ޔާރާ އަހާށޭ 8
ކުރިން ފާހަގަ ނުވާ ކަމެއް އަހަންނަށް ފާހަގަ ކުރެވެން ފެށީ އެ ދުވަސްކޮޅުއެވެ. ރައުހާ އަހަންނާ ވާހަކަ ނުދައްކާ ހުންނަން ފެށިއެވެ. އަހަރެން އިސްވެ އެއްޗެއް ބުނެފިއްޔާ ޖަވާބުގައި އެއްޗެއް ބުނެފާނެއެވެ. ކުރިން ނައުރާ، ދާރިމް ނުވަތަ ނިއަމް އަޔަސް ރައުހާ އެ ކުދިންނާ އެކު ވާހަކަ ދައްކާ ސަކަރާތް ޖަހަން އުޅޭނެއެވެ. ފަހުންފަހުން އައިސް އެ މީހުން އައިއްސިއްޔާ ކޮޓަރިއަށް ވަންނަނީއެވެ. އަމުދުން ނިއަމް އާމެދު ވަކިން ނުރުހޭހެން އަހަންނަށް ހީވެއެވެ.
އެންމެ ފަހުން އަހަރެން ރައުހާއާ ސުވާލު ކުރީ ކުދިންގެ ކަންތަކުގައި ރައުހާ ފަރުވާކުޑަ ކުރާކަން ފާހަގަ ކުރެވުމުންނެވެ. ރާއިދު ގާތުވެސް އެއްވެސް އެއްޗެއް ނުބުނެ އަހަރެން ފުރަތަމަވެސް ރައުހާއާ ވާހަކަ ދައްކަން މަސައްކަތް ކުރީމެވެ.
އެ ދުވަހު އަހަރެން އޮފީހުން އައި އިރު ދެ ކުދިން ކޮޓަރީގައި ތިބީ އެކަންޏެވެ. ޝިނާ އިނީ އަހަރެންގެ އެނދުގައެވެ. ޝިނާ ކައިރީ ޝުޢާ އިނެވެ. ޝިނާ އުރާލައިގެން އަހަރެން ގޮސް ބަލާލި އިރު ރައުހާ އޮތީ ކޮޓަރީގައެވެ.
“ރައު، ކޮއްކޮމެން އެކަނި ބައިތިއްބާފަ ކީއްވެ ކޮޓަރީގަ ތިއޮތީ؟ އެ ކޮޓަރީގަ ޖައްސާނުލީ ކީއްވެ؟ ބަލީތަ؟” އަހަރެން އަހާލީމެވެ.
“ކަމެއް ނުވޭ” ރައުހާ ޖަވާބު ދިނީ އަހަންނާ ދިމާއަށް ބަލާވެސް ނުލައެވެ.
“ރައު، ކަމެއް ވެގެން އުޅެންޏާ ދޮންބެދައްތަ ކައިރީ ބުނީމައެއްނު އެނގޭނީ؟ އެ ގޮތަށް ޝިނާ އެނދުގަ އިންދާ ވެއްޓުނު ނަމަޔޯ؟ އެ ވަރު ވިސްނަން ވާނެއެއްނު؟” އަހަރެން ދެންވެސް ބެލީ ވެގެން އުޅޭ ގޮތެއް ސާފުވޭތޯއެވެ.
“މި ވަގުތު ވާހަކަ ދައްކާކަށް ބޭނުމެއް ނޫން” ދެންވެސް ބަލާނުލާ އޮވެ ރައުހާ ބުންޏެވެ.
ކުރެވޭނެ ކަމެއް ނެތުމުން އަހަރެން ނިކުތީއެވެ. ދުވަހަކުވެސް ރައުހާ އެ ގޮތަށް އަހަންނާ ވާހަކައެއް ނުދައްކައެވެ. ވީ ގޮތަކާމެދު ހިތުގައި ސުވާލު އުފެދުނަސް ޖަވާބެއް ނުލިބެއެވެ. ރައުހާ ހިތްހަމަ ނުޖެހޭ ފަދަ ކަމެއް އަހަރެންނަށް ކުރެވުނީ ހެއްޔެވެ؟ ރައުހާ ދެރަވާ ކަހަލަ އެއްޗެއް ބުނެވުނީ ހެއްޔެވެ؟
އެރޭވެސް ނިއަމް އައެވެ. ނުވައެއް ޖެހިތަނާ ނަވާފް އައިސް އިރުކޮޅަކު މަޑުކޮށްލާފައި، އަހަރެން ގާތުން ހުއްދަ ހޯދައިގެން ނިއަމް ގޮވައިގެން ދިޔައީ ސައިކަލު ދުއްވާލާށެވެ. އެރޭވެސް ނިއަމް އައުމާއެކު ސިޓިންގްރޫމްގައި އިން ރައުހާ ކޮޓަރިއަށް ވަދެ ބާރަށް ދޮރު ލެއްޕި އަޑު އިވުނެވެ.
