Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވިންދޭ ތީ މަގޭ-8

ner Level 1
August 16, 2023 6 Mins Read
4 Comments

“ކޮބާ ޒައިން؟” ފޯނު ނިއްވާލުމަށްފަހު ކައިރީގައި ބާއްވަމުން ރައްޒާޤު ކާ މޭޒު ދޮށުގައު އެންމެން ހަމަތޯ ބަލާލިއެވެ. ހުހަށް ހުރި ގޮނޑި ފެނުމުން ދެބުމަ ކައިރިކޮށްލީ ހިތްހަމަ ނުޖެހި އިނދެއެވެ.

ޝަބާނާގެ ނަޒަރު ވަގުތުން ދަތުރުކޮށްލީ ގޭގެ އެންމެ ހަގަށް ހުންނަ ޒެޝާގެ މޫނަށެވެ. ޒެޝާ ދެކޮނޑު އަރުވާލީ ނޭނގެއޭ ބުނާފަދަ ގޮތަކަށެވެ. އެއާއެކު ޝަބާނާއަށް ވެސް ދެބުމަ ގޮށްޖަހާލެވުނެެވެ.

“ޒެޝާ ދޭބަލަ ދޮންބެ ކޮބައިތޯ ބަލަން.” މަންމަގެ ބަހަށް ބޯ ޖަހާލަމުން ޒެޝާ ގޮނޑިން ތެދުވިއެވެ. ނަމަވެސް ބައްޕަގެ އަމުރު އިވިފައި ކުރިއަށް ފިޔަވަޅެއް ނާޅާ ގޮނޑިގައި އަލުން އިށީންދެއްޖެއެެވެ.

“ކޮންމެހެންނެއް އޭނާ ބަލާ ދާނެކަމެއް ނެތް. ވަކި ގަޑިއަކަށް ސައިބޯން އަންނަން ބުނެފަ އޮންނައިރު އެގަޑިއަށް ނާންނަ މީހުންނަށް ސައެއް ނުލިބޭނެ.” ރައްޒާޤުގެ އަޑުގައިވީ ހަރުކަށި ކަމެވެ.

“ޒައިން ފަތިހު ހޭލި. އަންނާނެ މިހާރު” ޒައިންގެ ދިފާއުގައި ވާހަކަ ދެއްކީ ޝާފިޔާއެެެވެ. މޫނުމައްޗަށް ވައްތަރެއް ޖައްސާލަމުން ޒުމާ ޝާފިޔާއަށް ބަލާލިއެވެ. ކޮންމެ ގަޑިއެއްގައިވެސް މާމަ ޒައިން ދިފާއު ކުރާނެއެވެ.

“ދޮންބެ އެހެރަ އަންނަނީ.” އެންމެންނަށް އަޑު އިވޭ ވަރަށް ޒެޝާ ބުނެލިއެވެ. ސިޑިން ފައިބައިގެން އަންނަމުންދިޔަ ޒައިން ފުރަތަމަ ފެނުނީ ޒެޝާއަށެެެވެ. ރައްޒާޤު އިސްއުފުލާލާ ޒައިނާ ދިމާލަށް ބަލާވެސް ނުލައެވެ. ޒައިންވެސް އެއްވެސް މީހެއްގެ މޫނަށް ބެލުމެއް ނެތި އައިސް ގޮނޑީގައި އިށީނދެ ސައިބޯން ފެށިއެވެ.

“ފުރާ ދުވަސް އަވަސް ވެއްޖެ. މާދަމާގެ ބައްދަލުވުން ނިންމާފަ ފުރަން ޖެހޭނެ.” ސައިބޮއެ ނިންމާލުމަށްފަހު މޭޒުގެ ދޮށުން ތެދުވުމުގެ ކުރިން ރައްޒާޤު ބުނެލިއެވެ. އެކަކަށްވެސް އިތުރު ސުވާލެއް ކުރުމުގެ ފުރުސަތު ނުދީ ރަައްޒާޤު ތެދުވެ ސިޑީއާ ދިމާލަށް ހިނގައިގަނެއްޖެއެވެ. މޫނު ހަދައިގެން އިން ޒެޝާ ރައްޒާޤު ތެދުވެގެން ދިއުމުން ނުރުހުމުގެ އަޑެއް ލައްވާލިއެވެ.

