Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޔާރާ އަހާށޭ 12

Mar Sha
Mar Sha
September 10, 2023
8 Mins Read
13 Comments

އެ ފަދަ ޚިޔާލުތަކުން ހިތް ނުތަނަވަސް ވަމުން ދިޔަ ނަމަވެސް އަހަރެން އެ ޚިޔާލުތައް ހިތުން ނެރެލަން މަސައްކަތް ކުރަމުން ހިތާހިތުން ދުޢާ ކޮށްލަކޮށްލާ ހުރީ މަންމައަށް ޝިފާ ދެއްވާތޯއެވެ.

ޓެސްޓްތަކަށް ފަހު މަންމަ ބޭއްވުނީ އައިސީޔޫގައެވެ. ތިން ދުވަސްފަހުން މަންމަ ވޯޑަށް ބަދަލު ކުރީ އެއްވެސް ނުރައްކަލެއް ނެތް ކަން އެނގުމުންނެވެ. އެ ދުވަސްތަކުގައި އެންމެންގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަން ކޮންމެވެސް ވަރަކަށް ފިލީ އެ ޚަބަރު ލިބުމުންނެވެ.

އެ ތިން ދުވަހު އޮފީހަށް ނުގޮސް ހުރެފައި އަނެއް ދުވަހު ރާއިދު އޮފީހަށް ދާން ފެށީ ޗުއްޓީ ނުލިބުމުންނެވެ. ނަމަވެސް ރަޒާން ޗުއްޓީ ނެގިއެވެ. ރޭގަނޑު ބާރައިން ފެށިގެން ހެނދުނު ހަތެއް ޖަހަން ދެން މަންމަ ކައިރީ އިންނަނީ ރަޒާންއެވެ. ރާއިދުއާ ރައުހާ ތިބެނީ ހަވީރުން ފެށިގެން ރަޒާން ދަންދެކަށެވެ. އަހަރެންވެސް ޗުއްޓި ނެގީ އެ ދުވަސްކޮޅުގައި އަހަންނަށް ވެވެން އޮތް އެހީއެއް މަންމައަށް ވެދޭން ބޭނުން ވާތީއެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު ހަތެއް ޖަހަން ވާ އިރަށް އަހަރެން ހޮސްޕިޓަލަށް ދަމެވެ. ދެން އަންނަނީ ރާއިދު ނޫނީ ރައުހާ އައުމުންނެވެ. ރަޒާންއާ އެކު ފައިހާވެސް ހޮސްޕިޓަލުގައި އިނދެއެވެ.

މަންމަ ބަލިވެ އޮތް އިރު އަހަރެން ކަންތައް ކޮށްދިނީ އަހަރެންގެ މަންމައާ މެދު ކަންތައް ކޮށްދޭނެ ފަދައިންނެވެ. ހުރިހާ ކަމެއްވެސް ކޮށްދިނީ ހެޔޮހިތުންނެވެ. މަންމައަށް ކެވޭނެ ކަހަލަ ކާ އެއްޗެހި ގޭގައި ތައްޔާރު ކުރަނީ އަހަރެންނެވެ. މަންމައަށް ބޭނުންވާނެ އެއްޗެހި ގެއިން ފޮނުވަނީ އަހަރެންނެވެ. ގެއަށް ގެންދާ މަންމަގެ އެއްޗހި ދޮވެ އިސްތިރިކޮށް ހަދަނީވެސް އަހަރެންނެވެ. އެއީ އަހަރެންގެ ފިރިމީހާގެ ލޯބިވާ މަންމައަށް ވީތީއެވެ. އަހަރެންގެ ކުދިންގެ މާމައަށް ވީތީއެވެ. އެއީ އަހަރެންގެ ވާޖިބެއް ކަމުގައި ދެކިގެންނެވެ. މަންމަގެ އެއްވެސް ކަމެއް ކުރާކަށް އަހަރެންނަކަށް ބުރައެއް ނޫނެވެ.

އެ ދުވަސްތަކުގައި އަހަރެންގެ މަންމަ، ރާއިދުގެ މަންމައަށް ގޮވާލަން ކޮންމެ ދުވަހަކުވެސް އާދެއެވެ. ނައުރާއާ ދާރިމްވެސް ދެ ދުވަހުން އެއްދުވަހު ކަހަލަ ގޮތަކަށް ދެއެވެ. ނުދެވޭ ދުވަސްތަކުގައި ގުޅައިގެން ހާލު ބަލައެވެ.

މަންމަ ދޫކޮށްލީ ދެ ހަފްތާ ފަހުންނެވެ. އެ ދުވަހު ހެނދުނު ދޫކޮށްލާނެ ކަމުގައި ބުނި ނަމަވެސް ހުރިހާ ކަމެއް ނިމުނު އިރު މެންދުރުފަސް ވެއްޖެއެވެ. ގެއަށް ދެވުނު އިރު ހަތަރެއް ޖަހަނީއެވެ. އެ ދުވަހުވެސް ހެނދުނު ހަތެއް ހަޖަން ވީ އިރަށް އަހަރެން ހުރީ ހޮސްޕިޓަލުގައެވެ. މަންމަ ގެއަށް ގެނައީ އަހަންނާ ރާއިދުއެވެ. އެ ދުވަހު ރައުހާވެސް ހުރީ ގޭގައެވެ. ގެއަށް އައި އިރު ރައުހާ ހުރީ މަންމައަށް ސައި ތައްޔާރު ކޮށްގެންނެވެ.

