Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވިންދޭ ތީ މަގޭ-4

ner Level 1
July 31, 2023 6 Mins Read
0 Comments

އެ ދެކުދިންގެ ހަރަކާތްތަކަށް އަމާނާއަށް ފަރުވާތެރިކަމާއެކު ބެލުނެެވެ. ލިފްޓުގެ ތެރޭ ހޭދަވި އެ މަދު ވަގުތުކޮޅުތެރޭ އެ ކުޑަ ދެހިތުގެ ތެރޭ އުފެދެމުން އެއަންނަ އިހްސާސްތަކަކީ ކޮބައިކަން އަމާނާއަށް އިނގުނެެެވެ. ނަމަވެސް އެ އިހްސާސްތަކަށް ދޭނެ ނަމެއް އެދެކުދިންނަށް ނޭނގޭނަކަން އަމާނާއަށް ޔަގީނެވެ. ހުދު އޭނާއަށްވެސް ވީ އެހެންނެވެ. ހިތުގައިވީ ފުން ޖަޒުބާތުތަކަށް ލޯބީގެ ނަން ދެވުނުއިރު އޭނާގެ ލޯބި މާދުރަށް އޮޔާލާ ގޮސްފިއެވެ. މަންޒިލް ނޭނގޭ ދިގު ރާސްތާއަކަށް ގެއްލިއްޖެއެވެ.

ލިފްޓުން ނިކުމެގެން އައިއިރު އަމާނާގެ ނޭވާ ހުރީ ކުރުވެފައެެވެ. ހީވަނީ ދެފަރާތުން މީހާ ފިތޭހެންނެވެ. އެކަނިވެލަން އިންތިހާއަށް ބޭނުންވެފައި ހުރި އަމާނާ ފާހަނައަށް ދިއުމުގެ ބަހަނާ ދެއްކުމަށްފަހު ދުރަށް ހިނގައިގަތެވެ. އަމިއްލަ ހާލަތު މިވަގުތު ރަނގަޅު ނޫންކަން އިހްސާސްވި ނަމަވެސް މިވަގުތު ބޭނުންވެފައި ހުރީ އެކަނި ވެލާށެވެ. ޒަހަމްވެފައިވާ ހިތުގައި ރިއްސަމުންދިޔައެވެ.

އެފަންގިފާލަގައި ހުރި ފާހަނަ ބަރި ވަނީ ފުރިފައެވެ. ކިއު ހަދައިގެން އެއްބަަޔަކު ފާހަނަ ކައިރީގައި މަޑުކޮށްގެން ތިއްބެެވެ. މީހުންގެ ކުދިކިޔުމުގެ ބަސްތައް އިވެމުންދިޔައެވެ. އެ އެންމެންނާ ދުރަށް ޖެހިލަމުން އަމާނާ ހިނގައިގަތީ ސިޑީއާ ދިމާލަށެވެ. ދެވަނަ ފަންގިފިލާއަށް ދިއުމަށް އަމާނާ މިސްރާބު ޖެހިއެވެ. ލަސްފިޔަވަޅުތަކެއްގައި ސިޑީގެ ހަރުފަތްތައް އަމާނާ ގިރާކުރަމުންދިޔައެވެ. ފަޅުކޮށް އޮތް ސިޑިމަތިން އެހިތައް ކުޑަނަމަވެސް ތަސައްލީއެއް ގެނެސްދީފިއެވެ. ޝަކުވާގެ ގޮތުގައި ލޮލަށް ގިނަވަމުންދިޔަ ކަރުނަތައް ހުއްޓުވަން އަމާނާ ނޫޅުނެވެ. ކޯތާފަތުގައި ބީހިލާފައި ތިރިއަށް ކަރުނަތިކި ދެމިގަތެެެވެ. އެ ހިތަށް އެވަރަށް އަނިޔާ ދިން އިންސާނާއަށް ޝަކުވާގެ ގުލްދާސްތާ ބަންޑުންކޮށްލަން އަމާނާ އިންތިހާއަށް ބޭނުމެވެ. އެހިތަށް އެވަރަށް ތަދުކުރީމައެވެ. ކުރި ހުރިހާ އަހުދެއް އުވާލީމައެވެ. އެކަަނިވެރިކޮށްލާފާ ދިޔައިމައެެވެ.