“ދެން ދޮންބޭ އައި ޑޮންޓް ވޯނަ ގޯ މާލެއަށް.” ޝަކުވާތައް ހިފައިގެން ޒެޝާއައީ ޒައިންގެ ކައިރިއަށެވެ. ޒައިންގެ ކޮޓަރިއަށް ވަތްއިރު ޒައިން ބެލްކަންޏަށް ނިކުންނަނީއެެވެ. ޒެޝާ ފެނުމުން އަންނާށޭ ޒައިން ބުނެލިއެވެ.

“ބަލާބަ ވިލާތައް. ކިހާ ލޯބި.” ޒެޝާގެ ވާހަކައަށް ސަމާލުކަން ނުދީ އަތުގައި އޮތް ކެމެރާއިން އުޑުމަތީ ހުރި ކަފަ ވިލާތަކުގެ ފޮޓޮއެއް ޒައިން ރައްކާކޮށްލިއެވެ. ދުރުދުރުން ފެންނަން ހުރި ރުއްގަސްތައް ޖެހިލާ މަޑު ވައިރޯޅިތަކާއެކު ނަށާ މަންޒަރު އެތަނަށް ފެނެއެވެ. ގަދަވަމުން އަންނަ އިރުގެ އަތްވާއެކު މަގުމަތީ ހޭލަމޭލަވަމުން ދިޔަ މީހުންވެސް ދިޔައީ ގިނަވަމުންނެވެ.

“ޒެޝް ބޭނުމެއް ނޫން މިރަށުން ދާކަށް.” ޒައިންގެ ސަމާލުކަން އޭނާއަށް ނުލިބުމުން ޒައިންގެ ކުރިމަތީ ޒެޝާގޮސް ހުއްޓިލިއެވެ. ލޮލާ ކައިރިކޮށްލައިގެން ހުރި ޒައިންގެ ކެމެރާގެ ލެންސުގައި ޒެޝާ އަތްއަޅާލިއެވެ.

“ޒެޝް މިރަށުން ކުއްޖެއް ހޯދައިގެން މިރަށުގައި ހުންނަންވީނު.” ކެމާރާ ތިރިކޮށްލަމުން ޒައިން ސަމާސާކޮށްލިއެވެ.

“ތިހެން ވާނެނަމަ.” ޒައިންގެ ސަމާސާ ޒެޝާ ނެގީ ސީރިއަސްކޮށެވެ. ޒައިންގެ ތުންފަތްމަތީ ވީ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. ރެއިލިންގައި އަތް އަޅުވާލައިގެން ތިރި ބަލަން އޮތް ޒެޝާގެ ކޮނޑުގައި ހިފާ އޭނާއާ ދިމާލަށް ޒައިން އަނބުރާލިއެވެ.

“ޒެޝް..ބައްޕަ ގޮތެއް ނިންމައިފިއްޔާ ހީވޭތަ އެއްވެސް ކަމެއް ބަދަލު ކުރާނެހެން. ބައްޕަ ނުވިސްނާނެ އެހެންމީހުންގެ ފީލިންގްސް އަކަށް. ޑޯންޓް ވޮރީ ޒެޝް ވީވިލް ކަމްބެކް ހިއާ. ދޮންބެއާ ޒެޝްއާ ދެމީހުން އެކަނި.” ޒެޝާ ހިތްހަމަޖައްސައިދިނުމަށް ޒައިން ވާހަކަ ދެއްކިއެވެ. ބައްޕަގެ އަމުރުވެރިކަމާއި ހަރުކަށިކަމަށް އޭނާ ހޭނިފައިވިޔަސް ޒެޝާ އަދިވެސް އެކަމަކަށް ނުހޭނެއެެވެ. ބައްޕަ ރުޅިއަޔަސް ޒެޝާ ރޯނެއެވެ. އެފަދަ ކޮންމެ ވަގުތެއްގައިވެސް އެންމެ ގާތުގައި ހުންނަނީ ޒައިނެވެ.

“ދޮންބެ ކީއްކުރަންތަ ތިއައީ؟ މެލޭގަ ހުރިނަމަ މާ ރަނގަޅުވިސް. ބައްޕަ ކައިރި އުޅުމަށްވުރެ ރަނގަޅުވާނެ ޖަލެއްގަ އުޅުނަސް.” ޒައިންގެ ވާހަކަތައް އަޑުއަހަން ހުރި ޒެޝާ އޭނާގެ ލޮލަށް ގިނަވި ކަރުނަތައް ހިންދާލަމުން އަހާލިއެވެ.

