Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ތަޤްދީރު 10 ވަނަ ބައި

Xiroo Thihthi Level 210 Stories
August 19, 2023 8 Mins Read
0 Comments

” ހިނގާބަލަ ހިގާލަން ދާން. ގޭގަ ހުރެ ފޫހިވެއްޖެ ” ވިދާން ބުނެލިއެވެ. ” ކޮންތާކަށް ހިނގަންދާން ” ޝުހާދު ބުނެލިއެވެ. ” ހިނގާ ރަސްފަންނަން ދާން ” ވިދާން ސޯފާގައި ހަމަ ޖެހިލަމުން ބުނެލިއެވެ. ” ކިހިނެއްވީ. އެ މަންޖެ މަތިން ހަނދާންވީދޯ ” ޝުހާދު ދިމާ ކުރާފާޑަކަށް ބުނެލިއެވެ. ” ކޮންމަންޖެ އެއްތަ؟ ” ވިދާން ޝުހާދަށް ބަލާލަމުން ބުނެލިއެވެ. ” ދެން ނޭންގޭ ކަމަށް ހަދާނެ ކަމެއްނެތް ” ޝުހާދު ބުނެލިއެވެ. ” ސާބަހޭ. އޭނަ ބަލާކަށް ނޫޅެން ” ވިދާން ބުނެލިއެވެ. ” އެހެންވިއްޔާ ރަސްފަންނުން ކޮންއެއްޗެއް ނުފެނި ކެއްމަދުވެގެން ތިއުޅެނީ ” ޝުހާދު ޓީވީން ޗެނަލް ބަދަލުކޮށްލަމުން ބުނެލިއެވެ. ” އެއްޗެއް ނުފެނިގެނެއް ނޫން ” ވިދާން ސޯފާ ކައިރީގައި އިން މޭޒް މައްޗަށް ފައި ދަމާލަމުން ބުނެލިއެވެ. ” މިއޮށް އަންނަނީ ދާންގެ ފޭވަރިޓް ފިލްމް ” ޝުހާދު ޗެނަލް ބަދަލުކޮށްލި ވަގުތު ހިންދީ ފިލްމް ” ލާޑްލާ ” ފެނުމުން ބުނެލިއެވެ. ” ޝުހާދަށް ކިހިނެއް އެނގެނީ ތީ އަހަރެންގެ ފޭވަރިޓް ފިލްމް ކަމެއް ” ވިދާން ޓީވީއަށް ބަލާލަމުން ބުނެލިއެވެ. ” އަހަރެންނަށް ނޭންގުން ވަރަކަށް ދާން އެނގޭނެ ދެވަނަ މީހަކު ނުހުންނާނެ ” ޝުހާދު ވިދާންއަށް ބަލާލަމުން ބުނެލިއެވެ. ” ދެން ތިއޮތީ އެނގިފަތާދޯ ” ވިދާން ބުނެލިއެވެ. ” ތީ ބޭރަށް ދާންވެގެން ލަސްވެގެން އުޅުންމީހާ ” ޝުހާދު ބުނެލިއެވެ. ” ދެން ނޫޅެން ދާކަށް ” ވިދާން ރާގު ބަދަލުކޮށްލަމުން ބުނެލިއެވެ. ” އެހެން ނުހަދާ ދެން. ހިނގާބަލަ ދާން ” ވިދާންގެ ކޮޑުގައި ހިފާލަމުން ޝުހާދު ބުނެލިއެވެ. ” ދެން މިހާރު ދާ ހިތެއް ނެތް ” ވިދާން ޝުހާދުގެ އަތް ކޮޑުމަތިން ފޮޅުވާލަމުން ބުނެލިއެވެ. ” އެނގޭ ދެން ނުދާނެ ކަން ވެސް ” ޝުހާދު ޓީވީއަށް ބަލާލަމުން ބުނެލިއެވެ. ” އަހަރެން ބުނި އިރުން ނުދިޔައީމާ، މިބުނީ ދާހިތެއް ނެތޭ ” ވިދާން ސޯފާގައި ހަމަޖެހިލަމުން ބުނެލިއެވެ. ” އެހެން ވެގެނެއްނޫން. ތި ފިލްމު ފެނުނީމާ ތިބުނީ ނުދާނަމޭ. ދެން ކޮންމެހެން އޮޅުވާލަން އުޅޭނެ ކަމެއް ނެތް ” ޝުހާދު ސޯފާއިން ތެދުވަމުން ބުނެލިއެވެ. އަދި ކޮޓަރިއާ ދިމާއަށް ޝުހާދު ހިނގައިގަތުމުން ވިދާން ބަލާލިއެވެ.

