ޔާރާ އަހާށޭ 1
އަހަންނާ ރާއިދު ދިމާވީ އަހަރެން ކޮންމެ ދުވަހަކު އޮފީހަށް ދާ މަގުމަތިންނެވެ. ރާއިދު މަސައްކަތް ކުރާ އޮފީސް ހުންނަނީ އަހަރެމެން އޮފީހާ މާ ދުރަކު ނޫނެވެ. ކޮންމެ ދުވަހަކު ފެނިފެނި ބީރައްޓެހިކަން ފިލާފައި ވީ ނަމަވެސް އަހަރެމެން އަލަށްވެސް ވާހަކަ ދެއްކީ އެހެން ދިމާ ވާތާ ދެ މަހެއްހާ ދުވަސް ފަހުންނެވެ.
އެ ގޮތަށް ފެނިފެނި އަހަންނަށް ތަފާތު ނަޒަރަކުން ރާއިދުއާ މެދު ދެކެވެން ފެށީ ކޮންއިރަކު ކަމެއް ނޭނގެއެވެ. ނަމަވެސް ރާއިދު ފެނުމުން ހިތަށް އުފާވެރިކަން އިހުސާސްވާކަން ޔަގީނެވެ. ރާއިދުގެ ފަރާތުން އެފަދަ އިޝާރާތެއް ނުފެނުނަސް އަހަރެންނަށް ކޮންމެ ދުވަހަކުވެސް ރާއިދު ފެންނާނެ ވަގުތަށް އިންތިޒާރު ކުރެވެއެވެ.
އަހަރެން އޮފީހަށް ދަނީ ހިނގާފައެވެ. ގެއާ އޮފީސް މާ ދުރެއްވެސް ނޫނެވެ. އަބަދުވެސް އަހަރެން އޮފީހަށް ދަނީ އެއް އިމާރާތެއްގެ އެހެން އޮފީހެއްގައި މަސައްކަތް ކުރާ ސަމާއާ ޝަފްގާއާ އެކުގައެވެ. އެ ދުވަހު އޮފީހަށް ދާން ނިކުމެވުނީ ތަންކޮޅެއް ލަހުން ކަމަށް ވާތީ، އެ ޒުވާނާ ނުފެނިދާނެތީ މާޔޫސްވެފައި ހުރެ އަހަރެން ހިނގަމުން ދިޔައީ ތަންކޮޅެއް ބާރަށެވެ. އަހަރެން އެހާ އަވަސް އަރުވާލާފައި ހުރީ ކީއްވެ ކަން އެނގޭތީ ސަމާއާ ޝަފްގާ އިރުއިރުކޮޅާ އަހަންނާ ދިމާކޮށްލުމަށް ކޮންމެވެސް އެއްޗެއް ބުނެލައެވެ.
ދުއްވާ އެއްޗެހި ގިނަވެފައި އޮތް މަގުން ހުރަސްކޮށް އަނެއް ފަރާތަށް ދާން އަހަންނަށް ހިނގައިގަނެވުނީ ބަލަން ވީ ވަރަށް ނުބަލައެވެ. ހާސްކަމާއެކު ސަމާ ގޮވާލި އަޑު އިވުމުން ކަނާތް ފަތާރަށް ބަލާލުމާއެކު އަހަރެން ބިރުން ހުރިތާ ތަތްވިކަހަލައެވެ. ސިހިގެން ދިޔައީ މީހަކު އަހަރެންގެ އަތުގައި ހިފާ ބާރަށް ދަމައިގަތުމުންނެވެ. ދެ މީހުން ވެއްޓުނީ އެކީގައެވެ. ވީ ތަދުން އަޑެއް ލައްވާލެވުނެވެ. އަތުގެ އުޅަނބޮއްޓާ ދިމާލުން ދިލަ ނަގައިގެން ދިޔައެވެ. ލޮލުން ކަރުނަ އައީ އިޚްތިޔާރަކާ ނުލައެވެ.
“ވަރަށް ތަދުވިތަ؟” އެ ސުވާލުގެ އަޑު އިވުމާއެކު ބަލާލެވުނެވެ. އެއާއެކު ބަހެއް ބުނަން ނޭނގިފައި ހުރެވުނީ އެ ދަންނަ، ނުދަންނަ ޒުވާނާގެ މޫނަށް ބަލާށެވެ.
