ތަޤްދީރު 12 ވަނަ ބައި
” އައްސަލާމް ޢަލައިކުމް ” ސީމާ ދޮރުމަތީ ހުރެ ބުނެލިއެވެ. ” ވަޢަލައިކުމުއް ސަލާމް. ސީމާ… އާދޭ އެތެރެއަށް. ކޮންކަމެއްގަ މާ ހެނދުނަކާ ނިކުމެގެން ތިއުޅެނީ ” ސީމާ ސަލާމް ގޮވާލި އަޑަށް ސޯފާގައި އިން ޔާނާ ފަސްނއެބުރި ބަލާލަމުން ބުނެލިއެވެ. ” ކޮންކަމަކާ ދޮރުތައް ހުޅުވާލައިގެން ތި އިންނަނީ ” ގޭތެރެއަށް ވަންނަމުން ސީމާ އަހާލިއެވެ. ” ގޭތެރެ ސާފުކޮށްލަން ވެގެން ދޮރުތައް ހުޅުވާލައިގެން މިއުޅެނީ ” ޔާނާ ބުނެލިއެވެ. ” ކޮބާ މަންމަ ” އަޅާފަހުރި މާސްކް ނަގަމުން ސީމާ އަހާލިއެވެ. ” މަންމަ ވީ މިތާކައިރީ ހުރި ގެއަކަށް ގޮސް ” މޫނުގެ އެއްފަރާތަށް ފައިބައިފަހުރި އިސްތަށިތަށް ރީތިކޮށްލަމުން ޔާނާ ބުނެލިއެވެ. ” ކަމަކުތަ ތިއައީ ” ޔާނާ ސޯފާމަތީގައި ހުރި ފޮތްތައް ރީތިކޮށްލަމުން އަހާލިއެވެ. ” ކަމަކު އެއް ނޫން. ލޮކް ޑައުންގެ ކަންތަކާ ހުރެ މިހާރު ތާކަށް ނުދެވޭނު. ވަގުތުކޮޅެއް ލިބުނީމާ އެއްޗެއް ގަންނެލަންވެފަ އޮތީމާ ނިކުމެލީ. ފިހާރައަށް ވަދެލާފަ ދަމުން ހިތަށް އެރީ މިގެއަށް ވަދެލާފައޭ ގެއަށްދާނީ ” ސީމާ ބުނެލިއެވެ. ” ކޮން އިރަކުން މެރީކުރުން އޮތީ ” ސޯފާ މަތީގައި ހުރި ފޮތްތައް ރީކޮށް، ކައިރީގައި އިން ފޮށީތެރެއަށް ލަމުން ޔާނާ އަހާލިއެވެ. ” މި ދުވަސްކޮޅު މެރީ ކުރަން ވީމާ ވެސް އެއީ ބޮޑު ކަމެއް ” ސީމާ ބުނެލިއެވެ. ” ކޮންކަމެއް ބޮޑު ކަމަކަށް ވަނީ ” ޔާނާ އަހާލިއެވެ. ” މިބުނީ ކޮވިޑް ދުވަސްކޮޅުގެ ވާހަކަ. މިހާރު ކައިވެނިތައް ކުރަމުން އެދަނީ އޮންލައިންކޮށް. ހަނީފް ބޭނުމެއް ނުވޭ އޮންލައިންކޮށް ކައިވެނި ކުރާކަށް ” ސީމާ ބުނެލިއެވެ. ” އެހެންވީމާ ބޮޑު ޕާޓީއެއް ބާއްވަން ދޯ ވިސްނައިގެން ތިއުޅެނީ ” ޔާނާ ހީލަމުން ބުނެލިއެވެ. ” އާނ. ހަނީފް ބޭނުންވަނީ އެގޮތް. އޭރުންނެއްނު އެންމެން ދިމާވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނީ ” ސީމާ ހީލަމުން ބުނެލިއެވެ. ” އެކަމަކު އެހާ ބޮޑުކޮށް ޕާޓީ ބޭއްވުމާ އަގުބޮޑު ހެދުމެއް ފެހުމަކީ ވެސް ބޮޑު ހަރަދެއްނު ” ފޮތްތައް ފޮށިގަނޑަށް އަޅާ ފޮށީގެ މަތި ލައްޕާލަމުން ޔާނާ ބުނެލިއެވެ. “ތިހެން އަހަރެންވެސް ބުނިން. އެކަމަކު ހަނީފް އެގޮތް ބޭނުންވާތީ އަހަރެން އެއްޗެއް ނުބުނަން ” ސީމާ ބުނެލިއެވެ. ” އާދެން ސީމާ ހަނީފްގެ ބަހަކާ ދެކޮޅެއް ނުހަދާނެ ވިއްޔާ ” ޔާނާ ސޯފާގައި ހަމަ ޖެހިލަމުން ބުނެލިއެވެ. ” އެހެނެއްނޫން. އަހަރެންނަށް ވެސް ފެންނަ އެއްޗެއް އެކަމުގަ ބުނެފަ އޮންނާނީ. އެކަމަކު ޕާޓީގެ ހުރިހާ ހަރަދެއް ކުރަނީ ހަނީފް. އެހެންވީމާ އަހަރެން ނުވާނެދޯ ހަނީފާ ދެކޮޅުހަދާކަށް ” ސީމާ ހިތްހަމަ ޖެހިފަވާ ކަހަލަ ރާގަކަށް ބުނެލިއެވެ. ” އަންނާނަން ބޯލާނެ އެއްޗެއް ހިފައިގެން އިނގޭ. މަންމަ އެބަހުރި އަނބު ފަނި ގިރާފަ ” މިހެން ބުނެ ޔާނާ ސޯފާއިން ތެދުވިއެވެ.
” ޝުހާދު. ބައްޕަ އެބަ ގޮވާ ” އެނދުގައި އޮށޯވެގެން އޮތް ޝުހާދަށް ގޮވާލަމުން ވިދާން ބުނެލިއެވެ. ” ދެން… އުނދަގޫ ނުކޮށްބަލަ ” ޝުހާދު ފޮތިގަނޑު މޫނުމަތީ އަޅަމުން ބުނެލިއެވެ. ” އަސްލުވެސް ބައްޕަ އެބަ ގޮވާ ޝުހާދަށް ” ވިދާން ބުނެލިއެވެ. ” އިރުކޮޅަކުން ތެދުވެވޭނީ ” ޝުހާދު ބާރަށް ބާލީހުގައި ބައްދާލަމުން ބުނެލިއެވެ. ” އެންމެ ރަނގަޅު. ބައްޕަ އަހަރެން ގާތުގައި އަހަފިއްޔާ ތި ޖަވާބު އަހަރެން ދޭނަން ” މިހެން ބުނެ ވިދާން ކޮޓަރިން ބޭރަށް ނިކުންނަން ވެގެން އެނބުރި ވަގުތު ދޮރު މަތީ ހުރި ތައުފީގް ފެނުނެވެ. ތައުފީގް ފެނުމުން ވިދާން ފަސްއެނބުރި ޝުހާދަށް ބަލާލުމަށްފަހު ގޮސް ކޮޓަރީ އެއްފަރާތުގައި ހުރި ކުޑަ ސޯފާގައި އިށީދެލިއެވެ. ” ދަރިފުޅާ ޝުހާދު ” ވިދާން ގޮސް ސޯފާގައި އިށީދެލުމުން ދޮރުމަތީ ހުރި ތައުފީގް އެނދާ ހަމަޔަށް އައިސް ޝުހާދަށް ގޮވާލިއެވެ. ސޯފާގައި ލާނެއްފާޑަކަށް ހެވިފަ ވިދާން ބަލަން އިނެވެ. ތައުފީގްގެ އަޑަށް ޝުހާދު މޫނުމަތީގައި އަޅާފަ އޮތް ފޮތިގަނޑު އެއްފަރާތް ކޮށްލާފަ ތެދުވިއެވެ.
