ލޯތްބަކުންދިން-20
” ބޭކާރު ވާހަކަ ނުދައްކަ ދާށޭ ދެމީހުން ނިދަން….” ޒިވިއަލްގެ ކުރިމަތީ އެއްވެސް މީހަކަށް މޮޅުވެވޭނޭ ހެއްޔެވެ. އެންމެފަހުން ގޮތް ދޫކުރުމަށްފަހު ޒިލާލް ޝިފާއާއި އެކު ގެއަށް ދިޔުމަށް ނުކުތެވެ. މި ހުރިހާކަމެއް ހިނގިއިރުވެސް ހިނި އައިސްފައި އޮތުން ފިޔަވާ އިތުރުކަމެއް އަހަރެން ނުކުރަމެވެ.
“ކީއްވެ ނުވަދެ ބޭރުގަ ތިހިރީ؟” ދެމީހުން އެކަނިވުމުން އަހަރެން ޒިވިއަލް ކައިރީ އަހާލީމެވެ. ދެމީހުން އެކަނިތިބޭނަމަ ކޮންމެ ވާހަކައެއްވެސް މިހާރު ޒިވިއަލް ކައިރީ ދައްކަން އަހަރެން ފަހެއް ނުޖެހެއެވެ.
“ޝިޒާން ހުރީމަ” ޒިވިއަލްގެ ޖަވާބު ވަރަށްވެސް ސީދަލެވެ. އަހަރެންނަށް އެކަން ނުވިސްނުނީއެވެ.
“ދެން ބޭބީ ވެސް ނުފެނޭ؟” އަހަރެންގެ ޝައްކު ޔަޤީންކޮށްލުމަށް އަހާލީމެވެ.
“ބޭބީ ގެ ބައްޕަ އެކަނި އެތެރެއަށް ވައްދާފަ ދެއްކީ”
” ކީއްކުރަން ޝިޒާންއަށް ގުޅީ؟” އަހަރެން ޝިޒާން އަކަށް ނުގުޅަމެވެ. އެކަން ދެން ކުރާނީ ޒިވިއަލްކަން އަހަރެންނަށް ޔަޤީނެވެ.
“ދަރިފުޅުގެ ބައްޕަ ވީމަ” ޒިވިއަލް ޖަވާބު ދެމުން ދިޔައީ ސީދާ އަހަރެން ކުރާ ސުވާލަށެވެ.
“ދެން އަހަރެން؟ ދަރިފުޅު ކައިރިއަށް ބައްޕަ ގެނެސްދީފަ، އަހަރެން އެކަނިވިއަސް ހަމަ އޯކޭ؟” އަހަރެން ގެ އެ ސުވާލުން، އިސް އުފުލާލާ ސީދާ އަހަރެންނާ ދިމާއަށް ޒިވިއަލް ބަލާލީ އެ ހުރިހާއިރު އިސްޖަހައިގެން ފޯނަށް ބަލަހައްޓައިގެން އިނދެފައެވެ.
” އަހަރެންގެ މަންމަ ހުއްޓެއް ނު؟ އެ ވަގުތު ކޮންމެ އަންހެނަކަށްވެސް އެންމެ މުހިންމީ މަންމައޭ ބުނާ އަޑު އިވޭ”
އަހަރެންނަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ނަރުސްކުއްޖަކު ދޮރުހުޅުވާލާފައިވަނީ ދަރިފުޅު ގޮވައިގެންނެވެ.
” ބޭބީ އިޒް ފައިން. މިރޭ އެންޑް މާދަމާ މޮނިޓަރ ކޮށްލާފަ ޑިސްޗާޖް ކޮށްލާ ވާހަކަ ޑޮކްޓަރ ވިދާޅުވީ.. އަންނާނަން ކޮންމެ 4 ގަޑިއިރަކުން ހަކުރުބަލާލަން.. އަވަހަށް ފީޑް ކުރޭ އެނގޭ” ދަރިފުޅު ގެނެސް އަހަރެން ކައިރީ ބާއްވާލަ ދިނުމަށްފަހު ނަރުސް ކުއްޖާ އެނބުރި ދިޔައީއެވެ. އަހަރެން މަޑުމަޑުން ތެދުވާން ފެށުމުން ޒިވިއަލް އައިސް އަހަރެންނަށް އެހީވެދިނެވެ. ކޮޅަށް ތެދުވުމާއިއެކު ދަރިފުޅު އުރާލާ ޒިވިއަލްއާއި ދިމާއަށް ދިއްކޮށްލީމެވެ.
“ނޭނގޭނެ އަދި އުރާކަށް” ޒިވިއަލް ދަރިފުޅު ގައިގައި އަތްލަން ފަސްޖެހުނެވެ.
