ތަޤްދީރު 11 ވަނަ ބައި
” ކީކޭ އާދަންބެ ބުނީ ” ފޯން ކަނޑާލުމުން ސަކީލާ އަހާލިއެވެ. ” ބަލިކޮށް އުޅޭތީ ޑޮކްޓަރަށް ދައްކާލަން މާލެ އަންނަން ބޭނުންވާ ވާހަކަޔާ، މިގޭގަ ހުރެވޭނެތޯ އެހީ. ދެން އަހަރެން މިބުނީ އަވަހަށް އަންނާށޭ ” ތައުފީގު ސަކީލާއަށް ފޯން ދިއްކޮށްލުމަށްފަހު ސޯފާގައި ހަމަ ޖެހިލަމުން ބުނެލިއެވެ. ” އާދަންބެ އެކަނިތަ އަންނަނީ ” ސަކީލާ ތައުފީގަށް ބަލާލަމުން އަހާލިއެވެ. ” އަސްތާ… ތީ އަދި ކޮށްނުލެވުން ސުވާލެއް ” ސިހިގެން ދިޔަފަދަ ގޮތަކަށް ތައުފީގަށް ބުނެލެވުނެވެ. ” ދެން ގުޅާފަ އަހާލަން ވީނު. އޭރުން ނެއްނު ތަނެއް ތާހިރު ކޮށްލަން ވެސް އެނގޭނީ ” ސަކީލާ ފޯން ދިއްކޮށްލަމުން ބުނެލިއެވެ. ” ތި ވެސް ރަނގަޅު ވާހަކަ އެއް ” ސަކީލާ ފޯން ދިއްކޮށްލުމުން ތައުފީގު ކޯލް ލިސްޓް ބަލާ އަދަނު ގުޅި ނަންބަރަށް ޑައިލް ކޮށްލިއެވެ. ” އާދަނާ… އަދި އެއްޗެއް އަހާނުލެވި ފޯން ކަނޑާލެވުނީމާ މި ގުޅާލީ ” ތައުފީގު ބުނެލިއެވެ. ” ކޮންއެއްޗެއް ” އާދަނު ބުނެލިއެވެ. ” އާދަނު އެކަނިތަ އަންނަނީ. މިހެން މިއަހާލީ އަންނީ ކިތައް މީހުންކަން އެނގުނީމާދޯ ތަނެއް ތައްޔާރުކޮށްލަން ވެސް އެނގޭނީ ” ހީލަމުން ތައުފީގު ބުނެލިއެވެ. ” ދާކަށް މާ ގިނަ ބައެއް ނެތް. ދެ ކުދިންނާ އަހަރެން ދާނީ ” އާދަނު ބުނެލިއެވެ. ” އެންމެ ރަނގަޅު. ހަނދާންކޮށް ފުރަމުން ގުޅާލާތި ” ތައުފީގު ފޯން ކަނޑާލަމުން ބުނެލިއެވެ. ” ކިތައް މީހުންނޭތަ ބުނީ ” ތައުފީގު ފޯން ސަކީލާއަށް ދިއްކޮށްލުމުން ސަކީލާ އަހާލިއެވެ. ” ދެކުދިންނާ އާދަނު އަންނަ ވާހަކަ ބުނީ ” ތައުފީގު ކައިރީގައި އޮތް ޓީވީ ރިމޯޓް ނަގާ ޓީވީ އިން ޗެނަލް ބަދަލުކޮށްލަމުން ބުނެލިއެވެ. ” އެހެންވީމާ ދެ ކޮޓަރިވެސް ތައްޔާރު ކުރަން ޖެހޭނެއްނު ” ސަކީލާ ބުނެލިއެވެ. ” ދެ ކޮޓަރި ކީއްކުރަން ” ތައުފީގު ހައިރާންކަމާއެކު ބުނެލިއެވެ. ” މިހާރު ހަނދާން ނެތުނީތަ؟ ބަލަ… އާދަންބެ ގެ ތިބެނީ ދެވައްތަރުގެ ދެކުދިންނެއް ނޫންތަ؟ ” ތައުފީގަށް ބަލާލަމުން ސަކީލާ ބުނެލިއެވެ. ” އާނ… އެ ތެދެކޭދޯ. ކުޑަޔަށް ހުންނަނީ އަންހެން ކުއްޖެއްދޯ ” ހަނދާންކޮށްލާފަ ބުނާ ކަހަލަ ގޮތަކަށް ތައުފީގު ބުނެލިއެވެ. ” އަހަންނަށް ހީވަނީ ދަތުރު ކުރަން ދިޔަފަހުން ހަނދާނުގެ ބައި ބޯއްޓްގަ ބާއްވާފަ އައިސް ހެން ތިއުޅެނީ ” ދުފާ އެއްޗެހި އަޅާފަ ހުރި ތަށި ނަގައިގެން ހިނގައިގަންނަމުން ސަކީލާ ބުނެލިއެވެ. ” ވެދާނެ ތިހެންވެސް. އެކަމަކު ދަތުރުކުރަން އުޅުންއިރު އެހެން ސަކީލާ މަތިން ވަރަށް ހަނދާން ކުރީން ” ތައުފީގު ހީލަމުން ބުނެލިއެވެ.
