“އަހަރެން މިދަނީ ތަށިތައް ނަގަން.” މަންހަލްއަށް އިވޭވަރަށް ޔަޒްދާން ބުނެލިއެވެ. މަންހަލް އެއްވެސް އެއްޗެކޭ ނުބުނުމުން ޔަޒްދާން ގޮސް މޭޒުމަތީގައި ހުރި ތަށިތައް ނެގިއެވެ. ކޮޓަރީގައި ހުރި ޑަސްބިނަށް ތަށިތައް ލުމަށްފަހު ޑޮކްޓަރާއި ދެމީހުން އެކޮޓަރިން ނުކުތީ ސައިކޮލޮޖިސްޓަށް ވަގުތުދެމުންނެވެ.
ދޮޅު ގަޑިއިރު ފާއިތުވެގެން ހިނގައްޖެއެވެ. ގޮނޑީގައި ނީނދެވިގެން ޔަޒްދާން ކޮޅަށް ތެދުވެ ދެކޮޅަށް ހިނގަން ފެށިއެވެ. މަންހަލް އޮތް ކޮޓަރީގެ ދޮރު ކައިރިއަށް ގޮސް ފަހަތަށް އެނބުރެވުނު ހިނދު، އެހިމަ ދިގު ގޯޅިގަނޑުގެ ކޮޅުން އެމީހުންނާ ދިމާއަށް އަންނަމުން ދިޔަ މީހާ އޭނާއަށް ފެނިއްޖެއެވެ. ގޮނޑީގައި އިން އައިޒިންވެސް ފުންމައިގެން ތެދުވިއެވެ. އައިޒިންއާއި ޔަޒްދާންގެ ނަޒަރު ބައްދަލުވުމާއެކު ބަސްބުނުމެއްނެތި އެދެމެދުގައި ވާހަކަތަކެއް ބަދަލު ކުރެވިގެން ދިޔައެވެ. ދެމީހުންގެ ލޮލުންވެސް އެކަކު އަނެކަކަށް ފޮނުވާލީ އިންޒާރުގެ މެސެޖްތަކެކެވެ.
“އެތެރެއަށް ނުވަދެވޭ!” އައިޒިން ޝަފްނާގެ ކުރިމައްޗަށް އެރިއެވެ.
“އެންމެރަނގަޅު. ވަންނަން ހުއްދަ ލިބުން އިރަކުން ވަންނަން އަހަރެން މިތާ މިއިނީ.” އައިޒިންއާއި ހަތަރުކަޅި ހަމަކޮށްލުމަށްފަހު އޭނާ ގޮސް ގޮނޑިއެއްގައި އިށީނެވެ. ނުރުހުމުގެ ނަޒަރަކުން ޝަފްނާއަށް ބަލައިލަމުން ޔަޒްދާން އައިސް އަނެއްކާވެސް ގޮނޑީގައި އިށީނެވެ. މިފަހަރު އައިޒިންވެސް އައިސް އިށީނީ ޔަޒްދާންއާ ޖެހިގެން ހުރި ގޮނޑީގައެވެ.
އެތެރެއިން ޑރ. މަޖްދާ ނިކުމެގެން އަންނަތަން ފެނުނީ ދޮޅު ގަޑިއިރާ ދިހަ މިނެޓު ވެފައިވަނިކޮށެވެ. ޔަޒްދާން ޖައްސައިގެން އިން ސްޓޮޕްވޮޗް ހުއްޓާލީ އެހިނދުގައެވެ.
“ބަޔާން ނަގަން އެތެރެއަށް ވަދެވިދާނެ..” މަޖްދާ އެމީހުންގެ ގާތަށް އައިސް ބުނެލިއެވެ.
“އެންމެ ރަނގަޅު.” އައިޒިން ޖަވާބުދިނެވެ.
