ކުރިމަތިން މީހަކި ކަރުކެހިލި އަޑަށް އޭނާ ލޯ ހުޅުވާލިއެވެ. ލާނެތް ހިންޏެއް އައިސްފައި އައިޒިން ހުއްޓެވެ. އޭނާގެ ކައިރީގައިހެން ހަތަރު ވަރަކަށް ކުދިން ތިއްބެވެ. ވާނުގެ އަތުގައި ބިޑިއަޅުވައިގެން ދެންތިބި ދެފުލުހުންވެސް އޭނާއާ ދިމާލަށް ބަލަން ހުއްޓެވެ. ލަދުގަތްވަރުން އޭނާ އުޅުނީ މަންހަލް ގަޔާ ދުރުކޮށްލާށެވެ. އޭރު މަންހަލްގެ ގިސްލުންވެސް ހުއްޓިފައި ވުމާވެސް އެކީއެވެ. އެހެނަސް އޭނާގެ ގަޔާއި މަންހަލް ދުރުކޮށްލުމާއެކު މަންހަލް ވެއްޓެން ދިޔައެވެ. ޔަޒްދާންއަށް މަންހަލްގެ ގައިގައި ހިފެހެއްޓުނީ ހަމަ ކިރިޔާއެވެ.
ފަތިހު ފަހެއް ޖަހައިފިކަން ގަޑިތަކުން ފެންނަން ހުއްޓެވެ. އައިޖީއެމްއެޗް ހޮސްޕިޓަލްގެ އިމަޖެންސީ ކޮޓަރި ދޮރުމަތީ ދެކޮޅަށް ހިނގާލަ ހިނގާލަ ޔަޒްދާން ހުއްޓެވެ. ދުރުގައި ހުރި ގޮނޑިބަރިއެއްގައި އިށީނދެ އައިޒިން އިނެވެ. އީއާރުން ޑޮކްޓަރު ނިކުމެގެން އަންނަތަން ފެނުނީ އެވަގުތެވެ.
“ޕޭޝަންޓް ހޭއަރައިފި. އިރުކޮޅަކުން ވޯޑަށް ބަދަލުކުރެވޭނެ.” ޑޮކްޓަރު ބުނެލިއެވެ.
“އިޒް ޝީ އޯކޭ؟” ޔަޒްދާންއަށް އަހާލެވުނެވެ.
“މާގިނައިރު ނުކައި ހުރީމަ ހަށިގަނޑުން ވަރުދެރަވެފައި ކަމަށް ބެލެވެނީ.” ޑޮކްޓަރު އޮޅުން ފިލުވައިދިނެވެ. ކައިރީހުރި ނަރުސްކުއްޖާއަށް ބަލައިލާފައި އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. “މްމް.. ރޭޕްގެ ޝިކާރައަށް ވެފައިކަމަށް ޝައްކުކުރެވޭ. ޕޭޝަންޓާއި ވާހަކަދައްކާފަ އިތުރު އެއްޗެއް ބުނަން އެނގޭނީ. ސައިކޮލޮޖިސްޓަކަށް ދައްކާލަން ރިކުއެސްޓެއް ކުރަން.. ރިލޭޓިވްއެއް ނެތްތަ؟”
އައިޒިންއާއި ޔަޒްދާން އެކަކު އަނެކަކަށް ބަލައިލިއެވެ. އެއަށްފަހު ދެމީހުން އެކުއެކީހެން ބޯ ޖަހާލީއެވެ.
“ކޮންޓެކްޓް ކުރެވޭ ގޮތެއް ނުވި.” އައިޒިން ބުނެލިއެވެ.
“އަޅުގަނޑު ޕޭޝަންޓްގެ ކަންތަކާ ހަވާލުވެގެން މިހުރީ. އަޅުގަނޑު ކަޒިންއެއްގެ ފްރެންޑެއް އެއީ..” ޑޮކްޓަރު ދާން ހިނގައިގަތުމާއެކު އަވަސްއަވަހަށް ޔަޒްދާން ބުނެލިއެވެ. ޑޮކްޓަރު ބޯ ޖަހާލާފައި ދިޔައީއެވެ.
