ލޯތްބަކުން ދިން….3ވަނަ ބައި
ގެއާއި ކައިރިވިވަރަކަށް އަހަރެންގެ ހިތުގެ ހިނގުން އަވަސްވާންފެށިއެވެ. ހިތާ ހިތުން ދުޢާކުރެވެމުން ދިޔައީ މެންދުރުހިނގިކަންތައް ނިމި ގޭތެރެ ހަމައަކަށް އެޅިފައި އޮންނާނޭކަމަށެވެ. ނަމަވެސް ގޭގެ މައިދޮރު ހުޅުވާލުމައިއެކު ސިޓިން ރޫމުން އިވެމުން ދިޔަ އަޑުން ގޭތެރެއަށް ނުވަދެ މަޑުކޮށްލީމެވެ.
” ދަރިފުޅުމެން ބަލާ ބޮޑުކޮށް ބޭނުންވާ ދިރިއުޅުން ހޯދައިދިނީ މަންމައަށްވެސް ހިތްހަމަ ޖެހޭ ދިރިއުޅުމެއް ލިބޭނެކަމަށް. އެކަމަކު މަންމައަށް އީމާން ޅީ ދަރިއެއްގެ ގޮތުގައި ދުވަހަކުވެސް ބަލައެއް ނުގަނެވޭނެ. އީމާންއާ ދަރިފުޅާ އަރާ އަރަފޯދިގެން ނުވެޔޭ. އެންމެ ކުޑަމިނުން ބައްޕަވެސް ކަށަވަރު ނުވޭ. އާއިލާ އެއް އެނގެނީއެއްނޫން. އަހަރެމެންގެ ޤަދަރާއި ޢިއްޒަތަށްވެސް ބަލަން ޖެހޭނެ” އެތެރޭން އިވެމުން ދިޔައި މައިދައިތަގެ އަޑެވެ.
“ދެން އަހަރެން ކިހިނެއްތަ ހަދަންވީ މަންމާ. އުމުރުން 25 އަހަރުވަންދެންވެސް މަންމަމެން ބުނި ގޮތަކަށް އަހަރެން މިއުޅެނީ. މަންމަ ކައިރީން ހަމައެކަނި އެދުނީ އީމާން އާއި އިންނަން ރުހުންދޭން. އަހަރެން ވަރަށް ލޯބިވޭ އީމާންދެކެ މަންމާ. މަންމަ އަށް އީމާންއާއި އެކު އުޅެން އުނދަގޫވަންޔާ އަހަރެން އީމާން ގޮވައިގެން ހިނގައިދާނަމޭ” ފަހަތުން އިވުނީ ޝިޒާންގެ އަޑެވެ.
“އުނހު. ޝިޒާން އޭނަ ގޮވައިގެން މިގޭންދިޔައީމަ އެ ލަދުވެސް އެޅޭނީ ހަމަ އަހަރެމެން ބޮލުގަ. ޝިޒާން ނުވާނެ ގޮސްގެން. މިގޭން ނުކުމެއްޖެއްޔާ ތީ އަހަރެންގެ ދަރިއެއްނޫން. އަހަރެންމަރުވިޔަސް މޫނު ދެކެން އައިސްގެންވެސް ނުވާނެ” ޝިޒާން ގެ މަންމަގެ ހަރުކަށި ބަސްތައް ތަކުރާރުވަމުން ދިޔައެވެ.
” ދެން އަހަރެން ކިހިނެތްތަ ހަދަންވީ؟ އަހަރެންނާ ހެދި މަންމަ ބަލިވާކަށް އަހަރެން ނޭދެން. އީމާން ދެރަކޮށް ހިތުގަ ޖައްސާކަށްވެސް ނުކުރޭނެ. މަންމަ މަސައްކަތްކޮށްބަލަ އީމާން ބަލައިގަންނަން. ޕްލީސް”އާދޭހުގެ ރާގަކަށް ޝިޒާން ބުނެލިއެވެ.
