މަންހަލް ގަޔާ ކައިރިކޮށްލައިގެން ހުރެ މަންމަ ގޭތެރެއަށް ވަދެގެންދިޔަ މަންޒަރު ބަލަންހުރި ޔަޒްދާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
ގޭތެރެއަށް ވަދެގެން ދިޔަ މަންހަލްއަށް ވަށައިގެން ނަޒަރެއް ދެވުނެވެ. އެއީ އާދައިގެ ގެއެކެވެ. ބޮޑު ސިޓިން ރޫމުން ލާފައި ދެވެން ހިމަ ގޯޅިއެއް އޮތެވެ. މަންހަލް ގޮވައިގެން އެއަންހެން މީހާ ހުއްޓުނީ ދެދޮރެއް ފަހަނައަޅާ ގޮސް އެންމެ ބިއްދަށުން ޖެހުނު ދޮރު ކައިރީއެވެ.
“ޔަޒްދާން ކުއްޖެއް ގެންނަ ވާހަކަ ބުނީމަ ވަރަށް އަވަސްއަވަހަށް ކޮޓަރި ސާފުކޮށްލެވުނީ. އަދި މޮޕުލާފަ މުށިތައް ނުހިކި ހުންނާނީ.” ކޮޓަރީގެ ދޮރު ހުޅުވާލަމުން އެމީހާ ބުނެލިއެވެ. “ދައްތައަށް ކިޔަނީ ޒަހީނާ. މިއީ ޔަޒްދާންގެ މަންމަ.”
ފަހަތުން އައިސް ޔަޒްދާން އެދެމީހުންނާއި އެއްވަރު ކުރިއެވެ. ތުންފިއްތާލައިގެން ހުރެ މަންހަލް ބަލައިލީ ޔަޒްދާންއަށެވެ. މަންހަލް ހަމަ ބަލައިލުމާއެކު އޭނާ ނުހަނު ފުރިހަމަ ހިނިތުންވުމެއް ހަދިޔާ ކޮށްލައިފިއެވެ.
“ކޮން ނަމެއްތަ ކިޔަނީ؟ އަދި ނަމެއްނުވެސް ބުނަމެއްނު.” ޒަހީނާ ސުވާލުކުރިއެވެ.
“މަންހަލް.” އޭނާގެ އަމިއްލަ ނަން މަންހަލް ބުނެލިއެވެ. ޒަހީނާ ދެލޯބޮޑުކޮށްލާފައި ޔަޒްދާންއަށް ބަލައިލި މަންޒަރު މަންހަލްއަށް ފެނުނެވެ.
“ތް.. ތިއީތަ މަންހަލް އަކީ؟” މާނޭވާއެއް ލާފައި ޒަހީނާ ސުވާލުކުރިއެވެ.
“މިއީ މަންހަލްގެ ކޮޓަރި. ކަމުދޭތަ؟” މައުޟޫ ބަދަލުކޮށްލުމުގެ ނިޔަތުގައި ޔަޒްދާން ބުނެލިއެވެ.
މަންހަލްއަށްވެސް އެކޮޓަރިތެރެއަށް ނަޒަރު ހުއްޓާލެވުނީ އެވަގުތެވެ. އެއީ ބޮޑު ކޮޓަރިއެކެވެ. ކޮޓަރީގެ ހަތަރު ފާރުގައި ލެވިފައިވަނީ މަޑުދަނބު ކުލައެކެވެ. ފާރުތަކުގެ މަތީކައިރިން ހުދުކުލައިން މާތަކުގެ ޑިޒައިންއެއް އެޅިފައިވިއެވެ. ކޮޓަރީގެ އެއްކައިރީގައި ހުދުކުލައިގެ ބޮޑު ކްލޯސެޓްއެއް ބެހެއްޓިފައި ހުރިއިރު ކްލޯސެޓްކައިރިން ހުސްޖާގައެއް ލާފައި ސިންގަލް ބެޑެއް ބަހައްޓާފައި ހުއްޓެވެ. އެ އެނދުގެ ބެޑްޝީޓާ ބާލީހު އުރަތައްވެސް ހުރީ ދަނބުކުލައެއްގައެވެ. އެނދުގެ ކުރިމައްޗަށް ވާގޮތަށް ފާރުގައި ޖައްސާލާފައި ޑްރެސިންގް ޓޭބަލްއެއް ހުއްޓެވެ. ކޮޓަރިތެރެއަށް ވަނުމަށްފަހު މަޑުމަޑުން ހިނގާލާފައި މަންހަލްގޮސް ހުއްޓިލީ ކުޑަދޮރު ކައިރީގައެވެ. ގަދަ ދަނބުކުލައިގެ ދޮރުފޮތިތައް އެއްފަރާތަކަށް ކަހާލާފައި ހުރުމުން ނުހަނު ސާފުކޮށް ގޭގެ ބިއްދޮށް ފަރާތް ފެންނަން ހުއްޓެވެ.