” ބައްޕާ… ކިހިނެއްވީ ” ޝުހާދު އަހާލިއެވެ. އެވަގުތު ސޯފާގައި ހެވިފައިން ވިދާން ޝުހާދަށް ފެނުނެވެ. ” ނުވޭ ކަމެއް. ބައްޕަ އިއްޔެ މަސައްކަތެއްގެ ވާހަކަ ބުނި ހަނދާނެއްވޭ. އެހެންވެ މި ގޮވާލީ ” ތައުފީގް ބުނެލިއެވެ. ” އެކަން ހަނދާން އެބަހުރި. އިރުކޮޅަކުން މިދަނީ ” ޝުހާދު މިހެން ބުނުމުން ތައުފީގް ކޮޓަރިން ބޭރަށް ނިކުމެގެން ދިޔައެވެ. ތައުފީގް ދިޔުމާއެކު ވިދާން ހިފެހެއްޓި ހިނިގަނޑު ފަޅައިގެން ދިޔައެވެ. ” މީ ހައްތަހާ ވެސް ދާންގެ ކަންތައް؟ ” މިހެން ބުނަމުން ޝުހާދު އެނދުމަތިން ބާލީހެއް ނަގާ ވިދާނާ ދިމާއަށް ހޫރާލިއެވެ. ” ތީ ވަރަށް ހެއްވާ ކަމެއް. އަހަރެންނާ ހެދި ކޮންކަމެއް ވީ ” ޝުހާދު ހޫރާލި ބަލީހުގައި ހިފަމުން ވިދާން ބުނެލިއެވެ. ” އަހަރެން ބުނިންދޯ، އަހަރެން ނިދާފަ އޮންނައިރު ބައްޕަ އައިސް އަހަރެންނަށް ގޮވަން އެހާ ހިތްހަމަ އެއް ނުޖެހެއޭ ” ޝުހާދު ބުނެލިއެވެ. ” އެއީ ދެން އެވަރުގެ ކަމެއްތަ؟ ” ބާލިސް ހިފައިގެން އައިސް އެނދުގައި އިށީދެލަމުން ވިދާން ބުނެލިއެވެ. ” އެވަރުގެ ކަމަށް ވީމާ ދޯ އެހެން މިބުނީ ” ޝުހާދު މޫނު ހަދާލަމުން ބުނެލިއެވެ. ” އޯހް… ރޭގަ ނައިޓީ ނުލާދޯ އޮވެވުނީ ” އަތުގައި އޮތް ބާލިސް ޝުހާދާ ދިމާއަށް އެއްލަމުން ބުނެލިއެވެ. ” ދާން… ހުރޭ ހޭއަރު…. ” މިހެން ބުނެ ޝުހާދު ތެދުވަން އުޅެން ފެށުމުން ވިދާން ދޮރާ ދިމާއަށް އަވަސް އަވަހަށް ދިޔައެވެ. ” އަވަސް ކުރާތީ. އެހެން ނޫނީ އަނެއްކާ ވެސް ބައްޕަ ގެންނަން ޖެހޭނީ ” ވިދާން ހެމުން ބުނެލިއެވެ. ” ބޭރަށް ނިކުންނައިރު ނައިޓީ ލައިގެނެއް ނޫން އަންނާނީ އަނެއްކާ ” ވިދާން ކޮޓަރިން ބޭރަށް ނިކުންނަން އުޅެފަ ވެސް ފަސްއެނބުރި ބަލާލާފަ ހީލަމުން ބުނެލިއެވެ.
