Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޔާރާ އަހާށޭ 11

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
September 7, 2023 7 Mins Read
11 Comments

“ދިމާވެގެން ތި އުޅޭ ކަމެއް ހައްލު ކުރަން ދީނާ މަސައްކަތް ކުރާނަންތަ؟” މަންމަ އަހާލިއެވެ.

އަހަރެން ބޯޖަހާލީމެވެ.

“އެ ޔަގީން ކަން ދިނާއަށް ވުރެ ބޮޑަށް ރާއިދުގެ ފަރާތުން މަންމަ ބޭނުން” ރާއިދުއަށް ބަލާލަމުން މަންމަ ބުންޏެވެ.

ރާއިދުވެސް ބޯ ޖަހާލިއެވެ.

“ކޮބާ އެ ކުދިން؟” މަންމަ އަހާލީ މަޢުޟޫ ބަދަލު ކޮށްލުމަށެވެ.

އަހަރެން ފޯން ނަގާ ކުދިން ގެނެސްދިނުމަށް އެދި ފައިހާއަށް މެސެޖް ކޮށްލީމެވެ. ގިނަ އިރެއް ނުވެ ޝުޢާއާ ޝިނާއައެވެ. އެ ކުދިންނާއެކު އިރުކޮޅަކު އިނދެފައި މަންމައާ ނައުރާ ދިޔައިރު ހަތެއް ޖަހައިފިއެވެ.

އަހަރެން އަވަސްވެލީ ނަމާދު ކޮށްލުމަށެވެ. ކުދިންނަށް ކާންދޭން އުޅެނިކޮށް ރާއިދު މިސްކިތަށް ދިޔައީ ބަންގި ގޮވުމުންނެވެ. ޝުޢާއާ ޝިނާ ނިންދަވާފައި އަހަރެން އެރޭ ބޭރަކަށް ނުނިކުންނަމެވެ. ރާއިދު ކޮޓަރިއަށް ވަން އިރު އަހަރެން އޮތީ ނިދަން ތައްޔާރުވެގެން އެނދުގައެވެ. ލޯ މަރައިގެން އޮތީ ހޭލާ އޮތްކަން ރާއިދުއަށް ނާންގަން ވެގެންނެވެ. އެހެން އޮއްވާ ނިދުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ.

އެ ދުވަހު މަންމައަށް ނުގުޅުނު ނަމައޭ އަހަރެންގެ ހިތަށް އެރީ އައިސްފައި ހުރި ރުޅިގަނޑު ފިލި ފަހުންނެވެ. ކަމެއް ވާ އިރަށް މަންމައަށް ގުޅައިގެން ރުއިމުން މަންމަ ދެރަވާނެ ކަން އަހަންނަށް އެނގެއެވެ. އެއީ އަހަރެން އެއްގޮތަކަށްވެސް އެދޭ ކަމެއް ނޫނެވެ. އަހަންނާ މެދު މަންމަ ވިސްނާ ކަންބޮޑުވާކަށް އަހަރެން ނޭދެމެވެ. އެހެން ވިޔަސް ދެރަވުމުން، އެހެން މީހެއްގެ އޯގާތެރިކަމަށް އެދި ހިތް ގޮވަން ފެށުމުން ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ ހަނދާން ވާނީ މަންމަ މަތިންނެވެ. އަހަންނަށްވެސް ވީ އެހެންނެވެ.

މަންމަ ކައިރީ ދެ މީހުން ވާހަކަ ދައްކާ، މައްސަލަ ހައްލު ކުރަން މަސައްކަތް ކުރާނެ ކަމުގައި ބުނި ނަމަވެސް އަހަރެން ރާއިދުއާ ވާހަކައެއް ނުދައްކަމެވެ. ދެ ދުވަސް ދިޔަ ފަހުން އިސްވެ އެ ވާހަކަ ފެށީ ރާއިދުއެވެ.

ނިދިފައި އޮއްވާ އަހަންނަށް ހޭލެވުނީ ރާއިދު އެނދަށް އެރުމުންނެވެ. އަހަރެން ތެދުވެ ހެޑްބޯޑްގައި ލެނގިލީ ރާއިދު އަހަންނާ ދިމާއަށް ބަލަން އިނުމުންނެވެ.

“ގެއަށް ދާން ދީނާ ހަމަ ބޭނުން ވެގެންތަ މަންމައަށް ގުޅާފަ އެހެން ބުނީ؟” ރާއިދު އެހިއެވެ.

