އެތެރެއިން އެއްވެސް އަޑެއް ނީވުމުން ޔައިލީގެ ހިތަށް ބިރުވެރިކަން ވަނެވެ. ނަމަވެސް ކޮޓަރި ހުރީ ތަޅުލާފައެވެ. އަވަސް އަރުވާލާފައި ކޮޓަރީގެ ޑަބަލް ތަޅުދަނޑި ހޯދައި ދޮރު ހުޅުވާ މަންމައަށް ގޮވާލިއެވެ. އެއާއެކު ފެނުނު މަންޒަރަކުން ޔައިލީގެ ހިތް އަނގައަށް ނައީ ކިރިޔާއެވެ.
*އެގާރަވަނަ ބައި*
ވަރޑުގައި ވަދީފާ ބާއްވާފައި އޮތް އެނދުގައި ޔައިލީ ބޯ އަޅާލައިގެން އޮތީ މަންމަ ނުބެލުނުކަމަށްޓަކައި އަމިއްލަ ނަފްސު ކުށްވެރިކުރާ ހާލުއެވެ. އެހެނީ ޔައިލީގެ މަންމައަކީ ޔައިލީގެ ހުރިހާވެސް މީހެވެ. ބައްޕައެއްގެ ލޯބި ނުލިބޭކަމުގެ އިހުސާސް ކުރާކަށް ޔައިލީއަކަށް ފުރުސަތެއް ނުދެއެވެ. އެހާވެސް ލޯބިދީގެން އެތަށް ގުރުބާނީތަކެއް ވަދީފާ ވިއެވެ. އެކަމާ ޔައިލީ މަންމައާ މެދު އޮންނަ ގަދަރު ދުވަހަކަށް ވުރެ ދުވަހެއް މަތިވެގެންދެއެވެ. އަމިއްލަ ލެއިން ކާންދީގެން ބަލާ ބޮޑުކުރި މަންމަ އެ ހާލުގައި އޮންނަތަން ބަލަން ޔައިލީ ކެތްކުރާވަރު އިނގޭނީ އެންމެ ފަރާތަކަށެވެ. ނަމަވެސް އިތުރަށް ނުހުރެވިގެން ޔައިލީއަށް އަނެއްކާވެސް ރޮވެންފެށީ ހިތަށް އަސަރުކުރިލެއް ބޮޑުކަމުންނެވެ. ފާރުގައި ލެނގިލައިގެން ހުރި އާކިން ދިޔައީ ޔައިލީގެ ހަރަކާތްތައް ބަލަމުންނެވެ. އެހެން ހުރެފައި ހިތަށް އެރީ މީގެ އިރުކޮޅެއްކުރިން ދިމާވި ކަންތަކެވެ.
އާކިން މިއަދު މެންދުރު ކާން އިށީންނި ވަގުތު ފޯނު ރިންގުވާއަޑަށް ކައިރީގައިއޮތް ފޯނުބަލާލިއިރު ގުޅަނީ ޔައިލީއެވެ. ގުޅަނީ ކީއްވެކަމާމެދު ސުވާލު އުފެދިފައި ހުރެ ފޯނުނެގުމުން އެންމެ ފުރަތަމަވެސް އިވުނު ޔައިލީގެ ގިސްލުމުގެ އަޑުން އާކިން ހުރިތަނަށް ކޮޅަށްޖެހުނެވެ. ކައިރީގައިހުރި ރިއާޝާއާއި އަކްމަލްހުރީ އާކިންގެ އެ ހަރަކާތުން ހައިރާންވެފައެވެ. ޔައިލީގާތު ކީއްވީހޭ އެހުމުންވެސް ރުޔުން ނޫން ކަމެއް ނުކުރިއެވެ. ނަމަވެސް އާކިންގެ އެތައްވާހަކައަކުން ޔައިލީ ރުއިން ހުއްޓާލާފައި ވީގޮތްކިޔައިދިނެވެ. އެއާއެކު އާކިންއަށް ލިބުނީ ކުއްލި ސިހުމެކެވެ. އާކިންގެ މަންމައާއި ބައްޕައަށް ވީގޮތް ކިޔައިދިނުމުން ލަސްކުރުމެއްނެތި އާކިންއާ ރިއާޝާ ދުވެފައި ދިޔައީ ޔައިލީމެންގެއަށެވެ. އެގެއަށްވަދެ ވަދީފާގެ ކޮޓަރިއަށް ދެވުމާއެކު އެދެމީހުންގެ ލޯ ތަންމިނަށް ހުޅުވިގެންދިޔައެވެ. އެގަޑިއަކީ އަކްމަލް އައިގަޑިކަމުން ވަދީފާ އަތްދަނޑި މައްޗަށް އުފުލާލައިގެން ގެންދިޔައެވެ. އަދި އަކްމަލްގެ ކާރުގައި އެންމެން ހޮސްޕިޓަލަށް ދިޔައެވެ. ދިޔަ މަގުމަތީގައި އެންމެނަށް ގުޅައި އެ ހަބަރު ދިނެވެ. އެހުރިހާ ވަގުތެއްގައިވެސް ޔައިލީ ދިޔައީ ރޮމުންނެވެ.
ޔައިލީ އަނެއްކާވެސް ރޯން ފެށުމުން އާކިން ގޮސް ޔައިލީގެ ކޮނޑުގައި މަޑުމަޑުން ހިފާލައި ކައިރީގައި އިން ގޮނޑިއެއްގައި އިށީނެވެ. އެއާއެކު ޔައިލީ އާކިންގެ ކޮނޑުގައި ބޯއަޅާލިއެވެ. “ހިތްވަރުކުރޭ ޔައި.. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ އިންޝާ ﷲ” ޔައިލީގެ ބޮލުގައި ބޮސްދެމުން ބުނެލިއެވެ. އަދި މަޑުމަޑުން ފިރުމަމުން ދިޔައެވެ. “މިހާރު ކޮންއިރެއް… އަދިވެސް މަންމަ ނުހޭލާ.. ޔައި އަކަށް ނޭނގެ ކުއްލިއަކަށް މަންމައަށް ވީ ކީއްކަމެއް.. ނޭނގެ ކިހާ އިރަކުކަމެއް ގޭގަ އެހެން އޮތީ. މިއަދު ހެނދުނުއްސުރެ މަންމައެއް ނުފެނެ.. މެންދުރު ގެއަށް އައި އިރުވެސް ނުފެނުނީމަ ޔައި ހީކުރީ މަންމަ ކޮޓަރީގަ ނަމާދުކުރަނީ ކަމަށް. އެކަމް…” ޔައިލީއަށް އިތުރަށް ނުބުނެވުނީ ރޮވެންފެށުމުންނެވެ. “ޝްޝްޝް.. ހުއްޓާލާ ޔައި.. އެއީ ޔައިގެ މައްސަލައެއްނޫނޭ.. އަމިއްލައަށް ބްލޭމް ނުކުރާތި.. ޔައިއަކަށް ނޭނގެއެއްނު ޔައި މަންމަ ބަލިކަމެއް.. ދެން ވެދާނެ ޔައި ކައިރީ ނުބުނީ ޔައި ދެރަވެދާނެތީކަމަށްވެސް.. އެކަމާ އެހާ ބޮޑަށް ހާސްނުވެބަ ދެން.. ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ.. އެ އައީ އިރާއާ ދީމާއާ އެލަންއާ ޒިއްލުއާ.. ދެން ހުއްޓާލާ.” ޔައިލީގައިގައި ބާރަކަށް ބައްދާލަމުން ކައިރީގައި ހުރި އަލާން ޒިލާލް އައިރާ އަދި ދީމާއާ ދިމާލަށް ބަލާލިއެވެ.
އައިރާއާ ދީމާ އައިގޮތަށްއައިސް ޔައިލީ ގައިގައި ވަރަށް ބާރަކަށް ބައްދާލިއެވެ. އެއާއެކު ޔައިލީއަށް އަނެއްކާވެސް ރޮވެންފެށުނެވެ. އެ މަންޒަރު ބަލަން ކެތްނުވެގެން އާކިން އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ. ދުރުގައި އަލާންއާ ޒިލާލްވެސް ހުރީ އެކަމާ އިންތިހާއަށް ދެރަވެފަކަން މޫނުމަތިންވެސް އިނގެއެވެ. އެތައް އިރަކު ޔައިލީ ރޯން ހުއްޓެވެ. އިރުކޮޅަކު އެހެން ރޯލުމަށްފަހު ޔައިލީ ހުއްޓާލިއެވެ. ނަމަވެސް ދޭތެރެއަކުން ގިސްލެވެއެވެ.