އެންމެން ކައި ނިމިގެން އެތައް އިރެއް ވީ އިރުވެސް ރައުހާ ކާންވެސް ނުނިކުމެއެވެ. އެކަމާ ކަންބޮޑުވެފައި ހުރެ އަހަރެން ރައުހާއަށް ކާން ގޮވަން ދިޔައީމެވެ. ޓީވީ ބަލަން އިނދެފައި ރާއިދު އެ ވަގުތު ކޮޓަރިއަށް ވަނީއެވެ.
“ރައު، ނުވެސް ކަންތަ؟ އަންނަން ވީނު ކާން؟” އަހަރެން ބުނީމެވެ.
“ރައުހާއާ ދޭތެރޭ މާ ވިސްނާ ކަމަށް ހެދިގެން ކީއްވެތަ ތި އުޅެނީ؟ އޭނަ ކެޔަސް ނުކެޔަސް ދީނާއަށް ކޮން ކަމެއް؟” އެ ވަގުތު ކޮޓަރިއަށް ވަންނަން އައި މަންމަ އަހަރެންގެ ފަހަތުގައި ހުރެފައި ބުންޏެވެ. އެ އަޑުގައި ވި ރުޅިވެރިކަން އަހަންނަށް ސިއްރެއް ނުވެއެވެ.
“ކީކޭ؟” އަހަންނަށް އަހާލެވުނީ ހަގީގަތުގައިވެސް ވާނުވާ ނޭނގިގެންނެވެ.
“އެ ކުއްޖާގެ ހިތް ހަލާކު ކޮށްލާފަ އައިސް މާ ހެޔޮ އެދޭކަން ދައްކަން އުޅޭނެ ކަމެއް ނެތް. ދީނާގެ ވާހަކައަށް ހެއްލިގެން އުޅޭނީ ރާއިދު، އެހެން މީހުން ނޫޅޭ ތަނެއް ދޮރެއް ނޭނގިގެންނެއް” ދެންވެސް މަންމަގެ ވާހަކަ ހުރީ ކުރިއެކޭ އެއްގޮތަށެވެ.
“މަންމަ ކީކޭތަ ތި ކިޔަނީ؟ އަހަރެން ކޮން އިރަކު ރައުހާގެ ހިތް ހަލާކު ކުރީ؟” ހައިރާން ވެގެން އަހަންނަށް އަހާލެވުނެވެ.
“އެއް ކަމެއްވެސް އެނގޭ ކަމަށް ނުހަދާތި!” އަހަރެންގެ އަތުގައި ހިފާ ދުރަށް ކޮއްޕާލާފައި މަންމަ ކޮޓަރިއަށް ވަނެވެ. އަހަންނަށް ބަލާލެވުނު އިރު ރައުހާ ރޮނީއެވެ. އެ މަންޒަރު ފެނި އަހަރެން އެތެރެއަށް ވަދެ ރައުހާ ކައިރީ އިށީނދެ ރައުހާގެ ބޮލުގައި ފިރުމާލީމެވެ.
އެއާއެކު ރައުހާ އަހަރެންގެ އަތް ފޮޅުވާލިއެވެ.
“ރައު…!” އަހަންނަށް ގޮވާލެވުނެވެ.
“ދޮންބެދައްތަ ދޭބަލަ މިތަނުން” ރުޅިވެރިކަމާއެކު ރައުހާ ބުނެލިއެވެ.
އަހަރެން ހައިރާންވިއެވެ. އޭގެ ކުރިން ރައުހާއަކީ ދުވަހަކުވެސް އަހަންނާ އެ ގޮތަށް ވާހަކަ ދެއްކި ކުއްޖެއް ނޫނެވެ. އަހަންނަށް ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ ނޭނގިގެން ވިޔަސް އަހަންނަށް ކަމެއް ކުރެވުނީ ހެއްޔެވެ؟ އާނއެކެވެ. އަހަރެންގެ ފަރާތުން ކޮންމެވެސް ކަމެއް ކުރެވިގެން ނޫނީ ރައުހާ އަހަންނާ މެދު ހިތްހަމަނުޖެހިގެން ނޫޅޭނެއެވެ. އެހެން ނޫން ނަމަ ރައުހާ އަހަރެން ދެކެ ރުޅި އަންނާނީ މިއަދަކު ނޫނެވެ.
އަހަރެން ވިސްނާ ވިސްނާވެސް ރައުހާ އަހަރެން ދެކެ ރުޅި އަންނަން ޖެހުނު ސަބަބެއް ނުވިސްނުނެވެ. އެންމެ ފަހުން ވީ ގޮތެއް ހޯދަން މަސައްކަތް ކުރުން ހުއްޓާލީމެވެ. ރައުހާ ނުބުނާ ނަމަ އަހަންނަށް ކުރެވޭނެ ކަމެއް ނެތެވެ.
