Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކުންދިން- 10ވަނަ ބައި

SomeOne Level 210 Stories
April 17, 2023 5 Mins Read
2 Comments

“ވަރި ސާބިތެއްވެސް ނުކުރާނަން. އެހެން މީހަކާ އިނަކަވެސް ނުދޭނަން. ތި އީމާން ހުންނާނީ ހަމަ މި ޝިޒާންގެ މީހެއްގެ ގޮތުގަ. މަގޭ ދަރީގެ މަންމަގެ ގޮތުގަ” ޝިޒާން ފޯނު ކަނޑާލުމާއިއެކު އަހަރެން މައި ނޭވާއެއް ބޭރުކޮށްލީމެވެ. ޝިޒާންއާއި މިގޮތަށް ކުރިމަތިލާނެ ހިތްވަރު ލިބުމުން އަހަރެންގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ ހިތްހަމަ ޖެހުމެއް ލިބުނުކަހަލައެވެ.

ޖެހިގެންއައި ދުވަހެވެ. އާދައިގެމަތިން ފަތިސް ނަމާދުކޮށްލުމަށްފަހު ސައިތަށްޓެއް ބޯލުމަށް ސޯފާގައި އިށީނދެލީ ޓީވީ ހުޅުވާލަމުންނެވެ. ސޯފާގައި ހަމަޖެހެނުލެވެނީސް ކޮޓަރި ހުޅުވާލާފައި ޒިވިއަލް ނުކުތެވެ. ކަކޫ ނިވާނުވާވަރުގެ ކުރު ސޯޓަކާއި ޓީޝާޓެއް ލައިގެން ބޫޓަކަށްއަރައި ކޮނޑަށް ކުޑަ ތުވާއްޔެއް އެއްލައިގެން ފެން ފުޅިއެއް ހިފައިގެން ނުކުތްގޮތަށް އެއްވެސް އެއްޗެއްނުބުނެ އަހަރެންގެ ކުރިމަތިން ގޮސް ޓްރެޑްމިލްއަށް އެރިއެވެ. އެއާއިއެކު އަހަރެންނަށް ނޭނގި އަހަރެންގެ ލޯ ޒިވިއަލްއާއި ދިމާއަށް އަމާޒުވިއެވެ.ޒިވިއަލް ދުވަން ހުރީ އަހަރެންނާ ފުރަގަސްދީގެންކަމުން ނުފެންނާނެކަން ޔަޤީންވުމާއިއެކު ރަނގަޅަށް ޒިވިއަލްއާއި ދިމާއަށް ބަލާލެވުނެވެ.

އިސްކޮޅުން ދިގު ހަމުގެކުލަ ކަޅު ، ބާމަތި ފުޅާ ރީތި ހަށިގަނޑެކެވެ. ކޮށާލާފައިވާ ފަން އިސްތަށިގަނޑެކެވެ. ދުވަމުންދާ ވަރަކަށް ދާހިއްލަމުން ދިޔުމާއިއެކު ބޮލުން ޖަހަމުންދިޔަ ދާތިކިތަކުން ކަނދުރާމަތި ތެއްމަމުން ދިޔައެވެ. ދުވުމަށް ގަޔަށް  ބާރުލަމުން ދިޔުމާއިއެކު ފަޔާއި އަތު މުލަށްދަނޑި އަދި ކަރުގެ ނާރުތައް ރީއްޗަށް ފާޅުވޭވޭ ހުއްޓެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ޒިވިއަލްގެ މި ހުރިހާ ސިފައެއް އަހަރެންނަށް މާ ބޮޑަށް ފާހަގަ ކުރެވިފައެއްނުވެއެވެ. އަމިއްލަ ނަފްސުގެ މައްޗަށް ކޮންޓްރޯލް ގެއްލި ޒިވިއަލްއާއި ދިމާއަށް ކަޅިޖަހާނުލައި ބަލަން އިނދެވުނީ ކިހާއިރަކުކަމެއްވެސް ނޭނގެއެވެ. ހަމަހޭވެރިކަންވީ ކުއްލިއަކަށް އޯކަށް ދަމައިގަތުމުންނެވެ. އެއާއިއެކު ފާޚާނާދިމާއަށް ދުއްވައިގަނެވުނެވެ.މާ ބަނޑުވިފަހުން މި ގޮތަށް ހޮޑުލުމަކީ މިހާރު އަހަރެންގެ އާދައެކެވެ.