އައިޒިންއާއި އެކީ ޔަޒްދާންވެސް މަންހަލްގެ ގާތަށް ވަނެވެ. އެހެނަސް އޭނާ ދުރުގައި މަޑުކޮށްގެން ހުރީއެވެ. މަންހަލްގެ ގާތުން ބަޔާން ނެގީ އައިޒިންއެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ރެއާ ހަމައަށް ވީހުރިހާ ކަމެއް މަންހަލް ކިޔައިދިނެވެ. އޭނާ ސިއްރުކުރީ ހަމައެކަނި ޝަފްނާއާއި ޒިއާމްގެ ވާހަކައެވެ. މަންހަލްގެ ވާހަކަތަކުން އޭނާއަށް ހުރިހާ ކަމެއްކުރީ އަލްވާންކަން އެނގެއެވެ. ކްރައިމް ސީންއިން އަތުލައިގަނެވުނު މީހަކީ އެއީއެވެ. އެފަދައިން އަލްވާން ކަންކުރީ ކީއްވެކަން ބުނާކަށް މަންހަލްއަށްވެސް ނޭނގުނެވެ. ހަގީގަތުގައި ސަބަބު ކިޔައިދޭން ބޭނުންނުވީއެވެ.
“އަޅުގަނޑުމެން ތިބޭފުޅާއާވެސް ސުވާލުތަކެއް ކޮށްލަން ބޭނުން.” އެކޮޓަރިން ނިކުމެގެން އައިގޮތަށް ޔަޒްދާން ޝަފްނާއާ ކުރިމަތިލިއެވެ.
“ތިބޭފުޅާއާ މަންހަލް އޮންނަނީ ކޮން ގުޅުމެއްތޯ؟” ޔަޒްދާން ސުވާލުކުރުމުން ޝަފްނާ ހިނިތުންވެލިއެވެ.
“އެއީ އެކުވެރިއެއްގެ ދަރިއެއް. އޭނާ ބައްޕައާއި އަހަރެން ކިޔެވީ އެއް މަދަރުސާއަކުން. އޭނާގެ މަންމައަކީ އަހަރެން މަސައްކަތް ކުރި އޮފީހުގައި އުޅުން މީހެއް. އެހެންވެ މިއައީ މަންހަލްއަށް ގޮވާލަން.” ފުން ނޭވާއެއް ދޫކޮށްލަމުން ޝަފްނާ ބުނެލިއެވެ.
“އެކަމަކު އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި މިދިޔަ އެގާރަ އަހަރުގައި މަންހަލް އުޅެފައިވަނީ ޝަފްނާގެ ގާތުގައި.” އައިޒިން ޖަވާބު ދިނެވެ.
“ރަނގަޅު! އޭނާގެ ބައްޕަ ބުނެގެން އަހަރެން އޭނާ ބެލުމާއި ހަވާލުވީ.” ޝަފްނާ އޭނާގެ ފޯނު ނަގާ ވީޑިއޯއެއް ދެއްކިއެވެ. އެވީޑިއޯ އާއި ގުޅިގެން އެތައް ވާހަކަތަކެއް ދެކެވުނެވެ. ވިހިވަރަކަށް މިނެޓަށްފަހު ޝަފްނާ އެތެރެއަށް ވަނުމަށް ހުއްދަ ދެވުނެވެ.