ނަމަވެސް ދެން އައި ދުވަސްތަކުގައި އަނެއްކާވެސް މަންމަގެ ޝަކުވާއާ، ރުޅިވެރި ބަސްތައް އަޑުއިވެން ފެށިއެވެ. މަންމަ ރުހޭ ގޮތަކަށް އަހަންނަށް އެއްވެސް ކަމެއް ނުކުރެވެއެވެ. އަހަރެން ކައްކާ ރިހަ އެއް ދުވަހު ލޮނު ގަދަ ވިއްޔާ، އަނެއް ދުވަހު ލޮނު ރަހައެއް ނުލައެވެ. ނޫން ނަމަ ކުޅި ކަމުން ކާން ނުކެރެއެވެ. އެފަދަ ކޮންމެވެސް ޝަކުވާއެއް ނުކުރާ ދުވަހެއް ނުދެއެވެ. އޭގެ އިތުރުން ކޮންމެ ދެ ދުވަހަކުން އެއްދުވަހު ކަހަލަ ގޮތަކަށް އޮފީހުގައި ހުރެފައި އަންނަން ޖެހެއެވެ. ރައުހާ ބަލިވެގެންނެވެ. ނޫން ނަމަ މަންމަ ބަލިވެގެން މަންމަ ގޮވައިގެން ރައުހާ ހޮސްޕިޓަލަށް ދާން ޖެހިގެންނެވެ. ނުވަތަ އެ ފަދަ ކޮންމެވެސް އެހެން ކަމެކެވެ. ހީވީ ރައުހާއާ މަންމައާ ދެ މީހުން ވެގެން އަހަންނަށް އުނދަގޫ ކުރުމަށް ހުވައެއް ކޮށްގެން އުޅޭހެންނެވެ.
ރުޅި ގަދަވެގެން ގޮސް އަހަރެންނަށް ކެތްނުވާ ވަރު ވުމުން ދެ ކުދިން ގޮވައިގެން އަހަރެން ދަނީ މަންމަ ގެއަށެވެ. ކިތަންމެ ރުޅި އަޔަސް އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. ގެއަށް ގޮސް ގޭ މީހަކު ކައިރީވެސް ވެގެން އުޅޭ ގޮތެއް ނުބުނަމެވެ. އެހެން ނަމަވެސް ނައުރާ އައި ދުވަހެއްގައި އޭނަ ސުވާލު ކުރުމުން އެ ދުވަހާ ހަމައަށް ގޭތެރޭގައި ހިނގާދިޔަ ހުރިހާ ވާހަކައެއް ކިޔާދިނީމެވެ.
“އެ ހުރިހާ ކަމެއް ވީ އިރު މިހާ ދުވަސް ވަންދެން އަހަރުމެން އެކަކު ކައިރީވެސް ނުބުނެ ތުއްތަ ތި ހުންނަނީ؟ ތުއްތަބޭވެސް އަޅާނުލާ؟ މަންމަ ދެކެ ކިޔަންމެ ލޯބި ވިޔަސް ރެސްޕެކްޓް ކުރިޔަސް، މަންމައާ ދެކޮޅަށް އެއްޗެއް ބުނަން ޖެހޭ ތަނުގަ އަނގައިން ނުބުނެ ހުރުމަކީ ރަނގަޅު ގޮތެއް ނޫން ދޯ؟ ތުއްތަ ޑިފެންޑް ކުރުމަކީ ތުއްތަބޭ ކުރަން ޖެހޭ ކަމެއް. އަހަރެން ހީ ކުރީ ތުއްތަބޭ ތުއްތަ ދެކެ ވަރަށް ލޯބި ވާ ކަމަށް” ނައުރާއަށް ކަންތައް ވީ ގޮތް ބަލައިގަންނަން ފަސޭހައެއް ނުވިއެވެ.
“އޭނަ ލޯބި ނުވާތީއެއް ނޫނޭ…” އަހަރެން ބުނަން ފަށާފައިވެސް ހުއްޓާލީއެވެ.
“ތުއްތަބޭ މަންމަގެ ނުރުހުމަކުވެސް ނޫން ދޯ ދެ މީހުން މެރީކުރީ؟ ދެން ފެއަރއެއް ނޫނެއްނު ތުއްތަބޭ މަންމަ އެހެން ކަންތައް ކުރާކަށް؟ އެހެން ނޫނަސް ތުއްތަބޭ މަންމަ ތުއްތަ ދެކެ ރުޅި އަންނަންވީ އަސްލު ކޮން ސަބަބަކާ؟ އެއެއް އަހަންނަކަށް ނުވިސްނޭ” ރާއިދުގެ މާޒީގެ ވާހަކަ އަހަރެން ނައުރާއަށް ކިޔާނުދޭތީ އެކަން ވީ ގޮތް ނައުރާއަށް ނޭނގެނީއެވެ.
