ޔާރާ އަހާށޭ 5
ބާރަށް ގޮނޑި ފަހަތަށް ކޮއްޕާލުމާއެކު ރާއިދު ތެދުވެގެން އައި ގޮތަށް އަހަރެންގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވެއްދިއެވެ.
“ރާއިދު…” އަހަރެން އެއްޗެއް ބުނަން އުޅުނީމެވެ. ނަމަވެސް ރާއިދު އަހަންނާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލީ ހިމޭންވުމަށް ދިން އިންޒާރެއް ހެންނެވެ. އަހަންނަށް އެއްޗެއް ބުނާކަށް ނުކެރުނެވެ.
އަތްތިލަ އިސްތަށިގަނޑުގެ ތެރޭ ހިންގާލަމުން ރާއިދު އަހަންނަށް ފުރަގަސްދީފައި އެނބުރުނެވެ. އެހެން ހުރެ ގިނައިރު ވާން ފެށުމުން އަހަންނަށް ދުރުގައެއް ނުހުރެވުނެވެ. ލަސްލަހުން އައިސް ރާއިދުގެ ކޮނޑުގައި އަތްޖައްސާލީމެވެ.
“އަހަރެން ދީނާއާ އިނުމުގެ ކުރިން ބުނިން އަހަރެންގެ މަންމައާ ދިމާއަށް އެއްޗެއް ބުނާއަޑު އަހާކަށް އަހަންނަކަށް ނުހުރެވޭނެޔޭ. އަހަރެންގެ މަންމައަކީ ކޮންކަހަލަ މީހެއްކަންވެސް ދީނާއަށް ބުނެދިނިން. އަހަރެން އެދުނީ އެންމެ ކަމަކު، ހަމަ އެންމެ ކަމަކު” ރާއިދު ބުންޏެވެ. އެ އަޑުގައި ވި ރުޅިއާ، އެ ރުޅި ކޮންޓްރޯލް ކުރަން ރާއިދު ކުރަމުން ދިޔަ މަސައްކަތް އަހަންނަށް ސިއްރެއް ނުވެއެވެ. އެއްޗެއް ބުނަން ނުކެރުނީ އެހެން ވެގެންނެވެ.
“އަހަންނަށް އަހަރެންގެ މަންމައަށް ވުރެ މުހިންމު މީހަކު ނުހުންނާނެ. އަހަރެންގެ އަނތްބެއް ވިޔަސް، ދަރިއެއް ވިޔަސް” އަހަރެން އެއްޗެއް ނުބުނުމުން ދެންވެސް ވާހަކަ ދެއްކީ ރާއިދުއެވެ. އޭނަ އެ ބުނީ ކައިވެނީގެ ކުރިން އަހަރެން ކައިރީ ބުނެފައިވާ އެއްޗެކެވެ. ރާއިދު އެ ބުނިހެން، ކޮންމެ ހާލަތެއް ކުރިމަތިވި ނަމަވެސް ރާއިދުގެ މަންމައާ ދިމާއަށް އެއްވެސް އެއްޗެއް ނުބުނުމަށް އަހަރެން ގާތު އެދުނު އެދުން ފިޔަވާ އެހެން ކަމަކަށް ރާއިދު ނޭދެއެވެ.
އަހަންނަށް ކުރެވުނު ކަންތަކާ މޮޔަ ހީވީ ދެނެވެ. ރާއިދުގެ މަންމައާ ދިމާއަށް އެއްޗެއް ނުބުނެ ހުރެވުނު ނަމައެވެ. އެހެން ފަހަރު ހެން އަޅާނުލާ ދުރަށް ދެވުނު ނަމައެވެ. އެހެން ނަމަވެސް ވެފައި ހުރި ވަރުބައްޔާއެކު، ރަޒާން ކާން ރިހަ ނެތުމުން އެ ކަމުގައި އަހަރެން ގޯސް ކުރުމުން އަހަންނަށް ނުހުރެވުނީއެވެ. އެހެން ވިޔަސް ރާއިދު ގޮވާލުމުން އެ އަޑު އަހަންނަށް އެހުނު ނަމައެވެ.
އެފަދަ އެއްޗެހި ހިތަށް އަރައަރާ ހުއްޓާ ރާއިދު ކޮޓަރިން ނިކުމެގެން ދިޔައެވެ. ގޮވާލާކަށް އަހަންނަކަށް ނުކެރުނެވެ. ބޭރަށް ނުނިކުމެ އަހަރެން އެނދަށް އަރާ އޮށޯތީއެވެ. ރާއިދުއާ އަހަރެންގެ މެދުގައި ދެބަސްވުމެއް ހިނގި ނަމަވެސް އެ ނޫނީ ދުވަހަކުވެސް ރުޅިއައިސްގެން ރާއިދު ނުދެއެވެ. އެހެންވެ ދެރަ ވެގެން ރޮވުނު ނަމަވެސް ހިތްވަރުކޮށްލީ އެރޭ އެ މައްސަލަ ހައްލު ކުރަން ހިތުލައިގެންނެވެ.