ހަމަ އެވަގުތު ކޮންމެވެސް ވާހަކަ އެއް ދައްކަމުން، ހެމުން ވިދާނާ ޝުހާދު އައިސް ގޭގެ ދޮރު ހުޅުވާލިއެވެ. އަދި ސޯފާގައި އިން ތައުފީގު ފެނުމުން ވިދާން ހުނުން ހުއްޓާލާ، އަސްދަށަށް ޖަހާލައިގެން ހުރެ ގޭތެރެއަށް ވަނެވެ. ” ކޮންކަމަކާ މާގަދަޔަށް ހެމުން ތިއަންނަނީ ” ވިދާނާ ޝުހާދުގެ ހަރަކާތް ފެނުމުން ތައުފީގު އަހާލިއެވެ. ” އެއީ ދާން ދެއްކި ވާހަކަ އަކުން ހެވުނީ ” ޝުހާދު އެހެން ބުނުމުން ކޮޓަރިއާ ދިމާއަށް ގޮސް ގޮސް ހުރި ވިދާން ފަސްއެނބުރި ޝުހާދަށް ބަލާލާ، ބޮލުގެ އިޝާރާތުން ނޫނެކޭ ބުނާ ކަހަލަ ގޮތަކަށް ބޯ ހޫރާލިއެވެ. ” ދާން މި ބޮކްސް ވެސް ހިފައިގެންދޭބަލަ ” ވިދާން އަށް އަތުގައިން ބޫޓް ލާފަ އިން ފޮށި ދިއްކޮށްލަމުން ބުނެލިއެވެ. ” ތި ބަހައްޓާފަ ވިދާން ވެސް މިތާ ބައްޕަ ގާތަށް އާދެބަލަ. އެބަ އޮތް ދެކުދިންނާ ހަވާލުކުރަން އޮތް ކަމެއް ” ވިދާން ޝުހާދުގެ ބޫޓް ހިފައިގެން ހިނގައި ގަތުމުން ތައުފީގު ބުނެލިއެވެ.
” ކޮން ކަމެއް ބައްޕަ ” ސޯފާގައި އިށީންނަމުން ޝުހާދު އަހަލިއެވެ. ” ވިދާން އަންނަންދެން މަޑުކޮށްބަލަ ” ތައުފީގު އެހެން ބުނުމުން ޝުހާދު ދެކޮޑު އަރުވާލުމަށްފަހު، ޖީބުން ފޯން ނަގާ ކުޅެން ފެށިއެވެ. ވިދާން އައިސް ސޯފާގެ ކައިރީ މަޑުކޮށްލުމުން ތައުފީގު އަތުގެ އިޝާރާތުން އައިސް ޝުހާދު ގާތު ސޯފާގައި އިށީނުމަށް އަންގާލިއެވެ. ތައުފީގުގެ އިޝާރާތުން ވިދާން މަޑުމަޑުން ގޮސް ޝުހާދު ކޮޑުގައި ހިފާ ތައުފީގާ ގާތަށް ކޮށްޕާލިއެވެ. ” އެވަގުތު ޝުހާދު އިސްދަށަށް ޖަހައިގެން އިނުމަށްފަހު ވިދާނަށް ބަލާލިއެވެ. ” އެކޮޅަށް ޖެހިބަލަ ” ޝުހާދު ބަލާލުމުން ވައި އަޑަކުން ވިދާން ބުނެލިއެވެ. ޝުހާދު މޫނުމައްޗަށް ވައްތަރުތަކެއް ޖައްސަމުން ތައުފީގާ ގާތަށް ޖެހިލުމުން ވިދާން ސޯފާގައި އިށީދެލިއެވެ.
