ވަދީފާ ހިނަވާ ނިމި މޫނު ދައްކަން ފެށިއިރުވެސް ޔައިލީ ހެޔެއް ނާރައެވެ. ވަދީފާ ގާތު އޭނަގެ އެންމެ ގާތް އެކުވެރިންތައް ތިބީ ރޮއެރޮއެ ވަރުބަލިވެފައެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ އެންމެ ގާތް އެކުވެރިޔާގެ ކުއްލި ވަކިވުމުގެ ސަބަބުން އަސަރު ނުކުރާ ހިތެއްނެތެވެ. އެންމެންވެސް ވިސްނީ ޔައިލީއާ މެދުއެވެ. ވަދީފާ މަޖަލަކަށް ނަމަވެސް ވަދީފާ ނެތް ދުވަހަކުން ޔައިލީ ބަލައިދިނުމަށް ބުނި ބުނުން ހަނދާންވެ އިތުރަށް އެންމެނަށް އަސަރު ކުރުވިއެވެ. އަދި އެންމެންގެ ހިތުގައި ޔައިލީ ބެލެހެއްޓުމަށް ވަރުގަދަ އަޒުމެއް ކަނޑައެޅިއެވެ. ޔައިލީ ހޭނާރާ ގިނައިރުވާތީއާއި ވަދީފާގެ ހަށިގަނޑު ވަޅުނުލާ ގިނައިރު ނުބަހައްޓަންވެގެން އެންމެންވެސް ނިންމީ އަވަހަށް ޖަނާޒާ ނިންމާލާށެވެ. ކަށު ނަމާދުކޮށްނިމި ސަންދޯއް ހިފައިގެން ގަބުރުސްތާނަށް ގޮސް ވަދީފާގެ ހަށިގަނޑު ވަޅުލެވުނެވެ. އެ ސަފްހާ މުޅި އުމުރަށް ނިންމާލަމުންނެވެ.
………………..5 އަހަރު ފަސް………………..
*ބާރަވަނަ ބައި*
މަޑުމަޑުން ޔައިލީ ދެލޯ ހުޅުވާލީ ޔައިލީގެ ކެބިން ދޮރުގައި މީހަކު ޓަކި ޖަހާލުމުންނެވެ. އެއާއެކު އިށީންދެގެން އިން ގޮނޑީގައި ރީތިކޮށް ހަމަޖެހިލިއެވެ. އަދި ގަޑި ބަލާލީ ގަޑިން ވީއިރެއް ބަލާލުމުގެ ނިޔަތުގައެވެ. އަށެއް ޖަހާ ބޮޑުވެފައި ހުރިތަން ފެނުމާއެކު ޔައިލީއަށް ފުންމައިގެން ތެދުވުނެވެ. އަދި އެތާހުރި މީހާ ގާތު ގެއަށް ދަނީކަމަށް ބުނެ ޔައިލީގެ އަތް ދަބަސް ހިފައިގެން އެތަނުން ނިކުންނަން ހިނގައިގަތެވެ.
އޭ އެކްސް އައިގެ މައި އޮފީހުން ޔައިލީ ނިކުމެގެން އައީ އާކިންއަށް ގުޅާފައި ޔައިލީ ބަލާ އައުމަށް ބުނެފައެވެ. އިރުކޮޅެއްނުވެ އާކިން އޭނަގެ ކާރުގައި ޔައިލީ ބަލާ އައެވެ. ކާރުތެރޭގައި އެކަކުވެސް އަނގައަކުން ނުބުނެއެވެ. އެ ހަމަހިމޭންކަން ފޫދުއްވާލީ ކާރުގައި ޖަހަމުން ދިޔަ މަޑުމަޑު ލަވައަކުންނެވެ. ޔައިލީގެ ހަމަހިމޭންކަމުން އާކިންއަށް އުނދަގޫވެގެން ދިޔައެވެ. “ޔައި.. ހާދަ މަޑަކުން ތީނީ.. ކަމެއް ވީތަ؟” އާކިންއަށް ނުހުރެވިގެން ޔައިލީއާ ސުވާލުކުރިއެވެ. “ނޫން.. ކަމެއް ނުވެ..” ޔައިލީގެ ޖަވާބު ކުރެވެ. “ކަމެއް ނުވަންޏާ ތިހެން މަޑުންނެއް ނުހުންނާނެ…. އެކަމާ ވިސްނަނީތަ؟” ވަރަށް ވިސްނާލާފައި އާކިން ޔައިލީގާތު އަހައިލީ ޔައިލީގެ ގޮތް ރަނގަޅަށް އިނގޭތީއެވެ. ޔައިލީ ވަކި އެއްޗެކޭ ނުބުނެ މަޑުމަޑުން ބޯ ޖަހައިލީ އާކިންއަށް އެކަން ސިއްރު ނުކުރެވޭނެތީއެވެ.
