Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޔާރާ އަހާށޭ 16

Mar Sha
Mar Sha
September 19, 2023
8 Mins Read
17 Comments

“ކިހާ ދެރަ ކަމެއްތަ ދީނާ؟ ކީއްވެތަ އަބަދު ޒިމްނާ ޒިމްނާ އޭ ތި ކިޔަނީ؟ ދިނާ ކުރިމަތީ މަންމަ ކައިރީ އަހަރެން ބުނީމެއްނު ތި ކަމެއް އަހަރެން ނުކުރާނަމޭ؟ ކިހިނެއް ހެދިއްޔާތަ ދީނާ ގަބޫލު ކުރާނީ؟” ހިތްހަމަ ނުޖެހުމާ ރުޅިއާ އެކު ރާއިދުގެ އަޑު ކުރިއަށް ވުރެ ބާރުވިއެވެ.

“އަހަންނަށް އެނގޭ ޒިމްނާއާ ވިޔަސް އެހެން މީހަކާ ވިޔަސް ރާއިދު އިންނަން ބޭނުން ނުވާ ކަން. އަހަންނާ އިނދެގެން ރާއިދުއަށް އުޅެވޭނެ ގޮތް އަހަރެން މި ބުނީ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެޔޭ ބުނާ ހެން އޭގެ އިދިކޮޅުވެސް އޮންނާނެ، ނުރުހޭ މީހާގެ ފަރާތުން އައިބެއް ނޫނީ ނުފެންނާނެ. މަންމަ އަހަންނާ މެދު ހިތް ނުރުހޭހާ ދުވަހަކު އަހަންނާ ރާއިދުއަށް ހަމަޖެހިގެން ނޫޅެވޭނެ. ކިތަންމެ ވަރަކަށް ރާއިދު އާދޭސް ކުރިޔަސް އަހަންނަށް އެހެން ޖަވާބެއް ނުދެވޭނެ.

ވަގުތު އޮތީ އަހަރެން އެކަނި ވިސްނާކަށް ނޫން. އެކީ އުޅެން ބޭނުމިއްޔާ ރާއިދު ވިސްނާ. ކުދިންނާ މެދު ރާއިދުވެސް ވިސްނާ. އަހަރެން ވިހަން ދެން ވަގުތު އެބަ އޮތް، ރާއިދު ވިސްނާފަ ގޮތެއް ނިންމާފަ ބުނޭ” އަހަރެން އަނެއްކާވެސް ބުނީ އަހަރެން ނިންމާފައި ވާ ގޮތެވެ.

ރާއިދު ތެދުވެ ކޮޓަރިތެރޭ ދެކޮޅަށް ހިނގަން ފެށިއެވެ. އިރުކޮޅަކު އެހެން ހިނގަހިނގާފައި ހުއްޓި އަހަންނާ ދިމާއަށް ބަލާލިއެވެ.

“ތި ނިންމުން ބަދަލެއް ނުކުރާނަންތަ؟” ރާއިދު އަހާލިއެވެ.

އަހަރެން ޖަވާބެއް ނުދެމެވެ. އަހަރެންގެ ފަރާތުން އެ ހިމޭންކަން ރާއިދުއަށް ޖަވާބަކަށް ފުދޭނެއެވެ. އެކަމުގައި އަހަރެން އިތުރަށް ބުނާނެ އެއްޗެއް ނެތެވެ.

ރާއިދު ކޮޓަރިން ނިކުތެވެ. ބޭރުގައި ކާން ތިބި ޝުޢާއާ ޝިނާއާ ކޮންމެވެސް ވާހަކައެއް ދައްކާފައި ރާއިދު ދިޔުމުން އަހަރެން ނިކުތީމެވެ. އޭރު ސިޓިންގްރޫމްގައި މަންމައާ ދާރިމްވެސް އިނެވެ.

“ރާއިދު ރުޅި އައިސްގެންތަ އެ ދިޔައީ؟” މަންމަ ކައިރީ އަހަރެން އިށީނުމުން މަންމަ އަހާލިއެވެ. އަހަރެން ބޯ ޖަހާލީމެވެ. “އޭނަ ކައިރީ ބުނިންތަ؟” މަންމަގެ އެ ސުވާލުގެ ޖަވާބުގައިވެސް އަހަރެން ބޯ ޖަހާލީމެވެ.

މަންމަ އިތުރަށް ސުވާލެއް ނުކުރިއެވެ. އަހަރެން އަމިއްލައަށް ބުނަން ދެން މަންމަ ސުވާލު ނުކުރާނެކަން އަހަންނަށް އެނގެއެވެ. ހިތާ ސިކުނޑިއަށް ބަރު ކުރަމުން ދިޔަ ޚިޔާލުތައް އެހެން މީހަކާ ހިއްސާ ކޮށްގެން ނޫނީ އަހަންނަށް ހަމަޖެހިނުލެވޭނެ ކަން އެނގޭތީ އަހަރެން މަންމައަށް ގޮވާލަމުން މަންމަގެ އަތުގައި ހިފާލީ އެ ވާހަކަތައް ދައްކާށެވެ.

“ލިބެން އުޅޭ ދަރިފުޅަށް ޓަކާ ވިޔަސް ރުޖޫޢަ ކުރަން ރާއިދު ބޭނުން ވަނީ” އަހަރެން ބުނީމެވެ.

“ދަރިފުޅު ބުނީ ކީކޭ؟” މަންމަ އަހާލިއެވެ.

