ވިންދޭ ތީ މަގޭ-6
“ތީ ހަމަ ނުލާހިކު ފައްކާ ކަމެއް. އެކަމަކު މާމައަކަށް ދަތުރެއް ނުުކުރެވޭނެ މިހާރު ތިހެއްނެއް. ޒުމާއާއި އެންމެން ގޮސްލާފަ އަންނަންވީނު. އަދި ފަސްވަރަކަށް ދުވަސް ފަހުން ފުރާއިރު ރަނގަޅުކަމެކޭ ތީ ކޮށްލަން.” ޝާފިޔާއަށް ޒައިންގެ ހިޔާލު ކަމުދިޔައެވެ. މާމަގެ ވިސްނުން ހުރިގޮތް އެނގުމުން ޒައިން ހިނިތުންވެލިއެވެ. ދެން ކަންތައްކުރަންވީ ގޮތް ހިތުގެ ތެރޭގައި ރާވާލިއެވެ.
“ކިހާދެރަ ކަމެއްތަ ފާލިހް. ކިހިނެއްތަ ވެގެން ތިއުޅެނީ؟” ކޮޓަރީގެ ދޮރު ލެއްޕުނު އަޑާއެކު އެނދުގައި އިށީންދެގެން އިން ޒުމާ ތެދުވިއެވެ. ޒުމާގެ ދޮން މޫނަށް ފާއްދާފައިވާ ރަތް ކުލައިން އެތެރެ ހަށީގައި އަނދަމުންދާ އަލިފާނުގެ ހޫނުކަން އަންގައިދެއެވެ. މޭމަތީ ދެއަތް ހުރަސްކޮށްލަމުން ފާލިހްގެ މޫނަށް ޒުމާ ބަލާލިއެވެ.
“އަހަރެން އުޅޭ ގޮތްގޮތަށް ނުބެހި ހުރެބަލަ. މަ އުޅޭނީ މަ ބޭނޫން ގޮތަކަށް.” ދެބުމަ ގޮށްޖަހާލަމުން ޒުމާގެ މޫނަށް ފާލިހް ބަލާލީ ގަމީހުގެ ގޮށްތައް ނައްޓުވަމުންނެވެ. ހާމަވަމުންދިޔަ ފާލިހްގެ މެޔަށް ޒުމާއަށް ބަލާލެވުނީ ބޭއިހްތިޔާރުގައެވެ. ފާލިހްގެ ކުރިމަތީ އޭނާ ބަލިކަށި ކުރަނީ ފާލިހްގެ އެ ރީތި ކަމެެވެ. ފާލިހްގެ އަނިޔާވެރި މަޅި ކަރަށް މެހީވެސް އެ ރީތި ކަމުގައި ޖެހެވުމުންނެވެ. ހިނދުކޮޅަކަށް ޒުމާގެ ދޫ މަސައްކަތްނުކުރިފަދައެވެ.
“އަހަންނަށްވުރެއް އޭނާ ދޮނީތަ؟ އޭނާ މާ ރީތީތަ؟ ކޮންމެހެން އޭނަ ފަހަތުން ދިޔައީ ކީއްކުރަން؟” ހިނދުކޮޅަކަން ހިމޭންކޮށް ހުރުމަށްފަހު ޒުމާ އަހާލިއެވެ. ބާރުވަމުންދިޔަ ޒުމާގެ އަޑާއެކު ފާލިހާ ދިމާލަށް ފިޔަވަޅު އަޅަމުން ދިޔައެވެ.
“އަހަރެން ދިޔައީ ކީއްކުރަންކަން ޒުމާ ކިޔާ ދިނިމީއެއްނު. މާމަގެ ދަބަސް ބަލާ.” މަލާމާތުގެ ހިނިތުންވުމަކާއެކު ޒުމާއަށް ފާލިހް ބަލަން ހުރިގޮތުން ޒުމާގެ ހިތް ފޮތިފިތިވެގެން ދިޔައެވެ. އެތައް ހާސް ހަންޖަރަކުން އެހިތުގައި ލިޔަ އަޅާލިފަދައެެވެ. އިހްތިޔާރަކާ ނުލާ ފާލިހްގެ މޭގައި ގޮށްމުށުން ތަޅައިގަނެވުނީ ހިތުގެ ތެރޭވީ ރުޅިވެރިކަމާއި ލިބެމުންދިޔަ ހިތްދަތިކަން ކޮޅުން ލުމުންނެވެ.