“ރޭޕް..” ޔަޒްދާންއަށް ކިޔާލެވުނެވެ. އޭނާގެ ހަނދާނަށް އައީ އޭނާ މަންހަލް ގައިގައި ހިފެހެއްޓުމާއެކު ފުރަތަމަ އޭނާ ދޫކޮށްލުމަށް އެދި ރޮއުންގޮތެވެ. އެއަށްފަހު އޭނާއަކީ ޔަޒްދާންކަން އެނގުނު ހިނދު ތިމަންނަ ސަލާމަތް ކުރާށޭ ކިޔާފައި އާދޭސްކުރިތަނެވެ.
ޝަފްނާއާއި ޒިއާމް ތިބީ އެސް.އެމް.ޒީ ކުންފުނީގެ މައި އޮފީހުގައެވެ. ކުރިމަތިން ފެންނަން ހުރި ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން ޝަފްނާ އިނެވެ. ޒިއާމް ފޯލްޑާއެއް ހުޅުވާލުމަށްފަހު އެޅުވީ އޯޑިއޯއެކެވެ.
“މިއީ އެންމެ ފަހުން ސްޓޭޝަނަށް ދިޔަ ކޯލް.” ޒިއާމް ބުނެލިއެވެ. ހަމައެއާއެކު އެކީހެން ދެން އިވިގެން ދިޔައީ ޒޭކްގެ އަޑެވެ. މޭޒުމަތީގައި ދެއަތުން ޖަހާލަމުން ޝަފްނާ ތެދުވިއެވެ.
“ޑޭމް އިޓް. މަ އޭރުވެސް ބުނީމެއްނު އޭނާ ނުވައްދާށޭ ގޭންގަށް.. އެކަމަކު ކަލޭމެންނަށް އެނޫން މީހެއް ނުފެނުންވިއްޔަ..” ބޮލުގައި ހިފަހައްޓާލަމުން ޝަފްނާ ކިޔާލިއެވެ.
“މަ ހީކުރީ އަހަރެމެން ކައިރިއަށް އައިމަ އޭނާ ޝައްކު ކުރާނީ ފާރޫމެންނަށް ކަމަށް.” ޒިއާމްވެސް ހުރީ ބޯހާސްވެފައެވެ.
“އިންވެސްޓިގޭޝަން ޓީމްގެ އެންމެ މޮޅެތި މީހުންގެ ތެރޭ އޭނާ ހިމެނެއޭ. އެކަހަލަ މީހުން ގަމާރު ނުވާނެކަން މަށަށް އެނގޭ. އަނެއްކާ އެވެސް ދުވަސްކޮޅަކަށް އޭނާ އެކޭސްގަ މަސައްކަތް ކޮށްފަ..” އަނެއްކާވެސް އެނބުރި ލެޕްޓޮޕް ކައިރިއަށް އަންނަމުން ޝަފްނާ ބުނެލިއެވެ.
ޒާކިން އަކީ ޕޮލިހެކެވެ. އެންމެ މޮޅެތި އިންވެސްޓިގޭޝަން އޮފިސަރުންގެ ތެރެއިން އެކަކެވެ. ޑްރަގްސްގެ ކަމެއްގައި މައްސަލަޖެހި ގޭންގެއް ދެބައިވެގެން ދިޔަ ވަގުތު އޭނާ މަސައްކަތްކުރީ ޑްރަގްގެ ބޮޑުން ހައްޔަރުކުރާށެވެ. އެހެނަސް އެމީހުންނާ ހަމައަށް ފޯރުމުގެ ކުރިން ހުރި ހަމައެކަނި އަންހެން ކޮއްކޮ ރޭޕްގެ ޝިކާރައަށްވެ، އަމިއްލައަށް މަރުވީއެވެ. ކޮއްކޮއަށް އިންސާފް ހޯދުމަށް ކުރެވުނު މުޒާހަރާއަށް ނުކުތުމުގެ ސަބަބުން އޭނާ ޕޮލިހުންގެ ވަޒީފާއިން ވަކިކުރެވުނީއެވެ. އެހިސާބުން އޭނާ ގޭންގުތަކާއި މާގާތްކޮށް އުޅެންފެށުމުން ޒިއާމްމެން އޭނާ ގެނެސް އެމީހުންގެ ގޭންގަށް ވެއްދީއެވެ.