” ކޮބާ އެއްކަލަ ކުއްޖާ. އޭގެ ފަހުން ދިމާ ނުވޭތަ ” ޔާނާ ފަނިތަށި ދިއްކޮށްލުމުން ތަށީގައި ހިފަމުން ސީމާ އަހާލިއެވެ. ” ކިހިނެއް މީހަކު ފެންނާނީ. ބޭރަށް ނިކުމެވޭ ވަގުތަށް ވުރެއް، ނުނިކުމެވޭ ވަގުތު ގިނަވެގެން މިދަނީ ” ސޯފާގައި ހުރި ކުދި ބާލިސްތަކުން ކަވަރުތައް ނަގަމުން ޔާނާ ބުނެލިއެވެ. ” އާނ… ތިވެސް ދޮގެއްނޫން. ބައެއްފަހަރު ހިތަށް އަރާ މިކަންތައްގަނޑުގެ ނިމުން އަންނާނީ ކޮންއިރަކުން ބާއޭ. ގޭގެ ހަތަރު ފާރު ފެނި ފެނި މިހާރު މޮޔަވާވަރު ވެއްޖެ ” ސީމާ ބުނެލިއެވެ. ” މިހާރު ހިތަށް އަރާދޯ ޖަލަކަށް ލާފަ ތިބި ބައެކޭ އެންމެންމީ ” ޔާނާ ބުނެލިއެވެ. ” އަސްލުވެސް. ހިތަށް އަރާ ކުށެއް ނުކުރިޔަސް އަހަރުމެން މިތިބެނީ ޖަލު ބަންދުގައޭ ” ފަނިތަށިން ކޯވަރެއް ބޯލުމަށްފަހު ސީމާ ބުނެލިއެވެ. ” ކާކު ހީކުރާނީދޯ، މިފަދަ ބަލި މަޑުކަމަކުން މުޅިދުނިޔޭގެ ހާލަތު ބަދަލުވެގެން ގޮސްފާނެ ކަމަށް ” ބާލީހުގެ އުރަތައް އެއްކޮށްލާފަ، ކުރިމަތީ ހުރި މޭޒުމަތީ ބަހައްޓަމުން ޔާނާ ބުނެލިއެވެ. ” މީހަކު ހިތަށް ނޭރިއަށް މިއަދު މިވަނީ މިކަން ވެސް ތަޖުރިބާ ކުރަންޖެހިފަ. އޮތީ ކެއްތެރިވެގެން ތިބުން ” ސީމާ ބުނެލިއެވެ. ” ދެން ތިވާހަކަ ބާއްވާފަ ބުނެބަލަ، ކޮންއެއްޗެއް ގަންނަން ނިކުމެގެން ތިއުޅެނީ ” ޔާނާ އަހާލިއެވެ. ” އެއީ ހަނީފް ބުނެގެން އެއްޗެއް ގަންނަން ވެގެން ” އަތުގައި އިން ހުސްތަށި މޭޒުމަތީ ބަހައްޓަމުން ސީމާ ބުނެލިއެވެ. ” އަނެއްކާ ހަނީފަށް ބޮކްސް…. ” ހީނާ ދިމާ ކުރާފާޑަކަށް ހީގަންނަމުން ބުނެލިއެވެ. ” ސާބަހޭ… ކޮންމެފަދަ އެއްޗެއް ވެސް ކިޔާފާނެ ” ސީމާ ވެސް ހީގަންނަމުން ބުނެލިއެވެ. ” އާނ… އެހެންވެގެންތާ ގަތް އެއްޗެއްވެސް ނުބުނެވޭނީ ” ޔާނާ ބުނެލިއެވެ. ” އާނ… ނެތް ބުނެވޭކަށް. އެކަމަކު ޔާނާއަށް ވެސް މިދުވަސް އަދި އަންނާނެ. އެދުވަހަކުން އަހަރެން ހުންނާނަން ތިހެން ދިމާކުރަން. ޔާނާ ދެން އަހަރެން ގޮސްލަނީ. މިހެން ވާހަކަ ދައްކަން ކިތައްމެ ވަގުތެއްވެސް ހޭދަ ކުރެވިދާނެ. އަދި ވަގުތެއް ވެޖިއްޔާ އަންނާނަން ” ސީމާ މިހެން ބުނެސޯފާއިން ތެދުވެގެން ގެއިން ނިކުންނަން ހިނގައިގަތެވެ.
