ތަޤްދީރު 13 ވަނަ ބައި
” ކޮބާ މިއަދު ސައިވެސް ނުހަދަނީތަ ” ތައުފީގް ކޮޓަރިން ބޭރަށް ނިކުމެ ސަކީލާ ކުރެން އަހާލިއެވެ. ” ނޫނޭ. ސައި ހަމަ ތައްޔާރަށް ހުރީ. ނަމާދަށް ހުރީމާ އަންނަންދެން މިހުރީ ” ސޯފާއިން ތެދުވަމުން ސަކީލާ ބުނެލިއެވެ. ” ޝުހާދު ގޭގަ ނޫޅެނީތަ ” މޭޒް ކައިރީ ހުރި ގޮޑީގައި އިށީންނަމުން ތައުފީގު އަހާލިއެވެ. ” އާނ… ހަމަ ދެންމެ ދެކުދިން އެކުގަ ބޭރަށް އެ ނިކުތީ ” ސަކީލާ ބުނެލިއެވެ. ” ކޮންތާކަށް އެ ދިޔައީ ” ތައުފީގު އަހާލިއެވެ. ” ބުނީ ހިނގާލަންދާ ވާހަކަ ” ސަކީލާ ސައިތަށި މޭޒް މަތީ ބަހައްޓަމުން ބުނެލިއެވެ.
” ކޮއްޓަކުން ދޫނިތަކެއް ބޭރު ކޮށްލާފަހެންދޯ ހީވަނީ ” މަޖީދީމަގުން ހިނގާފަ ދަމުން ޝުހާދު ބުނެލިއެވެ. ” ކިހާ ދުވަހެއް ވަންދެން ލޮކްޑައުންކޮށްފަ އޮތީ. އެހެންވީމާ ވާނީ އެހެނެއްނު ” ވިދާން ބުނެލިއެވެ. ” ކޮންތާކަށް ދެން މިދަނީ ” ވިދާން އަހާލިއެވެ. ” ވަކި ހާއްސަ ދިމާލެއް ނެތް. އެކަމަކު ހިނގާ ރަސްފަންނާ ދިމާއަށް ” ޝުހާދު ބުނެލިއެވެ.
” މިހާ ދުވަސްކޮށްފަ ބޭރަށް ނިކުމެލެވުނީމާ، އެހެން ކަހަލަ ފީލްވަނީ ” އައި ޖީ އެމް އެޗާ ދިމާލުން ހިނގާފަ އަންނަމުން ޔާނާ ބުނެލިއެވެ. ” ކޮންގޮތެއް އަނެއްކާ ފީލް ވެގެން ތިއުޅެނީ ” ޔާނާގެ މޫނަށް ބަލާލަމުން ސީމާ ދިމާކުރާ ފަޑަކަށް ބުނެލިއެވެ. ” ސާބަހޭ… ” ޔާނާ އަތުން ސީމާ ކޮށްޕާލަމުން ބުނެލިއެވެ. ” ހިނގާ އެތާގަ އިށީންނަން ” ރަސްފަންނުގައި ހުރި ހަޓެއް ދައްކާފަ ޔާނާ ބުނެލިއެވެ. ” ކިހިނެއްވީ ” ޔާނާ ކުއްލިއަކަށް ތެދުވުމުން ސީމާ ހައިރާން ކަމާއެކުގައި އަހާލިއެވެ. ” ހިނގާ މިތަނުން ދާން ” ޔާނާ ހާސްވެގެން ހުރެ ސީމާގެ އަތުގައި ހިފާފައި ބުނެލިއެވެ. ” އަޅެ ކިހިނެއްވީތަ؟ ” ސީމާ ވަށައިގެން ބަލަމުން ޔާނާ ކުރެން ސުވާލުކުރަމުން ދިޔައެވެ. ” އެހެރީ ފަޒީލް ” ޔާނާ ބުނެލިއެވެ. ” ކޮބާ؟ ” ސީމާ ބުނެލިއެވެ. ” އެހެރީ މަގުމަތީގަ. ހިނގަބާލަ އެހެރަ ގަސްތައް ކައިރިއަށް. ފަޒީލްއަށް އަހަރެން ފެނިއްޖެނަމަ މިތާގަވެސް ޑްރާމާއެއް ޖައްސަފާނެ ” ސީމާގެ އަތުގައި ހިފައިގެން ޔާނާ ރަސްފަންނުގެ ނަން ބޯޑާ ދިމާލުގައި ހުރި ގަސްތަކާ ނިވާވެލިއެވެ.
ފަޒީލް މަގުމަތީ ހުރެގެން ދެކޮޅު ބަލާ ހޯދަމުން ދިޔައެވެ. ހީވަނީ މީހަކު ހޯދަމުން ދާހެންނެވެ. އެތާ އިރުކޮޅަކު ހުރުމަށްފަހު ފަޒީލް އައިސް ރަސްފަންނު ތެރެއަށް ވަނެވެ. ޔާނާ އާއި ސީމާ ފަޒީލްއަށް ވާވަރު ބަލަމުން ގަސްތަކާ ނިވާވަމުން ދިޔައެވެ. ފަޒީލްގެ ހަރަކާތް ހުރި ގޮތް ފެނުމުން ޔާނާއަށް ޔަގީންވެގެން ދިޔައީ، ފަޒީލް ދެކޮޅު ބަލާފަ ހޯދަމުން އެދަނީ ޔާނާ ކަމެވެ. ފަޒީލް ޔާނާމެން ތިބި ހިސާބާ ދުރައް ހިނގަންފެށުމުން، ދަނޑިވަޅު ބަލާފަ، ޔާނާއާ ސީމާ އެގަސްތައް ކައިރިން ދުރަށް ގޮސް ރަސްފަންނު ތެރެއިން ނިކުމެގެން، މަޖީދީމަގުން ބާރަށް ހިނގަންފެށިއެވެ.