” ހަމަ ރަގަނޅަށް މިބުނީ ސީމާ، މިހާރުދެން އޭނަޔާހެދި މަގުމައްޗަށް ނިކުތުމަށް ވެސް އުދަގުލަކަށް ވެއްޖެ ” ޔާނާ ފޯން ކަންފަތުގައި ޖަހައިގެން ހުރެ ބުނެލިއެވެ.  ” ކާކާ ހެދިތަ އުދަގުލަކަށްވީ ” ސީމާ ބުނެލިއެވެ. ” ދެން ކާކާ ހެދިތަ، އަހަރެންނަށް އުދަގޫވާނީ ” ޔާނާ އައިސްއަލަމާރިން ފެންފުޅިއެއް ހިފައިގެން އައިސް ސޯފާގައި އިށީންނަމުން ބުނެލިއެވެ. ” ފަޒީލްތަ؟ ” ސީމާ ޔަގީން ނުވާ ފާޑަކަށް ބުނެލިއެވެ. ” އާނ. އޭނަގެ އުދަގުލާ ހެދި މިހާރު ނޭވާލުމަށް އުގަދޫވެއްޖެ. ދާކޮންމެ ތާކުން ފަހަތު އަޅުވާލާ ” ޔާނާ ފޯން ކަންފަތުގައި ޖައްސާ ކޮޑާލާ ފިއްތާލަމުން، ފެން ފުޅީ މަތި ނަގަމުން ބުނެލިއެވެ. ” ލޯބިވާ މީހުން އެހެން އުޅޭނީ ” ސީމާ ހީލަމުން ބުނެލިއެވެ. ” އާނ… ލޯބި ވާމީހުން އިނގިއްޔަކަށް މީހަކު ވެސް ގެންގުޅެނީ ” ކަންފަތާއި،ކޮޑާއި ދެމެދުގައި ފިއްތާލާފަ އިން ފޯން އަތުން ނަގަމުން ޔާނާ ބުނެލިއެވެ. ” އަޅާނުލާބަލަ. ފަޒީލް އެއުޅެނީ އަދިވެސް އޭނަގެ މަޅިގަ ޔާނާ ޖެއްސޭތޯ ” ސީމާ ބުނެލިއެވެ. ” ކޮންމެ ފަހަރަކު ކަށި ޖެހޭނެ ކަމަށް ހީވަންޏާ އެއީ އޭނަގެ މޮޔަކަން. އަހަރެން މީ އޭނަ ހަދާނެ އެއްޗެއް ހަދަންދެން ހުންނާނެ މީހެއްނޫން ” ޔާނާ ފެންފޮދެއް އަނގަޔަށް އަޅަމުން ބުނެލިއެވެ. ” ރަނގަޅު. ތިހެން ހުންނަން ވާނީ. އަންހެނުންނަކީ ބަލި ކަށި ބައެއްކަމަށް ހެދިގެން ތިބޭތީ މިއުޅޭ ބައެއް މީހުން ފޮނިވެގެން އުޅެނީ ” ސީމާ ބުނެލިއެވެ.

” ޔާނާ ކޮބާ އެއްކަލަ ކުއްޖާ ” ސީމާ ސުވާލުކޮށްލިއެވެ. ” ކާކު ؟ ” ޔާނާ ހައިރާންކަމާއެކު އަހާލިއެވެ. ” ދެން އެއްކަލަ ކުއްޖާއޭ ބުނީމާ ޔާނާއަށް އެނގޭނެ ކަމަށް އަހަރެން ހީކުރީ. އެކަމަކު ދެން ނޭންގެންޏާ އަޅާނުލާ ” ސީމާ ބުނެލިއެވެ. ” ދެން އެއްކަލަ ކުއްޖާއޭ ބުންޏަސް ނޭންގިދާނެ ދޯ ” ޔާނާ ސޯފާއިން ތެދުވެގެން އައިސްއަލަމާރިއާ ދިމާއަށް ހިނގައި ގަންނަމުން ބުނެލިއެވެ. ” ރަސްފަންނު ” ސީމާ ބުނެލިއެވެ. ” އޯހް… އެކުއްޖާދޯ. ނޭންގެ ވީތަނެއް. ފަހުން ނުދެކެން. އެހެން ނޫނަސް އަހަރެން އެކުއްޖާ ހޯދާކަށް ނޫޅެން ވިއްޔާ ” ޔާނާ ފެންފުޅި އައިސް އަލަމާރިއަށްލާ ދޮރު ލައްޕާލަމުން ބުނެލިއެވެ. ” ނުހޯދާ ކަމެއް ނޭންގެ. އެދުވަހުވެސް ކޮރާ ހިނގަމުން ވެސް ބަލަމުން ދިޔަ ވާހަކަ ވިއްޔާ ޔާނާ ބުނީ ” ސީމާ ހީގަންނަމުން ބުނެލިއެވެ. ” އަދި އެހެން ބަލާލިޔަސް އެ ނުވާނެދޯ އަހަރެން ހޯދަނީ ކަމަކަށް. އަހަރެން ހަމަ އެކަނި ބުނީ އެ ކުއްޖާ ރީތި ވާހަކަ ” ޔާނާ ބުނެލިއެވެ. ” ސީމާ އަހަރެން ވަގުތެއް ވީމާ ހަބަރެއް އަދި ވާނަން އިނގޭ. މިދަނީ ކޮޓަރިތެރެ ސާފުކޮށްލަން ” ޔާނާ ބުނެލިއެވެ. ” އަހަރެން އެއްޗެއް ބުނެފާނެތީދޯ އަވަހަށް ވާހަކަ ތި ބަދަލުކޮށްލަނީ ” ސީމާ ބުނެލިއެވެ. ” މިކަމުގަ ދެން މީހަކު ފޮރުވާނެ އެއްޗެއް ނެތެއްނު. ތި ވަހަކަ ދައްކަން އަހަރެން ގުޅާނަމޭ އަދި ” ޔާނާ މިހެން ބުނެ ފޯން ކަޑާލިއެވެ.