“އަޅާނުލާ ދެން… އިތުރަށް އެ ވާހަކަތައް ދައްކައިގެން ވާނެ ކަމެއްވެސް ނޯންނާނެ. ނައުރާ ނުބުނައްޗޭ އެކަކު ކައިރީވެސް” އަހަރެން އިތުރަށް އެ ވާހަކަތައް ދައްކާކަށް ބޭނުމެއް ނޫނެވެ.
“އަހަރެން ނުބުނާނަން. އެކަމު ތުއްތަ ވާނެ ތި ކަންތައް މާ މައްޗަށް ނުދަނީސް ތުއްތަބޭ ކައިރީ ބުނަން. ތި ކަމަށް ކޮންމެސް ހައްލެއް އޮންނާނެ” ނައުރާ އަހަރެންގެ އަތުގައި ހިފާލިއެވެ.
އޮފީހަށް ދިޔުން އުނދަގޫ ވާން ފެށުމުން އަހަރެން ޗުއްޓީ ނެގީމެވެ. އެ ނޫނީ ދުވަހަކުވެސް ރާއިދު ގާތު ނުބުނެ އަހަރެން އަމިއްލައަށް އެއްވެސް ނިންމުމެއް ނުނިންމަމެވެ. އައިސްފައި ހުރި ރުޅި ނުހިފެހެއްޓިގެން، ރާއިދުއާ ދިމާއަށް ފުރަތަމަ ފަހަރަށް އެއްޗެއް ބުނެވުނީ އެ ދުވަހުއެވެ.
“މިއަދު ނުދަންތަ؟” ރާއިދު ތައްޔާރުވެ ނިމުނު އިރު އަހަރެން ދާން ނޫޅެ ޝިނާ ގޮވައިގެން އިނުމުން ރާއިދު އެހިއެވެ.
“ޗުއްޓީގަ މިހިރީ” އަހަރެން ބުނީމެވެ.
“ޗުއްޓީގައޭ؟ ކީއްވެ ޗުއްޓީ ނެގީ؟” ހައިރާންވެފައި ރާއިދު އަހާލިއެވެ.
“ގަޑި ޖެހިދާނެ، ރާއިދު އޮފީހަށް ދޭ” އެ ވަގުތު އެ ވާހަކަ ދައްކަން ބޭނުން ނުވާތީ އަހަރެން ބުނީމެވެ. ނަމަވެސް ބުނި ގޮތުންވެސް އަހަރެން ހިތްހަމަނުޖެހިފައި އިން ކަން ރާއިދުއަށް އެނގޭނެއެވެ. އެހެން ނަމަވެސް އިތުރު ސުވާލެއް ނުކޮށް އެ ވަގުތު ރާއިދު ނިކުތީއެވެ.
ދެ ވަނަ ފަހަރަށް ރާއިދު އެ ސުވާލު ކުރީ އެރޭ ނިދަން ވަދެފައެވެ.
“ރާއިދުގެ މަންމައާ ކޮއްކޮއަށް މި ދެކުދިން ބަލަން ބުރައަކަށް ވީމަ އެހެން ގޮތެއް ނެތިގެން ޗުއްޓީ ނަގަން ޖެހުނީ. އަހަންނަށް އޮފީހުގަ މަސައްކަތެއް ނުކުރެވޭ ގުޅައިގެން ގެއަށް އަންނަން ޖެހޭ ވަރުން. ގުޅާ އިރަށް ގެޔަށް ނާދެވޭ ދުވަހެއް ވިއްޔާ ރާއިދުއަށްވެސް އަޑު އިވޭނެ އަހަރެންގެ ފަރުވާކުޑަ ކަމުގެ ވާހަކަޔާ، ދަރިން އުކާލާފަ ވަޒީފާއާއިގެން އުޅެނީޔޭ ކިޔާފަ ކުރާ ޝަކުވާ.
