ލޯތްބަކުންދިން-17
” އެހެންވީމަ ތި ހަމަ ޖެހުނީއެއްނު… އަހަރެމެން ކައިވެރި ރުޖޫޢަކުރާނީ…. ވަކިން ތަނެއް ހިފާފަ ބޭރު މީހަކާއިއެކު އެކަނިވެރި ދިރިއުޅުމަކަށް އަހަރެން ދާނީ…. ކައިވެނި ރުޖޫޢަކުރީތީ ޝިޒާން ގެ އާއިލާ މީހުން ކިޔާނޭ އެއްޗެހި ހަނދާން ކޮށްލަކޮށްލަ އަހަރެން ދެން ހުންނާނީ..ރޭޒަލް އަހަރެން ކައިރިއަށް އަންނާތީ ޝިޒާން ގެ އާއިލާ ރޭޒަލް އައި ދޭތެރެވޭސް ހިތްހަމަ ނުޖެހޭނީ….ޝިޒާން ރޭޒަލް އަށް ދޭ ވަގުތަށްވުރެ ދަރިފުޅު ކައިރީ ހޭދަކުރާ ވަގުތުގިނަވެ ރޭޒަލްއަށްވެސް ހިތްހަމަޖެހުމެއް ނުލިބި… ދެން ކުރުކޮށް ބުނަންޔާ ތިން މީހުންވެސް ދުނިޔޭގަ ދިރިއުޅުމަށް ޤުރުބާންވާނީ….ދިރި ނޫޅެވޭތާ ގަނަތެޅެވޭނެތާ….. މި ގޮތްވެސް ގޯހެއް ނޫން! އެހެން ވީމާ ކައިވެނި ރުޖޫޢަކުރުމުގެ ކަންތަކާ އަހަރެން އުޅޭނަން… މަ އުޅޭނެ ތަނެއް ކުއްޔަށް ހިފާ ޝިޒާން” އަހަރެން ވާހަކަ ދެއްކި އަޑާއި ރާގުން އަހަރެންހުރީ ހިތްހަމަ ނުޖެހިފައިކަން އަޑު އެހިކޮންމެ މީހަކަށް އެނގޭނެއެވެ.
“އީމާން ބޭނުންތަ ކައިވެނި ރުޖޫޢަކުރަން؟ ކުރިން އުޅުނުގޮތަށް އަހަރެމެންނަށް އުޅެވޭނެތަ ކައިވެނި ރުޖޫޢަކޮށްގެން؟ ” އަހަރެމެން ކައިވެނީގެ ފަހުން އަހަރެން ބޭނުންވާ ގޮތް ޝިޒާން އެހި މިއީ ފުރަތަމަ ފަހަރުކަންނޭނގެއެވެ.އަހަރެން ވާހަކަ ގެންދަން ބޭނުންވި މިސްރާބަކީވެސް މިއީއެވެ.
” ޑަޒް އިޓް އީވަން މެޓަރ ނައު؟ މިހާރު އަހަރެންނަށް މުހިންމީ އަހަރެންގެ މި ކުޑަ ދަރިފުޅަށް އުފާވެރި ހަޔާތެއް ހޯދައިދިނުން..މި ތުއްތު ދަރިފުޅަށް ބައްޕައެއްގެ ލޯބި ބޭނުންވާނެ ވަރު އަހަރެންނަށްވުރެ ރަނގަޅަށް އިހްސާސް ކުރެވޭނެ މީހެއް ނުހުންނާނެ… ތި ދެމީހުން މި ދަރިފުޅަށް އެ ހައްޤު ހޯދައިދޭން ތިބިއްޔާ އެކަމުން މަހުރޫމުކުރަންވީ ކީއްކުރަން” ހިތުގައި އޮތްގޮތް ޝިޒާންއަށް ކިތަންމެ އަޑު އިއްވާލަދޭން ބޭނުންވިނަމަވެސް އަހަރެންގެ ދޫ އެކަމަށް ނުކުޅެދިނެވެ. ޝިޒާންއަށްޓަކައި އަހަރެންގެ ހިތުގައި ޖަހަމުންއައި ވިންދު ހުއްޓިފައި ވީނަމަވެސް ސީދާ އެހެން ބުނާނެ ހިތްވަރެއްވެސް އަހަރެންނަކަށް ނުލިބުނެވެ.
