Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޔާރާ އަހާށޭ 2

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
August 13, 2023 8 Mins Read
1 Comment

އޭގެ ފަހުން އަހަރެންގެ ހަޔާތަށް އެއްވެސް މީހަކު ނާދެއެވެ. ފިރިހެނަކާމެދު ވިސްނަންވެސް ބޭނުން ނުވެފައި އަހަރެން ހުއްޓާ، އަހަރެންގެ ހިތަށް އެ އިހުސާސްތައް އަލުން ވެރިވާން ފެށީ ރާއިދު ފެނިގެންނެވެ.

އަހަރެން މާނިއުގެ ވާހަކަ ކިޔާދިން ދުވަހު ރާއިދު އޭނަގެ މާޒީވެސް ކިޔާދިނެވެ.

ރާއިދުއާ ޒިމްނާއާ ދިމާވީ ހަތަރު އަހަރު ކުރިންނެވެ. ޒިމްނާއަކީ ތަނަވަސް މަންމައަކާ ބައްޕައެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ފެންނަ ކޮންމެ މީހެއްގެވެސް ހިތް ދަމައިގަންނަހާ ރީތި ސިފައެއް ލިބިފައިވި އެ އަންހެން ކުއްޖާއަކީ އެ ރީތިކަމާ އެއްވަރަށް ބޮޑާކަންވެސް ލިބިފައި ހުރި އަންހެން ކުއްޖެކެވެ. ޒިމްނާއާ ރާއިދުއާ ދިމާވީ ޒިމްނާގެ ބައްޕަގެ ރިޒޯޓްގައި އޮތް މީޓިންގްއަކަށް އޮފީހުގެ ފަރާތުން ރާއިދު ދިޔަ ދަތުރެއްގައެވެ.

ރާއިދު ފަދަ ޒުވާނަކަށް ޒިމްނާގެ ސަމާލުކަން ހުއްޓުނީ ކިހިނެއް ކަމެއް ނޭނގެއެވެ. އެއީ މިޒާޖުގެ ގޮތުން މުޅިން ތަފާތު ދެ މީހުންނެވެ. ޒިމްނާގެ އެންމެ އިޝާރާތަކާއެކު ރާއިދުގެ ހިތް ޒިމްނާގެ މައްޗަށް ލެނބުނީ ހީވެސް ނުކުރާހާ އަވަހަށެވެ. އޭގެ ކުރިން ރާއިދުގެ ޙަޔާތަށް އަންހެން ކުދިން އައިސްފައި ވީ ނަމަވެސް، ކައިވެންޏެއްގެ ޚިޔާލު ރާއިދުގެ ހިތުގައި އުފެދުނީ ޒިމްނާގެ ސަބަބުންނެވެ. ރާއިދުއަކީ އެއްވެސް އިރެއްގައި އަންހެން ކުދިންނާ މާ ގާތްކޮށް އުޅުނު ޒުވާނެއް ނޫނެވެ. އެހެން ނަމަވެސް ޒިމްނާއަކީ ތަފާތު ޚިޔާލުތަކެއްގެ ވެރިއަކަށް ވުމުން އެ ދެމެދުގައި އޮތް ގުޅުންވެސް ކުރިޔާ ތަފާތެވެ. އެހެން ވިޔަސް ރާއިދު އެ ގުޅުން އިމުން ބޭރުވިޔަކަ ނުދެއެވެ. ގިނަ ދުވަސްތަކެއް ނުކޮށް ކައިވެނި ކުރަން އެދޭ ކަން ޒިމްނާ ގާތު ބުނުމުން ޒިމްނާވެސް އެއްބަސްވިއެވެ.

ޒިމްނާއަކީ ތަފާތު އަންހެން ކުއްޖެއްކަން ރާއިދުއަށް އެނގެއެވެ. އުޅެ ބޮޑުވީ ރާއްޖެއިން ބޭރުގައި ކަމުން ޒިމްނާގެ އުޅުންވެސް ހުރީ އެފަދަ ގޮތަކަށެވެ. ރާއިދުއާ ބައްދަލު ނުވާ ރެއެއް ނަމަ ޒިމްނާ ގެއަކު ނޫޅެއެވެ. ބާރަ، އެކެއް ޖަހަން ދެން ރައްޓެހިންނާ އެކު ބޭރުގައި އުޅުމަކީ ޒިމްނާގެ އާދައެކެވެ. ގާތް ރައްޓެހިންގެ ތެރޭގައި ފިރިހެނުންވެސް ހިމެނެއެވެ. ގޭތެރޭގެ ކަންތަކުގެ އިތުރުން އަމިއްލަ ކަންތައް ކުރުމަށްވެސް ގޭގައި މީހުން ތިބޭތީ ޒިމްނާ އަމިއްލައަށް ކުރަން ޖެހޭ އެއްވެސް ކަމެއް ނޯވެއެވެ. ރާއިދު ޒިމްނާ ބަލައިގަތީ އެ ހުރިހާ ސިފަތަކާ އެކުގައެވެ. ރާއިދުގެ މަންމައަށް ޒިމްނާ ފަދަ އަންހެން ކުއްޖަކު ކަމުނުގޮސްފާނެ ކަމުގެ ބިރު ހިތުގައި އޮތް ނަމަވެސް، ކައިވެންޏަށް ފަހު ޒިމްނާ ބަދަލު ވާނެ ކަމުގައި ރާއިދު ހުރީ ގަބޫލު ކޮށްގެންނެވެ.

