މަޑުމަޑުން ޔައިލީ އެދިމާލަށް ދިޔައިރު ހިތުގެ ތެޅުންވަނީ ދެގުނަވެފައެވެ. އެތާކައިރީ މަޑުކޮށްލާފައި އާކިންއާ ދިމާލަށް ބަލާލުމާއެކު ދެން ފެނުނު މަންޒަރަކުން ޔައިލީ މޭނުބައި ކުރާގޮތްވިއެވެ.
♡ހަތްވަނަ ބައި♡
ރަޝާ އާކިންއާ ގާތްވާން މަސައްކަތްކުރަން އުޅުމުން އާކިންއަށް އުނދަގޫވެގެން ދާންއުޅުނުގަޑީ ރަޝާ އައިސް އާކިންގެ ތުންފަތުގައި ބޮސްދިނެވެ. އެކަމުން އާކިންއަށް ސިހުންގެނުވިއިރު އެންމެ ހައިރާންވީ ދުރުގައި މަންޒަރު ބަލަންހުރި ޔައިލީއެވެ. އެ މަންޒަރުން ޔައިލީގެ ދެލޯ ބޮޑުވެގެން ދިޔައިރު އެ ބޮޑު ދެލޮލުގައި ކަރުނަ ހިލިގެންދިޔައީ ބަސްބުނާހާ ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައެވެ. އިތުރަށް އެ މަންޒަރުބަލަން ކެތްނުވެގެން ޔައިލީ ދުވެފައި އެތަނުން ދިޔައީ ރޮވިފައިވާ ހާލުއެވެ. އާކިންގެ ތުންފަތުގައި ބޮސްދޭން ހުރި ރަޝާއަށް ޔައިލީ ދުވެފައި ދާތަން ފެނުމުން ހިތާހިތުން ދިޔައީ ހެމުންނެވެ. ކުއްލިއަކަށް އާކިންއަށް ހަމަހޭވެރިކަންވެ ރަޝާ ކޮއްޕާލިއެވެ. އެއާއެކު ރަޝާ ނުވެއްޓުނީ ކިރިޔާއެވެ.
ހަގީގަތުގައި ރަޝާ އެހެން ހެދީ ޔައިލީ އެތާހުރިކަން އެނގިގެންނެވެ. ޔައިލީ ދެރަކުރާށެވެ. ނަމަވެސް އާކިން ކަންތައްކުރިގޮތުން ރަޝާ ހިތްހަމަނުޖެހުނެވެ. ހިތުގައިވެސް ޖެހުނެވެ. އެހެނަސް އެއަށްވުރެ ބޮޑަށް ރަޝާވަނީ ދެންމެ ކުރެވުނު ކަންތަކުން އަމިއްލަނަފްސަށް ފަޚުރުވެރިވެފައެވެ. އެ ހިޔާލުގައި އިރުކޮޅެއްވަންދެން ހުރެފައި އާކިން ހުރި ދިމާލަށް ބަލާލުމާއެކު ރަޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މީގެ ދެ ސިކުންތު ކުރިން އެތާހުރި އާކިންއެއް މިހާރަކު ނެތެވެ. ފަރާތްފަރާތް ބަލާލާފައި އާކިން ހޯދަން ދިޔައީ އޭނަ އާކިންއާ ދައްކަންޖެހޭ ވާހަކަ ހުރުމުންނެވެ. ނަމަވެސް ރަޝާއަށް ނޭނގުނުކަމަކީ އާކިން އެދިޔައީ ޔައިލީ ހޯދަންކަމެވެ.
އާކިން ރަޝާ ކޮއްޕާލި ގަޑީ ރަޝާ ބަލަންހުރި ދިމާލަށް އާކިންގެ ކަޅި ދަތުރުކުރިއެވެ. އެއާއެކު ދެލޯ ކަރުނުން ފުރި ބާރުވެފައި ހުރި ޔައިލީ ދުވެފައި ދާތަންފެނުނެވެ. ވެގެން އުޅޭގޮތް ރޭކައިލީ ދެނެވެ. އެމަންޒަރު ފެނުން މީހަކަށް ހީވާނީ ދުވަސްވީ ދެލޯބިވެރިންހެންނެވެ. އާކިންވެސް އެކަމުގައި ބައިވެރިވިހެންނެވެ. ދެވަނަ ވިސްނުމަކާ ނުލާ ޔައިލީ ފަހަތުން ދުވެފައި ދިޔައީ އެ ކުށްހީ ފިލުވަދޭންކަމަށެވެ. ނަމަވެސް މުޅި ޓެރަސް އެއްކޮށް ބެލުނުއިރުވެސް އާކިންއަކަށް ޔައިލީއެއްނުފެނުނެވެ. އަލާންގާތު އަހައިގެންވެސް މާބޮޑު ކަމެއް ނުވިއެވެ. ޔައިލީ ގެއަށް ދިޔައީ ކަމަށް ހީކުރަމުން ގެއަށްދާންވެގެން އުޅުނު އާކިންއަށް އެއްލިކަޅިއަކުން އާކިންއާ ދިމާލަށް އަންނަ ރަޝާ ފެނިގެންދިޔައެވެ. އެއާއެކު އާކިންގެ ދަތްކުނޑިވިކި