“ނަންނު ވައި؟” ހިތުގެ ތެރޭ އަބަދުވެސް ތަކުރާރު ކުރެވޭ ވޭނީ ސުވާލު އަމާނާގެ ދެތުންފަތް ފޫއަޅުވާލާ ނިކުތެވެ. އެކަން އަމާނާއަށް ރޭކާ ނުލީ ހިތަށް ވެރިވެފައިވީ ގިލަންވެރިކަމުގެ ބޮޑުކަމުންނެވެ. ސިޑިން ފައިބައިގެން އައިސް ދެވަނަ ފަންގިފިލާ ގެ ތެރެއަށް އަމާނާ ވަނެވެެ. އިސްޖަހާލައިގެން ހުރެ ފާހަނަ ބަރި ހުންނަ ދިމާލަށް ހިނގައިގަތީ އެތަން ދަނެފަރިތަ މީހަކު ފަދައިންނެވެ.

އިށީންދެގެން އިން ގޮނޑި ބަރިން ތެދުވެ ޝާފިޔާ ޑޮކްޓަރުގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ލޮލުގައި އަޅާފައި ހުރި ނަންބަރު އައިނު ލޮލަށް ހެޔޮވަރު ކޮށްލަމުން އަތުގައި އޮތް ގަނޑުކޮޅަށް ޝާފިޔާ ބަލާލީ ނުތަނަވަސް ކަމާއެކުއެވެ. ހަތްދިހާގެ އަހަރުތައް ކަޑައްތުކޮށް އަށްޑިހައަށް އަޅާފައި ޝާފިޔާގެ ރޫޖެހިފައިވާ މޫނުގައިވީ ވަރުބަލިކަމާއި މާޔޫސް ކަމެވެ. މަޑުމަޑުން ޑޮކްޓަރު ބަލާ ކޮޓަރިއަށް ދަމުން ވަށައިގެން ބަލަމުންދިޔައެވެ. އޭނާ ހޯދާ ފަރާތް އަދިވެސް ނުފެނެއެވެ. އަތުގައި އޮތް ބޮޑު އަތްދަބަސް ބަރުކަމާއެކު އޭނާއަށް އެ ހިފައިގެން ހިނގަންވީ އުނދަގޫ ކަމަކަށެވެ. އަތް ދަބަހުގައި ދެއަތުން ހިފަހައްޓާލުމަށްފަހު ދެން ހަދަންވީ ގޮތަކާމެދު ޝާފިޔާ ވިސްނާލިއެެވެ.

“އޮހް ސޮރީ ދައްތާ. ތަދުވިތަ؟” ފަހަތުން މީހަކު ކޮނޑުގައި ޖެހިގަތުމުން ލަސްލަހުން ޝާފިޔާ ފަސްއެނބުރި ބަލާލިއެވެ. އޭރު ފުދޭވަރަކަށް ޒުވާން އަންހެން ކުއްޖެއް އޭނާއާ ނުހަނު ގާތު ހުއްޓިގެން ހުއްޓެވެ. ޝާފިޔާގެ ގާތުން މާފަށް އޭނާ އެދެމުންދިޔައިރު އެ ދެލޮލުން ޝާފިޔާއަށް ފެނުނީ ތަފާތު އަސަރެކެވެ. ފުރަތަމަ ފެނިލުުމުންވެސް ޝާފިޔާގެ ހިތުގައި ފާޑެއްގެ ކުލުނެއް އެ ކުއްޖާއާ މެދު އުފެދިއްްޖެއެވެ. ސާދާކޮށް ހުރި ކުއްޖާ ނުހަނު ހިތްގައިމެވެ. އިސްކޮޅުން ދިގުވެފައި ރޫޅާފަތި ހަށިގަނޑެކެވެ. ހޭޒަލް ކުލައިގެ ބޮޑު ދެލޮލަކާއި ތަފާތު އޮމާންކަމެއް ލިބިފައިވާ ހަންގަނޑެވެ. ރީތި ކަމުގެ ފުރިހަމަ މިސާލެކެވެ.

