ލޯތްބަކުންދިން…9 ވަނަ ބައި
“ޔަޤީންތަ އީމާން ބޭނުންކަން ފެމެލީ ހޯދަން؟ އަހަރެންނަށް ފަހަރުގަ އެހީއެއް ވެވިދާނެހެން ހީވާތީ” ހައިރާންކަމާއިއެކު ޒިވިއަލްއާއި ދިމާއަށް ބަލާލެވުނީ އަހަރެންނަށް އިވުނީ ރަނގަޅަށްހެން ހީނުވާތީއެވެ.
“ޔެސް. ރަނގަޅަށް ތިއިވުނީ.” ޒިލާލް އަނެއްކާވެސް ވާހަކަ ދައްކަން ފެށީ އަހަރެން ހުއްޓުންއަރާފައި އިނީމައެވެ.
“އަހަރެންނަށް އީމާން އަލަށް ފެނުނީ މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން އާސަހަރާއިން. އަހަރެންގެ މަންމަގެ ކުޑައިރުގެ އެކުވެރިއެއް ނިޔާވަގެން މޫނު ދެކިލަން ސަހަރާއަށް ގެންގޮސްދޭން އެދުނީމަ މަންމައާއި އެކީ ދިޔައީ. އެދުވަހު އެތަނުން އީމާން ފެނުނީ. މަންމަ ގެ އެކުވެރިއަކީ އީމާންގެ މަންމަ. އަހަރެން އީމާންއާއި ސަލާންވެސް ކޮށްލިން. މަންމަ އާއިއެކީ ޢާންމުކޮށް ނުފެންނަ މީހެއްވީމަ މަންމަ ކައިރީ އަހާލެވުން އެއީކާކުތޯ.. މަންމަ ބުނިގޮތުން މަންމައާއި އިމާންގެ މަންމަ އަކީ އަވަށްޓެރިން.. އެކުގަ އުޅެބޮޑުވީވެސް. ދެން މަންމަ ބައްޕަ އާއި އިނދެގެން މާލެ ބަދަލުވީ. އޭގެ ފަހުންވެސް ޗުއްޓީތަކުގަ ރަށަށް ދަމޯ. އެންމެ ފަހުން މަންމަ އާއި އީމާންގެ މަންމަ އާއި ދިމާވީ ޒިލާލް ވަރަށް ކުޑައިރު ޗުއްޓީއަކަށް ރަށަށް ދިޔަތަނާޔޯ. އެފަހަރު ވަރަށް ބައިވަރު މީހުންއެކީ ގެޔެއް ކުއްޔަށް ނަގައިގެންނޯ ދިޔައީ ބޮޑުޢީދަށް. އަހަރެންނަށްވެސް ދެވިފަ ހުންނާނީ އެކަމަކު އެ ހަނދާނެއް ނުވޭ. އޭގެ ފަހުން ދެން އިމާން މަންމައަކާއި ދިމައެއް ނުވެޔޯ. އޭރު ހުންނަނީ ފޯނު ބޫތު ވީމާ ގުޅާހަދަންވެސް އުނދަގުލޯ ވަރަށް. މާމަ ފަރާތުންނޯ އިނގުނީވެސް އީމާންގެ މަންމަ ޕްރެގްކަން. އެކަމާއި އެގޭ އެންމެންވެސް އީމާން މަންމަ އެކަހެރިކޮށްލިއްޔޯ. ރަށު މީހުންވެސް މަލާމާތްކޮށް ފުރައްސާރަކުރަން ހެދީމަ މާލެ އައީއޯ. އަހަރެން މަންމަ ވަރަށް އުޅުނީމޯ އީމާން މަންމަ ހޯދަން. ދެތިން ފަހަރެއްގަ މަގުމަތިންވެސް ފެނުނުހެން ހީވިޔޯ. އެކަމަކު ބުރުގާ އަޅާފަ ހުރީމަ ޔަޤީނެއް ނުވިއޯ. ގޮވާލީމަވެސް އަނގައިންވެސް ނުބުނެޔޯ. އެވަރަށް މަންމަ ކިއާދިނީ. ޔަޤީން އީމާން ފެމެލީ އަހަރެންގެ މަންމައަށް އެނގޭނެކަން” ޝައުގުވެރިކަމާއިއެކު ޒިވިއަލްގެ ވާހަކަތައް އަޑު އަހަމުންދިޔައީމެވެ. އަހަރެން ހޮސްޕިޓަލްގައި އޮތްއިރު އަހަރެން ކުރިންވެސް ދަންނަ މޭރުމަކުން ޒިވިއަލް ވާހަކަ ދެއްކީ މިހެންވެގެންތާއެވެ.
“މަންމަ އަށް އެނގޭތަ އަހަރެންކަން މިގޭގަ ހުރީ؟” މަޑުމަޑުން އަހަރެންނަށް ސުވާލުކޮށްލެވުނެވެ.