މޫނުމަތިން ރުޅިފެންނަންފެށިއެވެ. އަތުންފައިން ގޯހެއް ހެދުމުގެ ކުރިން އަނެއްފަރާތަށް މޫނު އަނބުރާލާފަައި ދާންއުޅުނުގަޑީ ރަޝާއައިސް އާކިންގެ އަތުގައި ހިފިއެވެ. އެކަމާ އާކިންގެ ރުޅި ހައްތަހަވީ ގަދައެވެ. އަވަސްއަވަަހަށް ރަޝާގެ އަތްފޮޅުވާލާފައި ދާން އުޅުނެވެ. ނަމަވެސް ރަޝާގެ ހަރަކާތް އެއަށްވުރެ އަވަހެވެ. އަނެއްކާވެސް އާކިންގެ އަތުގައި ކުރިއަށްވުރެ ބާރަށް ހިފިއެވެ. އަދި ވާހަކައެއް ދައްކަންކަމުގައި ބުންޏެވެ. އެހެނަސް ދެންމެ ވީކަންތަކުން އާކިން އެ ވާހަކައެއް އަޑުއަހާނެހެއްޔެވެ؟
ޔައިލީ މާބާރަކަށް ދުވެފައި އެތަނުން ދިޔަތަންފެނި ވާނުވާގައި ހުރި އައިރާއާ ދީމާ ޔައިލީ ފަހަތުން ދާންއުޅުނު ވަގުތު އާކިންގައިގައި އެލިގަނެގެން ހުރި ރަޝާ ފެނުނެވެ. އެ ދެމީހުންގެ ދެލޯ ބޮޑުވެގެން ދިޔައީ ރަޝާ އާކިންގެ ގައިގާ ފިރުމަފިރުމާފައި ބޮސްދޭން އުޅުމުންނެވެ. ފެންނަ މީހަކަށް ހީވާނީ މޮޔަވެފަ ހުރި ކުއްޖެއްހެންނެވެ. ރަޝާ އުޅޭ ވައްތަރުން އެވަގުތު އެތާ ހުރި އެންމެންގެ ލޯތަށް އެދެމީހުންނަށް އަމާޒުވެގެންދަތީ އާކިންހުރީ ލަދުންގޮސް ހަލާކުވާވަރުވެފައެވެ. ދުރުގައި ވަހާކަދައްކަންހުރި ޒިލާލްއާ އަލާންއަށް ހިސާބަކުން މާ އަޑުގަދަވާކަން ފާހަގަވެ އެ އަޑު އަންނަ ދިމާ ބަލާލުމާއެކު އެ މަންޒަރު ފެނި އަވަހަށް އާކިން ކައިރިއަށް ދިޔައެވެ. ވަގުތުން ރަޝާގެ ދެތައުގައި ހިފާ އާކިންއާ ދުރަށްލިއެވެ. އޭރު އާކިންގެ ޖެލްލައި ސްޕައިކު ކުރެވިފައިވާ އިސްތަށިގަނޑުވެސްވަނީ ހޭވިފައެވެ. މާނޭވާވެސް ލެވެމުންދިޔައެވެ. ނަމަވެސް ރަޝާ އަދިވެސް މޮޔައަކުހެން އާކިންއަށް ގޮވައި ލޯބިވާކަމަށް ބުނަމުންދިޔައެވެ. އަލާންއާ ޒިލާލްއަށް ރަޝާ ހިފެހެއްޓެނީ ހަމަކިރިޔާއެވެ. އައިރާއާ ދީމާވެސް އެތަނަށް އައިސް ވެގެން އުޅޭގޮތެއް އެހިއެވެ. “ކޮބާ ޔައިލީ؟؟” ދީމާ ކުރި ސުވާލަށް ޖަވާބުދިނުމެއްނެތި އަވަހަށް ޔައިލީ ކޮބާތޯ ސުވާލު ކުރިއެވެ. “ޔައިލީ ވަރަށް ބާރަކަަށް ދުވެފަ ގޮއްސި. ހީވަނީ ފެންނަން ނުޖެހޭ އެއްޗެއް ފެނުނީހެން.” ހާސްވެފައިވާ އަޑަކުން އައިރާ ބުންޏެވެ. “ކިހިނެތްވެގެންތަ މިއުޅެނީ؟؟” ޒިލާލް އިތުރަށް ރަޝާގެ އަތުގައި ހިފަމުން ސުވާލުކުރިއެވެ. “ރަޝާ ކައިރީ ބުނެބަލަ މީހުންގެ ގަޔަށް ބޮލަށް ނާރާ ހުންނާށޭ!!” ރަޝާގެ އަތް ފޮޅުވާލަމުން އާކިން ހަޅޭއްލަވައިގަތެވެ. އެއަޑާއެކު ހުރިހާ އެންމެންވެސް ރަަޝާއަށް ބަލައިލީ ނުރުހުންވެހުރެއެވެ. ނަސީބަކުން އެވަގުތަކީވެސް ޕާޓީ ނިންމާލަންވެފައިވާ ވަގުތެވެ. ލަސްކުރުމެއްނެތި ވެދިޔަ ކަންތަކަށް މާފަށްއެދި އަލާން ހުރިހާ އެންމެން ގެއަށް ފޮނުވާލިއެވެ. ރަޝާވެސް ގަދަކަމުންކަހަލަގޮތަކަށް އެތަނުން ނެރެވި ރަޝާގެ ބައްޕަލައްވާ އޭނަގޮވައިގެން ގެއަށްދިޔައެވެ.
