Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޔާރާ އަހާށޭ 14

Mar Sha
Mar Sha
September 14, 2023
8 Mins Read
19 Comments

“ޝައްކެއްގެ މަތީ ހުރެ ދީނާ ވަރިއަށް ތި އެދެނީ، އަހަރެން މި ބުނަނީ ދީނާ ޝައްކު ކުރާ ވަރުގެ ކަމެއް އަހަރެން ނުކުރަމޭ” އަޑަށް ބާރު ލާފައި ރާއިދު ބުންޏެވެ.

“ހެޔޮ، އިތުރަށް ދެން ރާއިދުއާ އިނދެގެން އުޅޭކަށް ބޭނުމެއް ނޫން. ވަރިކުރޭ!” އަހަރެން ބުނީމެވެ. އިތުރަށް ވިސްނާކަށް އަހަރެން ބޭނުމެއް ނޫނެވެ.

“ދީނާ ތީ އަހަރެންގެ އަނތްބެއް ނޫން، ވަރިކޮށްފިން” އިރުކޮޅަކު އަހަރެންގެ މޫނަށް ބަލަން ހުރެފައި ރާއިދު އިއްވާލިއެވެ.

ރާއިދުގެ އަނގައިން އެ ބަސްތައް ނިކުތުމާ އެކީ އަހަންނަށް ހީވީ މޭ ފަޅާލާފައި ހިތް ނިކުތް ހެންނެވެ. ލޮލުން އައި ކަރުނައާއެކު ރޮވުނީވެސް ބާރަށެވެ. އެ ބަސްތައް ބުނުމާއެކު އަހަންނާ ދުރަށް ހިނގައިގަތް ރާއިދު އިރުކޮޅަކަށް ހުއްޓުނެވެ. އަހަރެން އިސްއުފުލާ ބަލާލި އިރު ރާއިދުވެސް ހުރީ އަހަންނަށް ބަލާށެވެ. އަނެއް ފަރާތަށް އެނބުރިފައިވެސް ރާއިދު ސިކުންތަކަށް ހުއްޓުނެވެ. ދެން އެ ދިޔަ ގޮތަށް ގެއިން ނިކުމެގެން ދިޔައީއެވެ.

ފައިހާ ގައިގައި ބައްދައިގަންނަމުން އަހަންނަށް ބާރަށް ރޮއެގަނެވުނެވެ. ފަހަތުން އައިސް ރައުހާވެސް އަހަރެން ގައިގައި ބައްދާލިއެވެ.

އިރުކޮޅަކު އެހެން އިނދެފައި އަހަރެން ތެދުވަން އުޅުމުން ފައިހާއާ ރައުހާ އަހަންނަށް އެހީވިއެވެ. އަހަރެން ވަނީ ކޮޓަރިއަށެވެ. ފަހަތުން ފައިހާއާ ރައުހާވެސް ވަނެވެ. ޝިނާއާ ޝުޢާގެ ދަބަހަށް އެއްޗެހި އަޅަމުން ދިޔައިރުވެސް އަހަންނަށް ރޮވެނީއެވެ. ދެ ކުދިންގެ ދަބަސް ތައްޔާރު ކޮށްފައި އަހަރެން އެނދުގައި އިށީނދެ ދެ އަތުން ލޯ ފޮހެލީމެވެ.

ފޯން ނަގާ އިރުކޮޅަކު އެއަށް ބަލަން އިނދެފައި އަހަރެން ގުޅީ ޒާމިލްއަށެވެ. އޭނަ ފޯން ނެގުމުން އަހަރެން އެދުނީ ނައުރާ ގާތު ނުބުނެ ކާރުގައި އަހަރެން ބަލާ އައިސްދިނުމަށެވެ.

“ދޮންބެދައްތާ… ތިހެން ދާކަށް ނުވާނެ، ޕްލީޒް މަޑުކުރޭ. އަދި ހުރިހާ ކަމެއް ރަނގަޅު ވާނެ. ދޮންބެ އަންނަން ދެން މަޑުކުރޭ” އަހަރެން ފޯން ކަނޑާލުމުން ފައިހާ ބުންޏެވެ.

އަހަރެން އެއްޗެއް ނުބުނަމެވެ. ޒާމިލް އަންނަން ދެން އެނދުގައި އިނީއެވެ. ފައިހާއާ ރައުހާ އެކިއެކި ގޮތްގޮތުން އަހަރެން ދިޔަނުދީ ހިފަހައްޓަން މަސައްކަތް ކުރިއެވެ. އަހަރެން އެންމެ ބަހެއްވެސް ނުބުނަމެވެ.

ޒާމިލް އައިސް ގުޅުމުން ނިދިފައި އޮތް ޝިނާ އުރާލަމުން ފައިހާ ގާތު ޝުޢާ ގެނެސްދިނުމަށް ބުނީމެވެ. އަހަރެން ކޮޓަރިން ނިކުތީ ދެ ކުދިން ގޮވައިގެންނެވެ.

“ދޮންބެދައްތަ، ކޮންތާކަށް ތި ދަނީ؟ ކިހިނެއް ވީ؟” ގެއަށް ވަންނަން އައި ރަޒާންއަށް އަހަރެން ފެނުނީ ދޮރުމަތިންނެވެ. އަހަރެންގެ ކުރިމަތީ ހުއްޓިފައި ރަޒާން ކުރި ސުވާލަށް އަހަރެން ޖަވާބެއް ނުދެމެވެ. ނަމަވެސް އެ ސުވާލާއެކު، މެދުކެނޑިފައިވި ކަރުނަތައް އަނެއްކާވެސް ލޮލުން ފައިބަން ފެށިއެވެ.

