ދައްކަމުންދިޔަ ވާހަކަ މެދުކަނޑާލީ ވެއިޓަރު އައިސް ދެ ކޮފީތަށި މޭޒުމަތީ ބެހެއްޓުމުންނެވެ. އެވަގުތު ސުޖާޢުމެން ތިބި މޭޒާއި ޖެހިގެން ފަހަތަށް ހުރިމޭޒު ދޮށުގައި ތިބި މީހުން ދައްކަމުންދިޔަ ވާހަކަ ސުޖާޢުގެ ސަމާލުކަން އަތުލީ ހަމަ ކުއްލިއަކަށެވެ…
“އަލާރިކް… ކީއްވެގެން މާކުރިން އޭނާ ގެންދިޔައީ؟” އެތަނުން އެކަކު ބުނި އަޑު އިވުނެވެ. އެމީހުން ވާހަކަ ދައްކަމުން ގެންދިޔައީ އިނގިރޭސިބަހުންނެވެ.
“އޭނާ ރާއްޖޭގައި ބެހެއްޓުން ބުއްދިވެރި ނުވާނެތީ… މިހާރު މުޅި ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ޚަބަރު ފެތުރިއްޖެ. މިއީ ކަލޭމެންގެ ގަމާރު ކަމުން ވީކަމެއް… ފްރާންޒް އަކަށް ނޭނގޭތަ ގެންގުޅޭ އެއްޗެހީގެ ނިޝާނެއް އެއްވެސް ތާކު ބެހެއްޓުމަކީ ނުރައްކާ އޮތް ކަމެއްކަމެއް؟؟” އަލާރިކް އޭނާގެ އަޑުގައިވި މަޑު ތުރުތުރުންނާއި، މަޑުމަޑުން ވާހަކަދެއްކުމަށް ކުރަމުން ދިޔަ މަސައްކަތުން، އޭނާ ހުރީ ވަރަށް ރުޅިއައިސްފައިކަން ދޭހަވެ އެވެ.
“ސަރ… އޮފީސް ގަޑި….”
ސުޖާޢު އާއިއެކު އިން މުއައްޒަފު ވާހަކަ ދައްކަން އުޅުމުން އަތުގެ އިޝާރާތުން ހަނު ހުރުމަށް ސުޖާޢު އެންގި އެވެ. އެއަށްފަހު ކުޑަކޮށް ގޮނޑީގައި ލެނގިލީ ފަހަތުގައި ތިބި ދެމީހުންގެ އަޑު ސާފުކޮށް އިވޭތޯ އެވެ.
“…ވަގުތަށް ކާރަށް އަރާ ނައްޓާ ނުލެވުނުނަމަ އަހަރެމެން ފަޅާ އެރީސް…” ފްރާންޒް ވާހަކަދެއްކީ ވަރަށް މަޑުމަޑުން ކަމުން އެބުނި އެއްޗެއް މާރަނގަޅަކަށް ސުޖާޢުއަކަށް ނީވުނެވެ. އެއަށްފަހު އެދެމީހުންގެ ވާހަކަ މެދުކަނޑާލީ އެތަނުން އެކަކުގެ ފޯނު ރިންގުވާން ފެށުމުންނެވެ. ރިންގްޓަންގެ އަޑު ފުދޭވަރަކަށް ބާރުވުމުން، ކައިރި ހިސާބު ތަކުގައި ތިބި މީހުން އެދިމާއަށް ބަލާލުމުން ސުޖާޢު އަށްވެސް ފަހަތަށް އެނބުރިލެއްވުމަށް މިއީ ލިބިލެއްވި ރަނުގެ ފުރުޞަތަކަށްވިއެވެ. އޭނާއަށް އެކަކުގެ މޫނު ވަރަށް ރީއްޗަށް ފެނުނެވެ. އެއީ ފުދޭވަރަކަށް ދޮން މީހެކެވެ. ބޮލުގެ އަރިމަތީ ދެފަރާތް ތުނިކޮށް ކޮށާލާފައިވާއިރު ބޮލުގެ މެދުގައިވަނީ ޖެލް ލައި އުފުލާލާފައެވެ. ލައިގެން އިނީ އޮލިވް ކުލައިގެ ހުރަސް ރޮނގުދެމި ޓީޝާޓެކެވެ. ފަހަތުގައި އިން މީހާގެ ބޯހުރީ ދިގު ކޮށްފައެވެ. ބޮލުގެ މަތިން ފެށިގެން ތިރިއަށްވާގޮތަށް ހުރީ ގަދައިން މަޑުކުލައަށް އޮރެންޖުކުލައެއް ޖައްސާފައެވެ.
