ސެކިއުރިޓީއެއް ނެތް އެގޭގެ ތެރެއަށް މަންހަލްއާއެކު ޔަޒްދާންވެސް ވަނެވެ. ލިފްޓަށް އެރުމުގެ ބަދަލުގައި މަންހަލް އިހްތިޔާރުކުރީ ސިޑިއެވެ. އެންމެމަތީ ފަންގިފިލާއަށް އެރުނު އިރު ދެމީހުންނަށްވެސް މާނޭވާލެވެއެވެ. ކުރިމަތިން ފެންނަންހުރީ އެންމެ ދޮރެކެވެ. ޔަޒްދާން ބަލަންހުއްޓާ މަންހަލް ގޮސް ދޮރުގައި އިން ބެލްއަށް ފިތާލިއެވެ. ކުޑައިރުކޮޅެއްގެ ފަހުން ދޮރު ހުޅުވާ ބޭރަށް ބޯދިއްކޮށްލީ މުސްކުޅި ފުރައިގެ އަންހެނެކެވެ.
ދެމީހުންނަށް ފަރުވާތެރި ނަޒަރެއް ދީގެން ޔަޒްދާން ހުއްޓެވެ. އެދެމޫނުމަތިން ފާޅުވާން ހުރި ބީރައްޓެހިކަން އޭނާއަށް ސިއްރު ނުވީ އެހެންވެއެވެ.
“ތީ ކާކު؟” އަންހެން މީހާ އަހާލިއެވެ.
“އަޅުގަނޑު މިއީ މަންހަލް. ސާހިލް ކިޔާ މީހަކު އުޅުއްވާތޯ؟” މަންހަލް އަމިއްލަ ތައާރަފެއް ދިނުމަށްފަހު އަހާލިއެވެ.
“ނޫން، ނޫޅޭ.” އަންހެން މީހާ ޖަވާބު ދިނެވެ.
“އެހެންވިއްޔާ ސުހައިލް ކިޔާ މީހަކު އުޅޭތަ؟” އަނެއްކާވެސް މަންހަލް ސުވާލުކުރިއެވެ. މިފަހަރުވެސް އަންހެންމީހާ ނޫނެކޭ ބުނެލިއެވެ. “މިއިމާރާތުގެ ވެރިފަރާތް އެނގޭތަ؟”
“އާނ.. ތީ ކޮންބޭނުމެއްގަ އައި ކުއްޖެއްތަ؟” ނުރުހިފައި ހުއްޓަސް އެއަންހެން މީހާ އެކަމެއް ނުދައްކައެވެ.
“ސުހައިލްއަކީ އަޅުގަނޑުގެ ދޮންބެ. ދައްތައަށް ޔަގީންތަ މިގޭގެ އެއްވެސް ބައެއްގައި އެނަން ކިޔާ މީހަކު ނޫޅޭކަން؟” މަންހަލްގެ ސުވާލުތައް ހުސްވާކަށް ނޫޅުނެވެ.
“ނޫޅޭ ނޫޅޭ. މަށަށް އެނގޭވިއްޔަ މިތާ އުޅޭ އެންމެންވެސް. ތިނަން ކިޔާ މީހަކު އުޅޭކަމެއް ނޭނގޭ.” ވަރަށް ވިސްނަމުން ކަހަލަ ގޮތަކަށް އޭނާ ބުންޏެވެ.
“އޯކޭ. ތެންކިއު ދައްތާ..” ކަރު އެލުވާލަމުން މަންހަލް ބުންޏެވެ. އަންހެން މީހާ އަވަސްއަވަހަށް ދޮރު ޖަހައިފިއެވެ.
މަންހަލްއާއި ޔަޒްދާން ތިރިއަށް ފޭބީ އެކުއެކީގައެވެ. މަގުމައްޗަށް ނިކުމެ މަންހަލް ހިނގައިގަތީ އެމަގުގެ ކޮޅުގައި ހުރި ފިނި މައިޒާން ކައިރިއަށެވެ.
“ކޮންތާކަށް؟” ޔަޒްދާން ސުވާލުކުރިއެވެ.
“ހޯމްލެސް މީހުން އުޅޭ ގޮތެއް ބަލަން. އަހަރެންވެސް ދެން އެގޮތަށް އުޅެން ޖެހޭނެތީ.” މަންހަލް ޖަވާބު ދިނެވެ.
“ޔަގީންތަ ރަނގަޅު ގެއެއްކަން މިއީ؟” ފަހަތްބަލަމުން ޔަޒްދާން ބުނެލިއެވެ.