މިހާރު މިގޭ މީހުން ބަލި ނުވާ ހަފްތާއެއް ނުދޭ. ހެނދުނު ރޮށި ފިހެ، މެންދުރަށް ރިހަ ކައްކާފަ އަދި ބަތްވެސް އުދާފަ އަހަރެން މި ދަނީ، ރައުހާއާ މަންމައަށް ލުއިކޮށްދޭން. އެވަރުންވެސް މި ކުދިންގެ ކަންތައް ކޮށްދޭން ޖެހޭތީ ކުރާ ޝަކުވާ ރާއިދުއަކަށް އަޑެއް ނީވޭނެ. އަހަރެން ހިލެއަކު ނޫން ރައުހާ ލައްވާ ކުދިން ބަލަނީއެއް. މި ކުދިން ބަލަން މީހަކު ގެންނަން އުޅުނީމަވެސް ގަބޫލެއް ނުވި. މިހާ ވަރުން ރާއިދުއަށް ހީވޭތަ އަހަންނަށް އޮފީހަށް ދެވޭނެ ހެން؟
ރައުހާއަށް ވެގެން އުޅޭ ގޮތެއް އަހަންނަކަށް ނޭނގެ، ރުޅި އައިސްފަ ހުއްޓަކަސް ނުވާނެ، އަހާއަހާ ބުނީއެއް ނޫން. އަހަންނަށް ކުރެވުނު ކަމެއް ބުނީމަ ރަނގަޅު ކުރަންވެސް މާފަށް އެދެންވެސް އެނގޭނީ. މަންމަވެސް އަހަރެން ފެންނަ އިރަށް ބުނެލާ އެއްޗެހިން ހީވަނީ އަހަރެން ރައުހާއަށް އަނިޔާއެއް ކޮށްގެން އުޅޭހެން، ނޫނީ އޭނަ ދެރަވެ ހިތުގަ ޖެހޭ ކަމެއް އަހަރެން ކުރީހެން. ހިތަށް އަރާ ކީއްވެ ބާއޭ ވެގެން އުޅޭ ގޮތެއް ދިމާލަށް ނުބުނެވިގެން އުޅެނީ.
މީގެން އެއްކަމަކާވެސް ރާއިދު އެއްޗެއް ނުބުނާނެ. އަހަންނާ ދިމާއަށް ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް ހެޔޮ، އަހަރެން އެއްޗެއް ބުނެގެން ނުވާނެ. މި ގޭގަ އަހަރެން ނޫނަސް ރާއިދުގެ މަންމަގެ ދަރިއަކު އިނދެގެން އުޅޭ މީހަކު އެބަ އުޅޭ. ފައިހާއަށް ރަޒާންގެ ކަމެއް ނުވިޔަސް، ގޭތެރޭގެ އެއްކަމެއް ނުކުރިޔަސް އޭނައާ ދިމާއަށް މަންމަގެ އަނގައިން އެއްޗެއް ނުބުނެވޭ. އޮފީހަށް ނުގޮސް ގޭގަ ހުރެގެން އުޅެން ޖެހޭ ގޮތަކީ އެއީތަ؟ ރައުހާ ލައްވާ އެއްވެސް ކަމެއް ނުކުރުވާ ހުންނަނީ އެއީ އަންހެން ދަރިން ގެންގުޅެން ޖެހޭ ގޮތް ވީމަތަ؟ ކޮންމެ ކަމެއް އަހަރެން ކުރިޔަސް އެއީ ގޯސް، ހަމަ އެ ގޮތަށް އެހެން މީހުން ކުރީމަ ރަނގަޅު؟
ތީ އަހަރެންގެ ފިރިމީހާ. އެކަމަކު އަހަންނާ ދެކޮޅަށް މިގޭ އެންމެން އެއްޗެހި ކިޔަސް، ކޮންމެ ކަމެއް ކުރިޔަސް ރާއިދުގެ އަނގައިން އަހަރެންގެ ދިފާއުގަ ބަހެއް ބުނެނުލެވޭ. އަހަރެން ނުބުނަން ރާއިދު މަންމައާ ދެކޮޅަށް އެއްޗެއް ބުނާކަށް ނޫނީ ޒުވާބު ކުރާކަށް، އެ ގޮތެއް އަހަރެންވެސް ބޭނުމެއް ނޫން. އެކަމަކު ރާއިދު ޖެހޭނެ ރާއިދުގެ މަންމައަށް ވިސްނައިދޭން. އަހަރެން ގޯސްކޮށް ކަމެއް ކުރަންޏާ އެކަން ފާހަގަކޮށް އެއްޗެއް ބުންޏަސް އޯކޭ، އެކަމަކު މިގޭގަ އަހަންނަށް ރަނގަޅަށް ނުކުރެވޭ އެއްކަމެއްވެސް.
ކޮންމެ ދެ ދުވަހަކުން އެއްދުވަހު އަހަންނަށް އޮފީހުގަ އިނދެފަ ގެއަށް އާދެވޭނެތަ؟ ހަފްތާއަކު ދެ ދުވަހު ސަލާން ބުނެފަ ގޭގަ ހުރެވޭނެތަ؟ ހުރިހާ ކަމެއް ފަސޭހަ ކޮށްދީފަ އަހަރެން މި ދަނީ. ދެން ރާއިދުގެ މަންމައާ ކޮއްކޮއަށް ރާއިދުގެ ދެ ކުދިން ނުބެލެންވީ ކީއްވެ؟”
ދުވަހަކުވެސް އަހަރެން އެ ގޮތަށް ރާއިދުއާ ވާހަކައެއް ނުދައްކަމެވެ. ނަމަވެސް އެރޭ އަހަރެންގެ ފަރާތުން އެ ފެނުނީ އެތައް ދުވަހެއް ވަންދެން އަހަރެން ހިފަހައްޓައިގެން ހުރި ރުޅިއާ ހިތާމައެވެ. ރާއިދުއާ މެދު އަހަރެންގެ ހިތުގައި ވި ޝަކުވާއެވެ.