“ނޫން. މަންމައަކަށް އީމާންގެ ނަމެއް ނޭނގޭނެއެއްނު. މިގޭގަ ހުރީ އީމާންކަން އެނގޭނީ. ފޮޓޮއެއް ނުފެންނާނެ.” އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގިފައި އިނދެވުނީ އިވެމުންދިޔަ ވާހަކަ ޤަބޫލުކުރަން އުނދަގޫވެފައެވެ. ތަޤުދީރު ދިމާކުރިގޮތް ދެކިބަލާށެވެ. މީހެއްގެ އެހީއަށް އެންމެ ބޭނުންވި ދުވަހު އެހީވާނެ ބަޔަކު ލިބުނުއިރު، އެމީހުން މިވީ އަހަރެންގެ އާއިލާއާއި ކޮންމެވެސް ވަރެއްގެ ގުޅުމެއް ހިއްސާކުރި ބަޔަކަށެވެ. އަހަރެންގެ އާއިލާ ހޯދުމަށް އެހީވެސް ވެވިދާނޭ ބަޔަކަށެވެ.މިއީ ހަމަ އިއްތިފާޤެއް ބާވައެވެ؟
“އީމާން މިގެއަށް އާދެވުމަކީ ނޮޓްއަ ކޯ އިންސިޑެންސް. އަހަރެން އީމާން ގެނައީ. ޒިލާލް ފޯނުން އެރޭ ވާހަކަ ދެއްކީ އަހަރެން. ފޯނުގަ ހުރެގެން އަހަރެންގެ ފޯނުން ވައިބަރ ގަ އީމާންގެ ނަންބަރު ޖަހާލީމަ އީމާންގެ ފޮޓޮއެއް ފެނުނީމާ އީމާންކަން އެނގިގެން މިގެއަށް އަންނަން އޯކޭ ދިނީ..އަހަރެން އީމާން ގެންނަން ބޭނުންވެގެން..” އަހަރެން ދެންވެސް އިނީ ބަސް ހުއްޓި އަނގަހުޅުވިފައެވެ. މިއީ ކޮންފަދަ ކަމެއްބާވައެވެ. ޒިވިއަލް އަހަރެން މިގެއަށް ގެންނަން ބޭނުންވީ ކީއްވެބާއެވެ؟ އަހަންނަށްވެސް ނޭނގޭ އެހެންކަމެއް އުޅެނީބާއެވެ؟ތަޤުދީރު އަހަރެންނާ ކުރިމަތި ކުރުވަން މިއުޅެނީ ކޮންފަދަ ބޮޑު ކަންތައްގަނޑެއް ބާވައެވެ.؟
” ޒިވިއަލް މަންމަ އެއީކޮން ރަށެއް” ބޭ އިޚްތިޔާރުގައި މަޑުމަޑުން އަހާލެވުނެވެ.
“ހާދަ އަވަސް އަރުވާލައިގެން ތިއުޅެނީ.. ޓޭކްއިޓް ސްލޯ” ޒިވިއަލް ޖަވާބު ދިނީ އަހަރެންކުރި ސުވާލަކަށް ނޫނެވެ.
“އައި ވޯންޓު ފައިންޑް ދެމް” އަހަރެންނަށް ދެންވެސް ވާހަކަ ދެއްކުނީ ވަރަށް މަޑުމަޑުންނެވެ.
” ފޯ؟ އަވަހަށް މިގޭން ދާން؟ އައި ބްރޯޓް ޔޫ ހިޔަރ. ޔޫ ކޭން އޮންލީ ލީވް ވެން އައި ވޯންޓް. އެންޑް އައި ޑޯންޓް ތިންކް އައިވިލް ވޯންޓް އިޓް އެވަރ. ރިމެމްބަރ ދެޓް” ޒިވިއަލްގެ އަޑުން ތަފާތުކަމެއް އަހަރެންނަށް ފާހަގަކުރެވުނެވެ. ޒިވިއަލް އެދެނީ އިންޒާރެއް ބާވައެވެ. އަހަރެންނަށް އަނެއްކާ އައިސް މި ފުންމާލެވުނީ އަނދަވަޅަކަށް ބާވައެވެ. ކުއްލިއަކަށް ބިރުވެރިކަމެއް ހިތުތެރޭގައި އުތުރިއަރައިގަތެވެ. އިތުރު އެއްޗެއް ނުބުނެ ޒިވިއަލް، ކޭތަށިހިފައިގެން ގޮސް ދޮވެލާ ބަންޑުން ޖަހާލުމަށްފަހު ކޮޓަރިއާއި ދިމާއަށް ދަމުން އަހަރެން ކަންފަތް ކައިރިއަށް ގުދުވެލިއެވެ.