އަހަރެން އެރޭ ކާ އެއްޗެހި ތައްޔާރު ކޮށްގެން ތަބަކަށް ލައިގެން ކޮޓަރިއަށް ވަނީ މަންމައަށް ކާން ދޭށެވެ. އޭރު އެތާ ފައިހާ ނޫން އެހެން އެންމެން ތިއްބެވެ.

“މަންމާ، ކާން ހިނގާ ދޯ، ކައިގެން ބޭސް ކެވޭނީ، ގެއަށް އަޔަސް ވާނެ ގަޑިން ގަޑިއަށް ކައިގެން ބޭސް ކާން” އެނދު ކައިރީ ހުރި ގޮނޑިމަތީ ތަބައް ބަހައްޓާފައި އަހަރެން މަންމަ ކައިރީ އެނދުގެ މަގަތުން އިށީނދެ ސަމްސަލެއް ލާފައި ތަށި މަންމައަށް ދިއްކޮށްލީމެވެ.

“ރައުހާ” ތަށީގައި ނުހިފާ މަންމަ ގޮވާލިއެވެ.

“ކީކޭ؟” ރައުހާ ކައިރިއަށް އައެވެ.

“އެ ތަށި ނަގާފަ އެއަށް އަދި ދިޔަކޮޅެއް އަޅާބަލަ!” މަންމަ ބުންޏެވެ.

އަހަންނަށް ހީވީ މޭގައި މީހަކު ޖަހާލިހެންނެވެ. ހައިރާން ވެފައި އެއްފަހަރު މަންމައަށް، އަނެއް ފަހަރު ރާއިދުއަށް ބަލާލެވުނެވެ. މަންމަ ކަންތައް އެ ކުރި ގޮތުން ޔަގީން ނުވެފައެވެ.

ރައުހާވެސް ތަށީގައި ނުހިފާ ބަލާލީ އަހަންނަށެވެ. މަންމަ ހޮސްޕިޓަލުގައި އޮތް ދުވަސްތަކުގައި ރައުހާއަށް ވުރެ ބޮޑަށް މަންމަގެ ކަންތައް ބެލެހެއްޓީ އަހަރެންނެވެ. އެކަން ރައުހާވެސް ގަބޫލު ކުރާނެއެވެ.

އަހަރެން އެއްވެސް އެއްޗެއް ނުބުނެ ރައުހާ އަތަށް ތަށި ދީފައި ތެދުވީމެވެ.

“މަންމާ، މި ހުރިހާ ދުވަހުވެސް ގިނަ ފަހަރަށް ކެއީ ދީނާ އަތުންނެއްނު؟” މަންމަގެ ފައިލާ ކޮޅުގައި އިށީނދެފައި ރާއިދު ބުނެލީ މަންމަގެ ފައިތިލައިގައި ހިފާލާފައެވެ.

“މީހަކު ބަލިވެގެން ހޮސްޕިޓަލުގަ އޮތިއްޔާ އެތާ ތިބޭ ނަރުސް ކުދިންވެސް އެ މީހަކަށް ކާން ދޭނެ” މަންމަ ބުނެލިއެވެ.

އަހަންނަށް އެތާ ހުރެ ރޮވުނެވެ. އަނގަމަތީ އަތް އަޅާލަމުން އަހަރެން އެ ކޮޓަރިން ނިކުތީއެވެ.

“މަންމާ!” އަހަރެން ނިކުތުމުގެ ކުރިން ރާއިދުގެ އަޑު އިވުނެވެ.

މަންމަ ބަލި ވުމުން އަހަރެން މަންމަގެ ކަންތައް ކޮށްދިނީ ހެޔޮ ހިތުންނެވެ. އެއީވެސް އަހަރެންގެ މަންމައެއް ކަމުގައި ދެކިގެންނެވެ. ރައުހާއަށްވެސް ނުޖައްސާ މަންމަގެ ހުރިހާ ކަމެއް ވީ އެންމެ ރަނގަޅަކަށް ކޮށްދެވޭތޯ ބެލީމެވެ. ބަދަލުގައި ކަމެއް ބޭނުން ވެގެންނެއް ނޫނެވެ. ބަޔަކަށް އަހަރެންގެ ރަނގަޅުކަން ދައްކާކަށްވެސް ނޫނެވެ. އެދުމެއް އޮތް ނަމަ އެ އެދުމަކީ މަންމަގެ ހިތް އަހަރެންގެ މައްޗަށް ރުހުމެވެ. އެ ހިތުގައި އަހަންނަށް ޓަކާ ލޯބި އުފެދުމެވެ. އެހެން ވިޔަސް އަހަރެން އެދުނު ގޮތަކަށް ނުވިއެވެ. މަންމަގެ ހިތް އަހަރެންގެ މައްޗަށް ލެނބުން އެއްފަރާތުގައި އޮތް އިރު އެ ހިތް އަހަރެންގެ މައްޗަށް ސާފުވެސް ނުވިއެވެ.