“ދީނާ…” ރާއިދު އަހަރެންގެ އަތުގައި ހިފާލަން އުޅުނެވެ. ރުޅިއައިސްފައި އިން ވަރުން އަހަރެން ރާއިދުގެ އަތް ފޮޅުވާލީމެވެ.
“އަހަރެން އެއްޗެއް ނުބުނަނީ އަހަރެންގެ ހިތަށް އެއްޗެއް ނާރާތީއެއް ނޫން. އަހަންނަކީވެސް އިންސާނެއް، އަބަދަކު އެއްޗެއް ނުބުނެ ނުހުރެވޭނެ. ކެތް ނުވާ ހިސާބަށް ދިޔައީމަ ބުނެވޭނެ. އެ ހިސާބަށް ދިޔުމުގެ ކުރިން ރާއިދު ކޮންމެސް ގޮތެއް ހަދާ” އަހަރެން ބުނީމެވެ.
“އިހަށް ރުޅި މަޑުކޮށްބަލަ… ރައުހާ ބަލިވެ އުޅޭތީއޭ މި ދުވަސްކޮޅު އެހެން ވަނީ. އޭނަ ރަނގަޅު ވީމަ ނުވާނެ އެހެންނެއް”
ރާއިދުއަށް އަހަރެން ދެއްކި ވާހަކަ އަޑު ނީވެނީ ހެއްޔެވެ؟ އަހަރެން ބުނި އެއްވެސް އެއްޗެއް ރާއިދުގެ ސިކުނޑިއާ ހަމައަށް ނުފޯރަނީ ހެއްޔެވެ؟ ނޫނީ އަހަރެންގެ އިހުސާސްތައް ރާއިދުއަށް އެއްވެސް އެއްޗަކަށް ނުވަނީ ހެއްޔެވެ؟
“ނިދި އައިއްސި” އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާތީ އަހަރެން އޮށޯތީއެވެ. އަހަރެން ބުނާ އެއްޗެއް އަޑު ނީވޭ މީހެއް ކައިރީ ޝަކުވާ ކުރުމުގެ ބޭނުމެއް ނެތެވެ. ކޮންމެ ގޮތެއް ވިޔަސް ރާއިދު ހުންނާނީ ރާއިދުގެ އާއިލާއާ އެއްކޮޅަށެވެ. އެ މީހުންނާ ދެކޮޅަށް ރާއިދުއަށް އެއްޗެއް ނުބުނެވޭނެއެވެ. އެކަން އެރޭ އަހަންނަށް ޔަގީންވިއެވެ.
އަހަރެން ނެގި ދެ ހަފްތާގެ ޗުއްޓީ ނިމުނު އިރުވެސް ދިމާ ވެގެން އުޅެ މައްސަލައަކަށް ހައްލެއް ނުހޯދުނެވެ. މަންމައާ ވާހަކަ ދައްކަން ރާއިދު މަސައްކަތް ކުރިއެވެ. ރައުހާ ކިޔަވަން ކޮލެޖަށް ދާން ބޭނުން ވާހަކަ ދެއްކީ އެ ދުވަހުއެވެ. އެހެން ކަމުން ރައުހާއަށް ދެން ޝުޢާއާ ޝިނާ ބަލަން ގޭގައި ނުހުރެވޭނެ ކަން އަހަރެން ގަބޫލު ކުރަމެވެ. މަންމަ ގާތު ރާއިދު އެދުމުން މަންމަ ދެކޮޅު ހެދީ މަންމައަކީ ބަލި މީހެއް ކަމުގައި ބުނަމުންނެވެ. އެކަމާވެސް އަހަރެން އިންކާރެއް ނުކުރަމެވެ. މަންމައަކީވެސް އިންސާނެކެވެ. އަމިއްލަ ދަރިން ބޮޑެތިކޮށް، އޭގެ ފަހުން އެ ދަރިންނަށް ލިބޭ ދަރިން ބެލުމަކީ އެ މަންމަގެ ޒިންމާއެއް ނޫނެވެ.
އަނެއްކާވެސް އަހަރެން ދެއްކީ ކުދިން ބަލަން މީހަކު ގެންނަ ވާހަކައެވެ. އެ ފަހަރުވެސް މަންމަ ދެކޮޅު ހެދީއެވެ.