“ހާދަ ބިރުގަތީ. އައިވޯޒް ކިޑިން. މަންމަ އެއީ އައްޑޫ ހިތަދޫ” އެހެން ބުނެލުމާއިއެކު ޒިވިއަލް ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. އަހަރެން ހިފަހައްޓައިގެން އިން ނޭވާ ބޭރަށް ދޫކޮށްލީމެވެ. ހަމަ ހަޤީޤަތުގަވެސް ޒިވިއަލް ކޮށްލި ސަމާސާއެއްބާވައެވެ. ޒިވިއަލްއަކީ އަނިޔާވެރިއެކޭ އަހަރެންގެ ހިތެއް ޤަބޫލެއް ނުކުރެއެވެ. އެކަމަކު އަހަރެންގެ ހިތުގެ އަޑު އަހައިގެން މިހާރުވެސް ލިބުނު ބޮނޑި ވަކި ކުޑަހެއްޔެވެ. ކޮންމެ ގޮތެއްވިޔަސް ހެވެވެ. އަހަރެން ހިތަށް ވިސްނައިދެވޭތޯ ބެލީ އެއީ ޒިވިއަލް އަހަރެންނާ ކޮށްލި ސަމާސާއަކަށެވެ. އަހަރެންގެ ހިތުގެ ތެޅުން މަޑުމަޑުން ހަމައަކަށް އެޅުނީ އިރުކޮޅެއް ފަހުންނެވެ.
“އައްޑޫ” ލިބުނު ކުޑަ މައުލޫމާތުކޮޅުގެ އެހީގައި އަހަރެން ޢަޒުމް ކަނޑައެޅީ ކޮންމެވެސް ދުވަހަކުން އައްޑޫ އަށް ގޮސް އަހަރެންގެ އާއިލާ އާއި ބައްދަލުކޮށްލުމަށެވެ.
ކަލަންޑަރުން ގަނޑަކަށްފަހު ގަނޑެއް އެއްލެމުން ގޮސް ދެމަސް ފާއިތުވެގެން ދިޔައީ ކައިފަ ވައެއްލާހާ އަވަސްމިނުގައެވެ. ޝިޒާންގެ ހަބަރެއް ނުވިނަމަވެސް ކޮންމެ ދުވަހަކުމެ ޝިޒާންގެ މަތިން ހަނދާންކުރަމެވެ.ހަނދާން ނައްތާލަން ކިތަންމެހާ ވެސް ބޭނުމެވެ. އެކަމަކު އަހަރެންގެ ބަނޑުގައިވާ ދަރިފުޅު ހަމަ ކޮންމެ ދުވަހަކުމެ ޝިޒާންގެ ހަނދާންތައް އާލާކޮށްދެއެވެ. މިވީ ދުވަސްތަކުގައި ވަރި ސާބިތުކުރުމަށް ޝިޒާން ކޯޓަށް ހުށަހަޅާފައި ނުވަނީ ކީއްވެކަމެއް ނޭނގެއެވެ. އަހަރެންވެސް ހުރީ އިސްވެ ވަރި ސާބިތުކުރުމަށް ކޯޓަށް ހުށަނޭޅުމަށް ޢަޒުމުކަނޑައަޅައިގެންނެވެ.
ޝިޒާންމެން ގެއިން އަހަރެން ނުކުތްފަހުން އޭނާ އަހަންނަށް ފުރަތަމަ ފަހަރަށް ފެނުނީ އޭޑީކޭ އަށް މާބަނޑު މީހުންގެ ކްލިނިކަށް ޑޮކްޓަރަށް ދައްކަން ދިޔަ ދުވަހުވެ.ޑޮކްޓަރަށް ދެއްކުމަށްފަހު ސްކޭން ނިންމާލާ ލެބޯޓަރީ ކައިރީ މަޑުކޮށްލީ ލޭގެ ޓެސްޓްތަކެއް ހެދުމަށް ޑޮކްޓަރު ލަފާދީފައިވާތީއެވެ. އަހަރެން މެމޯ ނަގައިގެން އެތާ ކޮޅަށް މަޑުކޮށްލީ އަދި ކިޔުގަ އިތުރަށް 7 ނަންބަރު އިނުމާއި އިށީންނާނޭ ހުސްގޮނޑިއެއް ނެތުމުންނެވެ. ވަށައިގެންވާ މާހައުލަށް މާބޮޑު ސަމާލުކަމެއް ނުދީ ފޯނަށް ގެއްލިފައި ހުރުމަށްފަހު ކުއްލިއަކަށް ވަށައިގެން ބަލާލެވުނީ ބޭ އިޚްތިޔާރުގައެވެ. މީހަކު ބަލާކަހަލަ އިހްސާސެއް ކުރެވިގެންނެވެ. އޭރު ޝިޒާންއާއި އޭނާގެ މަންމަ އަހަރެންނާ ކުރިމަތިވާ ގޮތަށް މާ ދުރުނޫން ހިސާބުގައި ގޮނޑިބަރީގައި އިށީނދެގެން ތިއްބެވެ. ޝިޒާންގެ މަންމަ އިނީ އިސްޖަހައިގެން ނަމަވެސް ޝިޒާން ގެ ކަޅި ސީދާ އަމާޒުވެފައި ހުރީ އަހަރެންގެ ބަނޑަށެވެ. އަހަރެންނަކީ އެއްވެސް އިރެއްގައި މާ ހަށިގަނޑު ރަނގަޅު މީހަކަށް ނުވުމާއި މާބަނޑު ވުމުގެ ސަބަބުން ހޮޑުލެވި ހަށިގަނޑު އިތުރަށް ހިކިފައިވާތީ ހަތަރުމަހަށް ކައިރިކޮށްފައިވާ އަހަރެންގެ ބަނޑު ކިތަންމެހާވެސް ރީއްޗަކަށް ހެދުންމަތިން ފާހަގަވެއެވެ. އަހަރެންގެ ހިތް ކުއްލިއަކަށް އެދި ގޮވަން ފެށީ ޝިޒާން ކައިރިއަށް ދިޔުމަށެވެ. ހަމަ އެވަގުތު ލޮލުން ހޯސްލާފައި ކަރުނަ އަންނަންފެށީ ޝިޒާންގެ ބަސްތައް ހަނދާންވުމުންނެވެ.” ސޯ މިއަދުން ފެށިގެން އީމާންތީ އަހަރެންގެ އަތްބެއް ނޫން”
ލޮލުން ކަރުނަ ފައިބަމުން ދިޔަނަމަވެސް އަހަރެންގެ ނަޒަރު ޝިޒާންއާއި ވަކިވާގޮތެއް ނުވިއެވެ. ޝިޒާން މިހާރު ހާދަ ތަފާތެވެ. މުޅި މީހާ ހުރީ ވަރަށް ބޮޑަށް ހިކިފައެވެ. އިސްތަށިގަނޑުވެސް ދިގުކޮށްލާފައި ހުރުމުން ބުޅި އިސްތަށިތަކުން ކަނދުރާއާއި މޫނުގެ އެއްބައި ވަނީ ނިވާވެފައެވެ.ޝިޒާންއަކީ ތުނބުޅި ކޮށައި ރީތިކޮށް ބެހެއްޓުމަށް ލޯބިކުރި މީހެއްނަމަވެސް ތުނބުޅިވެސް ވަނީ ދިގުކޮށްފައެވެ. ދެން އެންމެ އަޅައިގަތީ ލާފައި ހުރި ގަމީހެވެ. އަހަރެންނަށް އެނގޭ ޝިޒާންއަކީ އަލިކުލަތަކަށް އެހާ ލޯބި ކުރާ މީހެއް ނޫނެވެ. ނަމަވެސް ޝިޒާންލާފައި އިން ރަތްކުލައިގެ ގަމީހުންވެސް ޝިޒާން ބަދަލުވެފައިވާ މިންވަރު އަހަރެންނަށް އެނގުނެވެ.
“ކީއްވެ ކިޔުގަ ތިހިރީ؟ މާ ބަނޑު މީހުން ނުޖެހޭނެ ކިޔުގަ ޖެހޭކަށް. ހިނގާ” ޒިވިއަލް އައި ނައި ދިމާލެއްވެސް ނޭނގެއެވެ. އަހަރެން އަތުގައި ހިފައިގެން ގޮސް ލެބޯޓްރީގައި ޓަކި ދިނުމަށްފަހު އެތެރެއަށް ވަނެވެ. ޒިވިއަލް އަހަރެންގެ އަތުގައި ހިފަމުން ޝިޒާންއާއި ދިމާލަށް ބަލާލި ބަލާލުމުން އަހަރެންގެ އަތުގައި އޭނާ ހިފި މަޤްޞަދު ސާފުވިއެވެ. ލެބޯޓްރީތެރެއަށް ވަތްއިރު ލޭނަގަމުންދިޔަ މީހާގެ ލޭ ނެގުމުގެ ކަންކަން ނިމި އޭނާ ގޮނޑިން ތެދުވަނީއެވެ.
“ޕްރެގް ވީމަ ކުޑަކޮށް ޑްރައުޒީ ވާތީ. ލޭނަގަން ވަންދެން މި ކޮޅުގަ އިނދެލިއަސް އޯކޭ ދޯ. ނޯ ސީޓް އައުޓް ސައިޑް” ޒިވިއަލް މީ ކޮންކަހަލަ އިންސާނެއްބާއޭ އެވަގުތު ހިތަށް އެރިއެވެ. ޝިޒާންގެ ކުރިމަތިން އަހަރެން ގެންދިޔުމަށް މިކުޅުނު ޑްރާމާއިން އަހަރެންވެސް ލަދު ގަތެވެ.