ހޮޑުލުމަށް ފާހާނާކައިރީގައި ހުއްޓާ ކުޑަކޮށް ސިހުނީ މީހަކު އައިސް އަހަރެން ބޮލުގައި ހިފަހައްޓާލުމުންނެވެ.އަނގަ ފޮހެލުމަށްފަހު އިސް އުފުލާ ބަލާލެވުނީ އަހަރެންނަށް ހީވި ހީވުން ޔަޤީންކޮށްލުމަށެވެ. އެއްއަތުން ބޮލުގައި ހިފަހައްޓާލައިގެން އަނެއްއަތުން އަހަރެންގެ ހަށިގަނޑުވަށާލައި ކޮނޑުގައި ހިފަހައްޓާލައިގެން ހުރިއިރުވެސް ޒިވިއަލްގެ މޫނުން ދާތިކި ޖަހައެވެ. ޒިވިއަލްއާއި ދިމާއަށް އެނބުރި އިސް އުފުލާލިވަގުތު ޒިވިއަލް ގައިން ދުވި ބާރުގަދަ ސެންޓުވަހާއިއެކު އަނެއްކާވެސް ހޮޑުލާން ފެށުނެވެ. އަދި އަވަސް ހަރަކާތަކާއިއެކު ފަހަތަށް ޒިވިއަލް ކޮށްޕާލެވުނެވެ. ހޮޑުލާ ނިމިގެން ތެދުވިއިރު ފާޚާނާ ދޮރުމަތީ ފެންފުޅިއެއް ހިފައިގެން ޒިވިއަލް ހުއްޓިލައިގެން ހުއްޓެވެ. އަހަރެން ނުކުންނަށް ހިނގައިގަތުމާއިއެކު ފެންފުޅި ދިނުމަށްފަހު އިތުރު ބަހެއް ނުބުނެ ބޭރަށް ނުކުންނަން ހިނގައިގަތެވެ.

“ސޮރީ. ސެންޓުގެ ވަސް ތަންކޮޅެއްގަދަ ވީމަ އުނދަގޫވީ” އަހަރެން އަވަސް އަވަހަށް އެހެން ބުނެލީ ޒިވިއަލް ހިތަށް އަރާފާނެ އެއްޗެއް ނޭނގޭތީއެވެ.އެއްވެސް އެއްޗެއް ނުބުނެ ކޮޓަރި ދޮރު ލައްޕާލުމަށްފަހު ޒިވިއަލް ނުކުމެގެން ދިއުމުން އެނދުމަތީ އިށީނދެލީ ހޮޑުލާލާ ވަރުބަލިވެފައި ހުރުމުންނެވެ. އެއާއިއެކު ކުރިން ކުރެވުނު ކަންތައް ހިތަށް އަރައި އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.އަހަރެންނާއި ޝިޒާންގެ ގުޅުން އެއްކޮށް ކެނޑުނީއެއްނޫނެވެ. ނުވިތާކަށް އަހަރެންމީ މާބަނޑު އަންހެނެކެވެ. މި ގޮތަށް ފިރިހެނަކާއި ދިމާއަށް ބެލުމަކީ ކިހާ ލަދުވެތިކަމެއް ހެއްޔެވެ. އަނެއްކޮޅުން ޒިވިއަލްއަށް ވުރެ އަހަރެންނާ ގާތްކޮށް އުޅެނީ ޒިލާލްއެވެ. ޒިލާލްއާއި ދިމާއަށް ނުބަލާ ނަޒަރަކުން ޒިވިއަލްއާއި ދިމާއަށް ބެލެންވީ ކީއްވެހެއްޔެވެ. އެ މީހުންގެ އިހްސާންތެރިކަން ނުބައި ގޮތަކަށް އަހަރެންނަށް މާނަ ކުރެވިދާނެތީ ހިތް ބިރުގަތެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. އަހަރެންނަކީ ވެސް އަދި އުމުރުން އެންމެ 24 އަހަރުގެ ނޫކަށިފުރާ ޒުވާނެކެވެ. އަހަރެން ބަލިވެއިނެއްކަމަކު އަހަރެންގެ ހިތުގައިވެސް ޒުވާންކަމުގެ ޖަޒުބާތު ހިނގައެވެ. އެކަމަކު……. އަހަރެން މިހިރީ މިފަދަ އިހްސާސަކަށް ޖާގަ ދެވޭނޭ ހާލަތެއްގައެއް ނޫނެވެ. އަހަރެންގެ ހިތުން ޖާގަދެވުނު ހަމައެކަނި މީހަކީ ޝިޒާންއެވެ. ދެން މިހިތުން އިތުރަށް ޖާގަ ދެވޭނީ އެންމެ އިންސާނަކަށެވެ. އަހަރެންނަށް ލިބެން އުޅޭ ދަރިފުޅަށެވެ. އަހަރެންގެ މުސްތަޤުބަލް އަހަރެން ކުރަހަނީ ހަމައެކަނި އަހަރެމެން ދެމައިންނާއިއެކުއެވެ. މި ކުޑަކުޑަ ދުނިޔެއަށް ދެން އިތުރު މީހަކު ގެންނާކަށް ބޭނުމެއްނޫނެވެ. ހަމަ އެއާއިއެކު ޒިވިއަލްއަށްޓަކައި އަހަރެންގެ ހިތުގައި ވަނީ އަދި ވާންޖެހޭނީވެސް ހަމައެކަނި އިހްތިރާމްކަން އަމިއްލަ ނަފްސަށް ވިސްނައިދިނީމެވެ.

