Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޔާރާ އަހާށޭ 13

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
September 12, 2023 7 Mins Read
11 Comments

ގެއަށް ޒިމްނާ އަންނަ ކަން ރާއިދުއަށް އެނގިފައި އޮވެދާނެ ކަމަކަށް އަހަރެން ކުޑަކޮށްވެސް ހިއެއް ނުކުރަމެވެ. އަދި އަމްދުން ރާއިދު ޒިމްނާއާ ވާހަކަ ދައްކަފާނެއޭ އަހަރެން ހިތަށްވެސް ނާރައެވެ.

އެއީ ހުކުރު ދުވަހެކެވެ. ކުދިން މަންމަ ގެއަށް ގެންދަން ފެށި ފަހުން ހުކުރު ދުވަސްތަކުގައި އަހަރެން ގެއަށް ދަނީ ވަރަށް މަދުންނެވެ. އެ ހުކުރު ދުވަހު އަހަރެން ދިޔައީ ދާރިމް ބުނެގެންނެވެ. އޭނަގެ “ފްރެންޑެއް” ގެއަށް ގެންނާތީ ބައްދަލު ކޮށްލަން ވެގެންނެވެ. މެންދުރު ކެއުމަށް އަންނަން ބުނެފައި އޮތުމުން އަހަރެން ދިޔައީ ޗިލީ ޗިކަން ހަދައިގެންނެވެ. ގޭގައި މަންމައާ ނައުރާ ތައްޔާރު ކުރީ ފްރައިޑް ނޫޑްލްސްއެވެ.

ހަވީރު ރާއިދު ބަލާ އަންނަން ދެން މަޑު ނުކޮށް އަހަރެން ކުރިން ގެއަށް ދާން ނިކުތީ ޝިނާ ރޯގާ ވައްތަރުވެ ކިނބިހި އަޅަން ފެށުމުންނެވެ. ޒާމިލްއާ ނައުރާ ކާރުގައި އަހަރެން ގެއަށް ލާފައި ދިޔައީއެވެ. ދެ ކުދިން ގޮވައިގެން ގެއަށް ވަން އިރު ސިޓިންގްރޫމްގައި އެކަކުވެސް ނެތެވެ. ޓީވީ އިން ކާޓޫން އަޅުވާފައި ހުރުމުން ޝުޢާ އިށީނީ ކާޓޫން ބަލާށެވެ. ނިދިފައި އޮތް ޝިނާ ގޮވައިގެން އަހަރެން ދިޔައީ ކޮޓަރިއަށެވެ.

ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެވުމާއެކު އަހަރެންގެ ފިޔަވަޅު ހުއްޓުނީއެވެ. ފެނުނު މަންޒަރާ މެދު ޔަގީން ނުވެފައި އަހަންނަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

ދެ އަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފާލައިގެން ޝިނާގެ އެނދުގައި އިން ރާއިދު ބަލާލީ ދޮރު ހުޅުވުމުންނެވެ. އަހަރެން ފެނުމާއެކު ރާއިދު ތެދުވިއެވެ.

އަހަރެންނާ ރާއިދު ނިދާ އެނދުގައި ރޮވިފައި އިން ޒިމްނާވެސް އަވަސްއަވަހަށް މޫނު ފޮހެލާފައި ތެދުވިއެވެ. އެއްފަހަރު އަހަންނަށް ބަލާލާފައި ޒިމްނާ ރާއިދުއަށް ބަލާލީ ރާއިދު އެއްޗެއް ބުނޭތޯ ކަންނޭނގެއެވެ. ނަމަވެސް ރާއިދުގެ ސަމާލުކަން ހުރީ އަހަންނަށް ހުއްޓިފައެވެ.

ރާއިދުއަށް ބަލާލާފައި ޒިމްނާ އަހަރެން ކައިރިން ލާފައި ކޮޓަރިން ނިކުތެވެ. ދެންވެސް އަހަންނަށް ހުރެވުނީ ރާއިދުއާ ދިމާއަށް ބަލާށެވެ.

“ދީނާ…” ރާއިދު ކުރިއަށް ފިޔަވަޅެއް އަޅާލަމުން ގޮވާލިއެވެ.

އަހަރެން އެތެރެއަށް ވަދެ އެނދުގައި ޝިނާ ބޭއްވީއެވެ.

“ދީނާ…” ރާއިދު އަނެއްކާވެސް ގޮވާލަމުން އައިސް އަހަރެންގެ އަތުގައި ހިފާލިއެވެ.

އަހަރެން އަތް ފޮޅުވާލަމުން ދުރަށް ޖެހުނީއެވެ.

“މި ކޮޓަރިއަށް އޭނަ ވައްދަން ޖެހުނީ ކީއްވެ؟” ހިތުގައި އޮތް ސުވާލު ކޮށްލީމެވެ.