އެހެން ދުވަސް ދުވަހު ހަވީރު ހަތަރުގަޑި ވިހި ހާ އިރު ގެއަށް އަންނަ ރާއިދު، އެރޭ ގެއަށް އައީ އަށެއް ޖަހަން އުޅެނިކޮށެވެ. ކޮޓަރިއަށް ވަން އިރު އަހަރެން އޮތީ ކުދިން ނިންދަވާށެވެ. އަހަންނާ ދިމާއަށް ބަލާވެސް ނުލާ ރާއިދު ވަނީ ފާހާނާއަށެވެ. ފެން ވަރައިގެން ނިކުމެ އެއްޗެހި ލައިގެން ދެންވެސް އަނގައިން ނުބުނެ ރާއިދު ނިކުތީ ބޭރަށެވެ.
ދެ ކުދިން ބާއްވާފައި އަހަރެން ނިކުތް އިރު ފައިހާ ބަދިގޭގައި އުޅެއެވެ. އަހަރެން ގޮސް ބަލާލި އިރު ރިހަ ކައްކާފައި ހުއްޓެވެ. އެއަށް ބަލާލުމުންވެސް ރިހަ ކެއްކީ މަންމަކަން އެނގުނެވެ. ކާން ހަދާފައި އެންމެންނަށް ކާން ގޮވީ ފައިހާއެވެ. ރާއިދު އަދިވެސް ރުޅިއައިސްފައި ހުރުމުން އަހަރެން ކާ ހިތެއް ނުވިއެވެ. އެ ވަގުތު ޝިނާގެ އަޑު އިވުމުން އަވަހަށް ތެދުވެގެން ކޮޓަރިއަށް ވަނީމެވެ. އަނެއްކާވެސް ޝިނާ ނިންދަވާފައި ނިކުތް އިރު އެންމެން ކައި ނިމިއްޖެއެވެ. ފައިހާ އަހަރެން ގާތު ކާން ބުނުމުން ނޫނެކޭ ބުނީމެވެ. ފައިހާ ހަޑިވެފައި ހުރި ތަށިތައް ދޮންނަން ފެށުމުން އަހަރެން އެއްޗެހި ހޫނު ކޮށްލާފައި އަނެއްކާވެސް ދިޔައީ ކޮޓަރިއަށެވެ.
ގައި ދޮވެލައިގެން ރާއިދުގެ އިންތިޒާރުގައި އަހަރެން އޮތީއެވެ. ދިހައެއް ޖެހި ފަހުން ރާއިދު ކޮޓަރިއަށް ވަނެވެ. ނިދަން ތައްޔާރު ވެގެން އައިސް ރާއިދު އޮށޯތެވެ. އަހަރެން ރާއިދުއާ ދިމާއަށް އެނބުރި ރާއިދުގެ ނަމުން ގޮވާލީމެވެ. ހޫން އެއް ލައްވާލުން ފިޔަވާ ރާއިދުގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އަހަރެން ރާއިދުއާ ކައިރިއަށް ޖެހިލަން ވީ އިރަށް ރާއިދު އަނެއް ފަރާތަށް އެނބުރުނެވެ. އަހަރެން ދެކެ ރާއިދު އަދިވެސް ރުޅިއައިސްފައި ހުރިކަން އެނގުމުން އިޚްތިޔާރެއް ނެތި ލޮލުން ކަރުނައައެވެ. ނުރޯން ވެގެން ދެ ތުންފަތް ޖައްސާ ބާރުކޮށްލަމުން އަހަރެންވެސް އެނބުރުނީ ރާއިދުއާ ދުރަށެވެ. ލޯ މަރައިގެން އޮތް ނަމަވެސް ނުނިދުނެވެ. އެ ނޫނީ ދުވަހަކުވެސް ރާއިދު އަހަރެން ދެކެ ރުޅިއައިސްގެން ހުރެ ނިދާކަށް ނޯށޯވެއެވެ.