“ދައްތާ. ސޮރީ.” ހިޔާލުތަކުން ބަނދެވިފައި ހުރެގެން ހިނގަމުން އައިއިރު ދުނިޔޭގެ އިތުރު ކަމަކަށް އަމާނާއަކަށް ނުވިސްނެއެވެ. އެއަށް ވުރެ އަމާނާ ހުރީ މާޒީގެ ރީތި ސޮފްހާތަކަށް ގެނބިފައެވެ. ހިތި ހަނދާންތަކަށް ޣަރަގުވެފައިއެވެ. އެ ހިޔާލުތަކުން ދުރުވެ ހަމަބިމަށް އާދެވުނުއިރު މީހެއްގެ ގައިގާ އޭނާ ލައިގަނެއްޖެއެވެ. ދުރަށް ޖެހިލަމުން އަމާނާ އެމީހާގެ މޫނަށް ބަލާލީއެވެ. މޫނުމަތީ ރޫޖެހިފައިވީނަމަވެސް ހަންގަނޑު އައްޔެވެ. މޫނުމަތީވީ އަދިވެސް ތަފާތު ރީތި ކަމެކެވެ. ޒުވާން ދުވަސްވަރު ހާދަ ރީތި ވާނެއޭ އަމާނާގެ ހިތަށް އެރިއެވެ. އިސްކޮޅުން ކުރުކޮށް ހިކިކޮށް ކުރި އެމީހާ އުމުރަށްވުރެ ޅަހެން ހީވެއެވެ. ދެއަތުގައި އަޅާފައި ހުރި ރަން ކެވިލަތަކާއި އަތުގެ އިނގިލަތުގައި އަޅާފާހުރި ރީތި އަނގޮށްޓިތަކުން އެމީހާގެ ހައިބަތު ރަމްޒުކޮށްދެއެވެ.

“ނޫނޭ. ތަދެއް ނުވޭ. ކޮއްކޮ މީތި ދައްތައަށް ހިފާލަ ދީބަލަ. ޑޮކްޓަރު ކޮޓަރިއަށް ދާން ޖެހިގެން.” ޝާފިޔާގެ އަތްދަބަސް އަމާނާއަށް ދިއްކޮށްލިއެވެ. ކިތަންމެ އަގުހުރި އެއްޗެއް އޭގާ ހުރިނަމަވެސް މި ނުދަންނަ އަންހެންކުއްޖާއާ ހަވާލުކުރަން ޖެހިލުމެއްނުވިއެވެ.

“އަމްމްމް..” ހަދަންވީ ގޮތެއް ނޭނގިފާ އަމާނާއަށް ހުރެވުނީއެވެ. އެއްފަހަރު ޝާފިޔާގެ އަތުގައި އޮތް ބޮޑު ދަބަހަށް އަނެެއްފަހަރު ޝާފިޔާގެ މޫނަށް އަމާނާ ބަލަމުންދިޔައެވެ.

“ދައްތަގެ ނަންބަރު ޖެހިއްޖެއޭ. ދައްތަ އަންނަންދެން މިތާ މަޑު ކުރައްޗެ.” ހަދަންވީ ގޮތެއް ނޭނގިފާ ހުއްޓާ އަމާނާގެ އަތަށް އަތްދަބަސް ހަވާލުކުރުމަށްފަހު ޝާފިޔާ ދުރަށް ހިނގައިގަނެއްޖެވެ. ޝާފިޔާގެ ހިނގުމުގައި ހުރި އުނދަގޫ ގޮތް ފެނި އަމާނާއަށް ދުރުގައި ހުންނާކަށް ނުކެރުނެވެ. ޑޮކްޓަރުގެ ކޮޓަރިއާ ހަމައަށް ދިއުމަށް އަމާނާ ޝާފިޔާއަށް އެހީތެރިވެދިނެވެ.

