ޔާރާ އަހާށޭ 6
“އަހަރެން ކުރާ މަސައްކަތް ރާއިދުގެ މަންމައަށް ނުފެންނަހެން ރާއިދުގެ މަންމަ ކަންތައް ކުރާ ގޮތެއްވެސް ރާއިދުއަކަށް ނުފެނޭ. ރާއިދުގެ މަންމަ ވީމަ ރާއިދުއަށް އަޅާނުލާ ހުރެވުނަސް އަހަންނަށް ކެތް ނުވީމަ ބުނެވޭނެ. ރާއިދުގެ މަންމަ އަހަރެން ދެކެ އެހާ ރުޅި އަންނަ އިރު އަހަރެން ވަރިކޮށްފަ މަންމަ ރުހޭ މީހާ މިގެއަށް ގެންނަން ވީނު؟” އައިސްފައި ހުރި ރުޅީގައި، ރާއިދުއާ ދިމާއަށް އެނބުރެމުން ވިސްނާލުމެއް ނެތި އަހަރެން ބުނީ އެ ވަގުތު އަހަރެންގެ ހިތަށް އެރި ބަސްތަކެވެ.
ފަހު ޖުމްލަ އަހަރެންގެ އަނގައިން ބޭރުވުމާއެކު، ކުރިއަށް ފިޔަވަޅެއް އަޅާލަމުން ރާއިދު އަހަރެންގެ ކޯމަތީ ޖެހިއެވެ. ދިލަނަގައިގެން ދިޔަ ހިސާބުގައި އަތް އަޅާލަމުން އަހަންނަށް ގަބޫލު ނުކުރެވިފައި ރާއިދުއާ ދިމާއަށް ބަލާލެވުނެވެ.
“ރާއިދު!” މަންމަ އެ ވަގުތު ރާއިދުގެ އަތުގައި ހިފާ ދަމައިގަތެވެ.
“މަންމަ ބޭނުންވާ ގޮތަށް ވެއްޖެތަ މިހާރު؟” ދެންވެސް އަހަރެންގެ ރުޅި މަޑެއް ނުވިއެވެ. ރޮވިފައި ހުރެވެސް ބުނެވުނީ ބާރަށެވެ. އެހެން އެވީ ރާއިދުގެ މަންމަގެ ސަބަބުންނެވެ.
ދެވަނަ ފަހަރަށް ރާއިދު އަހަރެން ގައިގައި ޖަހަން އަތް އުފުލާލިއެވެ. ނަމަވެސް އެ ވަގުތު އަހަންނާ ރާއިދުގެ މެދަށް ވަނީ ރަޒާންއެވެ.
“ދޮންބޭ… ރުޅިއަޔަސް އަނިޔާ ކުރާކަށް ނުޖެހޭ!” ރާއިދުގެ އަތުގައި ހިފަހައްޓައިގެން ހުރި ރަޒާންގެ އަޑުވެސް ބާރެވެ.
އެއްޗެއް ނުބުނެ ރަޒާންގެ އަތް ފޮޅުވާލި ގޮތަށް ރާއިދު ނިކުތީ ބޭރަށެވެ. އިތުރަށް އެތާ މަޑުނުކޮށް ޝިނާ އުރާލައިގެން ޝުޢާގެ އަތުގައި ހިފައިގެން އަހަރެން ވަނީ ކޮޓަރިއަށެވެ. ދެ ކުދިން ފެންވަރުވާފައި ކުދިންނަށް ކާން ދިނީވެސް ކޮޓަރީގައި އިނދެއެވެ. އަށެއް ޖަހަން ވީ އިރަށް ދެ ކުދިން ނިންދަވާފައި ފެންވަރާލަން ފާހާނާއަށް ވަނީމެވެ. އަހަންނަށް ރޮވުނީ ދެނެވެ.
އަހަންނާ ރާއިދުއަށް އެކުގައި ދެން ގިނަ ދުވަހު އުޅެވިދާނެ ބާއޭ ފުރަތަމަ ފަހަރަށް އެރޭ އަހަރެންގެ ހިތަށް އެރިއެވެ. އެ ޚިޔާލާއެކުވެސް އަހަރެންގެ ހިތުގައި ރިއްސާލިއެވެ. ނުބައި ހުވަފެނެއް ހެން އެ ޚިޔާލު އަހަރެންގެ ހިތަށް އުނދަގޫ ކުރަމުން ދިޔައެވެ. ނުރޯން ހިތްވަރު ކުރި ނަމަވެސް ލޮލުން ކަރުނަ އައުމެއް ނުހުއްޓުނެވެ. އެނދަށް އަރާ އޮށޯވެގެން އޮވެ އެގާރަ ޖަހާ ބޮޑު ވީ އިރުވެސް ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. އޭރުވެސް ރާއިދު ގެއަކަށް ނާދެއެވެ.