ފަސް އަހަރު ފާއިތުވެގެން ދިޔައިރު ޔައިލީގެ މިޒާޖަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އަބަދުވެސް ހުންނަނީ ކޮންމެވެސް ފިކުރެއްގައެވެ. ވާހަކަދެއްކުންވެސް ވަރަށް މަދުވިއެވެ. އޮފީހަށް ނުވަތަ ދީމާމެންގެއަށް ނޫނީ ގެއިން ބޭރަކަށްވެސް ނުނިކުމެއެވެ. ނަމަވެސް އާކިންގެ ބުރަ މަސައްކަތުން ޔައިލީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅެމުންދިޔައެވެ. ވަދީފާގެ މަރަށްފަހު ޔައިލީ ދިރިއުޅެމުންދަނީ އައިރާމެންގޭގައެވެ. ޔައިލީ ކުރިން އުޅުނު ގެ ކުއްޔަށް ދިނީއެވެ. ވަދީފާގެ ކޮޓަރި އިން ގޮތަށް ބައިންދާފައެވެ. އެ ކޮޓަރިއަށް އެއްވެސް މީހަކު ކައިރިވެލާކަށްވެސް ޔައިލީ ނުދެއެވެ. ފުރަތަމަ ދުވަސްކޮޅު ޔައިލީ އުޅުނު ހާލު އެންމެ ގާތުން ފެނިފައިވަނީ އާކިންއަށެވެ. ޔައިލީގެ ހާލުދެރަވެގެން ތިންވަރަކަށް ފަހަރު ހޮސްޕިޓަލުގައި ބާއްވަންވެސް ޖެހުނެވެ. އޭގެ ފަހުންވެސް ރަނގަޅުވާކަމުގެ ނިޝާނެއް ނުފެނުމުން ނަފްސާނީ ޑޮކްޓަރަކަށްވެސް ޔައިލީ ދެއްކިއެވެ. ޔައިލީ ރަނގަޅުވާން ފެށީ އޭގެ ދެތިން މަސް ފަހުންނެވެ. ކިރިޔާވެސް މީހަކާ ވާހަކަ ދައްކަންފެށީ އޭގެ ފަހުންނެވެ. އެކަމާ އާކިން އުފާވިވަރު ދެނެވޮޑިގެންވާނީ އެންމެ ފަރާތަކަށެވެ.
ޔައިލީ އިތުރު އެއްޗެކޭ ނުބުނުމުން އާކިންވެސް އިތުރަކަށް އެ ވާހަކަ ދައްކާކަށް ނޫޅުނެވެ. ނަމަވެސް އާކިންގެ މޫނުމަތީގައި ފަނޑު ހިނިތުންވުމެއް ވިއެވެ. އެ ހިމޭންކަމުގައި ގެއަށް ދެވުނެވެ. ކާރުން ފައިބާ ޔައިލީއާ އެކު އާކިން އެތެރެއަށް ވަނެވެ. އާކިންއަކީ އެގޭގެ ނުވައެއްގައި އުޅޭ މީހެއްކަމުން ޔައިލީއާއެކު މިގަޑީ އާކިން ގެއަށް ވަންނަން އުޅުމުން ޔައިލީ ހުރީ ސުވާލު އުފެދިފައެވެ. ނަމަވެސް ސުވާލުކުރުމެއް ނެތި ޔައިލީ އެތެރެއަށް ވަނެވެ. އަދި ލައިޓު ދިއްލާލިއެވެ. އެއާއެކު ޔައިލީއަށް ހަޅޭއްލަވައިގަނެވުނެވެ.
“ސަޕްރައިޒް!!!! ހެޕީ ބާތްޑޭ ޔައި!!!” އެންމެންވެސް ތިބީ އެތާގައެވެ. “ހެޕީ ބާތްޑޭ ލަވް..” އާކިން ފަހަތުން ޔައިލީގެ ދެކޮނޑުގައި ހިފާލަމުން ކަންފަތް ކައިރީގައި މަޑުމަޑުން ބުންޏެވެ. ނަމަވެސް ޔައިލީގެ އެއްވެސް އިޝާރާތެއް ނުލިބުނެވެ. އެކުއްޖާ ހުރީ އެހާވެސް ހައިރާންވެފައެވެ. ކުރަންހުރި މަސައްކަތްތައް ގިނަކަމުން މިއަދު މީ ޔައިލީގެ އުފަންދުވަސްކަން ޔައިލީ ހުރީ ހަނދާންވެސް ނެތިފައެވެ. ޔައިލީ ހުރީ ފާހަގަ ކުރާހިތްވެސް ނުވެފައެވެ. ނަމަވެސް މިވީގޮތުން މިޖެހުނީ މިކަމުގައި ބައިވެރިވާންތާއެވެ. ލަސްކުރުމެއްނެތި އާކިންއާއެކު ކޭކު ފަޅަން ދިޔައެވެ. އެ ކޭކުގެ މަތީގައި ދޭކާއި ތިނެއްގެ ބައްޓަމަށް އިން ރީތި ދެ އުއްބައްތި ރޯކޮއްފައި އިނެވެ. އާނއެކެވެ! ޔައިލީއަށް ތޭވީސް އަހަރު ވީއެވެ. އަދި އަވަސް އަރުވާލާފައި އުއްބައްތިތަކަށް ފުމެ އެ ނިއްވާލިއެވެ. އެއާއެކު ކޭކުވެސް ފެޅިއެވެ. “ތޭންކްސް ޔޫ ގައިޒް!! ވަރަށް ސަޕްރައިޒް ވެއްޖެ އަސްލުވެސް.. ޔައި ހަނދާނެއްވެސް ނެތް މިއަދު މީ ޔައިގެ ބާތްޑޭ ކަމެއް..” ޔައިލީ އެންމެނަށް ކޭކު ލަވަމުން ބުންޏެވެ. “އިނގޭ ނުހުންނާނެކަން.. އެހާވެސް ބިޒީ ކުއްޖެއްވިއްޔާ ތީ.. އެހެންވެ އެކަމުގެ ފައިދާ ނަގައިގެން ޔައިއަށް ސަޕްރައިޒް ދިނީ މި..” އަލާން ބުންޏެވެ. “އައި ލަވް އިޓް.. ތެންކްސް” ޔައިލީ ހުރީ އެހާވެސް އުފާވެފައެވެ. ކުރިން ވިސްނަން ހުރި ކަންތައް މަތިންވެސް ހަނދާނެއްނެތް ކަހަލައެވެ.
