Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވިންދޭ ތީ މަގޭ-5

ner Level 1
August 6, 2023 6 Mins Read
0 Comments

“ޑޭމް އިޓް. ހައު ދަ ހެލް…” އަމާާނާއަށް އޭނާގެ ކައިރިން އެހާ ފަސޭހައިން ސަލާމަތްވެދާނެ ކަމަށް ފާލިހަށް ގަބޫލެއް ނުކުރެވުނެވެ. އަތް މުށްކަވާލުމަށްފަހު ހިތުގެ ތެރޭވީ ރުޅިގަނޑު ފާލިހް ބޭލީ ފާރަށެވެ. ހަރު ފިޔަވަޅުތަކެއްގައި އަމާނާ ދިޔަ ދިމާލަށް ފާލިހްގެ މިސްރާބު ބެހެއްޓިއެވެ.

“މާމާ ބަލައިގެން އިނގޭ.” ޝާފިޔާގެ އަތުގައި ހިފައިގެން ހުރި އޭނާގެ މާމަ ދަރި ޒައިން ބުނެލީ ކުލުނުން ފުރިގެންވާ ރާގުގައެވެ. މާމަގެ މޫނަށް ޒައިން ބަލާލާ ގޮތުންވެސް އެ ހިތުގައި މާމައަށް ދެވިފައިވާ މަތިވެރި ލޯބި ހާމަކޮށްދެއެވެ. ޝާފިޔާގެ އަތުގައި ހަފަހައްޓައިގެން ހުރެ ޒައިން މަޑުމަޑުން ޑޮކްޓަރު ބަލާ ކޮޓަރިން ނިކުންނަން އައެވެ. އެއް ކޮނޑުން ދޮރުގައި ހިފަހައްޓާލައިގެން ހުރިއިރު ޒައިންގެ ނަޒަރު ހުއްޓިފައި ހުރީ އޭނާގެ އަތުގައި ހިފަަހައްޓާފައިވާ މާމަގެ އަތަށެވެ.

“ދޮންތި ދޮރު..” ދެން ކުރިއަށް ޖެހިލައިފިއްޔާ އޭނާއަށް ދޮރު ނުހިފެހެއްޓޭނެކަން ޔަގީންވުމާއެކު ޒައިން ބުނެލީ ފަހަތަށް ބަލާލަމުންނެވެ. ޒައިންގެ ފަހަތުގައި ހަށަމް ބަނދެލައިގެން ހުރި ޒުމާ ދެބުމަ ގޮށްޖަހާލިއެވެ. އަނގައިން އަޑެއް ލައްވާލަމުން އައިސް ދޮރުގައި ހިފަހައްޓާލިއެވެ.

“މާމާ ތި ތަންކޮޅެއް ބާރަށް ހިނގާލަބަލަ. އެހެންމީހުންނަށްވެސް ލަސްވާނެ.” ޒުމާގެ ނަޒަރުން މާމަ ފިއްސާލަން ބޭނުންވެފައި ހުރިފަދައެވެ. ކިތަންމެ މަޑުން ވާހަކަ ދެއްކި ނަމަވެސް އެއަޑުގައިވީ ނުރުހުން ކިތަންމެހާވެސް ސާފެވެ. ޒުމާއާ ދިމާލަށް ޒައިން ބަލާލުމަށްފަހުވެސް އެއްޗެކޭ ނުބުނެ ކެތްތެރިވެލިއެވެ. މާމަގެ ކުރިމަތީ ޒުވާބެއް ފައްޓަން ބޭނުންނުވާތީއެވެ.

