”ކަލާޔާ ނުލާ ދިރުމެއް ނެތެވެ.” ފޮޓޯގެ ނުފުށުގައި ލިޔެފައިވާ ލިޔުންކޮޅު ފެނިފައި އަހަރެންނަށް ދެފަރާތަކަށް ބޯހޫރާލެވުނީ އާޝާލްގެ ޑްރާމާކަން ހިތަށްއަރާފައެވެ. މަޑުމަޑުން ފޮޓޯ ނެގިއިރު ފެނުނު މަންޒަރުން އަހަރެން ހުއްޓުން އެރިއެވެ. އިރުކޮޅެއްވަންދެން ފޮޓޯއަށް ބަލަހައްޓައިގެން ހުރެވުނީ މަންޒަރު ބަދަލުވާނެކަމުގެ އުންމީދުގައެވެ. އެއީ އެހެން ޒުވާނެއްގެ ފޮޓޯއެއް ނޫނެވެ. އަހަރެންގެ ހިތުގެވެރިޔާ ސައިފްގެ ފޮޓޯއެކެވެ. އަހަރެންގެ ހިތުގައި ނޭނގޭ ޝައްކުތަކެއް ހިނގާލީ ސަބަބެއްނެތިއެއްނޫނެވެ. ސައިފްގެ ފޮޓޯއެއް އާޝާލްގެ ޑައިރީ ތެރެއިން ފެންނަންވީ ކީއްވެހެއްޔެވެ؟ އެ ފޮޓޯއަކީ ސައިފް އަތުން އަހަރެން އަތުލައިގެން ގެންގުޅުނު ފޮޓޯގަނޑެކެވެ. މީގެ ދެތިން މަސް ކުރިން އެފޮޓޯގަނޑު އަހަރެން އަތުން ގެއްލުނުއިރު އާޝާލްގެ ކޮޓަރިން ފެނުންވީ އަހަރެންގެ ޝައްކުތަކަށް އިތުރުވި ބޮޅަކަށެވެ. ފޮޓޯގަނޑުގެ ތިރީގައި އިނގިރޭސިން ލިޔެފައިވާ ބަސްކޮޅު އަހަރެންގެ ލޮލުގައި އަޅައިގަތީ އިރުކޮޅެއްފަހުންނެވެ.
”އައި ލަވް ސައިފް އަ ލޮޓް” އާޝާލް” އެބަސްކޮޅުން އެކަނިވެސް އަހަރެންގެ ހިތަށް ޒަލްޒަލާއެއް ގެނައި ފަދައެވެ. ހިތަށް ތޫނު ތަދެއްވީއިރު ދެލޮލުން ކަރުނަ ފާއްދާލިއެވެ. އާޝާލްގެ ސިއްރު ނޭނގުނުނަމައޭ ހާސް ފަހަރު ހިތަށް އެރިއެވެ. ކޮއްކޮ ސައިފްދެކެ ވާލޯބި އިނގުމަށްފަހު ދެން އަހަންނަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ހާމަވެގެންދިޔަ ސިއްރުން އަހަރެންގެ ހިތަށް ޒަލްޒަލާއެއް ގެނެސްފިއެވެ. މީހުން ބުނަނީ ތެދެކެވެ. ބައެއް ސިއްރުތަށް އިނގުމަށްވުރެ ނޭނގުން މާ ރަނގަޅުވާނެއެވެ.
އަހަރެންގެ ހިތަކަށް ހަމަޖެހުމެއްނުލިބުނެވެ. ހާސްކަން މީހާ ވަށާލައިފައިވީއިރު ހަނދާނެގޮތެއް ނުވިސްނުނެވެ. އާޝާލް ސައިފްދެކެ ލޯބިވާކަން އަހަންނަށް ނޭނގޭކަމަށް ހަދާފައި ސައިފްއަށް ލޯބި ހުށަހަޅަންވީބާވައެވެ. ނޫނީ އާޝާލްއަށްޓަކައި އަހަރެންގެ ހިތުގެ އިޙުސާސްތަށް ސިއްރުކުރަންވީ ބާވައެވެ. ފިކުރުތަކުން އަހަރެންގެ ސިކުނޑި ހާސްވިއިރު ގޮތެއް ނުނިންމުނެވެ.