“ވަދެވުނީ ނުބައި ގެއަކަށް ކަމަށް އަހަރެން ގަބޫލެއް ނުކުރަން. ލިޔެފަ އިން ނަންބޯޑުވެސް އަހަރެން ދެކުނިން.” އޭނާގެ އަޑުގައި ޔަގީންކަންވިއެވެ.
“މިޝްޔާ. މިޝީ.. މިޝްޔާ..” މަންހަލް މަގުހުރަސްކުރަން ދަނިކޮށް މަގުގެ އެއްފަރާތުން މީހަކު ގޮވާ އަޑަށް އެދިމައަށް ބަލައިލިއެވެ. އޭރު ދުރުގައި ހުރި އަންހެން މީހާ ހަނާއަޅަމުން އަންނަނީ އެދެމީހުންނާއި ދިމާއަށެވެ. ޔަގީންނުވެފައި ހުރި ފަދައަކުން މަންހަލް ހުއްޓި ހުރީއެވެ. އަންހެން މީހާ އައިސް ބައްދައިގަތީ މަންހަލްގެ ގައިގައެވެ.
“އަޅޭ އަހަރެން މިހިރީ މިޝީ ދެން ނުފެންނާނެކަމަށް ނިންމައިގެން. ކިހާ ދުވަހެއް މިވީ މިޝީ ހޯދަން އުޅޭތާ؟ ހަމަ އަހަރެން މަތިން މިސް ނުވަނީތަ؟” މަންހަލްގެ ގައިގައި ބައްދައިގެން ހުރެ އެއަންހެން މީހާ ވާހަކަދެއްކިއެވެ. މަންހަލް ހުރިގޮތުން އޭނާއަށް އެވަގުތު މަންހަލްގެ މޫނަށް އަރާފޭބި ކުލަވަރެއް ނުފެނުނެވެ. ދެމީހުންގެ ވާހަކަތައް އަޑުއަހަން ކެތްމަދުވެފައި ހުރި ޔަޒްދާންއަށް ދުރަށް ޖެހެން މަޖުބޫރުވީ ފޯނު ރިންގުވާން ފެށީމައެވެ.
“ކީކޭ؟ ” ފޯނު ނެގިގޮތަށް ޔަޒްދާން ބުނެލިއެވެ.
“އަދިވެސް އަންނާކަށް ނުވޭތަ؟” ފައުޒާން އަހާލިއެވެ.
“އާނ. މައެ ގުޅަންވެގެންނޭ އުޅުނީ. ކަލޭ ފްރެންޑް ކައިރީ ބުނެބަލަ ރަށަށް ދާން ދެ ޓިކެޓް ނަގައިދޭށޭ. ދިހަ ގަޑި ބައިގަ ފުރާ ލޯންޗުން އިނގޭ..” ޔަޒްދާން ބުނެލިއެވެ.
“އޭ ރީތިމަންޖެ ގޮވައިގެން އަންނަނީތަ؟” ފައުޒާންގެ އަޑަށް ޖޯޝެއް ވެރިވިއެވެ. ދިމާކުރާ ރާގެއްގައި އޭނާ ސުވާލުކުރިއެވެ.
“އޭ ސްޕީކަރަށްލާ..” އަމުރު ކުރާފަދަ ރާގެއްގައި ދުރުން އައިޒިން ބުނެލި އަޑު އޭނާ އެއްސެވެ.
“އަނގަގަދަ ނުކޮށް ޓިކެޓް ނަގައިދީފަ މަށަށް އޭނަގެ އެކައުންޓް ނަންބަރު ފޮނުވާ.” ޔަޒްދާން ސީރިއަސް އަޑަކުން ބުންޏެވެ. އޭނާގެ ނަޒަރު ހުއްޓުނީ ދުރުގައި ވާހަކަދައްކަން ތިބި މަންހަލްމެންނަށެވެ. އޭނާއަށް ކުރިމަތިވާ ގޮތަށް ހުރި އަންހެންމީހާގެ މޫނުމަތިން ފާޅުވާން ހުރި ހިތާމައިގެ އަސަރު އޭނާއަށް ފާހަގަވިއެވެ.
“އޯކޭ ބޮސް.” ފައުޒާން ބުނެލިއެވެ.