އަހަރެން ޖަވާބެއް ނުދިނުމުން ރަޒާން ބަލާލީ އަހަރެންގެ ފަހަތުގައި ހުރި ފައިހާއަށެވެ.

ފައިހާގެ ފަރާތުންވެސް ޖަވާބެއް ނުލިބުމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަން ރަޒާންއަށް ވިސްނުނެވެ.

“ދޮންބެ ކޮބާ؟” ރަޒާން އަހާލިއެވެ.

“ނެތް” ރަޒާންގެ ސުވާލަށް ޖަވާބު ދިނީ ރައުހާއެވެ.

“ދޮންބެދައްތާ، މަޑު ކުރޭ ދޮންބެ އަންނަން ދެން، އަހަރެން މި ގުޅަނީ” ޖީބުން ފޯން ނަގަމުން ރަޒާން ބުންޏެވެ.

“އޭނަ އަޔަސް އިތުރަށް ބުނާނެ އެއްޗެއް ދެން ނެތް” އަހަރެން ބުނީ ހަމަ އެކަނި އެހެންނެވެ.

ޒާމިލް އައިސް ފައިހާ ދިއްކޮށްލި ދަބަސްތަކުގައި ހިފިއެވެ. ދެ ކުދިން ގޮވައިގެން އަހަރެން ކާރަށް އެރީމެވެ.

“ކަމެއް ވީތަ؟” ކާރަށް އަރާފައި ޒާމިލް އަހާލިއެވެ.

ނުރޯން ހުރި ނަމަވެސް ޒާމިލް އެ ސުވާލު ކޮށްލުމާއެކު އަހަންނަށް ރޮވުނެވެ.

“ގެއަށް ދާން ބޭނުމީ” އަހަރެން ބުނީމެވެ.

“އޯކޭ އޯކޭ. ހިނގާ” ޒާމިލް އަވަސްއަވަހަށް ބުންޏެވެ. ނަމަވެސް ކާރު ސްޓާޓް ކޮށްލުމުގެ ކުރިން ފޯނުން ކޮންމެވެސް ކަމެއް ކޮށްލިއެވެ.

ކާރު ޕާކްކޮށްފައި ދަބަސްތައް ހިފައިގެން ޒާމިލް އަހަންނާއެކު ގެއަށް ވަނެވެ. ކާރަށް އަރާފައި ޒާމިލް ނައުރާއަށް މެސެޖް ކުރީކަން އަހަންނަށް އެނގުނީ ގޭގައި ނައުރާވެސް އިނުމުންނެވެ.

“ދީނާ…” އަހަރެން ފެނުމުން މަންމަ ގޮވާލިއެވެ. އެއާއެކު އަހަރެން ބަޑި ފަޅައިގެން ދިޔައެވެ. ބާރަށް ރޮމުން މަންމަ ގައިގައި ބައްދައިގަތީމެވެ.

ވީ ގޮތް މަންމައަށް ކިޔާދެވުނީ އެތައް އިރަކުންނެވެ. އިތުރު ސުވާލެއް ނުކޮށް ނައުރާ ގާތު ޝުޢާއާ ޝިނާއަށް ކާން ދޭން ބުނެފައި މަންމަ އަހަރެން ގޮވައިގެން ކޮޓަރިއަށް ވަނެވެ. އަހަންނަށް ނިދުނީ މަންމަގެ އުނގުގައި ބޯއަޅައިގެން އޮވެއެވެ. ދެން ހޭލެވުނީ މަންމަ ގޮވާލުމުންނެވެ.

“ނަމާދު ކޮށްލައިގެން ކާން ހިނގާ، ކުދިންވެސް ނިދައިފި” މަންމަ ބުންޏެވެ. އަހަރެން ތެދުވެ ބޯ ޖަހާލުމުން މަންމަވެސް ދިޔައީ ނަމާދުކޮށްލާށެވެ.

އައިސްފައި ހުރި ރުޅީގައި ވަރިއަށް އެދި، އެ ދިރިއުޅުން އެ ހިސާބުން ނިންމާލާފައި ކުދިން ގޮވައިގެން ގެއަށް އައީ، ރާއިދުގެ މަންމައާ އެކު އެއްތާކު ދެން އަހަންނަށް ނޫޅެވޭނެ ކަން ޔަގީން ވާތީއެވެ. އެހެން ނަމަވެސް ރާއިދުއާ ވަކިން އުޅުމަކީވެސް އަހަންނަށް ފަސޭހަ ކަމަކަށް ނުވިއެވެ.

އަހަރެން ގެއަށް އައި ފަހުން އަބަދު އޮވެވެނީ ވިސްނާށެވެ. ކާހިތެއް ނުވެއެވެ. އެނދުން ތެދުވާ ހިތެއް ނުވެއެވެ. ކުދިންގެ ކަންތަކާވެސް ފަރުވާ ކުޑަ ކުރެވެން ފެށިއެވެ. ފުރަތަމަ ތިން ދުވަހު ސަލާން ބުނެފައި އޮފީހަށްވެސް ނުގޮސް ހުރީއެވެ. ދެން ޗުއްޓީއަށް އެދުނީ ނައުރާ އެހެން ކިޔާ ވަރުންނެވެ.