ނުރޯން ހިތްވަރު ކުރި ނަމަވެސް ކެތެއް ނުވިއެވެ. ބާލީހުގައި މޫނު ފޮރުވާލި ނަމަވެސް ގިސްލެވެން ފެށުމާއެކު އަހަރެންގެ ރުއިމުގެ އަޑުވެސް ބާރުވިއެވެ. އިރުކޮޅެއް ފަހުން ރާއިދު ފަހަތުން އަހަރެންގެ ކޮނޑުގައި ހިފާ އޭނައާ ދިމާއަށް އަހަރެން އަނބުރާލިއެވެ. ހިފަހައްޓައިގެން އޮތް ބާލީސް ދުރަށް ލާފައި އަހަރެން ގެނެސް ރާއިދުގެ މޭގައި ޖައްސާ ބައްދާލަމުން އަހަރެންގެ ބޮލުގައި ބޮސްދިނެވެ. އެހެން ނަމަވެސް އަހަންނަކަށް ހުއްޓައެއް ނުލެވުނެވެ. ރާއިދުގެ އަތުތެރޭ އިތުރަށް ބޮނޑިވެލެވުނެވެ.
“ހުއްޓާލާ ދެން… ޕްލީޒް” އަނެއްކާވެސް އަހަރެންގެ ބޮލުގައި ބޮސްދެމުން ރާއިދު ބުންޏެވެ.
މަޑުމަޑުން ގޮސް ރުއިން ހުއްޓާލެވި، ހަށިގަނޑަށް ވެރިވެފައިވި ވަރުބަލިކަމާއެކު އަހަންނަށް ނިދުނީ ކޮން އިރަކު ކަމެއްވެސް ނޭނގެއެވެ. ހޭލެވުނީ ޝިނާގެ އަޑަށެވެ. އޭރުވެސް އޮވެވުނީ ރާއިދުގެ އަތުތެރޭގައެވެ. މަޑުމަޑުން ތެދުވެ ގަޑި ބަލާލި އިރު ތިނެއް ޖެހީއެވެ. އެނދުން ފައިބައިގެން ގޮސް ޝިނާއަށް ގާތުން ދީފައި ނިދުމުން ބާއްވާފައި އައި އިރު ރާއިދު ހޭލާ އަހަންނާ ދިމާއަށް ބަލަން އޮތެވެ. އެއްޗެއް ނުބުނެ އޮށޯތީ ރާއިދު އަދިވެސް ރުޅިމަޑު ނުވާ ކަމުގައި ހީކޮށްފައެވެ. އަހަރެން އޮށޯވެ އަނެއް ފަރާތަށް އެނބުރިލީ އިރަށް ރާއިދު ފަހަތުން ބައްދާލިއެވެ.
“ސޮރީ! އަހަންނަށް މާ ބޮޑަށް ރުޅި އާދެވުނީ” ރާއިދު ބުންޏެވެ.
“ސޮރީ! އަހަރެން—” ރާއިދުއާ ވީ ފަރާތަށް އެނބުރިލާ، އެއް އަތުން ރާއިދުގެ މޫނުގައި ހިފާލަމުން އަހަރެން މާފަށް އެދުނީމެވެ. ނަމަވެސް ބުނަން ބޭނުން ވި އެއްޗެއް އަހަންނަށް ފުރިހަމައެއް ނުކުރެވުނެވެ. އަހަންނަށް އެއްޗެއް ބުނާނެ ފުރުސަތެއް ލިބޭ ވަރަށް ވުރެ ރާއިދުގެ ހަރަކާތްތައް އަވަހެވެ. އައިސްފައި ހުރި ރުޅީގެ އެއްވެސް އަސަރެއް ރާއިދު ފަރާތުން ނުފެނެއެވެ. އޭގެ ބަދަލުގައި ފެނުނީ އެހެން އިހުސާސްތަކެކެވެ.
“އަހަރެން ވަރަށް ލޯބިވޭ ދީނާ ދެކެ” ދެމީހުންނަށްވެސް ހަމަޖެހިލެވުމުން ރާއިދު ބުނެލިއެވެ.
“އައި ނޯ، އަހަރެންވެސް” ޖަވާބުގައި އަހަރެން ބުނީމެވެ.
ޝިނާއަށް ފަސް މަސް ވުމުން އަނެއްކާވެސް މީހަކު ގެންނަ ވާހަކަ އަހަރެން ރާއިދު ގާތު ދެއްކީމެވެ. މަންމަ ރުއްސަން އުޅެއުޅެ ކާމިޔާބެއް ނުވިއެވެ. އެންމެ ފަހުން ރާއިދު މަންމަގެ ބަސް ގަބޫލުކޮށް އަހަރެން ކައިރީ އެދުނީ އެ ޚިޔާލު ދޫކޮށްލުމަށެވެ. ނަމަވެސް އަހަންނަށް ރާއިދުގެ އެ ނިންމުން ބަލައިގަންނަން ފަސޭހައެއް ނުވިއެވެ.