” ދަރިފުޅާ ގަޑިން ވީރެއް ބަލާބަލަ ” ޝުހާދު ތައްޔާރު ވެލައިގެން ކޮޓަރިން ބޭރަށް ނިކުތުމުން ސޯފާގައި އިން ތައުފީގު ބުނެލިއެވެ. ” ރޭގަ ނިދުނީ ތަންކޮޅެއް ލަހުން. އެހެންވެ ހޭނުލެވުނީ ” ޝުހާދު އައިސް ކާމޭޒް ކައިރީ ހުރި ގޮޑި ދުރުކޮށްލާފަ އިށީންނަމުން ބުނެލިއެވެ. ” މަންމާ ސައިބޯން ” ސަކީލާއަށް މުހާތަބްކޮށް ޝުހާދު ބުނެލިއެވެ. ” ދެން ކޮންއިރަކުން އެތަން ސާފްކޮށްލަން އުޅޭނީ ” ތައުފީގު އަހާލިއެވެ. ” ސައިބޮއިގެން އެކަމާ އުޅޭނަން. ކޮބާ މިތާ ދެން އުޅޭ މީހާ. މަށަށް ޖެއްސުން ކޮށްކޮށްފަ ” ޝުހާދު ރޮށިލާ ތަށިން ދެތިން ރޮށި ނަގަމުން މޭޒު ކައިރީ ހުރި ސަކީލާ ކުރެން އަހާލިއެވެ.
” މިހިރަ އުޅެނީ ވިދާން ” ވިދާން ބޭރު ދޮރު ހުޅުވާލާފަ އައިސް ގެއަށް ވަނުމުން ސޯފާގައި އިން ތައުފީގު ބުނެލިއެވެ. އެވަގުތު ޝުހާދު ދޮރާދިމާއަށް ބަލާލިއެވެ. ” ކިހިނެއްވީ ” އެތެރެއަށް ވަންނަމުން ވިދާން އަހާލިއެވެ. ” ކަމެއްނުވޭ. ޝުހާދު ވިދާން ކޮބާހޭ އެހި ތަނާ އައިސް ވަނީމާ ބައްޕަ އެހެން މިބުނީ ” ތައުފީގު ބުނެލިއެވެ. ” ކިހިނެއްވީ… އަހަރެން ތި ހޯދަނީ ” ޝުހާދުގެ ފުރަގަހުން ކޮޓަރިއާ ދިމާލަށް ދަމުން، ޝުހާދުގެ ބޮލުގައި އަތް އަޅާ ކޮށްޕާލަމުން ވިދާން އަހާލިއެވެ. ” ދެރަ ކަމެއް… ކަމެއް ވެގެނެއްނޫން ހޯދީ. ފެންނަން ނެތީމާ ” ޝުހާދު ތައްޓަށް ރިހަ އަޅަމުން ބުނެލިއެވެ. ” އަހަރެން މީ ކުޑަ ކުއްޖެއްތަ ތިވަރަށް ހޯދަން ” ކޮޓަރީ ދޮރު ހުޅުވާލަމުން ވިދާން ބުނެލިއެވެ.
” ކޮންއިރަކުން އެ މަސައްކަތް ފަށަށް ދާނީ ” ވިދާން ކޮޓަރިން ނިކުމެގެން އައިސްއަލަމާރި ކައިރީގައި ހުއްޓިލުމުން ،ސޯފާއިން ތެދުވެގެން އަންނަމުން ތައުފީގު އަހާލިއެވެ. އޭރު ޝުހާދު ކައި ނިމިގެން އަތް ދޮންނަން ސިންކް ކައިރީގައި ހުއްޓެވެ. ” މައްޗަށް އަރާލާފަ މިއައީ. އެތަން އޮތް ހާލެއް ބަލާލާފަ. އެހާ ބޮޑަކަށް ހަޑިއެއް ނޫން. އެކަމަކު ވަރަށް ބޮޑަށް ހިރަފުން ވެފަ ހުރީ. އެއްޗެހި ބަދަލުކޮށްލައިގެން ދާނީ ” ވިދާން ފެން ފުޅިއެއް ނަގައިގެން ހުރެ ބުނެލިއެވެ. ” އެންމެ ރަނގަޅު. ދަރިފުޅުމެން ގޮސް ސާފުކޮށްލާ. ބައްޕަ ފަހުން ދާނަން ބަލާލަން ” ތައުފީގު ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. ” އައްޗީޑި… ” އަތް ދޮވެގެން ކޮޓަރިއަށް ދަމުން ޝުހާދު، އަތުގައި ހުރި ފެން ވިދާނާ ދިމާލަށް ބުރުއްސާލުމުން، މޫނު