އެންމެން ދިޔުމުން އަލާން ޒިލާލް އައިރާ އަދި ދީމާވެސް އާކިންއަށް ބަލަންފެށީ ވެގެންއުޅޭގޮތެއް އޮޅުންފިލުވާހިތުންނެވެ. އެބެލުންތަކުން އާކިންއަށް އިތުރަކަށް ކެތެއްނުކުރެވުނެވެ. “މި ރަޝާއޭ ކިޔާ ބ** ވެއްޖެއްނު މަގޭ ތުންފަތުގަ ބޮސްދޭން. ހުވާ މިބުނީ ދެން އޭނަ މަ ފެންނަހިސާބަށްވެސް އަރައިފިއްޔާ ކުޅި ދައްކާލާނަން!!!” އައި ރުޅީގައި އާކިންއަށް ކިޔޭ ނުކިޔޭއެއްވެސް ނޭނގެއެވެ. “ބްރޯ ހަމަޖެހިބަ އެހަކަށް. ރަނގަޅަށް ދެތިންނޭވާލާފަ އަހަރުމެންނަށް ކިޔައިދީބަ ވީގޮތް. މިތާ އިށީނދެބަ.” އަލާން އާކިންގެ ކޮނޑުގައި ހިފާ އެތަނުން ގޮނޑިއެއްގައި ބޭންދިއެވެ. އެއާއެކު އާކިން މީގެ 10 ވަރަކަށް މިނެޓުކުރިން ވީ ހުރިހާކަމެއް އަލިފުން ޔާއަށް ކިޔައިދިނެވެ. ކަންވީގޮތް އެނގުމުން އެ ހަތަރު ކުދިންނަށް ލިބުނީ އަނގައިން ބުނަން ނޭނގޭވަރުގެ ވަރުގަދަ ޝޮކެކެވެ. ވާހަކަދައްކާ ނިމުމުންވެސް އެއްވެސް މީހަކު އެއްޗެކޭ ނުބުނުމުން އާކިންއަށް ކުއްލިއަކަށް ޔައިލީމަތިން ހަނދާންވިއެވެ. “އައިރާ. ގުޅާބަ ޔައިލީއަށް. މަ ބޭނުން ހުރިހާ ކަމެއް ސާފުކުރަން.” އާކިން އަވަސްއަވަހަށް ބުންޏެވެ. އެއާއެކު އައިރާ އަވަހަށް ފޯނު ނަގާފައި ޔައިލީއަށް ގުޅާލިއެވެ. ނަމަވެސް ބުނަނީ ޔައިލީގެ ފޯނުއޮތީ ނިއްވާލާފައިކަމެވެ. އެކަމާ އާކިން އިތުރަށް މާޔޫސް ކުރުވިއެވެ. އިތުރަށް އެތާހުންނަން ބޭނުންނުވުމުން ބާރުހިނގުމެއްގައި އެތަނުން ދިޔައެވެ. ފަހަތުން އަލާންއާއި ޒިލާލްވެސް ދިޔައެވެ. އައިރާއާ ދީމާވެސް ޔައިލީ ހޯދަންދިޔައެވެ.
އިތުރަށް އެތާހުންނަން ނުކެރިގެން ޔައިލީ ދުވެފައި ދިޔައެވެ. ގެއަށް ވަދެވުމާއެކު ބާރަކަށް ދޮރުޖަހާފައި ބަންކިޔާފައި އެނދަށް ޖެހުނެވެ. ހިތުގައި ޖެހުނުވަރުން ބާލީހުގައި ބޯއަޅާފައި ބާރަަކަށް ރޯންފެށިއެވެ. ނަމަވެސް ކޮންމެސް ވަރަކަށް ރޯއަޑުއިވެއެވެ. އެގޮތަށް އެތަށް އިރަކު އޮތެވެ.
ގޭގައި ޓީވީ ބަލަންހުރި ވަދީފާއަށް އޭނަގެ ދަރިފުޅު ރޮމުން ކޮޓަރިއަށް ވަންގޮތުން ކޮންމެސް ކަމެއް ވަރަށް ގޯސްވެއްޖެކަން އެނގުނެވެ. އަވަސްއަވަހަށް ޓީވީ ނިއްވާލާފައި ޔައިލީއަށް ވީގޮތެއްބަލަން ދިޔައެވެ. ނަމަވެސް ދޮރުގައި ޓަކި ޖަހާޖަހާ ވަރުބަލިވީއިރުވެސް ދޮރު ހުޅުވާ ހިޔާލެއް ނުކުރިއެވެ. ހުރި ހަމައެކަނި ދަރިފުޅު ރޯ އަޑުއަހަން ވަދީފައަކަށް ކެތްކުރެވޭނީ ކިހިނެތްހެއްޔެވެ؟ އެގޮތަށް އިރުކޮޅަކު ހުއްޓާ އައިރާއާ ދީމާ ދުވަމުން އައެވެ. “ޔައި!! ދޮރު ހުޅުވަބަ ޕްލީޒް. ޔައި، އެއީ ޔައި ހީކުރާކަހަލަ ކަމެއް ނޫނޭ. ޔައިގެ ފޯނުވެސް ނިއްވާލީ ކީއްކުރަންތަ؟” ދޮރުގައި މަޑުމަޑުން ޖަހާލަމުން އައިރާ ބުންޏެވެ. “ޖަސްޓް ލީވް މީ އެލޯން ޕްލީޒް.” އެތެރޭން ޔައިލީ ބުންޏެވެ. އެއަޑު އިވުނީވެސް ކިރިޔަކިރިޔާއެވެ. “އޯކޭ ފައިން. އެކަމް ޔައި ޖެހޭނެ އަހަރުންނަށް ޔައިގެ ފީލިންގްސް ބަންޑުންކޮށްލަން. އޯކޭ؟ މާދަން އަންނާނަން. ސްލީޕް ވެލް.” ދީމާ ބުންޏެވެ. އެހެން ނުބުންޏަސް ޔައިލީއަށް އެގޮތަކަށް މާ ގިނައިރު ނޯވެވޭނެކަން އެ ދެކުދިންނަށްވެސް އެނގެއެވެ. އަމިއްލައަށް ޔައިލީ އަންނާނެކަން އެނގޭތީއެވެ.
އެރޭ ހަތަރުދަމު ނުނިދާ އޮވެ ޔައިލީ ރުޔެވެ. ރުއުން ހުއްޓާލާފައިވެސް އެ މަންޒަރު ސިފަވެ އިތުރަށް ރޮވެއެވެ. ނަމަވެސް ހިތްވަރުކޮށްލާފައި ޔައިލީ ނިދޭތޯ މަސައްކަތްކުރިއެވެ. އެގޮތަށް އެތަޢް އިރަކު ފުރޮޅިފައި ޔައިލީއަށް ނިދުނީ ދަންވަރު 3 ވެސް ޖެހިފަހުންނެވެ.
އޭގެ އަނެއްދުވަހު ޔައިލީއަށް ހޭލެވުނީވެސް ވަރަށް ލަހުންނެވެ. ރޭގައި ރަނގަޅަށް ނުނިދުމުގެ ސަބަބުން ޔައިލީގެ ބޮލުގައި ގަދަޔަށް ރުހެމުން ދިޔައެވެ. ގަޑިޖެހެން ކައިރިވުމުން އަވަހަށް ފާހަނައަށް ދިޔައެވެ. ލޯގަނޑު ބަލާލުމާއެކު ހުރި ހާލުން ޔައިލީއަށް އަމިއްލަ ނަފްސަށް ހަމްދަރުދީވިއެވެ. ގިނައިރު ރުޔުމުގެ ސަބަބުން ދެލޯވެސް ވަނީ ރަތްވެ ދުޅަވެފައެވެ. ދަތް އުނގުޅާފައި މޫނުދޮވެގެން ނުކުމެ ރީތިވަމުން ލޮލުކައިރީގައި ކުޑަކޮށް ކޮންސީލަރ ކޮޅެއް އުނގުޅާލާފައި ކޮޓަރިން ނިކުތީ ވަދީފާ ޔައިލީއަށް ގޮވާތީއެވެ. ލަސްކުރުމެއްނެތި ދަބަސް ހިފައިގެން އަވަހަށް ނިކުތް ވަގުތު އައިރާއާ ދީމާ ޔައިލީގެ އިންތިޒާރުގައި ތިއްބެވެ. “މިތާ ކީއް ތި ކުރަނީ؟؟ ގަޑި ޖެހޭނެއްނު އިރުކޮޅަކުން.” އަވަސްއަވަހަށް ޔައިލީ އެހެންބުނީ ގަޑިޖެހެން ފަސް މިނެޓަށް ވެފައިވާތީއެވެ. “ޔައިއަށް އިނގޭނެ އަހަރުން ޔައި ބަހައްޓާފަ ނުދާނެކަން. ވީ އާ ބެސްޓީޒް އާފްޓާ އޯލް.” ދީމާ ހެވިލާފައި ހުރެ ބުންޏެވެ. “އެ ހެވޭ ގަޑިޖެހުނަސް. އެންމެ ދުވަހެންނު. ވަޓް ކުޑް ޕޮސިބްލީ ގޯ ރޯންގ.” އައިރާވެސް ހަމަޖެހެމުން ބުންޏެވެ.
“ވައި އާ ޔޫ ލޭޓް!!” ކްލާހަށް ވަން ފިޔަވަޅު މަތީގައި ތިންކުދިން ހުއްޓެން މަޖުބޫރުވީ ރާޖޭޝް ސަރގެ ބާރު އަޑުންނެވެ. “ސަރ.. ވީ ހޭޑް ޓު ޑީލް ވިތް ސަމްތިންގ. އިޓްސް އޯކޭ ދޯވ. ވީ އާ ހިއާ ނައު. ޕްލީޒް ޑޯންޓް މީ މޭޑް.” އައިރާ ޖެހިލުންވެ ހުރެ ބުންޏެވެ. “ޔޫ މޭބީ ހިއާ.. ބަޓް އައި ތިންކް ޔުއާ މައިންޑް ވެންޓް ޓު އިޓަލީ ފޯ ވެކޭޝަން.” އާދައިގެ މަތިން ރާޖޭޝް ސަރ ގެ މަޖާ މިޒާޖުން ހުރިހާ ކުދިން ހެއްވާލިއެވެ. “ވީ ޖަސްޓް ފިނިޝްޑް އަވަރ ވެކޭޝަން.” އައިރާވެސް ދެރަނުވާންވެގެން ބުންޏެވެ. އެވަގުތު ދީމާ މަޑުމަޑުން އައިރާގެ ކޮނޑުގައި ޖެހިލިއެވެ. މިތަން ފެނުން ޔައިލީ ނުހޭންވެގެން އަތުގެ ނުފުށުން އަނގަމަތި ފޮރުވާލިއެވެ. “ސޮރީ ސަރ. ވީ ވޯންޓް ރިޕީޓް އިޓް އެގެއިން. ޕްރޮމިސް.” ހިނިގަނޑު މަތަކުރަމުން ޔައިލީ ބުންޏެވެ. “ހްމްމް… ނައު ގޯ ޓު ޔުއާ ސީޓްސް.” ރާޖޭޝް ސަރވެސް ހަމަޖެހިލަމުން ބުންޏެވެ.