“އިނގޭ ތިކަން. އެކޮޅުގަ ހުއްޓަސް ވަކި ސަލާމަތެއް ނެތޭ ބައްޕައާ ހެދި. އެހެންވީމަ މިކޮޅަށް އައިސް ހުރީމަ މާ ރަނގަޅެއްނު.” ފުންނޭވާއް ދޫކޮށްލަމުން ޒައިން އޭނާގެ ކެމެރާ ލޮލުގައި ޖައްސާލިއެވެ. ބައްޕަގެ ވާހަކަ ދައްކަން ވެއްޖެއްޔާ ކިތަންމެ އިރަކުވެސް ތިބެވިދާނެއެވެ. ބައްޕަގެ ޝަކުވާތައް ކޮށް ކޮޅުން ނުލާނެއެވެ.

“ޒެޝް ސްމައިލް.” ޒެޝާއާ ދިމާލަށް ކެމާ އަނބުރާލަމުން ޒައިން ގޮވާލިއެވެ. ލުއި ގޮތަކަށް ޒެޝާ ހިނިތުންވެލިއެވެ. އެއާއެކު ޒެޝާގެ ވާއަތު ކޮލަށް އެޅޭ އަޑިކޮޅު ފާޅުވެލިއެެވެ. ދިގު މޫނުކާއި ދޮން ހަންގަޑެއް ލިބިފައިވާ ޒެޝާވެސް ހުންނަނީ ޒައިންފަދައިން ދިގުކޮށެވެ.

“ދައްކަބަލަ ބަލާލަން.” ޒައިންގެ ކެމެރާ އޭނާއާ ފެންނާނެހެން ޒެޝާ ތިރިކޮށްލިއެވެ.

“ދޮންބެ ހަމަ މޮޅީއޭ.” ފޮޓޯއަށް ބަލާލުމަށްފަހު ޒެޝާ ތައުރީފްކޮށްލިއެވެ.

“އެބައިނޭ ސީކްރެޓެއް ޒެޝް.” ޒެޝާގެ އިތުރު ފޮޓެއް ޒައިން ނެގިއެވެ.

“ބުނެބަލަ.” ޒެޝާ ޒައިންގެ މޫނަށް ބަލާލިއެވެ.

*******************

ޖެހިލާ މަޑުމަޑު ވައި ރޯޅިތަކަށް ހެލިލާ ރުއްތަކުގެ ފަންތަކަށް ބަަލަން ހުރި ނަޒްރާގެ ހިތް ވަނީ ނުތަނަވަސްވެފައެވެ. ދުވަސްކޮޅަކަށް އަނެއްކާވެސް ދަރިފުޅާ ދުރުގައި އުޅެން ޖެހޭތީ އެ ހިތްވަނީ އުދާސްވެފައެވެ. ނަޒްރާގެ އަތުގައި ހިފަހައްޓާލައިގެން ހުރި އަމާނާ ނަޒްރާގެ އަތުގައި ފިރުމާލަމުން ހިނިތުންވެލިއެވެ.

“އެއޮށް އަންނަނީ ލޯންޗް.” އަމާނާގެ އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި ޝާލް ދުރުން އަންނަ ހުދު ކުލައިގެ ބޮޑު ލޯންޗަށް އިޝާރާތްކޮށްލިއެެވެ. ކަނޑުގެ ބާނިތައް ކަފަމުން ރަށާ ދިމާލަށް އަންނަމުންދިޔަ ލޯންޗަށް ބަލާލަމުން އަމާނާ ތުންފިއްތާލިއެވެ. އޭނާ އަދި އެހާ އަވަހަށް ދާކަށް ބޭނުމެއް ނޫނެވެ. ހާއްސަކޮށް މާމަ ބަލިކޮށް އުޅޭއިރު ދާކަށް ބޭނުމެއް ނޫނެވެ.