“އޯކޭ.” ޔަޒްދާން ފޯނު ކަނޑާލިއެވެ. އޭރު އެއަންހެން މީހާ މަންހަލްގެ ގައިގައި ބައްދާލަނީއެވެ. ޔަޒްދާން ހިނގާފައި ގޮސް މަންހަލްއާއި އަރާ ހަމަކުރިއިރު އެއަންހެން މީހާ އެނބުރި އައިކޮޅަށް ދިއުމަށް ހިނގައިގަނެއްޖެއެވެ. ހުއްޓުން އަރާފައި ހުރި ފަދައަކުން މަންހަލް ހުރީ އެމީހާ ހިނގާފައި ދިޔަ ދިމާލަށް ބަލާށެވެ.
“އަހަރެންގެ ގޭގައި ހުރިއްޔާ ހޯމްލެސްއެއް ނުވާނެއްނު.” މަންހަލްގެ މޫނުކުރިމަތީގައި އަތް ހޫރާލަމުން އޭނާ ބުނެލިއެވެ.
“ވަޓް؟” ސިހިފައި މަންހަލް ސުވާލުކުރިއެވެ.
“އާދޭ އަހަރެންނާއެކު.” ޔަޒްދާންގެ އަޑު ހަރުކައްޓެވެ. ދެލޯ ބޮޑުކޮށްގެން ހުރެ މަންހަލް އޭނާގެ ފަހަތުން ހިނގައިގަތެވެ.
ގޭގެ ގޯތިތެރެއަށް ކާރު ވަދެގެން ދިޔައެވެ. ޝަޔަމް އިނީ ކުޑަދޮރުން ބޭރު ބަލާށެވެ. ކާރު ވަދެގެން ދިޔަ ދިމާގައި ދެފަރާތުން ބަގީޗާ ގަސް ހައްދާފައި ހުއްޓެވެ. ގޭގެ ތެރެއަށް ވަދެވޭ ދޮރުގެ ކުރިމަތީގައި ކުޑަ ފައުންޓެއިންއެއް ހެދިފައި ހުއްޓެވެ. ދެބުރިއަށް ނަގާފައި ހުރި އެގެ އެހާބޮޑު ކަމަކަށް ނުދައްކައެވެ. ކާރު މަޑުކުރުމުން ޝަޔަމް މަޑުމަޑުން ދޮރު ހުޅުވާ ބޭރަށް ނިކުތެވެ. ފަޒާގައިވީ ތެތްފިނިކަމުން އޭނާ ހީކަރުވާ ގޮތްވިއެވެ. އަވަސްއަވަހަށް ގޭގެތެރެއަށް ވަނީ އެފިނިކަމުން ސަލާމަތްވާށެވެ.
ތަންކޮޅަކަށް ހިނގާލާފައި ދިއުމުން ކަނާއަތް ފަރާތުގައި ހުރި ސިޑި ފެނުނެވެ. ސިޑި ކައިރިން ކުރިއަށް ހިނގާލުމުން މިފަހަރު ކަނާއަތް ފަރާތުން ފެންނަނީ ކުޑަ ސިޓިން ރޫމެކެވެ. ވާއަތް ފަރާތުން ފެނުނީ ކުޑަ ބަދިގެއެކެވެ. ވަށައިގެންވާ ހުރިހާ ތަކެއްޗެއް ފަރުމާ ކުރެވިފައިވީ ލަކުޑީގެ ޑިޒައިނަކުންނެވެ. އެހެންވެ ޝަޔަމްއަށް އިހުސާސްވީ ގެއަކީ ދުވަސްވީ ގެއެއްކަމެވެ. ދެފާރަތަށް ނަޒަރު ހިންގާލާފައި އަނެއްކާވެސް އޭނާ ކުރިއަށް ހިނގައިގަތެވެ. މިފަހަރު ކުރިމަތިން ޖެހުނު ބިއްލޫރި ދޮރު ހުޅުވާލާ އޭނާ ބޭރަށް ނަޒަރެއް ދިނެވެ. ޓާފް އަޅާފައި އޮތް އެބެކްޔާޑްގައި މާގިނަ އެއްޗެއްސެއް ނެތެވެ. ގެއާ އިންވެގެން ހިޔާކޮށްފައި އިން ތަންކޮޅުގައި ކުޑަ ކޮފީ މޭޒެއް ބަހައްޓާފައި ހުއްޓެވެ.
“އާދޭ މަތީބައި ދައްކާލަނަން.” ޝަފްނާ ގޮވާލި އަޑު އިވުމުން އޭނާ ދޮރު ލައްޕާލުމަށްފަހު ސިޑިއާ ދިމާއަށް ހިނގައިގަތެވެ. އޭރު ޖާވިދު ފޮށިތައް ހިފައިގެން މައްޗަށް އަރަނީއެވެ.