އުނގަށް ލީ ބާލީހުގައި ދެ އަތުން ބައްދާލައިގެން އިން އިރު އެ ހުރިހާ އެއްޗެއް އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. އަހަންނާ މެދު މަންމަ ރުހުމަކީ ދުވަހަކުވެސް ނުވާނެ ކަމެއް ހެއްޔެވެ؟ އަހަރެންގެ މައްޗަށް މަންމަގެ ހިތް ސާފުވާނީ އަހަރެން ކޮން ކަމެއް ކުރިއްޔާ ހެއްޔެވެ؟ އެކިއެކި ގޮތްގޮތަށް އަހަރެން ވިސްނަމުން ދިޔައީމެވެ. ރާއިދުއަށް ޓަކައެވެ. ރާއިދުގެ ހިތްހަމަ ޖެހުމަށް ޓަކައެވެ. އަހަންނާ މަންމަގެ މެދުގައި ވީ އެއްވެސް ކަމަކާ ހެދި ރާއިދުގެ ހަމަޖެހުން ގެއްލޭކަށް އަހަރެން ނޭދެމެވެ.

އަހަންނަށް ގަބޫލު ކުރެވޭ ގޮތުގައި މަންމައަށް އެހެން އެވީ، އަހަންނާ އެކު ރާއިދު މަންމައާ ވަކިން އެހެން ތަނަކަށް ގޮސްފާނެތީ އެކަމާ މަންމަ ކަންބޮޑުވީ ވަރުންނެވެ. މަންމަ ހޮސްޕިޓަލަށް ގެންދެވުނު ދުވަހު އެ ޚިޔާލު ހިތުން ނެރެލުމަށް އަހަރެން އަމިއްލަ ނަފްސަށް ވަޢުދުވީމެވެ. އެހެން ނަމަވެސް އެ ޚިޔާލުތައް އަހަންނާ ދުރު ނުވެއެވެ.

ޚިޔާލުތަކުގެ ތެރެއަށް ވަދެވިފައި އިން ވަރުން ރާއިދު ކޮޓަރިއަށް ވަން ކަމެއްވެސް އަހަންނަކަށް ނޭނގުނެވެ. ސިހުނީ ރާއިދު އަހަރެން ގައިގައި ބައްދާލުމުންނެވެ.

“ޕްލީޒް… ނުރޮއެ…” ދެ އަތުން އަހަރެންގެ މޫނު ފޮހެލަމުން ރާއިދު ބުންޏެވެ.

“ރާއިދު… މަންމަ ދުވަހަކުވެސް އަހަންނަކާ ނުރުހޭނެ. އަހަރެން ކިހިނެއް ހަދަންވީ ދެން؟ އަހަރެން އަބަދުވެސް އުޅެން ޖެހޭނީ މިހެންތަ؟ ކޮންމެ ކަމެއް ކުރިޔަސް މަންމައަށް އަހަރެން ރަނގަޅެއް ނުވޭ” ރާއިދުގެ މޭގައި ބޯ ޖައްސާލަމުން އަހަންނަށް ހައްތަހާ ބޮޑަށް ރޮވުނީއެވެ.

ރާއިދު އެއްވެސް އެއްޗެއް ނުބުނެއެވެ. އަހަރެން ގައިގައި ބައްދާލައިގެން އިން ގޮތަށް އިނީއެވެ. އަހަންނާ މެދު މަންމަ ދުވަހަކުވެސް ނުރުހޭނެ ކަން ރާއިދުއަށް ޔަގީން ވަނީއޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން ހިތްހަމަ ޖައްސައިދޭންވެސް ރާއިދު އެއްޗެއް ނުބުނީ އެހެން ވެގެންނެވެ.

“ރާއިދު، އަހަރެން ބޭނުމެއް ނޫން މަންމަ ދޫކޮށްލާފަ ރާއިދު ދާކަށް، ކުރިން އެހެން ބުންޏަސް އެހެން ތާކަށް ވަކިން ދާކަށް ދެން ބޭނުމެއް ނޫން. މަންމައަށް އެހެން އެވީވެސް ރާއިދު އެ ވާހަކަ ދެއްކީމަ އެކަމާ ވިސްނާވިސްނާ ކަންނޭނގެ. އަހަންނާ ހެދި އަނެއްކާވެސް އެކަހަލަ ކަމެއް ވާކަށް ބޭނުމެއް ނޫން. އަހަރުމެން އުޅޭނީ މި ގޭގަ” އިސް އުފުލާ ރާއިދުގެ މޫނަށް ބަލާލަމުން އަހަރެން ބުނީމެވެ.

“ދީނާ… ވިސްނާފަތަ ތި ބުނީ؟” ގަބޫލު ނުކުރެވިފައި ހުރި ހެން ރާއިދު އެހިއެވެ.

އަހަރެން ބޯ ޖަހާލީމެވެ.

“އަހަންނާ ހެދި ދެވަނަ ފަހަރަށް އެ ކަހަލަ ކަމެއް ވެއްޖެއްޔާ…” މަޑު މަޑުން އަހަރެން ބުނަން ފަށާފައި ހުއްޓާލީމެވެ. ނަމަވެސް އަހަރެން ބުނަން އުޅުނު އެއްޗެއް ރާއިދުއަށް ވިސްނުނެވެ.