ޝާފިޔާ އެތެރެއަށް ވަނުމުން ދުރުގައި ހުރި ގޮނޑިބަރީގައި އަމާނާގޮސް އިށީނެވެ. އޭނައަށް ހަވާލުމިވެވުނީ މީހެއްގެ އަމާނާތަކާއެވެ. އަތުގައި އޮތް އަތް ދަބަހުގައި މަޑުމަޑުން އަތް ހާކާލަމުން އުނގަމަތީ އެ ބާއްވާލިއެވެ. ދެއަތުން ހުރަސް ވާން ގޮތަށް ދަބަހުގައި ހިފަހައްޓާލަމުން ކުރިމަތީ ހުރި ފާރަށް ނަޒަރު ހުއްޓާލިއެވެ. ރީތި ތަސްވީރެއް ފާރުން ފެންނަ ފަދައެވެ. ޝައުޤުވެރިކަމާއެކު އެ ފާރަށް ނަޒަރު ހުއްޓާލައިގެން އިން އިރު އަމާނާގެ ސިނކުޑީގައި ކުރެހެމުންދިޔައީ އެ ލޯބި ސޫރައެވެ. ހިނިތުންވެލާއިރު ދެކޮލަށް އެޅޭ އަޑިކޮޅު އާމާނާގެ ހިތުން ފޮހެނުލެވުނެވެ. މަޑު މުށިކުލައިގެ ފުން އެ ދެލޮލުގައި އެހުންނަ ވިދުން އަދިވެސް ހަނދާން އެބަހުއްޓެވެ. ވަގުތާއި ހާލަތު ދެމީހުން ދުރުކުރުވިޔަސް އެ ހިތުގައި އެ ނަންވަނީ ފެވިފައެވެ.

ޒުމާގެ ފަހަތުން ފާލިހް ހިނގާފައި އައިރު މޫނުމަތިން ފެންނަނީ ނުރުހުމެވެ. ހާސްވެފަ ޒުމާ ހިނގަމުންދިޔައިރު ފާލިހުގެ ފަރުވައެއް އެކަމަކަށް ނެތެވެ. އޭނާގެ ހިތުގައި ޒުމާގެ މައްޗަށް އެއްވެސް ރަހުމެއް ނެތެވެ. އަތުގައި އޮތް މެމޯކޮޅަށް ބަލާލަމުން ޑޮކްޓަރު ކޮޓަރީގެ ބޭރުގައި އިން ނަންބަރަށް ޒުމާ ބަލާލިއެވެ. އަވަސް އަވަހަށް އެ ދިމާއަށް ހިނގައިގަންނަމުން މެމޯ ނަންބަރު އަރުވާފައި ހުރި ޓީވީއަށް ބަލާލިއެވެ. ޔަގީންކުރުމަށެވެ. ރޫމް ނަންބަރު 14 އަށް އަރާފާ އިނީ 12 އެވެ. ކައިރީގައި 65 އަހަރުން މަތީ މީހެއް ކަން އިނގޭގޮތަށް ފެންނަން ހުއްޓެވެ. ޑޮކްޓަރު ބަލާ ކޮޓަރިތެރެއަށް ޒުމާ ވަނުމާއެކު ދެބުމަ އިތުރަށް ފާލިހް ގާތްކޮށްލިއެވެ. ދަތްތަކަށް ބާރުލާ ފިއްތާލިއެވެ. ފުންކޮށް ނޭވާއެއް ދޫކޮށްލުމަށްފަހު ނަފްސު ހަމައަކަށް އަޅުވާލަމުން ވަށައިގެންވީ މާހައުލަށް ބަލާލިއެވެ.

އެކަހެރިކޮށް އެހެން މީހުންނާ ވަކިން އިން އަންހެން ކުއްޖާ ފެނުމާއެކު ފާލިހްގެ ތުންފަތްމަތީ ދުވެލީ ވިހަ ހިނިތުންވުމެކެވެ. ލަސްލަހުން އެ ކުއްޖާއާ ދިމާއަށް ފިޔަވަޅު އަޅަމުން ގޮސް ކައިރީ ހުއްޓިލިއެވެ. ފާރަށް ގެއްލި ހުސްވެފައި އިން ގޮތުން ފާލިހްވެސް އެ ފާރާ ދިމާއާ ބަލާލިއެވެ. ހުދު ކުލައިގެ އެފާރުން އޭނާއަށް އިތުރު އެއްޗެއް ނުފެނުނެވެ. ތިން ގޮނޑި އެކުލެވޭ އެ ގޮނޑިބަރީގައި ދެމީހުންނަށް އިށީނދެވޭނެ ޖާގަ އޮތެވެ. ފާލިހް ހިޔާރުކުރީ މެދަށް ހުރި ގޮނޑިއެވެ. ގޮނޑީގައި ގައިގައި ހުރި ބާރެއް ލާފާ ފާލިހް އިށީނެވެ. ގޮނޑިބަރިއަށް ގުޑުން އެރި ނަމަވެސް އެކުއްޖާ އެއިން ގޮތަސް އިނީއެވެ. ޗޮކެއް ކަނޑާލަމުން ފާލިހް އަނެއްކާވެސް ތެޅި ލިއެވެ. ސަމާލުކަމެއް އޭނާއަކަށް ނުލިބުނެވެ.