“އިޓްސް އޯކޭ. އާދޭ ލޭ ނަގަން” ލޭ ނަގަން ހުރި ކުއްޖާގެ ހިތުގައި އަހަރެންނާއިމެދު ރަހުމު އުފެދުނީ ކަންނޭނގެއެވެ. އިތުރަށް އިންތިޒާރު ނުކުރުވާ ލޭނަގައިދިނެވެ. ލޭނަގައިގެން ލެ ބޯޓަރީން ނުކުންނަމުން މިފަހަރު އިސްވެ ޒިވިއަލްގެ އަތުގައި ހިފީ އަހަރެންނެވެ. ޝިޒާން އާއި ނުލާވެސް އަހަރެންގެ ހަޔާތް އުފާވެރިކަން ދައްކަން ބޭނުންވާތީއެވެ. ޝިޒާންގެ މަންމަވެސް އޭރު ބަލަހައްޓައިގެން އިނެވެ.
އެ މީހުން ތިބީ ބޭރަށް ނުކުންނަ ދޮރުކައިރީގައި ކަމުން އަހަރެމެން ނުކުންނަން ޖެހުނީ އެމީހުން ކައިރިން ލާފައެވެ. އެވަގުތުވެސް އަހަރެން ކަންފަތަށް އެރީ ޝިޒާން މަންމަގެ ތޫނު ބަސްތަކެވެ.
“އެއީ ޝިޒާން ބުނި މާތް އަންހެނާ އަދި އިއްދަ ހަމަ ނުވޭ މިހާރު އެހެން ފިރިހެނެއްގެ އަތުގައި އެލިގެން އެހެރީ..ޔަޤީންތަ އެއީ ޝިޒާން ދަރިއެއްކަން..”
ކުރިއަށް ނެގި ފިޔަވަޅު ހުއްޓުން އެރީ ލޭކެކިގަނެ ޝިޒާން ގެ މަންމަ އާއި ދިމާއަށް އެއްޗެއް ބުނަން ބޭނުންވެގެންނެވެ. އަހަރެންގެ ދަރިފުޅާ ދިމާއަށް އެއްޗެއް ބުނުމުގެ ހައްޤެއް އެމީހުންނަކަށް ނޯންނާނެއެވެ. ނަމަވެސް އެއްޗެއް ނުބުނެ މަޑުމަޑުން ކުރިއަށް ހިނގައިގަތީ ޒިވިއަލް އަހަރެންގެ އަތަށް ބާރަށް ފިތާލާ ލޮލުގެ ޢިޝާރާތުން ނޫނެކޭ ބުނުމުންނެވެ.
ހޮސްޕިޓަލުން ނުކުމެވުނީ ކިރިއާއެވެ. ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ސައިކަލާއި ހަމައަށް ދިޔައިރުވެސް އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުންދިޔައެވެ. ސައިކަލަށް އެރުމާއިއެކު ޒިވިއަލް މިސްރާބު ޖެހީ ސީދާ ގެއާއި ދިމާއަށެވެ. ގެއަށް ވަތްއިރު ސޯފާމަތީގައި މަކާއޯ އާއި އެކުކުޅެން ޒިލާލް އިނެވެ.
” ކިހިނެއްވީ އީމް” އަހަރެން ފެނުމާއިއެކު ޒިލާލް ސުވާލުކޮށްލީ އޭރުގައިވެސް ނުހުއްޓި ރޮވެމުން ދާތީއެވެ. އެ ސުވާލަށް ޖަވާބު ނުދީ އަހަރެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕީމެވެ.
“އެކްސް ހަސްބަންޑާއި އޭނަގެ މަންމަ ފެނުނީ ހޮސްޕިޓަލުން. އައި ކާންޓް ބިލީވް އެގަޑީވެސް ދެޓް ލޭޑީ އީމާންއަށް އަޑު އިއްވަން އެއްޗެއް ބުނެލިއޭ! ހިންދީ ޑްރާމާތައް ބަލާ ބަލާ ޤައުމުގެ އަންހެން ވެރިންގެ ދުވަސް ގޮއްސި” ޒިވިއަލް އެހެން ބުނެލުމާއިއެކު ދޮރު ލެއްޕި އަޑު އިވުނެވެ.
ހިތް ފުރެންދެން ރުއިމަށްފަހު އެނދުން ތެދުވެ ދަބަސް ހުޅުވާ ފޯނު ނެގީ ގަޑި ބަލާލުމުގެ މަޤްޞަދުގައެވެ. ނަމަވެސް ލޯ ބޮޑުކޮށް ފޯނަށް ބަލާލެވުނީ ޝިޒާން ގެ މެސެޖްއެއް އިންތަން ފެނުމުންނެވެ.