” އައުޗް… ” ފަސްއެނބުރި ބަލަމުން ޔާނާއާ ސީމާ ހިނގަމުން ދަނިކޮށް ހިނގާފައި އައި ބައެއްގެ ގައިގައި ދެމީހުން އަޅައިގަތެވެ. ” ސޮރީ ” ސިމާ އަށް ބުނެލެވުނެވެ. ” އިޓްސް އޯކޭ ” ވިދާން ސިމާއާ ދިމާއަށް ބަލާލަމުން ބުނެލިއެވެ. އޭރުވެސް ޔާނާ މަގުގެ އެކި ހިސާބުގަނޑަށް ބަލަމުން ދިޔައެވެ. ” ކިހިނެއްވެގެން ދެމީހުން ތިއުޅެނީ ” ޝުހާދު ޔާނާއަށް ބަލާލަމުން ބުނެލިއެވެ. ” މީހަކު… މީހަކު… ” މާނޭވާލަމުން ޔާނާ ބުނެލިއެވެ. އެއަށްފަހު ޔާނާ ވިދާނަށް ބަލާލިއެވެ. އަދި ފުން ނޭވާއެއްލިއެވެ. ހީވަނީ ވިދާން ފެނުމުން ޔާނާއަށް ބުނަން ނޭންގޭ ހިތްހަމަޖެހުމެއް ލިބުނުހެންނެވެ. ” އަސްލު ކިހިނެއްވެގެން ތިއުޅެނީ. ދެމީހުން ހާދަ ހާސްވެފަ ތިބިހެން ހީވެޔޭ ” ވިދާން އަހާލިއެވެ. ” އެއީ ފާޑެއްގެ މީހެއް…. ” ސީމާ ވާހަކަ ދައްކަން ފެށުމުން ޔާނާ ސީމާގެ އަތުގާ ބާރަށް ހިފާލިއެވެ. ” ހިގާދާން. ވަރަށް ލަސްވޭ އެބަ ” ސިމާގެ ވާހަކަ ހުއްޓުވާލުމަށްފަހު ޔާނާ ބުނެލިއެވެ. އަދި ކުރިއަށް ހިނގައިގަތެވެ.
” ވަރަށް ހެއްވާ ދެމީހުންދޯ އެއީ ” ހިނގައިގަންނަމުން ޝުހާދު ބުނެލިއެވެ. ” އެކީއްވެ ހެއްވާ ބަޔަކަށް ވާންވީ ” ވިދާން އަހާލިއެވެ. “ދެމީހުންގެ މޫނު ބަލާލީމާ އެނގޭ ކަމަކާ ވަރަށް ހާސްވެގެން އުޅުންހެން. ސުވާލު ކުރީމާވެސް، މީހަކު… މީހަކު ކިޔާފަ، ބުނަން އުޅުން އެއްޗެއް ނުއެއް ބުނެވުން ވިއްޔާ ” ޝުހާދު ބުނެލިއެވެ. ” އެއީ އެ މީހުންގެ އަމިއްލަ ކަމެއްނު. ބުނަން ބޭނުން ނުވީމާއެއްނު ނުބުނާނީ. އެކަމަކާ އަހަރުމެން ކީއްތަ ކުރާނީ ” ވިދާން ބުނެލިއެވެ. ” ކަންއޮތީ ތިހެން. އެކަމަކު… ” ޝުހާދު ޖީބަށް އަތް ޖަހާލަމުން ބުނެލިއެވެ. ” ދެން ކޮން އެކަމަކު އެއްތަ؟. ތިހާ ސުވާލުކުރަން ބޭނުމިއްޔާ ގޮސް ސުވާލުކޮށްބަލަ ” މިހެން ބުނެ ވިދާން، ޝުހާދުގެ ކޮޑުގައި އަތް އަޅާ ކޮށްޕާލިއެވެ. ” އޭތް… މަގުމައްޗޭ މީ. މައިތިރި ވެބަލަ ” ހީގަންނަމުން ޝުހާދު ވިދާންއަށް ބަލާލަމުން ބުނެލިއެވެ.
” ހިނގާ އެތަނުން ޓޭކްއަވޭ ކޮފީއެއް ނަގަން ” ރަސްފަންނަން ވަންނަމުން ވިދާން ބުނެލިއެވެ. ” ހިނގާ އެދިމާއަށް. އެކަމަކު ހާދަ މީހުންވެސް ގިނައޭ ” ޝުހާދު ބޯ ކަހާލަމުން ބުނެލިއެވެ. “އެހެންވިޔާ ގޮސް ދުރުގަ ހުރޭ. އަންނާނަން ކޮފީ ހިފައިގެން ” ވިދާން ދުރުގަ ހުރި ހަޓަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. ” ރުފިޔާ ދެންތަ؟ ” ހަޓާ ދިމާއަށް ހިނގައި ގަންނަމުން ޝުހާދު ބުނެލިއެވެ. ” ހެޔޮ ނުދިނަސް. ރުފިޔާ އެބަހުރި ” ވިދާން ހިނގައިގަންނަމުން ބުނެލިއެވެ.