ކުދިންގެ ހުރިހާ ކަމެއް ހެން ކުރަނީ މަންމައާ މިލީއެވެ. ގިނަ ދުވަސް ދުވަހު އަހަރެން ކޮޓަރިން ނިކުންނަނީވެސް މަންމަ އައިސް ކިޔާކިޔާ ކުރު ނުކޮށްގެންނެވެ. ދެ ހަފްތާ ވީ އިރު ސިފަ ބަދަލުވާ ވަރަށް އަހަރެން ހިކިއްޖެއެވެ. އެހާ ދުވަސް ވީ އިރު އެއް ފަހަރުވެސް ރާއިދު ގުޅާނުލައެވެ. ކުދިންގެ ހާލުވެސް ނުބަލައެވެ. އަހަރެންގެ ހިތުގައި ޝަކުވާ ގިނަވަމުން ދިޔައެވެ. ނަމަވެސް ރުއިން ފިޔަވާ އެހެން ކަމެއް އަހަންނަކަށް ނުކުރެވެއެވެ.

އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން އަހަންނަށް މަޖުބޫރު ވީ ޝުޢާގެ ސަބަބުންނެވެ. ކުޑަ ކުއްޖެއް ނަމަވެސް މަންމައާ ބައްޕަ ވަކިވެއްޖެ ކަން އެ ކުއްޖާއަށް ވިސްނުނެވެ. ބައްޕަ ނުފެންނާތީ، އަދި މަންމައަށް އަންނަމުން ދިޔަ ބަދަލުން ކަންބޮޑުވެ، އެ ކުއްޖާ އެ ވާހަކަ ދެއްކީ މާ ދުރުގައި ހުރި ނިއަމްއާއެވެ.

އަހަންނަށް އެ ކަން އެނގުނީ ނިއަމް ބުނުމުންނެވެ. އަހަންނާ ރާއިދު ވަކިވި ފަހުން ނިއަމް ކޮންމެ ދުވަހަކު ހެން އަހަންނަށް ގުޅައެވެ. އަހަންނަށް ވުރެ ގިނަ އިރު ކުދިންނާ ވާހަކަ ދައްކައެވެ. އަހަންނާ ރާއިދު ވަކިވި ކަމާ، އަހަންނާ މެދު ޝުޢާ ކަންބޮޑުވާ ކަން އެ ކުއްޖާ ހާމަ ކުރީ ނިއަމް ގާތުއެވެ. އެ ވާހަކަ ނިއަމް އަހަރެން ގާތު ބުނުމުން އަހަންނަށް އެ ކުދިންނާ މެދު ވިސްނާލެވުނެވެ.

އަހަރެން ފަދައިން އެ ދެ ކުދިންވެސް ދެރަ ވާނެއެވެ. އެ ކުދިންގެ ބައްޕަ މަތިން ހަނދާން ވާނެއެވެ. އަހަންނާ މެދު ކަންބޮޑުވާނެއެވެ. ކުރިން އަހަންނަށް އެ ކަންކަމާ ނުވިސްނުނީ ކީއްވެ ހެއްޔެވެ؟ އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް އަހަރެން ކުދިންނާ މެދު ވިސްނަން ވާނެ ނޫން ހެއްޔެވެ؟

ރާއިދުވެސް ކުދިންނާ މެދު ނުވިސްނަނީ ހެއްޔެވެ؟ އަހަރެން ވަރި ކުރިޔަސް، އަހަންނާ ރާއިދުގެ މެދުގައި އޮތް ގުޅުން ކެނޑުނަސް އެއީ ރާއިދުގެ ކުދިންނެވެ. ރާއިދުއާ އެ ކުދިންނާ އޮތް ގުޅުން ބަދަލެއް ނުވާނެއެވެ. ވީ އިރު އަހަންނާ ނުގުޅިޔަސް، އަހަރެންގެ ހާލު ނުބެލިޔަސް ރާއިދު އެ ކުދިންނާ ގުޅާ، ހާލު ބަލަން ޖެހޭނެ ނޫން ހެއްޔެވެ؟

އެ ދުވަހު އަހަރެން ދެ ކުދިން ގެނެސްގެން ވާހަކަ ދެއްކީމެވެ.

“މަންމަ މި ގެއަށް އަޔަސް ދަރިފުޅުމެން ދެރަ ނުވައްޗޭ، ބައްޕަ އަންނާނެ ދަރިފުޅުމެން ކައިރިއަށް. މަންމަވެސް ބައްޕަވެސް އެންމެ ލޯބި ވަނީ ދަރިފުޅުމެން ދެކެ. ބައްޕަ އަދި ގުޅާނެ، ގުޅާފަ އަންނާނެ. މަންމަ ކުޑަކޮށް ބަލިވީމަ ރަނގަޅު ވަންދެން މާމަމެން ޝުޢާއާ ޝިނާގެ ހުރިހާ ކަމެއް ކޮށްދިނީ، އެކަމަކު މިހާރު މަންމަ ރަނގަޅު ވެއްޖެ، ދެން މަންމަގެ ބޭބީސްގެ ހުރިހާ ކަމެއްވެސް ކުރާނީ މަންމަ” ދެ ކުދިން ގައިގައި ބައްދާލައިގެން އިނދެ އަހަރެން ވާހަކަ ދެއްކީމެވެ. ހުރިހާ ކަމެއް ކިޔައިދެވޭ ވަރަށް ވުރެ އަދި އެ ކުދިން ކުޑައެވެ. އެ ކުދިން ކައިރީ ބުނެވޭނީ އެ ކުދިންނަށް ވިސްނޭ ވަރަށެވެ.

