އެތައް އިރެއްވަންދެން ވާހަކަދައްކަން ތިބެފައި އެރެއަށް ނިންމާލީ ދަންވަރު ބާރަޖަހަން ކައިރިވެފައި ހުރުމާއެކު މާދަން ހެނދުނު ސްކޫލަށް ދާންޖެހޭތީއެވެ. އެންމެންވެސް ފޯނު ދުރަށްލާފައި ހިނިތުންވުންތަކާއެކު އޮށޯވެ ނިދީ ފުން ހުވަފެންތަކަށް ގެނބެމުންނެވެ.
– ދިހަވަނަ ބައި –
އިރުގެ ދޯދިތައް ޔައިލީގެ މޫނަށް އެޅެން ފެށުމާއެކު އުނދަގޫ ގޮތަކަށް ދެލޯ ހުޅުވާލިއެވެ. އަދި ކައިރީގައި އޮތް ފޯނު ހުޅުވާ ބަލާލިއެވެ. އެއާކު ޔައިލީގެ ދެލޯ ބޮޑުވެ ކުއްލިއަކަށް ފުންމައިގެން އެނދުން ތެދުވިއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ ގަޑިން ހަތްގަޑި ބައިވީއެވެ. އަވަސްއަވަހަށް ފާހަނައަށް ވަދެ ކޮންމެވެސް ގޮތެއްހަދާލާފައި ވުޟޫކޮށް ނިކުމެ ފަތިސްނަމާދު ޤަޟާކޮށްލިއެވެ. އަދި ތައްޔާރުވެ ދަބަސްހިފައިގެން ސްކޫލަށް ދާން ނިކުތެވެ. އިތުރަށް ލަސްވީ ދަބަހަށް ފޮތް އަޅަން ޖެހުމުންނެވެ. ޔައިލީއަކީ އަބަދުވެސް ރޭގަނޑު ދަބަހަށް ފޮތްއަޅާފައި ބަހައްޓާ ކުއްޖެކެވެ. ނަމަވެސް ރޭގައި ޖެހި ސަކަރާތުގެ ސަބަބުން އެކަމުގެ މަތިން ޔައިލީގެ ހަނދާނުން ކައްސާލީއެވެ. “މަންމާ! މިދަނީ ސްކޫލަށް.. އެތަނުން ސައިބޯނީ! ނެތް ވަގުތެއް. ފަހުން ވާހަކަ ދައްކާނީ. ބާއީ..” އަވަސްއަރުވާލުމުގެ ސަބަބުން ޔައިލީގެ މަންމަ ފެންނަންނެތްކަންވެސް ފާހަގައެއް ނުވިއެވެ. ނަމަވެސް ތަންކޮޅެއް ރަނގަޅަށް ބަލާލިނަމަ ކާމޭޒުގައި އެއްވެސް އެއްޗެއް ތައްޔާރުކޮށްފައި ނެތްކަންވެސް ފާހަގަވީހެވެ.
ދުވަމުން މަރުވަމުން ޔައިލީ ސްކޫލާ ހަމައަށް ދިޔައެވެ. ފުން ނޭވާއެއް ދޫކޮށްލެވުނީ އަދި ސްކޫލް ބެލް ނުޖަހާތީއެވެ. އެހެންކަމުން ކޮޅުކޮޅު ހޯދާލީ ގްރޫޕްކުދިން ފެނޭތޯއެވެ. އެގޮތަށް ހުއްޓާ މާދުރުން އާކިން، އަލާން، ޒިލާލް، އައިރާ އަދި ދީމާ ބާރުބާރަކަށް އަންނަތަން ފެނުނެވެ. ފުޅާ ހިނިތުންވުމަކާއެކު ޔައިލީ އެމީހުނާ އަރާ ހަމަކުރިއެވެ. “މިއަދު އެންމެނަށްވެސް ހޭލެވުނީ ލަހުން ދޯ؟” މާނޭވާލަމުން ފިރިހެންކުދިންނާ ދިމާލަށް ބަލާލަމުން އައިރާ ބުންޏެވެ. “ނުހޭލެވުނީއެއް ނޫން.. މަ ހޭލިން ފަތިހު. މަށާ ލެންއާ ދެމީހުން މިހިރަ ފެންނަ މީހާ ބަލާ ދިޔައީ. ލަސްވެގެން ބަލާލިއިރު އޮތީ ހުވަފެނުން ފެންވަރަން. ގޮވީމަވެސް ހޭލެވުނު ކަމަކަށް ނުވި.” އަލާން އެއްޗެކޭ ބުނީމު ކުރިން ޒިލާލް ޖަވާބުދިނެވެ. “އެންމެފަހުން މަ މީނަ ފައިގަ ހިފާ ބިންމައްޗަށް ވައްޓާލީމަ ހޭލަން އެނގުނީ. ދެން ބުނީ ކީއްކުރަންހޯ މަ ވައްޓާލީ؟ މަ ބުނީ މަ މިއައީ އާއްޓެގައިގަ ލޯބިން ފިރުމާކަށް ނޫނޭ. ސްކޫލަށްދާ ގަޑި ޖެހެނީއޭ. އެހެން ބުނީކަންނެ ބުނެފި ކީއްވެހޯ ނުގޮވީ؟ ހުވާ މިބުނީ ހާދަ ރުޅިއެއް އައޭ.” އަލާން އާކިންގެ ބޮލުގައި ޖަހާލަމުން ދެލޯ ހަނިކޮށްލާފައި ބުންޏެވެ. “އެހެންނު ވާނީ.. ރޭގަ އެއްވެސް ވަރަކަށް ނުނިދުނޭ ވިއްޔާ.” އާކިން ކަޑަނުވާންވެގެން ބުންޏެވެ. “ނުހޭލެވޭނެއްނު ހިތުގެ މަލިކާގެ ހުވެފެން ބަލަންޏާ.” ދީމާވެސް އިތުރުކޮށްލިއެވެ. އެއާއެކު އާކިން އެއްމިޔަނަކުން ހީލަމުން ޔައިލީއާ ދިމާލަށް ބަލާލިއެވެ. މިތަންފެނި ޔައިލީ ލަދުން އިސްޖަހާލިއެވެ. “ހޯހޯ.. މިކުއްޖާފުޅު ބަލާބަލަ މިއޮއް ބްލަޝްވާވަރެއް. ހީވަނީ ހަމަ ސީދާ ގަހުން ބިންދެލާފަ އިން ރަތް ޓޮމާޓޯއެއްހެން.” ޔައިލީގެ ކޮލުގައި ހިފަހައްޓާއިގެން ހުރި އައިރާއަކަށް ދިމާނުކޮށެއް ނުހުރެވުނެވެ. “އޭ ސީރިއަސްކޮށް.. ހަމައެހާވެސް ލޯބިވޭތަ މީނަދެކެ؟” އާކިންއާ ދިމާލަށް ބޮޑުވާ އިނގިލި ދިއްކޮށްލަމުން ޔައިލީގާތު އަލާން އަހާލިއެވެ. އެއްޗެކޭ ނުބުނެ ޔައިލީ އަވަސް އަވަހަށް ކްލާހާ ދިމާލަށް މިސްރާބު ޖެހީ އެގަޑީ ބެލްޖެހީމައެވެ. އެއީވެސް ނަސީބެކޭ ޔައިލީގެ ހިތަށްއެރިއެވެ. ފަހަތުން އެންމެންވެސް ހެމުން ދިޔައީ އިތުރަށް ލަސްކުރަން ނުހަދާށެވެ.
ކްލާސްތެރޭގައިވެސް އިރުއިރުކޮޅާ އާކިންއަށް ޔައިލީއާ ދިމާލަށް ކަޅި ހިނގާލައެވެ. ޔައިލީވެސް ހަމަ އެފަދައެވެ. ދެމީހުންގެ ކުޅިބަލަން ފަހަތުގައި އަލާން، ޒިލާލް، އައިރާ އަދި ދީމާވެސް ހެވިފައި ހުއްޓެވެ. އެހެން މަޖަލާ ސަކަރާތުގައި ވަގުތުތައް ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ބްރޭކްގަޑި ޖެހިއްޖެއެވެ. އެންމެ ކުރިން ކްލާހުން ނުކުތްބަޔަކަށް އާކިންއާ ޔައިލީ ހިމެނެއެވެ. މަޑުމަޑުން ހުރިހާ ކުދިން އެތަނުން ނިކުންނަން ހިނގައިގަތެވެ.
ނިކުތުމުގެ ކުރިން އައިރާ ދެން އިން ގަޑިއަށް ތައްޔާރުވާން ފެށިއެވެ. އެއީ އަބަދުވެސް އައިރާގެ އާދައެކެވެ. އަނެއްކޮޅުން އަލާންއަކީ އަބަދުވެސް އައިރާއާ އެއްކޮށް ދާން މަޑުކުރާ މީހެކެވެ. ކްލާސް ދޮރުގައި ލެނގިލައިގެން ހުރީ އައިރާ ނިމެންދެންނެވެ. ހިތަށްއަރައެވެ. އައިރާ ނުފެންނަ ހިސާބެއްގައި ހުންނަން އަލާންއަށް އުނދަގޫވަނީއެވެ. ނޫނީ އައިރާއާ ޖެއްސުމެއްނުކޮށް ދާހިތް ނުވަނީއެވެ. “މަ އަލާންއާއެކު ނުދިޔަސް އަލާންއަކަށް ނުވާނޭ ގޮތެއް.” އައިރާ އެންމެފަހުން ބުންޏެވެ. އޭރު އެދެމީހުން ފިޔަވައި އެހެން ހުރިހާ އެންމެންވެސް ވީ ކެންޓީނަށް ގޮހެވެ. “ދެން ޑަމްބޯއަށްވެސް އިންގޭނެ ދޯ މަ ޑަމްބޯ ނުލާ ނުދާނެކަން. މީހަކު ކަމެއްކޮށްފިއްޔާ މާ ރީއްޗެއް ނުވާނެ އިނގޭ.” އަލާން އައިރާ ހުރި މޭޒުކައިރިއަށް އައިސް ހިތްހަމަނުޖެހިފައިހުރެ ބުންޏެވެ. “އަލާންއަށް ކީތްތަ މަށަށް ކޮންމެކަމެއްވިޔަސް؟ އެހެންނޫނަސް މީ ސްކޫލޭ. ކާކު މިތާ ކޮންކަމެއްކުރަން އުޅޭނީ؟ މިތާކު ނުހުންނާނެ މަ ނުދަންނަ މީހެއް. ސޯ ޕްލީޒް.. ސްޓޮޕް އެކްޓިން ލައިކް ޔޫ ކެއާ.” އައިރާވެސް އަލާންއާ ދިމާލަށް ބަލާލާފައި ބުންޏެވެ. އެގަޑީ އަލާންވެސް ހުރީ ބަލަންކަމުން ދެމީހުންގެ ހަތަރުކަޅި ހަމަވެ އައިރާ ހުއްޓުންއެރިއެވެ. އެ ދެލޮލުން ކޮންމެވެސް ވާހަކައެއް ބުނަން އުޅޭ ކަހަލައެވެ. އިރުކޮޅެއްވަންދެން އެގޮތަށް ހުރެފައި ނުވާކަމަށް ހަދާފައި އިސްޖަހާލިއެވެ. އަދި އަލާންއާ ދިމާލަށް ހިތާހިތުން އެއްޗެހިކިޔަމުން ދިޔައެވެ. ނަމަވެސް ހިތުގެ ކޮންމެވެސް ހިސާބަކުން އައިރާ އުފާކުރަމުން ދިޔައެވެ. ކީއްވެކަމެއް ނޭނގެއެވެ. އެކަމާ އައިރާ އަމިއްލަ ނަފްސަށް މަލާމާތްކުރަމުން ދިޔައެވެ. އެތާ ނުހުންނަންވެގެންނާ އަދި އަލާންއަށް ވުރެ ކުރިން އެތަނުން ނިކުންނަންވެގެން އައިރާ ދޮރާ ދިމާލަށް ދުއްވައިގަތެވެ. މިކަން ފާހަގަވި އަލާންވެސް ބަލާކަށް ނުހުރެ އައިރާއާ އެއްވަރަށް ދުއްވައިގަތެވެ. ދެމީހުން ދެކައިރިއަށް ކޮއްޕަމުން ދިޔައެވެ. ނަމަވެސް ކަން ދިމާކުރިގޮތުން ދެމީހުން އެއްފަހަރާ ދިޔުމުން ދޮރު ދޭތެރޭގައި ތާށިވިއެވެ. އެވަރުންވެސް އަލާންއާ އައިރާ ދެމީހުން ކޮއްޕަމުން ދިޔައެވެ. އެގަޑީ އައިރާ ކުޑަކޮށް ފަހަތަށް ޖެހުމާއެކު އަލާން ބަނޑުވަތަށް ނުވެއްޓުނީ ކިރިޔާއެވެ. އެއާއެކު އައިރާއަށް ޕަކަޕަކައަޅާފައި ހެވެންފެށުނެވެ. ބަނޑުމަތީގައި އަތްއަޅައިގެން ހެމުންދިޔައިރު އަލާން ދިޔައީ ރުޅި މޫނުހަދައިގެން އައިރާއާ ދިމާލަށް ބަލަމުންނެވެ. އައިރާ ގަދަކަމުން ނަމަވެސް ހުނުން ހުއްޓާލާފައި އަލާންއާ ދިމާލަށް ބަލާލީ މިއަދު ތިމަންނަގެ ދުވަސް ފުރިހަމަވެއްޖޭ ބުނާފަދަ ގޮތަކަށެވެ. އެ ބެލުމުން އަލާން އިތުރަށް ރުޅިއައުންނޫން ކަމެއް ނުވިއެވެ. ބަލާކަށް ނުހުރެ އައިރާ ފަހާ ދުވަން ފެށިއެވެ. އައިރާވެސް އަލާންގެ އަތުނުޖެހެންވެގެން މުޅިތަނުގައި ދުވަންފެށިއެވެ. މިހުރީ ސްކޫލުގައިކަންވެސް ހަނދާން ނައްތާލާފައެވެ.
ކެންޓިނުގައި ޔައިލީ، ދީމާ، ޒިލާލް އަދި އާކިންވެސް މަޑުކޮށްގެން ތިބީ އައިރާއާ އަލާން އަންނާނެ އިރަކަށެވެ. ލަސްވެދާނެތީ އެމީހުން އިށީނީވެސް އެދެމީހުންނަށް ވާވަރަށް ކާއެއްޗެހި ހިފައިގެންނެވެ. “ކޮބައިބާ އެދެމީހުން؟ މިހާރު ކޮންއިރެއް.” ދީމާ ބުނީ ޔައިލީއާ ދިމާލަށް ބަލާލަމުންނެވެ. “ޔަގީން ވިއްޔާ އެދެމީހުން މިހާރު ހުންނާނީ ކޮންމެސް ކަމަކާ ހިފާ ތަޅަން ކަންނެ. ނޫނީ ފްލާޓް ކުރަން ކަންނެ. ކުރިން ދުވަހުވެސް ލެން މަގޭކައިރީ ދައްކަނީ އައިރާގެ ވާހަކަ. އެކަމު ބުނަނީ އައިރާ ވަރަށް ފޫއްސޭ. އައިރާ ވަރަށް ސްޓުޕިޑްއޭ. އައިރާ ވަރަށް ރުޅިގަދައޭ.. އައިރާ އައިރާ އައިރާ.. ހުސް އައިރާ އޭނަގެ ދުލުން ނިކުތީ. ހީވީ އެހެން މީހެއްގެ ނަމެއް ދުވަހަކުވެސް ދަސްވެފަ ނެތީހެން.” ހެވިފައިހުރެ އާކިން ބުންޏެވެ. “ޔައިއަށް ހީވަނީ ދުވަސްކޮޅަކުން އެދެމީހުން ގުޅޭނެހެން. އެހެރީ މިހާރުވެސް އުޅޭ ވައްތަރުވިއްޔާ… މީހަކު އަޖައިބެއް ނުވާނެތަ. ހަމަ ރަނގަޅަށްވެސް އެހުރީ ޓޮމް އެންޑް ޖެރީއަށް ވެފަ. މިހެން ބުނީތީވެސް ބަލައްޗޭ.. ޔަގީން ވިއްޔާ މިތަނަށްވެސް އަންނާނީ ދެމީހުންކުރެ ކޮންމެސް އެކެއް ފަހަތުން ދުވަމުން..” ޔައިލީވެސް އިތުރުކުރިއެވެ. “އެމީހުންގެ ވާހަކަ ދައްކާއިރު ކޮބާތަ އެދެމީހުން؟” ޒިލާލް ދެކޮޅު ހޯދަމުން އަހާލިއެވެ.
