ދީމާއަށް އަނގައިން ނުބުނެވެނީސް ކައިރާ ދުވެފައި ކަހަލަގޮތަކަށް ދިޔަތަން ބަލަންހުރެވުނީ ވެފައިވާ ހައިރާންކަމެއްގެ ބޮޑުކަމުންނެވެ. އޭނަގެ ނަންބަރުވެސް ނުލިބެއެވެ. ކުޑަމިނުން ދީމާގެ ނަންވެސް ކައިރާގާތު ނުބުނެވެއެވެ. އެކަމާ ދީމާ ކުޑަކޮށް ދެރަވިއެވެ. ގިނައިރުނުވެ ޔައިލީއާ އައިރާވެސް ދީމާއަށް ގޮވިއެވެ.
♡ހަވަނަ ބައި♡
އިރުއޮއްސެން ގާތްވުމާއެކު ތިންކުދިންވެސް ގެއަށްދިޔައެވެ. އަދި ޕާޓިއަށްދާން އެއްޗެހި ތައްޔާރުކުރިއެވެ. ހުރިހާ އެންމެންވެސް ތައްޔަރުވީ ދީމާމެންގޭގައެވެ. ދީމާއާ އައިރާ ތައްޔާރުވެގެން އެގޭގެ ލިވިންރޫމަށް ނިކުތީ ފުޅާ ހިނިތުންވުންތަކާއެކުއެވެ. ދީމާހުރީ ކަޅުކުލައިގެ ދިގު ސީކުއިން ހެދުމަކާއެކު ކަޅު ޝޯލްއެއް އަޅައިގެންނެވެ. އެ ހެދުމުގެ މަތިން ލޭސްފޮތިން ހެދިފައިވާ ދިގު ޖެކެޓަކާ އެޖެކެޓު ވަށައިގެން ކަޅިކުލައިގެ ބަންދެއް އައްސާފައިވުމުން އިތުރަށް ރީތިކަމަށް ދައްކައެވެ. “އޯމައި ގޯޑް ދީ!!! ޔޫ ލުކް ސްޓަނިންގ. މާޝާ ﷲ.” އައިރާ ދީމާއަށް ބަލާލަމުން ބެންޏެވެ. “ޔުއަރ ނޮޓް ސޯ ބޭޑް ޔުއަރސެލްފް. އަލާން ވިލް ގޯ ކްރޭޒީ އޮން ހިޒް ޕާޓީ.” ދީމާ އުނަގަނޑުގައި އަތްވިއްދާލަމުން އެއްމިޔަނަކުން ހީލަމުން ބުންޏެވެ. ގަދަ ރަތްކުލައިގެ ގައުންއެއް ވައްތަރުގެ ހެދުމަކާއި ކްރީމް ކުލައިގެ އޮފް ޝޯލެއްއަޅައިގެން އައިރާ ހުރިއިރު ރަތްކުލައިގެ ބެލްޓެއް ހަދުމުގައި އެޅިފައިވުމުން އައިރާގެ ރީތިކަން ދެގުނަވެއެވެ. “އިއޫވް. އޭޒް އިފް ހީޒް ގޮނަ ފެއިންޓް ވެން ހީ ސީޒް މީ. އައި ނޯ އައިމް އޯސަމް. ކޮބާތަ ޔައި ކުއީން؟ ޔައީއޭ އެންމެ ރީތީ މިރޭ. ޔައީ!!!” އައިރާ ދީމާގެ ބަހާ ދެކޮޅު ހަދަމުން ޔައިލީއަށް ގޮވައިލިއެވެ. “ކީކޭ؟” ސިޑިން ފައިބަމުން އަންނަ ޔައިލީ ބުންޏެވެ. ޔައިލީފެނި ދީމާއާ އައިރާގެ އަނގަ ވެއްޓިގެންދާވަރަށް ހުޅުވުނެވެ. “އޯ..މައި..ގޯޑް.” ދީމާއާ އައިރާއަށް އެއްފަހަރާ ބުނެވުނެވެ. މިކަމާ އެންމެން އެކީ ހޭންފެށިއެވެ. ޔައިލީ ލައިގެންހުރި ދިގު ކަޅު ހެދުމުގެ އެއްފަޅިއާއި އެއްއަތް އެއްކޮށް ރަންކުލައިގެ ސީކުއިންފޮތިން ޖަރީކުރެވިފައިވީއިރު ހަމައެކުލައިގެ ސީކުއިން ބަންދެއް އައްސާފައިވުމުގެ ސަބަބުންނާއި އެއާ ގުޅޭ ރަން އޮފު ޝޯލެއް އަޅައިގެން ހުރުމުން ހަމަ އަސްލަށްވެސް ރާނީއަކާ ވައްތަރެވެ. “ގާރލް. އިރާއަށް ހަމަ ޔަގީން އާކިންގެ އަނގައިން ސޮނި ވެއްޓޭނެކަން ޔައި ފެނިފަ. މާޝާ ﷲ.” އައިރާއަށް ޔައިލީއާ ދިމާނުކޮށް ނުހުރެވުނެވެ. ޔައިލީ މިރޭ އެހާވެސް ރީއްޗެވެ. ތިންކުދިން ހެދުމާ ގުޅޭ އުސް ކައްޓަށް އަރައިގެން ޕާޓީއަށް ދާން ނިކުތެވެ.