އެގާރަ ގަޑި ބައި ވީތަނާ ރާއިދު ކޮޓަރިއަށް ވަނެވެ. އަހަރެން ވެފައި ހުރި ދެރައިގެ މައްޗަށް އެވަގުތު ކުރި ހޯދީ ރުޅިއެވެ. މިއަދު ރާއިދުގެ ފަރާތުން އެ ފެނުނީ ދުވަހަކުވެސް ފެންނާނެ ކަމަށް ހީކުރި ކަމެއް ނޫނެވެ. ރާއިދުއަކީ ރުޅި ގަދަ މީހެއްވެސް ނޫނެވެ. އެހެން ނަމަވެސް މަންމައާ އަހަރެންގެ މެދުގައި ހިނގާ ކޮންމެ ހަމަނުޖެހުމަކަށް ފަހު އަހަންނަށް މި ފެންނަނީ ރާއިދުގެ އެ ސިފައެވެ. މަންމަގެ ކިބައިގައި އެ ހުރި ކަންތައް ރާއިދުއަށް ހަމަ ނުފެންނަނީ ހެއްޔެވެ؟ ލިބޭ ކޮންމެ ފުރުސަތެއްގައި އަހަރެންގެ ކުށެއް ނެތިސް ކުށް ދައްކަން އުޅޭނަމަ އަހަންނަށްވެސް ކޮންމެ ފަހަރަކު މަޑުންނެއް ނުހުރެވޭނެއެވެ. އެއީ އަހަރެން ނޫން އެހެން މީހަކު ނަމަވެސް ވާނީ އެހެންނެވެ. އެކަން ރާއިދުއަށް ނުވިސްނެނީ ހެއްޔެވެ؟
ފާހާނާއަށް ވަދެފައި ނިކުމެ ލައިގެން ހުރި އެއްޗެހި ބާލާފައި ނިދަން ލާ ހަރުވާޅާއެކު ޓީޝާޓެއް ލައިގެން ރާއިދު އެނދު ކައިރިއަށް އައެވެ. އަހަރެން ހީކުރީ އޮށޯންނަން އުޅުނީ ކަމަށެވެ. ނަމަވެސް އެނދުން ބާލީހެއް ހިފައިގެން ރާއިދު ކޮޓަރިން ނިކުތީއެވެ. އައިސްފައި ހުރި ރުޅީގައި ރާއިދު ކޮޓަރީގައި ނިދަންވެސް ބޭނުން ނުވީ ހެއްޔެވެ؟
ހިތުގައި އޮތް ރުޅިގަނޑު ފިލާ، އަނެއްކާވެސް އަހަންނަށް ރޮވުނީއެވެ. އެހެން އޮވެ އެރޭ ނިދުނީ ތިނެއްވެސް ޖެހި ފަހުންނެވެ. އަނެއް ދުވަހު ހޭލައިގެން އާދައިގެ މަތިން އަހަރެން ދުވަސް ފެށީމެވެ. އަހަރެން ފާހާނާއިން ނިކުތް އިރު ރާއިދު ހުރީ ޝިނާ އުރާލައިގެންނެވެ. ނަމާދު ކޮށްގެން ނިކުމެ ޝިނާއަށް ބުއްފުޅިއެއް ދީފައި ސައި ހަދާފައި މެންދުރަށް ރިހަ ކައްކާފައި އައި އިރު ޝުޢާވެސް ހޭލައިފިއެވެ. އޭރު ރާއިދު ޝިނާ ރީތިކޮށްފިއެވެ. އަހަރެން ޝުޢާ ރީތިކޮށްގެން ނިކުމެ ދެ ކުދިންނަށް ސައި ދީފައި ރާއިދުއަށް ސައި ހެދި އިރު، އޭނަ ސައިބޯނެ ބާއޭ ހިތަށް އެރިއެވެ. ދެން އަހަރެން ވަނީ ފެންވަރާށެވެ. އަހަރެން ތައްޔާރުވެގެން ނިކުތް އިރު ދެ ކުދިން ގޮވައިގެން ރައުހާ ސިޓިންގްރޫމްގައި އިނެވެ. ބަދިގެއަށް ވަދެ ބަލާލި އިރު ސައި ހެދި ގޮތަށް ހުއްޓެވެ. އަހަންނަށް ހީވި ގޮތަށް ރާއިދު ސައެއް ނުބުޔެވެ. އަޅާނުލާ އަހަރެން ތަންކޮޅެއް ކުރިން ގެއިން ނިކުތީ އެ ދުވަހު ރާއިދުއާ އެކީ ނުދާން ވެގެންނެވެ. އަހަރެން ނިކުތް އިރު ރަޒާންވެސް ނިކުމެ ސައިކަލަށް އެރީއެވެ.