ހީކުރި ގޮތާ ޚިލާފަށް ރާއިދުގެ މަންމައަށް ޒިމްނާ ވަރަށް ކަމުދިޔައެވެ. ވާން އުޅޭ ޅީދަރިފުޅުގެ ގޮތުގައި ޒިމްނާ ގަބޫލު ކުރީ އުފަލާއެކުގައެވެ. އެކަމާ ރާއިދު ވަރަށް އުފާވިއެވެ. ހަމަ އެހެން ޒިމްނާގެ މަންމައާ ބައްޕައަށްވެސް ރާއިދު ވަރަށް ކަމުދިޔައެވެ. ދެ މީހުން ކައިވެނި ކުރަން ބޭނުން ވާކަން ޒިމްނާ ބައްޕަ ގާތު ބުނުމުން ވިޔަފާރީގެ ކަންތައްވެސް ރާއިދުއާ ހަވާލު ކުރަން ޒިމްނާގެ ބައްޕަ ބޭނުންވިއެވެ. ނަމަވެސް އެކަމާ ރާއިދު ދެކޮޅު ހެދީ ޒިމްނާގެ މުއްސަނދިކަން އެއީ ރާއިދު ބޭނުން ކަމަކަށް ނުވާތީއެވެ.

ކައިވެނި ކުރަން ދުވަސް ކަނޑައަޅާ، ދެ މަހަށް ވީ ފަހުން އެ ގުޅުން ކުއްލިއަކަށް ކެނޑުނީ ރާއިދުއަށް ބަލައިނުގަނެވޭ ފަދަ ކަމެއް ޒިމްނާގެ ފަރާތުން ފެނުމުންނެވެ. ޒިމްނާއާ ޒިމްނާގެ މަންމައާ ބައްޕަގެ ފަރާތުންވެސް، އެ ގެއަށް ކޮންމެ ވަގުތަކުވެސް އައުމުގެ ހުއްދަ ރާއިދުއަށް ވަނީ ލިބިފައެވެ. ހަތަރު ދުވަހަށް ރާއްޖެއިން ބޭރުގައި އުޅެފައި ޒިމްނާ އައިސް އެ ދުވަހުގެ ރޭ ރާއިދުއަށް އެ ގެއަށް އައުމަށް ދަޢުވަތުދިނެވެ. އެރޭ މުހިންމު ކަމެއް ދިމާވެގެން ނުދެވޭނެތީ، ހަވީރު ރާއިދު ޒިމްނާއާ ބައްދަލު ކޮށްލަން ބޭނުން ވެގެން ގުޅި އިރު ފޯނަށް ޖަވާބު ނުދޭތީ އެ ގެއަށް ރާއިދު ދިޔައީ އެ ފަދަ މަންޒަރެއް ފެނިދާނެ ކަމަކަށް ނޫނެވެ.

ބެލް ޖެހުމުން ދޮރު ހުޅުވީ ގޭގައި ގެންގުޅޭ ބޭރު މީހާއެވެ. ސިޑިން އަރައިގެން ޒިމްނާގެ ކޮޓަރިއަށް ރާއިދު ދިޔައީ ބޭރުން އެއްވެސް މީހަކު ފެންނަން ނެތުމުންނެވެ. ލައްޕާފައި ހުރި ދޮރު ހުޅުވާ އެތެރެއަށް ވަދެވުމާއެކު ރާއިދުއަށް ހުއްޓެވުނެވެ. ޒިމްނާ ސިހިފައި ފުންމައިގެން އެނދުން ތެދުވިއެވެ. ޒިމްނާ ކައިރީގައި އޮތް މީހާ ތެދުވެގެން ގޮސް ވަނީ ފާހާނާއަށެވެ.

އެއްވެސް އެއްޗެއް ނުބުނެ ރާއިދު ނިކުމެގެން ދިޔައީއެވެ. އެރޭ އޮތް މީޓިންގް ނިމުނު އިރު އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. އޭރު ރާއިދުގެ ފޯނަށް އެތައް ފަހަރަކު ޒިމްނާ ގުޅާފައި އޮތެވެ. ގެއަށް ވަން އިރު ސިޓިންގް ރޫމްގައި ރާއިދުގެ މަންމައާ އެކު ޒިމްނާ އިނެވެ. ދެންވެސް އަނގައިން ނުބުނެ ރާއިދު ކޮޓަރިއަށް ވަނުމުން ޒިމްނާވެސް ރާއިދުގެ ފަހަތުން ވަނެވެ. މާފުކޮށްދިނުމަށް އެދި ޒިމްނާ ރާއިދު ގާތު އާދޭސް ކުރިއެވެ. ނަމަވެސް އެ ފަދަ ކަމަކަށް ރާއިދު މާފު ކުރާނީ ކިހިނެއް ހެއްޔެވެ؟ ޒިމްނާގެ ކިބައިގައި ހުރި ކޮންމެ ނޭދެވޭ ސިފައެއް ރާއިދު ބަލައިގަތް ނަމަވެސް އެހެން ފިރިހެނަކާ އެކު އެ ގޮތަށް ޒިމްނާ ފެނުމުން މާފުކުރާނީ ކިހިނެއް ހެއްޔެވެ؟ ރޮއެރޮއެފައި އެންމެ ފަހުން ޒިމްނާ ދިޔައީ ދުވަހަކުވެސް ޒިމްނާއާ ގުޅުމެއް ބާއްވަން ދެން ބޭނުން ނޫން ކަމަށް ރާއިދު ބުނުމުންނެވެ.

