ވާރޭގެ އެތަށް ހާސްތިކިތަށް ފުރާޅަށް އަމާޒުވުމާއިއެކީ އިވިގެންދިޔަ އަޑުން ނިދިން ހޭލައްވާލިއެވެ. ފުރާޅުގައި ވައި އަޅުވާއަޑު އެއްއަޑަކަށް ހިފާލައިފައި ހުރިއިރު ގަސްތަކުގެ އޮފިތަށް ފުރާޅުގައި ކޭއްތިގަންނަ އަޑުއިވެނީ ނާމާންކޮށެވެ. ކަންނެތްވެފައިވާ ހަށިގަނޑު އެނދުން ހިއްލާލުމަށްފަހު މަޑު ފިޔަވަޅުތަކެއްގައި އަހަރެން އައިސް ހުއްޓިލީ ފިނި ހިފާފައިވާ ކުޑަދޮރުކައިރީގައެވެ. ހެނދުނު އަށެއްޖަހާ ބޮޑުވިނަމަވެސް ވިއްސާރައިގެ ސަބަބުން ދުނިޔެމައްޗަށް ވެރިވެފައިވަނީ އަނދިރިކަމެވެ. އަޅި ވިލާތަކުން އުޑުމަތި ބަނަކުރަމުންދިޔައިރު މިއިން އިރަކު ވާރޭ ހުއްޓާލާނެހެނެއް ހިޔެއްނުވެއެވެ.
ނުވައެއް ޖަހަން ގާތްވެފައިހުރުމާއިއެކު އިތުރަށް ނިދުމުގެ ހިޔާލު ދޫކޮށްލީމެވެ. ހޫނު ފެނުން ކުޑަކޮށް ތާޒާވެލައިގެން ނިކުތްއިރު ކުރިއަށްވުރެ ވާރޭ ބޯކޮށްލައިފިއެވެ. ބޯ ސްވެޓަރ ފޮތީގެ ޓީޝާޓަކާއި ޖިންސެއް ލައިގެން ތައްޔާރުވެލައިގެން ތިރިއަށް ފޭބިއިރު ބޮޑު ސިޓިންރޫމްއަށް ވެރިވެފައިވަނީ ފަޅުކަމެވެ. ވިއްސާރަ ދުވަހެއްކަމުން ފަތިސްނަމާދަށްފަހު މަންމަމެން އަދި ނުހޭލަނީކަންނޭނގެއެވެ. ފުޅާކުޑަދޮރުތަކުން ވާރޭ ވެހޭ މަންޒަރަށް ގެއްލިފައި އިރުކޮޅަކަށް ހުރުމަށްފަހު އަހަރެން ގޮސްވަނީ ކާބަޔަށެވެ. ހަށިގަނޑަށްވަމުންދިޔަ ފިނީގެ ސަބަބުން ހޫނުބުއިމަކަށް ބޭނުންވަމުންދިޔައީ އިންތިހާއަށެވެ. އަހަރެންނަށް އެންމެ މީރު ޔޭޔޭ ކޮފީ ތައްޔާރުކޮށްލުމަށްފަހު ގޯތިތެރެއަށް ހުޅުވާލެވޭ ފުޅާ ކުޑަދޮރުމަތީ އިށީދެ ހަމަޖެހިލީމެވެ. ގޯތިތެރޭ މަންމަ ހައްދާފައިވާ ގަސްތައް ވާރެޔާ ތެމެމުންދިޔައިރު އެމަންޒަރު ކިތަންމެހާވެސް ރީއްޗެވެ. ދޮރާއްޓާއި ދިމާލުގައި ހައްދާފައިވާ އަނބުގަހާއި ބަގީޗާ ގަސްތައް ފެނުމުން ކުޑައިރުގެ އުފާވެރި ހަނދާންތައް އާވެ އެކަނި އިން އިރުވެސް ހިނިތުންވެވުނެވެ. ވާރޭވެހޭ ކޮންމެ ދުވަހަކު އެ ހަނދާންތައް އާވުމުން ހިތަށް އިޙުސާސް ކުރެވެނީ ނޭނގޭފަދަ ފޮނިކަމެކެވެ. ވެހެމުންދިޔަ ވާރޭއަށް ނަޒަރު ހުއްޓާލައިގެން ހިޔާލަކަށް ގެއްލިފައި އިންދާ ބުރަކަށީ ގައި އަތްއަޅާ ކޮންމެވެސް މީހަކު އަހަރެން ވާރޭތެރެއަށް ކޮއްޕާލައިފިއެވެ. އަތުގައި އޮތް ކޮފީ ޖޯޑުދޫވެ، ވެހެމުންދިޔަ ބޯވާރޭއިން އަހަރެން ތެމިފޯވީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. ދެބުމަގޮށްޖަހާލުމަށްފަހު ފަސް އެނބުރިބަލާލިއިރު ކާކޮޓަރީގެ ކުޑަދޮރުގެ ދޮރުކަނީގައި އަތްވިއްދާލައިގެން ހުރި ސައިފް ފެނުމުން އަހަރެންގެ ތުންފަތަށް ހިނިތުންވުމެއްވެރިވެގެންދިޔައީ އަމިއްލަ އިހްތިޔާރުން ބޭރުގައެވެ.