ޖަވާބެއް ދިނުމުގެ ބަދަލުގައި އަހަރެން އުޅުނީ ތެދުވާށެވެ. ނަމަވެސް ތެދުވަން ވިއްދާލެވުނު އަތްތިލައަށް ވީ ތަދުން އަނެއްކާވެސް އަހަރެން ވެއްޓުނީއެވެ. އެއާއެކު އެ ޒުވާނާ އަހަރެންގެ އަތުގައި ހިފާ ތެދުވުމަށް އެހީވިއެވެ.
“ދީނާ…” ކައިރިން އިވުނީ ސަމާގެ އަޑެވެ.
“ދީނާ… އަތަށް ވަރަށް ތަދުވެފަ ތިހިރީ، ލޭވެސް އެބަ އާދޭ އަތުން، ހޮސްޕިޓަލަށް ގޮސް ބޭސް އަޅާލަން ވީނު؟” އަހަރެންގެ އަތަށް އިޝާރާތް ކޮށްލަމުން އެ ޒުވާނާ ބުންޏެވެ.
“ތެދެއް. ބޭސް ނާޅާ ދޫކޮށްލާ ވަރަކަށް ނޫން ލޭ އެ އަންނަނީ” އަހަރެންގެ އަތުގައި ހިފާ އުފުލާލަމުން ސަމާ ބުންޏެވެ.
“އޮފީސް… ސަމާމެން ގަޑި ޖެހޭނެ…” އަހަންނަށް ބުނެވުނެވެ.
“މިއަދު ދެން ގަޑި ނުޖެހިއެއް ނުދެވޭނެ އެކަކަށްވެސް. ތި ދެ ކުދިން ދާންވީނު އޮފީހަށް؟ އަހަރެން ދީނާ ގޮވައިގެން ހޮސްޕިޓަލަށް ދާނަން” އެ ޒުވާނާ ހުރީ އެހީވާން ތައްޔާރަށެވެ.
ސަމާ ބަލާލީ އަހަންނަށެވެ.
“އަހަންނަކީ ރާއިދު. މި އޮފީހުގަ މަސައްކަތް ކުރަނީ. މީ އަހަރެންގެ ނަމްބަރު” ކުރިމަތީ ހުރި އިމާރާތަށް އިޝާރާތްކޮށް ރާއިދު ބުންޏެވެ. އަދި ފޯން ނަމްބަރު ސަމާއަށް ކިޔާދިނެވެ.
ދެންވެސް ސަމާ ބަލާލީ އަހަންނަށެވެ.
“އޯކޭވާނެ، ދޭ އޮފީހަށް” އެންމެ ފަހުން އަހަރެން ބުނީމެވެ.
އެ ދުވަހު އަހަރެންނާ އެކު ރާއިދު ހޮސްޕިޓަލަށް ދިޔައެވެ. އެ ތަނުން ހުރިހާ ކަމެއް ނިމެންދެން އަހަންނާއެކު މަޑު ކުރިއެވެ.
“ސޮރީ. އަހަންނާ ހެދި އޮފީހަށްވެސް ނުދެވި ލަސްވީ…” ދެ ގަޑިއެއްހާ އިރު ފަހުން ހުރިހާ ކަމެއް ނިމި ހޮސްޕިޓަލުން ނިކުންނަމުން އަހަރެން މާފަށް އެދުނީމެވެ.
“އެއް ދުވަހު ލަސްވިޔަސް އޯކޭ ވާނެ. ދެން ލަސްވި ދުވަހު ހިނގާ ކޮފީއެއް ބޯލައިގެން ދާން؟” ހީލަމުން ރާއިދު އެދުނެވެ.
ނޫނެކޭ ބުނަން އަހަރެންގެ ހިތަށްވެސް ނާރައެވެ. ބޯ ޖަހާލުމުން ރާއިދު ވަނީ ހޮސްޕިޓަލްގެ ކެންޓީނަށެވެ.
ގޮނޑިގައި އިށީނދެ ދަބަހުން ފޯން ނަގާ ބަލާލި އިރު މިސްޑްކޯލަކާ ދެ މެސެޖް އޮތެވެ. ހޮސްޕިޓަލުން ނިމިއްޖެތޯ އަހާފައި ވީ ގޮތް ކިޔާދޭން ވާނެ ކަމަށް ޝަފްގާގެ މެސެޖްގައި އޮތް އިރު ސަމާގެ މެސެޖްގައި އިނީ ހަމައެކަނި “ގުޑްލަކް” އެވެ. ޖަވާބެއް ނުދީ ފޯން އަލުން ދަބަހަށް ލާފައި ބަލާލި އިރު ރާއިދު އިނީ އަހަންނާ ދިމާއަށް ބަލާށެވެ. ރަކި ވެގެން އިސްޖަހާލާފައި ދުރަށް ބަލާލީމެވެ.