ޕާޓިއަށް ރާދު އޭނަގެ ކާރުގައި ތިންކުދިން އަލާންމެންގެއަށް ލައިދިނެވެ. އެގެއަށް ދެވުމުން ތިންކުދިން ކާރުން ފައިބާ ރާދު ކައިރީ ބަލާއަންނަންވީމަ ގުޅާލާނަމޭވެސް ބުންޏެވެ. އެގެއަށް ވަންނަންދިމަކުރިތަނާ އެއްލިކަޅިއަކުން އައިރާއަށް ދުރުގައި ސައިކަލެއްމަތީ ސިނގިރޭޓޭއް ބޯންހުރި އައްޔާޝް ފެނުނެވެ. އޭރު އޭނަ ހުރީ އޭނަގެ ފޯނަށް ގެއްލި ހުސްވެފައެވެ. “ޔައީ. އެހެރީ އެއްކަލަ ޕާޓޭ ގައި އެއްނޫންތަ؟” ޔަގީންކޮށްލަންވެގެން އައިރާ އަހައިލިއެވެ. ޔައިލީއަށް އެވަގުތު އެދިމާލަށް ބަލާލެވުނެވެ. “އޭނަ މިތާ ކީއްއެކުރަނީ؟ ޔައިލީގެ އެންމެ ބޮޑު ސުވާލަކަށްވީ އައްޔާޝް އެގޭކައިރީ ހުންނަވީކީއްވެކަމެވެ. އިރުކޮޅަކަށް އައްޔާޝް އެގެއާދިމާލަށް ބަލަންހުރެފައި ކޮންމެވެސް މީހަކަށް ހަނާއަޅާލާފައި ބޯންހުރި ސިނގިރޭޓު އެއްލާލާފައި ސައިކަލުގައި ނައްޓާލިއެވެ. އެވަގުތު ޔައިލީ ބަލާލީ އައްޔާޝް ހަނާއެޅީ ކާކާތޯއެވެ. ނަމަވެސް އޭގެ ކުރިން އެކުއްޖާ އެތެރެއަށް ވަނެވެ. ކުޑަ އިރުކޮޅަކަށްނަމަވެސް ޔައިލީގެ ހިތަށް ބިރުވެރިކަންވަދެ ކަމެއް ގޯސްވާން އުޅޭކަމުގެ އިހުސާސެއް ކުރެވުނީ ކީއްވެކަމެއް ނޭނގެއެވެ. ނަމަވެސް އައްޔާޝްއަކަށް ޔައިލީ ފެނުނުހެނެއް ހިޔެއްނުވެއެވެ. އެކަމާ ޔައިލީއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އަދި އެގެއަށް ވަންނަން ހިނގައިގަތެވެ.
އެގެއަށް ވަދެވުމުން އެތިންކުދިންނަށް އެތަންމިތަން ބަލާލެވުނީ އެތަން ހުރިގޮތް ރީތިކަމުންނެެވެ. ނަމަވެސް ޕާޓީ އޮތީ އެގޭ ޓެރަހުގައިކަމުން ލިފްޓަށް އަރައި ތިންކުދިން ޓެރަހަށް ދިޔައެވެ. ޓެރަހަށް ވަދެވުމާއެކު އެންމެންގެ ލޯތަށް އަމާޒުވީ އެކުދިންނަށެވެ. އެކުދިންނެކޭ މޮޑެލްތަކެކޭ ތަފާތެއްވެސް ނޫނެވެ. ބައެއްކުދިން ހަސަދައިގެ ނަޒަރުން ބަލާއިރު އަނެއްބައިކުދިން ހީވަނީ އެކުދިންނަށް ފޮނިދެއްކެން އުޅޭހެންނެވެ. ނަމަވެސް އެކަމާ އަޅާނުލާ އެކުދިންނަށް އެންމެ ބޮޑު ސަމާލުކަމެއްދެވުނީ އާކިންއާ އަލާންއާ ދިމާލަށެވެ. އެދެމީހުން ހީވަނީ ތަނެއްގެ ވެރިންތަކެއް ހެންނެވެ. ކާއެއްޗެހި އަތުރާލެވިފައިވާ މޭޒެއްކައިރީ ވައިން ގްލާހެއް ހިފަހައްޓައިގެން ހުރި އާކިން ހުރީ ކަޅު ގަމީހަކާ މަތިން ކަޅު ކޯޓެއްލައިގެންނެވެ. ތިރިންވެސް ކަޅު ފަޓުލޫނެއް ލައިގެންހުރުމުންނާއި ކަރުގައި ކަޅުކުލައިގެ ބޯ ޓައިއެއް އަޅައިގެން ހުރުމުން އިތުރަށް ސްމާޓްކަމަށް ދައްކައެވެ. އެ ގްލާސް ހިފަހައްޓައިގެން ހުއްޓެއްކަމަކު އާކިންގެ ލޯވަނީ ރާނީއެއްހާ ރީތި ޔައިލީއާ ދިމާލަށެވެ. އެހެދުމުގައި ޔައިލީއަށްވުރެ ރީތި ކުއްޖަކު ނުހުންނާނޭ އެވަގުތު ހިތަށްއެރިއެވެ. ހިތާހިތުން މާޝާ ﷲ އޭ ބުނެލިއެވެ. އަނެއްކޮޅުން އާކިންގެ ގްލާހަށް ކޯކު އަޅައިދޭން ހުރި އަލާންވެސް މިރޭ އަމްދުން ފުރިހަމައެވެ. ހުދު ގަމީހެއްގެ މަތިން ގަދަ ރަތްކުލައިގެ ކޯޓަކާއި ތިރިންވެސް ހަމަ އެކުލައިގެ ފަޓުލޫނެއްގެ އިތުރުން ކަރުގައި ރަތްކުލައިގެ ބޯ ޓައިއެއް އަޅައިގެން ހުރުމުން ހީވަނީ އަލާން މީހަކާ އިންނަން އުޅެނީހެންނެވެ. އަލާން އެ ގްލާހަށް ކޯކު އަޅައިދޭން ހުއްޓެއްކަމަކު އަލާންގެ ނަޒަރުވަނީ އައިރައާ ދިމާލަށެވެ. އެހާދޮންނޫން މޫނުގައި ލުއި މޭކަޕެއް ކޮށްފައިހުއްޓަކަސް ކިހައި ފުރިހަމަ ހެއްޔެވެ؟ އަލާންއަށް އެއްމިޔަނަކުން ހިނިތުންވެލެވުނީ އިއްތިފާގަކުންވިޔަސް އައިރާއާ އެއްގޮތްވެވުނީމައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަލާންގެ ހިޔާލު ބަދަލުވެ ކުނި މޫނު ހަދައިލިއެވެ. މިތަން އައިރާއަށް ފެނި ތުން ދަމާލާފައި ކަޅިއަޅައިލިއެވެ. އެވަރުންވެސް އަލާންއަށް މިތަނެއް ނުފެނެއެވެ.
