ޔާރާ އަހާށޭ 3
“އަހަރެން އެ ވާހަކަ ދީނާއަށް ކިޔާދިނީ އެ ނަން ދިނާގެ ދުލުން ބުނާ އަޑު އިވިދާނެ ކަމަކަށް ނޫން. ދުވަހަކުވެސް އަޑު އަހަން ބޭނުން ނުވާ ނަމެއް އެއީ…” ރާއިދުގެ އަޑުގައިވެސް ވަނީ ހިތްހަމަ ނުޖެހުމެވެ.
“ސޮރީ… ދެން ދުވަހަކުވެސް ނުބުނާނަން…” ރާއިދުއާ ކައިރިވެލާ އެ މޫނުގައި ދެ އަތުން ހިފާލަމުން އަހަރެން މާފަށް އެދުނީމެވެ. އެ ވާހަކައިން ރާއިދުއަށް ވާނެ ގޮތް އެނގޭތީ، އެހެން ބުނެވުނު މޮޔަ ހީވެފައި ހުރެއެވެ.
“އެހާ ފަސޭހައިން މާފު ކުރާ ހިތެއް ނެތް…” ރާއިދު އޭނަގެ ސަމާސާ ރާގުގައި ބުނެލަމުން އަހަރެންގެ މެއާ ހަމައިން އޮޅާލައިގެން އިން ކުއިލްޓްގައި ހިފާ ދަމާލިއެވެ.
ހެވިފައި އަހަރެން ރާއިދުއާ ދުރަށް ޖެހިލަން އުޅުނީމެވެ. ނަމަވެސް އަހަރެން ގައިގައި ހިފައިގަންނަމުން ރާއިދު ފުރޮޅިލީ އޭނަގެ ގައިދަށުގައި އަހަރެން ހިފަހައްޓާލަމުންނެވެ.
ދުވަސްތައް އޭގެ ބާރު މިނުގައި ދައުރުވަމުން ދެއެވެ. އަހަންނާ ރާއިދުގެ ކައިވެންޏަށް ނުވަމަސް ވީ އިރު އެ އާއިލާއަށް އަހަރެން ހޭނިއްޖެއެވެ. ރާއިދުގެ މަންމައަށް އެއްވެސް ކަމެއް ނުޖައްސާ އަހަރެން ބަދިގޭގެ ހުރިހާ ކަމެއް ބަރާބަރަށް ކުރަމެވެ. ރާއިދުގެ ހުރިހާ ކަމެއްވެސް ވީ އެންމެ ރަނގަޅަށް ކުރަމުން ދިޔައީމެވެ. ރައުހާއަކީ ގޭތެރޭގެ އެއްވެސް މަސައްކަތެއް، މީހަކު ބުނެގެން ނޫނީ ކުރާ ކުއްޖެއް ނޫނެވެ. ސްކޫލުން އަންނަ ގޮތަށް ރައުހާ އޮންނާނީ ކޮޓަރީގައެވެ. ރައުހާއާ ރަޒާންގެ އެއްޗެހި ދޮވެ ހަދަނީ މަންމައެވެ. ރައުހާގެ އެއްޗެހި އިސްތިރި ކުރަނީ އޭނަ އަމިއްލައަށެވެ. އެންމެ ބޮޑު ކަމަކަށްވެސް ރައުހާ ކުރާ ކަމަކީ ކާ ތަށި ދޮވެލުމެވެ. ރަޒާންއާ އެކު ކާން އަރާ ފަހަރެއްގައި ރަޒާން ކާ ތަށިވެސް ރައުހާ ނުދޮންނާނެއެވެ. އެފަދަ އެއްވެސް ކަމަކާ މަންމަ ރައުހާއަށް އެއްޗެއް ނުބުނާނެއެވެ.
އަންހެން ދަރިން ތަރުބިއްޔަތު ކުރަން ޖެހެނީ އެހެންނެއް ނޫނެވެ. އަހަރެންގެ މަންމަ އަހަރުމެން ބޮޑެތި ކުރީ އަމިއްލަ ހުރިހާ ކަމެއް އަމިއްލައަށް ކުރުވައިގެންނެވެ. އޭގެ އިތުރުން އެއްޗެހި ދޮވުމާ، ބަދިގޭ މަސައްކަތް ކުރުމާ ގޭތެރެ ސާފު ކުރުމަކީ ވަކި ކުއްޖެއްގެ ޒިންމާއެއް ނޫނެވެ. ދާރިމްގެ ކޮޓަރި ސާފު ކުރާނީ އޭނަ އަމިއްލައަށެވެ. ދޮވެފައި ހުންނަ އެއްޗެހި ނަގާފައި ދިނުމުން އަލަމާރިއަށް ލާނީ ދާރިމް އަމިއްލައަށެވެ. ބައެއް ފަހަރު އަމިއްލައަށް އެއްޗެހި އިސްތިރިވެސް ކުރާނެއެވެ. އަހަރެންގެ ގޭގެ ކަންތައްތައް ހިނގާ ގޮތާ ރާއިދުމެން ގެއާ މުޅިން ތަފާތެވެ. ނަމަވެސް އަހަރެން ޝަކުވާއެއް ނުކުރަމެވެ.
