ޔާރާ އަހާށޭ 7
“ތުއްތައަށް ނާދެވިދާނެއެއްނު ހަމަ. ފެންނަ އިރަށް ޝަކުވާ ނުކޮށްބަލަ” ދާރިމް އައިސް ޝިނާ އުރާލަމުން ނިއަމްއަށް ބުންޏެވެ.
“މަންމަ ހިތަށް އެރި ބުރަ ވީމައޭ ނާދެވުނީ، އޭގެ ކުރީ ދެ ހަފްތާ އެއްކޮށްހެން ދީނާ އުޅުނީ މުޅި ދުވަހު މި ގޭގަ ވިއްޔަ” މަންމަ ބުނެލިއެވެ.
އޭރު މަންމަގެ ޙާލު ރަނގަޅުވެ އަމިއްލައަށް ހިނގާ އުޅެވެއެވެ. އަހަރެން އަންނަ ވާހަކަ ހެނދުނު ބުނެފައި އޮތުމުން މަންމަމެން ތިބީ އަހަރެން އައުމުން ކާން މަޑުކޮށްގެންނެވެ. ކާން ނުފެށެނީސް ނައުރާއާ ޒާމިލް އައެވެ. ފާއިތުވި ހަފްތާ ތެރޭ ޒާމިލްއާ އެކީ ގިނަ ވަގުތުތަކެއް ހޭދަ ކުރެވިފައި ވާތީ، ޒާމިލް ފެނުނު އިރަށް ޝުޢާ ދުވެފައި ގޮސް ޒާމިލްގެ އުނގަށް އެރިއެވެ. ގިނަ އިރެއް ނުވެ އައިރީންއާ އެކު ޝުޢާ ސަކަރާތް ޖަހަން ފެށިއެވެ.
އެ ދުވަހު އަހަރެން ގެއަށް އައީ ހިތަށް އުނދަގޫ ކުރަމުން ދިޔަ ޚިޔާލުތަކުން ދުރުވެލާ ހިތާ ސިކުނޑިއަށް ލުޔެއް ހޯދާށެވެ. އެއްވެސް މީހެއް ގާތު އެ ވާހަކަތައް ދައްކަން ހިތުގައި ނެތް ނަމަވެސް، އަހަރެންގެ ނުތަނަވަސްކަން މަންމައަށް ސިއްރެއް ނުކުރެވުނެވެ. އަހަރެން ނުބުނަނީސް އަހަރެންގެ މޫނުމަތިން މަންމަ އަހަރެންގެ ހާލަތު ދެނެގަތެވެ.
އަސުރު ނަމާދު ކޮށްގެން ނިއަމްއާ ނައުރާ ނިކުތީ ހެދިކާ ގަންނާށެވެ. ޒާމިލްއާ ދާރިމް ދިޔައީ ބޭރަށެވެ. މަންމައާ އަހަރެން ކުދިންނާ އެކު އެކަނި ވުމުން މަންމަ އަހަންނަށް ގޮވާލާފައި ކައިރިއަށް އައުމަށް އެދުނެވެ.
“ދީނާ، ރާއިދުއާ ދެ މީހުން މައްސަލައެއް ޖެހިގެންތަ ތިއުޅެނީ؟” މަންމަ ކޮށްލީ ހިތުގައި އޮތް ސުވާލެވެ.
“ނޫން…” ލަސްލަހުން އަހަރެން ބުނީމެވެ.
“ގޭތެރޭގަ ކަމެއް ދިމާވީތަ؟” ރާއިދުގެ މަންމަގެ ގޮތް ކޮންމެވެސް ވަރަކަށް އެނގޭތީ މަންމަ އަހާލީ އަހަރެންގެ މިޒާޖަށް އައިސްފައިވާ ބަދަލު ފާހަގަ ކުރެވިގެންނެވެ.
އަހަރެން ދެ ފަރާތަށް ބޯ ހަލުވާލީމެވެ.
“މަންމަ ރާއިދު ކައިރީ އަހަންވީތަ؟” މަންމަ އަހާލީ އަހަރެންގެ ފަރާތުން ޖަވާބެއް ނުލިބޭނެހެން ހީވުމުންނެވެ.
“ނޫން!” މަންމައަށް ސުވާލު ފުރިހަމަ ނުކުރެވެނީސް އަހަންނަށް ބުނެވުނެވެ.
“ކަމެއް ދިމާވެގެން އުޅެންޏާ ބުނީމައެއްނު މަންމައަށް އެހީއެއް ވެދެވޭނީވެސް” މަންމަ ބުންޏެވެ.