އެއްފަރާތަށް އަނބުރާލަމުން ވިދާން ބުނެލިއެވެ. އެ މަންޒަރު ބަލަން ސަކީލާ ހުއްޓެވެ. އަދި ވިދާންގެ ހަމަހިމޭން ހާލަތު ބަދަލުވަމުން ދާކަމުގެ އިހްސާސް ސަކީލާއަށް ވިއެވެ. އެކަމަކު ވިދާންގެ ހާލަތު ފެނިފަ ވެސް ސަކީލާ އެއްކަމެއްގަ އިންތިހާއަށް ކަންބޮޑުވެއެވެ. އަދި ހަގީގަތް އެނގޭ ދުވަހުން ވިދާން ސަކީލާ ދެކެ ހިތްހަމަ ނުޖެހިދާނެ ބާއޭ ހިތަށް އަރާ، ސަކީލާގެ ހިތް ނުތަނަވަސް ކުރުވާފަހަރު ވެސް މަދެއް ނޫނެވެ. ނަމަވެސް އެކަން ވިދާން އަދި ޝުހާދަށް ސަކީލާ ނާންގައެވެ.
” މިތަން ކީއްވެ ކުއްޔަށް ނުދީ މިހުންނަނީ ” ޝުހާދާއެކުގައި މަތީ ފްލޯއަށް އަރަން ދަމުން ވިދާން އަހާލިއެވެ. ” ބައްޕަ ބޭނުން ނުވަނީ މި ތަން ކުއްޔަށް ދޭން. އެހެންވެ ހުސްކޮށް ބަހައްޓާފަ މިހުރީ ” ތަޅު ވަޅަށް ތަޅުދަނޑި ޖަހަމުން ޝުހާދު ބުނެލިއެވެ. ” އެކީއްވެ. މިތަން ކުއްޔަށް ދީފަ ހުންނަނަމަ ލާރިވެސް ލިބޭނެއްނު ” އެތެރެއަށް ވަދެފަ، އަތުގައި އޮތް ފިހިގަނޑު ފްލޯގައި ހާކާލަމުން ވިދާން ބުނެލިއެވެ. ” މި މުޅި ބިލްޑިންގ އަކީ ބައްޕަގެ ތަނެއް. އަހަރުން އުޅޭ ބަޔާ، މިތަނާ ނޫން ހުރިހާ ތަނެއް ހުރީ ކުއްޔަށް ދީފަ. އެތަންތަނުން ބައްޕަ ބޭނުންވާ ވާރަށް ލާރި ލިބޭ. ދެން މިތަން ހުސްކޮށް ބައްޕަ ބަހައްޓަން ބޭނުންވީ، ބައްޕަގެ ގާތް މީހުން އެކި ކަންކަމުގަ މާލެ އައީމާ ބަހައްޓަން ވެގެން. އެ ގޮތުން ވަރަށް ދުވަސް ކޮށްފަ ބައްޕަގެ ގާތް މީހަކު އެ އަންނަނީ ” ދޮރު ލައްޕާލުމަށްފަހު، ޝުހާދު އަތުގައި އޮތް ތަޅުގަނޑި ސިޓިން ރޫމުގައި ހުރި މޭޒުމަތީ ބާއްވަމުން ބުނެލިއެވެ. ” ޝުހާދު ކިހާ ނަސީބު ރަނގަޅު. އިންތިހާއަށް ލޯބިވާ މަންމަ އަކާ ބައްޕައެއް ހުރި އިރު، މުޅި އުމުރު އަތުން ހަރަދެއް ނުކޮށްވެސް އުޅެވެން އެބައޮތް ” ކުރިއަށް ހިނގައި ގަންނަމުން ވިދާން ބުނެލިއެވެ. ” އަނެއްކާ ފެށީދޯ. ނަސީބަކީ އަދި ތަޤްދީރަކީ މީހަކަށް ލިޔެވޭނެ އެއްޗެއް ނޫން. އަތުގައި ނެތް ބާރަކާމެދު ހިތްނުތަނަވަސް ވަނީ ކީއްކުރަންތަ؟. އެއަށް ވުރެއް މާ ރަނގަޅު ވާނެ، ކަންކަން ރަނގަޅުކުރަން މަސައްކަތްކޮށްފަ، ހިތްހަމަ ޖެހިލައިގެން އުޅެލެވުނަސް ” ޝުހާދު ބުނެލިއެވެ. ” ދެން ހިނގާ އަވަސް ކޮށްލަން. އެހެންނޫނީ ބައްޕަ އަންނައިރުވެސް މަސައްކަތް ނިއްމާ ނުލެވިފަ އޮންނާނީ ” ޝުހާދު ވިދާންގެ ކޮޑަށް އަތް ވައްޓާލަމުން ބުނެލިއެވެ.