އެވަގުތު ހުރިހާ ބޮޑެތި މީހުން އުޅުނީ ވަދީފާ ޕްރައިވެޓް ރޫމަކަށް ބަދަލުކުރުމުގެ މަސައްކަތުގައެވެ. ފާތުން، ޝާދިޔާ، ރިއާޝާ އަދި ނަދާ ވެސް ތިބީ އެންމެ ގާތް އެކުވެރިޔާއަށް ކުއްލިއަކަށް އެކަހަލަ ކަމެއް ދިމާވީތީ ނުހަނު ކަންބޮޑުވެފައެވެ. އެންމެ ކުޑައިރުންވެސް ފެށިގެން އެންމެން އުޅުނީ ވަރަށްވެސް ގާތްކޮށެވެ. އުމުރުދުވަހު އެކު އުޅޭނެ ކަމަށް އެންމެން ވައުދުވީ ދުވަހު އެންމެ ފޯރިހުރީވެސް ވަދީފާއެވެ. މީހުންނާ އިނދެގެން ދަރިން ލިބި ދަރިން ބޮޑެތި ވެގެން ދިޔައިރުވެސް އެ ގުޅުމަކަށް ފުކެއްގެ ބަދަލެއްވެސް ނާދެއެވެ. އެހާވެސް އެ ގުޅުން ވަރުގަދަވެފައި ގާތެވެ. ދިމާވި ހުރިހާ މައްސަލަތަކެއް ހައްލުކުރުމުގައިވެސް އެންމެ ކުރީ ސަފުގައި ހުންނަނީ އަބަދުވެސް ވަދީފާއެވެ. ހަމަ އެގޮތަށް ވަދީފާއަށް ދިމާވި ހުރިހާ ކަމެއްގައިވެސް އެހީތެރިވުމުގައި އެންމެ ކުރީ ސަފުގައިވެސް ތިބެނީ އެމީހުންނެވެ. ޔައިލީގެ އެ ސިފައަކީވެސް ވަދީފާގެ ކިބައިން ވާރުތަވެފައިވާ ސިފައެއްކަން ނުބުންޏަސް އިނގޭނެއެވެ. ވަދީފާގެ ހަޔާތުގައި ދިމާވި ހުރިހާ ކަމެއްހެން ހަމަލޮލުން ފެނިފައިވަނީ އެމީހުންނަށެވެ. މިއަދުވެސް އެމީހުން ހުންނަނީ އެންމެ ގާތް އެކުވެރިޔާއަށްޓަކައި ކޮންމެފަދަކަމެއްވެސް ކުރަން ތައްޔާރަށެވެ.
ތިން ދުވަސްވަންދެން ހޮސްޕިޓަލުގައި އޮތުމަށްފަހު ވަދީފާ ގެއަށް ދޫކޮށްލީ ހާލު ރަނގަޅުވުމުންނެވެ. މާބޮޑު މައްސަލައެއް ނެތްކަމަށް ޑޮކްޓަރު ޔައިލީގާތު ބުނުމާއެކުއެވެ. އެ ޚަބަރާއެކު ޔައިލީއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އެ ހުރިހާ ދުވަހަކުވެސް ޔައިލީއަށް ހަމަ ނިންޖެއް ނުލިބެއެވެ. މަންމަގެ ހިދުމަތުގައި ވަގުތު ހޭދަކުރީ އެއްވެސް ޝަކުވާއެއްނެތިއެވެ. މަންމަގެ ގުރުބާނީގެ ބަދަލު ނުދެވުނަސް މަސައްކަތްކުރަން ޔައިލީ ބޭނުންވިއެވެ. ސްކޫލު ބަންދު ކަމީވެސް ޔައިލީގެ ނަސީބެވެ. ނަމަވެސް ޔައިލީގެ ހިތުގައި ކޮންމެވެސް ބިރުވެރިކަމެއްވިއެވެ. ކުއްލިއަކަށް މަންމައަށް އެހެން ވާންވީ ކީއްވެކަމާމެދު ސުވާލު އުފެދެއެވެ. އެވާހަކަ އެއްވެސް މީހެއްގާތު ދައްކާކަށް ޔައިލީއަކަށް ނުކެރުނެވެ. އެންމެންގެ އުފާވެރި މޫނުތައް ފިލައިގޮސްދާނެކަމަށްޓަކައެވެ. އެހެންނޫނަސް މަންމަ އެހުރީ ރަނގަޅަކަށް ނޫންހެއްޔޭ ޔައިލީގެ ހިތަށް އަރުވާލާފައި އަމިއްލަ ނަސްފު ހިތްހަމަ ޖައްސާލިއެވެ. އަދި އުފާވެރިކަމާއެކު ދުވަސްތައް ހޭދަކުރަމުން ދިޔައެވެ. ނަމަވެސް ތަގުދީރުގައި ވާނޭގޮތެއް އިނގޭނީ ކާކަށް ހެއްޔެވެ؟
ދުވަސްތައް ހަލުވިކަމާއެކު ދަތުރުކުރަމުން ދިޔައެވެ. މިއަދަކީ އާކިންގެ އަށާރަވަނަ އުފަންދުވަހެވެ. އެންމެންވެސް އުޅުނީ އާކިންއަށް ސިއްރުން އާކިންމެންގޭ ޓެރަހުގައި ޕާޓީއެއް ބާއްވާށެވެ. މިކަމާ އެންމެ އުފާވެފައި ހުރީ ޔައިލީ ކަމާމެދު އެކަކުވެސް ޝައްކެއްނުކުރެއެވެ. އެހެނީ މޫނުމަތިން އެންމެ ހިނދުކޮޅަކަށްވެސް ހިނިތުންވުމެއް ނުފިލައެވެ. ހުރިހާ ކަމެއް އިސްނަގައިގެން ކުރަނީވެސް ޔައިލީ ވިއްޔާއެވެ. “ކޮބާ.. ހުރިހާ ކަމެއް ތައްޔާރުތަ؟ ޔައި ބޭނުން ހުރިހާ ކަމެއްވެސް ޕާފެކްޓްކޮށް ދާން.” އެއްކޮޅުން އަނެއްކޮޅަށް ހިނގަމުން ޔައިލީ ބުންޏެވެ. “ރަންކޮޅާ ހަމަޖެހިބަލަ.. ތިހާ ހާސްވާކަށް ނުވާނޭ.. އަދި ނެތެންނު އެއްވެސް ކަމެއް ނުވެފައެއް.. މިއަދު ހެނދުނުއްސުރެ ޔައި ތި އުޅެނީ ތަނަކު މައިތިރި ނުވެގެން.. މި ނިމުނީއޭ ދެން ހުރިހާ ކަމެއް..” ޔައިލީގެ ހުރިހާ ކަމެއް ބަލަންހުރި ނަދީމް ބުނެލީ ހެވިފައި ހުރެއެވެ. އޭރު އެންމެންވެސް ތިބީ ޓެރަހުގައެވެ. “އެބުނާހެން.. އެކޮއެ ތަންކޮޅެއް ހަމަޖެހިލައިގެންވެސް ތިކަން ކުރެވިދާނޭ.. ދެން އެކަކުވެސް ނުވާނެ އެއްކަމެއް ކޮށްގެންވެސް.. ހިނގާ އެންމެން ބްރޭކެއް ނަގަން.. ހުރިހާ އެންމެން ހުރިހާ އެއްޗެއް ބަހައްޓާ.. އަވަސް.” ނަދީމް ކައިރީގައި ހުރި އަކްމަލް ބުންޏެވެ. “ލަތާ ދޭބަ އެންމެނަށް ފިނި ބުއިމެއް ގެންނަން.” އެ ދެމީހުންނާއެކު ހުރި ހަކީމް އެމީހުންގެ ބައިގައި ގެންގުޅޭ މަސައްކަތު މީހާ ގާތު ބުނެފައި ފޮނުވާލިއެވެ. “ޔައި!! ތި ބަހައްޓަބަ ދެން!!” ޓެރަހުގެ މެދަށްވާގޮތަށް ބައިންދާފަ އިން މޭޒުގައި އަޅާފައިން ފޮތިގަނޑު ރީތި ކުރަންހުރި ޔައިލީގާތު އަކްމަލް އަނެއްކާވެސް ބުންޏެވެ.
