ގަނޑުވަރުގެ ސިއްރު 2
ތިރިބިމުގައި އުޅޭ މީހުންގެ މައުލޫމާތު ހޯދާނެ ގޮތަކާމެދު ވިސްނާލުމަށް ލިއާ ކޮޓަރީގައި މަޑުކޮއްލިޔެވެ. “މިރަށުގައި ޢިލްމަކީ ވަޒީރުގެ އަމިއްލަ މުދަލެއްގެ ގޮތުގައި ނުވިނަމަ މިމަސަތްކަތުގައި އަހަންނަށް އެހީވެދޭނޭ ބަޔަކު އަހަންނަށް ފެނުނީސް އެކަމަކު އަހަރުމެން މިތިބެނީ ވަޒީރުގެ ބާރުގެ ދަށުގައި ބަންދުވެފާ”. ނާއުންމީދުގެ ރާގަކަށް ލިއާ ހިތާހިތާ ބުނެލިއެވެ”. މަޑުމަޑުން މޭޒުގައި ބޯޖަހައިލަމުން ލިއާ ބުންޏެވެ. “އަހަރުމެންގެ ބާރު މިހިގަނީ ސުލްޠާނު، ވަޒީރު އަދި އޭނަޔަށް ވާގިވެރިވާ ސިފައިންނަށް ވުރެވެސް ކުޑަކޮށްް”.
ކަނާތް ފަރާތަށް އޭނާގެ މޫނު އަނބުރާލި އިރަށް އޭނާގެ ލޮލުގައި އަޅައިގަތީ ކޮޓަރީގައި ބެހެއްޓިފައިވާ ސަންގުމަރުމަރު ހިލައިގެ ފިލައެވެ. އޭގާވާއެއްޗެއް ކިޔައިލުމަށްޓަކައި ގޮނޑިންތެދުވެ އެފިލާ ހަރުކޮއްފައިވާ ފާރުގެ ކައިރީގައި މަޑުކޮއްލިއެވެ. އޭގައި ފާއިތުވި 700 އަހަރު ތެރޭގައި ލިއާގެ އާއިލާގެފަރާތުން ތާރީޚް ލިޔުމުގެ މަސައްކަތް ކޮއްފައިވާ މީހުންގެ ނަންތައް ރަށުގެއަސްލު އަކުރުން ކަނޑާ ނަގައިފައި ވެއެވެ. ކިތަންމެ ދުވަސްވީ ލިޔުމަކަށް ވީ ނަމަވެސް އޭގައި ލިޔެފައިވާ އެއްޗެއް ސާފުކޮށް ކިޔަން އެގެއެވެ. ފިލާގެ އެންމެ ތިރީގައި ވަނީ ލިއާގެ ބައްޕަ ހާރިޘްގެ ނަމެވެ. އޭނާވަނީ ލިއާގެ ވަރަށް ހަގު އުމުރުގައި ނިޔާވެފައެވެ. އެހެންކަމުން ދެން މި މަސައްކަތް ކުރަން ޖެހިފައި މިވަނީ އުމުރުން އެންމެ 17 އަހަރުގެ ލިއާ އަށެވެ. އެނަން ފެނުމާއެކު ލިއާގެ މޫނުމައްޗަށް ހިތާމައިގެ އަސަރު ވެރިވިއެވެ. އަދި އޭނާގެ ލޮލުން ކަރުނަ ފާއްދާލިޔެވެ. “ބައްޕަގެ ފަރާތުން ރަސްކަމުގެ އަމުރުވެރިކަން ނުލިބުނަސް ކާބަފައިންގެ ފަރާތުން ލިބިފައިމިވާ ޢިލްމު މަރުވިޔަކަ އަހަންނެއް ނުދޭނަން”. “އަހަންނަށް މިކަމުގައި އެހީވެދޭނެ މީހާގެ ގާތަށް ދާންވީވަގުތު އައިސް ޖެހިއްޖެ”. ލިޔެކިޔުންތައް ރައްކާކޮށްފައިވާ ކޮޓަރިން ނިކުމެ ރަށުގެ އާންމު ރައްޔިތުން އަޅާކަހަލަ އާދައިގެ ލިބާހެއް ލައިގެން ރަށުތެރަށް ވަރަށް ވެސް ސިއްރުން ނުކުތެވެ. ލިއާގެ ބައްޕައާއި ތިމާގެމީހެއް ކަމުގައިވާ އަސަދުގެ ގާތަށް ދިޔުމަށެވެ.