“ފެރީވެސް” ލޯންޗުގެ ފަހަތުން ކަހަލަ ގޮތަކަށް އަންނަމުން ދިޔަ ފެރީ ނަޒްރާ ދައްކާލިއެވެ. މަޑުދުވެލަގައި ދަތުރުކުރަމުންދިޔަ ފެރީއާއި ވާދަޖަހަމުން ލޯންޗު އައިސް މާކުރިން ފަޅު ތެރެއަށް ވަނެވެ. އެއާއެކު ޝާލްގެ ކޮނޑުގައި އަޅުވާފައި އޮތް އަމާނާގެ ދަބަސް ޝާލްގެ ކޮނޑުން ބޭލުމަށްފަހު އަމާނާއަށް ދިއްކޮށްލިއެވެ.

“ވަރަށް މިސްވާނެ އައްމިގަނޑާ.” އެންމެފަހުފަހަރަށް އެކުވެރިޔާގެ ގައިގައި ޝާލް ބައްދާލިއެެވެ.

“ޝާލް މަތިން މާ މިސްވާނެ.” ލޮލަށް ގިނަވަމުންދާ ކަރުނަތައް ގަދަކަމުން ހިންދަން އަމާނާ މަސައްކަތް ކުރިއެވެ. ތުންފަތް މައްޗަށް ގަދަކަމުން ހިނިތުންވުމެއް ވެރިކޮށްގެން ހުރުންވީ އުނދަގޫ ކަމަކަށެވެ.

“ދަނީ މަންމާ.” ނަޒްރާގެ ގައިގައި ބައްދާލުމަށްފަހު ލޯންޗާ ދިމާލަށް އަމާނާ ހިނގައިގަތެެވެ. އެންމެފަހު ވަގުތުވެސް ނަޒްރާގެ ނަސޭހަތްތައް އަމާނާއަށް ހަނދާން ކޮށްދިނެވެ. ލޯންޗަށް އަރާ ސީޓުގައި ހަމަޖެހިލަމުން ދެލޯ އަމާނާ މަރާލިއެވެ. އެއާއެކު ލޮލުގެ ހިމަކޮޅުން ކަރުނައިގެ ރޮނގެއް ފާއްދާލިއެވެ.

******************

ފޯނުގެ ކީބޯޑުގައި ހަލުވިކަމާއެކު ޒައިންގެ އިނގިލިތައް ހަރަކާތްކުރަމުން ދިޔައެވެ. ކުރިމަތިން ފެންނަން އޮތް ރަށަށް ދޭތެރެއަކުން ބަލާލައެެވެ. ނުތަނަވަސްވެފައި އިނދެ ނިތްކުރި މަތީ އަތް ހިންގާލައެވެ. ވައިބްރޭޓް ވަމުންދިޔަ ފޯނަށް އަންނަމުންދިޔަ މެސެޖް ތަކަށް ނިމުމެއް ނައުމުން އެންމެ ފަހުން ޒައިން ފޯނު އޮފްކޮށްލިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ޒައިން ތެދުވެއްޖެއެެެވެ. މަޑުމަޑުން ހިނގާލާފައި އައިސް ފެރީގެ ދިރުނބާ ކޮޅުގައި މަޑުކޮށްލިއެވެ. ފެރީ ކައިރި ކުރަމުންދިޔަ ފެހިފެހި ރަށަށް ޒައިން ބަލަހައްޓައިގެން ހުއްޓެވެ. ސިނކުޑީގައި ކުުރެހެމުންދިޔަ ރީތި މަންޒަރު ތަކާއެކު ޒައިންގެ ތުންފަތްމަތިންވެސް ފާޅުވަމުންދިޔައީ ރީތި ހިނިތުންވުމެކެވެ.

ފެރީ ވާޓަރާ ކައިރިކޮށްލުމުން އެންމެ ފުރަތަމަވެސް ފޭބީ ޒައިނެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލަމުން ވަށައިގެން ޒައިން ބަލާލިއެެވެ. ދާންވީ ދިމާލަކާމެދު ވިސްނަމުން ޒައިން ކުރިއަށް ހިނގައިގަތެވެ. ފުދޭވަރަކަށް މީހުން ގިނަވެފައިވާ ބަނދަރުމަތިން ދަންނަ މީހަކު ފެނޭތޯ ޒައިން ބަަލަމުންދިޔައެވެ.