“އެ ގޭގަ އުޅެންޏާ ހަމަ އެއް މައްސަލަތަކެއް ޖެހޭނީ. ބޭނުމެއް ނޫން ދެން އެހެން އުޅެން ދާކަށް. އަހަރެން ބުނީ ވަކިން އުޅެން ނޫނީ ދެން ނީންނާނަމޭ. އެހެން ބުނެގެން ރުޅި އައީ” އަހަރެން ކިޔާދިނީމެވެ.

“ދެމަފިރިން ވަކިން ދިރިއުޅުމަކީ އެންމެ ރަނގަޅު ގޮތް. އެހެން ވިޔަސް އެ ނިންމުން ނިންމާނީ ރާއިދުއާ ދީނާ. ދީނާ ބޭނުން ވާ ގޮތް ތި ބުނެވުނީ، ދެން ރާއިދު ވިސްނަން ވަގުތު ދީ” އަހަރެންގެ ބޮލުގައި ފިރުމާލަމުން މަންމަ ބުންޏެވެ.

“ވަރިއާ ހަމައަށް ދާން ޖެހުނީވެސް އެކަމާ ހެދި. މިހާރު އޭގެ ފަހުން ދެ މަސް ވީ، އަދިވެސް ރާއިދު ވިސްނަން ވަގުތު ދޭންވީތަ؟ މަންމާ، ރާއިދު ނުދާނެ އޭނަގެ މަންމަ ދޫކޮށްފައެއް. އަހަންނަށް ދެން ރާއިދުއާ އެކީއެއް ނޫޅެވޭނެ، މި ކުދިންނަށް މި ކުދިންގެ ބައްޕައާ އެކީގައެއް ދެން ނޫޅެވޭނެ…” އެ ވަރަށް ބުނެވުނު އިރު އަހަންނަށް ރޮވިއްޖެއެވެ.

“ތިހެން ނުބުނޭ ދީނާ. އިރާދަ ކުރެއްވިއްޔާ އަދި ދީނާއާ ރާއިދުއަށް އެކީ އުޅެވޭނެ. ރާއިދުއަށް އިތުބާރު ކުރޭ. މި ހުރިހާ ދުވަހު އެންމެން އެކީ އުޅެފަ މަންމައާ ވަކިން ދިރިއުޅެން ނިންމަން އޭނައަށް އުނދަގޫ ވާނެ. ރާއިދު ދީނާ ދެކެ ލޯބި ވޭ، އޭނަވެސް ބޭނުން ވާނީ އެކީގަ އުޅެވޭނެ ގޮތެއް ހޯދަން. އޭނައަށް އަދި ވަގުތު ދީ ދަރިފުޅާ. ކެތް ކުރަން ވާނެ. ނުރޮއެ” އަހަރެން ގައިގައި ބައްދާލަމުން މަންމަ ނަސޭޙަތް ދިނެވެ.

“މަންމާ… ކިހިނެއް ވީ؟” ކައިރިއަށް އައިސް އެ ވަގުތު ދާރިމް އަހާލިއެވެ.

މަންމައަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ގޭގެ ބެލް ޖަހާލި އަޑު އިވުނެވެ. ދާރިމް ދޮރު ހުޅުވުމާއެކު އިވުނީ ނައުރާ ހަޅޭލަވައިގަތް އަޑެވެ.

“ނައުރާ…” މަންމަ ކަންބޮޑުވެފައި ގޮވާލަމުން ތެދުވިއެވެ.

އަހަންނަށްވެސް ލޯ ފޮހެމުން އަވަހަށް ދެވުނީ އެ ދިމާއަށެވެ. އޭރު ނައުރާ ހުރީ ދާރިމް ގައިގައި ބައްދައިގަނެގެންނެވެ. ފަހަތުގައި ހެވިފައި ޒާމިލް ހުއްޓެވެ.

“ނައު، ކިހިނެއް ވީ؟” އަހަރެން އަހާލީމެވެ. އެއާއެކު ނައުރާ ދާރިމް ގައިން ދޫކޮށްލާފައި އައިސް އަހަންނާ މަންމަ ގައިގައި ބައްދައިގަތެވެ.

“ތިއްތަ މޮޔަ ވީތަ؟” ދާރިމް ސުވާލު ކޮށްލީ ޒާމިލްއާއެވެ.

“މަންމާ، ތުއްތާ އަހަރެން… އަހަރެން…” އެ ވަރަށް ބުނެފައި ނައުރާ އިސްޖަހާލި އިރު އެ މޫނަށް ރަތްކުލަ އަރައިގެން ދިޔައެވެ. އަހަންނާ މަންމައާ ދާރިމްވެސް ދެން ބަލާލީ ޒާމިލްއާ ދިމާއަށެވެ. އޭނަވެސް ހުރީ ރަކިވެފައި ހުރިހެން ހެވިފައެވެ.

“އައި އޭމް ޕްރެގްނަންޓް” އަހަރެންގެ ކަންފަތް ދޮށުގައި ނައުރާ ސިއްރުން ބުނެލިއެވެ.

“އަސްލުތަ؟ ވާއު! ކޮންގްރެޓްސް ސިސްޓަރ!” ނައުރާ ގައިގައި ބައްދާލަމުން އަހަންނަށްވެސް ފާޑަކަށް ހަޅޭލަވައިގަނެވުނެވެ. “މަންމާ، ދާރިމް، ނައު ބަނޑުބޮޑު!” އަހަރެން ބުނީމެވެ.

އެއާއެކު މަންމަ ނައުރާ ގައިގައި ބައްދާލިއެވެ. ދާރިމް ގޮސް ޒާމިލްގެ ކޮނޑުގައި ޖަހާލަމުން އަތުގައި ހިފާ އެތެރެއަށް ވެއްދިއެވެ.