“އިންޓްރެސްޓިންގް.” އެހެން އަންހެން ކުދިންނާ މުޅިން ތަފާތު އަންހެން ކުއްޖެކެވެ. މިވީހާ ދުވަހަކު އަންހެންކުއްޖެއްގެ ޝައުގުވެރިކަން އޭނާއަށް ނުލިބިފަކައެއް ނެތެވެ. އޭނާ އެއީ އެ އެންމެންގެވެސް ހިތުގައި ރަސްކަން ކުރަންމަދުން ފަރާތެވެ. ދޮން ހަނގަނޑަކާއި ދިގު އިސްކޮޅުގެ އިތުރުން ވަރުގަދަ ހަށިގަނޑަށް ކޮންމެ އަންހެން ކުއްޖަކުވެސް ހުންނަނީ ފިދާވާން ތައްޔާރަށެވެ. ނަމަވެސް މި އަންހެން ކުއްޖާ ތަފާތެވެ. ފާލިހްގެ ޝައުގުވެރިކަން މި ނުދަންނަ އަންހެންކުއްޖާއަށް އިތުރުވެއްޖެއެވެ.

ފާލިހް ކަރުކެހިލިއެވެ. ކުޑަކޮށް ކެއްސާލިއެވެ. ކުރިއެރުމެއް ނުލިބުނެވެ. މަޑުންމަޑުން އެ ކެއްޖާއާ ގާތަށް އޭނާ ޖެހިލިއެވެ. ވަށައިގެން ދެންތިބި މީހުންގެ ސަމާލުކަމެއް އެދެމީހުންނަކަށް ނެތެވެ. ކޮންމެ މީހަކުވެސް އުޅެނީ އަމިއްލަ ހާލަައިގެންނެވެ. އެކަންވީ ފާލިހްގެ ހިތަށް ލިބުނު ހަމަޖެހުމަކަށެވެ. ކަލު ކުލައިގެ ދޫ އަބާޔާ ހެދުމަކާއި ކަޅުކުލައިގެ ޝޯލަކުން ބޯނިވާ ކޮށްފާވާ މި ކުއްޖާ ސާދާއެވެ. މޭކަޕަކާ ނުލާވެސް އެ މޫނު ހިތްގައިމެވެ. ބޮޑުކޮށް އަޅާފައިވާ ޝޯލުގެ ފަހަތަށް ދޫކޮށްލެވިފައިވާ ބައިގައި ފާލިހް މަޑުން މަޑުން އަތް ޖައްސާލިއެވެ. ދެއިނގިލި ކުރިން ޝޯލްގައި ހިފަހައްޓާލަމުން ނޭފަތާ ކައިރި ކޮށްލިއެވެ. ޝޯލުން ދުވި ލުއި ލުއި މީރުވަހުން ފާލިހަށް ނޭވާ އެތެރެއަށް ދަމާލެވުނެވެ. އިތުރަށް އެ ކުއްޖާއާ ގާތްވެލަމުން ޝޯލްގައި ހިފާ ދަމާލިއެެވެ.

ޝޯލަށް ވާންވެލުމުން ތެޅިގަންނަމުން އަމާނާ ބަލާލިއެވެ. ޝޯލްގައި ހަފައްޓައިގެން އިން ފާލިހް ފެނުމާއެކު ދެބުމަ ގޮށްޖަހާލެވުނެވެ. ފާލިހްގެ އަތުގައި އޮތް ޝޯލްގެ ބައި ދަމައިގަންނަމުން ދުރަށް ޖެހިލިއެވެ. ޝޯލްގެ ފަހަތަށް ދޫކޮށްލެވިފައިވާ ބައި ގެނެސް ގަޔާލާ ބޮނޑިކޮށްލިއެވެ. މީހާ ހާސްވި ނަމަވެސް އަމާނާ އެކަމެއް ނުދައްކައެވެ. ލޯ އަޅާލެވުނީ ބޭއިހްތިޔާރުގައެވެ. އުނދަގޫވެފައި އިނދެ އިތުރު ހުސްގޮނޑިއެއް އިންތޯ އަމާނާ ހޯދާލިއެވެ. އޭނާގެ ނަސީބު ދެރައީއެވެ. ހުސްކޮށް ދެންއިނީ ފާލިހްގެ އަނެއްފަޅީގައި އިން ގޮނޑި އެކަންޏެވެ. އެ ގޮނޑިއަށް ދިޔަނަމަވެސް ހަމަވަދެވޭނީ ފާލިހްގެ އަތް ދަށަށެވެ. ފާލިހްއާ ނޫން ފަރާތަށް މޫނު އަނބުރާލަމުން ގޮނޑީގެ އެއްފަރާތަށް ވީހާވެސް ޖެހިލިއެވެ.