“އޭ ކަލޭ މައިތިރިވެގެން މަޑުން ހުރޭ.” ޒުމާގެ ދެއަތުގެ ކުޑަހުޅުގައި ހިފަހައްޓާލުމަށްފަހު ފާލިހް ފިއްތާލީ ބާރަށެވެ. އަތަށް ހަރަކާތެއް ގެންނަންވެސް ޒުމާ ނުކުޅެދުނުވެ. ހީވީ އޭނާގެ އަތުގެ ކަށިތައް ކުދިކުދި ވިހެންނެވެ. ލޮލަށް ކަރުނަ ޖަމާވެ ޒުމާއަށް ރޮވެން ފެށުނެވެ. އޭނާގެ އެއްވެސް ބާރެއް ނެތްކަން އިހްސާސްކުރެވުނަސް ކެތްކޮށްގެން ހުންނަން ޒުމާއަށް އުނދަގޫވަނީއެވެ. އެހިތަށް ލިބޭ ވޭނަށް ކެތް ނުކުރެވެނީއެވެ.
“ފާލިހް ޕްލީޒް ތިހެން ނޫޅެބަލަ.” ކަރުނަވީ ދެލޯ ފާލިހްގެ މޫނަށް ހުއްޓާލައިގެން ހުރެ ޒުމާ ކުރީ އާދޭހެވެ.
“ބުނެފީމެއްނު މަ އުޅޭ ގޮތާ ނުބެހޭށޭ. މަ ރުޅިނާރުވަ މަޑުން ހުރެވޭތޯ ބަލާ. ވަރިކުރީމަ މާ ރީއްޗެއް ނުވާނެ. ވަންނާނެ ތަނެއްވެސް ހުރި މީހެންނޫން.” ޒުމާގެ ދެއަތުގައި ހިފާ ދުރަށް ފާލިހް ކޮއްޕާލިއެވެ. ލުއި ފަތްކޮޅެއްހެން ޒުމާ ވިއްސައިގެން ގޮސް ޖެހުނީ މުށިތައްމަތީގައެވެ. ގައިން ގަމީސް ވަކިކޮށް ޒުމާގެ މޫނަށް ގަމީސް ޖެހުމަށްފަހު ފާލިހް ވަނީ ފާހަނައަށެވެ. މާގަނޑު ދޫކޮށްލި އަޑާއެކު ޒުމާއަށް އަޑުވީއްލާ ރޮއެގަނެވުުނެވެ. އަމިއްލަނަފްސަށް ހަމްދަރުދީވެވުނެވެ.