“ކިތައް މަސް؟ ކޮން އިރަކުން ޑިއު؟” ނައުރާ ގޮވައިގެން އައިސް ސޯފާގައި އިށީނދެފައި އަހަރެން ސުވާލު ކުރަން ފެށީމެވެ.

“ފައިވް ވީކްސް… ޑިއު ވާނީ ޖުލައި ފަހުކޮޅު” ނައުރާ ބުންޏެވެ.

“ދީނާ ވިހާތާ މަހެއް ފަހުން ނައުރާ ވިހާނެ ދޯ؟” އެ ވަގުތު މަންމަ ބުނެލިއެވެ.

އެ އަޑު އިވުމުން ދާރިމްއާ ނައުރާ ހައިރާން ވެފައި މަންމައަށް ބަލަން ތިއްބެވެ. ނައުރާ އަތުން ދޫކޮށްލާފައި އިސް ޖަހާލަމުން އަހަރެން ސޯފާގައި ލެނގިލީމެވެ.

“ތުއްތަވެސްތަ؟” ނައުރާ އަހާލިއެވެ.

މަންމައާ އަހަރެން އެއްފަހަރާ ބޯ ޖަހާލީމެވެ.

“ތުއްތަ ބަނޑުބޮޑު އިރުތަ ތުއްތަބޭ ތުއްތަ ވަރިކޮށްލީ؟ އެއީ ކޮން ކަހަލަ މީހެއް؟” އެ ސުވާލު ކުރި އިރު ދާރިމްގެ މޫނުމަތިން ރުޅިވެރިކަން ފާޅުވާން ހުއްޓެވެ. އެ ނޫނީ އަހަންނާ ރާއިދުގެ ވަރިއާ ބެހޭ ގޮތުން ދާރިމް އެއްޗެއް ނުބުނެއެވެ.

“އޭރު ނޭނގޭ” އަހަރެން ބުނީމެވެ.

“އަހަރެން ހުރީ އެއްވެސް ކަމަކާ ތުއްތައާ ސުވާލު ނުކުރަން، އެކަމަކު… ކިހިނެއް ވެގެން ތުއްތަ ވަރި ކުރަން ޖެހުނީ؟” ދާރިމް އެހިއެވެ.

މަންމައާ ނައުރާއާ، އަދި ދުރުގައި ހުރި ނިއަމްއަށްވެސް އަހަންނާ ރާއިދު ވަރިވާން ޖެހުނީ ކީއްވެ ކަން އެނގެއެވެ. އެ ވާހަކަ ދާރިމްއާ ހިއްސާ ނުކުރީ އެއީ ފިރިހެން ކުއްޖަކަށް ވެފައި، އެ ފަދަ ވާހަކަތައް އެއްވެސް އިރެއްގައި ދާރިމްއާ ދައްކަން އާދަވެފައި ނެތުމުންނެވެ.

ދާރިމްގެ ސުވާލަށް ޖަވާބު ދިނީ ނައުރާއެވެ.

ނައުރާގެ ވާހަކަ ނިމުމުން އެކަކުވެސް އަނގައިން ނުބުނެ ތިބީއެވެ. އެ ހިމޭން ކަން އަހަންނަކަށް ކަމަކު ނުދިޔައެވެ.

“ދެން ތިހެން ނުތިބެބަލަ. ނައު އެހާ ހެޕީ ނިއުސްއެއް ހިފައިގެން އައީމަވެސް މިހާ ފެންކޮށްތަ މިރޭ ދުއްވާލަނީ؟ ހިނގާ ސެލެބްރޭޓް ކުރަން. އަދިވެސް އެއްފަހަރު ނައުއާ ޒާމިލްއަށް ކޮންގްރެޗުލޭޝަންސް!” އެންމެންގެ މޫނުމަތިން ހިނިތުންވުން ފެނޭތޯ އަހަރެން ބުނީމެވެ.

ނައުރާ އަހަރެން ގައިގައި ބައްދާލަމުން އަހަންނަށްވެސް މަރުޙަބާ ކިޔެވެ. ދާރިމްވެސް އައިސް އަހަރެން ގައިގައި ބައްދާލިއެވެ.

“ތުއްތަ ދެރަ ނުވޭ. އިރާދަކުރެއްވިއްޔާ އަދި ތުއްތަބޭއާ ދެ މީހުން އޯކޭ ވާނެ” ދާރިމް އެހެން ބުނުމުން އަހަރެން ބޯ ޖަހާލީމެވެ.

“އާނ، ހިނގާ ކާ އެއްޗެއް ބޭރުން ގެންނަން. ނައު ބުނޭ، ކޯޗެއް ރަނގަޅީ؟” އަހަރެން އެހީމެވެ.

އެރޭ ނައުރާއާ ޒާމިލް ދިޔައީ ވަރަށް ލަސް ވީ ފަހުންނެވެ. ނިއަމްއަށް ވީޑިއޯ ކޯލް ކޮށްގެން ނަވާފްއާ ދެމީހުންނަށްވެސް އުފާވެރި ޚަބަރު ދިނެވެ. އެންމެންވެސް ބެލީ އަހަރެންގެ ހިތްހަމަޖައްސައި ދެވޭތޯއެވެ. އަހަރެން ބަލިވެ އިންކަން އެނގުމުން ކޮއްކޮމެން އުފާވި ނަމަވެސް އަހަންނާ މެދު ކަންބޮޑުވެފައި ތިބިކަންވެސް އެނގެއެވެ.