ޝުހާދު ގޮސް ހަޓް ދަށުގައި އިށީދެލިއެވެ. އަދި ވިލާތަކާ ނިވާވަމުން ދިޔަ އިރާ ދިމާއަށް ބަލާލިއެވެ. އެއަށްފަހު ރަސްފަންނު ތެރެއަށް ޝުހާދު ބަލާލިއެވެ. ހަވީރުގެ ވަގުތު ކަމުން ކޮޅުކޮޅު މައްޗަށް ކުޅެން ދުވާ ކުޑަކުދިންނާއި، އެކި އެކި ވާހަކަ ދެއްކުމުގައި މަޑުކޮށްލައިގެން ތިބި މީހުން ތަކުން މުޅި ރަސްފަންނު ވަނީ ފުރިފައެވެ. ދުވަމުން ދިޔަ ކުޑަކުދިން ތަކުން ރެކެމުން ވިދާން ދެއަތުން ކޮފީތަށި ހިފައިގެން އަންނަތަން ފެނުމުން ޝުހާދު ހޭންފެށިއެވެ. ” ކޮންކަމަކާ ތިހެނީ ” ކޮފީތަށިތައް ބަހައްޓަމުން ވިދާން ސުވާލުކޮށްލިއެވެ. ” އެއްވެސް ކަމަކާއެއްނޫން ” ޝުހާދު ކޮފީތަށި ކައިރި ކޮށްލަމުން ބުނެލިއެވެ. ” ކަމަކާ ނުލާ ހޭ މީހެއްތަތީ؟ ” ވިދާން އިށީންނަމުން ބުނެލިއެވެ. ” ދެއަތުން ކޮފީތަށިތައް ހިފައިގެން އެކުދިން ކައިރިން ރެކެމުން އަންނަތަން ފެނުނީމާ، ހަމަ ހިނިއައީ ” ޝުހާދު އަނެއްކާވެސް ހީގަންނަމުން ބުނެލިއެވެ. ” އެހެންދޯ ދެންވާނީ ” ވިދާން ފަސްއެނބުރި ދުވަމުން ދިޔަ ކުދިންތަކަށް ބަލާލުމަށްފަހު ބުނެލިއެވެ. ” ދެން ބުނެބަލަ. ކޮންތާކުން ރުފިޔާ ހޯދައިގެން ކޮފީ ތިނެގީ ” ޝުހާދު ކޮފީތަށި އަތަށް ނަގާ، ތުބުގަ ޖައްސާލަމުން ސުވާލުކޮށްލިއެވެ. ” ވައްކަން ކޮށްގެން ” ވިދާން ޝުހާދައް ބަލާލަމުން ބުނެލިއެވެ. އެވަގުތު ޝުހާދު ދެލޯ ބޮޑުކޮށްލިއެވެ. ” ވައްކަން ކުރާނެ ކަމަކަށް ގަބޫލެއް ނުކުރެވޭނެ ” ޝުހާދު ބުނެލިއެވެ. ” ވައްކަން ކޮށްފާނެ ކަމުގެ ޔަގީންކަން ނެތިއްޔާ ތިހާ ވަރަށް ސުވާލު ކުރަނީ ކީއްކުރަންތަ؟. ބޭކާރު ސުވާލު ނުކޮށް ކޮފީ ބޮވޭތޯ ބަލާބަލަ ” ވިދާން ކޮފީތަށި އަތަށް ނަގަމުން ބުނެލިއެވެ.
” އެދަނީ އަޝްފާގު ދޯ ” ރަސްފަންނު ތެރެއަށް ވަދެގެން ދިޔަ ކުދިން ތަކަކަށް ބަލާލަމުން ޝުހާދު، ވިދާން ކުރެން އަހާލިއެވެ. އެވަގުތު ވިދާން ފަސްއެނބުރި ބަލާލިއެވެ. ” އާނ… އެއީ އޭނަ ” ވިދާން ބުނެލިއެވެ. ” އޭ… އަޝްފާގު ” ޝުހާދު ނިކަން ބާރަށް އަޝްފާގުއަށް ގޮވާލިއެވެ. ޝުހާދުގެ އަޑަށް އަޝްފާގު ބަލާލިއެވެ. އަދި ގާތުގައި ތިބި ކުދިން ގާތުގައި ކޮންމެވެސް އެއްޗެއް ބުނެލާފަ ޝުހާދާއި ވިދާން އިށީދެގެން ތިބި ހަޓާ ދިމާއަށް އަޝްފާގު ހިނގައިގަތެވެ. ” ދެމީހުން މިތާގަ ކޮންކަމެއްތަ؟ ” އަޝްފާގު އައިސް ސުވާލުކޮށްލިއެވެ. ” ވަކި ހާއްސަ ކަމެއްގައެއް ނޫން. ހަމަ ޖައްސާލީ ” ޝުހާދު ބުނެލިއެވެ. ވިދާން އިސްދަށަށް ޖަހާލައިގެން އިނެވެ. ” ވިދާން ކިހިނެއްވެފަ މީނީ ” ވިދާންގެ ކޮޑުގައި އަތް އަޅާލަމުން އަޝްފާގު ބުނެލިއެވެ. ” ހެވެއްނު ކޮންމެ ކަމެ ކަމެއްވިޔަސް ” ވިދާން އަޝްފާގުގެ އަތް ފޮޅުވާލަމުން ބުނެލިއެވެ. ” އަދިވެސް ރުޅިއައިސްފަތި ތިހުންނަނީ. އެއީ ދެން ސްކޫލް ދުވަސް ވަރުގެ ކަމެއްނު. އެހެން ނޫނަސް އަހަރެން އެދުވަހު މަޖަލަކަށް އެހެން ކަންތައްކުރީ ” އަޝްފާގު ބުނެލިއެވެ. ” މަޖަލަކަށް ވެސް ކޮށްފަ ނުކުރާނެ ކަމެއް ނޭންގޭ މީހެއްތީ ” ވިދާން ހިތްހަމަ ނުޖެހޭ ރާގަކަށް ބުނެލިއެވެ. ” އެ ތެދެއް. ދެން އެކަމާ އަޅާނުލާބަލަ. އެއީ މާޒީއެއްނު ” ޝުހާދު ބުނެލިއެވެ. ” މާޒީއަކަށް ވިޔަސް އެދުވަސް މަތީން ދުވަހަކުވެސް ހަނދާން ނުނެތޭނެ ” ވިދާން ޝުހާދަށް ބަލާލަމުން ބުނެލިއެވެ. ” އެދުވަހު ވެސް އަހަރެން ސޮރީ ބުނިން. މިއަދުވެސް އަހަރެން ސޮރީ ބުނަން. ޕްލީޒް… ” އަޝްފާގު ވިދާން ކައިރީގައި ކުޑަކަކޫމައްޗަށް ތިރިވެ ބުނެލިއެވެ. ” އެއްކަލަ ޑްރާމާ ސޮރު ” އަޝްފާގުގެ އެ ހަރަކާތް ފެނިފަ ޝުހާދު ހީގަންނަމުން ބުނެލިއެވެ.
” ގަބޫލް ކުރަން އަހަރެންމީ ނިކަން ޑްރާމާ މީހެއްކަން. އެހާ ފޮނިވެސް ކަނޑާ މީހެއްކަން. އެކަމަކު ހަމަ ހެޔޮ ހިތުން ސޮރީ މިބުނީ ” އަޝްފާގު، ޝުހާދަށް ބަލާލަމުން ބުނެލިއެވެ. ” ދެން މާފް ކޮށްބަލަ. އެއީ މާކުރީގެ ކަމެއްނު ” ޝުހާދު ވިދާންއަށް މުހާތަބްކޮށް ބުނެލިއެވެ. ” ނެތް ފެންވަރުން އަހަރެން ވަރުގެ މީހެއް ނެތްކަން ދައްކަން އުޅެން ހަދައިގެން، ތި މީހުންނާ ވެސް ވަކި ވާން ޖެހުނީ. ފަހަރެއްގައި ވެސް ހަނދާނެއް ނުނެތޭ، އަހަރުމެން ތިން މީހުން އެކީގައި ހޭދަކުރި އެންމެ ވަގުތު ކޮޅެއްވެސް ” އަޝްފާގު ބުނެލިއެވެ. އަދި ހަޓް ދަށުގައި އިށީންނަން ހުރި ތަނުގައި އަޝްފާގު އިށީދެލިއެވެ. ” އެ ދުވަހުގެ ފަހުން އަހަރެންނަށް މަޑުމަޑުން ކަންކަން އެނގެންފެށި. އުމުރަށް އަންނަމުން ދިޔަ ބަދަލާއެކު، ރަނގަޅު ގޮތާ ނުބައި ގޮތް އެނގެންފެށި. އޭރުގައި ކޮންމެ ކަމެއް އަހަރެންނަށް ދިމާވިޔަސް އަހަރެންނާ އެންމެ ގާތުގައި ތިބީ ތި ދެމީހުން. ވިސްނާނުލާ އަހަރެންނަށް ބުނެވުނު އެއްޗަކުން ވިދާން އަހަރެންދެކެ އިންތިހާއަށް ރުޅިއާދޭ. މީހަކު ރުޅި އަންނަހާ ވަރަށް އަހަރެން ވިދާންއަށް ޖެއްސުން ކުރިން. ބުނަން ނުވާ އެތައް ބަހެއް ބުނެވުން. ލަދު ގަންނަވާލެވެން އޮތް ހުރިހާ ގޮތަކަށް އަހަރެން ވިދާން ލަދުގަންނަވާލިން. މިހާރު އަހަރެންނަށް ރަނގަޅު ގޮތެއް ބުނެދޭނެ މީހެއް ނެތްކަން އެނގޭނެ އަހަރެންނަށް ބަލާލިއަސް. އަދި ދެންމެ އަހަރެންނާއެކުގަ ތިބި މީހުންނަށް ބަލާލިއަސް އެނގޭނެ. އެއީ މިހާރު އަހަރެންގެ ދިރިއުޅުމަކީ ” އަޝްފާގުގެ ވާހަކައިން