ތަކުރާރުކޮށް މަންހަލްގެ އާއިލާގެ މީހަކަށް ގުޅަން ކުރި މަސައްކަތްވީ ބޭކާރެވެ. ބަޔާންނެގުމަށްފަހު އައިޒިންއާއެކު ޔަޒްދާންވެސް ރަށަށް ދިއުމަށް ފުރަން އޮތީ ހަމަޖެހިފައެވެ. އެހެނަސް އޭނާ ސްޓޭޝަންގެ ބޮޑެތި މީހުންނާ ވާހަކަދައްކައިގެން މާލޭގައި މަޑުކުރީއެވެ. މަންހަލް އެކަނި ދޫކޮށްލާފައި ދާން އޭނާ ބިރުގަތީއެވެ. ހޮސްޕިޓަލްގެ ދޮރުމަތިން އައިޒިން އާއި ވަކިވުމުގެ ސަލާން އޭނާ ކުރިއެވެ. ދާން ހިނގައިގަތުމަށްފަހުވެސް އައިޒިން އެނބުރި އޭނާއާ ދިމާއަށް ބަލައިލިއެވެ. ޔަޒްދާން ބަލަންހުއްޓާ އޭނާ މޫނަށް ލާނެތް ވައްތަރެއް ޖައްސާލާ އެއްލޯ މަރާލިއެވެ. ދެދަތްޕިލަ ދައްކާލައިގެން ހުރެ ‘ގުޑް ލަކް’އޭ ކިޔާލުމަށްފަހު އެނބުރި ދާން ހިނގައިގަތެވެ. ހަމައެވަގުތު ފޯނު ވައިބްރޭޓްވި އަޑުއިވިގެން އޭނާ ފޯނު ހުޅުވާ ބަލައިލިއެވެ. ފައުޒާންގެ ފަރާތުން އައިސްފައިވާ މެސެޖްގައިވެސް ‘ގުޑް ލަކް’ އޭ ލިޔެފައި އޮތްގޮތުން އޭނާއަށް ހިނިތުންވެވޭ ގޮތްވިއެވެ. އެވަގުތު އެމެސެޖަށް ރިޕްލައި ކުރުމެއްނެތި ޔަޒްދާން އައީ މަންހަލްގެ ގާތަށެވެ. ތިންވަނަ ފަންގިފިލާއަށް މަޑުކުރި ލިފްޓުން ޔަޒްދާން ނިކުތްވަގުތު ޝަފްނާ އޭނާއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލާފައި ލިފްޓަށް އެރީއެވެ. އަވަސް އަވަހަށް އޭނާ ގޮސް މަންހަލް އޮތް ކޮޓަރިއަށް ވަނެވެ.
“ހައި، އެއްޗެއް އަހާލަންތަ؟” މަންހަލްއާ ތަންކޮޅެއް ދުރުގައި ގޮނޑި ބަހައްޓާލަމުން ޔަޒްދާން ބުނެލިއެވެ.
“ހޫމް..” ސައިކޮލޮޖިސްޓާއި ވާހަކަދެއްކުމުން މަންހަލް ކުރިއަށްވުރެ ރަނގަޅުހެން ހީވެއެވެ.
“ޝަފްނާއާއެކު ދަނީތަ؟ އޭނާ ކީކޭ ބުނީ؟” ޔަޒްދާން އަހާލިއެވެ. ކުއްލި ގޮތަކަށް މަންހަލްގެ ނަޒަރު އޭނާއާ ސީދާވިއެވެ. ދެން ނިކަން އަވަހަށް އޭނާ ނަޒަރު ވަކިކޮށްލިއެވެ.
“މަގުމަތީގައި އުޅެން ޖެހުނަސް އޭނާ ކައިރިއަށް އަހަރެން އަމިއްލައަކަށް ނުދާނަން.” މަންހަލްގެ އަޑުގައި ރިހުންވިއެވެ.
“އަސްލު ބުނެބަލަ. ފަހަރިތަ މިހެން ހެދީ؟” ޔަޒްދާން ކޮށްލި ސުވާލާއެކު މަންހަލް އަނެއްކާވެސް ސިހިފައި އޭނާއާ ދިމާއަށް ބަލައިލިއެވެ. ފާޑަކަށް ޔަޒްދާންއަށް ބަލަން އިނުމަށްފަހު ދެފަރާތަށް ބޯހޫރުވާލީއެވެ.
“އޯކޭ. މަންހަލް ކިޔައިދޭން ބޭނުން އިރަކުން ކިޔައިދީ.” އޭނާއަށް ހަގީގަތް އެނގެއޭ ބުނާ ފަދައަކުން ޔަޒްދާން ވާހަކަދެއްކިއެވެ. “ޑޮކްޓަރު ބުނީ މާދަން ހެނދުނު ދޫކޮށްލާ ވާހަކަ. ދޫކޮށްލީމަ ކިހިނެއް ހަދަނީ؟”
“ޔަޒްދާން ކައިރީ ބުނާކަށް ނުޖެހޭ.” ނުރުހުމުގެ ރާގަކަށް މަންހަލް ޖަވާބުދިނީ ކޮންކަމަކަށް އަމާޒުކޮށްކަމެއް އޭނާއަށް ބުނާކަށް ނޭނގުނެވެ.