“އަހަރެން އޭނަ ވެއްދީއެއް ނޫން—”

“ރާއިދު ނުވައްދަނީސް ކޮންމެ ކޮންމެ މީހަކަށް މި ތަނަށް ވަދެވޭތަ؟ ރާއިދުއަށް އެނގޭތަ އޭނަ މި ގެއަށް އަންނަ ކަން؟ މަންމައަށް އޭނަ މި ގެއަށް ގެނެވުނަސް ރާއިދުއާ އެކީ ރާއިދުގެ ކޮޓަރިއަށް މަންމައަކަށް އޭނައެއް ނުވެއްދޭނެ” ބޭނުން ނުވިޔަސް ފެނުނު މަންޒަރުން އަހަރެންގެ ހިތުގައި ޝައްކު އުފެދިއްޖެއެވެ. މަންމަ އެދޭ އެދުން ފުރިހަމަ ކޮށްދިނުމަށް ރާއިދު އުޅެނީއޭ ހިތަށް އެރިއެވެ.

“ޒިމްނާ ރޯން ފެށީމަ ނެރެން ނުކެރުނީ…” ލަސްލަހުން ރާއިދު ބުންޏެވެ. އެހެން ބުނި އިރުވެސް އެ ބަހަނާ އަހަރެން ގަބޫލު ނުކުރާނެ ކަން ރާއިދުއަށް އެނގޭ ކަހަލައެވެ.

އަހަރެން އެއްޗެއް ނުބުނަމެވެ. އެ ދެއްކީ އަހަންނަށް ގަބޫލު ކުރެވޭ ވަރުގެ އުޒުރެއް ނޫނެވެ. އައިސްފައި ހުރި ރުޅި އިތުރަށް ގަދަވީ އެހެންވެއެވެ. ހިތުގައި އުފެދެމުން ދިޔަ ޝައްކު ކުރިލާ ހެދި ވަރުގަދަ ވަމުން ދިޔައީ އެހާ އަވަހަށެވެ. އެހެން ނުވާނީ ކީއްވެ ހެއްޔެވެ؟ ޒިމްނާ އެއީ ރާއިދުގެ ފުރަތަމަ ލޯތްބެވެ. ކައިވެނި ކުރަން ރާއިދު ބޭނުންވި ފުރަތަމަ އަންހެން ކުއްޖާއެވެ. ރާއިދުގެ މަންމަގެ އެދުމަކީ މިއަދުވެސް ރާއިދުއާ ޒިމްނާ ގުޅުމެވެ. އެހެން ނޫން ނަމަ މަންމަ އެ ގެއަށް ޒިމްނާ ނުގެންނާނެއެވެ.

“ދީނާ… ޓްރަސްޓް މީ…” އަނެއްކާވެސް އަހަރެންގެ އަތުގައި ހިފާލަން ރާއިދު އުޅުނެވެ. އޭނައަށް އިތުބާރު ކުރަން އެދެމުންނެވެ.

“ރާއިދުގެ ފަރާތުން ދުވަހަކުވެސް ފެނިދާނެ ކަމަށް ހީނުކުރާ މަންޒަރެއް މި ފެނުނީ. ރާއިދުގެ ފަރާތުން އިޝާރާތެއް ނުލިބި މި ކޮޓަރިއަށް ރާއިދުއާ އެކީ އޭނަ ވަންނަން ވީ ކީއްވެ؟ އޭނަ ވަނިއްޔާ ރާއިދުއަށް ނިކުންނާށޭ ނުބުނެވުނުތަ؟ ނޫނީ ރާއިދުއަށް ނުނިކުމެވުނުތަ؟ ރޮއެރޮއެފަ އޭނަ ރާއިދު ކައިރީ ދައްކަން އޮންނާނީ ކޮން ވާހަކައެއް؟ ކޮންމެ ވާހަކައެއް ދެއްކިޔަސް ރާއިދު ޖެހޭތަ އަޑުއަހަން؟ އަޑު އަހަން ވިއްޔާ ކީއްވެ ބޭރުގަ ނުތިބެވުނީ؟” އަހަރެން އަނެއްކާވެސް ރާއިދުގެ އަތް ފޮޅުވާލީމެވެ. އަހަރެން ސުވާލު ކުރީ ޖަވާބު ބޭނުން ވެގެންނެވެ.

ނަމަވެސް ރާއިދުގެ ފަރާތުން ފެނުނީ ހިމޭންކަމެވެ. އަހަންނަށް ބަލާލާފައި އިސްތަށިގަނޑުތެރޭ އަތުގެ އިނގިލިތައް ހިންގާލަމުން ރާއިދު އެނބުރުނެވެ.

“މަންމަ މި ގެއަށް ޒިމްނާ ގެންނަ ކަން ރާއިދުއަށް އެނގޭތަ؟” އެ ސުވާލަށް ކުރިން ރާއިދު ޖަވާބު ނުދޭތީ އަހަރެން އެ ސުވާލު ތަކުރާރު ކޮށްލީމެވެ.

އަނގައިން ނުބުނެ ރާއިދު ބޯ ޖަހާލީވެސް އަހަންނާ ދިމާއަށް ނުބަލާ ހުރެއެވެ.