ޝުހާދާއި ވިދާން ހައިރާންވިއެވެ. ” ކީކޭތަ މީނަ މިކިޔަނީ ” ޝުހާދު ވިދާނަށް ބަލާލަމުން އަހާލިއެވެ. ” ހަމަހޭގަތަ ތިހުންނަނީ ” ވިދާން ނޭންގެއޭ ބުނާފަދަ ގޮތަކަށް ކޮޑުއަރުވާލުމުން، ޝުހާދު އަޝްފާގު ކުރެން އަހާލިއެވެ. ” ކިހިނެއްވީ ” އަހަރެން މި ދެއްކި ވާހަކަ ގަބޫލް ކުރަން އުދަގޫވީދޯ! ” އަޝްފާގު ބުނެލިއެވެ. ” އާނ… އެއްގޮތަކަށް ވެސް ގަބޫލް ކުރަން ފަސޭހަ އެއްޗެއް ނޫން ތިކިޔައި ގަތީ ” ޝުހާދު ބުނެލިއެވެ. ” އެނގޭ ގަބޫލް ކުރަންވެސް އުދަގޫވާނެކަން. އެކަމަކު ހަގީގަތަކީ އެއީ ” އަޝްފާގު ބުނެލިއެވެ. ” ކުއްލިއަކަށް ރާގާ ބަހުރުވަ މި ބަދަލުވީ ކީއްވެގެންކަމެއް ހަމަ ނޭންގުން ” ޝުހާދު ބުނެލިއެވެ. ” ބައެއް ކަހަލަ ކަންކަމަކީ ނޭންގި ހުއްޓާވެސް ބަދަލުވެގެންދާ އެއްޗެއް. އެގޮތުން އަހަރެންނަށް މި ބަދަލު އަންނަން ޖެހުނީ އުޅެން ދިމާކުރެވުނު ގޮތުން. ތިމާ ވަރުގެ ގަޓް ހުރި މީހަކު ނެތްކަމަށް ދެއްކެން އުޅުމުން. އޭރު އަހަނަންނަށް ވެސް ނޭންގެ ބަދަލެއް އަންނަމުން ދިޔަކަމެއް ” އަޝްފާގު ބުނެލިއެވެ. ” ބުނަން ތިއުޅެނީ މިހާރު އަޝްފާގު މަސްތުވަމޭތަ؟ ” ކުރިން އަޝްފާގު ހުންނަ ގޮތާ މިހާރު ހުންނަގޮތް ތަފާތު ވުމުންނާއި، އަޝްފާގު ދެއްކި ވާހަކަޔާއި، އަޝްފާގު ގާތުގައި ތިބި މީހުންގެވައްޓަފާޅި ފެނި ޝުހާދު އަހާލިއެވެ. އަދި އަޝްފާގު އާއެކޭ ބުނާފަދަ ގޮތަކަށް ބޯޖަހާލިއެވެ. ” ތީކޮންކަމެއް ވެގެން އުޅެން ދިމާކުރި ގޮތެއްތަ؟ ” ޝުހާދުގެ ރާގާބަހުރުވަ ބަދަލުވެގެން ދިޔައެވެ.
” ދިރިއުޅުމުގެ ހާލަތު ބަދަލުވެގެން ދިޔަދިޔުމާ، އޭރުގައި ރައްޓެހިންގެ ގޮތުގައި ގެންގުޅެންފެށުނު ބައެއްގެ ސަބަބުން މިހެންވީ. އަހަރެން އެމީހުންގެ މަޅިގައި ރަނގަޅަށް ހައްޔަރުވި. އެދުވަހު މީ އަދި ރަނގަޅު ގޮތް ނޫންކަމެއް ނުވިސްނުން. އެކަމަކު މިއަދު މީ ކިހާވަރެއްގެ ކަމެއްކަން އެގިއްޖެ. ސްކޫލް ދައުރުގައި ވިދާނާ ދިމާކޮށް، މަލާމަތްކޮށް ހެދިއިރު، މިއަދު އަހަރެން ވެފަ މިވަނީ އަހަރެންގެ އާއިލާއަށާ، މުޅި ދުނިޔެއަށް ހުރި މަލާމާތަކަށް. ބައެއްފަހަރު އަމިއްލަ ނަފުސު ދެކެވެސް ރުޅި އާދޭ. އޭގެ ހެކި މީ ” ލާފަ ހުރި އަތްދިގު، ގަޔަށްދޫ ގަމީހުގެ ދެއަތްކުރި މައްޗަށް ކަހާލުމަށްފަހު، ދެ އަތުގެ އުޅަބޮށިން ތިރި ޝުހާދަށް ދައްކާލިއެވެ. ” ޔާރައްބީ!!! ” އަޝްފާގުގެ އަތް ފެނުމުން ޝުހާދަށް ބުނެލެވުނެވެ. ދެއަތުގައި ވަނީ ތޫނު އެއްޗަކުން ކަޑާފައެވެ. ދުވަސް ވުމުގެ ސަބަބުން އެތަންތަން ފަސޭހަވެފަ ހުރި ކަމުގައި ވިޔަސް ލަކުނު ސާފުކޮށްފެންނަން ހުއްޓެވެ.