“މިހާރު އޯކޭތަ؟ ތަނަކަށް ތަދުވޭތަ؟” މަންހަލްގެ ހާލަތާމެދު ކަންބޮޑުވެފައި ޔަޒްދާން ސުވާލުކުރިއެވެ. ހަގީގަތުގެ އެސުވާލަކީ އެންމެ ފުރަތަމަ އޭނާ ކުރަންޖެހޭ ސުވާލުކަން ޔަޒްދާންއަށްވެސް އެނގެއެވެ. އޭނާ ކުރި ސުވާލުތަކަށް އެއްވެސް އެއްޗެކޭ ބުނުމެއްނެތި މަންހަލް ބޯޖަހާލީއެވެ. “އަހަރެން ދެސުވާލުކުރިން. ޖަވާބު ތިދިނީ ކޮން ސުވާލަކަށް ކަމެއް ނޭނގުނު.”
“ދެންވެސް ފަހަރަކު ސުވާލެއް ކޮށްބަލަ.” މިފަހަރު އެއަޑުގައި ސަމާސާ ގޮތެއް ހުއްޓެވެ. އަވަހަކަށްވެސް އިހުސާސްތައް ބަދަލުކޮށްލައޭ އޭނާގެ ހިތަށް އެރިއެވެ.
“ޓްރޫ. އާދައެއް ހަރުލީމާ ދެން ހުއްޓޭނީވެސް ވަރަށް ވަރުންތާ. ޝަޔޫވެސް ބަވާލައިފި މިހާރު ތިކަމާހުރެ..” ބޯކަހާލާފައި އޭނާ ޖަވާބުދިނެވެ.
“ޝަޔޫ އުޅޭތަނެއް އެނގޭތަ ޔަޒްދާންއަށް؟ ދިމާވިތަ؟” މަންހަލް އަހާލިއެވެ. ޔަޒްދާން ދެފަރާތަށް ބޯހޫރުވާލިއެވެ.
“އެކަމަކު މަންހަލްގެ ވާހަކަ ރިޕޯޓް ކުރީ އޭނާ.” ޔަޒްދާން އޭނާއަށް އެނގޭވަރު އޮޅުން ފިލުވައިދިނެވެ.
“އޭނާ ޔޫކޭއަށް ފޮނުވާލައިފި. ފޭސްބުކް އައިޑީއާ އީމެއިލް ދީފަ އެދިޔައީ. ޝަފްނާގެ ނަންބަރުވެސް ވެއްޖެ ލިޔެފަ. ކަމެއް ބޭނުމިއްޔާ ގުޅާށޯ.” މަންހަލްއަށް އެނގުނު މައުލޫމާތު ޔަޒްދާންއަށް ކިޔައިދިނެވެ.
“ދެން ބުނެބަ މަންހަލް އޯކޭތަ؟” މިފަހަރު ޖަވާބު ދިނުމެއްނެތި މަންހަލް ބޯޖަހާލީ ހާފުރެމުންނެވެ.
“މާގިނައިން ވާހަކަދެއްކިއްޖެ ދޯ. ދެން ރެސްޓް ކޮށްލާ.” ޔަޒްދާން ތެދުވަމުން ބުނެލިއެވެ.
ރޮއެރޮއެ ޝަޔަމްގެ ދެލޯ ދުޅަވެފައި ވިއެވެ. އޭރު އޭނާގެ ލޮލުން ކަރުނަ ނައެއްކަމަކު މަޑު ގިސްޖެހުމެއްގެ އަޑު ނުކުމެއެވެ. ޝަޔަމް އިންތިޒާރު ކުރަމުން ދިޔައީ ބައްޕަ ގެއަށް އަންނާނެ އިރަކަށެވެ. ނީނާ އައިސް ކޮޓަރީގެ ދޮރުގައި ޖަހާލި އަޑު އިވުނީ މެންދުރު އަނބުރާ ތިންގަޑި ބައިވާން އުޅެނިކޮށެވެ. އަވަސްއަވަހަށް އޭނާ ކޮޓަރިން ނުކުތެވެ. ޝަޔަމް ފެނުމާއެކު ސޯފާގައި އިނދެފައި އަޒީމް ތެދުވިއެވެ. ހުރި ހަމައެކަނި ދަރިފުޅުގެ ހާލު ފެނުމުން އަޒީމްގެ މޫނުމަތި މިލައިގެން ދިޔައެވެ.