އިރުކޮޅަކު އަރާމްކޮށްލުމަށްފަހު އޮފީހަށް ދިޔުމަށް ތައްޔާރުވެލައިން ބޭރަށް ނުކުތްއިރު ޒިވިއަލްވެސް ފެންވަރައިގެން ނުކުމެ ސޯފާގައި ކިންޑަލްއެއް ހިފައިގެން ކޮންމެވެސް އެއްޗެއް ކިޔުމުގައި ޝައުގުވެރިކަމާއިއެކު އިނެވެ. އަހަރެންވެސް ސޯފާ ގޮނޑިއެއްގައި އިށީނދެލީ ޒިލާލް ނުކުންނާނޭ ވަގުތަކަށެވެ.

“ދޮންބޭ… ކޮބާ ހުރިހާ ސެންޓު ފުޅިތަކެއް؟” އަތުކުރީ ގަޑިއެއް އަޅަމުން ބޭރަށް ނުކުތް ޒިލާލް ވާހަކަ ދެއްކީ ޒިވިއަލްއާއެވެ.

“ކަބަޑު ތެރޭގައި ހުންނާނެ. ތަންކޮޅެއް ބާރުގަދަ ވަހެއްވީމަ ކަމަކު ނުދޭ. އެ ޖަހާނެކަމެއްނެތް. އޮފީހުން އަންނަމުން ތަންކޮޅެއް ވަސްމަޑު ސެންޓުފުޅިއެއް ގަނެގެން އާދޭ! އެކްޗުއަލީ ބައި ޓޫ. 1 ފޯ މީ ޓޫ” ޒިވިއަލް ވާހަކަ ދެއްކީ ކިޔަންއިން އެއްޗަކުން ނަޒަރު ނުގެއްލޭނޭހެން އިނދެގެންނެވެ.

” އައިކޭން ޗޭންޖް.. އެކަމަކު….އެ ނޫން ސެންޓެއް ދޮންބެ ނުޖަހަމެއްނު…ކިހިނެއްވީ ކުއްލިއަކަށް؟” ސުވާލުމާކުތަކަކުން ފުރިގެންވާ ރާގެއްގައި ޒިލާލް ދެންވެސް ވާހަކަ ދެއްކީ ޒިވިއަލްއާއެވެ.

“ޓޭސްޓް ޗޭންޖަސް ވިތް ޓައިމް” ޒިވިއަލްގެ ޖަވާބު ކިތަންމެހާވެސް ކުރުވެފައި ސާދާއެވެ.

ދެބެންގެ ދެމެދުގައި ހިނގަމުންދިޔަ ވާހަކައިގެ ތެރެއަށް އަހަރެން އެއްޗެއް ބުނަން ބޭނުންނުވީ ސެންޓު ބަދަލުކުރަން ޒިވިއަލް ނިންމި ސަބަބު ނޭނގޭތީއެއްނޫނެވެ. އަހަރެން ކޮންމެ އެއްޗެއް ބުންޏަސް ޒިވިއަލްގެ ނިންމުން ބަދަލު ނުކުރެވޭނޭކަން އަހަރެންނަށް އެނގޭތީއެވެ.