“ކޮން އޮފީހެއްގަ ވަރކް ކުރަނީ؟” ރާއިދު އަހާލިއެވެ.
އަހަރެން ޖަވާބު ދިނުމުން ރާއިދު އޭނަގެ ތަޢާރަފެއްވެސް ދިނެވެ. ރާއިދު މަސައްކަތް ކުރަނީ ކޮންސްޓްރަކްޝަން ކޮމްޕެނީއެއްގައެވެ. އޭނައަކީ އާކިޓެކްޓް އެކެވެ.
“އަހަންނަށްވެސް މިއަދު ނިކުމެވުނީ ތަންކޮޅެއް ލަހުން، އެހެންވެ ސައިވެސް ނުބޮން. އޯކޭތަ ބްރޭކްފާސްޓަކަށް ހަދާލިޔަސް؟” ރާއިދު އަހާލިއެވެ. އަހަރެން ބޯ ޖަހާލީމެވެ.
އެ ދުވަހު އަހަރެން އޮފީހަކަށް ނުދަމެވެ. އަހަރެން ގެއަށް ގެންގޮސްދޭން ރާއިދު އެދުމުން އަހަރެން ދެކޮޅު ހެދި ނަމަވެސް އޭނަ އެ އަޑެއް ނޭހިއެވެ. މާ ގިނަ އިރަކު އަހަންނަށްވެސް ދެކޮޅު ހަދާކަށް ނުކެރުނެވެ.
އެހެން ދުވަސްދުވަހަށް ވުރެ ބޮޑަށް އެ ދުވަހު ރާއިދު މަތިން ހަނދާން ކުރެވުނެވެ. ރާއިދުގެ އެ ފުރިހަމަ ސޫރަ އަހަރެންގެ ހިތުގައި ކުރެހިފައި ވީ އިރު، އެ ދުވަހު އަލަށް އިވުނު ރާއިދުގެ އަޑުވެސް އަހަންނަށް ވަރަށް ކަމުދިޔައެވެ. ރާއިދުއަކީ އިސްކޮޅުން ދިގު ޒުވާނެކެވެ. ކުރުކޮށް ބޯ ކޮށާފައި ހުންނަ އިރު ތުނބުޅިއާ މަތިމަސްވެސް ހުރީ އެހާ ތުނިކޮށެވެ. ދޮން ނޫން ނަމަވެސް ކަޅެއްވެސް ނޫނެވެ. ލާފައި ހުންނަ “ސްލިމްފިޓް” ގަމީސްތައް ރާއިދުއާ ވަރަށް ގުޅެއެވެ. އެކި ފަހަރު ފެންނަނީ އެކިކުލައިގެ ގަމީސް ލާފައި ހުއްޓައެވެ. އެހެން ކަމުން ރާއިދުއަށް އެންމެ ރީތި ކުލައަކީ ކޮބާ ކަމެއް އަންދާޒާ ކޮށްލަންވެސް އަހަންނަކަށް ނޭނގޭނެއެވެ.
އަނެއް ދުވަހު އޮފީހަށް ދާން ތައްޔާރުވެގެން ނިކުތް އިރު ގެއާ ތަންކޮޅެއް ދުރުގައި ސައިކަލުގައި މަޑުކޮށްލައިގެން އިން ރާއިދު ފެނިފައި އަހަރެން ސިހުނެވެ.
“ފްރީ ރައިޑެއް ދޭން ކަމަށް” އަހަރެން ކައިރިއަށް މަޑުކޮށްލަމުން ރާއިދު ބުންޏެވެ.
އަހަރެން ނުލާ ދިޔުމަށް އަވަސްއަވަހަށް ސަމާއަށް މެސެޖްކޮށްލާފައި އަހަރެން ރާއިދުގެ ސައިކަލު ފަހަތަށް އެރީމެވެ.
“ތި ފެހިކުލަ ވަރަށް ގުޅޭ ދީނާއާ” އެއްޗެއް ނުބުނެ އިނދެފައި ކުޑަކޮށް ފަހަތަށް މޫނު އަނބުރާލަމުން ރާއިދު ބުންޏެވެ.