” ވަރިކުރީމަ މާ ރީއްޗެއް ނުވާނެ. ވަންނާނެ ތަނެއްވެސް ހުރި މީހެންނޫން.” ފާލިހްގެ އެ ބަސްކޮޅު ޒުމާގެ ކަންފަތުގައި ގުގުމަމުންދިޔައެެވެ. އަމިއްލަ ނިކަމެތިކަން ހަނދާންވުމާއެކު ޒުމާއަށް އިތުރަށް ރޮއެވުނެވެ. މިހާ ނިކަމެތި ދަރަޖައަކަށް ވެއްޓިގަތީ ހުދު ޒުމާ އަމިއްލައަށެވެ. ރާނީއެއްހެން އުޅުމުގެ ފުރުސަތު ލިބިފައި އޮށްވާ ޖާރިޔާއެއްގެ ދިރިއުޅުން ހިޔާރުކުރީ ހުދު އަމިއްލަ އަށެވެ. އެފަދަ ގުރުބާނީއެއް އޭނާވީ އެންމެ މީހަކަށްޓަކައެވެ. ވެވުނު ތެދުވެރި ލޮއެބަށްޓަކައެވެ. ނަމަވެސް އޭނާއަށް އާޚީރުގައި މި ލިބުނީ ކޮޅުކެއްސެވެ. ލޯބީގެ ޒައްރެއްގެ މިންވަރުވެސް ނުލިބުނެވެ. އަމިއްލަ ގޭގައި ހިޔާކަންވެސް ކަށަވަރެއް ނޫނެވެ. ފާލިހާއި އޭނާގެ ކައިވެންޏަށް ނިމުން އަންނާނެ ދުވަހަކީ ބައްޕަގެ ހިޔާވަހިކަމުން ނިކުންނަން ޖެހޭނެ ދުވަހެވެ. އެދުވަހަކުން އޭނާ މުޅިން ބިކަވާނެއެވެ. މި އަނިޔާވެރިކަމުން ސަލާމަތްވާން ކިތަންމެ ފަހަރަކު ޒުމާގެ ހިތަށް އަރައެެވެ. ނަމަވެސް އޭނާގެ މަޖުބޫރީ ކަސްތޮޅުތައް އެކަން މަނާ ކުރަނީއެވެ.
*************
“އަން މާމާ” އަތުގައި އޮތް ބޭސް ގުޅަ ސާދާގެ އަތަށް ލައިދިނުމަށްފަހު ފެންތަށި އަމާނާ ދިއްކޮށްލިއެވެ. ފެންފޮދަކާއެކު ބޭސް ގުޅަ ދިރުވާލުމަށްފަހު ތަށި އަމާނާއަށް ސާދާ ދިނެވެ. ތަށި ހެޑްބޯޑް މަތީ ބެހެއްޓުމަށްފަހު ސާދާ އޮށޯތުމުން ބްލޭންކެޓްގަނޑު ސާދާގެ ގައިގާ އަމާނާ އަޅާދިނެވެ. އޭސީގެ ފިިނި މަޑުކޮށްލީ މާމައަށް މާބޮޑަށް ފިނިވެދާނެތީއެވެ. ކޮޓަރީގެ އަލި ފަނޑުކޮށްލުމަށްފަހު ސާދާ ކޮޓަރިން ނިކުމެ މަޑުމަޑުން އަމާނާ ދޮރު ލައްޕާލިއެވެ. އެއަށްފަހު އަމާނާ މިސްރާބުޖެހީ އަމިއްލަ ކޮޓަރިއާ ދިމާލަށެވެ. ކޮޓަރިއަށް ވަދެ ކިޔަންގެނގުޅޭ ތަނުން ވާހަަކަ ފޮތެއް ހިފައިގެން އަމާނާ ނިކުތެވެ. އޭރު ސާދާގެ ކޮޓަރީގެ ދޮރު މަޑުމަޑުން ލައްޕާލަމުން ނަޒްރާ ނިކުންނަނީއެވެ.
“މާމައަށް ކަމެއް ވަންޏާ މަންމަމެންނަށް ގޮވާތި އިނގޭ.” މާމަ ބަލި ކޮށް އުޅޭއިރު މާމަ ކޮޓަރީގައި ނިދަން އޮތުމުގެ ހިޔާލު ފާޅުކުރީ އަމާނާ އަމިއްލައަށެވެ. އެހިޔާލަށް ނަޒްރާއާއި އަަނަސްވެސް ތާއިދްކުރިއެވެ. ބޯ ޖަހާލުމަށްފަހު އެތެރެއަށް ވަދެ ތިރީގައި ގޮނދަޑި އަޅައިގެން އަމާނާ އޮށޯތެވެ.