ދޮރުން ބޭރަށް ނިކުމެވުމާއެކު ޒުމާގެ ދެލޯ ހޯދާލީ ފާލިހުއެވެ. ގޮނޑިބަރީގައި ތިބި މީހުންގެ ތެރެއިން ފާލިހްގެ މޫނެއް ޒުމާއަކަށް ނުފެނުނެވެ. ފަރުވާތެރިކަމާއެކު ވަށައިގެން ޒުމާ ލޯ ހިންގާލިއެެވެ. ދިގުކޮށް ފެންނަން އޮތް ކޯރިޑޯއިން ލާފާ ފާލިހް ދާތަން ފެނުމުން ޒުމާ ހުއްޓި އެދިމާލަށް ބަލަންފެށިއެވެ. ކޯރިޑޯގެ ދެފަޅިއަށް ދެވޭނެ ގޮތަށް ދެ މަގު ވަނީ ކަފިވެފައެެވެ. ކަނާއަތްފަޅިއަށް ގޯޅިއަށް ދެމިގަތް ކަޅު ހެދުންލީ އަންހެން ކުއްޖާ ޒުމާއަށް ރީއްޗަށް ފެނުނެވެ. އެ އަންހެންކުއްޖާގެ ފާލިހްވެސް އެ ގޯޅިއަށް ލަނބާލުމާއެކު ޒުމާގެ ހިތް ވަސްވާސްތަކުން ފުރުނެވެ.

“ދޮންތީ ތިތާ ނުހުރެ ހޯދަބަލަ.” ހުއްޓުން އަރާފާ ހުރި ޒުމާގެ އަތުގައި ހިފާ ޒައިން ތަޅުވައިގަތެވެ.

“ކޯއްޗެއް؟” ޒުމާ އަހާލިއެވެ.

“މާމަގެ ހޭންޑް ބޭގް. މިހާރު އެހެން ބުނެފިން ތިންވަރަކަށް ފަހަރު. ކޮން ދުނިޔެއެއްގަ.” ފުން ނޭވާއެއް ޒައިން ދޫކޮށްލި ގޮތުން އޭނާގެ ރުޅި ކޮންޓްރޯލްކުރަން އުޅުން ފަދައެވެ. ހައިރާންކަން ފެންނަން ހުރި ޒުމާގެ މޫނުގެ ކުލަވަރު ވަގުތުން ބަދަލުވެ ރުޅިވެރިކަން މޫނުމަތިން ފާޅުވިއެވެ.

“މާމަ އެ ހިފައިގެން ނޫންތަވަނީކީ؟” ގޮނޑިބަރީގައި އިން ޝާފިޔާއާގެ ކައިރިއަށްގޮސް ޒުމާ ހުއްޓިލިއެވެ. ކޮޅުކޮޅަށް ހަރަކާތްތެރިވަމުންދިޔަ މީހުންނަށް ޝާފިޔާ ބަލަން އިނެވެ. އޭނާގެ އަތްދަބަސް އެ އަންހެން ކުއްޖާއަށް ހަވާލުުކުރީ ވަރަށް އިތުބާރު ކޮށްފައެވެ. ބީރައްޓެއްސެއް ނަމަވެސް ޝާފިޔާއަށް ފުރިހަމައަށް އެކުއްޖާއަށް އިތުބާރުކުރެވުނެވެ. އަދިވެސް އޭނާގެ ހިތުން އެތުބާރު ނުގެއްލެވެ. އޭނާގެ އަތްދަބަސް ހިފައިގެން އެނުދަންނަ އަންހެންކުއްޖާ ނުފިލާނެ ކަމުގެ ޔަގީންކަން ޝާފިޔާގެ އަމިއްލަނަފްސަށް އޮތެވެ.

“މާމާ. ކާކަށްހެއްޔޭ ދިނީ؟ ކިހާ ދެރަވެއްޖެ ކަމެއްތަ؟ މާމަ އަބަދުވެސް މިކަހަލަ ކަމެއް ކުރަންވާނެ.” ޒުމާ ހީވަމީ ރުޅިއައިސްގެން ފަޅައިގެން ގޮސްފާނެހެންނެވެ. މާމައާއެކު ހޮސްޕިޓަލަށް އަންނަން މަޖުބޫރުނުވިނަމަ އޭނާ ނުވެސް އަންނާނެއެވެ.