“ސައިފްގަނޑު… މަށަށް ޖެއްސުމެއް ކޮށްނުލާ ނިދަން ނޯވެވުނީތަ؟” އަހަރެން ހިތްހަމަނުޖެހިފައިވާގޮތަކަށް ބުނީމެވެ.
“ވާރޭވެހޭތީ އަޝްވާ ހަނދާންވާވަރުން ނޯވެވުނީ ހަމަ… ހާދަވަރަކަށޭ އަޝްވާ ކައްކަނީ…” ސައިފް ބުނެލީ ލާނެތްގޮތަކަށެވެ.
“ކޯއްޗެއް؟” ސައިފް ރަނގަޅު އެއްޗެކޭ ނުބުނާނެކަން އިނގިހުރެވެސް އަހަރެން އެހީމެވެ.
“ހިޔާލީފޮލާ.. ކައްކަން ނޭނގުނަސް ހިޔާލީފޮލާ ވަރަށް މޮޅަށް ކައްކަމެއްނު…” ސައިފް މޫނަށް ވައްތަރެއް ޖައްސާލައިފައި ބުނެލިގޮތުން އަހަންނަށް ހެވުނެވެ. ކުޑަކޮށް ބުމަގޮށްޖަހާލެވުނީ އަހަންނަށް ކައްކާކަށް ނޭނގެއޭ ސައިފް ބުނުމުންނެވެ.
“ހެވެއްނު… އަދި ބުނެފިޔޭ ކައްކާކަށް ނޭނގެޔޭ.. އަހަރެން ކައްކާތެލީގެ ފޫކަހައިގެން ކަނީ މަށަށް ކައްކަން ނޭނގޭތީ ދޯ…” އަހަރެން ސައިފްއާއި ދިމާކޮށްލީމެވެ. ގޭގައި އަހަރެން ކައްކާ އެއްޗެހި އެންމެ ގިނައިން ކާ އެކަކަށް ސައިފްވާނެއެވެ.
“ދެން އެއްޗެއް ނެތްތާކަށް އަޝްވާ ކައްކާ އެއްޗެހިވެސް ރަނގަޅޭ…” ސައިފްގެ އަނގައިން ދަށްނުވާނެކަން އޭރުވެސް އަހަންނަށް އިނގުނެވެ.
“ދޮރާށި ތަޅުލާފައި ހުރީމަ ފާރުމަތިން އަރައިގެން އައިސްދޯ ތިއުޅެނީ…” އަހަރެން ދެފަރާތަށް ބޯހޫރާލީމެވެ. ސައިފްމެންގެ ގެޔާއި އަހަރެމެންގެ ގެ ޖެހިޖެހިގެން ހުންނައިރު ދެގޯތި ވަކިކޮށްފާވަނީ ކުޑަ އިންފާރަކުންނެވެ. އާންމު ގޮތެއްގައި ސައިފް އަހަރެމެން ގެއަށް ވަންނާނީ ފާރުމަތިން އަރައިގެންނެވެ. އަހަރެންވެސް ބައެއް ފަހަރު ފާރުމަތިން ސައިއްތަމެންގެއަށް ވަދެ ހަދަމެވެ. ބައެއް ރޭރޭ ރޭގަނޑު ވަރަށް ދަންވަންދެން ފާރުމަތީ އަހަންނާއި ސައިފް ވާހަކަދައްކަންވެސް ތިބެމެވެ.