ދެ މީހުން ވަކިވުމުން ހީކުރި ވަރަށް ވުރެ ގިނަ ސުވާލު ރާއިދުގެ މަންމަ ކުރިއެވެ. ކުށެއް ކުރެވުނު ނަމަވެސް، ރާއިދުއަށް ކަމުނުދާ ފަދަ ކަމެއް ކުރެވުނު ނަމަވެސް މާފަށް އެދުމުން، މާފުކޮށް އަދި ފުރުސަތު ދޭންވާނެ ކަމަށް ބުނެ ރާއިދުގެ މަންމަ ނަސޭހަތް ދިނެވެ. ޒިމްނާއާ މެދު ރުހެވިފައި ހުރި ވަރުން އެތައް ދުވަހެއް ވަންދެން ރާއިދުގެ މަންމަ، ޒިމްނާއަށް މާފުކޮށްދިނުމަށް ރާއިދުގެ ކިބައިން އެދުނެވެ. އެ އަންހެން ކުއްޖާއާ މަންމަ ރުހޭވަރު ރާއިދު ގާތު ބުނަމުން ދިޔައެވެ. އޭރުވެސް ޒިމްނާ ރާއިދުގެ ދިރިއުޅުމާ ދުރަށް ދާކަށް ބޭނުމެއް ނުވިއެވެ. ރާއިދުގެ ނުރުހުމުގައިވެސް ރާއިދުގެ މަންމައަށް ގުޅާ އާދޭސް ކުރަނީއެވެ. އެގެއަށްވެސް އަންނަނީއެވެ. އުމުރުގައިވެސް ފުރަތަމަ ފަހަރަށް މަންމަގެ އެދުމަކާ ރާއިދު ދެކޮޅު ހެދިއެވެ.

“ކިތަންމެ މުއްސަނދި އާއިލާއެއްގެ ކުއްޖަކަސް އޭނަގެ އުޅުމެއް ނެތްކަން އަހަންނަށް އެނގިއްޖެ. އަހަންނަކަށް އެ ކަހަލަ އަންހެނަކާ ނީނދެވޭނެ. މަންމަ ދެން މި ގެއަށް ޒިމްނާ ގެނެސްފިއްޔާ އަހަރެން ދެން މިގެއަކަށް ނުވަންނާނަން. ދަރިއަކަށް ވުރެ މަންމައަށް އޭނަ ކަމުދަންޏާ އަހަރެން ހިނގައިދާނަން މަންމައަށް ނުފެންނަ ހިސާބަށް” ރާއިދުގެ މަންމަ އެ ވާހަކަ ދެއްކުން ހުއްޓާލީ އެ ދުވަހުއެވެ. ނަމަވެސް އެއީ އެ ގޮތާ ރުހިގެންނެއް ނޫނެވެ.

އޭގެ ފަހުން ރާއިދުގެ ޙަޔާތަށްވެސް އިތުރު ކުއްޖަކު ނާދެއެވެ. އަހަރެން ފެނިފެނި ރާއިދުގެ ހިތުގައިވެސް އަހަންނާ މެދު އިހުސާސްތަކެއް ވާކަން އެ ދުވަހު ރާއިދު ހާމަކުރިއެވެ. ދިރިއުޅުމެއް ފަށަން އަހަންނަކީ އެންމެ އެދެވޭ ފަދަ އަންހެން ކުއްޖެއް ކަމުގައި ބުނެ އަހަރެން ގާތު ރާއިދު ކައިވެންޏަށް އެހީ އެ ވާހަކަތައް ކިޔާދިން ދުވަހުއެވެ. ވަގުތުން އާނއެކޭ ބުނެ އަހަރެން ޖަވާބު ދިނީމެވެ.

އެއީ އަހަންނާ ރާއިދުއާ ވާހަކަ ދައްކަން ފެށިތާ ހަތަރު މަހެއްހާ ދުވަސްފަހެވެ.

ރާއިދުއާ އަހަރެންގެ އާއިލާއާ ބައްދަލު ކުރުވީމެވެ. އަހަރެންގެ މަންމައަށް ރާއިދު ވަރަށް ކަމުދިޔައެވެ. އަހަރެންގެ ކޮއްކޮމެންނާ ރާއިދުއާ މެދު އެކުވެރިކަން އުފެދުނީ ހީވެސް ނުކުރާހާ އަވަހަށެވެ. އެހެން ނަމަވެސް އަހަރެންގެ އާއިލާގެ ފަރާތުން ރާއިދުއަށް ލިބުނު ފަދަ ހޫނު މަރުހަބާއެއް ރާއިދުގެ މަންމަގެ ފަރާތަކުން އަހަންނަކަށް ނުލިބެއެވެ. ފުރަތަމަ ބައްދަލު ވި ރޭވެސް ރާއިދުގެ މަންމަގެ ފަރާތުން އަހަންނާ ގަޔާ ނުވާ ހެން ހީވަ ފަދަ އެތައް ކަމެއް ފެނުނެވެ. ރާއިދު ގާތު އަހާލުމުން ބުނީ އެއީ މަންމަގެ މިޒާޖުގެ ގޮތުން ހީވާ ގޮތް ކަމުގައެވެ. އަހަރެންވެސް މާ ބޮޑު ކަމަކަށް ނުހަދަމެވެ.