” ކޮބާ އެ ދެކުދިން ” ތައުފީގު އައިސް ކާމޭޒް ކައިރީ ހުރި ގޮޑީގައި އިށީންނަމުން ސަކީލާ ކުރެން އަހާލިއެވެ.  ” ބޭރަށް ދެމީހުން އެކުގައި ނިކުތީ ” ހެދިކާ އަޅާފައިން ތަށި ކަމޭޒް މަތީ ބަހައްޓަމުން ސަކީލާ ބުނެލިއެވެ. ” މިދުވަސްކޮޅު ނުވާނެދޯ އެމީހުން ބޭރަށް ދިޔަދީގެން. މިހާރުވެސް ކޮވިޑް ކަންތައް އެހާ ބޮޑު. އަބަދު ޓީވީތަކުން އެ ގޮވަނީ ގޭގަ ތިބެން ” ތައުފީގު ކަންބޮޑުވެގެން ސަކީލާއާ ދިމާއަށް ބުނެލިއެވެ. ” ތިބުނާ ވަރަކަށް ވެސް އެ ކުދިން ނުދޭ ބޭރަކަށް ” ސަކީލާ ބުނެލިއެވެ. ” ތައުފީގު ސައިބޯން ފަށާ. އަހަރެން އަންނާނަން ޝުހާދަށް ގުޅާލާފަ ” ސަކީލާ މިހެން ބުނެފަ ގޮސް ކޮޓަރިއަށް ވަނެވެ. ހަމަ އެވަގުތު ވިދާންއާ ޝުހާދުއައިސް ގެއަށް ވަނެވެ. ” ކީކޭ މަންމާ ” ޝުހާދު ފޯން ނަގާ ކަންފަތުގައި ޖަހާލަމުން ބުނެލިއެވެ. ” ކޮންތާކު ތިއުޅެނީ. ބައްޕަ ދަރިފުޅުމެން ގޭގަ ނެތުމުން އެކަމާ ހިތްހަމަ ނުޖެހިފަ އިނީ. އަވަހަށް ގެއަށް އާދޭ ” ސަކީލާ ބުނެލިއެވެ. ” ގޭގަ މިހުރީ މަންމާ ” ޝުހާދު ފޯން ޖީބަށް ލަމުން އައިސް ސޯފާގައި އިށީނެވެ. ވިދާން މަޑުވެސް ކޮށްނުލާ ދިޔައީ ކޮޓަރިއަށެވެ. ” ދަރިފުޅާ އާދޭ ސައިބޯން. ކޮބާ ވިދާން ” ސަކީލާ ކޮޓަރިން ނިކިމެ، ސޯފާގައި އިން ޝުހާދު ފެނުމުން ބުނެލިއެވެ. ” ދާން ކޮޓަރިއަށް ވަނީ ” ޝުހާދު ސޯފާއިން ތެދުވެގެން އަންނަމުން ބުނެލިއެވެ. ” އާދޭ ސައިބޯން ވިދާން ” ސަކީލާ ޝުހާދުގެ ކޮޓަރީ ދޮރު ހުޅުވަލިއިރު، ކުޑަ ދޮރުން ބޭރު ބަލަން ހުރި ވިދާން ފެނުމުން ސަކީލާ ބުނެލިއެވެ.