އެދެމީހުންނަށްވެސް އެހިޔާލުން ދުރުވެވުނީ ވައިން ގްލާހަށް މާގިނަ ކޯކު އެޅިގެން ބިންމައްޗަށް ކޯކު ވެރެން ފެށުމުންނެވެ. ބިންމައްޗަށް ބަލާލުމުން އެތާ ކޯކުން ކޯރެއް ހެދިފައިވާކަން ރޭކައިލީ އަދިމިހާރުއެވެ. ދެމީހުންވެސް ބިންމައްޗަށް ބަލާލާފައި ދެމީހުނަންނަށް ބަލާލުމާއެކު އެއްފަހަރާ ހެވެން ފެށުނެވެ. ދުރުގައި ކުޅިބަލަންހުރި ޔައިލީ އައިރާއާ ދީމާއަށްވެސް ހެވުނެވެ. އެވަގުތު ތިންކުދިންނަށްވެސް އެޓެރަހަށް ނަޒަރު ހިންގާލެވުނެވެ. އެތަންމިތާގައި ވަށް މޭޒުތަކެއް އެތުރިފައިވީއިރު ކޮންމެ މޭޒެއްގެ މެދުގައި ބެޓެރީ ކޭންޑަލްއެއް ބެހެއްޓިފައިވެއެވެ. އަދި ހުރިހާ ގޮނޑިއެއްގައި ހުދު ފޮތި އެޅުވިފައިވުމުން އެ މޭޒުތަކާ ނުހަނު ގުޅެއެވެ. މުޅި ޓެރަސް ފެއަރީ ލައިޓުތަކުން ޒީނަތްތެރިކުރެވިފައިވުމުން އެތަނަށް ހުވަފެނީ މާހައުލެއް ގެނެސްދެއެވެ. މުޅިތަނަށް ވެރިވެފައިވީ މީހުންގެ ވާހަކައިގެ އަޑުންނާއި ލުއި މިއުޒިކުގެ އަޑުން ހަމަރަނގަޅު ވެޑިންއެކޭ ތަފާތެއްވެސް ނެތެވެ. ތަންކޮޅެއް ބޮޑުވަރޭ އެގަޑީ އައިރާގެ ހިތަށްއެރިއެވެ. އަލާން ހުރިހާ އެންމެނަށް ކާންގޮވުމުން އެންމެންވެސް ކާން ފެށިއެވެ.
އެރޭގެ ޕާޓީ ވަރަށްވެސް ކުލަގަދައެވެ. ކެއުންނިންމާފައި އެކި މީހުން އެކި ވާހަކަައަށް ގެއްލުނެވެ. އިރުކޮޅެއްނުވެ އެތާފައި ލަވަ ޖަހަން ފެށުމުން ކޮންމެ ފިރިހެން ކުއްޖެއްވެސް އަންހެން ކުއްޖެއް ގޮވައިގެން އެތާގައި ހުރި ބޮޑު ޑާންސް ފްލޯއަށް ނަށާލަން އެރިއެވެ.
އެންމެން ނަށާތަން ބަލަންހުރި އާކިންއަށް ޔައިލީފެނުނެވެ. އެވަގުތު ޔައިލީ ގަޔާލާ ބޮނޑިކޮށްލާނަމޭވެސް ހިތަށްއެރިއެވެ. ހިތާހިތުން ޔައިލީ އެސްފީނާއިން ސަލާމަތްކުރައްވާތޯ ދުޢާކޮށްލިއެވެ. މާގިނައިރުނުކޮށް އާކިން ޔައިލީގާޔަށް ދިޔައެވެ. “ޔައި.” އާކިން މަޑުމަޑުން ގޮވާލިއެވެ. “ހްމްމް.” ޔައިލީ އެވަރުން ފުއްދާލިއެވެ. “އަމްމް… ހިނގާބަ.. ނަށާލަން… ވިލް ޔޫ ޖޮއިން މީ؟؟” އަހަންނާހަން ހުރެފައިވެސް އާކިން އަތް ދިއްކޮށްލަފައި އަހާލިއެވެ. “ޝުއާ.” ދެވަނަ ވިސްނުމަކާ ނުލާ ޔައިލީ އެ އަތުގައި ހިފިއެވެ. އަދި ޑާންސް ފްލޯއަށް ދިޔައެވެ.