” މިކަމުން ސަލާމަތްވާން ވަރަށް ބޭނުން. އެކަމަކު އަހަރެނަށް އެހީއެއްވާނެ މީހެއްނެތް ” އަޝްފާގު ގަމީހުގެ އަތްކުރި ތިރިއަށް ދަމާލަމުން ބުނެލިއެވެ. ” ތި މީހުން މަގެއްގެ މަތިން ވެސް ފެނޭތޯ ވަރަށް ބެލިން. އެކަމަކު ފެންނަ ގޮތެއް ނުވި. ވެދާނެ މި ދުވަސްކޮޅުގެ ގޮތުންވީމާ ކަމަށް ފެންނަވަރު ނުވީ. އެކަމަކު ނަސީބުގަ އަދި ދިމާވާން އޮތީމާ ކަންނޭންގެ މިތަނުން މި ދިމާވީވެސް ” އަޝްފާގު ހިނިތުން ވެލަމުން ބުނެލިއެވެ. ” ކީއްކުރަން އަހަރުން ހޯދަން އުޅުނީ ” ޝުހާދު އަހާލިއެވެ. ” ހާލަތު ބަދަލުވެ، ބޭކާރުވެއްޖެކަމުގެ އިހްސާސް ކުރެވުން ފަހުން ރަނގަޅު ރައްޓެހިންނަކީ ކޮބާކަން ވިސްނުނީ ” އަޝްފާގު ބުނެލިއެވެ. ” އަސްލަށް ވެސް ތިކަމުން ސަލާމަތްވާން ބޭނުންތަ؟ ” ޝުހާދު ސުވާލުކޮށްލިއެވެ. ” ބޭނުންވާތީ ދޯ މިހެން ބުނާނީ ” އަޝްފާގު ބުނެލިއެވެ. ” ތިހެން އުޅޭ ގިނަ މީހުން އާންމުކޮށް ތިހެން ބުނެ އުޅޭ. އެކަމަކު އެއްގޮތެއްގަ ނުހުރެވޭތަން ފެންނަނީ ” ޝުހާދު ބުނެލިއެވެ. ” ތިވެސް ރަނގަޅު ވާހަކަ އެއް. އެކަމަކު އަހަރެން އެހެން މިބުނީ ހަމަ ހަގީގަތުގަ ވެސް ރަނގަޅުވާން ބޭނުންވާތީ ” ދިގުވެފައިވާ އަޝްފާގުގެ ބޮލުގެ އިސްތަށިގަނޑު ރީތިކޮށްލަމުން ބުނެލިއެވެ. ” އެންމެ ރަނގަޅު. ތިކަމުގަ އަހަރެމެން ދެމީހުންނަށް ކޮށްދެވެން އޮތްކަމެއް ކޮށްދޭނަން ” ޝުހާދު ވިދާނަށް ބަލާލަމުން ބުނެލިއެވެ. ” ވިދާން ވެސްތަ؟ ” އަޝްފާގު ވިދާނަށް ބަލާލަމުން ބުނެލިއެވެ. ” އާނ… އަހަރެން ވެސް. އެކަމަކު އަހަރެން އަޝްފާގުއަށް އެހީ ވާނީވެސް އަދި މާފުކުރާނީ ޝަރުތެއްގެ މަތިން ” ވިދާން ބުނެލިއެވެ. ” ކޮންމެ ޝަރުތެއް ވެސް ގަބޫލު ހަމަ ” އަޝްފާގު ބުނެލިއެވެ. ” އެހެންވިމާ ބައްޕަޔާ ވާހަކަ ދައްކާލާފަ އަޝްފާގުއަށް ހަބަރެއް ވާނަން ” ޝުހާދު ބުނެލިއެވެ.
” އެންމެ ރަނގަޅު ” އަޝްފާގު ބުނެލިއެވެ. ” ބުނަން ވާހަކައެއް. އަޝްފާގު މިހާރުން މިހާރަށް ތިއުޅޭމީހުންނާ ދުރުވޭ. އަދި ތިކަމުން ސަލާމަތްވާން ރިހެބަށްދާން ތައްޔާރުވެގެން ހުރޭ. ރިހެބުން ފަރުވާ ހޯދައިގެން އަންނަ ދުވަހަކުން އަހަރެން އަޝްފާގުއަށް މާފުކުރާނަން ” ވިދާން ޝުހާދަށް ބަލާލަމުން ބުނެލިއެވެ. ” އެތެދެއް. ރިހެބުން ފަރުވާ ހޯދަންއުޅޭ. އޭގެ ފަހުން ކުރިއެކޭ އެއްގޮތަށް އަހަރުން އަޝްފާގު އެކްސެޕްޓް ކުރާނަން ” ޝުހާދު ބުނެލިއެވެ. ” ރިހެބަށް ގޮސް، ފަރުވާ ހޯދައިގެން އަޔަސް، ދެވަނަ ފަހަރަށް މަސްތުގެ ތެރެއަށް ވަދެއްޖެނަމަ އަހަރުން ހޯދަން ނޫޅޭތި ” ވިދާން އަޝްފާގަށް ބަލާލަމުން ބުނެލިއެވެ. ” ޕްރޮމިސް. އެކަހަލަ އެއްވެސް ކަމެއް އިރާދުކުރެއްވިޔާ ނުވާނެ ” އަޝްފާގު ބުނެލިއެވެ. ” ތޭކްސް ” މިހެން ބުނެ އަޝްފާގު ވިދާން ގަޔާ ކައިރިކޮށްލިއެވެ. ” އައްޗީޑި. ދުވާ ވަސް… ކިތައްދުވަސް ވެއްޖެތަ ފެންނުވަރާތާ ” ވިދާން އަޝްފާގު ގަޔާ ދުރަށް ކޮށްޕާލަމުން ސުވާލުކޮށްލިއެވެ. ” ދެ ދުވަސް ވެދާނެ ” އަޝްފާގު ބުނެލިއެވެ. ” ވަޓް… މުޑުދާރު. ހަމަ މިހާރުދޭ މޫދަށް އެރި ހިނައިގަންނަން ” މޫދާ ދިމާއަށް އަތްދިއްކޮށްލަމުން ވިދާން ބުނެލިއެވެ. ” އާނ… ތީ އޮތް ގޮތަކީ. އަތުން އެއްޗެއް ނުދީ ގައިންތާހިރު ވެވޭނެ ފަސޭހައިން ” އަޝްފާގު ބުނެލިއެވެ. ” ކީކޭ ތިބުނީ ” ޝުހާދު އަހާލިއެވެ. ” މިބުނީ މިހެން ލާޗާރުވެގެން އުޅެންހަދައިގެންނޭ، ބޯހިޔާ ކޮށްލާނެ ގޮތެއްވެސް ނެތީ ” އަޝްފާގު ޝުހާދަށް ބަލާލަމުން ބުނެލިއެވެ.