ހީލެވުނު ނަމަވެސް އަހަރެން ޖަވާބެއް ނުދެމެވެ. އަހަރެން ލައިގެން ހުރީ “އެމެރަލްޑް ގްރީން” ކުލައިގެ ކަކުލާ ހަމައަށް އަންނަ ހެދުމެކެވެ. ފައިކުރިއަށް ފުޅާކޮށް ހުރި ހަރުވާޅުވެސް ހުރީ އެ ކުލައިގައެވެ. އަޅައިގެން ހުރީ ހަމަ އެ ކުލައާ ގަދަ ކްރީމް ކުލައިގެ ޑިޒައިނެއް ހުރި ޝޯލްއެކެވެ. އެ ދުވަހު އެ ހެދުން ލެވުނު ކަން ނަސީބެކޭ އަހަރެން ހިތަށް އެރިއެވެ.
އެ ދުވަހުގެ ފަހުން އަހަރެން އޮފީހަށް ގެންގޮސް ގެނެސްދެނީ ރާއިދުއެވެ. ހިތުގައި އެކަމާ ސުވާލު އުފެދުނަސް ރާއިދު ގާތު އަހާކަށް އަހަންނަކަށް ނުކެރެއެވެ. އަހަރެމެންގެ މެދުގައި ރަހުމަތްތެރިންގެ މެދުގައި ދެކެވޭ ފަދަ ވާހަކަތައް ދެކެވެއެވެ. ރާއިދުގެ އޭނަގެ އާއިލާއާ ބެހޭ ގޮތުން އެކިއެކި ވާހަކަ ކިޔާދެއެވެ. އޭނައަކީ އޭނަގެ މަންމައާ ބައްޕަގެ ތިން ކުދިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅެވެ. ދެން ހުންނަނީ ރާއިދުއަށް ވުރެ ތިން އަހަރު ހަގު ރަޒާންއެވެ. އެންމެ ކުޑައީ ރައުހާއެވެ. ރާއިދުގެ މަންމައާ ބައްޕައަކީ ދެކުނު އަތޮޅެއްގެ ދެ ރަށެއްގެ ދެ މީހުންނެވެ. އާއިލާ އެކީގައި މާލެއަށް ބަދަލުވީ ރާއިދުގެ އުމުރުން ބާރަ އަހަރުގައެވެ. ރާއިދުގެ ބައްޕަ ނިޔާވީ ރާއިދު ގްރޭޑް ހަތެއްގައި އުޅެނިކޮށެވެ. ދެން ކުދިންނަށް ކިޔަވައިދިނުމަށް މަސައްކަތް ކުރީ ރާއިދުގެ މަންމައެވެ. އެ މަންމައަށް ލުއިކޮށްދިނުމަށް ރާއިދު ވަޒީފާއަށް ދާން ފެށީ ކިޔަވަމުންނެވެ. މިހާރު ރާއިދު އަމިއްލައަށް މާސްޓަރސް ހަދާފައި ހުރި އިރު ރަޒާންވެސް ވަޒީފާއަށް ދާތާ ދެ އަހަރު ވީއެވެ. ކިޔަވާ ނުނިމި ހުރީ ރައުހާ އެކަންޏެވެ. މާލެއަށް އައިސް ފުރަތަމަ ތިބީ ތިމާގެ ބަޔަކު ކުއްޔަށް ހިފައިގެން ތިބި އެޕާޓްމެންޓަކުން އެއް ކޮޓަރި ނަގައިގެން ނަމަވެސް، ރާއިދު ވަޒީފާއަށް ދާން ފެށިފަހުން އެ އާއިލާ އުޅެނީ ވަކިންނެވެ. އަދި މިހާރު އެ އާއިލާ ދިރިއުޅެނީ ރާއިދު މަސައްކަތް ކުރާ ކޮމްޕެނީގެ ޗީފް އާކިޓެކްޓް ކަމަށް ވުމާއެކު ކޮމްޕެނީ އުސޫލުގެ ދަށުން ރާއިދުއަށް ދީފައި ހުންނަ އެޕާޓްމެންޓެއްގައެވެ.