“ހާދަ މީރު ވަހެކޭ ދުވަނީ. ކޮން ކަހަލަ ސެންޓެއްތަ ބޭނުންކުރަންނީ؟” ފާލިހްގެ ތޫނު ނަޒަރު އަމާނާގެ ހަށިގަނޑަށް ހުއްޓާލިއެވެ. މަޑުމަޑުން އަމާނާއާ ގާތަށް އޭނާ އަނެއްކާވެސް ޖެހިލިއެވެ.

“ވާހަކަ އެއް ނުދައްކާނަންތަ؟ ނުލާހިކު ލޯބި ކުއްޖެއް އެކަނި އިނީމަ މި އައީވެސް. ކޮން ނަމެއްތަ ކިޔަނީ؟” ފާލިހް މަސައްކަތް ކުރީ އަމާނާގެ އަނގައިން ބަހެއް ބޭރުކުރެވޭތޯއެވެ. އެތެރެ ހަށި އަނދަމުން ދިޔަނަމަވެސް އަމާނާ ކެތްކޮށްލިއެވެ. ހަނު އިނުމަށް މަސައްކަތް ކުރީ އެންމެންގެ ސަމާލުކަން ލިބޭނެފަދަ ތަމްސީލެއް މިތާ ކުޅެން ބޭނުންނުވާތީއެވެ. ފާލިހަށް އެކަންވީ ލިބުނު ކާމިޔާބީއަކަށެވެ.

“އެކަނިތަ އައިސް ތި އުޅެނީ؟ ބަލި ވީތަ؟” ވާހަކަ ދައްކަމުން ގޮސް އުނގުމަތީ އޮތް އަމާނާގެ އަތުގައި ފާލިހް ހިފާލިއެވެ. އަމާނާގެ ކެތްތެރިކަން ކޮޅުންލީ އެހިސާބުންނެވެ. ފާލިހްގެ އަތް ފޮޅުވާލަމުން އަމާނާ ތެދުވިއެވެ.

“ގައިގަ އަތްނުލާ.” އަމާނާގެ ބޮޑު ދެލޯ ފާލިހްގެ ލޮލާ ސީދާކޮށްލަމުން ދިނީ އިންޒާރެވެ. ދެދަތްޕިލަ ޖައްސާ ބާރުކޮށްލުމުން ކަތުރު ކަށިގަނޑަށް ވާންވެލިއެވެ. ފާލިހަށް ކަޅިއަޅާލަމުން އާމާނާ ދުރަށް ހިނގައިގަތެވެ. ފާލިހް އިށީނދެގެން އިން ގޮނޑިބަރިއާ ދުރުގައި ހުރި ކުޑަދޮރު ކައިރީ އަމާނާ ހުއްޓުނުވެ. ފާލިހަށް ފުރަގަސްވާ ގޮތަށް އެނބުރުމަށްފަހު ކުޑަދޮރުން ބޭރަށް ބަލާލިއެވެ. އޭރުވެސް އަމާނާގެ ދެބުމަ ވަނީ ގޮށް ޖެހިފައެވެ.