“އަހަރެން ވަދެދާނެއަތީ އަޝްވާ ދޮރު ތަޅުލާފަހުރީމަ އަރާނީ ފާރުމަތިންނެއްނު…” ސައިފް ހިނިތުންވެލުމުން އެތަށް އިރަކު ސައިފްގެ މޫނަށް ގެއްލިފައި އަހަންނަށް ހުރެވުނެވެ.
“މީހުން ގޭގެއަށް ވަންނަނީ ދޮރުންއިނގޭ… ފާރުމަތިން އަރާނީ ވަގުން…” އަހަރެން ހީނގަތުމުން ސައިފް އިރުކޮޅެއްވަންދެން އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުރިކަން ފާހަގަކުރެވި ކުޑަކޮށް ހިތް އަވަސްވާ ގޮތްވިއެވެ. ވާރެއާ ހިޔާވާންވެގެން އަހަރެން ކުޑަދޮރުކައިރީގައި ހުރިއިރު ދެމީހުންގެ މެދުގައިވަނީ ދާދިކުޑަ ދުރުމިނެކެވެ.
“ސުދާއްތަ ކައިރީ ބުނާނަން އަޝްވާ އަހަންނައި ދިމާލަށް ވަގަށް ގޮވާ ވާހަކަ…” ސައިފް މޫނަށް ގޮތެއް ހަދާލިއެވެ.
“ފާރުމަތިން ވަގަށް ގޭގެއަށް ވަންނަ މީހުންނަށް ކިޔަނީ ވަގުން ނޫނީ ކީކޭބާ؟” އަހަރެންވެސް ސައިފްއަށް ދޫކުރާކަށް ބޭނުމެއްނޫނެވެ. އަހަރެމެން ދެމީހުން އެއްތަންވެއްޖެއްޔާ ކޮންމެވެސް ކަމަކާއި އަރާރުންވުން ނޫންކަމެއް ނޯންނާނެއެވެ.
“ހާދަ ބޯކޮށޭ ދޯ ވާރޭވެހެނީ… ޖެރީއާއިއެކީ ވާރޭ ތެމޭހިތުން މިއައީވެސް… އަޝްވާ ތެމޭނަންތަ؟” އަހަރެން ލޯއަޅާލީ ސައިފް ޖެރީއޭ ބުނުމުންނެވެ. ޖެރީއަކީ ކުޑައިރު އަހަރެން ހުންނަލެއް ކުޑަވެފައި ފަލަކަމުން ސައިފް އަހަންނަށް ކީ ނަމެކެވެ
“ތެއްމާލައިފައި އަދި އެބައަހައެއްނު…” އަހަރެން ހިތްހަމަނުޖެހޭގޮތް ދައްކަމުން ތުން އަނބުރާލީމެވެ. ކުޑަދޮރުން ފުންމައިލައިގެން އައިސް ސައިފް ހުއްޓުނީ އަހަންނާއި ދާދިގާތުގައެވެ. ދެމީހުންއެކީ މިސްރާބުޖެހީ ކުޑައިރުވެސް އަހަރެމެން ވާރެއާ ތެމިގެން ގޮސް ތިބޭ އަނބުގަސްދޮށަށެވެ. އަހަންނާއި ސައިފްގެ ގިނަ ވަގުތުތަށް ހޭދަކޮށްފައިވާ އަދި ހުރިހާ ހަނދާނެއްވާ ތަނަކީވެސް އެއީއޭ ބުނުމަކުން އެއީ ދޮގަކަށްނުވާނެއެވެ. ކުރީގެ ހަނދާންތަށް އާކުރަން އަހަރެން ވަރަށް ގިނައިން އެ އަނބުގަސްދޮށުގައި އިންނަމެވެ. އަނބުގަހުގެ ޖޯލި އެލުވާފައިވާ އޮފިގަނޑުގައި އަހަރެން ސައިފްގެ ނަން ވަޅިއަކުން ކަނޑާނެގީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.