“ދަރިފުޅު.” އަޒީމް ޝަޔަމްގެ ގާތަށް އައެވެ.
“ބައްޕާ.” އަނެއްކާވެސް ޝަޔަމްއަށް ރޮވެން ފެށުނެވެ. އަޒީމްގެ އެހީތެރިކަމާއެކު އޭނާ ސޯފާގައި އިށީނެވެ. “ބައްޕަ.. ޕްލީޒް، ޕްލީޒް. އަހަރެން ރާއްޖޭގައި ބަހައްޓައިދީބަ. ބައްޕަ ކައިރީގަ. ޕްލީޒް..”
އަޒީމްގެ ކޮނޑުގައި ބޯއަޅާލަމުން ޝަޔަމް ޝަކުވާ ކުރިއެވެ. އަޒީމްއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ކުށްވެރިކުރެވުނީ އަމިއްލަ ނަފްސެވެ. ދަރިފުޅު އެހާލުގައިވީ އިރު އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެވެން ނެތީމައެވެ. އެހެން ބައްޕައިން ފަދައިން އޭނާއަށް ދަރިފުޅު ބޭނުންވާ ކަމެއް ކޮށްދެވެން ނެތީތީއެވެ.
“ބައްޕައަށް އެކަމެއް ނުކޮށްދެވޭނެ. އެކަމަކު ދަރިފުޅު އިހަށް ރުއިން ހުއްޓާލަބަ..” މަޑުމައިތިރި ކަމާއެކު އަޒީމް ބުނެލިއެވެ. ވަރަށް ހިތްވަރުކޮށްގެން އެތައް އިރެއްވީފަހުން ޝަޔަމް ރުއިން ހުއްޓާލިއެވެ.
“ކީއްވެ ބައްޕާ؟ ތިއީ ޝަޔޫގެ ބައްޕައެއް ނޫންތަ؟ ބައްޕަމެންނަކީ ކުދިންގެ ސުޕަހީރޯއެއް ނޫންތަ؟” ޝަޔަމް ކަރުނަ ފުހެފުހެފައި ސުވާލުކުރިއެވެ.
“މި ބައްޕައަކީއެއް ނޫން ޝަޔަމް. މިއީ ވަރަށް ނިކަމެތި ބައްޕައެއް. އެކަނިވެރި އިންސާނެއް.” އަޒީމްގެ ލޮލުން ވެއްޓުން ކަރުނަތިކި ޖެހުނީ ޝަޔަމްގެ ނިތްކުރީގައެވެ. ސިހިފައި އޭނާއަށް ބައްޕަގެ މޫނަށް ބަލައިލެވުނެވެ. ބައްޕަގެ މޫނުމަތިން ފެނުނު ރިހުމުން އޭނާ ފަދައިން އެބައްޕައަށްވެސް މަޖުބުރުވެފައިވަނީކަން ޝަޔަމްއަށް ދެނެގަނެވުނެވެ. “ބައްޕަ ޝަޔޫ ކައިރިއަށް ދާނަން. ވަރަށް ގިނަދުވަސް ވަންދެން ހުރެފަ އަންނާނީ. އެހެންވީމަ ދެރަނުވައްޗޭ އެހާބޮޑަށް.. ތިއީ ބައްޕަގެ ހިތްވަރުގަދަ އަންހެން ކުއްޖެއްނު. ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅު.”
ސިޑިން އަރައިގެން އައި ޝަފްނާ ފުރަތަމަ ފެނުނީ ޝަޔަމްއަށެވެ. އޭނާއާއި އެކުއެކީހެން އަޒީމްއަށްވެސް ޝަފްނާ ފެނުނެވެ. އެހެނަސް އެކަކުވެސް އަޅައިނުލާ ތިބީއެވެ. އެމީހުންނަށް ނަޒަރެއް ދީފައި ޝަފްނާ ކޮޓަރިއެއް ވަނެވެ. ދެން ނިކުމެގެން އައީ ސޫޓް ކޭސްއެއް ހިފައިގެންނެވެ. ޝަޔަމްގެ ކޮޓަރިން ފޮށިތައް ހިފައިގެން ނީނާވެސް ނިކުމެގެން އައީ ހަމަ އެވަގުތެވެ.