އެރޭ އެއްކޮށް ހޭދަވެގެން ދިޔައީ މަޖަލާ ސަކަރާތުގައެވެ. އެހާ ގިނަ ފޮޓޯވެސް ނެގުނެވެ. ޕާޓީ ނިންމާފައި އޭގެ ފަހުން ގަޑިއިރެއްވަންދެން އެކުދިންތައް ބޮޑުވާހަކައިގައި ތިއްބެވެ. އެ ހުރިހާ ވަގުތަކުވެސް އާކިންހުރީ ޔައިލީގެ އަތުގައި ހިފާލައިގެންނެވެ. ނޫނީ ޔައިލީގެ ކޮނޑުގައި ބޯ އަޅައިގެންނެވެ. ފާއިތުވެދިޔަ ފަސް އަހަރުގައި އާކިންއާއި ޔައިލީގެ ގުޅުން ދިޔައީ އިތުރަށް ވަރުގަދަވަމުންނެވެ. އެދެމީހުން އުޅޭ ވައްތަރުން އަލާންއާއި އައިރާގެ ކަމަކީ އަބަދު އެދެމީހުންނާ ދިމާ ކުރުމެވެ. އެއީ ކޮންމެ ދުވަހެއްގެ ވާޖިބެއްކަހަލަ ކަމެކެވެ. ދިމާނުވާ ދުވަހެއްނަމަ ގްރޫޕުގައިވެސް ދިމާކުރާނެއެވެ. އޮފީހެއް ގެއެއް އެހެން ތަނެއް ނޯވެއެވެ. ދިމާކުރުމުގައި ހައްދު ފަހަނައަޅާފައި ތިބި ބައެކެވެ. އަނެއްކޮޅުން ދީމާއާ ޔައިލީ އަދި އާކިންއާ ޒިލާލްވެސް އެހާވަރަށް އައިރާއާ އަލާންއަށް ދިމާކުރާނެއެވެ. އިތުރަށް މަޖާކުރަން ޒިލާލްއާ ދީމާއަށްވެސް ވަކި ދުލެއްނުކުރެއެވެ. އެއްދުވަހަކު އަލާން އައިރާގެ ކޮޓަރިއަށް ވައްދާފައި ބޭރުން ތަޅުވެސް ލިއެވެ. އެތެރެއިންވެސް ތަޅުލެވޭނީ ތަޅުދަނޑިންކަމުން އެވަގުތު އައިރާއަކަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. އެހާ ލަދުވެސް ގަތެވެ. އެވަރުންވެސް ގޯސްކުރީ ކުށެއްނެތް އަލާންއެވެ. އެދެމީހުން ގަތްގަނޑަކަށް ބައި ގަޑިއިރެއް ވަންދެން ޒުވާބު ކުރަން ހުއްޓެވެ. ކޮޓަރީ ދޮރު ހުޅުވިކަމެއްވެސް އެދެމީހުންނަކަށް ނޭނގުނެވެ. އަނެއްކޮޅުން އެ ގުރޫޕު އެންމެން ބިރުވެރި ވާހަކަ ކީ ރެއެއްގައި އައިރާ ދީމާ ސިއްސުވާލިގޮތުން ދީމާ ފުންމައިގަތީ ޒިލާލް ގައިމައްޗަށެވެ. ޒިލާލް އެކަމާ ތައްޔާރު ނުވެ ހުރުމުން ދެމީހުން އެއްކޮށް ވެއްޓުނީ ބިންމައްޗަށެވެ. އެއްވަރުގެ ބައެކެވެ. ކުރާނެ ކަމެއް ނެތެވެ. އެމީހުންނާ ޖެހިއްޖެއްޔާ ދުވަސް ދިޔައީއެވެ.