“އޭނާއަށް ހެކި ހޯދުނީމާ މަންހަލް ސަލާމަތް ކޮށްފަ އެދިޔައީ.. އޭނާ ހުރިތަނެއް ހަމަމިހާރު ހޯދާ..” ޝަފްނާ އަމުރުކުރިއެވެ.
“ރޭގެ ފްލައިޓަކުން އޭނާ ކެނެޑާއަށް ދާން ފުރައިފި.” ޒިއާމް އޭނާއަށް އެނގިފައިވާ ގޮތަށް މައުލޫމާތު ފޯރުކޮށްދިނެވެ.
“ކޮބާ އެންމެ ފުރަތަމަ އައި ކޯލް ރިކޯޑިންގް؟” ޝަފްނާ ބުނެލިއެވެ. ހާސްވެފައި ހުރިފަދައަކުން އޭނާ ޝަފްނާއަށް ބަލައިލިއެވެ.
“ކީއްވެ ތިބަލަނީ؟ ރިކޯޑިން އަޅުވައިދޭށޭނު މިބުނީ..” ޒިއާމް ބަލަންހުރިގޮތް ފާހަގަވެ ޝަފްނާ ސުވާލުކުރިއެވެ. ދެންވެސް ޒިއާމް ހުންނަން ފެށުމުން ޝަފްނާ އަމިއްލައަށް ލެޕްޓޮޕް އިން ‘ރިކޯޑިން 1’ ޖަހާފައި އިން ފައިލް ހޯދާ ޕްލޭކޮށްލިއެވެ.
“ޝަޔަމް..” އެންމެ ފުރަތަމަ އަޑުޖެހުމާއެކުވެސް ޝަފްނާއަށް ނަގައިގަނެވުނެވެ. ފަސްވަރަކަށް މިނެޓުގެ ރިކޯޑިން ފެށިގެން ނިމެންދެންވެސް އޭނާ ހަރަކާތެއްކޮށްނުލާ ހުރީ ލިބިފައި ހުރި ސިހުމުންނެވެ. “ހައު؟ ކިހިނެއް ޝަޔޫއަށް އެނގުނީ؟”
އެނދުމަތީގައި ދެފައި ވައްކޮށްލައިގެން ޝަޔަމް އޮތީ ފޯނުން ފިލްމެއް ބަލަން ވެގެންނެވެ. ދޮރުގައި ޓަކިޖެހުމެއްނެތި ނީނާ އައިސް ކޮޓަރިއަށް ވަނީ އެވަގުތެވެ. ޝަޔަމްގެ ހިތްހަމަ ނުޖެހިފައިވާ މޫނަށް ބެލުމެއްނެތި އަތުގައި އޮތް ސޫޓްކޭސް ހިފައިގެން ގޮސް އޭނާ ކައިރިވީ ކޮޓަރީގައި ހުރި ބޮޑު ކްލޯސެޓް ކައިރިއަށެވެ.
“ބަލަ އަހާލުމެއްވެސް ނެތި އަހަރެންގެ ކޮޓަރިއަށް ތިވަނީ ކާކު ހުއްދަ ދީގެންތަ؟” އެނދުމައްޗަށް ފޯނު ޖެހުމާއެކު ޝަޔަމް ފުންމައިގެން ތެދުވިއެވެ. އުޅުމުގައި ހުންނަ ފޮނިގޮތަކުން މީގެކުރިންވެސް ޝަޔަމް އޭނާދެކެ ފޫހިވެއެވެ.
“ޝަފްނާ ބުނީ ވަންނާށޭ..” ކްލޯސެޓްގެ ދޮރު ހުޅުވާލަމުން ނީނާ ބުނެލިއެވެ. ޝަޔަމް އެރީ ނީނާގެ ކުރިމައްޗަށެވެ.
“މަންމަ ބުންޏަސް އަހަރެންގެ ކޮޓަރިއަށް ވަނުމުގެ ކުރިން ޓަކި ޖަހާލަން ޖެހޭނެ. ދެން ބުނެބަލަ؟ މޭމް ބުނީތަ އަހަރެންގެ ހެދުންތައް ވެސް ގެންދާށޭ.. ހަހް؟” ނީނާގެ އަތުގައި ހިފާ ފަހަތައް ކޮށްޕާލަމުން ޝަޔަމް ބުނެލިއެވެ.