“ދޮންބެދައްތާ، އާދޭ އަހަރެން ގެންގޮސްދޭނަން” އަހަރެން ހިނގައިގަތް ތަނާ ރަޒާން އައިސް އެއްވަރު ކޮށްފައި ބުނުމުން އަހަރެން ދިޔައީ އޭނައާ އެކީއެވެ.
“އަދިވެސް ރުޅިއައިސްފަތަ ދޮންބެ ހުރީ؟” ރަޒާން އަހާލިއެވެ.
“ނޭނގެ…” އެ ވާހަކަ ދައްކަން ބޭނުން ނުވާތީ އަހަރެން ބުނީމެވެ.
އަހަރެން ބުނި ގޮތުން ރަޒާން އިތުރު ސުވާލެއް ނުކުރެއެވެ.
“ބަލާ އަންނަން ވީތަ؟” އޮފީސް ކައިރިއަށް މަޑުކޮށްފައި ރަޒާން އެހިއެވެ.
“ނޫން، އޯކޭ ވާނެ” އަހަރެންގެ ފަރާތުން ރަޒާންއަށް އުނދަގުލެއް ވާން ނޭދޭތީ އަހަރެން ދެކޮޅު ހެދީމެވެ. ނަމަވެސް ރަޒާން ހުރީ އަހަންނާ މެދު ފިކުރުބޮޑުވެފައެވެ. ރާއިދު ކަންތައް ކުރި ގޮތުން ހިތްހަމަ ނުޖެހިފައެވެ. ރާއިދުއަކީ ބޭބެ ނަމަވެސް ރަޒާން ހުރީ އަހަންނާ އެއްކޮޅަށެވެ.
“އަންނާނަން ބްރޭކް ގަޑީގަ، ދޮންބެދައްތަ މަޑުކޮށްލާތި” އެހެން ބުނެފައި ރަޒާން ދިޔައެވެ.
ޖެހިގެން އައި ތިން ދުވަހުވެސް އަހަރެން އޮފީހަށް ގެންގޮސް ގެނެސްދިނީ ރަޒާންއެވެ. އެ ތިން ދުވަހުވެސް ރާއިދު އަހަންނާ ވާހަކައެއް ނުދައްކައެވެ. ނިދަނީ ސިޓިންގްރޫމް ސޯފާގައެވެ. އަހަރެންވެސް ރާއިދުއާ ވާހަކަ ނުދައްކާ ހުރީއެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު ރާއިދުއަށް ސައި ހަދަމެވެ. ނަމަވެސް އެއް ދުވަހުވެސް ރާއިދު ސައެއް ނުބޮއެވެ. މެންދުރު އަހަރެން އައިސް ކާން ހަދާކަށް ނޫޅެމެވެ. ރާއިދު ގެއަށް އާދެއެވެ. މަންމަ ކާން ގޮވުމުން މެންދުރާ ރޭގަނޑުވެސް ރާއިދު ކައެވެ.
މަންމަ ހުންނަނީ އަހަރެން ފެންނަ އިރަށް ރުޅިމޫނު ދައްކައިގެންނެވެ. ރާއިދު ކަންތައް ކުރި ގޮތާ މެދު މަންމަ ނުރުހޭ ކަން ދޭހަވާ އެއްވެސް ކަމެއް މަންމަގެ ފަރާތަކުން ނުފެނެއެވެ.
ހަތަރު ވަނަ ރޭވެސް ރާއިދު ނިދަން ތައްޔާރުވެގެން ނިކުންނަން އުޅުނެވެ. އޭރު އަހަރެން އިނީ ރީތިވާ މޭޒުކައިރީގައެވެ.
“އަހަރެން ދެކެ ކިތަންމެ ރުޅި އަޔަސް މީ ރާއިދުގެ ގެ، ރާއިދުގެ ކޮޓަރި، ރާއިދު ނުޖެހޭނެ ބޭރުގަ ނިދާކަށް” ބާލީސް ނަގަން ރާއިދު އެނދާ ކައިރި ވީ އިރަށް އަހަރެން ބުނީމެވެ.
އަހަންނާ ދިމާއަށް ބަލާލާފައި، ލައިގެން ހުރި ޓީޝާޓު ބާލާފައި ރާއިދު އެނދުގައި އޮށޯތެވެ. ނިދާ އެއްޗެހި ލައިގެން އައިސް އަހަރެން އަލަމާރިން ރަޖައެއް ނަގާ މުށިތައްމަތީ އަޅާފައި އެނދުން ބާލީހެއް ނަގައިގެން އައިސް އޮށޯތީ ރާއިދު ކައިރީ އޮންނަން ބޭނުން ނުވާތީއެވެ. ރާއިދު އަހަންނާ ދިމާއަށް ބަލާލިއެވެ. ނަމަވެސް އެއްޗެއް ނުބުނެއެވެ. އަނެއް ފަރާތަށް އެނބުރި އަހަރެން ލޯމަރާލީ ނިދޭތޯއެވެ.