“މަންމައަކަށް ނުވާނެ ތިކަމެއް! ނިކަމެތިންނަށް އިހްސާންތެރިވާންވާނެ. އެކަމަކު އެއީ އެ މީހަކާ އިނދެގެން ގެއަށް ގެނައުމެއް ނޫން. ޝިޒާން އަށް އެނގޭނީ ޝިޒާން ހަދާނެ ގޮތެއް. މަންމައަކަށް އީމާން ބަލައެއް ނުގަނެވޭނެ.” އެ ބަސްތަކުން އަހަރެންގެ ހިތްކުދިކުދި ވިއެވެ. އަހަރެންނަށް ވިސްނުނީ މަންމަގެ ބަލި، ބަހަނާއަކަށް ހެދުމަށްފަހު ޝިޒާންއަށް އަހަރެންނާއި ވަކިވުމަށް ނަފްސާނީ ގޮތުން މަޖުބޫރުކުރުވަމުން ދާކަމެވެ.
އަހަރެން މަޑުމަޑުން ފަހަތަށް ޖެހެލުމަށްފަހު ދޮރުހުޅުވާލާ ބާރަށް ދޮރުލެއްޕީ އަހަރެން ވަތްކަން މައިދައިތަމެންނަށް އެންގުމަށެވެ. އަހަރެން ސިޓިން ރޫމަށް ވަނުމާއިއެކު މައިދައިތަ ވާހަކަ ހުއްޓާލާ ގޮނޑީގައި ހަމަޖެހިލިއެވެ. ޝިޒާން އެއިންގޮތަށް މައިދައިތަ ކުރިމަތީ ކުޑަކަކޫ ޖަހައިގެން އިނެވެ. އަހަރެން ސިޓިން ރޫމަށްވަނީ ވަރަށް ހިތްވަރުކޮށް މައިދައިތައާއި ކުރިމަތިލާ ކޮންމެވެސް އެއްގޮތަކަށް ނިންމުމަށް ޢަޒުމް ކަނޑައަޅައިގެންނެވެ. މިހެން އުޅެއުޅެ އަހަރެންވެސް ވަރުބަލިވެއްޖެއެވެ. އުންމީދެއް ނެތް ހަޔާތެއްގައި މީހުންގެ ނަފްރަތާއިއެކު ދިރިއުޅުން ކަޑައްތުކުރާކަށް އަހަރެންވެސް ބޭނުމެއް ނޫނެވެ.
“މަންމާ” އަހަރެން މައިދައިތަ ކުރިމަތީ ޝިޒާންކައިރީ ހުއްޓުމަށްފަހު ވާހަކަ ދައްކަން ފެށީމެވެ.” އަހަރެންނަށް ވިސްނޭ މަންމައަށް އަހަރެން ބަލައިގަންނަން އުނދަގޫވަނީ ކީއްވެކަން. އެކަމަކު އޭގަ އަހަރެން ކުށެއް އެބައޮތްތަ؟”
” ދުނިޔެ ނުބަލާނެ ކުށެއް އޮތްތޯ ނެތްތޯ.. އަދި ކުށެއްކުރީ ކާކުތޯއެއް.. އީމާންއަކީ ވެސް ތަސައްރަފު ފުދިފަ ހުރި އަންހެނެއް. މާލޭގެ ބޮޑު އާއިލާއަކާ ގުޅެން ނިންމާއިރު އަމިއްލައަށް ވިސްނަންޖެހޭނެ ލޯތްބަށްވުރެ ނަފްސުގެ ޤަދަރާއި ޢިއްޒަތުގެ އަގު ބޮޑުވާނޭކަން.” އަހަރެން ވާހަކަ ނުނިމެނީސް މައިދައިތަ ބުނެލިއެވެ.
” އެހެންވީމަ ދުވަހަކުވެސް މަންމައަކަށް އަހަރެން ބަލައެއް ނުގަނެވޭނެ ދޯ؟ މަންމަ ބޭނުންވަނީ އަހަރެން މަންމަ ކުރިމަތިން ދާން ދޯ؟” އަހަރެންގެ ސުވާލަށް މަންމަ އެއްވެސް ޖަވާބެއް ނުދެއެވެ. ބައެއް ހަލާތްތަކުގައި ހަނުހުރުންވެސް ޖަވާބަކަށް ފުދޭނުންހެއްޔެވެ.