“ޖަވާބު ލިބިއްޖެ އީމާން.. ކިތަންމެ ނުސީދާކޮށްވިއަސް އީމާން ތިބުނީ އަހަރެންދެކެ ކުރިންވީ ލޯތްބެއް މިހާރަކު ނުވެޔޭނު..” އަހަރެން ނުބުނަނީސް ޝިޒާންއަށް އެކަން ވިސްނުނީތީ އަހަރެން އުފާވިއެވެ.
“އެހެންވީމަ އަހަރެންނަށް އަހަރެންގެ އަލަތު ދަރިފުޅު ގެއްލޭނެދޯ ކޮންމެވެސް ދުވަހަކުން” މޮޅިވެރި ރާގެއްގައި އަހަރެންގެ މޫނަށް ބަލާލުމަށްފަހު ޝިޒާން އަހާލިއެވެ.
” ޝިޒާން އަށް ދަރިފުޅު ގެއްލެންވީ ކީއްވެތަ؟ އަހަރެން ދުވަހަކުވެސް ހިތަކަށް ނާރުވާނަން ދަރިފުޅާ ދަރިފުޅުގެ ބައްޕަ ދުރުކުރުވާކަށް.. ޝިޒާން އެކަންޏެއް ނޫން… ރޭޒަލް ވެސް… ރޭޒަލް ތިއީ ކާކުކަންވެސް މި ދަރިފުޅަށް ކިޔާދޭނަން.. ރޭޒަލް އަށް މި ދަރިފުޅު ޤަބޫލުކުރެވުނަސް ނުކުރެވުނަސް…” އަހަރެން ފާޅުކުރީ ހަޤީޤަތެވެ. ދަރިފުޅުގެ ބައްޕައާއި އެކުއްޖާ ދުރުކުރުމަށް އަހަރެންނަށް އޮތީ ކޮން ހައްޤެއް ހެއްޔެވެ.
” ޝިޒާންއަށް މުހިންމު ކޮންމެ އެއްޗަކީ އަހަރެންނަށްވެސް މުހިންމު އެއްޗެއް. އަހަރެން ޝިޒާންއާއިއެކީ އުޅޭހާ ދުވަހަކު ތި ދަރިފުޅަކީ އަހަރެންގެވެސް ދަރިއެއްގެ ގޮތުގަ އަހަރެން ދެކޭނަން..އެކަމަކު މި ވަގުތަށް އަހަރެންނަށް މުހިންމީ ޝިޒާން.. ޝިޒާން ތި އުޅޭ އުޅުން އަހަރެންގެ ހިތަކަށް ކުޅަދާނައެއްނޫން…މީހުންނަށް ދެއްކެން އުފާވެރިކަން ދައްކައިގެންވެސް އުޅެވޭނީ ވަކިވަރަކަށް.” އަހަރެންނަށް ހީކުރެވެމުން އައި ގޮތާއި ޚިލާފަށް ރޭޒަލްއަކީވެސް ހިތްހެޔޮ ރަނގަޅުކުއްޖެއްކަން އަހަރެންނަށް ވިސްނުނެވެ.
” ޝިޒާން…އަހަރެންމީ ޝިޒާންގެ މާޒީ… ޝިޒާންގެ ގާތުގައި ތީނީ ޝިޒާންގެ މުސްތަޤްބަލް….ޝިޒާންގެ އާއިލާވެސް ޤަބޫލު ޝިޒާންދެކެ ލޯބިވާ ކުއްޖެއް…ތި ދެމީހުން އެކުގަ އުފާވެރި ހަޔާތެއް ލިބެން އޮތްއިރު، ތިން މީހުންގެ ދިރިއުޅުން ޤުރުބާންކުރުމަކީ އެންމެ ރަނގަޅު ގޮތްތަ؟ ޝިޒާންގެ އާއިލާ ދުވަހަކުވެސް އަހަރެން ބަލައި ނުގަންނާނެ…..މިހަޤީގަތެއް ބަދަލެއްވެސް ނުކުރެވޭނެ ޝިޒާންއަކަށް… އަހަރެންވެސް ޝިޒާން އާއި ނުލާ ދިރިއުޅެން މިހާރު ދަސްކޮށްފިން…. ދެން މި ދަރިފުޅު…. ޝިޒާން ބޭނުން ދުވަހަކު، ބޭނުން އިރަކު މި ދަރިފުޅާ ބައްދަލުވާނެ….؟” ހަމަ ހަޤީގަތުގައިވެސް އަހަރެން މިހާރު ޝިޒާންއާއި އަލުން ގުޅޭކަށް ބޭނުމެއް ނޫނެވެ. ދަރިފުޅަށްޓަކައި ޝިޒާންއާއި ގުޅެން ތައްޔާރުނަމަވެސް އެކަން ނުވާނެގޮތެއްވުމަކީ އަހަރެންގެވެސް އުންމީދެވެ.