“ބަނޑުކޮޅާއިއެކު ވަރަށް ލޯބި.މަގޭ ދަރިފުޅު ބަލައްޗޭ. ކަމެއް ބޭނުންވެއްޖެއްޔާވެސް ބުނާތި. އައި މިސް ޔޫ” މެސެޖް ކިޔާލުމަށްފަހު އަހަރެންގެ ލޭ ކެކި އުތުރި އަރައިގަތެވެ. ޝިޒާން ގެ ހިތަކީ އަޅެފަހެ އެނބުރޭ ވަހުތާނެއް ހެއްޔެވެ؟ ހިތަށް އެރީމަ ލޯބިވެފަ ހިތަށް އެރީމަ ހިތުގަ ޖައްސާ ރޮއްވާލުމަކީ ޝިޒާންގެ އާދައަކަށް ވީ ހެއްޔެވެ؟ މީހުންބުނަނީ ތެދެކެވެ. ކިތަންމެ ދުވަހެއް އެކުގަ އުޅުނަސް މީހަކު ދަހެއް ނުވާނެއެވެ. ލިޔެވޭ ނުލިޔެވޭއެއްވެސް ސާފު ނުވާހާ އަވަސް މިނުގައި ފޯނުގެ ކީބޯޑަށް ފިތާލެވުނީ އެވަގުތު ހިތަށް އެރި ހުރިހާ އެއްޗެއް ޝިޒާން އާއި ދިމާއަށް ބުނެލުމަށެވެ.ނަމަވެސް އަހަރެންނަށް ލިޔެވުނު ހަމައެކަނި މިންވަރަކީ މިއީއެވެ.
“އަހަރެންގެ ބަނޑުގަ އޮތީ ހަމަ އެކަނި އަހަރެންގެ ދަރިއެއް.މަށާ މަގޭ ދަރިފުޅަށް ނުދަންނަ ދުރު މީހުންގެ އެހީ ބޭނުމެއް ނުވާނެ”
މެސެޖް ފޮނުވާލިތާ އިރުގަނޑެއް ވީއިރުވެސް މެސެޖްގެ ރިޕްލައިއެއް ނާދެއެވެ. އެހެންކަމުން ފޯނު ބޭއްވުމަށްފަހު އެނދުގައި ޖައްސާލީ އަރާމުކޮށްލުމުގެ ބޭނުމުގައެވެ.
މި ހާދިސާއަށް ދުވަސްކޮޅެއް ވިފަހުން އަހަރެންނަށް ޝިޒާންގެ ފޯނުކޯލެއް ލިބުނީ އެއްރެއެއްގެ އިރާކޮޅުއެވެ.އޭރު އަހަރެންނާއި ޒިލާލް އަދި ޝިފާ ތިބީ ސިޓިން ރޫމްގައި ފިލްމެއް އަޅުވައިގެންނެވެ. ޤަބޫލުކުރަންވެސް ދަތިވެފައި ފޯނުގެ ރިންގު ކެނޑުން އިރުވެސް ބަލަހައްޓައިގެން ހުރެވުނެވެ. ދެވަނަށް ފަހަރަށް ރިންގުވާން ފެށުމާއިއެކު ފޯނު ހިފައިގެން ކޮޓަރިއަށް ވަނީ އެ ފޯނަށް ޖަވާބުދޭން އަހަރެންވެސް ބޭނުންވާތީއެވެ.
” ހަލޯ” އަހަރެން ފޯނު ނެގުމާއިއެކު އެކޮޅުން ޝިޒާންގެ އަޑު އިވުނެވެ.
” އީމާން. ކޮންތާކު؟ ދިމާވެލެވިދާނެތަ؟” މިހާދުވަސް ކޮށްފައި ގުޅާލުމަށްފަހުވެސް އަހަރެންގެ ހާލުވެސް ޝިޒާން އަހާނުލިއެވެ.
“ކޮންބޭނުމަކު؟” ޝިޒާންގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި އަހަރެންވެސް ކޮށްލީ ސުވާލެކެވެ.
“ހަނދާންވާތީ. ވާހަކަ ދައްކާލަން. ދެކިލަން. ޕްލީސް” ޝިޒާން އަހަރެންމަތިން ކުއްލިއަކަށް ހަނދާންވެގެން މިއުޅެނީ ކިހިނެއްވެގެން ބާވައޭ އަހަރެން ހިތަށް އެރިއެވެ. 3 މަސް ދުވަހަށް ވުރެ ގިނަވެގެން ދިޔައިރު އަހަރެން ކޮބައިތޯ ބަލައިލަންވެސް ޝިޒާން ނޫޅެއެވެ.