ނަމަވެސް އަހަންނަށް އެރޭ ނިދަން އުނދަގޫވިއެވެ. ރަޖާއަޅައިގެން އޮތަސް މުށިތައް މަތީ އޮވެ ރަނގަޅަކަށް ނުނިދެއެވެ. އިރުއިރުކޮޅާ ހޭލެވެއެވެ. ތިނެއް ޖެހިތަނާ ޝިނާ ހޭލުމުން އޭނައަށް ގާތުން ދޭން އަހަރެން އޮށޯތީ ޝުޢާގެ އެނދުގައެވެ. އަހަންނަށް ނިދުނީ އެހެން އޮއްވައެވެ.
އެރޭ ފަތިހު އަހަންނަށް ވުރެ ކުރިން ހޭލީ ރާއިދުއެވެ. އެހެން ދުވަސްތަކެކޭ އެއްގޮތަށް ހުރިހާ ކަމެއް ކޮށްފައި އަހަރެން އޮފީހަށް ދާން ތައްޔާރުވީމެވެ.
“އަހަރެން މަޑުކޮށްލާނަން، ދީނާ ނިކުމޭ” ކޮޓަރިން ނިކުންނަމުން ރާއިދު ބުންޏެވެ. ރާއިދު ބުންޏަސް އަހަރެން ރާއިދުއާ އެކީ ދާކަށް އަދި ބޭނުމެއް ނޫނެވެ. އަހަރެން ބޭރަށް ނިކުތް އިރު ދޮރުމަތީ ރަޒާން އިނެވެ. މަގުގެ އަނެއް ފަރާތުގައި އިން ރާއިދުއަށް ބަލާވެސް ނުލާ ރަޒާންގެ ފަހަތަށް އަހަރެން އެރީމެވެ.
އެ ދުވަހުވެސް އަހަރެން ގެއަށް އައީ ރަޒާންއާ އެކީގައެވެ. ހަވީރު ރާއިދު ގެއަށް އައި އިރު ކުރިއަށްވުރެ ރުޅިގަދަވެފައި ހުރިހެން ހީވިއެވެ. ކޮޓަރިއަށް ވަދެ ދޮރުލެއްޕީ އެހާ ބާރަށެވެ. ލައިގެން ހުރި އެއްޗެހި ބާލާފައި އެއްލާލީ ރީތިވާ މޭޒުގެ ގޮނޑިމައްޗަށެވެ. އެއީ އެހެންނާ ރާއިދު ކަންތައް ކުރާ ގޮތެއް ނޫނެވެ. އެ ދުވަހު ހެނދުނު ރާއިދު ބުނުމުންވެސް އަހަރެން އޭނައާ އެކީ ނުދިޔުމުން އިތުރަށް ރުޅިއައީ ކަންނޭނގެއެވެ. އަހަރެން އަޅާވެސް ނުލަމެވެ.
އެރޭ އަހަރެން ހީކުރީ ރާއިދު އަނެއްކާވެސް ނިދާނީ ބޭރުގައި ކަމަށެވެ. ނަމަވެސް އަހަންނަށް ވުރެ ކުރިން ރާއިދު އެނދަށް އަރާ އޮށޯތެވެ. ކުރީރޭ ހެން އަހަރެން ރަޖާ އަޅާފައި މުށިތައް މަތީ އޮށޯތީމެވެ. އެރޭވެސް ނިދާކަށް ފަސޭހައެއް ނުވިއެވެ. ފަށްފަށް ޖަހައިގެން ރަޖާމަތީ އޮތަސް އެއީ ގޮދަޑިއަކަށް ނުވާނެއެވެ. ނުނިދިގެން އުޅެނީ އަހަރެންގެ ތަންމަތި ހަރުކަމުން ކަން އެނގެއެވެ. އެހެން ވިޔަސް އެނދުގައި އޮންނަން ބޭނުން ނުވާތީ އޮތީއެވެ.
އެރޭވެސް ތިނެއް ޖެހިތަނާ ޝިނާ ހޭލުމުން އަހަރެން ތެދުވީމެވެ. ނަމަވެސް އެރޭ ޝިނާއަށް ނިދުމުން ބޭއްވީ އޭނަގެ އެނދުގައެވެ. އަހަރެން އަނެއްކާވެސް ރަޖާމަތީ އޮށޯތީއެވެ. ކުރިއެކޭ އެއްގޮތަށް ނިދޭތޯ ލޯމަރާލީމެވެ. އިރުކޮޅެއް ނުވަނީސް އަހަރެން ސިހިގެން ދިޔައީ ރާއިދު އައިސް އޭނަގެ ދެއަތް މައްޗަށް އަހަރެން ނެގުމުންނެވެ.