……………………….
“ދަރިފުޅާއިއެކު ބައްޕަވެސް ދާނަން…” ސުޖާޢު ބުނުއްވި އެވެ.
“ނޫން ބައްޕާ! އަޅުގަނޑު މިކަން މިކުރަނީ ވަރަށް ސިއްރުން. އަނެއްކާ ބައްޕަ ދިޔައީމަ އޮފީހަށްވެސް ކިހާ ދަތިވާނެ. އަދި ބައްޕަ ދަންނަ މީހުން ތިބޭނެ ޖަރުމަންގަ… އެމީހުންގެ ފަރާތުން އަޅުގަނޑުމެން ޖަރމަނީގައި އުޅޭކަން މިބައިމީހުންނަށް އިނގިއްޖެނަމަ ވަރަށް ނުރައްކާ ވާނެ. އަޅުގަނޑު އެކަނި ދިޔަދީ… ޕްލީޒް ބައްޕާ… އަޅުގަނޑަށް މިކަން ވާނެ އިންޝާﷲ…” މިކްޔާލަށް އަވަސް އަވަހަށް ބުނެވުނެވެ.
“އެންމެ ރަގަޅު އިންޝާﷲ… އެކަމަކު ދަރިފުޅު ބަލައިގެން އުޅެއްޗޭ… ޝެރިން ކޮއްކޮ ފެނުމާއެކު ލަސްނުކޮށް އަވަހަށް އަންނައްޗޭ… ދަރިފުޅުމެންގެ މަންމަ އެގޮތަށް އޮންނަތަން ދެކޭކަށް ބައްޕައަކަށް ކުޅަދާނައެއްނޫން… ދަރިފުޅު ބޭނުންނަމަ ބައްޕަ އޮފީހުން މިހަކު ވެސް ފޮނުވަފާނަން.” ސުޖާޢު މޫނު މަތިން ހަމަޖެހުމުގެ ކުލަ ދައްކަން މަސައްކަތް ކުރަމުން އެއްބަސްވިނަމަވެސް އޭނާވަނީ ނުހަނު ހާސްވެ ކަންބޮޑުވެފަ އެވެ. ޝެރިން ނުފެނިއްޖެއްޔާ އޭނާގެ ދުނިޔެ ފުނޑުފުނޑުވެދާނެ އެވެ. އަނެއްކޮޅުން މިކްޔާލް އެދަނީ އެންމެ ދުވަހަކަށް ފެނިލާފަ އެވެ. އެދަރިފުޅުވެސް ޝެރިންހެން އަތުލައިގަތްފިނަމަ އެއާއިލާއަކަށް ދުވަހަކު ހަމަޖެހުމެއް ލިބޭނެ ހެންނެއް ހިއެއްނުވެއެވެ. މިފަދަ ޚިޔާލުތަކުން ސުޖާޢުގެ ސިކުނޑި ނުތަނަވަސް ވާން ފަށައިފިއެވެ.