“ކަޅު ހެދުމެއްގައި ހުރި ކުއްޖެއްގެ އަތަށޯ ދިނީ.” ޒައިން ޒުމާއަށް އޮޅުންފިލުވަދިނެވެ.

“ކަޅު ހެދުންލީމަ އެދެން ވަރަށް މާތްވީ. އޭނާ ރަނގަޅަށްވިއްޔާ އެ ފިލީ އެ ހިފައިގެން. މިދެން ކޮންޒަމާނެއްތަ ނުދަންނަ މީހުންނަށް އިތުބާރުކުރަން މާމާ.” ޒުމާ މާމައަށް އަޑުލިއެވެ. ކުރިން ފާލިހާމެދު ހިތުގައި އުފެދުނު ވަސްވާސްތައް ހިނދުކޮޅަކަށް ފިލާދިޔައެވެ. ސިނކުޑީގެ ކަނަކުން އެހެން ގޮތަކަށް ވިސްނައިދެން އުޅެން ފެށިއެވެ. ވެދާނެއެވެ. ފާލިހް އެ ކަޅު ހެދުން އެޅި އަންހެން ކުއްޖާގެ ފަހަތުން އެދިޔައީ މާމަގެ ދަބަސް ހިފައިގެން ފިލަން ދާތީއެވެ.

“ކޮންތާކަށް؟” ޒުމާ ކޯރިޑޯއިން ލާފާ ކުރިއަށް ހިނގައިގަތުމުން ޒައިން އަހާލިއެވެ. ޖަވާބު ދިނުމެއްނެތި ޒުމާގެ ފިޔަވަޅުތައް އަވަސްކޮށްލިއެވެ. އެއާއެކު ދެލޯ މަރާ ފިއްތާލަމުން ޒައިން ފުންނޭވާއެއް ދޫކޮށްލީ ނަފްސު ހިފަހައްޓަން މަސައްކަތްކުރަމުންނެވެ.

“ކިހާ ދެރަކަމެއްތަ؟ އަންހެނަކު ނުފެނި ގެންތަ ތި އުޅެނީ؟” ހަރު ފިޔަވަޅުތަކެއްގައި ހިނގާފައި އައި ފާލިހް އަމާނާއާ އަރާ ހަމަ ކުރިއެެވެ. އަމާނާގެ އަތުގައި ހިފާ އޭނާއާ ދިމާލުމާއެކު އަމާނާ ހަދިޔާކުރީ އޭނާގެ އަތުގެ ހޫނު ހަދިޔާއެވެ. ކޮލުގައި އަތްއަޅާލަމުން ފާލިހް ބަލާލީ ގަބޫލު ނުކުރެވިފައެވެ.

އެހިސާބަށް އަރާ ހަމަވިއިރު ފެނުނު މަންޒަރުން ޒުމާއަށް އަނގަމތީ އަތް އަޅާލެވުނެވެ. އަމާނާއަސް ބަލާލީ އަލިފާނުގެ ނަޒަރުންނެވެ. ބާރަށް ހިނގާފައި ދިޔަގޮތަށްގޮސް އަމާނާގެ މޭގާ އަތް އަޅާ ދުރަށް ކޮށްޕާލިއެވެ. އެކަމަށް ތައްޔާރު ނުވެހުރެ އަމާނާއަށް ލިބުނީ ކުއްލި ސިހުމެވެ. ނަފްސު ހިފަަހައްޓާލެވުނީ ކިރިޔާއެވެ. ފާލިހްގެ ދެލޯވެސް ހައިރާންކަމާއެކު ޒުމާގެ މޫނަށް ހުއްޓާލިއެވެ.

“މަގޭ ފިރިމީހާގެ ގައިގައި އަތްވެސް ނުލާތި.” ޝަހާދަތް އިނގިލި އަމާނާއާ ދިމާލަށް ދިއްކޮށްލަމުންް ޒުމާ ކުރީ އިންޒާރެވެ. އެއްފަހަރު ޒުމާގެ މޫނަށް އަނެއްފަހަރު ފާލިހްގެ މޫނަށް އަމާނާ ބަލާލިއެެެވެ.