ތިން މަސް ފަހުން އަހަރެންނާ ރާއިދުގެ ކައިވެނި ކުރެވުނެވެ. އަހަރެން ހުރީ ވަރަށް އުފަލުންނެވެ. އަހަރެން ގެ މުޅި އާއިލާއާ، ރާއިދުގެ ދެ ކޮއްކޮގެ ފަރާތުންވެސް ފެނުނީ އުފާވެރިކަމެވެ. ނަމަވެސް ރާއިދުގެ މަންމަގެ މޫނުން އަހަރެން އެދޭ ފަދަ އުފާވެރިކަމެއް އެ ދުވަހުވެސް ނުފެނެއެވެ. ޒިމްނާއާ ގަޔާވެވުނު ވަރަށް އަހަރެންނާ ގަޔާ ނުވެވުނީ ކަމުގައިވެސް ވެދާނެއެވެ. އެހެން ވިޔަސް އަހަރެން އުންމީދު ކުރީ އެ މަންމަގެ ރުހުންވެސް ކޮންމެވެސް ދުވަހަކުން ލިބޭނެ ކަމުގައެވެ.

ދެ އާއިލާގެވެސް ފުރަތަމަ ކައިވެންޏަށް ވާތީ، ޚާއްސަކޮށް އަހަރެންގެ މަންމަ ބޭނުން ވީތީ އަހަންނާ ރާއިދުގެ ކައިވެނި ޕާޓީ ވަރަށް ކުލަގަދަކޮށް ބޭއްވީމެވެ. އިއްތިފާގުން އަހަންނާ ރާއިދުއާ ދެ މީހުންނަށްވެސް އެންމެ ރީތި ކުލައަކީ “ޓީލް” ކުލައަށް ވީތީ، ކައިވެނި ޕާޓީގެ ހުރިހާ އެއްޗެއްވެސް ހުރީ އެ ކުލަޔާ ރަން ކުލައިންނެވެ. ހުރިހާ ކަމެއް ތައްޔާރު ކުރުމުގައި އަހަރެންގެ ތިން ކޮއްކޮއާ ރާއިދުގެ ދެ ކޮއްކޮގެ އެއްބާރުލުން ފުރިހަމައަށް ލިބުނެވެ.

ކައިވެނި ކުރަން ތައްޔާރު ވެގެން ނައުރާއާ އެކު އަހަރެން އެ ހޯލަށް ވަން އިރު އެތާ ތިބީ ދެ އާއިލާގެ މީހުންނާ، އެންމެ ގާތް އެކުވެރިންނެވެ. ހުދު ކުލައިގެ ވެޑިންގް ޑްރެސްގައި އަހަރެން ފެނުމުން ރަޒާން ކައިރީ ހުރި ރާއިދު އަހަންނަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނަ ދުރު ބަލާލީ ރަޒާން ކޮންމެވެސް އެއްޗެއް ބުނުމުންނެވެ. އެއާއެކު ނައުރާއާ، ސަމާއާ ޝަފްގާ އަހަންނާ ދިމާކޮށްލިއެވެ. ރަކިވެފައި ހުރެ އަހަރެން ރާއިދުއަށް ބަލާލީމެވެ. އަޅި ކުލައިގެ ކޯޓް ފަޓްލޫނުގައި ހުރި އިރު ރާއިދުވެސް ވަރަށް “ހޭންޑްސަމް”އެވެ. އެހެން ދުވަސްދުވަހަށް ވުރެ ރާއިދުގެ ރީތިކަން އިތުރުވެފައި ވާހެން އަހަންނަށް ހީވެއެވެ. އެހެން ހުއްޓާ ރާއިދު ބަލާލުމާއެކު އަހަރެން އިސްޖަހާލީއެވެ.

ކައިވެންޏަށް ފަހު އަހަރެން ބަދަލު ވީ ރާއިދުގެ ގެއަށެވެ. އެއީ ކުޑަ އެޕާޓްމެންޓެއް ނޫނެވެ. ތިން ކޮޓަރިއާ، ސިޓިންގްރޫމާއެކު، ބަދިގެ ވަކިން ހުރެއެވެ. އަހަންނަށް އެގޭގައި އުޅޭކަށް އުނދަގުލެއް ނޫނެވެ.

އެ އާއިލާގެ ޚަރަދުތައް ބަލަހައްޓަނީ ރާއިދުއެވެ. ބިލްތަކާ، މަންމައާ އަންހެން ކޮއްކޮގެ ހުރިހާ ކަމެއް ކޮށްދެނީ ރާއިދުއެވެ. އަހަރެން އެ ކަމަކަށް ފާޑެއް ނުކިޔަމެވެ. ރާއިދުއާ އިނުމުގެ ކުރިން އަހަރެން ވަޒީފާއިން ވަކިވާން ރާއިދު ނުބުނުމަށް އެދުނީ، އަހަރެންގެ އާއިލާގެ ޚަރަދުގެ ބޮޑުބައެއް އަހަރެން ބަލަހައްޓާތީއެވެ. ބައްޕަ ނިޔާވި ފަހުން އެއީ އަހަންނާ ނައުރާގެ ޒިންމާއެކެވެ. ހަމަ އެހެން ރާއިދުވެސް އެދުނީ އެންމެ ކަމަކަށެވެ.