“އާނ. މޭމް ބުނީ. އަޑުއިވިއްޖެތަ؟ ސާފުވެއްޖެތަ؟” ނީނާގެ ގާތަށްވެސް ރުޅިއައެވެ. ހަރުއަޑުން އޭނާ ވާހަކަދެއްކިއެވެ.
“ހެހެ. ވަރަށް މަޖާ..” ހިނިތުންވުމެއް ވެރިކޮށްލަމުން ޝަޔަމް ބުނެލިއެވެ. “ނިކުމޭ.. ނިކުންނާށޭ.. މަ އެބަ އުޅެންތަ ތީނައަށް އަހަރެންގެ ހެދުންތައް ދޭން…”
ޝަޔަމް އައިސް ނީނާގެ ބުރަކަށީގައި އަޅާ ކޮޓަރީގެ ދޮރު ކައިރިއަށް ކޮށްޕާލިއެވެ. ވެއްޓުމުގެ ކުރިން އޭނާ އަމިއްލައަށް ހަށިގަނޑު ސީދާ ކުރިއެވެ. ވަށްކަޅިން އޭނާ ޝަޔަމްއަށް ބަލައިލިއިރު ހީވަނީ އެދެލޮލުންވެސް ޝަޔަމް ފިއްސާލަފާނެ ހެންނެވެ. އެކަމަކު އެބެލުމުން ޝަޔަމްގެ ހިތަށް ބިރުގެ ކަންފުޅެއްވެސް ވަދެދާނެ ހެއްޔެވެ؟
“ޝަފްނާ ތީނަ ކައިރީ ނުބުނަންޏާ އަހަރެން ބުނެފާނަން. ފުރަންދާން ރެޑީވޭ..” ނީނާ އަނެއްކާވެސް އައީ ކޮޓަރިއަށް ވަންނަން ވެގެންނެވެ.
“ބަލަ އަހަރެން ނޫޅެމޭ ފުރަންދާކަށް. އަޑުއިވިއްޖެތަ؟ މަންމަ އަހަރެންނަށް ގުޅާފަ ބުނާނެ ތަނަކަށް ދަންޏާ..” ޝަޔަމް އައިސް ހުއްޓިލީ ނީނާގެ ކުރިމަތީގައެވެ.
“އަހަރެން މިއުޅެނީ އަހަންނާ ހަވާލުކުރެވުނު މަސައްކަތް ކުރަން. އޯކޭ..؟” ފުން ނޭވާއެއް ދޫކުރަމުން އޭނާ އުޅުނީ ޝަޔަމްގެ ކައިރިން ދެމިގަނެގެން ކްލޯސެޓް ކައިރިއަށް ދާށެވެ.
“ބަލަ މަށަށް އެނގެއޭ ކަލޭ ކުރަން ތިއުޅޭ ކަންތައް. މޭމް ބުންޏޭ ކިޔާފަ މަގޭ ހެދުންކޮޅު ފޭރިގަނެގެން ގެންދާކަށްނު ތިއުޅެނީ.. ނިކުންނާށޭ ބުނީމަ ނުނިކުތީމަ ދެން އަހަރެންގެ އަމިއްލަ އަތުން ތީނަ ނެރޭނީ.” އައި ރުޅީގައި ޝަޔަމް ހިފީ ނީނާގެ ބުޅި އިސްތަށިގަނޑުގައެވެ. އޭނާގެ އިސްތަށިގަނޑުގައި ހިފައިގެން ޝަޔަމްއަށް ކޮޓަރީގެ ދޮރާ ހަމައަށް އާދެވުނުއިރު އަޑުގަދަވެގެން ޖާވިދާއި އަދިވެސް އެހެން ގާޑަކު ކޮޓަރީގެ ދޮރު ކައިރިއަށް އައިސްފިއެވެ. ޖާވިދު ޝަޔަމްގެ އަތުގައި ހިފާ ނީނާގެ އިސްތަށިގަނޑުން އަތް ނައްޓުވާލެވޭތޯ މަސައްކަތް ކުރިއެވެ.