“ކުދިން ބަލަން އެންމެ ރަނގަޅު ވާނީ ކުދިންގެ މަންމަ. ރާއިދު މަންމަ ބުނާ ގޮތް ހަދާބަލަ. ދީނާ ކީއްކުރަން އެ ކުދިން ދޫކޮށްލާފަ ވަޒީފާއަށް ދަނީ؟ ރާއިދުއަކީ އަންހެނުންނާ ދަރިންގެ ޚަރަދު ނުކުރެވޭ ވަރުގެ މީހެއް ނޫން. ދީނާ ކައިރީ ބުނޭ އޮފީހުން ކެނޑިގެން ގޭގަ ހުންނާށޭ” މަންމަގެ ޖަވާބަކީ އެއެވެ.
އަހަރެން އެހީއަށް އެދުނީ އަހަރެންގެ މަންމަ ކައިރިންނެވެ. މީހަކު ގެނެސް އަހަރުމެން ގޭގައި ބެހެއްޓުމުގެ ހުއްދައަށް އެދުމުން މަންމަ އެ ހުއްދަ އަހަންނަށް ދިނެވެ. އަހަރެން އޮފީހަށް ދަމުން ދެ ކުދިން ގެއަށް ލާފައި ދާ ގޮތަށް ނިންމާފައި އެ ވާހަކަ ފުރަތަމަ ހިއްސާ ކުރީ އަހަރެންގެ ގޭ މީހުންނާއެވެ. މަންމައާ ތިން ކޮއްކޮވެސް އެ ގޮތާ ރުހުނެވެ. ގެއަށް މީހަކު ގެނެވިއްޖެ ނަމަ، ނިއަމް ދިޔުމުން މަންމައަށްވެސް ފަސޭހަ ވާނެތީ އެ ޚިޔާލު އެ މީހުންނަށް ވަރަށް ކަމުދިޔައެވެ. އެ މީހުންގެ އެއްބާރުލުމާއެކު މީހަކު ގެނައުމުގެ ކަންތައް އަހަރެން ދާރިމްއާ ހަވާލު ކުރީމެވެ.
ބޭރު މީހާ ގެނެވެން ދެން ގެއަށް ކުދިން ގެނައުމަށް އެދުނީ ނިއަމްއެވެ. އޭނަ ކިޔަވާ ނިމި، ހުހަށް ދުވަސްކޮޅެއް އޮތުމުން ޝުޢާއާ ޝިނާގެ ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ބުނުމުން އަހަރެން ދެކޮޅެއް ނުހަދަމެވެ.
އެރޭ ގެއަށް ގޮސް ކުދިން މަންމަ ގެއަށް ގެންދާ ވާހަކަ ބުނުމުން ރާއިދު ދެކޮޅެއް ނުހެދިއެވެ. މީހަކު ގެންނަ ވާހަކަ އަހަރެން ބުނީ އޭގެ ފަހުންނެވެ.
“މަންމައަށް އޯކޭ؟” ރާއިދު އެހިއެވެ.
“އާނ، މަންމަވެސް، ނިއަމްއާ ދާރިމްވެސް އޯކޭ. މަންމައަށްވެސް ފަސޭހަ ވާނެއެއްނު މީހަކު ހުރީމަ” އަހަރެން ބުނީ ކުރިންވެސް އަހަރެން ބުނި ވާހަކައެވެ. މި ގެއަށް މީހަކު ގެނައި ނަމަ ރާއިދުގެ މަންމައަށްވެސް ފަސޭހަ ވީހެވެ.
“އެހެން ވިއްޔާ އަހަންނަށް އޯކޭ” ރާއިދު ދެކޮޅެއް ނުހެދިއެވެ.
ޗުއްޓީ ހަމަވެގެން އަހަރެން އޮފީހަށް ނިކުންނަން ފެށީމެވެ. ހެނދުނު ސައި ހަދާފައި ތައްޔާރު ވެގެން ކުދިން ގޮވައިގެން އަހަރެން ދިޔައީއެވެ. އޮފީހަށް ދަމުން މެންދުރު ކާން މަންމަ ގެއަށް ދާން ރައިދު ގާތު އެދުނީމެވެ. ސުވާލެއް ނުކޮށް ރާއިދު އެއްބަސް ވިއެވެ.
މަންމަ ގެއަށް ކުދިން ގެންދަން ފެށި ފަހުން އަހަރެން ގޭގައި މެންދުރަކަށް ނުކައްކަމެވެ. އެ ވާހަކަ ރާއިދުއަކާ ނުދައްކަމެވެ. އޮފީސް ނިންމާފައި ގެއަށް ދަނީ ހަވީރު ޝުޢާ ސްކޫލަށް ލާފައެވެ. ފުރަތަމަ ދުވަހު ގޭގައި ހުރީ ނުކައްކައެވެ. އެރެއަށް ކެއްކީ އަހަރެންނެވެ. ނަމަވެސް ދެވަނަ ދުވަހު ހުރީ ކައްކާފައެވެ. އެހެން ވިޔަސް ކައްކާފައި ހުންނަ އެއްޗެއްގެ އިތުރުން ކޮންމެވެސް އެއްޗެއް އަހަރެން ހަދާލަމެވެ. އެއީ ހެނދުނަށް ލުއި ކޮށްލުމަށެވެ. ކޮންމެ ދުވަހަކު ހެނދުނު ރޮށި ފިހަނީ އަހަރެންނެވެ.