އެދުވަހުގެ ކްލާސްތައްވެސް ދިޔައީ އާދައިގެ ގޮތަކަށެވެ. އެ ހުރިހާ ވަގުތެއްގައިވެސް އާކިން އުޅުނީ ޔައިލީއާ ވާހަކަދެއްކޭތޯ ބަލަމުންނެވެ. ނަމަވެސް ޔައިލީ ދިޔައީ އާކިންއާ ވީހާވެސް ދުރުގައި ހުރެވޭތޯ ބަލަމުންނެވެ. އައިރާ ދީމާ ޒިލާލް އަދި އަލާންވެސް ޔައިލީއަށް ވިސްނައިދެވެތޯ އެތައްމަސައްކަތެއްކުރިއެެވެ. ނަމަވެސް ވާކަމެއް ހަރާމެވެ. އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރެއެވެ. ނޫނީ ގަބޫލުކުރަން ބޭނުންނުވަނީއެވެ. އެކަމާ އާކިންގެ އިތުރުން އެހެންކުދިންވެސް ވަރަށް ދެރަވެ ހިތްހަމަވެސް ނުޖެހެއެވެ. ޔައިލީގެ ގޮތްދޫނުކުރުމުގެ ސިފައަކީ އެއްވެސް މީހަކަށް އާ ކަމަކަށް ނުވިޔަސް އެކަމުން އާކިންއަށް އެންމެ ބޮޑަށް އަސަރުކުރާތީ ބާއީ ތިބި މީހުން ތިބެނީ ހާސްވެފައެވެ. މި ހުރިހާ އެންމެންވެސް ދިޔައީ ރަޝާ ކުށްވެރިކުރަމުންނެވެ. ކުށްވެރި ނުކުރާންވީ ސަބަބެއް ނެތެވެ. އާކިން ރަޝާއާ ފިލަން ބޭނުންވިނަމަވެސް ރަޝާ ދިޔައީ ހުއްޓުމެއްނެތި އާކިންގެ ފަހަތުން ދުވަމުންނެވެ. އެދުވަހުގެ ބްރޭކް ގަޑީގައިވެސް ކެންޓީނުގައި އެންމެން ކުރިމަތީ ރަޝާ އާކިންގާތު އެއްފައިމައްޗަށް ތިރިވެ ރަތް ފިނިފެންމަލެއް ދިއްކުރަމުން އާކިންއަށް ލޯބި ހުށައެޅިއެވެ. އެ މަންޒަރުން ގިނަ މީހުންގެ މޫނު ކުނިވެގެން ދިޔައެވެ. އަނެއްބައިމީހުން ބަލަންފެށީ ހައިރާންވެ ދެރަވެ ހުރެއެވެ. އަދި އަމްދުން ޔައިލީއަށް ވާނެ ވަރު ވިސްނާލަބަލާށެވެ. އައި ރުޅިއާ ވީ ދެރައިން ގަތް ކާއެއްޗެހިވެސް ހުސްނުކޮށް އަވަހަށް އެތަނުން ދިޔައެވެ. “ޔައި!!” ރަޝާ އެ ގުރިގޮތަށް ބަހައްޓާފައި އާކިން ބާރަކަށް ޔައިލީއަށް ގޮވަމުން ފަހަތުން ދިޔައެވެ. އާކިން ޔައިލީ ފަހަތުން ދިޔަތަން ބަލަން އެންމެނަށް ހުރެވުނީ އާކިންއަށް ހަމްދަރުދީ ވެފައެވެ. ނަމަވެސް ރަޝާއަށްވީ ދިމާ އިދިކޮޅެވެ. ރަޝާގެ ހިތުގައި ޔައިލީއަށް އޮތް ހަސަދަވެރިކަމުގެ ހުޅުކޮޅު އަނދާ ހުލިއަށް ވަމުންދިޔައެވެ. އައި ރުޅީގައި މުޅި މީހާ ތުރުތުރުލަމުން ދިޔައެވެ. ނަމަވެސް އެއްވެސް މީހެއް އެކަމަކާ ނުވެއެވެ. ރަޝާގެ ގޮތް އެނގެނީ ކަންނޭނގެއެވެ.
އެރޭ ރޭގަނޑު އާކިން ކާކަށްވެސް ނުނިކުމެއެވެ. ގެއަށް އައިއްސުރެ އާކިން މާ ފާޑަކަށް ހުރުމުން ރިއާޝާ އެކަމާ ސުވާލުކުރުމުންވެސް ކަމެއްނުވެ ކަމަށް ބުނެ އެކަން ހިންދާލިއެވެ. ނަމަވެސް ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ނުކައި ހުންނާތީ ރިއާޝާ ހުންނަނީ ނުހަނު ކަންބޮޑުވެފައެވެ. އަކްމަލްވެސް އާކިންއަށް ގޮވަންދާން އުޅުމުން ރިއާޝާ އޭނަ ހުއްޓުވާފައި އާކިން ބަލައި ދިޔައެވެ. އާކިންގެ ކޮޓަރީގައި ޓަކިޖަހަން އުޅުނު ވަގުތު އެތެރޭން ޖަހަމުން ދިޔަ ލަވައަކުން ރިއާޝާގެ ބުމަ ގޮށްޖެހުނެވެ.