ދެމީހުން ކައި ނިންމައިގެން ސީގަލް ކެފޭތެރެއިން ނިކުމެގެން އައިއިރު ގަޑިން ރޭގަނޑު ނުވައެއް ޖަހަނީ އެވެ. ދެމީހުންވެސް ވަކި މިސްރާބެއްނެތި ސައިކަލު ދުއްވަމުން ގެންދިޔައީ ޖެޓީ އާއިދިމާއަށެވެ. ބޮޑުތަކުރުފާނު މަގުން ދުއްވަމުންގޮސް ދެމީހުންވެސް މަޑުކޮށްލީ ހުޅުމާލެ ފެރީ ޓާރމިނަލް ކައިރިއަށެވެ. ރޭގަނޑުގެ ފިނިފިނި ވައިރޯޅިތައް އައިސް މިކްޔާލްގެ ފަންފަން އިސްތަށިގަނޑުގައި ވައި އަޅުވާލާފައި ދާއިރު އެއިސްތަށިގަނޑު ވިހުރޭއިރު ހީވަނީ ވިނަގަނޑެއް ވަޔާއި ވިހުރޭ ހެންނެވެ.
“ބައްޕަ ހާސްނުވޭ… ތަޤުދީރު އެކަކަށްވެސް ބަދަލެއް ނުކުރެވޭނެ. ﷲ އިރާދަ ކުރެއްވިއްޔާ ޝެރީއްކޮ ފެންނާނެ. އަދި އަޅުގަނޑުވެސް ސަލާމަތުން އެނބުރި ބައްޕަމެން ގާތަށް އަންނާނަން…” މިކްޔާލް މަޑުމަޑުން ބުނެލި އެވެ.
ވަގުތުގެ ގޮތުން މާހައުލު ކިތަންމެ ފިނި ނަމަވެސް ސުޖާޢުގެ ހަށިތެރޭ އުފެދެމުން އައި ހައިޖާނުގެ ސަބަބުން އޭނާގެ ތަނަވަސް ނިތްކުރީގައި ދާތިކިތިކި މުތީތަކެއް ފަދައިން ވިދަވިދާ ހުއްޓެވެ. ޖީބުން ކުޑަ ރުމާލެއް ނަގާ މޫނު ސާފުކޮށްލި އެވެ. އެވަގުތު މިކްޔާލްގެ ފޯނު ރިންގުވާންފެށި އެވެ.
“ހަލޯ… ދޮނާ…؟”
“ޔާލްބޭބޭ… ވަރަށް އަވަހަށް އާދެބަލަ… ޔައިން ގެއްލިއްޖެ!!” އެކޮޅުން ވާހަކަދެއްކި ދާނިޔާގެ އަޑުއައީ ކެނޑިކެނޑިގެންނެވެ.
“ކީކޭ…؟؟؟” މިކްޔާލަށް އެހުނުލެއް ބާރުކަމުން ސުޖާޢުއަށް ވެސް ބަލާލެވުނީ ކުއްލިއަކަށެވެ. ސުޖާޢުއަށް އެކޮޅުން ވާހަކަ ދައްކާ މީހާ ކިޔާއެއްޗެއް ނީވުނަސް މިކްޔާލްގެ މޫނުމައްޗަށް އަރާ ފައިބަމުންދިޔަ ކުލަތަކުން ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން ސުޖާޢުގެ ހަވަނަ ހިއްސު އޭނާއަށް އަންގައިދީފި އެވެ.
“އޯކޭ… ވަރަށް އަވަހަށް އެބަދަން…” މިކްޔާލް ފޯނު ބާއްވަމުން އެނބުރި ބައްޕައަށް ބަލާލި އެވެ. އެވަގުތު ބައްޕަގެ މޫނުމަތިން ފެނުނު ސުވާލުމާކު ތަކުން މިކްޔާލަށް ހަމަޖެހެން މަޖުބޫރުވި އެވެ.
“ބައްޕާ… ޔައިން ކޮއްކޮ ގެއްލިގެން އެއުޅެނީ.” މިކްޔާލްގެ ޖުމްލައިން ސުޖާޢުއަށް އޭނާގެ ތުންފަތް ހަފާލެވުނެވެ.
“ހިނގާ ދާން…!” ސުޖާޢު ސައިކަލާ ދިމާލަށް މިޝްރާބު ޖެހުމުން މިކްޔާލަށްވެސް އެދިމާލަށް ހިނގާގަނެވުނެވެ.