“ތުއްތަބެއަށް އިނގޭތަ ޔައި މިހާރު ވަރަށް ކުރީގައޭ އެ އުޅެނީ.. ދުވަސްކޮޅަކުން މިގެއަށް އަންނާނެ ވަރަށް ލޯބިލޯބި އަންހެން ދަރިއެއް!” ދުރުގައި އިން ގޮނޑިއެއްގައި އިށީންދެގެން އިނދެ ޔައިލީގެ ހަރަކާތްތަކަށް ބަލަންހުރި އައިރާ އަކްމަލްއަށް ބުނެލީ ލާނެތް ގޮތަކަށެވެ. އެއާއެކު ޔައިލީ އައިރާއަށް ބަލައިލީ ދެލޯ ބޮޑުކޮށްލާފައެވެ. އަދި އަވަސް އަވަހަށް ދެފަރާތަކަށް ބޯ ހޫރުވާލިއެވެ. ނަމަވެސް އައިރާއަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ. އަދި މަޑު ފިޔަވަޅުތަކާއެކު ޔައިލީގާތަށް ދިޔައެވެ. “ތިބުނީ؟؟” ވާނުވާގައި ހުރި އަކްމަލް އައިރާގާތު އަހާލިއެވެ. “މިބުނީ ތުއްތަބޭގެ ދޮށީ ދަރި އުޅެނީ މިހިރަ ފެންނަ ހޫރުޕަރީއާ ރައްޓެހިވެގެނޭ..” ޔައިލީގެ ކޮނޑަށް އަތް ވައްޓާލައި ޔައިލީގެ ކޮލުގައި ހިފަމުން އައިރާ ބުނީ ލަސްލަހުންނެވެ. އެއާއެކު އެތާ ހުރި ހުރިހާ ބޮޑެތި މީހުންނަށް އެއްފަހަރާ ކީކޭހޭ ބުނެވުނެވެ. “އެބުނާހެން.. އާކިން ނުބުނޭތަ ތިމީހުންގާތު؟” އަލާން އައިސް އައިރާއާ އެއްބައިވެލިއެވެ. އޭރު އެތާހުރި އެންމެންވެސް ތިބީ ލިބުނު ޚަބަރަކުން އަނގަ ހުޅުވިފައެވެ. “އާނ ނުބުނެ.. މަގޭ އާއްކޮވެސް ވަރަށް ވަގޭ ދޯ މިހާރު.. ނަސީބެއް ކަންނޭނގެ ޔައިލީއާ ގުޅުނުކަންވެސް.. މަންމައަށް ކުރިންވެސް ހީވިއޭ ތިކަހަލަ އެއްޗެއް.. އެކަމަކު އާއްކޮ އަމިއްލައަށް ބުނަންދެން މި މަޑުކުރަނީ.. އެހެންނު އަކޭ..” ރިއާޝާ ބުނެލީ އަކްމަލްގެ ކޮނޑުގައި ހިފާލަމުންނެވެ. ނަމަވެސް އަކްމަލްއަކަށް އެއަކަށް ރައްދެއް ނުދެވުނެވެ. ވަދީފާވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަނެއްކޮޅުން ޔައިލީ ހުރީ އެންމެންގެ ބެލުންތަކުން ލަދުންގޮސް ހަލާކުވާވަރު ވެފައެވެ. ބިން ފަޅާފައި އަޑިއަށް ދެވޭނަމައޭ ހިތަށް އެރީ ކިތަށް ފަހަރު ކަމެއްވެސް ނޭނގެއެވެ. ހުސް އައިރާގެ ކަންތަކެވެ.
“ދެން މިހެން އެންމެން ބަލަން ތިބޭނީތަ؟ އެ ގެނައީ ޖޫސްވެސް..” ތަނަށް ވެރިވެފައިވާ ހިމޭންކަން ފޫދުއްވާލީ ދީމާއެވެ. އަދި ޖޫސްތަށިތަށް ހުރި ބޮޑު ތަބަކެއް ހިފައިގެންހުރި ލަތާއަށް އިޝާރާތްކުރިއެވެ. އެންމެންވެސް ޖޫސްތައްޓެއް ނަގައިގެން ބޯން ފެށިއެވެ. އެންމެންވެސް ޖޫސް ބޮއެ ނިމުމުން އަނެއްކާވެސް މަސައްކަތަށް ދާން އުޅުނެވެ. ނަމަވެސް އެވަގުތު އިވިގެން ދިޔައީ މީހެއްގެ ހުނުމުގެ އަޑެވެ. އާނއެކެވެ. އެއީ އަކްމަލްގެ ހުނުމެވެ. އެންމެންވެސް ހުރީ ވީ ކީއްކަން ނޭނގިފައެވެ. އިރުކޮޅެއްވަންދެން ހީހީފައި ޔައިލީ ގާތަށް ދިޔައެވެ. އަދި ޔައިލީގެ ދެކޮނޑުގައި މަޑުމަޑުން އަތް ބާއްވާލިއެވެ. “ޔައި ހާދަ ބިރަކުން ތި އުޅެނީ.. ބައްޕަ ނޫޅެމޭ ޔައި ކާލާކަށް.. ބައްޕަ މިހެން ބުނީ ޔައިގެ މޫނު ހުރިގޮތުން.. ހީވަނީ ބޮޑު ބިރެއްފެނިގެން އުޅޭހެނޭ ވިއްޔާ..” ހެމުން ހުރެ އަކްލަމް ބުންޏެވެ. އެވަގުތު އެތާ ހުރި އެންމެނަށް މަޑުމަޑުން ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަދި ކުޑަކޮށް ހެވެންވެސް ހެވުނެވެ. ނަމަވެސް ޔައިލީހުރީ ވާނުވާގައެވެ. “ޔައި ހީކުރީ ބައްޕަ ރުޅި އަންނާނެކަމަށްތަ؟ އެހެންވެއްޖިއްޔާ ބައްޕަ ބުނާނީ ބައްޕަ ތިކަމަށް އެއްވެސް ހުރަހެއް ނާޅާނަމޭ.. މިއީ ތިކުދިންގެ އަމިއްލަ ކަމެއް.. އެކަމަކު އާއްކޮވެސް ބައްޕަގާތު ބުނެލާކަށް ނޭނގުނޭ..” ޔައިލީއަށް ހަމަޖެހިލެވުނީ އަކްމަލް އެހެން ބުނުމުންނެވެ. އަދި ހިތުގައި ދާދި ދެންމެއަކު އޮތް ބިރުވެރިކަންވެސް އެކީ ފިލައިގެން ދިޔަވަގުތު ލަދުވެސް ގަތީ މިހާ އަވަހަށް ބައްޕަ ކިޔަން ފެށުމުންނެވެ. “މި އަކޭވެސް ކުރާ ކަންތައް ބަލާބަލަ.. އެފަކީރު ކިރިޔާއޭ ބިރުން ހަލާކު ނުވީ!!” ހަކީމްވެސް މަޖާވެފައި ހުރެ ބުންޏެވެ. އެއާއެކު އެންމެންވެސް ހޭންފެށިއެވެ. “އެތެދެއް ބައްޕާ!! ޔައިގެ މޫނަށް ބަލާފަވެސް ހީވީ މީހަކު ޔައިގައިގަ ޖަހަން އުޅުނުހެން.. އެހާވެސް ބިރުން ހުރީ.. ހަހަހަ” ހޭން ހުރި ދީމާވެސް ބުނީ ބަނޑުގައި އަތް އަޅައިގެން ހުރެއެވެ. މިކަމާ ޔައިލީ އިތުރަށް ލަދުގަތުން ނޫން ކަމެއް ނުވިއެވެ. “އޯކޭ އޯކޭއޭ ދެން!! ދެން ހިނގާ މަސައްކަތަށް ދާން.. އެކުއްޖާ ތިހާވަރަށް ލަދު ނުގެނުވިޔަސް ރަނގަޅުވާނޭ” ޝާދިޔާ ބުނީ ހަކީމްއާ ދީމާގެ ބުރަކަށީގައި މަޑުމަޑުން ޖަހާލަމުންނެވެ. އެންމެންވެސް މަސައްކަތަށް ދިޔައީ އިތުރަށް ވަގުތު ބޭކާރު ކުރަން ނުހަދާށެވެ.
“ކޮބާ ޒިލާލް؟؟” އާކިންއާ އެކު ފިހާރައަކަށޭ ކިޔާފަ ދިޔައީ! ދީ.. ގުޅާލަބަ ކޮބާތޯ ބަލާލަން” ދީމާގާތު ޔައިލީ ބުނެލިއެވެ. އެއާއެކު ދީމާ ފޯނު ހިފައިގެން އެއްކައިރިއަކަށް ޖެހިލިއެވެ. އަދި ޒިލާލްއަށް ގުޅާލިއެވެ.