“މިއަދު ބައްޕަ އަންނާނެތަ؟” ޝުޢާ އަހާލިއެވެ.

“މަންމަ ބަލާލާފަ ބުނާނަން، އޯކޭތަ؟ މިއަދު ދެން ކުރަން ބޭނުމީ ކޮން ކަމެއް؟” ޝުޢާ ބޯ ޖަހާލުމުން އަހަރެން އެހީމެވެ.

“ޕާކަށް ދެވޭނެތަ؟” ޝިނާ އަހާލިއެވެ.

“އާނ، ހިނގާ ފެންވަރައިގެން ރެޑީ ވާން. އައިސްކޯން ބޯނަންތަ؟ ތިއްތުއަށްވެސް ގުޅަން ވާނެ ދޯ؟” އަހަރެން ނައުރާގެ ވާހަކަ ބުނީ އެ ކުދިން އެ ގޮތް ބޭނުން ވާނެ ކަން އެނގޭތީއެވެ.

ދެ ކުދިން އެއް ފަހަރާ ބޯ ޖަހާލިއެވެ.

ފަހެއް ޖެހި ތަނާ އަހަރެން ދެ ކުދިން ގޮވައިގެން ނިކުތީމެވެ. އަހަރުމެންނާ އެކު ޕާކަށް ދާން އަންނާމޭ ބުނެފައި އެންމެ ފަހު ވަގުތު ނައުރާ ގުޅާފައި ކަމެއް ޖެހިގެން ނާދެވޭނެ ވާހަކަ ބުނުމުން ކުދިން ގޮވައިގެން އަހަރެން އެކަނި ނިކުތީ ޕާކަށް ނުދެވިއްޖެ ނަމަ އެ ކުދިން ދެރަވެދާނެތީއެވެ.

ގެއިން ނިކުތުމާ އެކު އަހަރެންގެ ފިޔަވަޅު ހުއްޓުނީ ތަންކޮޅެއް ދުރުގައި، މަގުގެ އަނެއް ފަރާތުގައި ސައިކަލު މަތީ މަޑުކޮށްގެން އިން ރާއިދު ފެނިފައެވެ. މިލާފައިވާ އެ މޫނު ފެނުމާއެކު އަހަރެންގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ކަރުނަތައް ހިންދާލަން މަސައްކަތް ކުރަމުން އަހަރެން އިސްޖަހާލީމެވެ.

“ބައްޕާ!” ރާއިދު ފެނުމާއެކު ޝިނާ ހަޅޭލަވައިގަތެވެ. ސައިކަލުން ފައިބައިގެން އައިސް ރާއިދު ދެކުދިން ގައިގައި ބައްދާލީ ހެމުންނެވެ. މަގުމަތީގައި، ގޭ ދޮރުމަތީ އެކުދިން ގައިގައި ބައްދާލައިގެން އިނދެފައި ރާއިދު ލޯ ފޮހެލި ތަން އަހަރެން ދުށީމެވެ.

“އައި މިސްޑް މައި ގަރލްސް…” މަޑުމަޑުން ރާއިދު ބުންޏެވެ.

އެ ދުވަހު ކުދިން ގޮވައިގެން އަހަންނާ ރާއިދުއާ ދެ މީހުން ޕާކަށް ދާން ޖެހުނެވެ. ޝިނާ ކުރުނުކޮށްގެންނެވެ. އަބަދުވެސް ކަންކަމާ ބޮޑާ ހާކާނީ ޝިނާއެވެ. އަހަންނަށް ވުރެ ބޮޑަށް ޝިނާ ބޭނުން ވާނީ ރާއިދު ކައިރީގައި އުޅޭށެވެ. ޝުޢާގެ މިޒާޖު ތަފާތެވެ. އެއް ފަހަރު ބުނާ އިރަށް ޝުޢާ އަޑުއަހާނެއެވެ.

ޕާކުގައި ކުޅެ، ދުވެ ސަކަރާތް ޖަހާ ވަރުބަލި ވެގެން އައިސްކޯންވެސް ބޮއެގެން ކުދިން ގޮވައިގެން ގެއާ ހަމައަށްވެސް އައީ ދެ މީހުންނެވެ. ގޭ ދޮރާ ހަމައިން ރާއިދު ދާން އުޅުމުން ޝިނާ ރޯން ފެށިއެވެ. ފިހާރައަށް ދާން ފޭބި މަންމައަށް ރާއިދު ފެނުމުން ގޮވާލާފައި، ޝިނާ ރޮއްވާފައި ނުގޮސް ގެއަށް ވަނުމަށް ބުންޏެވެ.