“ކިހިނެއްވީތަ؟” ޝަޔަމް ނީނާއާ ދުރުކުރުވުމަށްފަހު ޖާވިދު އަހާލިއެވެ. ދުރުގައި އެދެމީހުންނަށް ބަލަން ހުރި ނީނާއަށް ކޮޓަރިއަށް ވަންނަން އޭނާ އިޝާރަތް ކުރީ ލޮލުންނެވެ.
“ނުވަންނާތި.” ނީނާ އޭނާގެ ކޮޓަރިއަށް ވަންނަން އުޅުމުން އަނެއްކާވެސް ޝަޔަމް ހަޅެއް ލަވައިގަތެވެ.
“ބަލަ ކިހިނެއްވީހޭ؟” ޖާވިދު ތަންކޮޅެއް ބާރަށް އަހާލިއެވެ. ޝަޔަމް މައިތިރިވީ އެއަޑު އިވިފައެވެ.
“އޭނާ. އަހަރެންގެ ހެދުންތައް ވަގަށް ނަގާކަށްނު އެއުޅެނީ.” ޖާވިދަށް ބަލަންހުރެ ޝަޔަމް ބުނެލިއެވެ.
“ޝަޔަމް މޭމް ހީކުރީ އަހަރެމެން ތިއްބާ އޭނާއަށް މޭމްގެ ހެދުންތައް ވަގަށް ގެންދެވިދާނެކަމަށްތަ؟” ޖާވިދު ހިސާބަކަށް ފޮނިވެލިއެވެ. ޝަޔަމް ތުންކޮޅު ހަދާލިއެވެ.
“ދެން އެކިޔަނީ މަންމަ ބުންޏޭ ފުރަން ތައްޔާރުވާށޭ. ބަލަ އަހަރެންގެ މަންމަ އަހަރެންނަށް ގުޅާނެ ދޯ ތަނަކަށް ދަންޏާ. އަހަރެންގެ އަތުގައިވެސް ފޯނެއް އެބައޮތް ވިއްޔަ.. ޝީ ވިލް ޓެލް މީ ފަސްޓް.” ޖާވިދުގެ ކުރިމަތީ ޝަޔަމް ޝަކުވާތައް ބަންޑުންކޮށްލިއެވެ.
“އަޅެ މަންމައާ ގުޅާފަ އަހާލަބަލަ..” ޖާވިދު ހިޔާލުދިނެވެ. ޝަޔަމް ކޮޓަރިއަށް ވަނެވެ. އޭނާގެ ހެދުންތައް ސޫޓްކޭސްއަށް އެޅުމުގައި އުޅުނު ނީނާއަށް ކަޅިއަޅާލުމަށްފަހު ފޯނު ހިފައިގެން ނިކުތީ ސިޓިން ރޫމަށެވެ.
“މަންމާ..” ޝަފްނާ ފޯނު ނެގުމާއެކު ޝަޔަމް ދިގުކޮށް ގޮވާލިއެވެ.
“އޭނާ އެބުނީ ތެދަށް. ޔޫކޭއަށް ދާން ރެޑީވޭ. އެކޮޅުން ރަނގަޅު ޔުނިވާސިޓީއަކަށް ބިޒްނަސްގެ ދާއިރާއިން ކިޔަވަން ފޯމުވެސްލާފަ އޮންނާނީ. މަންމަ ހަވީރުން ގެއަށް ދާނަން.. ޝަޔަމްގެ ބައްޕަ މެންދުރު އަންނާނެ ބައްދަލުކުރަން. އަޒީމްއަށް އެނގޭނެ ޔޫކޭއަށް ދާން އުޅޭނެކަން. މަންހަލް ގެނެވޭކަށް އަހަރެންނަކަށް ނެތް މިވަގުތު.” ބުނަން ބޭނުންވި ހުރިހާ އެއްޗެއް ކިޔާލުމަށްފަހު ޝަފްނާ ފޯނު ކަނޑާލިއެވެ.
“ހަހް.. ބަލާ، އަހަރެން މިއުޅެނީ ޔޫކޭއަށް ދާން.. އެކަމަކު އެންމެ ފަހުން މިއެނގުނީ އަހަންނަށް.” ފޯނު ކަންފަތާ ދުރުކޮށްލުމަށްފަހު ޝަޔަމް ބުނެލިއެވެ. “ޖާވިދަށް އެނގޭ. ނީނާއަށްވެސް އެނގޭ. ބައްޕައަށްވެސް އެނގޭ. އެންމެންނަށްވެސް އެނގޭ. ހަމައެކަނި އަހަރެންނަށް ނޭނގެނީ..”