ދުރުގައި ގޮސް މަަޑުކޮށްލި އަމާނާއަށް ބަލާލަމުން ފާލިހްގެ ދެތުންފަތް ދެފަރާތައް ދަމާލިއެވެ. ލަސް ހަރަކާތްތަަކެއްގައި ގޮނޑިން ތެދުވުމަށްފަހު ފާލިހްގެ މިސްރާބްޖެހީ އަމާނާއާ ދިމާލަށެވެ. މިހާ ފަސޭހައިން މިކުއްޖާ ގެއްލޭކަށް ފާލިހް ނޭދެއެވެ. އަމާނާގެ ފަހަތުގައި މަޑުކޮށްލަމުން  ތުންފަތްމަތީ ހިނިތުންވުން އިތުރަށް ފުޅާކޮށްލިއެވެ. މި ކުއްޖާ ހީކުރަނީ ކީކޭ ހެއްޔެވެ؟ އޭނާގެ އިޝާރާތްތަކަށް ބޯނުލަނބާ އެހާ ފަސޭހައިން ސަލާމަތެއް ނުވެވޭނެވެ.

ކައިރީގައި މީހަކު މަޑުކޮށްލި ކަމުގެ އިހްސާސް ވުމާއެކު އަމާނާ އެ މީހަކާ ދުރަށް ޖެހިލިއެވެ. ފަސް އެނބުރި ބަލާނުލިޔަސް އެއީ ފާލިހްކަން އަމާނާ ދެނެގަތީ ދުވަމުންދިޔަ އަރްމާނީ ސެންޓުގެ ވަހުންނެވެ. އެތަނުން ދުވެ ފިލަން ބޭނުންވިއެވެ. ނަމަވެސް އަތުގައި އޮތް އަތްދަބަސް އެކަން އަމާނާއަށް މަނާ ކުރަނީއެވެ. ނުވެސް ދަންނަ މީހެއްގެ އެއްޗަކާ ހަވާލުވެވުނީ އޭނާގެ މޮޔަކަމުންނެވެ. އަތް ދަބަސް ހިފައިގެން ފިލޭކަށްވެސް ނެތެވެ. އެ އަނބުރާ ރައްދުކުރުމަކީ މިހާރު އޭނާގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. އެކަމަކު ފުރޭތައެއްފަދަ މި އިންސާނާގެ ކިބައިންވެސް ސަލާމަތް ވާން އެބަ ޖެހެއެވެ. ފާލިހް އާ ދިމާލަށް ބަލާލުމެއް ނެތި އަމާނާ ހިނގާފާ ގޮސް 14 ވަނަ ކޮޓަރީގެ ދޮރުކައިރީ މަޑުކޮށްލިއެވެ. އެއްފަރާތަށް އެނބުރިލައިގެން ހުރީ ފާލިހްއާ ދިމާއަށް އޮޅިގެންވެސް ބަލާލަން ބޭނުން ނުވާތީއެވެ.

“އަހަންނާ ފިލަންތަ ތި ދުވަނީ؟” ނުހަނު ކައިރިން ފާލިހްގެ އަޑު އިވުމުން އަމާނާއަށް ތެޅިގަނެވެނުވެ. އަމާނާ އާ ޖެހޭ ނުޖެހޭ ހިސާބުގައި މަޑުކޮށްލައިގެން ފާލިހް ހުއްޓެެވެ. ފާރުގައި އެއް އަތް ވިއްދާލާފާވާއިރު އެ ދެލޮލުގެ ތެރޭ ވީ ކޮން އަަސަަރެއްކަން ދެނެގަންނަން އަމާނާއަށް އުނދަގުލެއް ނުވިއެވެ. އަވަހަށް ދުރަށް ޖެހިލަމުން ހިނގައިގަންނަން އުޅުމާއެކު މިނިވަންކޮން އޮތް ފާލިހްގެ އަނެއް އަތްވެސް ފާރުގައި ވިއްދާލަމުން ފާލިހްގެ ދެއަތް ދޭތެރޭ ފަރާލާ އަމާނާ ހައްޔަރުކޮށްލިއެވެ.

” މޮޔަވީތަ؟” އާމާނާގެ ރުޅިވެރި ދެލޮލުން ފާލިހް ފިއްސާލަން ބޭނުންވެފައި ހުރި ފަދައެވެ. ކަޅި އަޅައިލައިގެން ހުރިއިރު އެދޮލުން ދެމުންދިޔައީ އިންޒާރެވެ. ފާލިހް ހިނިތުންވެލަމުން އާމާނާގެ މޫނާ އޭނާގެ މޫނު ކައިރި ކޮށްލިއެވެ. ފާލިހްގެ ނޭވާގެ ހޫނުކަން އިހްސާސްވުމާއެކު އަމާނާއަށް ތެޅިގަނެވުނެވެ.