ވާހަކައިގެ ދުނިޔެއަށް މަޑުމަޑުން ގެބެމުންދަނިކޮށް ސިނކުޑީގައި ކޮށްޓާލީ އެހެން ހިޔާލެކެވެ. ފޮތް ލައްޕާލުމަށްފަހު މޭމަތީ އަމާނާ ބާއްވާލިއެވެ. އެއީ ހަމަ އޭނާ ހެއްޔެވެ؟ ވައްތަރުގޮތެއް ހުރި ނަމަވެސް މުޅިން އެކަމާ އެއްބަސްވާން ހިތް ދެކޮޅުހަދަނީއެވެ. މާޒީގެ ފަހަރަކު ދޮރުފަތެއް ހުޅުވަމުން އެސޫރަ ސިނކުޑީގައި ތަސްވީރު ކުރަމުންދިޔައެވެ.
“އޭގެ މާނައަކީ..” ހިތަށްވެރިވި ހިޔާލަކުން އަމާނާ ފުންމައިގެން ތެދުވިއެވެ. އެތައް ޝުއޫރުތަކެއް އެއްފަހަރާ ހިތުގެ ތެރޭ އެނބުރެން ފެށިއެވެ.
*********
ކޮޓަރިތެރޭ އިވެމުންދިޔަ ގުގުރީގެ އަޑާއެކު މަޑު ގިސްލުމުގެ އަޑު ހަތަރުފާރުގެ ތެރޭގައި ހަރުލާފައިވެއެވެ. ފާލިހަށް ފުރަގަސްދީގެން އޮތް ޒުމާގެ ލޮލުން ހިފެހެއްޓުމެއް ނެތް ކަރުނަތައް ދިޔައީ އޮހެރެމުންނެވެ. އުފަލެއް ނެތް އޭނާގެ ދިރިއުޅުމާމެދު ވިސްނާ ހިތާމަ ކުރުމަށް ނަގާލެވުނީ ކިތައް ރޭގެ ނިދި ކަމެއްވެސް ނޭނގެއެވެ. އެ ހިތަށް އަނިޔާދިން އިންސާނާ އޮތީ އަރާމު ނިދީގައެެވެ. ނިދިން މަހުރޫމްވެފައި ކަރުނައިގެ ކޯރުގައި ފީނަން ޖެހިފައިވަނީ އޭނާއަށެވެ. ފާލިހާ ކައިވެނި ކުރި ދުވަހުން ފެށިގެން ހުރިހާ ދުވަސްތަކެއް ސިނކުޑީގެ ތެރޭ ރޯލު ވަމުންދިޔައީ ޒުމާގެ އިހްތިޔާރަކާ ނުލައެވެ.
ދެމީހުން ފުރަތަމަ ދިމާވި ދުވަހެއެެވެ. ވެވުނު ވައުދުތަކެވެ. ފާލިހުގެ ލޮލުން އޭރު އޭނާ ދުށް އަވާމެންދުރެއްފަދަ ލޮއެބެވެ. އާއިލާއާއި ދެކޮޅަށް ކައިވެނި ކުރެވުނު ދުވަހެވެ. ބައްޕައާއި މަންމަގެ ރުޅިވެރި ބަސްތަކެވެ. މާމަގެ ނަސޭހަތުގެ ބަސްތަކެވެ. ފާލިހުއާ ދުރަށް ދިއުމަށް އެންމެން ކުރަމުންދިޔަ އާދޭސްތަކެވެ. ފާލިހްގެ ހަގީގީ ކުލަ އިނގުނު ދުވަހާއި މިއަދާ ހަމައަށް އެ ހިތަށް ލިބެމުންދާ އަނިޔާތަކެވެ.