“ދީނާ، އަހަރެންގެ މަންމައަކީ ތަންކޮޅެއް އޯލްޑް ވިސްނުން ގެންގުޅޭ މީހެއް، ފަހަރެއްގަ ދީނާ ހިތްހަމަ ނުޖެހޭ ގޮތަކަށް މަންމަގެ ވާހަކަ ހުރެދާނެ. އެހެން ވިޔަސް މަންމައާ ދެކޮޅަށް އެއްޗެއް ނުބުނައްޗޭ، އެއްވެސް މީހަކު މަންމައާ ދިމާއަށް އެއްޗެއް ބުނާ އަޑު އެހުން އެއީ އަހަންނަށް ނުވާނެ ކަމެއް. މި ނޫން އެއްވެސް ކަމަކު އަހަރެން ދީނާ ކައިރިއަކުން ނޭދޭނަން ދުވަހަކުވެސް” ކައިވެނި ކުރަން ދެ މީހުން ނިންމި ދުވަހު ރާއިދު އަހަރެން ކައިރީ ބުނީ އެހެންނެވެ. އަހަރެން ރާއިދުގެ އެ އެދުމަށް ބޯލަނބާނެ ކަމަށް ބުނީމެވެ.

ބައްޕަ ފަރާތު ކާފަގެ ގޯތިން ބައްޕައަށް ލިބުނު 925 އަކަފޫޓުގެ ބިމުގައި ހުރީ ބައްޕަ ދުނިޔޭގައި އެޅި ތިން ބުރީގެ އިމާރާތެކެވެ. އެ ތަނުގެ އެންމެ ތިރީ ބައިގައި އުޅެނީ ބައްޕައާ އެއްބަނޑު ދައްތައެވެ. ދެވަނަ ބައިގައި އުޅެނީ އަހަރުމެންގެ އާއިލާއެވެ. އެއީ ތިން ކޮޓަރީގެ އެޕާޓްމެންޓެކެވެ. އެންމެ މަތީ ބައި ހުންނަނީ ކުއްޔަށް ދީފައެވެ. އެ ތަނުން ލިބޭ ކުލީގެ ބޮޑުބައި ހޭދަވަނީ ކުޑައަށް ތިބި ދެ ކޮއްކޮގެ ކިޔެވުމަށެވެ. އަހަރެން ކައިވެނި ކުރިއެއް ކަމަކު އަހަރެންގެ އާއިލާގެ ޒިންމާ ދޫކޮށެއް ނުލެވޭނެއެވެ. އަހަރެންގެ އެދުމަށް ރާއިދު އިޙްތިރާމް ކުރިއެވެ. ނަމަވެސް މައިދައިތަގެ ފަރާތުން އަހަންނަށް އަމާޒުވި ފުރަތަމަ ނުރުހުމުގެ ބަސް ގުޅިފައިވީ އެކަމާއެވެ.

އޭރު ކައިވެންޏަށް މަހެއް ނުވެއެވެ. އަހަރެން އޮފީހަށް ނިކުންނަން ފެށީ ދެ ހަފްތާ ފަހުންނެވެ. ފުރަތަމަ ހަފްތާ އަހަންނާ ރާއިދު ހޭދަކުރީ ލަންކާގައި އަހަރެމެންގެ “ހަނީމޫން”ގައެވެ. ކައިވެންޏާ ހަމައަށްވެސް އަހަންނާ ރާއިދު މާ ގާތްކޮށެއް ނޫޅެމެވެ. އެހެން ކަމުން ރާއިދުގެ ފަރާތުން ފެންނާނީ ކޮން ސިފައެއް ކަމެއް އަހަންނަކަށް މާ ބޮޑަކަށް ނޭނގެއެވެ. ރާއިދުއަކީ ކިހާ “ރޮމޭންޓިކް” މީހެއް ކަން އަހަންނަށް އެނގުނީ އެ ދުވަސްތަކުގައެވެ. އެއީ ލޯބިވާން އެނގޭ، އަދި ލޯބި ވާކަން ހާމަ ކުރަންވެސް އެނގޭ ފިރިއެކެވެ. އާއިލާ ތެރޭގައި ތަންކޮޅެއް ސީރިއަސް ގޮތެއް ދައްކައިގެން އުޅުނު ނަމަވެސް ރާއިދުގެ ހުންނަ ސަމާސާ ގޮތް އަހަންނަށް ފެނުނެވެ. އެކަނި ވާ ވަގުތުތަކުގައި އަބަދުވެސް ރާއިދުގެ ފަރާތުން ފެންނަނީ ސަކަ މިޒާޖެކެވެ. ލޯބިން ކޮށްލާ ގޯނާއެކޭ އެއް ގޮތަށް ބުނެލާ އެފަދަ ބަސްތަކުން އަހަރެންގެ ހިތާ ހަށިގަނޑު ވަގުތުން ރާއިދުގެ މައްޗަށް ދޫކޮށްލެވެއެވެ. އަހަރެންނަކީ ހަމައެކަނި ރާއިދުގެ އަނބިމީހާއެއް ނޫނެވެ. އަހަންނަކީ އޭނަގެ އެންމެ ގާތް އެކުވެރިޔާވެސްމެއެވެ.