އޭގެ ފަހުން ދުވަސްތައް ދަނީ އެ ގޮތުގައެވެ. ކޮންމެ ހުކުރު ދުވަހަކު ރާއިދު އާދެއެވެ. އެ ދުވަހު ދެ މީހުންގެ މެދުގައި ހިނގި ކަންތަކަށް ފަހު އަހަރެން އެ ފަދަ ފުރުސަތެއް ރާއިދުއަކަށް ނުދެމެވެ. ދިމާވާ ކޮންމެ ދުވަހަކު ރާއިދު މާފަށް އެދެއެވެ. ކައިވެނި ރުޖޫޢަ ކުރަން އެދެއެވެ. އަހަރެން ދެކެ ލޯބި ވާ ކަމަށާ، ވަކިން އުޅެން ބޭނުން ނުވާ ކަމަށް ބުނެއެވެ. އަބަދު އަބަދު ކުދިންގެ މަތިން ހަނދާން ވާ ވާހަކަ ބުނެއެވެ.

އެ ވާހަކަތަކަކީ ތެދުކަން އަހަރެން ގަބޫލު ކުރަމެވެ. ރާއިދުއަށް ބަލާލުމުންވެސް އޭނަ ހުންނަނީ ހިތްހަމަ ޖެހިގެން ނޫން ކަން ކޮންމެ މީހަކަށްވެސް އެނގޭހާ ވެއެވެ. އެއްވެސް ކަމެއް އަހަންނާ ހިއްސާ ނުކުރި ނަމަވެސް ރާއިދު ކުރަމުން ދާ ހިތާމަ އަހަންނަށް ސިއްރެއް ނުވެއެވެ. ރޭގަނޑު ނިދި ނައިސްފައި، ކާ ހިތް ނުވެ، އެއްވެސް ކަމަކާ އުފާ ނުވެވި، ދިރިއުޅުން މަތިން ފޫހިވެފައި ހުރީ އަހަރެން އެކަނި ނޫން ކަން އެނގެއެވެ. ރާއިދު ފެނުމުން އަހަރެން ދެރަވެއެވެ. އެ މޫނުމަތިން ކިރިޔާވެސް ހިނިތުންވުމެއް ފެންނަނީ ކުދިންނާ އެކުގައި ހޭދަވާ ވަގުތުގައި އެކަންޏެވެ.

އަހަރެންގެ ބަނޑަށް ހަތްމަސް ފުރުނު އިރު ޑޮކްޓަރަށް ދައްކަން ދާ ކޮންމެ ފަހަރަކު އަހަންނާ އެކު ދިޔުމަށް ރާއިދު އެދެއެވެ. ނަމަވެސް އެއް ފަހަރުވެސް އަހަރެން އެއްބަހެއް ނުވަމެވެ. ޝުޢާއާ ޝިނާއަށް ބަނޑުބޮޑު އިރު ކޮންމެ ފަހަރަކުވެސް ޑޮކްޓަރަށް ދައްކަން ދަނީ ދެ މީހުން އެކީގައެވެ. ލިބެން އުޅޭ އެ ދަރިފުޅުގެ އެއްވެސް ކަމެއްގައި ހިއްސާ ނުވެވޭތީ އެކަމާ ރާއިދު ދެރަވާކަންވެސް އެނގެއެވެ. ނަމަވެސް އަހަރެން ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.

ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ކުދިން ބަލާ އަންނަ ރާއިދު، އެ ކުދިން ނުގެންދާތާ ހަފްތާއެއް ވުމުން އަހަރެން ކަންބޮޑުވިއެވެ. ކޮންމެ ގޮތެއް ހަދާފައި ވިޔަސް ހުކުރު ދުވަހު ކުދިން ގެންދަން ރާއިދު އަންނާނެއެވެ. އެހެން ދުވަހެއްގައިވެސް ކުއްޖަކު ގުޅައިގެން އަންނާށޭ ބުންޏަސް ރާއިދު އާދެއެވެ. ބޮޑު ކަމެއް ވެގެން ނޫނީ އެ ކުދިން ކައިރިއަށް ނައިސް ރާއިދު ނުހުންނާނެ ކަން އަހަންނަށް ޔަގީންވެއެވެ.

ހިތަށް އެކި އެއްޗެހި އަރަމުން ދިޔަ ނަމަވެސް ނުގުޅާ އަހަރެން ހުރީއެވެ. ނަމަވެސް ދެން އައި ހުކުރު ދުވަހުވެސް ރާއިދު ނާދެއެވެ. ކުދިންވެސް ނުގެންދެއެވެ. އެހެން ވިޔަސް ދެންވެސް ނުގުޅަން ވެގެން އަހަރެން ހުރީއެވެ.

ރާއިދު ފޯން ކުރުމުން އަހަރެން އަބަދުވެސް ފޯން ނަގާ ގޮތަށް ވާހަކަ ނުދައްކާ ދެނީ ކުދިންގެ އަތަށެވެ. އެހެން ނަމަވެސް ދެން އައި ބުރާސްފަތި ދުވަހު ރާއިދުގެ ފޯނަށް އަހަރެން ޖަވާބު ދިނީ އިތުރަށް ކެތް ނުކުރެވިގެންނެވެ.

“ރާއިދު…” ފޯން ނެގި ގޮތަށް އަހަރެން ގޮވާލީމެވެ.

“ކީކޭ…؟” ރާއިދު އަހާލީ އިރުކޮޅެއް ފަހުންނެވެ. ފޯން ނެގީ އަހަރެން ކަން ޔަގީން ނުވެފައި ހުރީ ކަންނޭނގެއެވެ.

“ބަލީތަ؟” އަހަރެން އަހާލީމެވެ.