“ދީނާއާ ހެދި ވީ ގޮތެއް ނޫން އެއީ… އެހެން ހީ ނުކުރައްޗޭ. އެއް ގޮތަކަށްވެސް ދީނާ އަމިއްލައަށް ބްލޭމް ކޮށްގެން ނުވާނެ އެކަމާ. އެއީ ދީނާއާ ހެދި ވީ ގޮތެއް ނޫން” އަހަރެން ގެ ކޮނޑުގައި ހިފާ ގަޔާ ދުރުކޮށްލަމުން ރާއިދު ބުނެލީ ހަރުކަށި ރާގަކަށެވެ.

އަހަންނަށް ލޯ މަރާލެވުނެވެ. ހިތުގެ ކޮންމެވެސް ހިސާބެއްގައި ވީ ބިރު ފިލުމުން ހިތާ ސިކުނޑިއަށް ހަމަޖެހުން ލިބިގެން ދިޔައެވެ. މަންމައަށް ދިމާވި ކަންތަކަކީ އަހަރެންގެ ސަބަބުން ދިމާވި ކަމެއް ކަމުގައި ރާއިދު ހީކުރި ނަމަ އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އެހެން ނަމަ އަހަންނަށް މުޅި އުމުރަށް ރާއިދު ގެއްލުނީހެވެ. ނަމަވެސް ރާއިދުގެ ހިތުގައި އެހެން ނުވާކަން މިއަދު އަހަންނަށް އެނގިއްޖެއެވެ. ފާއިތުވި ދެ ހަފްތާ ތެރޭވެސް އެފަދަ އެއްވެސް އެއްޗެއް ރާއިދު ނުބުނީ، އެ ފަދަ ޚިޔާލެއްވެސް ރާއިދުގެ ހިތުގައި ނުވާތީއެވެ.

“އަހަރެން ވަރަށް ލޯބިވޭ ރާއިދު ދެކެ، ރާއިދުއާ މަންމައާ ވަކި ކުރާކަށް ނޫން އެހެން ބުނީކި، މަންމައާ ވަކިކޮށްގެން އަހަންނާ އެކީ ރާއިދު ގެންދާކަށް ނޫން އަހަރެން އުޅުނީކީ. ކަންތައްތައް ވާ ގޮތުން ރާއިދުއާ އެކީ ހަމަ ޖެހިގެން އުޅެން ބޭނުން ވާތީ އެހެން ބުނީ. އަހަންނާ އެކީ ރާއިދު ދިޔަޔަސް އަހަރެންގެ ފިރިމީހާއަށް ވުރެ ކުރިން، ޝިނާއާ ޝުޢާގެ ބައްޕައަށް ވުރެވެސް ކުރިން ތީ މަންމަގެ ދަރިއެއް.

މަންމަ އަހަރެން ދެކެވެސް ލޯބި ވާން ބޭނުން، އެކަމަކު އެއީ ނުވާނެ ކަމެއް ކަން ޔަގީން ވެއްޖެ މިއަދު. އަހަރެން މަންމަގެ ކަންތައް ކޮށްދިނީ އެއީ ރާއިދުގެ މަންމައަށް ވާތީ، އަހަންނާ މަންމަ ރުހޭތޯ، އަހަރެން ދެކެވެސް ލޯބި ވޭތޯ. އެކަމަކު އަދިވެސް މަންމައަށް އަހަރެން ގޯސް. ދުވަހަކުވެސް މަންމައަށް އަހަރެން ރަނގަޅެއް ނުވާނެ” އަނެއްކާވެސް އަހަންނަށް ރޮވުނީއެވެ.

“މަންމައަށް ނުވިސްނެނީ… އަދި މަންމަވެސް ދީނާ ދެކެ ލޯބި ވާނެ…” ރާއިދު ބުންޏެވެ.

“ރާއިދު އަހަރެން ދެކެ ލޯބި ވަންޏާ އަހަންނަށް އެ ނިމުނީ” ރާއިދުގެ އަތުގައި ހިފާލަމުން އަހަރެން ބުނީމެވެ. ދުލުން އެހެން ބުނި ނަމަވެސް އަހަރެންގެ ހިތް އެކަމާ އެއްބަހެއް ނުވިއެވެ. ނަމަވެސް އެހެން ގޮތެއް އަހަންނަށް އެބަ އޮތް ހެއްޔެވެ؟

 

އޭގެ ފަހުން އަހަރެންގެ މަންމަ ކުރިއަށް ވުރެ ގިނައިން އަހަރުމެން ގެއަށް އާދެއެވެ. އެހެން ނަމަވެސް ނިއަމްއާ ނަވާފްގެ ކައިވެންޏަށް ފަހު އަހަރުމެން ގެއަށް މަންމައާ ނައުރާ އަންނަ ކޮންމެ ފަހަރަކުވެސް ރާއިދުގެ މަންމަ އިންނާނީ ހިތްހަމަނުޖެހިފައެވެ. މަންމަ ނުވަތަ ނައުރާއަށް ނިސްބަތްކޮށް ދުވަހަކުވެސް އެއްޗެއް ނުބުނެއެވެ. ހިތްހަމަ ނުޖެހިފައި އިނަސް އަހަރެންގެ މަންމައާ ވާހަކަވެސް ދައްކައެވެ. މަންމަގެ ރުޅިއާ ޝަކުވާއާ ހަޅޭލެވުން އަމާޒުވަނީ އަހަންނަށެވެ.