“އަހަރެން ވަރަށް ލޯބިވޭ އީމާން… އަހަރެންނަށް އެނގޭނީ އީމާންއާއި ނުލާ އަހަރެން މި އުޅޭގޮތް…” ޝިޒާން އަދިވެސް ހުރީ މުޅިން ޚިޔާލު ބަދަލުކުރާކަހަލަ ގޮތަކަށް ނޫނެވެ. ކައިވެނި ރުޖޫޢަ ނުކުރާނަމޭ ބުނެ ގަދަ ބަސްބުނެ ކޯޓަށް ގޮސް ފޯމުލުމަކީ އަހަރެންނަށް މާ އުނދަގޫ ކަމެއްނޫނެވެ. ނަމަވެސް އަހަރެންނަށް މަންމަ ދަސްކޮށްދީފައި އޮތީ ކޮންމެ ކަމެއްވެސް ސުލްހަވެރިކަމާއި އެކު ނިންމުމަށެވެ. އަބަދުވެސް މަސައްކަތްކުރަމުން އައީވެސް ލޯބިދީގެން ވާހަކަދައްކައިގެން ކެތްތެރިކަމާއިއެކު ކަންކަން ނިންމޭތޯއެވެ. ނަމަވެސް އަހަރެންނަށްވެސް ރުޅިއާއި ހިތާމައިގެ ތެރޭގައި ބައެއްކަންކަން ގޯސްކޮށް ނުކުރެވޭ ވާހަކައެއް ނުބުނާނަމެވެ. އެއްވެސް އިންސާނަކީ އެންމެ ފުރިހަމަ މީހެއް ނޫނެވެ.
“ޝިޒާން ރޭޒަލް އަށް ފުރުޞަތެއް ދީބަލަ…. އަމިއްލަ ނަފްސަށްވެސް ފުރުޞަތެއް ދީބަލަ ދިރިއުޅުމައިގެން ކުރިއަށްދާން. ތިޔަ އަތުގަ ހިފައިގެން ކުރިއަށްދާނޭ މީހެއް ތިހިރީ…ފަސް ބަލަން ހަދައިގެން ކުރިއަކަށް ނުދެވޭނެ…”އަހަރެން ދެންވެސް މަސައްކަތްކުރީ ޝިޒާންއަށް އެއްޗެއް ވިސްނައިދެވޭތޯއެވެ.
” ތިކަން ވެސް ކޮށްފާނަން.. އެކަމަކު އަހަރެންނަށް ރޭޒަލްއަށް އެ ލޯބި ނުދެވުނިއްޔާ ކިހިނެއް ހަދާނީ؟ ރޭޒަލް ގެ ހަޔާތް ބޭކާރުކޮށްލަން އެހެން ބަހައްޓަންވީ؟ ރޭޒަލްދެކެ އަހަރެން ލޯބި ނުވާކަން އެނގޭއިރުވެސް ރޭޒަލް ހުންނާނަން؟” މި ފަހަރު ޝިޒާން ވާހަކަ ދެއްކީ ރޭޒަލް އާއި ދިމާއަށް ބަލަހައްޓައިގެން އިނދެއެވެ.
” އެންމެ ފަހުވަގުތަށްވެސް ޝިޒާންގެ ލޯބި ހޯދޭތޯ މަސައްކަތްކުރާނަން. އެކަމަކު އެ ފުރުޞަތު ޝިޒާން އަހަރެންނަށް ދޭންވާނެ”ރޭޒަލް ވެސް ވާހަކަ ދެއްކީ ޝިޒާންއާއި ދިމާއަށް ބަލަހައްޓައިގެން އިނދެއެވެ.