“ކީއްވެތަ މަންމަ ގަބޫލު ނުވާންވީ؟ މަންމައަށްވެސް ފަސޭހަ ވާނެ އޭރުން. އަހަރެން ކިހިނެއް ދެ ކުދިން ބައިތިއްބާފައި އޮފީހަށް ދާނީ؟ ރާއިދު ބުނެބަލަ. މަންމައަށް ހަމަ ބުރަވާނީވެސް” އަހަރެން ބުނީމެވެ.
“މަންމައަށް ވާނެތީ އެހެން ބުނާނީ. ރައުހާވެސް އެހުރީއެއްނު މަންމައަށް އެހީ ވާން؟ ދީނާ މާ ބޮޑަށޭ ތި ވިސްނަނީ” ރާއިދުގެ ވިސްނުން ހުރީ އަހަރެންގެ ޚިޔާލު ބަދަލުކުރާށެވެ.
ކުރި ނުލިބޭނެ ކަން އެނގޭތީ އަހަރެން އެ ވާހަކަ ހުއްޓާލީއެވެ. ރާއިދު ނުރުހިދާނެ ފަދަ އެއްޗެއް މަންމައާ ދިމާއަށް ނުބުނަން ވެގެންނެވެ. ރާއިދުއާ ދެބަސްވާން ބޭނުން ނުވާތީއެވެ. ނަމަވެސް އެ ކަންތައްވެސް ވީ އަހަރެންގެ ހިތުގައި ރާއިދުގެ މަންމައާ މެދު ވީ ފޫހިކަން އިތުރުވެގެން ދިޔަ ކަމަކަށެވެ. ކުރިން ޖެހުނު ފަދަ މައްސަލައެއް ޖެހެން ބޭނުން ނުވާތީ، އެ ދުވަހުގެ ފަހުން ރާއިދުގެ މަންމައާ ދިމާއަށް ނުރުހުމުގެ އެންމެ ބަހެއްވެސް އަހަރެން ނުބުނަމެވެ. މަންމަ ބުނާ އެއްޗަކުން ހިތްހަމަ ނުޖެހިއްޖެނަމަ އެތަނުން ދުރަށް ދަނީއެވެ.
އަހަރެން ރާއިދު ދެކެ ވަރަށް ލޯބިވެއެވެ. ރާއިދުއާ ދުވަހަކުވެސް ވަކިވާކަށް ނޭދެމެވެ. ރާއިދުގެ މަންމަ ނުރުހޭ ފަދަ ކަމެއް ނުކުރަނީ އެހެންވެއެވެ. އަހަންނާ ރާއިދުގެ މެދުގައި ކުޑަވެސް މައްސަލައެއް ޖެހެން ބޭނުމެއް ނުވާތީއެވެ.
އެހެން ނަމަވެސް، އަހަރެން ކިތަންމެ ކެތްތެރިވިޔަސް ރާއިދުގެ މަންމަގެ ހިތް އަހަރެންގެ މައްޗަށް ސާފެއް ނުވެއެވެ. އަދިވެސް ރާއިދުގެ މަންމަގެ ހިތުގެ އެދުމަކީ މަންމަ ރުހޭ ފަދަ ކުއްޖަކާ ރާއިދުގެ ކައިވެނި ކުރެވުމެވެ. އަހަރެންނާ ރާއިދުގެ ކައިވެންޏަށް މަންމަ އެހާ މުހިންމު ކަމެއް ނުދެއެވެ. އަހަރުމެންނަށް ލިބިފައި ތިބި ދެ ކުދިންނާ މެދުވެސް މަންމަ ވިސްނާނުލައެވެ. އެކަން އަހަންނަށް އެނގުން ވެގެން ދިޔައީ އަހަރެންގެ ހިތުގައި ރާއިދުގެ މަންމައާ މެދު ވީ ފޫހި ނަފްރަތަށް ބަދަލުވި ސަބަބަށެވެ.
ޝިނާއަށް ހަމަސް ފުރި އަހަރެން އޮފީހަށް ނިކުންނަން ފެށީމެވެ. ފުރަތަމަ ދުވަހުވެސް އޮފީހުން އައި އިރު އަހަންނަށް ފެނުނީ ދެކެން ބޭނުން ނުވާ ފަދަ މަންޒަރެކެވެ. ގެއަށް ވަން އިރު ސިޓިންގްރޫމްގައި ޝުޢާ އިނީ އެކަންޏެވެ. ޓީވީއިން ކާޓޫނެއް އަޅުވާފައި ހުއްޓެވެ. ޝިނާ ކޮބާބާއޭ ހިތަށް އަރާ ޝުޢާ އުރާލައިގެން ކޮޓަރިއަށް ވަން އިރު ޝިނާއާ އެކު އެނދުގައި ރައުހާ އޮތީ ނިދާފައެވެ. ޝިނާއާ އެކު ރައުހާ ނިދާފައި އޮތުން އެއީ މައްސަލައެއް ނޫނެވެ. އަހަރެން ހިތް ހަމަނުޖެހުނީ އެންމެ ދެ އަހަރުގެ ކުޑަ ކުއްޖަކު އެކަނި ސިޓިންގްރޫމްގައި ބައިންދާފައި އިނުމުންނެވެ.