“ކޮބާ ކުދިން؟” އަހަރެން ކުރި ސުވާލަށް ޖަވާބު ނުދީ ރާއިދު ކުރީ އެހެން ސުވާލެކެވެ.

“އެބަތިބި. ކީއްވެ ކުދިން ބަލާ ނާންނަނީ؟” އަހަރެން އެހީމެވެ.

“މާދަން ދާނަން” ރާއިދު ބުންޏެވެ.

“ބަލިވެތަ ތި އުޅެނީ؟ ރޯގާ ޖެހުނީތަ؟” ރާއިދުގެ އަޑު ހުރި ގޮތުން އަހަރެން އެހީމެވެ. ހީވީ ރޯގާ ޖެހިފައި ހުރި ހެންނެވެ.

“ނޫން… ދެންމެ ނިދުނީ ކުޑަކޮށް” ރާއިދު ބުންޏެވެ.

އަހަންނަށް ގަބޫލެއް ނުކުރެވުނެވެ. ރާއިދު ކޮންމެވެސް ކަމެއް ސިއްރު ކުރަނީއޭ އަހަރެންގެ ހިތް ބުންޏެވެ.

“ބަލި ވިއްޔާ ބުނާނަންތަ؟” އަހަރެން އަހާލީމެވެ.

އަހަރެން ކުރި ސުވާލުގެ ޖަވާބެއްގެ ބަދަލުގައި އިވުނީ ރާއިދުގެ ހުނުމުގެ އަޑެވެ.

“ޑޮކްޓަރަށް ދެއްކީތަ؟ ހުރިހާ ކަމެއް ރަނގަޅުތަ؟” ރާއިދު ދެއްކީ އެހެން ވާހަކައެކެވެ.

“ރަނގަޅު” ރާއިދުގެ ސުވާލަށް ޖަވާބު ދިން ނަމަވެސް އަހަރެންގެ ހިތުގައި ވީ ރާއިދު އަހަރެން ކުރި ސުވާލަށް ޖަވާބު ނުދޭތި އެކަމުގެ ޝަކުވާއެވެ.

“ކޮބާ ކުދިން؟” ރާއިދު އަނެއްކާވެސް އެހިއެވެ. އިތުރު ސުވާލު ނުކޮށް އަހަރެން ޝުޢާ އަތަށް ފޯން ދިނީމެވެ.

އެރޭ އަހަރެން ފައިހާއަށް ގުޅިމެވެ. ރާއިދުގެ ފަރާތުން ޖަވާބު ނުލިބުނު ސުވާލު އަހަރެން ކުރީ ފައިހާއާއެވެ. ލިބުނީ ހީވެސް ކޮށްފައި ނުވާ ޖަވާބެކެވެ.

“ދެ ހަފްތާ ކުރިން ދޮންބެ އެކްސިޑެންޓެއް ވީ، ކަންފަތް ކައިރިން ބޯ ފަޅައިގެން ދިޔަ، ކަނާތުއަތަށާ ފަޔަށްވެސް ވަރަށް އަނިޔާވި، އަތުން ހަތަރު އިންޗި ވަރު ފަހަންވެސް ޖެހުނު. ބުރަކަށިން ވަރަށް ބޮޑު ތަން މަށައިގެން ގޮއްސަ ހުރީ. ތިން ދުވަސް ވަންދެން ހޮސްޕިޓަލުގަ ބާއްވާފަ ދޫކޮށްލީ. އަތުގަ ފަހާފަ ހުރި ތަނުން ރޮދި ކޮށައިފި ވަރަށް އަވަހަށް، އެކަމު ބޮލުގަ ހުރި ތަނުން ރޮދި ކޮށީ ތިން ދުވަސް ކުރިން، މިއަދު އަދި ބޭސްގަނޑުވެސް ނެގީ. ދޮންބެދައްތައަކަށް ނޭނގޭތަ؟” ފައިހާ ކިޔާދީފައި އަހާލިއެވެ.

ފައިހާގެ ވާހަކަ އަޑުއަހާފައި އަހަންނަށް ރޮވުނެވެ. އެވަރު ކަމެއް ވީ އިރު އަހަންނަށް ނުވެސް އެނގެއެވެ. އަހަރެން އެހުމުންވެސް ރާއިދު ދޮގު ހެދީއެވެ.

ރާއިދުއަށް ގުޅަން ހިތަށް އަރާފައިވެސް އަހަރެން އެ ޚިޔާލު ދޫކޮށްލީމެވެ. އަނެއް ދުވަހު ރާއިދު އަންނާނަމޭ ބުނެފައި އޮތުމުން އަހަރެން ކެތްކޮށްލީއެވެ. އެ ދުވަހުން އަހަންނަށް ރާއިދު ފެންނާނެތީއެވެ.

އަނެއް ދުވަހު ހުކުރުން ފޭބި ގޮތަށް ކުދިން ބަލާ ރާއިދު އައެވެ. ގިނަ ދުވަސްތަކަކަށް ފަހު ބައްޕަ ފެންނާތީ ކުދިންވެސް ތިބީ ވަރަށް އުފަލުންނެވެ. އެ ކުދިން ގޮވައިގެން ތިރިއަށް ފޭބީ ދާރިމްއެވެ. އަހަރެން ހުރީ ބެލްކަނީގައެވެ.