“އެންމެ ރަނގަޅު…. އަނހަންނަށް މި ނޫންގޮތެއް މިހާރު އޮތްހެންވެސް ހިއެއްނުވޭ…. އާއިލާއަށްޓަކައިވެސް ރޭޒަލްއާއެކު އުޅެން އެބަޖެހޭ…. އެހެންވީމާ އަހަރެން އެ ފުރުޞަތު ރޭޒަލްއަށް ދޭނަން..ވަރި ސާބިތުކުރަން ފޯމުވެސް ލާނަން…އަބަދުގެ އަބަދަށް އީމާން މިނިވަންކޮށްދޭނަން…އަހަރެން ލޯބިވާ މީހަކަށްވުރެ އަހަރެންދެކެ ލޯބިވާ މީހަކާއިއެކު އުޅެވޭތޯ ބަލާނަން… އަހަރެންގެ ފުރަތަމަ ލޯބި ލޯ ކުރިމަތިން ބީވެގެން ދިޔައީ އަމިއްލަ ކުށުންކަން ޚުދު އަހަރެންވެސް ޤަބޫލުކުރަން… އެކަމަކު އީމާން އަހަރެންދެކެ ލޯބި ނުވެޔޭ އަހަރެންގެ ހިތް އަދިވެސް ޤަބޫލެއް ނުކުރޭ…ރޭޒަލްއަށް އެއްވެސް ކަމެއް ފޮރުވާކަށްވެސް ނެތިން… އީމާން އެހެން މީހަކާއި އިންނަންދެންވެސް އަހަރެން އީމާންއަށް އިންތިޒާރު ކުރާނަން…އަދި އީމާން އަހަރެން ކައިރިއަށް އައިސްފިނަމަ، ރޭޒަލް ވާނެ އީމާން ބަލައިގަންނަން….ޕްލީސް”ޝިޒާން ގެ ވާހަކަ އިވިފައި ކުޑަކޮށް ހިނިތުންވެވުނީ އެދުވަސް ދެންނާނޭކަން އަހަރެންނަށް އެނގޭތީއެވެ. އަހަރެންގެ ދިރިއުޅުމުގައި މިހާރު ބޭނުންވަނީ އަހަރެންގެ އާއިލާ ހޯދުމާއި ދަރިފުޅު ލޯބިން ބަލާ ބޮޑުކުރުމެވެ. އިތުރުއެއްވެސް މަޤްޞަދެއް އަހަރެންގެ ނުވެއެވެ. ރޭޒަލް ޝިޒާންގެ ބަހަށް އެއްބަސްވުމުގެ ގޮތުން އަތުގައި ހިފާލިތަން އަހަރެން ދުށީމެވެ.
ހިތްހަމަ ޖެހުމުގެ ނޭވާއެއްލުމަށްފަހު އަހަރެން ނުކުންނަން ހިނގައިގަތީ ހިނިތުންވުމަކާއިއެކީއެވެ. މި ދެކެވުނު ވާހަކައިގެ ތެރޭގައި އަހަރެން ގެ ހިތް ބޭނުންވާގޮތް ވަރަށް ސާފުކޮށް އެނގިއްޖެއެވެ. މި ހިތުގެ ތެރޭގައި މިހާރު ޝިޒާންއަށްޓަކައި ލޯތްބެއްވެސް ނަފްރަތެއްވެސް ނުވެއެވެ. ރޭޒަލް އާއި ޝިޒާންއަށް އުފާވެރި ދިރިއުޅުމެއް ލިބުމަކީ އަހަރެންގެވެސް ދުޢާއެވެ. އެކަމަކު އެކަން ނުވިނަމަވެސް އަހަރެން އަނބުރާ ޝިޒާން ބޭނުމެއް ނޫނެވެ. މި ދަރިފުޅުގެ ބައްޕަގެ ހައިސިއްޔަތުން ޝިޒާން އާއި ދަރިފުޅާއި ގުޅުވައިދޭނަމެވެ. އެކަމަކު ޝިޒާން ގެ ހިޔަނިވެސް އަހަރެންގެ ދިރިއުޅުމަށް އެޅޭކަށް އަހަރެން ބޭނުމެއްނޫނެވެ. ޝިޒާން ފޯމު ނުލިނަމަވެސް އަހަރެން ފޯމުލައި ވަރި ސާބިތުވެސް ކުރާނަމަވެ! އަހަރެންގެ ކުޑަ ކުޑަ “ޒީ” އަށް މަންމައާއި ބައްޕަގެ ލޯބި އަހަރެންދީ އެ ހިތް ފުރާލަދޭނަމެވެ. އާނއެކެވެ! އަހަރެން ބޭނުންވާ ގޮތަކީ މިއީއެވެ! އަހަރެންގެ ހިތް އެދޭގޮތަކީވެސް މިއީއެވެ!
ބޭރަށް ނުކުތްއިރު ޒިލާލްމެންތިބީ ކައި ނިމިގެން އަހަރެންގެ އިންތިޒާރުގައެވެ. އަހަރެން ފެނުމުން ނިމުނީތޯ އާއި ގެއަށް ދާންވީތޯ އަހާލިއެވެ. އަހަރެން އާނއެކޭ ބުނުމުން އެމީހުންވެސް ތެދުވެ އެންމެން އެކީ ބޭރަށް ނުކުތުމަށް ހިނގައިގަތީމެވެ.
ފާއިތުވީ ހައެއްކަ މަސްދުވަހުވެސް ނުލިބޭހާ އަރާމު ނިދި އެރޭ ލިބުނުކަހަލައެވެ. އެތަށް ޒަމާނެއްވަންދެން ކަސްތޮޅު އެޅިފައިވާ މީހަކު އެ ކަސްތޮޅުތަކުން މިންޖުވުމުން ލިބޭނޭފަދަ އުފާވެރި ހިތްހަމަޖެހުމުގެ އިހްސާސްއަހަރެންނަށް ކުރެވުނެވެ. ޒިލާލްވެސް އަދި ޒިވިއަލްވެސް އެއްވެސްކަމެއް އޮޅުންފިލުވާކަށް މަސައްކަތެއްވެސް ނުކުރެއެވެ. ލިބުނު އަރާމު ނިންޖާއިއެކު އަނެއް ދުވަހު ފަތިހު އޮފީހަށް ދާންވެސް ހޭލެވުނީ ވަރަށް ލަސްވީ ފަހުންނެވެ. އެވެސް ޒިލާލް ގޮވުމުންނެވެ.
އަހަރެން ޝިޒާންއާއި ބައްދަލު ކުރިތާ ތިން ދުވަސް ފަހުން ކޯޓު ޗިޓު ލިބުނެވެ. އެ ހަފްތާގެ ބުރާސްފަތި ދުވަހު ކޯޓަށް ހާޟިރުވުމަށެވެ. ކޯޓު ޗިޓު ލިބުނު ވާހަކަ އަހަރެން އެއްވެސް މީހެއްކައިރީ ނުބުނަމެވެ. ކޮންމެހެން ސިއްރުކުރާކަށް ނޫނެވެ. އެކަން ބޮޑު ކަމަކަށް ހަދަން ބޭނުން ނުވާތިއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ކޯޓަށް ހާޟިރުވާން ޖެހޭ ދުވަސްވެސް އައިސް ޖެހިއްޖެއެވެ. ކޯޓަށް ކިޔާފައި އިނީ ހެނދުނު ގެ އެގާރަގަޑި ބަޔަށްކަމުން އަހަރެން ކޯޓަށް ދިޔައީ އޮފީހުގައި އިނދެފައެވެ.ކޯޓު އިދާރާއަށް ދިޔައިރު ޝިޒާން އެކަނި ގޮނޑިބަރީގައި މަޑުކޮށްގެން އިނެވެ. އަހަރެންވެސް ގޮސް އައިޑީ ކާޑު ރިސެޕްޝަނާއި ހަވާލުކުރުމަށްފަހު ޝިޒާން އާއި ޖެހިގެން އެއްގޮނޑި ދޫކޮށްފައި އިށީނީމެވެ.ޝިޒާންގެ މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. އެ މޫނުގައި އެއްވެސް އުފާވެރިކަމެއް ނުވާކަހަލައެވެ. އަހަރެން އިން ހިސާބަށްވެސް ޝިޒާންގެ ގައިން ދުވާ ސިނގިރޭޓުގެ ވަސް ހުއްޓެވެ. ދެމީހުންގެ ދެމެދުގައި ދައްކާނެ އެއްވެސް ވާހަކައެއްވެސް މިހައިތަނުން ނެތީއެވެ. މުޅިތަނުގައިވެސް ވަނީ ހަމަހިމޭންކަމެވެ. ނަމަވެސް މާގިނައިރު މަޑު ކުރާކަށް ނުޖެހުނެވެ. އަހަރެމެންނަށް އެތެރެއިން ގޮވިއެވެ. ކޯޓު ރޫމްގެ ދޮރު ހުޅުވާފައި ދެން އަހަރެމެން ބޭރަށް ނުކުތީ ވަރި ސާބިތުކުރުމަށްފަހުއެވެ. ލިޔެކިޔުންތައް ހަވާލުކޮށްލަންދެން އަހަރެމެން ކުރިންވެސް ތިބި ގޮނޑި ބަރީގައި އިށީނީމެވެ.