“މާ ބޮޑު ކަމެއް ނޫން މަންމާ، ދެން މިހެން އުޅޭ އިރު މައްސަލަވެސް ޖެހޭނެއެއްނު… ރުޅި އަންނަ ފަހަރު ކަމެއް ދިމާވިޔަސް ރާއިދުއަކީ ގޯސް މީހެއް ނޫން… އަހަރެން ނުރުހޭ ކަމެއް އޭނަ ނުކުރޭ… އަހަރެން ދެރަވާ ކަހަލަ ކަމެއް ކުރެވިއްޖެއްޔާ އޭނަވެސް ފަހުން ދެރަވޭ، މާފަށްވެސް އެދޭ. އެންމެން އެކީ އުޅެންޏާ ގޭތެރޭގަވެސް ކަންތައް ދިމާވާނެއެއްނު؟ އެކަމު އެ ވާހަކަތައް އިތުރު މީހުން ކައިރީ ދެއްކުމަކީވެސް ރަނގަޅު ކަމެއް ނޫނެއްނު؟ އަހަންނަށް ބޮޑު ކަމެއް ދިމާވެއްޖެއްޔާ މަންމަ ކައިރީ ބުނާނަމޭ” އަހަންނާ ރާއިދުގެ މެދުގައި ޖެހުނު މައްސަލަ އަހަރެންގެ ގޭ މީހުންނަށް އެނގުން އެއީ އަހަރެން އެދޭ ގޮތެއް ނޫނެވެ.
“މަންމަ ހީކުރި ވަރަށް ވުރެ ވިސްނޭ ކުއްޖެއް ދީނާއަކީ. މަންމަ އިތުރަކަށް ނާހާނަން. މަންމައަށްވެސް އެނގޭ ރާއިދުއަކީ ރަނގަޅު ކުއްޖެއް ކަން، ދީނާ ދެކެ ލޯބި ވާކަން. އެކަމަކު އަމިއްލައަށް ހައްލު ނުކުރެވޭ ވަރު ކަމެއް ދިމާ ވެއްޖެއްޔާ ނުބުނެ ނުހުންނައްޗޭ” އަހަރެން ބުނަން ބޭނުން ނުވާ ވާހަކައެއް އިތުރަށް ސުވާލު ކޮށްގެން ހޯދާކަށް މަންމަ ނޫޅުނެވެ. އެ ވަގުތަށް ދެވެން އޮތް ނަސޭޙަތެއް ދީފައި ނިންމާލީއެވެ.
ރާއިދު އައީ ހެދިކާ ގަންނަން ދިޔަ ނައުރާއާ ނިއަމްއާ އެކީގައެވެ. އެންމެން އެކީ ސައިބޮއެ ނިމުނު އިރު ފަސްގަޑި ބައިވެއްޖެއެވެ. ދުވަސްތަކަކަށް ފަހު ރާއިދުގެ ސައިކަލު ފަހަތަށް އަހަރެން އެރީ އެ ދުވަހުއެވެ. ޝުޢާއާ ޝިނާ ގޮވައިގެން ޒާމިލްއާ ނައުރާ ދިޔައީ ޒާމިލްގެ ކާރުގައެވެ.
ދެން އައި ދުވަސްތަކުގައި ގޭ މީހުންގެ ކުރިމަތީ އަހަންނާ ރާއިދު އުޅުނީ އާންމުކޮށްވެސް އުޅޭ ގޮތަށެވެ. ނަމަވެސް ކޮޓަރިއަށް ވަނުމާއެކު ދެ މީހުންގެ މެދުގައި ބީރައްޓެހިކަމުގެ ފާރެއް ލެވޭ ކަހަލައެވެ. އެއް އެނދުގައި ކައިރިކައިރީގައި ނިދި ނަމަވެސް އަހަރުމެންގެ މެދުގައި ވަނީ ދުރުކަމެވެ. ރާއިދު ހުރީ އަހަރެންގެ ފަރާތުން ދަޢުވަތަކަށް މަޑުކޮށްގެންނެވެ. އަހަރެންގެ ފުރިހަމަ އެއްބާރުލުމާ އެކުގައި ނޫނީ އަހަރެންގެ ގައިގައި އަތްޖައްސާނުލާން ހުރި ފަދައެވެ. އަހަންނަށް ފަސްޖެހެވެނީ ކީއްވެ ކަމެއް ނޭނގެއެވެ. ރެއަކަށް ވުރެ ރެއެއް އަހަންނަށް އެކަމުން ވާ އުނދަގޫ އިތުރުވަމުން ދިޔައެވެ.
އެ ބީރައްޓެހިކަމުގައި އަހަންނަށް ކެތްވީ ހަތަރު ދުވަހުއެވެ. އެ ދުވަހު އޮފީހުން އައިސް ކުދިންގެ ފައިހާއާ އެކީ ބަދިގޭގައި އުޅުނީ އެއީ އެ ދުވަހަކީ ރަޒާންގެ އުފަން ދުވަހަށް ވާތީ، ރަޒާންއަށް ޚާއްސަ ކެއުމެއް ތައްޔާރުކޮށް ދިނުމަށެވެ. ރާއިދު އައި އިރުވެސް އަހަރެން އުޅުނީ ބަދިގޭގައެވެ. އަހަރެން ކޮޓަރިއަށް ދިޔަ އިރު ރާއިދު ވީ ޝުޢާ ގޮވައިގެން ސައިކަލު ދުއްވާލަން ގޮހެވެ.
އެރޭ ގޭތެރޭގައި އޮތީ އަޑުގަދަ ކުރުމާ ސަކަރާތްޖެހުމެވެ. އަހަންނާ ރާއިދުވެސް އެންމެންނާ ބައިވެރިވީމެވެ. އެ ކަންތައް ނިންމާފައި ރާއިދުއަށް ވުރެ ކުރިން ކޮޓަރިއަށް ވަނީ އަހަރެންނެވެ. އޭރު ބާރަ ޖަހަނީއެވެ. ހޫނުވެފައި ހުރުމުން ފެންވަރައިގެން އަހަރެން ނިކުތް އިރު ރާއިދު ނިދަން ތައްޔާރު ވެގެން ހުރި ނަމަވެސް އޮށޯންނަން ބޭނުން ނުވެފައި ހުރިހެން އިރުކޮޅަކު ރީތިވާ މޭޒު ކުރިމަތީ ހުއްޓެވެ.