“އައި އޭމް ސަޕްރައިޒްޑް! ބްރޯ އަކީ ނުލާހިކު ހޫގޯ ބޮސްގެ މީހެއް! ސެންޓު ބަދަލު ކުރަން އެ ބުނީ ކީއްވެބާއޭ ހަމަ މިހިތަށް އަރަނީ! ނޮޓް ސޯ ހިމް” ޒިލާލް އަހަރެންނާ ވާހަކަ ދެއްކީ ލިފްޓުން ތިރިއަށް ފައިބަމުންނެވެ.

“އެ ބުނީނު ޗޭނަޖްސް ވިތް ޓައިމް އޭ..ކަމެއް ވީ ކަންނޭނގެއެއްނު” އަހަރެން ނޭނގޭކަމަށް ހަދާފައި ބުނެލީމެވެ.

” ޔޫ ތިންކް އައި ވިލް ބިލީވް ހީމް؟ ޔަޤީން ކޮންމެސް ކަމެއް ވީ… ވެދާނެ ދޮންބެ ގެ ” ޑްރީމް ލޭޑީ” އަށް ކަމުނުދާ ސެންޓެއްކަން އެނގުނީކަމަށް” ޒިލާލް އެ ބުނީ ކީކޭބާވައެވެ؟ ޒިވިއަލްގެ ބިޓެއް ހުންނަނީ ބާވައެވެ. އެ މައުލޫއަށް އަހަރެންނަށް ޝައުޤުވެރިކަން ދެވުނީ ކީއްވެކަމެއް ނޭނގުނެވެ.

” ޑްރީމް ލޭޑީ އޭ؟ ގާލް ފްރެންޑެއް ނުހުރޭތަ؟ އަދި އަލަށްވެސް މެރީ ނުކުރޭ؟” ހައިރާންކަމުގެ ކުލަތައް މޫނުމަތިން ދައްކަމުން އަހަރެން އަހާލީމެވެ.

“އާނ… އަދި ހަމަ ޕިޔޯ ވާޖިން” ހެމުން ހެމުން ޒިލާލް ބުނެލިއެވެ.

” ދެން ކޮން ޑްރީމް ގާލްއެއް؟” އަހަރެން ބޭނުންވާ ސުވާލަށް ޖަވާބެއް ނުލިބުމުން އަނެއްކާވެސް ސުވާލު ކޮށްލީމެވެ.

“ނޭނގެ! މާ ވަގަށް ކުރާކަމެއް އެއީ… ނޯވަން ނޯސް އެކްސެޕްޓް ހިމް. ދުވަސް ގަނޑެއްވެއްޖެ.” ޒިލާލްގެ ޖަވާބުތަކުން އަހަރެން ހިތްހަމައެއް ނުޖެހުނެވެ. ޒިވިއަލް ގެ ހަޔާތުގައި އެހެން އަންހެން ކުއްޖެއް ހުރުމުން އަހަރެން ހިތްހަމަ ނުޖެހެންވީ ސަބަބެއް އޮތީއެއްވެސް ނޫނެވެ. ނޫނެކެވެ. ހިތްހަމަ ނުޖެހެނީ ނޫނެވެ. ޒިވިއަލްގެ މިޒާޖް ހުންނަ ގޮތުން ބިޓެއް ހުންނަހެން ނުވަތަ ލައިކް ވާ ކުއްޖެއް ހުންނަހެން ހީނުވަނީއެވެ. އެ ކުޑަވަގުތު ކޮޅުވެސް އަހަރެންގެ ހިތާއި ސިކުނޑިއާއި ދެމެދު ހަނގުރާމައެއް ހިނގިކަހަލައެވެ.

“އެހެން ދޯ” އަހަރެން ދޯ އަކުން ނިންމާލީމެވެ. ޒިވިއަލް ބިޓެއް ހުރުމަކުން އެއީކީ އަހަރެންނާއި ބެހޭކަމެއް ނޫންތާއެވެ.