“ދާން އާދޭ.” ޝަޔަމްއަށް އަޑުއިއްވާލާފައި ޝަފްނާ ތިރިއަށް ފައިބައިގެން ދިޔައެވެ. ސިޓިންރޫމް ދޮރުކައިރީ ތިބި ދެގާޑުން ވެގެން ފޮށިތައް ތިރިއަށް ބޭލިއެވެ. އެމީހުންގެ ފަހަތުން ޝަޔަމްއާއި އަޒީމް އެކުއެކީގައި ފައިބައިގެން އައެވެ.
ޝަޔަމް އަޒީމްގެ ކާރަށް އަރަން ދިއުމުން ޝަފްނާ އެކަން މަނާ ކުރިއެވެ. އެހެނަސް އޭނާގެ އަޑު އެހުމެއްނެތި ގޮސް އަޒީމްގެ ކާރަށް އަރައިފިއެވެ.
“އަހަރެން މީ ޝަފްނާއެއް ނޫން. އެހެންވީމާ އަހަރެން ޗެކިން ފެށުމުގެ ކުރިން ޝަޔަމް އެއާޕޯޓަށް ގެންގޮސް ދޭނަން.” އަޒީމް ވާހަކަދެއްކިއެވެ. ދަބަހަކާއި ސޫޓްކޭސްއެއް އަތުން ހިފާލައިގެން އައި ޖާވިދު ޝަފްނާއަށް ފެނުނީ އެވަގުތެވެ.
“އެންމެ ރަނގަޅު. ޖާވިދުދޭ އަޒީމްއާއެކު. ރިޔާޒް. ޖާވިދުގެ ފޮށިތައް ޑިކީއަށް ލާފައި ދުއްވަން އަރާ.” އެންމެފަހުގެ ނިންމުން ޝަފްނާ އިއްވިއެވެ. ރިޔާޒްގެ އަތަށް އޭނާގެ އެއްޗެހި ހަވާލުކުރުމަށްފަހު ޖާވިދު އަޒީމްގެ ކާރަށް އެރިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކާރު މަޑުކުރިއެވެ. ކާރުގެ ދޮރު ހުޅުވާލުމަށްފަހު މަޑުމަޑުން ޝަޔަމް ނުކުތީ މަޖުބޫރުވެފައިވާ މީހެއް ފަދައިންނެވެ. ޖާވިދު ކާރުން ފައިބަން އުޅުމާއެކު އަޒީމް އަތުގެ އިޝާރާތުން މަޑުކުރުމަށް އެދުނެވެ.
“ޝަޔަމް ބަލާތި. އެއްވެސް ކަމެއް ވަންޏާ އަންގާލަދެއްޗޭ.” ޖާވިދަށް ބަލައިލަމުން އަޒީމް އާދޭހާއެކު އެދުނެވެ. ލުއި ހިނިތުންވުމަކާއެކު ޖާވިދު ބޯޖަހާލިއެވެ.
އެއާޕޯޓުގެ ތެރެއިން ޝަޔަމްއާއި އަލްވަދާޢު ކިޔުމަށްފަހު އަޒީމް އައިސް އިނީ ކާރުގައެވެ. އޭރު އިރުގެ އަލިކަން ނެތިގޮސް ރޭގަނޑުގެ އަނދިރިކަން ވެރިވެގެން ހިނގައްޖެއެވެ. އޭނާ އިންތިޒާރު ކުރީ ފްލައިޓް ނައްޓާލާނެ އިރަކަށެވެ. ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލައިގެން އޭނާ ބަލަން ހުއްޓާ ބާރު އަޑަކާއެކު ފްލައިޓެއް ހަވާގެ ތެރެއަށް އަރައިގެން ދިޔަ މަންޒަރު އޭނާއަށް ފެނުނެވެ. ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެލާ އޭނާ އަތް އުފުލާލާ ހަނާއަޅާލިއެވެ. ދެން ނުހަނު އަވަހަށް އޭނާ ކާރު އަނބުރާލުމަށްފަހު ދުއްވާލީ ކުދިކުދިވެފައިވާ ހިތަކައިގެންނެވެ.