އަހަރެންގެ އާއިލާއާ ބެހޭ ގޮތުން ރާއިދު ސުވާލު ކުރުމުން އަހަރެންވެސް ކިޔާދިނީމެވެ. އަހަންނަކީ މަންމައާ ބައްޕަގެ ދެވަނަ ދަރިފުޅެވެ. އެންމެ ދޮށީ ދުންޔާއެވެ. އަހަންނާ ޖެހިގެން ހުންނާނީ އަހަންނަށް ވުރެ ދެ އަހަރު ހަގު ނައުރާއެވެ. ދެން ހުރީ މަންމައާ ބައްޕަގެ ހަމައެކަނި ފިރިހެން ދަރިފުޅު ދާރިމްއެވެ. އެންމެ ކުޑައީ ނިއަމްއެވެ. އަހަރެންގެ ބައްޕައާ، ދޮންތަވެސް ވަނީ ނިޔާވެފައެވެ. އަހަރެންގެ ދޮއްޓަށް ހުރި ދައްތަގެ ވާހަކަ ރާއިދުއަށް ކިޔާދިނީ، އެ ދައްތަ ނިޔާވެފައިވާ ވާހަކަ ބުނުމުން އެކަމާ ސުވާލު ކުރުމުންނެވެ.
އަހަރެންގެ ދޮންތަ ދުންޔާ އަހަންނަށް ވުރެ ދޮށީ ދެ އަހަރެވެ. ގްރޭޑް ދިހަޔަކާ ހަމައަށް ކިޔަވާފައި ދޮންތަ ދާންފެށީ ކޮލެޖަށެވެ. ދޮންތައަކީ ގިނަގިނައިން ބޭރަށް ގޮސް އުޅުނު ކުއްޖެއް ނޫނެވެ. އަހަރުމެން ހުރިހާ ކުދިންނަށް ވުރެ ބޮޑަށް މަންމައާ ބައްޕަގެ ބަސް އަހާ ކުއްޖަކީ އެއީއެވެ. އެއްވެސް ކަމެއް މަންމަމެންގެ ހުއްދަ ނުހޯދާ ނުކުރާނެއެވެ. ނަމަވެސް ޑިގްރީގެ ދެވަނަ އަހަރު ދޮންތަގެ އުޅުމަށް ބަދަލު އަންނަން ފެށިއެވެ. ބައްޕައަކީ އެއްވެސް އިރެއްގައި ބާރަށް އެއްޗެހި ބުނެ އުޅޭ މީހެއް ނޫނެވެ. ކުދިން ދެކެ ރުޅިއައިސްގެން ބާރަށް އެއްޗެއް ބުނާ އަޑު އިވޭނީ މަންމައެވެ. އެހެން ކަމުން އެއްރޭ ބައްޕަ ބާރަށް ދޮންތައާ ދިމާއަށް އެއްޗެއް ބުނި އަޑު އިވުމުން އަހަރެން ހައިރާންވިއެވެ. އެރޭ މަންމައާ ބައްޕަ ކޮޓަރި ތެރެއިން ބައްޕަ ބާރަށް ވާހަކަ ދައްކާ އަޑު އިވެއެވެ. ނަމަވެސް ކިޔާ އެއްޗެއް ސާފެއް ނުވެއެވެ. އަހަރެން ގޮސް ދޮރު ހުޅުވާލީ ބައްޕަ ވަރަށް ބާރަށް “ކާކުހޭ؟” އަހާލި އަޑު އިވިގެންނެވެ. އެއާއެކު ފެނުނީ ދޮންތަގެ ކޯމަތީ ބައްޕަ ޖެހިތަނެވެ. ރޮއެރޮއެ ހުރި މަންމަ ބައްޕަގެ އަތުގައި ހިފާ އެލިގަތެވެ. މަންމަގެ އަތް ފޮޅުވާލާފައި ބައްޕަ ގެއިންވެސް ނިކުމެގެން ދިޔައީއެވެ. ބިރުން ހުރެ އަހަރެން ވަދެ ދޮންތަގެ ގައިގައި ބައްދާލަމުން ކިހިނެއް ވީތޯ އެހީމެވެ.
ވީގޮތް އަހަންނަށް އެނގުމުން ގަބޫލު ކުރަންވެސް ދަތިވިއެވެ. ދޮންތަ އަމިއްލައަށް ކިޔާނުދިން ނަމަ ގަބޫލު ނުވެސް ކުރެވުނީހެވެ. ކައިވެންޏަކާ ނުލާ ދޮންތަ އިނީ ބަލިވެއެވެ. ދަރިފުޅުގެ ބައްޕަ ދޮންތައަށް އެ ލަނޑު ދީފައި ދުރުވީއެވެ. އެ މީހާގެ ނަން ބުނުމުން ދޮންތައަށް އިންސާފެއް ނުލިބޭނެކަން ބައްޕައަށް ޔަގީންވީ އެއީ ކާކުކަން އެނގުމުންނެވެ. ދޮންތަ ގަޔަށް އަތް އިސްކުރާ ވަރަށް ބައްޕަ ރުޅިއައީ އެހެންވެއެވެ.