ކޮންމެ މަހެއްގައި ދިމާވާ ކަންތަކުގެ ދުވަސްވަރު އަހަންނަށް އަބަދުވެސް އާދަޔާ ޚިލާފަށް ވަރުބަލިކަން އިހުސާސް ކުރެވެއެވެ. ބައެއް އަންހެނުންނަށް ތަހައްމަލް ކުރަން ޖެހޭ ރިހުން އަހަރެން ތަހައްމަލް ކުރަން ނުޖެހުނަސް އެހެން އުނދަގޫތަކާ ކުރިމަތިވެއެވެ. އެއީ އަހަންނަށް ގަވާއިދުން ކޮންމެ މަހަކު ޖެހޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް އެކަމާ ކުރިމަތި ލާން ޖެހޭ މަހެއްގައި ވަރުބަލިވުމާ ހޮޑުލެވުން އެއީ އާންމު ކަމެކެވެ. ކުރިން އެކަން ނޭނގޭތީ ފުރަތަމަ ރާއިދުއަށް ހީވީ އަހަރެން ބަލިވެއިނީ ކަމުގައެވެ. ދެ ފަހަރަށް އެހެން ދިމާވުމުން އަހަރެން އެ ކަންތައް ވާ ގޮތް ރާއިދުއަށް ކިޔާދިނީމެވެ. އޭނަ އެދުނީ ޑޮކްޓަރަށް ދެއްކުމަށެވެ. ނަމަވެސް އެއީ ވަރަށް ގިނަ ފަހަރު އަހަރެން ޑޮކްޓަރަށް ދައްކާފައިވާ ކަމަކަށް ވާތީ، އަދި ޑޮކްޓަރު ދޭނެ ޖަވާބު އެނގޭތީ އަހަރެން ދެކޮޅު ހެދީއެވެ. އެ ދުވަސްތަކުގައި އަހަންނަށް އެހީވަނީ ރާއިދުއެވެ.
އަހަރެން ބަލިވެ އިންކަން އަހަންނަށްވެސް ނޭނގުނީ އެހެންވެއެވެ. ދެމަސް ފާއިތުވެ ދިޔަ ފަހުން ބޯ އަނބުރާ ހޮޑުލެވެން ފެށީއެވެ. އަހަންނަށް ހީވީ އެ ދުވަސް އަންނަން އުޅޭތީ ވާ ގޮތެއް ކަމަށެވެ. ނަމަވެސް ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވީ އިރުވެސް އިންތިޒާރު ކޮށްގެން ހުރި ދުވަހެއް ނައެވެ. އެންމެ ފަހުން ޑޮކްޓަރަށް ދެއްކީ އަނބުރައިގަނެގެން ވެއްޓުމުންނެވެ. ހޮސްޕިޓަލަށް ދިޔުމުން އެޑްމިޓް ކުރީ ގައިގައި ވަރު ނެތިގެންނެވެ. ޓެސްޓް ހެދުމުން ލިބުނީ ހީވެސް ކޮށްފައި ނުވާ ފަދަ ޚަބަރެކެވެ.
ގުޅާފައި އިން އައިވީ ހުސް ވުމުން ޑިސްޗާޖް ކޮށްދޭނެ ކަމަށް ބުނި ނަރުސް ކުއްޖާ ރިޕޯޓްތައް ހިފައިގެން އައީ ޑޮކްޓަރާއެކުއެވެ.
“މިހާ ވަރުވަންދެން ނުހުންނައްޗޭ ދެން، ޕްރެގްނަންޓް އިރު ވަރަށް ވިސްނައިގެން އުޅެން ވާނީ، ރެސްޓް ނަގަމުން މަސައްކަތްވެސް ކުރަން ވާނީ. ބްލަޑް ޕްރެޝަރ ތަންކޮޅެއް ދަށްކޮށް ހުރީ. އެހެން ހުރިހާ ކަމެއް އިރާދަ ކުރެއްވިއްޔާ ރަނގަޅު” ޑޮކްޓަރ އައިސް ރިޕޯޓް ބަލާފައި ބުނަމުން ދިޔަ ވާހަކަ އަޑު އަހަން އަހަންނާ ރާއިދުވެސް ތިބީ ހައިރާންވެފައެވެ.
“ޕްރެގްނަންޓަ…؟ އަޅުގަނޑު ޕްރެގްނަންޓް ތޯ؟” އަހަންނަށް އަހާލެވުނެވެ.
“އޯހ! ނޭނގޭތަ އަދި؟ އޯލްމޯސްޓް ތްރީ މަންތްސް ވީމަ އަޅުގަނޑު ހީކުރީ އެނގޭ ކަމަށް. ދެން އެހެން ވިޔަސް އެންމެ ރަނގަޅުތާ. ކޮންގްރެޗުލޭޝަންސް!” ހިނިއައިސްފައި ޑޮކްޓަރ ބުނެލިއެވެ.