ފައިމަގުގައި ދިގުރާސްތާއެއް ކަޑައްތު ކުރުމަށްފަހު ސިފައިންގެ މީހުން ތަމްރީނުހަދާ މައިދާނާ އަރާހަމަވިއިރު ތަމްރީނުތައް ހެދުމުގައި ސިފައިން އަވަދިނެތި އުޅޭތަން ފެނުނެވެ. ބަރިބަރިއަށް ތިބެ އެމީހުންގެ އަތުގައިވާ ކަނޑިއެއްގެ ބައްޓަމަށް ލަކުޑިން ފަރުމާކޮށްފައިވާ ހަތިޔާރު ހިމަވާފަށެއް އަބުރާހާ އަހަވަށް އަތްއަތަށް ހޫރަމުންދިޔައެވެ. މާދުރުނޫން ހިސާބެއްގައި ފޮތިން ހަދާފައިވާ ހެދުމެއްގައި ހުރި ޒުވާންކުއްޖެއް ދަގަނޑު ދަހަނާއަކުން މޭމަތި ރައްކާކޮއްގެން ހުރި މީހަކާ ގޮންޖަހާ އޭނައާ ތެޅުމަށް ތައްޔާރުވި ތަން ފެނުނެވެ. އެ ޒުވާނާއަކީ ހަނގުރާމައިގެ ތަމްރީނުތައް ހަދަމުންގެންދާ ދަރިވަރެކެވެ. ދަރިވަރާ އެކު ތެޅުމަށް ތައްޔާރުވެގެން ހުރި ދެވަން ފުރައިގެ މީހާގެ ދަގަނޑު ދަހަނާގެމަތިން އޮޅާލެވިފައިވާ ފޮތިކޮޅުން އޭނާއަކީ އަރިސް ބޭކަލެއްކަން އެގެއެވެ. އެޒުވާނާ އަމާޒުކުރި ހަމަލާ އެއްއަތުން މަތަކުރުމަށް ފަހު މަޑުފަތެއް ބިމަށް ތިރިކޮއްލާ ފަދައިން އެޒުވާނާގެ މޫނުގައި ހިފާ ބިމަށް ތިރިކޮއްލިއެވެ. މިމަންޒަރުބަލަން ހުރި ލިއާ އަށް އެއީ އަސަދުކަން ޔަގީން ވިއެވެ.
އަސަދު ވައްކަޅިން ލިއާއާ ދިމާލަށް ބަލާލުމަށްފަހު އޭނާގެ ދަރިވަރުންނަށް ދިޔުމަށް އިޝާރާތް ކުރިއެވެ. އޭނާއަކީ އިސްކޮޅުން ދިގު ގައިގެކުލަ ދޮން މީހެކެވެ. އަދި އެއްފަރާތަށް ވާގޮތަށް ފުނާއަޅާފައި އޮންނަ ވިދުންގަދަ ގަދަ މުށިކުލައިގެ އިސްތަށިގަޑުން އޭނާގެ ހައިބަތު އިތުރުކޮށްދެއެވެ.
ދަރިވަރުން މައިދާނުން ފޭބުމުން ލިއާ އަސަދުގެ ގާތަށް ދިޔައެވެ. “ބޮޑުބޭބެގެ ބާރުގަދަކަން މިއަދު އަހަރެން ލޮލަށް ފެނި ޔަގީން ވެއްޖެ”. “ކޮއްކޮ ބޭނުންވަނީ ކޮންކަމެއްތަ؟” މަޑުމައިތިރި ކަމާއެކު އަސަދު ޖަވާބު ދިނެވެ. “ބައްޕަގެ މަސައްކަތާ ގުޅޭގޮތުން ބޮޑުބޭބެއަށް އިނގޭއެއްޗެއް އަހަންނަށް ބުނެދިނުން”.
މައިދާނާ ތަންކޮޅެއް ދުރުގައި ހުރި އުސްގަލެއްގެ މަތީގައި އިށީންނަމުން އަސަދު ބުންޏެވެ. “ހާރިޘަކީ ވަރަށް ހިތްހެޔޮ އޯގާތެރި މީހެއް. “އޭނާ އަމީރެއްގެ މަގާމުގައި ހުރިނަމަވެސް އޭނާގެ އެންމެގާތް ބަޔަކު ކަމުގައި މުއްސަދި ފުދުނތެރި މީހުންގެ ބަދަލުގައި ހެދީ ފަގީރު ނިކަމެތިން”. އަދި ޢިލްމަކީ ﷲގެފަރާތުން ލިބޭ އަމާނާތެއް ކަމަށާއި އެއަމާނާތް ހެޔޮގޮތުގައި އަދާކުރެވޭނީ އެޔާމެދުގައި ބޮޑާނުވެ އެހެންމީހުނަށް އުގަންނައިދީގެން ކަމަށް އަބަދުވެސް ބުނާނެ”. އަސަދުގެ މިވާހަކަ އަޑުއިވިފައި މިކަމާ މެދު ލިއާ އިތުރަށް އޮޅުން ފިލުވަން ޝައުގުވެރިވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