މިކްޔާލްމެން ދެބަފައިންނަށް ގެއަށް ދެވުނުއޮރު ކައިލް އެމީހުންގެ އިންތިޒާރުގައި ބޭރުގައި ހުއްޓެވެ. ބައްޕަ ފެނުމާއިއެކު ލޯބިން ބައްދާލި އެވެ. މިކްޔާލްވެސް ކައިލްގެ ގައިގައި ކުޑަކޮށް ބައްދާލި އެވެ. ސުޖާޢުގެ އާއިލާއަށް ހިތާމައަކަށްފަހު ހިތާމައެއް ލިބެމުންދާތީ އޭގެ އަސަރު މުޅި ޚާންދާނަށްވެސް ކޮށްފި އެވެ. ގޭތެރެ މިއަދު ހެނދުނުން ފެށިގެން ރައްޓެހިންނާއި އަވަށްޓެރިނުން ފުރިއްޖެ އެވެ.
ސުޖާޢު ވަނީ އެތެރެ އަށެވެ. ދޮރުވާނު އެދެމީހުން އެތެރެއަށް ވަންނާނެ ކަމަށް ގޭޓު ހުޅުވަދީފައި ބެހެއްޓި އެވެ. ނަމަވެސް މިކްޔާލާއި ކައިލް ބޭރުގައި އިރުކޮޅަކަށް މަޑުކޮށްލަން ނިންމީ އެންމެންގެ ތެރެއަށް ވަނުމުގެ ކުރިން ކުޑަކޮށް ހަމަޖެހިލުމަށެވެ.
“ޔާލް… ކޮންތާކުން ތިއައީ…؟ ޕޮލިސް ސްޓޭޝަނުން ނިމިގެން ގެއަށް އަންނަން ބުނި މީހާތީ…؟” ކައިލް މިކްޔާލްގެ ކޮނޑުގައި އުޅަނބޮށި އަޅުވާލިއެވެ. މިކްޔާލަށްވުރެ ކައިލް ކުޑަ ތަންކޮޅެއް ކުރު ނަމަވެސް އޭނާ ކުރެކޭ ބުނާނެ ޖާގައެއްނެތެވެ. ދެމީހުންގެ ޢުމުރުގައި ތިން އަހަރުގެ ތަފާތު ހުއްޓަސް ބަލާބެލުމަށް ހީވަނީ ހަމަ އެއްވަރެއް ހެންނެވެ.
“ސޮރީ އިނގޭ… މަހަނދާން ނެތުނީއޭ… ބައްޕަ އައީމަ ދިޔައީ ރެސްޓޯރެންޓަކަށް ކާން. މިއަދު އެއްކޮށް ހުސްބަނޑާ މިހުރީ…” މިކްޔާލް ކައިލްގެ ރާޅުބާނީ އިސްތަށިގަނޑު ކުޑަކޮށް އަތުން ހާވާލި އެވެ. ދެމީހުންވެސް ތިބީ ގަރޑަން ވޭލީ ގޭޓު ކުރިމަތީގަ އެވެ.
“ބުނަންތަ ވާހަކައެއް… މަށަށް ފެނުނު ވަރަށް ބާރަށް ދުއްވާފަ ދިޔަ ކާރެއް. ވަރަށް ބާރަށް ދިޔައީ… އެހެންވެ ނަންބަރު ބޯޑެއްވެސް ނުފެނުނު… ކިރިޔާ މަށާ ނީމް ސަލާމަތްވީ.. ގައިގަ ޖެހޭ ނުޖެހޭ ހިސާބުން ވިއްޔަ ދިޔައީ…” ކައިލް އޭނާއަށް ރޭގައި ދިމާވި ހާދިޘާ ކިޔާދިނެވެ.
“އެހް… ކައިލް ނީމްގޮވައިގެން އުޅޭއިރު ބަލައިގެން އުޅެއްޗޭ…” މިކްޔާލް މިހެން ބުނެފައި އެތެރެއަށް ވަނެވެ.