“މަރުޙަބާ!” އައިވީ ނައްޓާލަމުން ނަރުސް ކުއްޖާވެސް މަރުހަބާ ކިޔާފައި ނިކުތެވެ.
“ރާއިދު…” އަދިވެސް ގަބޫލު ކުރަން ދަތިވެފައި އޮވެ އަހަންނަށް ގޮވާލެވުނެވެ. އެއާއެކު ރާއިދު ކައިރިވެލަމުން އަހަރެން ގައިގައި ބައްދާލުމާއެކު ނިތްކުރީގައި ބޮސްދިނެވެ.
“އަސްލުވެސް ނޭނގޭތަ؟” އަހަރެންގެ އަތުގައި ހިފާލައިގެން އިނދެ ރާއިދު އަހާލިއެވެ.
“އަސްލުވެސް ނޭނގޭ، ހިތަށްވެސް ނާރާ. ބޯއަނބުރާ ވަރުބަލި ވާނެ ފެށީމަ އަހަރެން ހީކުރީ ދުވަސް ޖެހެނީ ކަމަށް. މިހެން ވެދާނެއެކޭ ހިތަށްވެސް ނާރާ… ރާއިދު… އައިމް ސޯ ހެޕީ…” އަހަންނަށް ކުރެވެމުން ދިޔަ އިހުސާސް ބަޔާންކޮށްދޭނެ ގޮތެއްވެސް ނޭނގެއެވެ.
“އަހަރެންވެސް” އަނެއްކާވެސް ގުދުވެލާ އަހަރެންގެ މޫނުގައި ރާއިދު ބޮސްދިނެވެ.
އެރޭ އަހަރެން އަނބުރައިގަތީ ކާން އުޅެނިކޮށެވެ. ހޮސްޕިޓަލަށް ދިޔައިރު ނުވައެއް ނުޖަހާނެއެވެ. އަހަރުމެންނަށް ގެއަށް އާދެވުނު އިރު ބާރަ ޖަހަނީއެވެ. އަންނަން އުޅެނިކޮށް ރާއިދުގެ މަންމަ ގުޅާފައި ހުރިހާ ކަމެއް ރަނގަޅު ތޯ އެހިއެވެ. އެ ވަގުތު ރާއިދު މަންމަ ގާތު އެއްވެސް އެއްޗެއް ނުބުނެއެވެ. ގެއަށް އައި އިރު މަންމަ ސިޓިންގްރޫމްގައި އިނެވެ. އަހަރެންގެ ގައިގައި ހިފަހައްޓާލައިގެން ރާއިދު ކޮޓަރިއަށް ވަނުމުން މަންމަވެސް ފަހަތުން އައެވެ. އަހަރެން ބަލިވެ އިން ޚަބަރު މަންމައަށް ރާއިދު ދިނީ އެ ވަގުތުއެވެ.
ރާއިދުގެ މަންމަގެ ފަރާތުން ފެނުނީ އަހަރެން އުންމީދުވެސް ނުކުރާ ފަދަ ކަންތައްތަކެކެވެ. ފުރަތަމަވެސް މަންމަ ބުނެލީ “އަލްޙަމްދުﷲ” އެހެންނެވެ. ދެން އައިސް އަހަރެންގެ މޫނުގައި ހިފަހައްޓާލަމުން ނިތްކުރީގައި ބޮސްދިނެވެ. ހައިރާން ވެފައި އަހަރެން ބަލަން އޮއްވާ މަންމަ ނިކުމެގެން ދިޔައެވެ.
“ކިހިނެއް އެވީ؟” އަހަންނަށް އަހާލެވުނެވެ.
“މަންމަ ވަރަށް އުފަލުން އެހެރީ” އެނދަށް އަރާ އަހަރެން ގައިގައި ބައްދާލަމުން ރާއިދު ބުނެލިއެވެ.
“އެނގޭތަ؟ ބޭބީއަކާ މެދު އަހަރެން ވިސްނާތާ ދުވަސްކޮޅެއް ވެއްޖެ” އަޅައިގެން އިން ބުރުގާ ބާލާ ދުރަށް އެއްލަމުން އަހަރެން ބުނީމެވެ.
“އަސްލުތަ؟ ކީއްވެ ނުބުނީ؟” ރާއިދު ދުރަށް ޖެހިލަމުން އަހާލިއެވެ.
“ނުބުންޏަސް މިއޮތީ މިކަން ވެފައެއްނު؟ އެކަމު އަސްލުވެސް ވަރަށް ސަޕްރައިޒް ވި” އަހަރެން ބަނޑުގައި އަތް ޖައްސާލީމެވެ.