” ތެންކްސް ފޯ ލެޓިން މީ ގޯ” އަހަރެން އިސް ޖަހައިގެން އިނދެ ޝިޒާންއަށް ޝުކުރުއަދާކުރީމެވެ. މި ދިރިއުޅުމަކަށް ނުވާ ދިރިއުޅުމުން އަހަރެން މިންޖުކޮށްދިނީތީއެވެ. ޝިޒާން އެއްވެސް އެއްޗެއް ނުބުނެ އިސްޖަހައިގެން އިނެވެ. އެހެން އިނދެ ބައެއް ފަހަރު ނޭފަތް ދަމާލާގޮތުން ޝިޒާން ރޮނީ ހެންވެސް އަހަރެންނަށް ހީވިއެވެ.
އިރުކޮޅަކަށްފަހު އެތެރެއިން ކުއްޖެއް ނުކުމެ ދެ މީހުންނަށް ލިޔެކިޔުންތައް ހަވާލުކުރިއެވެ. އެއާއިއެކު ދެމީހުން އެކުއެކީހެން ބޭރަށް ނުކުތީމެވެ.
” އައިލަވްޔޫ…އަހަރެން އިންތިޒާރު ކުރާނަން…” މަގުމައްޗަށް ނުކުމެވުމާއިއެކު ސައިކަލާއި ދިމާއަށް ހިނގައިގަންނަމުން ޝިޒާން ބުނެލިއެވެ. އަހަރެންނަށް އިތުރު އެއްވެސް އެއްޗެއްވެސް ބުނުމުގެ ފުރުޞަތުވެސް ނުދީ ހިނގައިގަންނަމުންނެވެ. ޝިޒާން ގޮސް ގެއްލެންދެން ބަލަހައްޓައިގެން އަހަރެން ހުރީމެވެ. ކުރިމަތިންގޮސް އެ ގެއްލުނީ އަހަރެންގެ ދިރިއުޅުމުގެ ގާތްގަނޑަކަށް ދެ އަހަރެވެ. އަބަދުގެ އަބަދަށްވެސް މި ގުޅުން ހަނދާންކޮށްދޭނޭ ހަދިޔާއެއް ދިނުމަށްފަހު މިއަދު ދެމީހުންގެ ދިރިއުޅުން ރަސްމީކޮށް ދެ މިސްރާބަކަށް ބަދަލުކުރީއެވެ.ދިރިއުޅުމަކީ މިއީއެވެ. އުންމީދުނުކޮށް ހުންނަ ކިތަންމެ ކަމެއް ކިތަންމެ ގޮތަކަށް ބަދަލުވެގެން ދާނެއެވެ. އަހަރެމެންނަށް އޮތީ ކެތްތެރިވުމެވެ.
ޓެކްސީއަކަށް އަރައިގެން ގެއަށް ދެވުނުއިރު ދެ ގަޑި ބައިވަނީއެވެ. ގޭގެ ދޮރުމައްޗަށް ޓެކްސީ ހުއްޓުމާއިއެކު ދޮރު ހުޅުވާލާ ބޭރަށް ނުކުތީމެވެ. އޭރު ދެބައި އުމުރަށްވުރެ ދޮށީ އަންހެނަކު ސެކިޔުރިޓީ ސިސްޓަމުން އަހަރެމެން އުޅޭބައިގެ ބެލް އަޅަނީއެވެ. ލާފައިހުރި ކުދި އެސްތަކުން ޖަރީކޮށްފައިވާ އަރިފެޅި ހެދުމާއި އަޅާފައި ޖަރީ ބުރުގަލުން އެ މީހާގެ ހައިބަތު ދައްކައިދެއެވެ. ފެންނަ ފެނުމަށް ފުދުންތެރި މީހެކެވެ.