“ހިޔާލު ފާޅުކުރުމުގެ މިނިވަންކަން. ސްޓޭޖްތަކަށް އަރާފައި މަންމަ އެންމެ ގިނައިން ބުނާ ވާހަކަ. އެކަމަކު އަހަރެން.. އަހަރެން. މަންމަގެ އަމިއްލަ ދަރި ބޭނުންވާ ގޮތް އަހާލުމެއް މަންމައަކަށް މުހިންމެއް ނުވި. ކުޑަމިނުން ހުރިހާ ކަމެއް ހަމަޖެއްސިއިރު އަހަރެންނަށް އަންގާވެސް ނުލާ..” ބޮލުގައި އަތްއަޅާ ދެއަތުން ބޮލުގައި ތަޅަމުން ޝަޔަމް ބުންޏެވެ. ހިމޭންވެފައި ޖާވިދު ހުރީ ޝަޔަމްގެ ހަރަކާތްތަކަށް ބަލާށެވެ. ނީނާވެސް ކޮޓަރީގެ ދޮރު ކައިރިއަށް އައިސް ބަލަން ހުއްޓެވެ.
“ނުދާނަން.. ނުދާނަން..” ރޮއެގަނެފައި ޝަޔަމް ކިޔަންފެށިއެވެ. ދުވެފައި އޭނާއައީ ކޮޓަރިއަށް ވަންނާށެވެ. ނީނާ އެއްއަރިއަކަށް ޖެހިލުމާއެކު އޭނާގެ ގައިގައި ވައި އެޅިލާފައި ޝަޔަމް ކޮޓަރިއަށް ވަނެވެ. ބަން ކިޔާފައި ދޮރު ޖެހިއަޑަށް ދެމީހުންވެސް ދިޔައީ ސިހިގެންނެވެ. ހިންދިރުވާލުމަށްފަހު ޖާވިދު އެކަކަށްވެސް ބަލައިނުލާ އެތަނުން ނިކުމެގެން ދިޔައެވެ. އެމޫނުމަތީގައި ހަމްދަރުދީގެ އަސަރު ފާޅުވާން ހުއްޓެވެ. އޭރު މަޑުމަޑުން އޭނާގެ ދުލުން ނިކުމެގެން އަންނަނީ ‘މަންމަ’ގެ ނަމެވެ.
ކޮޓަރީގެ ދޮރު ޖެހުމަށްފަހު އޭނާ އެދޮރު ތަޅުލިއެވެ. ދޮރުގައި ބުރަކަށި ޖައްސާލުމަށްފަހު ބިންމަތީގައި އިށީންނަން އުޅެފައިވެސް އޭނާއަށް އެނދުމަތީގައި އޮތް ސޫޓްކޭސް ފެނިގެން އެއާ ދިމާއަށް ދިޔައެވެ. އޭގެ ޒިބު ކަހާލުމަށްފަހު ތަރުތީބުކަމާއެކު އަޅާފައި ހުރި ހެދުންތައް ކޮޓަރީގެ ތެރެއަށް އޭނާ އުކަންފެށިއެވެ. އޭރުވެސް އޭނާ އަޑުން އަޑުނަގާ ރޮމުން ދިޔައެވެ.
ކައިރި ފިހާރައަކަށް ވަދެފައި ކިރުޕެކެޓަކާއި މޭވާ ކޮޅެއް ގަނެގެން ޔަޒްދާން އައެވެ. މަޑުމަޑުން މަންހަލް އޮތް ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލާފައި އޭނާ އެތެރެއަށް ވަނެވެ. ސީލިންގަށް ނަޒަރު ހުއްޓައިގެން އޮވެފައި ސިއްސައިގެން ދިޔަފަދަ ގޮތަކަށް މަންހަލް ޔަޒްދާންއަށް ބަލައިލިއެވެ. ޔަޒްދާން ފެނުމާއެކު މަންހަލް އެނދުގައި އޮވެފައިވެސް ފަހަތަށް ޖެހިލި މަންޒަރު އޭނާއަށް ފެނުނެވެ. ހަމައެއާއެކު ލޮލުން ފެށިގެން ބުރުގާއާ ހަމައަށް އެޅިފައިވާ ކަރުނައިގެ ރޮނގުވެސް އޭނާއަށް ފެނުނެވެ.