އެގޮތުގައި މާ ގިނައިރު އިންނާކަށް ނުހެދިއެވެ. މާދަމާއަށް ވަނީ ދަތުރު ދިޔުމަށް ހަމަޖައްސާފައިކަމުން އެންމެންވެސް ގެއަށް ދިޔައެވެ. ޔައިލީވެސް ޔައިލީއަށް ހާއްސަކުރެވިފައިވާ ކޮޓަރިއަށް ދިޔައީ ވަރުބަލިވެފައި ހުރުމުންނެވެ. އަދި ނިދާ ހެދުމަށް ބަދަލުކުރިއެވެ. އެވަގުތު ފޯނަށް މެސެޖެއް އައިކަމުގެ ނޮޓިފިކޭޝަން އަޑު އިވުނެވެ. އެނދުގައި ރީތިކޮށް ހަމަޖެހިލަމުން ފޯނު ހުޅުވާލިއެވެ. އައިސްފައިވަނީ އާކިންގެ މެސެޖެކެވެ. އޭގައިވަނީ ރޭގަނޑުގެ ތަހުނިޔާ ކިޔާފައެވެ. އަދި ރަނގަޅަށް ނިދުމަށް ބުނެ ވަރަށް ވަރަށް ލޯބިވާކަމަށް އެތައްފަހަރަކު ބުނެފައެވެ. ޔައިލީވެސް އާކިންއަށް ރޭގަނޑުގެ ތަހުނިޔާ ކިޔާ ލޯބިވާ ކަމަށް ބުނެ ފޯނާ ދުރަށް ޖެހިލައި ނިދަން އުޅުނެވެ. ނަމަވެސް ޔައިލީއަކަށް ނުނިދުނެވެ. މަންމަގެ ހިޔާލުތައް ބޮލުގައި އެނބުރެންފެށީ ވައިރޯޅިއެއްހާ ހަލުވިމިނެއްގައެވެ. ވޭތުވެދިޔަ ފަސް އަހަރުގައި ޔައިލީގެ ހާލަކީ މިއެވެ. ފަހަކަށްއައިސް ދޭތެރެދޭތެރެއިން ހުވަފެންވެސް ފެނެއެވެ. ނަމަވެސް ޔައިލީ މި ވާހަކަ އެއްވެސް މީހެއްގާތު ނުބުނެއެވެ. ވަގުތާއެކު އެކަންވެސް ރަނގަޅުވާނެ ކަމުގެ އުންމީދުގައެވެ.
އެގޮތުގައި އޮއްވާ އެއްލިކަޅިއަކުން ޔައިލީއަށް އަލަމާރި މަތީގައި އިން ލަކުޑި ފޮއްޓެއް ފެނުނެވެ. ދެހިޔާލެއްގައި ހުރެ އެ ފޮށި ނެގައި އޭގެ މަތި ހުޅުވާލިއެވެ. އޭގައި ހުރީ ހުސް ބާވެ ގިނަދުވަސްވެފައިވާ ކަރުދާސް ތަކެކެވެ. ބަލާބެލުމުން ސިޓީތަކެއްހެން ހީވެއެވެ. އާނއެކެވެ. އެއީ ވަދީފާގެ ފޮށްޓެކެވެ. ވަދީފާ މަރުވި ދުވަހު ޔައިލީ ވަދީފާގެ ކޮޓަރިއަށް ވަނުމުން ފެނުނު ފޮއްޓެކެވެ. އޭތި ޔައިލީއާއެކު އައިރާމެންގެއަށް ގެންދިޔައީ މަންމަގެ ހަނދާނަކަށެވެ. ފަހުން ހުޅުވަން ހަދައިގެން ފަސް އަހަރު ފާއިތުވީ ހީވެސް ނުކުރާހާ އަވަހަށެވެ. އަދި މިދުވަސްކޮޅު ޔައިލީ ބިޒީކަމުން އެއްވެސް ވަގުތެއްވެސް ލިބެނީއެއް ނޫނެވެ. އެ ފޮށި ބަލާލަން ރަނގަޅު ފުރުސަތެއް ލިބުނީ އަދި ކިރިޔާއެވެ. އޭތި ހާވަނިކޮށް ޔައިލީއަށް އޭގެން ކުޑަވަރެއްގެ ފޮތެއް ފެނުނެވެ. އެ ފޮތް ހުޅުވާލުމާއެކު ފެނުނީ ފޮޓޮއެކެވެ. އެ ފޮޓޯގައި ހުރީ ވަދީފާއާ ޔައިލީ ކުޑައިރުއެވެ. ގާތްގަނޑަކަށް ހަ މަސް ވެދާނެއެވެ. ވަދީފާގެ މޫނުމަތީގައި ރީތި ފުން ހިނިތުންވުމެއް ހުއްޓެވެ. ޔައިލީވެސް ހުރީ ކޮންމެވެސް ކަމަކާ ވަރަށް ލޯބިކޮށް ހޭށެވެ. ބޮޑުކޮށް އަނގަ ހުޅުވައިގެން ހުރިއިރު މަތިންނާއި ތިރިން ފަޅާފައި އިން ހަތަރު ކުދިކުދި ދަތްތައް ފެނިގެން ދެއެވެ. އެ ފޮޓޯގެ އިތުރުން ބައިވަރު ފޮޓޯތައް ހުއްޓެވެ. އޭގެތެރޭގައި ޔައިލީ ވަކިން ނަގާފައި ހުރި ފޮޓޯތަކާއި އެންމެން އެއްކޮށް ނަގާފައި ހުރި ފޮޓޯތައްވެސް ހިމެނެއެވެ.