” ޝިޒާން އަހަރެން މަތިން ހަނދާންވާންޖެހޭ، ދެކިލާ ވާހަކަ ދައްކާލަން ޖެހޭ ހައިސިއްޔަތެއް ނުވިސްނުނު” ލައްކަ ދުވަހަށްފަހު ޝިޒާންއާއި މިހެން ވާހަކަ ދައްކާލަން ފުރުޞަތެއް ލިބުނީތީ އަހަރެން ހުރީ އަހަރެންގެ ހިތްހަމަނުޖެހުންތަށް ބަންޑުންކޮށްލުމަށް ވިސްނައިގެންނެވެ.
” އަނބި މީހާގެ ހައިސިއްޔަތުން. އަހަރެންގެ ދަރިފުޅުގެ މަންމަގެ ހައިސިއްޔަތުން” ޝިޒާންއަށް އެހެން ބުނަން ކެރުނީތީވެސް އަހަރެން އަޖައިބުވިއެވެ. މި ދަރިފުޅު ދުނިޔެއަށް ނުގެނައުމަށް ލަފާ ދިނީ ވެސް ހަމަ އެ ޝިޒާންއެވެ.
“ހަނދާން ނެތިފަ ހުރިއްޔާ ހަނދާން ކޮށްލައިދެން. މީގެ ބަރާބަރު ދެ މަހާއި ތިން ހަފްތާ ކުރިން ފެށިގެން އަހަރެންނަކީ މީހެއްގެ އަތްބެއްނޫން. ހަމަ އެރެއިން ފެށިގެން އަހަރެންގެ ބަނޑުގައިވާ ދަރިފުޅުގެ ބައްޕަވެސް އަހަރެމެން ދެމައިންނަށްޓަކައި މަރުވެއްޖެ” މިހާ ކެރިގެން ޝިޒާންއާއި ވާހަކަ ދައްކާލެވޭތީ ޚުދު އަހަރެންވެސް ހުރީ އަޖައިބުވެފައެވެ.
“ޕްލީޒް އީމާން. އަހަންނަށް މާފުކުރޭ. ހަނދާނެ ނުހަދާނެ ގޮތެއް ނޭނގިގެން އެހެން ހެދުނީ. ވަރި ސާބިތެއްވެސް ނުކުރަމެއްނު. އެހެން ވީމާ ދުނިޔޭގެ ނަޒަރުގަ އީމާންތީ އަދިވެސް އަހަރެންގެ އަތްބެކޭ.” މިހާރު އަހަރެންނަށް ފެންނަމުން މިދަނީ ޝިޒާންގެ މިޒާޖުގައި މީގެ ކުރިން އަހަރެންނަށް ނުފެންނަ ސިފަތަކެކެވެ.
” އިސްލާމީ ނަޒަރުން އަހަރެންމީ ޝިޒާންގެ އަތްބެއްނޫން. ހިލޭ އަންހެނެކާއި ގުޅައިގެން ތިހެން ވާހަކަ ދައްކަން އޮންނާކަށް ނުވާނެ. އަނބިމީހާ ރުޅިއައިސްދާނެ” މަލާމާތުގެ ރާގަކަށް އަހަރެން އެހެން ބުނެލީ ޝިޒާންއަކީ އެހެންމީހެއްގެ ފިރިއެއްކަން ހަނދާންކޮށްދިނުމުގެ މަޤުޞަދުގައެވެ.
“ރޭޒަލް ނެތް ރަށުގަ. މަންމަމެން އެންމެން ވެއްޖެ 2 ދުވަހަށް ރިސޯޓަކަށް ގޮސް.” ޝިޒާން މަންމަމެން އަސްލު އުޅެން ބޭނުންވާ ދިރިއުޅުން އެ އުޅެވެނީ އަދި ކިރިޔާތާއެވެ. އަހަރެން ގޮވައިގެން މީހުންތެރެއަށް ނުކުންނަން ލަދުން، އެމީހުންގެ ދިރިއުޅުމުން އެއް އެއްއަހަރު ބޭކާރުވެގެން އެދިޔައީ ޅީ ދަރި އާއިއެކު އުފާކޮށްލުމެއް ނުވަތަ މަޖާކޮށްލުމެއްވެސް ނެތިއެވެ.
“ތީ އަދި ކިހާ ހަޑި ގޮތެއް. އަނބި މީހާއާއި ވަގަށް ހިލޭ އަންހެނަކަށް ގުޅައިގެން ތިއުޅެނީ.. އަނބިމީހާއަށް ތެދުވެރިވެބަލަ” ދެންވެސް އަހަރެން ވާހަކަ ދެއްކީ ޖެއްސުމުގެ ރާގަށެވެ.
“ތީ ކީ ހީލޭ މީހެއް ނޫނޭ އީމާން. އިރުއިރުކޮޅަކާ އެހެން ތި ކިއަނީ… ވަރި ސާބިތުކޮށް އިއްދަ ހަމަ ނުވަނީސް އީމާންއަކަށް ތިހެން ހިލޭ ފިރިހެނުން އަތުގަ ހިފައިގެން ނުހިނގޭނެ. ހަނދާންކުރާތި އެކަން” ޝިޒާން އަޑު ބާރުވެގެންދިޔައެވެ.