“ކެއާ ޓު ޑާންސް ސިނޮރީތާ!” ދުރުގައި އެންމެން ނަށާތަން ބަލަންހުރި އައިރާއާ ދިމާލަށް އަލާން އަތް ދިއްކޮށްލާފައި ބުންޏެވެ. އައިރާ ވަކި އެއްޗެކޭ ނުބުންޏެވެ. “ވަރަށް އެހެންކަހަލަ ވާނެ ދޯ ޕާޓިގެ ބޮޑުމީހާ ނޭރީމަ؟” އިރުކޮޅެއްވަންދެން އައިރާ އެއަތަށް ބަލާލާފައި ހިފަންނުހިފަން ހުރެފައި އެ އަތުގައި ހިފާލިއެވެ. އައިރާގެ މި ޢަމަލުން އަލާންއަށް އިޚްތިޔާރަކާނުލާ ހިނިތުންވެލެވުނެވެ. އެކަމާ އައިރާއަށްވެސް ހީލެވުނެވެ. އަދި ދެމީހުންވެސް ނަށަންއެރިއެވެ.
ހުރިހާ އެންމެންވެސް ފޯރީގައި ނަށަނީއެވެ. އެވަގުތު މުޅިތަނުން އެޑް ޝީރާންގެ ‘ޕާރފެކްޓް’ ލަވައިން ގުގުމާލާ ހުއްޓެވެ. ހުރިހާ އެންމެންވެސް މަޑުމައިތިރިކަމާއެކު އެމީހެއްގެ ބައިވެރިޔާއާއެކު ނަށަމުންދިޔައީ ވަރަށްވެސް ފުރިހަމަކޮށެވެ. ހާއްސަކޮށް އާކިންއާ ޔައިލީއެވެ. ދެމީހުންވެސް ދެމީހުންގެ ލޮލަށް ގެއްލިފައި ހުރެ ނަށަމުންދިޔައީ މާހައުލުގައި ހިނގާ ހުރިހާ ކަމެއް ހަނދާންނައްތާލަމުންނެވެ. އަނެއްކޮޅުން އައިރާއާ އަލާންވެސް ނަށަމުންދިޔައީ ވަރަށްވެސް މޮޅަށެވެ. ނަމަވެސް އައިރާގެ ލޯ އަމާޒުވެފައިވަނީ އިޝްގުގައި ޖެހިފައިވާ އާކިންއާ ޔައިލީއާ ދިމާލަށެވެ. އެގޮތަށް ދެމީހުން ނަށަމުންދިޔައިރު އެއްއިރަކު އައިރާގެ ކަށިން އަލާންގެ ބޫޓު މައްޗަށް އެރިދާނެއެވެ. އަނެއްފަހަރު އަރިއަޅާލަފާނެއެވެ. އެހުރިހާ ފަހަރަކުވެސް އަލާން އައިރާއާ ދިމާލަށް ބަހެއްވެސް ބުނެނުލައެވެ. އެއަށްވުރެ މާ ބޮޑަށް އަލާންވަނީ އައިރާގެ ރީތިކަމަށް ގެއްލި ހުސްވެފައެވެ. އައިރާއަށް ބަލަން ކިތަންމެ އިރަކުވެސް އަލާންއަށް ހުރެވިދާނެއެވެ. އެވަގުތު އަލާންއަށް އައި ހިޔާލަކާއެކު އައިރާއަށް ބަލަންހުރެފައިވެސް ހިނިތުންވެލެވުނެވެ. ނަމަވެސް ކުއްލިއަކަށް ދެފަރާތަކަށް ބޯހަލުވާލާފައި އަލާން އައިރާއަށް ބަލާލީ ރުޅިވެެރިކަމާއެކުއެވެ. އަލާންއަށް ކުއްލިއަކަށް މިއައި ބަދަލާއެކު އައިރާއަށް އަލާންއަށް ބަލަން އިރުކޮޅަކު ހުރެވުނެވެ. އެއްޗެކޭ ނުބުނެވެނީސް އައިރާގެ އަތުން ދޫކޮށްލާފައި އަލާން އެތަނުން ދިޔައެވެ. އައިރާއަކަށް ވީގޮތެއްނޭނގުނެވެ. އިރުކޮޅެއްވަންދެން އެހުރިތާ ހުރެފައި އެތަނުން ދިޔައީ އެތާ ހުރުމުގެ ބޭނުމެއް ނުފެނުނީމައެވެ.
ހުރިހާ އެންމެން ނަށަން އެރިއެއްކަމަކު ދީމާއަށް ވިސްނެނީ އެހެންކަމަކާއެވެ. ހުރިހާ އެންމެން ނަށާތަން ފެނުމުން ދީމާއަށް ޔާލް މަތިން ހަނދާންވީ ނުހަނު ބޮޑަށެވެ. އިޚްތިޔާރަކާނުލާ ހިނިތުންވެލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ދީމާގެ ހިނިތުންވުން ފިލައި ދިޔައީ ޔާލް ދީމާގާތު ނެތްކަން ހަނދާންވުމުންނެވެ. ދީމާ ދޫކޮށްފައި ދިޔަގޮތް ހަނދާންވުމުންނެވެ. އެއާއެކު ދީމާގެ ލޮލުން ކަރުނަ ހިލެންފެށިއެވެ. އެ ކަރުނަތަށް ނުނެރެންވެގެން ރަތްއަރާވަރަށް ދީމާ ތުންފަތުގައި ދަތްއަޅާ ބާރުކޮށްލިއެވެ.