” ދަރިފުޅުމެން އެހާވަރަށް ބޭރަށް ނުދާތި ” ވިދާން އައިސް މޭޒް ކައިރީ އިށީނުމުން ތައުފީގު ބުނެލިއެވެ. ” ނުދަމޭ ބައްޕާ. ދެން އަބަދު ގޭގަ ތިބެންވީމާވެސް ވަރަށް ފޫހިވޭ. އެހެންވެ ދާން ބަލަން އިން ފިލްމު ބަލާ ނިމުނީމާ ބޭރަށް ނިކުމެލީ ” ޝުހާދު ބުނެލިއެވެ. ” ބައްޕައަށް ވެސް އެނގޭ އަބަދު ގޭގަ ތިބެންވީމާ ފޫހިވާނެކަން ވެސް. އެކަމަކު ވެސް މިކަމުން ސަލާމާތްވާނީ އެންމެން މަސައްކަތް ކުރި ވަރަކުން ” ތައުފީގު ދެތިން ހެދިކާއާ ސައިތަށި ބޮއިގެން ތެދުވަމުން ބުނެލިއެވެ. ” ވިދާން މަންމަ އަތު ހުންނާނެ ބައްޕަ ދީފަ ހުރި ރުފިޔާ. އެ ނަގާ އިނގޭ ” ތައުފީގު އަތްދޮންނަން ހުރެ ބުނެލިއެވެ. އެވަގުތު ވިދާން ބަލާލީ ޝުހާދުގެ މޫނަށެވެ. ” ބައްޕާ އަހަންނަށް ކޮބާ؟ ” ވިދާން ބަލާލުމުން ޝުހާދު ބުނެލިއެވެ. ” ހުންނާނެ ދެކުދިންނަށް ވެސް ދީފަ ” ތައުފީގު ތުވާލިން އަތް ފޮހެލަމުން ބުނެލިއެވެ. ” ހާދަ ރީތިކޮށް ބޯހަދާލައިގެން ތީނީ ” ތައުފީގު ޝުހާދު ކައިރިން ކޮޓަރިއާ ދިމާއަށް ދަމުން ޝުހާދުގެ އިސްތަށިގަނޑު ހާވާލަމުން ބުނެލިއެވެ. ” ދެން ބައްޕާ ” ޝުހާދު އެއްފަރާތަށް ބޯ ދުރުކޮށްލަމުން ބާރަށް ބުނެލުމުން ތައުފީގު ހެމުން ގޮސް ކޮޓަރިއަށް ވަނެވެ. ” މަންމަ ސައި ނުބޮންތަ؟ ” ތައުފީގު ދިޔުމުން ވިދާން ސަކީލާއަށް ބަލާލަމުން ބުނެލިއެވެ. ” މަންމަޔަށް ކާން އިށީދެވޭނީ ބައްޕަ އަށް ދުފަން ދީފަ. އެހެން ނޫނީ އިރު އިރުކޮޅާ ގޮވާނެ. ދެން ދަރިފުޅުމެން ސައިބޮއިގެން ތެދުވީމާ މަންމަވެސް ސައިބޯނަން ” ޝުހާދު ކައިގެން ތެދުވުމުން ތަށި މޭޒް މަތިން ނަގަމުން ސަކީލާ ބުނެލިއެވެ. ” ކޮބާ ދުފުމެއްވެސް ނެތްތަ؟ ” ތައުފީގު ކޮޓަރިން ނިކުންނަމުން ބުނެލިއެވެ. ” ނޫނޭ. ހުންނާނެ ތައްޔާރު ކޮށްފަ. މިއަންނަނީ ހިފައިގެން ” ސޯފާއާ ދިމާއަށް ދިޔަ ތައުފީގަށް ބަލާލަމުން ސަކީލާ ބުނެލިއެވެ.