ކިތަންމެ ހިތްހަމަ ނުޖެހުނަސް އަހަރެން އެ ވާހަކައެއް ނުދައްކަމެވެ. ރާއިދު ގާތުވެސް ނުބުނަމެވެ. އަނެއް ދުވަހު އޮފީހަށް ދަމުން ރައުހާއާ ދެ ކުދިން ހަވާލުކޮށްފައި، ޝުޢާ އެކަނި ޓީވީ ބަލަން ބައިންދާފައި ނުދިޔުމަށް ބުނީމެވެ. ރައުހާ އާނއެކޭ ބުނެ ބޯޖަހާލިއެވެ.
ހަތަރު މަހެއްހާ ދުވަސް ވަންދެން އިތުރު ކަމެއް ދިމައެއް ނުވެއެވެ. ޝިނާ ވިހައިގެން އޮފީހަށް ނިކުންނަން ފެށި ފަހުން ދެ ކުދިންވެސް ބަލަނީ ރައުހާއެވެ. އެހެންވެ ކޮންމެ މަހަކުވެސް އަހަރެން ރައުހާއަށް ކޮންމެވެސް ވަރަކަށް ފައިސާދެމެވެ. އެހެން ހެދީ ރާއިދު ކައިރީ ބުނެފައެވެ.
އަހަރެންގެ މަންމަގެ އޮޕަރޭޝަންއެއް ކުރަން ޖެހުނީ ކުއްލިއަކަށެވެ. އެއީ އަހަރުގެ ސްކޫލް ބަންދު ނިމެން އުޅެނިކޮށެވެ. ޗުއްޓީ ނަގަން ބޭނުންވި ނަމަވެސް އޮފީހުގެ ގިނަ މީހުން ޗުއްޓީގައި ތިބި ދުވަސްކޮޅަކަށް ވުމުން އަހަންނަށް އެ ފުރުސަތެއް ނުލިބުނެވެ. އެހެންވެ މަންމަ އޮޕަރޭޝަން ކުރި ދުވަހު ސަލާން ބުނެފައި އޮފީހަކަށް ނުދަމެވެ. އޭގެ ފަހުން މަންމަ ހޮސްޕިޓަލުން ދޫކޮށްލަން ދެން އޮފީހުން އައިސް ފެންވަރާލައިގެން އަހަރެން ދަނީ މަންމަ ކައިރިއަށެވެ. ރޭގަނޑު އަށެއް ނުވައެއް ޖަހަން ދެން މަންމަ ކައިރީގައި އިންނަނީ އަހަރެންނެވެ. ތިން ކޮއްކޮއާ އަހަރެންނާ މަންމަ ކައިރީ ތިބޭ އިރު އެންމެ މަދު ވަގުތު މަންމަ ކައިރީ މަޑު ކުރަނީ އަހަރެންނެވެ. އެކަމާ ކޮއްކޮމެން ޝަކުވާއެއް ނުކުރެއެވެ. ކޮންމެ ރެއަކު ގަޑިއެއް ނޫނީ ދެ ގަޑިއެއްހާ އިރު ރާއިދުވެސް އަހަންނާއެކު މަޑުކުރެއެވެ.
ހަތަރު ވަނަ ދުވަހު އަހަރެން ގެއަށް އައިސް ފެންވަރައިގެން ހޮސްޕިޓަލަށް ދާން ނިކުންނަނިކޮށް މަންމަ އަހަރެންނަށް ގޮވާލިއެވެ.
“ދުވާލު ހަތަރުދަމު ދީނާ ތި އުޅެނީ ބޭރުގަ، އެ ކުދިން ކައިރީވެސް އިރުކޮޅަކުވެސް މަޑުކޮށްނުލާ” މަންމަ ބުންޏެވެ.
އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އަހަރެންގެ މަންމަ ހޮސްޕިޓަލުގައި އޮންނަތާ އަދި ވީ ފަސް ދުވަހެވެ. މަންމަ އެތާ އޮތްހާ ދުވަހަކު އަހަރެން މަންމަ ކައިރިއަށް ދާނެ ކަން ރާއިދުގެ މަންމައަށް ނުވިސްނެނީ ހެއްޔެވެ؟ އިރާދަކުރެއްވީތީ އަހަރެންގެ ކުދިން ތިބީ ހެޔޮހާލުގައެވެ. އަހަރެންގެ ފިރިމީހާ ހުރީ ސަލާމަތުންނެވެ. ވީ އިރު އޭރު އަހަންނަށް އިސްކަން ދެވޭނީ ބަލިވެ އޮތް އަހަރެންގެ މަންމައަކަށް ނޫން ހެއްޔެވެ؟
އެ ވަގުތު ހިތަށް އެރި އެއްޗެހި ދުލުން ބޭރު ކުރަންވެއްޖެ ނަމަ އަހަންނާ ރާއިދުގެ މަންމަގެ މެދުގައި ދެބަސްވުމެއް ނޫނީ ނުހިނގާނެއެވެ. ރާއިދު އައިހާ އަވަހަކަށް އަހަރެންގެ ޝަކުވާ އޭނަގެ ކަންފަތާ ހަމައަށް ފޯރާނެއެވެ. އަހަންނާ ރާއިދުގެ މެދުގައިވެސް ޖެހޭނީ މައްސަލައެވެ.
ލޯ މަރާލަމުން އަހަންނަށް ކިޔާލެވުނީ ޝަހާދަތެވެ. ދެންވެސް އިރުކޮޅަކު ހުރެފައި މަންމައާ ދިމާއަށް އެނބުރުނީމެވެ.
“ޑޮކްޓަރު ބުނި މިއަދު މަންމަ ރަނގަޅިއްޔާ މާދަމާ ދޫކޮށްލާނަމޭ. އެހެން ވީމަ އަންނަ ހަފްތާގަ މިހެން އުޅޭކަށް ނުޖެހޭނެ” އެހެން ބުނެފައި މަންމަގެ ޖަވާބަކަށް މަޑުނުކޮށް އަހަރެން ނިކުތީއެވެ.
ޑޮކްޓަރު ބުނި ގޮތަށް ޖެހިގެން އައި ދުވަހު މަންމަ ގެއަށް ދޫކޮށްލިއެވެ. ހޮސްޕިޓަލަށް ދާން ނުޖެހުނަސް ދެންވެސް އަހަންނަށް ގޭގައި މަޑު ނުކުރެވުނީ ކޮންމެ ދުވަހަކު ހަވީރު މަންމަ ކައިރިއަށް ދާތީއެވެ. މަންމައަށް އަދި ހިނގާ ނޫޅެވޭތީ، މަންމަގެ އެކިއެކި ކަންކަމުގައި ނިއަމްއާ ދާރިމްއަށް އެހީ ވާން އަހަރެން ދަނީ އެއީ އަހަރެންގެ ޒިންމާއަކަށް ވާތީއެވެ. ރާއިދުއަށްވެސް އެކަން މަނައެއް ނުކުރެވޭނެއެވެ. އެހެން ނަމަވެސް އަހަރެން ދަނީ ރާއިދުގެ ހުއްދައާ އެކީގައެވެ. އަހަރެންގެ މަންމައަށް އަހަރެންގެ އެހީ ބޭނުން ވާ އިރު، ރާއިދުއަކީ އެކަން މަނާ ކުރާނެ ފަދަ މީހެއް ނޫނެވެ.
ބޮޑު ޢީދު އައި މަންމަ ގެއަށް ދޫކޮށްލިތާ ހަފްތާއެއް ފަހުންނެވެ. އެހެންވެ އެ ބަންދުތެރޭ ކޮންމެ ދުވަހަކުވެސް އަހަރެން ކުދިން ގޮވައިގެން ހެނދުނު މަންމަ ގެއަށް ދާ ގޮތަށް އަންނަނީ ރެގަނޑު ކުދިންނަށް ކާން ދީގެންނެވެ. މަދު ފަހަރެއްގައި ނޫނީ އެ ދުވަސްކޮޅު ރާއިދުވެސް ކަނީ އަހަރުމެން ގެއިންނެވެ. އެ ގޮތުން ބަންދުގެ އެންމެ ފަހު ދުވަހު އަހަންނާ ރާއިދު ކުދިން ގޮވައިގެން ގެއަށް ތަންކޮޅެއް އަވަހަށް އައީ، އަނެއް ދުވަހު ދެ މީހުންވެސް އޮފީހަށް ދާން ޖެހޭތީއެވެ.