އެކުވެރިންތަކަކާއެކު ބާބަކިއު ހެދުމަށް ހުޅުމާލެއަށް ދިޔަ ރެއަކު ފެނިލި ޒުވާނާއަށް ހިތްއެކީ ދެވުނީ ޒުމާއަށް ނޭނގިއެވެ. ޒުމާގެ ހިތާ ކުޅެލުމަށް ފާލިހު މޮޅީއެެވެ. ފުރަތަމަ ފެނިލުމުންވެސް ޒުމާ ފާލިހުއާ ހެދި މޮޔަކޮށްލިއެވެ. އިސްނެގީ ފާލިހުއެވެ. އާބަސް ޒުމާ ބުނީ ހިތާއި ނަފްސުން ރުހިގެން ހުރެއެވެ. ފާލިހުއޭ ކިޔައިގެން ތުންތުންމަތިން ދެކެވެމުންދިޔަ ވާހަކަތައް ޒުމާ ގަބޫލު ކުރާކަށް ބޭނުމެއްނުވިއެވެ. “ޕްލޭ ބޯއީ”ގެ ނަމުން އޭނާގެ އެކުވެރިން ފާލިހަށް ނަން ދިނުމުން ޒުމާ ރުޅިއައީ އެ އެކުވެރިންދެކެއެވެ. އެކުވެރިކަމުގެ ގުޅުމަށް ނިމުންގެނައީ ޒުމާ އަމިއްލައަށެވެ. ފާލިހަށްޓަކައެވެ. ފާލުހުގެ ލޮއެބަށްޓަކައެވެ.
ނަމަވެސް ޒުމާ ހީކުރި ގޮތާ ފާލިހް މުޅިން ތަފާތެވެ. އޭނާ ދެއްކީ ހައްތަހާވެސް ދަޅައެވެ. އެ ދުވަހު އެންމެން ދެއްކި ވާހަކަތައް ގަބޫލުކޮށް ފާލިހާ ދުރަށް ދެވުނުނަމައޭ ޒުމާގެ ހިތަށްއަރައެވެ. ފާލިހުގެ ހަގީގީ ކުލަދެކެ ޒުމާ ފޫހިވެއެެވެ. ހިލޭ އަންހެނުން ފަހަތުން ފާލިހު އުޅޭ ގޮތުން އެ ހިތަށް އަސަރުކުރެއެވެ. އޭނާ އެއީ ނަމެއްގައި ބައިންދާފައި އިންނަ އަނބިމީހާއެެެވެ. ފިރިއެއްގެ ފަރާތުން ލިބެންޖެހޭ އެއްވެސް އުފަލެއް އޭނާއަކަށް ނުލިބެއެވެ. ދިރިއުޅުމަށް މަސައްކަތެއް ނުކުރާ ތާނގާ ލޮއެބާ އަޅާލުމެއްވެސް ފާލިހްގެ ފުށުން ޒުމާއަކަށް ނުލިބެއެެވެ. ކިތައްމެ ޝަކުވާއެއް ކުރަން ބޭނުންވިއަސް އޭނާ އެ ހުރިހާ ޝަކުވާއެއް ކުރާނީ ކާކު ކައިރީހެއްޔެވެ؟ އެ ހުރިހާ ވާހަކައެއް ކިޔާދޭނީީ ކާކައްހެއްޔެވެ؟
ދެލޯ ފުހެލުމަށްފަހު ޒުމާ ތެދުވިއެވެ. އަތުން މޫނު ފޮހެމުން ކޮޓަރިން ނިކުމެ ޒުމާ މިސްރާބުޖެހީ ޒައިންގެ ކޮޓަރިއާ ދިމާލަށެވެ. ސިޑީގެ ހަރުފަތްތައް ލަސްލަހުން ގިރާކުރުމަށްފަހު ސިޓިންގްރޫމުގައި ހުރި ޒައިންގެ ކޮޓަރި ދޮރުކައިރީ މަޑުކޮށްލިއެވެ. ކޮޓަރީގެ ފެންލައިޓުން ފެންނަންހުރި ހުދު އަލިން ޒައިން އަދި ނުނިދާކަން ޔަގީނެވެ. ތަޅުގައި ހިފާލިއިރު ތަޅުނުލާ ހުރުމުން ދޮރު ހުޅުވުނެވެ. ކޮޓަރި ތެރެއަށް ބަލާލިއިރު އެނދުގައި އޮށޯވެލައިގެން ޒައިން އޮތީ އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެންނެވެ.
“ޒައިން.” ދޮރުގައި ޓަކި ޖަހާލި އަޑަށް ޒައިން ދޮރަށް ބަލާލިއެވެ. ދޮރު ހުޅުވައިގެން ހުރި ޒުމާ ފެނުމުން ފޯނު ނިއްވާލުމަށްފަހު ކައިރީގައި ފޯނު ބާއްވާލިއެވެ.