“އަހަރެންގެ މައެއްނެތްތަނުގައި އަހަރެން ދެކެމުން މިއައީ ތީ އަހަރެންގެ މަންމަގެ ގޮތުގަ. ތިޔަ މަންމަގެ އެދުމަކީ އަހަރެން ދިޔުންކަމުގަ ވާނަމަ އެކަމަށް އަހަރެން ބޯލަނބާނަން. އެކަމަކު ޝިޒާންއާއި ނުލާ އަހަރެންގެ ހަޔާތް ކިހިނެއް ވޭތުކުރާނީ؟ މަންމަގެ ރުހުމާއިއެކު ޝިޒާން އަހަރެންނާއިއެކު ދިޔުމުގެ ހުއްދަ ދެއްވާ. މަންމައަށް އަހަރެން ޤަބޫލުކުރެވުނު ދުވަހުކުން އަހަރެން އެނބުރި އަންނާނަން” މައިދައިތަގެ ކުރިމަތީގައި ކުޑަކަކޫ ޖަހައި އަހަރެންވެސް އިށީނީ މައިދައިތަގެ ރުހުމާއިއެކު ޝިޒާން އާއިއެކު ވަކި ދިރިއުޅުމަކަށް ދިޔުމަށް އެދެމުންނެވެ.
“ޝިޒާން ބޭނުން ގޮތެއް ހަދަންވީ.. އަހަރެން ބުނާނެ އެއްޗެއް ނެތް” މައިދައިތަގެ ފަހުގެ ބަސް އިއްވުމަށްފަހު ތެދުވެގެން ހިނގައިގަތެވެ. ބަފައިބެވެސް ގެއަށް އައިސްވަނީ އެވަގުތުއެވެ.
” ކިހިނެއްވެގެން މިހާރު މިއުޅެނީ؟ މިގޭގަ ހަމަޖެހިގެން ނޭވައެއް ލެވޭނެ ވަގުތެއް ހަމަ ނުވާނެ ދޯ” ބަފައިބެ އެހެން ބުނެލީ އަހަރެންނާއި ޝިޒާން ތަޅުންމަތީ އިށީނދެގެން ތިބުމުންނެވެ. އެއްވެސް ބަހެއް ނުބުނެ އަހަރެންގޮސް ކޮޓަރިއަށްވަދުނީމެވެ. އަހަރެން ފަހަތުން ޝިޒާންވެސް ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ.
” ޝިޒާން. އަހަރެންނަށް ދެން ކެތެއް ނުވާނެ. އެއްއަހަރު މިވަނީ މިހެން އުޅޭތާ.. މީ ދިރިއުޅުމެއްތަ؟ ހިނގާ ދެމީހުން އެކުގަ ވަކިން ދިރިއުޅުމަކަށް ދާން. ޕްލީސް. މަންމަމެން ހަމަޖެހުނީމަ އަލުން އަންނާނީ” އަހަރެން ވާހަކަ ދެއްވީ ޝިޒާންގެ އަތުގަ ހިފައިގެން ހުރެއެވެ.
” އަހަރެން ކިހިނެއް މަންމަމެން ދޫކޮށްފަ ދާނީ؟ އަހަރެންމީ އެ މީހުންގެ ދޮށީ ދަރި. ހަމައެކަނި ފިރިހެންދަރި. ބައްޕަ ވިޔަފާރި ކަންކަން މި ބަލަހައްޓަނީ އަހަރެން. ކިހިނެއް އަހަރެން އެމީހުން އެކަނި ކުރާނީ”
“ދެން ތިބުނީ އަހަރެން އެކަނި ދާށޭތަ؟ ތީތަ ޝިޒާން އަހަރެންދެކެ ވާލޯތްބަކީ؟” އަހަރެން ދުވަހަކުވެސް ނުވާހާބޮޑަށް ހިތުގައި ޖެހި އެކަނިވެރިކަން އިހްސާސްކުރެވުނެވެ.
“އަހަރެން އީމާން ދެކެ ލޯބިވާވަރާއި މެދު ޝައްކު ކުރަނީތަ؟ މަންމަ ޤަބޫލު ނޫން އިރުވެސް ފަހުން ރަނގަޅުވާނެކަމަށް ބަލައި އީމާންއާއި ކައިވެނި ކުރިކުރުން ހެއްކަކަށް ނުފުދޭތަ؟ އަހަރެންނަށްވެސް ފަސޭހައެއްނޫނޭ 25 އަހަރު ވަންދެން އެއްކޮށް އުޅުނު އެންމެނާއި މިހެން މޫނު ކެނޑިގެން އުޅޭކަށް. އެކަމަކު މިއުޅެނީ ނު ؟ ނޭނގޭތަ ކީއްވެކަމެއް؟ ބަލަ އެއީ އީމާން ދެކެ ވާ ލޯބިންނޭ” މި ފަހަރު ޝިޒާން އަށް ވާހަކަ ދެއްކުނީ ފުދޭ ވަރަކަށް ބާރަށެވެ.