އަހަރެންގެ ފަހަތުން ޝިނާ އުރާލައިގެން ރާއިދު ގެއަށް ވަނެވެ. އެރޭ ޝިނާއަށް ނިދެން ދެން ރާއިދު ދިޔަނުދީ ހިފެހެއްޓިއެވެ. އަށެއް ޖަހާ ދިޔަ ފަހުން އެ ކުއްޖާ ނިދުމުން ރާއިދު ކޮޓަރިން ނިކުތް އިރު މަންމަ އުޅެނީ ކާން ހަދާށެވެ. ރާއިދު ގެއަށް އައީއްސުރެ އަހަރެން އުޅުނީ މަންމަ ކޮޓަރީގައެވެ. އެއް ފަހަރުވެސް ރާއިދު ކުރިމައްޗަކަށް ނާރަމެވެ. އެ ވަގުތުވެސް ރާއިދު ފެނުމާއެކު އަހަރެން ބަދިގެއަށް ވަނީއެވެ.

“ކައިގެން ދާން މަޑުކޮށްލަން ވީނު؟” ރާއިދު ފެނުމުން މަންމަ ބުންޏެވެ.

“ކުޑަ ކަމެއް އެބަ އޮތް، އެހެންވެ މަޑު ކުރެވޭކަށް ނެތް… ދަނީ” ރާއިދު ބުނި އަޑު އިވުނެވެ. އަހަރެން ބަދިގެއިން ނިކުތީ ގޭ ދޮރު ލެއްޕުނު އަޑު އިވުމުންނެވެ.

ރާއިދު ދިޔުމާއެކު އަހަންނަށް ރޮވުނެވެ. ތިން ހަފްތާއަށް ވުރެ ގިނަ ދުވަސް ފަހުން ފެނުނު އިރު ރާއިދުއަށް އައިސްފައި ހުރި ބަދަލު ފެނިފައި އޭނަވެސް އެ ދުވަސްތައް ހޭދަ ކުރީ އަހަންނެކޭ އެއް ގޮތަށް ކަން އަހަންނަށް ޔަގީންވިއެވެ. އެންމެ ތިން ހަފްތާ އެކަކު އަނެކަކާ ދުރުގައި ހޭދަ ވި އިރު ޙަޔާތަށް އައި ހުސްކަން އިހުސާސް ނުވާ އެންމެ ވަގުތުކޮޅެއްވެސް ނުދާ އިރު، އުމުރުގައި ބާކީ އޮތް ދުވަސްތައް މިހެން ހޭދަ ކުރާނީ ކިހިނެއް ބާއޭ އަހަރެން ހިތަށް އެރިއެވެ.

މީ ކިހިނެއް ނިމުން އައި ކައިވެންޏެއް ހެއްޔެވެ؟ އަހަރެންގެވެސް އަދި ރާއިދުގެވެސް ކުށެއް ނެތި ދެ މީހުން ވަކިވާން ޖެހުނީ އެހެން ބައެއްގެ ސަބަބުންނެވެ. ރާއިދުއާ އެކު އުޅެން ކިތަންމެ ބޭނުން ވިޔަސް އަހަންނަށް ދެން ކުރިން އުޅުނު ދިރުއުޅުން އުޅޭކަށް ނުދެވޭނެއެވެ. ދެން ދިޔަޔަސް އުޅެން ޖެހޭނީ ހަމަ އެ މައްސަލަތަކުގެ ތެރޭގައެވެ. މަންމަ ދޫކޮށްލާފައި ދާން ރާއިދު އެއްބަހެއް ނުވާނެއެވެ. ރާއިދުގެ މަންމައާ އެއްތާކު އަހަންނަށް ހަމަޖެހިގެން ނޫޅެވޭނެއެވެ.

“ދީނާ…” މަންމަ އައިސް އަހަރެންގެ ބުރަކަށީގައި ފިރުމާލިއެވެ.

އަހަރެން އަނެއްކާވެސް އޮފީހަށް ނިކުންނަން ފެށީމެވެ. އޮފީހުގައި އުޅެފައި ގެއަށް އައިސް ކުދިންގެ ކަންތަކުގައި އުޅެން ފެށުމުން ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބެއެވެ. ކުދިން ކައިރިއަށް އައި ދުވަހުގެ ފަހުން، ކޮންމެ ދުވަހަކުވެސް ހަވީރު ޝުޢާ ސްކޫލް ނިމިގެން ގެއަށް އަންނަހާ އިރު ކޮށްފައި ރާއިދު ގުޅައެވެ. އެއްފަހަރުވެސް އެ ފޯނަށް އަހަރެން ޖަވާބެއް ނުދެމެވެ. ރާއިދު ގުޅުމުން ފޯން ދެނީ ޝުޢާ ނުވަތަ ޝިނާ އަތަށެވެ.

ކޮންމެ ހުކުރު ދުވަހެއްގެ މެންދުރު ފަހު ރާއިދު ކުދިން ބަލާ އާދެއެވެ. ފުރަތަމަ އައި ދުވަހު ކުދިން ބަލާ އައުމުގެ ކުރިން މެސެޖް ކުރިއެވެ. ގެއަށް ކުދިން ގެންދިޔުމުގެ ހުއްދަ ހޯދުމަށެވެ. ޖަވާބުގައި އަހަރެން މެސެޖް ކުރީ އެއީ ރާއިދުގެވެސް ކުދިން ކަމާ، ރާއިދު ބޭނުން ވަގުތަކު ކުދިން ގެންދެވޭނެ ކަމުގައި ބުނެފައެވެ. މެންދުރު ގެންގޮސްފައި އިރު އޮއްސުމުގެ ކުރިން ރާއިދު އެ ކުދިން ގެނެސްދެއެވެ.