އަހަރެން ޖަވާބުގައި ބޯ ޖަހާލީމެވެ.

“އަހަރެން ބޭނުމެއް ނޫން ދީނާ ފޮނުވާކަށް” ރާއިދު ބުނީ ކުރިން މަންމަ ކައިރީވެސް ބުނި ހެންނެވެ.

“ރާއިދު ބޭނުން ނޫނަސް އަހަރެން ބޭނުން. އަބަދަކު ރާއިދު ބޭނުން ވާ ގޮތަކަށް ނުވާނެ. އަހަރެން ގެއަށް ނުފޮނުވަންޏާ އަހަރެން ގޮވައިގެން އެހެން ތަނަކަށް ރާއިދު ހިނގާ” އަހަރެން ބުނީމެވެ.

“ދީނާ…” އަކުރުތަކަށް ދަމާލަމުން ރާއިދު އަހަރެންގެ ނަމުން ގޮވާލިއެވެ.

“އަހަރުމެންގެ ކައިވެންޏަށް އަދި މީވީ އެންމެ ހަ އަހަރު. މި ދުވަސްތަކުގެ ތެރޭ އަހަރުމެންގެ މެދުގަ ޖެހުނު މައްސަލައެއް ވިއްޔާ ޖެހުނީ ރާއިދުގެ މަންމައާ ހެދި. އަހަރެން ކުރާ ކަމެއް ކަމުނުގޮސްގެން، ނޫނިއްޔާ އަހަރެން ވަޒީފާއިން ނުކެނޑިގެން، ނޫނިއްޔާ އަހަރެން މަންމަ ކައިރިއަށް ގެއަށް ދާތީ.

މަންމަ ކިޔާ ކޮންމެ އެއްޗެއް އަޑު އަހަން އަހަރެން އަނގައިން ނުބުނެ ހުރިއްޔާ ރާއިދުއަށް އޯކޭ، އެކަމަކު އަހަރެން ޖަވާބުގަ އެއްޗެއް ބުނެފިއްޔާ އެ ޖެހުނީ މައްސަލަ. މި ހުރިހާ ދުވަހު މަންމަ ކިޔާހާ އެއްޗެއް އަޑު އަހައިގެން އެއާ ވިއްދާފަ އެއްޗެއް ނުބުނެ މި ހުންނަނީ އަހަރެން ރާއިދު ދެކެ ލޯބިވާތީ، އެކީގަ އުޅެން ބޭނުން ވާތީ، ރާއިދުއާ ވަކިވާން އަހަރެން ބޭނުން ނުވާތީ. އެކަމަކު އަހަންނަށް ދެން ކެތެއް ނުވާނެ.

މިއަދު މަންމަ އެ ބުނީ ނިއަމް މި ގެއަށް ނުވައްދަން، އޭނަގެވެސް އަހަރެންގެވެސް ކުށެއް ނެތި. އަހަންނަށް އެ ކަމެއް ބަލައެއް ނުގަނެވޭނެ. ނިއަމްއަށް، ނޫނީ އަހަރެންގެ އާއިލާ އެއްވެސް މީހަކަށް ނުވަދެވޭ ތާކު އުޅޭކަށް އަހަރެން ބޭނުމެއް ނޫން.

އެހެންވެ މި ބުނަނީ، އަހަންނާ އެކީ އުޅެން ބޭނުމިއްޔާ އަހަރެން ގޮވައިގެން ރާއިދު އެހެން ތަނަކަށް ހިނގާށޭ. އަހަރެންގެ ގޭގަ އުޅެން ރާއިދު ބޭނުން ނުވަންޏާ ރާއިދު ގެންދިޔަ ކޮންމެ ތާކުވެސް އަހަރެން އުޅެފާނަން. އަހަންނަށް ރަނގަޅީވެސް އަހަރެންގެ ގެ ނޫން ތަނެއްގަ އުޅެވުނިއްޔާ. އެކަމަކު މި ގޭގަ އުޅޭކަށް ބޭނުމެއް ނޫން. ދެން ރާއިދު ގޮތެއް ނިންމާ”

އަހަރެން ބުނަން ބޭނުން ވި އެއްޗެއް ބުނެފައި ގޮތް ނިންމަން އަހަރެން ދޫކޮށްލީ ރާއިދުގެ އަތްމައްޗަށެވެ.