އެހެން ހީވެފައި އޮތަސް ރާއިދު އެއްބަސް ވުމުން އަހަންނަށް ގަބޫލު ކުރަން ދަތިވިއެވެ. އަހަރެންގެ ހިތަށް ތަދުވިއެވެ. މެއަށް ބާރުވާން ފެށިއެވެ. ލޮލަށް ކަރުނަ ޖަމާވިއެވެ. އެ ހުރިހާ ކަމަކަށް ވުރެ އަހަންނަށް އިސްކުރެވުނީ ރުޅިއެވެ.

“އަހަރެން ކުރި ސުވާލުތަކަށް ޖަވާބު ނުދީ ތި ހުންނަނީ ކީއްވެ؟ މި ގެއަށް ޒިމްނާ ގެންނަންވީ އެއްވެސް ސަބަބެއް އޮތީތަ؟ ނޫނީ… މަންމަ ބޭނުން ވެގެން އުޅޭ ކަންތައް ކޮށްދޭންތަ ރާއިދު ތި އުޅެނީ؟” ރުޅި ގަދަ ވަމުން ދިޔަ ވަރަކަށް އަހަރެންގެ އަޑުވެސް ދިޔައީ ބާރުވަމުންނެވެ.

“އަހަރެން ނޫޅެން އެއްވެސް ކަމެއް ކުރާކަށް. މަންމަ ބުންޏަސް އަހަރެން ނުކުރާނެ ކަންތައް ހުންނާނެ” ރާއިދުގެ އަޑުވެސް ބާރުވިއެވެ.

“ކަމެއް ކުރަން ހިތުގަ ނެތިއްޔާ އެހެން މީހުންނާ ވަކިން ތިބޭކަށް ނުޖެހޭނެ. އަހަރެން ނެތް ކަން އެނގޭ އިރު މި ކޮޓަރިއަށް އޭނަ ވައްދާކަށް ނުޖެހޭނެ” އަހަރެން ގޮސް ދެ އަތުން ރާއިދުގެ މޭގައި އަޅާ ކޮއްޕާލީމެވެ.

“އަހަންނާ ދޭތެރޭ ދީނާ ޝައްކު ކުރާ ވަރުގެ ކަމެއް އަހަރެން ނުކުރަން” އަހަރެންގެ ދެ އަތުގައި ހިފައްޓަމުން ރާއިދު ބުންޏެވެ.

“އަހަރެން ޝައްކު ކުރަންވީ ކިހާ ވަރަކަށް ފެނުނީމަތަ؟ އަހަންނަށް ނާދެވުނު ނަމަ އެ ޒިމްނާ ރާއިދު ގޮވައިގެން އޮންނާނީ އެނދުމަތީ—” އަހަންނަށް އެ ވަރަށް ބުނެވުނު އިރަށް ރާއިދު އަހަރެންގެ ނަމުން ބާރަށް ގޮވާލަމުން އަހަރެންގެ ކޮނޑުގައި ދެ އަތުން ހިފާ ތަޅުވައިގަތެވެ.

“އަހަރެން ބުނާ އެއްޗެއް އަޑު ނާހާ ހިތަށް އެރިހާ އެއްޗެއް ނުކިޔައްޗޭ” ރާއިދު ބުނެލިއެވެ.

“ރާއިދުއަށް އަހަރެންގެ ދުލަކު ނުހިފެހެއްޓޭނެ، އަހަރެން ބޭނުން އެއްޗެއް ކިޔާނަން. މަންމަގެ ބަސް އަހައިގެން ރާއިދު ނުޖެހޭނެ އަންހެނަކު ގޮވައިގެން—”

އަހަރެން ބުނަން އުޅުނު އެއްޗެއް ފުރިހަމަ ވިޔަނުދީ ރާއިދު އަހަރެންގެ ކޮލުގައި އަތުން ހިފާ ބާރުކޮށްލިއެވެ.

ވީ ތަދުން އަހަރެންގެ ލޮލުން ކަރުނަ އައެވެ. ގައިގައި ހުރި ބާރެއް ލާފައި ދެ އަތުން ރާއިދުގެ އަތުގައި ހިފާ ދުރުކޮށްލީމެވެ. އޭރު އަނގައިން ލޭރަހަ ލައިފިއެވެ.

“ރާއިދު މޮޔަވީތަ؟ ދުރަށް ދޭ” ދެންވެސް އަހަރެންގެ ކޮނޑުން އަތް ނުނެގުމުން ރާއިދުގެ މޭގައި އަތްއަޅާ ކޮއްޕާލީމެވެ.

އަހަރެން ގައިން ދޫކޮށްލާފައި ރާއިދު ދެ ފިޔަވަޅު ފަހަތަށް ޖެހިލިއެވެ. އޭރުވެސް ރާއިދު އައިސްފައި ހުރި ރުޅި މަޑެއް ނުވެއެވެ.

“ކިތަންމެ ރުޅި އަޔަސް އެ އަންހެން މީހާ ގޮވައިގެން ރާއިދު މި ކޮޓަރިއަށް ނުވަންނަ ކަމަކަށް ނުވާނެ. ރާއިދުގެ މަންމަ ތި ދެ މީހުން މި ތަނަށް ވެއްދީ ކޮން ކަމެއް ކުރުވަން ކަން މަށަށް އެނގެޔޭ” ރާއިދު ކަންތައް ކުރި ގޮތުން އަހަރެން ހައްތަހާ ރުޅި ގަދަވީއެވެ.