ޝަފްނާގެ ފަހަތުގައި ހުރެގެން އޭނާ ސިޑިން އެރިއެވެ. މައްޗަށް އެރުމުން ދިގު ގޯޅިއެއް ލާފައި ދެފަރާތުން ހަތަރު ދޮރު ފެންނަން ހުއްޓެވެ. ކުރިމަތިން ސީދަލަށް ދިޔައިމާ ނިކުމެވެން ބެލްކަންޏެއް ހުއްޓެވެ. ވާއަތް ފަރާތުން ފުރަތަމަ ޖެހުން ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ޝަފްނާ އެއީ ޝަޔަމްގެ ކޮޓަރި ކަމުގައި ބުނެދިނެވެ.
އެކުޑަ ކޮޓަރީގައި ލެވިފައި ވަނީ ބޭބީ ޕިންކު ކުލައެވެ. ހެދުން އަލަމާރިއަކާއި އެނދެއް ފިޔަވާ އެވަގުތު ކޮޓަރީގައި އެއްވެސް ފަރުނީޗަރެއް ނެތެވެ. އެނދުގެ އެއްކައިރިއަކުން ކުޑަދޮރެއް ލެވިފައި ވިއެވެ. ފާރުތަކަށް ނަޒަރު ހިންގާލުމާއެކު އިނގިރޭސި ލަވަކިޔުންތެރިންގެ ޕޯސްޓަރުތަކެއް ތަތްކުރެވިފައި ހުއްޓާ ފެނުނެވެ. ކޮންމެވެސް ބަޔަކު ކުރިން މިތަނުގައި ދިރިއުޅުންކަން ޝަޔަމްއަށް ޔަގީންވީ އެހެންވެއެވެ.
“މުރޫގެ ޑޯޓަރ މިރޫމްގައި އުޅުނީ. ޝަޔޫ ބޭނުން އެއްޗެއް ގެނެސްގެން ރޫމް މޭކްއޯވާރ އެއް ހަދާލާ. އެކައުންޓްގައި ލާރި ހުންނާނެ.” ޝަފްނާ ބުނެލިއެވެ. އަތުގައި އޮތް ބެކްޕެކް ގޮދަޑި މައްޗަށް ދޫކޮށްލުމަށްފަހު ޝަޔަމް އަނެއްކާވެސް ނިކުތީ ބޭރަށެވެ.
“މިއީ ޖާވިދުގެ ކޮޓަރި.” ކުރިމަތީގައި ހުރި ކޮޓަރިއަށް އިޝާރާތްކޮށް ޝަފްނާ ބުނެލިއެވެ.
“މިކޮޓަރިތަކުގައި އުޅުނީ އަފޫގެ ކްލާސްމޭޓްސް. މަންމަ ހިތަށް އަރަނީ ޝަޔޫއާއެކު އުޅެން ކުދިން ކޮޅެއް ގެންނަންވީއޭ.” ޝަޔަމްގެ ކޮޓަރި ހުރި ބަރީގައި ދެންހުރި ކޮޓަރިއަށް އިޝާރާތްކޮށް ޝަފްނާ ބުނެލިއެވެ.
އެކޮޓަރިއާ ކުރިމަތިވާ ގޮތަށް ދެންހުރި ކޮޓަރި ދޮރު ހުޅުވާލުމުން ޝަޔަމްވެސް ގޮސް އެތަނަށް ބޯދިއްކޮށްލިއެވެ. އެއީ ކުޑަ ސްޓަޑީ ރޫމެކެވެ.
“މިތަނުގައި ޝަޔޫއަށް ކިޔެވޭނެ.” ޝަފްނާ ބުނެލިއެވެ. އެއްވެސް އެއްޗެއް ނުބުނެ އޭނާ ދެން ދިޔައީ ކޮޓަރިއަށް ވަންނާށެވެ. އެހެނަސް މަޑުޖެހިލީ ޝަފްނާ ވާހަކަދެއްކި އަޑު އިވިފައެވެ.
“ޒާގެ ކޮއްކޮ އުޅެނީ މާލޭގައެއް ނޫން. އޭނާ އުޅެނީ ރަށުގަ.” ޝަފްނާ ބުނެލި ވާހަކައަކުން ޝަޔަމްގެ މޫޑު ޚަރާބުވާ ގޮތްވިއެވެ. ހަޅެއްލަވައިގަންނަން ބޭނުންވިއަސް އަޑެއް ލައްވާވެސް ނުލާ އޭނާ އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ. “މަންމަ މިދަނީ ފުރަން ދާން. ޝަޔޫ ގެއަށް ލާފަ ގެ ދައްކާލަން މަންމަ އައީ.”