” ބައްޕަގެ ވަރަށް ގާތް ރައްޓިއްސެއް ޑޮކްޓަރަށް ދައްކަން އަންނަ ވާހަކަ ބުނެފި. ވަރަށް ދުވަސް ކޮށްލާފަ އަންނަން އެ އުޅެނީ ވެސް ” ވިދާން އައިސް ސޯފާގައި އިށީނުމުން ތައުފީގް ވާހަކަ ދައްކަން ފެށިއެވެ. ” ދެން ކޮންކަމެއް އަހަރުމެން ކުރަންވީ ” ޝުހާދު އަހާލިއެވެ. ” ކުރަންވީ ކަމަކީ މަތީގަ ހުރި ދެކޮޓަރި ސާފުކޮށްލަންވީ ” ތައުފީގު ބުނެލިއެވެ. ” އެއީ މީހަކުވެސް އުޅޭ ތަނެއް ނޫނެއްނު. އެހެންވީމަ ހަޑިއެއްވެސް ނުވާނެއްނު ” ޝުހާދު ބުނެލިއެވެ. ” އެހެންވީމާ މާ ބޮޑަކަށް ސާފު ވެސް ކުރާކަށް ނުޖެހޭނެއްނު. ކުޑަކޮށް ހިރަފުސް ފޮޅާލާ ކަންތައްތައް ކޮށްލަން ހުންނާނީ ” ތައުފީގު ޝުހާދު ގެ ކޮޑުގައި އަޅާލާފައި ބުނެލިއެވެ. ” އެހެންވީމާ ކޮންއިރަކުން ތި ބަޔަކު އަންނަނީ ” ތައުފީގު ޝުހާދުގެ ކޮޑުގައި އަތް އަޅާލުމުން ކުޅެން އިން ފޯންގެ ސްކުރީން އޮފް ކޮށްލަމުން ޝުހާދު ބުނެލިއެވެ. ވިދާން އެއްވެސް އެއްޗެއް ނުބުނެ ތައުފީގު ދައްކަމުން ދިޔަ ވާހަކަ އަޑު އަހަން އިސްދަށަށް ޖަހާލައިގެން އިނެވެ. ” އެންމެ އަވަހަކަށް ފުރަން އޮތް އެއްޗަކުން އަންނާނެ ” ތައުފީގު ޝުހާދުގެ ބޮލުގެ އިސްތަށިތަކާ އަތުން ކުޅެލަމުން ބުނެލިއެވެ. ” އެހެންވީމާ މާދަން ހެނދުނު ސާފުކުރަން ފެށިޔަސް ރަނގަޅު ވާނެއްނު ” ޝުހާދު ބުނެލިއެވެ. ” އާނ… ރަނގަޅު ވާނެ. ކީއްވެތަ ފިހާރައަށް ގޮސްފަ ތިހާ ލަސްވީ ” ތައުފީގު އަހާލިއެވެ. ” ވަތް ފުރަތަމަ ފިހާރައިން އަހަންނަށް ރަނގަޅު ބޫޓެއް ފެނުން. އެކަމަކު މި ދާންއަށް ކަމުދާ ބޫޓެއް ނުފެނުމުން އެހެން ފިހާރައަކަށް ވަންނަން ޖެހުނީމާ ލަސްވީ. ނަސީބެއް ދެން ފިހާރަތައް ބަންދު ކުރުމުގެ ކުރިން ބޫޓް ގަނެވުނުކަން ވެސް ” ވިދާނަށް ބަލާލަމުން ޝުހާދު ބުނެލިއެވެ. އެވަގުތު ސޯފާއިން ތިރިއަށް ބާލައިގެން އިން ޝުހާދުގެ ފައި ތިލަމަތިގައި ފައިން ވިދާން ޖަހާލިއެވެ. ” ޖެހިޔަސް ހަގީގަތް ބަދަލެއް ނުވާނެ ދޯ ” ޝުހާދު ފައިގައި އަތް އުގުޅަމުން ބުނެލިއެވެ. ” ސާބަސް ” ވިދާން ސޯފާއިން ތެދުވެގެން ދަމުން ޝުހާދުގެ ކޮޑުގައި އަތް އަޅާ ކޮށްޕާލަމުން ބުނެލިއެވެ. ފަހަތުން ޝުހާދުވެސް ތެދުވެގެން ދާން ފެށުމުން ތައުފީގު ހީލިއެވެ.