“ރާއިދު!” ތެޅިގަންނަމުން އަހަންނަށް ގޮވާލެވުނެވެ.
އެއްޗެއް ނުބުނެ ރާއިދު އެނދުގައި އަހަރެން ބޭއްވިއެވެ. އަދި މަގަތުން އޮށޯވެ އަހަންނާ ދުރަށް ރާއިދު އެނބުރުނެވެ.
އަހަރެން އުޅުނީ އެނދުން ފައިބާށެވެ.
“ދީނާ ފޭބިޔަނުދީ އަހަންނަށް ހިފެހެއްޓިދާނެ” އޮތްގޮތަށް އޮވެ ރާއިދު ބުނެލިއެވެ. ހީވީ އަހަރެން ކަންތައް ކުރާނެ ގޮތް އޭނައަށް ކުރިންވެސް އެނގޭ ހެންނެވެ.
ވަގުތުން އަހަރެން މަޑުކޮށްލީއެވެ. އިރުކޮޅަކު އެހެން އިނދެފައި އޮށޯވެ ލޯމަރާލީމެވެ.
“ދީނާ…” އިރުކޮޅަކު އެހެން އޮއްވާ ރާއިދު ގޮވާލިއެވެ.
އަހަރެން ޖަވާބެއް ނުދެމެވެ. އެހެން ނަމަވެސް އަހަރެން އޮތީ ހޭލާކަން ރާއިދުއަށް އެނގެއެވެ.
“އެނގޭ ހޭލާކަން ތިއޮތީ…” ރާއިދު އަހަންނާ ދިމާއަށް އެނބުރުނެވެ.
ދެންވެސް އަހަރެން އެއްޗެއް ނުބުނަމެވެ.
“އަހަންނަށް އެނގޭ އަހަރެން ކަން ގޯސް ހެދީ. އެއްވެސް ހާލަތެއްގަ އަހަރެން ދީނާއަށް އަނިޔާ ކޮށްގެން ނުވާނެ. އަހަރެން ގަބޫލު ކުރަން އެކަން. އަހަންނަށް އެހާ ރުޅި އާދެވުނީ ދީނާ ވަރީގެ ވާހަކަ ބުނީމަ… އަހަރެންގެ ލައިފްއަށް ދީނާ ނޫން މީހަކު ގެނެވޭނީ އަހަންނަށް ފުރަތަމަ ދީނާ ދޫކޮށްލެވިގެނެއްނު؟ އެކަމެއް އަހަންނަކަށް ނުވާނެ…” ރާއިދު އެ ވަރަށް ބުނެފައި އަހަރެންގެ ކޮނޑުގައި އަތް ޖައްސާލިއެވެ. އަހަރެން އަޅާނުލާ އޮތީ ރާއިދުގެ ވާހަކައަށް ޖަވާބެއް ދޭން ބޭނުން ނުވާތީއެވެ. އަހަރެން ހޭލާ އޮތްކަން ރާއިދުއަށް އެނގުނަސް ވާހަކަ ދައްކަން ބޭނުން ނުވާކަން އަންގާށެވެ.
“ދީނާ… އައިމް ސޮރީ!” އަހަރެންގެ ކޮނޑުގައި ހިފާ އޭނައާ ދިމާއަށް އަނބުރާލަން ރާއިދު އުޅުނެވެ.
އަހަރެން ރާއިދުގެ އަތް ފޮޅުވާލީމެވެ.
“ދީނާ… އެނބުރިބަލަ މިކޮޅަށް” ރާއިދު މި ފަހަރު އަހަރެން ގަޔަކު އަތެއް ނުލައެވެ.
ދެންވެސް އަހަރެން އޮތް ގޮތަށް އޮތީއެވެ. ރާއިދު ކަންތައް ކުރި ގޮތް އެ ވަގުތު ހިތުތެރޭ އެނބުރެން ފެށިއެވެ. ރޮވެން ފެށުމުން ބާލީހުގައި މޫނު ފޮރުވާލަން އުޅުނީމެވެ. އެހެން ނަމަވެސް ރާއިދުއަށް ސިއްރެއް ނުކުރެވުނެވެ.