އަހަރެން އެނދުން ބާލީހެއް ނަގައި ޒިވިއަލްގެ އުނގުމަތީ ބޭއްވުމަށްފަހު ދަރިފުޅު ނަގާ އެ ބާލީސް މަތީގައި ބޭއްވީމެވެ. ބާލީހާއި އެކު އެ ދަރިފުޅު ޒިވިއަލް އާއި ކައިރިކޮށްލިއެވެ.
” އެބަ އަންނަން ފާޚާނާއަށް ވަދެލާފަ”
އަހަރެން މަޑު މަޑުން ފާޚާނާއާއި ދިމާއަށް ހިނގައިގަތުމާއިއެކު ޒިވިއަލް ގޮވާލިއެވެ.
“އީމާން. ދޮރު ތަޅު ނުލައްޗޭ” އަހަރެން ފަސްބަލާލާ ހީލުމަށްފަހު ފާޚާނާއަށް ވަދެ ކުޑަކޮށް ތާޒާވެލާ ފާޚާނާކޮށްލީމެވެ. އަހަރެންގައިގައި އަޅާވޭނުން ކެތްވަނީ ކިރިއަ ކިރިއާއެވެ. އެ ވަގުތު އަހަރެންގެ މަންމަ އެއްވެސް އެހީތެރިއަކާއި ނުލާ، ވިހައިގެން އުޅޭނޭގޮތް ހިތަށް އަރައި ލޮލުން ކަރުނަ ނިރާލިއެވެ. އަހަރެންގެ މަންމަ އަކީ ވަރަށް ހިތްވަރުގަދަ މީހެކެވެ.
ފާޚާނާއިން ނުކުމެ އެނދާ ހަމައަށް ދެވުނީ ކިރިޔަ ކިރިޔާއެވެ. މީހާހުރީ ވަރުބަލިވެގެން ގޮސް އަވަދިވެފައެވެ. ހަމަ ނޭވާވެސް ނުލެވެއެވެ. އެނދުގައި އިށީނދެލައި މައްޗަށް އެރުނީވެސް ވަރަށް އުނދަގުލުންނެވެ. ޒިވިއަލް އިނީ ދަރިފުޅު އަތަށް ލައިދިން ގޮތަށެވެ.
” ގެނޭ ފީޑްކުރަން” އެނދުގައި ހަމަޖެހެލެވުމުން އަހަރެން ޒިވިއަލްއަށް ގޮވާލީމެވެ.
” ކިހިނެއް ތެދުވާނީ.. ވެއްޓިދާނެ” އަހަރެން ކައިރިއަށް ހިނިއައީ ޒިވިއަލް އެހެން ބުނެލިގޮތުން އަޑުގައިވީ މައުސޫމުކަމުންނެވެ.
“މަށަކަށް ދެން ނުފޭބޭނެ އެނދަކުން.. ބައްދާލައިގެން އާދޭ” އަހަރެން ހަމަ ގަސްތުގައި ނުތެދުވީ ޒިވިއަލް ހަދާއެއްޗެއް ބަލާލުމަށެވެ. އެ ދަރިފުޅު ޒިވިއަލް ވައްޓާނުލާނެކަމުގެ ޔަޤީންކަން އަހަރެންގެ އޮތެވެ.
ބާލީހާއިއެކު ގައިދަށަށް ބޮނޑިކޮށްގެން ދަރިފުޅުގޮވައިގެން ތެދުވި ގޮތުން އަހަރެން ކައިރިއަށް އަނެއްކާވެސް ހިނިއައެވެ. ކޮޅަށް ތެދުވުމާއިއެކު ކުދި ކުދި ފިޔަވަޅުތަކެއްގައި މަޑުމަޑުން އައިސް ދަރިފުޅު އަހަރެން އަތަށްދިނެވެ. އަހަރެން ދަރިފުޅު އުރާލުމާއިއެކު ޒިވިއަލް މައިނޭވާއެއް ދޫކޮށްލިއެވެ.
“ފީޑްކޮށް ނިންމާފަ ގުޅާލާ… އަންނާނަން އޭރުން” ޒިވިއަލް ބޭރަށް ދާން ހިނގައިގަތީ އަހަރެންނަށް ޕްރައިވެސީ ދޭންށެވެ.