ކައިވެނީގެ ކުރިން އަހަރެން ދެކެ ރާއިދު ލޯބިވާކަން އޭނަވަނީ ހާމަކޮށްފައެވެ. ނަމަވެސް އެ ލޯބި ފާޅުކުރީ ކައިވެނީގެ ފަހުންނެވެ. އަހަރެންގެ އެދުމަށް ރާއިދު އިހްތިރާމް ކުރެއެވެ. ކަންކަމުގައި އަހަރެންހެ ޚިޔާލު ހޯދައެވެ. އެއްވެސް ކަމެއް އަހަރެން ކައިރީ ނުބުނެ ނުކުރެއެވެ. ކުރިންވެސް ރާއިދު ވަނީ އަހަރެންގެ ހިތް އަތުލާފައެވެ. ނަމަވެސް ދުވަހަކަށް ވުރެ ދުވަހެއް އަހަރެންގެ ހިތް ދިޔައީ ރާއިދުގެ މައްޗަށް އިތުރަށް ލެނބެމުންނެވެ.

ހަނީމޫނަށް ފަހު އަހަރެމެން އައި ގޮތަށް ރާއިދު އޮފީހަށް ނުނިކުމެ ހުރީ ދެ ދުވަހުއެވެ. މަސައްކަތް ބުރަ ދުވަސްކޮޅެއް ކަމުން ރާއިދުއަށް ލިބުނީ ކުރު ޗުއްޓީއެކެވެ. އެހެން ނަމަވެސް އަހަރެން ދެ ހަފްތާގެ ޗުއްޓީއެއް ނެގީ ރާއިދުގެ ގެއަށާ އެ އާއިލާއަށް ހޭނެން ދުވަސްކޮޅެއް ބޭނުންވާތީއެވެ. ކުރިންވެސް އަހަރެން ގޭތެރޭގެ މަސައްކަތުގައި މަންމައަށް އެހީތެރިވަމެވެ. ކައިވެންޏަށް ފަހު ރާއިދުމެން ގޭގައިވެސް އަހަރެން ބެލީ އެ ގޮތަށް އުޅެވޭތޯއެވެ. އެހެން ނަމަވެސް އެކަން ވީ އުނދަގޫ ކަމަކަށެވެ. އަހަރެމެން ގޭގައި ބަދިގޭގައި އިސްކޮށް އުޅޭނީ މަންމައެވެ. އަހަރުމެންނަށް ކަންތައް ބަހާފައި ހަވާލު ކުރާނީ މަންމައެވެ. ނަމަވެސް އެ ގޭގައި އަހަރެން ބަދިގޭގައި އުޅޭނަމަ ރާއިދުގެ މަންމަ ނިކުންނަނީ ބޭރަށެވެ. ބައެއް ފަހަރު ކައްކާނީ ކޯޗެއްތޯ އަހާލިޔަސް ރާއިދުގެ މަންމަ ޖަވާބު ދެނީ ނުރުހުމާއެކުއެވެ. އޮފީހަށް ނިކުންނަން ދެން ހެނދުނާ މެންދުރަށް އަހަރެން ބަރާބަރަށް ކައްކަމެވެ. މެންދުރު ކައްކަނީ ރެއަށާ އެކީ ކަމަށް ވުމުން ރޭގަނޑު ކައްކާކަށް ނުޖެހެއެވެ. ފުރަތަމަކޮޅު ދެރެއިން އެއްރޭ ކަހަލަ ގޮތަކަށް އަހަންނާ ރާއިދު މަންމަމެން ގެއަށް ދަމެވެ. އެކަން މަދުކޮށްލީވެސް ރާއިދުގެ މަންމަ ނުރުހޭހެން ހީވާތީއެވެ.

އޮފީހަށް ނިކުންނަން ފެށި ފަހުން އަހަރެން ފަތިހު ތެދުވެ، އޮފީހަށް ދިޔުމުގެ ކުރިން ރޮށި ފިހެ، މަސްހުނި، ބޭކެޑް ބީންސް، ނުވަތަ ކުޅިމަސް ފަދަ އެއްޗެއް ތައްޔާރު ކުރަމެވެ. އޮފީހަށް ދަނީ މޭޒުމަތީގައި ސައި ތައްޔާރުކޮށްފައެވެ. ތަށިތައް ނަގާކަށް މަޑެއް ނުކުރެވެއެވެ. ހުކުރު ހޮނިހިރު ދެ ދުވަހުވެސް ހެނދުނާ މެންދުރު ބަދިގެއަށް ވަންނަމެވެ.

ފުރަތަމަ ހަފްތާގެ ފަހު ދުވަހު އޮފީސް ނިންމާފައި ގެއަށް އައިސް ފެންވަރައިގެން ނިކުމެ ޖައްސާލީ ބޮލުގައި ރިއްސާފައި ހުރުމުންނެވެ. ރާއިދު އައިސް އަހަންނަށް ގޮވާލީ ފަހެއް ޖެހިފަހުންނެވެ. ދެ މީހުން އެކުގައި ނިކުތީ ހަވީރު ސައިބޯށެވެ. އޭރު މަންމަ ބަދިގޭގައި އުޅެއެވެ. ރާއިދު މޭޒު ކައިރީ އިށީނުމުން އަހަރެން ކޮފީތައްޓެއް ގިރަން ފެށި އިރަށް މަންމަ އެއަށް ވުރެ ކުރިން ރާއިދުއަށް ސައިތައްޓެއް ގިރައިދީފިއެވެ.

“ދަރިން މީހުނާ އިނަސް އަހަރުމެންނަށް ލުޔެއް ނުވޭ ވިއްޔަ” މޭޒުމަތީ ހުރި ތަށީގެ މަތި ނަގާ ރާއިދުއާ ކައިރި ކޮށްލަމުން މަންމަ ބުނެލިއެވެ.

“ކިހިނެއްވީ؟ މަންމައަށް މާ ބުރަވީތަ؟” ސަމާސާ ގޮތަކަށް ރާއިދު އަހާލިއެވެ.

“މެންދުރުވެސް ރާއިދުއަށް ކާން ހަދައިދޭން މި ޖެހެނީ މަންމައަށް، އަނތްބަކު ގެންނަނީ އޭނަ ލައްވާ އެކަހަލަ ކަންތައްވެސް ކުރުވާކަށްނު؟” މަންމަ ބުނެލީ އާދައިގެ ގޮތަކަށެވެ.

“ދީނާ ހުއްޓަކަސް މަންމަ އަތުންވެސް ކާން ހަދާލަދެވިދާނެއެއްނު؟” ރާއިދު ބުންޏެވެ.

“މަންމަ ނޫޅެމޭ ރާއިދުއަށް ކާން ހަދައިދޭން ޖެހިގެން އެކަން ބޮޑު ވެގެންނެއް. އެކަމަކު މިހާރު މަންމައަށް ވުރެ ބޮޑަށް ރާއިދުގެ ކަންތައް ކުރަން ޖެހޭނީ ދީނާ. ގޭތެރޭގެ ކަންތަކާވެސް ހަވާލު ވާންވީ ދީނާ. މިހާރުގެ ކުދިންނަކަށް ގޭތެރޭގެ ކަންތަކެއް ނުކުރެވޭނެ. އޮފީހުން ކެނޑިގެން ގެއާ ފިރިމީހާގެ ކަންތައް ކުރެވޭނީ” މަންމަ ބުންޏެވެ.

“މަންމަމެންގެ ދުވަހާ މިހާރާ ކިހާ ތަފާތު؟ މިހާރު ގޭތެރޭގެ ކަންތައް ބަލަހައްޓާށޭ ކިޔާފަ ކެރިއަރ ދޫކޮށްލާކަށް ނުޖެހޭނެ. ހުރިހާ ކަމެއްވެސް ކުރެވޭނެ. އެކަމަކު އެއީ ފެމިލީގެ ސަޕޯޓްވެސް ލިބިގެން” އެ ވަގުތު އަހަރެން ބުނީއެވެ.

“ތިހާ ފަސޭހަ ކަމެއް ނޫން ތީކީ. ދީނާމެންނަކަށް ނުވިސްނޭނެ” މަންމަ ބުނެލިއެވެ.

“ކޮންކަމެއް އަހަރެންނަށް ނުވަނީ؟” އަހަރެން އަހާލީމެވެ.

“ފިރިމީހާއަށް މެންދުރު ކާން ހަދައެއް ނުދެވޭ. މެންދުރަކު ނުކެއްކޭ…” މަންމަ ހީވީ ލިސްޓެއް ތައްޔާރުކޮށްގެން އިން ހެނެވެ.

“މި ހަފްތާގަ މަންމަމެން ގެއަށް ބްރޭކް ގަޑީގަ ދާން ޖެހުނީ މަންމައާ ރީންއާ ބަލިވެ އުޅޭތީ. އެހެންނާ އަންނަމެއްނު މެންދުރު ރާއިދުއަށް ކާން ހަދައިދޭން؟” އަހަރެން ބުނީމެވެ.

“ދެން ކެއްކުމޯ؟ އެވެސް މިހާރު ދީނާގެ ޒިންމާއެއް” މަންމަގެ ރައްދު އަވަހެވެ.

“ޗުއްޓީގަ ހުރި އިރު އަހަރެން މެންދުރަށް ކައްކަމެއްނު؟ އޮފީހަށް ނިކުންނަން ފެށީމަ ބްރޭކް ގަ އައިސް ކިހިނެއް ކައްކާފަ ދާނީ؟ ބަންދު ދެ ދުވަހު އަހަރެން އުޅެމެއްނު މެންދުރުވެސް؟” މަންމަގެ ވާހަކަ އަހަންނަށް ކަމަކު ނުދިޔައެވެ.

“ތީއޭ މިބުނާ ވާހަކައަކީ. އޮފީހަށް ދަމުން ގޭތެރޭގެ ކަންތަކެއް ނުކުރެވޭނެޔޭ. މީހަކާ އިނީމަ ދެން ފިރިމީހާގެ ކަންތައް އެންމެ މުހިންމު ކަމަކަށް ވާނީ” މަންމައަށް އަހަރެން ދައްކާ ވާހަކައާ އެއްބަހެއް ނުވެވެއެވެ.