ލަސް ފިޔަވަޅުތަކެއް ގައި އަހަރެން ގޮސް ރާއިދުގެ ފަހަތުން ހުއްޓުނީމެވެ. ލޯގަނޑުން އަހަންނަށް ބަލަން ރާއިދު ހުރީ ހަދާނެ ގޮތެއް ނޭނގިފައި ހުރި ހެންނެވެ. އަހަރެން ކައިރި ވެލާފައި ފަހަތުން ރާއިދު ގައިގައި ބައްދާލީމެވެ. ރާއިދުގެ ބުރަކަށީގައި މޫނު ޖައްސާލީމެވެ.
އެއާއެކު އެތެރެއަށް ބާރަށް ދަމާލި ނޭވާ ރާއިދު ދޫކޮށްލީ ލަސްލަހުންނެވެ.
“ދީނާ…” އަހަރެންގެ އަތުގައި ހިފާލަމުން ރާއިދު ގޮވާލިއެވެ.
“އައި މިސްޑް ޔޫ…” މަޑުމަޑުން އަހަރެން ބުނީމެވެ.
ރާއިދު އެނބުރިފައި އަހަރެންގެ މޫނަށް ބަލާލިއެވެ. އިސް ނެގީ ކާކުކަން ނޭނގުނަސް އިރުކޮޅެއްގެ ތެރޭ އަހަންނާ ރާއިދު ހުރީ އެކަކު އަނެކަކުގެ އަތުތެރޭގައެވެ. އެދިއެދި ހުރި ދަޢުވަތު ލިބުމުން ރާއިދު ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ކުރިއެވެ. އަހަންނާ ދުރުގައި އެ ހުރިހާ ދުވަސް ހޭދަކުރީ ރާއިދުގެ ހިތާ ދެކޮޅަށް ކަން އަހަންނަށް އެނގެއެވެ. އެރޭ ރާއިދު ހީވީ އެ ހުރިހާ ދުވަހަކަށް ވާ ވަރަށް އަހަރެންގެ ފަރާތުން ހިތްހަމަޖެހުން ހޯދަން މަސައްކަތް ކުރި ހެންނެވެ.
އަހަންނާ ރާއިދުގެ ދިރިއުޅުން ކުރިއެކޭ އެއްގޮތަށް ބަދަލުވިއެވެ. މަންމަގެ ޝަކުވާއެއް އެއްގޮތަކަށްވެސް އަޑެއް ނީވެއެވެ. ކީއްވެ ކަން އެނގުނީ ފައިހާގެ ފަރާތުންނެވެ. މަންމައާ ވާހަކަ ދެއްކީ ރަޒާންއެވެ. އެ ދުވަހު ރާއިދު އަހަރެން ގައިގައި ޖެހުމުން މަންމަގެ ހިތަށް އެއްޗެއް އެރީ ކަންނޭނގެއެވެ. ކޮންމެ ގޮތެއް ވިޔަސް އަހަރެންގެ ދުވަސްތައް ވޭތުވަނީ ހިތްހަމަޖެހުމާއެކުއެވެ.
ޝުޢާއަށް ތިން އަހަރު ވުމުން ސްކޫލަށް ވެއްދީމެވެ. ޝުޢާ ސްކޫލަށް ދާން ޖެހެނީ ހަވީރު ކަމަށް ވުމުން އަހަންނާ ރާއިދުގެ އޮފީސް ގަޑީގެ ޝެޑިއުލްއަށް ބަދަލެއް ގެންނާކަށް ނުޖެހެއެވެ.
މަންމަގެ ޝަކުވާގެ އަޑެއް ނީވުނު ނަމަވެސް މަންމަގެ ހިތް އަހަންނަށް ސާފު ނޫންކަން އަހަންނަށް އެނގެނީ އެހެން އުޅެލާފައި މަންމަ ބުނެލާ ބައެއް ބަސްތަކުންނާ، ކޮށްލާ ކަންތަކުންނެވެ. ތިމާގެ މީހަކު ގެއަށް އަންނަ ކޮންމެ ދުވަހަކުހެން ރާއިދުގެ ފިރިހެން ކުއްޖަކު ނެތީތީ އެކަމާ ދެރަވެގެން ވާހަކަ ދައްކައެވެ. ގިނަ މީހުން މަންމައާ އެއްކޮޅަށް ވާހަކަ ދެއްކި ނަމަވެސް ބައެއް މީހުން މަންމަގެ އެ ތާކުންތާކު ނުޖެހޭ ވިސްނުމާ ދެކޮޅަށް ބަހުސް ކުރެއެވެ. މަންމަގެ ތިން ކުދިންނާ ފައިހާއާ މެދު މަންމަ ކަންތައް ކުރާ ގޮތާ، އަހަންނާ މެދު މަންމަ ކަންތައް ކުރާ ގޮތް ތަފާތެވެ. ރާއިދުގެ ކުރިމަތީވެސް މަންމަ ހަދަނީ އެހެންނެވެ.