“މިވަރުގެ ސަޕްރައިޒްއެއް އަހަންނަށް އަދި ނުލިބޭ ދުވަހަކުވެސް” ރާއިދު ހީލުމަކާއެކު ބުނެލިއެވެ. އަދި އަހަރެން ލައިގެން އޮތް ހެދުން ހިއްލާލާ ބަނޑުގައި ތުންފަތް ޖައްސާލިއެވެ. ރާއިދުގެ ހަރަކާތްތައް އަވަސްވެލި ނަމަވެސް ފުން ނޭވައެއް ލަމުން ތެދުވެ އިށީނދެ އަހަންނަށް ބަލާލިއެވެ. ވެފައި އޮތް ވަރުބައްޔާއެކު އަހަންނަށް ބުނެވުނީ “ސޮރީ” އެވެ. އޯކޭ އޭ ބުނަމުން ރާއިދު އައިސް އަހަރެން ގައިގައި ބައްދާލިއެވެ. އެރޭ ނިދުނީ އެހެން ތިބެއެވެ.
އަހަރެން ބަލިވެ އިން ކަން އަހަރެންގެ މަންމައަށް އެނގުމުން ވަގުތުން އަހަރެން ކައިރިއަށް އައެވެ. ކޮއްކޮމެންވެސް އައިސް މަރުހަބާ ކިޔާ ސަކަރާތް ޖަހާ ދިމާކުރަން ފެށިއެވެ. ރާއިދުގެ ކޮއްކޮމެންވެސް ހަމަ އެހާ އުފާވިއެވެ. އެ ދުވަހުން ފެށިގެން ރާއިދުގެ މަންމަވެސް ހީވީ އެހެން މީހެއް ހެންނެވެ. އަހަރެންނަށް ތެދުވެ އުޅެވެން ދެން ހުރިހާ ކަމެއް އަމިއްލައަށް ކުރިއެވެ. އެހާ ދުވަހު މަސައްކަތެއް ނުކުރުވާ ގެންގުޅުނު ރައުހާއަށްވެސް ނަސޭހަތް ދީ، ގޭތެރޭގެ ކަންކަން ރައުހާ ލައްވާވެސް ކުރުވަން ފެށިއެވެ. ކުދިން ލިބުމުން ދޮންބެގެ ޒިންމާ އިތުރުވާނެ ކަމަށް ބުނެ ގޭގެ ޚަރަދުތައް ކުރުމުގައި ދޮންބެއަށް އެހީވާންވާނެ ކަމުގައި ބުނެ ރަޒާންއަށްވެސް ނަސޭހަތްދިނެވެ.
އަހަރެމެންގެ ކައިވެންޏަށް އެއް އަހަރުވީ އަހަރެން ބަނޑުބޮޑު ކަން އެނގުނުތާ އަށްވަނައަށް ވީ ދުވަހުއެވެ. އެރެއަށް ރާއިދު ވަރަށް ތައްޔާރުވިއެވެ. ކޮޓަރިތެރޭގައި ކުދިކުދި އުއްބައްތި ދިއްލާފައި، ޗީޒްކޭކެއް ގެނެސް މޭޒުމަތީ ބަހައްޓާފައި ހުއްޓެވެ. އޭގެ އިތުރުން ހުރީ އެ ދުވަސްކޮޅު އަހަރެން ހަމައެކަނި ކާ ހިތުން ކާ ކުޅިބަދަނެވެ. އެކަންތައް ރާއިދު ކުރީ އަހަންނަށް ނިދިފައި އޮއްވައެވެ. ވަރުބަލި ވެގެން ނިދޭނެ ކަން އެނގޭތީ، ބާރަ ޖަހާ އިރަށް އަހަރެން ފޯން އެލާމް ކުރީ އެ ގަޑިއަށް ހޭލަން ވެގެންނެވެ. އަހަންނަށް ހަދިޔާއަކަށް ލިބުނީ ކުޑަ ބުއްފުޅިއަކާ ފައިގައި އަޅާ ކެވެލިކޮޅެކެވެ. އަހަރެންވެސް ރާއިދުއަށް ހަދިޔާއެއް ހޯދީމެވެ. ނައުރާގެ އެހީގައި ތައްޔާރު ކުރި ހަދިޔާ ދީފައި ކަނޑާށޭ ބުނީ ރާއިދު އަހަންނަށް ހަދިޔާ ދިން ވަގުތުއެވެ.
ދެ ހަފްތާއެއްހާ ދުވަސް ރާއިދު ހޭދަ ކުރީ ކިހާ ކެތްތެރިކަމާއެކު ކަން އަހަންނަށް އެނގެއެވެ. އަހަރެން ބޭނުން ވީ އެރެއަކީ އޭގެ މޭވާ ރާއިދުއަށް ލިބޭނެ ރެއެއް ކަމުގައި ހަދާށެވެ. އަހަރެންގެ ފަރާތުން އަހަރެންގެ ފިރިމީހާ އެދޭ ހިތްހަމަޖެހުމާ އުފާ އޭނައަށް ދޭން އަހަރެންނަށް ވީ ވަރަކުން މަސައްކަތް ކުރާށެވެ. އެ ރެއަކީ ޚާއްސަ ރެއެއްކަމުން އެރޭގެ ހުރިހާ ކަމަކީވެސް ޚާއްސަ ކަންކަމަށް ވާން އަހަރެން އެދެމެވެ. އެހެންވެ އިސްނަގާ، ކޮންމެ ކަމަކަށް ރާއިދުއަށް ދައުވަތު ދިނީ އަހަރެންނެވެ. އެރޭވެސް ރާއިދު ސާބިތުކޮށްދިނީ އޭނައަކީ ލޯބިވާން ދަންނަ ފިރިއެއްކަމެވެ. ކައިވެންޏަށް އަހަރެއް ވިޔަސް އަހަރެން ދެކެ ވާ ލޯތްބަށް ބަދަލެއް ނާންނަކަމެވެ.