“ބޭރަށް ނުދިޔަސް ހެވޭ.. ތިތާ ޖައްސާލަބަ ރެސްޓްކޮށްލަން” އަހަރެން އެހެން ބުނެލީ އެނދުގެ ވަށައިގެން އިން ފޮތިގަނޑު ކަހާލަމުންނެވެ. އެހެން އޮއްވައި އަނެއްކާވެސް އަހަރެންނަށް ނިދުނީއެވެ. ދެން ހޭލެވުނީ ދަރިފުޅު ރޯއަޑު އިވިގެންނެވެ. އޭރު ޒިވިއަލް ދަރިފުޅު ނަގައިގެން ބާލީހަކަށް ލައިގެން އެކި ގޮތްގޮތަށް ހަލުވާ މަސަލަސް ކުރެވޭތޯ މަސައްކަތްކުރަނީއެވެ. އެވަގުތު ނަރުސް ކުއްޖަކުވެސް އައިސްވަނީ ދަރިފުޅު މާ ބާރަށް ރޯ އަޑު އިވިގެން ކަންނޭނގެއެވެ. އެ ނަރުސް ކުއްޖާއައިސް ދަރިފުޅު އުރާނެ ގޮތް ދައްކައި ދިނުމަށް ފަހު ބާލީސް ނަގާ ދަރިފުޅު މޭގައި ލައްކޮށްލައިގެން ހިނގާލަން ބުނެދިނެވެ. ޒިވިއަލް ދަރިފުޅުގޮވައިން ދެކޮޅަށް ހިނގާލިތަނާ ހުއްޓާލައިފިއެވެ. މި ހުރިހާ މަންޒަރެއް ބަލަން އަހަރެން އޮތީ ލޯ ކުޑަކޮށް ހުޅުވައިގެން ޒިވިއަލްއަށް ނުފެންނާނޭހެންނެވެ. އިރުކޮޅަކު ހިނގާލުމާއިއެކު ދަރިފުޅު ނިދުމުން ޒިވިއަލް ދެން މަސައްކަތްކުރީ އަހަރެން ކައިރީގައި ބޭއްވޭތޯއެވެ. އެކި ގޮތްގޮތަށް މަސައްކަތްކުރުމަށްފަހުވެސް ބާއްވަން ނޭނގުމުން ދަރިފުޅު އުރާލައިގެން ތެދުވަނިކޮށް އަހަރެން ދެލޯ ހުޅުވާލާ ދަރިފުޅު އުރާލާ ކައިރީގައި ބޭއްވީމެވެ. އަދި މަޑު މަޑުން ތެންކިޔުއޭ ބުނެލީމެވެ.
އެރޭ އެއްކޮށް ހޭދަވީ އެކަހަލަ ގޮތަކަށެވެ. ދަރިފުޅު ނިދާލީ ކުޑަ ވަގުތުކޮޅަކަށެވެ. ޒިވިއަލްވެސް އެންމެ ލޮލުފިޔައެއްވެސް ޖަހާނުލައެވެ. އަހަރެން ފާޚާނާއަށް ދާން ތެދުވާ ކޮންމެ ފަހަރަކު ފާޚާނާއާއި ހަމައަށް ދިޔުމަށް އެހީވެއެވެ. ދަރިފުޅު ރޯންފެށުމުން މަސަލަސްކުރުމުގައި އެހީވިއެވެ. އިރުއިރުކޮޅަކާއި ކިރުތައްޓެއް ދެއެވެ. ކޮންމެ އަންހެނަކުމެ ފިރިއެއްގެ ގައިގައި ހުންނަން އެދޭނޭ ސިފަތައް ޒިވިއަލްގެ ކިބައިން އެރޭ އެކަނިވެސް ފެނުނެވެ.
ހެނދުނުގެ އަލިކަން ވެރިވީ ޝިޒާން އައިސް ހުއްޓައެވެ. ޝިޒާން ކޮޓަރިއަށް އައިވަގުތަކީ އަހަރެން ފާޚާނާގައި އުޅުނު ވަގުތެކެވެ. އޭރު ޒިވިއަލް ވީ ހެނދުނު ގެ ނާސްތާ ބަލާގޮހެވެ.މި ފަހަރުވެސް ޝިޒާން އައީ ރޭޒަލްނުލައެވެ. އަހަރެން ފާޚާނާއިން ނުކުތްއިރު ޝިޒާން ދަރިފުޅު އުރާލައިގެން ގޮނޑީގައި އިނެވެ. އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ އެނދުގައި އިށީނުމަށް ފޯނުން ދަރިފުޅުގެ ފޮޓޮއެއް ރޭޒަލްއަށް ފޮނުވާލީމެވެ. މާ ގިނައިރު ތަކެއް ނުވެ ރޭޒަލް ގެ މެސެޖެއްއައެވެ.
” ވިހެއީތަ؟ ކޮންއިރަކު؟ ކޮންގްރާ” ރޭޒަލްއަށް އަހަރެން ވިހޭކަން ނޭނގުނީތީ އަހަރެން ހައިރާންވިއެވެ. ޝިޒާން ރޭޒަލް ކައިރީ އަހަރެން ވިހޭ ވާހަކަ ނުބުނާންވީ އެއްވެސް ސަބަބެއް އަހަރެންނަކަށް ނުވިސްނުނެވެ.