އާކިން ޔައިލީއަށް އެތަށް ފަހަރަކު ގުޅިއެވެ. ނަމަވެސް ލިބެނީ ހަމަ އެއް ޖަވާބެކެވެ. އެންމެ ފަހުން އައިރާއަށް ގުޅައިގެން އެނގުނީ ޔައިލީ އާކިން ބްލޮކް ކޮށްލިކަމެވެ. އެއާ ހެދި އާކިންގެ މޫޑު އިތުރަށް ގޯސްވިއެވެ. މިއަދު ޔައިލީ އާކިންއާ ދިމާލަށް ކީ އެއްޗެހިތަށް އާކިންގެ ކަންފަތަށް އަދިވެސް އިވޭކަހަލައެވެ. އެގަޑީ އާކިން ޔައިލީ ފަހަތުން ގޮސް އެންމެފަހުން ޔައިލީގެ އަތުފައި ހިފާ އާކިންއާ ދިމާލަށް އަނބުރާލިއެވެ. ޔައިލީގެ ލޮލަށް ބޮނޑިވެފައި ހުރި ކަރުނަތަށްފެނި އާކިންގެ ހިތަށް ހީވީ މީހަކު ތޫނު އެއްޗެހިތަކެއް ހަރާލިހެންނެވެ. ލޯބިން އެ ކަރުނަތަށް ފޮހެލަން ބޭނުންވިއެވެ. ނަމަވެސް ޔައިލީ މާކުރިން އާކިންގެ އަތް ފޮޅުވާލިއެވެ. “ކީއްކުރަން ޔައި ފަހަތުން ތި އަންނަނީ؟ ދާންވީނު ރަޝާ ކައިރިއަށް. ކޮންމެހެން ޔައި ކައިރިއަށް އަންނާނެ ކަމެއް ނެތް. ތީ ހަމަ ތިކަހަލަ ފިރިހެނުންގެ ވައްތަރު. އާކިން ހީކުރީތަ ތިވައްތަކަށް އުޅެފަ ބޭނުންވީހާ އިރަކުން ޔައި ކައިރިއަށް އާދެވޭނެޔޭ. ޔޫ އާ ސޯ މިސްޓޭކެން މިސްޓަރ. ދެން ރަނގަޅުވާނީ ޔައި އާ ވީހާވެސް ދުރުގަ ހުރިއްޔާ.” އާކިން ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ ދުވެފައި އެތަނުން ދިޔައެވެ. އާކިންގެ ލޮލަށް ކަރުނަ ޖަމާވީ އިހްތިޔާރަކާ ނުލައެވެ. މޫނުމަތިން ނުދެއްކިކަމުގައި ވިޔަސް ހިތާހިތުން އެކަމާ ރޮއެ ހިތާމަކުރަމުން ދިޔައެވެ. އެ ބޮޑު ކޮޓަރިވެސް ވަނީ އެފުށްމިފުށަށް ޖެހިފައެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް އޭނަގެ ހިތުގައިވާ ހައިޖާނު މާ ބޮޑެވެ. މަންމަ ކާން ގޮވުމުންވެސް ކާހިތްނުވާކަމަށް ބުނެ ހަދާނެގޮތް ހުސްވެގެން އެންމެ ފަހުން ލަވައެއް ޖަހާލަން ނިންމިއެވެ. ކިންގ ސައިޒް އެނދުގެ ކުރިމައްޗަށްވާގޮތަށް ފާރުގައި ހަރުކޮށްފައި ހުރި ފަންސާސް އިންޗި ފޮތި ޓީވީ ހުޅުވާލިގަޑީ އަންނަން ފެށިލަވައަކުން އާކިންއަކަށް އިތުރަކަށް ކެތެއްނުކުރެވުނެވެ.
“މި ވާވަރު ބުނެދޭ ހިތްވޭ
ކަލާއަށް އަނގާ ހިތްވޭ
ތި ލޯތްބަށް އެދިގެން ދާހިތްވޭ
މަގޭ ހިތް މޮޔަވާ ވަރުވޭ
މަގޭ ހިތް ހުއްޓޭގޮތްވޭ
އަރާމެއް މިހިތަށް ބޭނުންވޭ
ކަލާ ފެނުމުން ހީވަނީ އަހާހެންނޭ
ލޯބިވޭހޭ ނިކަން؟
ޝަކުވާ ހިތަށް ކުރެވޭ ރޮމުން
އާދޭސް ކުރާ ހިތްވޭ ރޮމުން
މި ދެލޯ ފޮހެލާދޭން، ކަލާ އަންނާށޭ
އިންތިޒާރުގާ ހުންނަމޭ ލޯބިން”
ދެލޮލުން ކަރުނަ އަންނަ ހާލު އާކިން އަޑުއަހަމުން ދިޔައީ އޭނަގެ ހިތުގެ ހާލެވެ. އެހިސާބަށް އަޑުއަހާފައި ކުއްލިއަކަށް ޓީވީ ނިއްވަލީ ދެން އެ އަޑުއަހަން ވެއްޖިއްޔާ އޭނާގެ ހިތަށް އިތުރަށް ތަދުވުން ނޫން ކަމެއް ނުވާނެތީއެވެ. “ޔައިލީ!!!” އިރުކޮޅަކު އެހެން އޮވެފައި ކުއްލިއަކަށް އާކިން ހަޅޭއްލަވައިގަތީ އިތުރަށް ކެތްނުވެގެންނެވެ. ކުރަންބޭނުންވި ޝަކުވާތަށް ބޭރުކޮށްލާށެވެ. ބަޔަކު ބޭރުގައި އަޑުއަހަން ހުރިކަމެއް ނޭނގިއެވެ.