“އެހާވަރަށް އަނބިމީހާ ލޯބިވާއިރުވެސް އެހެން އަންހެނުން ފަހަތުން ދުވަން ޖެހެނީ ކީއްވެގެންތީ ފިރިކަލުން ކުރެން އަހާބަލަ. މީހަކު އަތްލާ ހިއްވާވަރުގެ ފިރިހެނެއްވިއްޔަ އެއީ ތިމަންނަ ފިރިމީހާގެ ގައިގާ އަތްނުލާށޭ ބުނިއިރު.” ރުޅިގަދަވެފައި ހުރިވަރުން އަމާނާ ކިޔުނީ ކީކޭކަންވެސް ހުދު އޭނާއަށްވެސް ނޭނގެެއެވެ. އަމާނާގެ ދުލުން ބޭރުވި ކޮންމެ ލަފްޒެއް ޒުމާގެ ހިތަށް ހެރެމުންދިޔައެވެ. އެ އިހްސާސްތަކަށްވުރެއް ޒުމާ އިސްކުރީ ރުޅިއެވެ.

“ކޮންމެހެން ހެންނެއް މާ ފާޑުފާޑުގެ ވާހަކަ ދައްކާނެ ކަމެއްނެތް. މަގޭ ފިރިމީހާ ނުކުރާނެ އެކަހަލަ އެއްކަމެއްވެސް. ކަލޭ ފަހަތުން އެއީ ކޮންމެހެންނެއްް ކަލޭ ރީތިވެގެންނެއް ނޫނޭ. މަގޭ މާމަގެ ދަބަސް ހިފައިގެން ކަލޭ ފިލަން އުޅޭތީ އެ ހޯދަންވެގެން. އަދި އެބަ އެހެންމީހުން ގޯސްކުރެއެއްނު.” ޒުމާގެ ވާހަކަތަށް ގަބޫލުނުކުރެވިފާ އަމާނާއަށް ފާލިހްގެ މޫނަށް ބަލާލެވުނެވެ. ފަތަހައިގެ ހިނިތުންވުމެެއް ތުންފަތައް ވެރި ކޮށްގެން ހުރި ފާލިހްގެ މޫނުމަތިން ފެންނަނީ ހަމަޖެހުމެވެ. ޒުމާ ފެނުމުންވެސް ފާލިހްގެ މޫނުން އެއްވެސް ހާސްކަމެއް ނުފެނުނު ސަބަބަކީ އެއީ އޭ އަމާނާގެ ހިތް ބުނެލިއެވެ. ޒުމާއަށް ފާލިހްދެކެ ވެވިފައިވަނީ ކަނު ލޮއެބެވެ. ފާލިހްގެ އުނި ހުރިހާ ސިފައަކާ ކުރާ ނުރަނގަޅު ހުރިހާ އާދައެއްވެސް ޒުމާ އަށް ކަމުދަނީ ހެއްޔެވެ؟ އެއިން އެއްވެސް ކަމެއް ޒުމާއަށް ނޭނގެނީ ހެއްޔެވެ؟

އަމާނާއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ޒުމާ އައިގޮތަށް އައިސް އަމާނާގެ އަތުގައި އޮތް ދަބަހުގައި ހިފާ ދަމައިގަތެވެ. ހައިރާންވިނަމަވެސް އަމާނާވެސް ދޫދޭކަށް ނޫޅުނެވެ. އޭނާވެސް ދަބަހުގައި ދެއަތުން ބާރަށް ހިފަހައްޓާލިއެވެ. މި ނުދަންނަ އަންހެންކުއްޖާއަށް އޭނާ މީހެއްގެ އެއްޗެއް ހަވާލެއް ނުކުރާނެއެވެ. ޒުމާ ވަގުތުން އަމާނާއަށް ކަޅިއަޅާލިއެވެ. އަމާނާއަށް ވެސް ދެބުމަ އިތުރަށް ގާތް ކޮށްލެވުނީ ބޭއިހްތިޔާރުގައެވެ.