“އާން.. މަންމަ ބްރޯގެ ގެ ކައިވެނި ހަމަޖައްސަން ވާހަކަ ދެއްކީމަ ބުނީ.. ވަކި ކުއްޖެއް ލިބޭތޯ ޔޯ… 35 އަހަރު ވާއިރު އެކަން ނުވިއްޔާ މަންމަ ދައްކާ މީހަކާ އިންނާނަމޯ….” ވާހަކަ މިހާ ހިސާބަށް ދިޔައިރު ލިފްޓް  އައިސް ގްރައުންޑް ފްލޯއަށް ހުއްޓުނީއެވެ.

“ހިހި. ތިވާނީ މީހަކާ ނީންނާން މޮޅު ވާހަކައެއް ދައްކަނީކަމަށް” އަހަރެން ފާޅު ކުރީ ހަޤީގަތުގައިވެސް އަހަރެންގެ ވިސްނުމެވެ.

“އީމް މަޑު ކުރޭ މިތާ. އަންނާނަން ސައިކަލު ނަގައިގެން. ގަރާޖުގަ ޖާގަ ނެތީމަ އެތާ ޕާކިން ޒޯނަށް ރޭގަ ސައިކަލު ޖެހީ” ދޮރުން ނިކުންނަމުން ޒިލާލް ހިނގައިގަތީ ސައިކަލު ބަލައެވެ. ޒިލާލްގެ އިންތިޒާރުގައި ހުއްޓައި އަހަރެންގެ ލޮލުގައި އަޅައިގަތީ ޕޭމަންޓު ކައިރިއަށް އައިސް ހުއްޓުނު ނޫކުލައިގެ ޕީސީއެކްސް ސައިކަލެވެ.

” ހިނގާ އޮފީހަށް ލައިދޭނަން” ޝިޒާންގެ އަޑުގައި ވަނީ މަޑުމައިތިރިކަމެވެ. ރޭގައި ދެކެވުނު އެއްވެސް ވާހަކައެއް ހަނދާންވެސް ނެތް ކަހަލައެވެ.

“ނޫން. ތެންކްސް. އެބަ އާދެ ބަލާ” އަހަރެން ޖަވާބުދިނީ ދުރަށް ބަލަހައްޓައިގެން ހުރެއެވެ.

“ބޮޑާ ނަހާކަބަ އީމާން. އީމާންއެއްނު ބުނީ އީމާން އުޅޭތާކަށް މަށަށް ވަދެވޭނެއޭވެސް. އެކަމަކު ރީއްޗަށް އަނގައިންވެސް ބުނަނީއެއް ނޫނޭ މިހާރު” ތެދެކެވެ. އަހަރެން އެހެން ބުނީމެވެ. އެކަމަކު އެއިރު އަހަރެންނަކީ ޝިޒާންގެ އަތްބެކެވެ.

“އެއީ އަނބި މީހާގެ ހައިސިއްޔަތުން ފިރިމީހާ ކައިރީ ބުނިއެއްޗެއް. މިހާރު ހާލަތު ތަފާތެއްނު” އަހަރެން ދެންވެސް ވާހަކަ ދެއްކީ ޝިޒާންގެ މޫނަށް ނުބަލައެވެ.އެ މޫނުން ފެންނަން ކުލަވަރަކުން އަހަރެންގެ ހުރިހާ ހިތްވަރެއް ވެއްޔާ މޮޑެވިގެންދާކަށް ބޭނުމެއް ނޫނެވެ.

“ހާލަތު އަލުން އިޔާދަ ކުރެވިދާނެއެއްނު. ދެ އަނބިން ގެންގުޅޭނެ ފެންވަރު އަހަރެން އެބަހުއްޓޭ. އަހަރެން އީމާން ބޭނުން. ތި ދަރިފުޅުވެސް ބޭނުން” އަހަރެންނަށް މިހާރު ޝިޒާން އެނގޭ ބާވައޭ ހިތަށް އަރައެވެ. މީގެކުރިން ޝިޒާންގެ ނުފެންނަ ކިތަންމެ ސިފައެއް މިހާރު އަހަރެންނަށް އެބަފެނެއެވެ.ނޫނީ ހަޔާތުގަ މި ކުރިމަތިވި ތޫފާނުގެ އަސަރު ޝިޒާންގެ މިޒާޖަށްވެސް ކުރީ ކަންނޭނގެއެވެ.

ހަމަ އެވަގުތު ޒިލާލް އައިސް ޝިޒާންގެ ސައިކަލު ފަހަތުގައި މަޑުކޮށްލިއެވެ.