ދެތިން ދުވަސްފަހެވެ. އިރުއޮއްސެމުންދިޔައިރު އަހަރެން އިނީ އަނބުގަހުގައި އެލުވާފައި އިން ޖޯލިފަތީގައެވެ. ހިޔާލަކަށް ގެއްލިފައި އިންދާ ސިހޭގޮތްވީ މަންމަ ވާހަކަދެއްކި އަޑު އިވިފައެވެ. މަންމަގެ މޫނަށް އަހަރެންގެ ނަޒަރު ހުއްޓުނުއިރު އެ މޫނުމަތީގައިވި އުފާވެރިކަން ސިއްރެއްނުވިއެވެ.
“ދަރިފުޅާ.. ސައިފް ރަށުގައި ނޫޅެނީތަ؟ މިދުވަސްކޮޅު ނުފެންނާތީ…” މަންމަ އަހާލިއެވެ.
“އޮފީސްކަމަކު ކައިރި ރަށަކަށް ދިޔަތާ ދެ ދުވަސްވެއްޖެ…” އަހަރެން ޖަވާބުދިނީމެވެ. އަހަރެންގެ ސިކުނޑި އޮޅުންބޮޅުންވެ ހާސްވެފައިވީއިރު ސައިފް ނެތްކަމީ ނަސީބެކޭ ހިތަށްއެރިއެވެ. އަހަރެންގެ އިހުސާސްތަށް ދެނެގަތުމަކީ ސައިފްއަށް ނުހަނު ފަސޭހަކަމަކަށް ވީހިނދު ސައިފްގެ ސުވާލުތަކުން ސަލާމަތްނުވީހެވެ.
“މަންމަ އެބައޮތް އަޝްވާއާއި ވާހަކައެއް ދައްކަންވެފައި…” މަންމަ އެހެން ބުނުމުން އަހަރެން ކުޑަކޮށް ފިނިވާގޮތްވިއެވެ.
“ދަރިފުޅާ.. އާޝާލް ބޭނުމޯ ސައިފްއާއި ކައިވެނިކުރަން…” މަންމަގެ ޖުމްލައިން އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަހެންހީވިއެވެ. އަހަރެން އެންމެ ބިރުން ހުރި ކަންތައް ހަގީގަތަކަށްވީއެވެ.
“ދަރިފުޅު ސައިފްއާއި ގާތްކޮށް އުޅޭ ކުއްޖާ ސައިފްއާއި ވާހަކަދައްކާލަންވީނު… މަންމަ މިހިރީ ވަރަށް ހިތްހަމަޖެހިފައި…” އަހަރެން ޖެހި ބުދެއްހެން ހަރަކާތެއް ނެތިފައިއިންއިރު ދައްކާނެ އުޒުރެއްވެސް ހިތަކަށް ނައެވެ. މަންމަގެ މޫނުމަތިން ފެނުނު އުފާވެރިކަމުން ހިތް އެދުނަސް ދެކޮޅު ހަދާނެހިތްވަރެއް ނުލިބުނެވެ.