އިތުރަށް އެ ފޮށި ހާވަނިކޮށް ދެން ފެނުނު ފޮޓޯއަކުން ޔައިލީގެ ހިތުގައި ސުވާލުތައް ފުނިޖެހެން ފެށިއެވެ. އޭގައި ވަނީ ވަދީފާއާ އެކު ރީތިވަރެއްގެ ފިރިހެނެކެވެ. އާދައިގެ ވަރަކަށް މަތިމަހަކާއި ތުނބުޅިއެއްވެސް ހުއްޓެވެ. އޭނާ ހުރީ ވަދީފާގެ އުނަގަނޑުގައި ހިފަހައްޓައިގެންނެވެ. ދެމީހުންގެ މޫނުމަތީގައި ލޯބި ހިނިތުންވުމެއްވިއެވެ. އޭގެ އިތުރަށް ދެތިން ހައެއްކަ ފޮޓޯ ފެނުނެވެ. އެއީ ކާކުކަމާމެދު ޔައިލީގެ ހިތުގައި ޝައްކު އުފެދުނެވެ. ނަމަވެސް ޔައިލީއަށް ނޭނގޭ އެތައް ކަމެއް އެބަހުއްޓެވެ. ޝައްކެއްގެ މަތީގައި ޔައިލީ ހުންނާކަށް ބޭނުމެއް ނޫނެވެ. މާދަމާ ބޮޑެތި މީހުން ކައިރީ އަހަން ނިންމައިގެން ފޮށި މޭޒުމަތީގައި ބައިންދާފައި ޔައިލީ ނިދަން އޮށޯތީ އިތުރަށް އެކަމާ ނުވިސްނާށެވެ. ނަމަވެސް ދޭތެރެއަކުން ޔައިލީއަށް ހޭލެވެނީ އެ ހިޔާލުތައް އުނދަގޫ ކުރާވަރުންނެވެ. ދެލޯ ތަގުޅިކޮށްލަމުން ނިދޭތޯ ބެލީ މާދަން އަވަހަށް ހޭލެވޭތޯއެވެ. އެހެން އޮއްވާ ފުން ނިންޖަކަށް ގެނބުނީ ޔައިލީއަށް ނުވެސް އެނގިއެވެ.
އަނެއްކޮޅުން ޒިލާލްއާ ދީމާގެ ހާލު ބަލައިލަމާތޯއެވެ؟ ގެއަށް ދަނީއޭ ކިޔާފަ ނުކުތްގޮތަށް ދެމީހުން ޒިލާލްގެ ސައިކަލުގައި މުޅި މާލެ ވަށާ ބުރު ޖެހިއެވެ. ހުޅުމާލެއަށްވެސް ދިޔައެވެ. ނުދާ ތަނެއް ނެތެވެ. އޭރު ގަޑިން ދަންވަރު ބާރަޖަހަން ގާތްވަނީއެވެ. މިއީ އެދެމީހުންގެ އާދައެކެވެ. ފާއިތުވި ފަސް އަހަރު ހަފްތައަކު އެއްދުވަހު ނޫނީ ދެ ދުވަހު އެކަހަލަ ފިނި ބުރުތަކަށާއި ކޮފީއަށް ދިޔުމަކީ އެމީހުން އަބަދުވެސް ކުރާ ކަމެކެވެ. މީގެ އެއްވެސް ކަމެއް ގޭ އެއްވެސް މީހަކަށް ހިޔާލަކަށްވެސް ނާރާނެއެވެ. އެއްވެސް މީހަކަށް އަންގަންވެސް ބޭނުންނުވީއެވެ. އަދި އަމުދުން އައިރާއާ އަލާންއަށް އެކަން އެނގިއްޖެ ނަމަ ކުރާނެ ކަންތައް ހިތަށް އަރުވާލަންވެސް ދައްޗެވެ. ނަމަވެސް ނޫނެކެވެ. އެދެމީހުން އުޅެނީ ރައްޓެހިވެގެނެއް ނޫނެވެ. ދުއްވަ ދުއްވާފައި ދެމީހުން ދިޔައީ ކެފޭއަކަށެވެ. އާދައިގެ މަތިންނެވެ. އަދި ދީމާ ގާތު އަހާލުމެއްވެސް ނެތި މޮންގޯލިއަން ރައިސްއަކަށާއި ޗިކަން ފްރައިޑް ރައިސް އަކަށް އޯޑަރު ދިނެވެ. އަދި ބުއިމަކަށް ކޯކު ބުންޏެވެ. ދީމާއަށް އެންމެ ކަމުދާ ކެއުމަކީ އެއީއެވެ. ޗިކަން ފްރައިޑް ރައިސްއެވެ. ޒިލާލްއަށް މިހާރު ދީމާ ދަސްވެފައިވަނީ ވަރަށްވެސް ބޮޑަށެވެ. ފަސް އަހަރަކީ ތޯތޯއެއް ނޫން ވިއްޔާއެވެ. “ޒެލް!” ދީމާ މަޑުމަޑުން ޒިލާލްއަށް ގޮވާލިއެވެ. “ކިއްވީ؟ މާ ލޯބިން ތި ގޮވާލީ؟” ލާނެތް އަސަރުތަކަކާއެކު ޒިލާލް ބުންޏެވެ. “ސާބަސް ޒެލް އަށް… އެއްޗެއް ބުނެވޭކަށްވެސް ނޯންނާނެ ދިމާކުރާވަރުން.. ހްމްމް.. ދެން ނުވެސް އުޅެން ބުނާކަށް..” ދީމާވެސް ދެރަވާކަމަށް ހެދެމުން މޫނު އަނބުރާލިއެވެ. “އާނ އޯކޭ ސޮރީ ސޮރީ! ދެން ނުކިޔާނަން އެހެންނެއް. ބުނެބަ.. ކީއްވީ؟” ޒިލާލްވެސް ހަމަޖެހިލިއެވެ. “މިހާރު ވަދިއްތަ ނިޔާވިތާ ފަސް އަހަރު ވެއްޖެ.. ފަސް އަހަރަކީ ކުރު މުއްދަތެއް ނޫން.. އަހަރުންވެސް ފްރެންޑްސް ގޮތުގައި ހުންނަތާ ފައިވް އިޔާޒް ވެއްޖެ..” “ދެން ކީއްވީ؟؟ އެހެން ލެވެލްއަކަށް ދާން ބޭނުންވީތަ އަނެއްކާ؟؟؟” ދީމާ ހުއްޓުން އެރީ ޒިލާލް ދެލޯ ބޮޑުކޮށްލާފައި ކުއްލިއަކަށް އެހެން ބުނުމުންނެވެ. އެ ޝޮކުގައި ދީމާގެ އަނގަ ބަންދުވިއެވެ. “އެހެނެއް ނޫން ދޯ މި ބުނީ.. އައި މެންޓް..” ދީމާއަކަށް ބުނަން ބޭނުންވި އެއްޗެއް ނުބުނެވުނެވެ. “އޭއި.. ދީ!! އައި ވޯޒް ޖަސްޓް ޖޯކިންގ.. ރިލޭކްސް.. އަހަރުން ދެމީހުން މީ ބެސްޓީޒް ފޮރެވާ އެންނު؟ ދެން އިތުރަށް ކޮން ކަމެއް އޮންނާނީ؟؟ އެހެން ބުނީމަ ހާދަ ވަރެކޭ ތިވީ ޑޯލްއަށް.. ހަހަހަ.. އެޔޮއް މޫނެއް ދޯ އެކަމަކު..” ޒިލާލް ބާރަކަށް ހޭން ފެށިއެވެ. އަދި ދީމާގެ މޫނު ހުރިގޮތް ޒިލާލްގެ މޫނުން ދައްކަން ފެށިއެވެ. ޒިލާލް ހަދަން ފެށިގޮތުން ދީމާއަށްވެސް ހިނިގަނޑު ފަޅާލެވުނެވެ. “އަޅޭ!! ހަމަ އެހާވަރުވިތަ ދީއަށް؟؟ އޯ ނޯ!!!” ދީމާ ހުރީ ވަރަށްވެސް ކަޑަވެފައެވެ. އެހެން ހިތަށް އެރުވުނީތީވެސް ދީމާ ލަދުގަތެވެ. އެކަމު ދީމާ ޒިލާލްއާއެކު އެކަހަލަ ހިޔާލެއްވެސް ނުކުރެއެވެ. ރަހުމަތްތެރިކަމުގެ ގުޅުމުން ފުދެއެއްނޫން ހެއްޔެވެ؟ ނަމަވެސް ދީމާއަށް ނޭނގުނީ ޒިލާލްގެ ހިތަށް އެވަގުތު ވަރަށް ތަދުވިކަމެވެ. ދީމާއާމެދު އުންމީދުތަކެއް ކޮށްގެން ހުރިކަމެވެ.
“ތިއެއްނޫނޭ ދީ ބުނަން އުޅުނީ.. ޒެލްއަށް ހުންނާނީ މިހާރު ދީ ދަސްވެފަ… އެކަމް ދީ އަކަށް ޒިލާލްގެ މާ ބޮޑު ކަމެއް ނޭންގޭ.. އަބަދުވެސް ތީ މިސްޓީރިއަސް ވަރަށް ސީރިއަސް ވައްތަރު ޖަހާ މީހެއް.. އެކަމް ދީ އާ އެކު އުޅެން ފެށީމަ ހީވަނީ ހަމަ ކުޑަކުޑަ ބޭބީ އެއްހެން..ހެހެ.. އައި ޖަސްޓް ވޮނަ ނޯ އެބައުޓް ޔޫ.. އަމްމް.. ކީއްވެ ފެމިލީ ވާހަކަ ޒެލް ނުދައްކަނީ؟؟ ދީއަށް ޒެލް ފެނުނު ދުވަހުންވެސް ޒެލް އުޅެނީ އެކަނި..” އަހަން ނާހަން ހުރެފައިވެސް ދީމާ އަހައިލިއެވެ. އެ ސުވާލާއެކު ޒިލާލްގެ މޫނުގެ ކުލަވަރު ބަދަލުވިތަން ދީމާއަށް ވަރަށް ރަނގަޅަށް ފެނުނެވެ. އެއާއެކު އެ ސުވާލު އެހުނުކަމުގެ މޮޔަ ހިތަށް އެރިއެވެ. އެކަކުވެސް އެއްވެސް އެއްޗެއް ނުބުނެ ފަސް ވަރަކަށް މިނެޓު ދިޔައެވެ. އެހެން ހުއްޓާ ވޭޓަރު ކާއެއްޗެހި ހިފައިގެން އައެވެ. ދީމާ ޒިލާލްއަށް ބަލާލި ވަގުތު ޒިލާލް ވީ ފުން ހިޔާލަކަށް ގެއްލިފައެވެ. “ސޮރީ..” ދީމާ ބުނީ މަޑުންނެވެ. ނަމަވެސް އެއަޑު ޒިލާލްއަށް އިވުނު ކަމެއް ނޭނގެއެވެ. ދީމާ އެކަމާ ދެރަވެ ހުރެ ކާން ފަށަން އުޅުނެވެ.