“ދީނާ ތި ބުނަނީ މަންމައާ ދީނާއާ ދެ މީހުން ތެރޭން އަހަރެން އެކަކު ޗޫޒް ކުރާށޭތަ؟” ރާއިދު އަހާލިއެވެ.

“މަންމަގެ ސިކުނޑިން ރާއިދު ވިސްނަންޏާ ހީވާނީ ތިހެން. އެކަމަކު އަހަރެން ބުނީ ތިހެންނެއް ނޫން. އެހެން ތަނެއްގަ އުޅުނަސް ރާއިދުގެ މަންމައާ ރާއިދުއާ އޮތް ގުޅުމަކަށް ބަދަލެއް އަންނާކަށް ނުޖެހޭ. އަހަރެންވެސް މި އުޅެނީ އަހަރެންގެ މަންމައާ ވަކިން، ދެން އަހަރެން ބުނަންވީތަ ރާއިދުއާ އިން ފަހުން އަހަރެންގެ މަންމައާ އަހަންނާ އޮތް ގުޅުން ކެނޑުނީއޭ؟ ކޮންމެ ކަމެއްގަވެސް އެ މީހަކު ވިސްނާ ގޮތް އޮންނާނީ، ނުބައިކޮށް ވިސްނައިފިއްޔާ ރަނގަޅު އެއްކަމެއްވެސް ނުފެންނާނެ” ރާއިދު އެ ގޮތަށް ވިސްނީތީވެސް އަހަރެން ހައިރާންވިއެވެ.

އަހަރެން އަނެއްކާވެސް އޮށޯތީއެވެ. އިތުރަށް އެ ވާހަކަ ދައްކަން ބޭނުން ނުވެގެންނެވެ. ރާއިދުވެސް އިތުރަށް ވާހަކަ ދައްކާކަށް ނޫޅުނެވެ. އަހަރެން ބޭނުން ވާ ގޮތް ބުނެވިއްޖެއެވެ. ދެން އޮތީ ރާއިދު ކަންތައް ކުރާނެ ގޮތެއް ނިންމުމެވެ. އަހަންނަށް ޖަވާބެއް ލިބޭނީ ރާއިދު ގޮތެއް ނިންމުމުންނެވެ. އެކުގައި އުޅެން އަހަރެން ބޭނުމެވެ. ރާއިދުއާ ވަކިވުމަކީ އަހަރެން ވިސްނަންވެސް ބޭނުންވާ ކަމެއް ނޫނެވެ. އެހެން ވިޔަސް މިއަދު މިތިބީ އެފަދަ ފައްތަރެއްގައެވެ. އެކަކުވެސް އެ ގޮތް ބޭނުން ވެގެންނެއް ނޫނެވެ.

އިތުރަށް ރާއިދު އެއްޗެއް ނުބުންޏެވެ. އަހަރެން ހިމޭންކަން ޚިޔާރު ކުރީ ރާއިދުއަށް ވިސްނަން ވަގުތު ދިނުމަށެވެ. އުންމީދަކީ އަހަރެންގެ އެދުމާމެދު ރާއިދު ވިސްނުމެވެ. އެއް ފަހަރު ނަމަވެސް އަހަރެން އެދޭ ގޮތަށް ނިންމުމެވެ. އަހަންނާ އެކުގައި އެހެން ތަނަކަށް ދިރިއުޅުން ބަދަލު ކުރުމަކީ ރާއިދުގެ މަންމައާ ވަކިވުން ނޫންކަން ރާއިދުއަށް ވިސްނުމެވެ.

އަހަރެން އިސްވެ ރާއިދުއާ ވާހަކައެއް ނުދައްކަމެވެ. އޮފީސް ނިންމާފައި މަންމަ ގެއަށް ގޮސްފައި ކުދިން ގޮވައިގެން ގެއަށް ދަނީ އިރު އޮއްސެން ވާ އިރަށެވެ. ހެނދުނު ސައި ހެދުން ފިޔަވާ ގޭތެރޭގެ އެއްވެސް ކަމެއް އަހަރެން ނުކުރަމެވެ. މެންދުރު ރާއިދު ކަނީ ކޮން ތާކުންތޯވެސް ނުބަލަމެވެ. އަދި ރޭގަނޑުވެސް ކާން ހަދާކަށް ނުނިކުންނަމެވެ. އަހަރެން އަންނަނީ ގެއިން ކުދިންގެ ކާ އެއްޗެހި ހިފައިގެންނެވެ. ހެނދުނު ބޯލާ ކޮފީ ތަށި ނޫނީ އަހަރެން އެ ގެއަކުން އެއްވެސް އެއްޗެއް ނުކަމެވެ.