ޓެރަސް ތައްޔާރުކޮށް ނިމުމުން ވަދީފާ، ފާތުން، ޝާދިޔާ، ނަދާ އަދި ރިއާޝާ ތިބީ ބަދިގޭގައި މިރެއަށް ކާއެއްޗެހި ތައްޔާރު ކުރާށެވެ. އެމީހުންގެ އަމިއްލަ ވާހަކައިގައެވެ. “ވަދީ ހާދަ މަޑަކުން މިހާރު ހުންނަނީ.. ކީއްވީ؟؟ ތަނަކަށް ތަދުވަނީތަ؟” އަލާންގެ މަންމަ ނަދާ ވަދީފާގާތު އަހައިލީ މިހާރަކަށް އައިސް ވަދީފާގެ މިޒާޖަށް ބަދަލު އަންނަން ފެށިކަން ފާހަގަވެގެންނެވެ. “އެބުނާހެން.. ކަމެއް ގޯސް ވަންޏާ ބުނައްޗޭ ވަދީ.. މަށަށްވެސް ވަރަށް ނޯޓިސްވި ވަދީ މިހާރު އަބަދުވެސް ކޮންމެސް ހިޔާލަކަށް ގެއްލިފަ ހުންނަކަން.. ކަމެއް ދިމާވީތަ؟” ޕާސްތާ މަޑުކުރަން އުނދުން ކައިރީހުރި ފާތުން އިތުރުކޮށްލިއެވެ. “އަނެއްކާ ޔައިއާ ބެހޭ ކަމެއްތަ؟ މީގެ އިރުކޮޅެއް ކުރިން އައިރާ ބޮޑު ބޮމެއްވިއްޔާ އެތަނުގަ އެ ގޮއްވާލީ.. ހެހެ!” ރިއާޝާ ކުޑަކޮށް ހެވިލާފައި ބުނީ އެތަނުގެ ސީރިއަސްކަން ކޮންމެވެސް ވަރަކަށް ކަނޑުވާލާށެވެ. އެކަން ކާމިޔާބުވެސް ވިއެވެ. އެންމެންވެސް ހޭންފެށިއެވެ. “އާނ.. ހަމަ އަހަރުން އޭރުގަ އުޅުނުގޮތަށޭ އެ އުޅެނީ އެމީހުންވެސް.. އައިރާވެސް އެއީ ހަމަ ފާތިގެ ކުޑަ ވައްތަރު.. ދޯ!! ދީމާގެ މަންމަ ޝާދިޔާ ފާތުންގެ ކޮނޑުގައި ޖަހާލަމުން އެންމެނަށް ދޯ ދިނެވެ. “އެކަމާވެސް އެބަ ވިސްނޭ.. ހިތަށްއަރާ އެކުދިން މީހުންނާ އިނދެގެން އުޅޭނީ ކިހިނެއްބާއޭވެސް.. މަ ވަރަށް ބޭނުން ޔައި އުފަލުގަ ބަހައްޓަން.. އަބަދުވެސް. އެކަމް ހުރިހާ އެންމެނަކީ ކޮންމެވެސް ދުވަހަކުން ދުނިޔެ ދޫކޮށްފަ ދާނޭ ބައެއް.. އެކަން އަހަރުން ޖެހޭނެ ހަނދާނުގަ ބަހައްޓަން.. އެންމެނެއް ނަސީބުގަދައެއް ނުވާނެ.. އަހަރެން ނެތް ދުނިޔެއެއްގައިވެސް ޔައި ބަލައިދެއްޗޭ ތިމީހުން..” ފުން ނޭވާއެއް ދޫކޮށްލަމުން ވަދީފާ ބުންޏެވެ. “އޭއި ވަދީ!! ކޮންކަހަލަ ވާހަކައެއް މިހާރު ތި ދައްކަނީ؟؟ މާ ޒާތީ ނުވައްޗޭ ކޮންމެސް..” ފާތުން ބުންޏެވެ. ވަދީފާގެ ވާހަކަ ހުރި ގޮތުން ކޮންމެވެސް ކަމެއް އުޅޭކަމުގެ ސިގުނަލް އެންމެނަށްވެސް ލިބިގެން ދިޔައެވެ. “މަ ސީރިއަސް ވާހަކައެކޭ މި ދައްކަނީ ފާތީ!” ވަދީފާގެ މޫނުމަތިން އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. “ހްމްމް އޯކޭ.. ޔައި އަކީ އެންމެންގެ ދަރިއެއް ކަހަލަ ކުއްޖެއް.. ވަދީ ނުޖެހޭނެ އެއްވެސް ކަމަކާ ހާސްވާކަށް.. އަހަރުމެން އަބަދުވެސް ޔައި ބަލާނަން ވަދީ ނުބުންޏަސް.. އޯކޭތަ؟” ނަދާ އެހެން ބުނީ އެހާ ހިސާބުން އެ ވާހަކަ ނިންމާލާށެވެ. ވީވެސް އެހެންނެވެ. އެއަށްފަހު އިތުރަކަށް އެވާހަކައެއް ނުދައްކައެވެ. އިރުކޮޅެއްނުވެ ބޮޑު ވާހަކައިގައި ޖެހި ކެއްކުމައިގެން ކުރިއަށް ދިޔައެވެ.
އެރޭ ރޭގަނޑެވެ. މުޅި ޓެރަސްވަނީ ރީތި ގޮތަކަށް ޑެކަރޭޓް ކުރެވިފައެވެ. ޔައިލީ ހިތްހަމަ ޖެހޭވަރަށެވެ. ޔައިލީ މަޑުކުރަނީ އާކިންއާ ޒިލާލްއާ ދެމީހުން އަންނާނެ އިރަކަށެވެ. މިއަދު ހެނދުނު ދިޔަ ބައެއް އަދިވެސް ނުފެނެއެވެ. ލަސްވާން ފެށުމުން ޔައިލީ ފޯނު ނަގައި އާކިންއަށް ގުޅާލިއެވެ. ފޯނު ނެގުމާއެކު ޔައިލީއަށް އެއްޗެކޭ ބުނެވުމުގެ ކުރިން އާކިން ޔައިލީގާތު ތިރިއަށް ދިޔުމަށް ބުންޏެވެ. ލަސްކުރުމެއްނެތި ޔައިލީ އައިރާއާ ދީމާއާ އެކު ތިރިއަށް ފޭބިއެވެ. އެއާއެކު އެ ތިން ކުދިންނަށްވެސް ލިބުނީ ހައިރާންކަމެވެ.
ވާނީވެސް އެހެންނޫން ހެއްޔެވެ؟ ކުރިމަތީގައި އާކިން ހުރީ އެއްފައިމައްޗަށް ތިރިވެ ބޮޑު ރަތް ފިނިފެންމާ ބޮކޭއެއް އެ ކުދިންނާ ދިމާއަށް ދިއްކޮށްގެންނެވެ. “ކާކަށް ގެނައި މާ ރީތި ބޮކޭއެއްބާ؟؟” ދީމާ މަޖާވެލާފައި ބުނީ ޔައިލީގެ ގައިގާ ކުޑަކޮށް ޖެހިލާފައެވެ. “މަގޭ ލޯބިވާ ޔައި އަށެއްނު.. ދެން އެހެން ކާކަށް؟؟” އާކިންވެސް ހިނިގަނޑަކާއެކު ބުންޏެވެ. “އާކް!! މި ކޮން ކަމެއް؟ އިޓްސް ޔުއަރ ބާތްޑޭ އެންޑް ޔުއަރ ގިވިން މީ ގިފްޓްސް؟؟ ޔައި ހީކުރީ ބޮޑު ކަމެއް ވީކަމަށް..” އާކިން ދިއްކޮށްގެންހުރި ބޮކޭގައި ހިފަމުން ޔައިލީ ބުންޏެވެ. “އަޅޭ!! މަގޭ ލޯބިވާއަށް އެއްޗެއް ދެވޭކަށް ނޯވޭތަ؟ މަގޭ ބީޑޭ ވިޔަސް ތިއޭ މަގޭ ސްޕެޝަލް ގާލްއަކީ.. އަބަދުވެސް.” ޔައިލީގެ ކަންފަތް ދޮށުގައި މަޑުމަޑުން އާކިން ބުންޏެވެ. “ހްމްމްމް.. ދެން ތި ރޮމޭންސް ކުރެވިދާނެ ފަހުންވެސް.. ހިނގާބަ އަވަހަށް އެތެރެއަށް ވަންނަން..” އާކިންގެ ބުރަކަށީގައި އަތްއަޅާ ކޮއްޕަމުން އައިރާ އާކިން އެތެރެއަށް ވެއްދިއެވެ. ޓެރަސްއަށް ދިޔަ މަދުމަތީގައިވެސް އާކިން ދިޔައީ ހުއްޓާނުލާ ހުރެ ސުވާލު ކުރަމުންނެވެ. ނަމަވެސް ޓެރަހަށް އެޅުނު އެންމެ ފުރަތަމަ ފިޔަވަޅާއެކުވެސް އާކިންއަށް ލިބުނީ ކުއްލި ސިހުމެކެވެ.
“ސަޕްރާއިސް!!!!!!” އެންމެން އެއްފަހަރާ ބުންޏެވެ. “ހެޕީ ބާތްޑޭ!!!” އާކިން އަދިވެސް ހުރީ ލިބުނު ކުޑަ ޝޮކުގައި ބުނާނެ އެއްޗެހި ހުސްވެފައެވެ. އަދި އެހާމެ އުފާވެފައެވެ. މީ އެއް އިރެއްގައިވެސް އާކިން އުންމީދު ކުރި ކަމެއް ނޫނެވެ. އެހެނީ މިހާރު އާކިންއަށް 18 އަހަރު ވީއެވެ. ނަމަވެސް އިތުރަށް ވިސްނަން ނުހަދާ ދުވެފައި ކަހަލަގޮތަކަށް ގޮސް އެންމެން އެތުރިގެން ތިބި މޭޒުމަތީގައި ބައިންދާފައިން އާކިންއަށް އެންމެ މީރު ޗޮކްލެޓް އައިސްކްރީމް ކޭކު ފެޅިއެވެ. އަދި ކޮންމެ މީހަކަށް ކޭކު ކޮޅެއްލެވިއެވެ. އިރުކޮޅެއްނުވެ މުޅިތަން އަޑުގަދަވެގެން ދިޔައީ އަލާން އާކިންގެ މޫނަށް ކޭކު ޖެހުމުންނެވެ. އެއާއެކު ސަކަރާތްގަނޑު ރަސްމީކޮށް ފެށިގެންދިޔައެވެ.