ރަނގަޅަށް ތަންތަން ނުބެލެނީސް މާދުރުން އައިރާ ދުވަމުން މަރުވަމުން އަންނަތަން ފެނުނެވެ. ފަހަތުން އަލާންވެސް އައިރާ ފަހަތުން ދުވަމުން އާދެއެވެ. މިތަންފެނި އެ ގްރޫޕް އެންމެނަށް އެއްފަހަރާ ކަހަލަގޮތަކަށް ބޮލުގައި ޖަހާލެވުނެވެ. “ކޮބާ؟ ލަހެއް ނުވިއެއްނު.” ޔައިލީ ބުނީ އެދެމީހުންގެ ސަކަރާތާހެދި މަޖާވެ ހުރެއެވެ. އައިރާއާ އަލާން އައިގޮތަށް އައިސް އެމީހުން ތިބިތާ ގޮނޑިއަށް ޖެހުނެވެ. ދެމީހުންވެސް ދިޔައީ މާނޭވާލަމުންނެވެ. އެވަރުންވެސް އައިރާގެ ހުނުން މަތަވާގޮތެއް ނުވިއެވެ. އިރުކޮޅަކާ ހުނުން ހުއްޓާލާފައި އަނެއްކާވެސް ހޭން ފަށާފާނެއެވެ. އައިރާ މާވަރަކަށް ހޭތީވެ އެންމެންވެސް ވީގޮތް އޮޅުން ފިލުވަން ބޭނުންވިއެވެ. އެންމެން އައިރާއަށް ބަލަން ހުރުމުން ހުނުން ހުއްޓަން މަސައްކަތްކުރަމުން ވީގޮތް އަލިފުން ޔާއަށް ކިޔައިދިނެވެ. އެ ވާހަކަ ކިޔައިދިން އިރުވެސް ދޭތެރެދޭތެރެއިން ހޭންފަށާފާނެއެވެ. އެކަމާ އަލާން ހުރީ ވަރަށް ކަޑަވެފައެވެ. އަލާންގެ މޫނަށް ބަލާލިއަސް އެކަން ފާހަގަވާނެވެ.
އެވާހަކަ ކިޔައިދީ ނިމުނުއިރު އައިރާގެ މޫނުވަނީ އެއްކޮށްހެން ރަތްވެފައެވެ. އެހާވަރަށް އެކުއްޖާއަށް ހެވިއްޖެއެވެ. “ދެން އެކަމާ ތި ހީހީ ހަލާކުވަނީ؟ ޔައި އަދި ހީކުރީ ވަރަށް މަޖާކަމެއް ކަމަށް. އާންދެން އެހެންވެސް ވާނެތާ؟ އަލާންއަށް ދިމާވާ ކޮންމެ މަޖާކަމަކީވެސް އިރާއަށްވެސް ވަރަށް މަޖާކަމެއް.. ދޯ ދީ؟” ޔައިލީ ދީމާއަށް ދޯ ދިނެވެ. “އާނ ދޯ؟ އެކަކުގެ އުފަލަކީވެސް އަނެކަކުގެ އުފާ ވިއްޔާ. ދޭ އާ އިންކޮމްޕްލީޓް ވިތްއައުޓް އީޗް އަދަރ.” ދީމާ ދެއަތް ޖޯޑުކޮށްލާ ރާގުލާފައި ބުންޏެވެ. “ހޫންންން ތީ ދެން ކޮން ޑްރާމާއެއް؟ އަލާން އިޒް ނަތިންގ ބަޓް މައި އާރޗް ނެމެސިސް. ތިހެން ކިޔާއިރު އެކަން އިނގޭނެ މިތާހުރި އެންމެނަށް. އަދި ވަރަށް ވެލާފަ ބުނެފިއެއްނު ދޭ އަރ އިންކޮމްޕްލީޓް އިތައުޓް އީޗް އަދަރ އޭ. މައި ފުޓް!!!” އައިރާ މޫނުކުނިކޮށްގެން ހުރެ ބުންޏެވެ. “އެނގިދާނެތާ ތިއެއް ދުވަސްކޮޅަކުން. ދީއަށް ހީވަނީ އެދުވަސް އެހާ ދުރެއްނޫންހެން. އެދުވަހަކުން އިރާ އެންޑް އަލާން ދޭންޖެހޭނެ އަހަރުންނަށް ކެއުމެއް.” ދީމާ ވަރަށް ހަމަޖެހިލައިގެން ހުރެ ބުންޏެވެ. “މައްސަލައެއްނެތް. ދޯ ޑަމްބޯ!!!!!” އަލާން އައިރާގެ ކަންފަތް ކައިރީ ހުއްޓިލައިން ހުރެ ކަންފަތް ފަޅައިގެންދާވަރަށް ބުންޏެވެ. “އިބްރާހިމް އަލާނޫ!!!!!! މަށަށް ތިހެން ނުކިޔާށޯއި!!!! މީ ދެން ކިހާ ބޮޑުވެއްޖެކަމެއްތަ ދެން.. މިދަނީ ކްލާހަށް ދާން. ކާހިތްވެސް ކެނޑިއްޖެ މީނަޔާ ހެދި. ނާންނާތި ފަހަތުން!!” އަލާންއާ ދިމާލަށް ޝަހާދަތް އިނގިލި ދިއްކުރަމުން ބާރަކަށް ބުންޏެވެ. އޭރު އެތާތިބި އެންމެންގެ ލޯތަށް ވަނީ އައިރާއަށް އަމާޒުވެފައެވެ. ވީގޮތް ރޭކާލުމުން އައިރާ ކުޑަކޮށް ލަދުގަތެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް އަލާންދެކެ އައިސްފައިވާ ރުޅި މާ ބޮޑެވެ. އަދި ރުޅިވެރި މޫނަކާއެކު އަލާންއާ ދިމާލަށް ބަލާލާފައި އެތަނުން ނިކުންނަންދިޔައެވެ.