ރަށަށް އައިސްފައިވާ ތަރައްޤީއާއެކު ބަދަލުވެފައިވާ މަގުތައް ދެނެގަންނަން ޒައިނަށް އުނދަގޫވިއެވެ. މައްޗަށް ހިއްލާފައިވާ ގިނަ ގެތަކަށް ޒައިން ބަލަމުންދިޔައީ ފަރުވާތެރިކަމާއެކުއެވެ. ކޮންމެ ގެއެއްގެވެސް ނަން ބޯޑު ކިޔާލުމާއެކު އެ ހިތަށް ވެރިވަނީ މާޔޫސް ކަމެވެ. އޭނާ އަދިވެސް އެ ހޯދާ މަންޒިލެއް ނުފެނެއެވެ.

ގަދަވަމުންދިޔަ އަތްވާއެކު ޒައިންގެ ނިއްކުރިމަތިން ހިއްލަމުން ދިޔަ ދާތިކިތައް ދިޔައީ ގިނަވަމުންނެވެ. އަތުން މޫނު ފޮހެލަމުން ޗޮކެއް ޒައިން ކަނޑާލިއެވެ. ބޭކާރު ގޮތުގައި މިހެން ހިނގާތާ މިހާރު ފަނަވަރަ ވަރަކަށް މިނެޓު ވީއެވެ. އާދެވުނީ ރަނގަޅު ރަށްކަމާމެދުވެސް ޒައިންގެ ހިތުގައި ޝައްކު އުފެދުނެވެ.

ދިގުކޮށް އެ މަގުން ކުރިއަށް ދަމުން ކަނާއަތް ފަޅިއަށް އޮތް ގޯޅިއަށް ޒައިން ބަލާލިއެެވެ. އެ ގޯޅީގެ ނިމޭ ހިސާބުގައި މޫދު ފެންނަން އޮތެވެ. ފަރުވަކުޑަ ނަޒަރެއް ދިނުމަށްފަހު ކުރިއަށް ޒައިން ހިނގައިގަތެވެ. ނަމަވެސް ހިތަށް ވެރިވި އެއްޗަކުން ދެފިޔަވަޅު ފަހަތަށް އަޅާލަމުން އެ ގޯޅީގެ ފެށޭ ހިސާބުގައި މަޑުކޮށްލިއެވެ. ރަނގަޅަށް ބަލާލިއިރު އެ މަގުގައި ދެބުރިއަށް ނަގާފައި ހުރި ގެ ފެނުމުން ޒައިންގެ ހިތުގައި އުއްމީދު އާވިއެވެ. ހިނގުން އަވަސް ކޮށްލަމުން އެ ދިމާލަށް ޒައިން ދާން ފެށިއެވެ.

“ފައިނަލީ ޔެސްްސް. ޔެސްސްސް” ފުޅާ ހިނިތުންވުމަކާއެކު ފާރުގައި ހަރުކޮށްފައި ހުރި ނަންބޯޑު ޒައިން ކިޔާލިއެވެ. މަޔޫސްވެފައިވާ ޒައިންގެ ހިތަށް ދިރުމެއް ލިބިނުވެ. ނަންބޯޑަށް ބަލަން ހުރުމަށްފަހު ގޭގެ ދަނގަޑު ދޮރާއްޓާ ޒައިން ކައިރިވެލިއެވެ. މަޑުމަޑުން ދޮރާށީގައި ހިފާ އެތެރެއަށް ކޮށްޕާލިއެވެ. ދެފަހަރަކު ދޮރާށީގައި ހިފާ އެތެރެއަށް ކޮށްޕާލުމުންވެސް ނުހުޅުވުމުން ޒައިން ރަނގަޅަށް ބަލާލިއެވެ. ދޮރުގައި އަޅުވާފައި ހުރި ތަޅު ފެނުމުން މޫނަށް ނުރުހުމުގެ ވައްތަރެއް ޖައްސާލެވުނެވެ.