“ސަޅި.” ފަހަތަށް އެނބުރިލާފައި މަންހަލް ބުނެލިއެވެ.
“ރީތި ދޯ. މިއީ ޔަޒްދާން ބައްޕަ ދުނިޔޭގަ ހެދި ކޮޓަރިއެކޭ. އެކަމަކު ފަހުން ޔަޒްދާން މިހުރީ ފަރުނީޗަރުތައް ބަދަލުކޮށްލާފަ ކުލަވެސް އާކޮށްފަ.” ޔަޒްދާންގެ ކޮނޑުގައި ޖަހާލާފައި ޒަހީނާ ބުންޏެވެ.
“ދެން އަރާމު ކޮށްލާ.. ހަނދާންކޮށް ގަޑިއަށް ބޭސްކާތި.” އޭނާ ގެނައި ދަބަސް ކޮޓަރީގެ އެއްކައިރިއެއްގައި ބަހައްޓަމުން ޔަޒްދާން ބުންޏެވެ. ދެން މަންމަގެ ކޮނޑުގައި ހިފާލަމުން ކޮޓަރިން ނިކުމެގެން ގޮސްފިއެވެ.
“ތިދެމީހުން އުޅޭގޮތުން މަންމައަށް ސިފަވަނީ ޔަޒްދާން ބައްޕަ މަންމައަށް އަޅާލިގޮތް.” ދިމާކޮށްލާ ރާގަކަށް ޒަހީނާ ބުންޏެވެ.
“މަންމާ..” ރަކިވެފައި ޔަޒްދާން ދިގުކޮށް ގޮވާލިއެވެ.
“މަންމައަށް ކަމުދޭ އިނގޭ. ބަރާބަރު ކުއްޖެއް އެއީ މާޝާﷲ.” ޔަޒްދާން އިތުރަށް ލަދުގަންނަވާލާފައި ޒަހީނާ ހިނގައިގަތީ ބަދިގެއަށް ވަންނާށެވެ.
ދުވަސްތަކަކަށް ފަހު ހަމަޖެހިލައިގެން ފެންވަރާލެވުމުން އޭނާގެ ހަށިގަނޑަށް އަރާމުވެލިއެވެ. މާގަނޑުން ފެންއަންނަ ދިމައަށް މޫނު ދިއްކޮށްގެން އޭނާއަށް އެތައް އިރަކު ހުރެވުނެވެ. ބޯދޮވެލައިގެން ފާހަނައިން ނިކުތް މަންހަލްގެ ހަށިގަނޑު ރޫރޫ އަޅާގޮތްވީ ކޮޓަރިތެރެ ފިނިވެފައި ހުރީމައެވެ. އަވަސް ފިޔަވަޅުތަކާއެކު އޭނާ ގޮސް ފަންކާ ނިއްވާލިއެވެ. ފަހަތަށް އެނބުރިލުމާއެކު އެނދު ފެނުމުން މަޑު ދުވުމެއްގައި ގޮސް އޭނާ އެނދަށް ވެއްޓިގަތެވެ. އެމަޑު ތަންމަތީގައި ބުރަކަށި ޖެހުމާއެކު އޭނާ ނިދިއަންނަ ގޮތްވިއެވެ. މޯޅިއަކަށް ދެމިލާ އޭނާ ދެލޯ މަރާލިއެވެ. މުޅިން ތަފާތު އައު ހަޔާތެއް ފެށުނީ ކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ. ކުއްލިއަކަށް ދެލޯ ހުޅުވާލުމަށްފަހު އެނދުން ތެދުވެލީ ކޮޓަރީގެ ޓަކިޖަހާލި އަޑު އިވުމުންނެވެ.