” ބައްޕަ ކީއްކުރަންދޭ ރުފިޔާ އެއްތަ އެއީ ” ވިދާން ޝުހާދު ކުރެން އަހާލިއެވެ. ” ނޭންގެ އަހަންނަކަށް. ބައްޕަ ގާތުގަ ގޮސް އަހާބަލަ ” ޝުހާދު ބުނެލިއެވެ. ” އަހަންނަކަށް ނުކެރޭނެ އަހާކަށް ” ވިދާން އެނދުގައި ހަމަ ޖެހިލަމުން ބުނެލިއެވެ. ” އެހެން ވިއްޔާ ތިހުރިހާ ވާހަކަ އެއް ނުދައްކާ ހިފާބަލަ ” ޝުހާދު ވިދާނަށް ބަލާލަމުން ބުނެލިއެވެ. އެކަމަކު އަބަދު ބައްޕަ ވެސް އެހެން ރުފިޔާ ދޭނީ ކިހިނެއްތަ؟. އަހަރެން ވެސް މީ މިހާރު ކުޑަ ކުއްޖެއް ނޫނެއްނު. އަހަރެން ބޭނުން ޖޮބަކަށް ވެސް ދާން ” ވިދާން ކައިރީގައި އޮތް ބާލީސް ނަގާ އުނގަށްލަމުން ބުނެލިއެވެ. ” އެހެންތަ؟. ކޮންއިރަކު ދާން ބޮޑުވީ. އަހަރެން ހީކޮށްގެން މިހުންނަނީ ދާން ތި އަދިވެސް ހަމަ ކުޑަ ކުއްޖެއް ކަމަށް ” ޝުހާދު އެނދު ކައިރީ ހުރެފަ، އެނދުމައްޗަށް ބައްޑުން ވެއްޓި ގަންނަމުން ބުނެލިއެވެ. ” ހެޔޮ ކޮންމެ އެއްޗެއް ހީކުރިޔަސް. އަހަރެން މިހާރު ބޭނުން ޖޮބަކަށް ދާން. އަހަރެންގެ ވެސް އަމިއްލަ ޒިންމާތަކެއްވޭ. އަޅާ ނުލިޔަސް، ވި ހާލެއް ނުބެލިޔަސް އަދި އަހަރެންގެ މަންމަ ވެސް އެބަހުރި ” ވިދާން ބުނެލިއެވެ. ” އަސްލު ރަނގަޅު ވިސްނުމެއްތީ. ހިނގާ ތިކަމާ އުޅެން. އަހަރެން ވެސް ތިކަމާ ވިސްނާތާ މިހާރު ދުވަސް ކޮޅެއްވެއްޖެ. އަބަދަކު މަންމަޔާ ބައްޕަ ދިނީމާ ކައިގެން ވެސް ނޫޅެވޭނެއްނު ” ޝުހާދު ބުނެލިއެވެ. ” އެހެންވީމާ ކޮންތާކުން ބަލާނީ ޖޮބެއް ލިބޭތޯ ” ވިދާން އަހާލިއެވެ. ” ހިނގާ އެއާރޕޯޓުން ބަލަމާ. ލިބިއްޖެނަމަ އެއީ ވަރަށް ސަޅި ޖޮބް ހުރި ތަނެއް ” ޝުހާދު ބުނެލިއެވެ. ” އެނބަ އަންނަން ފާހާނާއަށް ވަދެފަ ” ވިދާން ބުނެލިއެވެ. ” ދެން ނުބުންޏަސް ދާންވީންނު. ނޫނީ އަހަރެން ދާންވީތަ ތަށިމަތީ ބައިންދަން ” ޝުހާދު ހީގަންނަމުން ބުނެލިއެވެ. ” އަނގައޭ ކިޔާބަލަ ” ވިދާން އެނދުން ފޭބުމަށްފަހު، އެނދުމަތީ އޮތް ބާލީސް ޝުހާދާ ދިމާއަށް އެއްލަމުން ބުނެލިއެވެ. އަދި ގޮސް ފާހާނާއަށް ވަނެވެ.

” ސަލީމާގެ ހަބަރެއް ނުވޭތަ؟ ” ސަކީލާ ބަނދިގޭގެ ކަންތައް ނިންމާލުމަށްފަހު އައިސް ތައުފީގު ކައިރީ ސޯފާގައި އިށީނުމުން ސުވާލުކޮށްލިއެވެ. ” އާނ… އެއީ ހަބަރެއް ވާނެ މީހެއްނޫން. އެއަށް ވުރެއް ބޮޑަށް އޭނަ ވިދާން ދެކެ ރުޅި އާދޭ ” ސަކީލާ ދުފާލަމުން ބުނެލިއެވެ. ” އެކަމަކު އެހެން ހަނދާކަށް ނުވާނެދޯ. ވިދާންގެ އޮތީ އެކަމުގަ ކޮށް ކުށެއް. ކުރި ކަމެއް ކުރީ ވެސް ސަލީމާދޯ ” ތައުފީގު ސަކީލާއަށް ބަލާލަމުން ބުނެލިއެވެ. ” އޭނައަށް ވެސް އެނގޭ ކުރިކަމެއް ކުރީ އޭނަކަން. އެކަމަކު އެކަމުގެ ހުރިހާ ރުޅިއެއް ފެށުނީއްސުރެއް ބާލަމުން އެދަނީ ކުށެއް ނެތް ވިދާނަށް. ހެޔޮވެސް ނުވާނެ އެހެން ހަދާކަށް ” ސަކީލާ ވެސް ކަންބޮޑުވެފާވާ ހާލު ބުނެލިއެވެ. ” ވިދާން އަމިއްލައަށް ދާން ނުބުނާހާ ހިނދަކު ވިދާން މިގެއިން ފޮނުވަނުލާތި. އެއީ ހަމަ ޝުހާދު ފަދައިން އަހަރެންގެ ދަރިއެއް ” ތައުފީގު ބުނެލިއެވެ. ” އަހަރެން ވިދާން ފޮނުވާ ނުލާނަން. ތައުފީގު ތިހެން ހުރިއްޔާ އަހަރެން ތިކަމުގަ އެއްވެސް އެއްޗެއް ނުކިޔާނަން ” ސަކީލާ ބުނެލިއެވެ.