ކުޑަކޮށް ގުދުވެލަމުން ދޮރާށީގެ ތޭރިތަކުގެ ތެރެއިން ޒައިން އެތެރެ ބަލަން ފެށިއެވެ. ދޮރާއްޓާއި ގެއާ ދޭތެރޭ އޮތް ދެ ފޫޓެއްހާ ދުރުމިނުގައި ވަނީ ގާ އަތުރާ ހިނގޭ ގޮތަށް ވޯކު ވޭއެއް އަޅާފައެެވެ. ވޯކުވޭގެ ދެފަރާތުގައި ހެދިފައުވާ މަލިކުރުވާ ގަސްތައް ފެންނަނީ ޗާލުކޮށެވެ. ފޮޅިފައިވާ ކުލަކުލައިގެ މާތަކާއި ގަސްތަކުގައިވީ އާރޯކަމުން ފަރުވާތެރިކަމާއެކު މީހަކު ބަލަހައްޓާކަން އިނގެއެވެ. ބިންނުފެންނަވަރަށް ދޫލައެއްހެން ފެތުރިފައިވާ ވިނަގަނޑު ފެންނަނީ ފެހިކޮށެވެ. ހައިރާންކަމާއެކު އެ ގޯތިތެރެއަށް ބަލަން އޮތް ޒައިން ސިހުނީ އޭނާގެ ކޮނޑުގައި މީހަކު ކޮށްޓާލިހެން ހީވެގެންނެވެ.

“ކޯއްޗެއް ތި ހޯދަނީ؟” ކަރު އަނބުރާލަމުން ފަހަތް ބަލާލިއިރު އޭނާގެ ފަހަތުގައި ހުއްޓިހުރި އަންހެން ކުއްޖާ އަހާލިއެވެ.

“މީ ކުއްޖަކު.” އެ އަންހެން ކުއްޖާއާއި ކުރިމަތިވާނެހެން އެނބުރިލަމުން ޒައިން ބުނެލިއެވެ.

“ފަޅު ގެއަކުން ޖިންނިއެއްތަ ތި ހޯދަނީ؟” ލޯ ހަނިކޮށްގެން އެ ކުއްޖާ ބަލަހައްޓައިގެން ހުރި ގޮތުން ޒައިން ޖެހިލުންވިއެވެ.

“ތީ ކާކު؟.” ހިނދުކޮޅަކަށް ދެމެދަށް ވެރިވި ހިމޭންކަމަށްފަހު ދެމީހުންނަށްވެސް އަހާލެވުނީ އެކީއެވެ. އެއާއެކު އެއަންހެން ކުއްޖާގެ ތުންފަތް ދެފަރާތައް ދެމިލަން އުޅުންހެން ޒައިނަށް ހީވިއެވެ. ނަމަވެސް ނުހަނު އަވަހަށް އެ ހިނިތުންވުން ފަރުދާކޮށްލައިފިއެވެ. ހީވީ ޒައިންގެ މޫނުމަތީވީ ސީރިއަސްކަން ފެނި ހިނިތުންވާން ނުކެރުނީހެންނެވެ.

“ފުރަތަމަ ޔޫ ބުނޭ. ތީ ކާކު؟”

“ކީއްވެ އަހަރެން ފުރަތަމަ ބުނަންވީ؟” ޒައިންވެސް ގަދަކޮށްލަމުން ބުނެލިއެވެ.

“އެއީ. ރަށު މީދާ ރަށަށް ގަދަވާނެ. އެހެންވީމާ ބޭރުން އައިސްފަ ހުރި މީހާ ބުނޭ.” ޝަހާދަތް އިނގިލި ޒައިނާ ދިމާލަށް އެ އަންހެން ކުއްޖާ ދިއްކޮށްލިއެވެ. މަޑުމަޑުން ދެއަތް މައްޗަށް ޒައިނަށް ހިއްލާލެވުނީ ބޭއިހްތިޔާރުގައެވެ.

“ޒައިން. ތީ؟”

“ޝާލް. ނައިސް ޓު މީޓް ޔޫ.” ޝާލްގެ ކުދިކުދި ދަތްތައް ފެންނަވަރަށް ހީލިއެވެ. ކުރިން މޫނުމަތިން ފެންނަން ހުރި ނުރައްކާ ގޮތް ފިލާ އެ މޫނުން ފާޅުވެލީ މުޅިން އެހެން ޝުއޫރެކެވެ.

“މިގޭ ކުއްޖެއްތަ ތީ؟” ޒައިންގެ ލޮލުގައިވީ ހައިރާންކަން ފެނުނަސް ޝާލް އަޅައެއް ނުލިއެވެ. ކުރިމަތިން ފެންނަން ހުރި “އޯޝަން ބޯލްސް” އަށް އިޝާރާތް ކުރަމުން ޝާލް އަހާލިއެވެ.

“ކިހިނެއްވީ؟” ޒައިންވެސް ކޮށްލީ ސުވާލެކެވެ.