މަންމަ ބަލިވި ފަހުން އަހަރެން އެއްވެސް ގޮތަކަށް މަންމަ ކިޔާ އެއްޗަކަށް ޖަވާބެއް ނުދެމެވެ. ނުރުހުމުގެ ގޮތުން އަޑެއްވެސް ލައްވާނުލަމެވެ. އަހަންނާ ދިމާއަށް ހަޅޭލެވިޔަސް ރާއިދު ގާތުވެސް ނުބުނަމެވެ. ކުރިން ރުޅި އަޔަސް ފަހުން އަހަރެން ރުޅި އައުމަށް ވުރެ ބޮޑަށް ވަނީ ދެރައެވެ.

ރާއިދުގެ މަންމަ އަހަންނާ މެދު ރުހެން އަހަރެން ބޭނުމެވެ. މަންމަގެ ރުހުން ހޯދަން ކުރެވުނު ކަމެއް ކުރަން އަހަރެން ބޭނުމެވެ. އެހެން ވިޔަސް އަހަރެން ކުރާ އެއްވެސް ކަމެއް މަންމައަށް ކަމަކު ނުދެއެވެ. ބައެއް ފަހަރު މަންމަ ކަންތައް ކުރާ ބޭއިންސާފުވެރި ގޮތުން ދެރަވެގެން ގޮސް އަހަންނަށް ރޮވެއެވެ. އަހަރެންގެ ފަރާތުން ކިތަންމެ ކުޑަކުޑަ ކަމެއް ގޯސްކޮށް ކުރެވުނަސް މަންމަ އެކަމެއް އެހާ ބޮޑުކޮށްލައެވެ. އަހަރެންގެ ޝަކުވާ ރާއިދު ގާތު ކުރެއެވެ. އެހެން ނަމަވެސް ފައިހާގެ ފަރާތުން އެއްވެސް ގޯސް ކަމެއް މަންމައަކަށް ނުފެނެއެވެ. ފައިހާއާ ރަޒާންގެ ކައިވެންޏަށް މިވީ ހަ އަހަރު ތެރޭ ދުވަހަކުވެސް މަންމަ ހިތްހަމަ ނުޖެހިގެން ފައިހާއާ ދިމާއަށް އެއްޗެއް ބުނި އަޑެއް ނާހަމެވެ. ރައުހާއާ ދިމާއަށް އެއްޗެއް ބުންޏަސް ފައިހާއާ ދިމާއަށް މަންމަ ނުރުހިފައި އެންމެ ބަހެއްވެސް ނުބުނާނެއެވެ.

ތިންވަނަ ކުއްޖެއް ހޯދުމުގެ ޚިޔާލު އަހަރެން ކުރަން ފެށީ އެހެންވެއެވެ. އަހަރެންގެ ވިސްނުން ހުރީ ހަމަޖެހޭ މީހެއްގެ ވިސްނުން ހުންނާނެ ފަދަ ގޮތަކަށް ނޫން ނަމަވެސް އަހަރެން އެ ކަންވެސް ކުރަން ބޭނުން ވީ ރާއިދުގެ މަންމަގެ ރުހުން ލިބޭތޯއެވެ. އަހަންނާ ރާއިދުއަށް ލިބުނު ދެ އަންހެން ދަރިންނަކީވެސް މަންމަ އަހަރެން ދެކެ އިތުރަށް ފޫހިވީ ކަމެކެވެ. ރާއިދުއަކީ މަންމަ އެންމެ ލޯބިވާ ދަރިފުޅަށް ވާ އިރު، ރާއިދުއަށް ފިރިހެން ކުއްޖަކު ލިބުން އެއީ މަންމަ ހިތުގެ އަޑިން އެދޭ އެދުމެކެވެ. އެ އެދުން އަހަރެންގެ ފަރާތުން ފުރިހަމަ ވެއްޖެ ނަމަ ފަހަރެއްގައި މަންމަގެ ހިތް އަހަންނާ މެދު ބަދަލު ވެދާނެއެވެ. އަހަންނަށް ލިބޭނީ ފިރިހެން ކުއްޖެއް ކަން ޔަގީން ނުވިޔަސް އެ ފުރުޞަތުވެސް އޮންނާނެއެވެ.

ޝިނާ ވިހައިގެން އަހަންނާ ރާއިދު އޭރު ނިންމީ ދެން އިތުރު ކުއްޖަކު ނުހޯދުމަށެވެ. އެހެން ވިޔަސް ފަހަކަށް އައިސް އަހަންނަށް އަބަދު ކުރެވެނީ އެ ޚިޔާލެވެ.

އެންމެ ފަހުން އެ ވާހަކަ ރާއިދުއާ ދެއްކީމެވެ.

“ރާއިދު، ހިނގާ އަދި ކުއްޖަކު ހޯދަން” ނިދަން އޮވެފައި ރާއިދު އައިސް އޮށޯތުމުން އަހަރެން ބުނީމެވެ.

“ކިހިނެއް އައި އައިޑިއާއެއް ތީ؟” ހިނިއައިސްފައި ރާއިދު އަހާލިއެވެ.

“ގޯސް އައިޑިއާއެއްތަ؟” ރާއިދުގެ މޭގައި ބޯ އަޅާލަމުން އަހަރެން އަހާލީމެވެ.