” ދޮރު ހުޅުވާލަ ދެންތޯ” އަހަރެން ފަހަތުން އެހެން ބުނެލުމާއިއެކު އެމީހާ ސިހިފައި ބަލާލިއެވެ.
“ކަނބުލޮ މި ގޭގަތަ އުޅެނީ؟” އެ މީހާ ސުވާލުކޮށްލީ ނުފެންނަތާ ގިނަދުވަސްވީ މީހަކާއި ސުވާލުކޮށްލާހެންނެވެ.
“އާދެ! ހަމަ އެގާރާގައި….. ޒިލާލްމެންގެ އާއިލާ ބޭފުޅެއްތޯ؟” ދޮރު ހުޅުވާލަމުން އަހަރެން ރީއްޗަށް ވާހަކަ ދެއްކީ އެއީ ޒިލާލްމެންނާއި ގުޅުންހުރި މީހެއްކަމަށް ޤަބޫލުކުރެވޭތީއެވެ.
” އެކުދިންގެ އެޕާޓުމަންޓުން ކޮޓަރި އެއްކުއްޔަށް ނަގައިގެން އުޅެނީ ކަނބުލޮތަ؟” އެ މީހާގެ ރާގުގައިވި ގާތްކަމުން ބައެއްފަހަރު ކޮންމެވެސް ތާކުން ފެންނަ މީހެންހެންވެސް ހީވިއެވެ.
” އާދެ!” އަހަރެން ކުރުކޮށް ޖަވާބުދިނީމެވެ. އޭރު އެމީހާ ހުރީ އަހަރެންގެ ބަނޑާ ދިމާއަށް ބަލަހައްޓައިގެންނެވެ.
” ކޮބާ ފިރިމީހާ؟” ޒިލާލްމެން ބުނާނީ އެކަނި ހުރި އަންހެން ކުއްޖެއްގެ ވާހަކަތާއެވެ. އެކަމަކު މާބަނޑު އަންހެނެއްކަން ބުނެ ނުދެނީކަންނޭނގެއެވެ. އެހެންވީމާ މާބަނޑު އަންހެނަކު އެކަނި އުޅޭނަމަ ފިރިމީހާ ކޮބައިތޯ ކޮންމެ މީހަކުވެސް ސުވާލުކުރާނެތާއެވެ.
“މިހާރު ފިރިއެއް ނުހުރޭ!” ހީލަމުން އަހަރެން ޖަވާބުދިނީމެވެ. އޭރު ލިފްޓުވެސް 11 ވަނަ ފަންގިފިލާއަށް ހުއްޓުނީއެވެ.
” އެ ކުދިން ނޫޅެނީ ދޯ ގޭގަ؟” އަހަރެން ކީ ކާޑު ދޮރުގައި ޖައްސާލުމާއިއެކު އެ މީހާ އެހިއެވެ.
” ޒިވިއަލް އަންގާރަ ދުވަހު ކޮންމެސް ތާކަށް ގޮސް އަދި އައިހެނެއް ހިއެއްނުވޭ.. ޒިލާ އާންމުކޮށް އަންނާނީ ހަތަރެއްގެ ފަހުން… އިށީންނަން ވީ ނުންތޯ؟” އެތެރެއަށްވަދެ އިށީންނަން ސޯފާ ދައްކާލަމުން އަހަރެން ބުނެލީމެވެ. އަދިކޮޓަރިއަށް ވަދެ ދަބަސް ބަހައްޓާލުމަށްފަހު ބޭރަށް ނުކުތީ އެ މީހާ އެކަނި ބައިންދާފައި ކޮޓަރިއަށް ވަންނަން ނުކެރިގެންނެވެ.