ރާއިދުގެ ކޮއްކޮ ރަޒާންއާ ފައިހާގެ ކައިވެނި ކުރެވުނީ އޭގެ ދެ މަހެއްހާ ދުވަސް ފަހުންނެވެ. ފައިހާއަކީ ރާއްޖެތެރޭ ރަށަކަށް ނިސްބަތް ވާ ކުއްޖެކެވެ. ނަމަވެސް ފައިހާގެ އާއިލާ ވަނީ އަހަރުތަކެއް ކުރިން މާލޭގައި ވަޒަންވެރި ވެފައެވެ. މާލޭގައި އަމިއްލަ ބިމެއް ނެތް ނަމަވެސް މިއަދު އެއީ މާލޭގެ ތަނަވަސް ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ އާއިލާއެކެވެ. އަހަރެން ރާއިދުއާ ކައިވެނި ކޮށްގެން އެ ގެއަށް އައި އިރު އަހަންނަށް ދެއްކި ނުރުހުމެއް ރަޒާންގެ މަންމަ ފައިހާއަކަށް ނުދައްކައެވެ. ރާއިދުގެ މަންމަ ހިތުން ރުހުމުން، ލޮލުން ބޮލުން ފައިހާއާ ގަބޫލުކަން ކޮންމެ މީހަކަށްވެސް އެނގޭހާވެއެވެ.
އޭރު އަހަރެންގެ ހިތުގައި އެކަމާ އެއްވެސް ޝަކުވާއެއް ނެތެވެ. އަހަރެން ބަލިވެ އިން ފަހުން ރާއިދުގެ މަންމަ އަހަންނަށް ވަރަށް ހެވެވެ. އަހަރެން ދެކެ ވަރަށް ލޯބިވެއެވެ. އެއީ ކުރީގެ މައިދައިތައޭ މީހަކު ނުވެސް ބުނާނެއެވެ.
ފައިހާއަކީވެސް ގޭތެރޭގެ މަސައްކަތްތައް އަމިއްލައަށް ކުރަން އާދަވެފައި ހުރި ކުއްޖެއް ނޫނެވެ. ނަމަވެސް އޭނަ މަސައްކަތް ކުރީ ނޭނގޭ ކޮންމެ ކަމެއް ދަސްކުރާށެވެ. އެއްވެސް ކަމެއް ކުރާހިތް ނުވެގެން ފޫހިވެގެންނެއް ނޫޅެއެވެ. ނޭނގިއްޖެ ނަމަ އަމިއްލައަށް އައިސް އަހާ އޮޅުން ފިލުވައިގެންވެސް އެ ކަމެއް ކުރެއެވެ. އެއްވެސް ބޮޑާކަމެއް ފައިހާގެ ކިބައިން ނުފެނެއެވެ. އަހަރެންނާ މެދުވެސް ކަންތައް ކުރަނީ އަހަރެންގެ ކޮއްކޮމެން ކަންތައް ކުރާހެންނެވެ. އެހެންވެ އަހަރެންނަށް ފައިހާ ވަރަށް ކަމުދިޔައެވެ.
އަހަރެން ވިހަން ވާ އިރަށް ހުރިހާ ކަމެއް ދަސްކުރަން ފައިހާ ވަރަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ރިހަ ކެއްކުން އެއީ ފައިހާއަށް ދަސްނުވި ކަމެކެވެ. އެކަމާ އަމިއްލައަށްވެސް ފައިހާ މަލާމާތް ކުރެއެވެ. އެންމެން ތެރޭ އިނދެ އަމިއްލައަށް ކައްކާ ރިހައަށް ފާޑު ކިޔާފައި ހޭނެއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެން ވިހާ ދުވަސް ކައިރި ވީ އިރު އަހަންނާ ރާއިދު ތިބީ ހުރިހާ ކަމެއް ތައްޔާރުކޮށް ނިންމައިގެންނެވެ. އަހަރެންގެ ބަނޑުގައި ރިއްސަން ފެށީ އެއް ދުވަހެއްގެ ހެނދުނުއެވެ. އޭރުވެސް އަހަރެން އޮފީހަށް ދަމެވެ. އޭގެ ކުރީރޭ ނިދި އިރުވެސް އުނަގަނޑުމަތީ ރިހުމެއް ހުއްޓެވެ. ފުރަތަމަ ތަދު އައީ ފެންވަރަން ހުއްޓައެވެ. އަވަސް ކޮށްލައިގެން ނިކުމެ ހޮސްޕިޓަލަށް ދާންވީ ކަމުގައި ރާއިދު ގާތު ބުނީމެވެ.