އެފަދަ އެއްވެސް ކަމަކާ އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. އެއީ ރާއިދުގެ މަންމައަށް ވީތީ، އަހަރެން ރާއިދު ދެކެ ވާ ލޯތްބަށްޓަކާ އިވޭ އަޑުތަކަށް ބީރު ކަންފަތެއް ދީގެން ހުންނަނީއެވެ. ނާއިކްއާ އަހަރެންގެ ކުދިންނާ މަންމަ އެހާ ތަފާތު ކުރާ އިރުވެސް އަހަރެން ނާއިކްއާ މެދު ހިތްބުރައެއް ނުކުރަމެވެ. ފައިހާއާ މެދުވެސް އަހަރެންގެ ހިތް ސާފެވެ.
އަހަރެންގެ މަންމައާ ކޮއްކޮމެން އަހަރުމެން ގެއަށް މަހަކު އެއް ފަހަރު ކަހަލަ ގޮތަކަށް އައުމަކީ އާދައެކެވެ. ނައުރާގެ ކައިވެނީގެ ކުރިން ނިއަމްއާ ނައުރާ މަންމައާ ވަކިންވެސް އަންނާނެއެވެ. ކައިވެނީގެ ފަހުން ނައުރާ އައުން މަދުވި ނަމަވެސް ކުރިންވެސް އަންނަހެން ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް ނިއަމް އާދެއެވެ.
ނިއަމްއާ ނަވާފްއާ ދިމާވީ އެގޮތަށް އަހަރުމެން ގެއަށް އައި ދުވަހެއްގައި އަހަރުމެން ގޭ ދޮރުމަތިންނެވެ. ނިއަމް އައިސް އުޅެއުޅެފައި ދާން ނިކުތީ ދާރިމް މި އަންނަނީއޭ ބުނުމުންނެވެ.
“ދޮންބެދައްތާ، ތާކަށް ދާން ވެގެންތަ ނިކުމެ ތިތިބީ؟ ކާރެއް ނުލިބިފަތަ؟” ނަވާފް މަޑުކޮށްލާފައި އެހެން އަހާލީ ދިހަވަރަކަށް މިނަޓް ކުރިން ނަވާފް ސައިކަލުގައި ދިޔައިރުވެސް އަހަންނާ ނިއަމް އެތާ ތިބުމުންނެނެވެ.
ނަވާފްއަކީ ސްކޫލް ދައުރުން ފެށިގެން ރަޒާންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަހަންނާ ރާއިދުގެ ކައިވެންޏަށް މަހެއް ވަރު ވީތަނާ އޮސްޓްރޭލިއާއަށް ކިޔަވަން ދިޔައީއެވެ. އޭގެ ފަހުން ނަވާފް މާލެއަށް އައީ ދެ ފަހަރުއެވެ. މި ފަހަރު އައިތާ އަދި ހަފްތާއެއްވެސް ނުވެއެވެ. ޗުއްޓީގައި ނަވާފް އައިސްވެސް ރަޒާންއާ އެކު ގިނަ ވަގުތު ހޭދަކުރެއެވެ. ނަވާފް އަހަންނަށް ދޮންބެދައްތަ ކިޔަނީ އޭނައާ ރަޒާންއާ އޮންނަ ގާތް ކަމުން، ރާއިދުއަށް ދޮންބެ ކިޔާ ފަދައިންނެވެ.
“ނިއަމް ގެއަށް ދާން ވެގެން ދާރިމް އޭނަ ބަލާ މި އަންނަނީއޭ ބުނީމަ ނިކުތީ، އޭނަ ނައިސްގެން މި ތިބީ” އަހަރެން ބުނީމެވެ.
ނަވާފް ނިއަމްއާ ދިމާއަށް ބަލާލިއެވެ. އެ ބެލުން ސިކުންތުކޮޅަކަށް ދެމިގެން ދިޔަކަން އަހަންނަށް ފާހަގަ ކުރެވުނެވެ.
“މީ ދޮންބެދައްތަގެ ޔަންގެސްޓް ސިސްޓަރ ދޯ؟” ނަވާފް އަހަންނަށް ބަލާލާފައި އަހާލިއެވެ.
“އާނ، އަހަރުން ފެމިލީގެ ބޭބީ މީ. ނިއަމް، މީ ނަވާފް، ރަޒާންގެ ބެސްޓް ފްރެންޑް” އަހަރެން ނިއަމްއަށް ނަވާފް ތަޢާރަފް ކޮށްދިނީމެވެ.
“ހާއި” އަތުން ހަނާ އަޅާލަމުން ނިއަމް ބުނެލިއެވެ. ޖަވާބުގައި ނަވާފްވެސް ހަމަ އެހެން ބުނެލިއެވެ.
“ލަސް ވަންޏާ އަހަރެން ގެންގޮސްދެންތަ؟” ނަވާފް އަހާލީ ނިއަމް ގާތުއެވެ.
“ލަހެއް ނުވޭ، އެހެން ނޫނަސް މިހާރު ދޮންބޭބެ އަންނާނެ ކަންނޭނގެ” ނިއަމް ބުނެލިއެވެ.