އާކިން ޔައިލީއޭ ކިޔާ ހާޅެއްލެވުމުން ރިއާޝާއަށް ލިބުނީ ހައިރާންކަމެވެ. ނަމަވެސް އާކިންއާ ޔައިލީއާ ދެމެދު ކޮންމެވެސް ކަމެއްވެއްޖެކަން ޔަގީނެވެ. އެއްޗެއް ޝައްކުވާންވެސް ފެށިއެވެ. އަކްމަލް ގާތު އެވާހަކަ ބުނަންދާން ދޮރުކައިރިން ދުރަށް ޖެހިލާފައި އަނެއް ފަރާތަށް އެނބުރެލުމާއެކު ކައިރީ ބުޑުގައި ހުރި އަކްމަލްގައިގާ ލައްގަތެވެ. އެކަމާ ރިއަޝާ ކުޑަކޮށް ލަދުގަތުމުން އިސްޖަހާލިއެވެ. އެތަން ފެނި އަކްމަލްއަށް އެއްމިޔަނަކުން ހިނިތުންވެލެވުނެވެ. ކައިވެންޏަށް 20 އަހަރު ފުރުނުއިރުވެސް ރިއާޝާގެ އެ ލަދުވެތި ސިފައަކީ އަކްމަލްއަށް އަބަދުވެސް ކަމުދާ ސިފައެކެވެ. ނަމަވެސް ރިއާޝާގެ ލޯބި ދަތްދޮޅީގައި ހިފާ މައްޗަށް އުފުލާލުމާއެކު ރިއާޝާގެ ދެރަވެފައިވާ މޫނުފެނި އަކްމަލްގެ ހިނިތުންވުން ފިލިއެވެ. އާކިން މަތިން ކުއްލިއަކަށް ހަނދާން ވިއެވެ. އެހެނީ އާކިން ހަޅޭކުކައި ކީ ނަން އަކްމަލްއަށްވެސް އަޑުއިވުމުންވެެ. “ރިއާ ހާސްނުވޭ. އާކިން އެހެރީ މިހާރު ބޮޑުވެފަ. އެކަހަލަ ކަންކަންވެސް ދިމާވަނެ.” އަކްމަލް އެހެން ބުނީ ރިއާޝާ ހިތްހަމަ ޖައްސާލާށެވެ. ” މަށަށް ހީވަނީ އާކިންއަށް ޔައިލީ ކަމުދޭހެން. ވަރަށް ދުވަސް ވެއްޖެ އަސްލު އެކަހަލަ ކަމެއް ޝައްކުވާތާ. އެކަމަކު ޔަގީން ނުވާތީ އެއްޗެކޭ ނުބުނެ ހުރީ.” ރިއާޝާ އޭނައަށް ޝައްކުވެފައިވާ ކަންތައް ހާމަކޮށްލިއެވެ. “ޔައިލީ؟ ވަދީފާގެ ދަރި؟ އިރާ ކޮއްކޮގެ ބެސްޓް ފްރެންޑް؟” އަކްމަލް ކޮން ޔައިލީއެއްކަން ޔަގީން ކޮށްލަން ބޭނުންވިއެވެ. ބަދަލުގައި ރިއާޝާވެސް ހަމައެކަނި ބޯ ޖަހާލިއެވެ. “އެހެންމަ މާ ރަނގަޅެއްނު. އަހަރުމެންނަށް އެނގޭ ކުއްޖަކު އާކިންއާ ރައްޓެހިވީމަ އޮންނަ އިތުބާރުވެސް ބޮޑު ވާނެއެއްނު. އެހެންނޫނަސް އާކިން އެހުރީ އެކަހަލަ ކަންކަމާ އުޅޭވަރަށް ބޮޑުވެފަ. އެހަކަށް އެކަމާ އަޅާނުލާ. އާކިން އެ ދިމާވެގެން އުޅޭ މައްސަލައެއް ހައްލުކޮށްފަަ ރަނގަޅު ވަގުތެއް ލިބުނީމަ އަހަރުމެން ކައިރީ ބުނާނެ. ދެން އަހަރުންނަށް އެކަހަލަ ވާހަކައެއް ދެއްކޭނެ ފަސޭހައިން. ދެން ހިނގާބަ މަށަށް ޓައިމް ކޮޅެއް ދޭން. އިނީވެސް ނިދައިފިއެއްނު.” އަކްމަލް ރިއާޝާއަށް ވިސްނައިދީފައި އެންމެ ފަހުންބުނި ޖުމްލަތަށް ބުނެލީ ރިއާޝާގެ ކަރުގައި އަތް ވަށާލައި ލާނެތްކަމާއެކުއެވެ. އެއާއެކު އިވުނީ ދެމަފިރިންގެ ލުއި ހުނުމުގެ އަޑެވެ.
ކައިގެން ލޮޑުވެފައި ހުރި އަލާން ސޯފާގައި ޖައްސާލީ ކަންނެ އަލާންގެ ފޯނު ރިންގުވާން ފެށިއެވެ. ހިތާހިތުން އެ ގުޅި މީހަކާ ދިމާލަށް އަޑުލަމުން ދިޔައެވެ. ފޫހިކަމާއެކު ބަނޑުން ޖެހިފައިއޮތް ފޯނު ނަގާ ބަލާލިއިރު ގުޅަނީ އައިރާއެވެ. ކުއްލިއަކަށް ވި ފޫހި ދިޔައީ ކޮންތަނަކަށް ކަމެއްވެސް ނޭނގެއެވެ. ސޯފާއަށް ޖެހިފައިއޮތް މީހާ ފުންމައިގެން ތެދުވިއެވެ. އަވަސްއަވަހަށް ފޯނު ނަގަންވެގެން އުޅެނިކޮށް ފޯނު އަތުން ނުވެއްޓުނީ ކިރިޔާއެވެ. އަދި އެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. “އަލާނޫ!!!!.” އެންމެ ކުރިންވެސް އިވުނީ އައިރާގެ ބާރު ހަޅޭކުގެ އަޑެވެ. އަވަސްއަވަހަށް ފޯނު ނަގަން އުޅުނީ އެހެންވެއެވެ. އައިރާ ގުޅައިފިއްޔާ ވަގުތުން ފޯނު ނަގަން ޖެހޭނެކަމަށް އައިރާ ވަނީ އިންޒާރު ދީފައެވެ. އެންމެ ފަހުންވެސް އެކަހަލަ ކަމެއް ދިމާވެގެން އަލާން ޖެހުނީ އެއް ހަފްތާ ވަންދެން އައިރާ ބުނި ހުރިހާ ކަމެއް ކުރާށެވެ. އެ ދުވަސްކޮޅަކީ އަލާން ހަމަ ރަނގަޅަށްވެސް މޮޔަވި ދުވަސްކޮޅެކެވެ. އޭގެ އަނެއް ދުވަހު އަލާން އުޅުނީ އޭނަގެ ފަޔަށާއި އަތަށް ތަދުވާވަރުންނެވެ. “ސާބަހޭ ޑަމްބޯ. މަ އަދި ބީރެއް ނުވެޔޭ ތި ހަޅޭއްލަވަނީ.” އަލާންވެސް ބާރަށް ބުންނެވެ. “ތި ފޯނުގަނޑު ނެގިނަމަ ތިހެން ކިޔާކަށް ނުޖެހޭނެޔޭ. ތިޔެއް ނޫނޭ. އޮން ވެބަލަ. އިންނާނެ ސަރޕްރައިޒެއް.” އަލާން އެއްޗެކޭ ބުނުމުގެ ކުރިން އައިރާ ފޯނު ކަނޑާލިއެވެ. އަވަހަށް އައިރާ ބުނިހެން އޮންލައިންވެ ސްނެޕަށް ވަދެ ބަލާލިއިރު އައިރާ ދީމާ ޒިލާލް އަދި އަލާން އެޑް ކޮށްގެން ގްރޫޕެއް ހަދާފައި އިނެވެ.