“މިރޭ މާ އަވަހަކަށް ތި އައީ ކީއްވެ؟ އަދި އިރުވެސް ނޯއްސޭ ވިއްޔަ” ގެއަށް ވަނުމާއެކު މަންމަ ބުނެލިއެވެ. އަހަރެން ހުއްޓިފައި ބަލާލީ ރާއިދުއަށެވެ.
“މަންމާ…”ޝިނާ އުރާލައިގެން ހުރި ރާއިދު މަންމައަށް ގޮވާލަމުން ގޮސް މަންމަ ކައިރީ އިށީނެވެ.
“ރާއިދުވެސް ހަނދާނެއް ނުހުރޭ ރާއިދުގެ މަންމަ މަތިންނެއް. ކިތައް ދުވަސް މި ވަނީ ގޭތެރެއިން ރާއިދު ފެނިނުލާތާ؟” މަންމަ ޝަކުވާ ކުރަން ފެށިއެވެ.
“މަންމާ، ދީނާގެ މަންމަ ބަލިވެ އުޅޭތީ އެގެއަށް މި ދަނީ. ބަންދު ދުވަހެއްގައެއްނު އެހެން ގޮސް އުޅެވޭނީވެސް. އޮފީހަށް ދާން ފެށީމަ ނުވާނެ ވަގުތެއް ދީނާއަކަށް” ރާއިދުގެ ވާހަކަ ހުރީ މަންމައަށް ވިސްނައިދޭ ފަދަ ގޮތަކަށެވެ.
“ބަންދު ދުވަހެއްގަ ރާއިދުއަށްވެސް ރާއިދުގެ މަންމައާ އެކީ ވަގުތު ހޭދަކޮށްލެވޭނީ. އެކަމަކު ރާއިދުއަށް ދެވެނީ ދީނާގެ ފަހަތުން. އެހެން ނޫނަސް އޮފީހަށް ދަމުންނެއްނު ކުރިންވެސް ދީނާ މުޅި ދުވަހު ހޮސްޕިޓަލުގަ އުޅުނީވެސް؟ ދީނާއަށް މުހިންމު ވަނީ ދީނާގެ އާއިލާ މީހުން، އަހަރުމެންނަކީ އެއްވެސް އެއްޗެއް ނޫން” މަންމަ ބުނެލީ އަހަންނަށް ބަލާލަމުންނެވެ.
އަހަންނަށް އެ ވަގުތު ވީ ގޮތެއް ނޭނގުނެވެ. ގެއަށް ވަން ގޮތަށް މަންމަ ބުނި ބަސްތަކުން އައި ރުޅި ހިފަހައްޓައިގެން ހުރި ނަމަވެސް އެހެން ބުނުމުން އަހަންނަކަށް ނުހުރެވުނެވެ.
“އަހަރެންގެ މަންމަ އޮޕަރޭޝަންއެއް ކޮށްގެން އަދި ނުހިނގޭތީ، މަންމައަށް އެހީ ވާން އަހަރެން ދަނީ، އެއީ އަހަރެންގެ މަންމައަށް ވާތީ. އެއީ އަހަރެންގެ މައްޗަށް ވާޖިބަކަށް ވާތީ. ރާއިދުގެ މަންމަ ޝަކުވާ ތި ކުރަނީ ރާއިދު އަހަރެންގެ މަންމަ ބަލިވެ އޮއްވާ މަންމައަށް ގޮވާލަން ދާތީ، މަންމައާ އެކީ ވަގުތު ހޭދަ ކުރާތީ؟ އަޅެ ރާއިދުގެ މަންމަ އެ ހާލުގަ އޮންނަ ދުވަހަކު ރާއިދު އެ ގޮތަށް އަޅާލަން މަންމަ ބޭނުމެއް ނުވާނެތަ؟ އެއީ ރާއިދުގެ ވާޖިބަކަށް ނުވާނެތަ؟” އައިސްފައި ހުރި ރުޅިއާއެކު އަހަރެންނަށް ވާހަކަ ދެއްކުނީވެސް ބާރަށެވެ.
“ދީނާ…” ރާއިދު ގޮވާލީ އަހަރެންގެ ވާހަކަ ހުއްޓުވަން ކަން އެނގެއެވެ. ނަމަވެސް އެ ވަގުތު އަހަރެން ރާއިދުގެ އަޑު އަހާކަށް ބޭނުމެއް ނުވިއެވެ.
އަޑު ގަދަވެގެން ފައިހާއާ ރަޒާންއާ ރައުހާވެސް އެއްފަހަރާ ކަހަލަ ގޮތަކަށް ނިކުތެވެ.