ދެން އައި ދުވަސްތަކުގައި ކުދިންނަށް ޓަކާ އަހަރެން ހިތްވަރު ކުރީމެވެ. ރާއިދު މަތިން ހަނދާންވެ ކިތަންމެ ރެއަކު ނުނިދިފައި އޮންނަން ޖެހުނު ނަމަވެސް އަހަރެން ކެތް ކުރީމެވެ. އެކިއެކި ކަންތައްތަކުގައި ވަގުތު ހޭދަކުރަމުން ދިޔައީމެވެ. އަހަންނާ އެކު ތިބި އަހަރެންގެ މަންމައާ ކޮއްކޮމެން އަހަރެންގެ ހިތަވަރު ކަމުގައި ވިއެވެ.

އަހަރެން ގެއަށް އައިތާ މަހެއް ވެގެން ދިޔަ އިރުވެސް ވަރީގެ އެއްވެސް ކަމެއް ނިންމާކަށް ރާއިދު ނޫޅެއެވެ. އެ ދުވަހު ރާއިދު ދުލުން އެ ބުނި ބަހަށް ފަހު ރަސްމީކޮށް ދެ މީހުންގެ ގުޅުން ނިންމަން އެކަކުވެސް މަސައްކަތެއް ނުކުރަމެވެ. އެހާ ފަސޭހައިން އެ ގުޅުން ނިންމާލެވެން ނެތް ކަން އަހަންނަށް އެނގުނީ ކުއްލިއަކަށެވެ.

މޭނުބައިކޮށް ބޯ އަނބުރާ ގޮތް ވާން ފެށުމުންވެސް އަހަރެން މާ ބޮޑަކަށް ނުވިސްނަމެވެ. ކުރީ ދެ މަސްވެސް ދިޔައީ އެ ގޮތަށް ކަމަށް ވާތީ ތަފާތެއް އަހަންނަށް ފާހަގަ ނުކުރެވުނީއެވެ. ނަމަވެސް ދުވަސް ފާއިތުވީ ފަހުން ހަފްތާއެއް ވުމުން އަހަރެން ގޭގައި ޓެސްޓް ކޮށްލީމެވެ. ފެނުނު ނަތީޖާއިން އަހަންނަށް އުފަލެއް ނުވެނުނެވެ.

އަހަންނާ ރާއިދު މަސައްކަތް ކުރަމުން ދިޔައީ ތިން ވަނަ ކުއްޖަކު ލިބޭތޯއެވެ. ނަމަވެސް ތިން ވަނަ ފަހަރަށް ބަލިވެ އިން ކަން އެނގުނީ ދެ މީހުންގެ މެދުގައި އޮތް ގުޅުން ކެނޑުނު ފަހުންނެވެ. އެހެން ނަމަވެސް އަހަންނާ ރާއިދުގެ ގުޅުން ނިމުން އެއީ އަދި ވާން އޮތް ކަމެއް ނޫން ކަން އެ ޓެސްޓްގެ ނަތީޖާއިން އެނގުނެވެ.

އަހަރެން އެކަން އެއްވެސް މީހަކާ ހިއްސާއެއް ނުކުރަމެވެ. މަންމައަށް އެނގުނީ އޭގެ ދެ ހަފްތާއެއް ހާ ދުވަސް ފަހުން އަހަންނަށް ހޮޑު ލެވެން ފެށުމުންނެވެ. މަންމަ އެހުމުން އަހަރެން ދޮގެއް ނުހަދަމެވެ. ނަމަވެސް ރާއިދު ކައިރީ ބުނާށޭ ބުނުމުން އިންކާރު ކުރީމެވެ. އަދި ރާއިދުއަށް އަންގާކަށް އަހަރެން ބޭނުމެއް ނޫނެވެ.

ދެވަނަ ފަހަރަށް ރާއިދު އަހަރުމެން ގެއަށް ކުދިންނާ އެކު ވަނީ ޝިނާ ބަލިވި ދުވަހެއްގައެވެ. އެއީ ހުކުރު ދުވަހެކެވެ. ރާއިދު އެ ކުދިން ގެންދިޔަ އިރުވެސް ދެ ކުދިންވެސް ތިބީ ރޯގާ ވައްތަރު ވެފައެވެ. އިރުއޮއްސުމުގެ މާ ކުރިން އެ ދުވަހު ރާއިދު ކުދިން ގޮވައިގެން އައީ ޝިނާ ހުންއައުމުންނެވެ.

ކުދިން ބަލާ ތިރިއަށް ދިޔައީ ނައުރާއެވެ. ރާއިދު ދާން އުޅުމުން ޝިނާ ބޮޑާ ހާކާ ރޯން ފެށިއެވެ. އެންމެ ފަހުން ރާއިދު ގާތު ޝިނާ ގޮވައިގެން ވަންނަން ނައުރާ ބުނީއެވެ.