“ކައިރިވުނާތި.” ޔަޒްދާން ކުރިއަށް ފިޔަވަޅެއް އަޅާލުމާއެކު މަޑުމަޑުން މަންހަލް ބުނެލިއެވެ. ބޯ ޖަހާލާފައި އޭނާ އަތުގައި އޮތް ކޮތަޅާއެކު ބޭރަށް ނުކުތެވެ. ބޭރުގައި ހުރި ގޮނޑިބަރިއެއްގައި އިށީންނަމުން އޭގައި ހުރި މޭވާތައް ތޮށިމަށާ، ކޮށާލުމަށްފަހު އޭނާ ގެނައި ޕްލާސްޓިކް ތައްޓަށް އަޅާލިއެވެ. ދެން އެތަށްޓާއި ކިރުޕެކެޓުގެ އިތުރުން ފެންބޯ ތައްޓެއް ހިފައިގެން މަންހަލް ބާއްވާފައި އޮތް ކޮޓަރިއަށް ވަނުމަށް އަނެއްކާވެސް ހިނގައިގަނެފިއެވެ. ދުރުގައި އެހުރިހާ އިރު މަންޒަރު ބަލަން އިން އައިޒިން އެވަގުތު އައިސް ދޮރުހުޅުވާލަދިނެވެ.
“ކައިރިއަށް ނާންނާތި.” މިފަހަރުވެސް މަންހަލް ބުނެލިއެވެ.
“މިމޭވާކޮޅު ތިތާ ބަހައްޓާލަން. އޯކޭތަ؟” މަޑުމައިތިރިކަމާއެކު ޔަޒްދާން ވާހަކަދެއްކިއެވެ. މަންހަލް އެއްވެސް އެއްޗެއް ނުބުނެއެވެ. ޔަޒްދާން މަޑުމަޑުން ގޮސް އަތުގައި ހުރި ތަކެތި އެތާހުރި މޭޒުމަތީގައި ބެހެއްޓިއެވެ. ދެން ކިރުޕެކެޓް ކަނޑާލާ ތައްޓަށް ކިރު އަޅާ، ކުރިން ކޮޓަރިއަށް ގެނެސްފައި ހުރި ފެންފުޅިތަކުން ފުޅިއެއްވެސް ނަގާ އެމޭޒުމަތީގައި ބެހެއްޓިއެވެ. އެއަށްފަހު އެތާހުރި ގޮނޑި ހިފައިގެން އައިސް އިށީނީ ދޮރު ކައިރީގައެވެ.
“ތި އެއްޗެހި އަހަރެން ބަލަން އިންދާ ހުސްކޮށްލާ. އޭރުން ވަގުތުން މިތަނުން ނިކުންނާނަން..” ޔަޒްދާން ދެއްކި ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް މަންހަލް ދިންހެނެއް ހިޔެއް ނުވިއެވެ. “ނުކައިފިއްޔާ އަހަރެން ދާނަން ކާންދޭން!”
ސިހިފައި މަންހަލް ބޯހިއްލާލިއެވެ. ޔަޒްދާންއަށް ބަލާލުމަށްފަހު، އަވަސް ހަރަކާތަކާއެކު އެނދުގައި އިށީނދެ މޭޒުމަތީގައި ހުރި އެއްޗެހި އޭނާއާ ކައިރިކޮށްލިއެވެ. ޔަޒްދާން ބަލަން އިންދާ މަންހަލް އަވަސްއަވަހަށް ކާންފަށައިފިއެވެ.
“ލަސްލަހުން ކާނީ. އަހަރެން ނުބުނަމެއްނު ވަކި އިރެއްގެ ކުރިން ކާންޖެހޭނެއޭ.” މަންހަލްގެ ހަރަކާތްތަކަށް ބަލަން އިނުމަށްފަހު ޔަޒްދާން ބުނެލިއެވެ. މިފަހަރު ޔަޒްދާންއާ ދިމާއަށް ބަލައިލުމަށްފަހު، މަންހަލް އޭނާގެ ހަރަކާތްތަކަށް ހިސާބެއްގެ ލަސްކަމެއް ގެނުވިއެވެ.