“މިހާރު މިވާ ގޮތްބަލާބަލަ.. ޝިޒާންއަށް އަހަރެން ނޫނީ އާއިލާ ހިޔާރުކުރަންޖެހޭ ދުވަސް މިއައީ.. ދެން ކިހިނެއް ހަދާނީ؟ އަހަރެން އެކަނި ކޮށްލާނީތަ؟ ވަރިކޮށްފަ ފޮނުވާލާނީތަ؟” އަހަރެންނަށް ވާހަކަ ދެއްކެނީވެސް ގިސްލަމުންނެވެ.
” އީމާން ވަރިވާން ފޯމު ނުލާހާ ހިނދަކު އަހަރެން އީމާން ވަރިއެއް ނުކުރާނަން”
“ދެން ކީއްކުރަން ނަމެއްގަ އިނދެގެން އުޅެންވީ؟ މާދަމާ، މަންމަ ރޭޒަލްއާއި އިންނަން ބުނީމަ ކިހިނެއް ހަދާނީ؟”
“އެކަމަށް މަންމަ އެދިއްޖެއްޔާ ދެން އިންކާރެއް ނުކުރާނަން. މަންމަ ބަލިވަނީ އީމާންއާއި ހެދިއޭ ނޫނީ މަށާ ހެދިއޭ ބުނާއަޑު އަހާކަން ބޭނުމެއް ނޫން” ޝިޒާން އެ ދިން ޖަވާބަކީ އަހަރެން އުންމީދު ކުރި ޖަވާބެއް ނޫނެވެ. ފުރަތަމަ ފަހަރަށް ޝިޒާން އަހަރެންދެކެ ލޯބިވެއޭ ބުނާބުނުމާއި މެދު ޝައްކު އުފެދުނެވެ.
” އަހަރެން ދެ އަތްބަށް އިނދެގެން ނަމެއްގަ ނޫޅޭނަން. އެހެން މީހަކާ އިންނަން ވާނީ އަހަރެން ވަރިކޮށްފަ. އެކަމަކުދެން މިގޭގަ އުޅޭކަށް އަހަރެންވެސް ބޭނުމެއްނޫން. ވޭތުވެދިޔަ އެއްއަހަރު ތެރޭގައި އެނގިއްޖެ ޝިޒާންގޭ މީހުން އަހަރެން ބަލައެއް ނުގަންނާނޭކަން. އަހަރެން މިގޭން ދާނަން. ޝިޒާން އަހަރެންނާއިއެކު އުޅެން ބޭނުމިއްޔާ ހިނގާ ދާން. މަންމަމެން ހަމަޖެހުނީމަ އަންނާނީ. ވީ ޖަސް ޓް ނީޑް އަ ބްރޭކް ފްރޮމް ފެމިލީ. އޭރުން ވިސްނޭނެ މަންމަ މެންނަށް” އަހަރެން ބޭނުންވާގޮތް ހުށަހެޅީމެވެ.
“ސޮރީ އީމާން. އައިއޭމް ވެރީ ސޮރީ. ޑޫ ވަޓް ޔޫ ވޯންޓް. އައި ވޮންޓް ސްޓޮޕްޔޫ.. ބަޓް އައިކާންޓް ލީވް ދެމް..” އަހަރެން އަތް ނައްޓުވާލުމަށްފަހު ޝިޒާން ބޭރަށް ނުކުމެގެން ދިޔައީއެވެ. އަހަރެން އަޑުން އަޑު ނަގާ ބާރަށް ރޯން ފެށީމެވެ. ދެން ހަދަންވީގޮތެއް ޚުދު އަހަރެންނަށްވެސް ނޭގުނެވެ. ސާފު ބަހުން އަހަރެން ދިޔުމަށް ޝިޒާން އެންގި ކަހަލައެވެ. ރޮމުން ރޮމުން ފޯނުނަގައި ކުއްޔަށް ތަންތަން ދޫކުރާ ވައިބަރ ގްރޫޕްތައް ސަރޗްކުރަން ފެށީމެވެ.