“ނޫން. އެކަމަކު ދެން ނިމުނީއޭ ކިޔާފަ ޚިޔާލު ބަދަލު ވީމަ އަހާލީ” ރާއިދުގެ އަޑުގައި ހުރީ ސަމާސާ ގޮތެކެވެ.

“ސީރިއަސްކޮށޭ މި ބުނަނީ. އަސްލުވެސް އަހަރެން އަދި ބޭނުން” އަހަރެން ރާއިދުގެ މޭގައި ޖަހާލީ އަހަރެން އެހާ ސީރިއަސް ވާހަކައެއް ދެއްކުމުންވެސް ރާއިދު މަޖަލަކަށް ހަދާތީއެވެ.

“ދީނާ ބޭނުމިއްޔާ އަހަރެން ރެޑީ، މަސައްކަތް ފަށަން ވީ” އަހަރެންގެ އަތުގައި ހިފާ ރާއިދުގެ ތުންފަތުގައި ޖައްސާލަމުން ރާއިދު ބުންޏެވެ.

“ރާއިދުއަށް އޯކޭތަ؟” އަހަރެން ޔަގީން ކުރަން ބޭނުން ވެގެން އަހާލީމެވެ.

“ހްމްމް…” ރާއިދުގެ ސަމާލުކަން އެހެން ކަމަކަށް އަނބުރާލަމުން ދިނީ ކުރު ޖަވާބެކެވެ.

ހިކުރި ގޮތާ ޚިލާފަށް ތިން މަސް ވީ އިރުވެސް އަހަރެން ބަލިވެއެއް ނީނދެއެވެ. އެހެން ނަމަވެސް އަހަރެން މާ ބޮޑަކަށް ނުވިސްނަމެވެ. ވަގުތު ޖެހުމުން އެކަންވެސް ވާނެއެވެ. އެ ދުވަސްތަކުގައި އަހަރެން ބެލީ މަންމަ ނުރުހޭ ފަދަ އެއްވެސް ކަމެއް ނުކޮށް ވޭތޯއެވެ. ގެއަށް ކުދިން ގެންދިޔުން ފިޔަވާ މަންމަ ސީދާ ނުރުހޭ ކަން އެނގޭ އެއްވެސް ކަމެއް ނުކުރަމެވެ. ފަހުން ފަހުން އައިސް މެންދުރު ކައްކަން ނޫޅުނަސް، އަލުން އެކަންވެސް ކުރަން ފެށީމެވެ.

ރައުހާވެސް އައިސްފައި ހުރި ރުޅި ފިލާ ކުރިން އުޅުނު ހެން އަހަންނާ ވާހަކަ ދައްކާ އުޅެން ފެށިއެވެ. ކިޔަވަން ދާން ފެށި ފަހުން ރައުހާ އުޅެނީވެސް ވަރަށް ބުރަކޮށެވެ. އެހީއެއް ބޭނުން ވެއްޖެ ނަމަ ރައުހާ އެންމެ ފުރަތަމަ އަންނާނީ އަހަރެން ކައިރިއަށެވެ. އެހެން އުޅެފައި އެއްދުވަހު ނަވާފްގެ ވާހަކަވެސް ދެއްކިއެވެ.

“އަސްލު އަހަރެން މޮޔައީ. ވަރަށް ކުރިއްސުރެ އަހަރެން ނަވާފް ދެކެ ލައިކް ވާން ފަށައިފި. އެކަމު ތުއްތުބޭގެ ފްރެންޑެއް ވީމަ ބުނަން ނުކެރިގެން ހުރީ. އެހެން ހުރެފަ އޭރު ނަވާފް އައީމަ ހިތަށް އެރީ އެ ފަހަރު ބުނާނަމޭ. ބަޓް ނިއަމް ބީޓް މީ ޓު އިޓް. އެހާ ދުވަސް ވަންދެން ހުރެފަ ބުނަން ނިންމި ފަހަރު އެހެން ވީމަ ވަރަށް ދެރަވި. އަސްލު ނުދަންނަ ކުއްޖަކާ ނަވާފް ރައްޓެހި ވީ ނަމަ އެހާ ދެރައެއް ނުވީސް ކަންނޭނގެ. އެކަމު ނިއަމް އެނގޭތީ އެހާ ވަރަށް ރުޅި އާދެވުނީ. މިހާރު އެނގޭ އަހަރެންގެ މޮޔަކަން، ވިސްނޭ އެއީ ނިއަމްގެ އަދި ނަވާފްގެވެސް ފޯލްޓްއެއް ނޫން ކަން” ހިތުގައި ވީ އެއްޗެއް ރައުހާ އަހަންނާ ހިއްސާ ކުރީ އޭނަގެ އެސައިންމެންޓެއް ހަދަން އަހަރެން ކައިރިއަށް އައިސް އިން ދުވަހެއްގައެވެ.

“އެކަމާ އެހާ ވަރަށް ނުވިސްނާ ދެން. އިރާދަކުރެއްވިއްޔާ ރައުގެ ލައިފްއަށް އަދި ރައުގެ ސޯލްމޭޓް އަންނާނެ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށޭ ބުނެއެއްނު؟ މޭބީ ރައުއަށް ލިބޭނީ ނަވާފްއަށް ވުރެވެސް ރަނގަޅު ކުއްޖެއް ކަންނޭނގެއެއްނު؟” އަހަރެން ބުނީމެވެ.