“ސައިފްއަކީ ކިހާ ރަނގަޅު ކުއްޖެއް… މަންމަ އަބަދުވެސް އުންމީދުކުރިން ކޮންމެވެސް އެއްކުއްޖެއްގެ ކައިވެނި ސައިފްއާ ކުރެވޭނެކަމަށް… މަންމަ ބޮޑަށް ހީކުރީ އެކުއްޖަކަށްވާނީ އަޝްވާކަމަށް…” މަންމަގެ ޖުމްލައިން އަހަރެންގެ ހިތުގައި ރިއްސާލިއެވެ. ޙުދު އެއީ އަހަރެންވެސް އުންމީދުކުރިގޮތެއެވެ. ފުރާވަރު އުމުރަށް އެރީއްސުރެ އަހަރެން ދުން ހުވަފެނަކީވެސް އެއީއެވެ. ލޮލަށް ކަރުނަތަށް ގިނަވަމުންދިޔައިރުވެސް އަހަރެން ނުރޮއެ ކެތްކުރެވޭތޯ ބެލީމެވެ. މަންމަގެ ވާހަކަތަކުގައި ބައިވެރިވެގެން އިންއިރު އަހަރެންގެ ހިތް ކުދިކުދިވިއެވެ. މަންމަމެންގެ ނަޒަރުގައި ސައިފްދެކެ ލޯބިވަނީ އާޝާލްއެވެ. ސައިފްދެކެ އެންމެ ފުރަތަމަ ލޯބިވީވެސް އާޝާލްއެވެ. އެންމެ ފުރަތަމަ ލޯބިވާކަން ފާޅުކުރާމިހަކީ އަބަދު އެންމެ ފުރަތަމަ ލޯބިވި މީހާ އަކަށް ނުވާނެއެވެ. ހިތުގައި ލޯބި ރައްކާކޮށްގެން އެތަށް ބަޔަކު އުޅެއެވެ. އަހަރެންވެސް ލޯބި ރައްކާކުރީ ހިތުގައެވެ. އެންމެ ޅައިރުންސުރެ އިހުސާސްތަށް ރައްކާކުރީ ހިތުގައެވެ.
އަހަރެން ހިތާމައިގެ ކަނޑަކަށް ގެނބެމުންދިޔައިރު އާޝާލް އުފާވެރިކަން ކުޑައެއްނޫނެވެ. އެ މޫނުމަތިން އުފާވެރިކަން ނޫން އެއްޗެއް ނުފެނެއެވެ. ކޮއްކޮގެ އުފާވެރިކަމުން އަހަންނަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. އަމިއްލަ އުފާތައް ދޫވެފައިވާއިރު ލިބޭނީ ކޮން ހިތްހަމަ ޖެހުމެއް ހެއްޔެވެ؟ އަމިއްލަ ހިތަށް އޮޅުވައިލައިގެން އުޅުމަކީ ހާދަ އުނދަގޫކަމެކެވެ. އަމިއްލަ ހިތް ކަތިލުމަކީ ހާދަ ވޭންއަޅާކަމެކެވެ. އެހެން މީހުންނަށް އޮޅުވައިލެވިދާނެއެވެ. އެކަމަކު އަމިއްލަ ނަފްސަށް އޮޅުވާލެވޭނެ ހެއްޔެވެ؟
މެންދުރުގެ ދިލައަވިން ދުނިޔެ ފިއްސަމުންދިޔަ ވަގުތެވެ. ހޮސްޕިޓަލްގެ ޑިއުޓީ ނިންމާލުމަށްފަހު ގެއާއި ދިމާލަށް އަހަރެން ހިނގަމުން އައީ ބޮޑުމަގުންނެވެ. އިރުގެ ހޫނު އަވިން ސަލާމަތްވުމުގެ ފިކުރެއްވެސް ނެތި މަޑުމަޑުން އަހަރެން ނަގަމުން އައި ފިޔަވަޅުތަށް ހަލުވިކޮށްލީ އަހަރެންގެ ފަހަތުން ސައިކަލުގައި އަންނަމުން ސައިފް ގޮވާލި އަޑުއިވިފައެވެ.
“އަޝްވާ.. އޭތް… ގޮވީމަ މަޑުވެސްނުކޮށް ތިދަނީޔޯ…” ސައިފް ބާރު ދުވެލީގައި އައިސް އަހަންނާއި ހަމަކޮށް ސައިކަލް ހުއްޓާލިއެވެ. ނޫކުލައިގެ ގަމިހަކާއި ކަޅުކުލައިގެ އޮފީސް ފަޓްލޫނުގައި ސައިފް ފެންނަލެއް ފުރިހަމަކަމުން ހިނދުކޮޅަށް އަހަރެންގެ ހިތް ދޫވެގެންދިޔަ ހެންހީވިއެވެ. ދެވަނަ ސިކުންތުގައި އާޝާލް މަތިން ހަނދާންވުމުން އަހަރެން ދުރު ބަލަންފެށީމެވެ.
“މާ ވަރުބަލިވެފަ ހުރީމަ…” އަހަރެން ބެލީ ސައިފްގެ މޫނަށް ނުބަލާވޭތޯއެވެ. އަހަރެންގެ ދެލޮލުން ސައިފްގެ މައްޗަށްވާ ލޯބި ސައިފްއަށް ފެންނާކަށް އަހަންނެއް ނޭދެއެވެ.
“މިރޭ ފްރީތަ؟” ސައިފްގެ އަޑުގައިވަނީ ޖެހިލުންވުމުގެ އަސަރެވެ. ވާހަކަދައްކަމުންދިޔައިރު ސައިފްގެ ނަޒަރު އެންމެ ފަހަރަކުވެސް އަހަރެންގެ މޫނަކުން ނުނެއްޓެއެވެ.
“ހޫމް…” އަހަރެން އިސްޖަހައިލައިގެން ހުރެ ޖަވާބުދިނީމެވެ.
“މިރޭ އަށަކަށް ބީޗްއަށް އަންނައްޗޭ އިނގޭ…” ސައިފް ބުނެލުމުން އަހަރެން ހަމައެކަނި ބޯޖަހާލިކަމެވެ.
“ކިހިނެތްވެފައި ތިހިރީ… ބިންމަތީގައި އެއްޗެއް ލިޔެފައިއޮތީތަ؟” ސައިފް އަހަރެންގެ މޫނުމަތީ އަތްހޫރާލިއެވެ.
“އެހެންނޫނީ ޖެރީ ހުންނާނީ އަހަރެން ނުފެނިފައި ޒުވާބެއްފަށާލަން… އަރާ ގެއަށް ގެންގޮސްދޭނަން…” ސައިފް އެދުމުން އަހަރެން ބޯހޫރާލީމެވެ. އެވަގުތަކީ އަހަންނަށް ގޮވަމުން ހިންދު އައިސް އަހަރެމެންނާއި އަރާ ހަމަކުރިވަގުތެވެ.
“ސައިފް ދޭ… އަހަރެން ދާނަން ހިންދުއާއި އެކީ…” އަހަރެން ސައިފް ފޮނުވާލަންވެގެން އަވަހަށް ބުނީމެވެ.
“ސައިފް އަޝްވާ ފަހަތުން މުގޯލި އަޅާ ދުވަހެއްތަ؟” ހިންދު ހިނިއައިސްފައިހުރެ ސައިފްއާއި ދިމާކޮށްލިއެވެ.
“މިއުޅެނީ އަޝްވާ އާބަސްބުނޭތޯއެއްނު…” ސައިފް ލާނެތްގޮތަކަށް ބުނެލިއެވެ.
“މިހާރު އަޝްވާ ކާކާ ދެވަންވީޔޯ…” ހިންދު ސައިފްގެ ސަކަރާތުގައި ބައިވެރިވިއެވެ.
“އިބްރާހީމްބެޔާ ކިހިނެތްވާނީ.. އެއީއެއްނު މިރަށުން އެންމެ ފަހުން ހުވަފަތްވި މީހަކީ… ހިންދު ބޭނުމިއްޔާ ހަމަ ރެޑީގައި އިނގޭ ހުރީ…” ސައިފް އެއްލޯ މަރާލަމުން ލާނެތްގޮތަކުން ބުނެލުމުން ހިންދު ސައިފްގެ ކޮނޑުގައި ބޮޑިއެއް އަޅާލިއެވެ. އަހަރެން ހުރީ ހިމޭންވެފައެވެ. މީގެކުރިން ސައިފްގެ ސަމާސާތަކަށް އެންމެ ބޮޑަށް ހީހަދާ އެކަކީ އަހަންނެވެ.
“ދުވަހަކު ރަނގަޅުނުވާނެ.. ދާންއުޅޭ.. އެހެންނޫނަސް ފިރިހެނުން ހުވަފަތްނުވާނެ އިނގޭ…” ހިންދު ސައިފްގެ ބުރަކަށީގައި އަތްއަޅާ ކޮއްޕާލިއެވެ.