ފަތިސް ނަމާދުކޮށްގެން ކޮޓަރިތެރޭ ހުރި ސޯފާގައި އޮށޯވެ އޮތް ޔަޒްދާންއަށް ހޭލެވުނީ މޫނަށް އިރުގެ އަލި އެޅެން ފެށުމުންނެވެ. ކަންނެތް ގޮތަކަށް ދެލޯ ހުޅުވާލުމާއެކު އޭނާއަށް ފެނުނީ ކުޑަދޮރުކައިރީ ހުއްޓިލައިގެން ހުރި މަންހަލްއެވެ. އޭރު މަންހަލްގެ ނަޒަރު ހުއްޓިފައި ހުރީ ޔަޒްދާންއަށެވެ.
“އަހަރެން ދަނީ. ތިވެދިން އިހްސާންތެރިކަމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އިރާދުކުރެއްވިއްޔާ އަހަރެންނަށްވީ އެންމެ އަވަހަކަށް ޔަޒްދާންއަށް ހޮސްޕިޓަލްގެ ފީތައް ދައްކައިދޭނަން.” މަންހަލް ދައްކަންފެށި ވާހަކައަކުން ފުންމައިގެން ޔަޒްދާންއަށް ތެދުވެވުނެވެ. އަތަށް ގުޅާފައި އޮތް އައިވީ ނައްޓަވާލާފައިވުމުން މަންހަލް ޑިސްޗާޖް ކޮށްފިކަން އޭނާއަށް ޔަގީންވިއެވެ. މަންހަލްއަށް ޖަވާބު ދިނުމުގެ ކުރިން އޭނާއަށް ބަލައިލެވުނީ އަތުކުރީ ގަޑިއަށެވެ. އޭރު ނުވަގަޑި ބައިވަނީއެވެ.
“ކީކޭ ތިކިޔަނީ؟” މަންހަލް ކޮޓަރިން ނިކުންނަން ހިނގައިގަތުމާއެކު ޔަޒްދާން ސުވާލުކުރިއެވެ.
“އަހަރެން މިދަނީ އަހަރެންގެ ހަޔާތައިގެން ކުރިއަށް ދާން. ޔަޒްދާންއަށްވެސް އުފާވެރި ހަޔާތަކަށް އެދެން.” އިތުރު އެއްޗެއް ޔަޒްދާންއަށް ނުބުނެވެނީސް މަންހަލް އެރޫމްގެ ދޮރު ޖަހާފައި ނިކުމެގެން ހިނގައްޖެއެވެ.
ހާސްވެފައި ހުރި ފަދައަކުން އޭނާ ހަށިގަނޑު ސީދާކޮށްލިއެވެ. ނުހަނު އަވަސް ހަރަކާތަކާއެކު އޭނާގެ ބޯ ދަށުގައި އޮތް ދަބަސް ނަގާ ކަބަޑުމަތީގައި ހުރި ބޭސްތައް ދަބަހަށް އަޅާލިއެވެ. ދުވަމުން ކަހަލަ ގޮތަކަށް އޭނާއަށް ހޮސްޕިޓަލްގެ ކައުންޓަރާއި އަރާ ހަމަވިއިރު މަންހަލް ހޮސްޕިޓަލުން ނިކުންނަނީއެވެ. ކުރީބައިގައި ހޮސްޕިޓަލްގެ ފީތައް ދެއްކިފައިހުރިކަން ނަސީބޭ އެވަގުތު އޭނާ ހިތަށް އެރިއެވެ. އިހަށްވުރެ ދުވުން ބާރުކޮށްލުމަށްފަހު އޭނާ ގޮސް މަންހަލްއާއި އަރާ ހަމަކުރިއެވެ.