“ތެންކިޔު. އިއްޔެ ހަވީރު. ޝިޒާން ނުބުނޭތަ؟” އަހަރެންގެ އެ މެސެޖަށް ރޭޒަލް އެއްވެސް ޖަވާބެއް ނުދިނުމުން ހުރިހާ ކަމެއް ރަނގަޅު ނޫންކަން އަހަރެންނެއް ވިސްނުނެވެ.ނަމަވެސް އަހަރެން ބޭނުންވީ ޝިޒާންގެ ކައިރިން އެ ސަބަބު ހޯދުމަށެވެ. އެހެންކަމުން އެއްވެސްކަމެއް ނޭނގޭކަމަށް ހަދައި އަހަރެން ޝިޒާން ކައިރީ އަންހެނުން ކޮބައިތޯ އާއި ނުގެނައީ ކީއްވެތޯ އެހީމެވެ. ޝިޒާންގެ ޖަވާބަކަށްވީ ހަމައެކަނި “ގޭގަ” އެވެ.
” ޝިޒާން ނުބުނަން ދޯ އަންހެނުން ކައިރީގާ އަހަރެން ވިހެއި ވާހަކައެއް؟” އަހަރެންގެ ސުވާލު އަޑު ނީވުނީއެއްކަމެއް ނުވަތަ ޖަވާބުދޭން ބޭނުން ނުވެގެން އެއްޗެއް ނުބުނީކަމެއް ނޭނގެއެވެ.
“ކީއްވެ ރޭޒަލް ކައިރީ ނުބުނީ؟ ނުބުނެ ތިހެން އައިސް މާގިނައިރު އިންނަންޔާ ރޭޒަލް ހިތްހަމަ ނުޖެހިދާނެ.” ދެންވެސް ވާހަކަ ދެއްކީ އަހަރެންނެވެ.
“މީ އަހަރެންގެ ދަރިއެއްނު. ރޭޒަލްގެ އެއްނޫނެއްނު. މިދަރިފުޅުގެ މަންމައާއި ބައްޕަ މިތާ މިތިބީ.. އޭނަ ކައިރީވެސް ބުނަންވީމަ އަހަރެން ބުނާނަން” ޝިޒާންގެ އަޑުގައިވީ ހިތްހަމަ ނުޖެހުމެވެ.
” ޝިޒާންއެއް ނޫންތަ ބުނީ ރޭޒަލްއާއި އެކީ އުޅެން މަސައްކަތްކުރާނަމޭ.. ތީތަ މަސައްކަތްކުރާ ގޮތަކީ؟ ދަރިފުޅު ކައިރިއަށް ޝިޒާން އަންނަން ރޭޒަލް މަނައެއް ނުކުރާނެ.. އެކަމަކު އޭނަ އަށް ސިއްރުން އައުމުގެ ބޭނުމެއް ކޮބާ؟” ކޮންމެވެސް ވަރަކަށް އަހަރެންގެ ހިތް ތެޅެންފެށީ ޝިޒާންގެ ހިތް އަހަރެންނަށް ނޭނގޭތީއެވެ.
” އަހަރެން އެރޭ އެހެން ބުނީ އީމާން ހިތްހަމަ ޖައްސާލަން. އަހަރެން އީމާން ދޫކޮށްލީވެސް އީމާންއަށްޓަކައި. ރޭޒަލް ކައިރީ އީމާން ވިހޭ ވާހަކަ ނުބުނީ މިތަނަށް އަންނަން އުޅެފާނެތީ. އަހަރެން ބޭނުންވަނީ އީމާން ކައިރީ ވަގުތު ހޭދަކުރަން. މި ދަރިފުޅު ބަހަނާއަކަށް ހަދައިގެން ވިއަސް އީމާންއާއި ގިނައިން ބައްދަލުވުން އަހަރެން ބޭނުންވަނީ.. އަހަރެންނަށް އީމާންއަށް ދެވުނު ހިތްދަތިކަމުގެ ބަދަލުގައި ތިޔަ ދެމައިންނަށް ދެވުނު އެންމެ ބޮޑަކަށް ލޯބިދީގެން ގެންގުޅެން ބޭނުންވަނީ..އީމާންއަށްވެސް އިތުރު މީހެއްގެ އެހީ މީހާރު ބޭނުންވާނެ. މި ދަރިފުޅުގެ ކަންކަން ކުރަން މި ކުއްޖާގެ ބައްޕައަށްވުރެ ރަނގަޅު މީހަކު ނުހުންނާނެ” ޝިޒާން ގެ ކޮންމެ ބަހެއްވެސް އަހަރެންނަށް އުނދަގޫ ކުރުވަމުންދިޔައެވެ.އަހަރެންނަށް ދެން ޝިޒާން ކިބައިން ސަލާމަތްވުމެއް ނެތީބާއޭވެސް ހިތާހިތުން އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނުވެ. ޒިލާލްއާއި ޒިވިއަލްވެސް ދޮރުހުޅުވާލާފައި އައިސްވަނީ އެވަގުތުއެވެ. ޒިވިއަލްއަށް ޝިޒާން ފެނުމާއިއެކު މޫނުގެކުލަވަރު ބަދަލުވެގެންދިޔައެވެ. ނަމަވެސް އެއްވެސް އެއްޗެކޭ ނުބުނު ސައިބޯން ގެނައި ތަކެތި ޓްރޭ ޓޭބަލް ކައިރިކޮށްލުމަށްފަހު އަތުރާލިއެވެ.