“ތި ގޭގަ ނޫޅޭ މީހަކު އެހެންވެ.” ދެކޮނޑު އަރުވާލަމުން ޝާލް ބުނެލިއެެވެ.

“އޮހް އެހެންތަ؟”

“ކައިފިންތަ؟ އުޅޭ ކާންދާން.” ދިގު އިސްކޮޅަކާއި އޮޅާލި ހަންގަނޑެއް ލިބިފައި ހުރި ޒައިނަށް ޝާލް ފަރުވާތެރި ކަމާއެކު ބެލިއެވެ. ބޯވެފައި އޮތް ޒައިންގެ ބުޅި އިސްތަށިގަނޑުން މުށިކުލައެއް ފެންނަހެންވެސް ބައެއްފަހަރު ހީވެއެވެ. ޒައިންގެ ބޮޑު ދެލޮލުގެ ކުލައަކީ ގަދަމުށި ކުލަތޯ ނުވަތަ ކަޅު ކުލަތޯ ނިންމާކަށް ޝާލަކަށް ނޭނގުނެވެ. ލައިގެން ހުރި ކަޅު ޓީޝާޓާއި އަޅި ރިޕްޑް ޖިންސުން ޒަމާނުގެ ޒުވާނެއްކަން އިނގެއެވެ.

“ތިގެއަށްތަ ކާން ދާންވީ؟” ހައިރާން ކަމާއެކު ޒައިން އަހާލިއެެވެ.

“ސިލީ. ކެފޭތައް މިރަށުގައި ހުއްޓާ ކީއްކުރަން އަހަރެމެންގެއަށް ގެންދަންވީ.” ޝާލް ހީގަންނަމުން އަނގަމަތީ އަތް އަޅާލިއެވެ.

“އޯކޭ. ސޯ…..؟”

“އާދޭ އާދޭ.” ހުނުން ކޮންޓްރޯލްކޮށްލަމުން ކުރިއަށް ޝާލް ހިނގައިގަތެވެ. ދެފަރާތައް ބޯ ހޫރުވާލަމުން ޝާލްގެ ފަހަތުން ހިނގައިގަތް ޒައިން ފަސް އެނބުރި “އޯޝަން ބޯލްސް”އަށް ބަލާލީ ފުން ނަޒަރަކުންނެވެ.

“ކޯއްޗެއް ގެންނަނީ؟” ޒައިން ގޮވައިގެން ޝާލް ދިޔައީ އޭނާ މަސައްކަތް ކުރާ ކެފޭއަށެވެ. ރަށުގެ މެދެއްހާ ހިސާބުގައިހުރި އެ ކެފޭ ތެރޭ އޭރުވެސް ފުދޭވަރަކަށް މީހުން ގިނައެެވެ. ދެބުރިއަށް ނަގާފައި ހުރި ކެފޭގެ މަތީ ޑެކުގެ މޭޒެއް ޒައިނަށް ދެއްކުމަށްފަހު ކައިރިގައި ޝާލް ހުއްޓިލިއެވެ.

“ކޮފީއެއް އޯކޭ.” މި އަންހެން ކުއްޖާއާމެދު ޒަައިން ހައިރާންވެއްޖެއެވެ. މިފަދަ ކެރުންތެރިކަން ހުރި ކުއްޖަކާ އޭނާ ފުރަތަމަ ދިމާވީވެސް ހަމަ މިރަށުންނެވެ. ޝާލްވެސް ހަމަ އެފަދައެވެ. ޒައިން ބަލަން އިނދާ ސްޓާފުންނަށް ހާއްސަކޮށްފައި އިންނަ ބަޔަށް ޝާލް ވަދެއްޖެވެ. ނިތަށް ރޫތައް އަރުވާލަމުން މަޑުމަޑުން މޭޒުގައި އިނގިލަތައް ޒައިން ހަރަކާތް ކުރަން ފެށިއެވެ.

“ކޮބާ މިހިރީ.” ތަބަކަކަށް ލައިގެން ކޮފީ ތައްޓަކާއި ބާގާއެއް ޒައިންގެ ކުރިމަތީ ޝާލް ބެހެއްޓިއެވެ. އޭނާ ހުރީ ކެފޭގެ ނަން ލިޔެފައި ހުރި އެޕްރޯނެއް އަޅައިގެންނެވެ.