“ކިތައް ފަހަރު ބުނީމަތަ ދީނާއަށް އަޑު އިވޭނީ؟ އަހަރެން އޭނަ މި ކޮޓަރިއަކަށް ނުވައްދަން، އަމިއްލައަށް އައިސް ވަނީ. މި ގެއަށް އޭނަ ގެންނަނީ އަހަންނެއް ނޫން” ދެ އަތުން ބޮލުގައި ހިފާ އިސްތަށިތަކަށް ވާންވާ ވަރަށް ބާރުކޮށްލަމުން ރާއިދު ހަޅޭލަވައިގަތެވެ.

ދިރިއުޅުމާމެދު ގޮތެއް ނިންމަން ވީ ކަމުގައި ހިތާ ސިކުނޑި އެއްފަހަރާ ގޮވަން ފެށިހެން އަހަންނަށް ހީވިއެވެ. އެ އަޑަށް ދެން ބީރު ކަންފަތެއް ދީގެން އަހަންނަކަށް ނުހުރެވޭނެއެވެ.

“ކޮންމެ އިންސާނަކަށްވެސް ކެތް ވާނީ ވަކި ވަރަކަށް ރާއިދު. އަހަންނަކަށް ދެން ނުވާނެ. މަންމައަށް ޖެހޭނީ އަހަރެން ކުރާ ސުވާލަށް ޖަވާބު ދޭން. އޭގެ ފަހުން ދެން ރާއިދު ގޮތެއް ނިންމާ” އަހަރެން އެހެން ބުނެފައި ކޮޓަރިން ނިކުތީމެވެ.

ސިޓިންގްރޫމްއަށް އަހަރެން ނިކުތް އިރު މަންމަ ކައިރީ ސޯފާގައި ޒިމްނާ އިނެވެ. މަންމަ އިނީ އެއް އަތުން ޒިމްނާގެ އަތުގައި ހިފަހައްޓައިގެން އަނެއް އަތުން އޭނަގެ ބުރަކަށީގައި ފިރުމާށެވެ. އެ މަންޒަރު ފެނި އަހަންނަށް ގަބޫލު ކުރަން ދަތިވިއެވެ. މަންމައަށް ވުރެ ބޮޑަށް އެ ވަގުތު އަހަރެން ރުޅި އައީ ޒިމްނާ ދެކެއެވެ.

“ތީ ކޮން ކަހަލަ އަންހެނެއްތަ؟ ރާއިދު ލިބިފަ އޮއްވާ އަމިއްލަ އަތުން ނޫންތަ އޭނަ ގެއްލުވާލީ؟ ދެން މިއަދު މަގޭ ދިރިއުޅުން ހަލާކު ކުރަން އައިސް ތިއުޅެނީ ކީއްވެގެން؟ މި ދުނިޔެއިން ރާއިދު ނޫން ފިރިހެނަކު ނުފެނުނީތަ؟” މަންމަ ކައިރީ ޒިމްނާ އިންގޮތުން އައި ރުޅިން އަޑު ބާރުކޮށް އަހަންނަށް ސުވާލު ކޮށްލެވުނެވެ.

“ދީނާ، ފާޑުފާޑުގެ ވާހަކަ ނުދައްކާ!” މަންމަ ހަޅޭލަވައިގަތެވެ.

މަންމަގެ އަޑަށް ރާއިދު ކޮޓަރިން ނިކުތެވެ. ޒިމްނާ ފެނުމުން ރާއިދު ހުއްޓުނު ގޮތުން އަދިވެސް ޒިމްނާ ގޭގައި އިނދެދާނެ ކަމަށް އޭނަ ހީނުކުރާ ކަން އެނގެއެވެ.

“މަންމަ ކީކޭ ހިތަށް އަރައިގެންތަ މީނަ މިގެއަށް ވައްދައިގެން ތި އުޅެނީ؟ އަހަރެންނާ ރާއިދުގެ މެދަށް މީނަ ވައްދަންތަ މަންމަ ތި އުޅެނީ؟ މަންމައަށްވެސް ނުކެރޭ ފާޅުގަ ކަމެއް ކުރާކަށް. އަހަރެން ނެތް އިރު މީނަ ގެނެސް ވައްދައިގެން ނޫޅެ މަންމަގެ ދަރިފުޅު ކައިރީ ބުނެބަލަ އަހަންނަށްވެސް ފެންނަ ހެން ކަންތައް ކުރާށޭ” އަހަރެން މަންމައާ ދިމާއަށް ބުނީމެވެ.

“ދީނާ!” ރާއިދު އަހަރެންގެ ނަމުން ގޮވާލީ އިންޒާރެއް ފަދައިންނެވެ.