” އަވަހަށް ސައި ބޮއޭ. ކަމެއް ބޭނުންވެއްޖެއްޔާ ގުޅާލާ.” ޒިވިއަލް އެހެން ބުނުމާއިއެކު ނުކުންނަން ހިނގައިގަތެވެ.
” ޒިލާ ވެސް ދަނީ؟ އަދި ބޭބީ ވެސް އުރައެއް ނުލަމެއްނު” އަހަރެންނަން އެހެން އެހުނީ ޒިވިއަލްގެ ފަހަތުން ޒިލާލް ހިނގައިގަތުމުން ޒިލާލްވެސް ދަނީ ކަމަށް ހީކޮށެވެ. ޝިޒާންއާއިއެކު އެކަހެރިވާކަށް އަހަރެން ބޭނުމެއްނޫނެވެ.
“މިދަނީ ފެން ފުޅިއެއް ބަލާ.. މަންމަ އައީމަ ދާނީ ” ޒިލާލްއަށް ކޮންމެވެސް ވަރަކަށް އަހަރެންގެ ހިތް އެނގުނީ ކަންނޭނގެއެވެ.
އަހަރެންނާ ޝިޒާންއާއި ދެމެދު ވާހަކައެއް ނުދެކެވެއެވެ. ދޭތެރެއަކުން ބޭރަށް ނުކުމެލާ އެތެރެއަށް ވަދެލާ، ދަރިފުޅު އުރާލާ އެކަހަލަ ގޮތަކަށް އުޅެނިކޮށް ޚަދީޖައްތައައީ އެގާރަގަޑި ބައިވަނިކޮންނެވެ.ޚަދީޖައްތަ އައުމާއިއެކު ހިތަށް ހަމަޖެހުމެއް ލިބުނެވެ.
ޑޮކްޓަރުންގެ ޓީމް ރައުންޑަށްވެސް އައީ ހަމަ އެހާއިރުއެވެ.ޑޮކްޓަރު އަހަރެން ބަލާލުމަށްފަހު ޑިސްޗާޖް ކުރީ ހުރިހާ ކަމެއް ރަނގަޅުވުމުންނެވެ. ކުޑަކުދިންގެ ޑޮކްޓަރުވެސް އައިސް ދަރިފުޅުގެ ލޭގެ ޓެސްޓްތަކެއް ހަދަން ދިނުމަށްފަހު، ޓެސްޓް ރިޕޯޓް ރަނގަޅު ނަމަ އެރޭ ގެއަށް ފޮނުވާލާނޭ ކަމުގައި ބުންޏެވެ. ޑޮކްޓަރުން ދިޔުމުން ދަރިފުޅަށް ގާތުން ދިނުމަށްފަހު އަހަރެންވެސް ޖައްސާލީ ރޭގަވެސް ނުނިދޭތީ ބޮލަށް ބަރުވެފައި ހުރުމުންނެވެ. ނަމަވެސް ކުއްލިއަކަށް ހަނދާންވީ އަހަރެން ފަށާ ކެވެލިކޮޅު މަތިންނެވެ.
“ދައްތާ.. އަހަރެން ފަށާ ކެވެލިކޮޅު ނަރުސްކުދިން ނެގި.. ދައްތައަށް ދިންތަ؟” އަހަރެން ޚަދީޖައްތަ ކައިރީ އެހެން އަހާލީ އެވަގުތު އަހަރެން ކައިރީގައި ހުރީ ޚަދީޖައްތަވީމައެވެ.
“އާން. ދަބަހުގަ ހުރި އެއްޗެހި ނެގި އިރު ޑްރެސިން ޓޭބަލް މަތީ ބާއްވާފަ ނުލާ މިއާދެވުނީ” އެހެން ބުނެލުމާއިއެކު ފޯނު ނަގާ އަވަސް އަވަހަށް ސަމީރުބެއަށް ގުޅާލާ އަހަރެންގެ ތަކެތި ގެނެސްދިނުމަށް އެދުނެވެ.(ނޯޓު: ވާހަކައިގެ 19 ވަނަ ބައިގައި ޖަލީލު ޖެހިފައިވަނީ އޮޅުމަކުން. މިކުށަށް ކިޔުންތެރިންގެ އަރިހުން މާފަށް އެދެން.)