އޭގެ ފަހުން ދޮންތަ ބަދަލުވިއެވެ. ކުރެވުނު ކުށަށް ތައުބާވިއެވެ. މަންމައާ ބައްޕަ ގާތުން ތަކުރާރުކޮށް މާފަށް އެދުނެވެ. އަބަދާ އަބަދު ރުއިން ނޫން ކަމެއް ދޮންތައަކަށް ނުކުރެވެއެވެ. އެންމެ ފަހުން މަންމައާ ބައްޕަ، ދޮންތައަށް މާފު ކުރިއެވެ. ދޮންތަގެ ބަނޑުގައި އޮތް ކުށެއް ނެތް ދަރިފުޅަށް މަރުހަބާ ކިޔުމަށް އެންމެން ތައްޔާރުވަމުން ދިޔައެވެ. އެހެން ނަމަވެސް އެ ދަރިފުޅުގެ މޫނު ފެނުނު ދުވަހު އެންމެންނަށް ޖެހުނީ ފަހުފަހަރަށް ދޮންތަގެ މޫނު ބަލާށެވެ. ވިހެއުމުގެ ތެރޭގައި ދިމާވި ކަމެއްގެ ސަބަބުން ދޮންތަ އަހަރުމެންނާ ވަކިވީއެވެ.
މަންމައާ ބައްޕަ، ދޮންތަގެ ދަރިފުޅު އައިރީން ގެންގުޅެން ފެށީ އަމިއްލަ ދަރިއެއް ފަދައިންނެވެ. އައިރީންގެ ހުރިހާ ކަމެއް ކޮށްދެމުން އައީ އަހަރުމެންގެ ކަންތައް ކޮށްދިން ވަރަށް ވުރެވެސް ފުރިހަމައަށެވެ. އަހަރުމެންގެ އާއިލާއަށް ދެވަނަ ހިތާމައަކާ ކުރިމަތި ލާން ޖެހުނީ ދޮންތަ ނިޔާވިތާ ދެ އަހަރުވެސް ނުވަނީހެވެ. ސްޓްރޯކެއް ޖެހިގެން ބައްޕަ ނިޔާވީ ކުއްލިއަކަށެވެ. އެ ހިތާމައިގައި މަންމަ ވަރަށް ބަލިވިއެވެ. ދޮންތަ ނިޔާވިތާ މާ ގިނަ ދުވަސްތަކެއް ނުވެ ބައްޕައާ ވަކިވާން ޖެހުމުން މަންމައަށް އެ ހިތާމައަށް ކެތްކުރަން ދަތިވީއެވެ. މަންމައަށް އެ ހިތާމައިން އަރައިގަންނަން ވަރަށް ދުވަސް ނެގިއެވެ. އަހަރެމެން ހަތަރު ކުދިން މަންމައަށް ޓަކާ ވަރަށް ހިތްވަރު ކުރީމެވެ.