“ކުރިން ނުބުނެވި އޮތިއްޔާ ބުނެލަން. އަހަރެންގެ ފަހަތުން ނައުން އެދެން.” ޔަޒްދާން ކައިރީގައި ހުއްޓުލުމާއެކު މަންހަލް ބުނެލިއެވެ. މިފަހަރު އޭނާގެ ނަޒަރު ޔަޒްދާންއާ ސީދަލެއް ނުވިއެވެ.
“ވައި ޔޫއާރ ބީން ސޯ ސްޓަބްބޯން އަގައިން؟” ޝަކުވާގެ ރާގުގައި ޔަޒްދާން އަހާލިއެވެ. މަންހަލް ޖަވާބެއް ނުދިނެވެ. އެހެނަސް އޭނާގެ ހިނގުން ބާރުކޮށްލިއެވެ. މިފަހަރު ޔަޒްދާންވެސް މަންހަލްއާ އެއްވަރުކުރާކަށް ނޫޅުނެވެ. އޭނާގެ ފަސްފަހަތުން ހިނގަންފެށީއެވެ.
ވަރަށް ވިސްނަމުން މަންހަލް ހިނގަމުން ދިޔައެވެ. ބައެއް ފަހަރު އެކިހިސާބުތަކަށް މަޑުކޮށްލައެވެ. ވަށައިގެން ހުރި ނަން ބޯޑުތައް ކިޔާލައެވެ. ދާން ނުދާން ހުރެފައި ގޯޅިއެއް އަޅައެވެ. ނުބައިކޮށް ހިނގޭހެން ހީވެގެން އަނެއްކާވެސް އަނބުރާލައެވެ. އެހުރިހާ ސަކަރާތެއް މަންހަލް ޖެހިއިރު ޔަޒްދާން ހުރީ މަންހަލްގެ ފަހަތުން ހިނގާލަ ހިނގާލައެވެ. ވިހި ވަރަކަށް މިނެޓުގެ ދިގު ރާސްތާއަކަށް ފަހު މަންހަލް ހުއްޓިލީ ފަސްބުރިއަށް ނަގާފައިހުރި ގެއެއްގެ ކުރިމަތީގައެވެ. އެގެއަކީ ޒަމާނީ ފެންވަރަށް ހަދާފައިހުރި ގެއެއްކަން ބޭރުން ބަލައިލާފައި ޔަޒްދާންއަށް ގަބޫލުކުރެވުނެވެ.
ސެކިއުރިޓީއެއް ނެތް އެގޭގެ ތެރެއަށް މަންހަލްއާއެކު ޔަޒްދާންވެސް ވަނެވެ. ލިފްޓަށް އެރުމުގެ ބަދަލުގައި މަންހަލް އިހްތިޔާރުކުރީ ސިޑިއެވެ. އެންމެމަތީ ފަންގިފިލާއަށް އެރުނު އިރު ދެމީހުންނަށްވެސް މާނޭވާލެވެއެވެ. ކުރިމަތިން ފެންނަންހުރީ އެންމެ ދޮރެކެވެ. ޔަޒްދާން ބަލަންހުއްޓާ މަންހަލް ގޮސް ދޮރުގައި އިން ބެލްއަށް ފިތާލިއެވެ. ކުޑައިރުކޮޅެއްގެ ފަހުން ދޮރު ހުޅުވާ ބޭރަށް ބޯދިއްކޮށްލީ މުސްކުޅި ފުރައިގެ އަންހެނެކެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.




Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Heyonuvaane shayoo ah Ehn hadhan
Yazdhaan and manhal gulhuvachey
They both are made for each
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you ❤️😍
Thank you cutie girl! 😊🤍
Nice part 😄
Next part Kon iraku
Thank you Fashee! 😊🤍
In Sha Allah Monday ga..
Amazing…
Curiously waiting for the next part
Thank you Minnu! 😊🤍
Omg manhal ge mamma tha e ee. Vrh reethi mi part ves Masha Allah… Ur very inspiring.. thank U for writing such amazing stories for us… ❤️❤️❤️😍😍
Next part in engeyne ei kaaku kan!
Thank you Someone! 😊🤍