މުޅި ރޭ ހޭދަވެގެން ދިޔައީ މަޖަލާ ސަކަރާތާއެކުއެވެ. ހުރިހާ ބޮޑެތި މީހުންވެސް ހީވަނީ މިރޭ ޗާޖުވެގެން އުޅޭހެނެވެ. އެހާވެސް ސަކަރާތް ބޮޑެވެ. އާކިންވެސް ކުޅެކުޅެ ވަރުބަލިވެގެން ޔައިލީ އަތުހިފައިގެން ދިޔައީ ޓެރެހުގައި ވަކިން ހުންނަ ހިސާބަށެވެ. “ސްލޯ ޑައުން އާކް!! ކޮންތާކަށްތަ މި ދަނީ؟؟ ތިހާ ބާރަށް ނުދިޔަސް ދެވިދާނޭ!!” އާކިން ކުރަން އުޅޭ ކަންތަކާމެދު ސުވާލު އުފެދިފައި ހުރެ އާކިންއާއެކު ދިޔައެވެ. އާކިން ދިޔަގޮތަށްގޮސް ޓެރަހަށް ވަންނަން ހަދާފައި ހުރި ހަތަރެސްކަން ކުޑަ ގެކޮޅުގެ ފަހަތަށް އިންނަ ފާރުގައި ޔައިލީ ތަތްކޮށްލިއެވެ. އެތަނަކީ އަނދިރިތަނެއްކަމުން އެކަކަށްވެސް އެދެމީހުން އެތާ ތިބިކަމެއް ނޭނގެއެވެ. ޔައިލީ އެއްޗެކޭ ބުނަން އަނގަ ހުޅުވާލިއެވެ. ނަމަވެސް ޔައިލީއަށް ހަރަކާތެއް ކުރެވުމުގެ ކުރިން އާކިން ކޮށްލިކަމަކުން ޔައިލީގެ ދެލޯ ބޮޑުވެގެން ދިޔައީ އިންތިހާއަށެވެ.
ޔައިލީއާ ކަޅި ހަމަކޮށްގެންހުރި އާކިންގެ ކެތްތެރިކަން ކޮޅުންލާންފެށީ ޔައިލީގެ ގައިން ދުވަންފެށި މީރު ސެންޓުގެ ވަހުންނެވެ. އެހެން ހުރެފައި ކުއްލިއަކަށް އާކިން ޔައިލީގެ ލޯބި ތުންފަތަށް ބޮސްދިނެވެ. އެގޮތުގައި ދެތިން މިނެޓު ހޭދަވިއެވެ. އެންމެފަހުން ދުރަށް ޖެހިލީ ދެމީހުންގެވެސް ނޭވާ ކުރުވެގެންނެވެ. ދެމީހުންވެސް އެއްޗެކޭ ނުބުނެ އިރުކޮޅެއް ވިއެވެ. “ވަޓް ވޯޒް ދެޓް އޯލް އެބައުޓް؟” ނޭވާ އަވަސްވެފައިވާ ހާލު ވައިއަޑުން ޔައިލީ އާކިންގާތު އަހައިލިއެވެ. އާކިން ވަކި އެއްޗެކޭ ނުބުނެ ހީލާފައި ދެފަރާތަކަށް ބޯ ހޫރުވާލިއެވެ. “އައި ލަވް ޔޫ މައި ޕްރިންސެސް.” ޔައިލީގެ ނިތްކުރީގައި އާކިންގެ ނިތްކުރި ޖައްސާލަމުން މަޑުމަޑުން ބުންޏެވެ. “އައި….” “މަންމާ!!! ޔައީ!!! ބައްޕާ!!!! ތުއްތާ!!!! ތުއްތަބޭ!!! މީހެކޭ!! ވަރަށް އަވަހަށް އާދެބަ!!!!” ޔައިލީ ބުނަން އުޅުނު އެތި މެދު ކަނޑާލަން ޖެހުނީ އައިރާގެ ބާރު އަޑުންނެވެ. އާކިންއަށް ކުއްލިއަކަށް ބަލާލާފައި ދެމީހުން އެއްކޮށް ދުއްވައިގަތީ ބޮޑު ކަމެއް ވެއްޖެ ކަމުގެ އިހުސާސް ކުރެވުނީމައެވެ.
“ކީއްވެގެން މި އުޅެނީ؟؟ އިރާ ދަރިފުޅު ހަމަޖެހިބަލަ!! ކީއްތަ ވީ؟؟ ހަމަޖެހިލައިގެން ނޭވާލާބަލަ…. އައިރާ!!!!!” ފާތުން ހުރީ އައިރާ އެހާ ވަރަށް ހާސްވާންވީ ސަބަބެއް ނޭނގިފައެވެ. އެހޭނީވެސް އައިރާ މައިތިރިވެގެންތާއެވެ. އޭރު އެންމެންވެސް ތިބީ އައިރާ އުޅޭ ވައްތަރުން ވަރަށް ކަންބޮޑުވެފައެވެ. “މަންމާ!! ވަ.. ވަދިއްތަ… ވަދިއްތައަށް ކޮން.. ކޮންމެވެސް ގޮތެއް ވެއްޖެ.. އެބަ.. އެބައޮތް ބަދިގެ ކައިރިއަށް ވެއްޓިފަ.. ލަތާ ދައްތަ އެބަހުރި އެތާނގަ އެކަނި.. މަންމަ އަވަސް.. އަވަސްކޮށްބަ ޕްލީޒް..” ޔައިލީއަށް އެ ވާހަކަ އިވިގެން ދިޔައީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. އެއާއެކު މެއަށް ތޫނު ތަދެއްވެސް އަރައިގެން ދިޔައެވެ. ހީވީ މުޅި ދުނިޔެ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހުއްޓުނުހެންނެވެ. ބަލާކަށް ނުހުރެ ބާރުބާރަކަށް ދުއްވައިގަތީ މަންމަ ކައިރިއަށެވެ. އޭރު ޔައިލީއަށް ވަނީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. ފަހަތުން އެންމެންވެސް އައެވެ.
މަންމަ އޮތް ހާލު ފެނިފައި ޔައިލީގެ ބަޑި ދިޔައީ ފަޅައިގެންނެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ މަންމަގެ ނޭފަތުން އެ ފައިބަނީ ތާޒާ ލެޔެވެ. ބޯވެސް ހުރީ ފަޅައިގެން ގޮއްސައެވެ. ހީވަނީ ވެއްޓުނު ބާރުމިނުގައި ވީގޮތެއްހެންނެވެ. ބާރަކަށް ގޮސް މަންމަ ކައިރިއަށް ވެއްޓިގަނެފައި ގޮވަންފެށީ އެތާ ހުރި މީހުންގެ ހިތްތަށް ފުނޑުކުރަމުންނެވެ. ލަސްކުރުމެއް ނެތި އެންމެންވެސް އުޅުނީ ވަދީފާ ހޮސްޕިޓަލަށް ގެންދެވޭތޯއެވެ. އޭރު އަލާންގެ ބައްޕަ ލާމިއު ވަނީ އެމްބިއުލާންސައަށް ގުޅާފައެވެ. އެންމެންވެސް އެވަގުތު ތިބީ ބިރުގަނެ ކުރާނެ ކަމެއް ނޭނގިފައެވެ. ޔައިލީއަށްވެސް ހެދޭނުހެދޭއެއް ނޭނގެއެވެ.
އޭޑީކޭ އައިސީޔޫ ކުރިމަތީ ހުރެ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޔައިލީ ހުރީ ފުން ވިސްނުމެއްގެ ތެރޭގައެވެ. އޭރު ގަޑިން ވަނީ ދަންވަރު ބާރަޖަހާ ބޮޑުވެފައެވެ. އެހެން ވިސްނަން ހުއްޓާ ޑޮކްޓަރު ނިކުމެގެން އައެވެ. “ޕޭޝަންޓްގެ ހާލު ވަރަށް ސީރިއަސް.. މިހާރު ޓެސްޓުތަކެއްވެސް ހަދައިފިން.. އިތުރު އެއްޗެއް ބުނެވޭނީ ރިޒަލްޓްސް ލިބިގެން..” ޑޮކްޓަރު ބުނެފައި އެ ދިޔައީ އެއްވެސް މީހަކު އަޑުއަހަން ބޭނުންވި ޖަވާބެއް ނޫނެވެ. ނަމަވެސް އެންމެންވެސް ކެތްކޮށްގެން ހުރީ އަނެކާ އިތުރަށް ދެރަވެދާނެތީއެވެ. އެންމެންވެސް ފުން ހިޔާލަކަށް ގެއްލިގެން ދިޔައެވެ. އަނެއްކޮޅުން ޔައިލީގެ ހާލަކީ ކޮބައިތޯއެވެ؟ އެ ހަބަރު ވެގެން ދިޔައީ ޔައިލީ އިތުރަށް މާޔޫސްކުރުވި ހަބަރަކަށެވެ. އެ ވާހަކަ އިވުމުގެ ކުރިން ޔައިލީގެ ކަންފަތް ބައްވި ނަމައޭވެސް ހިތަށް އެރިއެވެ. މަޑު ހިނގުމެއްގައި އެތަނުން ދިޔައީ އެއްވެސް މީހަކަށް ނޭނގޭނެ ފަދައިންނެވެ.