ނަސީބު ދިމާކުރި ގޮތުން އެތަނުން ގްރޫޕެއްގައި 2 ކޮޓަރި އެޕާޓްމަންޓަކުން 1 ކޮޓަރި ފަރުނީޗަރާއިއެކު ކުއްޔަށް ދޭން ޖަހާފައި އިންތަން ފެނުނެވެ. ލަސްނުކޮށް އޭގައި އިންނަންބަރަށް ގުޅާލީމެވެ. ދެ ރިންގުން ފޯނު ނެގީ ފިރިހެން ކުއްޖެކެވެ.
” ރޫމެއް ކުއްޔަށް ދޭން ޖަހާފަ އިނީމަ. މިރެއަށް ބޭނުންވާތީ” ރޮމުން ރޮމުން ކަހަލަ ގޮތަކަށް އަހަރެން ވާހަކަ ދެއްކީމެވެ.
” ފިރިހެން ކުއްޖެއް މި ހޯދަނީ. އަނެއް ރޫމްގަ ވެސް އުޅޭނީ 2 ފިރިހެން ކުދިން” އެކޮޅުން ޖަވާބު ދިނެވެ.
” ޕްލީސް. ކޭން އައި ހޭވް ދަ ޕްލޭސް. އެންމެ މަހަކަށްވިޔަސް އޯކޭ. އެއްމަސް ތެރޭގައި އެހެން ތާކަށް ބަދަލުވާނަން” އިތުރަށް ތަންތަނަށް ގުޅައިގެން ތަނެއް ހޯދުމުގެ މަސައްކަތް ކުރާނޭ ހިތްވަރެއް ނެތުމުގެ ސަބަބުން އާދޭހުގެ ރާގަކަށް އަހަރެންނަށް ބުނެވުނެވެ.
“އާޔޫ ޝުއާ؟ މިރޭން މިރެއަށް ތަނެއް ބޭނުންވަންޔާ ގެސްޓް ހައުސްއެއް ނަގަންވީނު؟ ހަމަޖެހިލައިގެން ތަނެއް ހޯދައިގެން އޭރުން ޔޫކޭން މޫވްއިން. ފިރިހެން ކުދިންވީމަ އެނގޭ އަސްލު” އެކޮޅުން ބުނަމުން ދިޔަ އެއްޗެއް އަޑު އަހަން ހުންނާކަށް އަހަރެން ބޭނުން ނުވިއެވެ.
” ދޭން ބޭނުން ނުވަންޔާ ނުދޭނަމޭ ބުނެފަ ބާއްވަންވީނު. މަށަށް އޮޕްޝަންސް ދޭކަށް ނުބުނަމެއްނު” ވިސްނާ ނުލާ އަހަރެންނަށް އެހެން ބުނެވުނީ ތަންކޮޅެއް ރުޅިއަންނަ ގޮތަކަށެވެ.
” ސޮރީ. އާދޭ. ހ.މަލަ 11 ވަނަ ފްލޯ. 1 އަވަރ ފަހުން އާދޭ. އެގްރީމެންޓެއް ނަހަދާނަން މިރޭ ޕޭ ކުރަންޏާ. ފޯ 1 މަންތު އެނގޭ” ވާހަކަ ދެއްކި މީހާއަށް އަހަރެން ގެ އަޑުން އަހަރެން ތަހައްމަލް ކުރަމުންދާ ވޭން އިހްސާސްކުރެވުނު ކަހަލައެވެ.
އެއްވެސް އެއްޗެއް ނުބުނެ ފޯނު ކަނޑާލުމުން އެކޮޅުން، “ކީ 1101” ޖަހާފައި މެސެޖެއްކޮށްލިއެވެ. އަހަރެން ފޮށި ނެގުމަށްފަހު އަހަރެންގެ ފެންނަން ހުރި އަންނައުނުތަކާއި ރީތިވާ ސާމާނު ފޮށްޓަށްއެޅުމަށްފަހު ފާހާނާއަށްވަނީ ފެންވަރާ ތަކެތި ނެގުމަށެވެ. އެވަގުތު ފާޚާނާ ކަބަޑު ތެރޭގައި ހަވީރު ބޭއްވުނު ޕްރެގްނެންސީ ކިޓު މަތިން ހަނދާންވުމުން އެ ނަގާ ބަލާލުމަށް ފަހު “އަލް ހަމްދުލިﷲ” އޭ ބުނެވުނެވެ. އަދި އެ ޓިޝޫއަކަށްލާ ޑަސްބިންއަށް ލުމަށްފަހު ނުކުމެ ޕެކްކޮށް ނިންމާލާ، ބޭރަށް ނުކުމެ މަދައިތަމެން ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލީމެވެ. ދޮރުހުޅުވީ ބަފައިބެއެވެ.