“މިހަވާލުކުރި ފަރާތައް ނޫނީ މިއެއް ނުދޭނަން. މި ދަބަހުގަ އަތް ނުލާތި.” ދަބަހުގައި ހިފާ ގަޔާ ދިމާލަށް އަމާނާ ދަމައިގަތީ ގައިގާ ހުރި ބާރެއް ލާފައެވެ. ނުހަނު ފަސޭހަކަމާއެކު ޒުމާގެ އަތުން ދަބަސް ވީލުނެވެ.

“އަދި ވަރަށް މޭފުއްޕާފަ ތިމާ ވަރުގެ ރަނގަޅު މީހެއް ނެތިގެން އެބަ އުޅެއެއްނު. އެހެންވެ ދޯ މީހުންގެ ފިރިން ފަހަތުން ތި ދުވަނީ.” ދަތްތަކަށް ބާރުލަމުން ޒުމާ ބުނެލިއެވެ.

“ފިރިމީހާގެ ހަގީގަތް އިނގޭއިރުވެސް އޭނާ ދޫކޮށް ނުލެވިގެން ތި އުޅެނީ ކީއްވެ؟” އަމާނާކުރީ ޒުމާ ހީވެސް ނުކުރާފަދަ ސުވާލެކެވެ. ހިތުގެ ހިނގުމަށް ބަދަލު ހިނދުކޮޅަކަށް އައިކަމުގެ އިހުސާސް ޒުމާއަސް ކުރެވުނެވެ.

“ލަވް. މޮޔަވެފަ ހުރި ކުއްޖެއް ކަންނޭނގެ.” ޒުމާގެ ފަހަތުން ކައިރި ވެލަމުން ފާލިހް ޒުމާގެ ކޮނޑުމަތީ އަތްބާއްވާލިއެވެ. އަމާނާ އޭރުވެސް ބަލަމުންދިޔައީ ޒުމާގެ ލޮލަށެވެ. ރުޅިވެރިކަމުން ފަރުދާކޮށްފައިވާ އެ ދެލޮލުގެ ތެރޭގައި ގައިދުވެފައިވާ އެތައް ވާހަކައެއް ވާކަން ޔަގީނެވެ.

“އޭތް. ތި ހިފައިގެންނެއް ނުފިލޭނެ.” ޒުމާއާ ދިމާލަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު ޒުމާއަށް ފަސްދީ އަމާނާ ހިނގައިގަތެވެ. ކޮރިޑޯއިންލާފާ ކުރިއަށް ހިނގައިގަތްތަނާ ކުރިމަތިން އަންނަމުންދިޔަ ޝާފިޔާ ލޮލުގައި އަޅައިގަތެވެ. އެއާއެކު ހެނދުން ކޮށިކޮށްލަމުން ދުވެލާފާ ކަހަލަ ގޮތަކަށް އެދިމާލަށް އަމާނާ ދާންފެށިއެވެ.

“މިއޮތީ.” ޝާފިޔާއާއި އަރާ ހަމަކޮށް ޝާފިޔާގެ ދަބަސް އަމާނާ ދިއްކޮށްލިއެވެ. ޝުކުރުގެ ނަޒަރުން ބަލާލަމުން ހިނިތުންވެލަމުން ޝާފިޔާ ދަަބަހުގައި ހިފިއެވެ. ދަބަހުގައި އަތްކާއްތާލުމަށްފަހު ޝާފިޔާގެ ކައިރީ ހުރި ޒަައިނަށް ބަލާލީ މާމަ ދެއްކި ވާހަކަ އަކީ ތެދުވާހަކައެކޭ ބުނާފަދަ ގޮތަކަށެވެ. މާނޭވާ ލެވެމުންދިޔަ އަމާނާއަސް ޝާފިޔާގެ ކައިރީ އެއްފަރާތުގައި ހުރި ޒައިން ފެނުނީ ދެނެވެ. ޒައިން ބަލަންހުރީ ސީދާ އަމާނާގެ ދެލޮލަށެވެ. އެ ލޮލުގައިވީ ތަފާތު އަސަރެކެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ހިނދު ފުރަތަމަ ދުރު ބަލާލީ އަމާނާއެވެ. ޒައިންވެސް އިސްޖަހާލިއެެވެ.