ވިދާން ފާހާނާއިން ނިކުމެގެން އައިސް އަލަމާރީ ލޯގަނޑު ކުރިމަތީ ހުރެ ހަނށިގަނޑަށް ބަލަން ފެށިއެވެ. ” ސާބަހޭ. ރީއްޗޭ ރީއްޗޭ. ތިހާ ވަރަށް ނުބެލިޔަސް ” ޝުހާދު ވިދާނަށް ބަލާލުމަށްފަހު ބުނެލިއެވެ. ” ރީތި ތޯއެއްނޫން މިބަލަނީ ” ވިދާން ބުނެލިއެވެ. ” ދެން ކޮންއެއްޗެއް ހޯދަން އަރިއަރިއަށް ތިބަލަނީ ” ޝުހާދު ތެދުވެ އެނދުގައި އިށީދެލަމުން ބުނެލިއެވެ. ” ފަލަ ވާހެން ހީވާތި މިބަލަނީ ” ވިދާން ބުނެލިއެވެ.  ” އަޖައިބެއްތީ. ފާހާނާއަށް ވަތްތަނުން ފަލަ ވީތަ؟. ތީ ކިހިނެއްވީ ކަމެއްތަ؟ ” ޝުހާދު ދިމާކުރާ ފާޑަކަށް ބުނެލިއެވެ. ” ސާބަސް. ދެންމެފާހަގަ ވީކަމެއް ނޫން. ކުރިން ވެސް އަހަރެން ފަލަ ވާހެން ހީވޭ. ހިނގަބަލަ ފަތިހު ދުވަންދާން ” ވިދާން އައިސް އެނދުގައި  އިށީންނަމުން ބުނެލިއެވެ. ލޮކްޑައުން ގަޑި އެއީ ” ޝުހާދު ބުނެލިއެވެ. ” ފަތިހުއޭ ދޯ މިބުނީ. މެންދަމު ދޭއް ޖެހީމާދާ ވާހަކަ އެއް ނޫން މިބުނީ. ފަހެއްގެ ފަހުން ކަސްރަތަށް ދެވޭ ވާހަކަ ވެސް ބުނެފައެއްނު އޮތީ ” ވިދާން ބުނެލިއެވެ. ” އެކަމަކު އަހަރެންގެ ބޫޓެއްވެސް ނުހުންނާނެ. ދެން ކިހިނެއްދާނީ ” ޝުހާދު ބުނެލިއެވެ. ” ބައްޕަ ދެންމެގަ ބުންޏެއްނު ރުފިޔާގެ ވާހަކަ. ހިނގާ މަންމަ ގާތުގަ ބުނަން ” ވިދާން ބުނެލިއެވެ. ” މަޑުކުރޭ. އަންނާނަން މަންމަ ގާތުގަ ބުނެފަ ” މިހެން ބުނެ ޝުހާދު ކޮޓަރިން ބޭރަށް ދިޔުމަށް އެނދުން ތެދުވިއެވެ.