ދުރުގައި ކޯކު ތައްޓެއް ހިފައިގެން ހުރެ ދީމާގެ ހަރަކާތްތަކަށް ފަރުވާތެރިކަމާއެކު ބަލަންހުރި ޒިލާލްއަށް ދީމާއަށް ވީގޮތްފެނުމާއެކު އޭނަގެ ހިތަށް ގޮތެއްވެގެން ދިޔައެވެ. ދީމާގެ ލޮލުން އަންނަން ތައްޔާރަށްހުރި ކަރުނަތަށް ފެނުމުން ޒިލާލްގެ ހިތްވެސް ރޯންފެށިކަހަލައެވެ. ދީމާއާ ދިމާލަށް ދެވެންފެށީ އިޚްތިޔާރުން ބޭރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އާނއެކެވެ. ޒިލާލްއަށްވަނީ ދީމާދެކެ ލޯބިވެވިފައެވެ. މިހާރަކުވެސް ނޫނެވެ. ކިތަންމެ ދުވަހެކެވެ. ދީމާ ފެނުނު އެންމެ ފުރަތަމަ ދުވަހުވެސް ޒިލާލްގެ ހިތް ދީމާ ފަތަހަކޮށްފިއެވެ. ކުރިން އެކަހަލަ ކަންކަމާ މުޅިން ދެކޮޅުހަދާ ޒިލާލްގެ ވިސްނުން ދީމާއާ ދިމާވިފަހުން ވަނީ ބަދަލުވެފައެވެ. ނުވެސް އެނގިހުރެއެވެ. އެކަމާ ޚުދު ޒިލާލްވެސް އަންތަރީސްވެއެވެ. ނަމަވެސް ދީމާއާ ވާހަކަދައްކާލަންވެސް ޒިލާލް ޖެހިލުންވީ ކީއްވެކަމެއް ޒިލާލްއަކަށް ނުވިސްނުނެވެ. އަމިއްލަ ފިނޑިކަމާމެދު ޒިލާލްއަށް ހިތާހިތުން އެއްޗެހި ކިޔުނެވެ. އެހެންވެ ޒިލާލް ބޭނުންވީ އޭނަގެ ފިނޑިކަމުގެ މައްޗަށް ކެރުންތެރިކަން ކުރިހޯދާށެވެ. ދީމާއާ އެކުވެރިކަމުގެ ގުޅުންވިޔަސް ބެއްވޭނީ އޭރުންކަން އިނގޭތީއެވެ. މަޑުމަޑުން ވިޔަސް ރަނގަޅުގޮތުގައި ދީމާގެ ހިތް ހާސިލްކުރެވޭތޯ ޒިލާލް މަސައްކަތްކުރާނެއެވެ. ނަމަވެސް ޒިލާލްއަށް ނޭނގުނު ތަންކޮޅަކީ ދީމާގެ ހިތުގައި އެހެން މީހަކު ވާކަމެވެ. އެމީހާއަކީ ޒިލާލް ދުވަހަކުވެސް ހީނުކުރާނެފަދަ މީހެއްކަމެވެ.
“ދީ.” ސިހިފައި ދީމާ އަވަސްއަވަހަށް ލޯފިހެލާފައި ފަހަތްބަލާލީ ފަހަތުން މީހަކު ގޮވާލުމުންނެވެ. ފަހަތުގައި ހުރި ޒިލާލް ފެނި ދީމާ ހިނިތުންވެލިއެވެ. “ޒިލާލް! ވަޓް އަ ސަޕްރައިޒް. ޕާޓިއަކަށް ކިޔަސް ހިއެއްނުކުރަން ޒިލާލް މިތަނަށް އަންނާނެކަމަކަށް.” ދީމާ ބުނީ ޒިލާލް މިއިން ޒަމާނަކުވެސް މިކަހަލަ ޕާޓީއަކަށް އައިތަން ފެނިފައި ނުވާތީއެވެ. “ކިނެއްވީ؟ ދެން ނާންނަންވީތަ؟ ޒިލާލް ސުވާލުކޮށްލީ ޖެއްސުމަށެވެ. “ނާންނާށޭކޭ ނުބުނަމެއްނު. އާންމުކޮށް މިކަހަލަ ތަންތަނުން ނުފެންނާތީ ބުނެވުނީ. މިތަނަށް އާދެވުނީމަ އެޓް ލީސްޓް ޒިލާލްގެ ފްރެންޑުންނާ ބައްދަލު ކުރެވޭނެ ދޯ؟” ދީމާ ޒިލާލްއަށް ދޯދިނެވެ. ޒިލާލް ކުޑަކޮށް ހީލިއަޑު އިވުނެވެ. “އައި ޑޯންޓް ހޭވް ފްރެންޑްސް. އިޓްސް ޖަސްޓް ޔޫ.” ޒިލާލް ދީމާއާ ހަތަރުކަޅި ހަމަކުރަމުން ދެމާނަ އެކުލެވޭ ގޮތަކަށް ދީމާގާތު ބުންޏެވެ. ދީމާއަށް ޒިލާލްއަށް ބަލަންހުރެވުނީ އެދެލޮލުން ބުނެދޭ އެއްޗެއް ނޭނގިގެންނެވެ. ކުއްލިއަކަށް އައިތަނެއް ނޭނގި ދީމާގެ ފަހަތުން ކޮންމެވެސް މީހަކު ދީމާގައިގަ ޖެހުނެވެ. ދީމާ ދިޔަގޮތަށްގޮސް ޖެހުނީ ޒިލާލްގެ ގައިގައެވެ. ޖެހުނުގޮތުން ޒިލާލްގެ އަތުގައި އިން ކޯކު ތަށި ޒިލާލްގެ ގަޔަށް އެޅިގެންދިޔައެވެ. ޒިލާލްގެ މޭގައި ޖެހުމުން ދީމަ ކުޑަކޮށް ލަދުގަތެވެ. ނަމަވެސް އަވަހަށް ހަމައަކަށް އެޅިލާފައި ޒިލާލްއާ ދުރަށްޖެހިލިއެވެ. ދީމާއަށް ޒިލާލްގެ ގަޔަށް ބަލާލެވުނެވެ. ޒިލާލްވެސް އޭނަގެ ގަމީހަށް ބަލާލާފައި ދީމާއަށް ބަލާލުމާއެކު ދީމާ ހުރިގޮތުން ޒިލާލްއަށް ހެވެންފެށުނެވެ. ޒިލާގެ ގަޔަށް ކޯކު ތަށި ބަނޑުން ޖެހުމުން ކުރާނެ ކަންތައް ހުސްވެފައި ހުރި ދީމާއަށް ޒިލާލްއަށް ބަލަންހުރެވުނީ އަޖައިބުވެފައެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ މިހާތަނަށް ޒިލާލްއާ ވާހަކަދެއްކި އެއްވެސް ފަހަރަކު ޒިލާލްގެ ހުނުމުގެ އަޑެއް އިވިފައެއް ނުވެއެވެ. އެ ހުނުން ކިހާ ފުރިހަމަ ހެއްޔެވެ؟ އަޑު އަހާލަން ކިހާ ފަސޭހަ ހެއްޔެވެ؟ އެކަހަލަ ހިޔާލުތަކަށް ދީމާ ގެއްލުނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ.
ހޭންހުރި ޒިލާލް ހުނުން ހުއްޓާލަން މަޖުބޫރުވީ ދީމާ ބަލަންހުރި ގޮތުންނެވެ. އެކަން ފާހަގަވި ދީމާ އަވަސްއަވަހަށް އިސްޖަހާލިއެވެ. އިރުކޮޅެއްވަންދެން އެދެމެދުގައި ހަމަހިމޭންކަންވިއެވެ. އެކަން ކަމުނުގޮސްގެން ޒިލާލް މަޑުމަޑުން އޭނަގެ އަތް ގެންގޮސް ދީމާގެ ދަތްދޮޅީގައި ހިފާލާފައި ޒިލާލްއާ ދިމާލަށް މޫނު ހިއްލާލިއެވެ. އެވަގުތު ޒިލާލް ހިތާހިތުން ދީމާގެ ރީތިކަމަށް ތައުރީފު ކޮށްލިއެވެ. ދީމާވެސް ބަހެއް ނުބުންޏެއް ކަމަަކު ޒިލާލްގެ ރީތިކަމަށް ދީމާވެސް ހިތާހިތުން ދިޔައީ ސާބަސް ކިޔަމުންނެވެ. ހުދު ގަމީހެއްގެ މަތިން ކަޅު ކޯޓަކާއި ތިރިން ކަޅު ފަޓުލޫނެއްގެ އިތުރުން ކަޅު ބޯ ޓައި އެއް އަޅައިގެން ހުރުމުން އިތުރަށް ‘ހޭންޑްސަމް’ ކަމަށް ދައްކައެވެ. ނަމަވެސް އެ ހުދު ގަމީހުގައި ކޯކު ހުރުމުން އެ ގަމީހުގެ ރީތިން ވަނީ ގެއްލިފައެވެ. ޒިލާލްވެސް ލާންޖެހެނީ ހަމަ ހުދު ހެއްޔޭ ދީމާގެ ހިތަށްއެރިއެވެ. އިތުރު ވަގުތު ބޭކާރު ނުކޮށް ދީމާ ޒިލާލްގެ އަތުގައި ހިފައިގެންދިޔައީ އެތަން ދޮންނާށެވެ. އެތާގައި ދީމާއާ ޒިލާލްއަށް ބަޔަކު ބަލަންހުރިކަން ނޭނގިއެވެ.