“މިގޭ މީހުން އަހަންނަށް އެއްޗަކަށް ނުވާތީތަ މިގޭ މީހުންގެ އަޅަކަށް ވެގެން މިގޭ ހުރިހާ މަސައްކަތެއް އަހަރެން ކުރަނީ؟ މިގޭ މީހުންނަށް ކެވެނީ އަހަރެން ކެއްކިއްޔާ، އެހެން ނޫނީ ކާން ހުރި އެއްޗެއް ކަމުނުގޮސްގެން ނުކައި ތިބެނީ. ދެ ކުދިން ގޮވައިގެން އެކަނިމާއެކަނި މިގޭގަ އަހަރެން ނުކުރަނީ ކޮން ކަމެއް؟ ރަޒާން ކައިރީ އަހާބަލަ ފައިހާއަށް ނުވެގެން ކިތައް ދުވަހު އަހަރެން އޭނަގެ އެއްޗެހި އިސްތިރި ކޮށްދިނިންތޯ؟ ރައުހާ ކައިރީ އަހާބަލަ މަންމައާ ރައުހާ ނިދާ ކޮޓަރި ސާފުކުރަނީ ކާކުތޯ؟ މިގޭތެރޭ އެއްވެސް ތަނެއް އަހަރެން ނޫން މީހަކު ކުނިކަހާ ސާފު ކުރީ އެންމެ ފަހުން ކޮން ދުވަހަކު ކަން މަންމައަށް އެނގޭތަ؟” ބޭނުން ވި ނަމަވެސް ހިތަށް އައިހާ އެއްޗެއްސެއް އަހަންނަކަށް ނުކިޔުނެވެ. ވާހަކަ ދައްކަން އުނދަގޫ ވުމުން ހުއްޓާލީއެވެ.
އަހަރެން ކޮންމެ ކަމެއް ކުރިޔަސް ރާއިދުގެ މަންމައަށް ނުރުހުމާއެކު ނޫނީ އެއްޗެއް ނުބުނެވޭނެއެވެ. އެހެން ނަމަވެސް އަހަންނަކީވެސް އިންސާނެކެވެ. އެހެން މީހުންގެ ރުހުން ހޯދަން އެދެވެނީ އަމިއްލަ އިޚްތިޔާރެއް ނެތިއެވެ. އެހެން މީހުންގެ ލޯތްބާ، އަޅާލުމާ، ރުހުން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟
“ދީނާ! ދެން ހެޔޮ!” ރާއިދު ބުނެލީ ބާރަށެވެ.
ރާއިދު އެހެން ބުނުމުން އަހަރެން ހައްތަހާ ރުޅި ގަދަވީއެވެ. އަހަންނާ ދެކޮޅަށް ކިޔާ އެއްޗެހި ނުހުއްޓުވޭ އިރު އަހަރެންގެ ދިފާޢުގައިވެސް ރާއިދުއަށް އެއްޗެއް ނުބުނެވުނީތީއެވެ.
“އަހަރެން ކުރާ މަސައްކަތް ރާއިދުގެ މަންމައަށް ނުފެންނަހެން ރާއިދުގެ މަންމަ ކަންތައް ކުރާ ގޮތެއްވެސް ރާއިދުއަކަށް ނުފެނޭ. ރާއިދުގެ މަންމަ ވީމަ ރާއިދުއަށް އަޅާނުލާ ހުރެވުނަސް އަހަންނަށް ކެތް ނުވީމަ ބުނެވޭނެ. ރާއިދުގެ މަންމަ އަހަރެން ދެކެ އެހާ ރުޅި އަންނަ އިރު އަހަރެން ވަރިކޮށްފަ މަންމަ ރުހޭ މީހާ މިގެއަށް ގެންނަން ވީނު؟” އައިސްފައި ހުރި ރުޅީގައި، ރާއިދުއާ ދިމާއަށް އެނބުރެމުން ވިސްނާލުމެއް ނެތި އަހަރެން ބުނީ އެ ވަގުތު އަހަރެންގެ ހިތަށް އެރި ބަސްތަކެވެ.
ފަހު ޖުމްލަ އަހަރެންގެ އަނގައިން ބޭރުވުމާއެކު، ކުރިއަށް ފިޔަވަޅެއް އަޅާލަމުން ރާއިދު އަހަރެންގެ ކޯމަތީ ޖެހިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.








ooo my my god!!! i am in shock
did he just do that?
v v v reethi vaahaka eh mee maashaAllah love it
000 my my god!!! i am in shock
did he just do that?
v v v reethi vaahaka eh mee maashaAllah love it
Zee ge comment myny double vefa dho, hmm he did that dho, thank u dear
When is next part
InshaAllah Sunday
OMG the story is just awesome. next part please.
When Is next part 💕