ދާރިމް އަންނަން ދެން ނަވާފް އަހަރުމެން ކައިރީ ހުއްޓެވެ. އެވީ ފަނަރަ ވަރަކަށް މިނަޓްގައި ނަވާފްގެ ނަޒަރު އެތައް ފަހަރަކު ނިއަމްއާ އަމާޒުވިއެވެ. އެ ކަން ފާހަގަވާ ކޮންމެ ފަހަރަކު ނިއަމްގެ މޫނަށް ރަތްކުލަ އަރައިގެން ދެއެވެ. އަހަންނަށް އެކަން ފާހަގަ ކުރެވުނު ނަމަވެސް އެއްވެސް ކަމެއް އެނގޭ ކަމަކަށް ނުހެދީ ފަހުން ނިއަމްއާ ދިމާ ކޮށްލަން ހިތަށް އަރުވައިގެންނެވެ.
ނަވާފްއަކީ ރާއިދުމެންގެ އަވައްޓެރިންގެ ތެރެއިން އެންމެ ފޯރާ އާއިލާއަށް ނިސްބަތް ވާ ޒުވާނެކެވެ. ނަވާފްމެން އާއިލާގައި ތިބެނީ ތިން އަންހެން ކުދިންނާ ދެ ފިރިހެން ކުދިންނެވެ. ނަވާފްއަކީ ދެވަނައަށް އެންމެ ހަގު ދަރިފުޅެވެ. މާލޭގައި ހުންނަ ދުވަސްކޮޅެއް ނަމަ އަހަރުމެން ގޭތެރެއިން ނަވާފް ނުފެންނަ ދުވަހެއް ނުދާނެއެވެ. އަހަންނާ ރާއިދުގެ ވެޑިންގް އިން ނިއަމްއާ ނަވާފް ދިމާވި ހަނދާނެއް އަހަރެން ނުވެއެވެ. އޭގެ ފަހުން ދެން ނަވާފް މާލެ އައީ އަހަރެއްހާ ދުވަސް ފަހުން ރަޒާންގެ ކައިވެންޏަށެވެ. އެހެން އަންނަ ފަހަރު އަހަރުމެން ގެއަށް އަޔަސް ނިއަމް އަންނަ ދުވަހަކާ ދިމާ ނުވާތީ، އެހާ ތަނަށްވެސް ދެ މީހުން ދިމާ ނުވެ އޮތީއެވެ.
ނަވާފްގެ ވާހަކަ އަހަރެން ދެއްކުމުގެ ކުރިން ނިއަމް އަހަންނަށް ގުޅައިގެން ނަވާފްއާ ބެހޭގޮތުން ސުވާލު ކުރިއެވެ. އޭގެ އަނެއް ދުވަހު ނިއަމް ގުޅީ އަހަރެން އޮފީހުގައި އިންދައެވެ. އަހަންނަށް އެނގުނު ވަރަކުން ނަވާފްއާ ބެހޭ މައުލޫމާތު ކިޔާދީފައި ނިއަމްއާ ދިމާކުރަން ފެށީމެވެ.
“އަހަރުމެންގެ ބޭބީވެސް ބޮޑުވެއްޖެ ހެން ހީވަނީ މިހާރު. މަންމަ ކައިރީ ބުނަން ވީ ދޯ؟” އަހަރެން ބުނީމެވެ.
“ދެން ތުއްތާ… ނުބުނާތި އެއްވެސް މީހެއް ކައިރީ” ރަކިވެފައި ނިއަމް ބުނެލިއެވެ.
“ނަވާފް ކައިރީވެސް ނުބުނަންވީތަ؟” އަހަރެން އިތުރަށް ބެހިލީމެވެ.
“އައި ވިލް ކިލް ޔޫ އޭނަ ކައިރީ ބުނެފިއްޔާ!” ނިއަމްގެ ޖަވާބު އައެވެ.
“އޯކޭ އޯކޭ! ނުބުނާނަން އެކަކު ކައިރީވެސް” އަހަރެން ހެމުން ބުނީމެވެ.
ދެ ދުވަސް ފަހުން އަހަރެން ޝުޢާ ސްކޫލަށް ލާފައި އައިސް ސިޓިންގްރޫމްގައި އިންދާ ނިއަމްއާ ދާރިމް އައިސް ވަނެވެ.
އެ ދެ ކުދިން އަންގާ ނުލާ އައުމުން އަހަރެން ހައިރާންވީ، ކުރިން އަބަދުވެސް އެ މީހުން އަންނަ ނަމަ ގުޅާފައި އަންނަ ވާހަކަ ބުނާތީއެވެ. ޝަކުވާ ކޮށްލިޔަސް އަހަރެން ހުރީ އުފަލުންނެވެ.
“އޮފީހުން އައީއްސުރެ ނިއަމް ކިޔާ ވަރުން އުނދަގޫ ވެގެން މި އައީ” އަންގާނުލާ އައީތީ އަހަރެން އެ ޝަކުވާ ކުރުމުން ދާރިމް ބުނެލީ ނިއަމްގެ ކޮނޑުގައި ޖަހާލާފައެވެ.
“އޯހ!” ވީ ގޮތް ވިސްނުމުން އަހަރެން ނިއަމްއަށް ބަލާލަމުން އެއްލޯ މަރާލީމެވެ.