ވިއްސާ ކޮޓަރިއަށް ވަން އިރުވެސް އަހަންނަށް ވުރެ ކަންބޮޑުވެ ހާސްވެފައި ހުރީ ރާއިދުއެވެ. ހަތްގަޑިއިރު ފަހުން ވިހޭ އިރު ރާއިދު އަހަރެން ކައިރިން އިރުކޮޅަކަށްވެސް ދުރަށް ނުދެއެވެ. އެއްޗެއް ކައި ފެންވަރާލަން ދިޔައީވެސް އޭގެ ފަހުންނެވެ.
އަހަރެން ޕްރައިވެޓް ރޫމަކަށް ގެންދިޔައީ އަސުރު ވީ ފަހުންނެވެ. ވިހެއުމުގެ ތެރޭގައި އެއްވެސް ކަމެއް ދިމާނުވި ނަމަވެސް ވިހޭ ފަހުން ލޭ މަނާނުވެ އެންމެން ކަންބޮޑުވި ވަގުތުކޮޅެއް އައެވެ. ލޭ އަޅަން ޖެހުނު ނަމަވެސް ﷲގެ ރަޙަމަތުން އެކަންވެސް ނިމުނީ ރަނގަޅަށެވެ.
އެންމެންގެ މޫނުމަތިން އުފާވެރިކަން ފެންނަމުން ދިޔަ އިރު ރާއިދުގެ މަންމަގެ ފަރާތުން ނުރުހުމުގެ ކުލައެއް އަހަންނަށް އެ ދުވަހު ފެނުނީ އެތައް ދުވަހެއް ފަހުންނެވެ. ވީ ކީއްތޯ އަހާލަން ބޭނުން ވި ނަމަވެސް ދެ އާއިލާ އެއްކޮށްހެން އެ ކޮޓަރިތެރޭ ތިބުމުން އަހަރެން މަޑުކޮށްލީއެވެ. އެންމެ ފަހުން އަހަރެންގެ އާއިލާ އެންމެން ގޮސް، ރަޒާންއާ ފައިހާއާ ރާއިދުގެ މަންމަވެސް ގޮސް، ރާއިދުއާ ރައުހާ އެކަނި ވުމުން އަހަންނަށް އެ ފުރުސަތު ލިބުނެވެ.
“ރާއިދު، މަންމަ ހުރީ ކަމަކާ ހިތްހަމަ ނުޖެހިފަތަ؟” އަހަރެން އަހާލީމެވެ.
“މަންމަ ހުރީ ދޮންބެދައްތައަށް ލިބޭނީ ބޯއިއެއް ކަމަށް ހީކޮށް ވަރަށް އުފަލުން. އެކަމު ގަރލްއެއް ލިބުނީމަ ހިތްހަމަ ނުޖެހުނީ” ރާއިދުއަށް ވުރެ ކުރިން އެ ސުވާލަށް ޖަވާބު ދިނީ ރައުހާއެވެ.
“ރައުހާ!” ރާއިދު ނުރުހުމާއެކު ބާރަށް ގޮވާލިއެވެ.
މަންމަގެ ނުރުހުމުގެ ސަބަބު ރާއިދުއަށްވެސް އެނގޭކަން އަހަންނަށް އެނގުނީއެވެ. އެކަން އަހަންނަށް އެނގެންވެސް ރާއިދު ބޭނުމެއް ނުވެއެވެ.
އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. އެ ވަގުތު އެ ވާހަކަ ދައްކަން ބޭނުން ނުވީއެވެ. ގެއަށް ގޮސްވެސް އެކަމާ އަހަރެން އެއްޗެއް ނުބުނަމެވެ. އެހެން ނަމަވެސް މަންމައަށް އައިސްފައި ހުރި ބަދަލު އަހަންނަށް ފާހަގަވިއެވެ. އަހަންނާ ދޭތެރޭވެސް މަންމަ ކަންތައް ކުރަމުން އައި ގޮތް މުޅިން ބަދަލުވިއެވެ. އަހަންނަށް އެހީ ނުވެއެކޭ ނޫނެވެ. އެ ހުރިހާ ދުވަހު އަހަރެން ދެކެ އެހާ ލޯބިން އުޅެފައި. ކުއްލިއަކަށް މަންމަގެ ހިތުން އެ ލޯބި ފިލައިފިއެވެ. ދަރިފުޅުގެ ކަންތައް ކޮށްދެއެވެ. ދަރިފުޅު ދެކެ ވަރަށް ލޯބިންވެސް އުޅެއެވެ.