އެއާ ޚިލާފަށް އަލާންގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. އައިރާ ދިޔަތަން ބަލަންހުރެފައި ލޯމަތިން ގެއްލުމާއެކު އަލާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ވަރެއްގެ އަންހެނެކޭ ހިތަށްއެރިއެވެ. އައިރާއަށްވުރެ ރުޅިގަދަ އަންހެނެއް ދުވަހަކުވެސް އަލާން ނުދެކެއެވެ. ދެފަރާތަކަށް ބޯ ހޫރުވާލާފައި އަނެއްކާވެސް އިށިންނީ ބަނޑުހައިވެފައި ހުރުމުންނެވެ. ދެންތިބި މީހުންވެސް އަލާންގެ ހަރަކާތްތަކަށް ބަލަމުން ކަމުންގެންދިޔައެވެ. އަލާންގެ ހަމަހިމޭންކަމުން އެމީހުންނަށް އެއްކަމެއް ފާހަގަވެއްޖެއެވެ. އަލާންގެ ހިތުގައި އައިރާއާ ދޭތެރޭ ކޮންމެވެސް އިހުސާސްތަކެއް ވާކަމެވެ. ނަމަވެސް ނޭނގެނީ ކޮން އިހުސާސްތަކެއްކަމެވެ. އިތުރަށް އެއަށް އެއްޗެކޭ ނުބުނީ އެކަން އަލާންގެ އަތްމައްޗަށް ދޫކޮށްލަމުންނެވެ.
ބާކީ ކްލާސްތަކުގައި އަލާންއާ އައިރާކުރެއް އެކެއްވެސް ވާހަކައެއް ނުދައްކައެވެ. ދެމީހުންވެސް ތިބީ ފުން ހިޔާލެއްގައެވެ. އެކަމާ ގްރޫޕްކުދިންގެ އިތުރުން ކްލާހުގެ ހުރިހާ ކުދިންވެސް ތިބީ ސުވާލު އުފެދިފައެވެ. ނަމަވެސް އެއްވެސް ކުއްޖަކަށް އިސްވެ އެވާހަކަ ބުނާކަށް ނުކެރުނެވެ. އެކަމާ އައިރާގެ އިތުރުން އަލާންވެސް ހުރީ ހަމަޖެހިފައެވެ. އެ ހަމަހިމޭންކަމާއެކު ދުވަހުގެ ސެޝަން އެއްކޮށް ނިމުނެވެ. އެންމެ ފަހަތުގައި ހުރި ރަޝާވެސް ހުރީ އެ ގްރޫޕްކުދިންގެ ‘އޮކްވޯޑް ސައިލެންސް’ ގެ ސަބަބުން އުފަލުން ފޮޅިފައެވެ.
ގެއަށްދިޔަ މަގުމަތީގައިވެސް ހަމަ އެފަދައެވެ. އައިރާގެ ހަމަހިމޭންކަމުން އެންމެންގެ ދޫތައް ބަންދުވެފައި ކަހަލައެވެ. އަލާންގެ ނަޒަރު އިރުއިރުކޮޅާ އައިރާގެ މޫނަށް އަމާޒުވެއެވެ. ނަމަވެސް އައިރާއަކަށް މިއިން އެއްވެސް ކަމެއް ނޭނގޭފަދައެވެ. ނޫނީ ނޭނގޭކަމަށް ހަދައިގެން ހުންނަން ބޭނުންވީކަންނޭންގެއެވެ. އެ ދެމީހުންގެ ހަރަކާތްތަކަށް ބަލަންހުރި ޔައިލީއަކަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. “އޯކޭ ވަޓް އިޒް ދިސް ޑެތް ލައިކް ސައިލެންސް. އެއްވެސް މީހަކު އަނގައިން ނުބުނަން ހުވާކޮށްފަތަ ތިހުރީ؟ މިހާރު ކޮންއިރެއް. ޔައި ހީކުރީ މަގުމަތީގަ ކޮންމެވެސް ވަރަކަށް ވާހަކަ ދައްކާނެކަމަށް. އެކަމް އެހެނެއްވެސް ނުވިތާ. ކެން ސަމްބަޑީ އެޓްލީސްޓް ޓޯކް..” ޔައިލީގެ އަޑު އައީ ކޮންމެވެސް ވަރަކަށްބާރަށެވެ. އެކަން އެނގުނީ ކައިރީ ތިބި މީހުން ބަލަން ފެށުމުންނެވެ. ނަމަވެސް ޔައިލީ އެކަމާ މާބޮޑަށް އަޅާލިހެނެއް ހިއެއްނުވެއެވެ. އެއާއެކު އައިރާގެ މަޑު ހުނުމުގެ އަޑު އިވިގެންދިޔައެވެ. ޔައިލީގެ އިތުރުން ދެންތިބި މީހުންވެސް ހައިރާންކަމާއެކު އައިރާއަށް ބަލާލިއެވެ. “ޔައި ބުނީ އިރާއޭ މަގުމައްޗެއް އެހެންތަނެއް ބަލާނުލާ ވާހަކަ ދައްކަނީ. އެކަމް އިރާއަށް މި ފެންނަނީ އެހެން މަންޒަރެއް.” ހެވިފައި ހުރެ ޔައިލީއާ ދިމާލަށް ބަލާލާފައި ބުންޏެވެ. އެއާއެކު އެންމެންގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ. އަލާންގެވެސް މެއެވެ.