ކުދިން އަހަންނަށް “ބާއި” ކިޔާލަން މައްޗަށް ބަލާ އަތް ހޫރާލި ވަގުތު ރާއިދުވެސް ބަލާލިއެވެ. އެ މޫނު ފެނުމުން އަހަރެންގެ ހިތަށް ތަދުވެލިއެވެ. ނަމަވެސް ހިތް ފުރެންދެން ބަލާ ނުލެލެވެނީސް ރާއިދު ސައިކަލު ދުއްވާލިއެވެ. ރާއިދުގެ ފަހަތުން ރަޒާން ޝުޢާ ގޮވައިގެން ދަމުން އަހަންނަށް ހަނާ އަޅާލިއެވެ.

އެރޭ ރާއިދު އައީ ޢިޝާ ނަމާދުގެ ފަހުންނެވެ. އެހާ ދުވަސް ކޮށްފައި ރާއިދު ފެނުމުން، އެ ގެއަށް ގޮސްފައި އަވަހަށް އަންނަން ބޭނުން ނުވެގެން ޝިނާ ބޮޑާ ހާކާތީ ޢިޝާގެ ފަހުން އަންނަ ވާހަކަ ބުނެފައި ރާއިދު ކުރިން މެސެޖް ކުރިއެވެ.

ނަމާދު ކޮށްގެން އަހަރެން ނިކުތް ތަނާ ޝިނާއާ ޝުޢާ ދުވެފައި އައިސް އަހަރެން ގައިގައި ބައްދައިގަތެވެ. ސިޓިންގްރޫމް ދޮރުން ކިރިޔާ އެތެރެއަށް ވަދެ ހުރި ރާއިދު ދަނީއޭ ބުނީ މަންމަ ކައިރީގައެވެ. ނަމަވެސް ރާއިދު އެނބުރިލަން ވާ އިރަށް ޝިނާ ގޮސް ރާއިދު ގައިގައި ހިފައިގަނެއްޖެއެވެ.

“މިރޭ ނިދަން ބޭނުމީ ބައްޕައާ އެކީ” ޝިނާ ބުންޏެވެ. އެއާއެކު ހިތާ ހިތުން އަހަންނަށް ދުޢާ ކޮށްލެވުނީ ރާއިދު އެ އަޑު އަހާތޯއެވެ.

ޝިނާ ބޮޑާ ހާކާލުމުން ރާއިދުއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ދެ އަތުން ދެ ކުދިން އަތުގައި ހިފައިގެން އެތެރެއަށް ވަނެވެ.

ކުދިންނަށް ކާން ދީފައި، ގައިދޮއްވާ ނިދަން ތައްޔާރު ކުރުމުން ރާއިދު އެ ކުދިންނާ އެކު އެނދުގައި އިށީނެވެ. އަހަރެން ދެން ނިކުތީ ބޭރަށެވެ. އެ ރޭ ގެއަށް ވަން ވަގުތު ރާއިދު ފެނުމުން އަހަރެންނަށް ގަބޫލު ކުރަންވެސް ދަތިވިއެވެ. ރާއިދުގެ ސިފަ ހުރީ އެހާ ވަރަށް ބަދަލުވެފައެވެ. އެ މޫނުމަތިން ހީވަނީ ދުވަސްތަކެއް ވަންދެން ބަލިވެ އުޅެފައި ހުރިހެންނެވެ. ދުވަހަކުވެސް ނުހިކޭ ވަރަށް ރާއިދު ހުރީ ހިކިފައެވެ.

ދިހައެއް ޖަހަން އުޅެނިކޮށް އަހަރެން ކޮޓަރިއަށް ވަނީ ރާއިދު ނުނިކުންނާތީއެވެ. މަޑުމަޑުން ދޮރު ހުޅުވާފައި ވަން އިރު އެއް އަތްމަތީ ޝުޢާ، އަދި މޭމަތީ ޝިނާ ބާއްވައިގެން ރާއިދު އޮތީ ލޯ މަރާލައިގެންނެވެ. އަހަރެން ވަދެ ދޮރު ލައްޕާލި އަޑަށް ރާއިދު ލޯ ހުޅުވާ ބަލާލިއެވެ. އަހަރެން އެނދު ކައިރިއަށް އައިސް ޝިނާ ނަގާ އެނދުގައި ރީތިކޮށް ބާއްވާލީމެވެ. ބާލީސް މަތީ ޝުޢާ ބޭއްވީ ރާއިދުއެވެ.

އެނދުގެ ބާލީސްތައް ކުދިން ކައިރީ އަތުރާލާފައި އެނބުރުނު އިރު ރާއިދު އަހަންނަށް ބަލަން ހުރެފައި އަހަރެން ބަލާލުމާ އެކު އިސް ޖަހާލިއެވެ.

އަހަރެން ދެތިން ފިޔަވަޅު އަޅާ ރާއިދު ކުރިމަތީ ހުއްޓުނީމެވެ.

“ކީއްވެ ނުބުނީ؟” ރާއިދު އަހަންނާ ދިމާއަށް ބަލާލީ އަހަރެން އެހެން އެހުމުންނެވެ.

“ކޯޗެއް ނުބުނީ؟” ދުރު ބަލާލަމުން ރާއިދު އަހަރެން ބުނި އެއްޗެއް ނޭނގޭ ކަމަށް ހެދުނެވެ.

އަހަރެން ރާއިދުގެ އަތުގައި ހިފާފައި، ރާއިދު ލައިގެން ހުރި އަތް ދިގު ގަމީހުގެ އަތް މައްޗަށް އަރުވާލީމެވެ. ފަހާފައި ހުރި ޒަޚަމް ހުރީ މުޅިން ރަނގަޅު ނުވެއެވެ. ހަމަ އެ އަތުގައި ހިފާ މަޑުމަޑުން ދަމާލަމުން އަހަރެން ރާއިދު ގެނެސް އެނދުގައި ބޭންދީމެވެ. ރާއިދުއަށް އެއްޗެއް ނުބުނެވެނީސް ރާއިދުގެ ކަންފަތް ކައިރިން ބޮލުގައި ހުރި ޒަޚަމްގައިވެސް އަތް ޖައްސާލީމެވެ.