“ބޭސް ކައިފިންތަ؟” ޔަޒްދާން އަހާލިއަޑު އިވުނެވެ.
“މި. މިކަނީ..” މަންހަލް ގޮވާލިއެވެ.
މޭމަތީގައި އަނދެފައި އޮތް ތުވާލިނަގާ އޭނާ ކަޅުކުލައިގެ ޓީޝާޓް ބޮލަށް މަހާލިއެވެ. ޑްރެސިން ޓޭބަލް ކައިރީ ހުރި ދަބަހުން ބޭސްކާޑުތައް ނަގާ މޭޒުމަތީގައި އަތުރާލިއެވެ. މެންދުރު ކާން ދީފައި ހުރި ބޭސް ފާހަގަކޮށްލަމުން އޭނާ އޭގެން ބޭސްގުޅައެއް ނަގާ އަނގައަށްލިއެވެ. އަނގައިގާލީ ހިތިރަހައިން އޭނާ މޫނަށް ވައްތަރެއް ޖައްސާލިއެވެ. އެނދުގެ ކައިރީ ބަހައްޓާފައި ހުރި ފެންފުޅިން ފެންބޮއެފާ އޭނާ މިފަހަރު ޑްރެސިން ޓޭބަލް ކައިރިއަށް އައީ ތުވާލި ހިފައިގެންނެވެ.
ލޯގަނޑުގެ ކުރިމަތިން ފެންނަން ހުރި އޭނާގެ އަމިއްލަ ސޫރައަށް މަންހަލްއަށް ނަޒަރެއް ދެވުނެވެ. ފަރުވާތެރިކަމާއެކު އޭނާ މޫނުގެ ގުނަވަންތަކުގައި އަތް ހިންގާލިއެވެ.
“މިޝްޔާ..” މަޑުމަޑުން މަންހަލްއަށް ކިޔާލެވުނެވެ. އޭނާގެ ހަނދާނަށް އަންނަނީ ކުރިމަތިން އައި އަންހެން މީހާ އެނަމުން އޭނާއަށް ގޮވާލާ ބައްދާލިގޮތެވެ. އެހަނދާން އާވުމާއެކު އޭނާގެ ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ދެފާރަތަށް ބޯހޫރުވާލާ އޭނާ ކަރުނަތައް ފުހެލިއެވެ. އެހިޔާލުތައް އޭނާގެ ސިކުނޑިން ފުހެލީއެވެ.
ކޮނޑުގައި އަޅުވާލާފައި އޮތް ތުވާލި ނަގާ އޭނާ އެއްފަރާތަކަށް އިސްތަށިގަނޑު ވައްޓާލީ ބޮލުން ފެންހިއްކަން ފަސޭހައަކަށެވެ. އެހެނަސް ކަރުގައި ރަތްވެފައި ހުރި ތަންތަން ފެނުމާއެކު ނުހަނު އަވަހަށް ލޯގަނޑަށް ފުރަގަސް ދެވިއްޖެއެވެ. ތުރުތުރު އަޅަމުން ދިޔަ ދެއަތަށް ބަލައިލެވުނު އިރު އޭނާއަށް ވަށައިގެންވީ މާހައުލު ފުސްވެއްޖެއެވެ. ދެލޮލުން ކަރުނަތައް ހިފެހެއްޓުމެއްނެތި ފައިބައިގަތެވެ. ކޮޓަރިތެރެއިން ފިރިހެނަކު ނުހަނު ބާރަށް ހީގަތްއަޑު އިވުމާއެކު ކަންފަތް ކައިރިން ފުންނޭވާތަކެއްގެ އަޑުއިވެން ފެށިއެވެ. މަޑުމަޑުން މަންހަލްއަށް ބިންމައްޗަށް ތިރިވެވުނެވެ. ކަކޫ މެއާލާ ބޮނޑިކޮށްކަމުން ބުރަކަށި ޖައްސާލެވުނީ ޑްރެސިން ޓޭބަލްގައެވެ. ތުރުތުރު އަޅަމުން ދިޔަ އަތްހިތްލާލާ އޭނާ ނުހަނު ބާރަށް ކަންފަތުގައި ހިފާ ބާރުކޮށްލިއެވެ.