“ބާއި” މަޑުއަޑަކުން ބުނެލަމުން އޭނާ ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ.
ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ ޝަޔަމްގެ ކޮޓަރީގެ ދޮރު ކައިރިއަށް ގޮސް ޓަކި ޖަހާލިއެވެ. އިރުކޮޅެއްނުވެ ދޮރު ހުޅުވާލުމަށްފަހު ޝަޔަމް ނިކުތެވެ. އިސްވެ ސަލާމަށް އަތް ދިއްކޮށްލީ ޝަފްނާއެވެ. އެއްފަހަރު އެއަތަށް އަނެއްފަހަރު ޝަފްނާގެ މޫނަށް ބަލަން ޝަޔަމް ހުއްޓެވެ. ދެން ނުހަނު އަވަހަށް އެއަތުގައި ހިފާލުމަށްފަހު ދޫކޮށްލިއެވެ.
“މިހާރު ފޯނު ބޭނުންކުރެވޭނެ. ދާންއާވެސް ގުޅޭނެ.” ޝަޔަމްއަށް ބުނެލާފައި އޭނާ ހިނގައިގަތެވެ. ފަރުވާކުޑަ ގޮތަކަށް އެއްއަރިއަކުން ހިނިއައިސްފައި އޭނާ ދޮރު ލައްޕާލީއެވެ.
ޔަޒްދާންގެ އަތުގައި ހިފާލަމުން މަންހަލް ލޯންޗަށް އެރިއެވެ. އެވަގުތަކީ ދެހިތުގެ ހިނގުންވެސް އަވަސްވި ހިނދުކޮޅެކެވެ.
ފަނަރަ ވަރަކަށް މިނެޓުގެ ކުރު ދަތުރު ނިންމާލުމަށްފަހު ޔަޒްދާންމެންގެ ރަށަށް ލޯންޗު ލެފިއެވެ. އެމީހުންގެ އިސްތިގްބާލުގައި އައިސް ތިބީ އައިޒިންއާއި ފައުޒާންއެވެ. ޔަޒްދާންއާއެކު މަންހަލް ފެނުމުން އެމީހުންގެ މޫނަށް ލާނެތް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ފައުޒާން ފޯނުނަގާ ފޮޓޮއެއް ނެގިއެވެ. ޔަޒްދާން އައިސް ފައުޒާންގެ ފޯނު ޖަހައިގަންނަން އުޅުމުން އެކަމަށް ތައްޔާރުވެ ހުރި އައިޒިން، ފައުޒާންގެ ފޯނު އަތުލާ އޭނާގެ ޖިންސްގެ ޖީބަށް ލައިފިއެވެ.
“ކަލޭ ފަރުވާކުޑަ ކުރަންޏާ ފޯނު ގެއްލިދާނެ. މަގޭ ފޮރުވައިދޭނަން.” ހަމަޖެހިލާފައި އައިޒިން ބުންޏެވެ.
“ޑިލީޓް ކުރޭ.” ހަރުކަށިކަމާއެކު ޔަޒްދާން ބުންޏެވެ.
“ސޮރީ. އެކަމަކު ޑިއުޓީ ގަޑިއެއް ނޫން.” އައިޒިން އޭނާގެ އަތުގައި އޮތް ސައިކަލު ތަޅުދަނޑި ޔަޒްދާންއާ ދިމާއަށް އެއްލަމުން ބުންޏެވެ. “ތިހެންހުއްޓާ އެކުއްޖާ އެކީ ރަތްވެދާނެ. މިހާރުވެސް އެހުރީ ލަދުން ހަލާކުވާވަރުވެފަ.”
ޔަޒްދާންއަށް މަންހަލްއަށް ނަޒަރެއް ދެވުނީ އެވަގުތެވެ. ބީރައްޓެހި ކަމާއެކު ވަށައިގެން ނަޒަރު ހިންގަމުން ދިޔައިރު އެދެކޮލަށް ހުރީ ރަތްކަން ވެރިވެފައެވެ. އައިޒިންއާއި ފައުޒާންގެ ހަރަކާތުން އޭނާ ލަދުގަތީކަން ޔަގީނެވެ.