އަހަންނާ ކައިރިއަށް ޖެހިލާ، ގަދަކަމުން ކަހަލަ ގޮތަކަށް ރާއިދު އަހަރެން ގައިގައި ބައްދާލިއެވެ. ރޮމުންވެސް އަހަރެން ރާއިދުއާ ދުރަށް ދާން ގަދަހަދަން ފެށީމެވެ. އެހެން ނަމަވެސް ރާއިދު ދުލެއް ނުކުރިއެވެ.
“ދީނާ… ނުރޮއެބަލަ، ޕްލީޒް… އައިމް ސޮރީ… އައިމް ސޮރީ…” ރާއިދު އަހަރެންގެ ބޮލުގައި ފިރުމަމުން ދިޔައެވެ.
“އަހަރެން ކުރިއަކު ނުބުނަމެއްނު އެއްޗެއް؟ އެކަމަކު އަހަންނަށްވެސް ކެތްވާނީ ވަކި ވަރަކަށް. ރާއިދުއަށްވެސް އަޑު އިވުނެއްނު؟ އަހަރެން ބުނީ ދޮގެއް ނޫން ކަން އެންމެންނަށް އެނގޭނެ. އެއްޗެއް ނުބުނަނީ ރާއިދު ނުބުނާށޭ ބުނާތީ. ރާއިދު ދެކެ… ރާއިދު ދެކެ އަހަރެން ލޯބި ވާތީ… އަހަރެން ބޭނުމެއް ނޫން މިހެން ލޯބި ވާކަށް… އަހަރެން ތެދެއް ބުނެގެން ރާއިދުއަށް އެ އަޑު ނޭހެންޏާ އަހަރެން ބޭނުމެއް ނޫން ރާއިދު ދެކެ ލޯބިވާކަށް… އަހަރެންވެސް ބޭނުމެއް ނޫން ރާއިދުއާ ވަކި ވާކަށް، އެހެން ވިޔަސް ލޯބިވާކަށްވެސް ބޭނުމެއް ނޫން…” އަހަންނަށް ބުނެވޭ އެއްޗެއް ރާއިދުއަށް ވިސްނޭނެ ކަމެއް ނޭނގެއެވެ. އެހެން ވިޔަސް އަހަރެން ބުނީ އެ ވަގުތު އަހަރެންގެ ހިތުގައި އޮތް ގޮތަށެވެ. ރާއިދު ދެކެ ކިތަންމެ ލޯބި ވިޔަސް ހިތްހަމަޖެހުމެއް ނެތި ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟
ރާއިދު ކުއްލިއަކަށް އަހަރެން ދުރުކޮށްލިއެވެ. އަދި ދެ އަތުން އަހަރެންގެ މޫނުގައި ހިފަހައްޓާލިއެވެ.
“ކީކޭ ދީނާ ތި ބުނަނީ؟” ރާއިދު އަހާލިއެވެ.
ޖަވާބެއް ނުދީ އަހަރެން ރާއިދުގެ އަތުގައި ހިފާ ދުރަށް ޖައްސާލާފައި ތެދުވެ ހެޑްބޯޑުގައި ލެނގިލީމެވެ. ދެން އަތުން މޫނު ފޮހެލީމެވެ.
“ރާއިދުގެ މަންމަ ބޭނުން ވަނީ ރާއިދު ޒިމްނާއާ އިންނަން. އަހަރެން ދެކެ ރުޅި އަންނަނީ މަންމައަށް ޒިމްނާ ކަމުދާތީ” އަހަރެން ބުނީމެވެ. އެއީ އަހަންނަށް ހީވާ އެއްޗެއް ނޫނެވެ. ރާއިދުގެ މަންމަ ބުނި އެއްޗެކެވެ.
“ދީނާއަށް އަހަރެން ކިޔާދިނިން އެކަންތައް ވީ ގޮތް، ދެން ކީކޭ ތި ކިޔަނީ؟” ރާއިދުވެސް ތެދުވިއެވެ.
“މަންމަ ބުނި ގޮތަށް ހަދާފަ މަންމަ ރުހޭ މީހަކާ އިންނަމަ މިހެންނެއް ނުވީހެއްނު؟” އަނެއްކާވެސް އަހަރެން ބުނީ ހަމަ ކުރިންވެސް ބުނި އެއްޗެކެވެ.
ރާއިދު އަތްތިލަ އިސްތަށިގަނޑުތެރޭ ހިންގާލިއެވެ. އަހަރެން ބުނި އެއްޗަކުން ރާއިދު ހިތްހަމަ ނުޖެހުނުކަން އަހަންނަށް އެނގެއެވެ. އެހެން ވިޔަސް އެއީ އަހަރެންގެ ބަހެއް ނޫނެވެ. އެއީ ރާއިދުގެ މަންމަގެ ބަހެވެ. ރާއިދުގެ މަންމަގެ އަނގައިން އެހެން ބުނި އަޑު އަހަރެންގެ ކަންފަތުން އެހީމޭ ބުނިއްޔާ ރާއިދު ގަބޫލު ކުރާނެ ހެއްޔެވެ؟
ޔަގީނެވެ. ނުކުރާނެއެވެ. އެކަން ޔަގީން ވާތީ އަހަރެން އެ ވާހަކަ އިތުރަށް ނުދައްކަން ވެގެން އަނެއްކާވެސް އޮށޯތީމެވެ.