“އަހަރެން ނުދެކެން ދުވަހަކުވެސް ތިކަހަލަ މަންމައެއް. އަމިއްލަ އުފަލަށް ދަރިއެއްގެ ދިރިއުޅުން ހަލާކު ކޮށްލަން ތި އުޅެނީ ދަރިން ދެކެ ކިހިނެއް ލޯބި ވާތީތަ؟” އަހަރެން ރާއިދުގެ އަޑެއް ނާހަމެވެ.

“އަހަރެން ރުހިގެންނެއް ނޫން ރާއިދު ދީނާއާ އިނީ—” މަންމަ ބުނަން އުޅުނު އެއްޗެއް ފުރިހަމަ ކުރަން ދެން އަހަރެން ނުހުންނަމެވެ.

“މަންމަ ނުރުހުނަސް ރާއިދު އިނީ އަހަންނާ. ކީއްވެތަ ގަބޫލު ނުކުރެވިގެން ތި އުޅެނީ؟” އަހަރެން ހަޅޭލަވައިގަތީމެވެ.

“ދީނާ!” ރާއިދު އައިސް އަހަރެންގެ އަތުގައި ހިފާ އޭނައާ ދިމާއަށް އަނބުރާލިއެވެ.

އަޑުގަދަވެގެން ފައިހާއާ ރައުހާވެސް އެ ވަގުތު ނިކުތެވެ.

އަހަރެން ރާއިދުގެ އަތް ފޮޅުވާލީމެވެ.

“މަންމަ ކައިރީ އަހާ އޭނަ މި ގެއަށް ވައްދަނީ ކީއްކުރަންތޯ؟ އަހަރެން ޖަވާބު ބޭނުން. މަގޭ ދިރިއުޅުމާ އެ ކުޅެނީ. އެހެން ވީމަ މަށަށް ސުވާލު ކުރެވޭނެ، މަންމަ ޖެހޭނީ ޖަވާބުވެސް ދޭން” އަހަރެން އަނެއްކާވެސް ހަޅޭލަވައިގަތީމެވެ.

“އަހަރެން ބޭނުން ވެގެންނެއް ނޫން ރާއިދު ދީނާއާ އިނީކީ. އެކަމަކު އަހަރެން ނުބުނަން ރާއިދު ކައިރިއަކު ދީނާ ވަރި ކުރާކަށް. އަހަރެން މި ބުނަނީ ދެ އަނތްބަށް ޒިމްނާއާ އިންނާށޭ. މިހާރު ޖަވާބު ލިބިއްޖެތަ؟” މަންމަ ބުނި އިރު ހީވީ އަހަންނަށް ހެޔޮކަމެއް ކޮށްދޭން އުޅެ، އެ ވާހަކަ ބުނެލި ހެންނެވެ.

“މަންމާ، ކޮން ކަހަލަ ވާހަކައެއް ތި ދައްކަނީ؟” ހައިރާންވެފައި ހުރެ ފައިހާ އަހާލިއެވެ.

“މަންމަ އެހެން ބުނިތަ ރާއިދު ކައިރީ؟” އަހަރެން ބޭނުންވީ އެ ފަދަ ވާހަކައެއް ރާއިދު ގާތު މަންމަ ދެއްކިކަން ޔަގީން ކުރާށެވެ.

“އާނ އަހަރެން ބުނިން ރާއިދު ކައިރީ. އަހަރެން ނޫޅެމޭ ދީނާގެ ދިރިއުޅުން ހަލާކު ކުރާކަށް. ދީނާ، ޒިމްނާ ވަރަށް ހާލުގަ އެ އުޅެނީ. އޭނަގެ މައިން ބަފައިން ނިޔާ ވެއްޖެ، އިނދެގެން އުޅުނު މީހާ ދަރިފުޅާ ޒިމްނާ ދޫކޮށްލާފަ ދިޔައީ އެ ފަކީރުގެ ހުރިހާ މުދަލެއް ހިފައިގެން. ޒިމްނާއަށް އެހީ ވާނެ އެކަކުވެސް ނެތޭ. މީހަކަށް އެހީ ވުމަކީ ގޯސް ކަމެއްތަ؟” ރާއިދުއަށް ޖަވާބެއް ނުދެވެނީސް މަންމަ ބުންޏެވެ. ހީވީ ކުރަން އުޅެނީ ކިހާ ރަނގަޅު ކަމެއް ކަން އަހަންނަށް ވިސްނައިދޭން އުޅުނު ހެންނެވެ.

“މަންމަ މޮޔަވީތަ؟” އެ ވަގުތު އެ ސުވާލު ކޮށްލީ ރައުހާއެވެ. ފައިހާ އެކޭ އެއްގޮތަށް ރައުހާގެ ފަރާތުންވެސް ފެނުނީ މަންމަގެ ވާހަކަ ގަބޫލު ކުރަން އުނދަގޫ ވެގެން އުޅޭ ފަދަ އަސަރެކެވެ.

“ރައުހާއާ ބެހޭ ކަމެއް ނޫން މީކީ” މަންމަ ބުންޏެވެ.

“ރާއިދު އާއެކޭ ބުނިންތަ؟” އަހަރެން ދެންވެސް ސުވާލު ކުރީ ރާއިދުއާއެވެ.