” އަދިވެސް އެމީހުން ނާދޭތަ މަސައްކަތް ނިންމާފަ ” ސޯފާގައި އިށީންމުން ތައުފީގު ސަކީލާ ކުރެން އަހާލިއެވެ. ” އާނ. އަދި ނާދޭ ” ސަކީލާ ބުނެލިއެވެ. ” އެ މަސައްކަތް އެކުދިން ނިއްމާލަފާނެ. އާދަންބެ އައުމުގެ ކުރިން ވަގުތެއް ހޯދާލާފަ، ބައެއް ސާމާނުވެސް ގަނެލަން އެބަހުރި ” ސަކީލާ ބުނެލިއެވެ. ” ފެންތައްޓެއް ދީބަލަ ” ތައުފީގު ފެންތައްޓަކަށް އެދުމުން ސަކީލާ ތެދުވެގެން ދިޔައެވެ.
ސަކީލާ ފެންތަށި ދިނުމުން ފެން ބުއިމަށްފަހު ތަށި މޭޒުމަތީ ބެހެއްޓިއެވެ. ” ކޮބާ ދުފުމެއްވެސް ނެތްތަ؟ ” ތައުފީގު ބުނެލިއެވެ. ” މިހާރަކަށް އައިސް ތައުފީގު ތިއޮށްދުފާ ދުފުމެއްދޯ ” ސަކީލާ ފޯއްކޮށަމުން ބުނެލިއެވެ. ” އާނ… ދަތުރުކުރަން އުޅުން އިރު ދުފުމެއްވެސް ނުލިބޭ ވިއްޔާ ” ތައުފީގު އަތަށް ސަކީލާ ކޮށި ފޯއްކޮޅު އެޅުމުން، އިނގިލިން ފޯއްކޮޅު ހާވާލަމުން ތައުފީގު ބުނެލިއެވެ. ” އެކަމަކު ދެން އޭރުގަ ދުފާލަންވެސް ނުލިބެއޭ ކިޔާފަ، ތިހާވަރު ކުރާކަށް ނުވާނެދޯ ” ދެތިން ކަރަންފޫ ތައުފީގުގެ އަތަށް ލަމުން ސަކީލާ ބުނެލިއެވެ. ” އަންނާނަން މައްޗަށް އަރާލާފަ ” ކަރަންފޫ އަނގަޔަށް ލަމުން ތައުފީގު މަތީ ފްލޯއަށް ދިޔުމަށް ބޭރަށް ނިކުތެވެ.