ތިން ދުވަސް ވީ އިރުވެސް ރާއިދު އަހަރެން ދެއްކި ވާހަކައަކަށް ވަކި ޖަވާބެއް ނުދެއެވެ. އެރޭ އަހަރެން ސުވާލު ކުރީ އެހެންވެއެވެ. އަހަރެން ގެއަށް އައި އިރު ރާއިދު އެނދުގައި އޮށޯވެގެން އޮތެވެ.

“މަންމައާ ވާހަކަ ދެއްކިންތަ؟” އަހަރެން އެހީމެވެ.

ރާއިދު އެއްޗެއް ނުބުންޏެވެ. އެ ހިމޭން ކަމުން އަހަންނަށް ޖަވާބު ލިބުނެވެ. އިތުރަކަށް އަހަރެން އަހާނެ ސުވާލެއް ނެތެވެ.

އަނެއް ދުވަހު އަހަރެން މަންމަމެން ގެއިން އައީ ވަރަށް ލަސް ވީ ފަހުންނެވެ. އެރޭ އަހަރެން އައީ ކުދިންނަށް ކާންވެސް ދީގެންނެވެ. ގެއަށް ވަދެވުނު އިރު އަށެއް ޖަހައިފިއެވެ. އެހެންވެ އަވަސް ކޮށްލާފައި އުޅުނީ ކުދިން ނިންދަވަން ބައިތިއްބާށެވެ.

އަހަރެން އައި އިރު ސިޓިންގްރޫމްގައި ރާއިދުއާ ރަޒާންއާ މަންމަ ތިބީ ޓީވީ ބަލާށެވެ. ކުދިން ނިދުމުން ފެންވަރައިގެން ނިކުތް ތަނާ އަހަރެން ސިހުނީ ދޮރުގައި ބާރަކަށް ތަޅައިގަތުމުންނެވެ.

“ކީކޭ ހިތަށް އަރައިގެންތަ ދީނާ ތިއުޅެނީ؟ ކޮން ކަމެއް ނުވެގެންތަ މި ގޭންވެސް ރާއިދު ގެންދަން ތިއުޅެނީ؟ މަށާ މަގޭ ދަރިންނާ ވަކި ކޮށްފަ ނޫނީ ހަމަ ނޭވައެއް ނުލާން ހުވާ ކޮށްގެންތަ ތިހިރީ؟ ފުރަތަމަ ދުވަހުވެސް މަށަށް އެނގުނު ތީ ތިކަހަލަ އަންހެނެއް ކަން. ރާއިދުއަށް އެ ވަރު ނޭނގުނީ. އަހަރެންނާ ރާއިދު ވަކި ކުރަން ވެގެން ފާޑުފާޑުގެ އެއްޗެހި ކިޔައިގެން ރާއިދުގެ ބޮލަށް ވަންނަ އިރު އަމިއްލަ މައިން ބަފައިންނާ އެއްބަނޑު މީހުން ދޫކޮށްލާފަ ދާން ދީނާއަށް ކެރޭނެތަ؟”

ދޮރު ހުޅުވުމާ އެކީ މަންމަ ހަޅޭލަވަމުން އައިސް އަހަރެންގެ ކޮނޑުގައި އަތް އަޅާ ފަހަތަށް ކޮއްޕާލިއެވެ. މަންމަ ރުޅިއައިސްފައި ހުރި ވަރުން އަހަރެން ޖެހިލުންވިއެވެ. ގަސްތަކާ ނުލާ އަދިވެސް ފަހަތަށް ޖެހިލެވުނެވެ.

“މަންމާ!” މަންމަގެ ފަހަތުން އައި ރާއިދު ބާރަށް ގޮވާލަމުން މަންމަގެ ގައިގައި ހިފެހެއްޓިއެވެ.