ޔައިލީ ހިނގަމުން ދިޔައިރު ހީވީ ޗާބީ ދީފައިވާ ބުދެއްހެންނެވެ. މި ދެވެނީ ކޮން ދިމާލަކަށް ކަމެއްވެސް ޔައިލީއަކަށް ނޭނގެއެވެ. ޔައިލީ ހިނގަމުންގޮސް ހޮސްޕިޓަލަށް ވަންނަ ދިމާގައި ހަދާފައި ހުރި ބެންޗުތަކުން ބެންޗެއްގައި އިށީނެވެ. އޭރު ގިނަބައެއްގެ ލޯތައް ވަނީ ޔައިލީއަށް އަމާޒުވެފައެވެ. ނަމަވެސް ޔައިލީ ހުރީ އެކަން އެނގޭވަރަށްވުރެ މާ ފުން ހިޔާލެއްގައިކަން ބަލާލި މީހަކަށްވެސް އިނގޭނެއެވެ. އެ ހިޔާލުގައި އިނދެފައިވެސް ޔައިލީގެ ލޮލަށް ކަރުނަ ޖަމާވީ ހީވެސް ނުކުރާހާ އަވަހަށެވެ. ކިތަންމެ ވަރަކަށް ނުރޯން މަސައްކަތް ކުރިޔަސް ލޮލުގައި ބޮނޑިވެފައި ހުރި ކަރުނަތައް އެކަމަށް ހުރަސްއަޅައި މަޑުމަޑުން ފައިބަން ފެށިއެވެ. އަނގައިން އަޑެއް ބޭރު ނުވިޔަސް އެތެރެއިން ޔައިލީދަނީ މީހެއްގެ ހިތް ފަޅައިގެންދާވަރަށް ކަރުނައަޅާ ރޮމުންނެވެ. އެހެން ހުއްޓާ މީހަކު ޔައިލީގެ ކޮނޑުގައި އަތް ބާއްވާލިކަމުގެ އިހުސާސް ކުރެވިގެންދިޔައެވެ.
އައިސީޔޫ ކުރިމަތީގައި ހުރި އާކިން ޔައިލީގާތު އެއްޗެކޭ ބުނަން ހުޅުވާލި އަނގަ ލައްޕަން ޖެހުނީ ޔައިލީ ފެންނަ ހިސާބުގައި ނެތުމުންނެވެ. “ކޮބާ ޔައި؟؟” އާކިން އަވަސްއަވަހަށް އަހާލީ މީހަކަށް ޔައިލީ ދިޔަ ދިމާލެއް އިނގޭތޯއެވެ. ނަމަވެސް އެންމެންގެ މޫނުމަތިން ފެނިގެން ދިޔައީ އޭގެން އެއްވެސް މީހަކަށް ޔައިލީ ވީތަނެއް ނޭނގޭކަމުގެ އަސަރުތަކެވެ. އެއާއެކު އާކިންގެ ހިތުގައި ބިރުވެރިކަން ވަށާލީ އިންތިހާއަށެވެ. ލަސްކުރުމެއްނެތި އާކިން ދުއްވައިގަތީ ޔައިލީ ހޯދާށެވެ. ޒިލާލް އަލާން އައިރާ އަދި ދީމާވެސް އުޅުނީ ޔައިލީ ވީތަނެއް ކޮބައިތޯ ބަލާށެވެ. އާކިން އެތަން މިތަން ބަލަމުންދިޔައެވެ. މީހުންގާތު އަހަންވެސް އަހައިފިއެވެ. ނަމަވެސް ވާ އެއްކަމެއްވެސް ނެތެވެ. އެންމެފަހުން އާކިން ބޭރަށް ނިކުތީ ޔައިލީ ފެނިދާނެ ކަމުގެ އުންމީދުގައެވެ. ފެނުނު މަންޒަރަކުން އާކިންއަށް ފުން ނޭވާއެއް ދޫކޮށްލެވުނީ އެހުރިހާއިރު ނޭވާނުލާ ހުރި މީހެއް ފަދައިންނެވެ.
ޔައިލީ ފަހަތް ބަލާލީ އާކިންކަމަށް ހީކޮށެވެ. ނަމަވެސް ކޮޅަށް އެހުރީ ޒިލާލް ނޫން ދެވަނަ މީހެއްނޫނެވެ. ޒިލާލް ޔައިލީއަށް ބަލަން ހުރީ ހަމްދަރުދީގެ ނަޒަރުންނެވެ. އެފަދަ ވަގުތެއްގައި މީހެއްގެ އަޅާލުން ލިބުމުން ޔައިލީއަށް އިތުރަށް ރޮވުން ނޫން ކަމެއް ނުކުރެވުނެވެ. ދޭތެރެއިން ގިސްލެވިގެންދެއެވެ. ޒިލާލްވެސް ކައިރީގައި އިށީނީ ޔައިލީއަށް ހިތްވަރު ދޭށެވެ. އެހެނީ ޒިލާލްއަކީވެސް އެކަހަލަ ހިތި ތަޖުރިބާއެއް ކޮށްފައިހުރި މީހެކެވެ. ޔައިލީގެ އިހުސާސްތައް އޭނާ ވަރަށް ރަނގަޅަށް ދަނެއެވެ. ދެވަނަ ވިސްނުމަކާނުލާ ޔައިލީ ޒިލާލްގެ ކޮނޑުގައި ބޯ އަޅާލިއެވެ. ޒިލާލްވެސް އެއްޗެކޭ ނުބުނެ ހުރީ ޔައިލީގެ ގޮތުގައި ދޫކޮށްލައިގެންނެވެ. އެކަކުވެސް ބަހެއްނުބުނެ އެގޮތުގައި ފަސްވަރަކަށް މިނެޓު ދިޔައެވެ. އެއްލިކަޅިއަކުން ޔައިލީއަށް ފެނުނީ އެދެމީހުންނަށް ބަލަންހުރި އާކިންއެވެ. ކައްޓެއް ހެރުނު އުސޫލުން ޔައިލީ ތެދުވިއެވެ. ޒިލާލްވެސް ކުޑަކޮށް ހަމަޖެހިލީ އާކިން އެއްޗެކޭ ހީކޮށްފާނެތީއެވެ. އާކިންއަށް އެކަން ފާހަގަވިއެވެ. ނަމަވެސް އާކިން އެކަމާ އަޅައެއްނުލިއެވެ. އަދި އެދެމީހުން ކައިރިއަށް ދިޔައެވެ. “ޔައި!! ހިނގާބަ އެތެރެއަށް..” އާކިންގެ ޖުމުލަ ފުރިހަމަ ނުކުރެވުނީ ޔައިލީ އެތެރެއަށް ދުއްވައިގަތުމުންނެވެ. އާކިންއާ ޒިލާލްވެސް ފަހަތުން އައީ ޔައިލީއާމެދު ކަންބޮޑުވެހުރެއެވެ. ނަމަވެސް އެތެރެއަށްވަދެވުމާއެކު ޔައިލީގެ ކަންފަތަށް އިވުނު ހަބަރަކުން ޔައިލީގެ ހިތަށް އެތައް ހާސް ހަންޖަރުތަކެއް ހެރިގެންދިޔަ އިހުސާސެއް ކުރިއެވެ. “ޝީ ހޭޒް ބްލަޑް ކެންސަރ… އެންމެ ފަހު ސްޓޭޖް.. ހަރ ބޮޑީ އިޒް ޓޫ ވީކް ނައު.. އިޓް ސީމްސް ލައިކް ޝީ އޯލްރެޑީ ނޯޒް އެބައުޓް ދިސް.. ޔޫ ސްޓިލް ހޭވް ސަމް ޓައިމް ޓު ސޭ ޔުއަރ ގުޑް ބައިޒް.. އައިމް ސޮރީ.. ޝީޒް އަވޭކް.. ޔޫ ކޭން ސީ ހަރ ނައު..” ޑޮކްޓަރު ހިތާމަވެރި މޫނަކާއެކު އެތަނުން ދިޔައެވެ. ޔައިލީ ކައިރީގައި ހުރި އާކިންއާ ޒިލާލްއަށްވެސް ލިބުނީ ބޮޑު ޝޮކެކެވެ. އަދި ޔައިލީއަށް ބަލާލިވަގުތު ޔައިލީ އަރިއަޅާލިތަން ފެނުނެވެ. އާކިންއަށް ޔައިލީ ހިފަހައްޓާލެވުނީ ކިރިޔާއެވެ. ޔައިލީގެ ހިތުގައި އެތައްހާސް ސުވާލުތަކެއް ފުނިޖެހެމުން ދިޔައެވެ. މަންމަ ހަމަ ޔައި ދޫކޮށްފަ ދަނީހެއްޔެވެ؟ އެވެސް އެއްވެސް މީހަކަށް ނުފެންނާނެ ހިސާބަކަށެވެ. ނަމަވެސް ޔައިލީ މަންމަ ދޫކޮށްލާކަށް ތައްޔާރެއް ނޫނެވެ. އެހެން ހިތަށް އެރުމާއެކު ޔައިލީގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. އެންމެންގެ މޫނުމަތިން ފެންނަނީ ހުސްކަމެވެ.
ގޮތްހުސްވެފައިވާކަމުގެ އަސަރުތަކެވެ. ނަމަވެސް އެންމެންވެސް ހިތްވަރުކުރީ ޔައިލީއަށްޓަކައެވެ.