ގޭޓު ތެރެއަށް ވަންނަ އިރު ފުރަތަމަވެސް ފެންނަ ބޮޑު ބަގީޗާތެރޭ ހުރި މޭޒު ދޮށުގައި ދާނިޔާ އާއި ސުޖާޢު އާއި، ސަޢުދިއްޔާ އަދި އެޚާންދާނުގެ ބޮޑު “ލަޝްކަރު” ތިއްބެވެ. ޔައިންގެ މަންމަ ސަޢުދިއްޔާ ރޮއިރޮއި ހަލާކުވަނީ އެވެ. އެއްބަޔަކު ސަޢުދިއްޔާއަށް ހިތްވަރުދެނީ އެވެ. ހުރިހާ އެންމެންގެ މޫނުމަތީގައި ހީވަނީ ހިތާމައިގެ ސާލެއް އޮޅާލާފައިވާހެންނެވެ. އެރޭ ގަސްތައްވެސް ހީވަނީ އެންމެންގެ ހިތާމައިގައި ބަިވެރިވަނީ ހެންނެވެ. މާހައުލު ފިނި ނަމަވެސް ކިތަންމެ ދެރަވި ނަމަވެސް ހިތްވަރު ކޮށްފައި މިކްޔާލާއި ކައިލް އެމީހުން ތިބި ދިމާއަށް ދާން ހިނގައިގަތެވެ. އޭރުވެސް ހެވި ދިއްލިފައި ހުރި ދޮރުވާނަކަށް އެދެމީހުންގެ ސަމާލު ކަމެއް ނުހުއްޓުނެވެ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.




reethi vaaahakae…. neem arr kail married eh noonehnnu dhnn kyve eh gea ga ulheny……
Shaz, neem ulheny ehen geyehga ey. dhen eaailaa ah hithaama veri kameh dhimaavyma e visit kolly emyhun kairi ah. 🙂
Yain akee sherin ge best frnd kameh nubunedhey adhivx
Midnight Girl; Faxoo vaahakaige 3 vana part ga bunefa innaane Yain aky Sherin ge best friend ey: “ޝެރިނަށް އޭނާގެ ކޮޓަރިއާ ހަމައަށް ދެވޭވަރުވީ ގަޑިން ތިންގަޑި ބައިވެ ބޮޑުވީ ފަހުންނެވެ. އެންމެ ފުރަތަމަވެސް އޭނާ އެފް.ބީ އަށް ވަދެ އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ ޔައިނަށް މިކްޔާލް އައިކަމުގެ ޚަބަރު ދިނެވެ. ޔައިން އޮފްލައިންގައި އިން ނަމަވެސް މާދަމާ އެހެން މީހުންނަށްވުރެން ކުރިން ފެންނާނެ ކަމަށް ޝެރިން އުންމީދު ކުރި އެވެ. ” 🙂
thanx anyways 🙂
Faxu story gud ingey
Thanx Jeesh <3 ☀️ 😉
Shalhi…???
Avahah upload kohdheeba please
vvv salhi faxoo alhe avaha up kurahchey
Nice but toooo short
thanx Crazi, Shuhooy, nazi and Maash ?
Faxu varah reethi dhn knirakun genesdheyny waiting for the next part…….
thanx Kidy ? dhen hama mihafthaa therey 8 vana part vx up kuraanan InshaAllah ?
Hama ekani kamu nudha thankolha kee Sheryn ge purple kalhi eh ihnakan …purple weema warah hehwa…it’s a bit weird….but so far story is good….
Shima, vaahaka ekkoh nimunyma vaahakaige vaa huriha suvaalehge javaab libigendhaane 🙂 inthixaaru kollaa
Varah obi ingey
faxoo kon irakuntha vaahaka up kollaanee
plz plz vaahaka up kohdheebala
thankyou all. mihafthaa up kurevey tho balaanan inshaAllah
faxoo v reethi ingey vaahaka..keep it up
thanx Dark Princess ?