ވެފައި ހުރި ވަރުބަލިކަމާއިއެކު ވަރަށް އަވަހަށް އަހަރެންނަށް ނިދުނެވެ. ދަރިފުޅު ރޯތީ ގާތުންދިނުމަށް ޚަދީޖައްތަގެނެސް ދަރިފުޅު ކައިރީގައި ބޭއްވިކަން އެނގުނެވެ. ނަމަވެސް އަނެއްކާވެސް އޮވެގެން ނިދުނީއެވެ. އެތައް އިރަކު ނިދުމަށް ފަހު ނިދާ ހޭލެވުމުންވެސް އެ އޮތްގޮތަށް އޮވެލީ ބޮލަށްވެފައިވާ ބަރުކަން އަދިވެސް ނުފިލާތީއެވެ. އޭރު ޚަދީއްޖައްތަ ކޮންމެވެސް މީހަކާއި ވާހަކަ ދައްކާއަޑުއިވެއެވެ. އިރުކޮޅަކު އަޑު އަހާލަން އޮތުމުން ދެން އިވުނީ ސަމީރުބެގެ އަޑުކަން އަހަރެންނަށް ޔަޤީންކުރެވުނެވެ. އެމީހުން ދައްކަމުން ދިޔަ ވާހަކައަށް އަހަރެންގެ ޝައުގުވެރިކަން ހުއްޓުނެވެ.
“ޚަދީޖާ ނުބުނަމެއްނު ނިސްރީނު ނިޔާވިވާހަކައެއްވެސް. މިކޮއެ މީ ނިސްރީނު ދަރިއެއް ކަމެއްވެސް މި އިނގުނީ އަދި ކިރިއާ”
“ސަމީރު ނެތޭ ރަށުގަ. މަގޭ އެހާވަރަށް އެކޮއެ ކައިރީ މިއުޅެނީ ނިސްރީނު ދަރިއެއް ވީމައޭ.. މަގޭ ދަރިއެއް ކަހަލަ ކުއްޖެއް މީ ހަމަ. އެކޮއެގެ އެކަނިވެރިކަން ހިތަށް އަރާފަ ވަރަށް ދެރަވޭ.” ޚަދީޖައްތަގެ ހިތުގައި އަހަރެންނަށްޓަކައި ވީ ރަހުމު ފާޅުކުރިއެވެ.
” އެކަމަކުމި ކެވެލި ކޮޅު ފެނުނީމަ ކިހިނެއް އެނގުނީ ނިސްރީނު އެއްޗެއްކަން” ޚަދީޖައްތަގެ އެ ސުވާލަށް އަހަރެންވެސް އޮތީ ޖަވާބެއް ބޭނުންވެފައެވެ.
“ތި ކެވެލިކޮޅާ ފަށާ ހެއްދީ މަށޭ” ސަމީރުބެގެ ޖަވާބުން އަހަރެންގެ ހިތުގެ ވިންދު ވަގުތުކޮޅަކަށް ހުއްޓުންއެރިއެވެ.
“އޭނ؟ސަމީރު އޭ؟ ކާކު ބުނެގެން؟ މަށަށް ކިއާ ނުދޭ ކަންކަންވެސް ހުރޭތަ ސަމީރު ދިރިއުޅުމުގަ؟” މަޑުމަޑުން ވާހަކަ ދެއްކިނަމަވެސް ޚަދީޖައްތަގެ އަޑުގައިވީ ނުރުހުން ކިތަންމެހާވެސް ރީއްޗަކަށް ފާޅުވެއެވެ.
“މީހަކު އަހަރެން ކައިރީ ސިއްރުކޮށްދޭން އެދޭ ކަމެއް އަހަރެން ކިހިނެއް އެހެން މީހަކަށް ހިއްސާކުރާނީ؟” ސަމީރުބެވާނީ ވަރަށް ތެދުވެރި މީހަކަށްކަން ކަށަވަރެވެ.
“ކާކު ބުނެގެން ހެދި އެއްޗެއް؟ ނިސްރީނު މަރުދުވަހަށްވެސް ގެންގުޅޭނީ މުހިންމު އެއްޗަކަށް ވީމަ”
” އަހަރެން ޚަދީޖާއާއި އިންނަން އައްޑޫއަށް ދިޔައީމެއްނު ދަތުރެއް. އެ ފަހަރު ޖިނާހުއާއި ނިސްރީންއާ ރަށްޓެހިވީ….”
“ޖިނާހު އޭ؟ ބޮޑުބެގެ ޖިނާހު؟” ސަމީރުބޭގެ ވާހަކަ މެދު ކަނޑާލުމަށްފަހު ޚަދީޖައްތަ އަހާލިއެވެ. ކެވެލިކޮޅުގައި އެވާ ޖޭ އަކުރަކީ ޖިނާހު ކަންނޭނގެއެވެ. އެހެންކަމަށްވާނަމަ މަންމަ އެ ޖިނާހެއް ދެކެވީ ތެދުވެރި ހަޤީޤީ ލޯބިކަން ކަށަވަރެވެ. އެއްވެސް މީހަކާ ނީނދެ ހުރީ މަންމައަށް މީހަކު ނުވާނެތީއެއްނޫނެވެ. މަންމަ ޖިނާހުދެކެވީ ސާފު ލޯތްބަށްޓަކާތާއެވެ.