“ހޫ އާ ޔޫ ސްމައިލިން އެޓް؟؟؟” އައިރާ އަލާންއަށް ދެލޯ އަޅާލާފައި ބުންޏެވެ. “ނަތިން ޑަމްބޯ. ކީއްކުރާނީ؟ ޑަމްބޯވެސް ސްމައިލްކުރާތީ ހަމަ ސްމައިލްކުރެވެނީ..” އަލާން އެބުނީ މުޅިއަކުން ދޮގެއް ނޫނެވެ. ނޭނގޭ ސަބަބަކާހުރެ އަލާން އަބަދުވެސް އައިރާ ގާތު ހުންނަހިތްވެއެވެ. އެ ހިނިތުންވުން ބަލާލާ ހިތްވެއެވެ. ކޮންމެވެސް ޖެއްސުމެއްކޮށްލާ ހިތްވެއެވެ. ނަމަވެސް އަލާން އެކަން ގަބޫލުކުރާކަށް ބޭނުމެއްނުވެއެވެ. ދެފަރާތަކަށް ބޯ ހޫރުވާލެވުނީ ކުރެވެނީ މޮޔަ ހިޔާލެކޭ ހިތަށް އަރާފައެވެ. އަދި ނުވާކަމަށް ހަދާފައި އައިރާކައިރިއަށްގޮސް އަތު ހުރި ފޮތްއަށް އަތުލިއެވެ. އެއާއެކު އައިރާގެ ރުޅިއާ އަލާން އަނެއްކާވެސް ކުރިމަތިލާން ޖެހުނެވެ. ނަމަވެސް މިފަހަރު އަލާން އެއްވެސް އެއްޗެއް ނުބުނެއެވެ. އޭރު އެކުދިންތަށް ތިބީ ގެއާ ވަރަށް ކައިރީގައެވެ. އައިރާ އަލާންއާ ދިމާލަށް ކިޔަމުންދިޔަ އެއްޗެހިން އަލާންއަށް ހެވެމުންދިޔައެވެ. އަދި އައިރާއަށް ފޮތް ނުދޭންވެގެން އަތް މައްޗަށްހިތްލައިގެން ހުއްޓެވެ. އަނެއްކޮޅުން އައިރާ އުޅުނީ އެފޮތްތައް އަތުލެވޭތޯއެވެ. ނަމަވެސް އެކަން ކޮށްކޮށް އައިރާ ވަރުބަލި ވީއިރުވެސް އެ ފޮތްތަކުގައި އިނގިލި ކުރިވެސް ޖައްސައެއްނުލެވުނެވެ. ހިތާހިތުން އަލާންގެ ދިގުކަމަށް ކުދިކިޔާލިއެވެ. އެވަރުންވެސް އައިރާ ދޫކުރާކަށް ބޭނުމެއްނުވިއެވެ. ކުޑަކޮށް ތިރިވެލާފައި ބާރަކަށް މައްޗަށް ފުންމާލިއެވެ. އެވަގުތު އައިރާގެ ބެލެންސް ކަޓައިގެންދިޔައެވެ. ވެއްޓި ތަނަކަށް ތަދުވެދާނެކަމުގެ ބިރަށްޓަކައި އައިރާ އެ ކުޑަ ވަގުތުކޮޅުގަވެސް ދެލޯމަރާ ތަގުޅިކޮށްލިއެވެ. ނަމަވެސް ބިންމަތީ ޖެހުމުކުރިން ބާރުގަދަ އަތެއްގެ ތެރެއަށް ދިޔަކަން އައިރާއަށް އެނގުނެވެ. އެވަގުތު އައިރާ ލޯ ހުޅުވާ ބަލާލުމާއެކު އެތެރެއަށް ލީ ނޭވާ ތާށީވެގެންދިޔައެވެ. އެ ކަޅުކަންގަދަ ލޮލުގެ ތެރެއަށް ފީނިގެންދެވުނީ ބަސްބުނާހާ ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައެވެ.