“ދޫކުރޭ މަގޭ ގައިން. ދީނާ ހީކުރީތަ މަގޭ ރާއިދު ދީނާ ބުނާހާ ގޮތެއް ހަދަން މަ ދޫކޮށްލާނެ ކަމަށް؟ ހީކުރީތަ ބޭނުންހާ ގޮތެއް ވާނެ ކަމަށް؟” ރާއިދުގެ އަތްދަށުން ދުރުވާން މަސައްކަތް ކުރަމުން ދިޔަ މަންމަގެ އަޑު ކުރިއަށް ވުރެ ބާރުވިއެވެ. ހީވީ ރާއިދު ހިފެހެއްޓުމުން ހައްތަހާ ރުޅި ގަދަވީހެންނެވެ.

މަންމަގެ އަޑަށް ދެ ކުދިން ހޭލިއެވެ. ބިރުގަނެފައި އިން ޝިނާ ގޮވާލުމުން އަހަރެން އުޅުނީ ޝިނާ ކައިރިއަށް ދާށެވެ.

“މަންމާ! ކިހިނެއްތަ ވީ؟ ދޮންބޭ…” އަޑު ގަދަވެގެން ކޮޓަރިން ނިކުމެގެން ފައިހާއާ އެކު އައި ރަޒާން އަހާލީ އަހަރުމެން ކޮޓަރިއަށް ވަދެފައެވެ.

“ރަޒާން، މަންމަ ގޮވައިގެން ކޮޓަރިއަށް ދޭބަލަ” ރަޒާން ފެނުމުން ރާއިދު މަންމަ ގައިން ދޫކޮށްލާފައި ޝިނާ ކައިރިއަށް އައީ އެ ކުއްޖާ ރޯން ފެށުމުންނެވެ.

ނުވިސްނާ ހުއްޓާ އެ ވަގުތު މަންމަ އައިސް އަހަރެން ގައިގައި އަތްއަޅާ ކޮއްޕާލިއެވެ. އެ ބާރު މިނުގައި އަހަރެން އަރިއަކަށް ވެއްޓި ޝިނާގެ އެނދުގައި ޖެހުނެވެ. ކަންފަތް ކައިރިއަށް ވީ ތަދާއެކު އަހަރެންގެ އަނގައިން “އާހ” އެއް ބޭރުވިއެވެ.

“މަންމާ!” ރާއިދުއާ ރަޒާން އެއްފަހަރާ ގޮވާލިއެވެ.

“ރަޒާން، މަންމަ ގެންދޭ. ފައިހާ، ޝިނާ…” ރާއިދު އެހެން ބުނެފައި އައިސް އަހަރެން ކައިރިއަށް ތިރިވިއެވެ.

އަހަރެންގެ ކަންފަތާ ދިމާއިން ރާއިދު އަތް ޖައްސާލިއެވެ. އެ އަތުގައި ހުރި ލޭ އަހަންނަށް ފެނުނީ ފައިހާ ދިން ތުވާލީގައި ހިފަން ރާއިދު އަތް ދިއްކޮށްލުމުންނެވެ.

“ދޮންބޭ…” ރަޒާން ގޮވާލި އަޑު އިވުނެވެ.

“ދޭ!” ބާރަށް ރާއިދު އެހެން ބުނުމާ އެކު މަންމަ ގޮވައިގެން ރަޒާން ނިކުތެވެ. އަހަންނަށް އަނިޔާ ވި ކަން އެނގުމުން މަންމަވެސް އެ ވަގުތު މައިތިރި ވިއެވެ.

“އިހަށް ހިނގާ ދޯ ފައިދައްތައާ އެކީ” ދެ ކުދިން ގޮވައިގެން ފައިހާ އެ ވަގުތު ކޮޓަރިން ނިކުތެވެ.

އަހަރެން އަޅައިގެން އިން ބުރުގާ ރާއިދު މަޑުމަޑުން ބޭލިއެވެ. ތުވާލި ޖައްސާފައި އަހަރެންގެ އަތުގައި ހިފާ ތުވާލި މަތީ ޖައްސާފައި ރާއިދު ވަނީ ފާހާނާއަށެވެ. ދެން ނިކުތީ އެހެން ތުވާއްޔެއް ތެންމައިގެންނެވެ.

“މާ ބޮޑަކަށް ނޫން… މިހާރު ލޭވެސް މަނާ ވެއްޖެ” ކަންފަތުން ކަނޑައިގެން ގޮސްފައި ހުރި ހިސާބުގައި ބޭސް އަޅާ ނިންމާފައި ރާއިދު ބުންޏެވެ.