“މަންމަ ބުންޏަސް ކުރަން ބޭނުން ނުވާ ކަމަކަށް އެއްބަހެއް ނުވެވޭނެ” ރާއިދު ބުންޏެވެ.

“ރާއިދު. މަންމަ ބުނެގެން އެ ވަރު ކަމެއްވެސް ކޮށްނުދެވޭނެތަ؟ ޒިމްނާއަކީ ގޯސް ކުއްޖެއް ނޫނޭ. ކީއްވެގެންތަ ރާއިދުއަށް ނުވިސްނެނީ؟ މަންމައަށް ޓަކާވެސް—”

“ޒިމްނާއާ އިންނަން އުޅެފަ ރާއިދު އެކަން ހުއްޓާލީ ކީއްވެ ކަން އެނގޭ ނަމަ ނުބުނާނެ ތިހެންނެއް” އަހަރެން އެ ވަގުތު މަންމަގެ ވާހަކަ މެދުކަނޑާލަމުން ބުނީމެވެ.

“އަހަރެން މި ވާހަކަ ދައްކަނީ އަހަރެންގެ ދަރިއަކާ. މި ދެތެރެއަށް ނުވަދެ ދީނާ މަޑުން ހުރޭ” މަންމަގެ ރުޅި ދެންވެސް އަމާޒުވީ އަހަންނަށެވެ.

“ދަރިއަކަށް ޓަކާ މަންމައަކު ހޯދާނެ އެންމެ ރަނގަޅު އަންހެން ކުއްޖާ ތީ” މަލާމާތުގެ ރާގަކަށް އަހަރެން ބުނެލީ ޒިމްނާއާ ދިމާއަށް ބަލާލަމުންނެވެ.

ޒިމްނާ ދެފަރާތަށް ބޯ ހަލުވަމުން ރާއިދުއަށް ބަލާލިއެވެ. އޭނަގެ ސިއްރު އެހެން މީހުން ކުރިމަތީ ހާމަ ކުރިޔަ ނުދޭށޭ ރާއިދު ގާތު ބުނާ ކަހަލައެވެ.

“ޒިމްނާއާ ދިމާއަށް ކޮންމެ ކޮންމެ އެއްޗެއް ނުކިޔައްޗޭ ދީނާ” މަންމަ އަނެއްކާވެސް ހަޅޭލަވައިގަތެވެ.

ޒިމްނާއާ ހެދި މަންމަ އެހާ ވަރުން އުޅޭތީ އަހަރެން ހައްތަހާ ރުޅި ގަދަވިއެވެ. އެއީ ކޮން ކަހަލަ އަންހެނެއް ކަން އެނގުމަށް ފަހުވެސް ރާއިދުގެ ޙަޔާތަށް އެ އަންހެން ކުއްޖާ ގެންނަން މަންމަ އެހާ ވަރުން އުޅޭނެ ހެއްޔެވެ؟

“ތިހާ ރަނގަޅު ވެގެން ތި އުޅޭ މީހާއާ ރާއިދު ކައިވެނި—”

“ދީނާ. އަހަރެން ބުނެފީމެއްނު މަންމަ ބުންޏަސް އަހަރެން ޒިމްނާއަކާ ނީންނާނަމޭ. ދެން ތި ޒުވާބު ހުއްޓާލާ. މިތާކު އެއްވެސް މީހެއްގެ ވާހަކައެއް ދައްކާނެ ކަމެއް ނެތް” ރާއިދު އަހަރެންގެ ނަމުން ގޮވާލީ ޒިމްނާގެ ވާހަކަ އިތުރަށް ދައްކަން ބޭނުން ނުވާތީ ކަން އަހަންނަށް އެނގެއެވެ.

“އެހެން ވިއްޔާ އޭނަ ނެރޭ މިގޭން” ޒިމްނާއާ ދިމާއަށް އިނގިލި ދިއްކޮށްލަމުން އަހަރެން ބުނީމެވެ.

“ދީނާ!” އަނެއްކާވެސް މަންމަގެ އަޑު ގަދަވިއެވެ.

“މަންމާ، އިތުރަށް ތި ވާހަކަ ދައްކަން ނޫޅޭ ދެން، އަހަރެން ކިތައް ފަހަރު މަންމަ ކައިރީ ބުނާނީ ތި ކަމެއް އަހަރެން ނުކުރާނަމޭ؟ މަންމަ އެދުނު ކަމަކާ ދުވަހަކުވެސް ދެކޮޅެއް ނުހަދަމެއްނު؟ ޒިމްނާއަށް އެނގޭނެ އަހަރެން އޭނައަކާ ނީންނާނެ ކަން، ކީއްވެގެން ކަންވެސް އެނގޭނެ. އަހަންނަށް ރަނގަޅީ ދެން އިތުރަށް އެއްވެސް އެއްޗެއް ނުކިޔާ މި ކަންތައް ނިންމާލިއްޔާ. މަންމަ ކައިރީ ކިތަންމެ ވަރަކަށް ކިޔަސް އަހަރެން ކުރިން ދިން ޖަވާބު ބަދަލެއް ނުވާނެ” މަންމައަށް ރާއިދުގެ ނިންމުން އިއްވަމުން، އެ ނިންމުން ދެން ބަދަލު ނުކުރާނެ ކަން ޒިމްނާއަށްވެސް ރާއިދު ހާމަކުރިއެވެ.