“ގުޑް ގާލް.” މަންހަލް ހުރިހާ އެއްޗެއް ހުސްކޮށްލުމާއެކު ޔަޒްދާން ބުނެލިއެވެ. އަޅާލުމެއްނެތި އޭނާ އަނެއްކާވެސް އެނދުގައި އޮށޯވެ ޔަޒްދާންއަށް ފުރަގަސް ދިނެވެ.
ކޮޓަރީގެ ދޮރުގައި ޓަކިޖަހާލުމަށްފަހު ޑޮކްޓަރާއެކު އެހެން މީހަކުވެސް އައީ އެވަގުތެވެ.
“މިއީ ސައިކޮލޮޖިސްޓް، ޑރ. މަޖްދާ..” ޑޮކްޓަރ ބުނެލިއެވެ. ޔަޒްދާން ބޯޖަހާލިއެވެ.
“އަހަރެން މިދަނީ ތަށިތައް ނަގަން.” މަންހަލްއަށް އިވޭވަރަށް ޔަޒްދާން ބުނެލިއެވެ. މަންހަލް އެއްވެސް އެއްޗެކޭ ނުބުނުމުން ޔަޒްދާން ގޮސް މޭޒުމަތީގައި ހުރި ތަށިތައް ނެގިއެވެ. ކޮޓަރީގައި ހުރި ޑަސްބިނަށް ތަށިތައް ލުމަށްފަހު ޑޮކްޓަރާއި ދެމީހުން އެކޮޓަރިން ނުކުތީ ސައިކޮލޮޖިސްޓަށް ވަގުތުދެމުންނެވެ.
ދޮޅު ގަޑިއިރު ފާއިތުވެގެން ހިނގައްޖެއެވެ. ގޮނޑީގައި ނީނދެވިގެން ޔަޒްދާން ކޮޅަށް ތެދުވެ ދެކޮޅަށް ހިނގަން ފެށިއެވެ. މަންހަލް އޮތް ކޮޓަރީގެ ދޮރު ކައިރިއަށް ގޮސް ފަހަތަށް އެނބުރެވުނު ހިނދު، އެހިމަ ދިގު ގޯޅިގަނޑުގެ ކޮޅުން އެމީހުންނާ ދިމާއަށް އަންނަމުން ދިޔަ މީހާ އޭނާއަށް ފެނިއްޖެއެވެ. ގޮނޑީގައި އިން އައިޒިންވެސް ފުންމައިގެން ތެދުވިއެވެ. އައިޒިންއާއި ޔަޒްދާންގެ ނަޒަރު ބައްދަލުވުމާއެކު ބަސްބުނުމެއްނެތި އެދެމެދުގައި ވާހަކަތަކެއް ބަދަލު ކުރެވިގެން ދިޔައެވެ. ދެމީހުންގެ ލޮލުންވެސް އެކަކު އަނެކަކަށް ފޮނުވާލީ އިންޒާރުގެ މެސެޖްތަކެކެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.




Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Yazdhaan and manhal gulhuvachey
They both are made for each other
Kaaku baa e aa
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Heyonuvaane manhal ah gotheh nuhadhachey
Yazdhaan and aizin ah ves
Kithamme lahun kiyaalan libunas Shakuvaa eh neih
Safunaa haadha goahey
Shayoo and javidh gulhuvachey
Mi part kiyaafa rovijje
Love you ❤️😍
Thank you soooooo much Cutie girl! ☺️🤍
Vaahaka upload vaa hisaabun hama enme inthizaaru kurevey eh comment cutie girl ge comment aki..
Nice part as well 😁
It’s little late but good
Thihaa busy Kon ulhemunves vahaka update kuraathee thanks 👍
I love your story’s ❤️❤️❤️🥰
Thank you Ishaan for understanding me!
I appreciate your support! ☺️🤍
Alhugandu ge support Abadhuves libeyne insha Allah
That’s so kind of you! 🥺🤍
Next part please 🥺❤️
Thank you Ifna!
Next part on Wednesday, In Sha Allah!
v interesting ☺️