އެންމެނާއެކު ޔައިލީ ހިތްވަރުކޮށްފައި އެތެރެއަށްވަނީ މަންމަގެ އެންމެ ފަހުވަގުތުގައި ޔައިލީ މަންމަ ކައިރީ ހުންނާށެވެ. ލޮލުން ކަރުނަ އަންނަ ހާލު ޔައިލީ މަންމައަށް ބަލާލިއެވެ. އެތަނުގެ ހަމަހިމޭންކަން ފޫދުއްވަނީ މެޝިނުތަކުގެ އަޑުންނެވެ. އެކަމުގެ ސަބަބުން ޔައިލީއަށް އިތުރަށް އުނދަގޫވިއެވެ. ވައިއަޑުން މަންމައަށް ގޮވާލެވުނީ މަންމައޮތް ހާލުފެނިފައެވެ. އެވަގުތު މަންމަ ލޯ ހުޅުވާލިއެވެ.
ވަދީފާ ލޯހުޅުވާލިވަގުތު އޭނަގެ ހުރި ހަމައެކަނި ލޯބިވާ ދަރިފުޅު ފެނި ވަދީފާގެ ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. އަދި ހިތްވަރުކޮށްފައި ޔައިލީއާ ދިމާލަށް އަތް ދިއްކޮށްލިއެވެ. ޔައިލީއަށް މިކަން އެނގި އަވަހަށް މަންމަ ކައިރިއަށް ދިޔައެވެ. އަދި އަތުގައި މަޑުމަޑުން ހިފާލިއެވެ. “މަންމަ ޕްލީޒް!! އެ ޑޮކްޓަރު އެ ކިޔަނީ ކީކޭތަ؟؟ މަންމަ ނޫޅެން ދޯ ޔައި ދޫކޮށްފަ ދާކަށް.. ބުނޭ ނުދާނަމޭ.. ބުނީ މަންމައަށް ވެސް އިނގެޔޭ އެކަން.. ކީއްވެތަ ނުބުނީ ޔައި ކައިރީ؟؟ އޭނ؟؟ އޭނައަކަށް ނޭނގޭނެ އެކައްޗެއްވެސް… ހިނގާ އެހެން ޑޮކްޓަރެއް ކައިރިއަށް ގޮސް އަލުން ޓެސްޓު ހަދަން.. އެ ވެދާނެއްނު އެހެން ކަމެއް ކަމަށްވެސް.. ބޭރަށް ގޮއްސަވެސް ރަނގަޅު ފަރުވާ ހޯދޭނޭ..” ދެލޮލުން ކަރުނަ ބާލަމުން ޔައިލީއަށް ހުރިހާ ޝަކުވާއެއް އެއްފަހަރާ ކުރެވުނީ އެ މައުސޫމް ހިތަށް ކެތްނުވެގެންނެވެ. އެތާތިބި އެންމެންގެ ލޯތަކަށް ކަރުނަ ޖަމާކުރަމުންނެވެ. އެވަގުތު ވަދީފާގެ މޫނުގައި ތާޒާ ކަރުނަ ހޯސްލާފައި ފައިބަމުން ދިޔައެވެ. ނަމަވެސް މޫނުމަތީގައިވަނީ ފަނޑު ހިނިތުންވުމެކެވެ. ވަދީފާ އެއްވެސް އެއްޗެއް ބުނުމެއްނެތި ޔައިލީގެ ޝަކުވާ ކަނުލާ އަޑުއަހަމުން ދިޔައެވެ. އަދި މަޑުމަޑުން ޔައިލީގެ ކޮލުގައި އަތް ބާއްވާލައި ބޮޑުވާ އިނގިލިން ޔައިލީގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަދިނީ ވަރަށް ލޯބިންނެވެ. “ދަރިފުޅާ… މީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއްކަން ހަނދާން ނައްތާ ނުލައްޗޭ އިނގޭ.. ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށޭ ބުނެއެއްނު ދޯ؟ މަންމަ ނެތަސް ދަރިފުޅުވާނެ ބަސްއަހައިގެން އުޅެން.. ކިޔަވައިގެން މޮޅު ކުއްޖަކަށް ވާން.. ރަނގަޅު ދިރިއުޅުމެއް ފަށަންވާނެ.. މަންމައަށް އިނގޭ އާކިން ދަރިފުޅު ވަރަށް ރަނގަޅަށް ބަލާނެކަން..” ބަލި އަޑަކުން ވަދީފާ ބުންޏެވެ. “މަންމާ ޕްލީޒް.. ތިކަހަލަ ވާހަކަ ނުދައްކަބަ.. މަންމައަކަށް ނުވާނެ އެއްވެސް ގޮތެއް އިންޝާ ﷲ..” ދެފަރާތަކަށް ބޯ ހޫރުވަމުން ޔައިލީ ބުނީ އެކަމާ އެއްބަސް ނުވާށެވެ. “ޔައިއަށް އިނގެއެއްނު ޔައިދެކެ މަންމަ ވަރަށް ލޯބިވާކަން؟ އެކަމާ.. ދުވަ.. ދުވަހަކުވެސް ސުވާލު ނުކުރައްޗެ… އިނގޭ؟” ޔައިލީގެ ނިތުގައި ބޮސްދެމުން ވަދީފާ ބުނީ ވަރަށް މަޑުންނެވެ. އެ އަޑު އައީވެސް ކެނޑިކެނޑިގެންނެވެ. ހީވަނީ ހަށިގަނޑުގައި ބާކީ ހުރި ވަރުކޮޅާއެކު ބުނިހެންނެވެ.
އެވަގުތު މެޝިނުތަކުން ބާރުބާރަކަށް އެލާމު އަޅަންފެށިއެވެ. ވަދީފާ ދިޔައީ ފުން ނޭވާތަކެއް ލަމުންނެވެ. މިތަން ފެނި ޔައިލީއަށް އަޑުންއަޑު ނަގާ ރޮވެންފެށުނެވެ. އަދި މަންމައަށް ގޮވަންފެށިއެވެ. އޭރު އެތަނަށް އެވަގުތު އައި ޑޮކްޓަރުންނާއި ނަރުހުންގެ ހަރަކާތްތައްވެސް ވަނީ އަވަސްވެފައެވެ. އަދި އެންމެންގާތު ބޭރަށް ނުކުންނަން ބުންޏެވެ. ޔައިލީ އެތަނުން ނުދާން ވަރަށް ގަދަ ހެދިއެވެ. ނަމަވެސް އާކިން ޔައިލީގޮވައިގެން ބޭރަށް ނިކުތީ ވަގުތުގެ ނާޒުކުކަން އެނގިހުރެއެވެ.
“އާކް ޔައި ދޫކޮށްބަލަ.. މަންމަ ކައިރިއަށް ދާން ވެއްޖޭ ޕްލީޒް!! ދޫކޮށްބަލަ ހެޔޮނުވާނެ!! އާކް!!!” ޔައިލީ ދިޔައީ ހުއްޓުމެއްނެތި އާކިންއާ ދިމާލަށް ހަޅޭއްލަވަމުން އާކިންގެ ކިބައިން ސަލާމަތްވާން ގަދަ ހަދަމުންނެވެ. އެހާލުގައިވެސް ޔައިލީ ދިޔައީ ރޮމުންނެވެ. ނަމަވެސް އާކިން ހުރީ މާ ބާރަށް ޔައިލީގައިގާ ބައްދައިގެންނެވެ. ޔައިލީ އަޑުގަދަކުރާވަރުން އެހިސާބުގައި ތިބި މީހުންގެ ލޯތައް ވަނީ އެ މީހުނާ އަމާޒުވެފައެވެ. “ޔައި ހަމަޖެހިބަލަ!! ކާމް ޑައުން ޔައި.. ބްރީދް! ބްރީދް!..ރިލޭކްސް” އާކިން އުޅުނީ ޔައިލީ މައިތިރި ކުރެވޭތޯއެވެ. އަދި ޔައިލީގައިގާ އިތުރަށް ބޮނޑިވެލިއެވެ. ޔައިލީގެ ބަޑި ފަޅައިގެން ދިޔައީ ދެނެވެ. ޔައިލީއަށް މަޑުމަޑުން ކަކޫމައްޗަށް ތިރިވެވުނީ ގައިގެ ވަރު ދޫވާހެން ހީވަތީއެވެ. އެވަގުތުވެސް އާކިންހުރީ ޔައިލީގައިގާ ބައްދައިގެން ޔައިލީގެ ހިމާޔަތުގައެވެ. އެގޮތުގައި ފަސް ވަރަކަށް މިނެޓު ދިޔައެވެ. އެކަކުވެސް އެއްވެސް އެއްޗެކޭ ނުބުނެ ހުރީ ވަކި ބުނާނެ އެއްޗެއް ނޭނގޭތީއެވެ. ހުރިހާ އެންމެންގެ މޫނުމަތިން ފެންނަނީ ހުސްކަމެވެ. ކޮންމެ މީހެއްވެސް ވީ ފުން ހިޔާލަކަށް ގެއްލިފައެވެ.