“އަޝްވާ… ހަނދާންކޮށް އަންނާތި އިނގޭ…” ސައިފް ސައިކަލް ދުއްވާލަމުން ބާރަށް ގޮވާލިއެވެ. ސައިފް ސައިކަލްގައި ގޮސް އޮބާލިއިރުވެސް އަހަންނަށް ބަލަހައްޓައިގެން ހުރެވުނެވެ.
“ސާބަސް… ހަމަގެއްލި ހުސްވެފައި…” އަހަރެން ސިހުނީ ހިންދު ފަހަތުން ކޮނޑުގައި އަތްބާއްވާލުމުންނެވެ. ލޮލުން އޮހުމަށް ތައްޔާރުވަމުންދިޔަ ކަރުނަތަށް ފޮހެލަމުން އަހަރެން ހަމަޖެހިލީމެވެ.
“ދެމީހުން ގަޑި ކިޔައިގެންތަ ތިއުޅެނީ؟” ހިންދު އަހާލުމުން އަހަރެން ބޯޖަހާލީމެވެ.
“އަޝްވާ އަހަރެންނަށް ހީވާ އެއްޗެއް ބުނަންތަ… މަށަށް ހީވަނީ ސައިފް އަޝްވާއަށް ޕްރޮޕޯސްކުރަން އުޅޭހެން… މިއަދު ވަރަށް ރީތި ރެޑް ރޯސްތަކެއް ހިފައިގެން އެރުނީ އަހަރެން ކުރިމައްޗަށް… އަހަރެން އެހީމަ ބުނީ މިރޭ ވަރަށް ހާއްސަ ކަމަކުއޭ… އަދި ބުނި އަޝްވާ ގާތު ނުބުނާށޭވެސް… އަހަރެންގެ އަނގަ ގަދަކަމުން ހަމަ ކެތްނުވީ…” ހިންދުގެ ވާހަކަތަކުން އަހަންނަށް މާބޮޑު އުފަލެއް އިހުސާސެއްނުވިއެވެ. ސައިފް އަހަންނަށް ލޯބި ހުށަހަޅާނެ ވަގުތަކަށް އަހަރެން ވަރަށް އިންތިޒާރުކުރީމެވެ. ހާއްސަގޮތަކަށް ނޫނަސް ހަމައެކަނި ސައިފްގެ ދުލުން އެލަފްޒު ބުނެލާނެކަމަށް އަހަރެން ހާދަ ދުވަހެއް އިންތިޒާރުގައި ގުނީމެވެ. ނަމަވެސް މިހާރު ހާލަތު ބަދަލުވެއްޖެއެވެ. މިއަދު އެ ލަފްޒުތަކުންވެސް އަހަރެންގެ ހިތަށް ލިބޭނީ އިތުރު ވޭނެކެވެ. ސައިފްގެ ލޯބި ގަބޫލުކުރުމުގެ ހިތްވަރެއް މިއަދު އަހަރެންގެ ކިބަޔަކު ނެތެވެ. ކިތަންމެ ލޯބިވިޔަސް މިއަދު އަހަންނަށް މިވަނީ ސައިފްގެ ލޯތްބާއި ވަކިވުމަށް މަޖުބޫރުވެފައެވެ.
ގެއަށް އައިސް ވަތްއިރު އާޝާލް އުޅެނީ ރެކްގައި ހުރި ފޮޓޯ ފްރޭމްތަކާއި މާވާސްތައް ތަރުތީބުކުރުމުގައެވެ. އާދައިގެ މަތިން އޭނަ ހުރީ ލޯބީގެ ލަވައެއް އަޅުވައިލައިގެންނެވެ. އަހަރެން ގެއަށް ވަނުމާއިއެކު އަހަންނަށް ބަލާލިއެވެ. އަހަރެން އައިސް ސޯފާގައި އިށީދެ ފައިލްތަށް މޭޒުމަތީ ބަހައްޓުމަށްފަހު އޭސީ ޖައްސާލީމެވެ.
