުވަހުން ގެނެސްދޭނަން،

    Reply
  2. Ifoo says:
    September 17, 2023 at 12:43 pm

    Vv reethi Mi part vs 😊

    Reply
    1. Mar Sha Mar Sha says:
      September 18, 2023 at 5:38 pm

      Thank u Ifoo

  3. Zee says:
    September 17, 2023 at 3:26 pm

    Mi part vex v ryythi!!! ☺️
    Heewaaehcheh ingey mi bunany… Zee ah heewany dhen anna part ga Dheena and Raaidh alun gulheynehen 🤔
    Adhi ingeytha Zee warah likewey Dheena and Raaidh rulhiaissa hunna gadeega Zuwaabu kuraairu Raaidh rulhi aeema waagothunaa vex ekkoh hehehh v awkward dhw? 😅😅😅
    Aslu mi Zimnaage kanthakey 😤
    Mi story kiyaaleema heewany new energy eh libeyhen hehehh 😅🙃
    And thankyou mihaa ryythi ryythi loabi loabi salhi salhi vaahaka eh kiyuntherin nah genesdheytheewe ☺️ Zee v v bodah appreciate kuraakameh eii 😁

    Reply
    1. Mar Sha Mar Sha says:
      September 18, 2023 at 5:41 pm

      Thank u Zee, Raaidh rulhi aeema Zee ah kamudhany tha? 😅😅

  4. maany says:
    September 17, 2023 at 5:18 pm

    varah reethi mi part

    Reply
    1. Mar Sha Mar Sha says:
      September 18, 2023 at 5:43 pm

      Thank u maany

  5. love imko 💕💕 says:
    September 17, 2023 at 6:30 pm

    Varha reethi mi part Vex
    Next part kiyaalan kibeeney kama unmeedh
    Kuran
    Once again varha reethi mi part vex

    Reply
    1. Mar Sha Mar Sha says:
      September 18, 2023 at 5:44 pm

      Thank u imko

  6. Gummy bear says:
    September 17, 2023 at 6:48 pm

    Vara reethi. Thanks

    Reply
    1. Mar Sha Mar Sha says:
      September 18, 2023 at 5:45 pm

      Thank u Gummy bear

  7. Shiunee says:
    September 17, 2023 at 7:41 pm

    U konrasheh. Marsha

    Reply
    1. Mar Sha Mar Sha says:
      September 18, 2023 at 5:46 pm

      GDhGahdhoo

  8. Shiunee says:
    September 18, 2023 at 8:42 pm

    Adhi mihaathanah meegayin fenunu enmme favourite kuhjjaa thieeee😀
    Mi vaahaka ga innany kithah part yageen nuvanyya okey heevaa vareh ves. I beynun 35 machah part thah innan. 😀😀😀😀😀😀thikuraa hiyy varah hama saabas. Vvvvv reethi. Mihaathanah kiyunu enmme reethi vaahaka. Dhogehnoon hama serious

    Reply
    1. Mar Sha Mar Sha says:
      September 18, 2023 at 9:39 pm

      Varah ufaa vejje mi comment kiyaalaafa, mee ehaa dhigu vaahaka eh noon. Marsha ge ehen vaahaka thakaa balaafa varah kuru vaane. Marsha ge ehen vaahaka thah kiyaalaifin tha?

  9. Shiunee says:
    September 19, 2023 at 12:51 pm

    No

    Reply

Comments are closed.

All Right Reserved!