“ނިދަނީތަ؟” ދޮރުލައްޕާލުމަށްފަހު އައިސް އެނދުގައި ޒުމާ އިށީނދެ އަހާލިއެވެ.
“ހޫމް. ނިދަންވެގެން.” ޒައިންގެ ޖަވާބު ކުރެވެ. ދެލޯ މަރާލުމަށްފަހު ދެއަތް ޖޯޑުކޮށްލުމަށްފަހު ނިތްކުރިމަތީގައި ދެއަތް ބާއްވާލިއެވެ.
“ދޮންތަ ވާހަކައެއް ދައްކަންވެގެން.” ޒުމާ ބުނެލިއެވެ. ޒައިން އެއްޗެކޭ ނުބުނެ އޮތީއެވެ.
“ޒައިން.” ޒައިންގެ ފަރާތުން ޖަވާބެއް ނައުމުން ޒުމާ ގޮވާލީ އަޑަށް ހަރުކަށިކަން ގެންނަމުންނެވެ.
“ކިޔާބަލަ އަޑުއަހަން މިއޮތީ.” ލޯ ހުޅުވާލުމަށްފަހު ޒައިން ބަލާލީ ފަރުވާކުޑަ ގޮތަކަށެެވެ.
“އެ އަންހެންކުއްޖާ އެއީ ޒައިން ދަންނަ ކުއްޖެއްތަ؟” ފުން ނޭވާއެއް ދޫކޮށްލަމުން ޒުމާ ސުވާލުކޮށްލިއެވެ. އެއާއެކު ޒައިން އަނެއްކާވެސް ދެލޯ މަރާލިއެވެ.
“ކޮން ކުއްޖެއް؟”
“ހަމަ ނޭނގިގެންތަ ތި އަހަނީ؟ ނޫނީ އަހަރެން ކިޔާދެންވީތަ؟” ޒުމާގެ އަޑުގައިވީ ރުންކުރުކަމެވެ. ޒައިން ހިޔާރުކުރީ ހިމޭންކަމެވެ.
“ވަގު އަންހެންކުއްޖާ.” ދެބުމަ ގޮށްޖަހާލަމުން ޒުމާ ބުނެލިއެވެ. އެ އަންހެންކުއްޖާގެ ސޫރަ އޭނާގެ ހިތުން ފޮހެލެވޭ ގޮތެއްނުވިއެވެ. އަދިވެސް ހަނދާންވަނީ ފާލިހް އޭނާގެ އަތުގައި ހިފާ ދަމައިގަތް ގޮތެވެ. އޭނާއާ ކައިރިވާން ފާލިހް އުޅުނު ގޮތެވެ. އެއަށްވުރެއް ބޮޑަށް ޒުމާގެ ހިތަށް އުނދަގޫކުރަމުންދިޔައީ އޭނާއަށް އެ އަންހެންކުއްޖާ ކުރި ސުވާލެވެ. އެ ސުވާލު ހިތަށް އައުމުން ޒުމާގެ ގާތަށް އަންނަނީ ރުޅިއެވެ. އެކަކަށްވެސް އޭނާގެ މަޖުބޫރީ ހާލަތެއް ނުވިސްނެއެވެ.
“ދޮންތާ. ތިދެން ކޮންކަމެއް؟ މިހާރު އޭނަގެ ވާހަކަ ތި ދައްކަނީ ކީއްްކުރަން.” ނުރުހުންވެފައި ޒައިން ބުނެލިއެވެ.
“ޒައިން ބުނެބަލަ. ދަންނަންދޯ އޭނަ. ނުދަންނަންޏާ ކީއްކުރަން ކޮންމެހެން އޭނަ ފަހަތުން ފަހުން ދާންވީކީ؟ ކޮން ވާހަކައެއް ދެއްކީ؟” އަމާނާގެ ފަހަތުން ޒައިން ދިޔަތަން ޒުމާއަށް ފެނުނެވެ. ޒައިން ހުއްޓުވަން ބޭނުންވިނަމަވެސް އެވަގުތު އޭނާއަށް އެފުރުސްތު ނުލިބުނީއެވެެ.