ވާރެއާ ތެމެމުން ދިޔަ ސައިފްއަށް ބަލަހައްޓައިގެން އަހަންނަށް ހުރެވުނީ ތަފާތު ނަޒަރަކުންނެވެ. ވާރެއާ ތެމިލައިގެން ހުރިއިރު ސައިފް ހާދަ ރީއްޗެވެ. ބޯފަންއިސްތަށިގަނޑު މޫނުމައްޗަށް ނިވާއަޅާފައިވާއިރު އެތަށް ހާސް ފެންތިކިތށް އެ މޫނުގައި ވިދަމުންދިޔައެވެ. އަހަރެންގެ ހިތް އަވަސްވިއެވެ. ދުރުގައި ހުރެގެން އަހަރެންގެ ހިތާ ކުޅުމުގައި ސައިފް ކާމިޔާބުކުރެއެވެ. މައުސޫމްކުއްޖެއްގެ ގޮތުގައި ހުރެ އަހަރެން ސައިފް ދެކެ ވާންފެށި ލޯބި އަދިވެސް ވަނީ ސިއްރެއްގެ ގޮތުގައެވެ. އެކުވެރިކަމުގެ ނަމުގައި މިގުޅުން ކުރިއަށް ދިޔަސް އަހަރެންގެ ހިތުން ސައިފްއަށް ދީފައިވާ މަޤާމް މާ މަތިވެރިއެވެ.
އެތައްއިރަކު ވާރެއާ ތެމެން އުޅުމަށްފަހު އަހަރެން ގެއަށް ވަންނަންއައިރު ދޮރުކަނީގައި ލެގިލައިގެން އާޝާލް ހުއްޓެވެ. އާޝާލްއަކީ އަހަންނަށްވުރެ އަށްމަހުން ހަނގު އަހަރެންގެ ހުރިހަމައެކަނި ކޮއްކޮއެވެ.
“ވާރޭކޮޅެއް ނުވެހިފަތަ ދެމީހުން ތިބެނީ…” އަހަންނާއި ސައިފް ފެނުމާއިއެކީ އާޝާލް ބުނެލިއެވެ.
“ކިހިނެތްވީ.. އާޝާލް ބައިވެރިނުކުރީމަތަ؟ ދެންދުވަހަކު ގޮވާނަން އިނގޭ.. ހަނދާން ހުރިއްޔާ…” ސައިފް އާޝާލް ރުޅިއަރުވާލަން އެއްޗެކޭ ބުނެލިއެވެ. އަހަރެންގެ ބޮލުގެ ފުށްކިބައިގައި ޖަހާލުމަށްފަހު ސައިފް ދުވެފައިގޮސް ފާރުމަތިން އަނެއް ފަރާތަށް ފުންމާލުމުން އަހަރެންނަށް ބޯހޫރާލެވުނެވެ. އޭރު އާޝާލްވެސް ހިނިއައިސްފައި ހުރެ އެތެރެއަށް ވަދެއްޖެއެވެ.
ފެންވަރައިލައިގެން އައިސް ފޯނު ބަލާލިއިރު ސައިފް މެސެޖްކޮށްފައި އޮތެވެ. އެމް އަކުރު ޖަހާފައި ފޮނުވައިފައި އޮތްއިރު އޭގެ މާނައަކީ މިސް ޔޫ އެވެ. ފޯނު ބޭއްވުމަށްފަހު ތެމިފައިވާ އިސްތަށިގަނޑު ހިއްކަމުން އަހަރެން ތިރިއަށް ފޭބީމެވެ. ސިޑިން ފައިބަން ގޮސްފައި އަހަރެން ހުއްޓުނީ އާޝާލްގެ ކޮޓަރިން މަޑުމަޑުން އިވެމުންދިޔަ ލަވަ އަޑުއިވިފައެވެ.