” ކޮބާ ކިހާ ވަރެއް ވެއްޖެތަ؟ ” ކޮޓަރީ ދޮރުމަތީ ހުއްޓި ހުރެ ތައުފީގު އަހާލިއެވެ. ” މިދެން ނިމެނީ. އަނެއް ކޮޓަރި ސާފުކޮށް ނިމިފަ ހުންނާނީ ” ތައުފީގުގެ އަޑަށް ޝުހާދު ދޮރާ ދިމާއަށް ބަލާލުމަށްފަހު ބުނެލިއެވެ. ” މި ކޮޓަރީގަ އެންމެ އެނދެއްތަ ހުރީ ” ތައުފީގު ކޮޓަރި ތެރެއަށް ބަލާލަމުން އަހާލިއެވެ. ” އާނ. އަނެއް ކޮޓަރީގައި ދެ އެނދު އެބަހުރި ” ވިދާން ބުނެލިއެވެ. ” އެހެންވީމާ އެކޮޓަރި އާދަންބެއަށް ” ތައުފީގު ބުނެލިއެވެ. ” އެކަމަކު ބައްޕާ. އާދަންބެ އެކަނި ވީމާ ކީއްކުރާ ދެ އެނދެއް ” ޝުހާދު ބުނެލިއެވެ. ” އާދަންބެ އެކައްޏެއް ނުވާނެއްނު. އާދަންބެގެ ފިރިހެން ކުއްޖެއް ވެސް ހުރެއޭ. އެސޮރުވެސް އަންނަ ވާހަކަ ބުނި ” ތައުފީގު ބުނެލިއެވެ. ” ދެން މި ކޮޓަރި މީ ކާކަށް ” ޝުހާދު އަހާލިއެވެ. ” އާދަންބެގެ ދެކުދިން ތިބޭނެ. ދެން ހުރީ އަންހެން ކުއްޖެއް. އެހެންވެ މި ކޮޓަރި އޭނައަށް ވަކިން ” މިހެން ބުނެ ތައުފީގު އަނެއް ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އެ ވަގުތު ސަކީލާ އައިސް ވަނެވެ. ” މި އެނދު ތަކުގަ ބެޑްސީޓް އަޅާލަންވީނު ” ސަކީލާ ފެނުމުން ތައުފީގު ބުނެލިއެވެ. ” ބައްޕާ. މިކޮޓަރިވެސް މި ނިމުނީ ” ކޮޓަރިން ބޭރަށް ނިކުމެ ޝުހާދު ބުނެލިއެވެ. ” ދެން ދޭ އަވަހަށް ފެންވަރާލަން. ބައްޕަ ދާނަން މަންމަ އެނދުތަކުގެ ބެޑްޝީޓްތައް އަޅާނިމުނީމާ ” ސަކީލާ ބެޑްޝީޓް އަޅަމުން ދިޔަ ކޮޓަރީ ދޮރުމަތީ ހުރެ ތައުފީގު މިހެން ބުނެލުމުން ވިދާނާއި ޝުހާދު ސާފުކުރަން ގެންގުޅުނު ފިހިގަނޑުތައް ހިފައިގެން ހިނގައިގަތެވެ.
” ދާން ދޭ ކުރިން ފެންވަރަން ” އައިސް އަލަމާރިން ފެންފުޅިއެއް ނަގަމުން ޝުހާދު ބުނެލިއެވެ. ” އާނ… ކުރިން ފެންވަރާނީ އަހަރެން. ޝުހާދު ފާހަނާއަށް ވަދެއްޖެނަމަ ބޮކި އަރުވަން ވެސް އިދެފާނެވިއްޔާ ” ވިދާން އަތުގައި ހުރި ފިހިގަނޑުތައް އައިސް އަލަމާރި ކައިރީ ބަހައްޓަމުން ބުނެލިއެވެ. ” ހެޔޮނުވާނެ ތިހާ ދޮގު ހަދާކަށް. އަހަންނަށް ނޭންގޭނެ ތިބުނާ ބޮކި އަރުވަން ވެސް ” ފެން ފުޅި ނަގާ އަނގަމައްޗަށް އުފުލާލި ތަނާ، ވިދާން އެހެން ބުނުމުން، ހެމުން ޝުހާދު ބުނެލިއެވެ. ” ތިބުނީ ވެސް ރަނގަޅު ވާހަކައެއް. ތީ އަދި ކަމެއް ކުރަން އެނގޭ ވެސް މީހެއްނޫން ” ވިދާން ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ. ” ހެވޭ ދެން. ދާންއުޅޭ ފެންވަރަށް. އެކަމަކު އަވަސް ކުރާތި ” ޝުހާދު ބުނެލިއެވެ. ” ކިހިނެއް އަވަސް ކުރުން ގަނޑު ” ވިދާން ކޮޓަރީ ދޮރު ލައްޕާލަމުން ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ.