ޔާރާ އަހާށޭ 4
“މިއަދު މާ ބޮޑަށް މިސްވީތަ؟” އެ އަތުތެރޭ އަހަރެން ބޮނޑިކޮށްލަމުން ރާއިދު އަހާލިއެވެ.
“މިއަދު އެކަންޏެއް ނޫން މިސްވަނީ، އަބަދުވެސް މިސްވޭ” އަހަރެން ޖަވާބު ދިނީމެވެ.
“ދެން…؟” ރާއިދު ކޮށްލީ ސުވާލެކެވެ. އަހަރެން ޖަވާބެއް ނުދެމެވެ. ރާއިދުގެ ކުދިކުދި ސަމާސާތަކަށް ޖަވާބު ދެމުން ދިޔައީމެވެ.
“އަހަރެން ބަނޑުބޮޑު…” ރައިދުގެ މޭގައި ބޯ އަލާލައިގެން އޮވެ އަހަރެން އެންމެ ފަހުން ބުނީމެވެ.
“އަސްލުވެސްތަ؟” އަހަރެންނާ އެކު ފުރޮޅިލަމުން ރާއިދު އަހާލިއެވެ. އަހަރެން ބޯ ޖަހާލީމެވެ. އެއާއެކު ރާއިދު އަހަރެންނާ އިތުރަށް ކައިރިވެލިއެވެ.
ދެމީހުންވެސް ނިންމީ އިހަށް އެ ޚަބަރު ގޭ މިހުންނަށް ނުދީ މަޑުކޮށްލާށެވެ. އަހަރެންގެ ގޭ މީހުން ކައިރީވެސް ނުބުނަމެވެ. އެކަން ރާއިދުގެ ގޭ މީހުންނަށް އެނގުނީ ކުއްލިއަކަށެވެ. އެއީ ގޭ މީހުންނާ މެދު ހިތްހަމަނުޖެހިގެން ރާއިދު އެއްޗެއް ބުނި އަޑު އަހަރެން އެހި ފުރަތަމަ ފަހަރެވެ.
އެ ދުވަހު މާ ބޮޑަށް ހޮޑުލެވޭތީ އަހަރެން އޮފީހަކަށް ނުދަމެވެ. މެންދުރު ކައްކާކަށްވެސް ނުނިކުންނަމެވެ. ކުޑަކޮށް ބަލި ކަމަށް ބުނެ ފައިހާ ގާތު މެންދުރަށް އެއްޗެއް ހަދާލަން ބުނެފައި އަހަރެން އޮތީ ކޮޓަރީގައެވެ. ރާއިދު އައުމުން ކާން ހަދަން ނުކުމެފައިވެސް އަނެއްކާ ވަދެ އޮށޯތީއެވެ. އެ ދުވަހު މެންދުރު ކެއީ ރިހާކުރާ ބަތެވެ. އެއީ ރަޒާންއަށް ކަމުދާ އެއްޗަކަށް ނުވާތީ، އެރޭވެސް ރިހާކުރާ ބަތާ ކާން ޖެހުމުން ޝަކުވާ ކުރީ ރަޒާންއެވެ.
“މިރޭވެސް ރިހާކުރުތަ؟ މިއަދު ރިހައެއް ނުކައްކަންތަ؟” ރަޒާން ސުވާލުކުރީ ފައިހާއާއެވެ. ނަމަވެސް ޖަވާބު ދިނީ މަންމައެވެ.
“އެހެންނާވެސް ރިހަ ކައްކަނީ ދީނާ، މިއަދު ނުކައްކާތީ ރިހާކުރު ހުރީ. ދީނާއަށް ނުވަންޏާ ބުނެލާ ނަމަވެސް އެންމެ ރަނގަޅެއްނު؟ ފަހަކަށް އައިސް ރިހަ ނުކައްކާ، ރިހާކުރު ނޫނީ ދަޅުމަސް ކާން މި ހުންނަނީ. ރާއިދުއާ ރަޒާންއަށް ކަމުދާވެސް އެއްޗެއް ނޫން އެއީ. ދީނާ ބުނެލާ ނަމައެއްނު އަހަންނަށްވެސް ބަދިގެއަށް ވަދެ އެއްޗެއް ކައްކަން އެނގޭނީ؟” މަންމަގެ ނުރުހުން އަމާޒުވީ އަހަންނަށެވެ.
“މަންމާ، ދޮންބެދައްތަ ބުންޏޭ މިއަދު ބަލި ވާހަކަ، އަހަރެންނަށް ރިހަ ކައްކަން ނޭނގޭތީ ރިހާކުރު ނެގީ” ފައިހާ ބުންޏެވެ.
“ފައިހާ ކައިރީ ބުންޏަކަސް އަހަންނަކަށް ނޭނގޭނެ” މަންމައަށް ދެންވެސް ގޯސްވީ އަހަރެންނެވެ.
“މަންމާ، ގޭތެރޭގެ ހުރިހާ ކަމެއް ދީނާއަށް ނުޖައްސާ އެންމެން ބައިވެރިވެގެން ކުރަން ވީނު؟ އޭރުން ދީނާއަކަށްވެސް މާ ބުރައެއް ނުވާނެ. އޭނައަށް ނުވާ ދުވަހެއްގަ ކެއްކުމުގެ ކަންތައް އެހެން މީހުންނަށްވެސް ކޮށްލެވެން ޖެހޭނެ. އޮފީހަށް ދަމުން ކައްކަމުން ޝުޢާ ގެންގުޅެމުން ދީނާއަކަށް ނުވޭ ރެސްޓްކޮށްލާނެ ވަގުތެއްވެސް. މިގޭގަ މީހުން މަދެއް ނޫން. މަސައްކަތްތަކުގަ ރައުހާވެސް ބައިވެރިކޮށްގެން އުޅެބަލަ ދެން. މިހާރު އެއީވެސް ކުޑަ ކުއްޖެއް ނޫން. ކަންތައްތައް ދަސްވާނީވެސް ކުރަން އުޅުނީމައެއް؟” އެ ވަގުތު ރާއިދު ބުންޏެވެ.
“ކައިވެނިކޮށް ދަރިން ލިބުނީމަ އޮފީހަށް ދިޔުން ހުއްޓާލަން ޖެހޭ. އޮފީހުން ކެނޑުނީމަ ދީނާއަކަށް އެހާ ބުރަކޮށް އުޅޭކަށް ނުޖެހޭނެ” ރާއިދު ދެއްކި ވާހަކައިގެ ތެރެއިން މަންމައަށް އަޑުއިވުނީ އެބައި އެކަނި ކަހަލައެވެ.
އަހަންނަށް ރާއިދުއާ ދިމާއަށް ބަލާލެވުނެވެ. އަހަރެންގެ ދިފާޢުގައި ރާއިދު އެއްޗެއް ބުނޭތޯއެވެ.
“ދީނާ އޮފީހަށް ދިޔަޔަސް މިގޭ ގިނަ މަސައްކަތް ކުރަނީ ދީނާ. މިގޭގަ ހުހަށް ތިބޭ މީހުންނަށް ވުރެ، ކުޑަ ކުއްޖަކު ގޮވައިގެން، އޮފީހަށް ދަމުން ދީނާ ކުރާ މަސައްކަތް ގިނަ ކަން މަންމައަށްވެސް އެނގޭނެ” ރާއިދު ވާހަކަ ދެއްކީ މަޑުންނެވެ.
“ރާއިދުއަށް ފެންނާނީ ރާއިދުގެ އަންހެނުން ކުރާ މަސައްކަތް އެކަނި. އަހަރެންވެސް ލައްކަ ދުވަހު މަސައްކަތް ކޮށްފަ، ދަރިން މީހުންނާ އިނދެގެން ގެއަށް ގެނައީމަ ލުއި ވާނެ ކަމަށް ހީކުރިން. އަހަރެން އެކަނިމާ އެކަނި ރާއިދުމެން ގޮވައިގެން އުޅުނު ގޮތް ހަނދާން ނެތުނީތަ؟” މަންމައަށް ރާއިދު ބުނި އެއްޗަކުން ވިސްނުނީ މުޅިން އެހެން ގޮތަކަށެވެ.
“މަންމާ، އަހަރެން ނުބުނަން މަންމަ މަސައްކަތް ކުރާކަށް. އަހަރެން މި ބުނީ އެންމެން ވެގެން ދީނާއަށް ލުއިކޮށްލަދޭށޭ. އަދި މިހާރު ވަކިން ބޮޑަށް. އޭނަ އޭނީ ބަލިވެ” ރާއިދު މަންމަގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
އެހެން ނަމަވެސް ރާއިދު ބުނި އެއްޗެއް މަންމައަށް އަޑު ނީވޭ ކަހަލައެވެ. ރާއިދުގެ އަތް ފޮޅުވާލާފައި ތެދުވެގެން ގޮސް ކޮޓަރިއަށް ވަނީއެވެ.
“އަސްލުވެސްތަ؟ ދޮންބެދައްތަ ޕްރެގްތަ؟ ކީއްވެ ނުބުނީ؟” ފައިހާ އައިސް އަހަރެން ގައިގައި ބައްދާލިއެވެ.
“ފައިވެސް ޕްރެގް ވީމަ، ބުރަ ނުކުރަން ވެގެން އަހަރެން ހެލްޕް ވަނީ. އެކަމު މިއަދު ހަމަ އެއްގޮތަކަށްވެސް ތެދުވެވޭ ވަރު ނުވެގެން ނުނިކުމެވުނީ” އަހަރެން ބުނީމެވެ.
“ވާއު ދޮންބޭ! ފުލުފުލުގަ ނިންމާލަންތަ ތިއުޅެނީ؟” ރަޒާން ސަމާސާ ރާގަކަށް އެހެން ބުނެފައި ރާއިދުގެ ކޮނޑުގައި ޖަހާލިއެވެ.
“ދޮންބެދައްތަ އުޅޭ އެއްޗެއް ކާލެވޭތޯ” ފައިހާ އަހަރެންނަށް ބަތް އަޅައިދޭން އުޅުނެވެ.
“ރިހާކުރެއް ނުކެވޭނެ” މޫނަށް ވައްތަރެއް ޖައްސާލަމުން އަހަންނަށް ބުނެވުނެވެ.
“އަޅެ، އަހަންނަށް ރިހާކުރު ވަރަށް މީރު” ފައިހާ ބުނެލިއެވެ.
“ދޮންބެދައްތައަށް ނުކެވެންޏާ ހިނގާ މިރޭ އެއްޗެއް ގެންނަން؟ ދޮންބެ އޯކޭތަ؟” ރަޒާން އަހާލިއެވެ.
ރާއިދު ބޯ ޖަހާލުމުން ރަޒާން އެންމެން ގާތު ގެންނާނީ ކޯޗެއްތޯ އެހިއެވެ. ބޭރުން ކާ އެއްޗެހި ގެންނަން އުޅޭތީ އެންމެ ފޯރި އައީ ރައުހާއަށެވެ. އުމުރުން އަށާރަ އަހަރު ވާން އުޅޭ އިރުވެސް އޭނަގެ އަދިވެސް ހުންނަނީ ކުޑަކުދިންގެ ގޮތެވެ. އަހަރެންގެ އެންމެ ކުޑަ ކޮއްކޮ ނިއަމްއާ ރައުހާ އެއް އުމުރެއް ނަމަވެސް އެ ދެ ކުދިން ވަރަށް ތަފާތެވެ. އެއީ ގެންގުޅެވުނު ގޮތުން އައި ތަފާތެއް ކަން ޔަގީނެވެ. އަހަރެންގެ މަންމަ ކުދިން ބޮޑެތި ކުރީ ކުދިން ލައްވާ ހުރިހާ ކަމެއް ކުރުވައިގެންނެވެ. އަހަންނާ ނައުރާއާ ނިއަމްއަށް ގޭތެރޭގެ ހުރިހާ ކަމެއް ހެން ހުރީ ދަސްވެފައެވެ. އެންމެ ކަންނެތްކޮށް އުޅޭނީ ނައުރާއެވެ. ގޭތެރޭގެ މަސައްކަތްތަކަކީ އޭނަ ފޫހިވާ ކަމެއް ކަމުގައި އަބަދުވެސް ބުނާނެއެވެ. އެހެން ވިޔަސް ނައުރާގެ އަމިއްލަ ކަންތައް އޭނަ އެހެން މީހަކަށް ނުޖައްސާނެއެވެ. އޭނަ ކުރާހިތްވަނީ އޮފީހުގެ މަސައްކަތެވެ. އެކަމާ ދިމާކޮށް މަންމަ އެއްޗެހިވެސް ކިޔައެވެ. މީހަކާ އިނދެގެން އެހެން އުޅޭނީ ކިހިނެއްތޯ ކިޔާފައެވެ. ނައުރާގެ ޖަވާބަކަށް ވާނީ، އޭނަ ކައިވެނި ކުރާނީ މުއްސަންޖަކާ ކަމުގައެވެ. މަސައްކަތް ކުރަން ގޭގައި ނޯކަރުން ގެންގުޅޭނީއެވެ.
ރާއިދުގެ މަންމަ ރައުހާ އެހެން ނުގެންގުޅުނީ އެއީ އެންމެ ކުޑަ ދަރިފުޅަށް ވުމުން ކަންނޭނގެއެވެ. އެއީ ވަރަށް އާންމު ކަމެކެވެ. އަދި އަމްދުން ރާއިދުގެ މަންމަގެ ހުންނަ ފަދަ ވިސްނުން ގެނގުޅޭ ނަމަ އެހެން ވާނެކަން ޔަގީނެވެ.
އަހަރެން ބަނޑުބޮޑު ޚަބަރު އަހަރެންގެ އާއިލާއަށް ދިން ދުވަހު ބަދަލުގައި ލިބުނީވެސް އުފާވެރި ޚަބަރެކެވެ. ނައުރާ ކައިވެނި ކުރަނީއެވެ. އޭނަ ބޭނުން ވި ފަދަ ޒުވާނަކާއެވެ. ޒާމިލްއަކީ ތަނަވަސް އާއިލާއެއްގެ ތިން ކުދިން ތެރެއިން ދޮށީ ދަރިފުޅެވެ. އެ އާއިލާގެ ހަމައެކަނި ފިރިހެން ދަރިފުޅެވެ.
ނައުރާގެ ކައިވެންޏަށް ތައްޔާރު ވުމަށް އަހަރެންނަށް ވެދެވުނު އެހީއެއް ވީމެވެ. އެހެން ނަމަވެސް އަހަރުމެންގެ އާއިލާއިން މާ ބޮޑު ކަމެއް ކުރާކަށް ނުޖެހުނެވެ. ޒާމިލް ހުރީ ނައުރާ އެދޭ ގޮތަކަށް ހުރިހާ ކަމެއް ކޮށްދޭން ތައްޔާރަށެވެ. ޒާމިލްގެ މަންމައާ ބައްޕަ ޒާމިލްގެ ހޮވުމާ މެދު ވަރަށް ހިތްހަމަ ޖެހުނެވެ. އެހެން ކަމުން އެ މީހުން ތިބީ ޒާމިލްއާ ނައުރާ އެދޭ ގޮތަކަށް ކަންތައް ކުރަން ދޫކޮށްލައިގެންނެވެ.
އަހަރެން ފަދައިން، ކައިވެންޏަށް ފަހު ނައުރާވެސް ވަޒީފާ ދޫކޮށެއް ނުލައެވެ. ފައިސާގެ ދަތިކަމެއް ނެތް ނަމަވެސް އަމިއްލަ މަސައްކަތުން ލިބޭ އެއްޗަކުން ނައުރާވެސް ބޭނުންވީ މަންމައަށް އެހީވާށެވެ. ނައުރާ ވަޒީފާއަށް ނުދިޔަސް ނައުރާގެ އާއިލާއަށް ފުރިހަމައަށް އެހީވާން ޒާމިލް ހުރީ ތައްޔާރަށެވެ. ނަމަވެސް ނައުރާއަށް އެ ގޮތް ކަމުނުދިޔައީއެވެ. އެހެން ނޫނަސް ނައުރާ ބޭނުންވީ ވަޒީފާއަށް ދާށެވެ. ހަމަ އެކަނި “ހައުސް ވައިފް” އަކަށް ވެގެން ގޭގައި އިނުމަކީ ނައުރާއަށް ކަމުދާ ގޮތެއްނޫނެވެ. ނައުރާގެ އެދުމާ ޒާމިލް ދެކޮޅެއް ނުހަދައެވެ. ނައުރާގެ ކޮންމެ ނިންމުމަކަށް ޒާމިލްގެ އެއްބާރުލުން ފުރިހަމައަށް ދިނެވެ.
އަހަރެންގެ ކޮއްކޮއާ މެދު އަހަރެން ފަޚުރުވެރިވިއެވެ. ނައުރާގެ ނިންމުމަށް މަރުޙަބާކީމެވެ. ކޮއްކޮގެ ނަސީބަށްޓަކާ ހެއްދެވި ފަރާތަށް ޝުކުރު ކުރީމެވެ. ހަމަ އެހެން ދާރިމްއާ ނިއަމްއަށްވެސް ކާމިޔާބަށް އެދި އަބަދުވެސް ދުޢާ ކުރަމެވެ.
އަހަރެންގެ ކޮއްކޮމެންނެކޭ އެއްގޮތަށް ރައުހާއަށްވެސް ރަނގަޅު މުސްތަޤްބަލަކަށް އަހަރެން އެދެމެވެ. އޭލެވެލް ހަދާ ނިމުނު ނަމަވެސް ރައުހާ ކުރިއަށް ވިސްނާހެން ހިއެއް ނުވެއެވެ. އަހަރެން އެހެން އުޅެލާފައި ރައުހާ ގެނެސް އެކިއެކި ވާހަކައިގެ ތެރެއިން ނަސޭޙަތްދެމެވެ. ދިރިއުޅުމާ މެދު ވިސްނުމަށް ބުނަމެވެ. އޭލެވެލް ނިމުމަސް އަދި ކިޔަވާ ނިމުނީ ކަމުގައި ހީނުކުރުމަށް ބުނަމެވެ. ނޫން ނަމަ ދެން ވަޒީފާއަކަށް ދިޔުމުގެ ޚިޔާލު ދެމެވެ. ކައިވެންޏެއް ކުރާނަމަ ހޯދަންވީ ކޮން ކަހަލަ ސިފަތަކެއް ހުރި މީހެއްތޯވެސް ބުނެދެމެވެ. އަދި އެ ހިސާބަށް ދިޔުމުގެ ކުރިން ރައުހާވެސް ވަރަށް ގިނަ ކަންތައް ދަސްކުރަން ޖެހޭ ކަމަށް ބުނެ އެކިއެކި ކަންތައްތައް ކިޔާދެމެވެ. އަހަރެން ދައްކާ ވާހަކަ ރައުހާ އަޑުއަހައެވެ. ނަމަވެސް އިތުރަށް ކިޔަވަން ބޭނުން ވާހަކައެއްވެސް ނޫން ނަމަ ވަޒީފާއެއް ހޯދަން ވިސްނާ ކަމަކަށްވެސް ރައުހާ ނުބުނެއެވެ. އަހަންނަށްވެސް ބުނެދެވޭނީއެވެ. ގޮތް ނިންމާ ކުރިއަށް ފިޔަވަޅު އަޅާނީ ރައުހާއެވެ.
ރަޒާންއާ ފައިހާގެ އިންތިޒާރަށް ނިމުމެއް އައިސް ފައިހާ ވިހަން ހޮސްޕިޓަލަށް ގެންދެވުނެވެ. އޭރު އަހަރެން ހުރީ އޮފީހުގައެވެ. އެ ޚަބަރު ލިބުމާއެކު ގެއަށް ގޮސް އަހަރެންގެ މަންމަމެން ގެއަށް ޝުޢާ ލާފައި ރައުހާ ގޮވައިގެން އަހަރެން ދިޔައީ ހޮސްޕިޓަލަށެވެ.
އެރޭ އިރުއޮއްސުނު ތަނާ ފައިހާ ވިހެއެވެ. މަންމަގެ ހުވަފެން ސީދާވީއެވެ. ފައިހާއާ ރަޒާންއަށް ލިބުނީ ފިރިހެން ކުއްޖެކެވެ. އެކަމާ މަންމަ އުފާވެފައި ހުރި ވަރު މަންމަގެ މޫނުންވެސް ފެނެއެވެ.
އަނެއް ދުވަހު ފައިހާއާ ކުޑަ ދަރިފުޅު ގެއަށް ދޫކޮށްލިއެވެ. ހަތް ދުވަސް ފަހުން ދަރިފުޅަށް ނަން ކިޔުން އޮތީވެސް ގޭގައެވެ. މަންމަ ހީވަނީ އުފަލުން ނަށަން ފަށާފާނެ ހެންނެވެ. އެ ހުރިހާ މަންޒަރެއް ފެނުމުން އަހަރެންގެ ހިތަށް ތަދުވިއެވެ. އަހަރެންވެސް ވިހެއީ ހަމަ މަންމަގެ މާމަ ދަރިއެކެވެ. އެކަމަކު ދެ އަހަރު ވީ އިރުވެސް މަންމަގެ ފަރާތުން ރަޒާންގެ ދަރިފުޅަށް އެ ލިބޭ ފަދަ ޚާއްސަކަމެއް ޝުޢާއަކަށް ދުވަހަކުވެސް ނުލިބެއެވެ.
ދެ މަސް ފަހުން އަހަރެންނާ ރާއިދުގެ ދެވަނަ ދަރިފުޅު އުފަންވިއެވެ. މި ފަހަރުވެސް އަހަރުމެންނަށް ލިބުނީ އަންހެން ކުއްޖެކެވެ. އެކަން އަހަންނާ ރާއިދުއަށް ކުރިންވެސް އެނގެއެވެ. ރާއިދުއަށް އެއީ މައްސަލައެއް ނޫން ކަމަށް ބުނެ އަހަރެން ހިތްހަމަ ޖައްސައިދިނުމަށް އޭނަ ވަރަށް ވާހަކަ ދެއްކިއެވެ. އަހަރެން ރާއިދުގެ ވާހަކަ ގަބޫލުކުރީމެވެ. ހިތްނުތަނަވަސްވެފައި ހުރީ މަންމަގެ ވިސްނުން ހުންނަ ގޮތުންނެވެ. އެހެންވެ އިތުރު މީހަކާ އެ ވާހަކަ ގޭ އެއްވެސް މީހަކާ ހިއްސާ ނުކުރީ އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެ މީހުންނަށްވެސް ގަބޫލުކުރެވޭތީއެވެ.
ދެމަސް ކުރިން ފައިހާ ވިހައިގެން އުޅުނު އިރު ރާއިދުގެ މަންމަގެ ފަރާތުން ފެނުނު އެއްވެސް ކަމެއް އަހަރެން ވިހައިގެން އައުމުން ނުފެނެއެވެ. އަހަންނަށް އެހީވުމުގެ ބަދަލުގައި މަންމަގެ ވަގުތު ހޭދަ ކުރީ ނާއިކްގެ ކައިރީގައެވެ. ކުރީ ފަހަރު އަހަރެން ވިހައިގެން މަހެއް ނުވަނީސް މަސައްކަތްތައް ކުރަން ފެށި އިރު އަޅާނުލާ މަންމަ ހުރި ނަމަވެސް، ދެމަސް ވީ އިރުވެސް ފައިހާ ލައްވާ މަންމަ އެއްވެސް ކަމެއް ނުކުރުވައެވެ. ފައިހާ އަމިއްލައަށް ކުރަން އުޅުނަސް މަންމަ މަނާ ކުރަނީއެވެ.
އެ ފަހަރު އަހަރެމެންގެ ދަރިފުޅުގެ ނަން ކިޔުމުގެ ކަންތައް ކުރީ ގޭގައެވެ. އެއީ ރާއިދު އަމިއްލައަށް ނިންމި ނިންމުމެކެވެ. އަހަރެން ދެކޮޅެއް ނުހަދަމެވެ. އަހަރުމެންގެ ދެ ވަނަ ދަރިފުޅަށް ކީ ނަމަކީ އައިޝަތު ޝިނާ ރާއިދުއެވެ. އެ ދުވަހު އާއިލާގެ މީހުން އައިސް ތިބި އިރު މަންމަ ދެއްކި ވާހަކަތައް އަޑު އިވުމުން އަހަރެންގެ ހިތް ރާއިދުގެ މަންމައާ މެދު މުޅިން ބަދަލުވިއެވެ.
އަހަރެން ކޮޓަރިން ނިކުތީ ޝިނާ ނިންދަވާފައި ޝުޢާއަށް ބުއްފުޅި ހަދާށެވެ. ސިޓިންގްރޫމަށް ނުނިކުމެ އަހަންނަށް މަޑުކޮށްލެވުނީ މަންމަ ބުނި އެއްޗަކުންނެވެ.
“ކޮންމެ ގޮތެއް ވިޔަސް ފިރިހެން ކުއްޖަކާ އަންހެން ކުއްޖަކު އެއްގޮތެއް ނުވާނެ. ދީނާއަށް ދެވަނަ ފަހަރަށްވެސް އަންހެން ކުއްޖަކު ލިބުން އެއީ އޭނަގެ ނަސީބު ދެރަކަން. މަގޭ ރާއިދުއަށްވެސް އޭނަގެ ސަބަބުން ފިރިހެން ކުއްޖަކު ނުލިބުނި ވިއްޔަ” މަންމަ ބުނި އަޑު އިވުނެވެ.
“ވިސާމާ ދައްކާ ވާހަކަ! ތީ ދެން ކުރީ ޒަމާނުގެ ބޯދާ ވިސްނުން ގެންގުޅޭ މީހުން ދައްކާ ކަހަލަ ވާހަކަ. ދީނާއެއީ ކިހާ ރަނގަޅު ކުއްޖެއް؟ ފައިހާވެސް ގޯހެކޭ ނޫން، އެކަމަކު ދީނާ ކައިރީ ގައިމުވެސް ފައިހާ ނުވޭ އެކައްޗަކަށްވެސް” ރާއިދުގެ ބައްޕަ ފަރާތު ބޮޑުދައިތަ، އުމޭމާއްތައަށް މަންމަގެ ވާހަކައާ އެއްބަހެއް ނުވެވުނެވެ.
“ފައިހާ ކީއްވެ އެއްޗަކަށް ނުވާންވީ؟ ނުލާހިކު މުއްސަނދި އާއިލާއެއްގެ ކުއްޖެއް. ރާއިދުއަށްވެސް ހަމަ އެ ފުރުސަތު ލިބުނޭ. އޭނަ މޮޔަ ކަމުން އެ އަންހެން ކުއްޖާ ދޫކޮށްލީ” މަންމަ ބުންޏެވެ.
އަހަންނަށް ގަބޫލު ކުރަން ދަތިވިއެވެ. މަންމަ އެ ބުނީ ޒިމްނާގެ ވާހަކަ ހެއްޔެވެ؟ ވީ ގޮތް އެނގި ހުރެވެސް މަންމަގެ ދުލުން ތަޢުރީފް އެ ކުރަނީ މަންމަގެ ދަރިފުޅަށް ބޭވަފާތެރިވީ އަންހެން ކުއްޖާއަށް ހެއްޔެވެ؟ އެވެސް އެންމެ ހުތުރު ގޮތަށެވެ.
“އާނ ކުރިން ރާއިދު އިންނަން އުޅުނު ކުއްޖާ ދޯ؟ ކީއްވެ އެ ކަންތައް ހުއްޓާލީ؟” މި ފަހަރު ސުވާލު ކޮށްލީ މަންމަ ފަރާތު ތިމާގެ މީހެކެވެ.
“އޭނައަށް ކުށެއް ކުރެވުނީ. އެކަމާ އޭނަ ހާދަ ވަރަކަށް ރާއިދުގެ ފަރާތުން މާފަށް އެދުނޭ. އެކަމަކު ރާއިދު އޭނައަށް މާފެއް ނުކުރި. ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެއެއްނު؟ މާފަށް އެދިގެން އައީމަ އަދި ފުރުސަތެއް ދިނުމަކީވެސް އޮތް ކަމެއް. އެކަމަކު ރާއިދު ދެން އޭނައާ ވާހަކަ ދައްކަންވެސް ބޭނުމެއް ނުވި. އަހަރެން ކައިރިއަށް އައިސްވެސް އެ ފަކީރު އެހާ އާދޭސް ކުރި ރާއިދު މާފު ނުކޮށްގެން” މަންމަ ކިޔާދިނެވެ.
“ރާއިދުއަށް ކަމުނުދާ ސިފައެއް ހުރީމަތާ އޭނަ ދެވަނަ ފުރުސަތެއް ނުދޭނީ. އަހަންނަކަށް ހިއެއް ނުވޭ އާދައިގެ ކަމަކާ ހެދި ރާއިދު ކައިވެނި ހުއްޓާލާނެ ހެނެއް. އެއަށްވުރެ މާ ވިސްނޭ ދަރިއެއް އެއީ. އެހެން ނޫނަސް ދީނާއަށް ވުރެ ވަކި ރަނގަޅު އަނތްބެއް ރާއިދުއަށް ލިބޭނެތަ؟” މިފަހަރުވެސް ބުނީ އުމޭމާއްތައެވެ.
“ދީނާ ގޯހެކޭ އަހަރެން ނުބުނަމޭ. އަހަރެން މި ބުނަނީ އަނބިމީހާގެ މުއްސަނދިކަމުގެ ފައިދާ ކުރާނެޔޭ ފިރިމީހާއަށާ ދަރިންނަށް. އެ ގޮތުން އެ ނަސީބު ރަޒާންއަށް ލިބުނީ. އަހަރެން އެދުނީ އެފަދަ ނަސީބެއް ރާއިދުއަށްވެސް ލިބެން. އަނެއްކާ އިނދެގެން މިހާ ދުވަސް ވީ އިރު، ދެ ދަރިން ލިބުނު އިރުވެސް ދީނާ ވަޒީފާއަށް ދިޔުން ހުއްޓާލާކަށް ބޭނުމެއް ނުވޭ. ދަރިން ލިބުނީމަ ދެން ކީއްކުރަން ވަޒީފާއަށް ދަނީ؟ ދަރިން ބަލަން ގޭގަ އިނުމަކީ އަންހެނުންގެ ޒިންމާއެއް. ދީނާ ވަޒީފާއަށް ފޮނުވާފަ ދަރިން ބަލަން ވީ އެހެން މީހުން؟ ގޭތެރޭގެ ކަންތައް ކުރަން ވީ އެހެން މީހުން؟ އެގޮތަށް ބަލާ އިރު ފައިހާ ރަނގަޅޭ އަހަންނަށް ބުނެވެނީ” މަންމަ ބުންޏެވެ.
“އަހަރެން މިހެން އަންނަ ފަހަރެއްގަވެސް މަދުން ނޫނީ ނުފެންނާނެ ފައިހާ ބަދިގޭގަ އުޅޭ ތަނެއް. ވިސާމާ އަމިއްލައަކަށް ނޫންތަ ބުނީ ދީނާ އޮފީހަށް ދަނީ ހެނދުނު ސައި ހަދާފަ މެންދުރަށް ކައްކާވެސް ނިންމާފައޭ؟ ދެން އޭނަ ވަޒީފާއަށް ދާތީ ކޮން ކަމެއް ނުވެގެން ވިސާމާ ޝަކުވާ ތި ކުރަނީ؟ ވަޒީފާއަކަށް ނުގޮސް ފައިހާ ގޭގަ ހުރެގެން ކޮން ފަސޭހައެއް ވަނީ؟ މި ޒަމާނަކީ ހަމައެކަނި ފިރިމީހާގެ މައްޗަށް ބަރޯސާ ވެގެން އަންހެނުން ތިބޭ ޒަމާނެއް ނޫން. ކިޔެވި އެއްޗެއްގެ ބޭނުންވެސް ކުރަން ޖެހޭނެ. ހުރިހާ އަންހެނުން ބޭނުމެއް ނުވާނެ ގޭގަ ތިބޭކަށް. ބަލަ ވިސާމާގެވެސް އެހެރީ އަންހެން ދަރިއެއް. މާދަން އޭނަ މީހަކާ އިންނަން ބަލާ އިރު، އޭނައަކީ މުއްސަންޖެއްގެ ދަރިއަކަށް ނުވާތީ އޭނަގެ މައިދައިތަ ތި ހުރިހާ އެއްޗެއް ކިޔަން ވެއްޖެއްޔާ ދެން ހަދާނީ ކިހިނެއް؟” އެ ފަހަރު ބުނީ ޖެހިގެން ހުރި ގޭ ހައްވައްތައެވެ.
“އަދި ރައުހާގެ ވާހަކަ ދައްކާކަށް ނުވޭ. އަހަންނަށް ހަމަ ކަމުދާ ގޮތެއް ނޫން އަންހެނުން ދަރިން ލިބުނީމަ ވަޒީފާއަށް ދިޔުމަކީ. ކުރިން އެންމެ ކުއްޖެއް ހުރި އިރު އުނދަގޫ ނުވިޔަކަސް މިހާރު އެ ވީ ދެ ކުދިން. އަހަރެންގެ ތިން ދަރިން އެ ތިބީ ބޮޑެތިކޮށްފަ. އަނެއްކާ އެ ހުރިހާ ކަމެއް އަލުން ކުރުމަކީ ބުރަކަމެއް. ރާއިދުގެ ދަރިން ނުބަލާކަށް ނޫން މިހެން މި ބުނަނީ. ކަމުދާ މީހަކު ކަމުދާ ވާހަކަ ބުނެވިދާނެއެއްނު؟ އަހަންނަށް ހަމަ ރާއިދުގެ ފުރަތަމަ ހޮވުން ކަމުދަނީ. އަދިވެސް ހިތަށް އަރާ ރާއިދު ޒިމްނާއާ އިން ނަމައޭ” މަންމައަކީ ގޮތްދޫކުރާނެ މީހެއް ނޫންކަން މަންމަގެ ވާހަކައިން އެނގެއެވެ.
“ވިސާމާ ބުންޏަސް ތެދެއް ހަމަ ތީ. ތަނަވަސް އާއިލާއެއްގެ ކުއްޖަކާ ކައިވެނި ކުރެވުނިއްޔާ އޭގެ ފައިދާ ހަމަ ކުރާނެ. ގައިމު އެ ބުނާ ކުއްޖަކާ ރާއިދު އިން ނަމަ މިއަދު އަންހެނުން ވަޒީފާއަށް ފޮނުވާކަށް ނުޖެހުނީހެއްނު؟” މަންމައާ އެއްކޮޅަށް މިފަހަރުވެސް ވާހަކަ ދެއްކީ ސަލީމާއްތައެވެ.
އަހަރެން އެ ވަގުތު ބޭރަށް ނިކުތީމެވެ. އަހަންނަށް އެ ވާހަކަތައް އަޑު އިވުނުކަން މަންމައަށް އަންގާލަން ބޭނުން ވި ނަމަވެސް އެއްޗެއް ނުބުނީ ރާއިދުއަށް ޓަކައެވެ. އަހަރެން ދެކެ މަންމަ އެހާ ފޫހި ވާންވީ ސަބަބެއް އަހަންނަކަށް ނުވިސްނެއެވެ. ގައިމުވެސް މަންމަ ނުރުހޭ ކަމެއް އަހަންނަށް އެނގިގެންނެއް ނުކުރަމެވެ. މުއްސަނދި އާއިލާއަކަށް ނިސްބަތް ވަންޏާ ކޮންމެ ގޮތަކަށް އަންހެން ކުއްޖާ އުޅުނަސް މަންމައަށް މައްސަލައަކަށް ނުވަނީ ހެއްޔެވެ؟ އެކަމަކު އެއީ ކޮންކަހަލަ ވިސްނުމެއް ހެއްޔެވެ؟
އެ ދުވަހުގެ ފަހުން އަހަރެން ރާއިދުގެ މަންމަ މަތިން ފޫހިވިއެވެ. އެހެން ވިޔަސް އަހަރެން އެކަމެއް ނުދައްކަމެވެ. ނަމަވެސް އަހަރެން އަޒުމެއް ކަނޑައެޅީމެވެ. ގޭ އެހެން މީހުން ނުކުރާ މަސައްކަތެއް ދެން އަހަރެންވެސް ނުކުރާނަމެވެ. ފައިހާއާ ރައުހާއާ މަންމަވެސް ޖެހޭނީ އަމިއްލައަށް ބޭނުންވާ ކަންތައް އަމިއްލައަށް ކުރާށެވެ. މަންމަ އަހަންނާ މެދު ނުދެކުނު ގޮތަކަށް މަންމައާ މެދުވެސް ދެކޭކަށް ބޭނުމެއް ނޫނެވެ. ނަމަވެސް އެއީ ރާއިދުގެ މަންމައަށް ވީތީ އަދަބު ކުޑަވާ ފަދަ ކަމެއްވެސް އަހަރެން ނުކުރާނަމެވެ.
އޮފީހުން ކެނޑޭކަށް އަހަރެން ނުވިސްނަމެވެ. ޝިނާ ވިހެއުމުގެ ކުރިންވެސް ހިތުގައި އޮތީ ދެން އޮފީހަށް ނިކުންނަން ވާ އިރަށް ކުދިން ބަލަން ބޭރު މީހެއް ގެންނާށެވެ. އެޚިޔާލު ރާއިދުއާ ހިއްސާ ކުރުމުން ރާއިދުވެސް ދެކޮޅެއް ނުހަދައެވެ. މަޑުކޮށްގެން ހުރީ އަދި އޮފީހަށް ނިކުންނަން ހަމަސް އޮތުމުންނެވެ.
އެ ފަހަރު އަހަރެން ވިހައިގެން ހަ މަސް ވާން ވީ އިރު އަހަރެންގެ ޝަކުވާ މަންމަގެ ދުލުން ކުރެވޭލެއް ގިނަވިއެވެ. އެންމެ ފުރަތަމަ މަންމަ ނުރުހުން ފާޅު ކުރީ ގެއަށް ބޭރު މީހަކު ގެންނަން ބުނުމުން އެކަމާއެވެ. މަންމަ ހަމަ އެއްގޮތަކަށްވެސް ގަބޫލެއް ނުވިއެވެ. މަންމަގެ ރުހުން ނުލިބެނީސް ރާއިދު އެކަން ކުރިއަށް ނުގެންދާނެ ކަން އެނގޭތީ އެ ވާހަކަ އެ ވަގުތަށް އަހަރެން ހުޓާލީއެވެ. ދެން ދެކެވުނީ ހުރިހާ ވަގުތެއްގައި އަހަރެން ބަދިގޭގައި ނޫޅޭ ވާހަކައެވެ. މެންދުރު ރަޒާންއާ ރާއިދު ކާން އަންނަ އިރަށް ނުކެއްކޭ ވާހަކައެވެ.
ފުރަތަމަވެސް އެހެން ވީ ޝިނާ ހުންއައިސްގެން އުޅުނު ދުވަހެއްގައެވެ. އެ ދުވަހުވެސް މެންދުރަށް ކާން ތައްޔާރުކުރީ ފައިހާއެވެ. ކާން ހުރީ ބަތާ ރިހާކުރެވެ. ރާއިދުއަށް ރިހާކުރު ކަމުނުދިޔަޔަސް އޭނަ ޝަކުވާ ނުކުރަނީ އަހަންނަށް ޓަކައެވެ. އެދުވަހުވެސް ކެއުން ކަމުނުގޮސްގެން ހިތްހަމަ ނުޖެހުނީ ރަޒާންއެވެ.
“މިއަދުވެސް ރިހާކުރުތަ؟” އެ ސުވާލު ކުރި އިރު އެތާ ފައިހާއެއް ނެތެވެ. ނާއިކް ހޭލައިގެން ފައިހާ ކޮޓަރިއަށް ވަނުމުން ކާން ހެދީ އަހަރެންނެވެ.
“އެގާރަ ޖަހާ ބޮޑުވި އިރުވެސް ދީނާ ނުނިކުމޭ ކޮޓަރިއަކުން. ފައިހާއަށް ރިހަ ކައްކަން ނޭނގެންޏާ އޭނައަށް ނެގޭނީ ހުރި އެއްޗެއްނު؟” މަންމަ އެ ކަން އަޅުވާލީ އަހަރެންގެ ބޮލުގައެވެ.
“މަންމާ، ޝިނާ ހުންއައިސްގެން ރޭ ހަތަރުދަމު ދީނާ އުޅުނީ ހޭލާ، ހެނދުނު ޝިނާއަށް ނިދުނު ވަގުތު ދީނާ ނިކުމެ ރޮށިފިހެ ސައި ހަދާފަ ވަދެ ޖައްސާލީ. މަންމައަށްވެސް މެންދުރަށް ކައްކާލެވުނީހެއްނު” ރާއިދު ބުންޏެވެ.
“ކުދިން ބަލި ވިޔަކަސް އެހެން ކަންތައް ކުރަން ވަގުތު ހޯދަން ޖެހޭނެ. އެހެނޭ ކިޔާފަ ބަހަނާ ދައްކައިގެން ނޫޅެވޭނެ” މަންމަ ބުނެލިއެވެ.
“މަންމާ…” ރާއިދު އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އަހަންނަށް އެއްޗެއް ނުބުނެ އެ ވަގުތު ނުހުރެވުނެވެ.
“ރިހާކުރު ހުރެގެން ކަމުނުދިޔައީ ރަޒާންއަށް. އެހެން ވީމަ ރަޒާންއަށް ކަމުދާ އެއްޗެއް ހެދުމަކީ ފައިހާގެ ޒިންމާއެއް. އަހަރެންގެ ދަރިފުޅު ބަލިވެ އޮއްވާ އެ ކުއްޖާ ރޯން ދޫކޮށްލާފައި އައިސް އަހަރެން ބަދިގެއަށް ވަންނަން ޖެހޭނީ އަހަރެންގެ ފިރިމީހާ އެ ޝަކުވާ ކުރާނަމަ. ކޮންމެ ކަމެއްގެ ޒިންމާ އަހަރެން ނުޖެހޭނެ ނަގާކަށް” ރުޅިއައިސްފައި އަހަރެން ބުނީމެވެ.
“ދީނާ!” ރާއިދު ބާރަށް ގޮވާލީ އަހަރެން ވާހަކަ ދެއްކި ގޮތާމެދު ހިތްހަމަ ނުޖެހުނު ވަރުން ކަން އަހަންނަށް އެނގެއެވެ.
“ފައިހާއަށް އެނގޭ ކަމެއް ނުކޮށެއް އޭނަ ނުހުންނާނެ” އެ ވަގުތު މަންމަ ބުނެލިއެވެ.
“އޭނަގެ ފިރިމީހާއަށް ކެވޭ އެއްޗެހި ކައްކަން އޭނައަށް އެނގެން ޖެހޭނެ، ނޭނގެންޏާ ޖެހޭނީ ދަސްކުރަން. އަހަންނަކީ މަންމަގެވެސް އަދި މިގޭ އެހެން މީހެއްގެވެސް ނޯކަރެއް ނޫން” އަހަރެން ވަގުތުން ރައްދު ދިނީމެވެ.
ބާރަށް ގޮނޑި ފަހަތަށް ކޮއްޕާލުމާއެކު ރާއިދު ތެދުވެގެން އައި ގޮތަށް އަހަރެންގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވެއްދިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.








FYI varah reeth. Ekamaku hadhaa gadi gadi bodah sifa khdheeba
When Is next part