ޝިނާ އުރާލައިގެން ރާއިދު ކޮޓަރިއަށް ވަން އިރު އަހަރެން ހުރީ އެ ދުވަހު ދޮވުނު އެއްޗެހި އަލަމާރިއަށް ލާށެވެ. ޝިނާ އުރާލައިގެން ކޮޓަރިއަށް ވަން ރާއިދު ފެނިފައި އަހަރެން އެނދުމަތީ އޮތް ކުޑަ ބުރުގާ އެޅީމެވެ. އަހަންނާ ދިމާއަށް ބަލަހައްޓައިގެން ދޮރުމަތީ ރާއިދު ހުރީއެވެ. ރާއިދުގެ ކަރުގައި ދެ އަތުން ބާރަށް ބައްދާލައިގެން ޝިނާ އޮތެވެ.

“ތުއްތާ، ޝިނާ ހުން އައިސްފަ ހުރީ، ތުއްތަބޭ ދިޔަ ނުދީ ރޯތީ ގޮވައިގެން އެ އައީ” ރާއިދުގެ ފަހަތުން އައިސް ކޮޓަރިއަށް ވަދެފައި ނައުރާ ބުންޏެވެ.

އަހަރެން އައިސް ރާއިދުގެ އަތުން ޝިނާ ނަގަން އުޅުނީމެވެ. ނަމަވެސް އަނެއްކާވެސް ރޮއެގަންނަމުން ޝިނާ ހައްތަހާ ބޮޑަށް ރާއިދު ގައިގައި ބައްދައިގަތީއެވެ.

“ވަދޭ” ދުވަސްތަކެއް ފަހުން ފުރަތަމަ ފަހަރަށް ރާއިދުއާ މުޚާތަބުކޮށް އަހަރެން ބަހެއް ބުނީމެވެ. އަހަރެން ހުއްދަ ދިނުމުން ރާއިދު ކޮޓަރިއަށް ވަނެވެ.

“އަންނާނަން ބޭސް ހިފައިގެން” ރާއިދު ވަނުމާ އެކު އަހަރެން ނިކުތީމެވެ. ބަދިގެއަށް ވަދެ ބޭސްފުޅި ނަގައިގެން އަތަށް ލައިގެން ހުރެވުނީ ރާއިދުގެ ކުރިމައްޗަށް ދާން ބޭނުން ނުވެފައެވެ. އެހެން ހުރެފައި އަހަރެން ހިނގައިގަތީ ޝިނާ ރޯ އަޑު އިވިގެންނެވެ.

އަހަރެން ދިޔަ އިރު ޝިނާ އުނގަށް ލައިގެން އެނދުގައި ރާއިދު އިނެވެ. ރާއިދު ކައިރީ ޝުޢާ އިނެވެ. ބޭސް ދޭން އުޅުމުން ޝިނާ އަނެއްކާވެސް ބޮޑާ ހާކަން ފެށިއެވެ. ނަމަވެސް ރާއިދު ބުނުމުން ބޭސް ބުޔެވެ. ދެންވެސް ރާއިދު ދާން އުޅޭ އިރަށް ޝިނާ ރޯން ފަށައެވެ. އެންމެ ފަހުން ރާއިދުއަށް ދެވުނީ ހަތެއްވެސް ޖަހާ ދިޔަ ފަހުން ޝިނާއަށް ނިދުމުންނެވެ.

އެރޭ އަހަރެން ރާއިދުއަށް ގުޅަން ޖެހުނީ ޝިނާ ރޮއެރޮއެފައި ހޮޑުލާން ފެށުމުންނެވެ. ބައްޕައަށް ގޮވަމުން އެ ކުއްޖާ ރޯ ތަން ބަލަން ކެތް ނުވެގެން އަހަންނަށް ޖެހުނީ ރާއިދުއަށް ގުޅާށެވެ. އަށްގަޑި ބައި ވީ ތަނާ ރާއިދު އައި އިރުވެސް އަހަރެން އުޅުނީ ޝިނާ ހޮޑުލައިގެންނެވެ. އަބަދުވެސް ޝިނާ ބަލިވެއްޖެ ނަމަ އެ ކުއްޖާގެ ކަންތައް އަހަންނަށް ކުރެވޭނީ ރާއިދުގެ އެހީއާ އެކުގައެވެ. ބަލި ވެއްޖެއްޔާ ޝިނާ ބޭނުންވާނީ އޭނަގެ ބައްޕައެވެ. ކާނީވެސް ބޭސްބޯނީވެސް ނިދާނީވެސް ބައްޕައާ އެކީގައވެ.

އެރޭވެސް ޝިނާ ނިންދަވާފައި ރާއިދު ތެދުވި އިރަށް ޝިނާއަށް އެނގިއްޖެއެވެ. އެއްގޮތަކަށްވެސް ރާއިދު ދުރަށް ދިޔަކަ ނުދިނެވެ. އެންމެ ފަހުން އެގާރަ ޖަހަން އުޅެނިކޮށް ޝިނާއާ އެކު ރާއިދުއަށްވެސް ނިދުނީއެވެ. އެރޭ ޝުޢާ ނިދީ މަންމަ ކޮޓަރީގައެވެ.

“ނިދީތަ؟” އެގާ ޖެހިތަނާ އަހަރެން ނިކުތުމުން މަންމަ އެހިއެވެ.

“ހީވަނީ ރަނގަޅަށް ނިދިއްޖެ ހެން” އަހަރެން ބުނީމެވެ.