އެ ހަފްތާ ނިމުނީ އެ ގޮތުގައެވެ. ހުކުރު ދުވަހު މެންދުރަށް ކެއްކީ އަހަރެންނެވެ. މަންމަގެ ޝަކުވާ ފެށުނީ އެ ހިސާބުންނެވެ. އެގާރަ ޖަހަން އުޅެނިކޮށް ކައްކާ ނިންމާފައި އަހަރެން ކޮޓަރިއަށް ވަންނަން ދިޔަ އިރު މަންމައާ ރަޒާން ސިޓިންގްރޫމްގައި ތިއްބެވެ.
“ހުކުރު ދުވަހު އެކަނިތަ ދީނާ ރާއިދުއަށް ކާންދޭން ޖެހެނީ؟” އަހަންނަށް ކޮޓަރިއާ ހަމައަށް ނުދެވެނީސް މަންމަގެ ސުވާލު ކުރިމަތިވިއެވެ.
“ކޮން ދުވަހަކު ރާއިދު ނުކައި ހުރީ؟” އަހަރެންވެސް ކޮށްލީ ސުވާލެކެވެ.
“މި ހަފްތާގަ އެއްދުވަހުވެސް ދީނާ ގެއަކަށް ނާދޭ” މަންމަ ހީވީ އަހަރެން ރާއިދުއަށް ކާން ދޭން ގެއަށް ނާދެޔޭ ބުނަން އުޅޭހެންނެވެ.
“އަހަރެން ނަޔަސް ރާއިދު ހުރީ ކައިގެން” އަހަރެން ބުނީމެވެ.
“ކޮން ތާކުން؟” މަންމަ އެހިއެވެ.
“މަންމަ ކައިރީ ރާއިދު އެއްޗެއް ބުނީތަ؟” އަހަރެން މަންމައާ ދިމާއަށް ބަލާލަމުން އަހާލީމެވެ.
“އޭނަ ނުބުނިއްޔާ ނުފެންނާނެތަ؟” މަންމަ ހީވީ ޒުވާބެއް ކުރަން ބޭނުން ވެގެން އުޅުނުހެންނެވެ.
އަހަރެން ފުން ނޭވާއެއް ލާ، މީހާ ހަމަޖެހޭތޯ ބެލީ މަންމައާ ޒުވާބު ކުރަން ބޭނުން ނުވާތީއެވެ.
“ރާއިދު މެންދުރު ކަނީ އަހަރުމެން ގެއިން. ކުދިން ގޭގަ ތިބޭތީ މެންދުރު އަހަރެން ދަނީ ގެއަށް، އެހެން ވެ ރާއިދު ކައިރީ ބުނީ ގެއަށް ދާން” އަހަރެން ވާހަކަ ދެއްކީ މަޑުންނެވެ.
ޝިނާ އުރާލައިގެން ރާއިދު އެ ވަގުތު ކޮޓަރިން ނިކުތެވެ.
“ދެން ދުވަސްކޮޅަކުން ރާއިދުވެސް ގެންދާނީތަ؟ ކުދިންވެސް ގެންދިޔައީމަ މި އަހާލީ” މަންމަ އަހާލީ ކިތަންމެ ރީތިކޮށް ނަމަވެސް އެ ސުވާލުގެ ފަހަތުގައި ވި ހިތްހަމަނުޖެހުން އަހަންނަށް ސިއްރެއް ނުވެއެވެ.
“ދީނާ އޮފީސް ގަޑީގަ އެ ކުދިން ނިއަމް ކައިރީ ބައިތިއްބާތީ އެ ގެއަށް ގެންދަނީ. މަންމަ ބަލިވީމަ ދެން އެހެން ގޮތެއް ނޯންނާނެއެއްނު؟” މަންމައަށް ޖަވާބު ދިނީ ރާއިދުއެވެ.
އެއީ އެ ކުދިން ގެންދަން ފެށި ފަހުން މަންމަ އެ ވަހަކަ ދެއްކި ފުރަތަމަ ފަހަރެވެ. ދުވާލު ގޭތެރެއިން ކުދިން ނުފެންނާތީ އެ ކުދިން މަތިން މަންމަ ހަނދާން ވަނީއޭ އަހަރެންގެ ހިތަށް އެރިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.








When Is next part 💕
Sunday. Thank u for reading ❤️
WOW mi part vex hama v ryythi keep it up!!! 👏
V surprising koh story mi dhanee dhw 🙀
Love the storyy ❤️
Thank u Zee ❤️
Niam and rauhaa kameh hen haadha heeveyey