“މީ؟” ބާގާއަށް އިޝާރަތް ކުރަމުން ޒައިން އަހާލިއެވެ.

“ޒައިންއަށޭ ތީ ވެސް.”

“މަ ނުބުނަމެއްނު.” ޝާލާއި ދިމާލަށް ޒައިން އެތަށި ޖައްސާލިއެވެ.

“އަހަންނޭ ކާންދެނީ އެހެންވީމަ އަހަރެން ދޭ އެއްޗެއް ޖެހޭނެ ކާން.” އަލުން ޒައިންގެ ގާތަށް ތަށި ޖައްސާލަމުން ޝާލް ބުނެލިއެވެ. އެއާއެކު ޒައިން ޕިސްޕިސް ލައްވާލިއެެވެ.

“ކިހިނެއްވެ އަހަންނަށް ތި ކާން ދެނީ؟” އަތުގައި އޮތް ތަބައް ލާފައި ޝާލް އައިސް ޒައިނާއި ކުރިމަތި ވާނެ ހެން ހުރި ގޮނޑީގައި އިށީނުމުން އަހާލިއެެވެ.

“ވެދާނެއެއްނު އަހަންނަށް ޒައިން ކަމުދިޔައީ ކަމަށް.” ހީގަންނަމުން ޝާލް ޒައިނަށް ބަލާލިއެވެ. ކޮފީ ތަށި ތުމުގައި ޖަހައިގެން އިން ޒައިން ކޮފީ ތަށި ތިރިކޮށްލަމުން ޝާލާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

“ކަމޯން އެއީ މަޖާ. ތިހާ ސީރިއަސް ވާންވާނެތަ؟” ޒައިންގެ މޫނުމަތީވީ ކުލަވަރު ތަރުޖަމާކުރަމުން ޝާލް ދެ ފަރާތައް ބޯ ހޫރުވާލިއެވެ.

“ޒައިން ތިއީ އަހަރެންގެ މެެހެމާން. އެހެންވެގެން. ދެން ބުނެބަލަ ކާކު ހޯދަން މިރަށަށް އައިސްގެން ތިއުޅެނީ؟” ޝާލް ވާހަކައިގެ މިސްރާބު ބަދަލު ކޮށްލަމުން ސުވާލުކޮށްލިއެވެ.

“ފްރެންޑެއް ހޯދަންވެގެން އައީ.” އިސްތަށިގަނޑު ތެރޭ އަތް ހިންގާލަމުން ޒައިން ބުނެލީ ފާޑަކަށެވެ.

“ކާކު؟”

“ބުންޏަސް އިނގޭނެތަ؟” ޝާލްގާތު ބުނަން ޒައިންގެ ސިނކުޑި ދެކޮޅު ހެދިއެވެ. މި ނުދަންނަ އަންހެންކުއްޖާއަށް އިތުބާރު ކުރަން އޭނާގެ ޒަމިރުު އެއްބަހެއް ނޫނެވެ.

“ކީއްވެ ނޭނގެންވީ. މިރަށު މީހެއްވެއްޖެއްޔާ އިނގޭނެ.” ޝާލްގެ މޫނުމަތީ ވީ ޔަގީންކަމެވެ.

-ނުނިމޭ-

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ner

Level 1

Other Articles

Previous

ތަޤްދީރު 09 ވަނަ ބައި

Next

ސްކޫލް ދައުރު

Next
August 16, 2023

ސްކޫލް ދައުރު

Previews
August 16, 2023

ތަޤްދީރު 09 ވަނަ ބައި

4 Comments!

  1. Jasmine says:
    August 18, 2023 at 9:32 pm

    Masha’Allah.. mi part vx vv reethi… Curiously waiting for the next part… Hope vrh avahah up kohla dheyne kamah.. 😊..

    1. ner says:
      August 25, 2023 at 7:25 am

      Thank you. Happy to know that you liked it. and apologies for the big delay. In sha Allah varah avahah up kolladheynana.

  2. Shash says:
    August 24, 2023 at 7:42 pm

    Koba tha story

    1. ner says:
      August 25, 2023 at 7:26 am

      sorry for the big delay. In Sha Allah varah avahah up kolla dheynan.

Comments are closed.

Next Episodeވިންދޭ ތީ މަގޭ-9←


All Right Reserved!