ރާއިދު އެއްޗެއް ނުބުނެ ތެދުވެފައި ގަމީހުގެ އަތް ރަނގަޅު ކޮށްލިއެވެ. އެއަށް ވުރެ އަވަހަށް އަހަރެން ރާއިދު ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓާފައި ކަނާތު ކޮނޑުމަތިން ގަމީސް ބޭލުވީމެވެ. މަށައިގެން ގޮސްފައި ހުރި ތަނުގެ ކައިރިން ލަކުނަށް ވާން ފަށާފައި ހުރި އިރު މެދުތެރޭން އަދިވެސް ހުރީ ރަނގަޅު ނުވެއެވެ.

“މި ވަރު ވީ އިރުވެސް ނުވެސް ބުނި” އަހަންނަށް ބުނެވުނެވެ.

“އަހަރެން ބުނި ނަމަ އަހަރެންގެ ހުރިހާ ކަމެއް ކޮށްދޭން ދީނާ އަންނާނެތަ؟” ރާއިދު އަހާލިއެވެ.

“އަހަރެން ނުދާނެ ހެން ރާއިދުއަށް ހީވީތަ؟” އަހަންނަށް އަހާލެވުނެވެ. ރާއިދު އެގޮތަށް ހީކުރީތީ އަހަރެން ދެރަވިއެވެ. ރާއިދުއަށް އެ ވަރުގެ ކަމެއް ދިމާވި ކަން އެނގި އަހަންނަށް ދުރުގައި ނުހުރެވޭނެ ކަން ރާއިދުއަށް ހަމަ ނޭނގުނީ ހެއްޔެވެ؟

“ދީނާއަށް ދުރުގަ ނުހުރެވޭނެ ކަން އަހަންނަށް އެނގޭ، އެހެންވެ ނުބުނީ. ވިހާ ދުވަސް މިހާ ކައިރި ވެފަ އޮއްވާ ދީނާ ހާސްވެ ކަންބޮޑު ވާން ބޭނުން ނުވީ” މަޑުމަޑުން ރާއިދު ބުންޏެވެ.

އަހަރެން އިސްޖަހާލީމެވެ. ޝަކުވާ ކުރަން ބޭނުން ވިޔަސް އިތުރު އެއްޗެއް ނުބުނަމެވެ.

“މިހާރު ރަނގަޅޭ” އަހަރެންގެ އަތުގައި ހިފާފައި ރާއިދު ބުންޏެވެ.

“ރަނގަޅު ވީމަ ކަން އެނގޭ ތި އައީ” އަހަރެން ބުނީމެވެ.

އަހަންނަށް ރާއިދުގެ ބުރަކައްޓާ އަތުގައި ދެ އަތްތިލައިން ފިރުމާލެވުނެވެ.

“ދީނާ…” އަހަރެންގެ އަތުގައި ހިފާ ގަޔާ ދުރުކޮށްލާފައ ހިފަހައްޓާލަމުން ރާއިދު ގޮވާލިއެވެ.

“ކީއްވެ ނުބުނީ؟” ހިތުގައިވި ޝަކުވާ އަހަންނަށް ދުލުން ބޭރު ކޮށްލެވުނެވެ.

ރާއިދު ޖަވާބެއް ނުދީ އަހަރެންގެ އަތްތިލައިގައި ހިފާ ގެނެސް ރާއިދުގެ މޭގައި ޖައްސާލިއެވެ. އެހެން އަހަންނަށް ހުރެވުނީ އިރުކޮޅަކުއެވެ. ދެ އަތުން ރާއިދުގެ ގައިގައި ބައްދާލަމުން އެ މޭގައި މޫނު ޖައްސާލެވުނެވެ. އެހެން ތިބެފައި ރާއިދު ސިހުނީ އަހަރެންގެ ބަނޑުން ތޮޅިލުމުންނެވެ. އަހަރެން ރާއިދުގެ އަތް ގެނެސް އަހަރެންގެ ބަނޑުގައި ޖައްސާލީމެވެ. ބޭބީ އަނެއްކާވެސް ތޮޅިލިއެވެ.

އެ ދަރިފުޅުގެ ތޮޅިލުމުގެ އިހުސާސް ރާއިދުއަށް އެ ކުރެވުނީ އަލަށެވެ. ދެވަނަ ފަހަރަށް ތޮޅިލުމުން ލުއި ހުނުމަކާއެކު ދަރިފުޅު ތޮޅިލި ހިސާބުގައި ރާއިދު ފިރުމާލިއެވެ. އިތުރަށް އެ ކުޑަކުޑަ ހަރަކާތް ފާހަގަ ނުކުރެވުމުން ލައިގެން ހުރި ހެދުމުގެ ދަށުން އަހަރެންގެ ބަނޑުގައި ރާއިދު އަތް ޖައްސާލިއެވެ.