“ލަދުގަންނަވާފަ ދެން ތިހެން ކިޔާނެކަމެއް ނެތެއްނު.” ޔަޒްދާން ރައްދު ދިނެވެ.
މަންހަލްގެ ގާތުން އޭނާއާއެކު އަންނަން ބުނަމުން އޭނާ އެރީ އައިޒިންގެ ސައިކަލަށެވެ. އޭރު ފައުޒާންއާއި އައިޒިންވެސް މަންހަލްގެ ފަހަތުން އާދެއެވެ.
“ފޮޓޯ ނުނަގާތި.” މަންހަލް އޭނާގެ ސައިކަލު ފަހަތަށް އެރުމުން ޔަޒްދާން އެމީހުންނަށް އިންޒާރު ދިނެވެ.
“ޕިސް ފޮޓޯ ނަގާފަ ކަލޭގެ ކަޒިން ކުއްޖާއަށް ފޮނުވަން ކަމަށް. ފަހަރެއްގަ އެހެން އުޅެނިކޮށް މަށަށްވެސް އެކުއްޖާ ލިބިދާނެ.” ފައުޒާން މަޖާވެފައި ބުނެލިއެވެ. ޔަޒްދާން ދެލޯ އަޅާލަމުން ސައިކަލު ދުއްވާލިއެވެ.
“އޭ މަރުކަޒު ދޮރުމަތިން ދައްޗޭ. ފިރޫއަށް ކައެ ބިޓެއް ހޯދިކަން އަންގާލަން ވާނެއްނު.” އައިޒިން ގޮވާލިއެވެ.
ގޭގެ ދޮރުމައްޗަށް ސައިކަލު ހުއްޓާލުމާއެކު ބޭރު ދޮރޯށި ހުޅުވާފައި މެދުއުމުރުގެ އަންހެނަކު ބޭރަށް ނިކުތެވެ. ޔަޒްދާން ފެނުމާއެކު އެއަންހެން މީހާގެ މޫނަށް އުފާވެރިކަން ވެރިވިތަން މަންހަލްއަށް ފެނުނެވެ. ﷲއަށް ޙަމްދުކުރަމުން އޭނާ އައިސް ބައްދާލީ ޔަޒްދާންގެ ގައިގައެވެ. މަންހަލް ބަލަންހުއްޓާ އެއަންހެން މީހާ ޔަޒްދާންއާ ދުރުވެލަމުން އޭނާގެ ގާތަށް އައިސްފިއެވެ. ހަދާނެގޮތެއް ނޭނގިފައި އޭނާ ހުއްޓާ އަންހެން މީހާ އޭނާގެ ގައިގައިވެސް ބައްދާލައިފިއެވެ. އޭނާގެ ބުރަކަށީގައި ފިރުމާލާފައި އެއަންހެން މީހާ ދުރަށްޖެހިލާ ހިފާލީ މަންހަލްގެ މޫނުގައެވެ.
“ދަރިފުޅު.” މައިވަންތަކަން އެކުލެވުފައިވާ އެއަޑު އިވުމުން މަންހަލްގެ ލޮލުން ކަރުނަ ހިލުނެވެ. ލޮލުން އައި ކަރުނަތައް ފުހެލަން އޭނާގެ އަތް ހަރަކާތް ކުރުމުގެ ކުރިން އެހިތްހެޔޮ ދައްތަ އޭނާގެ ކަރުނަތައް ފުހެލައިދީފިއެވެ. “މާޝާ ﷲ. ދަރިފުޅު ވަރަށް ލޯބި. ދެން އެއްވެސް ވަރަކަށް ރޯނެކަމެއްނެތް. މިއީ ހަމަ ދަރިފުޅުގެވެސް ގެ.”
މަންހަލް ގަޔާ ކައިރިކޮށްލައިގެން ހުރެ މަންމަ ގޭތެރެއަށް ވަދެގެން ދިޔަ މަންޒަރު ބަލަންހުރި ޔަޒްދާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.




Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Yazdhaan haadha rangalhey
Yazdhaan deserves better
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you ❤️😍
Thank you Cutie girl! 😊🤍
Vv reethi
Curiously waiting for the next part
Thank you Anonymous! 😊🤍
Wowwwwww. Omg thats soo cool. Vrhh reethi mi baii ves Masha Allah. Konmes faharaku kiyaafa comment nukurevunas abadhuves mihunnanee vaahaka kiyaa hithun kei madhuvefa. Vrh interesting. Take carree
Thank u someone!😊🤍
Nice part 😀
Thank you Shu’aau! 😊❤️