“ދެން ދަނީ.” ޝާފިޔާއަށް ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު އަމާނާ ދާން ހިނގައިގަތެވެ.

“އޭއި ކޮންމެހެންނެއް މާ އަވަހަށް ދާނެކަމެއްނެތް.” އެހިސާބަށް އަރާ ހަމަކުރި ޒުމާ އަމާނާގެ އަތުގައި ހިފާ ހުއްޓުވިއެވެ. ޒުމާގެ ފަހަތުގައި ފާލިހް އޭރުއައިސް މަޑުކޮށްލަނީ އެވެ. އެ ތުންފަތްމަތީވީ މަލާމާތުގެ ހިނިތުންވުން އަމާނާ ކިތަންމެ ރަނގަޅަށްވެސް ފާހަގަވިއެވެ.

“ދޮންތާ..”

“ޒައިން. މިކަމުގެ ތެރެއަށް ނުވަދޭ….މާމާ މީނާ އުޅުނީ މާމަގެ ދަބަސް ހިފައިގެން ފިލާށޭ.” އަމާނާގެ އަތަށް ހިފާ ޒުމާ ބާރުކޮށްލިއެވެ.

“ޒުމާ.” ނުރުހުމާއެކު ޝާފިޔާ ގޮވާލިއެެެވެ. ޝަކުވާގެ ނަޒަރުން ޝާފިޔާއަށް ބަލާލުމަށްފަހު އަމާނާގެ އަތުން ޒުމާ ދޫކޮށްލައިފިއެވެ.

“ހަނދާންކުރާތި މަގޭ ފިރިމީހާއާ ވައިވެސް ނޭޅޭތި.” އަމާނާ ހިނގައިގަތުމުގެ ކުރިން އޭނާގެ ކަންފަތާ އަނގަ ކައިރިކޮށްލަމުން އިންޒާރުގެ ބަސްތަށް ޒުމާ އަމުނާލިއެވެ. ޒުމާގެ އިންޒާރު ސިނކުޑިއަށް ނަގައިގަނެވޭ ވަަރަށްވުރެ އަމާނާގެ ސިނކުޑިތެެރެވީ ހަލަބޮލިވެފައެވެ. “ޒައިން” ގެ ނަން އަޑު އިވުމާއެކު އެކި ހިޔާލުތައް ސިނކުޑިއަސް ޖަމާވާން ފެށިއެވެ. ޒައިންގެ މޫނަށް ބަލަމުން ކުރިއަށް އަމާނާ ހިނގައިގަތެވެ. ކަޅިޖަހާނުލާ އަމާނާއަށް ބަލަންހުރި ޒައިންގެ ހިތްދިޔައީ އޭރު ބާރުބާރަށް ތެޅެމުންނެވެ.

“މިއަދު ފާލިހް ނެތްނަމަ މާމަގެ ދަބަސް ނުލިބުނީސް. އަދިވެސް ފާލިހުވަރުގެ ގޯސް މީހެއް ނުހުންނާނެ.” ހިތުގެ ތެރޭވީ ރުޅިވެރެރިކަން ކޮޅުންލާ ޒުމާގެ ލޮލުން ކަރުނަ ހިލުވާލިއެވެ. އޭނާ ބޭނުމީ ޝަކުވާ ކުރާށެވެ. ހިތްފުރެންދެން ޝަކުވާ ކުރާށެވެ. ހިތުގެ ތެރޭވާ ހުރިހާ ރުޅިވެރިކަމެއް ބޭރު ކުރާށެވެ. ކަނާއަތް މައްޗަށް އުފުލާލުމަށްފަހު އިތުރަށް އެވާހަކަ ނުދެއްކުމަށް ޝާފިޔާ އިޝާރާތް ކުރިއެވެ. މާމައަށް ޒުމާގެ ހިތުގައި އޮތް ނަފްރަތު އިތުރުވިއެވެ.