ގިނަ ދުވަސްތަކެއް ވަންދެން އަހަރެން މަންމައަށް އުނދަގުލެއް ނުޖައްސަމެވެ. ދަރިފުޅަށް ހަފްތާއެއް ވެގެން ނަން ކިޔަން ގޭގައި ކައްކަން އުޅުމުން ބަޔަކާ ހަވާލުކޮށްގެން އެ ކަން ކުރަން ޚިޔާލު ދިނީ އަހަރެންނެވެ. ހިތުގައި ވީ އެއްޗެއް ރާއިދުއަށްވެސް ސިއްރުކޮށްގެންނެވެ. އަހަރެންނާ އަހަރެންގެ ދަރިފުޅުގެ ކަމެއްގައި ރާއިދުގެ މަންމައަށް ބުރައެއް ނުޖައްސަން ވެގެންނެވެ.
އަހަރެމެންގެ ދަރިފުޅަށް ކިޔުނު ނަމަކީ މަރިޔަމް ޝުޢާ ރާއިދު އެވެ. އެ ނަމަކީ އަހަރެންގެ މަންމައަށް ރީތި ވެގެން ބުނި ނަންތަކުގެ ތެރެއިން ނަމެކެވެ. ނަން ކީ ރާއިދުއަށްވެސް ކަމުގޮސްގެންނެވެ.
ވިހައިގެން މަހެއް ނުވަނީސް އަހަރެން ގޭތެރޭގެ މަސައްކަތްތަކުގައި އުޅެން ފެށީމެވެ. އެކަމާ ހިތްހަމަ ނުޖެހިގެން ބައެއް ފަހަރު ރާއިދު އެއްޗެހި ބުނެއެވެ.
“ބަނޑުބޮޑު ކަން އެނގުނީއްސުރެ ވިހަންދެން މަންމަ ވަރަށް ބުރަކޮށް އުޅުނީ. އަހަރެން ހުރެ މަންމައަށް ހުރިހާ މަސައްކަތެއް ޖެއްސުން އެއީ ރަނގަޅު ގޮތެއް ނޫނެއްނު؟ ކުރިންވެސް ކުރަމުން އައީ އަހަރެން، މިހާރު ކަމެއް ކޮށްނުލެވޭހާ ބައްޔެއްވެސް ނޫން. އެހެން ނޫނަސް ރާއިދުގެ ކަންތައް ކުރަން ބޭނުމީ އަހަރެން އަމިއްލައަށް” ރާއިދުގެ ހިތްހަމަ ޖައްސައިދިނުމަށް އަހަރެން ބުނީމެވެ.
އެ ގޮތަށް ރާއިދުއަށް ވިސްނައިދީގެން އުޅުނަސް އަހަންނަށް ބުރައެވެ. އޮފީހަށް ނުނިކުމެ ގޭގަ އަދި ހުއްޓަސް އަހަންނަށް ވަގުތެއް ނުވެއެވެ. ދަރިފުޅު ނިދާ ވަގުތަކީ އަހަންނަށްވެސް އަރާމު ކޮށްލަން ލިބޭ ހަމައެކަނި ވަގުތުކޮޅަށް ވިޔަސް ގިނަ ފަހަރު އެއީ އަހަރެންގެ މަސައްކަތުގެ ވަގުތެވެ. ނިދަން ކޮޓަރިއަށް ވަދެވޭ އިރު ހުންނަނީ ވަރުބަލިވެފައެވެ. އަހަންނާ ރާއިދުއަށް އެކަނި ހޭދަ ކޮށްލާނެ ވަގުތެއް ނުލިބެއެވެ. އެހެން ވިޔަސް ރާއިދު ޝަކުވާއެއް ނުކުރެއެވެ. ގޭގައި ހުންނަ އިރު ދަރިފުޅުގެ ކަންތައްތަކުގައި ރާއިދުގެ އެހީތެރިކަން އަހަންނަށް ލިބެއެވެ. ދަރިފުޅު ނިންދެވުމާ، ނެޕީ ބަދަލުކޮށް ހެދުމަކީ އަހަންނާ އެއްވަރަށް ރާއިދުވެސް ކުރާ ކަންތަކެވެ.
އަހަރެން ގޭތެރޭގެ މަސައްކަތްތައް ކުރަން ފެށުމުން ފައިހާ އެ ކަންތައްތަކާ ދުރުވިއެވެ. ރައުހާ ކުރިއެކޭ އެއްގޮތަށް ކޮޓަރިން ނުނިކުމެ އޮންނަން ފެށިއެވެ. އަހަރެން ބަނޑުބޮޑު އިރުވެސް ރައުހާ ކުރި ކަމެއް ވިއްޔާ ކުރީ މަންމަ ގޮވާ ގެނެސްގެން ގަދަކަމުން ކުރުވީތީއެވެ.