ލަދުން އިން ކަހަލަ ގޮތަކަށް ރައުހާ ބޯ ޖަހާލިއެވެ.

“އެ ކަހަލަ ކަމެއް ވެއްޖެއްޔާ ދޮންބެދައްތަ ކައިރީ ބުނާނަންތަ؟” އަހަރެން އަހާލީމެވެ.

“ދެން ސިއްރު ކޮށްގެންނެއް ނުހުންނާނަން. ދޮންބެދައްތަ ކައިރީ ފުރަތަމަވެސް ބުނާނީ” ރައުހާ ބުންޏެވެ.

އަހަންނާ ރާއިދުގެ ދިރިއުޅުމަށް އަންނަން އޮތީ ކޮން ކަހަލަ ދުވަސްތަކެއް ކަން ނޭނގި ތިބެ އަހަރުމެން ދެމީހުންވެސް ބަލަމުން ދިޔައީ މަންމައާ އެކު ހަމަޖެހިގެން އުޅެވޭތޯއެވެ. އަހަރެން ހީވެސް ނުކޮށް ހުއްޓާ ދެން ކުރިމަތިވީ ހިތަށްވެސް ނާރާފަދަ ކަމެކެވެ.

އެ އަހަރު ދެ ކުދިންވެސް ސްކޫލަށް ދަނީ މެންދުރުއެވެ. ފަސްގަޑި ދިހައެއްގައި ޝުޢާ ނިމުނަސް ޝިނާ ނިމެނީ ތިންގަޑި ފަންސާހުގައެވެ. ޝިނާ ސްކޫލުން ނިމޭ ގޮތަށް ޝިނާ ގޮވައިގެން އަހަރެން ދަނީ ގެއަށެވެ. އެ ދުވަހު ސްކޫލްގައި ކޮންމެވެސް ކުޅިވަރެއް އޮވެގެން ޝިނާ ތަންކޮޅެއް އަވަހަށް ނިމުމުން އަހަރެން ގެއަށް ދިޔަ އިރު ތިންގަޑި ބައިވަނީއެވެ. ގެއަށް ވަން އިރު މަންމައާ ރައުހާ ސިޓިންގްރޫމްގައި ތިއްބެވެ. މަންމަ ކައިރީ އަންހެން ކުއްޖަކުވެސް އިނެވެ. އެ މީހުން ކުރިމަތިން ލާފައި ދަމުން އެ އަންހެން ކުއްޖާއަށް ބަލާލެވުނީ ކުރިން ދެކެފައި ނުވާ ކުއްޖެއް ހެން ހީވާތީއެވެ.

ދުވަހަކު ފެނިފައި ނުވި ނަމަވެސް އެއީ ޒިމްނާ ކަން އަހަންނަށް އެނގުނެވެ. ވަގުތުން ހިތާ ސިކުނޑީގައި ސުވާލުތަކެއް އެނބުރިގަތެވެ. އޭނަ މިގެއަށް އައީ ކީއްކުރަން ހެއްޔެވެ؟ މަންމަ ގެނައީ ހެއްޔެވެ؟ ނޫނީ އަމިއްލައަށް އައީ ހެއްޔެވެ؟ ކޮންމެވެސް ގޮތަކުން އަލުން ރާއިދުއާ ދިމާވީ ހެއްޔެވެ؟ އަދިވެސް އަދިވެސް އެތައް ސުވާލުތަކެކެވެ.

އަހަރެން ގޮސް ކޮޓަރިއަށް ވަނީއެވެ. ފެންވަރަންވެސް ވަންނާކަށް ހަނދާނެއް ނުވިއެވެ. ހިތަށް އުނދަގޫ ވަމުން ދިޔައީ އެ އަންހެން ކުއްޖާ ގެއަށް އައިސް އިނުމުން އެކަމާ ހިތްހަމަ ނުޖެހުނު ވަރުންނެވެ. އަހަންނަށް ޔަގީންވާ އެއްކަމެއް އެބަ އޮތެވެ. ގައިމުވެސް ޒިމްނާ ގެއަށް އަންނާކަށް ރާއިދު ދަޢުވަތެއް ނުދޭނެއެވެ. އެހެން މީހަކު އޭނަ ގެންނާކަށް ރާއިދު ގަބޫލެއްވެސް ނުވާނެއެވެ.

އެހެން ވިއްޔާ ޒިމްނާ އައީ އަމިއްލައަށް ފެނިގެން ހެއްޔެވެ؟

ހައްތަހާވެސް ހިތަށް އުނދަގޫ ކުރުވާ ފަދަ ސުވާލުތަކެވެ. ޖަވާބެއް ދެވޭނީ ރާއިދުގެ މަންމައަށެވެ. ނަމަވެސް މަންމަ ގާތު ސުވާލެއް ކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެން އިނދެފައި އަހަރެން ފެންވަރަން ވަނީ އަޞްރު ނަމާދު ނުކޮށް ހުރިކަން ހަނދާން ވެގެންނެވެ.