” ކުރިން ނުލާހިކު ރަނގަޅު ބައެއްގެ ގާތުގައެއްނު އުޅުނީ ” ވިދާން ބުނެލިއެވެ. ” އާނ… އެމީހުން ވަރަށް ރަނގަޅު. އެކަމަކު އެގެއިންވެސް ނެރެލީ އަހަރެންގެ އުޅުން ހުރި ގޮތުން ” އަޝްފާގު ދެރަ ވެލާފަ ބުނެލިއެވެ. ” ދެން ކީއްވެ ރަށަށް ނުގޮސް، މާލޭގަ ގަނަތެޅެން ތިއުޅެނީ ” ޝުހާދު އަހާލިއެވެ. ” ރަށަށް ދިޔަސް އަހަރެން ވަންނާނެ ތަނެއް ނެތް. އަޅާލާނެ މީހެއްނެތް. ރަނގަޅުވާން ބޭނުން ވިޔަސް އެހީއެއްވެސް ވާނެ މީހެއް ނެތް ” އަޝްފާގު ބުނެލިއެވެ. ” އެކީއްވެ. އަޝްފާގުގެ މަންމަމެން ތިބޭނެއްނު. އެމީހުން އަޝްފާގުއަށް އެހީވެސް ވާނެއްނު ” ސުވާލުން ފުރިގެންވާ ރާގެއްގައި ޝުހާދު ބުނެލިއެވެ. ” މިހާރު އަދި އަމުދުން ނުވާނެ. އަހަރެން އުޅެމުންދާ ގޮތް ބައްޕައަށް އެނގިގެން ވަރަށް ކުރިންވެސް ބައްޕަ ބުނި ރަށަށް އަންނަން. އެކަމަކު އެދުވަހު އަހަރެން ބައްޕަގެ ބުނުމަށް ދެކޮޅުހެދިން. އޭގެފަހުން އަހަރެން ގެއިން ނެރެލީމާ ރަށަށް ދާންވެގެން މަންމައަށް ގުޅައިގެން ރަށަށް ދާން ބޭނުންވާ ވާހަކަ ދައްކަނިކޮށް ބައްޕަ އައިސް މަންމަ އަތުން ފޯނު އަތުލި ” އަޝްފާގު މޭގައި އަތްއަޅާ ކެއްސާލަމުން ބުނެލިއެވެ. ” ފޯނު އަތުލާފަ ބައްޕަ ކީކޭތަ ބުނީ ” ޝައުގުވެރިކަމާއެކު ޝުހާދު އަހާލިއެވެ. އެވާހަކަތައް އަޑު އަހަން ވިދާންވެސް އިނެވެ.
” މަންމަ އަތުން ފޯން އަތުލާފަ ބައްޕަ ބުނީ އަހަރެން އުޅެމުންދާ ގޮތް ބައްޕައަށް އެނގޭކަމަށް. ދާނެތަނެއް ނެތްކަމުގައި ވިޔަސް ގެއަށް ނުވައްދާނެ ކަމަށް ބައްޕަ ބުނި. އަދި އެއްވެސް ގުޅުމެއްވެސް ނޯންނާނެކަމަށް ބުނި ” އަޝްފާގު ބުނެލިއެވެ. ” ބައްޕައަށް ކިހިނެއް އަޝްފާގު އުޅެމުންދާ ގޮތް އެނގުނީ ” ވިދާން އަހާލިއެވެ. ” އޭރު އުޅުން ގެއިން ނެރެލިފަހުން، އަހަރެން އުޅެމުން ދިޔައީ އެތަން މިތަނުގަ. ފޯނަށް ނުގުޅޭތީ ބައްޕަ އެގޭ މީހުންގެ ގާތުގަ އަހަރެންގެ ވާހަކަ އެހީމާ، އެމީހުން ހުރިހާ ވާހަކައެއް ބައްޕައަށް ކިޔާދިނީ ” އަޝްފާގު އަތުގެ އިނގިލިތަކާ ކުޅެމުން ބުނެލިއެވެ. “ދެން އެހެންވިއްޔާ މިހާރު ކޮންތާކު ނިދާ ހަދަނީ ” ޝުހާދު އަހާލިއެވެ. ” އެކިފަހަރު އެކިތަނުގަ ނިދަނީ. ބައެއް ދުވަސް ދުވަހު ޕާކުތަކުގައި ވެސް ނިދަން ” އަޝްފާގު ބުނެލިއެވެ.