“ނޫން. ނޫން..” ތަކުރާރުކޮށް އެހެންކިޔަމުން އޭނާ ބޮލުގައި ތަޅައިގަތެވެ. އޭރު ގިސްލުމުގެ އަޑުފަޅައިގެން ގޮސް ބާރު ރުއިމަކަށް އެއަޑު ވެއްޖެއެވެ. “ދުރަށްދޭ.”
މެންދުރު ނަމާދުކުރަންވެގެން ގިފިލިން ވުޟޫކޮށްލައިގެން އައިސް ކޮޓަރިއަށް ވަންނަންދިޔަ ޒަހީނާއަށް އެއަޑު އިވުނެވެ. ހާސްވެފައި އޭނާއަށް މަންހަލްގެ ކޮޓަރި ދޮރުކައިރިއަށް ދެވުނެވެ. ތަކުރާރުކޮށް މަންހަލް ދުރަށްދާށޭ ކިޔަންފެށުމުން ޒަހީނާގެ ސިކުނޑީގައި އެނބުރިލީ އެންމެ ނުބައި ހިޔާލުތަކެވެ.
ޒަހީނާ އެކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ޑްރެސިން ޓޭބަލާ އެޅި މަންހަލް ނިވާވެފައި އިނުމުން ކޮޓަރިތެރެއިން ޒަހީނާއަށް މަންހަލްއެއް ނުފެނުނެވެ. ތަންކޮޅެއް ބޮޑަށް ދޮރު ހުޅުވާލުމާއެކު އޭނާ ކޮޓަރިތެރެއަށް ވަނެވެ. ޒަހީނާއަށް މަންހަލް ފެނުނީ އެވަގުތެވެ. ދިގު ފިޔަވަޅުތަކެއްގައި އޭނާ މަންހަލްގެ ގާތަށް ގޮސް ތިރިވެލިއެވެ.
“ކިހިނެއްވީ؟” އޯގާތެރި އަޑަކުން ޒަހީނާ އަހާލިއެވެ. މަންހަލްއަށް އެއަޑެއް ނުއިވުނެވެ. މިފަހަރު ޒަހީނާ ކުރިއަށް ޖެހިލާ މަންހަލްގެ ދެއަތްނަގާ އޭނާގެ އަތުގެ ތެރެއަށްލިއެވެ. މަންހަލް އޭނާގެ މޫނު ހިއްލާލާ ޒަހީނާގެ މޫނަށް ބަލައިލިއެވެ.
“ކިހިނެއްވީ؟” އަނެއްކާވެސް ޒަހީނާ އަހާލިއެވެ.
“އެމީހާ. އޭނާ ގާތު ބުނޭ ދުރަށްދާށޭ. ކައިރިނުވާށޭ.” މަންހަލްއަށް ބުނެވުނެވެ.
“ދަރިފުޅާ. މިތާ މިހުރީ ދައްތަ އެކަންޏޭ. ހަމަޖެހިލަބަލަ.” މަންހަލްގެ މޫނުގައި ފިރުމާލާ ލޮލުން އައިސްފައިހުރި ކަރުނަތައް ފުހެލައިދެމުން ޒަހީނާ ބުނެލިއެވެ.