“މިއަދު ހާދަ އަވަހަކަށް ސްކޫލުން އައި ދުވަހެއް…” އަހަރެން ގަނޑިއަށް ބަލާލަމުން އާޝާލްއާއި ސުވާލު ކޮށްލީމެވެ. އާޝާލްއަކީ ސުކޫލްގެ ސީނިއަރ ގްރޭޑްތަކުގެ ސްޕަވައިޒަރެވެ. ދެމީހުން އެކީގައި މާލެއިން ކިޔެވި ނަމަވެސް ކުރިއަށް ދިޔުމަށް ހިޔާރުކުރީ ދެ ދާއިރާއިންނެވެ. އާޝާލް ކިޔަވައިގެން ސާނަވީއަށް ކިޔަވައިދޭ ޓީޗަރަކަށްވީއިރު އަހަރެންވީ ނަރުހަކަށެވެ. އަހަރެން ވަޒީފާ އަދާކުރަނީ ރަށު ހޮސްޕިޓަލުގައެވެ.
“އާޝާލް… ސައިފް ބުނީ މިރޭ އެއިޓްއަށް ބީޗްއަށް ދައްޗޯ… މީޓްކުރަން ބޭނުމޯ…” އަހަރެން ބުނުމާއި އެކު އާޝާލްގެ ތުންފަތަށް ވެރިވި ހިނިތުންވުން އަހަންނަކަށް ސިއްރެއްނުވިއެވެ. އަހަންނަށް އާޝާލްއަށް ބަލަހައްޓައިގެން އިނދެވުނީ އަމިއްލަ ނަފްސު ކުށްވެރި ކުރާ ހާލުގައެވެ. މިކުރެވެނީ ކިހާ ވަރެއްގެ ކަމެއްގެ ކަމެއްކަން އަހަންނަށް އިނގެއެވެ. މިރޭ ކަންތައް ވެގެންދާނެގޮތްވެސް އަހަންނަށް އިނގެއެވެ. އާޝާލްއާއި ސައިފް ގުޅުވަން އަހަރެން ނިންމި ނިންމުމަކީ އަމިއްލަ ހިތުގައި އަތްއަޅާފައި އަހަރެން ނިންމި ނިންމުމެކެވެ. ގައިމުވެސް އަހަންނަށް ޔަގީންވާކަމެއް އެބައޮތެވެ. އާޝާލް ލޯބިވާކަން ހާމަކޮށްފިނަމަ ސައިފް ފާޅުގައި ދެކޮޅެއް ނުހަދާނެއެވެ. ސައިފް އެހާ ހިތްހަރެއްނުވާނެއެވެ.
ދުވަސްތަށް ފާއިތުވެގެންދިޔައީ އަހަރެންގެ ހިތަށް މާޔޫސްކަން ގެނެސްދެމުންނެވެ. މަސްނޫއީ ހިނިތުންވުމަކާއި އެކު އަހަރެން އާޝާލްގެ އުފަލުގައި ބައިވެރިވިޔަސް އަހަރެންގެ ހިތް އޮންނަނީ ރޮއެރޮއެއެވެ. މަންމަމެން ކުރިމަތީ އުފާވެރިކަމުގެ މާސްކެއް އަޅައިގެން އުޅުނަސް ކޮޓަރީގެ ހަތަރުފާރުތެރޭ އެކަނިވުމާއިއެކީ ކަރުނައިގެ ކޯރަކަށް އަހަރެން ގެނބިގެންދެއެވެ. ރޭގަނޑުގެ އެތަށް ދަމެއް ނުނިދާ ހިތާމަކުރުމުގައި އަހަރެން ހޭދަ ކުރަމެވެ. އަމިއްލަ ތަގްދީރާއިމެދު ސަކުވާކުރެވުނީ ކިހާވަރަކަށް ކަމެއް ވެސް ނޭނގެއެވެ. އާޝާލްއަށް ވުރެ ކުރިން ލޯބި ފާޅުކުރެވުނުނަމައޭ އަހަރެންގެ ހިތަށް އެތަށްފަހަރަކު އެރިއެވެ. ނަމަވެސް ހިނގާފައިވާކަމެއް ބަދަލުކުރެވޭނެގޮތެއް ނޯންނާނެއެވެ. މީހުން ބުނަނީ ހާދަ ބޮޑު ތެދެކެވެ. އަމިއްލަ ހިތް ކަތިލީމަ ފަހުން އަޅާވޭންމާބޮޑުވާނެއެވެ. ހިތެއްގައި ލޯބި އުފެދިއްޖެ ނަމަ ނައްތާލުންވާނީ އުނދަގޫކަމަކަށެވެ. ހިތުގައި އަޅާ ވޭނުން ކެތްނުވެގެން އަހަރެން އެތަށް ރެއަކު ނިދިންމަހުރޫމްވިއެވެ. ހިތުގައި އުފެދޭ ރިހުމުން ލޮލުން އޮހޮނު ކަރުނަތަކުން އަހަރެން ބޯއަޅާ ބާލީސް ތެމިފޯވިއެވެ. ކަރުނައިގެ އަގުވަޒަން ބާލީހަކަށް ނުކުރެވޭނެއެވެ. އެހެންނޫންނަމަ އެ ބާލީސްވެސް އެތަށްކަމަކަށް ހެކިވީހެވެ.
އެރެއަށްފަހު ސައިފްގެ މޫނުމަތިން އުފާވެރިކަމެއް އަހަންނަކަށް ނުފެނެއެވެ. އަހަންނަށް އިނގެއެވެ. ސައިފް އިންތިޒާރުކުރާނީ އާޝާލް އަކަށް ނޫނެވެ. އަހަންނަށެވެ. ސައިފް ލޯބިވަނީވެސް އަހަރެންދެކެއެވެ. އަހަރެން ސައިފްއާއި ދުރުވާންކުރާ މަސައްކަތުން ހުރިހާ ވޭނެއް ލިބޭނީވެސް ސައިފްގެ ހިތަށެވެ. ކިތަންމެ ވަރަކަށް ވެސް ސައިފް އަހަންނާއި ވާހަކަދައްކަން މަސައްކަތް ކުރިއެވެ. އެހުރިހާ ވަގުތަކުވެސް ސައިފްއަށް ފުރަގަސް ދިނީ އަހަންނެވެ. މަޑުމަޑުން އަހަރެން ސައިފްއާއި ދުރުވާން ފެށީމެވެ. އެކުގައި ވަގުތު ހޭދަ ކުރުން ހުއްޓާލީމެވެ. އަހަރެމެން ދެމީހުން އެކަނިވާވަގުތުތަކުގައި ބަހަނާއެއް ދައްކާފައި އަހަރެން ފިލަމެވެ. ސައިފް ވާހަކަ ދެއްކިޔަސް އަހަރެން ހިމޭންކަން ހިޔާރުކުރަންފެށީމެވެ. އަހަރެން އުންމީދުކޮށްގެން ހުރީ ސައިފް ފޫހިވާން ފަށާނެކަމަށެވެ. އެކަމަކު އެހެނެއް ނުވިއެވެ. ހިތުގައި އުފެދިފައިވާ ލޯބި މަރުވެދާނެހެއްޔެވެ؟
އަހަރެން ދުރުވާންކުރާ މަސައްކަތުން ސައިފްގެ ހިތަށް ލިބޭ އަނިޔާ އަހަންނަށް އިނގެއެވެ. ސައިފްގެ ދެލޮލުން ކުރިން ފެންނަ އުފާވެރިކަމުގެ ބަދަލުގައި ވޭނީ އަސަރުތަށް ފެނުމުގެ ސަބަބަކީވެސް އެއީއެވެ. ކުށްވެރިއަކީ އަހަންނެވެ. ސައިފްގެ ހިތަށް އަނިޔާދެނީ ވެސް އަހަންނެވެ. އެކަމުން އަހަރެން ހިތަށް ކުރާ އަސަރު ބަޔާންކޮށްނުދެވޭނެއެވެ. ސައިފްއާއި ދުރުވާން މަސައްކަތްކުރާއިރު މިހިތުގައިވެސް ހާދަ ވޭން އަޅައެވެ. ސައިފްގެ މާޔޫސްކަން ފެނި ހިތަށް ހާދަ ތަދުވެއެވެ. ސައިފްގެ ހިތަށް އަނިޔާދޭއިރު އަމިއްލަ ހިތަށް ކެތްނުކުރެވިގެން ރުއީ ކިތަށް ރޭކަމެއްވެސް ނޭނގެއެވެ.