ދީމާއާ ޒިލާލް ދެންމެ އުޅުނު ވައްތަރު ބަލަން ދުރުގައި ހުރި އަލާންއާ އައިރާ ހުރީ ހެވިފައެވެ. އެވަގުތު ދީމާގެ ހިނިތުންވުން ފެނިފައި އައިރާއަށްވެސް ހިނިތުންވެލެވުނެވެ. އެއީ ޔާލްއާ ރުޅިވިފަހުން ދީމާ ފިރިހެން ކުއްޖަކާއެކު ވަގުތު ހޭދަކުރާ ފުރަތަމަ ފަހަރެވެ. ހިތާހިތުން ދީމާ ޒިލާލްއާ އެކީގައިވޭތޯ ދުއާކޮށްލިއެވެ. އަލާންއަށްވެސް ދީމާގެ ހިނިތުންވުން ފާހަގަވިއެވެ. ޒިލާލްއާ އަލާންއާ ވާހަކަދެއްކިޔަސް ދައްކަނީ ހާލަކުން ފަހަރުއެވެ. ޒިލާލް ދީމާއާ އެކު ހުރުމުން އަލާން ޒިލާލްއާ އެކުވެރިވާ ހިތްވިއެވެ. ޒިލާލް ދީމާއާ ގާތްވީމު ކުރިން ޒިލާލްގެ ގޮތް އެނގެން ބޭނުންވިއެވެ. އާކިންގާތު އެ ވާހަކަ ދައްކަންވެސް ނިންމިއެވެ.
އިރުގަނޑެއް ވަންދެން ނަށަންހުރެފައި ޔައިލީއާ އާކިން ހުއްޓާލީ ފެންބޮވައިގަތުމުންނެވެ. އެހެންނޫންނަމަ ކިތަންމެ އިރެއްވަންދެންވެސް ހުރެދާނެއެވެ. ދެމީހުންވެސް ފެންބޯން ދަނިކޮށް ކައިރީގައި ތިބެގެން ވިސްނުމަކަށް ގެއްލިފައި ތިބި އަލާންއާ އައިރާ ފެނުނެވެ. އާކިންއާ ޔައިލީ ވެސް ފެން ތައްޓެއް ހިފައިގެން އެދެމީހުންގާތަށް ދިޔައެވެ. އެދެމީހުން ކައިރީ ހުއްޓިފައި އާކިން ކަރުކެހެލުމުން އައިރާއާ ދެމީހުން އެއްފަހަރާ ޔައިލީއާ އާކިންއާ ދިމާލަށް ބަލައިލިއެވެ. “ހާދަ ފުން ވިސްނުމެއްގަ ދެމީހުން؟ ކޮންކަމެއް އޮތީ؟” އާކިން އަލާންގެ ކޮނޑުގައި ހިފާލަމުން ބުންޏެވެ. “އެބުނާހެން. ތިހެން ދެމީހުން ހުންނަތާ ކިހާއިރެއްކަމެއްވެސް ނޭނގެ. އެނީވޭޒް.. ކޮބާ ދީ؟” ޔައިލީވެސް އާކިންގެ ބަހާ އެއްބަސްވިއެވެ. “ދީ އާ މެދުއޭ މި ވިސްނަނީ.” އަލާންއާ އައިރާ އެއްފަހަރާ ބުންޏެވެ. “ދީއަށް ކިނެއްވީ؟؟” އާކިންއާ ޔައިލީވެސް އެއްފަހަރާ ބުންޏެވެ. “ހެހެ.. މާބޮޑު ކަމެއްނުވެ. އައި ތިންކް ޝީ ލައިކްސް ސަމްވަން.” އަލާން އައިރާއާ ދިމާލަށް ބަލާލާފައި ކުޑަ ހުނުމަކާއެކު ބުންޏެވެ. “ކާކު؟؟” އާކިންގެ ހިތުގައި ޝައްކު އުފެދުނެވެ. “ޔައިއަށް އިނގޭ ދޯ؟” އާކިން ޔައިލީގާތު އަހައިލިއެވެ. ރައްދުގައި ޔައިލީ ހީލާފައި ބޯޖަހާލިއެވެ. “އަހަރުން ކްލާހުގަ އުޅޭ ޒިލާލް.” ޔައިލީ ބުންޏެވެ. އެއާއެކު އައިރާ ދެންމެ ވީގޮތް އާކިންއާ ޔައިލީއަށް ކިޔައިދިނެވެ. އާކިންގެ ޝައްކު ޔަގީނަށް ބަދަލުވެގެން ދިތައީ ޔައިލީ ޒިލާލްގެ ނަން ބުނެ އައިރާ އެ ވާހަކަ ކިޔައިދިނުމުންނެވެ. އެއީ އެކި ފަހަރުމަތިން އާކިންއަށާއި އަލާންއަށްވެސް ޒިލާލްއާ ދީމާ އެކީގައި ފެނިފައިވާތީއެވެ. އައިރާ ވާހަކަ ދައްކާ ނިމުމުން އަލާންގެ ހިތުގައި އޮތް ކަންތައް އެންމެނާ ހިއްސާކޮށްލިއެވެ. އެންމެންވެސް އެއީ އެންމެ ރަނގަޅު ގޮތްކަމުގައި ދެކުމުން އެންމެންވެސް ބޯޖަހައިލިއެވެ. ނަމަވެސް އެއްވެސް މީހަކަށް ޝައްކުނުވާގޮތަށެވެ.