“އޭނަ މަތިން ހަނދާންކޮށްކޮށްފަ ނުނިދިގެންތަ ތިއުޅެނީ؟ އެއީ އަހަރެން ދަންނަ ކުއްޖެއް ނޫން. އަހަރެން އޭނަޔަކާ ވާހަކައެއް ނުދަންކަން. ހެޕީ؟” ޒައިން ބަލަން އޮތީ ސީދާ ޒުމާގެ މޫނަށެވެ. ޒައިންގެ މޫނުމައްޗަށް އަރަމުންދިޔަ ކުލަވަރު ޒުމާއަށް ރީއްޗަށް ފެންނާނެއެވެ.
“އެކަހަލަ ކުއްޖެއްގެ ފަހަތުން ޒައިން ނުދުވައްޗޭ. ޔޫ ޑިޒާވް ބެޓާ.” ޒައިން ދަތްތަކަށް ބާރުލަމުން ދަތްތައް ފިއްތާލިއެވެ. އޭނާގެ ދިރިއުޅުމުގެ ހުރިހާ ކަމަކާ ދޮންތަ ބެހެންޖެހޭހޭ ޒައިންގެ ހިތަށް އެރިއެވެ. އެއްފަރާތަށް އެނބުރުމަށްފަހު ކައިރީގައި އޮތް ބާލިހުގައި ޒައިން މޫނު ފޮރުވާލިއެވެ.
“އޯކޭ. ތެންކިޔޫ ފޯ ދި އެޑްވައިސް. ނިދަން މިއުޅެނީ. ގުޑް ނައިޓް.” ޒުމާއާ ދިމާލަށް ބަލާލުމެއް ނެތި އެ އޮތްގޮތަށް އޮވެ ޒައިން ބުނެލިއެެވެ. އިރުކޮޅަކު ޒައިންއާ ދިމާލަށް ބަލަހައްޓައިގެން ޒުމާ އިނެެވެ. އެއަށްފަހު ރޭގަނޑުގެ ސަލާމް ޒައިނާއި ކުރުމަށްފަހު އެ ކޮޓަރިން ނިކުމެ ދޮރު ލައްޕާލިއެެވެ.
ދޮރު ލެއްޕުނު އަޑަށް ޒައިން ފުންނޭވާއެއް ދޫކޮށްލިއެވެ. އިތުރަށް ބާލީހުގެ ތެރޭ މޫނު ފޮރުވާލަމުން ދެލޯ ފިއްތާލިއެވެ. އަމާނާގެ ފުށުން މިއަދު ފެނުނު ބީރައްޓެހިކަމުން ނަގަންވީ މާނައެއް ޒައިނަކަށް ނޭނގުނެވެ. ނައްސި ހިޔާލުތައް ސިނކުޑީގައި ބުރު ޖަހަމުންދިޔައިރު އެ ހިތަށް ޒައިން ވިސްނައިދޭން ބޭނުމީ އެެހެން ގޮތަކަށެވެ. އަމާނާ ދުވަހަކުވެސް އޭނާ މަތިން ހަނދާން ނައްތައެއް ނުލާނެއެވެ. ވެދާނެއެވެ. އަމާނާއަށް އޭނާމީ ކާކުކަން އޮޅުނީއެވެ. އެހާ ގިނަ ދުވަސްކޮށްފައި ފެނުމުން އޮޅިދާނެވެ. ހިތަށް ތިލަވަމުންދިޔަ އަމާނާގެ ލޯބި ސޫރައާއެކު ޒައިންގެ ހަނދާނަށް އަންނަންފެށީ ދެމީހުން ފުރަތަމަ ދިމާވި ދުވަހެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.

Wow…what a nice story…when will be next part…i’m waiting for next part
Thank you. so gald that you liked it. Next part in sha Allah very soon up kolla dheynan. Apologies for the delay.
nice.. keep it up dear… waiting for the next part…
Thank youuu!