އަތުން ލޯ ފޮހެލަމުން ސޯފާމަތީ އޮތް ދަބަސް ނަގައިގެން ޒިމްނާ ގެއިން ނިކުތެވެ.

“އަހަރެން މި ގެއަށް ވައްދާ މީހަކު ދީނާއަކަށް ނުނެރެވޭނެ” މަންމަ އެނބުރުނީ އަހަންނާ ދިމާއަށެވެ.

“ދީނާއަށް ނުނެރެވުނަސް އަހަންނަށް ނެރެވޭނެ. ދެން މި ގެއަށް އޭނަ ވައްދައިގެން ނުވާނެ” އަހަރެންގެ ބަދަލުގައި ޖަވާބު ދިނީ ރާއިދުއެވެ.

“މަންމަ ހަނދާން ނެތުނީތަ މި ގެއަށް އަހަރެންގެ ކޮއްކޮ ނުވައްދާށޭ ބުނި ދުވަސް؟ އަހަރެންގެ ކޮއްކޮއަކަށް މި ގެއަށް ނުވަދެވޭ އިރު އެ އަންހެން މީހާއަށް ވަދެވެންވީ ކީއްވެ؟” އަހަރެން ބުނެލީ ނިއަމްއާ ނަވާފް ގެއަށް ވަނުން މަންމަ މަނާ ކުރި ދުވަސް ހަނދާން ކޮށްފައެވެ.

“ދެން މި ގެއަށް ދީނާގެ އެއްވެސް މީހަކު ވެއްދޭތޯ ބަލާނަމޭ” މަންމަ އަހަންނާ ދިމާއަށް ބުންޏެވެ.

އަހަރެންގެ ރުޅި އިންތިހާއަށް ދިޔައީ އެ ވަގުތުއެވެ. މަންމައަށް ބަލަން ހުރެފައި އަހަރެން އެނބުރުނީ ރާއިދުއާ ދިމާއަށެވެ.

“އަޑު އިވުނުތަ؟” އަހަރެން އަހާލީމެވެ.

“ދީނާ، މަންމާ، ދެން ތިކަން ހުއްޓަން ވެއްޖެއެއްނު؟” ދެ އަތުން ބޮލުގެ ދެފަރާތުގައި ހިފާ ބާރު ކޮށްލަމުން ރާއިދު ބުންޏެވެ.

“މަންމަ ބުނި އެއްޗެއް ރާއިދުއަށް އަޑު އިވުނުހޭ؟” އަހަރެންގެ އަޑު ކުރިއަށް ވުރެ ބާރުވިއެވެ.

ރާއިދު އިތުރަކަށް އެއްޗެއް ބުނާކަށް ބޭނުމެއް ނުވިއެވެ. އަހަރެންގެ އަތުގައި ހިފި ގޮތަށް ކޮޓަރިއާ ދިމާއަށް ދާން އުޅުމުން އަހަރެން ރާއިދުގެ އަތް ފޮޅުވާލީމެވެ.

“އެންމެ އިރުކޮޅަކުވެސް މި ގޭގަ ހުންނާކަށް ދެން ބޭނުމެއް ނޫން” އަހަރެން ބުނީމެވެ.

“ކޮންމެ ކަމެއް ތިހާ ބޮޑު ކުރަން ނޫޅެބަލަ، އިރުއިރުކޮޅާ ކޮން ވާހަކައެއްތަ ތި ދައްކަނީ؟ ކުޑަ ކުއްޖެއްތަ ތީ އެކައްޗެއް ކިޔާފަ ބޮޑާ ހާކަން؟” ރާއިދުގެ އަޑުވެސް ބާރުވިއެވެ.

“އަހަންނާ އެކީ އުޅެން ބޭނުމިއްޔާ ރާއިދު އަހަރެން ގޮވައިގެން ހިނގާ، އެހެން ނޫނީ އަހަރެން ފޮނުވާ” އަހަރެން ގޮތެއް ނިންމީމެވެ.

ރާއިދު އަނގައިން ނުބުނެ އަހަންނަށް ފުރަގަސް ދީފައި ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.

“ނުދެވޭނެ ތިހެންނެއް. އަހަރެން ވަރިކުރޭ. އޭރުން ދެން އޭނަ ގެނެސް ވައްދައިގެން އުޅޭ ފަހަރަކު ހުއްޓުވާކަށް އަހަރެން ނާންނާނެ. މަންމަ ބޭނުން ވާހެން އެ ޒިމްނާ ގޮވައިގެން ރާއިދުއަށް—”

އެންމެންގެ ތެރޭ ރާއިދުއާ ދިމާއަށް އެހެން ބުނުމުން، އައިސްފައި ހުރި ރުޅީގެ މައްޗަށް ރާއިދުއަށް ބާރެއް ނުފޯރުވުނެވެ. އަހަރެން ބުނަން އުޅުނު އެއްޗެއް ނުބުނެވެނީސް އަތް ހިއްލާ އަހަރެންގެ ކޯމަތީ ރާއިދު ޖެހިއެވެ.