“އެބަ އަންނަން.” އާކިންގެ ފޯނު ރިންގުވުމާއެކު އޭނަގެ ފޯނު ނަގައި ބަލާލާފައި ބުންޏެވެ. އަދި ޓެރަހަށް ވަންނަ ކުޑަކުޑަ ހަތަރެސްކަން ގެއެއްކަހަލަ ތަނެއްގެ އަނެއްފަރާތަށް ދިޔައެވެ. އެތަން އަނދިރިކަމުން އެތާގައި މީހަކު ހުރިހެނެއްވެސް ހިއެއްނުވާނެއެވެ. ނަމަވެސް އާކިންއާއި ޔައިލީގެ ކޮންމެ ހަރަކާތަކަށްވެސް ފާރަލަމުންއައި ރަޝާއަށް އާކިން ދިޔަތަން ފެނުމުން ފުރުސަތުގެ ބޭނުން ހިފަން ނިންމިއެވެ. އެރޭ އާކިން ޔައިލީއާ އެކު ނަށަން އެރުމުން ރަޝާގެ ލޭ ކެކިގެން ދިޔައެވެ. އައި ރުޅީގައި އަތުގައި އިން ކޯކު ތަށީގައި ހިފުނު އެންމެ ބާރަކަށް ހިފާލުމުން އެ ތަޅައިގެން ނުދިޔައީ ކިރިޔާއެވެ. އާކިން ދިޔަ ދިމާލަށް ހިނގައިގަތީ ވިހަ ހިނިތުންވުމަކާއެކުއެވެ. “އާކިން.” ރަޝާ ގޮވާލިއެވެ. އޭރު އާކިން ފޯނު ކަނޑާލަނީއެވެ. ރަޝާ ގޮވާލުމުން އާކިން ސިހިފައި ރަޝާއާ ދިމާލަށް ބަލާލިއެވެ. ރަޝާ ހުރީ ހުދުކުލައިގެ އަތްނެތް ދިގު ހެދުމެއް ލައިގެންނެވެ. އެ ހެދުމުގެ އެއްފަޅި ކަނޑާލާލައިވުމުން ރަޝާގެ ފައިގެ ބޮޑުބައެއް އިނީ ހާމައަށެވެ. އެހެދުން އުނަގަނޑާ ހަމައަށް ފިޓުކޮށްފައި ތިރިއަށް ވަނީ ދޫކޮށްފައެވެ. ފާޑަކަށް މާމެއިޑް ހެދުމަކާ ވައްތަރެވެ. އިސްތަށިގަނޑުވެސް ފަހަތަށް ހުޅިއެއް ޖަހަލާފައި އެއްކައިރިއަކަސް އިސްތަށިކޮޅެއް ވައްޓާލާފައި ހުއްޓެވެ. ކަންފަތުގައި ކަރާ ހަމައަށް އަރާ ވަރުގަދަ ދިގު ކަންފަތުލަ އެތިކޮޅެއް އަލުވާފައި ހުރުމުން ހީވަނީ އޭނާއަށްވުރެ ރީތި މީހެއް ނުހުންނާނެހެންނެވެ. ނަމަވެސް ރަޝާ އެގޮތަށް ހެދުން އެޅީ އާކިން އެއްޗެކެ ބުނޭތޯކަމަށް ވަންޏާ ރަޝާ އެވަނީ ކުށްހީއެއްގެ ތެރޭގައެވެ. އެއަށްވުރެ ބޮޑަށް އާކިންއަށް ވަނީ ޔައިލީ ދެކެ ލޯބިވެވިފައެވެ. އާނއެކެވެ. އާކިން އެންމެ ފަހުން އެކަން ގަބޫލުކުރީއެވެ. ދެން އެންމެ ހިނދުކޮޅަކަށްވެސް ލަސްކުރާކަށް ބޭނުމެއް ނުވިއެވެ. މިހާރުވެސް ބޭނުންވަނީ ޔައިލީ އާކިންގެ މީހަކަށް ހަދާށެވެ. ރަޝާ ބުނާއެއްޗެއް ނުބަލައި އެތަނުން ދާން އުޅުނީ ޔައިލީގަތު އެވާހާކަ ބުނާށެވެ. ނަމަވެސް ދެން ރަޝާ ކޮށްލިކަމަކުން އާކިން ހުއްޓުން އެރިއެވެ.
އާކިން ދިޔަތަން ބަލަން ހުރި ޔައިލީއަށް އައިރާ ބަލާލީ ލާނެތްކަމާއެކީގައެވެ. އެވަގުތު ޔައިލީއަށް ގޮވައި އެހެން ވާހަކައެއް ދައްކަން ފެށީ ޔައިލީ ތަޅުވާލާށެވެ. ނަމަވެސް ޔައިލީއަށް އައިރާ ދެއްކި ވާހަކައަށް ސަމާލުކަން ދެވުނީ އިރުކޮޅެއްވަންދެނެވެ. ޔައިލީގެ ހިތުގައި ޝައްކު އުފެދުނީ އާކިން ހުރި ތަނުން ހުދު ހެދުމެއްގެ ބައެއް ފެނުމުންނެވެ. އައިރާގާތު އެބަ އަންނަމޭ ބުނެ މަޑުމަޑުން އެދިމާލަށް ދިޔައެވެ. އައިރާވެސް ޔައިލީ އިތުރަށް ނުހިފެއްޓީ އައިރާއަށް ފޯނެއް އައުމުންނެވެ.
މަޑުމަޑުން ޔައިލީ އެދިމާލަށް ދިޔައިރު ހިތުގެ ތެޅުންވަނީ ދެގުނަވެފައެވެ. އެތާކައިރީ މަޑުކޮށްލާފައި އާކިންއާ ދިމާލަށް ބަލާލުމާއެކު ދެން ފެނުނު މަންޒަރަކުން ޔައިލީ މޭނުބައި ކުރާގޮތްވިއެވެ.
ނުނިމޭ!