“ހިނގާ އިށީނަން. މާމަ ބޭނުން ވާހަކަ ދައްކާލަން.” ޝަފިޔާގެ އަޑުގައިވީ އަމުރުވެރި ގޮތެވެ. ދެކޮޅު ހަދަން ޒުމާ ޖެހިލުންވިއެވެ. ގޮނޑިބަރިއަކާ ދިމާލަށް ޝާފިޔާއާއި ޒުމާ ދާތަން ބަލަން ހުރުމަށްފަހު ޒައިން ހިނގައިގަތީ އަމާނާ ދިޔަ ދިމާލަށެވެ. އޭނާއަށް އެހިސާބަށް ދެވުނުއިރު އަމާނާ ލިފްޓުގެ ތެރެއަށް ވަންނަނީއެވެ. ޒައިންވެސް ހަރު ފިޔަވަޅުތަކެއްގައި ގޮސް ލިފްޓްގެ ތެރެއަށް ވަނެވެ.

ލިފްޓުގެ ތެރެއަށް ވަތް ޒައިން ފެނުނުނަމަވެސް އަމާނާގެ މޫނުމަތިން އެއްވެސް ޝުއޫރެއް ފާޅެއް ނުކުރިއެވެ. ހުރިހާ އިހްސާސްތަކެއް އޭނާގެ ހިތާ ހަމާލުން ބަންދުކޮށްލައިގެން ހުރީ ގަދަކަމުންނެވެ. މަޑުމަޑުުން ގޮސް ލެއްޕުނު ދޮރަށް ނަޒަރު ހުއްޓާލައިގެން އަމާނާ އެހުރި ގޮތަށް ހުރީއެވެ. ޒައިން އެތެރެއަށް ވަދެ އަމާނާ ދުރުގައި މަޑުކޮށްލިއެވެ. ދެޖީބަށް ޖަހާލެވިފައި ވާ އަތް ފިނިވެފައިވާ މިންވަރު އިހްސާސްވިއެވެ. ޖީބުގައި އޮތް ފޯނު ނަގާ ކުޅެން ފެށީ ހަމަޖެހެން މަސައްކަތްކުރަމުންނެެވެ. އޭރު އަމާނާއާ ވާހަކަ ދައްކާ ހިިތުން އެ ހިތް ތެޅި ފޮޅެނީއެވެ. އިސްވެ އެއްޗެކޭ ބުނަން ނުކެރިފާ ޒައިނަށް ހުރެވުނީ އަމާނާގެ ފުށުން ފެންނަމުންދިޔަ ބީރައްޓެހި ކަމުންނެވެ. އެއީ ހަމަ އެ ކުއްޖާއެވެ. އެ ބޮޑު ދެލޯ ޒައިނަކަށް ނޯޅޭނެއެވެ. އެ ހިތްގައިމު މޫނު ހަނދާނެއް ނުނެތޭނެއެވެ.

ދެކޮޅަށް ކިރެމުންދިޔަ ހިތަށް ގޮތެއް ނުނިންމިގެން އުޅެނިކޮށް ލިފްޓުގެ ދޮރު ހުޅުވުނެވެ. ޒައިނަށް ބަލާވެސް ނުލާ އަމާނާ ލިފްޓުން ނިކުތެވެ. ހަރަކާތެއްވެސް ކޮށްނުލާ އަމާނާ ދިޔަ ދިމާލަށް ޒައިން ބަލަހައްޓައިގެން ހުއްޓާ މަޑުމަޑުންގޮސް ލިފްޓުގެ ދޮރު ލެއްޕުނެެވެ. އެއާއެކު ލިފްޓުގެ ބިތުގެ ބުރަކަށި ޖައްސާލުމަށްފަހު ޒައިން އެތާ ލެނގިލިއެވެ.