“ޝަކުވާ ކުރާނެ ކަމެއް ނެތް، އަހަރުން އައީ ސައި ބޯނެ އެއްޗެހިވެސް ހިފައިގެން” އަހަންނާ ދިމާއަށް ލޯ އަޅާލަމުން އަތުގައި އޮތް ކޮތަޅުން ނިއަމް އަހަރެން ގައިގައި ޖެހިއެވެ.
“ހުރިހާ ކަމަކަށް ތައްޔާރު ވެގެން ދޯ ތިއައީ؟” ދެންވެސް އަހަރެން ބެލީ ދިމާކޮށްލެވޭތޯއެވެ.
އެހެން މީހުންނަށް ނޭނގޭނެ ހެން އަހަރެން ނިއަމްއާ ދިމާ ކުރަމުން ސައި ހަދަން ފެށީމެވެ. ފައިހާއާ ރައުހާއާ މަންމައަށް ގޮވާފައި އެންމެން އެކީ ސައިބޯން އިށީންތަނާ ރާއިދު އައެވެ. އެހެންވެ އަހަރެން ސައި ނުބޮއެ މަޑުކޮށްލީ ރާއިދު ފެން ވަރައިގެން އައުމުން ދެ މީހުން އެކީ ސައިބޯށެވެ. ނިއަމްމެން ކައިރީ ވާހަކައިގައި އިންދާ ރަޒާންއާ އެކު ނަވާފް އައިސް ގެއަށް ވަނެވެ.
އެކިއެކި ވާހަކައިގައި އިން ނިއަމްގެ ވާހަކަ ވަގުތުން ހުއްޓުނެވެ. އެކަން ފަހަގަ ވެގެން ފައިހާ ސުވާލުވެސް ކޮށްލިއެވެ. ހިނިއައި ނަމަވެސް އެކަން ނުދައްކާ އަހަރެން ވާހަކަ ބަދަލު ކޮށްލާފައި ރަޒާންއާ ނަވާފްއަށް ސައިބޯން ގޮވީމެވެ.
ރަޒާންމެން އައިސް އިށީންނަން ވީ އިރަށް ދާރިމް ދެން ދަނީ ކަމުގައި ބުނެ ތެދުވިއެވެ. ދާރިމްއާ އެކު ނިއަމްވެސް މޭޒުދޮށުން ތެދުވިއެވެ.
“ނިއަމް، އަދި ގޮސްގެން ނުވާނެ. ދާރިމް، ނިއަމް ބަލާ ތަންކޮޅެއް ފަހުން އާދޭ އިނގޭ” އަހަރެން ނިއަމްގެ އަތުގައި ހިފާ އަލުން ގޮނޑީގައި ބޭންދީމެވެ.
މަންމަ ތެދުވެގެން ދިޔުމުން ރައުހާއާ ފައިހާ އަދި މަޑުކޮށްލައިގެން ތިއްބެވެ. އަހަރެން ދިޔަނުދީގެން ނިއަމްވެސް އިނެވެ. ނަވާފްގެ ނަޒަރު ސިއްރުސިއްރުން އިރުއިރުކޮޅާ ނިއަމްއަށް ހުއްޓޭ ތަން އަހަންނަށް ފެނެއެވެ. އަހަރުމެން ގޭގައި އިނދެފައި ނަވާފް ދިޔައީ އިރު އޮއްސުމުންނެވެ.
އެރޭ ކައި ނިމިގެން އެންމެން ސިޓިންގްރޫމްގައި ތިބެފައި ފަހަރަކު މީހަކު ދަމުން އަހަންނާ ރާއިދުއާ ރަޒާން އެކަނި ވިއެވެ. އެހެން އިނދެފައި ރާއިދު ކޮޓަރިއަށް ދާން ތެދުވުމުން އަހަރެންވެސް ރާއިދުގެ ފަހަތުން ތެދުވީމެވެ. އެވަގުތު ރަޒާން އަހަންނަށް ގޮވާލިއެވެ.
“މި ދަނީ” ރާއިދުއަށް އެހެން ބުނެފައި އަހަރެން އަނެއްކާ އިށީން އިރު ރަޒާން ބުނަން އުޅޭ އެއްޗަކާ މެދު ހިތުގައި ސުވާލު އުފެދިފައި ވިއެވެ.
“އެއްޗެއް އަހާލަން ވެގެން” ރާއިދު ކޮޓަރިއަށް ވަންނަން ދެން މަޑުކޮށްފައި ރަޒާން ލަސްލަހުން ބުންޏެވެ.
“ކީކޭ؟” ރަޒާން ދައްކަން އުޅެނީ ކޮން ވާހަކައެއް ކަމެއް އަހަންނަށް އެއްގޮތަކަށްވެސް ނޭނގެއެވެ.
“ނިއަމް… ނިއަމް އުޅެނީ ކުއްޖަކާ ރައްޓެހިވެގެންތަ؟” ރަޒާން އަހާލީ އޭނަގެ ފަރާތުން އިވިދާނެ ކަމަށް އަހަރެން ކުޑަކޮށްވެސް ހީކޮށްފައި ނުވާ ސުވާލެކެވެ. ނަމަވެސް އެ ސުވާލު އަޑުއިވުމާއެކު ވެގެން އުޅޭ ގޮތް އަހަންނަށް ސާފުވިއެވެ.