“ޒެލްއަށް އެންމެ އަށް އަހަރުގައި މަންމައާއި ބައްޕަ ނިޔާވީ…. ކާރު އެކްސިޑެންޓެއްގަ..” ދީމާ ޒިލާލްއަށް ބަލާލިއެވެ. ޒިލާލް އޭރުވެސް ހުރީ ހިޔާލެއްގައެވެ. ދެލޯވަނީ މެރިފައެވެ. ހީވަނީ ހަނދާން ކުރަން ބޭނުންނުވާ ކަމެއް ހަނދާން ވަނީހެންނެވެ. “އެއީ ވަރަށް ވިއްސާރަ ރެއެއްކަން ހަނދާންވޭ.. އެރޭ ޒެލް މަންމަ ކައިރީ ބުނީ ޒެލްއަށް ވަރަށް ބޮޑު ކުޅޭ އެއްޗެއް ގަނެދޭން.. ހަނދާންވާގޮތުން އެއީ ލެގޯ ސެޓެއް.. މަންމައާއި ބައްޕަ އޮފީސް މީޓިންއަކަށް ގޮއްސަ ގެއަށް އަންނަން އުޅުނު މަގުމަތީގަ ޒެލް ގުޅާފަ ބުނީ އެ ގަނެދޭށޭ.. މަންމަ ބުނި މާދަން ގަނެދޭނަމޭވެސް.. އެކަމް ޒެލް ވަރަށް އާދޭސްކޮށްގެން މަންމައާ ބައްޕަ ފޮނުވީ އެ ގަންނަންވެގެން.. ހިތަށް އަރާ ނުފޮނުވުނު ނަމައޭވެސް. އެކަމު ނަމައަކުން ކެއްކޭނެ ރިހައެއް ނޯންނާނެތާ.. އެރޭ ގަވައިދާ ހިލާފަށް ދުއްވަމުން ދިޔަ ކާރެއް މަންމަމެންގެ ކާރުގަ ޖެއްސީ.. ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހަށިގަނޑަކު ފުރާނައެއް ނެތް.. މަންމަގެވެސް ބައްޕަގެވެސް.. އޭގެ ފަހުން ޒެލް އުޅުނީ ޒެލްގެ މާމައާ އެކު.. އެކަމު މާމަވެސް އެކަމުގެ ހިތާމައިގަ އެ ހާދިސާ ހިނގައިދިޔަތާ އަހަރެއްފަހުން ނިޔާވީ.. އޭގެފަހުން ޒެލް އުޅުނީ ޒެލްގެ ބޮޑުބެއާ އެކު.. އެކަމު ބޮޑުބެ އެހާ ވަރަކަށް ނޫޅެ ޒެލްއާ ވެގެނެއް.. ބޭނުންވާ އެއްޗެހި ދޭނެ ބަރާބަރަށް.. ޒެލްގެ ކަޒް ވެސް ވަރަށް އުނދަގޫ ކުރާނެ އޭރުގަ. އެކަމު މިހާރު ކަމަކު ނޫނީ ވާހަކައެއްވެސް ނުދައްކަން… ދެން އަމިއްލަ ފައި މައްޗަށް ކޮޅަށް ތެދުވެވެން ފެށޭވަރުވީމަ އަމިއްލަ އެޕާޓްމެންޓަކަށް ބަދަލުވީ.. ދެން މިހާރު މި އުޅެނީ ބައްޕަގެ ކޮންޕެނީގެ ބޮޑަކަށް…. އެންޑް އޮފް ސްޓޯރީ.. އައި ސްޓިލް ބްލޭމް މައިސެލްފް ފޯ އެވްރީތިންގ.. ހިތަށްއަރާ މަންމައާ ބައްޕަ ޒެލްދެކެ ވަރަށް ރުޅި އަންނާނޭވެސް.. ލެގޯ ފެނުނީމަވެސް ފާޑެއްގެ ގޮތެއްވޭ.. އެހެންވެ އެ ނުފެންނަ ހިސާބަކު ހުންނަނީ އަބަދުވެސް” ޒިލާލް ވާހަކަ ހުއްޓާލާފައި ދީމާއަށް ބަލާލިއެވެ. އެއާއެކު ޒިލާލްގެ ދެލޯ ބޮޑުވިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އެފަކީރު ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަނީއެވެ. ނޭފަތްވެސް ދަމަންފެށިއެވެ.