“ބައްޕާ އަޅުގަނޑު ދަނީ! އިންޝާ ﷲ މަންމަ އެދުނު ދުވަހަކުން އެނބުރި އަންނާނަން.”
” ދަރިފުޅު މާ އަވަސް އަރުވާ ނުލާ އަދި ވިސްނާލަން ބައްޕައަށް ފެނޭ. ތީ އަދި އެންމެ ރަނގަޅު ނިންމުމެއް ނޫން.ކޮންތާކަށް ތި ދަނީ؟ ކޮބާ ޝިޒާން؟”
“ނޫން ބައްޕާ. ވަރަށް ވިސްނާފަ މި ނިންމުން ނިންމީ. ޝިޒާން ހުންނާނެ މިގޭގަ. މަންމަގެ ރުހުމާއިއެކު ޝިޒާން ބަލާ ދިޔުމުން އަޅުގަނޑު އެނބުރި އަންނާނަން”
ބަފައިބެއާއި އިތުރަށް ކުރިމަތިލާނޭ ހިތްވަރު ނެތުމުން ފޮށި ހިފައިގެން އަހަރެން ނުކުމެ ހިނގައިގަތީމެވެ. އަދި ބޭރަށް ނުކުމެ ޓެކްސީއެއް ހުއްޓުވުމަށްފަހު ދާންވީ އެޑްރެސް ބުނެދިނީމެވެ. އެއަށްފަހު ޝިޒާންއަށް މެސެޖެއް ފޮނުވާލީމެވެ.
” އަހަރެންދަނީ. ޝިޒާންއާއި އާއިލާއާއި ގުޅުން ކެނޑެން މެދުވެރިވާ ސަބަބަކީ އަހަރެން ކަމުގައި ވާކަށް ބޭނުމެއްނޫން. ޝިޒާން ބަލައި އައިދުވަހަކުން އަހަރެން އެނބުރި އަންނާނަން. އެކަމަކު އެއީ މަންމަގެ ރުހުމާއިއެކު. މި ދުނިޔޭގަ އަހަރެންގެ ގުޅުމެއްހުރި ހަމައެކަނި މީހަކީ ތިއީ. އަހަރެން އުޅޭ ތަނަކަށް ޝިޒާންއަށް އަބަދުވެސް ވަދެވޭނެ. ގުޅާނޭކަމަށް އުންމީދުކުރަން. ވަރަށް ވަރަށް ލޯބިވޭ”
މާގިނައިރުތަކެއް ނުވެ ޓެކްސީ ގޮސް ހުއްޓީ 11 ފަންގިފިލާގެ ޢިމާރާތެއް ކައިރިއަށެވެ. ޓެކްސީއަށް ލާރި ދެއްކުމަށްފަހު ފޮށި ނަގައި ގޭގެ ބެލް އަޅާލުމާއިއެކު އެތެރޭން ދޮރު ހުޅުވާލިއެވެ. ބޭރުން ކިތަންމެ ހާވެސް ފުރިހަމަ ގެއެކެވެ. ތިރީގައިވާ ގަރާޖުގައި 2 ކާރާއި ސައިކަލުތަކެއް ޕާކުކޮށްފައި އޮތެވެ. ލިފްޓަށް އަރާ 11 އަށް ފިތާލީމެވެ. ލިފްޓްގެ ގޮސް 11 ވަނަ ފަންގިފިލާއަށް ހުއްޓުމާއިއެކު ދޮރު ހުޅުވުނެވެ. އޭރު ކުރިމަތީގައި ހުރި އެޕާޓްމަންޓް ކުރިމަތީގައި އިސްކޮޅުން ދިގު ފިރިހެން ކުއްޖެއް ނުކުމެ ހުއްޓެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


ޚިޔާލީ ވާހަކައެއް ނަމަވެސް މިއީ ހަމަ ހަގީގީ ތަޖުރިބާއެކޭހީވާވަރުވޭ