“ފެންނަހާ އެންމެނާ މާ ތަފާތޭ ކަލާ….
ހާދަ ކުޅަދާނައޭ ލޯބި އަތުލަން ކަލާ…”
އާޝާލް މިދުވަސްކޮޅު މާގިނައިން ލޯބީގެ ލަވަ އަޑުއަހާކަން އަހަންނަށް ފާހަގަކުރެވޭތާ ދުވަސްކޮޅެއްވެއްޖެ އެވެ. އަބަދުވެސް ކޮންމެވެސް ލޯބީގެ ލަވައެއް ކިޔާލަކިޔާލަހުރުން އާޝާލްގެ އާދައަކަށްވެއްޖެއެވެ.
“މީނައަށް ކާކުދެކެ ލޯބިވެވިގެން އުޅޭ ދުވަސްކޮޅެއްބާ؟” އަހަރެން ހިތާހިތާ ސުވާލުކޮށްލީމެވެ. ކުޑަކޮށް އާޝާލް ”ކޮނެލަން” ދާން އުޅެފައިވެސް އަހަރެން ސިޑިން ފޭބީ ތަންކޮޅެއްފަހުން އާޝާލްއާއި ވާހަކަދައްކަން ނިންމައިގެންނެވެ. ދުވެލައިފައި އަހަރެން ސިޑިން ފައިބައިގެން އައީ އެލަވައިގެ ކަނޑިތައް ކިޔަމުންނެވެ.
“ގާތްވެލާގޮތް އަހަންނާ މޮޅީއޭ ކަލާ…
ލަންބުވާލީ މިހިތް ނޭނގިހުއްޓާ ކަލާ…”
ހަވީރުގެ ވަގުތެވެ. ގޭގެ ޖަނބުރޯލުގަހުގައި ދޮންވެފައި އިން ޖަނބުރޯލް ކޯންޏެއް ބިންނަން ފާރުމައްޗަށް އަރާ އަހަރެން ހުރިއިރު އާޝާލް ހުރީ ބިންނަމުން ދިޔަ މޭވާތައް ހިފަން ފާރުކައިރީގައެވެ. ގެއިން ނިކުމެގެން އަންނަމުން މަންމަ އަހަރެން ފާރުމައްޗަށް އަރާ ހުރީތީ އަޑުލާންފެށިއެވެ. މަންމަގެ އަޑަށް އަހަރެން ކުޑަކޮށް ސިހުނެވެ. ފަހަތަށް ފިޔަވަޅެއް އަޅާލުމާއިއެކީ އަހަރެން އަރިއަޅާލިއެވެ. ފަހަތަށް ވެއްޓެން ދިޔައިރު އަހަރެންގެ އަނގައިން ތޫނު ހަޅޭކެއްގެ އަޑުބޭރުވިއިރު ދެލޯ މަރާ ތަގުޅިކޮށްލެވުނެވެ. މީހެއްގެ ގައި މައްޗަށް ވެއްޓުނު އިހުސާސްވުމާއިއެކު އަހަރެން ދެލޯ ހުޅުވާބަލާލެވުނު އިރު އަހަންނަށް އޮވެވުނީ ޖޯލިފަތީ ގައި އޮށޯވެގެންއޮތް ސައިފްގެ ގައިމަތީގައެވެ. ގަތް ލަދުން އަހަރެން އިސްޖަހާލީމެވެ. ސައިފް އަހަންނާއި ދިމާލަށް ބަލަހައްޓައިގެން އޮތް ގޮތުން އަހަރެން ރަނގަޅަށްވެސް ރަކިވިއެވެ. އެދެލޮލުން އަހަންނަށް ފެނުނީ ތަފާތު އަސަރެކެވެ. މަންމަ އާއި އާޝާލްގެ އަޑުއިވުމާއިއެކު އަހަރެން އަވަހަށް ތެދުވީމެވެ. އޭރުވެސް ސައިފްގެ ނަޒަރު އަހަންނަށް ހުއްޓިފައި ހުރިއިރު އަހަރެން ފިނިވާގޮތްވިއެވެ. ސައިފް ގެ ދެލޮލުން އަހަންރެންނާއި މެދު އެހިތުގައި އުފެދިފައިވާ އިހުސާސްތަށް އެވަގުތުކޮޅުވެސް އަހަންނަށް ފެނުނެވެ.