“ދީ!! ހާދަ ވަރެއްތިވީ؟؟؟ މިހާ އިމޯޝަނަލްކަން އެނގުންނަމަ ނުވެސް ކިޔައިދިނީސް..” އެހެން ބުނެފައި މޭޒުމަތީގައި އިން ޓިޝޫ ފޮށިން ދެތިން ޓީޝޫ ނަގާފައި ދީމާއަށް ދިނެވެ. “ސޮރީ!! ހިޔެއް ނުކުރަން ޒެލްގެ އެހާ ސޭޑް ސްޓޯރީއެއް އިނދެދާނެކަމަށް…” ޓިޝޫގައި ހިފަމުން މޫނު ސާފުކޮށްލިއެވެ. “އެކަމް ޒެލްއަށް އިނގޭތަ ޒެލްގެ ފޯލްޓް އެއް ނޫންކަން އެއީ؟؟ ޒެލްއަށް އޭރު އެންމެ އަށް އަހަރު! ކޮންމެ ކުއްޖެއްވެސް ބޭނުންވާނެ އެކަހަލަ އެއްޗެހި… އެންޑް ޒެލް ބުނީމަ ގަނެދޭންވެސް ދިޔައެއްނު އެއްވެސް ޝަކުވާއެއްނުކޮށް.. އޭގެންވެސް އެ އެނގެނީ ޒެލްދެކެ އެމީހުން ލޯބިވާވަރު… ޑޯންޓް ބްލޭމް ޔުއަރސެލްފް ފޯ ދިސް.. ދެން އެމީހުން ހުންނާނީ ޒެލް ކަހަލަ ބަސްއަހާ ކާމިޔާބު ދަރިއަކު ލިބުނީތީ ޕްރައުޑް ވެފަކަން ދީގެ އެއްވެސް ޝައްކެއް ނެތް..” ޒިލާލްގެ އަތުގަ ހިފާލަމުން ދީމާ ބުނީ ޒިލާލްއަށް ހިތްވަރު ދޭށެވެ. ޒިލާލްވެސް ހިނިތުންވުމެއް ދައްކާލީ ދީމާއަށް ޝުކުރުވެރިވާ ހާލުއެވެ. އެއީ އެއްވެސް މީހަކަށް ޒިލާލް ކިޔައިދިން ވާހަކައެއް ނޫނެވެ. ކިޔައިދޭނެ މީހެއްވެސް ވަކި ނެތީއެވެ. “ތޭންކްސް ދީ… ސޯ މަޗް” މާނަފުން ގޮތަކަށް ދީމާއަށް ބަލާލާފައި ދީމާގެ އަތަށް ބާރުކޮށްލިއެވެ. “އެއީ އެއްވެސް ކަމެއް ނޫން.. ދެން ހިނގާ ކެވޭތޯ ބަލަން.. މިރޭވެސް ގެއިން ކެޔެއްކަމަކު ބަނޑު ފުރޭކަމަކަށް ނުވި..” ދީމާ އިތުރަށް އެ ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. އަދި އަވަސް އަވަހަށް ކާން ފެށީ ބަނޑުހައިވެފައި ހުރުމުންނެވެ. ޒިލާލްވެސް މަޑު ހުނުމަކާއެކު ކާން ފެށީ ދީމާގެ ކެއުމަށް ފާޑުކިޔަމުންނެވެ.
****************
އަނެއްދުވަހު ހެނދުނެވެ. އެންމެންވެސް ތައްޔާރުވެގެން ތިބީ ކައިރީ ފަޅު ރަށަކަށް ދަތުރު ދިޔުމަށެވެ. އެ ދަތުރުގައި އައިރާގެ އާއިލާ އެންމެނާއި ދީމާގެ އާއިލާ އެންމެން އަދި އަލާންގެ އާއިލާ އެންމެނާ އާކިންގެ އާއިލާ އެންމެން ބައިވެރިވެއެވެ. އެންމެންވެސް މަޑުކުރަނީ ޔައިލީ ނިކުންނާނެ އިރަކަށެވެ. އެހެން ގިނައިރު މަޑުކުރާކަށް ނުޖެހުނެވެ. ޔައިލީ ކޮޓަރިން ނިކުތުމާއެކު އެންމެން ދާން ތެދުވިއެވެ. އަދި އެއްޗެހިތަށް ހަމަކުރުމުގައި އުޅުނެވެ. “ޔައި!! އަރީންގެ ރިންގު ގެނެސްދީބަ!!” އައިރާގެ ދޮންތަ ލީނާ ޔައިލީގާތު ބުންޏެވެ. އަދި ލީނާ އަތަށް ރިންގު ދީފައި ޔައިލީ ދިޔައީ ފާތުން ކައިރިއަށެވެ. އެވަގުތު ހުރިހާ ކުޑަކުދިންތައް ވީ އަރީންގެ ކޮޓަރީގައި ކުޅޭށެވެ. “ފާންތާ..” މަޑުމަޑުން ޔައިލީ ގޮވައިލިއެވެ. އޭރު ފާތުން ހުރީ އޭނަގެ ދެ އަހަރުގެ މާމަ ދަރި ތާރާގެ ފައިވާނަށް އަރުވައިދޭށެވެ. ތާރާއަކީ ފާތުންގެ ދެވަނަ ދަރި އަދި އައިރާގެ ތިއްތަ އިފާގެ ފުރަތަމަ ދަރިފުޅެވެ. “ކީކޭ ޔައި؟؟ ކަމަކުތަ؟” ފާތުން އަހައިލީ ޔައިލީ ހުރިގޮތުން ކޮންމެވެސް ކަމެއް ވެއްޖެކަން ރޭކާލުމުންނެވެ.
“ޔައިގެ ބައްޕައަކީ ކާކު؟؟”
ނުނިމޭ!