” ކިހިނެއްވެފަ މިތާގަ ތިއޮތީ ” ޓެރަހުގައި ހުރި ޖޯލިފަތީގައި އޮތް ވިދާނަށް މުހާތަބްކޮށް ޝުހާދު އަހާލިއެވެ. ” ކަމެއް ނުވޭ ހަމަ އޮތީ ” ވިދާން ބުނެލިއެވެ. ” އެހެންތަ؟. އެކަމަކު ހާދަ ހީވެޔޭ ކޮންމެވެސް ކަމަކާ ފިކުރު ބޮޑުވެފަހެން ” ޝުހާދު އައިސް ވިދާނާ ޖެހިގެން ހުރި ޖޯލީގައި އިށީންނަމުން ބުނެލިއެވެ. ” އާނ… ހިތަށް މިއަރާނީ އުޑުމަތިން މިފެންނަ ކުލަތަކަކީ ހާދަ އަޖައިބު ކުރުވަނިވި ކަމެކޭ ” ޖޯލީގައި އޮތް އިރު ބޯދަށަށް ލާފަހުރި އަތް ނަގަމުން ވިދާން ބުނެލިއެވެ. ” ކަން އޮތީ ތިހެން. އެކުލަ ތަކަކީ އެއްވެސް މީހެއްގެ ބާރަކުން ފެންނަމުންދާ ކުލަތަކެއް ނޫން. އެކަމަކު އަހަންނަށް ޔަގީން ހަމަ އެކަނި ތި ވިސްނަނީ އެކަމަކާ ނޫންކަން ” ޝުހާދު އުޑުމަތިން ފެންނަމުން ދިޔަ ރަތްވިލާތަކަށް ބަލާލަލުމަށްފަހު ބުނެލިއެވެ. ” އެހެން އެއްވެސް ކަމަކާ އަހަރެން ނުވިސްނަން ” ވިދާން ބުނެލިއެވެ. ” ކާކަށް އޮޅުވާލަން ތިއުޅެނީ ” ޝުހާދު ވިދާންގެ މޫނަށް ބަލާލުމަށްފަހު ބުނެލިއެވެ. ” ކިހިނެއްވީތަ؟. ބުނެބަލަ. އޭރުންދޯ ތި ކަމަކަށް ހިޔާލެއްވެސް ހޯދަން އުޅެވޭނީ ” ޝުހާދު ޖޯލީގައި އޮށޯވެލަމުން ބުނެލިއެވެ. ” އަހަރެންނަށް މި ވިސްނެނީ މަންމަޔާ މެދު. ކޮވިޑް ގެ މިދުވަސް ކޮޅު މަންމަ ކޮންހާލެއްގަ ބާއޭ އުޅޭނީ ” ވިދާން ދެރަވެލާފަ ބުނެލިއެވެ.
” ރަނގަޅު ވާހަކައެއް ތިބުނީ. އެކަމަކު މިހާ ދުވަސްވީރު މަންމަ އެއްމެ ފަހަރަކު ވެސް ދާންގެ ހާލު ބަލާލަން ގުޅާ ވެސް ނުލައެއްނު. ބުނަން މިއުޅެނީ، މަންމަ ގުޅާ ނުލިޔަސް ދާން މަންމަގެ ހާލު ނުބަލާ ހުންނާށެކޭ ނޫން ” ޝުހާދު ބުނެލިއެވެ. ” ދުވަސްތައް ފާއިތުވެގެން ދިޔަ އިރުވެސް މަންމަގެ ހަބަރެއް ނުވަނީ، މަންމަ އަދިވެސް އަހަރެން ދެކެ ހިތްހަމަ ނުޖެހިފަ ހުރީމާ. އެކަމަކު މިފަދަ ހާލަތެއްގަ އަހަރެން ވަރަށް ކަންބޮޑުވޭ މަންމަ އުޅޭ ހާލެއްވެސް ނޭންގޭތީ ” ވިދާން ހަށަން ބަދެލަމުން ބުނެލިއެވެ. ” ދެން ދާން އެގެއަށް ގޮސްލަންވީނު. މި ދުވަސްކޮޅު އަނެއްކާ ވެސް މިއޮތީ ކޮންމެވެސް ވަރަކަށް ލުއިތަކެއް ލިބިފައެއްނު ” ޝުހާދު ބުނެލިއެވެ. ” ދާން ވަރަށް ބޭނުން. އެކަމަކު ދާކަށް ވެސް ނުކެރޭނެ. އެންމެ ފަހުން ވެސް މަންމަޔާ މަގުމަތިން ދިމާވި ދުވަހުވެސް އަހަރެންނަށް ނުކެރުން އިސްއުފުލާ ބަލާލަން ވެސް. އަހަރެންގެ ނެތް މިހާރު މަންމަގެ ރުޅިޔާ ނަފްރަތާ ކުރިމަތިލާނެ ހިތްވަރެއް ” ވިދާން ވޭނުން ފުރިގެންވާ ހާލު ބުނެލިއެވެ. ” ދެން އެކަމަކު އަބަދު ތިހެން ވިސްނުމުގަ ވެސް ހޭދަ ނުކުރެވޭނެއްނު. އަހަރެން ބިރު ގަނޭ ދާން ބަލި ވެދާނެތީ ” ޝުހާދު ބުނެލިއެވެ. ” އަހަރެން އިރާދުކުރެއްވިޔާ ގަދަވެ ސަލާމަތުން ހުންނާނަން. އަދި މަންމަގެ ނަފުރަތާ ކުރިމަތި ލާން ޖެހުނަސް، އެންމެ ފަހު ވަގުތާ ހަމަޔަށް މަންމައަށް ހިދުމަތް ކުރާނަން ” ވިދާން ޖޯލިން ތެދުވެ ހަމަޖެހިލިއެވެ. ” އަހަރެން އަބަދުވެސް ދާންގެ ފަހަތުގާ ހިތްވަރު ދޭން ހުންނާނަން. އަހަރެންގެ މަންމަޔާ ބައްޕަ ވެސް އެގޮތުގަ އެތިބީ. އެހެންވީމާ އެހާ ވަރަށް ކަންތައްތަކާ ނުވިސްނާ. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ” ވިދާން ޖޯލިންތެދުވުމުން ޝުހާދު ވެސް ތެދުވެ، ވިދާންގެ ކޮޑުގައި އަތް އަޅާލަމުން ބުނެލިއެވެ. ” ތަގްދީރުގަ ވާން ހުރި ކަމެއްވާނެ. އެކަން އެއްވެސް މީހަކަށް ބަދަލެއް ނުކުރެވޭނެ. އެކަމަކު މިހާރު އަހަރެން އެއްވެސް ކަމަކަށް އުންމީދު ކުރަން ޖެހިލުންވޭ. ބިރުގަނޭ… ” އެއް އަތް އަނެއް އަތުގެ ތެރެއަށްލާ ބާރަށް ފިއްތާލަމުން ވިދާން ބުނެލިއެވެ. ” ތިހެން ނުބުނޭ. ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަށް. އެހެން ވިސްނާބަލަ. އޭރުން ކުރިއަށް އަންނަން ހުރި ދުވަސްތައް އުފާވެރިކަމާއެކު ނިމިގެންދާނެ ” ޝުހާދު ވިދާންގެ އަތުގައި ހިފާލަމުން ހިތްވަރު ދިނުމުގެ ގޮތުން ބުނެލިއެވެ.
” ހިޔާލެއް ދެންތަ؟ ” ކުއްލިއަކަށް ޝުހާދު ބުނެލިއެވެ. ” ކޮން ހިޔާލެއް އަނެއްކާ ” ވިދާން ޝުހާދަށް ބަލާލަމުން ބުނެލިއެވެ. ” ދާން އަތުގަ ގޭގެ ތަޅުދަނޑި އޮވޭތަ؟ ” ޝުހާދު އަހާލިއެވެ. ” ކޮން ގެ އެއްގެ ތަޅުދަނޑިއެއް ތިހޯދަނީ ” ވިދާން އަހާލިއެވެ. ” ޕިސް… ސާބަސް. މިގޭ ތަޅުދަނޑި އޮތްހޭ ނާހަން. މަންމަގެ ގޭގެ ވާހަކަ މިދައްކަނީ ” ޝުހާދު ޕިސް ކަނޑާލަމުން ބުނެލިއެވެ. ” އާނ… އޮވޭ. އެކަމަކު އަތުގައެއް ނެތް. ރޫމްގަ ވީ ” ވިދާން ބުނެލިއެވެ. ” މިގޭގަ ތަ ތަޅުދަނޑި އޮތީ ” ޝުހާދު ޔަގީން ކޮށްލުމަށް އަހާލުމުން ބޮލުގެ އިޝާރާތުން ވިދާން އާއެކޭ ބުނެލިއެވެ. ” ކޮންކަމެއް އަހަރެން ލައްވާ ކުރުވަން އަނެއްކާ ތިއުޅެނީ ” ވިދާން ޝައްކުގެ ރާގެއްގައި ބުނެލިއެވެ. ” މާ ބޮޑު ކަމެއް ކުރުވާކަށް ނޫން ” ޝުހާދު ހީލަމުން ބުނެލިއެވެ. ” ދެން ބޮޑު ނޫނިއްޔާ ބުނެބަލަ. ކީއްކުރަން އެގޭ ތަޅުދަނޑި ތިހޯދަނީ ” ވިދާން އަހާލިއެވެ. ” ކުރަންވީ ކަމަކީ މަންމަ ނިދާހާ އިރު ކޮށްފަ ވަރަށް ސިއްރުން ގޮސް ގެއަށް ވަދެ ބަލާލާނީ، މަންމަގެ ހާލަތު ” ޝުހާދު ބުނެލިއެވެ. ” ޝުހާދު ކޮންއިރަކު ވަގުން ކަންތައް ކުރަހެން ކަންތައް ކުރަން ދަސްކޮށްގެން ތިއުޅެނީ ” ޝުހާދުގެ ވާހަކަ އަޑު އަހަން އިނުމަށްފަހު، ޖޯލިން ތެދުވެގެން ކުރިއަށް ހިނގަންނަމުން ވިދާން ބުނެލިއެވެ. ” އެއީ ވަގުން ކަންތައް ކުރާ ގޮތެއް ނޫނޭ. އެހެން ހެދީމާ ދާންއަށް މަންމަގެ ހާލަތު އެނގޭނެ. މަންމަގެ ރުޅިއާ ވެސް ކުރިމަތި ލާކަށް ނުޖެހޭނެ ” ޝުހާދު ޖޯލިން ތެދުވެގެން ޓެރަހުގެ ވަށައިގެން ރާނާފަ ހުރި ފާރާ ހަމައަށް އަންނަމުން ބުނެލިއެވެ.