އެހެން އިންދާ ކުއްލިއަކަށް ޑޮކްޓަރު ނުކުތެވެ. އެންމެންވެސް ކައްޓެއް ހެރުނު އުސޫލުން ކޮޅަށް ޖެހުނެވެ. ނަމަވެސް ޑޮކްޓަރުގެ މޫނުމަތިން ފެންނަން ހުރި އަސަރުތަކުން ކަންތައް ރަނގަޅު ނޫންކަން އެތާހުރި އެންމެނަށް އެނގުންވިއެވެ. ޔައިލީ ބަލާކަށް ނުހުރެ ޑޮކްޓަރު ކައިރިއަށް ދިޔައެވެ. “ޑޮކްޓަރ.. މަންމަ ކިހިނެތް؟؟” ހިތްއަވަސްވެފައިވާ ހާލު ޔައިލީ އަހައިލިއެވެ. އެއާއެކު ޑޮކްޓަރު އިސްޖަހައިލިއެވެ. އެކަމާ ޔައިލީ ހިތްހަމަނުޖެހުނެވެ. “ޑޮކްޓަރާ މި ވާހަކަ ދައްކަނީ.. ޔައި މަންމަ ކިނެއްހޭ!!” ފަހަރަކަށް ވުރެ ފަހަރެއް ޔައިލީގެ އަޑު ދިޔައީ ބާރުވަމުންނެވެ. “އައިމް ސޮރީ.. ބަޓް ވީ ކުޑްންޓް ސޭވް ހާ..” އިސްޖަހާލައިގެންހުރެ މަޑުމަޑުން ޑޮކްޓަރު ބުންޏެވެ. އެ އަޑުއެތާ ހުރި އެންމެނަށް އިވިގެން ދިޔައީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. ހުރިހާ އަންހެންވެރިންނަށް ރޮވެންފެށުނުއިރު ފިރިހެނުންތައް ހުރީ ގަބުވެފައެވެ. އެގޮތުގައި ހުއްޓާ މީހަކު ހޭއަޑު އިވެން ފެށިއެވެ. އާކިން އިސްއުފުލާ ބަލާލިއިރު ޔައިލީ ދެލޯމަރައިގެންހުރެ ހެނީއެވެ. ބަލާލާއިރު މޮޔައެކޭ ތަފާތެއްވެސް ނެތެވެ. “ސަމާސާ ކުރަނީ ދޯ.. ހަހަ.. އާކް ބަލަ ޑޮކްޓަރު ކިޔާ އެއްޗެހި.. ޔައި މަންމަ.. މަރު…. މަރުވީއޯ!! ކޭން ޔޫ ބިލީވް އިޓް؟؟ ހެހެ” އެ ހުނުންވެސް މަޑުމަޑު ގިސްލުމަކަށް ބަދަލުވެ ބާރު ރުޔުމަކަށް ބަދަލުވިއެވެ. އެންމެންގެ ހިތްތައް ހީވީ މުގުރައިގެން ދިޔަހެނެވެ. “ޔައި ނުކުރާނަން ގަބޫލެއް.. މަންމަ ނުދާނެ ޔައި ދޫކޮށްލާފައެއް.. ނުދާނެ!!” ޔައިލީ ހަޅޭއްލަވަން ފެށުމުން އާކިން ޔައިލީގައިގާ ބާރަކަށް ބައްދާލިއެވެ. އަނގައިން ބަހެއްވެސް ނުބުނެ ހުރީ ޔައިލީގެ ގޮތުގައި ދޫކޮށްލައިގެންނެވެ. “އާކް… ޔައި ބޭނުން މަންމަ ކައިރިއަށް ދާން.. ޕްލީޒް!! ހެޔޮނުވާނެ.. މަންމަ ނުދާނެ ޔައި ބަހައްޓާފައެއް.. ޔައި ބޭނުން މަންމަ ކައިރި.. އަށް..” މަޑުމަޑުން ޔައިލީގެ ދެލޯ މެރެމުން ދިޔައެވެ. އަދި އާކިންގެ އަތްމައްޗަށް ދެމުނެވެ.
ވަދީފާ ހިނަވާ ނިމި މޫނު ދައްކަން ފެށިއިރުވެސް ޔައިލީ ހެޔެއް ނާރައެވެ. ވަދީފާ ގާތު އޭނަގެ އެންމެ ގާތް އެކުވެރިންތައް ތިބީ ރޮއެރޮއެ ވަރުބަލިވެފައެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ އެންމެ ގާތް އެކުވެރިޔާގެ ކުއްލި ވަކިވުމުގެ ސަބަބުން އަސަރު ނުކުރާ ހިތެއްނެތެވެ. އެންމެންވެސް ވިސްނީ ޔައިލީއާ މެދުއެވެ. ވަދީފާ މަޖަލަކަށް ނަމަވެސް ވަދީފާ ނެތް ދުވަހަކުން ޔައިލީ ބަލައިދިނުމަށް ބުނި ބުނުން ހަނދާންވެ އިތުރަށް އެންމެނަށް އަސަރު ކުރުވިއެވެ. އަދި އެންމެންގެ ހިތުގައި ޔައިލީ ބެލެހެއްޓުމަށް ވަރުގަދަ އަޒުމެއް ކަނޑައެޅިއެވެ. ޔައިލީ ހޭނާރާ ގިނައިރުވާތީއާއި ވަދީފާގެ ހަށިގަނޑު ވަޅުނުލާ ގިނައިރު ނުބަހައްޓަންވެގެން އެންމެންވެސް ނިންމީ އަވަހަށް ޖަނާޒާ ނިންމާލާށެވެ. ކަށު ނަމާދުކޮށްނިމި ސަންދޯއް ހިފައިގެން ގަބުރުސްތާނަށް ގޮސް ވަދީފާގެ ހަށިގަނޑު ވަޅުލެވުނެވެ. އެ ސަފްހާ މުޅި އުމުރަށް ނިންމާލަމުންނެވެ.
………………..5 އަހަރު ފަސް………………..
ނުނިމޭ!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.

Next part kon irakun??
next part miadhu IA kiyaalan libeyne.. mihaaru vaany submit kohlaafa
qiunn lilac keeehvetha lahun mi episode kiyaalan mi libunee. anyway mi episode ves vrh reethi and yai aa aak vaki nukuraathi and aak please yai zilaal koduga boa elhyma dont take it another way when is next part cant wait to see next part i hope this is the new year gift for all ur readers
actually.. i was feeling a little down for a few days…ehnve evves vrkah liyaa hitheh nuvi.. ekm hurihaa readers dheravaaney hithah eryma liyan fashaafa in ehcheh nunimmaa nubahahtanvgn liyuny aslu.. don’t get me wrong.. aslu vrh liyaa hihveyy… adhi mi vhk kiyaane meehun vymaves vrh ufaavey.. but still.. don’t expect anything from me… mibuny baeh faharu upload vaaleh lasvedhaane… ik vhk las vaathy meehun hiyhama nujeheyne kan.. but i hope u understand my situation.. and i’m a 10 grader… baivaru kankan kuran hunnaane.. ekm IA after exams.. vhk continue kuraanan… adhi ehn vhkeh ves kiyuntherinnaa hama ah genesdheveythoa balaanan IA 🙂 wish me luck!!
masha allah vrh reethi mi vaahaka.. you are so talented.. keep going dear.. hope to see more of these amazing works of yours <3
Maasha Allah mi part vx varah varah reethi. Next part kiyaalan libeyny konirakun??? Thankolheh avahah genes dheyne kamah ummeedhu kuran 🤗
thank you vempire girl.. ummeedhu kuran next partves kamudhaane kamah.. vrh avahah next part ves genes dheveyne IA.
Mi part vx varah reethi Masha Allah
Ummeedhu kuran next part vx varah avahah kiyaalan libeyne kamah 🤗❤️
Thank you Rifoo.. hope you’ll enjoy the next part also
Mi part vex varha reethi Masha Allah ❤️
Unmeedhu kuran next part kiyaalan libeeney kama
Thankiu so much imko.. next part IA maybe miadhu kiyaalan libidhaane.. ummeedhu kuran kamudhaane kamah..
HEY DEAR READERS…. Mi part lasvi kamahtakai vrh bodah maafah edhen.. ingey vrh bodahves las vehje kan.. ekam IA dhn komme week aku ehfaharu viyas vhk up kureveythoa balaanan… mihr 13 vana partves liye nimihje.. 12 mihr submit kohfin.. hope you’ll enjoy my story.. and sorry adhives ehfaharu story upkureveyleh lasvaathy.. ummeedhu kuran mi vhk kamudhaane kamah <3
mi episode ves vrh reethi uhmeedhu kuran next part ves avahah kiyaalan libeyne kamah and may f=god bless ur hard work
Thank you dear..❤️
when is next part
Mihaa dhuvas fahun ves mi vaahaka kiyaalan libunee thee ufaakuran. Even this part is so amazing. you have the telent. keep going like this. And hope to see next part soon. 💗
when is next part
hey guysss… there’s been a mixup.. it says that 12 is uploaded in 27 November 2023… ekm submit kury eyh vure maa fahun.. soo yea.. ekm 11 ky meehun u can now read 12 ig??
Hey. Alun 12 vana part up kohdhevidhaane tha nufenunu 12 vana part eh. Vr Kiyaalaa Hithun mi Hury
12 innaane 27 November GA upload kohfa. E date check kohlaba. Eyrun fennaane
kon irakun tha part 13 kiyaalan libeynee? still waiting for that.
IA Vrh avahah libeyne😊