އާއިލާގެ ޒިންމާއާ ދެން ހަވާލުވީ އަހަރެންނެވެ. ކިޔަވަމުން ވަޒީފާއަށް ދާންފެށީމެވެ. ބައްޕަގެ ރައްޓެއްސެއްގެ އެހީގައި ލިބުނު ވަޒީފާއަކީ ކިޔެވުން ހުއްޓާލަން ނުޖެހޭނެ ގޮތަށް ލިބުނު ވަޒީފާއަށް ވުމުން އަހަރެން އުފަލުން ގަބޫލު ކުރީމެވެ. ދުވާލު ކޮލެޖަށް ގޮސްފައި ހަވީރު ހަތަރެކުން ފެށިގެން ރޭގަނޑު ދިހައެއް ޖަހަން ދެން އަހަރެން އުޅެނީ ވަޒީފާގައެވެ. އެ ވަރުން ލިބޭ އެއްޗަކުން ޚަރަދުތަސް ހަމަޖައްސަން ދަތި ވުމުން، އެންމެ އަށާރަ އަހަރުގައި ކިޔަވަމުން ނައުރާވެސް ޓިއުޝަން ދޭން ފެށީ އަހަންނަށް އެހީ ވެދިނުމަށެވެ. އެ މަންޒަރު ފެނި މަންމަ ދެރަވެގެން އަބަދު އުޅެއެވެ. މަންމަވެސް މަސައްކަތެއް ފަށަން ބޭނުންވެގެން އެ ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް އަހަރުމެން މަންމައަށް ވިސްނައިދިނީމެވެ. މަންމައަކީ ބަލިމީހެކެވެ. ބުރަކޮށް މަސައްކަތްކޮށް އުޅެން މަންމަގެ ސިއްޙަތު ތަނެއް ނުދެއެވެ. އައިރީންއަށް ޓަކާ މަންމަ ހުސްވެގެން ހުރުމަށް އެދުނީމެވެ. ވީ ވަރަކުން އަހަންނާ ނައުރާ ހުރިހާ ކަމެއްވެސް ހަމަޖައްސާނެ ކަމުގައު ބުނީމެވެ. އަހަންނާ ނައުރާ އުޅޭ ގޮތް ފެނި ދެރަވެގެން އަހަރުމެންނަށް އެހީވާން ބޭނުން ވެގެން ދާރިމްވެސް ވާހަކަ ދެއްކުމުން އަހަންނާ ނައުރާ އެދުނީ ދާރިމްގެ ހުރިހާ ސަމާލުކަމެއް ކިޔެވުމަށް ދިނުމަށެވެ. ކިޔަވަމުން މަސައްކަތް ކުރުމަކީ އުނދަގޫ ކަމެއް ކަން އަހަރުމެންނަށް އެނގޭތީއެވެ. ދާރިމް ރަނގަޅަށް ކިޔަވައިގެން ރަނގަޅު ވަޒީފާއެއް ލިބުމުން އަހަންނާ ނައުރާއަށް އެހީ ވެވޭނެ ކަން ބުނެދީގެން ދާރިމްއަށް ވިސްނައިދިނީމެވެ.
އަހަރެންގެ މާޒީގެ ވާހަކަ ރާއިދުއަށް ކިޔާދިނީވެސް ރާއިދު އެދުމުންނެވެ.
އެއީ އަހަންނާ މާނިއުއާ ދިމާވި ދުވަސްކޮޅެވެ. އަހަރެންގެ ދިރިއުޅުމާމެދު ހަމްދަރްދީވެ އަހަންނާ ގުޅެން ބޭނުން ވެގެން މާނިއު ބުނި އިރު އަހަރުމެން ވާހަކަ ދައްކަން ފެށިތާ ގިނަ ދުވަހެއް ނުވެއެވެ. އެހެން ނަމަވެސް އަހަރެން ވަރަށް ފަސޭހައިން އޭނަގެ ވާހަކައަށް ހެއްލުނެވެ. މާނިއު އަހަރެންގެ ގެއަށް އައިސް މަންމައާ ކޮއްކޮމެންނާ ބައްދަލު ކުރިއެވެ. އެ މީހުންނަށްވެސް މާނިއު ވަރަށް ކަމުދިޔައެވެ. ހަމަ އެހެން އަހަރެންވެސް މާނިއުގެ މަންމައާ ބައްޕައާ ބައްދަލު ކުރީމެވެ. ދެ އާއިލާއިން ވެސް އަހަރުމެންގެ ކައިވެންޏާ ގަބޫލެވެ.