އެހެން ވިޔަސް އަހަރެން ޝަކުވާއެއް ނުކުރަމެވެ. ރާއިދު ކައިރީ އެއްވެސް އެއްޗެއް ނުބުނަމެވެ. އަހަންނާ ރާއިދުގެ ކައިވެންޏަށް ދެ އަހަރު ވީ އިރު ރާއިދުގެ ގޮތް އަހަންނަށް ހުރީ ވަރަށް ރަނގަޅަށް ދަސްވެފައެވެ. އެއީ ވަރަށް ރަނގަޅު ފިރިއެކެވެ. ކޮންމެ ކަމެއްގައި އަހަންނަށް އެހީވެއެވެ. އަހަރެން އާއިލާއަށްވެސް އެހާ ރަނގަޅެވެ. ހަމަ އެހެން އެއީ މިސާލެއް ނެތް ފަދަ ދަރިއެކެވެ. ރާއިދުގެ މަންމައަށްޓަކައި ރާއިދު ނުކުރާނެ ކަމެއް ނޯންނާނެއެވެ. މަންމަގެ ބަހާ ދެކޮޅަށް ރާއިދު އެއްވެސް ކަމެއް ނުކުރާނެއެވެ. ރާއިދުގެ މަންމަގެ މިޒާޖުގައި ހުރި ނޭދެވޭ ސިފަތައް ރާއިދުއަށްވެސް ސިއްރެއް ނުވެއެވެ. އެހެން ވިޔަސް މަންމައާ ދެކޮޅަށް ރާއިދު އެއްޗެއް ނުބުނާނެއެވެ. އަދި އަމްދުން އެހެން މީހަކު މަންމައާ ދެކޮޅަށް އެއްޗެއް ބުނާ އަޑު އަހާކަށް ރާއިދުއެއް ނުހުންނާނެއެވެ. މަންމަގެ އެއްވެސް ޝަކުވާއެއް އަހަރެން ނުކުރަނީ، އެކަން އެނގޭތީއެވެ.
ޝުޢާއަށް އަހަރެއް ވީ ތަނާ ފައިހާ ބަލިވެއިން ކަން އެގުނެވެ. އެކަމާ އެންމެ އުފާވީ މަންމައެވެ. މަންމަގެ ހުވަފެނަކީ މާމަ ކިޔާނެ ފިރިހެން ދަރިއަކު ލިބުން ކަން އަހަންނަށް އެނގެއެވެ. ފައިހާއަށް ފިރިހެން ކުއްޖަކު ލިބިއްޖެ ނަމަ މަންމަގެ އެ ހުވަފެން ސީދާވީއެވެ. އޭރުން، މިހާރުވެސް އަހަންނަށް ވުރެ މަންމަ ލޯބިވާ ފައިހާ ދެކެ އަދިވެސް ބޮޑަށް ލޯބި ވާނެކަން ޔަގީނެވެ. އެ ޝަކުވާ ހިތުގައި ވިޔަސް އަހަރެންގެ ހިތުގައި ފައިހާއާ މެދު އެއްވެސް ހަސަދަވެރިކަމެއް ނެތެވެ. އަހަރެންނާ މެދު ފައިހާ ކަންތައް ކުރަނީ އެފަދަ އެއްޗެއް އަހަރެންގެ ހިތަށް ނުވަންނާނެހާވެސް ރަނގަޅަށެވެ.
ދެވަނަ ފަހަރަށް އަހަރެން ބަލިވެ އިނީވެސް އަހަންނަށް ނޭނގި ހުއްޓައެވެ. އެހެން ނަމަވެސް އެފަހަރު ޑޮކްޓަރަށް ދެއްކުމުގެ ކުރިން އަހަންނަށް އެނގުނެވެ. ކުރީ ފަހަރުހެން ހަމަ ބޯ އަނބުރާ ހޮޑުލެވެން ފެށީއެވެ. ހަފްތާއެއް ވަންދެން އެހެން އުޅެފައި ބަނޑުބޮޑުކަން ޔަގީން ވީ އެ ކަންތަކާ ގުޅުވާ ދެން ފެންނަންވީ ކަންތައް ނުފެނުމުންނެވެ. އެ ދުވަހު ރާއިދު އައުމުން އަހަރެން ރާއިދުގެ ގައިގައި ބައްދާލީމެވެ. އެއީ ފަހަކަށް އައިސް އަހަރެންގެ ފަރާތުން މަދުން ނޫނީ ނުފެންނަ ކަމަކަށް ވުމުން ރާއިދު ދިމާކޮށްލިއެވެ.
“މިއަދު މާ ބޮޑަށް މިސްވީތަ؟” އެ އަތުތެރޭ އަހަރެން ބޮނޑިކޮށްލަމުން ރާއިދު އަހާލިއެވެ.
“މިއަދު އެކަންޏެއް ނޫން މިސްވަނީ، އަބަދުވެސް މިސްވޭ” އަހަރެން ޖަވާބު ދިނީމެވެ.
“ދެން…؟” ރާއިދު ކޮށްލީ ސުވާލެކެވެ. އަހަރެން ޖަވާބެއް ނުދެމެވެ. ރާއިދުގެ ކުދިކުދި ސަމާސާތަކަށް ޖަވާބު ދެމުން ދިޔައީމެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.








I love this story
I am so happy
So when is next part
Thank u. Next part on Sunday