“އައިމް ސޯ ސޮރީ ދީނާ…” ދުރަށް ޖެހިލަމުން އިސްޖެހިފައި އިނދެ ރާއިދު ބުނެލިއެވެ.

އަނެއްކާވެސް ރޮވެން ފެށުމާއެކު އަހަރެން ރާއިދުގެ ގައިގައި ބައްދާލީމެވެ. ރާއިދުވެސް ދެ އަތް އަހަރެން ގައިގައި ވަށާލައިގެން އިރުއިރުކޮޅާ މާފަށް އެދެމުން ދިޔައެވެ.

އެހެން އިނދެ ރުއިން ހުއްޓުމުން އަހަރެން ގޮވައިގެން ފާހާނާއަށް ވަދެ އަހަރެންގެ މޫނުގައި ފެން ހާކައިދިނީ ރާއިދުއެވެ. އަހަރެން އެނދުގައި ބާއްވާފައި އެބަ އަންނަމޭ ބުނެފައި ރާއިދު ކޮޓަރިން ނިކުތެވެ. އިރުކޮޅެއް ނުވެ އައީ ކުދިން ގޮވައިގެންނެވެ. ދެ ކުދިން އެނދަށް ލާފައި އެ ކުދިން ނިދަންދެން ކައިރީގައި އެރޭ އޮތީ ރާއިދުއެވެ.

އެނދުގައި އޮވެ އަހަންނަށް ވިސްނެމުން ދިޔައީ އެރޭ ވީ ކަންތަކާ މެދުގައެވެ. އެހެން ތަނަކަށް ދާ ވާހަކަ އެރޭ މަންމަ ކައިރީ ރާއިދު ދެއްކީ ކަން އަހަންނަށް ޔަގީންވިއެވެ. އޭގެ ކުރިން ދުވަހަކުވެސް އަހަރެން ދެކެ ރުޅި ނާންނަ ވަރަށް އެރޭ މަންމަ ރުޅިއައީ އެހެންވެއެވެ.

އެހެން ވިއްޔާ އަހަރެން ގޮވައިގެން ވަކިން ދިރިއުޅެން ރާއިދު ނިންމީ ހެއްޔެވެ؟ އަހަރެންގެ އެދޭ ގޮތަށް ކަންތައް ކޮށްދެނީ ހެއްޔެވެ؟ އަހަންނަށް ޓަކާ އެ ނިންމުން ނިންމީ ހެއްޔެވެ؟

އަހަންނަށް ހީވީ ދުވަސްތަކެއް ވަންދެން ބަރުވެފައި ވީ ހިތާ ސިކުނޑިއަށް ލުއިވީ ހެންނެވެ. މަންމައާ ވަކިން އަހަރެން ގޮވައިގެން ވަކި ދިރިއުޅުމެއް އުޅެން ނިންމުމަކީ ރާއިދުއަށް ކިހާ އުނދަގޫ ވާނެ ކަމެއްކަން އަހަންނަށް އެނގެއެވެ. އަހަރެންގެ އެދުމަށް އެފަދަ ނިންމުމެއް ރާއިދު ނިންމާނީ އަހަރެން ދެކެ ލޯބިވާތީކަން އަހަންނަށް އެނގެއެވެ. އަހަންނާ ވަކިވުމަށް ނޭދޭކަން ރާއިދު ސާބިތު ކޮށްދީފިއެވެ.

ރާއިދު އައިސް އެނދުގައި އޮށޯތުމުން އަހަރެން ރާއިދުގެ މޭގައި ބޯއަޅާލީމެވެ.

“ތެންކިޔު!” އަހަރެން ބުނީމެވެ.

“ދީނާ ގެއަށް ފޮނުވާކަށް ބޭނުމެއް ނޫން” ރާއިދު ބުނެލިއެވެ.

“ގެއަށް ދާކަށް އަހަރެންވެސް ބޭނުމެއް ނޫން” އަހަރެން ރާއިދުގެ މޫނަށް ބަލާލީމެވެ.

“އައިމް ސޮރީ…” އަހަރެންގެ މޫނުގައި އަތް ޖައްސާލަމުން މަންމަގެ ސަބަބުން އަހަންނަށް ލިބުނު އަނިޔާއަށް ޓަކާ ރާއިދު އަނެއްކާވެސް މާފަށް އެދުނެވެ.

“ޝްޝް…” ރާއިދުގެ ތުންފަތުގައި އަތް ޖައްސާލަމުން އަހަރެން ބުނީމެވެ. އަހަރެންގެ އިނގިލިތަކުގައި ރާއިދު ބޮސްދިނެވެ. އެ ދެ އަތުގެ ތެރެއަށް އަހަރެން ވަނީ ފާއިތުވި ދުވަސްތަކުގެ ހުރިހާ ޝަކުވާއެއް ހިތުން ފޮހެލަމުންނެވެ. ރާއިދުގެ ކޮންމެ ބީހިލުމަކަށް މަރުހަބާ ކީ ލޯތްބާ އެކުގައެވެ.

އަނެއް ދުވަހު އަހަރެން އޮފީހުގައި އިންދާ ފައިހާ ގުޅިއެވެ. އެ ނޫނީ ދުވަހަކުވެސް އަހަރެން އޮފީހުގައި އުޅޭ ވަގުތު ފައިހާ ނުގުޅައެވެ. ކޮންމެވެސް ބޮޑު ކަމެއް ވީއޭ އަހަރެންގެ ހިތަށް ވަގުތުން އެރީ އެހެންވެއެވެ.

“ދޮންބެދައްތާ، މަންމައަށް ގޮތެއް ވެއްޖެ… އަހަރެން ދިޔަ އިރު ވެއްޓިފަ އޮތީ… ރައުހާ ވީ ކޮލެޖްގަ. ރަޒާންވެސް ދޮންބެވެސް ނުނަގާ ފޯނެއް، މަ އެކަނި މިހުރީ  ދޮންބެދައްތަ އާދެބަލަ ގެއަށް ޕްލީޒް…” ކަންބޮޑުވެގެން ފައިހާގެ އަޑު ތުރުތުރު އަޅައެވެ.

“މަންމައަށް ކިހިނެއް ވީ؟” އަހަންނަށް އަހާލެވުނެވެ.

“އަހަރެން އެ ކޮޓަރިއަށް ވަން އިރު މަންމަ އޮތީ ވެއްޓިފަ، މޫނަށް ފެން އަޅައިގެންވެސް ހެއެއް ނުލި” ކަންބޮޑުވެގެން ފައިހާއަށް ރޮވެނީއެވެ.

“އޯކޭ، މި ދަނީ، ކޮންމެސް ގޮތަކުން މަންމަ ރެޑީކޮށްލަދީ، އަހަރެން ދާ ގޮތަށް މަންމަ ގޮވައިގެން ހޮސްޕިޓަލަށް ދާނީ. ރާއިދުއަށް ގުޅޭތޯވެސް ބަލާނަން، ރަޒާންއަށް ގުޅޭތޯ އަދި ބަލާ، ފޯން ނުނަގައިފިއްޔާ މެސެޖް ކޮށްލާފަ ބައިންދާ” އަހަރެން ބުނީމެވެ.

ރާއިދުއަށް ނުގުޅިގެން އަހަރެން ގެއަށް ދިޔައީ ޓެކްސީއެއްގައެވެ. ގެއާ ހަމައަށް ދެވުނު އިރުވެސް ރާއިދުގެ ފޯނަކަށް ނުގުޅެއެވެ. މީޓިންގްއަކަށް ވަންނަ ނަމަ ރާއިދު އޮންނާނީ ފޯން ނިއްވާލާފައެވެ. އެހެންވެ ވީ ގޮތް ބުނެފައި މެސެޖް ކޮށްލީއެވެ. ނައުރާއަށް ގުޅާފައި ގެއަށް އައިސް ދިނުމަށް ބުނީމެވެ.

ގޭ ކައިރީ ޓެކްސީ މަޑު ކުރުވާފައި އަހަރެން ވަން އިރު ކޮޓަރީގައި މަންމަ ކައިރީ ފައިހާ އިނެވެ. ނައުރާއާ ޒާމިލްއަށްވެސް ގެއާ ހަމައަށް ދެވުނީ އަހަންނާ އެކީގައެވެ. މަންމަ ގޮވައިގެން ޓެކްސީއާ ހަމައަށް ގޮސްދިނީ ޒާމިލްއެވެ. ނާއިކް ގޮވައިގެން ގެއަށް ދިޔުމަށް ނައުރާ ގާތު އަހަރެން ބުނީމެވެ. އަހަންނާ ފައިހާއާ އެކު ޒާމިލް ހޮސްޕިޓަލަށް އައެވެ.