ދަރިފުޅުގެ ތޮޅުން އިތުރަށް އިހުސާސް ނުކުރެވުމުން ރާއިދު ދެންވެސް އަހަރެންގެ ބަނޑުގައި ފިރުމަމުން ދިޔައެވެ. ހިތުގެ ހިނގުން އަވަސް ވާން ފެށީ އަހަރެންގެ އެކަންޏެއް ނޫނެވެ. އިސް އުފުލާ ރާއިދުގެ މޫނަށް ބަލާލުމާއެކު ރާއިދު އަހަންނާ ކައިރިވިއެވެ. އަހަރެން މަރާލި ލޮލުގެ އެސްފިޔަތަކުގެ ތެރެއިން ކަރުނައައެވެ. ރާއިދުގެ ތުންފަތުގެ ބީހުން ލޯ މަތިން އިހުސާސް ކުރެވުނެވެ. ދެ އަތް ރާއިދުގެ އިސްތަށިގަނޑު ތެރެއަށް މަހާލަމުން އަހަރެން ރާއިދުގެ އެ ބީހުމަށް މަރުހަބާ ކީމެވެ.

“ދީނާ… އައި ނީޑް ޔޫ…” ސިއްރެއް ހެން އަހަރެންގެ ކަންފަތް ކައިރީ ރާއިދު ބުނެލިއެވެ. އަހަރެން ލޯ ހުޅުވާ ރާއިދުގެ ލޮލާ ލޯ އަމާޒު ވީ އިރު ރާއިދު ދުލުން ނުބުނަނީސް އެ ހިތުގެ ގޮވުން އަހަންނަށް އަޑު އިވުނެވެ.

ނުނިމޭ

35
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Mar Sha
Follow Me Written By

Mar Sha

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ފެށި ލޯބި އޮޔާ ދިޔުމުން 3

Next

ލޯބީގެ ކުރި ދަތުރު 5

Next
September 20, 2023

ލޯބީގެ ކުރި ދަތުރު 5

Previews
September 19, 2023

ފެށި ލޯބި އޮޔާ ދިޔުމުން 3

17 Comments

  1. Mar Sha Mar Sha says:
    September 19, 2023 at 12:42 pm

    ސަލާމް، މިއޮތީ 16 ވަނަ ބައި، ކިޔާލާފަ ރަނގަޅިއްޔާ ބުނެލައްޗޭ. ބުރާސްފަތި ދުވަހުން 17 ވަނަ ބައި ގެނެސްދޭނަން.

    Reply
  2. Shiunee says:
    September 19, 2023 at 1:10 pm

    Ragalhu vvvvvvvvvvvvvvvvvvvv salhi.
    How old are you? Dhogunuhadha
    ❤️❤️
    2023 vana aharu vaahaka liyumun ehvana marsha 🙍❤️📖📖🎉🎉🎉💻🥇🥇🥇🏅🎖️

    Reply
    1. Mar Sha Mar Sha says:
      September 19, 2023 at 6:10 pm

      Hehe, age nubuneveyne dho mihaa public thaaku?!!🤣 Vaahaka kamudhiyaeethy varah ufaa vejje, thank u ❤️

    2. Mar Sha Mar Sha says:
      September 19, 2023 at 6:14 pm

      Thank u so much eh vana dhinyma, huriha shukureh haqqu vany hama Shiunee kahala kiyuntherinnah

  3. Newwww👀 says:
    September 19, 2023 at 1:35 pm

    Wowowow so beautifull….. 😍❤️

    Reply
    1. Mar Sha Mar Sha says:
      September 19, 2023 at 6:11 pm

      Thank u New ❤️

  4. Nadhoo says:
    September 19, 2023 at 3:13 pm

    vaahaka varah reethi alhe raaidhugge mamma yah visneyne nama dho e dhekudhin e ulheni haadha haalehgekan…

    Reply
    1. Mar Sha Mar Sha says:
      September 19, 2023 at 6:12 pm

      Thank u Nadhoo. Raaidh ge mamma ah visneytho dhua kohdhy ❤️

  5. Zee says:
    September 19, 2023 at 3:21 pm

    Mi part v rythi…
    Alheyy Raaidh ge mamma kihineh wegentha mi ulheny??? 😤
    Vaahaka v rangalhu ingey!!! 👏👏 👍
    Mar sha, you are one of my fav storywriter 😊
    Love your storys ❤️☺️

    Reply
    1. Mar Sha Mar Sha says:
      September 19, 2023 at 6:15 pm

      Thank u so much Zee, varah ufaa vejje. Raaidh ge mamma ah visney nama dho 😢

  6. love imko 💕💕 says:
    September 19, 2023 at 7:24 pm

    I love this story
    So beautiful mar sha
    Next part kiyaalan libeeney kama unmeedhu kuran
    Once again varha reethi mi part vex
    Best of luck mar sha

    Reply
    1. Mar Sha Mar Sha says:
      September 19, 2023 at 11:01 pm

      Thank u Imko, Insha Allah next part Thursday ga kiyaaleveyne ❤️❤️

  7. Zaieefa says:
    September 20, 2023 at 1:35 am

    Vrh reethi..
    Dhn dhaarim aai rauhaa hen heevany marry kuraany emeehun dhn thibege..
    Once again vrh reethi story.. waiting for next part…♥️♥️♥️🙂

    Reply
    1. Mar Sha Mar Sha says:
      September 20, 2023 at 10:22 am

      Dhaarim aa Rauha varah gulhey tha? Story ninmaalan rangalhu gotheh dho thy!?
      Thank u kiyaalythy adhi idea eh dhinythy ❤️

  8. Ifoo says:
    September 20, 2023 at 11:03 am

    Vvv reethi Mi part.. Unmeedhu kuran next part avahah kiyaalan libeyne kamah😊

    Reply
    1. Mar Sha Mar Sha says:
      September 20, 2023 at 11:18 am

      Thank u Ifoo, iraadha kurevviyya 17 vana bai maadhan kiyaaleveyne

  9. Shiunee says:
    September 20, 2023 at 6:12 pm

    I can’t wait

    Reply

Comments are closed.

All Right Reserved!