“ރާއިދުއަށް ކާން ގޮވަން ވީނު؟ އައީއްސުރެ ޝިނާ ގޮވައިގެން އެ އުޅެނީ” މަންމަ ބުންޏެވެ.

އަހަރެން ބޯ ޖަހާލުމުން މަންމަ ވަނީ ކޮޓަރިއަށެވެ. ކާން ހަދާފައި އަހަރެން ކޮޓަރިއަށް ވަނީމެވެ. އެނދުގެ ހުރަހަށް، އަތްމަތީ ޝިނާ ބާއްވައިގެން ރާއިދު އޮތެވެ. އަހަންނަށް ބަލަން ހުރެވުނެވެ. ރާއިދުއަށް ރަނގަޅަށް ބަލާނުލެވޭތާ ކިހާ ދުވަހެއް ހެއްޔެވެ؟

“ރާއިދު…” ކައިރިއަށް ގޮސް އަހަރެން މަޑުމަޑުން ގޮވާލީމެވެ.

ނުނިމޭ

38
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Mar Sha
Follow Me Written By

Mar Sha

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ދިރުމެއްނެތް ދިރިއުޅުން 31

Next

ތަޤްދީރު 14 ވަނަ ބައި

Next
September 16, 2023

ތަޤްދީރު 14 ވަނަ ބައި

Previews
September 14, 2023

ދިރުމެއްނެތް ދިރިއުޅުން 31

19 Comments

  1. Mar Sha Mar Sha says:
    September 14, 2023 at 10:08 am

    ސަލާމް، 14 ވަނަ ބައި މީނީ، ކިޔާލާ. 15 ވަނަ ބައި އާދީއްތަ ދުވަހުން ގެނެސްދޭނަން. ބާއްޖަވެރި ހުކުރު ދުވަހަކަށް އެދެން.

    Reply
    1. Anonymous says:
      September 14, 2023 at 10:24 am

      Vrah salhi.kiyuntherinnah surprise ehge gothuga Sunday ga 15and16 ehkoh genesdheeba

    2. Mar Sha Mar Sha says:
      September 14, 2023 at 6:07 pm

      hehe, Sunday ga thankoleh dhigu kollevey tho balaanan inge

    3. Anonymous says:
      September 14, 2023 at 10:25 am

      Vrah salhi.kiyuntherinnah surprise ehge gothuga Sunday ga 15and16 ehkoh genes dheeba. Pls.pls.pls.pls.pls.pls.pls

    4. Anonymous says:
      September 14, 2023 at 4:10 pm

      Sunday ge kurin upload eh nukohdheveyne tha?

    5. Mar Sha Mar Sha says:
      September 14, 2023 at 6:11 pm

      Saturday is a very busy day, ehen vyma yagyn koh bunaakah nukereyne dear

  2. Zee says:
    September 14, 2023 at 10:46 am

    Alheyyy v unexpected gothen mi vy dhw???🙀
    Konirakuntha Dheena preg vaahaka bunany?
    Raaidh ge reaction balaalan v beynunwey eba…😅
    insha’Allah adhi dhemyhun vaahaka dhankaigen thikanthah hallukiraane!!!💯% 😁
    Emyhunge kushehvex neithaa dhw, ekam Zee akah ehaabodakah Raaidh Zimnayaa kotaryga thibegen vaahaka dhehkyma balaeh nuganewey.😢
    Mihaaru vex v curious wefa mihuree…
    And mi vaahaka haadha ryhchey ☺️☺️☺️

    Reply
    1. Mar Sha Mar Sha says:
      September 14, 2023 at 6:09 pm

      Raaidh aa Dheena vaahaka nudhahkaeh halleh nuvaane dho, Dheena preg kan Raaidh ah engeyny kihineh baa?? lets see, aan Raaidh did wrong dho

  3. Anonymous says:
    September 14, 2023 at 1:32 pm

    1

    Reply
  4. އެކުއްޖާ says:
    September 14, 2023 at 1:50 pm

    V reethi.. Realistic story eh v ma varah kamudhey. Kuriah huri baithakah inthizaaru kuran.

    Reply
    1. Mar Sha Mar Sha says:
      September 14, 2023 at 6:10 pm

      thank u e kujja

  5. Ifoo says:
    September 14, 2023 at 9:48 pm

    Aww Vvv reethi Mi vhk.. Adhi Miadhu Mi vhk kiyan feshee Mi.. ❤️😊

    Reply
    1. Mar Sha Mar Sha says:
      September 15, 2023 at 9:52 pm

      Thank u Ifoo

  6. Neuuuu says:
    September 15, 2023 at 8:32 pm

    Cannnn wait to nexttt part 🤗

    Reply
    1. Mar Sha Mar Sha says:
      September 15, 2023 at 9:53 pm

      InshaAllah Sunday

  7. Anonymous says:
    September 16, 2023 at 11:59 am

    Avas next part pls pls pls pls pls

    Reply
    1. Mar Sha Mar Sha says:
      September 16, 2023 at 10:32 pm

      Maadhan hendhunu around 9 ga upload kolleveytho balaanan

    2. Mar Sha Mar Sha says:
      September 16, 2023 at 10:33 pm

      Maadhan kiyaaleveyne 👍

  8. Anonymous says:
    September 16, 2023 at 5:57 pm

    Avas

    Reply

Comments are closed.

All Right Reserved!