ޖެހި ބާރުމިނުގައި އަހަރެން ވެއްޓުނެވެ. ބޮލަށް އެނބުރުން އަރައިގެން ދިޔުމާއެކު އަހަންނަށް ލޯމަތީ އަތް ޖައްސާލެވުނެވެ. ފައިހާ އައިސް އަހަރެން ކައިރީ އިށީނެވެ.

“ވަރިކުރޭ!” އިސް އުފުލާ ރާއިދުއަށް ބަލާލަމުން އަނެއްކާވެސް އަހަރެން ބުނީމެވެ.

“ދޮންބެދައްތާ…” މަޑުމަޑުން ފައިހާ ގޮވާލިއެވެ. އަހަރެން އެ އަޑަށް ސަމާލުކަމެއް ނުދެމެވެ.

“ޝައްކެއްގެ މަތީ ހުރެ ދީނާ ވަރިއަށް ތި އެދެނީ، އަހަރެން މި ބުނަނީ ދީނާ ޝައްކު ކުރާ ވަރުގެ ކަމެއް އަހަރެން ނުކުރަމޭ” އަޑަށް ބާރު ލާފައި ރާއިދު ބުންޏެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

އިންތިޒާރު 7

Next

ދިރުމެއްނެތް ދިރިއުޅުން 31

Next
September 14, 2023

ދިރުމެއްނެތް ދިރިއުޅުން 31

Previews
September 12, 2023

އިންތިޒާރު 7

11 Comments!

  1. Mar Sha Mar Sha says:
    September 12, 2023 at 4:13 pm

    ސަލާމް، 13 ވަނަ ބައި އަޕްލޯޑް ކޮށްލެވިއްޖެ، 14 ވަނަ ބައި ބުރާސްފަތި ދުވަހުން ގެނެސްދޭނަން.

    1. Anonymous says:
      September 12, 2023 at 5:59 pm

      Keehve 3 dhuvas fahun. Thankolheh avahah

    2. Mar Sha Mar Sha says:
      September 13, 2023 at 7:03 pm

      2 days fahunnehnu ei dear, maadhan avahah upload kollaanan

  2. love imko 💕💕 says:
    September 12, 2023 at 8:53 pm

    I love this story 🤩😄
    Keep it up mar sha

    1. Mar Sha Mar Sha says:
      September 13, 2023 at 7:04 pm

      Thank u Imko

  3. ލިލީ says:
    September 12, 2023 at 9:08 pm

    މާޝާ ﷲ މި ޕާޓް ވެސް ވަރަށް ވަރަށް ރީތި!! ވާހަކަ ކުރިއަށް ދާ ގޮތް ވަރަށް ޝައުޤުވެރި!!! އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަފްތާ އަކު ތިން ދުވަހު ވާހަކަ ގެނެސްދޭން މަދެއް ނޫން 😊 އެކަމް ކޮންމެ ދުވަހަކު ވެސް ޕާޓެއެއް ކިޔާ ހިތްވޭ ވަރަށް!!😂 ކީޕް ގޮއިން މާޝް!! އަޅުގަނޑު އެސްފިޔައިން ވާހަކަ ކިޔަން ފެށީ 2021 ގާ. ހަމަ އެ ދުވަސްކޮޅު މާޝްގެ ހުރިހާ ވާހަކަ އެއް ކީން. ވަރަށް ރީތި ހުރިހާ ވާހަކައެއް ވެސް!!❤️ ބައެއް ފަހަރު އަލުން ފަށައިގެން ދެބުރު ތިން ބުރު ވެސް ހުންނާނެ އެއް ވާހަކައެއް ކިޔާފަ😭😭

    1. Mar Sha Mar Sha says:
      September 13, 2023 at 7:05 pm

      Hehe, thank u Lily ❤️

  4. Zee says:
    September 13, 2023 at 6:03 pm

    Vaahakaige salhi hisaabehga dhw mi ulheny???
    V V V ryythi!!! Dhen hiyehnuwey ehwex kameh kuran beynunwaane heneh mi vaahakaige 14 wanabai nukiyaeh..😅
    Mee Zee abadhuwex mi vaahaka kiyaafa ulhenjeheyhaalu😭
    Hehehe☺️

    1. Mar Sha Mar Sha says:
      September 13, 2023 at 7:06 pm

      Ehen dho, kihineh vaane hen Zee ah hyvany?

  5. Anonymous says:
    September 14, 2023 at 9:14 am

    Haadha lahey

  6. Zee says:
    September 14, 2023 at 10:09 am

    Zee ah hywany mikanthah dhemyhun vaahaka dhahkaigen kolhehga jassaanehen🤔
    Raaidh and Dheena is hama best couple❤️

Comments are closed.

Next Episodeޔާރާ އަހާށޭ 14←


All Right Reserved!