” ޕްލީޒް އަހަރެން ފަހަތުން ތިހެން ނޫޅޭ. އަހަރެންނާއި މިދަރިފުޅަށް ކަމެއް ކޮށްދެންޏާ އަހަރެމެންނާ ވީހާވެސް ދުރަށްދޭ. އަދި ރޭޒަލްއާއިއެކު އުފާވެރި ހަޔާތެއް ބިނާކުރޭ”

ޝިޒާން އިތުރަށް ބަހެއް ބުނުމަށް ފުރުޞަތުނުދީ އަހަރެން ގޮސް ޒިލާލްގެ ސައިކަލުގެ ފަހަތަށް އަރައި އިށީނީމެވެ. ވަގުތުން ޒިލާލް ސައިކަލު ދުއްވާލިއެވެ. އަހަރެންގެ ދެލޮލުގައި ފުރި ބާރުވަމުން އަންނަ ކަރުނަތައް ހުއްޓުވޭތޯ ގަދައަޅައި މަސައްކަތް ކުރަމުންދިޔައީމެވެ.

“ދެޓްސް އެކްސް؟” ސައިކަލު ދުއްވާލުމާއިއެކު ޒިލާލް ސުވާލުކޮށްލިއެވެ.

“ހޫމް..” އިތުރަށް ވާހަކަ ދައްކައިފިނަމަ ހިފެހެއްޓިފައިވާ ކަރުނަތައް އޭގެ މަޤާމު ދޫކޮށް ކޯތާފަތް ތެންމާލަފާނެ ކަމުގެ ބިރާއިއެކު ވާހަކަ ނުދައްކައި ހަނު އިނުން އިސްކުރީމެވެ.

އޮފީހުގައި އާދައިގެ ދުވަހެއް ހޭދަކުރުމަށްފަހު 3 ޖެހުމުން ގެއަށް ދިޔުމަށް ނުކުތީ ޒިލާލް ގުޅާފައި ބަލާ އަންނަ ވާހަކަ ބުނުމުންނެވެ. އޮފީހުން ބޭރަށް ނުކުތުމާއިއެކު ފުރަތަމަވެސް ލޮލުގައި އަޅައިގަތީ މާ ދުރުނޫން ހިސާބެއްގައި ގޯޅި ކަންމަތީ ސައިކަލުގައި އިށީނދެ އިން ޝިޒާންއެވެ. ބޭރަށް ނެގި ފިޔަވަޅުވެސް އެތެރެއަށް އަޅާލުމަށްފަހު ޒިލާލްއަށް ގުޅާ ސީދާ އޮފީސް ދޮރުމަތީ މަޑުކޮށްލުމަށްފަހު ގުޅާލުމަށް އެދުނީމެވެ. ޝިޒާން އާއި ކުރިމަތިލާން އަހަރެން ބޭނުން ނުވާތީއެވެ. ތެދައް ބުނަންޔާ ދަރިފުޅު އެބޯޓު ކުރުމަށް ޚިޔާލު ދިން ދުވަހުން ފެށިގެން ޝިޒާންއަށްޓަކައި އަހަރެންގެ ހިތުގައިވި ލޯތްބަށް ވަނީ ފަނޑުކަމެއް އައިސްފައެވެ. ނަމަވެސް މީހުން ބުނެއެއް ނޫންހެއްޔެވެ. ފުރަތަމަ ލޯބި ހަނދާން ނައްތާލަން އުނދަގޫވާނެއެވެ. އަހަރެންގެ ހަޔާތުގައި އަލަށްވެސް އަދި މިހާތަނަށް ވެސް ހަމައެކަނި  އަހަރެންގެ ގައިގައި ބީހިލި މީހަކީ ޝިޒާންއެވެ.އެހެވެގެންވެސް ކަންނޭނގެއެވެ. ހިތް ބިރުވެސް ގަންނަނީއެވެ. އަހަރެންގެ ހިތް ބަދަލުވެދާނެތީއެވެ. ޝިޒާންއަށްޓަކައި އައު ވިންދެއް މި ހިތުގެ ތެރޭގައި ޖަހަން ފަށާފާނެތީއެވެ. ޝިޒާންއާއި ކުރިމަތިލައިގެން އަހަރެންބަލިވެ އަނެއްކާ ޝިޒާންގެ މުށުތެރެއަށް ދާކަށް މިހާރު އަހަރެން ބޭނުމެއްނޫނެވެ.