ސައިފްގެ އާއިލާއާއި އަދި އަހަރެންގެ އާއިލާއާއި ދެމެދު ސައިފްއާއި އާޝާލްގެ ހާޒިރުގައި ކައިވެނީގެ ވާހަކަދެކެވުނީވެސް އެ ހަފްތާ ތެރޭގައެވެ. އަހަރެންވެސް މަންމަމެންނާއިއެކު އެވާހަކަތަކުގައި ބައިވެރިވިއިރު ހިތްރޮމުންދިޔައެވެ. ކައިވެނީގެ ވާހަކަ ދެކެވެންފުށުމާއި އެކު ސައިފްގެ މޫނަށް ވެރިވި ހިނިތުންވުން އާޝާލްގެ ނަން އައުމާއިއެކު ފަނޑުވިތަން އަހަރެން ދުށީމެވެ. ސައިފް އުންމީދުކުރާނީ އަދި އުންމީދުކޮށްގެން ހުންނާނީވެސް ދެއާއިލާ މެދުގައި ރޭވޭ ކައިވެންޏަކީ އަހަންނާއި ސައިފްގެ ކައިވެނިކަމަށްވާނެކަމަށެވެ.
ކައިވެނީގެ ވާހަކަތަށް ނިމި އަހަންނާއި އާޝާލް ސައިފްއާއިއެކީ އެކަނިވުމާއިއެކު އަހަރެން ވަރަކަށް ސައިފް އާއި ދިމާކުރީމެވެ. ޅިޔަނޭ ކިޔާފައި އަހަރެން ސައިފްއާއި ދިމާކުރިއިރު ސައިފްގެ ހިތް އޮތްގޮތް އަހަންނަށް ހަމަ ރަނގަޅަށްވެސް އިނގެއެވެ. ސައިފް އަހަރެން ބޭނުންވަނީ ފަހަރިއެއްގެ ގޮތުގައެއްނޫނެވެ. އަދި އަހަރެން ވެސް ސައިފް ބޭނުންވަނީ ޅިޔަނެއްގެ ގޮތުގައެއްނޫނެވެ.
އަހަރެންގެ ދިމާކުރުންތަކަށް ރައްދުނުދީ ސައިފް މަޑުންހުރިއިރު އެލޮލުގައިވީ އެންމެމެސެޖެކެވެ. “އަހަރެންގެ ހިތް އޮތްގޮތެއް އަޝްވާ އަށް ނޭނގެނީހޭ” އެތަށް ފަހަރަކު ސައިފްގެ ދެލޮލުން އަހަންނާއި އެ ސުވާލުކުރިއެވެ.
ރޭގަނޑު އަށެއްޖެހިފަހުން އަހަރެން ގެއަށް އައިސްވަނީ ފިހާރައިން އެއްޗެހިތަކެއް ގަނެގެންއެވެ. ގޯތިތެރެއަށް ވަދެގެން ގޮސް އަނބު ގަހާއި އަރާހަމަވިތަނާ މީހަކު އަހަރެންގެ ދެ އަތުގައި ހިފާ ގެންގޮސް ދެގެ ވަކިކޮށްފައިވާ ފާރުގައި ލައްކޮށްލިއެވެ.
“ސައިފް…” ތަނަށްވެރިވެފައިވާ ފަނޑުއަލީގައި ސައިފްގެ މޫނުފެނި އަހަންނަށް ބުނެވުނެވެ. އެ މޫނުމަތިން ފެނުނީ ތަފާތު އަސަރުތަކެކެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.

Hii all, hope you will like this part. Leave some feedback and keeping guessing what will happen on the upcoming parts.