މާނިއުގެ އެދުމަށް އަހަރެން ގިނައިން އެ ގެއަށް ދާން ފެށީމެވެ. އެހެން ނަމަވެސް ދެ މީހުން އެކަނި ވުމުން މާނިއު އުޅޭ ގޮތް އަހަންނަކަށް ކަމަކު ނުދިޔައެވެ. އަހަރެން ދެކޮޅު ހަދާ ކޮންމެ ފަހަރަކު މާނިއު ރުޅިއާދެއެވެ. އެހެން ވިޔަސް އަހަރެންގެ ދޮންތައަށް ދިމާވި ގޮތް އަހަރެން ހަނދާނެއް ނުނެތެއެވެ. އޭގެ ކުރިންނާ، އަދި އަމްދުން އޭގެ ފަހުން މަންމަ ދޭ ނަސޭހަތް އަހަރެންގެ ހިތުން ފިލާނީ ކިހިނެއް ހެއްޔެވެ؟
ރުޅި އައިސްފައި އަނެއް ދުވަހު މާނިއު މާފަށް އެދޭނެއެވެ. ވަރަށް ލޯބިން އުޅޭނެއެވެ. އެހެން ނަމަވެސް އަނެއްކާވެސް ހަމަ އެކަން ތަކުރާރުވެއެވެ. އެންމެ ފަހުން އަހަރެން އެދުނީ ވީހާވެސް އަވަހަށް ކައިވެނި ކުރާށެވެ. އެގޮތެއްވެސް މާނިއުއަކަށް ކަމަކު ނުދިޔައެވެ. ކުރިންވެސް ދެމީހުން އެބަސްވެފައި ވާ ގޮތަށް، އޭނަ ބޭނުން ވަނީ އަހަރެއް ފަހުން ކައިވެނި ކުރާށެވެ. ދެން މާނިއު ފެށީ އަހަރެން ވަޒީފާއަށް ދާތީ އެ ޝަކުވާ ކުރާށެވެ. ބުރަކޮށް އުޅޭތީ މާނިއުއަށް ވަގުތު ނުދެވޭތީއެވެ. ކައިވެންޏަށް ފަހު ވަޒީފާއަށް ދިޔުމަކީ މާނިއު ގަބޫލު ނޫން ކަމެއް ކަމުގައި އަބަދު ބުނަން ފެށިއެވެ.
އެންމެ ފަހުން އަހަރެން އެ ގުޅުން ނިންމާލީ ދެ މީހުން ދިމާވިތާ ހަ މަސް ފާހަގަ ކުރާށޭ ބުނެ އެ ބަހަނާގައި އޭނައާ އެކު އޯވަރނައިޓަށް ރިޒޯޓަކަށް ދާން އެދުމުންނެވެ. މާނިއުގެ ގޭގައި، އޭނަގެ ފަރާތުން ސަލާމަތް ވާން އަހަންނަށް އެހާ އުނދަގޫ ވި އިރު، އެ ފަދަ ތަނަކަށް ގޮސް އަހަންނަށް ސަލާމަތުން ނާދެވޭނެ ކަން ޔަގީން ވާތީއެވެ. އެހާ ދުވަސް ވީ އިރު އަހަރެން ހުރީ މާނިއު ދެކެ ފޫހިވެސް ވެފައެވެ. އަހަރެންގެ ނިންމުން ގަބޫލު ނުކޮށް އެ ނިންމުން ބަދަލު ކުރަން މާނިއު ވަރަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އަހަރެން ގޮތް ދުލެއް ނުކުރީމެވެ. ހަމަ އެރޭ މަންމަ ގާތު ބުނުމުން މަންމަ ސުވާލު ކުރިއެވެ. ނުކެރި ހުރެވެސް މަންމައަށް ކިޔާދިނީމެވެ. ވީ ގޮތް އެގުމުން އަހަރެންގެ ނިންމުމަށް މަންމަ ތާއީދު ކުރިއެވެ. އޭގެ ފަހުން އަހަރެންގެ ހަޔާތަށް އެއްވެސް މީހަކު ނާދެއެވެ. ފިރިހެނަކާމެދު ވިސްނަންވެސް ބޭނުން ނުވެފައި އަހަރެން ހުއްޓާ، އަހަރެންގެ ހިތަށް އެ އިހުސާސްތައް އަލުން ވެރިވާން ފެށީ ރާއިދު ފެނިގެންނެވެ.
އަހަރެން މާނިއުގެ ވާހަކަ ކިޔާދިން ދުވަހު ރާއިދު އޭނަގެ މާޒީވެސް ކިޔާދިނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.








ސަލާމް، ވަރަށް ދުވަސް ފަހުން ވާހަކައެއް މި ލިޔަނީ، ހީވަނީ ހަނދާން ނެތިފަ ހުރި ކަމެއް އަލުން ދަސްކުރަން އުޅެވުނު ހެން. އެހެން ވިޔަސް ލިޔާހިތް ވާތީ މަސައްކަތް ކޮށްލީ. ހީކުރަން ކަމުދާނެ ކަމަށް. ދެވަނަ ބައި ހޯމަ ދުވަހު ގެނެސްދޭނަން.
Woow we..my fav writer is back!❤️
Varah reethi mi part❤️
Thank u Lai ❤️
*my fav