“ދީނާ، ވީ ކަމެއް އަހަންނަކަށް ބަދަލެއް ނުކުރެވޭނެ، އަހަރެން ވަރަށް ދެރަވޭ ދީނާ ގައިގަ ޖެހުނީތީ… ޕްލީޒް… އަހަންނަށް މާފުކޮށްދީ… ދެން ދުވަހަކުވެސް ދީނާއަށް އަނިޔާ ކުރުމުގެ ނިޔަތުގަ ދީނާ ގައިގަ އަތެއް ނުލާނަން… އައިމް ސޮރީ…” އަނެއްކާވެސް ރާއިދު މާފަށް އެދުނެވެ. ރާއިދުގެ އެ ބަސްތައް އަހަންނަށް ގަބޫލު ކުރެވެއެވެ. ރާއިދު މާފަށް އެ އެދެނީ ހިތުގެ އަޑިން ކަމާމެދު އަހަރެން ޝައްކެއް ނުކުރަމެވެ. އެހެން ނަމަވެސް އެ ކަންތައް އަހަރެންގެ ހިތަކުން އަދި ނުފިލައެވެ. ދުވަހަކު ފިލާނެ ކަމެއްވެސް ނޭނގެއެވެ.
“މާފު ކޮށްފިން” އޮތް ގޮތަށް ލޯ މަރާލައިގެން އޮވެ އަހަރެން ބުނީމެވެ.
އަހަރެންގެ އަމަލު ހުރި ގޮތުން ރާއިދު އިނީ އަހަރެން ބުނި އެއްޗެއް ގަބޫލު ނުކުރެވިފައި ކަން އަހަންނަށް އެނގެއެވެ.
“އަހަރެން މާފަށް އެދުނީތީ ތިހެން ހަމަ ބުނެލީތަ؟” ރާއިދު އަހާލީ އިރުކޮޅެއް ފަހުންނެވެ.
“ނޫން، އަހަރެން އަސްލުވެސް ރާއިދުއަށް މާފުކޮށްފިން. އަހަންނަށް އެނގޭ ރާއިދު ތިހުރީ ދެރަވެފަ ކަން. ދެވަނަ ފަހަރަށް އެހެން ނުވާނެޔޭ ރާއިދު ބުނީމަ އަހަރެން ގަބޫލު ކުރަން” ލޯ ހުޅުވާ ރާއިދުއަށް ބަލާލަމުން އަހަރެން ބަލާލީމެވެ.
ރާއިދު އަހަރެންގެ އަތްތިލައިގައި ހިފާ އޭނަގެ ތުންފަތުގައި ޖައްސާލިއެވެ. އެ އަތުން ދޫކޮށްނުލާ އަހަރެން ކައިރީ އޮށޯވެ އަހަރެންގެ ނިތްކުރީގައި ބޮސްދިނެވެ. އަހަންނަށް ލޯ މަރާލެވުނެވެ. އެ ދެ އަތުގެ ތެރެއަށް ވަންނަން ހިތް އެދުނު ނަމަވެސް ހަށިގަނޑު އެ އެދުމަށް އިޖާބައެއް ނުދިނެވެ. ރާއިދުގެ ބީހުން އިހުސާސް ކުރެވުނު ނަމަވެސް އަހަންނަށް އިޖާބައެއް ނުދެވުނެވެ.
އަހަރެންގެ ފަރާތުން އިހުސާސް ކުރެވުނު ފިނިކަން ރާއިދުގެ ސިކުނޑިއަށް ފޯރަން އިރުކޮޅެއް ނެގިއެވެ. ދުރަށް ޖެހިލާ ރާއިދު އަހަރެންނަށް ބަލާލިއެވެ.
“މި ވަގުތަކު ނޫން… ޕްލީޒް…” އަހަރެން އެހެން ބުނި އިރު އަޑުގައިވި އާދޭސް ވަގުތުން ރާއިދުއަށް އިހުސާސް ކުރެވުނެވެ. ހަމަޖެހިލަން މަސައްކަތް ކުރަމުން ރާއިދު އަދިވެސް ދުރަށް ޖެހިލި އިރު އެ މޫނުގައި ހިތްހަމަ ނުޖެހުމުގެ އަސަރެއް ނެތެވެ.