“ދައްތާ. އޭނާ އަހަރެން ލައްވާ ގަދަކަމުން.. އޭނާ.. އޭނާ ކައިރީ ނާންނާށޭ ބުނީމަވެސް އައީ.. ދައްތާ.. އަހަރެން.. ދެރަވޭ.. އެއީ އަހަރެންގެ ކުށެއްތަ ދައްތާ؟ އޭނާ އަހަރެންގެ ގައިމައްޗަށް ވެއްޓިގަތީ މިނިކާ ޖަނަވާރެއްހެން.. އަހަރެން ބޭނުމެއް ނޫނޭ ބުނީމަވެސް..” ތުރުތުރު އަޅަމުން ދިޔަ އަޑުން މަންހަލްއަށް ވާހަކަދެއްކުނީ ހިންދިރުވަމުންނެވެ. މަންހަލްގެ ހިތުގައި ޖެހުނީ އެނުދަންނަ ދައްތަގެ އޯގާތެރިކަން ފެނުނީމައެވެ. އަނެއްކާވެސް ލޮލުން ކަރުނަތައް އަންނަން ފެށުމުން ޒަހީނާ މަންހަލްގެ ގައިގައި ބައްދާލީއެވެ. އިރުކޮޅެއް ވަންދެން ޒަހީނާ މަންހަލްގެ ބުރަކަށީގައި ފިރުމާލަ ފިރުމާލަ އިނެވެ.
“މަންހަލްގެ އެއްވެސް ކުށެއް ނެތް އެކަމުގައި. ދެން ތެދުވޭ. މިހާރު މެންދުރަށް ގޮވައިފި. ނަމާދުކޮށްލާ ހިތުގެ ހާލު މާތްﷲއަށް ދަންނަވާ. ބިރުވެރިކަމާ ހާސްކަމާއި ހިތާމައިން ދުރުކޮށްދެއްވުމަށް އެދި އެކަލާނގެ ހަޒްރަތަށް ދަންނަވާ.. ނަމާދަކީ ހިތްހަމަޖެހުމެއް. އެއީ ހިތާމަތަކަށް ފަރުވާއެއް. ދައްތަ މިކޮޓަރިއަށް ޚަތިމެއްވެސް ގެނެސްދޭނަން. އެކަނިވެރިކަން އިހުސާސްވާ ކޮންމެ ފަހަރަކު ޤުރުއާން ކިޔަވަން މަސައްކަތް ކުރާތި. އެއީ މިދުނިޔެއާ އާޚިރަތުންވެސް އަހަރެމެންނަށް މަންފާކޮށްދޭނެ އެކުވެރިއެއް.” މަންހަލްގެ ބޮލުގައި ފިރުމާލަމުން ޒަހީނާ ބުނެލިއެވެ. ބޯ ޖަހާލަމުން މަންހަލް ތެދުވިއެވެ. ހިނިތުންވުމެއް ހަދިޔާކޮށްލާފައި ޒަހީނާ ދިއުމުން މަންހަލްވެސް އަވަސްވެގަތީ ނަމާދުކުރާށެވެ.
މެންދުރު ނަމާދުން ފައިބައިގެން ޔަޒްދާން ދިޔައީ ޕޮލިސް ސްޓޭޝަނަށެވެ. ކުރަންޖެހޭ ބައެއް މަސައްކަތްތައް ނިންމާށެވެ. އެހެނަސް އޭނާ މަސައްކަތް ފެށިއިރަށް ހަނދާނަށް އަންނަން ފެށީ މިއަދު ހެނދުނު އެއަންހެން މީހާ މަންހަލްއަށް ‘މިޝްޔާ’އޭ ގޮވާލި ހަނދާނެވެ.
“އެހެންވިއްޔާ މަންހަލްއަކީ އޭނާގެ އަސްލު ނަމެއް ނޫނެއްނު؟ މިޝްޔާ. މިޝީ.” ޔަޒްދާންއަށް ހިތާހިތުން ކިޔާލެވުނެވެ. “ޝީ ރިއަލީ އިޒް މިސްޓީރިއަސް.” މަޑުމަޑުން ޔަޒްދާން ބުނެލިއެވެ.
“ކާކު މިސްޓީރިއަސްވީ؟” އައިޒިން އެތެރެއަށް ވަދެގެން އަންނަމުން އަހާލިއެވެ.
“ކަލެއަށް އެނގޭކަށް ނުޖެހޭ.” ހިތްހަމަނުޖެހިފައި ހުރި ފަދައިން ޔަޒްދާން ބުނެލިއެވެ. ހިނިގަނޑެއް ޖަހާލާފައި އައިޒިން އޭނާގެ މޭޒުގައި އިށީނެވެ.