“ލަވް ހާދަ ލޯބިއޭ.” ވައި އަޑުން އަަމާނާގެ ކަންފަތްދޮށުގައި ފާލިހް ބުނެލިއެވެ. ފާލިހްގެ އަޑުގައިވީ އަސަރުން އާމާނާގެ ހިތް ބިރުން ތެޅެންފެށިއެެވެ. ފާލިހްގެ މޭގައި އަތް އަޅާ ދުރަށް ކޮށްޕާލިއެވެ. އެ ބިޔަ ހަށިގަނޑަށް ގުޑުމެއް އައިހެންވެސް ހީނުވެއެވެ. ބިރުނެ ލޮލަށް ކަރުނަތައް ޖަމާވާން ފެށުމުން ތުންފަތުގައި އަމާނާ ދަތްއަޅާލިއެވެ.

“ޕްލީޒްް.” އާމާނާގެ ކުރެހިފައިވާ އަޑުން ފާލިހަށް ލިބުނީ ހިތްހަމަ ޖެހުމެވެ. މޫނާ މޫނު ކައިރި ކޮށްލަމުން އާމާނާގެ ކޮލުގައި ފާލިހްގެ ކޯ ޖައްސާލިއެވެ. ކުއްލިއަކަށް ހުރެފާ އަމާނާ ކޮށްލިކަމަކުން ފާލިހަށް ވަގުތުން ދުރަށް ޖެހިލެވުނެވެ. ކޮލުގައި އަތް އަޅާލަމުން ހައިރާންކަމާއެކު އަމާނާއަށް ފާލިހް ބަލާލިއެވެ. އެފަދަ ހިއްވަރެއް ކުރަން އެ އަންހެން ކުއްޖާއަށް ކެރިދާނެ ކަމަށް ފާލިހް ހީވެސް ނުކުރެއެވެ.

ފާލިހްގެ ކޮލުގައި ދަތް އެޅުމާއެކު ދުރަށް ޖެހިލުމުން އަމާނާއަށް ލިބުނީ ސަލާމަތް ވުމަށް ރަނުގެ ފުރުސަތެވެ. ލިބުނު ހަނި ޖާގަ ކޮޅުން ދެމިގަންނަމުން އަމާނާ ދުރަށް ދުއްވައިގަތެވެ. އެހިސާބުގައި ތިބި ބައެއް މީހުންގެ ނަޒަރު އޭނާއަށް ހުއްޓިފައި ވިނަމަވެސް އަމާނާގެ ހިތުގައި ޖެހުނީ އޭނާގެ މަދަދަށް އަންނާނެ އެކަކުވެސް ނުވީތީއެވެ. ހިމަ ކޯރިޑޯގެ ވަކި ހަމާލަކަށް ގޮސްފައި އަމާނާ ދުވުން މަޑު ޖައްސާލިއެވެ. ނޭވާއަށް ކުރުވެ ނޭވާލާން އުނދަނގޫވާން ފެށުމުން ގުދުވެލިއެވެ. ފުންކޮށް ދެތިން ނޭވާ ލުމުންވެސް މީހާ ހަމައަކަށް ނޭޅުނުނެވެ. ފާރުގައި އަތް ޖައްސާލަމުން ފާރަށް އަމާނާ ލެނގިލިއެވެ.

“ޑޭމް އިޓް. ހައު ދަ ހެލް…” އަމާާނާއަށް އޭނާގެ ކައިރިން އެހާ ފަސޭހައިން ސަލާމަތްވެދާނެ ކަމަށް ފާލިހަށް ގަބޫލެއް ނުކުރެވުނެވެ. އަތް މުށްކަވާލުމަށްފަހު ހިތުގެ ތެރޭވީ ރުޅިގަނޑު ފާލިހް ބޭލީ ފާރަށެވެ. ހަރު ފިޔަވަޅުތަކެއްގައި އަމާނާ ދިޔަ ދިމާލަށް ފާލިހްގެ މިސްރާބު ބެހެއްޓިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ner

Level 1

Other Articles

Previous

ރާނީ 16

Next

އެކުވެރިޔާ

Next
July 31, 2023

އެކުވެރިޔާ

Previews
July 31, 2023

ރާނީ 16



All Right Reserved!