“ހޫމްމް.. އަހަރެން ބޮޑުބެގެ. އޭރުވެސް އިންނަން އުޅެފަ މަޖިލިސް މެންބަރުކަމަށް ކުރިމަތިލައިގެން އުޅޭތީ ފަސްކޮށްލީ.. އެހާ ގިނައިން އައްޑޫއަށް އޭރު ދިޔައީ އެހެންވެގެން..ފަހުން ގޮނޑިއަށް ހޮވިގެން އިންނަން އުޅުނީމަ ބޮޑުބެ ނުގަބޫލުވީ.. އޭރު ޖިނާހު ގޭން ނުކުމެގެން ގޮސް ތަނެއް ކުއްޔަށް ނަގައިގެން އުޅުނެއްނު؟ އެއީ އެހެންވެގެން.. ފަހުން ބޮޑުބެއަށް ހާޓް އެޓޭކެއް ޖެހުނީމަ ގޮތްދޫކޮށްފަ އައީ.. ބޮޑުބެގެ އެދުމަށް އާސިމާޔާ އިނީ އޭރު. އެކަމަކުވެސް ނިސްރީނުއާ ގުޅުން އޮތް. ނިސްރީނަކަށް ނޭނގެ އަސްލު ޖިނާހު މީހަކާއިންކަމެއް. ޒިލާލް ކުޑައިރު އައްޑޫއަށް ދިޔައީމެއްނު އެންމެން އެއްކޮށް؟ އެ ދަތުރުގަ އެނގުނީ…އޭގެ ފަހުން އެދެމީހުން ގުޅުން ކެނޑުނީ….. އާސިމާޔަށްވެސް އެނގި ބޮޑު ހައިޖާނު ގަނޑެއް ހިންގާލިއޭ.. އާސިމާ އެންމެންނަށްވުރެ ކުރިން މާލެއައީ އެހެންވެ…. އޭގެ ފަހުން އައްޑޫއަށް ނުދާތާ ވިއްސަކަށް އަހަރުކޮށްފަ އައްޑޫއަށް އެ ދިޔައީ މިނިސްޓަރަކުކަމާ ހަވާލުވެގެން ސްޓޭޑިޔަމް ހުޅުވަދޭން. އެފަހަރު ޖިނާހުއަށް އެނގުނީ ނިސްރީން ބަލިވެއިންކަމާ މާލެއަށް ބަދަލުވިކަން… ވަރަށް އުޅުނު ނިސްރީން ހޯދަން އެކަމަކު ނުފެނުނީ ކަންނޭނގޭ… ތި ފަށުގެ ތީނަ ބިއްލޫރި ފޫ އެއްކޮށް ތަޅާލީމަ ފެންނާނެ، ތީގަ އިންނާނެ އެ ދެމީހުންގެ ފޮޓޯއެއް” ސަމީރުބެގެ ވާހަކައަޑު އަހަން އަހަރެން އޮތްއިރު ލޮލުގެ އެއްފަރާތުން ކަރުނަ ފައިބަމުން ދިޔައެވެ. ބުނެދޭން ނޭނގޭ ރިހުމެއް ހިތުގެތެރޭގައި އުތުރެމުންދެއެވެ.ތަޤުދީރު މި ކުޅެނީ ކޮންފަދަ ބޮޑު ކުޅިގަނޑެއް ބާއެވެ. ހާލުގައި ޖެހުނުދުވަހު އެހީވާންވެސް މި ތިބީ އަހަރެންގެ މަންމަ އެ ހާލުގައި ޖެއްސި އާއިލާގެ މީހުންބާވެއެވެ؟ އަހަރެންނަކީ ކުޅިވަރު މިނިސްޓަރު ޖިނާހުގެ ދަރިއަކަށް ވެދާނެބާއެވެ؟ އަހަރެންގެ ބޮލަށް އެނބުރުން އަރަންފެށިއެވެ. އޮށޯވެގެން އޮވެވުނުކަން ނަސީބެކެވެ.
“ތި ބުނީ އީމާންއެއީ ޖިނާހުގެ؟؟” ޚަދީޖައްތައަށް ބުނެވުނީ އެވަރަށެވެ.