ފަނަރަ މިނެޓުވީ އިރު ޔަޒްދާންއަށް ލިޔެވުނީ އެންމެ ދިހަ ބަހެވެ. ކޮމްޕިއުޓަރު ހުޅުވައިގެން އޭނާ އިނީ އަތުގައި ގަލަން އަނބުރާށެވެ. އަމިއްލަ ދުނިޔެއަށް ގެއްލިފައެވެ. އިރުކޮޅަކުން ކީބޯޑު މައްޗަށް ގަލަން އެއްލާފައި އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ފައުޒާން އެތެރެއަށް އައީ އެވަގުތެވެ. ޔަޒްދާންއަށް ނަޒަރެއް ދިނުމަށްފަހު އޭނާގޮސް ހުއްޓިލީ އައިޒިންގެ ގާތުގައެވެ.
“މިޔޯ؟” ފައުޒާން އަހާލިއެވެ.
“ބަލަން އިނދެބަލަ. ލުކްސް ލައިކް އަ ފިލްމް. އެކަމަކު މިއީ ވަރަށް ބޯރިން ތަންކޮޅެއް އިނގޭ.” ދެދަތްޕިލަ ޖައްސައިގެން އިނދެ އައިޒިން ބުނެލިއެވެ.
“ކައެ ކުރިން ބުނިނަމައެއްނު މަ އައިއިރު ޗިޕްސް ޕެކެޓެއް ގަނެގެން އަންނަން އެނގުނީހީވެސް.” ނިކަން ސީރިއަސް ވެފައި ފައުޒާން ބުނެލިއެވެ.
“ކިތަންމެ މަޑުން ވާހަކަދެއްކިއަސް މަށަށް އެބަ އަޑުއިވޭ.” ޔަޒްދާން ބުނެލިއެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ބަލައިލިއެވެ. އައިޒިން ކޮޅަށް ތެދުވެލާ ފައުޒާންގެ ކޮނޑުގައި ޖެހިލިއެވެ. ނިތްއެއްލުމަށްފަހު އަނގައިގެ އިޝާރާތުން ވާހަކަދައްކާށޭ ބުނެލިއެވެ. ފައުޒާން ގަމީހުގެ ކަރުގޮށް އަޅުވާލުމަށްފަހު ތައްޔާރުވެލިއެވެ.
“ސާރ. ކިހިނެއްވީތޯ؟” ފައުޒާން އަހާލިއެވެ.
“މިއީވެސް ކަލޭގެ ކަންތައް.” ޔަޒްދާންގެ ޖަވާބު އަވަހެވެ. ހައިރާންވެފައި ފައުޒާން ބަލައިލީ އައިޒިން އަށެވެ. އަމިއްލަ ނަފްސަށް އިނގިލި ދިއްކުރުމަށްފަހު ތިމަންނަހޭ އޭނާ އަހާލިއެވެ.
“ސާރ. އަޅުގަނޑަށް ކީއްތޯ ކުރެވުނީ؟” ފައުޒާން ސުވާލުކުރިއެވެ.
“އެގަޑީގައި ގުޅަންޖެހޭތަ؟” ޔަޒްދާން އިނީ ފައުޒާންގެ ސުވާލުތަކަށް ދޭނެ ޖަވާބު ހިތުދަސްކޮށްގެން ކަހަލައެވެ.
“މިއަދު ހެނދުނުތަ ސަރ؟ ދެން އެހާ މުހިންމު ކަމެއްގައި އުޅެމުން ސާރ ނުޖެހޭނެ ނޫންތޯ ފޯނުނަގާކަށް. ދެޓްސް ޔުއަރ ޕްރޮބްލަމް ސާރ.” ފައުޒާން ރައްދުގައި ބުނެލިއެވެ. އޭނާގެ އަމިއްލަ ނަފްސު ދިފާއުކުރީއެވެ.
“މިއަދު ހަވީރު ހަތަރެއްޖެހީމަ ނޫނީ ސްޓޭޝަން އިން ބޭރަށް ނިކުމެގެންނުވާނެ. ދެމީހުންވެސް! މަންހަލްއާއި ބެހޭގޮތުން ހުރިހާ އެއްޗެއް އަހަންނަށް ހޯދައިދީ.” ޔަޒްދާން ތެދުވެ ޝަހާދަތް އިނގިލި ދިއްކޮށްލާފައި ބުނެލިއެވެ. ޔަޒްދާން ނިކުމެގެން ދަންދެން ދެމީހުން އެކަކު އަނެކަކަށް ބަލަން ތިބެފައި އޭނާ ބޭރަށް ދިއުމާއެކު ދެމީހުން ހޭންފެށިއެވެ.