” ނޫޅެން ތިހެން ކަންތައް ކުރާކަށް. ވަގުންގެ ސްޓައިލްގަ އަހަރެން ބޭނުމެއްނޫން ދާކަށް. ދަންޏާ އަހަރެންދާނީ އެނގިގެން. މަންމަގެ ރުޅިޔާ ނަފްރަތާ ކުރިމަތި ވިޔަސް ހެޔޮ ކަމަށް ” ޓެރަހުގެ މަތިން މާލެތެރެ ފެންނަން އޮތް ހިސާބުގަނޑަށް ބަލާލަމުން ވިދާން ބުނެލިއެވެ. ” ދެން އެހެން ހަދާބަލަ. އަހަރެން ވެސް ދާނަމޭ ” ޝުހާދު ކުރުނުކޮށް ކިޔަން ފެށިއެވެ. ” ނުދާނަން ތިހެނެއް ” ޝުހާދަށް ބަލާލަމުން ވިދާން ބުނެލިއެވެ. ” ޕްލީޒް… އެހެން ކަންތައް ކުރުމުން ތި ވިސްނުމަށްވެސް ލުޔެއް ލިބިދާނެ ” ޝުހާދުގެ ކޮޅުދޫކުރާކަށް ނުހެދިއެވެ. ” ތިހެން ކަންތައް ކުރާށޭ ކިޔާފަ، ދެން ތިވާހަކަ ދައްކައި ފިއްޔާ އަހަރެންނަށް އެނގޭނީ ހަދާނެ ގޮތް ” މިހެން ބުނެ ވިދާން ގޭތެރެއަށް ދިޔުމަށް ޓެހުގެ ދޮރާ ދިމާއަށް ހިނގައިގަތެވެ. އެމަންޒަރު ބަލަން ޝުހާދު ޓެރަހުގެ ފާރުމަތީގައި ފުރަގަހަށް ވާ ގޮތަށް ދެއަތުގެ އުޅަބޮށި ޖައްސާލައިގެން، ފާރުގައި ފައި ވިއްދާލައިގެން ބަލަން ހުއްޓެވެ.
މައެއްގެ ލޯތްބަށް އެދި ދަރިޔަކު އުފުލަމުންދާ ވޭނާ، ހިތާމަޔާ، ހިތްދަތިކަން ޝުހާދަށް ގާތުން ފެންނަމުން ދިޔައެވެ. ކުރެވޭނެ މާ ބޮޑު ކަމެއް ނެތް ހާލު ވިދާންއަށް ހިތްވަރު ދިނުން ނޫން އެހެންކަމެއް ވެސް ޝުހާދަށް ކުރެވޭކަށް ނެތެވެ. ވިދާނަށް ކަމެއްގަ މާބޮޑަށް ބާރުއަޅަންވެސް ޝުހާދަށް ނުކެރެނީ ވިދާންގެ ހާލަތު އެނގޭތީއެވެ. މިއަދު ވިދާން އެވަނީ މައިންބަފައިންގެ ލޯތްބަށް ބޭނުންވެފައެވެ. ނަމަވެސް ތަގުދީރު ވިދާނާ ދެކޮޅުހަދާ ކަހަލައެވެ. ނަމަވެސް ޝުހާދުގެ އަޒުމު ވަކޮ ގޮތަކަށް ބައްޓަންކޮށް، ވިދާންއަށް އެހީވުމުގައި ކިތައްމެ ދުވަހެއް ހޭދަކުރަން ޖެހުނު ކަމުގައި ވިޔަސް ޝުހާދަކަށް ފަރުވާލެއް ނެތެވެ. ރަހުމަތްތެރިޔާގެ އަތުން އަތް ދޫކޮށްލާނެ ގޮތެއް ނެތެވެ. އެ އުމީދުގައި ޝުހާދަށް ލިބިގެންވާ ހުރިހާ ބާރެއްގެ ބޭނުން ޝުހާދު ކުރަން ނިންމާފަ ވާތާ ކިތައްމެ ދުވަހެކެވެ. އެކަމަކު އެކަން ވިދާންއަކަށް ޝުހާދު ނާންގައެވެ. އަންގަންވެސް ބޭނުން ނުވަނީއެވެ.
(ނުނިމޭ)