“ނޫން” އަހަރެން ދިނީ ކުރު ޖަވާބެކެވެ.
“އެހެން ވިއްޔާ ނިއަމްގެ ފޯން ނަމްބަރު ލިބިދާނެތަ؟” ރަޒާން އަނެއްކާވެސް އެހިއެވެ.
އަހަރެން ރަޒާންއާ ދިމާއަށް ނިތް އަރުވާލީ ސުވާލެއް ކުރާ ފަދަ ގޮތަކަށެވެ.
“ގޯސް މީނިންގްއެއް ނުނަގައްޗޭ ދޮންބެދައްތާ… ކުއްޖަކު ބުނެގެން… އަހަރެން އަމިއްލައަކަށް ނޫން…” އަވަސް އަވަހަށް ރަޒާން ބުނެލިއެވެ.
ނިއަމްގެ ނަމްބަރު ހޯދަން އުޅެނީ ރަޒާން ނޫން ކަން އަހަންނަށް އެނގެއެވެ. އެ ނަމްބަރު ހޯދައިދިނުމަށް ރަޒާން ގާތު އެދުނީ ކާކުކަންވެސް އަހަންނަށް އެނގެއެވެ.
“ނަވާފް ބުނެގެންތަ؟” އަހަރެން އަހާލީމެވެ.
“ދޮންބެދައްތައަށް ކިހިނެއް އެނގުނީ؟” ރަޒާންގެ މޫނުމަތިން ހައިރާންކަން ފާޅުވެގެން ދިޔައެވެ.
“އެނގުނީ ދެން. ނިއަމްގެ ނަމްބަރު ނަވާފްއަށް ދީ، އޭރުން ނިއަމްވެސް ވަރަށް އުފާ ވާނެ. އެކަމަކު ނަވާފް ކައިރީ ބުނާތި މަޖަލަކަށް ނޫޅެއްޗޭ” އަހަރެންގެ ކޮއްކޮއަށް ދެރައެއް ލިބުމަކީ އަހަރެން އެއްގޮތަކަށްވެސް އެދޭ ކަމެއް ނޫނެވެ.
“އެ ވަރުގެ ޔަގީންކަމެއް ނެތިއްޔާ އަހަރެންވެސް ނަވާފްއަށް ހެލްޕްއެއް ނުވާނެއެއްނު؟ އެއީ އަހަރެންގެވެސް ކޮއްކޮއެއް ކަހަލަ ކުއްޖެއް” ރަޒާން ބުންޏެވެ.
ކޮޓަރިއަށް ވަނުމާއެކު ރާއިދު ސުވާލު ކުރިއެވެ. ރަޒާން ދެއްކި ވާހަކައެއް އޮޅުން ފިލުވަން ވަރަށް މަސައްކަތް ކުރިއެވެ. އެންމެ ފަހުން އަހަރެން ވީގޮތް ބުނީމެވެ.
“ދީނާމެން ގޭ ބޭބީވެސް ބޮޑުވީ ދޯ؟” ރާއިދު ބުނީ އަހަރެންވެސް ބުނި ފަދަ އެއްޗެކެވެ.
“އަހަންނަށްވެސް ބުނެވުނީ ހަމަ ތިހެން” ހިނިއައިސްފައި އޮވެ އަހަރެން ބުނީމެވެ.
“ނަވާފް އެއީ ގޯސް ކުއްޖެއް ނޫން، ކުރީގަ ރަޒާންއާ އެކީ އަބަދުހެން މި ގޭގަ އުޅޭނީ. މިހާރުވެސް ގޯސްކޮށެއް ނޫޅޭ. ކިޔަވާ ނިމޭކަށް ދެން ގިނަ ދުވަހެއްވެސް ނެތް. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަނެއްކާވެސް ކައިވެންޏެއްގެ ޚަބަރު ލިބޭނެ” އަހަރެންގެ އިސްތަށިގަނޑުގައި އަތް ހާކަން އޮވެ ރާއިދު ބުންޏެވެ.
“ރައުހާވެސް ދެން ރަނގަޅު ކުއްޖަކު ހޯދަން ވީ. އެހެން ނުހުރެ ކިޔަވަން ފަށާށޭ ބުނެބަލަ އޭނަ ކައިރީ. ރާއިދުމެންވެސް އަޅާނުލާތީ އޭނަވެސް ފަރުވާ ކުޑަ ކޮށްލާފަ އެ ހުންނަނީ. މިހާރުވެސް ކިހާ ދުވަހެއް އެ ދިޔައީ؟ ޑިގްރީ ފެށިނަމަ އެއް އަހަރު ނިމިފަ މިހާރު ހުރީހީ. އެހެން ނޫނީ ޖޮބަކަށް ދާންވެސް ބުނެބަލަ. ރައުހާއަށް ރަނގަޅު ފިއުޗަރ އެއް ހޯދައިދޭންވެސް ތިބީ ހަމަ ރާއިދުއާ ރަޒާންއެއްނު؟” އަހަރެންގެ އަމިއްލަ ކޮއްކޮމެންނަށް ލިބޭ ކޮންމެ ކާމިޔާބީއަކާ ކޮންމެ އުފަލެއް ރައުހާއަށްވެސް ލިބުން އަހަރެން އެދެމެވެ. އެ ވާހަކަ ދެއްކެނީ އެހެންވެއެވެ.