“އާކިން އެޑް ކުރަންވީނު؟” ދީމާ މެސެޖު ކުރިއެވެ. “ވެއިޓް! ގުޅާލަނަން” އަލާން ރައްދުކުރިއެވެ. އަދި އާކިންއަށް ގުޅިއެވެ. އެއްފަހަރު ގުޅުމުން ފޯނެއްވެސް ނުނެގިއެވެ. ދެވަނަ ފަހަރަށް ގުޅުމުންވެސް ފޯނު ނުނެގުމުން ސްނެޕަށް ވަދެބަލާށޭ ކިޔާ އާކިންއަށް މެސެޖު ކުރިއެވެ. އިރުކޮޅެއްނުވެ އާކިންވެސް އިނީ އޮންލައިންގައެވެ. އޭގެ ކުރިން އައިރާ އާކިން އެޑް ކުރިއެވެ. އެ ގްރޫޕުގެ ނަން ފެނުމުން އާކިންއަށް ހުރެވުނީ އެއަށް ބަލާށެވެ. ‘ޕްރޮޕޯޒް ޓު ޔައި’ ޖަހާފައި އިން އެ ގްރޫޕުގައި އެންމެން ހަމަ ޗެޓު ކުރަނީއެވެ. ނަމަވެސް އައިރާއާ އަލާންއާ ދެމީހުން ނަމަށް ހިފަނީއެވެ. “ތި ކޮންކަހަލަ ނަމެއްތަ ދެން ޑަމްބޯ؟؟ ތިއަށް ވުރެ ރަނގަޅު ނަމެއް ނުލެވުނީތަ؟” އަލާން ހަމަ ޝަކުވާ ކުރަނީއެވެ. “ނުކުރާނަން ބަދަލެއް. މިއެއްނު ކުރަން އުޅޭ ކަމަކީ. ދެން ކީއްކުރަން ބަދަލު ކުރަނީ؟” އައިރާވެސް އަލާން ބުނާ ކޮންމެ އެއްޗަކަށް ރައްދުދެއެވެ. އައިރާ އެހެން ބުނުމުން އާކިންއަށް ލިބުނީ ހައިރާން ކަމެވެ. އާކިން އެއްޗެކޭ ބުނަން ޓައިޕް ކުރަން ހުރެފައި ހިޔާލު ބަދަލުވެގެން ފޮހެލިއެވެ. ނަމަވެސް އެތަން އެހެން އެންމެނަށް ފެންނާނެކަން އާކިންއަށް އެނގެއެވެ. “ޔެސް އާކިން. އަހަރުން މި އުޅެނީ އާކިންއަށް ހެލްޕް ވެދޭން ޔައިއަށް ޕްރޮޕޯޒް ކުރަން. އެއީ ޔައީވެސް އެހެރީ ވަރަށް ދެރަވެފަ. އޭނަގެ ސްޓަބާންނެސް އިނގޭނެ އެންމެނަށް. އެކަންތަށް ފޫދުއްވާލެވޭނެ އެއްފަހަރުން އަހަރުންނަށް.” ދީމާ މެސެޖު ކުރިއެވެ. ހީވަނީ އާކިންގެ ވިސްނުން ކިޔާލިހެންނެއެވެ. “ތޭންކްސް ގައިޒް. އިޓް މީންސް އަލޮޓް.” ހަގީގަތުގައިވެސް އާކިން ހުރީ ވަރަށް އުފާވެފައެވެ. “ޔައި އެޑެއް ނުކުރަންތަ؟” ޔައިލީ އެ ގްރޫޕުގައި ނެތުމުން އަލާން ސުވާލުކުރިއެވެ. “ބޮޑު ސޭކު. ޔައި ލާނެތަ މި ގްރޫޕަށް. ޔައި އަށޭ އާކިން ޕްރޮޕޯޒް ކުރަން އެ އުޅެނީ. އެކަންތަށް ސަކްސެސް ވީމަ ޔައި އެޑް ކުރާނީ.” އައިރާ ހުރީ އަލާންގެ ސޭކުކަމާހެދި ބޯގޮވާވަރުވެފައެވެ. ދެން ފެށުނީ ޕްލޭން ކުރާށެވެ. އެންމެންވެސް ހިތްހަމަޖެހޭ ވަރުވީމަ އެރެއަށް ނިންމާލިއެވެ.
ނުނިމޭ!
2 Comments
Comments are closed.
Nice story
i am really curious to know about there plan but i dont think yai will say yes
Btw Conversations between Aira and Alaan is very interesting and funny
Waiting for the next part <33
Thank you… who knows??? Maybe or maybe not dhw… and hope u enjoy the rest of my story..