ޒިލާލްގެ ފަހަތަށް އަރައިގެން ނައްޓާލިއިރުވެސް ޝިޒާން ހަމަ އެ އިންތާނގައި އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެން އިނެވެ.

“ޕޮލިހަށް ރިޕޯޓުކުރަން ވީ ނު؟” ޒިލާލް އަށްވެސް ޝިޒާން ފެނުނީކަން ޤައިމެވެ.

“އުނހު އެހެން އުޅެލާފަ އަޅާނުލީމަ ހުއްޓާލަފާނެ.” މިކަން ބޮޑު ކަންތައް ގަނޑަކަށް ހަދާކަށް އަހަރެން ބޭނުމެއް ނޫނެވެ.

އޮފީހުން ގޮސް ގެއަށް ވަތްއިރު ޒިވިއަލް ސޯފާގައި އިށީނދެގެން އިންތަން ފެނުމުން އަހަރެންނަށްވުރެ ބޮޑަށް ހައިރާންވީ ޒިލާލްއެވެ. މިގަޑިއަކީ ޢާންމުކޮށްވެސް ޒިވިއަލް ގޭގައި އުޅޭ ގަޑިއެއް ނޫނެވެ. އަނެއްކާ އިށީންދެ އިނދެ ގަޑިއަށް ބަލާގޮތުން ހީވަނީ މީހެއްގެ އިންތިޒާރުގައި އިންހެނެވެ.

“ބްރޯ ޔޫ އޯކޭ؟ މިގަޑީގަ ގޭގަ ؟” ޒިލާލް ގެ ސުވާލު އަމާޒު ވީ ސީދާ ޒިވިއަލްއަށެވެ.

“މި އޮތީ ކާރުގެ ތަޅުދަނޑި. ބައްޕަމެން އަންނަންދެން ޒިލާލް އަތުގަ ބާއްވަ. ކާރު ސަރވިސްކޮށްފަ ގެނެސް އެއޮތީ. އީމާން އޮފީހަށް ލާން ކާރުގަދޭ. ދޮރުމަތީ ނެރެފަ  ނުބަހައްޓާތި” ޒިވިއަލް، އޭނާގެ ގޮތުގައި ޢާއްމު އުސޫލުން ބަނދިވަރު ކިޔާލާހެން ފަތިވަރެއް އަމުނާލާފައި ނުކުމެގެން ދިޔައީއެވެ. އަހަރެންނާއި ޒިލާލްއަށް ތިބެވުނީ ބުނާނޭ އެއްޗެއް ނޭނގިފައެވެ.

“އިޒް ޔުއަރ ބްރޯ އޯލްވޭސް ލައިކް ދިސް؟” ޒިވިއަލް ދިޔުމުން އަހަރެން ޒިލާލްއާއި ސުވާލުކޮށްލީމެވެ.

” ނޮޓް ރިއަލީ. ޢާންމުކޮށް މާ ކަންކަމާ ބެހޭ ބަސްކިޔާ މީހެއް ނޫން އެއީ. ޔެސް.. ބުނަން ބޭނުން އެއްޗެއް ބުނެލާފަ ދާނީ… އެކަމަކު ސަމްތިން އިޒް ނޮޓް ރައިޓް. ނޭނގެ. ވެދާނެ އީމް ޕްރެގް ވީމަކަމަށް. މިއަދު ޝިޒާން އައިސް ހުރިތަން ފެނުނީކަން ޔަޤީން”

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SomeOne

Level 210 Stories

Other Articles

Previous

އިނާޝާ

Next

މަންމަ

Next
April 19, 2023

މަންމަ

Previews
April 17, 2023

އިނާޝާ

2 Comments!

  1. Mitsuha says:
    April 17, 2023 at 6:53 pm

    Masha Allah nice… Keep it up…Waiting for the next part…

  2. friend says:
    April 18, 2023 at 9:37 am

    I love this story but my boyfriend is always like this
    I am always sad about my boyfriend with another girl 😭
    But I love this story 😀❣️💞💓💗💕❤️♥️💘😘

Comments are closed.

Next Episodeލޯތްބަކުންދިން- 11 ވަނަބައި←


All Right Reserved!