އެރޭ ނޫނިއްޔާ ރާއިދުގެ އެދުމަށް އަހަރެންގެ ފަރާތުން ދުވަހަކުވެސް އިޖާބަ ނުދެވި ނުވާނެއެވެ. އަހަރެންގެ ހިތުގައި އެ ދުވަހުގެ ކަންތައް އަދިވެސް ހުރީ ތާޒާކޮށެވެ. ރާއިދުއަށް މާފު ކުރެވުނަސް އެ ގާތްކަމަށް އިންކާރު ކުރެވުނީ އެހެންވެއެވެ. އެކަން ރާއިދުއަށްވެސް ވިސްނުނީ ކަންނޭނގެއެވެ. އަނެއްކާވެސް އޮށޯވެ އަހަރެންގެ ނިތްކުރިއަށް ބޮސްދިނެވެ.
“އިޓްސް އޯކޭ. ނިދާލެވޭތޯ ބަލާ” އަހަރެން ގައިގައި ބައްދާލަމުން ރާއިދު އެދުނެވެ.
އަނެއް ދުވަހަކީ ހުކުރު ދުވަހެވެ. އެ ދުވަހު އެކީ ގޭގައި ހުންނަން އެއްގޮތަކަށްވެސް ހިތެއް ނުރުހުނެވެ. ހޭލެވުނު ވަގުތުން ފެށިގެން ހިތް އެދެމުން ދިޔައީ މަންމަ ކައިރިއަށް ދާށެވެ. އެހެން ނަމަވެސް އެހާ ހެނދުނާ ގެއަށް ގޮސްފި ނަމަ ވެދާނެ ގޮތަކާމެދު ވިސްނާލާފައި ނިންމީ މެންދުރު ފަހު ދާށެވެ. ކޮޓަރިން ބޭރަށް ނިކުންނަ ހިތް ނުވި ނަމަވެސް ހެނދުނު ސައި ހަދަން ނިކުތީމެވެ. އެ ހަފްތާ ތެރޭގައި އަހަރެން ކާން ހަދައިދީގެން ރާއިދު ފުރަތަމަ އެއްޗެއް ކެއީ އެ ދުވަހުއެވެ. މެންދުރަށް ކައްކަން ވަނުމުން އެ ދުވަހު ރައުހާ ނިކުމެ އެހީވާން އުޅުނެވެ. ކައްކާ ނިންމާފައި ކޮޓަރިއަށް ވަނީ މެންދުރު ފަހު ގެއަށް ދާން ރާއިދު ގާތުން ހުއްދަ ހޯދަން ހިތަށް އަރުވައިގެންނެވެ. އެހެން ނަމަވެސް އަހަންނަށް ވުރެ ކުރިން އެ ވާހަކަ ދެއްކީ ރާއިދުއެވެ.
“މެންދުރު ފަހު މަންމަ ކައިރިއަށް ދާން ހިނގާ ދޯ؟” އަހަރެން ފެނުމުން ރާއިދު ބުންޏެވެ.
“އެހެން އަހަން މި އައީ. އަންނާނަން އިރު އޮއްސެން ވާ އިރަށް” ރާއިދު އިސްވެ އެ ވާހަކަ ދެއްކީތީ އަހަރެން ވަރަށް އުފާވިއެވެ.
“އަހަރެން ދާނަން ހަވީރު” ރާއިދު ބުންޏެވެ. އަހަރެން ބޯ ޖަހާލީމެވެ.
ރާއިދުއާ ރަޒާން ހުކުރުން އަންނަން ވާ އިރަށް ކާން ހެދީ ފައިހާއެވެ. ކުދިން ރީތި ކޮށްފައި އަހަރެންވެސް އުޅުނީ ތައްޔާރުވާށެވެ.
ފާއިތުވި ހަފްތާގައި އެއް ފަހަރުވެސް ގެއަށް ނުދާތީ އަހަރެން ފެނުމާއެކު މަންމައަށް ވުރެ ކުރިން ޝަކުވާ ކުރަން ފެށީ ނިއަމްއެވެ.
“ތުއްތައަށް ނާދެވިދާނެއެއްނު ހަމަ. ފެންނަ އިރަށް ޝަކުވާ ނުކޮށްބަލަ” ދާރިމް އައިސް ޝިނާ އުރާލަމުން ނިއަމްއަށް ބުންޏެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.








vaahaka varah reethi….varah beley upvefa indheytho
ޝުކުރިއްޔާ ނަދޫ. 7 ވަނަ ބައި ގެނެސްދެނަން ބުދަ ދުވަހުން
when is next part
ބުދަ ދުވަހުން 7 ވަނަ ބައި ގެނެސްދޭނަން
When Is next part 💕
ބުދަ ދުވަހުން އިމްކޮ