އައިރާ ފުންމާލުމާއެކު އެކަމަށް ތައްޔާރުނުވެ ހުރި އަލާންއަށް އައިރާ ހިފަހައްޓަލެވުނީ ކިރިޔާއެވެ. އޭރު އަލާން ނުވެއްޓުނީ ކައިރީގައި ޕާކްކޮށްފަ އިން ސައިކަލެއްގައި ބާރަށް ހިފެހެއްޓުމުންނެވެ. އައިރާއާ ދިމާލަށް ބަލާލާފައި އެއްޗެކޭބުނަން ހުޅުވާލި އަނގަ ލައްޕަން ޖެހުނީ އައިރާގެ ގަދަމުށިކުލައިގެ ލޮލުން އޭނައަށް ބަލަންހުރުމުންނެވެ. ނޭނގޭ ބާރަކުން އަލާން އައިރާއާ ކައިރިކުރުވަމުން ގެންދިޔަކަހަލައެވެ. މަޑުމަޑުން އައިރާއާ ގާތްވަމުން ދިޔައީ އިޚްތިޔާރުން ބޭރުގައޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް…
“ބްރޯ!! ތީ ދެން ކޮން ކުޅިއެއް ތި ކުޅެނީ މިއޮއް ބޮޑު މަގުމަތީ!!! ދެމީހުންކުރެ އެކަކުވެސް ބޮޑެއްނުވޭދޯ އަށާރަ އަހަރު ވާން އުޅޭއިރުވެސް.. ކީކޭ ދެން ބުނާނީ؟” ޒިލާލް ދެފަރާތަކަށް ބޯހޫރުވަމުން ޑްރާމާ ސީން ދައްކަމުންދިޔަ ދެމީހުންނަށް ގޮވާލީ މަގުމަތިން ދާ މީހުންގެ ނަޒަރު އެމީހުންނަށް އަމާޒުވެފައިވާތީއެވެ. އެއާއެކު އަލާންއަށް ހަމަބިމަށް އާދެވުނީ ކުއްލިއަކަށެވެ. ވަގުތުން އައިރާގެ ގައިން ދުކޮށްލީ އެއްވެސް ކަމެއް ނުވާފަދައިންނެވެ. އަދި މޫނަށް ސީރިއަސްކަން ގެނުވަމުންނެވެ. ބާރު އަޑުފައްގަނޑަކާއެކު އައިރާ ބިންމައްޗަށް ވެއްޓި އަނގައިން މަޑު އާހެއް ނިކުތީ ފަޔަށް އެރި ތަދަކުންނެވެ. އަލާން ތިރިވެލާފައި އަލާންގެ އަތުގައި ހުރި ފޮތްތަށް އައިރާއާ ހަވާލުކުރިއެވެ. އައިރާގެ ރުޅި އިންތިހާއަށް ދިޔައެވެ. އޮޅިގެން ކުރެވުނު ކަމަކުން ގަސްތުގައި ވައްޓާލަން ޖެހޭހެއްޔެވެ؟ ދުވަހަކުވެސް ރުޅިނާންނަވަރަށް އައިރާއަށް އަލާންދެކެ ރުޅި އާދެވުނެވެ. ނަމަވެސް މޫނުމަތިން ނުދެއްކި ކަމުގައިވިޔަސް ހިތުގެ އަޑިން ކަރުނައަޅާ ރޮމުންދިޔައެވެ. ފަޔަށް ވީ ތަދާއެކު ފޮތްތައް ހިފައިގެން އައިރާ ތެދުވީ ވަރަށް އުނދަގުލުންނެވެ. އަދި ރުޅިވެރި މޫނަކާއެކު އަލާންއަށް ބަލަމުން ދިޔައެވެ. “އިރާ! ދޭންވީނު ތި ފޮތްތައް. ވަރަށް ބަރުވެފައެއްނު ތިހުރީ.. ލެންވެސް ތަންކޮޅެއް ބަލައިގެން އުޅެބަ. އައިރާއެއްކަމަކު ނުޖެހޭނެ ދޯ ބިންމައްޗަށް ވައްޓާލާކަށް!!” އާކިންވެސް ހުރީ ހިތްހަމަނުޖެހިފައެވެ. ނަމަވެސް އަލާންއަށް އެއިން އެއްވެސް އަޑެއް ނީވޭކަހަލައެވެ. ފަހަތްވެސް ބަލާނުލާ މަޑު ހިނގުމެއްގައި ކުރިޔަށް ދިޔައެވެ.
“އެކަމާ ނުވޭ.. އަލާން އަބަދުވެސް އުޅޭނީ އެހެން. މީހަކަށް ޖެއްސުމެއް ކޮއްލާފަ ކުޑަމިނުން ސޮރީއޭވެސް ނުބުނާނެ. ދެން ހިނގާ ގެއަށް ދެވޭތޯ އުޅެމާ.. ވަރަށް ލަސްވެއްޖެއްނު. އަދި މިތިބީ ސްކޫލު ޔުނީފޯމުގަ.” އާކިން އައިރާގެ ފޮތްތަށް އަތުލަމުން ބުންޏެވެ. އަދި ގެއާ ދިމާލަށް މަޑު ހިނގުމެއްގައި ދިޔައީ ދެމެދުގައި އިތުރު އެއްވެސް ވާހަކައެއް ނުދެކެވިއެވެ. ނަމަވެސް އެމީހުންނަށް ނޭނގުނީ އެމީހުންނާ ތަންކޮޅެއް ދުރުގައި އެމީހުންގެ ކޯޅުންގަނޑު ބަލަން މީހަކު ހުރިކަމެވެ. އެމީހާ ފިލާހުރީ އެމީހުން ތިބިތާ ކައިރީ ފިހާރައެއްގައެވެ. އެ މީހާ ހުރީ ކަޅުކުލައިގެ ހުޑީއަކާއެކު ކަޅު ދޫ ޖިންސެއް ލައިގެންނެވެ. ބޮލުގައި ހުޑް އަޅައިގެން ހުރުމުގެ ސަބަބުން އެއީ ކާކުކަމެއް ނޭނގެއެވެ. ފިހާރައިން ނިކުމެ އެމީހާ ފޯނުނަގައި މީހަކަށް ގުޅަލިއެވެ. އަދި ކޮންމެވެސް ވާހަކައެއް ދައްކާފައި ފޯނު ބޭއްވުމާއެކު މިސްރާބު ޖެހީ އެމީހުން ދިޔަ ދިމާ ނޫން އަނެއް ދިމާލަށެވެ. ކުރިޔަށް އޮތް ގަދަ ތޫފާނަށް ތައްޔާރުވުމަށްޓަކައެވެ.