ކާރު އައިސް ދޮރު މައްޗަށް މަޑުކޮށްލުމުން ފުރަތަމަވެސް ކާރުން ފޭބީ ޒުމާއެވެ. ދޮރުފަތް ބާރަށް ޖެހުމަށްފަހު އެތެރެއަށް ހިނގައިގަތީ ހަރުފިޔަވަޅުތަކެއްގައެވެ. ޒައިން ކާރުން ފޭބުމަށްފަހު މާމަ އިން ފަޅީގެ ދޮރުފަތް ހުޅާވަލަދިނެވެ. ޝާފިޔާއަށް ކާރުން ފޭބުމަށް އެހީތެރިވެދިނެވެ. އޭރު ކާރަށް ފައިސާ ދެއްކުމަށްފަހު ފާލިހުވެސް ޒުމާގެ ފަހަތުން އެތެރެއަށް ވަންނަނީއެެވެ.

“ޒައިން ކޮންކަމަކާ ތި ވިސްނަނީ.” ޒައިން އަތުގައި ހިފާލައިގެން ހުރެ ހިނގަމުން ޒައިންގެ މޫނަށް ޝާފިޔާ ބަލާލިއެވެ. ކާރުގައި އިންއިރު ޒައިން ބިއްލޫރިގަނޑުން ބޭރު ބަލަން އިން ގޮތް ޝާފިޔާއަށް ފާހަގަވިއެވެ. އޭނާގެ މާމަދަރީގެ އިހްސާސްތައް ޝާފިޔާ ނުހަނު ރަނގަޅަށް ދަނެއެވެ.

“މާމާ މިތާ ކައިރީ އޮންނާނެ ވަރަށް ރީތި ރަށެއް. ފެރީ އިން ގޮސްލާފަ އާދެވޭޭހާ ކައިރިވާނެ. އަޅުގަނޑު ހިތަށް މިއަރަނީ އެރަށަށް ގޮސްލަންވީއޭ ބަލާލަން. ނުލާހިކު ރީތި ތުނޑިއެއްވެސް އޮންނާނެވިއްޔަ.” ޒައިން ހެދީ މުޅިން ދޮގެއް ނޫނެވެ. ހިތުގައި ހަގީގަތުގައިވީ ޝުއޫރުތައް ޒައިން ފޮރުވާލީ ސިނކުޑީގެ ކަނެއްގައި އުފެދުނު ހިޔާލަކުންނެވެ.

“ތީ ހަމަ ނުލާހިކު ފައްކާ ކަމެއް. އެކަމަކު މާމައަކަށް ދަތުރެއް ނުުކުރެވޭނެ މިހާރު ތިހެއްނެއް. ޒުމާއާ އެންމެން ގޮސްލާފަ އަންނަންވީނު. އަދި ފަސްވަރަކަށް ދުވަސް ފަހުން ފުރާއިރު ރަނގަޅުކަމެކޭ ތީ ކޮށްލަން.” ޝާފިޔާއަށް ޒައިންގެ ހިޔާލު ކަމުދިޔައެވެ. މާމަގެ ވުސްނުން ހުރިގޮތް އެނގުމުން ޒައިން ހިނިތުންވެލިއެވެ. ދެން ކަންތައްކުރަންވީ ގޮތް ހިތުގެ ތެރޭ ރާވާލިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ner

Level 1

Other Articles

Previous

ގަނޑުވަރުގެ ސިއްރު 5: ލާރާވީ ވައުދުގެހަގީގަތް

Next

ޝަހާމާ-(4)

Next
August 6, 2023

ޝަހާމާ-(4)

Previews
August 6, 2023

ގަނޑުވަރުގެ ސިއްރު 5: ލާރާވީ ވައުދުގެހަގީގަތް



All Right Reserved!