“ކަނބުލޮވެސް މިތާ އިށީނދެބަލަ..” ސޯފާއަށް އިޝާރާތްކުރަމުން އެމީހާ އެހެން ބުނުމުން އަހަރެންވެސް ގޮސް އެ މީހާއާއި ޖެހިގެން ހުރި ގޮނޑީގައި އިށީނީމެވެ.
” ހާލު ރަނގަޅުތަ؟ ބަނޑަށް ކިތަށް މަސް؟” އަހަރެންނާ ދިމާއަށް އެނބުރެލަމުން އެ މީހާ ވާހަކަދެއްކިއެވެ.
“6 މަސް މިވީ… ރަނގަޅު އިންޝާﷲ… ޒިލާލްއަށް ގުޅާލަންތަ؟” އަހަރެން އެހެން ބުނެލީ މާ ބޮޑަށް އަހަރެންގެ ވާހަކަ ދައްކާތީ ކުޑަކޮށް ހިތް ނުތަނަވަސްވާންފެށުމުންނެވެ.
“އާނ.. ގުޅާލާފަ ބުނެބަލަ ނަސީމައްތަމެން އައިސް އެބަތިއްބޭ….. ސްޕީކަރަށް ލައިގެން ވާހަކަ ދައްކާތި”
އަހަރެން ފޯނު ނަގާ ޒިލާލްއަށް ގުޅާ ސްޕީކަރަށް ލުމަށްފަހު އެ މީހާ ބުނިގޮތަށް ބުނީމެވެ.
” އޭނ ނަސީމައްތައޭ؟ ދެންމެ ނަސީމައްތަ ދަރިއާ މި ވާހަކަ ދެއްކީ… އޮސްޓްރޭލިޔާގަ ހުރީ.. އީމް ހެޔޮ އެއްޗެއްތަ ތި ކިޔަނީ… ދީބަލަ ނަސީމައްތައަށް ފޯނު” އަހަރެން އިސް އުފުލާލާ ދެން ބުނަން ވީ އެއްޗެއް އެ މީހާ ކައިރިން އަހާލީމެވެ. އެމީހާ އަވަސް އަވަހަށް ފޯނުމިޔުޓްކޮށްލުމަށްފަހު ފާހާނާގައޭ އަވަހަށް އަންނާށެ ބުނެފަ ފޯނުކަނޑާލުމަށް ބުންޏެވެ.
“އާނއެކޭ.. އަހަރެން ގެއަށް އައިއިރު ބެލް ޖަހަން ހުރީ… ފޯނު ނެތީމަ ނުގުޅިފަ.. އެވަނީ ފާހާނާއަށް.. އާދެބަ ޒިލާލް” އަހަރެން އެހެން ބުނުމާއިއެކު މި ދަނީ ކަމުގައި ބުނެފައި ޒިލާލް ފޯނު ބާއްވައިފިއެވެ.
” ދައްތަ މިހިރީ އަދި މެންދުރު ނަމާދުނުކޮށް އެއާޕޯޓުންއައިގޮތަށް.. ނަމާދުކޮށްލަން އެކޮއެ ކޮޓަރިއަށް ވަދެލަންތަ” އަހަރެން އަވަސް އަވަހަށް އާނއެކޭ ބުނެ ކޮޓަރި ހުޅުވާލަދީ އެމީހާ ނަމާދުކޮށްގެން އަންނަންދެން ސޯފާގައި އިށީނީމެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.


Ma sha Allah 🕊️❤️,..keep up the good job
I love this story 😍 tomorrow Is my exams .
But tomorrow my boyfriend and his girlfriend is coming .
When Is next part
I love this story 😍
ވާހަކަ ހަމަ ވަރަށް ރީތި އިނގޭ! ވާހަކަޔަށް އަނތްބެއްގެ އިހުސާސްތައް ބަންޑުންކޮށްލައިފައި ހުރި ގޮތް ވެސް ވަރަށް ފުރިހަމަ. ހައްގު ޝުކުރާއި ތަހުނިޔާ އަދާކުރަން
Wooooow. Mi part vs vrh furihama maasha Allah💗.What is going to happen next ??
Curiously waitinggg for the next part
Masha Allah… it’s literally very interesting… Curiously waiting for the next part… <3
Wow
heevani ei naseemahtha eh noon hen zilaal menge mom hen
ހުރިހާ ކުދިންނަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