އެ ދުވަހު ގެއަށް އައިސް އިނީ ކާކުތޯ އެރޭ އަހަރެން ރައުހާ ކައިރީ އަހާލީމެވެ. އަހަންނަށް ހީވީ ރަނގަޅަށް ކަން ޔަގީންވީ އެއީ ޒިމްނާއޭ ރައުހާ ބުނުމުންނެވެ. ރައުހާ ބުނީ ހަމައެކަނި ނަމެވެ. އިތުރަށް ނުބުނީ ޒިމްނާއާ ރާއިދުގެ މާޒީ އަހަންނަށް އެނގިފައި އޮވެދާނެހެން ހީވެގެން ކަންނޭނގެއެވެ.

ދެން އައި ދެ ހަފްތާއެއްހާ ދުވަސް ތެރޭ ދޭތެރެދޭތެރެއިން ޒިމްނާ އާދެއެވެ. އެ ކަން ރާއިދުއަށް އެނގޭތޯ އަހަރެން ނާހަމެވެ. ރާއިދުއަށް އެނގޭނެއެކޭ އަހަރެންގެ ހިތެއް ނުބުނެއެވެ. އެއް ފަހަރުވެސް ރާއިދު އުޅޭ ވަގުތަކު ޒިމްނާ ނާދެއެވެ. ފުރަތަމަ ފެނުނު ދުވަހު ނޫނީ މަންމައާ ޒިމްނާ ކައިރީ ރައުހާ އިންދައެއް ނުދެކެމެވެ. އާންމުކޮށް އެ ވަގުތަކީ ފައިހާވެސް ގޭގައި ނޫޅޭ ވަގުތެއް ކަމުން ޒިމްނާ އަންނަ ކަމެއް ފައިހާއަށްވެސް އެނގޭހެން ހިއެއް ނުވެއެވެ. އެހެން ނޫނަސް ޒިމްނާއަކީ ކާކު ކަން ފައިހާއަކަށް ނުވެސް އެނގޭނެއެވެ.

ގެއަށް ޒިމްނާ އަންނަ ކަން ރާއިދުއަށް އެނގިފައި އޮވެދާނެ ކަމަކަށް އަހަރެން ކުޑަކޮށްވެސް ހިއެއް ނުކުރަމެވެ. އަދި އަމްދުން ރާއިދު ޒިމްނާއާ ވާހަކަ ދައްކްފާނެއޭ އަހަރެން ހިތަށްވެސް ނާރައެވެ.

ނުނިމޭ

39
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Mar Sha
Follow Me Written By

Mar Sha

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ޔާރާ އަހާށޭ 11

Next

ދިރުމެއްނެތް ދިރިއުޅުން 30

Next
September 11, 2023

ދިރުމެއްނެތް ދިރިއުޅުން 30

Previews
September 7, 2023

ޔާރާ އަހާށޭ 11

13 Comments

  1. Mar Sha Mar Sha says:
    September 10, 2023 at 2:43 pm

    ސަލާމް، މިއަދު ބަންދު ވީމަ އާދީއްތަ ދުވަސް ކަން ހަނދާން ނެތިފަ ހުރީ، އެހެންވެ ލަސްވީ. 13 ވަނަ ބައި އަންގާރަ ދުވަހުން ގެނެސްދޭނަން، އަވަހަށް މި ބައި ކިޔާލާ.

    Reply
  2. love imko 💕💕 says:
    September 10, 2023 at 7:25 pm

    When Is next part 💕

    Reply
    1. Mar Sha Mar Sha says:
      September 11, 2023 at 12:10 pm

      Tuesday dear

  3. Zee says:
    September 10, 2023 at 7:31 pm

    Eyy v salhi ingey!!! Anehkaa Raaidhu tha Zimna e geyah gennany??? OOOH I am so excited😊

    Reply
    1. Mar Sha Mar Sha says:
      September 11, 2023 at 12:10 pm

      Let’s see dho Raaidh ge kameh tho

  4. Lily says:
    September 11, 2023 at 9:57 am

    Alhey anekka mi zimna vattaaly dhw
    Raaidh bunegen zimna annany vihya varah dhera

    Reply
    1. Mar Sha Mar Sha says:
      September 11, 2023 at 12:11 pm

      Asluves, hinga balamaa dho

  5. Nadhoo says:
    September 11, 2023 at 3:55 pm

    zimna keehkurantha mi dhani…..raaidhu ge kameh viyya vara dheena fakeeru ge hih halaaku vaane

    Reply
    1. Mar Sha Mar Sha says:
      September 11, 2023 at 4:34 pm

      Zimna e dhany keeh kuran kan engeyne varah avahah

  6. ކިއުންތެރިއެއް says:
    September 12, 2023 at 12:00 pm

    ވާހަކަ ރީތިވެފައި ޝައުގުވެރި. ލިޔުމުގެ ފެންވަރު ރަނގަޅު. މުބާރިކުބާދީ ރައްދުކުރަން

    Reply
    1. Mar Sha Mar Sha says:
      September 12, 2023 at 5:06 pm

      Thank you dear

  7. A fan says:
    September 12, 2023 at 3:53 pm

    Love this story. Waiting for the next part impatiently

    Reply
    1. Mar Sha Mar Sha says:
      September 12, 2023 at 5:07 pm

      Thank u my fan, 13 uploaded now

Comments are closed.

All Right Reserved!