ހަވީރުގެ ސަޔަށްފަހު އަހަރެން މަތީބަޔަށް އަރައިގެން އައިރު އާޝާލްގެ ކޮޓަރިއަށް ބޯދިއްކޮށްލެވުނެވެ. އިއްޔެއަށްފަހު އަހަރެން މިހުންނަނީ އާޝާލްގެ ސިއްރު ހޯދާ ހިތުން ކެތްމަދުވެފައެވެ. ކޮޓަރީގެ ދޮރު ހުޅުވާލައިފައިވާއިރު އާޝާލް ފެންނާކަށްނެތެވެ. އެނދުމަތީ ބައިންދާފައި އިން ލެޕްއިން ފްލޭވަމުން ދިޔަ ލަވައިގެ އަޑު މަޑުމަޑުން އިވެމުންދެއެވެ. އަހަރެން މަޑުމަޑުން ކޮޓަރި ތެރެއަށް ދެމިގަތީމެވެ.
މަޑުފިޔަވަޅުތަކެއްގައި އަހަރެން މިސްރާބުޖެހީ ފޮތް ހަރުގަނޑާއި ދިމާލަށެވެ. ތަރުތީބުކޮށްލައިފައިވާ ފޮތްތަށް ނަގައި ހާވާލީ އާޝާލްއަށް ކަމުގޮސްގެން އުޅޭ ކުއްޖެއްގެ ފޮޓޯއެއްނަމަވެސް ފެނޭތޯއެވެ. ހަރުގަނޑުގައި ބަރިއަކަށް ބަހައްޓައިފައިވާ ފޮތްތަކުގެ ތެރެއިން އެންމެ ފަހު ފޮތް ނަގަން އުޅެނިކޮށް އަހަރެންގެ އަތުން ޖެހި ވަކިން ބާއްވައިލެވިފައިއޮތް ފޮތެއް ޓައިލްސް މައްޗަށް ވެއްޓުނެވެ. އަހަރެން ކުޑަކޮށް ސިހުނުއިރު އާޝާލް އައިސްދާނެއަތީ ކުޑަކޮށް ހާސްވާގޮތްވިއެވެ. ފޮތްނަގަން ގުދުވެލިއިރު ފޮތުގެ ބޭރުގަނޑުގައިވާ ލިޔުންކޮޅަށް އަހަރެންގެ ނަޒަރު ހުއްޓުނެވެ. ”އާޝާލްގެ ޑައިރީ” އެނަމުން އެކަނިވެސް އާޝާލްގެ އެންމެ ފުން ސިއްރަށް ވާސިލްވެވޭނެ ގޮތެއް ފެނުނީކަމަށް ހިތް ބުނުމުން އަހަންނަށް ހިނިތުންވެވުނެވެ. ފޮތް ކައިރީ ގައި އޮތް ފޮޓޯގަނޑު އަހަރެންގެ ލޮލުގައި އަޅައިގަތީ އިރުކޮޅެއްފަހުންނެވެ.
”ކަލާޔާ ނުލާ ދިރުމެއް ނެތެވެ.” ފޮޓޯގެ ނުފުށުގައި ލިޔެފައިވާ ލިޔުންކޮޅު ފެނިފައި އަހަރެންނަށް ދެފަރާތަކަށް ބޯހޫރާލެވުނީ އާޝާލްގެ ޑްރާމާކަން ހިތަށްއަރާފައެވެ. މަޑުމަޑުން ފޮޓޯ ނެގިއިރު ފެނުނު މަންޒަރުން އަހަރެން ހުއްޓުން އެރިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.

Hii all, welcome to my very first story on this site. Yes im a new writer who started the journey from here. Hope everyone will support me through this journey and help me to grow. Hope you all will like my story. And leave a feedback.
Welcome to the platform! Nice beiggining! I am sure this is gonna be an interesting story! vaki hisaabakun huhttaanulahchey! All the best!
Thank you. Will be uploading the second part soon