ހޮސްޕިޓަލަށް ވަދެވުނު ގޮތަށް މަންމައަށް އަވަސް ފަރުވާ ދޭން ފެށިއެވެ. އަހަރުމެން ހޮސްޕިޓަލަށް ދިޔަތާ ބައިގަޑިއެއްހާ އިރު ފަހުން ރަޒާން އައެވެ. ރާއިދު ގުޅީ ހޮސްޕިޓަލަށް އައިތާ ގަޑިއެއްހާ އިރުވީ ފަހުންނެވެ. ވީ ގޮތް އެނގުމުން އޭނަވެސް ހޮސްޕިޓަލަށް އައެވެ. ރައުހާއަށް އެނގުނީ ހަވީރު ކޮލެޖް ކްލާސް ނިންމާފައި ގެއަށް ދިޔުމުންނެވެ.

މަންމައަށް ޖެހުނީ މިނީ ސްޓްރޯކްއެއް ކަން އެނގުނީ ޓެސްޓްތަކުގެ ނަތީޖާ ލިބުމުންނެވެ. އެންމެން ކަންބޮޑުވެ ހާސްވެފައި ތިބި އިރު އަހަންނަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. މަންމައަށް އެހެން އެ ދިމާވީ އަހަރެންގެ ސަބަބުންނޭ ހީވާން ފެށިއެވެ. ރާއިދުވެސް ހީކުރާނީ އެހެން ހެއްޔެވެ؟ އެހެން މީހުންވެސް އެ ކަމާ ކުށްވެރި ކުރާނީ އަހަރެން ހެއްޔެވެ؟

އެ ފަދަ ޚިޔާލުތަކުން ހިތް ނުތަނަވަސް ވަމުން ދިޔަ ނަމަވެސް އަހަރެން އެ ޚިޔާލުތައް ހިތުން ނެރެލަން މަސައްކަތް ކުރަމުން ހިތާހިތުން ދުޢާ ކޮށްލަކޮށްލާ ހުރީ މަންމައަށް ޝިފާ ދެއްވާތޯއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ކަލާގެ ހިނިތުންވުން 4

Next

ޔާރާ އަހާށޭ 12

Next
September 10, 2023

ޔާރާ އަހާށޭ 12

Previews
September 7, 2023

ކަލާގެ ހިނިތުންވުން 4

11 Comments!

  1. Mar Sha Mar Sha says:
    September 7, 2023 at 12:49 pm

    ސަލާމް، 11 ވަނަ ބައި ކިޔާލާ، 12 ވަނަ ބައި އާދީއްތަ ދުވަހުން ގެނެސްދޭނަން

  2. Anonymous says:
    September 7, 2023 at 2:50 pm

    Varah reethi mi part ❤️
    Keep on going 👍

    1. Mar Sha Mar Sha says:
      September 7, 2023 at 8:31 pm

      Thank u dear

  3. Zee says:
    September 7, 2023 at 6:30 pm

    vvovv! mi part vex v v ryyth…
    koniraku nxt up waanee?
    waiting…………….

    1. Mar Sha Mar Sha says:
      September 7, 2023 at 8:31 pm

      Thank u Zee, sunday

  4. Zee says:
    September 7, 2023 at 6:31 pm

    vvovv! mi part vex v v ryyth…
    koniraku nxt up waanee?
    waiting….. ……… ..

    1. Mar Sha Mar Sha says:
      September 7, 2023 at 8:32 pm

      Anekka miothy double vefa ehnu 😅

  5. love imko 💕💕 says:
    September 7, 2023 at 8:19 pm

    Vvovv! Mi part vex v v ryyth
    Konirakun nex I part waanee?
    Waiting for next part… ••• …… •••

    1. Mar Sha Mar Sha says:
      September 7, 2023 at 8:32 pm

      Thank u Imko, sunday

  6. Lily says:
    September 10, 2023 at 12:46 pm

    Miadhuge part kon irakun😭😭

  7. Zee says:
    September 10, 2023 at 2:30 pm

    Kobaaa up kurany koniraku??? v v curious!!!
    Ehenve mi comment kurewuny😅
    Aslu ingeytha… Mihaaru 10 warakah faharu up wefa intho belijje!!! hehehehhh😁

Comments are closed.

Next Episodeޔާރާ އަހާށޭ 12←


All Right Reserved!