” ބައްޕަ ބުންޏެއްނު ރުފިޔާގެ ވާހަކަ ” ޝުހާދު ސިޓިންރޫމް ސޯފާގައި އިށީންނަމުން ބުނެލިއެވެ. ” ކިހިނެއްވީ ދެން ” ތައުފީގު ބުނެލިއެވެ. ” އެއީ ދާން އާ ދެމީހުން ފަތިހު ދުވަން ދާންވެގެން ބޫޓެއް ގަންނަން ވެގެން ” ޝުހާދު ބުނެލިއެވެ. ” ސަކީލާ ދީ ދެކުދިންނަން ރުފިޔާ ” ވަގުތުން ތައުފީގު ބުނެލުމުން ސަކީލާ ރުފިޔާ ބަލާ ކޮޓަރިއަށް ދިޔައެވެ. ” އެކަމަކު ދަރިފުޅާ ބޭރުގަ އުޅޭއިރު ވަރަށް ބަލައިގެން އުޅޭތި. އަދިވެސް ކޮވިޑް ބައްޔަށް ވާއެއް ނުވާއެއް ނޭންގޭ ” ސަކީލާ ދިޔުމުން ތައުފީގު ބުނެލިއެވެ. ” ބަލައިގެންނޭ އުޅެނީ ބައްޕާ. އެހާ ކަންބޮޑުނުވެބަލަ ” ޝުހާދު ތައުފީގަށް ބަލާލަމުން ބުނެލިއެވެ. ” ދަރިފުޅު ތިހެން ބުންޏަސް ބައްޕަ ވިސްނާނެދޯ. ބައްޕަގެ ހުރި ހަމައެކަނި ދަރިއަކީ ތި ” ތައުފީގު އޯގާތެރިކާއެކު ބުނެލިއެވެ. ” މިއޮތީ ދެހާސް ” ސަކީލާ ރުފިޔާ ގެނެސް ޝުހާދަށް ދިއްކޮށްލަމުން ބުނެލިއެވެ. ” ކުއްޖަކަށް ހާހެއްވީމާ ބޫޓް ގަނެވޭނެއްނު ” ޝުހާދު ރުފިޔާގައި ހިފުމުން ތައުފީގު ބުނެލިއެވެ. ” މާ ރީއްޗަށް ވެސް ވާނެ ” ޝުހާދު ސޯފާއިން ތެދުވަމުން ބުނެލިއެވެ. އަދި ގޮސް ކޮޓަރިއަށް ވަނެވެ.

” ހިނގާ ދާން. ވަރަށް އަސްކޮށްފިއްޔާ ގަނެވޭނީ. މިތާ ކައިރީ ހުރި ފިހާރަ އަދި ހުޅުވާފަ ހުންނާނެ ” ޝުހާދު ކޮޓަރިއަށް ވަދެ ވިދާންގެ އެއްހާސް ރުފިޔާ ދެމުން ބުނެލިއެވެ. އަދި ދެމީހުން އެކުގައި ކޮޓަރިން ބޭރަށް ނިކުތެވެ. ” ދަރިފުޅާ މިހާރުތަ ތިދަނީ ފިހާރައަށް. އެހެރަ ހައެއްޖަހާ ބޮޑުވީ މީހާރު ” ފާރުގައި ހުރި ގަޑިއަށް ބަލާލަމުން ސަކީލާ ބުނެލިއެވެ. ” މިތާ ކައިރީ ހުރި ފިހާރައަށް މިދަނީ. އަދި އެފިހާރަ ބަންދު ނުކުރާނެ ” ޝުހާދު ފައިވާނަށް އަރަމުން ބުނެލިއެވެ. ” ދަރިފުޅާ ޝުހާދު މާސްކު ކޮބާ؟ ” ތައުފީގު އަހާލިއެވެ. ” އަވަސްކުރަން ހަދައިގެން އެ ވެސް ނުލާ މިއުޅެނީ ” ޝުހާދު އަނެއްކާ ވެސް ކޮޓަރިއާ ދިމާއަށް ދަމުން ބުނެލިއެވެ. ” ދަރިފުޅުގެ މާސްކު ކޮބާ ” ވިދާންއާ ދިމާއަށް ބަލާލަމުން ތައުފީގު އަހާލިއެވެ. އެވަގުތު ވިދާން ޖީބުން މާސްކު ނަގާ ދައްކާލިއެވެ. ” މާސްކް ނަގައިގެން ބޭރުގަ ނޫޅޭތި ” ޝުހާދު ކޮޓަރިން މާސްކު ހިފައިގެން އައުމުން ސަކީލާ ބުނެލިއެވެ.