ގެއަށް ވަން ޔައިލީ ގޭތެރެ ބަލާލީ މަންމަގެ އެއްވެސް ހިލަމެއް ނުވުމުންނެވެ. ސިޓިންރޫމުގައިވެސް ނެތުމުން ޔައިލީ މިސްރާބު ޖެހީ މަންމަގެ ކޮޓަރިއަށެވެ. “މަންމާ! ނުނިކުންނަންތަ؟ ކާންވެސް ނުހަދާ ހުރީ.. މަންމާ!” ދެތިން ފަހަރަކު ޓަކި ޖަހާލާފައި ޔައިލީ ގޮވާލުމުންވެސް އެތެރެއިން އެއްވެސް ޖަވާބެއް ނުލިބުނެވެ. ކޮޓާރީ ހުރީ ތަޅުލާފަކަމުންނާ މެންދުރު ނަމާދު ބަންގި ގޮވިތާ މާގިނައިރެއް ނުވުމުން މަންމަ ނަމާދުކުރަނީ ކަމަށް ހިތާ ޔައިލީވެސް ކޮޓަރިއަށް ދިޔައީ ފެންވަރާ ނަމާދުކޮށްލުމުގެ ބޭނުމުގައެވެ.
ފެންވަރައި ނަމާދުކޮށްގެން ޔައިލީ ކާގެއަށް ނިކުތީ ބަނޑުހައިވުމުގެ ސަބަބުން އެއްޗެއް ކާލާށެވެ. އެތާނގަވެސް މަންމަގެ ހިލަމެއް ނުވުމުން ޔައިލީ ގަޑި ބަލާލިއެވެ. އެއްގަޑި ބައިވީއެވެ. އެގަޑިއަކީ މަންމަ ކޮންމެދުވަހަކުވެސް ކާންހަދާފައި ޔައިލީ އަންނަދެން މަޑުކުރާ ގަޑިއެވެ. އެކަމާ ޔައިލީ ކޮންމެވެސް ވަރަކަށް ކަންބޮޑުވިއެވެ. އަދި މަންމަގެ ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހިއެވެ. “މަންމާ!! ދޮރުހުޅުވަބަލަ. މިއަދު ބޭރަށް ނުނިކުންނަ ދުވަހެއްތަ؟ ހެނދުނުގެ ސައިވެސް ހަދާފައެއްނެތް މިއަދު. މަންމަ ބަލީތަ؟.. މަންމާ!” އެތެރިން އެއްވެސް އަޑެއް ނީވުމުން ޔައިލީގެ ހިތަށް ބިރުވެރިކަން ވަނެވެ. ނަމަވެސް ކޮޓަރި ހުރީ ތަޅުލާފައެވެ. އަވަސް އަރުވާލާފައި ކޮޓަރީގެ ޑަބަލް ތަޅުދަނޑި ހޯދައި ދޮރު ހުޅުވާ މަންމައަށް ގޮވާލިއެވެ. އެއާއެކު ފެނުނު މަންޒަރަކުން ޔައިލީގެ ހިތް އަނގައަށް ނައީ ކިރިޔާއެވެ.
ނުނިމޭ!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.

V.reethi mi part vx .aslu ehaa gina dhuvas v ma heekuree dhen vaahaka up eh nukuraaney.
Dhen inna part Thankolheh avahah genesdhehchey. Vvvvv reethi mi part
Vahaka vrh reeethi
Hiyeh nukuran dhen mi vaahka kiyaalan libeyne kamakah
Eyruga buni unit test thah nimendhenakah ey
Varah unmeedhu kurin kiyaalan libeyne kamah
Fahun heeevx nukoh hutta mi libuny kiyaalan😊
When is the next ep??
Heyyy u guyyyssss…. Vrh vrh vrh vrh vrh bodah sorry vhk las vyma…. Time nulibunyma nuliyevunyy… Hope u enjoy this party.. ummeedhu kurany next part ves kamudhaane kamah… 😘😘Ekamaku up vaaleh lasvedhaane kamahtakaa nihaayathah maafah edhen..🥺
Kon irakun next part.
Yaily ge mom maru v dho 🤔
Heevaa ehchei v ma bunely
Next part up kuran faharehgaa las vedhaane… pls don’t expect anything😅… ekm balaanan veehaaves avahakah up kureveythoa.. and noo..I don’t think Yaily’s mom is dead..
Hehehe ok ..
Next part las viyas ok
Hama inthizaaru kuraanan mi vaahaka nimen dhen
when is next part