“އާނއެކޭ ނޫނީ ނޫނެކޭވެސް ނުބުނާނަން… އެ ދެމީހުން އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވި…ލޯބީގެ މަސްތުގައި ކުރިކަމެއް އެނގޭނީ އެމީހުންނަށާއި ހެއްދެވި ފަރާތައް. އީމާންއެއީ ކާކުގެ ކުއްޖެއްކަން އެނގޭނީ ނިސްރީންއަށް. އެކަމަކު ނިސްރީންއެއީ ވިޔާ ނުދާ މީހެއްނޫން.. މަޑުމައިތިރި އަޚްލާޤު ރަނގަޅު ގެވެހި މީހެއް. އެކަމަކު މި ކަހަލަ ކަމެއްގަ ޔަޤީން ނުވަނީސް އެއްޗެއް ބުނާކަށް ނުވާނެ. އެ މަންޖެ ނޫޅޭތަ ބައްޕަ ހޯދާކަށް؟”
“ނޫޅޭ ހޯދާކަށް. ނަސީބެއްނު.. އެ މަންޖެ ބައްޕަ ހޯދަން އުޅެފިއްޔާ އާއިލާއެއް ބަދުނާމުވެ ކައިވެންޏެއް ރޫޅި ބޮޑު ތޫފާނެއް ކުރިމަތިވާނީ.. އެކަމަކު އެއީ އެމަންޖެއްގެވެސް ހައްޤެއް ބައްޕަ ހޯދުމަކީ” ޚަދީޖައްތަ އެހެން ބުނެލިތަނާހެން ދޮރުހުޅުވާލާފައި ޝިޒާން އެތެރެއަށްވަނެއެވެ. އެއާއިއެކު އެމީހުން ދައްކަން ތިބި ވާހަކަ މެދު ކަނޑާލިއެވެ. އަހަރެން ދެލޯ މަރާ ނިދިކަމައް ހަދައިގެން އޮތީ ސިކުނޑިއާއި ހިތްހަމަ ޖައްސާލުމަށެވެ.އޭގެން އެއްވެސް ވާޙަކައެއް އަޑު އިވުނުކަން އެނގޭކަން އަހަރެން ބޭނުމެއްނޫނެވެ. އަދި ޖިނާހު އެއީ އަހަރެންގެ ބައްޕަ ތޯ ނޫންތޯ ނުބަލާންވެސް ހިތުގައި ޢަޒުމު ކަނޑައެޅީމެވެ. އެކަމުން ލިބޭނެ އިތުރު އުފަލެއް ނެތްތާނގައި ކުރިމަތިވާނޭ ބޮޑު މައްސަލަގަނޑުގެ ތެރެއަށް ޣަރަގުވާން ބޭނުންނުވާތީއެވެ. އޭނާ ފަލީހަތްވެ އާއިލާއެއް ރޫޅުމުންވަކި އަހަރެންނަށް ލިބޭނޭ އިތުރުމޮޅެއް ނޯންނާނެތީއެވެ.ވޭތުވެގެން އެދިޔައީ މާޒީއެވެ. އަހަރެން މީ ކައިވެނީގެ ބޭރުން ލިބިފައިވާ ކުއްޖެއްކަން ބަދަލު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. މަންމަގެ ކުރީގެ ދިރިއުޅުމުން މި އިނގުނު މިންވަރުވެސް އަހަރެންނަށް މާބޮޑެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.


finallyy
mi part ves varah salhi hama
waiting for next part
just wow
Hama speechless 🙂
Be reethi maasha Allah ❤️
*varah reethi
Nice ingey.
Dhn vaane goeh Eba sifakohle ey
Dhn vaane goeh eba sifakohlevey*
lets see.. sifa kurevunu gothahtho nimeny! keep reading and thanks for the support
Wow wow… Vrh reethi mi Bai vx…. Konirakun next part??…
TUESDAY ga kiyaalan libeyne dhw 21 vana part
Balamaa Dhw… SomeOne vx kudhin kudhinge inthizaaru ga ey bahahttany…. Inthizaaru ge nimun avahah genesdhybala dhw
mihaaru emme bodsh inthizaaru kurevenee baby Z ge name ah
Same
Masha’Allah!… Mi part ves vvv reethi…
Waiting for the next part!..<3
Masha allah
This Story is amazing
Keep going
Mihaaru emme bodha inthizaaru kurevenee baby girl ge z name ah
Mi part ves varha reeti
When is next part
I think tomorrow 21 part vana libeyne kama
I love you so much someone ge story ❤️
omg varah reethi hama….zivial ulheygoh loabikan dho? up veytho haadha ginain bele eye…
someone dhen ehaa inthizaaru nukuruvaba dho..
Guess girl z baby name?
Guess name would start with z.
Obviously it will start with Z. Since they are 3 Z.
Zilaal,Zivial & Z baby.
Salhi vaahaka eh.
Mi vaahaka nimunyma vaane anehka aneh vaahaka genesdheyn Someone.
Keep it up Someone.👍👏
Love u zivial and Zilaal.💛
Abadhu mihaaru site ah vadheveny vhk ah inthizaaru kurevey leh bodu kamun
same sister
Yeah true
Next part when?
Can’t wait to read next part and for zee baby name.hope it will be also uploaded soon
Wow wow wow just wow amazing 🤩 can’t wait to nxt prt ah v inthizaarukuran
Thanks everyone for showering me and the story with so much love!
Appreciate so much!