“އޯކޭ، އަންނަ ހަފްތާއިން ފެށިގެން އަހަރެން ދާނީ ރިހަވެސް ކައްކާފަ” މާ ބޮޑު ކަމަކަށް ނުހަދާ އަހަރެން ބުނީމެވެ. ނަމަވެސް މަންމަގެ ވާހަކަ ހުރި ގޮތުން އަހަރެން ވަރަށް ހިތްހަމަ ނުޖެހުނެވެ. އެއަށްވުރެވެސް ހިތްހަމަ ނުޖެހުނީ އަހަރެންގެ ދިފާޢުގައި ރާއިދު އެއްޗެއް ނުބުނުމުންނެވެ.

އެރޭ ކޮޓަރިއަށް ވަދެވުނު އިރު އަހަރެންގެ މޫޑު ހުރީ ގޯސްވެފައެވެ. ބޮލުގައި ހުރި ރިހުމާއެކު އެ ދުވަހު ދެކެވުނު ވާހަކައިގެ ގޮތުންނެވެ. ނިދަން ތައްޔާރުވެގެން އެނދަށް އަރާ އޮށޯވެ، ފުރަތަމަ ފަހަރަށް ރާއިދުގެ ބީހުމަށް އިޖާބަ ނުދީ އޮވެވުނެވެ.

“ދީނާ…” އެއްއަތް މައްޗަށް ތެދުވެލަމުން ރާއިދު ގޮވާލިއެވެ.

ދެންވެސް އަހަރެން އެއްޗެއް ނުބުނަމެވެ.

“ރުޅިއައިސްފަތަ؟ ޖަވާބެއް ލިބެން ދެން އުނދަގޫ ކުރާނަން…” އަހަރެންގެ ކަންފަތް ކައިރީ ބޮސްދެމުން ރާއިދު ބުނެލިއެވެ.

ރާއިދުގެ ކުދިކުދި ގޯނާތަކުގެ ސަބަބުން އަހަންނަށް އަޅާނުލައެއް ނޯވެވުނެވެ. އެކަން އެނގި ރާއިދުގެ ސަމާސާ އިތުރުވެގެން ދިޔައެވެ. އަހަރެންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބެންދެން ރާއިދު ހުއްޓައެއް ނުލައެވެ.

“ރާއިދު…” ހަމަޖެހިލެވުމުން ރާއިދުގެ އަތުތެރޭ އޮވެ އަހަރެން ގޮވާލީ ރާއިދު އޮތީ ހޭލާތޯ ޔަގީން ކުރާށެވެ.

“ހްމްމް…” ކަންނެތް ގޮތަކަށް ރާއިދު އަޑެއް ލައްވާލިއެވެ.

“ކީއްވެ ރާއިދުގެ މަންމައަށް އަހަރެން ކަމުނުދަނީ؟” ހިތަށް އުނދަގު ކުރަމުން ދިޔަ ސުވާލު އަހަރެން ކޮށްލީމެވެ.

“މަންމައަށް ދީނާ ކަމުނުދަނީއެއް ނޫނޭ… އެއީ މަންމަގެ މިޒާޖުގަ ހުންނަ ގޮތެއް” ރާއިދު ބުންޏެވެ.

އަހަރެން އެނބުރިލާ ރާއިދުއާ ކުރިމަތިލީމެވެ.

“އެކަމު ރާއިދު ބުނީމެއްނު މަންމައަށް ޒިމްނާގެ ކަމުނުދާ އެއްވެސް ކަމެއްގެ ވާހަކައެއް ނުބުނެޔޭ؟ ދެން ކީއްވެ އަހަރެންގެ ޝަކުވާ ކުރަނީ؟” ނާހަން އޮވެފައިވެސް އަހަރެން އެހީމެވެ.

ރާއިދު ހިތްހަމަ ނުޖެހުނުކަން އެ މޫނުން ވަގުތުން ފާޅުވިއެވެ. ރާއިދު ތެދުވެ ބާލީހުގައި ލެނގިލަމުން އަހަންނަށް ބަލާލިއެވެ.

“އަހަރެން އެ ވާހަކަ ދީނާއަށް ކިޔާދިނީ އެ ނަން ދިނާގެ ދުލުން ބުނާ އަޑު އިވިދާނެ ކަމަކަށް ނޫން. ދުވަހަކުވެސް އަޑު އަހަން ބޭނުން ނުވާ ނަމެއް އެއީ…” ރާއިދުގެ އަޑުގައިވެސް ވަނީ ހިތްހަމަ ނުޖެހުމެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

އިންތިޒާރު-2

Next

އިންތިޒާރު 3

Next
August 14, 2023

އިންތިޒާރު 3

Previews
August 12, 2023

އިންތިޒާރު-2

One Comment

  1. Mar Sha Mar Sha says:
    August 13, 2023 at 1:25 pm

    ސަލާމް، ދެވަނަ ބައި ކަމުދާނެ ކަމަށް ހީކުރަން. ތިން ވަނަ ބައި ބުދަ ދުވަހުން ގެނެސްދޭނަން، އެއަށް ވުރެ އަވަހަށް ނިންމާލެވިއްޖެއްޔާ އަވަސްވެސް ވެދާނެ.

Comments are closed.

Next Episodeޔާރާ އަހާށޭ 3←


All Right Reserved!