” ނުވިސްނާ އުޅުނީމާ އަމިއްލަމީހާއަށް އުޅެންޖެހިފަވާ ނިކަމެތި ގޮތް ބަލާބަލަ. ކުރިން ވެސް އަހަރުން ކިޔަމުން އައީ އަޝްފާގު ގާތުގައި ވިސްނައިގެން އުޅެން. އެކަމަކު އެދުވަހު އަހަރުން ދެއްކި ވާހަކަ އަޝްފާގު އަޑު އަހާކަށް ބޭނުމެއް ނުވި ” ޝުހާދު ނަސޭހަތުގެ ރާގެއްގައި ބުނެލިއެވެ. ” އާނ…! އެދުވަހު އަހަރެންނަށް ތި މީހުން ދައްކަމުން ދިޔަ ވާހަކަ އަކީ ގަބޫލު ކުރަން މާފަސޭހަ ވާހަކަ ތަކަކަށް ނުވުމުގެ ނަތީޖާ އަކީ މީ. މިއަދު މިހެން އުޅެން ޖެހުނީމާ ދެރަވެސް ވޭ. އެކަމަކު މީ އަހަރެން އަމިއްލައަށް ލިބިގަތް ދެރައެއް. އޭގެ ސަޒާ އަހަރެންގެ މުޅި ހަށިގަނޑުވެސް ތަހައްމަލުކުރަމުންދޭ. އެހެންވެ އަހަރެން ބުނީ އަހަރެން މި ކަމުން ސަލާމަތްވާން ބޭނުމޭ. އަދި އަލުން އަނބުރާ ގެއްލުނު އާއިލާވެސް ހޯދަން ބޭނުން ” އަޝްފާގުގެ ލޮލަށް ކަރުނަ ޖަމާވެގެން ދިޔައެވެ. ކޮންމެ ހާލަތަކާ ގުޅިގެން ނަމަވެސް، ފުރަތަމަ ފަހަރަށް އަޝްފާގު ލޮލަށް ޖަމާވެގެން ދިޔަ ވޭނީ ކަރުނަތައް ޝުހާދާ ވިދާނަށް ފެނުނެވެ. އެކަން އަޝްފާގުއަށް އެނގުމުން އަތުގެ ނުފުށުން ކަރުނަތައް ފޮހެލިއެވެ. ” ހަލޯ ” ޝުހާދު ފޯން ރިންގުވާން ފެށުމުން ޖީބުގައި އޮތް ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ. ” ކޮންތާކު ތިއުޅެނީ ” ތައުފީގު އަހާލިއެވެ. ” ރަސްފަންނުގަ މިހުރީ. ކިހިނެއްވީ ބައްޕާ ” ޝުހާދު އަހާލިއެވެ. އެވަގުތު އިސްދަށަށް ޖަހާލައިގެންއިން ވިދާން ޝުހާދަށް ބާލާލިއެވެ. ” މިހާރު އިރު އޮށްސެން ކުޑަތަންވަނީ. އެހެންވީމާ ދެން ގެއަށް އާދޭ ” ތައުފީގު ބުނެލިއެވެ. ” އާނ… އިރުކޮޅަކުން މިދަނީ ” ޝުހާދު މިހެން ބުނެ ފޯން ކަނޑާލިއެވެ. ” ބައްޕަ އެގުޅީ ލަސްވެގެން. ” ޝުހާދު ބުނެލިއެވެ. ” ހިނގާ ގެއަށް ދާން. އެހެން ނޫނީ ބައްޕަ ހިތްހަމަ ނުޖެހިދާނެ ” ވިދާން ބުނެލިއެވެ. ” ވިދާން އުޅެނީ ޝުހާދުމެން ގޭގަތަ ” ހައިރާންކަމާއެކު އަޝްފާގު އަހާލިއެވެ. ” އާނ… މިހާރު ކޮންދުވަހެއް ” ޝުހާދު ބުނެލިއެވެ.
” އެއީ ކިހިނެއްވީ ކަމެއްތަ؟ ” އަޝްފާގު އަހާލިއެވެ. އޭރު ގެއަށް ދިޔުމަށްޓަކާ ވިދާން ހުރީ އިށީދެގެން އިންތަނުން ތެދުވެއެވެ. ” އެއީ ވަރަށް ދިގު ވާހަކައެއް. އެހެން ފަހަރަކުން ކިޔާދޭނަން. މިއަދު ދެން ގެއަށް ދާނީ. ލަސްވެގެން ބައްޕަ އެގުޅީ ” ޝުހާދު ކޮޅަށް ތެދުވަމުން ބުނެލިއެވެ. އަދި އަޝްފާގުވެސް ކޮޅަށް ތެދުވިއެވެ. ދެ އެކުވެރިން އެކީގައި ހިނގާފައި ދިޔަ މަންޒަރު ބަލަން އަޝްފާގު ހުރުމަށްފަހު، އަނެއްކާވެސް ހަޓްދަށުގައި އިށީދެލިއެވެ. އަދި ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާމެދު ވިސްނާލިއެވެ. ހެޔޮއެދޭ މީހުން ދެމުން ދިޔަ ނަސޭހަތް ގަބޫލު ނުކޮށް ހިތުހުރި ގޮތަކަށް އުޅެމުން ދިޔުމުގެ ނަތީޖާއަކަށްވީ އެންމެންގެ ތެރެއަށް ގިނަވެ ބާކީވުމެވެ. އަޅާލާނެ ޔާރެއް އިޔާރެއް ނުވުމެވެ. އަދި މީހުންގެ ބަދު ބަސްތަކާ، ނަފުރަތާ ކުރިމަތިލާން ޖެހުމެވެ. އާއިލާގެ އެހީއެއް ނުލިބި ބިކަވުމެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