ވިދާން އާއި ޝުހާދު ފިހާރަ ދިޔުމުން ސަކީލާ އައިސް ތައުފީގު ކައިރީ ސޯފާގައި އިށީދެލިއެވެ. އެވަގުތު ސަކީލާގެ ފޯން ރިންގް ވަންފެށިއެވެ. ” ހަލޯ ” ސޯފާގެ ކުރިމަތީ ހުރި މޭޒްމަތީގައި އޮތް ފޯން ނަގާ ސަކީލާ ކަންފަތުގައި ޖައްސާ ބުނެލިއެވެ. ” ތައުފީގު ރާއްޖޭގައި އެބައުޅޭތަ ؟ ” އެކޮޅުން ވާހަކަ ދެއްކި މީހަކު ބުނެލިއެވެ. ” ތީ ކާކު ” ހައިރާންކަމާއެކު ސަކީލާ އަހާލިއެވެ. ” މީ ހުރާ އާދަނު ” އާދަނު ބުނެލިއެވެ. ” ހާދަ ދުވަހެއް ކޮށްލާފަ ތި ގުޅާލީ. އަނެއްކާ ކިހިނެއްވީ ” ސަކީލާ ހިނިތުން ވެލަމުން ސުވާލުކޮށްލިއެވެ. ” ދެން ދިރި އުޅުމުގެ ކަންތައްތައް ހުންނަ ގޮތުން ހަބަރެއް ނުވެވި ދިޔައީ. ތައުފީގު ގާތުގައި ވާހަކައެއް ދައްކާލަން މިގުޅާލީ. ތައުފީގު ރާއްޖޭގައި އެބައުޅޭތަ؟ ” އާދަނު އަނެއްކާ ވެސް އަހާލިއެވެ. ” އާނ… ޝުހާދުގެ ކިޔެވުން ނިމުމާއެކު ދަތުރު ކުރުން ހުއްޓާލާ މިހާރު މާލޭގަ ހުންނަނީ. މަޑުކޮށްލާ ތައުފީގު އަތަށް ފޯނު ދޭނަން ” ސަކީލާ ބުނެލިއެވެ. ” ކާކު ” ސަކީލާ ކަންފަތާ ފޯން ދުރު ކޮށްލުމުން ތައުފީގު ޓީވީ ބަލަން އިދެފަ އަހާލިއެވެ. ” އެއްކަލަ ހުރާ އާދަންބެ. ތައުފީގު ގާތުގައި ކޮންމެވެސް ވާހަކަ އެއް ދައްކާލަން ވެގެން ގުޅާލީޔޯ. ވާހަކަ ދައްކާބަލަ ” މިހެން ބުނެ ސަކީލާ ތައުފީގަށް ފޯން ދިއްކޮށްލިއެވެ. ” އާދަނާ… ހާދަ ދުވަހެއް ކޮށްލާ ތިގުޅާލީ. ކިހިނެއްތަ ހާލު އަހުވާލު ” ތައުފީގު ފޯން ކަންފަތުގައި ޖެއްސުމާއެކު ބުނެލިއެވެ. ” މުޅިއަކުން ހާލަތު ރަނގަޅެއް ވެސް ނޫން. އެކަމަކު އަދި އުޅެލެވޭ ވަރުވޭ ” އާދަނު ބުނެލިއެވެ. ” ކިހިނެއްވީ އަނެއްކާ ” ތައުފީގު އަހާލިއެވެ. ” އަސްލު މި ގުޅާލީ ތައުފީގު ގާތު ކަމަކުވެސް އެދޭށާއެކު ” އާދަނު ބުނެލިއެވެ. ” އަވަހަށް ބުނޭ. އަހަރެންނަށް ވާން އޮތް ކޮންމެ ކަމެއް އުފަލާއެކުގަ ކޮށްދޭނަން ” ތައުފީގު ބުނެލިއެވެ. ” ބަލި ހާލަތު ހުރި ގޮތުން ޑޮކްޓަރަށް ދައްކާލަން ވެސް ޖެހޭތީ މާލެ ގޮސް ތި ގޭގަ ހުރެވޭނެތޯ އަހާލަން ވެގެން ” އާދަނު ބުނެލިއެވެ. އެހެން އާދަނުއަށް ބުނެވުނީ ވެސް ދެތިން ފަހަރު ކެއްސާލުމަށްފަހު އެވެ. ” ތީ ދެން އާދަނު އަހާ ކަހަލަ ވާހަކައެއް ވެސް ނޫނެއްނު. އާދަނު ބޭނުން ދުވަހެއް ވަން ދެން ހަމަ އައިސް ހުންނަންވީ. އެކަމަކު ކޮވިޑްގެ މިދުވަސް ކޮޅު ވަރަށް ބަލައިގެން އުޅެންވާނީ ” ތައުފީގު ބުނެލިއެވެ. ” އެހެންވީމާ އެންމެ އަވަހަށް ފުރާ އެއްޗަކުން މާލެ ދާންނަން ” ހިތްހަމަ ޖެހިގެން ހުރި އާދަނު ބުނެލިއެވެ. ” އެންމެ ރަނގަޅު. އެކަމަކު ފުރަމުން ގުޅާލާތި. އޭރުން ބަލާ ދެވޭނީ ވެސް ” ތައުފީގު މިހެން ބުނެ ފޯން ކަނޑާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Xiroo Thihthi

Level 210 Stories

Other Articles

Previous

ޤުދުރަތީ ޤާނޫނު

Next

އިންތިޒާރު 5

Next
August 20, 2023

އިންތިޒާރު 5

Previews
August 18, 2023

ޤުދުރަތީ ޤާނޫނު



All Right Reserved!