“ދީނާ އޭނަ ކައިރީ އެ ވާހަކަ ދައްކަން ވީނު؟” ރާއިދު ބުންޏެވެ.
“އަހަރެން ދައްކަމޭ، އެކަމަކު އަހަރެން ބުންޏަސް ރައުހާ އެކަންތަކާ ވިސްނާ ހެންނެއް ހިއެއް ނުވޭ. އަނެއްކާ އަހަރެން މާ ގިނައިން ކިޔަން ވެއްޖެއްޔާ މަންމަ ހިތްހަމަ ނުޖެހިދާނެ” ފަހުބައި އަހަރެން ބުނީ މަޑުމަޑުންނެވެ. އެއީ އަހަރެން އަބަދުވެސް ވިސްނާ ކަމެކެވެ.
ދިރިއުޅުމާ މެދު ވިސްނާ، ކިޔަވަން ނުވަތަ ވަޒީފާއަކަށް ދާން ރައުހާއަށް ނަސޭޙަތް ދޭ ކޮންމެ ފަހަރަކު، އެ ވާހަކަ މަންމަގެ ކަންފަތާ ހަމައަށް ފޯރަފާނެތީ އަހަރެން ހުންނަނީ ކަންބޮޑުވެފައެވެ. ރައުހާ އެ ވާހަކަ މަންމަ ގާތު ބުނެފާނެތީއެވެ. މަންމައާ ހަމައަށް އެ ވާހަކަ ދާ އިރަށް އޭގެން މަންމަ ނަގާނީ ކޮން މާނައެއް ކަމެއް ނޭނގޭތީއެވެ. ބޭބެމެންގެ ބެލުމުގެ ދަށުގައި ރައުހާ ހުންނާތީ އެކަމާ އަހަރެން ކަންބޮޑުވަނީ ކަމުގައި ހީކޮށް އެ ތުހުމަތު އަހަރެންގެ ބޮލުގައި އެޅުވުމަކީ މަންމަ ކޮށްފާނެ ކަމެއް ހެން އަހަންނަށް ހީވާތީއެވެ.
“ކީއްވެ މަންމަ ހިތްހަމަ ނުޖެހެންވީ؟ ރައުހާއަށް ރަނގަޅަކަށްނު ދީނާ އެ ވާހަކަ ދައްކަނީ؟ މާ ބޮޑަށް ކަންތަކާ ވިސްނަނީ ތި. އޯވަރ ތިންކަރއެއް ދީނާއަކީ” ސަމާސާ ރާގަކަށް ރާއިދު އެހެން ބުނެފައި އަހަރެންގެ މޫނުގައި ބޮސްދޭން ފެށިއެވެ.
ނަވާފްއާ ނިއަމް އެކަކު އަނެކަކާ ވާހަކަ ދައްކަން ފެށިއެވެ. ފުރަތަމަ އެ ދެމީހުން ބައްދަލު ކުރަން ފެށީ އަހަރުމްނެ ގެއިންނެވެ. އެ ކަން އަހަރެން މަންމައަށް ސިއްރެއް ނުކުރަމެވެ. ފުރަތަމ އެހެން ވީ ދުވަހު މަންމަ ގާތު ބުނީމެވެ. އެކަހެރިކޮށް ދެ މީހުން ބައްދަލުވުމަށް ވުރެ މަންމައަށްވެސް ރަނގަޅު ވީ އެ ގޮތެވެ. ނިއަމްއާ ބައްދަލު ކުރަން އަހަރުމެން ގެއަށް ދާން ނަވާފް އަދި ފަސްޖެހޭތީ، އެ ގޮތަށް އެކަންތައް އިހަށް ދޫކޮށްލީއެވެ.
ކުރިން ފާހަގަ ނުވާ ކަމެއް އަހަންނަށް ފާހަގަ ކުރެވެން ފެށީ އެ ދުވަސްކޮޅުއެވެ. ރައުހާ އަހަންނާ ވާހަކަ ނުދައްކާ ހުންނަން ފެށިއެވެ. އަހަރެން އިސްވެ އެއްޗެއް ބުނެފިއްޔާ ޖަވާބުގައި އެއްޗެއް ބުނެފާނެއެވެ. ކުރިން ނައުރާ، ދާރިމް ނުވަތަ ނިއަމް އަޔަސް ރައުހާ އެ ކުދިންނާ އެކު ވާހަކަ ދައްކާ ސަކަރާތް ޖަހަން އުޅޭނެއެވެ. ފަހުންފަހުން އައިސް އެ މީހުން އައިއްސިއްޔާ ކޮޓަރިއަށް ވަންނަނީއެވެ. އަމުދުން ނިއަމް އާމެދު ވަކިން ނުރުހޭހެން އަހަންނަށް ހީވެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.








ސަލާމް، އަށް ވަނަ ބައި ބުރާސްފަތި ދުވަހު ގެނެސްދޭނަން، މި ބައި ކަމުދާނެ ކަމަށް ހީކުރަން.
މިއަދުން ފެށިގެން ހަފްތާއަކު ތިން ދުވަހު މި ވާހަކަ ގެނެސްދޭނަން، އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު.
May b rauhaa loabivani Nawaf dheke
When Is next part 💕