“އަޑު ގަދަ ނުކުރޭ ޝިޒާން. އަހަރެން އުޅޭނެގޮތަކާއި ކުރާނެކަމަކާ މިހާރު ޝިޒާންއަށް ކިޔާ ދޭކަށް ނުޖެހޭނެ. އެ ހައްޤު ގެއްލުވާލީ ތިޔަ ދެއަތުން” އަހަރެން ހުރީ ހަމަ އެންމެ ބަހެއްވެސް ދޫކުރާކަހަލަ ގޮތަކަށް ނޫނެވެ.
“ވަރި ސާބިތެއްވެސް ނުކުރާނަން. އެހެން މީހަކާ އިނަކަވެސް ނުދޭނަން. ތި އީމާން ހުންނާނީ ހަމަ މި ޝިޒާންގެ މީހެއްގެ ގޮތުގަ. މަގޭ ދަރީގެ މަންމަގެ ގޮތުގަ” ޝިޒާން ފޯނު ކަނޑާލުމާއިއެކު އަހަރެން މައި ނޭވާއެއް ބޭރުކޮށްލީމެވެ. ޝިޒާންއާއި މިގޮތަށް ކުރިމަތިލާނެ ހިތްވަރު ލިބުމުން އަހަރެންގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ ހިތްހަމަ ޖެހުމެއް ލިބުނުކަހަލައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.


Masha Allah… Mi part ves vv reethi… Keep it up… Waiting for the next part…
Thank you Mitsuha
ކުރިން ފާޓެއްގަ ބުނެފަ އިން ވައިބާގަ އީމް ޖަހާފަ ފިރިހެން ކުއްޖެއްގެ ފޮޓޯ އެއް ލާފަ އިން ވާހަކަ. މިބައިގައަ ބު ދެން ވާހަކަ ލިޔާއިރު މި ކަހަލަ ޑީޓެއިލްސް ތަކަށް ފަރުވާތެރި ވާާންވާނެ އިނގޭ. ވާހަކަ ވަރަށް ފުރިހަމަ
Thanks for the comment. Kudakoh confusing gothakah kanneyge lievunee. Eki meehun viber ga lianee eki gothakahnu ehenve Ee-man (Eem and a boy emoji eh) in vaahaka aslu lieveytho ulhunee. But will try to keep things less confusing engey😊
ވާހަކަ ދާން އުޅޭ މިސްރާބު، ކުރީ ބައިން ވެސް(8 ވަނަ ބައި) ވަނީ ލަފާކޮށްލެވިފައި. އެކަމަކު މުޅިއަކުން އެ ގޮތަކަށް ވެސް ނޫން ގޮސްފައި މި އޮތީ! “ސަމްވަން” މި ވާހަކަ ބިނާކޮށްފައި އެ ވަނީ ހަޔާތުގެ ހިތި ތަޖްރިބާއެއްގެ މައްޗަށްހެން ވަރަށް ބޮޑަށް ހީވޭ. ނޫން ނަމަ ހަގީގަތާއި ފުލޯކު މައްސުނިކޮށްލައިގެން ކަމަށް ވެސް ވެދާނެ! ކަން ކޮންމެ ގޮތަކަށް އޮތް ނަމަވެސް ވާހަކަ ވަރަށް ވެސް ރީތި
Vaahaka hama vrh reethi. Masha allah
Dhn oiy bai vs avahah kiyaalan libeyne kamah unmeedhu kuran.
Kon dhuvas thakehga vaahaka kiyalan libeyny??
Vaahaka v v salhi.. keep goingg..
ތިހާ ޝައުގުވެރިކަމާއިއެކު ވާހަކަ ކިޔާތީ ހުރިހާ ކުދިންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ހުރިހާ ކޮމެންޓަކަށް ރިޕްލައި ނުކުރެވުނަސް . އެއްވެސް އެއްޗެއް ހިތަށް ނާރުވައްޗޭ އެއްވެސް ކުއްޖެއް! މި ވާހަކަސަބްމިޓު ކުރަން އާދީއްތަ، އަންގާރަ އަދި ބުރާސްފަތީގަ. އެކަމަކު ބައެއް !ފަހަރު ދިމާވާ ކަންކަމާއިއެކު ވާޙަކަ ލަސްވުން އެކަށީގެންވޭ. އެކަމަކު މަސައްކަތް ކުރާނަން އަވަހަށް ނިންމާލަދެވޭތޯ. 10 ވަނަ ބައިވެސް އިއްޔެ މެނދުރު ސަބްމިޓްކޮށްފަ އިންނާނީ!