ޔަޒްދާން ގެއަށްވަދެގެން އައިވަގުތަކީ ކައިނިމިގެން މަންހަލް ކޮޓަރިއަށް ވަންނަން އައި ވަގުތެވެ. މަންހަލްގެ މޫނު ފެނުމާއެކުވެސް ހުރިހާކަމެއް ރަނގަޅު ނޫންކަން ޔަޒްދާންއަށް ނަގައިގަނެވުނެވެ. ޔަޒްދާން ފެނުން ކަމަށްވެސް ނުހަދާ މަންހަލް ކޮޓަރިއަށް ވަންނަން ދިޔައެވެ.
“ރަނގަޅުތަ؟” ޔަޒްދާން އަހާލިއެވެ. ނަމަވެސް އަޑުއިވުނު ކަމަށްނަހަދާ މަންހަލް ކޮޓަރިއަށްވަދެ ދޮރު ލެއްޕީއެވެ.
“ރީއްޗެއްނު. ފުރަތަމަ ނަން އޮޅުވާލީ. މިހާރު ގެއަށްގެނެސް ހުންނާނެ ތަނެއް ދެއްކީމަ އަޅައިވެސް ނުލާ އެވަނީ ކޮޓަރިއަށް.” ޔަޒްދާން ހިތަށް އެރިއެވެ.
“ކިހިނެއްތަ އެކުއްޖާއަށް އަސްލުވީ؟” ފަހަތުން މަންމަ ވާހަކަދެއްކި އަޑަށް ޔަޒްދާން ދިޔައީ ސިހިގެންނެވެ.
“އެކުއްޖާ ބަލައޭ ކުރިންރޭ ދިޔައީ. ފަޅު ރަށަކުން ގެނައީ.” ޔަޒްދާންއަށް ބުނެވުނެވެ.
“އެހެންވީމަ ހަބަރުގައި އެކީ އޭނާގެ ވާހަކަދޯ.” ތުންފިއްތާލާފައި ޒަހީނާ ބުންޏެވެ. “މިއަދު މެންދުރު ރޯ އަޑަށް މަންމައަށް ކޮޓަރިއަށް ވަދެވުނީ. އޭރު ބިރުން ތުރުތުރު އަޅާ އިނީ.”
“އެހެންވެދޯ އެހާ ފާޑަކަށް އެހުރީ. މަންމަ ހަވީރު ދައްޗޭ އޭނާ ގޮވައިގެން ހިނގާލަން. މާމަގެއަށް ގޮސް ޝާނީމެންނާ ދިމާވަނިކޮށް ރަނގަޅުވާނެ..” ޒަހީނާއަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ޔަޒްދާން ހުރިހާ ކަމެއްވެސް ޕްލޭންކޮށްލިއެވެ. އެކަމާ ގުޅޭގޮތުން އޭނާ އެއްޗެއް ބުނަންވީއިރު ޔަޒްދާން ދެންފެށީ މެންދުރު ކާންހުރި އެއްޗެހީގެ ވާހަކައެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.




vv beautiful ….
loved it ….
curiously waiting for the nxt part
Thank you Anonymous! ☺️🤍
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Mi part kiyaafa rovijje
Manhal and Yazdhaan gulhuvachey
They both are made for each other
Shayoo and javidh ves
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you
Sorry Eyee cutie girl ge comment eh
Okayh! Thank you Cutie girl! ☺️🤍
Omg wow. Mi part ves vrh Reethi Masha Allah 😍😍😍
Thank u Someone! ☺️🤍
ކޮބާ އަނެއް ބައި؟
މިހާރު ކިޔާލަން ލިބޭނެ. ވާހަކަ ނުގެނެސްދެވި ލަސްވިކަމަށް ޓަކައި މަޢާފަށް އެދެން
Nice part 😄
WOW!
Thank you Ishaan! 😊🤍